ވާހަކަ

ނުފޫޒަކުން - 28

"ކީކޭ ތި ކިޔަނީ" ރޫޔާގެ މޫނުގައި ފަޒީލާ ފިރުމާލިއެވެ. "ހިނގާބަލަ އިށީނދެލަން"

ރޫޔާ ގޮވައިގެން އައިސް އެނދުގައި ފަޒީލާ އިށީނެވެ. ރޫޔާ ވާހަކަދައްކަން ފުރުސަތު ދިނެވެ.

"މިގޭ އަންހެންމީހާގެ ރޭވުން މިހާރު ފަހުމުވާން ފަށައިފި. އެކަމަކު އޭނައަށް އެކަން ކާމިޔާބުވިޔަ ނުދޭނަން. އަޅުގަނޑަށް ކުރެވުނުހާ ޖެއްސުމެއް ކުރާނަން" ރޫޔާ ބުންޏެވެ.

ފަޒީލާ ދެރަވިއެވެ. ރޫޔާ ފަދަ މައުސޫމު އަންހެންކުއްޖެއްގެ އެފަދަ ރުޅިގަނޑެއް ހުރެގެނެއް ނުވާނެއެވެ. އެހެންނަމަވެސް ރޫޔާގެ މަގާމުގައި ރޫޔާ ގޯހެއް ނޫނެވެ. ގިސާމަތު ފަދަ ވިހަގަދަ ހަރުފައެއްގެ އަތްދަށުގައި މީހަކު ޖެހިއްޖެނަމަ މި ދުނިޔެއިން އޯގާތެރިންނާ ހެޔޮލަފާ މީހުން ނެތިގެން ހިނގައިދާނެއެވެ.

"ޝައުން ކުރިން ދިމާކުރި ދޯ" ފަޒީލާ އަހާލިއެވެ.

ރޫޔާ ފަޒީލާގެ މޫނަށް ބަލައިލިއެވެ. ދެން ލަސްލަހުން ބޯޖަހާލިއެވެ.

"އެއީ ރަނގަޅު މީހެއް ނޫން. އަޅުގަނޑު އޭނާއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން. އަޅުގަނޑަށް ރަނގަޅީ އަޅުގަނޑު ހުންނަ ތަންތަނަށް އޭނާ ނައިއްޔާ" ރޫޔާ ބުންޏެވެ.

ރޫޔާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި ފަޒީލާގެ ހިތް ހަމްދަރުދީން ފުރުނެވެ. އޭނާ ރޫޔާ އޭނާގެ މެއާ ގާތްކޮށްލިއެވެ. މަޑުމަޑުން ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

މިފަހަރު ނުރޯން ރޫޔާ ހިތްވަރު ކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އޮތް ރުޅިވެރިކަން ހާމަކުރިއެވެ.

"ދުވަހަކުވެސް މައާފެއް ނުކުރާނަން. އެއީ އަޅުގަނޑުގެ އަދާވާތްތެރީން" ރޫޔާ ބުނަމުން ދިޔައެވެ.

ފަޒީލާ ކަންބޮޑުވެފައި އިނެވެ. ރޫޔާއަށް ފަހުމުނުވިޔަސް ގިސާމަތުގެ ބޭނުމަކީ ކޮބައިކަން ފަޒީލާއަށް އެނގެއެވެ. އޭނާއަށް ކަންބޮޑުވެވެނީ އެހެންވެއެވެ. ރޫޔާ ކަރުނަތަކަށް ނިމުމެއް ގެނެސްގެން އޭނާ އިނަސް އެ ކަރުނަތައް ހުއްޓާކަށް ގިސާމަތު ތަނެއް ނުދޭނެއެވެ. އެގޭތެރޭގައި ރޫޔާގެ ދިރިއުޅުން ގިސާމަތު އެވަނީ ކޮންޓްރޯލްކޮށްފައެވެ. ފަޒީލާ ރޫޔާއަށްޓަކައި ހިތާހިތުން ދުއާ ކޮށްލިއެވެ.

"މިއީ މަންމަ ދިން ފަޒިއްތައަށް" ބާލީސް ދަށުގައި އޮތް ސިޓީއުރަ ނަގާފައި ފަޒީލާއަށް ދިއްކޮށްލަމުން ރޫޔާ ބުންޏެވެ.

"ފާހާނާއަށް ވަދެލާފަ މިދަނީ ކޮފީ ބޯން" އެނދުން ތެދުވަމުން ރޫޔާ ބުންޏެވެ.

