"އެބައޮތް. ހުން ވައްތަރުވެފަ އޮތީ. އަޅުގަނޑު ވަރަށް ހާލުން ކާއެއްޗެއް ދީފަ ބޭސްދީފިން" ފަޒީލާ ބުންޏެވެ.
"ބުނަން ވާހަކައެއް. ތިންދުވަސް. އަހަރެން ކަލެއަށް މިދެނީ ތިންދުވަސް. ތިންދުވަސް ފަހުން ހަނާންގެ އަންނައުނާއެކު މިތަނަށް ބަދަލުކުރަންޖެހޭނެ. އޭރަށް ހަނާން ހުންނަންޖެހޭނީ ހަމަޔަކަށް އެޅިފަ. މާދަމާ ޝައުން ތިބަޔަށް ދާނެ ހަނާނާ ބައްދަލުކުރަން. އޭނަ ކައިރީގަ ބުނެފާ ބާއްވާތި" ގިސާމަތު އަމުރު ހިންގާލިއެވެ.
****
އެނދުގެ ހެޑް ބޯޑުގައި ބޯ ލައްކޮށްލައިގެން އިން ރޫޔާ އިނީ ދެލޯ މެރިފައެވެ. އަދިވެސް އޭނާގެ ހަށިގަނޑުގައި ވަރުބަލި ކަމެއް ހުއްޓެވެ. ފަޒީލާގެ ހިތްވަރުން ކާއެއްޗެއް ގޮހޮރުގައި ޖެހުމުން ހަށިގަނޑުގައި އުފެދިފައިވި ތުރުތުރު އެޅުން ކެނޑިއްޖެއެވެ. ރޮއެރޮއެ އޭނާގެ ދެލޮލުން ދިލަ ނަގަމުން އޭރުވެސް ދިޔައެވެ. އެއްޗެއް މަތިން ހަނދާންވުމާއެކު ރޫޔާ ފުންމައިގެން ތެދުވިއެވެ. ދެކޮޅު ހޯދައި ބަލައިލީ އޭނާގެ ދަބަސް ވީ ހިސާބެއް ހޯދާލުމަށެވެ. ނަސީބަކުން އޭނާ ބޭއްވި ތަނުގައި ދަބަސް އޮތެވެ. ރޫޔާ ދަބަސް ހުޅުވާލިގޮތަށް ނެގީ މަންމަ ދިން ފޯނާއި ސިޓީއެވެ. އެ ފޯނުގެ ވެރިޔަކީ އޭނާއެވެ. އެހެނަސް ސިޓީގެ ހައްގުވެރިޔާއަށް ސިޓީ ރައްދުނުކުރެވި އޮތުމުން އޭނާ ދެރަވެއްޖެއެވެ. ފަޒިއްތަ ދެން އަންނަ ފަހަރަކުން ސިޓީ ހަވާލުކުރާނީއޭ ހިތާ ދަބަސް ބާއްވާފައި އޭނާ ކުރިން އިންގޮތަށް އިށީނދެލިއެވެ. ނިވިފައި އޮތް ފޯނު ހުޅުވުމަށްފަހު އޭނާ މަންމަގެ ފޯނު ނަންބަރު ޖަހާލިއެވެ. ނަސީބަކުން ވަރަށް އަވަހަށް ފޯނު ނަގައިފިއެވެ.
"މަންމާ..." ހަންނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ރޫޔާގެ ދެލޮލުން ކަރުނަތައް އޮހޮރިގަނެއްޖެއެވެ.
"މަންމަގެ ފުރާނަކޮޅު... މަންމަގެ މުޅި ދިރިއުޅުން މަންމަގެ މުޅި ދުނިޔެ. ދަރިފުޅު ރަނގަޅުތަ؟" ހަންނާގެ އަޑު އައެވެ.
ރޮވެމުން ދިޔަވަރުން މަންމަގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރޫޔާއަށް ދަތިވިއެވެ. ރޫޔާ ރޯކަން އިހުސާސްވުމުން ހަންނާއަށް ވެސް އިހުސާސްތައް ހިފަހައްޓަން އުނދަގޫވަމުން ދިޔައެވެ.
