"އޭތް، އެއްކަލަ. ތިހެން ނަހަދާށޭ އަންމި ބުނަމެއްނު." ޚުތުބާ ނިމުމުން ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ނަޖުމް ޒައިނާގެ ލޯ ފޮހެދެމުން ބުނެލިއެވެ.
"ބަލައިބަލަ. މިއޮތީ ހަމަ މިޒްދާން ކަހަލަ ލޯބިލޯބި ކުއްޖެއްނު. ޒައިނާގެ މިހާރުގެ ޒިންމާއަކީ މިއީ. ކޮންމެ ކަމަކަށްވެސް ވަގުތުދޭށޭ ބުނެ ހަނދާން ނުނައްތަބަލަ. އެކަމެއްގެ ވަގުތު ޖެހުނީމަ އެކަމެއް ވާނެ. ކޮންމެ ކަމެއްވެސް ދިމާވާނީ އެންމެ ރަނގަޅަށް. ދެން ހީލަބަލަ. ޕްލީޒް" ނަޖުމް ޒައިނާގެ ދެރަވެ އޮއްސިފައިވާ މޫނަށް ހިނިތުންވުމެއް ގެނައުމަށް މަސައްކަތް ކުރިއެވެ.
"މީގެފަހުން ތިގޮތަށް އެ ހަނދާނުގައި ރޮއިގެން ނުވާނެ. ޕްރޮމިސް" ނަޖުމް ދިއްކޮށްލި އަތުގައި ޒައިނާ ހިފިއެވެ. އެގޮތަށް ދެން ނުރުއިމަށް ވައުދުވުމުގެ ގޮތުންނެވެ. އެ ހަނދާންތައް ހިތުގައި ވަޅުލުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
އާނއެކެވެ. ފާއިތުވެގެންދާ ވަގުތެއް އަނބުރާ ނުގެނެވޭނެއެވެ. ނަޖުމް ބުނަނީ ތެދެކެވެ. ވެދިޔަތަނާ މެދު ޝަކުވާކޮށް ކަރުނަ އޮހޮރުމަކުން އެކަންތައް ބަދަލެއް ވެސް ނުކުރެވޭނެއެވެ. އެކަމަކު ޔަގީނުން ވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. މާޒީން އިބުރަތް ލިބިގަނެގެން މުސްތަގުބަލު އުޖާލާކޮށް ބާއްޖަވެރި ކުރެވިދާނެއެވެ. ހުކުރުން ފައިބައިގެން އައިސް ޒިޔާދު ގެއަށް ވަނީ އެ ވަގުތެވެ. ނަޖުމްއަށް ފުރަތަމަ ވެސް އަހައިލެވުނީ ޝައިން ކޮބައިތޯއެވެ.
"ގެއަށް ވަންތަނާ އަސްމާ ކޮންމެވެސް ކާޑެއް ދައްކަން ގޮވައިގެން އެ ބަލަން ގެންގޮއްސި" ސޯފާގައި އިށީންނަމުން ޒިޔާދު ޖަވާބުދިނެވެ. އަދި ޒައިނާގެ އުނގުގައި ނިދާފައި އޮތް ތުއްތު ދަރިފުޅުގެ ކޮލުގައި އިނގިލިން ކޮއްޓައިލިއެވެ. ތުއްތު ކުއްޖާފުޅު ނިދީގައި ބައްޕަގެ އަތުގެ އިހުސާސް ކުރެވިފައި ހީލިއެވެ. އަދި އަނެއްކާވެސް ނިދީގެ ތެރެއަށް ގެނބިއްޖެއެވެ.
ޒައިނާ ތެދުވެގެން ދިޔައީ ދަރިފުޅު ބޭއްވުމަށްޓަކައި ކޮޓަރިއާ ދިމާއަށެވެ. އެ ވަގުތު ސިޓިންގރޫމްގެ ދޮރުމައްޗަށް އައިސް ހުއްޓުނު ނަތާޝާ ފެނިފައި ޒިޔާދު ބުނެލިއެވެ.
