"ކަލެއާ ހަވާލުކުރި މަސައްކަތް ވަރަށް ރަނގަޅަށް ފުރިހަމަކޮށްފި. އެކަމުގެ އިނާމު ކަލެއަށް ދޭނަން. ހަނާނުގެ ހާއްސަ ނޯކަރަކަށް އަހަރެން ކަލޭ ހަމަޖައްސައިފިން. ކަލޭ އަބަދުވެސް ހުންނަންވާނީ ހަނާނުގެ ހިދުމަތުގަ" ގިސާމަތު ވާހަކަދެއްކިއެވެ.
ފަޒީލާ ހިނިތުންވެލީ ގިސާމަތު ހިނގައިގަތުމުންނެވެ. ހިތަށް އެރިއެވެ. މިވީ އަދި މާރަނގަޅު ގޮތެކެވެ. ހަންނާ އާއި ރޫޔާއާ އެކުގައި ފަޒީލާގެ މަސައްކަތްވެސް ފެށުނީއެވެ.
****
ކޮޓަރި މެދުގައި ރޫޔާ ހުރީ ހުއްޓިގެންނެވެ. އަޖުވަދުގެ ހިނިތުންވުން ދެލޮލާ ހަމައަށް ފޯރައެވެ. ރޫޔާ ހުރީ އަޖުވަދުގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ތަނަވަސް ބޮޑު ކޮޓަރި ތެރެއިން ރޫޔާއަށް އެކަތި ދައްކާފައި އަނެކަތި ދައްކަމުން ދިޔައިރު އަޖުވަދު ހީވީ އުފަލުން އެހެން ކަމެއް ހެންނެވެ. ރޫޔާ ހިތަށް އެރިއެވެ. އެއީ ހަމަ އުފަން ބައްޕަ ހެއްޔެވެ؟ އެ ބައްޕަ އެހާ ލޯބިވާނަމަ ތުއްތު އިރު ބައްޕަގެ ލޯތްބާ ދުރަށް ފޮނުވާލީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ތުއްތު އިރުން ފެށިގެން އަންހެންކުއްޖަކު ފުރާވަރަށް އެޅޭއިރު އެ ދެމެދުގައި ލައްކަ ވަގުތުތަކެއް ހޭދަވެފައި އޮންނާނެތާއެވެ. އެ ހުރިހާ ދުވަހު މި ބައްޕަ ކޮބާ ހެއްޔެވެ؟ ބައްޕަ ފަދަ މުއްސަނދިންނާ ގިސާމަތު ފަދަ ނުފޫޒުގަދަ މީހުންނަކަށް މި ދުނިޔޭގައި ނުވާނެ ކަމެއް، ކުރަން އުނދަގޫކަމެއް ނޯންނާނެއެވެ. ވީއިރު އަހަރެންގެ ހާލު ބަލައިލަން ކޮބައިތޯ ބަލައިލަން މި ބައްޕަ ނޫޅުނީ ކީއްވެގެން ހެއްޔެވެ؟
"ދަރިފުޅު ބޭނުންކަމެއް މި ބައްޕަ ކައިރީގަ ބުނޭ" ރޫޔާ ސިހުނީ ކައިރިން އަޖުވަދުގެ އަޑު އިވުމުންނެވެ.
"ކީ... ކީކޭ...؟ ރޫޔާ ބުންޏެވެ.
އަޖުވަދު ރޫޔާގެ ދެ އަތްތިލައިގައި ހިފަހައްޓާލިއެވެ. ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ. ރޫޔާގެ ނިތުގައި ބޮސްދިނެވެ.
"ދަރިފުޅު ބައްޕައަށް މައާފު ކުރޭ. ބައްޕަ މިއީ ކުށްވެރިއެއް" އަޖުވަދު ބުންޏެވެ.
ރޫޔާ ބޭނުންވީ އަޑުގަދަކުރާށެވެ. އޭނާގެ މަޖުބޫރީ ހާލަތުގެ ފައިދާ ނެގުމުގައި އަޖުވަދުވެސް ބައިވެރިވެފައި ވީތީ ހަޅޭއްލަވާށެވެ. ތަންތަން ސުންނާފަތި ކުރާށެވެ. އެހެންނަމަވެސް އޭނާގެ ހިތުން އަޖުވަދަށްޓަކައި ގަދަރެއް ދެވިއްޖެއެވެ. ބައްޕައަށް ވީތީ އިހުތިރާމް ކުރެވިއްޖެއެވެ. ހިތުގައި ލޯބި އުފެދިއްޖެއެވެ.
"އަ...އަޅުގަނޑަށް މިހެން ހެދީ ކީއްވެ؟ ކީއްވެ މިތަނަށް އަޅުގަނޑު ގެނައީ. އަޅުގަނޑު އުޅުނީ އުފަލުން. ވަރަށް އުފަލުން" ރޫޔާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"ބައްޕައަށް ކެތްނުވީ. ދަރިފުޅު މިތަނަށް ގެނައީ ބައްޕައަށް ކުރެވުނު ކުށުގެ ކައްފާރާއަކަށް. ދަރިފުޅާ! ބައްޕަ އޭރު އެގޮތަށް ކަންތައް ކުރެވުނީ ހިތުގަ އެއްވެސް އީމާންތެރިކަމެއް ނެތުނީމަ. ބައްޕަގެ ލޯމަތީގައި ދަރިފުޅުގެ މަންމަ ތަހައްމަލުކުރި ވޭން ބަލަން ހިތަށް ކެތްނުވީމަ. ދަރިފުޅުގެ މަންމަ އެހާ ބަލިވީ ދަރިފުޅު ވިހޭ ފަހުން. ބައްޕައަށް އެކަމުގައި ކުށްވެރިކުރެވުނީ ދަރިފުޅު... ބައްޕައަށް މައާފުކޮށްފަ އެންމެފަހަރަކުވެސް ބައްޕާއޭ ކިޔާފަ ގޮވާލަބަލަ" އަޖުވަދު ރޮމުން ދިޔައެވެ.