"ހިތްވަރުކުރޭ ދަރިފުޅާ. މަންމަ ބުނީމެއްނު ދަރިފުޅުގެ ތި ޖަވާހިރުކޮޅެއް ފަދަ އަގުބޮޑު ދެލޮލުން އެންމެ ކަރުނައެއްވެސް ވައްޓާލައިގެން ނުވާނޭ. މަންމަ މިހުރީ އުފަލުން. މަންމަ ކުރަމުން މިދާ ހަނގުރާމަ ކާމިޔާބު ވާނީ ތިކޮޅުން ދަރިފުޅު ހިތްވަރު ކުރި ވަރަކުން" ހަންނާ ވާހަކަދެއްކިއެވެ.
މަންމަގެ ވާހަކަތައް އަހާފައި ރޫޔާ ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރިއެވެ. ދެއަތުން ކަރުނަތައް ފޮހެލިއެވެ.
"މަންމަ ރަނގަޅުތަ؟ ކޮންތާކު ތިހުރީ؟ ގޭގަތަ؟ ބައްޕަގެ ހަބަރެއް ވެއްޖެތަ؟" ރޫޔާ ހުރިހާ ސުވާލުތަކެއް އެއްފަހަރާ އަމުނާލިއެވެ. އެ ސުވާލުތަކުގެ ޖަވާބު މަންމަގެ ފުށުން ނައެވެ. އޭގެ ބަދަލުގައި މަންމަ ފުށުން ރޫޔާއަށް ލިބުނީ ހިމޭންކަމެވެ.
"ބައްޕަގެ ހަބަރު ހޯދަން މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ މަންމަ ރަނގަޅު. ދަރިފުޅު ފިކުރުނުކުރައްޗޭ. ފަޒިއްތައާ ދިމާވިތަ؟" ހަންނާ އަހާލިއެވެ.
"މި މުޅި ގޭގަވެސް ފަޒިއްތަހާ ހިތްހެޔޮ ޞާލިހު އިންސާނެއް ނެތް. މަންމައަށް އެނގޭތަ މިގޭ މުސްކުޅި މާމަ އަޅުގަނޑުގެ މޫނުގައި ވަރަށް ބާރަށް ޖެހީ. އަޅުގަނޑު މައިތިރިނުވަނީއޯ. އޭނައަށް ރެސްޕެކްޓް ނުކުރަނީއޯ. އަދި އެނގޭތަ. މިގޭގަ ހުރި ފިރިހެން މީހާ ބުނި ތިމަންނައަކީ އަޅުގަނޑުގެ ބައްޕަ އޭ"
ރޫޔާގެ ވާހަކަތަކުން ފޯނުގެ އަނެއްފަރާތުގައި ހުރި ހަންނާގެ ހަށިގަނޑުގެ ކޮންމެ ނާރެއް ފިތި އަނިޔާވަމުންދާ ކަމެއް ރޫޔާއަށް ނޭނގެއެވެ. ރޫޔާއަށް އެ މަންމަގެ ވޭން ވަންހަނާ ކުރަން މަސައްކަތް ކުރަމުންދާ ކަމެއް ނޭނގެއެވެ. ރޫޔާއަށް އިވެނީ އެ މަންމަގެ އޯގާތެރި ބަސްތަކުގެ އަޑެވެ. އެ މަންމަގެ ފަޅިފަޅިވެ ލޭގެ ކޯރެއް ހެދެމުންދާ ހިތާ ކަރުނަތަކުން ފުރި ބަރާވެފައިވާ ދެލޮލެއް ނުފެނެއެވެ.
"މަންމާ، އެމީހާ އެހެން އެބުނީ ކީއްވެތަ؟" ރޫޔާ އެހިއެވެ.
"ދަރިފުޅާ! އެމީހާ އެބުނީ ރަނގަޅަށް. ދަރިފުޅު ތިއީ އަޖުވަދާ ޝާމޮނީގެ ދަރިއެއް" ހަންނާ ވަރަށް ހިތްވަރު ކުރިއެވެ. އެ ހަގީގަތް ރޫޔާއަށް ބުނެދޭން މިހާރުވެސް މާ ލަސްވެއްޖެއެވެ.
"ނޫން..." ރޫޔާ ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. "މަންމާ، ތިއީ ދޮގެއް ދޯ" މަޑުމަޑުން ރޫޔާ ބުންޏެވެ.