"ނަތާޝާ ދޮންބެއަށް ޖޫސްތަށްޓެއް ލިބިދާނެތަ...؟ ވަރަށް ފިނި ޖޫސްތަށްޓެއް-.." ޒިޔާދުގެ ޖުމުލަ އިވުމާއެކު ނަތާޝާ އަވަސްއަވަހަށް އެ ތަނުން ހިނގައްޖެއެވެ.
"ނަތާޝާ ވެސް މިހާރު ވަރަށް ބަދަލުވެއްޖެ. ނަޖުމް ނާންނައިރު އަބަދު ހުންނަނީ ތުންދަމާފައި ރުޅި އައިސްފައި. މިބަޔަށް އޮޅިގެން ވެސް ނުވަންނާނެ..." ޒިޔާދު ތައުރީފުގެ ބެލުމަކުން ނަޖުމްއަށް ބަލައިލިއެވެ.
"އެއްވެސް މީހަކީ ގޯސް މީހެއް ނޫން. ގޯސް ވަނީ އެމީހަކު ކުރާ ކަންތައް. އެއީ ބަދަލުކުރެވޭނެ ކަންތައް. އެއްވެސް ކަމަކީ ބަދަލު ނުކުރެވޭނެ ކަމެއް ނޫނޭ ބުނުމަކީ ކަނޑައެޅިގެން ސުންޕާ ބަހެއް" ނަޖުމް ބުނެލިއެވެ.
"އޯހް. މި އިންނަނީ ހަނދާން ނައްތައިލާފައި. ނަޖުމްއަށް ދައްކަންޖެހޭ ފޮތެއް އޮންނާނެ. ހަވީރަށް ރީތި ހެދުމެއް ލާއިރު އެ ފޮތް މުހިންމުވާނެކަން ޔަގީން..." ޒިޔާދު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ
"އަނހާ. ދޮންބެ ކޮބާ؟"
ސާފު ބިއްލޫރި ތަށްޓެއްގައި ހުރި ފިނިޖޫސްތަށްޓެއް ހިފައިގެން އައިސް ވަނުމާއެކު ނަތާޝާ ސުވާލުކޮށްލިއެވެ.
"މިތާ ބަހައްޓާ. އެއްޗެއް ބަލައިދިޔައީ..." ނަޖުމް ކައިރީގައި ހުރި ކުޑަ ބިއްލޫރި މޭޒު ދައްކަމުން ބުނެލިއެވެ. ނަތާޝާ ޖެހިލުންވެފައި ހުރެ މޭޒުމަތީގައި ބެހެއްޓި ޖޫސްތަށި ފެނުމާއެކު ނަޖުމްގެ ކުޅުދިޔާވެގެން ދިޔައެވެ.
"ވާހް. ޕެޝަން ފުރުޓް ފަނިތަށްޓެއް. މަގޭ ފޭވަރިޓް" މިހެން ބުނުމާއެކު ނަޖުމް އެ ޖޫސްތަށި ނަގައިފިއެވެ.
"އެކަމަކު. ތީ ދޮންބެ..." ނަތާޝާ ހާސްވެފައި ތެޅިގަންނަމުން ޖޫސްތަށި އަތުލަން އަތްދިއްކޮށްލިއެވެ.
"ދޮންބެއަށް ދޭން އެހެން ތަށްޓެއް ގެނެސްދީ. ޕްލީޒް. މި ތަށި އަހަންނަށް.." ނަޖުމް ކަރު އެލުވައިލުމާއެކު ބުނެލިއެވެ. އަދި ޖޫސްތަށި ތުނބުގައި ޖައްސައިލިއެވެ.