****

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ފަޒީލާ އެނދުގައި އިށީނެވެ. އެންމެ ގާތް އެކުވެރިއެއްގެ މަގާމުގައި ހުރި ހަންނާ އޭނާއަށް ލިޔެފައިވާ ސިޓީ ހުޅުވާލިއެވެ. ސިޓީ ކިޔަމުން ދިޔައިރު ފަޒީލާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފަން ދަރިއެއް ނޫނަސް މައެއްގެ ހިތުގައި ދަރިއަކަށްޓަކައި އޮތް ލޯބި އެ ސިޓީގައި ބަޔާންކޮށްފައިވާ ކޮންމެ އަކުރެއްގައި، ކޮންމެ ޖުމްލައެއްގައި ވިއެވެ. ފަޒީލާއަށް ހީވީ އެ އަސަރުވެރި ވާހަކަތައް ކައިރީގައި އިނދެގެން ހަންނާގެ ދުލުން ކިޔައިދެމުން ދިޔަހެންނެވެ. ހަންނާ އެދިފައި އޮތީ ދެލޯ ނޭދި އެދޭ ދަރިފުޅާ ބައްދަލުވާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގޭ ކަމަށެވެ. އެކަލާނގެ އިރާދަފުޅުގައި ބައްދަލުވުން ލިޔެފައިވާނަމަ އެހާތަނަށް އެ ދަރިފުޅުގެ މައެއްގެ މަގާމުގައި ހުރެ ދިނުމަށެވެ. ގިސާމަތުގެ ޖިސްމާނީ އަނިޔާތަކުން ރޫޔާ ސަލާމަތްކޮށްދިނުމަށެވެ. ހިޔަނިހެން ރޫޔާގެ ގާތުގައި ހުރެދިނުމަށެވެ. ރޫޔާއަށް އޯގާތެރިވެ ދިނުމަށެވެ. ދީނީ ކަންކަމަށް ރޫޔާއަށް ބާރުއަޅައި ހެޔޮ ކަންކަން ވިސްނައިދިނުމަށެވެ.

ސިޓީގެ ތިރީގައި އޭނާއަށް ގުޅޭނެ ނަންބަރެއް ލިޔެލާފައި އޮތެވެ. ކަބަޑު މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން އައިސް އެ ނަންބަރަށް ފަޒީލާ ގުޅާލިއެވެ. އެތައް ދުވަސްތަކަކަށްފަހު އެކުވެރިޔާގެ އަޑު ކަންފަތުގައި ޖެހުމާއެކު ފަޒީލާއަށް ރޮވުނެވެ. ހިތަށް ވެރިވެގަތީ ހުރިހާ އިހުސާސްތަކެއް އެއްފަހަރާއެވެ. ހަންނާއަށް ފަޒީލާ ކަން އެނގުނީ އަޑު ޖެހުމުންނެވެ. އެވަގުތު ފަޒީލާ ހުރިހާ ސުވާލުތަކެއް ހަންނާއާ ކުރިއެވެ. އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހަންނާ ދިނެވެ. އޭނާ ހުރި ތަނާއި ހާލަތެވެ. އެތައް ވާހަކަތަކެއް ދެއްކުމަށްފަހު ފަޒީލާ ވައުދުވިއެވެ. ހަންނާ އެނބުރި އަންނާނެ ދުވަހާ ހަމައަށް ރޫޔާއާ ހަވާލުވުމަށެވެ.

****

މާމަގެ ކޮޓަރީ ދޮރު ޝައުން މަޑުމަޑުން ހުޅުވާލިއެވެ. އަތު ފަންކާއަކުން މޫނަށް ވައިޖެއްސުމުގައި ގިސާމަތު އިނީ ދެލޯ މަރާލައިގެންނެވެ. މިއީ އޭނާ އަރާމުކުރާ ވަގުތެވެ. އެތެރެއަށް ނުވަދެ ޝައުން މާމައަށް ގޮވާލިއެވެ.

"ޝައުން... އާދޭ އެތެރެއަށް" ގިސާމަތު ބުންޏެވެ.

އަތު ފަންކާ މޭޒުމަތީގައި ބާއްވާފައި މާމަ ދަރިފުޅު އިށީންނަންވީ ތަން އޭނާ ދެއްކިއެވެ.

