"މިއީ އަހަރެންގެވެސް ގެއެއް. މިގެއަށް އަހަރެންނަށް ބާރު އޮތީތީ އަހަރެން ގެނެސްފަ މިހުރީ. ފަޒިއްތައާ ފަޒިއްތަގެ ދަރިން ފަދަ ކުދިންނަށް މިގެއަށް ނުވަދެވޭނެ އެއްވެސް ތަނެއް އޮވެގެން ނުވާނެ. މީގެ ފަހުން އީނާ ކީއްކުރަން. އެ ބައިގަ އުޅޭ އެއްވެސް މީހަކަށް އެއްޗެއް ބުނެފިއްޔާ އަހަރެން ކަންތައްކުރާނެ ގޮތެއް އެނގޭނި އަހަންނަށް" ރޫޔާ ވާހަކަދެއްކިއެވެ.
ދާން ނުދާން ހުރެފައިވެސް އީނާ ރޫޔާއާ އެކު ހިނގައިގަތެވެ. ޖެހި ބުދެއްހެން ގިސާމަތު ހުއްޓެވެ.
****
ވެހެމުން ދިޔަ ވާރެއަށް ބަލަހައްޓައިގެން އަޖުވަދު ހުއްޓެވެ. ކަންފަތުގައި ހަރުލާފައިވަނީ ދާދި ދެންމެއަކު ޒަމާންވީ އެކުވެރިޔަކު އޭނާ ކައިރީގައި ދެއްކި ވާހަކަތަކެވެ. ދިރިއުޅުމަށް ބައިވެރިއެއްގެ މުހިންމުކަން އެކުވެރިޔާ ހަނދާންކޮށްދީފިއެވެ. އަޖުވަދުގެ ވިސްނުން ހުރީ މިހާރު އެ ދިމާލަށެވެ. އެކަމަކު ކައިވެންޏަށް އޭނާ އެދޭނެ މީހެއް ނޭނގެއެވެ. ގިސާމަތުގެ ޝަރުތުތައް ހަމަވާ އެއްވެސް އިންސާނެއް މި އުޑު ދަށުގައި ހުރި ކަމެއް ނޭނގެއެވެ.
ޖަހާލި ބާރު ގުގުރިއާއެކު އަޖުވަދުގެ ވިސްނުންތައް ވިހާލިވެގެން ދިޔައެވެ. ވާރޭ ވެހޭ މަންޒަރަކީ ހިތަށް ތަސައްލީ ގެނުވާ މަންޒަރެއް ނަމަވެސް އެތަނުން އޭނާ ދުރަށް ދިޔައެވެ. މޭޒުމަތީގައި ބަރިއަކަށް ހުރި ފައިލަތަކަށް އޭނާ ނަޒަރު ހުއްޓުނެވެ. އެއީ އޭނާ ކުރަންޖެހޭ މަސައްކަތެވެ. މިއަދު އެއްވެސް މަސައްކަތެއް ކުރާ ހިތެއް އޭނާ ނެތެވެ. ބުނެދޭން ނޭނގޭ އިހުސާސެއް އެބަ ކުރުވައެވެ. ހިތަށް އުނދަގޫތަކެއް އެބަވެއެވެ. ހައްލު ހޯދާނެ ގޮތެއް ސިކުނޑިއަކަށް ނާދެއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ކުރިމަތީގައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެން ހުއްޓައި ކުއްލިއަކަށް އޭނާގެ ހިތަށް އައިސް ވަނީ އެންމެ ގާތް އެކުވެރިޔާގެ ތަސްވީރެވެ. އެއީ އެންމެ ތުއްތު އިރުން ފެށިގެން ދެގޮތެއްނުވެ އޭނާއާ އެކުވި ބައިވެރިޔާއެވެ. ހަބީބްގެ ހުރިހާ ވަގުތެއް އަޖުވަދަށް ހުސްކުރިއެވެ. އަޖުވަދަށް ލިބުނު ކޮންމެ އުފަލެއްގައި، ކޮންމެ ހިތާމައެއްގައި އެންމެ ގާތުގައި ހުރީ ހަބީބެވެ.
