ވާހަކަ

ނުފޫޒަކުން - 31

ދަރިފުޅު މަތިން ހިތަށް އެރުމާއެކު ހަބީބަށް އަނެއްކާވެސް ރޮވިއްޖެއެވެ. އުފަން ދަރިއެއް ނޫނަސް އެއީ ދިރިހުރުމަށް އޭނާ އެންމެ ބޭނުންވާ ހިތުގެ ވިންދެވެ. ވީ އެންމެ އަވަހަކަށް އޭނާ ބޭނުންވަނީ ރޫޔާ ފެންނަ ހިސާބަށް ދާށެވެ.

"ހިނގާ ކައިވެނިކުރަން..." ހަބީބް ބުންޏެވެ.

ކަރުނައިގެ ތެރެއިން ހިނިތުންވެލާފައި ހަންނާ ބޯޖަހާލިއެވެ.

****

ބަގީޗާ ގަސްތަކާ ދިމާލަށް ފަޒީލާ ނިކުތުމާއެކު އޮރެންޖް ކުލައިގެ އަލީގެ ތެރެއިން ފަޒީލާއަށް ޝައުން ފެނިއްޖެއެވެ. އޭނާ ކޮފީތަށި ޝައުންއަށް ދިއްކޮށްލާފައި ހިނގައިގަތެވެ. އެ ހިނދު ފަޒީލާއަށް ޝައުން ގޮވާލިއެވެ.

"ކޮބާ ރޫޔާ؟" ޝައުން އަހާލިއެވެ.

"އެބައާދޭ" ފަޒީލާ ބުންޏެވެ.

"ފަޒިއްތަ ރޫ އަންނަންދެން މަޑުކޮށްނުލެވޭނެތަ؟" ޝައުން ބުންޏެވެ.

ފަޒީލާ ހިނިތުންވެލާފައި ޝައުންއާ ޖެހިގެން ހުސްކޮށް ހުރި ތަންކޮޅުގައި އިށީނދެލިއެވެ.

"މާގިނައިރު ނީނދެވޭނެ. މާމަ ފައި މޮޑެން ދާން ޖެހޭނެ" ފަޒީލާ ބުންޏެވެ.

ޝައުން ހީނލާފައި ކޮފީތަށިން ކޯވަރެއް ބޯލިއެވެ. ދެން އޭނާގެ ނަޒަރު ސީދާކޮށްލީ ގޭ ބޮޑު އިމާރާތާ ނިވާވަމުން ދިޔަ ބުރު ހަމަ ހަނދަށެވެ. ހުދު ކުލައިގެ ވިލާތަލުގެ މެދުގައި ބޮޑާކަމާއެކު އެ ހަނދު ވީއިރު އެ ހަނދަށް ގޯނާކުރާނޭ އެއްވެސް ތަނެއް ނެތެވެ. އެ ހަނދުގެ ފުރިހަމަކަމާއި ނަލަކަން ހިތަށް ސިފަވުމާއެކު އޭނާގެ ލޯ ކުރިމަތިން ހީވީ ރޫޔާ ފެނިލިހެންނެވެ.

"ފަޒިއްތާ! ފަޒިއްތަ ނިކަން ބުނެބަލަ. ރޫ އަހަންނަށް ނަފްރަތު ނުކުރާނީ އަހަރެން ކިހިނެއް ހެދީމަ" ޝައުން އެހިއެވެ.

"ފަޒިއްތައަށް ހީވަނީ މާޒީގަ ޝައުން ކަންތައް ކުރި ގޮތުންހެން އެހެން އެވަނީ. އަނެއްހެން ތި ސުވާލަށް ޖަވާބެއްދެވޭނީ ރޫޔާއަށް" ފަޒީލާ ބުންޏެވެ.

"ވަރަށް ވިސްނައިފިން. އަޅުގަނޑު ބޭނުން ރޫޔާ ހިތްހަމަޖެހޭ ފަދަ ގޮތަކަށް ބަދަލުވާން" ޝައުން ބުންޏެވެ.

"ތިހެންވިއްޔާ މިރޭ އަހާބަލަ. ފަޒިއްތަ ދެން ދަނީ. އެހެރަ އަންނަނީ ރޫޔާ" ފަޒީލާ ބުންޏެވެ. ފަޒީލާ ދިޔައީ ޝައުންގެ އަތުގައި ފިރުމާލާފައެވެ. ޝައުން އިނީ ދުރުން ހިނގާފައި އަންނަ ރޫޔާއަށް ބަލަހައްޓައިގެންނެވެ. ޝައުންއަށް ފާހަގަކުރެވުނީ ކުރިއާ ބަލާފައި ރޫޔާ ހިކިފައި ހުރިކަމެވެ. ހަމަ އެ ދޮންކަމެވެ. އެ ހިތް ހަރުކަމެވެ. ބަދަލެއް ނާންނާނީ ރޫޔާގެ ޖާދުލެއް ފަދަ ބޮޑު ދެލޮލަށެވެ. އެ ދެލޮލުން އެންމެ ފަހަރަކުވެސް ލޯތްބާއެކު ބަލައިލާނެނަމައޭ ޝައުންގެ ހިތަށް އެރިއެވެ.

