"މަށަކީ އެ ކުއްޖާ ވިހޭ މަންމައޭ. ތުއްތުތުއްތު އިރު ނުކުޅެދޭ ހާލުގައި، އެއްޗެއް ނުބުނެވޭ ހާލުގައި އޮއްވައި އެ ކުއްޖާ ލަންކާގެ ހޮސްޕިޓަލަށް ދޫކޮށްލީ މަށޭ... އެ ކުއްޖާ ދެކެ އުފަން މަންމައެއްހެން ލޯބިވަނީ އެ ކުއްޖާގެ ދޮންމަންމައޭ... އިވިއްޖެތަ.....؟"
އެތަކެއް އަހަރުތަކެއް ވަންދެން ޒައިނާގެ ހިތުގައި ވަޅުލައިގެން އުޅުނު ސިއްރު އޭނާގެ ދުލުން ހާމަކުރީއެވެ. ޒިޔާދު ބުނަނީ ތެދެކެވެ. ވަގުތު ޖެހުނީމާ ކޮންމެ ކަމެއްވެސް ހާމަވެ ފާޅުވާނެއެވެ.
ތިމާ ހިތާއި ފުރާނައިން ލޯބިވާ ފިރިމީހާ އެހެން އަންހެނަކާ އިނުމުން އެ އަންހެނަކަށް ހަސަދަވެރިވުމަކީ ކޮންމެކޮންމެ ދޮށީ އަނތްބަކު ކުރާނެ ކަމެއް ނޫނެވެ. އެކަން ޒައިނާއަށްވުރެ ރަނގަޅަށް އެނގޭނީ އެހެން ކާކަށް ހެއްޔެވެ؟
ކޮންމެކޮންމެ ދޮންމަންމައަކު ދޮންނިޔަދުރަކަށް ނުވާނެއެވެ. އުފަން މަންމައަށްވުރެ މާބޮޑަށްވެސް ހެޔޮ ލޯބިވާ ދޮންމަންމައިން އުޅެއެވެ. އެކަން ވެސް ޒައިނާއަށްވުރެ ރަނގަޅަށް އެނގޭނީ އެހެން ކާކަށް ހެއްޔެވެ؟
ފަނަރަ އަހަރު ކުރިން...
ޒައިނާ އަލަތު ފިރިހެން ދަރިފުޅު ގޮވައިގެން ލަންކާއަށް ނަޖުމްއާއެކު ދިޔައީ އެއީ އޭނާގެ ލޯބިވާ ފިރިމީހާގެ ދޮށީ އަނބިމީހާ ކަމާއި އޭނާއަށްޓަކައި ފިރިމީހާ ގާތުން ވަރިވިކަން އެނގުމުންނެވެ.
ނަޖުމްއަކީ ފަހުދުގެ އަލަތު އަނބިމީހާއެވެ.
ދެމީހުން ކައިވެންޏެއް ކުރީ އެކަކު އަނެކަކު ދެކެ ލޯބިވާތީއެވެ.
ފަހުދުގެ އާއިލާއަކީ ހައިބަތު ބޮޑު ޝާހީގޮތާއި ގޮތްބޮޑު އާއިލާއެއްކަމުން ނަޖުމް ކަހަލަ އާދައިގެ އަންހެން ކުއްޖަކާ ފަހުދު ކައިވެނި ކުރުމަކީ އެ އާއިލާގެ އެއްވެސް މީހަކު ރުހޭނެކަމެއް ނޫނެވެ. އެހެންކަމުން އެ ކައިވެނި ފަހުދު ކުރީ ލަންކާގައި ސިއްރުސިއްރުންނެވެ. ނޫސްތަކުގައި ފަހުދުގެ ކައިވެނީގެ ވާހަކަ ނުލިޔެވުނީ އެހެންވީމައެވެ.
