ވާހަކަ

ކަފަވިލާތަކު ތެރޭ - 16 (ފަހުބައި)

5

ނިންމިގެ ވަކިވުން

ޖެހިގެން އައި ދުވަހުގެ ހަވީރު ޒައިނާ ހޮސްޕިޓަލަށް ދިޔައީ ދަރިފުޅުގެ ކަންތަކާ ޒިޔާދު ހަވާލުވުމުންނެވެ. ރޭގައި ހޮސްޕިޓަލުން އެނބުރި އައިއިރުވެސް ނަޖުމް އޮތީ މެޝިންތަކުގެ އެހީގައި އައިސީޔޫގައި ބާއްވައިފައެވެ. އިއްޔެއިން ފެށިގެން ގެއަށް ނައިސް ހޮސްޕިޓަލުގައި ހުރި ޝައިންއާއެކު މިއަދުގެ މެންދުރުވީއިރު ޒިޔާދުވެސް ހުއްޓެވެ. އެހެންވިޔަސް ޒިޔާދު ގެއަށް އައީ ޒައިނާއަށް އެތަނަށް ދެވޭ ގޮތް ހަދައިދިނުމަށްޓަކައެވެ. އަޒްލިފާއާއި އަސްމާގެ އެހީތެރިކަން ލިބުމުން ޒައިނާއަށް ހިތްހަމަޖެހިގެން ހަވީރު ހޮސްޕިޓަލަށް ދާނެ ފުރުސަތުވެސް ލިބުނެވެ.

އައިސީޔޫ އަކީ ބޭނުން ކޮންމެ ވަގުތަކު ބޭނުންހާ ގޮތަކަށް ވަދެ ނުކުމެވޭނެ އާދައިގެ ބަލިމީހުން ތިބޭ ފަދަ ވޯޑެއް ނޫނެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ވަދެގެން އެ ދިމާއަށް ހިނގައިގަތް ޒައިނާއާ ބައްދަލުވީ ނަރުސް ކުއްޖާ ދިނީ ތަފާތު ހަބަރެކެވެ.

"ގުޑްނިއުސް. އެ ސިޓުއޭޝަންގައި އޮކްސިޖަން ވަކި ކުރެވުމަކީ ވަރަށް ބޮޑު އަޖައިބެއް. ކުޑައިރުކޮޅެއް ކުރިން މެޝިންތަކާ ވަކިކޮށްފި. މިހާރު ރީއްޗަށް ނޭވާލާ. ވާހަކަވެސް އެބަދައްކާ. މިދަނީ ޒައިނާއަށް ގުޅަންވެގެން. ނަސީބެއް އައިކަން"

ޒައިނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އައިސީޔޫގެ ދޮރު ހުޅުވާލިއެވެ. ތެދެކެވެ. ނަޖުމް ހިނިތުންވެ އޮވެ ޝައިންއާ ވާހަކަ ދައްކަނީއެވެ. މަޑުމަޑުން ގޮސް އެނދުގެ އެއްފަރާތަށް މަޑުކޮށްލުމާއެކު ޒައިނާއަށް ނަޖުމްގެ ކުރަކިވެފައިވާ އަޑުއިވުނެވެ.

"ހަނީ.. މަމީގެ ދޫންޏާ.. ދަރިފުޅުގެ މަންމަ މަމީ ގާތަކަށް ނާދޭތަ؟"

އެނދުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިން ޝައިންއަށް ޒައިނާ ފެނެއެވެ. އެހެންނަމަވެސް އަދިވެސް އެއީ މަންމަ ކަމުގައި ގަބޫލުކުރަން ދަތިވެފައި އިން ޝައިން އެއްވެސް ޖަވާބެއް ނުދިނެވެ.

"ނިންމި..... އަންމި..." ޒައިނާ މަޑުމަޑުން ގޮވާލިއެވެ.

"އޯހް.. ކަލޭ އައީތަ؟.."

އެނބުރިލަން އުނދަގޫވި ނަމަވެސް އަމިއްލަ ބާރުގައި ނަޖުމް ޒައިނާއާ ދިމާއަށް އެނބުރުނެވެ.