އަޖުވަދުގެ އަތުތެރޭގައި އޮތް އަތް ރޫޔާ ދަމައިގަތެވެ. އޭނާ ކޮޅަށް ތެދުވެ އަޖުވަދާ ދުރަށް ޖެހުނެވެ. އަޖުވަދަށް ފުރަގަސްދީފައި ކޮޓަރީ ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑަށް ބަލައިލިއެވެ. އެއީ އޭނާގެ ހަގީގީ މައިންބަފައިންކަން ވަގުތުން އޭނާއަށް އެނގުނެވެ. އެހެނަސް އެ ފޮޓޯ އިން އޭނާގެ ހިތަށް މާބޮޑު އަސަރެއް ނުކުރިއެވެ. ހަގީގީ މައިންބަފައިންނަކީ އޭނާއަށް ބީރައްޓެހިން ފަދައެވެ.
"އަޅުގަނޑުގެ ބައްޕައެއް ހުރޭ. މުޅި އުމުރު ބުރަ މަސައްކަތްކޮށްގެން އަޅުގަނޑު މީހަކަށް ހަދައިދިނީ އެ ބައްޕަ. އަޅުގަނޑަށްޓަކައި ނުކުރަނީ ކޮންކަމެއް. އެންމެ ފަހު ވަގުތާ ހަމައަށް އަޅުގަނޑު ހިމާޔަތްކުރަން އެ ބައްޕަ މަސައްކަތްކުރި. އެންމެފަހުން މިގޭ އެ އަންހެންމީހާގެ ރޭވުމުން ބައްޕަ ޖެއްސީ ކޮން ހާލެއްގަ ކަމެއްވެސް ނޭނގޭ. އަޅުގަނޑުގެ އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް އެ ބައްޕަ ދެކެ ލޯބިވަން. ބައްޕަ ދެކެ އަޅުގަނޑު ހިތާއި ފުރާނައިން މިވާ މަތިވެރި ލޯބި އެހެން ބައްޕައަކަށް ބަހާނެގޮތެއް ނޭނގޭ" ރޫޔާ ވާހަކަދެއްކިއެވެ.
ރޫޔާގެ ވާހަކަތަކުން އަޖުވަދަށް ލިބުނީ އިތުރު އަނިޔާއެކެވެ. ލޮލުން ވެއްޓުނީ ކަރުނަ ތިއްކެކެވެ. އެހެންނަމަވެސް އެތެރެހަށި ލޭ ކަރުނުން ފުރިއްޖެއެވެ. ގިސްޖެހެމުން ދިޔަ ހާލުގައި އޭނާ އެ ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.
****
ދުވަހުގެ ހަބަރުތައް ބަލަން ބޮޑު ގޮނޑީގައި އިން ގިސާމަތު ބަލައިލީ އޭނާ ދާދި ކައިރީގައި ހުއްޓުނު ފަޒީލާ ފެނިފައެވެ. ފަޒީލާގެ އަތުގައި ގިސާމަތުގެ ކިރުތަށި ހުއްޓެވެ. ގިސާމަތު އިޝާރާތްކޮށްލި ތަނުގައި ކިރުތަށި ބަހައްޓާފައި ފަޒީލާ ނުގޮސް ހުރުމުން ފަޒީލާއަށް ފަރުވާކުޑަ ނަޒަރެއް ގިސާމަތު ދިނެވެ.
"ކިހިނެއްވީ؟" އޭނާގެ ރުންކުރު ރާގުގައި ގިސާމަތު އަހާލިއެވެ.
"ރޫ... ރޫޔާ....."
"ކޮން ރޫޔާއެއް. ހަނާން... ހަނާން ކިޔަން ޖެހޭނީ. މިގެއަކު ރޫޔާއެއް ނުހުންނާނެ" ގިސާމަތު ބުންޏެވެ.
"މައާފުކުރައްވާ... ހަނާން... ހަނާނަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ބޭނުންވޭ ބޭރަށް ގޮސްލަން" ފަޒީލާ ބުންޏެވެ.
"އެކަނި ފޮނުވައިގެން ނުވާނެ. ކޮބާ ޝައުން؟ ޝައުންއާ އެކު ފޮނުވާ. ދެން ދިޔަޔަސް އެންމެ ރަނގަޅު" ގިސާމަތު ބުންޏެވެ. ފަޒީލާއާ މާގިނަ ވާހަކަތަކެއް ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ.
"ކަލޭ ނުގޮސް ތި ހުންނަނީ ކޮން މޮޔައެއް ވެގެން" ގިސާމަތު ހަޅޭއްލަވައިގަތެވެ.