ނަޖުމްގެ ކިޔެވުމަށް ވަގުތު ދީފައި މާލެ އައުމާއެކުހެން ޒައިނާ ފަހުދުގެ ކުރިމައްޗަށް ލޯބީގެ ހުރިހާ ކުލަތަކެއް ހިފައިގެން ހިނގައްޖެއެވެ. އަދި މަންމަގެއާއި އާއިލާގެ ގިނަބައެއްގެ ރުހުން ލިބިގަތުމަށްޓަކައި ވިޔަފާރީގެ ގޮތުން ނައިބުގޭ އާއިލާގެ އެންމެބޮޑު ދުޝްމަނު ޝަފީގާގެ އަންހެން ދަރިއާ ފަހުދު ކައިވެނި ކުރިއެވެ.
އަލީ ފަހުދާއި ޒައިނަބު ޒުބައިރުގެ ކައިވެނީގެ ވާހަކަ ނޫސްތަކުގައި ލިޔެވުނެވެ.
އެހެންނަމަވެސް ފަހުދުގެ ހިތުގައި ޒައިނާއަށްޓަކައި އެއްވެސް ލޯތްބެއް ނެތެވެ. ނުވެސް އުފެދުނެވެ. ދޮށީ އަނބިމީހާ ގާތަށް ދިއުމާ އެކުހެން ދެވަނަ ކައިވެންޏެއް ކުރި ވާހަކައާއި އެ ކައިވެނި ކުރަންޖެހުނީ ކީއްވެގެންކަން ފަހުދު ކިޔައިދިނެވެ. އަބަދުވެސް އާދައިގެ މަތިން ނަޖުމް އިސްކުރީ ބުއްދިވެރިކަމެވެ. ފަހުދު ދެކެ ޒައިނާ ލޯބިވާނެ ވަރު ނަޖުމްއަށް އެނގުނެވެ. އެހެންކަމުން ފަހުދާއި ޒައިނާގެ ގުޅުން ރަނގަޅު ކޮށްދޭން އެތައް މަސައްކަތެއްވެސް ކުރިއެވެ. ނަޖުމްއަކީ ފަހުދުގެ ކާކުކަން އެއްވެސް މީހަކަށް ނޭންގުމަށާއި އެހެން ކަންތައް ކޮށްފިނަމަ ވަރިވާނެ ކަމަށްބުނެ އިންޒާރުވެސް ދިންމެއެވެ.
ކަން ދިމާކުރިގޮތުން ޒައިނާ ވިހޭއިރު ނަޖުމް އިނީ ބަލިވެއެވެ. އެހެންނަމަވެސް އޭރު ފަހުދާ ވަކިވުމަށް ނަޖުމް އޮތީ ނިންމައިފައެވެ.
ހުރިހާ ގޮތަކުންވެސް ޒައިނާއަށް ހެޔޮ އެދިގެން ފަހުދު ގާތުން ވަރިވި ދުވަހަކީ ނަޖުމް ޒައިނާ އާއި ކުޑަކުޑަ މިޒްދާން ގާތަށް ހޮސްޕިޓަލަށްވެސް އައި ދުވަހެވެ.
ނަޖުމްގެ ވަކިވުމާއި ޒައިނާއާއި ނަޖުމްގެ ގާތް އެކުވެރިކަމާއި ލޯބި ފެނުމަކީ ފަހުދަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ނަޖުމް އިނީ ބަލިވެކަން ނޭނގި ފަހުދު އެތަކެއް ގޮތަކުން ނަޖުމަށް ތުރާކޮށް އުނދަގޫ ދިނެވެ. ރޭގަނޑު ސިއްރުސިއްރުން ނަޖުމްއަށް މަޖުބޫރުކޮށްގެން ގެނެސް އެތަކެއް އަނިޔާދިނެވެ.