"ނޫނޭ ދަރިފުޅާ. ހަގީގަތަކީ މަންމަ އާއި ބައްޕަ އަކީ ދަރިފުޅުގެ ހަގީގީ މައިންބަފައިންނެއް ނޫން. އެކަމަކު މިއަދު މިތިބީ އެ ދަރަޖައިގަ. ދަރިފުޅާ! ދަރިފުޅާ މިއަދު މަންމަ އާއި ބައްޕަ ވަކިވާންޖެހުނު އެންމެ ބޮޑު ހަގީގަތް މިއީ. ގިސާމަތު ދަރިފުޅު ޖަހައިގަންނަން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް. ދަރިފުޅު ލޯމަތިން ގެއްލުނަ ނުދޭން ބައްޕަ ހާދަ މަސައްކަތެއް ކުރިއޭ. ރާއްޖެއިން ފުރައިގެން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރީވެސް ދަރިފުޅު ލޯމަތިން ގެއްލެން ނޭދޭތީ. އެކަމަކު.... މިއަދު ހުރިހާ އެއްޗަކީ ބާރާ ނުފޫޒު. ގިސާމަތު ބިމަށް ތިރިކޮށްލަން ކެރޭ އިންސާނަކު އަދި މި ދުނިޔެއަށް އުފަން ނުވަނީ ކަންނޭނގެ. އެކަމަކު މިހާރު މަންމަ މިހުރީ އެ ހިތްވަރުކޮށްގެން. އެބައިމީހުންނަށް ހައްގު އަދަބު ދޭނަން މަންމަގެ ނޭފަތުން ނޭވާ ހިނގާހާ ހިނދެއްގައި. ކުރިން މަންމަވެސް ބިރުގަތީ. ދަރިފުޅު ގެއްލިދާނެތީ މަންމައަށް ވެސް ހުރެވުނީ ބައްޕަގެ ނިވަލުގަ ބޮނދައިގެން. މި ދުނިޔޭގެ ހިތި ހަގީގަތާ އަދި ކިރިޔާ މަންމަ ކުރިމަތިމިލީ. މިކަން ﷲ އިރާދަކުރެއްވިއްޔާ މަންމަ ކާމިޔާބު ކުރާނަން" ހަންނާ ވާހަކަދެއްކިއެވެ. ލޮލުން ކަރުނަ ހިކިފައިވި ހާލު ހަންނާގެ ކޮންމެ ވާހަކައެއް ރޫޔާ އަޑުއަހަމުން ދިޔައެވެ. ލިބުނު ޝޮކުން އަދިވެސް އޭނާ އިނީ ގަބުވެފައެވެ.
"މަންމާ!" ރޫޔާއަށް ވާހަކަދެއްކުނީ ހިނދުކޮޅަކަށް ފަހުގައެވެ.
"ތިއީ އަޅުގަނޑުގެ މަންމަ އަކީ" ރޫޔާ ބުންޏެވެ.
"ރަނގަޅަށް ތިބުނީ. ތިއީ މަންމަގެ ދަރިއެއް. ދަރިފުޅު ތި ތަނުގަ ހުއްޓަސް މި މަންމައާ ދަރިފުޅާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެ. މަންމަގެ ބަސް ގަބޫލުކުރަންޏާ ދަރިފުޅު ބަސްއަހައިގެން ހުރޭ. މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތަކީ ގޯސް ތަރުބިއްޔަތެކޭ އެއިން މީހަކު ބުނާނެ ފުރުސަތެއް ނުދީ. މަންމައާ ބައްޕައަށް އެމީހުން އިނގިލި ދިއްކޮށް، މުޅި އުމުރަށް މަންމަ އާއި ބައްޕަ ޖަލުގެ ތޭރިތަކުގެ ނިވަލަށް ފޮނުވާލާކަށްވެސް އެމީހުން ފަހެއް ނުޖެހޭނެ" ހަންނާ ވާހަކަދެއްކިއެވެ.