އަނބިމީހާގެ ކުއްލި ވަކިވުމާއެކު އަޖުވަދަށް ވިސްނައިދިނުމުގައި ހަބީބް އެތައް ވަގުތެއް ހޭދަކުރިއެވެ. ތަންމަތީގައި އޮތް ކުޑަކުޑަ ހަނާނަށް އޯގާތެރިވެ ދިރިއުޅުން އަލުން ކޮޅަށް ޖެހުމަށް އެތައް ފަހަރަކު ވިސްނައިދިނެވެ. އެއިން އެއްވެސް ވާހަކައެއް އަޖުވަދުގެ ހިތާ ހަމައަށް ނުފޯރިއެވެ. ލޯބިވާ އަނބިމީހާ ނޫނީ އެހެން އެއްވެސް އެއްޗެއް އޭނާއަށް ނުފެނެއެވެ. ދަރިއެއް، މުދަލެއް އޭނާ ބޭނުމެއް ނުވިއެވެ. އެންމެފަހުން ގިސާމަތަށް މަޖުބޫރުވީ ހަނާން ބަލާނެ މީހަކާ އެ ކުއްޖާ ހަވާލުކުރުމެވެ. މައެއްގެ ލޯބިދީގެން މާމައަކަށް ވެސް ދަރިއަކު ބެލެހެއްޓިދާނެކަން އެވަގުތުވެސް ހަބީބް ގިސާމަތަށް ހަނދާންކޮށްދިނެވެ. އެހެންނަމަވެސް މުސީބާތެއް ބޮލުގައި އަޅުވަން ގިސާމަތު ބޭނުންނުވީ އޭނާގެ ވަގުތުތައް ބިޒީވެދާނެ ކަމަށެވެ.
ކޯތާފަތްމަތިން އެއްޗެއް ހިރޭހެން ހީވުމުން އަތް ހާކާލާފައި އޭނާ ބަލައިލިއެވެ. ލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ ހިތަށް ވެރިވި ޖަޒުބާތުތަކުން ކަން އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. އޭނާއަށް އިހުމާލުވެވުނީ ހަމައެކަނި ދަރިފުޅަށް ނޫންކަން އޭނާއަށް އިހުސާސް ވެއްޖެއެވެ. އެކުވެރިޔާއަށް ބޭވަފާތެރިވެވުނީއެވެ. އެއީ ހަމައެކަނި އެކުވެރިއެއްވެސް ނޫނެވެ. ގުދުރަތުން އެ ގުޅުން ވަނީ އެއަށްވުރެ މާތް ކުރައްވާފައެވެ. މަންމަގެ ފިއްތުންތަކުގެ ސަބަބުން އެ މުގައްދަސް ގުޅުން މަތިންވެސް އޭނާ ހަނދާން ނެތުނީއެވެ. މެއަށް ދިލަ އަރައި ހިތް މޭ ފިތޭހެން ހީވުމުން އޭނާ ކޮޅަށް ތެދުވިއެވެ. ލައިގެން ހުރި ގަމީސް މަތިން މޭގައި އަތް ހާކަމުން ދިޔައެވެ. މިވާން އުޅޭ ގޮތެއް އޭނާއަށް ނޭނގެއެވެ. ހިތް ބިރުގަންނަންވެސް ފަށައިފިއެވެ. ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. ހަމަ އެވަގުތެވެ. މެންދުރު ނަމާދުގެ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ކޮންމެ ކަލިމައެއް ވަކިވަކިން އޭނާގެ ކަންފަތުގެ އެންމެ އެތެރެއަށް ވަންނަމުން ދިޔައެވެ. މީގެކުރިން އޭނާއަކީ ބަންގިއަށް މާބޮޑު ސަމާލުކަމެއްދޭ މީހެއް ނޫނެވެ. މިއަދު އޭނާއަށް ބަންގިއަށް ޝައުގުވެރިކަން ދެވިއްޖެއެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ހަމަޖެހުމުގެ ފުން ނޭވައެއް ދޫކޮށްލާފައި އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ސޭވްނުކޮށް އިން ނަންބަރެކެވެ. ނުނަގަން އުޅެފައިވެސް ފަހުވަގުތު ހިތް ރުހުނީ ފޯނު ނަގާށެވެ. ފޯނުގެ ސްކްރީނު މަތީގައި މަޑުމަޑުން އޭނާ އިނގިލިތައް ބީއްސާލިއެވެ.
"މިއީ އަޅުގަނޑު...." ދިލަނަގަމުން ދިޔަ އަޖުވަދުށް ހީވީ އޭނާގެ މޭގައި ފިނިފިނި ރޯޅިއެއް ދައުރުވެލި ހެންނެވެ. ރޫޔާގެ އަޑުން އޭނާގެ މުޅި ނަފސް ބަދަލުކޮށްލިއެވެ.
"ކިހިނެއްވީ ދަރިފުޅާ" ގޮނޑީގައި އިށީންނަމުން އަޖުވަދު އެހިއެވެ.
"ކަމެއްނުވޭ. ކީއް ތިކުރަނީ؟" ރޫޔާ އެހިއެވެ.
"ކަމެއް ނުކުރަން. ކުޑަކޮށް ބޮލުގައި ރިއްސާތީ ގެއަށް ދާން އުޅުނީ. މިއީ ދަރިފުޅުގެ ނަންބަރުތަ؟ ބައްޕަ ފޯނުގަ ސޭވްކުރަންތަ؟ ކޮން ނަމެއްތަ ޖަހަންވީ. ޕްރިންސަސްތަ؟" އަޖުވަދު ވާހަކަދެއްކިއެވެ.