އެގޮތަށް ދެތިން ބައްދަލުވުމަށްފަހު ނަޖުމް ކަނޑައެޅިގެން ފަހުދާއި ބައްދަލުކުރަން އިންކާރު ކުރިއެވެ. އަދި އެއްވެސް ވަރަކަށް ނަޖުމްއާ ބެހޭގޮތުން ކުރެވި ރޫޅިފައިވާ ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކައިފިނަމަ ފަހުދުގެ މަންމަގެ ކުރިމަތީގައި އިތުބާރު ގެއްލިދާނެ ކަމުގެ ބިރުދެއްކިއެވެ.
ފަހުދަކީ ފިނޑި ފިރިހެނެކެވެ. އެއްކޮޅުން ނަޖުމްގެ ލޯބި ބީވުމުން ސިކުނޑި ހާސްވެފައި ހުރި އިރު، އަނެއްކޮޅުން ޒައިނާގެ އާދޭސް ކުރުންތަކާއި ދަރިފުޅުގެ ކުއްލި ބަލިވުން ފަހުދު މޮޔަކުރާވަރު ކުރިއެވެ.
ދަރިފުޅު ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށް ނަޖުމްއާ ދެކޮޅަށް ފަހުދު ތެދުވީ ހަސަދައާއި ނަފުރަތުގެ ސަބަބުންނެވެ. ގޮތް ހުސްވެގެން ނަޖުމް ޒައިނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެ ދުވަހު ކިޔައިދިނީ ހުރިހާ ވާހަކައެކެވެ.
އަންމިގެ އެ ގުރުބާންވުމުގެ ކުރިމަތީގައި އިސްޖަހާލުމަށްފަހު މިޒްދާން ގޮވައިގެން ލަންކާއަށް ދިއުމަށް ޒައިނާއަށް މަޖުބޫރުވީއެވެ. އެހެންނަމަވެސް ލަންކާގެ ހޮސްޕިޓަލުގައި ދަރިފުޅު ބާއްވައިގެން އުޅުނު ހަފުތާއެއްހާ ދުވަސްތެރޭ ޒައިނާގެ ނަފްސު ތެޅިފޮޅުނީ ދަރިފުޅަށްޓަކައެއް ނޫނެވެ.
އެކަމަކު ފަހުދަށްޓަކައެވެ. ފަހުދުގެ ގޯނާ ކުރުންތަކާއި އަނިޔާތަކުގެ ސަބަބުން ނަޖުމްގެ ދަރިފުޅު ބައިގެން ދިޔައީވެސް އެ ހަފުތާ ތެރެއިން ދުވަހެއްގައެވެ. ބަލި އެނދުގައި ނަޖުމްއަށް އޮވެވުނީ އެންމެ ދުވަހަކުއެވެ.
ތުއްތު މިޒްދާނަށްޓަކައި ދެފައި ދަމަމުން އަނެއްކާވެސް ނަޖުމް ހޮސްޕިޓަލަށް ދިޔައެވެ. އޭރު ޒައިނާ މާލެ ދިއުމަށް ބޭނުންވެގެން ތެޅިފޮޅެނީއެވެ. އަދި ދެން ދަރިފުޅު ދޫކޮށްލާފައި ފިރިމީހާ ގާތަށް މާލެ ދިއުމަށް ގަސްދުކުރާ ވާހަކަ ޒައިނާ ނަޖުމް ގާތު ބުނެފިއެވެ.
ތުއްތުތުއްތު މިޒްދާންގެ ބޯމަތިން މަންމަގެ ހިޔާވަހިކަން ގެއްލެނީކަން ޔަގީންވުމުން ނަޖުމް އެ ކުއްޖާފުޅު އަމިއްލަ ދަރިއަކަށް ހެދުމަށް ނިންމީ އެ ގޮތާ ޒައިނާ އުފަލުން އެއްބަސްވުމުންނެވެ. ޒައިނާ މާލެ އައީ ދަރިފުޅު އެއްލައިލާފައެވެ. ބީރަށްޓެހި ގައުމެއްގެ ބީރަށްޓެހި މާހައުލަކަށް އެއްލާލީ އެ ދަރިފުޅު ދެކެ އެއްވެސް ލޯތްބެއް ނެތް މައެއް ފަދައިންނެވެ. އެހެންނަމަވެސް އެ ވާހަކަ ހަމައެކަނި ފަހުދާ ހިއްސާކުރުމަށް ޒައިނާ އޮތީ ގަސްދު ކޮށްފައެވެ. އެހެންކަމުން މާލެ އައިސް ފަހުދު ގާތުގައި އެ ވާހަކަ ދެއްކުމަށް އޭނާ މަސައްކަތް ކުރިއެވެ.