ރޫޔާ އެ ވާހަކަތައް އެހިއެވެ. މަންމަ ވަމުންއެދާ ގުރުބާނީ އަކީ އެ ހަނގުރާމައިގެ ފެށުމެވެ. މަންމަ އެ އުޅެނީ ވަރަށް ވަރުގަދަ ވަލެއް ފުންމިން ނޭނގޭ ކަނޑަކަށް އެއްލައިގެންނެވެ. ކޮންމެހެން ހަދާފައިވެސް އެ ވަލުގެ އަނެއްކޮޅުގައި ހިފަންޖެހޭ މީހަކީ ރޫޔާއެވެ. މަންމަ ބުނާހެން ކޮންމެ ފިޔަވަޅެއް ނަގަން މި ޖެހެނީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ. ފޯނު ކަނޑާލި ވަގުތު މަންމަގެ އަޑު ދެން އަނެއްކާވެސް ފޯނު ކުރުމާ ހަމައަށް ނީވޭނެކަން ހަނދާންވުމުން ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އެކި މީހުންގެ ދިރިއުޅުމަށް އިމްތިހާންތައް އަންނަނީ އެކި ގޮތްގޮތަށްކަން އެނގުމުން ރޫޔާ ހިތްހަމަޖައްސާލިއެވެ.
****
ކުޅެން ގޮސްފައި ޝައުންއަށް އާދެވުނީ އެހެން ރޭތަކަށްވުރެ ލަހުންނެވެ. އޭނާއަށް ކާން ހަދައިގެން ފަޒީލާ އިނަސް އެހާ ލަސްވެފައި ހުރުމުން ޝައުން ކާހިތެއް ނުވިއެވެ. ފަޒީލާއަށް ޖެހުނީ ތަށިތައް ނަގާށެވެ.
"ފެންވަރައިގެން އެބަދަން ކޮފީއެއް ބޯން" ސިޑިން އަރަމުން ޝައުން ބުންޏެވެ.
ބަދިގޭ ހުރިހާ މަސައްކަތެއް ނިންމާފައި ފަޒީލާ އަނެއް ބަޔަށް ދިޔައެވެ. ގޭތެރެއަށް ވަދެވުމާއެކު އޭނާއަށް ހައިރާންކަމެއް ލިބުނެވެ. ކޮޓަރި ތެރޭގައި ހުރެ ފަހަރަކު ކަބަޑެއް ހުޅުވަމުން އެދަނީ ރޫޔާއެވެ. ފަޒީލާގެ ހިތަށް ހތްހަމަޖެހުމެއް ލިބުނެވެ. ކޮޓަރިން ބޭރުން ރޫޔާ ފެނުމުންނެވެ. މަޑުމަޑުން ކުރިއަށް ގޮސް ރޫޔާއާ ދާދި ގާތުގައި ފަޒީލާ ހުއްޓުނެވެ.
"ކޯޗެއް ތި ހޯދާލަނީ؟" ފަޒީލާ އަހާލިއެވެ.
ރޫޔާ ސިހިފައި ފަހަތް ބަލައިލިއެވެ.
ފަޒީލާ ހައިރާންކޮށްލީ ރޫޔާގެ ތުންފަތްމަތިން ފެނުނު ހިނިތުންވުމެވެ. އިސާހިތަކު ރޫޔާގާ ގާތަށް ފަޒީލާ ޖެހިލިއެވެ. ރޫޔާގެ ހިނިތުންވުން އިތުރު ފުރިހަމަކަމެއް އެ ސޫރައަށް ގެނުވައެވެ. ހިނިތުންވެލީމާ ހީވީ ޝާމޮނީގެ މޫނު ފެނިލިހެންނެވެ.
"ކޮފީ... ކޮފީއެއް ބޯން މިއުޅެނީ" ރޫޔާ ބުންޏެވެ.
"އެހެންތަ. ފަޒިއްތަ ހަދާލަންދެންތަ" ފަޒީލާ ބުންޏެވެ.
"ނޫނޭ. އަޅުގަނޑު ހަދާލާނަން. ފަޒިއްތަ ބޯނަންތަ؟" ރޫޔާ އެހިއެވެ.
"އާނ. ދަރިފުޅު އަތުން ދިނީމަ ނޫނެކޭ ނުބުނާނަން" ފަޒީލާ ބުންޏެވެ.
އެއްޗެހި ބަހައްޓާފަ ހުރި ތަންތަން އޭނާ ރޫޔާ ދެއްކިއެވެ. ފާހާނާއަށް ވަދެލާފައި އެބަ އަންނަމޭ ބުނެފައި ފަޒީލާ ދިޔައީ ކޮޓަރިއަށެވެ. ރޫޔާ ކޮފީ ތައްޔާރު ކުރުމައިގެން އުޅުނެވެ.
ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު އެ ދިމާލަށް ދިޔައީ ކޮޓަރިން ނިކުތް ފަޒީލާއެވެ.
ގޭތެރެއިން މީހަކު ދުއްވައިގަތްހެން ހީވުމުން ފަޒީލާ ބަލައިލިއެވެ. ކޮފީ ހަދަން ހުރި ރޫޔާ އޭރު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަނީއެވެ. ފަޒީލާ ހައިރާންވިއެވެ. ރޫޔާ އެގަތީ ހާދަ ބިރެކެވެ. ރޫޔާ ކައިރިއަށް ދާނީ ފަހުންނޭ ހިތާ އޭނާ ދޮރު ހުޅުވާލިއެވެ.
"އާދޭ އެތެރެއަށް. ތަންކޮޅެއް ލަސްވީމަ ފަޒިއްތަ ހިތަށް އެރީ މިރޭ ދެން ނާންނާނޭ" ފަޒީލާ ބުންޏެވެ.
"ކަންނެއްވެފަ އެނދުގަ އޮވެވުނީ" ފަޒީލާގެ ފަހަތުން ހިނގައިގަންނަމުން ޝައުން ބުންޏެވެ.
މޭޒު ކައިރީގައި އިށީނދެފައި ދެފަރާތް ޝައުން ބަލައިލިއެވެ. މާމަ އެ ބުނާ ހަނާނެއް ފެންނާކަށް ނެތެވެ.
"ކޮބާ ހަނާން؟" ޝައުން އެހިއެވެ.
ކޮފީ ހަދަން ހުރި ފަޒީލާ ޝައުންއަށް ބަލައިލިއެވެ. ރޫޔާއާ ޝައުން ބައްދަލުކުރާނެކަން ގިސާމަތު އޮތީ ބުނެފައެވެ.
"ކޮޓަރީގަ ވެއްޖެ" ފަޒީލާ ބުންޏެވެ.
ކޮފީ ތަށި ހިފައިގެން އައިސް އޭނާ ޝައުން ކުރިމަތީގައި ބެހެއްޓިއެވެ.
"އަޅުގަނޑު ބައްދަލުކުރަން ދިޔުން އެހާ ރަނގަޅު ނޫން ކަންނޭނގެ. ފަޒިއްތަ އޭނައަށް ގޮވާލަދީފާނަންތަ؟" ކޮފީތަށިން ކޯވަރެއް ބޯލަމުން ޝައުން ބުންޏެވެ. ބޯޖަހާލާފައި ފަޒީލާ ހިނގައިގަތެވެ.
ލަސްލަހުން ކޮފީ ތަށި ހުސްކުރަމުން ދިޔަ ޝައުން ހިތް އަވަސްވެލިއެވެ. ހަނާނަކީ ރޫޔާ ނޫނަސް ރޫޔާއާ ސިފައިގެ ގޮތުން އެއްގޮތް ކަމެއް ހުރި ކުއްޖެއްކަން އޭނާއަށް އެނގެއެވެ. ފޮޓޯ ފެނިފައި ގިސާމަތަށް އޮޅުނީ އެހެންވެއެވެ. ޝައުން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. މަރުވަންދެން އިންތިޒާރުގައި ހުއްޓަސް ރޫޔާ ލިބޭނެ ކަމެއް ނޭނގެއެވެ. ހަނާނުގެ އަޅައިގަންނަ ކަހަލަ ގޮތެއް ހުރިއްޔާ ކައިވެންޏަށް އެއްބަސް ވެވިދާނެއެވެ. ލޯބި ނުވިޔަސް ރީތި ކުއްޖަކާއެކު ދިރިއުޅެން ފަށާތަނުން ލޯބިވެވިދާނެއެވެ. ކައިވެންކޮށްގެން ހުއްޓައި ރޫޔާއާ ދިމާވިޔަސް މައްސަލައެއް ނެތެވެ. އޭރުން ރޫޔާ ހަދާނީ ދެވަނަ އަނބިމީހާ އަށެވެ. އެކަމަކު ދެވަނަ އަންނާނީ ނަމަކަށެވެ. ހިތުގައި އަބަދުވެސް ރަސްކަން ކުރާނީ ރޫޔާއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޫޔާއާ އެކު މުސްތަގުބަލު އޭނާ ރާވާލިއެވެ. ކެއްކުނީ ފޮލާއެއްކަން އެނގުމުން އޭނާ ކައިރިއަށް ހިނިވެސް އައެވެ.