"އަހަރެން ކަލޭގެ ގާތަށް ނައިސް ހުންނާނީ ކިހިނެއް؟!"

ޒައިނާ ނަޖުމްގެ ފިނި އަތްތިލައިގައި ހިފާލިއެވެ.

"ކަލޭ އަންނާނެކަން މަށަށް އެނގޭ.. މައްސަލައަކީ ލަސްވެދާނެތީ.. ކަލޭގެ އަމާނާތް ކަލެއާ ހަވާލު ނުކުރެވެނީސް ދާންޖެހިދާނެތީ.."

ޝައިންއަށް އިތުރަށް އެތާނގައި އިނުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ލޮލަށް ގިނަވާން ފެށި ކަރުނަ ފޮހެލުމަށް މަސައްކަތް ކުރަމުން އަވަހަށް އެތަނުން ބޭރަށް ދިޔައީ ހިތަށް ކުރި އަސަރު ބަލިވެފައި އޮތް މަމީއަށް ދައްކަން ބޭނުން ނުވާތީއެވެ.

"ތިކަހަލަ ގޯސް ވާހަކަ ނުދައްކާ.. އަންމި އަދި ރަނގަޅުވާނެ.." ޒައިނާ ހިތްވަރުކޮށްފައި ބުނެލިއެވެ.

"ނޫނޭ.. މީ ދައްކަންޖެހޭ ވާހަކައެއް.. ކަލޭގެ މިޒްދާން ގެންދަންވީ ވަގުތު ޖެހިއްޖެ.. މިހާރު ދެން ކަލޭ އެކަނި ހުރިހާ ކަމަކާ ކުރިމަތިލުމުގެ ވަގުތު އައީ.. އެކަމަކު ބުނަން.. އަމީއަކީ މަގޭ މީހަކަށްވީ ގޮތަށް ޝައިންއަކީވެސް އަބަދުގެއަބަދަށްވެސް މަގޭ.. ކަލޭގެ މީހަކީ ފަހުދު.. އަދި ކަލޭގެ ދަރިފުޅަކީ މިޒްދާން.. އަހަރެމެންގެ ނަސީބު އެކުއެކީގައި އަހަރެމެން ގޮވައިގެން ކިހާދުރަކަށް ކިހާދުވަހަކަށް ދަތުރު ކޮށްފި.."

ނަޖުމް ހީނލިއެވެ. އެހެންނަމަވެސް މިފަހަރުގެ އެ ހިނިތުންވުމުގައި އެއްވެސް ދިރުމެއް ނެތެވެ. ޒައިނާ ނަޖުމްގެ ކުލަ މަރުވެފައިވާ މޫނަށް ބަލައިލިއެވެ. އެ ރީތި މޫނުގެ ދޮންކުލަ ސަރުސޫނު މަލުގެ ކުލައަށް ބަދަލުވަނީއެވެ. މާތްކަލާކޯއެވެ. ވާން މި އުޅެނީ ކީއްބާވައެވެ.

"މިތާ އިށީނދެބަލަ.. އަންމިގެ ގާތުގައި.."

ނަޖުމްގެ އަޑު ވަރުދެރަވާން ފަށައިފިއެވެ. ހީވަނީ ނޭވާ ކުރުވާހެނެވެ. ޒައިނާ ނަޖުމްގެ އަތްތިލައިގައި ހިފަހައްޓައިގެން ހުރެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނުމަށް ފަހިކޮށްލި ވަގުތު.. ކޮންމެވެސް ތުރުތުރެއް އިހުސާސް ކުރެވިއްޖެއެވެ.

"ޒައިނާ.....!!"

"ޝްޝްޝް-ޝް.."

ޒައިނާ ނަޖުމްއަށް އިތުރު ވާހަކަ ދެއްކުން މަނާކުރިއެވެ. ކޮންމެވެސް ގޮތެއް ވާން އުޅޭކަމުގެ އިހުސާސް އޭނައަށް ކުރެވުނީއެވެ. މަޑުމަޑުން ޒައިނާ ނަޖުމްއާ ގާތަށް ޖެހިލުމަށްފަހު ޝަހާދަތުގެ ދެކަލިމަ ކިޔައިދޭން ފެށިއެވެ.