މާލެ އައުމާއެކު ފަހުދުގެ ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ޒައިނާ އޭނާ ކަންތައް ކޮށްފައިވާ ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަދި އެއާއެކު..
ފަހުދުގެ ރުޅި ކޮންޓްރޯލު ނުކުރެވުނީއެވެ.
ކާރުގެ ހުންގާނުން ފަހުދު އަތް ދޫކޮށްލީ ޒައިނާގެ ކަންފަތްމަތީގައި އެތިފަހަރެއް ޖެހުމަށްޓަކައި ނަމަވެސް ކޮންޓްރޯލުން ނައްޓާލީ މަގުތައްމަތީ ދުވެފައިދިޔަ ކާރުގެ ދުވެއްޔެވެ. އަދި.. އެ ބިރުވެރި.. ނާމާން ހާދިސާ.. ސިކުންތު ކޮޅެއްގެ ތެރޭ ޒައިނާގެ މުޅި ހަޔާތުގެ ވާހަކަ ބަދަލުކޮށްލިއެވެ.
އޭރު މުޅި މާލެއާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ޒައިނާއާއި ނަޖުމްގެ ނަން އޮތީ ކަންފަތަށް އަހަން އުނދަގޫ ގޮތަކަށް މަޝްހޫރުވެފައެވެ. ނައިބުގޭ ހާންދާނުގެ ހަމައެކަނި ވާރިސާއި އިތުރަށް ލިބުނު ހަމަ އެންމެ މާމަ ކާފަދަރިފުޅުގެ މަރަކީ އާދައިގެ ކުޑަ ކަމަކަށް ނުވިއެވެ. ޒައިނާއަށް ކުރިމަތިލާން ޖެހުނީ ހަމައެކަނި އާއިލާގެ ސުވާލުތަކާއެއް ނޫނެވެ.
ތަހުގީގުކުރަން އައި ޔުނިފޯމްގައި ތިބި ފުލުހުންގެ ސުވާލުތަކަށްވެސް ޖަވާބު ދޭން ޖެހުނެވެ. ފަހުދުގެ މަރަށްފަހު ޒައިނާ މިޒްދާން ދުނިޔޭގައި ހުރިކަން އެއްވެސް އިތުރު މީހަކަށް އަންގާކަށް ބޭނުމެއް ނުވިއެވެ. ޒައިނާ އޭނާގެ އަންމިގެ އަތުން އަންމިގެ ހަޔާތުގެ އެ އަލިކަން ފޭރިގަންނާކަށް ބޭނުމެއް ނުވިއެވެ.
ދުވަހެއްގައިވެސް އެ ސިއްރު ހާމަނުކުރުމަށް އަމިއްލަ ނަފްސަށް ވައުދުވެ، އެ ވާހަކަ އޭނާ ނަޖުމަށްވެސް އެންގިއެވެ.
އޭރުއްސުރެ މިއަދާ ހަމައަށްވެސް ނަޖުމްގެ އުނގުގައި ބޮޑުވި ޝައިންއަކީ "މަރުވެފައިވާ" މިޒްދާންކަން އެނގެނީ ހަމައެކަނި އެ ދެމީހުންނަށެވެ. ނަޖުމް ތައުލީމު ހާސިލުކުރި ދާއިރާއިން ރަނގަޅު ވަޒީފާއެއް ހޯދީ ލަންކާގައި ކިޔަވައިދޭން އުޅުނު ޓީޗަރެއްގެ އެހީއާއެކު މާދުރުން ލަންޑަނުންނެވެ. އެއީ ނަޖުމްގެ ހެޔޮނަސީބެވެ. ޝައިންއަށް ދިމާވި ރަނގަޅު ހެޔޮ ފާލެކެވެ.