ރޫޔާ ދެފަރާތް ހޯދައި ބަލައިލުމުންވެސް އޭނާއަށް އިށީނދެލެވޭނެ ތަނެއް ޝައުން ކައިރިން ނުފެނުނެވެ. އެކަން ޝައުންއަށް ފާހަގަވުމުން އިޝާރާތެއްކޮށްލިއެވެ. އެހިނދު ފަޒީލާ އިށިން ތަނުގައި ރޫޔާ އިށީނެވެ. ރޫޔާގެ މޫނުމަތިން ހިތްހަމަނުޖެހުމެއްވެސް އަދި އުފާވެރިކަމެއްވެސް ނެތެވެ. އެހެންކަމުން ރޫޔާ އިނީ ކޮންކަހަލަ މޫޑެއްގައި ކަން ކަނޑައަޅަން ޝައުންއަށް ދަތިވިއެވެ.

"ބައްދަލުކޮށްލަން ބުނީމަ އަހަރެން ހަމަ ހައިރާންވެއްޖެ" ޝައުން ބުންޏެވެ.

"އެހެންތަ! އަހަރެންވެސް. މި ކައިވެންޏާ އަހަރެން ގަބޫލުވީ އެއްވެސް މީހަކު އަހަންނަށް މަޖުބޫރުކޮށްގެންނެއް ނޫން. މާދަމާ ރެއަށް ރަންކިޔުން ހަމަޖެހުނު ވާހަކަ ޝައުންގެ މާމަކޮޅު ވިދާޅުވި" ރޫޔާ ބުންޏެވެ. ޝައުންއަށް ހެވުނެވެ. މިނޫނީ ފިނި ހިތަކާއެކު ރޫޔާ އޭނާއާ ވާހަކަދައްކާފައެއް ނެތެވެ.

"އަހަރެންގެ އެކަނި މާމައެއް ނޫނެއްނު" ޝައުން ބުންޏެވެ.

"އަހަރެންގެ މަޔަކާ ދެ ބައްޕައިން ނޫން އެހެން އެއްވެސް މީހަކު މި ދުނިޔޭގައި ނެތް. ބައި ދަ ވޭ... އަހަރެންގެ ކައިވެނީގެ ހުރިހާ ކަމެއް ކުރިއަށް ދާންޖެހޭނީ އަހަރެން އެދޭގޮތަށް. ޝައުންގެ މާމަކޮޅުގެ އެއްވެސް ނިންމުމަކާ އަހަރެން ގަބޫލެއް ނުވާނަން. މިބުނީ އަހަރެން ލާ ހެދުމުން ފެށިގެން އަރާ ފައިވާނަކާ ވެސް އޭނާ ބެހިގެން ނުވާނޭ" ރޫޔާ ވާހަކަދެއްކިއެވެ.

ޝައުން ކަންބޮޑުވިއެވެ. މާމަގެ ގޮތް އޭނާއަށް އެނގޭތީއެވެ. މާމަ އޮތީ މާކުރިން ވެސް ޝައުންގެ ކައިވެނީގެ ކަންކަން ކުރިއަށްދާނޭ ގޮތް ރާވާފައެވެ. މާލޭގައި މިހާތަނަށް ނުބާއްވާވަރުގެ ޕާޓީއެއް ބާއްވަން މާމަ ބޭނުންވެއެވެ. ރޫޔާގެ ހެދުން ފައްސައިގެން ގެންނަން މާމަ ބޭނުންވަނީ ސިންގަޕޯރ އިންނެވެ. މިހާރު އެ ހެދުން ހިފައިގެން ޝައުކަތުއަންކަލް ދަތުރަށް ނާރާކަމެއްވެސް ނޭނގެއެވެ. ހުދު ރަނުގެ ޖަވާހިރުން ހައްދާފައިވާ ވަރުގަދަ އަނގޮޓި އެއީ ސީދާ ލަންޑަނުން މާމަ ގެނެސްފައިވާ އެއްޗެކެވެ. ހަމައެކަނި ޝައުންގެ އަނބިމީހާއަށް ހާއްސަކޮށްފައެވެ. ޕާޓީ އޮތީ ފަސްތަރީގެ ރިސޯޓެއްގައެވެ. ރޫޔާ ކައިވެންޏާ ރުހުނު ހިސާބުން ފެށިގެން މާމަ އެދަނީ އެތައް ހުވަފެނެއް ދެކެމުންނެވެ. ޝައުންއަށް ހަށިފުރާ ނޭވައެއް ދޫކޮށްލެވުނެވެ.