ރޫޔާ އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ޖަވާބު ދިނެވެ. "ބޭނުން ނަމެއް ޖެހިޔަސް ހެޔޮ"
"ދަރިފުޅު ކޮންކަމަކު ތި ގުޅާލީ" އަޖުވަދު އެހިއެވެ.
"ބަލައި އާދެވޭނެތަ؟" ރޫޔާ ބުންޏެވެ.
"ބަލައޭ. ދަރިފުޅު ކޮންތާކު ތިހުރީ؟ ހަމަ މިހާރު މިދަނީ" އަޖުވަދު ބުންޏެވެ.
"މިހުރީ ގޭގަ. ބަލައި އަންނަންވީ ގެއަށް. ލަންޗަށް ދާންވެގެން" ރޫޔާ ބުންޏެވެ.
އަޖުވަދަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމާއެކު ދެ ލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާގެ ހިނިތުންވުން ދެލޮލާ ހަމައަށް ފޯރިއެވެ. ލެޕްޓޮޕް ލައްޕާލާފައި ވަގުތުން އޭނާގެ އޮފީހުން ނިކުތެވެ. މިއަދު އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅަށެވެ.
****
ޖެހެމުންދިޔަ ފިނި ވައިރޯޅި މުޅި ހަށިގަނޑުގައި ބީހިލުމާއެކު ދެ އަތުން ހަށިގަނޑުގައި ހަންނާ ވަށާލިއެވެ. އޭނާ ހުއްޓި ހުރި ތަނުގައި މުޅިންވެސް ހުރީ ރުކެވެ. ދިމާލަށް އޮތީ ނަލަނަލަ މޫދެކެވެ. ކަނޑުން ނަގައިގެން އަންނަ ވައިރޯޅިއަށް ހުރަހަކަށް ވާނެ އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. ރޭގަނޑުގެ ވަގުތު ނަމަވެސް ހަނދުގެ އަލިކަން ބިމަށް ފޯރާފައިވި ފޯރުން އެއީ އޭނާއަށްޓަކައި ގުދުރަތުން ދެއްވި ހަދިޔާއެއް ފަދައެވެ. އޭނާ އެތަނުގައި ހުންނަތާ ވިއްސަކަށް މިނެޓް ފަހުން ފަހަތުން މީހެއްގެ ހިލަން ވިއެވެ. އެނބުރި ބަލައިލިއިރު އިއްޒުއްދީން ހުރީ ދާދި ކައިރީގައެވެ. ހަންނާ ހިނިތުންވުމެއް ދިނެވެ.
"ކޮބާ؟" ކެތްމަދުވެފައި ހަންނާ އެހިއެވެ.
"އަހަރެން ވީ ވައުދު ހަނދާން އެބަހުރި" އިއްޒުއްދީން ބުންޏެވެ.
އަތުކުރީގައި އޮތް ގަޑިއަށް ހަންނާ ބަލައިލިއެވެ. ކެތްތެރިކަން ކުޑަވެފައެވެ.
"ވަރަށް ލޯބިވޭތަ؟" އިއްޒުއްދީން އަހާލިއެވެ.
"ލޯތްބަކީ އެއްވެސް އިންސާނަކަށް ގުނައި އަދަދު ކުރެވޭނެ އެއްޗެއް ނޫން. އެހެންނަމަ އަހަރެން ހަބީއަށްޓަކައި އަހަރެންގެ ހިތުގައި އޮތް ލޯބި ދެއްކީމުސް. މިއަދު އަހަރެން ވަރަށް އުފާވެއްޖެ. އަހަރެންގެ މި ދަތުރުގެ ލިބުނު ފުރަތަމަ ކާމިޔާބީ އަކީ ނުލަފާ، ހިތްހަރު އިންސާނެއްގެ ސިފައިގައި ވިޔަސް އަހަރެންގެ ދިރިއުޅުމަށް އިއްޒުއްދީން އައުން" ހަންނާ ހިނގަމުން އައިސް ގާ ގަނޑެއްގެ މަތީގައި އިށީނެވެ.
"އަހަރެންނާ ހަންނާގެ ފަހު ބައްދަލުވުން މިއީ. އެހެންވެ އަހަރެންވެސް ވަރަށް ވާހަކަތައް ދައްކަންވެފަ އެބަހުރި. އަހަރެން ތި ތަނުގަ އިށީނދެލަންތަ" އިއްޒުއްދީން ބުންޏެވެ. ހަންނާ ބޯޖަހާލުމުން އިއްޒުއްދީން އައިސް އިށީނެވެ. އެއާއެކު ހަންނާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ހަންނާގެ އެ އަމަލުންވެސް އިއްޒުއްދީންގެ ހިތުގައި ހަންނާއަށްޓަކައި އެތައް ގަދަރެއް އުފުލިގެން ދިޔައެވެ.