"މާމާ! ކޮންއިރަކުން އަޅުގަނޑުގެ ކައިވެނި؟"

"ވަރަށް އަވަހަށް. ހަނާން ގަބޫލުނުވިޔަސް ވިޔަސް މިކަން މާމަ ކުރާނަން" ގިސާމަތު ބުންޏެވެ.

"މާމާ، ހަނާނެއް ނޫން. އެއީ ރޫޔާ..." ޝައުން ބުންޏެވެ.

"އޭނާގެ ނަމަކީ ހަނާން. އެއީ ޝާމޮނީގެ މާމަގެ ނަން. އެ ނަން އޭނާއަށް ކިޔަން އަހަރެން ފުރަތަމަ ދެކޮޅުވިން. ފަހުން އަހަރެން ގަބޫލުވީ އަޖުވަދު އާދޭސްކުރީމަ" ގިސާމަތު ވާހަކަދެއްކިއެވެ.

"އަޅުގަނޑު ކިޔާނީ ރޫޔާ. އެއީ އަޅުގަނޑަށް އޭނާ ފެނި ދަސްވެފައިވަނީ ރޫޔާގެ ނަމުން."

"އެ މަންޖެ ގެންގޮސްގެން ނަމާ ހުރިހާ އެއްޗެއް ބަދަލުކުރިޔަސް އެއީ މިގޭ ކުއްޖެއް ނޫން ކަމަކަށް ނުވާނެ. އެހެރީ ހޯދާފަ. މިހާރު ތިބޭނީ ވަރަށް ރަނގަޅު ފިލާވަޅެއް ލިބިފަ"" ބޮޑާ ކަމުގައި ގިސާމަތު ވާހަކަދެއްކިއެވެ.

"މާމާ، ކައިވެނިކުރަން ބޭނުން. އެކަމަކު އެއްވެސް މީހަކަށް ދެރައެއް ދީފައެއް ނޫން. ވަރަށް ލޯބިވޭ ރޫޔާ ދެކެ. ރޫޔާ ދެރަވާގޮތަށް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން" ޝައުން ވާހަކަދެއްކިއެވެ.

ގިސާމަތު ހައިރާންކަމާއެކު ޝައުނއަށް ބަލައިލިއެވެ. ޝައުންގެ ވާހަކަތައް އެ ހުރީކީ އޭނާ ގަޔާވާ ގޮތަކަށް ނޫނެވެ. ރޫޔާގެ އެ ކައިވެންޏާ ރުހުމުގައި ގަބޫލުނުވާނޭކަން އޭނާއަށް ޔަގީނެވެ. އެހެންކަމަށްވާނަމަ ޝައުން އެ އުޅެނީ ކައިވެންޏަށް ނޫނެކޭ ބުނަން ހެއްޔެވެ؟ އެހެންވެގެން ނުވާނެއެވެ. ހަނާނުގެ ކައިވެނި ވާންޖެހޭނީ ޝައުން އާއެވެ. ހަނާނު ވިހަންޖެހޭނީ ޝައުންގެ ދަރިއެކެވެ. ހަނާނަށް ދުވަހަކުވެސް ހަބީބް އާއި ހަންނާ ކައިރިއަށް ދެވިގެން ނުވާނެއެވެ.

"މާމާ ކޮންވިސްނުމެއްގަ" މާމަގެ އަތުގައި ހިފައިލަމުން ޝައުން ބުންޏެވެ.

"ނުވިސްނަން. ހަނާނު މި ކައިވެންޏަށް ގަބޫލުވާނީ އޭނާގެ ރުހުމުގަ. ދަރިފުޅު ނުވިސްނާ މިކަމާ" ގިސާމަތު ބުންޏެވެ.

****

ހަވީރުގެ ވަގުތެވެ. ރޫޔާ އޮތީ ފަޒީލާގެ ގަސްތައް ކައިރީގައި ހުރި ޖޯއްޔެއްގައެވެ. ދެފައި ޖޯއްޔަށް އަރުވައިގެން އޭނާ އޮތްއިރު ފޯނުން ބަލަމުން ދިޔައީ ނިހާންގެ ފޮޓޯތަކެވެ. ގޭތެރެއިން އިތުރު މީހެއްގެ ހިލަމެއް ނުވެއެވެ. ނިހާންގެ ކޮންމެ ފޮޓޯއެއް ވަކިވަކިން ޒޫމްކޮށްގެން އޭނާ ބެލިއެވެ. ދެލޮލުގެ އަރިމަތިން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބަމުން ދިޔައެވެ. ހިތާހިތުން ނިހާނާ އެތައް ޝަކުވާއެއް ކުރިއެވެ. ކުއްލިއަކަށް ރޫޔާ ސިހުނީ ދާދި ކައިރިން މީހަކު ކަރުކެހިލުމުންނެވެ. ދެފައި ތިރިއަށް ބޭލިގޮތަށް ޖޯލީގައި އޭނާ ހަށިގަނޑު ސީދާކޮށްލިއެވެ. ފަހަތަށް ނުބަލައެވެ. ފޯނުގެ ޑިސްޕްލޭ ނިވާލާފައި ތެދުވަން އުޅުނު ވަގުތު ފަހަތުގައި ހުރި ޝައުން ރޫޔާ ކުރިމައްޗަށް އެރިއެވެ. ޝައުންއަށް ރޫޔާ ބަލައިލީ ނަފްރަތުގެ ބެލުމަކުންނެވެ. ރޫޔާ ފުންމައިގެން ތެދުވިއެވެ.