"އެކަމަކު އަހަރެން ކިހިނެއް މާމަ ކައިރީގަ ތިހެން ބުނާނީ" ޝައުން ބުންޏެވެ.

"އަހަރެން ބުނަންވިއްޔާ ކަންތައްތައް ވަރަށް ގޯސްވާނެ. އަހަންނާ އިންނަން ޝައުން ބޭނުމިއްޔާ އަހަރެން އެދޭގޮތަށް ކަންކަން ދޫކޮށްލާ. އަހަރެން ނުބުނަން ކައިވެނީގެ އެއްވެސް ކަމެއްގައި އޭނަ ބައިވެރިނުވާށެކޭ. އަހަރެން މިބުނަނީ އެއްވެސް ކަމަކާ ބެހިގެން ނުވާނޭ. ކައިވެނި ކުރަނީ އޭނައެއް ނޫން. އަހަރެން." ރޫޔާ އިތުރަށް ސާފުކޮށްދިނެވެ.

"އަހަރެން ބަލާނަން" ޝައުން ބުންޏެވެ.

ރޫޔާ ދާން ތެދުވިއެވެ. ފަހުން އިށީނީ މުހިންމު އަދި އެއްވާހަކައެއް ނުބުނެވި އޮތުމުންނެވެ. އަލަތު ކައިވެނިވެގެން ދާއިރު ރޫޔާ ބޭނުންވަނީ ޝައުންއަށް ހުރިހާ ކަމެއް ސާފުވެފައި އޮންނާށެވެ. އެހެނީ ޝައްކެއްގެ މަތީގައި ލޯބި ލިބޭނެކަމަށް ޝައުން އުންމީދުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"އަދި އެއްވާހަކަ" ރޫޔާ ބުންޏެވެ.

ޝައުން ހިތްތެޅިލިއެވެ. މިފަހަރު ދޭނީ ކޮންކަހަލަ ބިރުވެރި އިންޒާރެއް ކަމެއްވެސް ނޭނގެއެވެ.

"އަހަރެން އެއްބަސްވީ ހަމައެކަނި ކައިވެނި ކުރުމަށް. ކައިވެންޏަށްފަހު މި ދިރިއުޅުން ކުރިއަށް ދާނެ ކަމެއްވެސް ނޫނީ ކުރިއަށް ދާނީ ކިހިނެއް ކަމެއްވެސް ނޭނގޭ. ޔަގީނުންވެސް އަހަރެން ހަރުކައްޓެއް ނުވާނަން. އަހަރެން ޝައުން ދެކެ ލޯތްބެއް ނުވޭ" ރޫޔާ ވާހަކަދެއްކިއެވެ.

ޝައުންއަށް ރޫޔާއަށް ބަލައިލެވުނެވެ.

"އަހަރެން ވަރަށް ލޯބިވޭ" ޝައުން ބުންޏެވެ.

"އެނގޭ ތިކަން. އަހަރެން މިތަނަށް އައިއިރު އަހަރެންގެ ލޯބިވެރިއެއް ހުރޭ. އަހަންނަށް މިހާރު އޭނަ ވީތަނެއް ނޭނގޭ. ގުޅޭނެ ނަންބަރެއްވެސް، ދުނިޔޭގައި ހުރި ކަމެއްވެސް، ނެތްކަމެއްވެސް ނޭނގޭ. އަހަންނަށް އެނގެނީ އަމިއްލަ ނަސްފަށް ވުރެވެސް ބޮޑަށް އަހަރެން އޭނަ ދެކެ ލޯބިވާކަން. ކައިވެންޏަށްފަހު އޭނަ އަހަންނަށް ފެނި، ދެން ކަންތައްވެދާނެ ގޮތާމެދު އަހަރެން ކަންބޮޑުވޭ. އެއްވެސް އިންސާނަކީ އެމީހެއްގެ އިހުސާސްތަކުގެ މަތީގައި އަތް އަޅައިގެން އޮބެހެއްޓޭނެ މީހެއް ނޫން" ރޫޔާ ވާހަކަދެއްކިއެވެ.

ޝައުން ހީލިއެވެ. ރޫޔާގެ ހިތް އޭނާއަށް އެހާ ފަސޭހައިން ހާސިލުނުކުރެވޭނެކަން މާ ކުރިންވެސް އޭނާއަށް އެނގެއެވެ. ފުންމައިގެން އަރާ ބޮންތީގައި ހިފާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ރޫޔާއާ މެދު އޭނާ ވިސްނަމުން އައިގޮތް ބަދަލުވެގެން އައީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ކުރިން ހިތަށް އެރީ ގަދަކަމުން ލޯބި ހާސިލުކުރާށެވެ. އެ ވިސްނުމެއް މިހާރު އޭނާގެ ނެތެވެ. ގަދަކަމުން އެއްވެސް އިންސާނަކަށް ލޯބީގެ ފޮނިކަމެއް ނުލިބޭނެއެވެ. ޝައުން އަޒުމް ކަނޑައެޅިއެވެ. ރޫޔާގެ ހިތް އޭނާ ހޯދާނީ އޭނާގެ ކެތްތެރިކަމާއި މަޑުމައިތިރިކަން އިހުތިޔާރު ކޮށްގެންނެވެ. ރޫޔާގެ އެ އިތުބާރު ހޯދާނީ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްގެންނެވެ.