"ހަންނާ ފުރަތަމަ ފެނުނީމަވެސް އަހަރެންގެ ހިތް އަހަރެން އަތުން ދޫވެއްޖެ. އަހަންނަށް ލޯބިވެވުނީ. ހަގީގަތަށް ބުނަންޏާ އަހަރެން ބޭނުންވީ ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެން ނަމަވެސް ތިކަން ހާސިލުކުރަން. ބައްޕަވެސް އަހަންނާ އެއްކޮޅަށް ހުރީމަ. ބައްޕަ ބުނި އަހަންނަށް އެހީވާނަމޭ. އެހެންވެ ގިސާމަތު އާންޓީ ބޭނުންވި ގޮތަށް އަހަރެން ކަންތައް ކުރީ. ފާޑަކަށް އެކަން އަހަންނަށް ކާމިޔާބުވެސްވި. ގިސާމަތު އާންޓީއަށް އޭނާ ބޭނުންވި އެތި ލިބުނު. އަހަންނަށް އަހަރެން ބޭނުންވި އެތި. ހަންނާ އާއެކު މި ހޭދަކުރެވުނު މަދު ދުވަސްކޮޅު އަހަންނަށް އެނގުނީ ލޯތްބަކީ ގަދަކަމުން ހާސިލުކުރެވޭނެ އެއްޗެއް ނޫންކަން. ހަންނާ ކުރަމުންދިޔަ ހިތާމަތައް ބަލަން އަހަންނަށް ކެތްނުވީ. ދެން އަހަރެން ބޭނުންވީ ލޯބިވެރިއަކަށް ނުވެވުނަސް އެންމެ ގާތް އެކުވެރިޔާއަށް ވާން. އެ ފުރުސަތު އަހަންނަށް ހަންނާ ދީފީމު. ފުރަތަމަ ފަހަރަށް ހަންނާގެ މާޒީގެ ވާހަކަތައް ލިޔެފައިވާ ފޮތް އަހަރެން ކައިރީގައި ހުޅުވާލި. އަހަރެން ހިއެއް ނުކުރަން ގިސާމަތު އާންޓީއަކީ އެހާ ނުލަފާ މީހެއް ކަމަކަށް. އަދި ހާއްސަކޮށް ބައްޕައާ ގިސާމަތު އާންޓީ ކައިވެނިކޮށްގެން އުޅޭ ކަމަކަށް... ޔާރައްބީ... އަދިވެސް އަހަންނަށް ގަބޫލުކުރަން ދަތި. ހިތަށް އަރަނީ ބައްޕައާ ގިސާމަތު އާންޓީގެ ކޮންމެ ނުބައި ކަމަކާ އެއްބައިވެގެން އަހަންނަށް އަހަރެންގެ މައުސޫމު މަންމައަށް ވެސް މިދެވުނީ ބޮޑު ދޯކާއެކޭ. އަހަރެން އަދި އެއްފަހަރު ހަންނާގެ ކިބައިން މައާފަށް އެދެން. މިރޭ ހަބީބް ޖަލުން ދޫކޮށްލި ކަމެއް އަދި ބައްޕައަށް ނޭނގޭނެ. އެނގުނިއްޔާ އަހަރެންނަށް ވަރަށް އަދަބު އޮންނާނެ. އެކަމަކުވެސް ހެޔޮ. އަހަރެން ބައްޕައާ ކުރިމަތިލާނީ ކެރިގެން. ބައްޕަގެ ވިޔާނުދާކަން މަންމައަށް ބުނެދޭނަން. ކޮންމެ ހާލެއްގަވެސް އަހަރެންގެ މަންމަ ހިމާޔަތްކުރާނަން. އަހަންނަށް މިހުރިހާ ކަމެއް ވިސްނައިދިނީތީ ހަންނާއަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގޭ. ދުވަހެއްގައިވެސް އަހަރެންގެ އެހީއަކަށް ބޭނުންވެއްޖެއްޔާ އަންގާލައްޗޭ. އަހަރެން އަބަދުވެސް ހުންނާނަން" އިއްޒުއްދީން ވާހަކަދެއްކިއެވެ.