****
ކޮޓަރި ދޮރުހުޅުވާލި އަޑަށް ރޫޔާ ދިޔައީ ސިހިގެންނެވެ. އެތެރެއަށް ވަން ފަޒީލާއަށް ބަލަހައްޓައިގެން އިނީ ދެލޯ ބޮޑުކޮށްގެންނެވެ. ފަޒީލާ ހިނިތުންވެލިއެވެ.
"ކީއްވެ ތިއައީ. ކޮފީ ތަށި ނުވެސް ހަދާ ހުރީ" ފަޒީލާ ވާހަކަދެއްކިއެވެ. އޭނާ އައިސް އިށީނީ ރޫޔާގެ ގާތުގައެވެ.
"މީހަކު އައިމަ. މިގޭ ނުލަފާ މީހާތަ އައީ. އަޅުގަނޑު ބަލާތަ އެ އައީ" ރޫޔާ އަހާލިއެވެ.
ފަޒީލާ ހިނިތުންވެލިއެވެ. ރޫޔާގެ މޫނުގައި ފިރުމާލިއެވެ.
"ނޫން. މިގޭ ކުއްޖަކު އައީ. ދަރިފުޅާ ބައްދަލުކޮށްލަން. ހިނގާބަލަ" ފަޒީލާ ބުންޏެވެ.
ރޫޔާ ދެބުމަ ގޮށްޖަހާލިއެވެ. އެގޭތެރެއިން ކުއްޖަކު އައި ވާހަކަ ބުނުމުންނެވެ. އެހާވަރުން އޭނާއާ ބައްދަލުކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟
"ކާކު؟ ކީއްވެ އަޅުގަނޑާ.." ރޫޔާ ބުންޏެވެ.
"ވަރަށް ހިތްވަރުގަދަވާންވާނެ. ކަމެއް ވާއިރަށް ތިހެން ފިލީމަ ކަމަކުނުދާނެ. ކުރިމަތިލާން ކެރެންވާނެ. ހިނގާ ފަޒިއްތައާ އެކު. ފަޒިއްތަ ހުންނާނަމޭ ދަރިފުޅު ކައިރީގަ"
ރޫޔާ ފަޒީލާއާ އެކު ހިނގައިގަތެވެ.
މޭޒު ކައިރީގައި އިން ޝައުން ފަހަތަށް ބަލައިލީ ދޮރެއް ހުޅުވުނު އަޑަށެވެ. ފަޒީލާ ނިކުތްތަން ފެނުމުން އޭނާ އިނީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ. ފަޒީލާ އަތް ދިއްކޮށްލުމުން އެ އަތުގައި ހިފައިގެން ނިކުތް އަންހެންކުއްޖާ ފެނުމުން ޝައުންއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. އޭނާ ތެދުވެ ހައިރާންކަމާއެކު ރޫޔާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކުރިމަތިން ފެންނަން ހުރީ ރޫޔާ ކަން ގަބޫލުކުރަން ބޭނުންނުވެފައެވެ.
"އެހެރީ. ޝައުން. އެއީ މިގޭ ކުއްޖެއް" ފަޒީލާ ހިނިތުންވުމަކާއެކު ބުންޏެވެ.
ރޫޔާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ކުރިމަތިން ފެންނަން އެހުރީ ދުވަހަކުވެސް ކުރިމައްޗަށް އަރަން އޭނާ ބޭނުންވި އިންސާނެއް ނޫނެވެ. ހަނދާނަށް އައީ އޭނާއާ އަޅައިގަނެގެން ޝައުންގެ ފަރާތުން އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ދުވަސްތަކެވެ. އެންމެފަހުން މުޅި ކުލާހުގެ ކުރިމަތީގައި އޭނާ ލަދުގަންނަވާލި ގޮތެވެ. އެ ރުޅިމަތީގައި ހުއްޓައި ނޭހާއާ ދިމާވެ ދެއްކި ވާހަކަތައް ވެސް ހަނދާންވެ އިތުރަށް ލޭ ހޫނުވެގެން ދިޔައެވެ.