"އަޅުގަނޑަށް ފެންނަގޮތުގައި އަދި... އަދި ޝައުންއާ އެކު ހަނާން ބޭރަށް ފޮނުވާކަށް އެހާ ރަނގަޅެއް ނޫން ކަންނޭނގެ. އެހެން މިބުނީ އެ ދެކުދިން މެދުގައި އޮތް ބީރައްޓެހިކަން ވަރަށް ބޮޑު. ޝައުން ބޭނުމަސް ހަނާން ބޭނުމެއް ނުވޭ ޝައުންގެ އެކުވެރިކަމެއް. ބޭރު ތެރެއިން އެ މަންޖެ ހިތްހަމަނުޖެހި ޝައުންއަށް އެއްޗެއް ބުނެދާނެ. އޭރުން މަންޒަރު ފެންނާނީ ވަރަށް ހަޑިކޮށް. ޝައުން ވެސް ލަދުގަންނާނެ" ފަޒީލާ ވާހަކަދެއްކިއެވެ.
ގިސާމަތު ހުރީ ފަޒީލާއަށް ދެލޯ އަޅާލައިގެންނެވެ. އޭނާ އުންމީދުކުރި ވަރަށްވުރެ ބޮޑަށް ފަޒީލާ ވާހަކަދެއްކީތީ ހިތްހަމަނުޖެހިފައެވެ.
"އަހަރެންނާއި އަހަރެންގެ މާމަދަރިންގެ ދިރިއުޅުމުގެ އެއްވެސް ކަމަކަށް ކަލޭގެ ހިޔާލެއް ބޭނުމެއް ނުވޭ" ގިސާމަތު ބުންޏެވެ. ފަޒީލާ ރަކިވިއެވެ.
"މައާފުކުރައްވާ" ފަޒީލާ ބުންޏެވެ.
އިތުރަށް އެތަނުގައި ހުންނާކަށް ފަޒީލާ ބޭނުމެއް ނުވިއެވެ. ގިސާމަތު ކިޔާ އެއްޗިއްސާ ފެންނަ ބޮޑާކަމަށް ފަޒީލާ ކެތްތެރިވަނީ ވަރަށް ވަރުންނެވެ. އެއްޗެއް ބުނާނަމޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. ނުބުނެ އަދި ހުންނަނީ އެއްޗެއް ބުނަންޖެހޭ ވަގުތު އަދި ނާންނާތީއެވެ. އެވަގުތު ދެން ވަރަށް އަވަހަށް އަތުވެދާނެއެވެ.
"މަޑުކޮށްބަލަ" ދޮރުން ނިކުމެ، ނިކުމެ ހުރި ފަޒީލާ ހުއްޓި ފަހަތަށް ބަލައިލިއެވެ.
"ހަނާނު ގޮވައިގެން ކަލޭ ދޭ" ގިސާމަތު ބުންޏެވެ.
'ލައްބަ' އޭ ބުނެފައި ފަޒީލާ ނިކުމެ ދޮރު ލައްޕާލިއެވެ. އޭނާ ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލީ ދެނެވެ. އިސާހިތަކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ރޫޔާ ގޮވައިގެން ބޭރަށް ނިކުންނަން ބޭނުންވީ ހުދު އޭނާއެވެ. ބޭނުންވީ އޭނާ ހަދާފައިވާ ވަކީލުންގެ ލިސްޓުގެ ތަރުތީބުން މީހުންނާ ބައްދަލުކުރާށެވެ. ގިސާމަތަށް ނުވެސް އެނގި އެގޭތެރޭގައި އެތައް ކަމެއް ފަޒީލާ ރާވަމުން އެބަދެއެވެ.
****
ރޫޔާ ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. ސޯފާގައި ހުރިހާ މީހުން ތިއްބެވެ. ޝައުންގެ ނަޒަރު ރޫޔާ އިން ނުނެއްޓުނެވެ. އެހާ ފުރިހަމައަށް ރޫޔާ ތައްޔާރުވެގެން ހުއްޓައި ފެނުމުން އޭނާ އިނީ ތަލިން ކުޅު ހިކިފައެވެ. ގިސާމަތުވެސް އިނީ އާޝޯހުވެފައެވެ. ހުރި ހަމައެކަނި އަންހެން މާމަދރިފުޅު ޝާމޮނީއާ ތަފާތެއްވެސް ނެތެވެ. އަޖައިބެއް ފަދަ ރީތި ކަމެކެވެ. ހާއްސަކޮށް އެ ބޮޑު ދެލޮލެވެ. ޖަޒުބާތީ ވެވުނުވަރުން ގިސާމަތުގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެ ހުރިހާ ބެލުންތަކުން ރޫޔާއަށް ތަފާތު ފާހަގަކުރެވުނީ އަޖުވަދުގެ ބެލުމެވެ. އެ އިންސާނާގެ ޖަޒުބާތީ ބެލުންތައް ރޫޔާގެ ހިތް މިލްކުކޮށްފިއެވެ.