ދެތިންފަހަރު ތަކުރާރުކޮށް ޒައިނާ ޝަހާދަތް ލައިދިނުމުން މަޑުމަޑުން، އެހެނަސް ދަތިކަމެއްނެތަސް ކުޑަވަރެއްގެ އުނދަގުލަކާއެކު ނަޖުމް ޝަހާދަތުގެ ދެކަލިމަ ކިއެވެ. އަދި ރީތި ހިނިތުން ވެލުމަކާއެކު..

ދެވަނަ ސިކުންތުގައި ނަޖުމްގެ ކަޅި ޒައިނާގެ މޫނަށް ހުއްޓިއްޖެއެވެ. އާއެކެވެ. އަބަދުގެއަބަދަށް ނަޖުމްގެ ކަޅި ހުއްޓުނީއެވެ.

ޒައިނާ ހިތްވަރު ކޮށްލާފައި އޭނާގެ އަތުގެ ތެރޭގައި ވަރެއް ނެތިފައި އޮތް ނަޖުމްގެ ފުރާނަ ނެތް އަތްތިލަ އެނދުމަތީގައި ބޭއްވިއެވެ. މަޑުމަޑުންނެވެ. އޯގާތެރިކަމުގެ ނިހާޔަތާ އެކުގައެވެ. އަދި ހިތުގެ ގިސްލުން އޮބަހައްޓަމުން ކުރިއަށްޖެހި ލޯބިން ފުރިފައިވާ ގޮތަކަށް އެހާމެ މަޑުމަޑުން ނަޖުމްގެ ލޯމަތީގައި އަތްއަޅައި އެސްފިޔަތައް ލައްޕުވާލިއެވެ.

"އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިއޫން.."

ޒައިނާގެ ހަޔާތުގެ އެންމެ ބޮޑު އެހީތެރިޔާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ. ކިތަންމެ އުމުރުން ބޮޑުވެފައި ހުރި ނަމަވެސް، ނަޖުމްއާ ނުލައި ހަޔާތުގެ މަގުގައި ކުރިއަށްދާނެ ގޮތް ހިތަށް އެރުމުން ޒައިނާގެ ދެލޯ ތެމުނެވެ. ނަޖުމްއަކީ ޒައިނާއަށްޓަކައި ހަމައެކަނި ރަހުމަތްތެރިއެއް ނޫނެވެ.

އެކަމަކު އެއީ ޒައިނާގެ މަންމައަކަށް ފުދޭ، ބައްޕައަކަށް ފުދޭ، ދައްތައަކަށްވެސް ފުދޭ އެކުވެރިއެކެވެ. ޒައިނާގެ ހަޔާތުގެ އެންމެ ހާއްސަ، އެންމެ މުހިއްމު އަދި އެންމެ ބޮޑެތި ކަންތަކުގައި އެންމެ ގާތުގައި ހުރި މީހަކީ ނަޖުމްއެވެ.

ކެތްކުރުމަށް ދަސްކޮށްދީ، ކޮންމެ ކަމަކަށްވެސް ވަގުތުދީ އިންތިޒާރުކުރަން ދަސްކޮށްދިން މީހަކީ ނަޖުމްއެވެ.

ނަޖުމްގެ ކޮންމެ ޖުމްލައަކީ އިބުރަތެކެވެ.

ކޮންމެ ލަފްޒަކީ ނަސޭހަތެކެވެ.

ކޮންމެ ބަހަކީ އިރުޝާދެކެވެ.

ދަމުންދަމުންވެސް ނަޖުމް ދިޔައީ ޒައިނާއަށް ހެޔޮކަމެއް ކޮށްދީފައެވެ. އާއެކެވެ. ޒައިނާގެ ފިރިމީހާ މަރުން ސަލާމަތްވުމަށް މެދުވެރިވި މީހަކަށްވީ ނަޖުމްއެވެ. އޭނާގެ އަންމިއެވެ.

**************

ނިމުން....