"އަހަރެން އިއްޒުއްދީންގެ އެހީ ބޭނުންވާނެ. އަހަރެން ބޭނުންވަނީ ހަބީ އާއެކު ރާއްޖެ ދާން. އަހަރެންގެ ފުރާނަ، ދެލޮލުގެ ނޫރު އަހަރެންގެ ރޫޔާ ލޮލުން ދެކިލަން. މިކަމުގަ އަހަންނަށް އެހީވެދީ. ގިސާމަތު ފުލުހުންނާ ހަވާލުކުރަންވެސް އަހަރެން ބޭނުން. އަހަންނަށް މައާފުކުރާތި. ގިސާމަތާއެކު ޝައުކަތަކީ ވެސް ކުށްވެރިއެއް. އެއީ އުމުރުން ދުވަސްވެފައި ތިބި ދެމީހުންނަށް ވިޔަސް މިފަހަރު އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެ" ހަންނާ ވާހަކަދެއްކިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ" ހިތްމަތީގައި ހިލަގަނޑެއް ބާއްވަމުން އިއްޒުއްދީން ބުންޏެވެ.
އޭނާގެ ފޯނުވެސް ރިންގުވާން ފެށީ އެވަގުތުއެވެ. އޭނާ އެ ހިނދު ހަންނާގެ މޫނަށް ބަލައިލިއެވެ. ހަބީބް ކައިރިއަށް ހަންނާ ގެންދަންވީ ވަގުތު ޖެހުނީއެވެ. އޭނާއަށް ހަންނާ ގެއްލެނީއެވެ. ހިނިތުންވުމަކާއެކު ހަންނާއަށް އޭނާ ވަދާއީ ސަލާމްކޮށްލިއެވެ. ކާރު އޮތް ދިމާލަށް އިޝާރާތްކޮށްލާފައި ހަބީބް ކައިރިއަށް ދާންވީ ވަގުތު ޖެހުނީކަން އޭނާ ބުންޏެވެ.
****
ރެސްޓޯރަންޓަށް އަޖުވަދާއެކު ރޫޔާ ވަދެގެން ދިޔައިރު އެތައް ބައެއްގެ ސަމާލުކަން އެ ދެބަފައިންނަށް ހުއްޓެމުން ދިޔައެވެ. އެގޮތަށް ހިނިތުންވެފައިވާ މޫނަކާއެކު އަޖުވަދު ރެސްޓޯރަންޓަކަށް ނުވަދެއެވެ. ރޫޔާގެ ދައުވަތު މިއަދު އޭނާ ގަބޫލުކުރީ ހިތުން ރުހުމުގައެވެ. އަނބިމީހާގެ ވަކިވުމަށްފަހު އޭނާ އެހާ ހިތްހަމަޖެހުމެއް އަދި އެ ލިބުނީއެވެ.
"ޝުކުރިއްޔާ" ރޫޔާ އިށީންނަންވީ ގޮނޑި ބޭރަށް ދަމާލީ އަޖުވަދެވެ.
"ދަރިފުޅު ކޯޗެއް ކާނީ" ލޯތްބާއެކު އަޖުވަދު އެހިއެވެ.
"ތައި ނޫޑްލްސްއެއް. ކުޅިކޮށް. ދެން ބޯލަން އޯރިޔޯ މިލްކްޝޭކެއް" ރޫޔާ ބުންޏެވެ.
މިއަދު ރޫޔާގެ މޫޑު ވަރަށް ރަނގަޅެވެ. މަންމަ އެދުނު ފަދައިން މިއަދު އޭނާ ކަންތައް ކުރާނެއެވެ. އުފަން ބައްޕައަށްޓަކައި އޭނާގެ ހިތް ހުޅުވާލާނެއެވެ. މާމަގެ ނުބައި ވަކިތަކުން ބައްޕަ ސަލާމަތްކުރަން މިއަދު އޭނާ ފުރަތަމަ ފިޔަވަޅު އަޅާނެއެވެ. ޖަލުގެ ތޭރިތަކުގެ ތެރެއަށް ބައްޕަ ފޮނުވައެއް ނުލާނެއެވެ. ޖަލަށް ދާން ޖެހޭނީ މާމަ އެކަންޏެވެ.
"އޯޓްސް ސޫޕެއް" އަޖުވަދު ވެއިޓަރަށް ބުންޏެވެ.
ރޫޔާ ހަނދާންވިއެވެ. އަޖުވަދާ ބެހޭގޮތުން ފަޒީލާ ކުރެން އޭނާ އެތައް ކަމެއް އޮޅުންފިލުވިއެވެ. އަޖުވަދަކީ ހަކުރު ބައްޔަށް ބޭސްކުރާ މީހެއްކަން އޭނާ އެނގެއެވެ.
"ފަޒިއްތަ ބުނި ޑައިބެޓިކް ހުރެއޭ. ކީއްވެ؟ ބަރާބަރަށް ބޭސްނުކަނީ" ރޫޔާ އެހިއެވެ.