"ފަޒިއްތައެއް ނެތް" ރޫޔާ ބުންޏެވެ.

"ފަޒިއްތަ ހޯދާކަށް ނޫން" ޝައުން ބުންޏެވެ.

"ދެން" ރޫޔާ އެހިއެވެ.

ޖަވާބެއް ނުދީ ޝައުން ހުރީ ރޫޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދީވާނާއެއް ފަދައިންނެވެ. ސިކުންތުކޮޅަކަށް ވެސް އޭނާގެ ކަޅި ޖަހާނުލައެވެ.

"ވާއު... ކުރިއަށް ވުރެވެސް ރީތި" ޝައުން ބުންޏެވެ.

ޝައުންއަށް ރޫޔާ ދެލޯ އެޅިއެވެ. ހިނގައިގަންނަން އުޅުމުން ރޫޔާގެ އަތުގައި ޝައުން ހިފެހެއްޓިއެވެ. އެއްޗެއް ބުނާނެ ފުރުސަތެއް ރޫޔާއަށް ނުދީ އޭނާގެ ގަޔާ ގާތަށް ރޫޔާ ދަމާލިއެވެ. އެ ހިނދު ލުއި ފަތެއްހެން ރޫޔާ ތަތްވީ ޝައުންގެ މޭގައެވެ. ހަމަ އެ ހިނދުގައި ރޫޔާގެ އުނަގަނޑުގައި އެއް އަތް އޭނާ އަޅުވާލިއެވެ. ޝައުންގެ އެ ހަރަކާތުން ރޫޔާ ޖެހިލުންވާގޮތް ވިއެވެ. އޭނާގެ އަނެއް އަތުގައި އޮތް ފިނިފެންމަލުގެ ފިޔަތަކުން ރޫޔާގެ މޫނުގައި ޝައުން ބީހޭން ފެށިއެވެ. ދަތްކުނޑި ވިކާލަމުން ޝައުން ފަހަތަށް ކޮށްޕާލާފައި ރޫޔާ ފަހަތަށް ދެމިގަތެވެ.

"އައްޗީޑި... މިދެން ކިހާ ބޮޑު ކަމެއް. ކަލެއަށް އަހަރެން ނޫނީ އަންހެނެއް ނުފެނުނީތަ؟" ރޫޔާ ހަޅޭއްލަވައިގަތެވެ.

"މެރީކުރަން ތައްޔާރުވޭ" ޝައުން ބުންޏެވެ.

"ކަލެއާތަ؟ ދުވަހަކުވެސް ނުކުރާނަން. އިންނާނެ މީހަކު ނުވިޔަސް ނުކުރާނަން" ރޫޔާ ބުންޏެވެ.

"މިއަންނަ މަހު 25. ހަނދާންވޭތަ؟ ފެން އިސްކުރުތައް ކައިރީގަ ހުއްޓަ އަހަރެން ރޫ ކައިރީގަ ރައްޓެހިވާން އެހި ދުވަސް. އަހަރެމެން މެރީކުރާނީ އެ ދުވަހު. ސަޅިއެއް ނޫންތަ؟" ޝައުން ބުންޏެވެ.

ރޫޔާގެ ނަފްރަތަކަށް، ރުޅިވެރި ކަމަކަށް ޝައުން ނުވިސްނައެވެ. އެ ކައިވެނި ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތް ކަހަލައެވެ. ރޫޔާއަށް ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކައިވެނި ނުކުރާނަމޭ ނުވަތަ ޝައުގުވެރިކަމެއް ނެތޭ ބުނެފަ އިތުރަށް އެއްޗެއް ބުނަން ބޭނުންނުވިއެވެ.