އަހަރުތަކެއް ވޭތުވެއްޖެއެވެ. ޒައިނާ އާއި ޒައިނާގެ ކުޑަކުޑަ އާއިލާ މާލޭގެ ހަލަބޮލިކަމުގެ ތެރެއިން ކޮންމެ ތިން އަހަރަކުން އެއްފަހަރު ކަހަލަ ގޮތަކަށް ނަޖުމްގެ ރައްޓެހިންނާ ބައްދަލުވުމަށް ލަންޑަނަށް ދެއެވެ. އެތަނުގައި ތިބި ނަޖުމްގެ ބަދަލެއް ނާންނަ އެކުވެރިންނާއި ޝައިންގެ ކުޑައިރުގެ ކްލާސް ކުދިންތައް އެމީހުނަށް ކިޔަނީ ހޫނު މަރުހަބާއެކެވެ. އެހެންނަމަވެސް މިއަހަރު ޒައިނާ ގަސްދު ކުރީ ޒިޔާދުގެ ރަށަށް ދިއުމަށެވެ.

މިއަހަރަކީ ބޮޑު ހާއްސަ އަހަރެކެވެ. ނަޖުމްގެ މަހާނައަށް ޒިޔާރަތް ކުރުމަށް އެންމެ އެކަށީގެންވާ އަހަރަކީވެސް މިއީއެވެ.

ޒައިނާގެ ދޮށީ ދަރިފުޅު މިޒްދާން، އަދި ނަޖުމްގެ ދޮންދަރިފުޅު ޝައިން ބައްޕައަކަށް ވަނީއެވެ. މިދުވަސް ދުށުމަށް އެންމެ އުންމީދުކުރި މީހަކީ ނަޖުމްއެވެ. އެހެންނަމަވެސް މިއަދަކު ނަޖުމްއެއް ނެތެވެ.

ނަޖުމްއަށް ޒަހަރުދިން ކަމުގެ ކުށުގައި ފަރީދާއަށް ހުކުމް ކުރެވުނީ ބުއްދިގޯސްވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އެކަމުގައި ބައިވެރިވީތީ ނަތާޝާއަށް އަދަބު ލިބުނެވެ. ޒިޔާދުގެ ހުރިހާ މުދަލެއްހެން ބަހާލެވުނީ އާއިލާގެ އެންމެންގެ މެދުގައި ހަމަހަމަކޮންނެވެ. މިދުވަސް ދެކެން ފަރީދާ ކެތްކުރިނަމައެވެ.

އަސްމާއާއި އަޒްލިފާއާއި ގޭގެ އެހެން ކުދިންނާއެކު އުފާވެރި ހަފްތާއެއް ހޭދަކުރުމަށްފަހު މާލެ ދާން ފުރުމުގެ ކުރިން ޒައިނާ އެންމެފަހު ވަގުތުގައި ނަޖުމްގެ މަހާނަ ދެކިލުމަށް ދިޔައެވެ.

"ކަލޭގެ ދަރިފުޅު ވަރަށް ބޮޑުވެއްޖެ.. ކަލޭ މާމައަކަށް ވަނީ.. ތެދަށް ބުނަންތަ؟ އަދިވެސް މިއަދު ވެސް ޝައިންއަކީ މަގޭ އެއް ނޫން.. އެއީ ކަލޭގެ.."

ހިތާހިތުން އޭނާ ނަޖުމްއާ ވާހަކަ ދެއްކިއެވެ. މިއީ ބަދަލު ނުކުރެވުނު އާދައެކެވެ.

"މަންމަ.. އާދޭ ދާން.. ގަޑިޖެހެނީ.."

ދާދި ގާތުގައި ހުރި ޒުވާން ރީތި ފިރިހެން ދަރިފުޅު ޒައިނާގެ އަތުގައި ހިފަމުން ބުނެލިއެވެ.

"މަންމަ.. ބަލައިބަލަ.. އަހަރެމެންނާއެކު އަބަދުވެސް މަމީ ހުންނާނެ.."

ކާރަށް އެރުމުގެ ކުރިން ޝައިން ދެއްކީ އުޑުމަތީގައި ގިނަވަމުން އުދުހެމުންދާ ކަފަވިލާތަކެވެ. ޒައިނާގެ އަންމިގެ ހަނދާން އަބަދުވެސް އާކޮށްދޭ ކަފަވިލާތަކެވެ.

(ނިމުނީ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