ލަންޑަނުގައި އަމިއްލަ ދިރިއުޅުމެއް ބިނާކުރަމުން ނަޖުމް ގެންދިޔައީ ހަމައެކަނި ޝައިންއަށްޓަކައެވެ. އެގޮތުން ނަޖުމްއާއި ޝައިންއަށް ރަނގަޅު އެކުވެރިން ލިބުނެވެ. އެހެންނަމަވެސް މިއަދު މިވީ ކީއްހެއްޔެވެ. ނަޖުމް އެގޮތަށް ޒިޔާދުގެ ފުށުން ސަލާމަތްވުމަށް މެދުވެރިވި އަށްޑަނައަށްވީ ކީއްވެހެއްޔެވެ.
ނޫނެކެވެ. ޝަކުވާ ކުރެވޭކަށް ނެތެވެ.
ތަގުދީރުގެ ރޭވުމަކީ ދެކޮޅުހަދާ ޝަކުވާ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމާ ދެކޮޅު ހެދުމަކީ ގޯހެކެވެ. އެކަން ޒައިނާއަށްވެސް އެނގެއެވެ. އެހެންނަމަވެސް ހަސަދައިގެ ކަނުބަނދެގެން އަނިޔާވެރިވި މީހުންގެ ދެލޯ ހުޅުވަން އޭނާ ބޭނުމެވެ. ޒައިނާގެ ދުލުގައި ލެވިފައިވާ ތަޅު ހުޅުވަން ޖެހުނީ އެ ސަބަބަށްޓަކައެވެ.
ފުލުހުންގެ ދެ އޮފިސަރުންނާއެކު ގެއަށް ވަދެގެން އައި ޒިޔާދާއި ޝައިންއަށްވެސް ޒައިނާގެ އެ ވާހަކަތައް އަޑުއިވުނެވެ. އެއީ ޒިޔާދަށްޓަކައި ސިހުމެއް ލިބުނު ހައިރާންވާވަރުގެ ވާހަކައަކަށް ނުވީ ޚުދު ޒިޔާދުވެސް އެފަދަ ކަމެއް ތަޖުރިބާކޮށްފައިވާތީއެވެ. އެހެންނަމަވެސް ޝައިންއަށްޓަކައި އެއީ ހޮނުގުގުރިއެއް ފަދަ ބޮޑު ވާހަކައެކެވެ. ގަބޫލުކުރަން ބޭނުންނުވާ ހަގީގަތަކާ ނޭނގި ހުއްޓައި ކުރިމަތިވުމުން ޝައިންއަށް ލިބުނު ކުއްލި ހައިރާންކަމާއި ސިހުމާއެކު ގަބުވެފައި ހުރެވުނީއެވެ.
"ނުވާނެ.. އެހެނެއް ނުވާނެ.. ޝައިންގެ މަމީއަކީ އެހެން މީހެއް ކަމަށް ގަބޫލެއް ނުކުރާނަން.. ޝައިންއަކީ މަމީގެ ދަރިއެއް.. ނަޖުމްގެ ދަރިއެއް.."
ސިޓިންރޫމަށް ވަނުމުގެ ބަދަލުގައި ބޭރުފާރުގައި ލެނގިލަމުން މަޑުމަޑުން ޝައިން ބުނެލި އެ ބަސްތައް ޒިޔާދަށް އިވުނެވެ.