"ހަޅޭއްލަވައި ނުގަންނަނީސް އަހަރެން ކުރިމަތިން ދުރަށްދޭ" ރޫޔާ ވާހަކަދެއްކީ ކުރިމަތީގައި ހުއްޓުނު ޝައުންއަށް އެކަނި އިވޭވަރަށެވެ. ޝައުން ބޭނުންވީ ރޫޔާގެ އަތުގައި ހިފައިގެން އަންނާށެވެ. އެ ފުރުސަތު ރޫޔާ ޝައުންއަށް ނުދިނެވެ. އޭނާ ހިނިތުންވުމެއް ދިނީ އަޖުވަދަށެވެ. އެހެނީ ރޫޔާގެ މިޒާޖު އަޖުވަދަށް އެނގޭތީ އަޖުވަދު މާކުރިން ފިޔަވަޅު އެޅީއެވެ. ރޫޔާގެ ރުޅިގަނޑު ޝައުންއަށް ކަނޑާނުލަނީސް އޭނާ ރޫޔާއަށް އަތްދިއްކޮށްލިއެވެ. ރޫޔާ ހިފީ އަޖުވަދުގެ އަތުގައެވެ. އަޖުވަދު ރޫޔާ ގެނެސް ބެހެއްޓީ ގިސާމަތު އިން ގޮނޑި ކައިރީގައެވެ.
"ދަރިފުޅު ލާރިއެއް ބޭނުންތަ؟" ގިސާމަތު އެހިއެވެ.
"ފަޒިއްތާ... ފަޒިއްތަ ކޮބާތަ؟" ގިސާމަތަށް ރޫޔާ ސަމާލުކަން ނުދިނީ ހަމަ ގަސްތުގައެވެ.
"އިހަށް އިށީނދެބަލަ ދަރިފުޅު. ފަޒިއްތަ އަންނާނެ އިރުކޮޅަކުން" އަޖުވަދު ބުންޏެވެ. ހިނިތުންވެލާފައި ރޫޔާ އިށީނީ އަޖުވަދު ކައިރީގައެވެ.
"ކޮންއިރަކުން އަހަރެމެން ވެޑިން ޝޮޕިން ކުރަން ދާނީ" ޝައުން އަހާލިއެވެ.
ރޫޔާގެ ނުރުހުންވެފައިވި މޫނު ޝައުންއަށް އަމާޒުވިއެވެ. ބޭކާރު މީހުން ދައްކާ ވާހަކަ އަހަން ޝައުގުވެރިކަމެއް ނެތް ފަދައިން ރޫޔާ ފެށީ އޭނާގެ އަތުކުރީގައި އޮތް ގަޑިއާ ކުޅޭށެވެ.
"މާމަ ބުނީ ދަރިފުޅު ބޭނުންވޭހޭ އެއްވެސް ވަރަކަށް ލާރިއެއް. ހެޔޮ ކިތަންމެ ބައިވަރެއް ގެންދިޔަޔަސް. ދަރިފުޅު ބޭނުން އެއްޗެއް ގަނެގެން އާދޭ" ގިސާމަތު ވާހަކަދެއްކިއެވެ.
"މިދަނީ. އެ އައީ ފަޒިއްތަ" ލޮލުކޮޅަށް ފަޒީލާ ފެނުމާއެކު ރޫޔާ ތެދުވެއްޖެއެވެ. ގިސާމަތު އެތާ އިން މީހެކޭ ރޫޔާ ހީނުކުރިއެވެ. އޭނާ ވާހަކަނުދެއްކީ ހަމަ ގަސްތުގައެވެ. ގިސާމަތު ރަކިވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އޭނާ ހިޔާރުކުރީ ހިމޭންކަމެވެ. ޒުވާން މާމަ ދަރިފުޅަށް އަބަދު އަޑުލުން ރަނގަޅު ނޫންކަން އޭނާއަށް ވިސްނުނީއެވެ.
ދޮރާ ހަމަވެފައި ރޫޔާ ފަހަތް ބަލައިލިއެވެ. އަޖުވަދު އިނީ ބަލަހައްޓައިގެންނެވެ. ރޫޔާ އަޖުވަދަށް ހީލިއެވެ. އަދި އޭނާ ދާ ވާހަކަ ބުނެލިއެވެ.
"ދިޔުމުގެ ކުރިން އެއް ވާހަކަ ބުނެލަން. އަޅުގަނޑު ބޭނުންކޮށްފަ ބާކީ ވާވަރަށް އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ ނަމުގަ ހުޅުވާފަ އޮތް އެކައުންޓަކަށް ފައިސާ ޖަމާކޮށްދެމުން ދަނީ. އެ ފައިސާ ނޫނީ އެހެން ފައިސާއެއް އަޅުގަނޑު ބޭނުމެއް ނޫން" ރޫޔާ ވާހަކަދެއްކިއެވެ.
ގިސާމަތު ކައިރިއަށް ރުޅިއައެވެ. އުމުރުން ދުވަސްވެފައި ހުއްޓަސް ރޫޔާ ހުރި ދިމާލަށް ގިސާމަތު އައިލެއް ނިކަން އަވަހެވެ. ރޫޔާ ހެދީ މާމޮޅު ގޮތެކެވެ. ގިސާމަތުގެ މޫނަށް ދޮރުޖަހާފައި ފަޒީލާގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތެވެ. ގިސާމަތު ހިތްހަމަނުޖެހިފައި ބަލައިލީ އަޖުވަދަށެވެ.