"ހަމަ މިހާރު މިތަނުން ދުރަށް ދޭ. އެހެންނޫނީ ކުލާހުގަ ކަލޭ ބޭޒާރުކޮށްލިހެން މިތަނުންވެސް ނިކުންނަން ޖެހޭނީ ބޭޒާރުވެގެން" ރޫޔާ ފަހުގެ ހަތިޔާރު ބެހެއްޓިއެވެ. ބޭނުންވީ ޝައުން ނުފެންނަ ހިސާބަކަށް އޭނާ ދާށެވެ. އެހެންނަމަވެސް ޝައުން ހުއްޓިގެން ހުރީ އެތެރެއަށް ވަންނަ ދޮރު ކުރިމަތީގައެވެ. ޝައުން ގައިގައި ޖެހިފައި ނޫނީ ދެވޭކަށް ނެތެވެ.

"އޯކޭ މިދަނީ... ވާނެ ދޯ ވެޑިންގ ޝޮޕިންއެއް ކޮށްލަން ދެކުދިން ނިކުމެލަން. އައި ޕްރޮމިސް... ވަރަށް ހެޕީކޮށްދޭނަން" ޝައުން ބުންޏެވެ.

ރޫޔާ ބަހެއް ނުބުނުމުން ހީލާފައި ޝައުން އައިކޮޅަށް ހިނގައިގަތެވެ. ރޫޔާ ދަތްކުނޑި ވިކައިލިއެވެ. ޝައުން ދެކެ ރުޅި އައިވަރުން ބޮލުގަ ރިއްސައިގަތެވެ. އަލުން ޖޯލީގައި އިށީނދެފައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ދެލޯ މަރާލައިގެން އިނދެ އަވަސް ނޭވާތަކެއް ލަމުން ދަނިކޮށް އަނެއްކާވެސް ސިހުނީ ޝައުންގެ އަޑުންނެވެ.

"ނަފްރަތަކީ ލޯބީގެ ފެށުން"

ޝައުންއަށް ރޫޔާގެ ދެލޮލުން މަރުހަބާ ކިއީ އަނގުރު އަލިފާނެވެ. ހީވީ އޭނާ ފިއްސާލަފާނެހެންނެވެ. ޝައުން ގޮސް ލޯ މައްޗަށް ގެއްލެންދެން ރޫޔާ ބަލަހައްޓައިގެން އިނެވެ. އޭނާގެ މަޖުބޫރީ ހާލަތަށް ހަމްދަރުދީ ވެފައެވެ. ނިހާން މަތިން އިންތިހާއަށް ހަނދާންވިއެވެ. މި މުސީބާތުން ކިހާ އަވަހަކަށް ސަލާމަތްވާނެ ހެއްޔެވެ؟

****

ފަޒީލާއަށް ގިސާމަތު މަސައްކަތް ހަވާލުކުރިތާ ތިންވަނަ ދުވަހެވެ. މިއަދު ގިސާމަތު އޮތީ ރޫޔާ އެ ބަޔަށް ގެންނަން އަންގައިފައެވެ. ވަގުތަކީ މެންދުރު ކެއުމުގެ ވަގުތެވެ. މޭޒުމަތީގައި ކާއެއްޗެހި އަތުރާފައި ފަޒީލާ އައީ ރޫޔާ ކައިރިއަށެވެ. ރޫޔާ އެބަޔަށް ބަދަލުވާން އުޅޭ ވާހަކަ އަދި ފަޒީލާ ރޫޔާ ގާތުގައި ނުބުނެއެވެ. ރޫޔާއަށް ވާނެގޮތެއް ނޭނގޭތީއެވެ. އެ ކުއްޖާފުޅުގެ ހިތް ހަލާކުވާނެއެވެ. ފަޒީލާ ލަސް ހިނގުމެއްގައި އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ކޮޓަރީގައި ރޫޔާ ނެތެވެ. ފާހާނާވެސް ބެލިއެވެ. ރޫޔާ އަކީ އެތަނުން ބޭރަށް ނިކުންނަ ކުއްޖެއް ނޫނެވެ. ވީއިރު ރޫޔާ ކޮބާ ހެއްޔެވެ؟ ކަންބޮޑުވެފައި ހުރެ ފަޒީލާ ނިކުމެ ހިނގައިގަތްތަނާ އޭނާގެ ކޮޓަރިން ވާހަކަދައްކާ އަޑު އިވުނެވެ. ފަޒީލާ އެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުގައި އިށީނދެގެން ރޫޔާ އިނެވެ. ހެދުން އަލަމާރި ހުޅުވައިގެން ހުރެ ފަހަރަކު ހެދުމެއް ނަގައިގެން ރޫޔާއަށް ދައްކަމުން ދިޔައެވެ. އީނާ ކުލާހަށް ދާން ހެދުމެއް ތައްޔާރުކުރަނީކަން ފަޒީލާއަށް އެނގުނެވެ. ފަޒީލާއަށް ހަމަޖެހުމެއް ލިބުނީ ރޫޔާގެ ތުންފަތްމަތިން ފެންނަން ހުރި ހިނިތުންވުން ފެނިފައެވެ. މިނޫނީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ރޫޔާ ހިނިތުންވެފައެއް ނެތެވެ. އެ ހިނިތުންވުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައިދާނެއެވެ.