"މީނަ؟ މިއީ މިގޭ ފިރިހެނެއްތަ؟" ފަރުވާކުޑަ ގޮތަކަށް ރޫޔާ އަހާލިއެވެ. ފަޒީލާއަށް ލިބުނީ ހައިރާންކަމެކެވެ.
ޝައުންއަށް އެހެން ކަމެއްގެ މަތިން ހަނދާންނުވާ ކަހަލައެވެ. މުޅި އުމުރު އޭނާ ހޯދަމުން އައި ރާނީ ކުރިމަތިން ފެނުމުން އޭނާ ހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ. ހުރިހާ ޝުކުރެއް މާމަ އަށެވެ. އުފަލުން ޝައުންއަށް ހެވެން ފެށުނެވެ. ރޫޔާގެ ރުޅިގަނޑު އޭނާއަށް ނުފެނެއެވެ.
"ރޫޔާ..." ޝައުން ރޫޔާއާ ދިމާލަށް އަންނަން ފެށިއެވެ.
އެހިނދު އަތުން ރޫޔާ އެންގީ ހުރި ހިސާބުގައި މަޑުޖެހުމަށެވެ.
"މިތަނަށް އަހަރެން އައިސް މިހުރީ އަހަރެންގެ ރުހުމުގައެއް ނޫން. މިއީ މިގޭ މުސްކުޅި އަންހެންމީހާގެ ނުފޫޒު. އަހަރެން ވަރަށް އަވަހަށް މިތަނުން ދާނަން. އެހާތަނަށް ކަލޭ އަހަރެން ފެންނަ ހިސާބަށް އައިސްގެން ނުވާނެ" ރޫޔާ އިންޒާރު ދިނެވެ. އެހެންނަމަވެސް ރޫޔާގެ އެ އިންޒާރުން ޝައުންއަށް އެއްވެސް އަސަރެއް ނުކުރިއެވެ. މީގެ ކުރިންވެސް އޭނާ ވަނީ އެތައް ފަހަރަކު އެ އިންޒާރުތަކުގެ އަޑު އަހާފައެވެ.
"ރޫޔާ... މި ހުރިހާ ދުވަހު ކޮންތާކު އުޅުނީ.... އޯ ފަޒިއްތާ..." ޝައުން އައީ ރޫޔާއާ ގާތަށެވެ.
އެވަގުތު ރޫޔާ އެނބުރުގޮތަށް ކޮޓަރިއަށް ވަދެ ދޮރުލައްޕައި ތަޅުވެސް ލިއެވެ. ފަޒީލާއަށް ހުރީ ކުރިމަތިން ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. މީގެ ކުރިންވެސް ޝައުންއާ ރޫޔާ ހުރީ ދިމާވެފައިކަން އެނގުމުންނެވެ. އެއީ ރޫޔާ އަމަލުކުރި ގޮތުންނެވެ.
"އާދެބަލަ. ކިހިނެއްވެފަ މާ ހައިރާންވެފަ ތިހުރީ" ޝައުން ބުންޏެވެ.
ފަޒީލާ އަތުގައި ހިފައިގެން ޝައުން ނިކުތީ ގަސްތައް ހައްދާފައިވާ ދިމާލަށެވެ. މުޅިއަކުން އަނދިރި ސަރަހައްދެއް ނޫނެވެ. ގަސްތަކާ ދިމާލުން މައްޗަށް ވާގޮތަށް އަރުވާފައިވާ ކުލަ ބޮކިތަކެއްގެ އަލި އެ ސަރަހައްދަށް އެޅިފައިވެއެވެ. ޖޯލިފަތީގައި އިށީނދެފައި ޝައުން ހެވިފައި ފަޒީލާއަށް ބަލައިލިއެވެ.
"މާމަ ހާދަ މޮޅޭ. ހަނާނޭ ކިޔާފަ އެ އައީ އަހަރެންގެ ރޫޔާ ގޮވައިގެން. ފަޒިއްތައަށް އެނގޭތަ ރޫޔާ އަކީ އަހަރެން ހާދަ ލޯބިވާ ކުއްޖެކޭ. މި ހުރިހާ ދުވަހު އިންތިޒާރު މިކުރަނީ ރޫޔާއަށް. ވީތަނެއް ނޭނގި ނުފެނިގެން އުޅުނީ. މާމަ އެ އައީ ހޯދައިގެން. މާމަ ބުނި އަހަރެންގެ ކައިވެނި ކުރުވާނަމޭ. ޕްލީޒް ފަޒިއްތަ ރޫޔާއަށް ވިސްނައިދީބަލަ" ޝައުން އިނީ ފަޒީލާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
"އެކަމަކު ފެނުނެއްނު ރޫޔާ އެހާ ގަބޫލު....." ޝައުން އެ ވާހަކަތައް ހުއްޓުވިއެވެ.