"އަހަރެންނަށް މޮޅެއް ނުވިއެއްނު. ހަނާން އަހަރެންނަށް ކޮން ނަފްރަތެއް ކުރާކަށް" ގިސާމަތު ބުންޏެވެ. އައިސްފައިވާ ރުޅިއާ އެއްވަރަށް އޭނާ ދެރަވެސް ވެއްޖެއެވެ. އަޖުވަދު އައިސް ގިސާމަތު ކައިރީގައި ހުއްޓުނެވެ. މަންމަ ދެރަވެފައި ހުއްޓައި ފެނުމުން އޭނާވެސް ދެރަވެއްޖެއެވެ. އޭނާ ގިސާމަތުގެ ކޮނޑުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ގަޔާ ކައިރިކޮށްލައިގެން ގޮނޑިއާ ދިމާލަށް ހިނގައިގަތެވެ.
"މަންމާ، ހަނާން އެއީ ކުޑަކުއްޖެއް ނޫން. ކުޑަކުއްޖެއްނަމަ މީރު ކާއެއްޗެއް ދީގެން ނުވަތަ ކުޅޭ އެއްޗެއް ދީގެން ހައްލާލެވުނީސް. މިހާރު އެހެރީ ބޮޑުވެފަ. އޭނާގެ އަމިއްލަ ކަންކަން އަމިއްލައަށް ނިންމޭވަރަށް އުމުރުވެފަ. މިހާރު އަޅުގަނޑުމެން އޭނާ ގެނެސްގެން މަޖުބޫރުން ކަންތައް ކުރިޔަސް ހަގީގަތުގަ އަޅުގަނޑުމެން ޖެހޭނެ ކެތްތެރިވާން. ހަނާންގެ ހިތް ހާސިލުކުރުމަކީ އަޅުގަނޑުމެންގެ އެކަކަށްވެސް ފަސޭހަކަމެއް ނޫން. އެހެންވީމަ ހުރިހާ ކަމަކަށް އަވަސް އަރުވާލުމުގެ ކުރިން މަޑުމަޑުން ކުރިއަށްދާން ހިނގާ. އެ މަންޖެއަށް ކޮންމެ ކަމެއް ލޯތްބާ އޯގާތެރިކަމާއެކު ކޮށްދޭން ހިނގާ. ކޮންމެ ކަމަކަށް ބާރުގެ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑަށް ނުފެނޭ" އަޖުވަދު ވާހަކަދެއްކިއެވެ.
މަންމަގެ އެއްވެސް ކަމަކަށް އޭނާގެ ހިޔާލެއް ބޭނުންނުވާނެކަން އެނގޭ އިރުވެސް ކަންތައް އޮތްގޮތަށް މަންމައަށް ބުނެދޭން މިފަހަރު އޭނާ ފަސްނުޖެހުނެވެ. އެހެނީ ރޫޔާގެ ކޮންމެ ކަމަކީ އެ މަންމައަށް ވުރެ ބޮޑަށް އޭނާއާ ގުޅިފައިވާ ކަމެކެވެ.
****
އެތައް ދުވަހެއް ފަހުން ގުދުރަތީ ވައި ލިބޭ ހިސާބަކަށް އާދެވުމުން ރޫޔާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މާލޭގެ ހަލަބޮލި މަގުތަކުން ހިތް ނުތަނަވަސްކަމެއް ލިބުނަސް ހިތަށް ލިބުނު އަރާމު މާބޮޑެވެ. ހިނދުކޮޅަކަށް އޭނާ ތަހައްމަލު ކުރަމުންދާ ހިތްދަތިކަން ހަނދާނުން ފޮހެވުނެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް ބައްދަލުކުރި ވަކީލުންގެ ފަރާތުން ލިބުނު ޔަގީންކަން އޭނާއަށް ފުދުނެވެ.
ވެއިޓަރުން ގެނެސް ބެހެއްޓި ޗޮކްލެޓް މިލްކުޝޭކް ތައްޓަށް ބަލަހައްޓައިގެން ރޫޔާ އިނީ ހެވިފައެވެ. ރޫޔާގެ މޫނުމަތި އުޖާލާވެފައިވާ މިންވަރު ފެނި ފަޒީލާ ވެސް އިނީ ހަމަޖެހިފައެވެ. ކޮންމެ ރެއަކުވެސް ރޫޔާ ގޮވައިގެން ގެއިން ބޭރަށް ނިކުމެވޭނެނަމައޭ އޭނާ ހިތަށް އެރިއެވެ.
"ފަޒިއްތައަށް ކިހިނެއް ހީވަނީ؟ މިކަން ކާމިޔާބުވާނެތަ؟" ރޫޔާ އެހިއެވެ.
"ޔަގީންކުރަންވާނީ ކާމިޔާބުވާނެ ކަމަށް. އުންމީދު ކަނޑާލައިގެން ނުވާނެއްނު. މިހާރުވެސް ނުދެވޭ ހިސާބަކަށް މިދެވުނީ" ފަޒީލާ ބުންޏެވެ.
"މިއީ ވަރަށް ބޮޑު ގޯހެއް. މާމައަށް ވިޔަސް އެއީ ބޮޑުވަރު. އެހާ ނުލަފާވާކަށް ނުވާނެ. ހުރިހާ ކަމަކަށް ނުފޫޒު ފޯރުވާއިރު މިނޫން ދުވަހެއް އޮތްކަން ހަނދާނެއް ނުވޭ. ތި ތަނުގަ ހުންނާކަށްވެސް އަޅުގަނޑު ބޭނުމެއް ނުވޭ. ހިތަށް އަރަނީ ކިހާ އަވަހަކަށްބާއޭ މަންމަ އާއި ބައްޕަ ކައިރިއަށް ދެވޭނީ" ރޫޔާ ވާހަކަދެއްކިއެވެ.