"އެކަމަކު"
ދެންވެސް ނަތާޝާ ނަޖުމް ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭރު ދެން ކުރާނެ ކަމެއް ނެތިއްޖެއެވެ. ނަޖުމް ފިނިފިނި ޕެޝަންފުރުޓް ފަނިތަށި އެއްކޮށް ކަހަލަ ގޮތަކަށް ދެތިން ކޯވަރަކުން ބޮއިލައިފިއެވެ. އެހެންނަމަވެސް ތަށީގެ ފުލުގައި ކޮންމެވެސް ވަރަކަށް ބާކީ ހުއްޓައި ނަޖުމް އެ ތަށި މޭޒުމަތީގައި ބަހައްޓަން އަތްދިއްކޮށްލިއެވެ.
އެ މަސައްކަތް ނާކާމިޔާބުވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ތަށި މޭޒުމަތީގައި ނުޖެހި ވެއްޓުނީ ބިންމައްޗަށެވެ.
އަދި ދެންހަމަ އެންމެ ދެތިން ސިކުންތުތެރޭ ނަޖުމްގެ ނޭވާ ހާސްވެ އުފުރެން ފެށުމާއެކު ކޮށި އަރައިފިއެވެ. އެއާއެކު ބޮކި ޖަހާފައި ނޭފަތުންނާއި އަނގައިން ގަދަ ރަތްކުލައިގެ ގަނޑުލޭތަކެއް އަތުވެއްޖެއެވެ.
މަންޒަރު ބަލަން ހުރި ނަތާޝާ ގޮތް ހުސްވެފައި ހަޅޭއްލަވައި ގަތުމާއެކު އެތަނުން ބޭރަށް ދުއްވައިގަތީ ބިރުގަނެފައި ހުރެގެންނެވެ.
ނަތާޝާގެ ހަޅޭކުގެ އަޑު އިވިފައި ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ނިކުތް ޒައިނާއަށް ސޯފާގެ މައްޗަށް ވެއްޓެމުންދިޔަ ނަޖުމްގެ ވަރެއް ނެތް ހަށިގަނޑާއި ތެޅިފައި އޮތް ބިއްލޫރި ތަށްޓާއި ބުރައިގެން ގޮސްފައި ހުރި ޕެޝަންފުރުޓް ފަނިތަކާއި ގަނޑުލޭތައް ފެނުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.
"އަންމި" ޒައިނާއަށް އިހުތިޔާރަކާ ނުލައި އަޑުގައި ނެތްވަރަށް ހަޅޭއްލަވައި ގަނެވުނެވެ. ދުވެފައި ގޮސް ސޯފާގައި އޮތް ނަޖުމްގެ ދެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލުމާއެކު ބާރަށް ރޮއިގަނެވުނީ ވެސް ބޭއިހުތިޔާރުގައެވެ.
އިމަޖެންސީގައި ނަޖުމް ހޮސްޕިޓަލަށް ގެންދިއުމާއެކު ޑޮކްޓަރުން އަވަސް އަރުވާލާފައި ވެއްދީ އަވަސް ފަރުވާދޭ ކޮޓަރިއަށް ނަމަވެސް އަށެއްކަ މިނިޓް ނުވަނީސް އޮޕަރޭޝަން ތިއޭޓަރަށް ނަޖުމް ގެންގޮސްފިއެވެ. ހާސްވެ ކަންބޮޑުވެފައި ހުރި ޒިޔާދުގެ މޭގައި ލައްވެލައިގެން ހުރި ޒައިނާ ގިސްލުން ހިފެއްޓޭތޯ ކެތްކުރަމުން ދިޔައިރު ގޮނޑިބަރިން ގޮނޑިއެއްގައި ހިމޭންވެފައި ނަޖުމްގެ ހަޔާތުގެ އަލިކަން ކަމަށްވާ ފިރިހެން ދަރިފުޅު އިސްޖަހައިގެން އިނެވެ. ހަމަ ކުއްލިއަކަށް މިވީ ކީއްހޭ އެ ކުއްޖާ އަހާނީ ވެސް ކާކު ކުރެން ހެއްޔެވެ. މަންމައަށް އެހެން ވާންޖެހުނީ ކީއްވެގެންތޯ ސުވާލު ކުރާނީ ވެސް ކާކާ ހެއްޔެވެ. ބީރައްޓެހި ރަށެއްގައި ނޭނގި ހުއްޓައި މި ދިމާވީ ކޮންފަދަ ހާދިސާއެއް ބާވައެވެ.