"ތި ހުރިހާ ވާހަކައެއް ރޫޔާ ދެއްކިއިރު އަހަންނަށްވެސް އަހަރެން ބޭނުން އެއްޗެއް ބުނުމުގެ ފުރުސަތު އޮންނަންވާނެއްނު" ޝައުން ބުންޏެވެ.

"ބުނޭ" ރޫޔާ ބުންޏެވެ.

"ރޫޔާ އަހަރެން ދެކެ ލޯބިވާކަށް މަޖުބޫރެއް ނޫން. އެކަމަކު ތިކުރާ ނަފްރަތު ހިތްހެޔޮކަމަށް ބަދަލުވާނީ އަހަރެން ކޮންގޮތަކަށް ކަންތައްކޮށްގެން ކަން ބުނެދެވިދާނެތަ؟" ޝައުން ބުންޏެވެ.

"ބުނާނަން. އެކަމަކު ކައިވެނީގެ ފަހުން"

****

ފާހާނާއިން ވުޟޫކޮށްގެން ނިކުމެފައި އަޖުވަދު ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާ ނަމާދު ކުރަން އުޅޭކަން ހުދު އޭނާވެސް ހުރީ ގަބޫލުނުކުރެވިފައެވެ. ނަމާދު އެންމެފަހުން ކުރެވުނު ހަނދާނެއް އޭނާ ނުވެއެވެ. އޭނާ ނަމާދުކުރަން ފޫހިވަނީއެވެ. ޑިޕްރެޝަނާއި އެންޒައިޓީގެ ޝިކާރައަކަށް މީހާ ވެއްޓިގެން ދިޔައިރު ހިތުގައިވާ އީމާންތެރިކަމާއި އަގީދާ ބަލިކަށިވެގެން ދިޔައީއެވެ. ރަނގަޅު ގޮތް ވިސްނައިދޭނެ މީހަކު އޭނާގެ ދިރިއުޅުމުގައި ނެތީއެވެ. އެހެންނަމަވެސް މިއަދު އޭނާއަށް ވިސްނައިދީފިއެވެ. އަންހެންދަރިންނަކީ ބަފައިންގެ ދީން ފުރިހަމަކޮށްދޭނެ އަގުބޮޑު ޖަވާހިރެކޭ ބުނާ ސަބަބު އޭނާއަށް ވިސްނިއްޖެއެވެ. ކޮންމެ ހާލެއްގައި ނަމަވެސް ދަރިފުޅާ އޭނާ ބައްދަލުކުރެއްވިކަން އެއީ ހެއްދެވިފަރާތުން އޭނާއަށް ލެއްވި ރަހުމަތެކެވެ.

ދަތްދޮޅީކޮޅުން ޖަހަމުން ދިޔަ ފެންތައް ޓިޝޫއަކުން ފޮހެލާފައި އޭނާ ހިނގައިގަތީ އަލަމާރިއާ ދިމާލަށެވެ. އެންމެ ތިރީ ވަތްގަނޑުގައި އޮތް މުސައްލަ އޭނާ ނެގިއެވެ. ބެލްކަންޏަށް ނިކުމެ މުސައްލައިގައި ހުރި ކިލާތައް ބޭރަށް ފޮޅާލާފައި ކޮޓަރި މެދުގައި ހުއްޓުނެވެ. އޭނާ މުސައްލަ ފަތުރާލާފައި ނަމާދަށް ތައްޔާރުވެލިއެވެ. ހަށަމަށް އަތް ނެގިއެވެ. އަރަބި ލަފުޒުތަކަކުން ހެއްދެވި ފަރާތާ އޭނާ މުއާމަލާތްކުރަން ފެށުމާއެކު އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަތައް އޮހޮރިގަނެއްޖެއެވެ. ކިތަންމެ ދުވަހަކު ނަމާދުނުކޮށް ހުއްޓަސް ނަމާދު ކުރާ ތަކެތި ކިޔަން ފެށުމާއެކު އޭނާ ދޫ ފަސޭހަވެއްޖެއެވެ. ހީވެސްނުކުރާހާ ފަސޭހައިން އޭނާ ތައުބާގެ ދެ ރަކުއަތް ނަމާދުކޮށް ނިންމާލިއެވެ. އެއަށްފަހު އޭނާ ފާފަ ފުއްސެއްވުމަށް އެދި ދުއާ ކުރިއެވެ. ލޯމަތީގައި ފެންނަން ހުރި މައިމީހާއަށް ހިދާޔަތް ދެއްކެވުމަށް އެދި ދުއާކުރިއެވެ. ނިޔާވެފައިވާ ބަފައިމީހާގެ ފާފަތައް ފުއްސަވައި ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރިއެވެ. އަންހެންދަރިފުޅަށްޓަކައި ހެޔޮ ދުއާ ކުރިއެވެ. އޭނާއަށް ގެއްލިފައިވާ އެއް ލޭ ހިއްސާކުރަމުންދާ އެކުވެރިޔާއަށްޓަކައި ހެޔޮ ދުއާ ކުރިއެވެ.