"ފަޒިއްތަ ވާހަކައެއް ބުނަންވެފަ އެބައޮތް" ރޫޔާ ބަލައިލުމުން ފަޒީލާ ބުންޏެވެ.

"ފަހުން އަންނާނަން އެނގޭ" އީނާއަށް ރޫޔާ ބުންޏެވެ.

ފަޒީލާ އަތުގައި ހިފައިގެން ރޫޔާ ކޮޓަރިން ނިކުތެވެ. އޭނާ ގޮސް ވަނީ އީނާގެ ކޮޓަރިއަށެވެ. ރޫޔާ މޭ ތެޅިލިއެވެ. ފަޒީލާ ދެއަތްތިލަ ފިނިވެފައިވާ މިންވަރު އިހުސާސްވެފައެވެ.

"ހެނދުނު ސައި ރަނގަޅަށް ނުބޮވުނީމަ ކަންނޭނގެ. މިއަދު ވަރަށް ބަނޑުހައި. އެކަމު ކާން ދާނީ ފަޒިއްތަ ތިބުނަން އުޅޭ އެއްޗެއް އަހާލާފަ" ރޫޔާ ބުންޏެވެ.

ފަޒީލާ ފުން ނޭވައެއް ދޫކޮށްލިއެވެ. ރޫޔާގެ މޫނަށް ބަލައިލިއެވެ. އޭނާ ރޫޔާއަށް ވިސްނައިދޭން ތައްޔާރުވެލިއެވެ.

"ވަރަށް ހިތްވަރުކުރަންވާނެ. ކައިގެން ދަރިފުޅު އެ ބަޔަށް ބަދަލުވާންޖެހޭ. ފަޒިއްތައަށް ގިސާމަތު ދިން މުއްދަތު މިއަދަށް ހަމަވީ" ފަޒީލާ ވާހަކަދެއްކިއެވެ.

އިސާހިތަކު ރޫޔާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ރޮވެން އުޅޭ ކަހަލަ އިހުސާސެއް ހިތަށް ވެރިވިއެވެ. ތުންފަތުގައި ރޫޔާ ދަތް އަޅާލިއެވެ. އަނގައިން ނުބުނި ނަމަވެސް އޭނާ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުގެ ހަރަކާތުން އެކަމަށް އިންކާރު ކުރަމުން ދިޔައެވެ.

"މިކަން ދެން ދާނީ މިހެން. ތި ދެމައިން ތިވާ ގުރުބާނީ އެކަލާނގެ ވަރަށް މޮޅަށް ދެނެވޮޑިގެންވޭ. ކާމިޔާބު ވާނީ ހުއްޓި ހުރެގެނެއް ނޫން" ފަޒީލާ ލޯތްބާއެކު ވިސްނައިދިނެވެ.

"މަންމައާ ވާހަކަދައްކާލަން ބޭނުން" ރޫޔާ ބުންޏެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ. ފަޒީލާ ހިތުގައިޖެހުނެވެ. ހަންނާއަށް ރޫޔާ ގުޅަމުން ދިޔައެވެ. ކިތަންމެ ހިތްވަރުކޮށްގެން އިން ނަމަވެސް ރޫޔާގެ ލޮލުން ކަރުނައެއް ވެއްޓުނެވެ.

"މަންމަ" ހަންނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ރޫޔާއަށް ބުނެވުނީ އެހާ ވަރަށެވެ.