ފަސް މިނިޓް، ދިހަ މިނިޓް، ފަނަރަ މިނިޓް، ކުއްލިއަކަށް ތި އޭޓަރުގެ ދޮރު ހުޅުވައިލައިފިއެވެ. ޒިޔާދުގެ އަތުގެ ތެރެއިން ވީއްލިގަންނަމުން ޒައިނާ އެތެރެއިން ނުކުތް ޑޮކްޓަރުގެ ކަންބޮޑުވެ ނުރުހިފައިވާ މޫނަށް ބަލައިލުމާއެކު ކުރެހިފައިވާ އަޑަކުން ސުވާލު ކޮށްލިއެވެ.
"ޑޮކްޓަރ. އަޅުގަނޑުގެ. އަޅުގަނޑުގެ ނިންމި"
ޒިޔާދު ކުރިއަށް ޖެހި ޒައިނާގެ ކޮނޑުގައި ހިފައި ގާތަށް ޖައްސައިލިއެވެ. އޭރު ގޮނޑީގައި އިން ޝައިން ވެސް ތެދުވެގެން އައިސް އެ މީހުންގެ ގާތަށް ހުއްޓިއްޖެއެވެ.
"ބައްލަވާ، ޑޮކްޓަރ" ޝައިން ސުވާލުކުރީ އިނގިރޭސި ބަހުންނެވެ. " އަޅުގަނޑުގެ މަންމަގެ ހާލު ކިހިނެއްތޯ؟ މަންމައަށްވީ ކީއްތޯ؟"
"ކަމާބެހޭ ފަރާތަށް އަންގަން ޖެހޭނީ. ފުލުހުން އައުމުން ނޫނީ ބަލިމީހާއާ ބައްދަލެއް ނުވާނެ.... ރާއްޖެއިން އެވަރުގެ ޒަހަރެއް ހޯދީ ކިހިނެއްތޯ ބަލަންވެސް ޖެހޭނެ"
ޑޮކްޓަރގެ އަޑުގައި ހުރީ ރުޅިވެރިކަމުގެ އަސަރެވެ.
"ޒަހަރޭ-!؟" އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަހައިލެވުނެވެ.
"މަމީ ޒަހަރު ބުއީއޭ؟!" ޝައިން ދެލޯ ބޮޑުކޮށްލަމުން ހައިރާންވެފައި އަހައިލިއެވެ.
"ބުއީ ކަމެއް ބޯންދެވުނީ ކަމެއް ނޭނގޭ. ވަރަށް ވަރުގަދަ ވިހަގަދަ ޒަހަރެއްކަން އެނގެނީ. ކިތަންމެ މަސައްކަތެއް ކުރިއަސް ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް"
ޑޮކްޓަރުގެ ވާހަކަ މުޅިން ފުރިހަމަ ނުކުރެވެނީސް ހިމޭންވެފައި ދެލޯ ބޮޑުވެފައި ހުރި ޒައިނާ، ޒިޔާދުގެ އަތުގެ ތެރެއިން ފޮޅުވި ގަތުމާއެކު ހޮސްޕިޓަލުން ބޭރަށް ދުއްވައިގަތެވެ. ޒައިނާ ހުއްޓުވުމަށް ކިތަންމެ ބޭނުންވިޔަސް ޑޮކްޓަރާ ވާހަކަދައްކަން ވެސް ޖެހެއެވެ. އެހެންކަމުން ޒިޔާދަށް ވެސް އަދި ޝައިންއަކަށް ވެސް ޒައިނާގެ ފަހަތަކުން ނުދެވުނެވެ.