ނަމާދުކޮށް ނިމިގެން އައިސް އެނދުގައި އިށިންތަނާ ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު އަރާފައި އިނީ މަންމަގެ ނަމެވެ. އޭނާ ފޯނު ނުނަގައި ދޫކޮށްލިއެވެ. އެނދުގައި އޮށޯވެލާފައި އަތްނަގައި ނިތްމައްޗަށް އެއްލިއެވެ. މީގެކުރިން މަންމަގެ ކޯލެއް އަތުވެއްޖެއްޔާ އޭނާ ނޭވާލާންވެސް ހަނދާންވަނީ މަންމަގެ ކޯލަށް ޖަވާބުދީފައެވެ. މިއަދު އޭނާ ވަގުތު ހުސްކުރީ އޭނާގެ އަމިއްލަ ނަފްސަށެވެ.

އޭނާގެ ހިޔާލީ ލޯގަނޑަށް ސިފަވަމުން ދިޔައީ އަންހެންދަރިފުޅާއެކު ހޭދަކުރެވުނު ވަގުތުގައި ދަރިފުޅު ދެއްކި ވާހަކަތަކެވެ. ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތަކުގައި ދަރިފުޅުގެ ދިރިއުޅުމުގައި ބައްޕަ ހިއްސާވާނޭ ބުނި ވަގުތު އޭނާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ. އޭނާއަށް އިހުސާސްވީ ދަރިންނަށް ހިނގަންވީ ސާފު ސީދާ ތެދުމަގު ދެއްކުމަށް ހެޔޮ ނަސޭހަތްދެނީ ހަމައެކަނި މައިންބަފައިން ނޫންކަމެވެ. މައިންބަފައިންނަށް ތެދުމަގު ދައްކައިދިނުމަށް ދަރީންނަށް ވެސް މަސައްކަތް ކުރެވިދާނެ ކަމެވެ. އަޖުވަދު މަޑުމަޑުން ދެލޯ މަރާލިއެވެ. އެނާގެ ކަންފަތަށް އިވެމުންދިޔަ ރޫޔާގެ ބަސްތައް މަޑުމަޑުން ފާޅުވަމުން އައިސް އޭނާގެ ކަންފަތުން އެ އަޑު ބޭރަށް ނިކުމެއްޖެއެވެ.