"ދަރިފުޅުމެންނަށް އަދި ނޭނގޭނެ. ތިގޭތެރޭގަ ވަރަށް ބޮޑެތި ސިއްރުތައް އެބަހުރި. ހުދު އަޖުވަދަށް ނޭނގޭ ކަންކަން ފަޒިއްތައަށް އެނގޭ. ގިސާމަތު ކިތައްފަހަރު ފަޒިއްތައަށް މަރުގެ އިންޒާރުދޭނީ. އެ އިންޒާރުތަކަށް ފަޒިއްތަގެ ކަންފަތް މިހާރު ހޭނިއްޖެ" ފަޒީލާ ވާހަކަދެއްކިއެވެ.
"ފަހުން ބައްދަލުކުރި ވަކީލަށް ކިޔަނީ އަރުހަމް ދޯ. ވަރަށް ޒުވާން ވަކީލެއް. އެކަމަކު ޝަހްސިއްޔަތުގެ ވެރިއެއް. އޭނާ ބުންޏެއްނު ހެކި ބޭނުންވާނެއޭ. ވަރަށް ބާރުގަދަ ހެކި ބޭނުންވާނެއޭ. ކޮންތާކުން ބާރުގަދަ ހެކި ހޯދާނީ. އަނެއްކޮޅުން މާމަގަނޑަށް މިކަން އެނގުނިއްޔާ ދެންވާނީ ކިހިނެއް؟" ރޫޔާ ވާހަކަދެއްކިއެވެ.
"ޕޮޒިޓިވްކޮށް ވިސްނާ ދަރިފުޅާ. މިކަން ދެން ކުރިއަށް ދާނީ ވަރަށް ބާރަށް. ގިސާމަތަށް މިކަން ފަޅާ އެރިޔަސް މި ބައްދަލުކުރި ވަކީލުން ކިހާ ޔަގީންކަންދިން. އިރާދަކުރެއްވިއްޔާ މި ހިސާބުން އެއްކަމެއްވެސް ގޯހުން ނުދާނެ. ހެކި ހޯދުމަކީ ފަޒިއްތަގެ ކަމެއް. އެކަމާ ދަރިފުޅު ނުވިސްނާ" ފަޒީލާ ވާހަކަދެއްކިއެވެ.
ރޫޔާ ހިނިތުންވެލިއެވެ. ފަޒީލާގެ މޫނަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ދެލޮލުން އުންމީދީ ކުލަވަރު ފާޅުވަމުން ދިޔައެވެ. މަގުސަދު ހާސިލުވާނޭ ވަގުތަކަށް ކެތްތެރިކަމެއްނެތި އޭނާގެ ހިތް އިންތިޒާރުކުރަމުން ދިޔައެވެ.
****
ރޭގަނޑު އެގާރައިގެ ފަހުގެ ވަގުތެކެވެ. ފެންވަރައިގެން ނިކުމެ ނިދަން އުޅުނު ވަގުތު ދޮރުގައި މަޑުމަޑުން ޓަކިޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވަން ދާން އުޅެފައިވެސް ރޫޔާ މަޑުޖެހުނެވެ. އެއީ ޝައުންއަށް ވެސް ވެދާނެއެވެ. ދެ ވިސްނުމެއްގައި ހުރެފައި އޭނާ ދޮރާ ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
"ކާކު...؟" ދޮރާ އަދިވެސް ގާތަށް އަނގަ ކައިރިކޮށްލާފައި ރޫޔާ އެހިއެވެ.
"ބައްޕަ... ދަރިފުޅު ބިޒީތަ؟" ރޫޔާ ހައިރާންވިއެވެ. ރޭގަނޑުގެ އެވަގުތު އަޖުވަދު އައީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ބިޒީއޭ ބުނެ އަޖުވަދު ފޮނުވާލާކަށް ރޫޔާއަށް ނުކެރުނެވެ. އޭނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަޖުވަދުވެސް ހުރީ ނިދާ ހެދުމުގައެވެ. އެހެން ފަހަރުތަކާ ހިލާފަށް އަޖުވަދުގެ މޫޑު ރަނގަޅުހެން ހީވެއެވެ.
"ބައްޕައަށް ހީވި ދަރިފުޅު އަދި ނުނިދާނޭ..." ރޫޔާ ބަހެއް ނުކިޔައި ހުރުމުން އަޖުވަދު އިތުރަށް ރޫޔާއާ ކައިރިވެލިއެވެ.
"ބައްޕަ ދެކެ ރުޅިއައިސްފަ ދޯ" އަޖުވަދު ބުންޏެވެ. ރޫޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.
"އެހެންވިއްޔާ އެތެރެއަށް ވަންނަން ނުބުނެ ތި ހުންނަނީ ކީއްވެ؟" އަޖުވަދު ބުންޏެވެ.
ރޫޔާ ހަނދާންވީ ދެނެވެ. އޭނާ އެތެރެއަށް ވަންނާށޭ ބުންޏެވެ. އިށީންނަންވީ ސޯފާ ދެއްކިއެވެ.
"ބައްޕަ ނިދުމުގެ ކުރިން ދަރިފުޅުގެ ތި މޫނު ދެކިލާހިތުން" އަޖުވަދު ބުންޏެވެ.