ޒިޔާދު ޝައިންގެ ގާތަށް ޖެހިލުމަށްފަހު ޝައިންގެ ކޮނޑުގައި އަތްބާއްވާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިވަގުތަކީ ޝައިންއަށް ކިހާ ވޭންދެނިވި އުނދަގޫ ވަގުތެއްކަން ޒިޔާދަށް އިހުސާސް ކުރެވުނެވެ. އެއްދުވަހެއްގައި ޚުދު ޒިޔާދުވެސް އެގޮތަށް ދެއަތަށް ބޯހޫރާ މޮޔަ ގޮވިއެވެ. ރޮއި ގިސްލިއެވެ. ތަފާތު ގޮތަކަށް، ތަފާތު މީހަކަށް ވިޔަސް އިއާދަވީ ހަމަ ޒިޔާދުގެ މާޒީ ކަހަލައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ފަރީދާ އާއި ނަތާޝާ ގެންދެވުނީ އެތައް ބައިވަރު ހެކިތަކަކާ އެކުގައެވެ. ގޭތެރެ ބަލައި ފާސްކުރި އިރު، ފަރީދާގެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ ތެރެއިން ފެނުނު ޒަހަރުފުޅިއާއި ޒިޔާދުގެ ފަރާތުން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ހަމައެކަނި ބަރޯސާވުމުގެ ބަދަލުގައި ފަރީދާއާއި ޒައިނާގެ ޒުވާބުގެ ތެރެއިން ފަރީދާ އަމިއްލައަށްވީ އިއުތިރާފަކީ އެމީހުންނަށް ލިބުނު ޔަގީންކަމުގެ ހެއްކަކަށް ފުދުނެވެ.
އެހެންނަމަވެސް ފުލުހުން ގެންދިއުމުގެ ކުރިން ގޭތެރޭގައި ގުގުމައިގެން ދިޔައީ ފަރީދާގެ ބާރު ހުނުމުގެ އަޑެވެ. ފަރީދާގެ ސިކުނޑި ހަމައިން ނައްޓާލީއެވެ. އާނއެކެވެ. ދުނިޔެއިން މޮޔަވީއެވެ.
އެހެންވިޔަސް ފުލުހުން އެބޭކަލުންގެ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ފަރީދާވެސް ގެންދިޔައީ ތަހުގީގަށް ބޭނުންވާ ސުވާލުތައްކޮށް އިތުރަށް އޮޅުންފިލުވުމަށްފަހު ދެމައިންވެސް ގޭގައި ބަންދު ކުރެވޭނެ ވާހަކަ ވިދާޅުވެފައެވެ. ނުވަތަ ކޯޓުން ގޮތެއް ނިންމަންދެން ބަންދުކުރެވޭނެ ވާހަކަ އަންގަވައިފައެވެ. ގެންދިއުމުގެ ކުރިން ނަތާޝާ މައާފަށް އެދުނެވެ. ޒިޔާދާއި ޒައިނާގެ އިތުރުން ޝައިންގެ ކިބައިންވެސް މެއެވެ. ތިން މީހުންވެސް ހިމޭނުން ތިބީ މައާފު ކުރެވިދާނެތޯ ހިތަށް އަރާފައި ކަމަށްވެސް ވެދާނެއެވެ.
ނަޖުމް ގޮވައިގެން މާލެ ނުވަތަ ރާއްޖެއިން ބޭރަށް ދިއުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އުއްމީދު ކަނޑާލައިފައި ޑޮކްޓަރުން ވިދާޅުވިއެވެ. މާގިނަ ދުވަހަކު ނަޖުމް ދުނިޔޭގައި އޮވެދާނެކަމުގެ އެއްވެސް މިންވަރެއްގެ އުއްމީދެއްވެސް ނެތީއެވެ. މަރަށް ހާޒިރުވެފައިވާ ނަޖުމްއަށް އިތުރު ވޭނެއް ލިބޭކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން ރަށުގެ ހޮސްޕިޓަލުގައި ނަޖުމް ބޭއްވުމަށް އެންމެންހެން އެއްބަސްވިއެވެ.
(ނުނިމޭ)