"ބައްޕާ! މާމަ އެކުރަނީ މުޅިންވެސް ފާފަ. މާމަ އެހުރީ މި ދުނިޔެކަން ހަނދާން ނެތިފަ. ކަލަކު ވޮޑިގެންވާކަމެއް މާމަ ނުދަނޭ. މާމަ ހިތުން ކަލަކީ ވެސް މާމަ. މި ދުނިޔެއަށް ޖެހެމުން މިދާ ވައި ވެސް މާމަ އިނގިލި އަނބުރާލާ ގޮތަށް ބަދަލުވެދާނެކަމަށް މާމަ ހީކުރަނީ. ދުނިޔޭގެ މިވަގުތު އިއްޒަތާ ލައްޒަތުން މާމަގެ ވަށައިގެން އެވަނީ ޒީނަތްތެރި ކުރުވާފަ. މާމަ ހީކުރަނީ މާމަ ދުވަހަކުވެސް މަރުނުވާނެ ކަމަށް. އަދި މާމަގެ ބާރުން އެހެން މީހުންގެ މަރުގައި އަތްއަޅާ ހިފެހެއްޓޭނެ ކަމަށް. ނޭނގި ނަމަވެސް ބައްޕަ ތިދަނީ މާމަގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅާ ހިނގަމުން. ބައްޕަ ނިކަން ބުނެބަލަ. މަޔެއްގެ ހެޔޮ ނަސޭހަތެއް ދުވަހަކުވެސް މާމަގެ ފަރާތުން ބައްޕައަށް އިވުނުތަ؟ މާމަ ނުކުރާ ނުބައި ކަމެއް އެބައޮތްތަ؟ މީހުން މެރުމާ އަޑީގައި ހުރެގެން ނުބައި ރޭވުންތައް ރޭވުމާ އާއިލާތައް ރޫޅާލުމާ މީހުންގެ ނެތި މޮށުމާ ހަވާ ނަސްފަށް ހެއްލި ހެއްދެވި ފަރާތް މަތިން ހަނދުމަނައްތާލުން. އަޅުގަނޑު މިއުޅެނީ އެއްގޮތަކަށްވެސް ބައްޕައާ ބައްޕަގެ މަންމަ ޖައްސައި ދުރުކުރުވާކަށް ނޫން. އަޅުގަނޑު ބޭނުންވަނީ މާމަގެ ތައްޕާހުން ބައްޕަ ނިކުންނަން. މާމަ ކުރާ ނުބައި ކަންތަކުގަ ބައްޕަ އެއްބައިނުވުން. ބައްޕަގެ އަމިއްލަ ނަފްސާ ހެއްދެވިފަރާތަށްޓަކައި ބައްޕަ މަސައްކަތްކުރުން. ބައްޕަގެ ދިރިއުޅުމުގެ ބާކީ މިއޮތް ދުވަސްތަކުގައި ބައްޕައަށް އަޅާލާނޭ ބައްޕައަށް އޯގާތެރިވާނޭ ބައިވެރިޔަކު ހޯދުން. އިސްލާމްދީނަށް ބައްޕަ ހިދުމަތްކުރުން. ކުރެވުނު ކަންތައްތަކަށް ތައުބާވެ ފާފަ ފުއްސަވާތޯ ދުއާކުރުން. އިންސާނަކު މަރުވުމާ ހަމައަށް ތައުބާގެ ދޮރުތައް ވާނީ ހުޅުވިފަ. ފުރުސަތުގެ ބޭނުން އަވަހަށް ހިފާ ބައްޕާ. މާމަ މިހާރު އެހުރީ އަތްނުފޯރާ ހިސާބަށް ގޮސްފަ. މާމަގެ ފަހަތުން މާމަ ކުރަމުންއެދާ ނުބައި ކަންތައްތަކަށް ބައްޕަ ނުވަދޭ. މާމައަށް އެއްބާރުލުން ނުދީ. ދިފާއުގަ ވާހަކަދައްކަން އަޅުގަނޑުވެސް ދަސްކުރީ. އަޅުގަނޑަކީ ބައްޕަގެ ދަރިއެއްނު. އެހެންވީމަ ސީދާ ނޫނެކޭ ބުނަން ނުބައި ކަންކަމަށް އިންކާރުކުރަން ބައްޕަވެސް ދަސްކުރޭ. ހެޔޮކަމަކަށް ނޫނީ އާނ ބަހެއް ނުބުނޭ. މިހާތަނަށް ބައްޕައަށް ކުރެވިފައިވާ ނުބައި ކަމެއް ވާނަމަ އެކަމެއް ރަނގަޅުކުރަން މަސައްކަތްކުރޭ. އަޅުގަނޑަށް ޔަގީންވާ އެއްޗަކީ މާމަގެވެސް އަޖަލު ކޮންމެވެސް ދުވަހަކުން ހަމަވާނެކަން. ފަހަރެއްގަ މާމަގެ ވަގުތު ޖެހޭއިރު މާމަ ޖަލުގަ ލޯބިވާ މީހުންނާ ދުރުގައިވެސް އޮންނަން ޖެހިދާނެ. ބައްޕައަށް އެހެން ވާކަށް އަޅުގަނޑު ބޭނުމެއް ނޫން. ބައްޕަގެ ދިރިއުޅުމަށް އަޅުގަނޑު މި އެދުނު ގޮތަށް ބަދަލު ގެންނާނޭކަމަށް އަޅުގަނޑުގެ އަތުގަ ވައުދުވޭ. ބައްޕަ ހިތުން މިކަންކަމާ އެއްބަސްނުވެ ވައުދު ވިޔަސް ހެއްދެވިފަރާތުން މިކަން ވަރަށް ރަނގަޅަށް ބައްލަވައިވޮޑިގެންވޭ. މިކަންކަމާ ބައްޕަ ހިލާފުވެއްޖެނަމަ މުޅި އުމުރަށް ބައްޕައަށް އަޅުގަނޑު ގެއްލުނީ. ބައްޕަގެ ދިރިއުޅުމަށް ބަދަލު ގެންނަ ހިސާބުން ފެށިގެން އަޅުގަނޑު ވައުދުވަން. ދުވަހަކުވެސް މި ދަރިފުޅު ބައްޕައަށް ނުގެއްލޭނެ"

އަޖުވަދަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ތުއްތު އިރު އޭނާއަށް ދުރުކޮށްލެވުނީ ކޮންފަދަ މާތް ދަރިއެއް ހެއްޔެވެ؟ ދެލޯ ހުޅުވާލުމާއެކު އޭނާ އެނދުގައި އިށީނދެއްޖެއެވެ. ދަރިފުޅު އެދުނުގޮތަށް އޭނާ ދިރިއުޅުމަށް ކުރެވުނު ތައުބާ ނަމާދާއެކު ބަދަލު ގެނެސްފިއެވެ. އޭނާގެ އީމާންތެރިކަން ދުވަހަކުވެސް ދެނެއް ނުގުޑާނެއެވެ. ލޯބިވާ ދަރިފުޅަށްޓަކައި އޭނާ ހިތް އުފަލުން ފުރުނެވެ. އެ ދަރިފުޅު ތާއަބަދު ހެޔޮ ހާލުގައި ލެއްވުމަށް އެދި ތަކުރާރުކޮށް އޭނާ ދުއާ ކުރިއެވެ.

***

ސިޑިން ފައިބައިގެން އައި މެހެރީންގެ ހިނގުން ތަންކޮޅެއް މަޑުކޮށްލީ ސޯފާގައި މީހެއް އިންހެން ހީވެފައެވެ. ގޭގައި ނޯކަރުން ނޫނީ އެއްވެސް މީހަކު ނޫޅޭ ވަގުތެއްގައި ގޭތެރެއިން އިތުރު މީހަކު ފެނުމުން އޭނާ ހައިރާންވިއެވެ. މަޑުމަޑުން ހިނގާފައި އައިސް އޭނާ ފަހަތުން އެމީހަކަށް ބަލައިލިއެވެ. ކްރީމް ކުލައިގެ ޓީޝާޓެއް ލައިގެން އިނީ އިއްޒުއްދީން ކަން މެހެރީނަށް ޔަގީންވިއެވެ. ރަސްމީ މަސައްކަތެއްގައި ރަށުން ބޭރަށް ދާންކަމަށް ބުނެފައި ކުއްލިއަކަށް ގޭތެރެއިން އިއްޒުއްދީން ފެނުމުން ކަމެއް ގޯސްވެއްޖެކަން މެހެރީންގެ ހަވަނަ ހިއްސު އޭނާއަށް ބުނެދިނެވެ. އޭނާ ހިނގާލާފައި އައިސް އިއްޒުއްދީން ގާތުގައި އިށީނެވެ. ލޯ މެރިފައި އިން އިއްޒުއްދީން ދެލޯ ހުޅުވާލީ އޭނާގެ ފައިގެ ފަލަމަސްގަނޑު މަތިން މީހެއްގެ އިހުސާސް ވެގެންނެވެ. ދާދި ގާތުގައި އިން މަންމަ ފެނިފައި އޭނާ މާޔޫސްވިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހީނލެވޭތޯ ބެލިއެވެ.

"ބަލީތަ؟" މެހެރީން އެހިއެވެ.

އިއްޒުއްދީން ދެފަރާތަށް ބޯހޫރާލިއެވެ. ދެން އަނެއްކާވެސް ބަސް މަދުވެފައި ކުރިން އިންގޮތަށް ދެލޯ މަރާލިއެވެ.

"ބައްޕަ ގޭގަ އެބަ އުޅޭތަ؟" އިއްޒުއްދީން އެހިއެވެ.

"ނޫޅޭ. އޭނާގެ އެއް އަތެއްނު ގިސާމަތަކީ. ގިސާމަތު އޯޑަރު ކުރި ކައިވެނީގެ ހެދުމާއި ޖަވާހިރުތަކެއް ހިފައިގެން ދިވެހިރާއްޖެއަށް ފުރާކަމަށް މަންމައަށް ގުޅާފައި ބުނި" މެހެރީން ވާހަކަދެއްކިއެވެ.

އިއްޒުއްދީން އަނެއްކާވެސް މަންމައަށް ބަލައިލާފައި ގޮނޑީގައި ހަށިގަނޑު ސީދާކޮށްލިއެވެ. ދެން މަންމަގެ ދެ އަތުގައި ހިފައިފިއެވެ. އިއްޒުއްދީން މަންމަގެ ލޮލާ އޭނާގެ ލޯ އަމާޒުކޮށްލިއެވެ. މިއަދު އޭނާ މަންމައަށް އެއްވެސް ކަމެއް ސިއްރު ނުކުރާނެއެވެ. ބައްޕަ އަކީ ގިސާމަތުގެ ޒަމާންވީ ލޯބިވެރިޔާއެވެ. ދޮށީ އަންބެވެ. ބައްޕައަށްޓަކައި މަންމަ އަކީ މަޖުބޫރީއެކެވެ. ބައްޕަގެ ހިތުގައި މަންމައަށްޓަކައި ވަނީ ލޯބީގެ ސިފަނުޖެހޭ ރަހުމާއި ހަމްދަރުދީއެކެވެ. އެކަން މަންމައަށް އިހުސާސް ނުވާތީ އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. އިއްޒުއްދީންގެ ދެލޮލުން ކަރުނަ ފާއްދާލިތަން ފެނުމުން މެހެރީންގެ ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

"މަންމާ! އަޅުގަނޑާއެކު ދިވެހިރާއްޖެއަށް ދިރިއުޅުން ބަދަލުކުރަންވީނުން" އިއްޒުއްދީން ބުންޏެވެ.