ރޫޔާއަށް ޖަޒުބާތީވެވެން އުޅުނެވެ. އިންސާނަކު ތުއްތުއިރު މައިންބަފައިންގެ ލޯބި އެންމެ ބޭނުންވިއިރު ދުރުކޮށްލާފައި މިހާރު ދަރިފުޅު ބޮޑުވެ ފުރާ ފުރިހަމަވެފައި ހުރިތަން ފެނުމުން ކޮން ލޯތްބެއް ހެއްޔެވެ؟ އެހެން ބުނަން ރޫޔާ ހިތަށް އެރިއެވެ. އެހެންނަމަވެސް އަޖުވަދު ދެރަކޮށްލަން ބޭނުންނުވާތީ އެއްޗެއް ނުބުނެ އިނެވެ. ބުނަން ބޭނުންވި އެތައް ވާހަކަތަކަކާއި ޝަކުވާތަކެއް އަނގައިގެ އެތެރޭގައި ހައްޔަރުކޮށްގެންނެވެ.
"ނިދަން އުޅެނިކޮށް ތިއައީ" ރޫޔާ ބުންޏެވެ.
"ދަރިފުޅު އެއްވެސް ކަމެއް އޮޅުންފިލުވަން ބޭނުންވާނަމަ ބައްޕަ ކައިރީގަ އަހާ. ކިޔައިދޭނަން. އެއްވެސް ދޮގެއް އޮޅުވާލުމެއް ނޯންނާނެ" އަޖުވަދު ބުންޏެވެ.
ރޫޔާ ދެލޯ ބޮޑުވިއެވެ. ހޭވައްލާ ތައްޔާރެވެ. އަވަހަށް އަހަންވީއެވެ. ދެފައި އެނދަށް އަރުވާފައި ރީއްޗަށް ހަމަޖެހިލީ އެ ވާހަކަތައް އަހަން ކަމަށެވެ. އެހެންނަމަވެސް އޭގެކުރިން މަންމަ އާއި ފަޒިއްތަގެ ހިޔާލެއް ބޭނުންވާނެތީ އޭނާ އެ ވާހަކަ އަހަން ފަސްކުރިއެވެ.
"ވަރަށް ބައިވަރު ކަންކަން އޮޅުންފިލުވަން އެބަހުރި. ވަރަށް ބައިވަރު ޝަކުވާ އެބަހުރި. އެކަމަކު މި ވަގުތުގައެއް ނޫން. މާދަމާ" ރޫޔާ ބުންޏެވެ.
ހިނިތުންވެލާފައި ރޫޔާގެ އިސްތަށިގަނޑުގައި އަޖުވަދު ފިރުމާލިއެވެ. ރޭގަނޑުގެ ފަހު ސަލާން ރޫޔާގެ ނިތަށް ދިން ބޮސްދިނުމަކުން ނިންމާލާފައި އޭނާ ކޮޓަރިން ނިކުތެވެ.
އަޖުވަދު ނިކުތުމާއެކު ރޫޔާ ކޮޓަރި ތަޅުލިއެވެ. އެނދުގައި އައިސް އިށީންއިރު ރޫޔާގެ ހިތުގައި ރިހެމުން ދިޔައެވެ. އަޖުވަދުގެ ވާހަކަތައް ހުންނަގޮތުން އޭނާ ދެރަވަނީއެވެ. އަޖުވަދު ކުރިމަތީގައި އައިސް ހުއްޓޭ ކޮންމެފަހަރަކު އޭނާއަށް ހީވަނީ ބައްޕަ އައިސް ހުއްޓޭ ހެންނެވެ. އެފަދަ އޯގާތެރިކަމާއި ލޯބި އޭނާ ބޭނުންވަނީ ހަމައެކަނި އޭނާގެ ބައްޕަގެ ފަރާތުންނެވެ. އެއީ އޭނާގެ ހީރޯއެވެ. ދެރައީ ދިރިއުޅުމުގައި އުފަލުން މާބުރެއްހެން އުދުހެމުން ދަނިކޮށް ނުބައި ހައިވާނެއްގެ ވަކިތަކުގެ ދަށުވެ އަނދަވަޅަކަށް އޭނާ ވެއްޓުނު ވަގުތު އޭނާ ސަލާމަތްކުރަން ހީރޯ ނެތްކަމެވެ.