ބާރަށް ދުވެފައި އައިސް ގެއަށް ވަނުމާއެކު ޒައިނާ ބޮޑުކޮޓަރީގެ ގޮނޑިއެއްގައި އިން ނަތާޝާއާ ދިމާއަށް ފުންމައިގަތެވެ. ޝިކާރައެއް މައްޗަށް ޖެހިގަތް ހައިވެފައި އޮތް ސިންގާއެއް ހެން ނަތާޝާގެ އިސްތަށިގަނޑުގައި ހިފައި ކުއްލިއެއް ޖެހުމާއެކު ގޮނޑިން ނަގައި ބިންމައްޗަށް ހޫރުވައިލުމަށްފަހު ފުންމައިގެން ޒައިނާ އެރީ ނަތާޝާގެ ބަނޑުމައްޗަށެވެ.
"ގޮތްކުޑަ، ނުބައި ނުލަފާ ޝައިތާނު. ކަލޭ މަގޭ ނިންމި މަރާލަން ޒަހަރު ދިނީނު ދޯ؟! މިއަދު ކަލޭ މަރައިލާނަން"
ގޮތެއްގޮތެއް ނުބަލައި ސަލާމަތްވުމަށް އަތްހޫރާ ހަޅޭއްލަވަމުންދިޔަ ނަތާޝާގެ މޫނުމަތީގައި ގޮށްމުށުން ތަޅައިގަންނަމުން ޒައިނާ ހަޅޭއްލަވައިގަތެވެ.
"ކަލޭ މަގޭ މަންމައަށް ޒަހަރުދިނީ ކީއްވެގެން ހޭ؟! މަގޭ މަންމަ ކަލެއާ ހެދި އެއޮއްގެން މަރުވަނީ. ކަލޭ މަރައިލާފައި އަހަރެން ދަންޖައްސައި މަޅިގަނޑު ކަރަށް މަހައިލަން ވެސް ތައްޔާރު. ގޮތެއް ނެތް ނުލަފާ އަންހެނާ. ކަލެއަށް އެނގޭތަ ކަލެއަށް ޒަހަރު ދެވުނީ ކާކަށްކަން. އެއީ މަގޭ މަންމައޭ. މަގޭ މަންމައޭ. މަގޭ މަންމައޭ"
"މަށެއް ނޫން. އެއީ މަދިން އެއްޗެއް ނޫން. މަ، މަ، މަންމަ، ދޮންބެއަށް ދޭން ދިން ޖޫސްތަށި" ނަތާޝާ ރޮމުންރޮމުން ބާރަށް ބުނެލީ އެ ބަސްތައް އިވުމުން ޒައިނާގެ އަތަށް ހުއްޓުމެއް އަތުވެއްޖެއެވެ.
"މަންމައޭ...."
"އާނ. މަންމަ. މަ މަންމަ. ދޮންބެއަށް ދޭން ދިން ޖޫސް- ތަށް- ޓެއް. އެއީ"
ލޭކޮށިފައިވާ މޫނު އެއް ފަރާތަކަށް އަނބުރައިލުމާއެކު ނަތާޝާ ބާރަށް ރޯން ފެށިއެވެ. އޭރު އެތެރެ ގޭތެރޭން ނުކުމެގެން އައި ފަރީދާ ޒައިނާއަށް ފެނިއްޖެއެވެ. އެއާއެކު ނަތާޝާ ގައިން ދޫކޮށްލުމަށްފަހު ތެދުވެ ޒައިނާ ކަރު އެލުވައިލާފައި އާދޭހުން ފުރިފައިވާ ގޮތަކަށް ފަރީދާއާ ސުވާލު ކޮށްލިއެވެ.
"ކީއްވެ؟! މަންމާ. ކީއްވެ؟!"