ޖުމްލައިގެ ދޭތެރެ މެދަށް 'ބައްޕަ' ލަފްޒު ނުލައި އަޖުވަދާ ވާހަކަދައްކަން އޭނާއަށް އުނދަގުލެވެ. އެހެންނަމަވެސް ބައްޕަ ކިޔޭކަށްވެސް ނެތެވެ. ސަބަބަކީ އެ ނަމުގައި ހެޔޮ އިންސާނަކު އޭނާއާ ހުރީ ބައްދަލުވެފައެވެ.
"ކީއްކުރަން ކާ ބޭހެއް. މި ދުނިޔޭގައި ބައްޕަ މިހުރީ ހަމައެކަނި ތި ދަރިފުޅާ ބައްދަލުވަންދެން ތޯއްޗެ. ބައްޕަ މިހާރު ބޭނުންވަނީ އުފަލާއެކު ދެލޯ މަރާލަން. ކޮބާ މިކަހަލަ ދިރިއުޅުމުގެ ބޭނުމެއް. ބައްޕަގެ ރުހުމުގައި އެގޭތެރޭގައި އެއްކަމެއްވެސް ނުވޭ. އެންމެ ކުޑައިރުވެސް ބައްޕައަކީ މާމަގެ އަޅެއް. މިހާރުވެސް. ބައްޕަގެ މުޅި ދިރިއުޅުން ކޮންޓްރޯލް އެ ކުރަނީ މާމަ. އެހެންވީމަ މި ދިރިއުޅުމުގެ އެއްވެސް މާނައެއް ނެތެއްނު" އަޖުވަދު އަސަރާއެކު ވާހަކަދެއްކިއެވެ.
"ވަރަށް އިންތިޒާރުކޮށްފިން. މަރެއްވެސް ނުވި"
އެ ޖުމްލައާއެކު ރޫޔާގެ ހިތަށް ބާރުވެގެން ދިޔައެވެ. އެ ބައްޕަ އެވަނީ ހެޔޮއެދޭ ބައެއްގެ އެހީތެރިކަން ބޭނުންވެފައިކަން އޭނާއަށް އެނގުނެވެ. އަދި އެހީތެރިކަމެއް މިއަދު ފޯރުކޮށްދެވޭނީވެސް އޭނާއަށްކަން ވިސްނިއްޖެއެވެ.
"އަޅުގަނޑު ތި ބައްޕައަށް މައާފުކޮށްފިން" މޭޒުމަތީގައި އޮތް އަޖުވަދުގެ އަތްތިލައިގައި ރޫޔާ ހިފަހައްޓާލިއެވެ.
އެހިނދު އަޖުވަދު ރޫޔާއަށް ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. ރޫޔާގެ އަތްތިލަ މަތީގައި އަޖުވަދުގެ އަނެއް އަތް ބޭއްވިއެވެ. އަޖުވަދުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު އެތައް ހިތްދަތިކަމެއް ވަންހަނާކޮށްފައިވާ ސިއްރުވެރި ދެލޯ ފެނި ރޫޔާ ހިތުގައި ރިހުމެއް އުފެދުނެވެ.
"ބައްޕަ އެއްޗެއް ހީނުކޮށް އަޅުގަނޑު މިދައްކާ ވާހަކަ އަޑުއަހާލަފާނަންތަ؟" ރޫޔާ ވާހަކަދެއްކިއެވެ. އަޖުވަދު ބޯޖަހާލިއެވެ.
"ކޮންމެ އިންސާނަކަށް ވެސް އެމީހެއްގެ މައިންބަފައިން މުހިންމުވާނެ. ހާއްސަކޮށް މަންމަ. މަންމަ މި ލަފްޒު މާތް ކުރައްވާފައިވަނީ ދަރިއަކު މި ދުނިޔެއަށް އުފަން ކުރުމަށްޓަކައި މަޔަކު މަރާ ހަނގުރާމަކުރާތީ. މައެއްގެ ހަށިގަނޑުގައި އެހެން ދިރުމެއް އުފެދި އެތައް ތަކުލީފަކާއެކު ދިރިއުޅުމުގެ ކޮންމެ ހަރުފަތެއް ކަޑައްތު ކުރާތީ. އެކަމަކު....." ރޫޔާ ފަސްޖެހުނެވެ. މާމައާ ގުޅޭގޮތުން ބައްޕަ ކައިރީގައި ވާހަކަތައް ދައްކަންޖެހޭތީއެވެ. އެހެންނަމަވެސް ރޫޔާއަށް އުންމީދު އޮތެވެ. ބައްޕަ އޭނާގެ ވާހަކަތައް އަހާނެކަމާމެދުގައެވެ.
"ދަރިފުޅު ފަސްޖެހޭނެކަމެއް ނެތް. ބައްޕަ ވައުދުވަން. ބައްޕަގެ ދިރިއުޅުމުގަ މިހާރު އެންމެ މުހިންމު މީހަކީ ދަރިފުޅު. ދަރިފުޅު ކޮންމެ އެއްޗެއް ކިޔަސް ބައްޕަގެ މައްސަލައެއް ނެތް" އަޖުވަދު ބުންޏެވެ.