"އެނގެޔޭ... އެއީ އަބަދުވެސް އުޅޭ ގޮތް. އަހަރެން އެކަން ބަދަލުކުރާނަން މެރީ ކުރެވުނީމަ" ޝައުން ބުންޏެވެ.
"ފަޒިއްތަ ބަލާނަން" ފަޒީލާ ދިނީ އުންމީދީ ޖަވާބެއް ނޫނެވެ.
"އަދި އެއްވާހަކަ. ފަޒިއްތައަށް މިކަމުގެ ހަގީގަތް އެނގޭނެ" ޝައުން ބުންޏެވެ.
ފަޒީލާއަށް ނުވިސްނުނެވެ. އޭނާ އިނީ ރޫޔާއަށް ވީގޮތެއް ބަލަން އަވަހަށް ދާން ބޭނުންވެފައެވެ.
"ރޫޔާ.... ކީއްވެތަ މާމަމެން ހަނާނޭ އެ ކިޔަނީ. މިހާރު އެނގޭ އެއީ ކަޒިންއެއް ކަން. އެކަމަކު ކިއްވެބާ ހަނާން ރޫޔާއަށް ބަދަލުވީ. ކިއްވެތަ ރޫޔާ މިގޭތެރޭގަ އުޅެ ބޮޑުނުވީ" ޝައުން ސުވާލުކުރިއެވެ.
"ތި ހުރިހާ ސުވާލެއް ފަޒިއްތައަށް އެނގޭ. ރޫޔާ އުފަންވީވެސް ފަޒިއްތަ މިގޭ ހުއްޓަ. އެކަމަކު ތި ހުރިހާ ކަމެއް މާމަ ކައިރީގަ އަހަން ފަޒިއްތައަށް ފެންނަނީ. މާމަ ނުބުނަން އުޅެންޏާ ޝައުން ވެސް ގަދަ ހަދާލާ. މާމަދަރިން ދެކެ އޭނަ ލޯބިވަންޏާ މާމަދަރިން ބުނާ ގޮތްވެސް އޭނާ ޖެހޭނެ ހަދަން" ފަޒީލާ ބުންޏެވެ.
އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނުމުން ޝައުން ބޯޖަހާލިއެވެ.
****
ފަޒީލާ ކޮޓަރިއަށް ވަނުމާއެކު ރޫޔާ ދުވެފައި އައިސް ފަޒީލާގެ އަތުގައި ހިފައިފިއެވެ. ފަޒީލާއަށް ލިބުނީ ހައިރާންކަމެވެ. ރޫޔާގެ މޫނުމަތިން އޭނާއަށް ކަންބޮޑުވުމެއް ފެނުނެވެ.
"އޭނަ އަހަރެން ދުލެއް ނުކުރާނެ. އަމުދުން މިހާރު ނުކުރާނެ. އެއީ އަޅުގަނޑު އޭނާއާ އެއްގެއެއްގަ އުޅޭތީ" ރޫޔާ ބުންޏެވެ.
"ކީކޭ ތި ކިޔަނީ" ރޫޔާގެ މޫނުގައި ފަޒީލާ ފިރުމާލިއެވެ. "ހިނގާބަލަ އިށީނދެލަން"
ރޫޔާ ގޮވައިގެން އައިސް އެނދުގައި ފަޒީލާ އިށީނެވެ. ރޫޔާ ވާހަކަދައްކަން ފުރުސަތު ދިނެވެ.
"މިގޭ އަންހެންމީހާގެ ރޭވުން މިހާރު ފަހުމުވާން ފަށައިފި. އެކަމަކު އޭނައަށް އެކަން ކާމިޔާބުވިޔަ ނުދޭނަން. އަޅުގަނޑަށް ކުރެވުނުހާ ޖެއްސުމެއް ކުރާނަން" ރޫޔާ ބުންޏެވެ.
(ނުނިމޭ)