****
ފަތިސްނަމާދުކޮށް ނިމިގެން ރޫޔާ ބެލްކަންޏަށް ނިކުމެލިއެވެ. ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ. މޫސުން ނަލަ ޗާލު ދުވަހެއްގެ ފެށުމެވެ. އާ އުންމީދުތަކާއެކު ރޫޔާގެ ހިތުން އިތުރަށް ހިތްވަރުގަދަކޮށްލިއެވެ. މިއަދު އަރާ އިރުވެސް އޮއްސިގެންދާނީ އޭނާ ކާމިޔާބީއާ ގާތަށް އިތުރު ހަރުފަތެއް ކުރިއަށް ޖައްސާފައެވެ. ކުއްލިއަކަށް ރޫޔާގެ އުފާވެރި ހިނިތުންވުން ފަނޑުވާން އުޅުނެވެ. ރޭ ފަހުވަގުތު މަންމަ ގުޅައިގެން ދެއްކި ވާހަކަތައް ހަނދާންވެފައެވެ. މަންމަ އެދުނީ އަޖުވަދާ އިތުރަށް ގާތްވުމަށެވެ. އަންހެންދަރިފުޅުގެ ލޯބިން އަޖުވަދުގެ މުޅި ދިރިއުޅުން ބަދަލުކުރުމަށެވެ. ގިސާމަތުގެ ނުބައި ރޭވުންތަކުގެ ހިއްސާދާރުކަމުން އަޖުވަދު ދުރުކުރުމަށެވެ. އަންހެންދަރިއެއްގެ ހައިސިއްޔަތުން ބައްޕައަށް ވިސްނައިދިނުމަށެވެ. މާމަ ކަންތައްކުރާ ގޮތް އެއީ ފާފައެއްކަން ބައްޕައަށް ބުނެދިނުމަށެވެ. މަޑުމަޑުން ބާޒީ ރޫޔާގެ ކޮޅަށް އަނބުރާލުމަށެވެ. ޝައުންގެ ކައިވެންޏަށްވެސް އާ ބަސް ބުނުމަށެވެ. ރޫޔާގެ މުށުތެރެއަށް ޝައުން ގެނައުމަށެވެ. އިސާހިތަކު ހައްގު އަދަބު ގިސާމަތަށް ދިނުމަށްޓަކައި އަޖުވަދާއި ޝައުން ރޫޔާގެ ކޮޅަށް އަރައިފާނެއެވެ. ރޫޔާ ދެރަވެ ހިތުގައި ޖެހުނެވެ. މަންމަ ދެއްކި ވާހަކަތައް އޭނާ ގަބޫލުކުރިއެވެ. މިއަދު އެނޫންގޮތެއް އޭނާއަށް ނެތުނީމައެވެ. ޝައުންއާ އެއްގަލަކަށް އެރުމަކީ ދުވަހަކުވެސް އޭނާ ކުރަން ބޭނުންކަމެއް ނޫނަސް މިއަދު ޖެހުނީ މުޅި ދިރިއުޅުން ޝައުންއާ ހަވާލުކުރާށެވެ. އެކަމަށް ކައިވެނިކުރުން މުހިންމު ކަމުގައި މަންމަ ބުނެފިއެވެ.
ރޫޔާ ފުންނޭވައެއް ދޫކޮށްލިއެވެ. ނިހާން ކައިރީގައި ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އޭރުގައި ދެއްކި ފޮނިފޮނި ވާހަކަތަކާއި ދެމީހުން ދެކުނު ފޮނި ހުވަފެންތައް ނިހާން ހަނދާން ނައްތާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުރާނެކަމެއް ނެތެވެ. ދުނިޔޭގައި ހުރީތީ މި ދުވަސް ވެސް ދެކެން ޖެހިއްޖެއެވެ. ހިތް ހަލާކުވުމާއި ހިތް ނުތަނަވަސްވުމެވެ. ﷲ އިރާދަކުރެއްވިއްޔާ މާދަމާ އޮތީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. މަންމަ އާއި ބައްޕައާ އެކުގައެވެ.
****
ކިރުތަށި ހިފައިގެން އިން ގިސާމަތު އަޑުހަރުކޮށް ސިޑިން އަރަންދިޔަ އީނާއަށް ގޮވާލިއެވެ. އޭނާގެ ހުއްދަނެތި އީނާއަށް އެ ހިސާބަށް ދެވިގެން ނުވާނެއެވެ.
"ކަލޭ ތިހުރީ މޮޔަވެފަތަ؟ ކާކު ކަލެއަށް ހުއްދަ ދިނީ ތި ހިސާބަށް ދާން" ގިސާމަތު އަޑުހަރުކޮށް ބުންޏެވެ. ލަދުގަތްވަރުން އީނާ އިސްޖަހާލިއެވެ. ރޫޔާ ބުންޏަސް އިތުރަށް ކުރިއަށް ދާން އޭނާއަށް ނުކެރުނެވެ.
"ހަމަ މިހާރު ތިތަނުން ދުރަށް ދޭ" ގިސާމަތު ބުންޏެވެ. އީނާ އެނބުރީ އައިކޮޅަށް ދާށެވެ. އެހެންނަމަވެސް ސިޑިމަތިން ދުވެލާފައި ތިރިއަށް ފޭބި ރޫޔާ އައިސް އީނާގެ އަތުގައި ހިފެހެއްޓިއެވެ.
"މިއީ އަހަރެންގެވެސް ގެއެއް. މިގެއަށް އަހަރެންނަށް ބާރު އޮތީތީ އަހަރެން ގެނެސްފަ މިހުރީ. ފަޒިއްތައާ ފަޒިއްތަގެ ދަރިން ފަދަ ކުދިންނަށް މިގެއަށް ނުވަދެވޭނެ އެއްވެސް ތަނެއް އޮވެގެން ނުވާނެ. މީގެފަހުން އީނާ ކީއްކުރަން. އެބައިގަ އުޅޭ އެއްވެސް މީހަކަށް އެއްޗެއް ބުނެފިއްޔާ އަހަރެން ކަންތައްކުރާނެ ގޮތެއް އެނގޭނީ އަހަންނަށް" ރޫޔާ ވާހަކަދެއްކިއެވެ.
ދާން ނުދާން ހުރެފައިވެސް އީނާ ރޫޔާއާ އެކު ހިނގައިގަތެވެ. ޖެހި ބުދެއްހެން ގިސާމަތު ހުއްޓެވެ.
(ނުނިމޭ)