"ދާންވާނެ. އެގޭގައި ދަރިފުޅު ހިތްހަމަނުޖެހޭ ކަމެއްވަންޏާ ވާހަކަދައްކަންވާނެ. ހައްގު ހޯދަން ވަކާލާތު ކުރަންވާނެ. އެކަމަކު ވިސްނަންވާނެ. މަންމަގެ ތަރުބިއްޔަތަށް ގިސާމަތު ފާޑުކިޔާނެ ފުރުސަތެއް ނުދޭން. ތިއީ މަންމަގެ ހިތްވަރުގަދަ ދަރިފުޅެއްނު" ހަންނާ ލޯތްބާއެކު ވިސްނައިދިނެވެ.

"އެކަމަކު... ދެން.... ފަޒިއްތަ ފެންނާނެތަ؟" ރޫޔާ ފަޒީލާއަށް ބަލައިލިއެވެ.

"ފަޒިއްތަ ނިދަން ވަންނަ ވަގުތު ނޫން ހުރިހާ ވަގުތެއްގަ ދަރިފުޅު ކައިރީގަ ހުންނާނެ. ކަންބޮޑުނުވޭ. ގިސާމަތު ބަލިކޮށްލަން ދެމައިން ވަރަށް މަސައްކަތްކުރަންޖެހޭ. ދަރިފުޅަށް ވަރަށް އުފާވެރި ހަބަރެއް ދެންތަ؟" ހަންނާ ވާހަކަދެއްކިއެވެ. ރޫޔާ ބޯޖަހާލިއެވެ. އޭނާއަށް ހީވީ އެ މަންޒަރު މަންމައަށް ފެންނާނެ ހެންނެވެ. ފޯނުން ވާހަކަދައްކަމުން ދިޔައިރު އޭނާއަށް އިހުސާސްވީ މަންމަ އިނީ ދާދި ކައިރީގައި ހެންނެވެ.

"މަންމަ މިއަދު ބައްޕައާ ބައްދަލުކުރަން ދާނަން. ބައްޕަ މިގައުމުގަ އެބަހުރި" ހަންނާ ބުންޏެވެ.

ރޫޔާގެ ތުންފަތް ދެފަރާތަށް ދެމިގެންދިޔައެވެ. އޭނާގެ ދެލޮލުން މިފަހަރު ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ.

"އަސްލުވެސްތަ މަންމާ. ބައްޕަ ކައިރިއަށް ގޮސް އަޅުގަނޑަށް ގުޅާލެވޭނެތަ؟" ރޫޔާ ބުންޏެވެ.

"މަންމައަށް ޔަގީންކަމެއް ނުދެވޭނެ. އެކަމަކު މަސައްކަތްކުރާނަން. މަންމަ ފަހުން ގުޅާނަން. މިހާރު ބިޒީވެއްޖެ. ދަރިފުޅު ބަނޑުފުރާ ކައިގެން ހިތްހަމަޖައްސާލައިގެން ގިސާމަތާ ބައްދަލުކުރާތި. ދަރިފުޅަށް އައިސްފައިވާ ބަދަލު ފެނިފައި ފަޒިއްތަގެ ދިރިއުޅުންވެސް ތިގޭތެރޭގައި އަރާމުވާނެ. އެއީ ގިސާމަތު ހަވާލުކުރި މަސައްކަތް ފަޒިއްތަ ވަރަށް ރަނގަޅަށް ކުރީމަ. މަންމަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ. ވަރަށް ހަނދާންވެސްވޭ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުވާނެ" އެ ޖެހުނީ ރޫޔާގެ ހިތަށް އެންމެ އުނދަގޫވާ ވަގުތެވެ. ފޯނުން މަންމައާ ވަކިވާ ވަގުތެވެ.

މަންމަގެ ވާހަކަތައް އަހާފައި ރޫޔާ ހިތްހަމަޖެހުނެވެ. ގިސާމަތުގެ ބަޔަށް ބަދަލުވުމަކީ އޭނާއަށް އުނދަގޫކަމެއް ނޫނޭ ހިތް ބުނެލިއެވެ. މަންމަ ބުނިހެން އަނގަ އޮތިއްޔާ ދިރިއުޅެން ފަސޭހަވާނެއެވެ.

"ހިނގާ ކާން" ރޫޔާ ބުންޏެވެ.