****
ކާރުން ފައިބާފައި އިއްޒުއްދީން އަނެއްފަރާތުން އައިސް ހަންނާއަށް ދޮރު ހުޅުވައިދިނެވެ. ހަންނާ ފޭބުމާއެކު ކުރިމަތީގައި ދިހަ ބުރިއަށް ނަގާފައި ހުރި އިމާރަތެއް ދައްކާލިއެވެ. ޖީބުން ނަގާފައި ދެން ދިނީ ތަޅުދަނޑިއެކެވެ. އޭގައި ހިފަމުން ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ހަންނާ އިއްޒުއްދީނަށް ބަލައިލިއެވެ.
"ތީގަ ތީނީ ކޮޓަރި ނަންބަރު ޖަހާފަ" އިއްޒުއްދީން ބުންޏެވެ.
"ހަބީ ވީ މި އިމާރާތުގަ ހުރި ރޫމެއްގަ ދޯ" ހަންނާ އިތުރަށް ޔަގީންކޮށްލިއެވެ. އިއްޒުއްދީން ބޯޖަހާލިއެވެ.
ހަންނާ ހީލިއެވެ. އިއްޒުއްދީނަށް އޭނާ ބަލައިލީ ޝުކުރުވެރިކަމާއެކުގައެވެ.
ހަންނާ އިމާރާތުގެ ތެރެއަށް ވަންނަންދެން ކާރުގައި ލެނގިގެން އިއްޒުއްދީން ހުއްޓެވެ. ދިރިއުޅުމުގައި އޭނާއަށް ކުރެވުނު އެންމެ ބޮޑު ކަންތައް އެންމެ ފުރިހަމައަށްކޮށް ނިންމާލެވުނުކަމުގެ ހިތްހަމަޖެހުން އޭނާއަށް ލިބިއްޖެއެވެ. ބާރުގެ ބޭނުންކޮށްގެން ދެމަފިރިއަކު ވަރިކުރެވުނުކަން އެއީ މުޅި އުމުރަށްވެސް އޭނާ އަމިއްލަ ނަފްސަށް މައާފުނުކުރާނެ ކަމެކެވެ. އެ ގިލަންވެރިކަން އަބަދުވެސް އޭނާގެ ހިތުގައި އޮންނާނެއެވެ.
ލިފްޓު އެގާރަ ވަނަ ފަންގިފިލާއަށް ހުއްޓުމާއެކު ހަންނާ ނިކުތެވެ. ތަޅުދަނޑިގައި ޖަހާފައިވާ ނަންބަރު ކޮޓަރި ހޯދަން އޭނާއަށް މާ އުނދަގޫ ނުވިއެވެ. ކޮރިޑޯއިން ދުރުދުރުގައި ފިޔަވަޅު އަޅަމުން އޭނާ ގޮސް ހުއްޓުނީ ސަތޭކަ އެގާރަ ނަންބަރު ކޮޓަރި ދޮރުމަތީގައެވެ. އޭނާ ލަސްނުކޮށް ދޮރު ހުޅުވާލިއެވެ. އެނދުގައި އިށީނދެގެން އިން ހަބީބް ކުއްލިއަކަށް ތެދުވިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ހިތުގެ ވެރިޔާކަން އެނގުމާއެކު ވީގޮތެއްވެސް ނޭނގުނެވެ. އެތައް ދުވަހަކަށްފަހު ދުރުގައި ތިބުމަށްފަހު އެކަކު އަނެކަކާ ބައްދަލުވުމުން ދެމީހުންނަށް ވެސް ރޮވިއްޖެއެވެ. އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓާލައިގެން ތިބިއިރު ދެމީހުންގެ ނިތްވެސް ވަނީ ޖައްސައި ބާރުކޮށްފައެވެ. އެކަކަށްވެސް ރުއިން ހުއްޓާލަން ފަސޭހައެއް ނުވިއެވެ. ދެ ހިތުގައި އުފެދިފައިވި އެތައް ޝަކުވާއެއް ކަރުނައިގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ. އެ ކަރުނައިގެ ބަހުރުވަ އެނގެނީވެސް އެ ދެމީހުންނަށް އެކަންޏެވެ.
އެގޮތުގައި ގިނައިރުތަކެއް ވަންދެން ތިބެފައި ކުރިން ދުރުވެލީ ހަބީބެވެ. އޭނާގެ ދެއަތުން ހަންނާގެ މޫނާ ދެލޯ ފޮހެދިނެވެ. ހަންނާގެ ނިތުގައި ބޮސްދިނެވެ.