މެހެރީންގެ ދެ ބުމަ ގޮށްޖެހުނެވެ. އެވަރުގެ ބަދަލެއް ދިރިއުޅުމަށް ގެންނަންވީ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. ކައިވެންޏަށްފަހު ރާއްޖެ ނޫން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަން ފުރަތަމަ އޭނާވެސް ދެކޮޅެވެ. މިހާރު އެ ގައުމަށް ހޭނި ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުވުމުން ރާއްޖެ ދާން މިހާރު އޭނާ ބޭނުމެއް ނުވެއެވެ.

"ބުނެބަލަ. ނުދާނަންތަ؟" މެހެރީން ބަހެއްނުކިޔާ އިނުމުން އިއްޒުއްދީން ބުންޏެވެ.

"އިހަށް މަންމަ ގާތުގައި ދަރިފުޅު ބުނެބަލަ ތިފަދަ ނިންމުމެއް ނިންމަންޖެހުނު ސަބަބެއް. އިއްޒު މަންމައަށް ކޮންކަމެއް ތި ސިއްރުކުރަނީ؟ ބޮޑުކަމެއް ނުވާނަމަ ތިފަދަ ނިންމުމެއް ދަރިފުޅުވެސް ނުނިންމާނެ. އެއީ ދަރިފުޅުގެވެސް ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ތަނަކީ މިއެއްނު" މެހެރީން ވާހަކަދެއްކިއެވެ.

"މަންމައަށް ނޭނގޭ އެއްވެސް ކަމެއް. މަންމަ ދެލޯ ހުޅުވައިގެން ހުއްޓަސް މަންމަގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް މަންމައަށް ނުފެނޭ. އެކަމަކު އަޅުގަނޑަށް އެނގިއްޖެ. މަންމާ! ބައްޕައަކީ ބޮޑު ކުށްވެރިއެއް. މަންމައަކީ ބައްޕަގެ މުސްތަގުބަލު ކަމުގައި ބައްޕަ ނުދެކޭ. ބައްޕަގެ އެއްވެސް އިހުތިރާމެއް ގަދަރެއް އަމުދުން އެއްވެސް ސިފައެއްގައި ލޯތްބެއް ނެތްއިރު ބައްޕައަށްޓަކައި ޖާނުން މަންމަ ފިދާވާންވީ ކީއްކުރަން. މަންމާ، ބައްޕަ ޖެހެންހުރި ތަނެއްގަ މިފަހަރު ޖެހޭނެ. އޭގެކުރިން އަޅުގަނޑު ބޭނުން މަންމައަށް ގޮތެއް ހޯދައިދޭން. މަންމަ ތިއީ އަޅުގަނޑުގެ ޒިންމާއެއް. އަޅުގަނޑު ބައްޕަ ބޭނުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ މަންމަ" އިއްޒުއްދީން ވާހަކަދެއްކިއެވެ.

"ކީކޭ ތި ކިޔަނީ؟ ތިކިޔާ އެއްޗެއް ޝައުކަތަށް އިވުނިއްޔާ އެނގޭތަ އިއްޒުއަށް ވާނެގޮތް. ބައްޕަ އެ ބުރަ ދިރިއުޅުން އުޅުނަސް މަންމަގެ އެއްވެސް ޝަކުވާއެއް ނެތޭ. މަންމަގެ މައްސަލައަކީ އެންމެ މައްސަލައެއް. ޝައުކަތު ގިސާމަތާ އޮތް ގުޅުން. އެ އެކުވެރިކަމަށް މަންމަ ދެކޮޅުވަނީ. ކޮންމެވެސް ދުވަހަކުން ޝައުކަތަށް ހެޔޮ ވިސްނުން ލިބި ގިސާމަތުގެ އެކުވެރިކަމަށް ނިމުމެއް އަންނާނެކަމަށް މަންމަ އުންމީދު ކުރަނީ" މެހެރީން ވާހަކަދެއްކިއެވެ.

"ތި ކުރެވެނީ ކުށްހީއެއް. މަންމަ ތިވަނީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގަ. ތި ގިސާމަތަކީ ބައްޕަގެ ދޮށީ އަނބި" އިއްޒުއްދީން ބުންޏެވެ.

(ނުނިމޭ)