"ހިނގާ. އެކަމަކު އަދި އެކައްޗެއް ފަޒިއްތަ ބުނެދޭނަން. ގިސާމަތު އެންމެ ރަކިވާނީ އޭނާ ބުނާ ކޮންމެ އެއްޗެއް އެމީހަކު އަޑު ނޭހީމަ. އޭނައާ ދެކޮޅަށް އެއްޗެހި ބުނީމަ. އޭނަ ބުނާ ކޮންމެ ކަމަކަށް ރުހިގެން ނުހުންނާތި. ގަބޫލުނުކުރިޔަސް ދަރިފުޅުގެ ކޮޅު މޮޅުވާނީ. އެއީ ފަޒިއްތައަށް ޔަގީންކަމެއް" ފަޒީލާ ވާހަކަދެއްކިއެވެ.

****

ފަޒީލާ އާއެކު އައި ރޫޔާ ފެނިފައި ގިސާމަތު ހިނިތުންވެލިއެވެ. މަޑުމަޑުން ހިނގާފައި ގޮސް އޭނާ ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ. ރޫޔާގެ އަތުގައި ހިފަން ގިސާމަތު އަތް އުފުލާލިއެވެ. އޭނާގެ ގައިގައި އަތްލުމުގެ ފުރުސަތު ރޫޔާ ނުދިނެވެ. އޭނާ ދިޔައީ އެއްފަރާތުގައި ހުރި މަސް ޓޭންކް ކައިރިއަށެވެ.

"ވާއޮ... މިއީ ހާދަ ރީތި މަސްތަކެކޭ" ރޫޔާ ބުންޏެވެ. އެގޮތަށް ރޫޔާގެ އަމަލުތައް ހުރުމުން ކަންބޮޑުވީ ފަޒީލާއެވެ. ގިސާމަތު ރުޅި އައިސްގެން ފަޅައިގެން ގޮސްދާނޭ އޭނާއަށް ހީވިއެވެ. އެހެންނަމަވެސް ގިސާމަތުގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި ފަޒީލާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.

"ދަރިފުޅަށް މި ޓޭންކް ވަރަށް ކަމުދޭތަ؟" ދާދި ކައިރިން އިވުނު އަޖުވަދުގެ އަޑަށް ގުދުވެގެން އޮތް ރޫޔާ ތެދުވެ ބަލައިލިއެވެ. އަޖުވަދާ ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު ރޫޔާ ބަސްހުއްޓުނެވެ. އަޖުވަދުގެ ދެލޮލުގެ ތެރެއިން ވިދަމުންދިޔަ ކަރުނަތައް ފެނިފައެވެ.

"ކަމުދޭތަ؟" އަޖުވަދު ތަކުރާރުކޮށްލިއެވެ. ރޫޔާ ބޯޖަހާލިއެވެ.

"ދަރިފުޅުގެ ކޮޓަރި ހުންނާނީ ދަރިފުޅު ބޭނުންވާގޮތަށް. ބައްޕައާ އެކު ހިނގާ" އަޖުވަދު ބުންޏެވެ.

ބައްޕައޭ ބުނުމުން ރޫޔާއަށް އުނދަގޫވިއެވެ. ދެކޮޅަށް އެއްޗެއް ނުބުނެއެވެ. މަންމަގެ ބަސްތައް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އަޖުވަދު ދިއްކޮށްލި އަތުގައި ރޫޔާ ހިފިއެވެ. އަޖުވަދާއެކު ރޫޔާ ހިނގައިގަތެވެ. އެ މަންޒަރު ބަލަހައްޓައިގެން ހުރި ގިސާމަތު އައިސް ހުއްޓުނީ ފަޒީލާ ކުރިމަތީގައެވެ.

"ކަލެއާ ހަވާލުކުރި މަސައްކަތް ވަރަށް ރަނގަޅަށް ފުރިހަމަކޮށްފި. އެކަމުގެ އިނާމު ކަލެއަށް ދޭނަން. ހަނާނުގެ ހާއްސަ ނޯކަރަކަށް އަހަރެން ކަލޭ ހަމަޖައްސައިފިން. ކަލޭ އަބަދުވެސް ހުންނަންވާނީ ހަނާނުގެ ހިދުމަތުގަ" ގިސާމަތު ވާހަކަދެއްކިއެވެ.

ފަޒީލާ ހިނިތުންވެލީ ގިސާމަތު ހިނގައިގަތުމުންނެވެ. ހިތަށް އެރިއެވެ. މިވީ އަދި މާރަނގަޅު ގޮތެކެވެ. ހަންނާއާ ރޫޔާއާ އެކުގައި ފަޒީލާގެ މަސައްކަތްވެސް ފެށުނީއެވެ.

(ނުނިމޭ)