"އަހަންނަށް މައާފުކުރާނަންތަ؟" ހަބީބް ބުންޏެވެ.
"ކޮންކަމަކަށް؟" ހަންނާ އަހާލިއެވެ.
"ވަރި... އަހަންނަށް މަޖުބޫރުވީ. އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ނުރައްކަލެއްގެ ވައި އެޅޭހެން އަހަންނަށް ހީވި. އެކަމަކު އެ ތޫފާން މި ދިރިއުޅުމަށް ލައްވައިލީ އަހަރެން އެންމެ ހީކޮށްގެން ހުރި ދަނޑިވަޅުގައެއް ނޫން. ހީވެސްނުކުރާ ފަދަ ގޮތަކަށް. އަހަރެން އިއްޒުއްދީނަށް ވަރަށް އިތުބާރުކުރިން އެ ދަތުރަށް ތައްޔާރުވުމުގެ ކުރިން. އަހަރެމެން ދެމީހުންގެ ދިރިއުޅުން އިދިފުށަށް ޖެހިގެން މި ދިޔައީ އަހަންނަށްވެސް ކޮންމެވެސް އިހުމާލެއް ވެވިފައި އޮތީމަ. އަހަރެން ނުޖެހޭ އެ ދަތުރު ފުރާކަށް. ނުޖެހޭ ތިދެމައިން ދޫކޮށް ދާކަށް. އަހަންނަށް ދަރިފުޅުވެސް ގެއްލުނީ.... އަހަންނަށް މައާފުކުރޭ!" ހަބީބް ވާހަކަދައްކަމުން ދިޔައެވެ. މީގެކުރިން ހަބީބްގެ ފުށުން ހަންނާއަށް ފެނިފައިވަނީ ކެތްތެރިކަމެވެ. ކިތަންމެ ހިތްދަތިކަމެއް ތަހައްމަލު ކުރަމުން ދިޔަ ނަމަވެސް ދުވަހަކުވެސް އޭނާގެ ދެލޮލުން ކަރުނަ ހަންނާއަށް ފެނިފައެއް ނުވެއެވެ. މިއަދު ތަފާތެވެ. ހަބީބް ރޮމުން ދިޔައިރު އެ ބޮޑު މީހާގެ މުޅި ހަށިގަނޑަށް ލޮޅުން އަރަމުން ދިޔައެވެ. މަސްހުނިވެގެން ދިޔަ އިހުސާސްތަކާއެކު އެ ރުއިން ކޮންޓްރޯލުކުރަން އޭނާ ނުކުޅެދުނެވެ.
"ނޫން... އެ ދުވަސްތައް މާޒީއާ އެކުވެގެން ހިނގައްޖެ. މިފަހަރު އަހަރެމެން ދެމީހުން ބައްދަލުމިވީ ކުރިއަށްވުރެ މާ ބާރުގަދަކޮށް. އަހަރެމެން މިހާރުން މިހާރަށް ދަތުރު ފަށަންވީ. މިފަހަރު ފިލައިގެން ދާން އަހަރެން ބޭނުމެއް ނޫން. ބޭނުންވަނީ އެމީހުންގެ ކުރިމައްޗަށް ނިކުންނަން. ފާޅުގަ މައިދާނުގަ ހުރެގެން ތީރު އުކަން. މިފަހަރު އަހަރެމެންގެ ޓީމުގައި އިއްޒުއްދީންވެސް އެބަހުރި. އެއީ މި ޓީމަށް އަހަރެން ހޯދި ބައިވެރިއެއް. އެކޮޅުގައި ހުރީ އަހަރެމެންގެ ދަރިފުޅު. ދަރިފުޅު އެކަންޏެއް ނޫން. ފަޒީލާ. އުންމީދުކުރަނީ ރޫޔާގެ ލޯބިން އަޖުވަދުގެ ހިތް ވެސް ބަދަލުކުރެވޭނެ ކަމަށް" ހަންނާ ވާހަކަދެއްކިއެވެ.
ދަރިފުޅު މަތިން ހިތަށް އެރުމާއެކު ހަބީބަށް އަނެއްކާވެސް ރޮވިއްޖެއެވެ. އުފަން ދަރިއެއް ނޫނަސް އެއީ ދިރިހުރުމަށް އޭނާ އެންމެ ބޭނުންވާ ހިތުގެ ވިންދެވެ. ވީ އެންމެ އަވަހަކަށް އޭނާ ބޭނުންވަނީ ރޫޔާ ފެންނަ ހިސާބަށް ދާށެވެ.
"ހިނގާ ކައިވެނިކުރަން..." ހަބީބް ބުންޏެވެ.
ކަރުނައިގެ ތެރެއިން ހިނިތުންވެލާފައި ހަންނާ ބޯޖަހާލިއެވެ.
(ނުނިމޭ)