"އާނ. ޒިޔާދު މަރާލަން ޒަހަރުދިނީ އަހަރެން. އަހަރެން" ހޮނުގުގުރިއެއް ފަދައިން ފަރީދާގެ ވަރުގަދަ އަޑު ގޭތެރޭގައި ގުގުމައިލިއެވެ.
"ވަރަށް ކެތްކުރީމޭ. އެތައް އަހަރެއް ވަންދެން އަހަރެން ޒަހަރު ބޮއިބޮއި. ކޮންމެ ދުވަހަކު މަރުވެމަރުވެ. ވަރުބަލިވީ. އިތުރަށް އޭނާ އުފަލުގައި ދުނިޔޭގައި ބަހައްޓަން ބޭނުންނުވީ. ސުންޕާ ފިރިހެންމީހާ މިފަހަރު ނަސީބުކުޑަ ނަޖުމްގެ ދުވަސް ދުއްވާލީ....."
"އެކަމަކު. މަންމާ. ކީއްވެ؟!" ކަރުނަ ހިކިފައިވާ ޒައިނާގެ ދެލޮލުން ފާޅުވީ އާދޭހާއި ޝަކުވާގެ އިންތިހާއެވެ.
"ކީއްވެ ހޭ!؟ ދޮންދަރިއަކު ދެކެ އެއްވެސް ދޮންމަންމައަކު ލޯބިނުވާނެ ފަދައިން އަހަރެންވެސް ޒިޔާދު ދެކެ ރުޅިއާދޭ. އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެން ތެޅިފޮޅޭނެ. ހަމަޖެހިގެން އުފަލުގައި އުޅެން މަވެސް ބޭނުމޭ. އޭނައާއި އޭނާގެ މަންމައަކީ މަގޭ އުފާތައް ފޭރިގަތް މީހުން. އޭނާ އަހަރެންގެ ހުރިހާއެއްޗެއް ފޭރިގަތް. މިބިން، މިގެ، ހުރިހާ މުދާ.." ފަރީދާ އަނދައިގެންފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
"މުދަލާއި ގޯއްޗާ ހެދި މަންމަ ޒިޔާދު މަރައިލަން މަސައްކަތްކުރީ ކީއްކުރަން؟! ދޮންދަރިއަކަށް ވިޔަސް ޒިޔާދު މަންމަ ދެކެ ހާދަ ލޯބިއޭ. މަންމައަށް ހާދަ ހެވޭ" ޒައިނާގެ އަޑު ކުރެހެން ފެށިއެވެ. "ދެން މަންމަ ތިބުނީ ކެތްކުރީމޭ.... މަންމައަކަށް ކެތެއް ނުކުރެވުނެއްނު..... ދުނިޔޭގައި ތިއަށްވުރެ ބޮޑެތި މާބޮޑެތި ބިޔަ ބަރު ބޮލަށްލައިގެން ދިރިއުޅޭ މީހުން މަދެއް ނޫނޭ..... އެކަމަކު އެމީހުނަށް ކެތްކުރެވޭ.... ވީއިރު ކެތްނުވީއޭ ނުބުނޭ...."
"ކެތްނުވީ.... އާ... ހަމަ ކެތްނުވީ.... އެކަމަކު މުދަލާއި ގޯއްޗާ ހެދިއެއް ނޫނޭ. ދޮންދަރިއަކަށް ވީމައޭ. އަޑެއް ނާހަންތަ؟! ދޮންމަންމައިން ދޮންނިޔަދުރެއް ފަދައޭ. ދުނިޔޭގެ އެއްވެސް ދޮންއަމައަކު ދޮންދަރިއަކަށް ހެވެއް ނުވާނެއޭ"
"ދޮގު. ހުސްދޮގު. ހުރިހާ ދޮންމަންމައިންނެއް ނޫން. ކޮންމެ ދޮންމަންމައަކީ ނުބައި މީހަކަށް ނުވާނެ. ތިއަށްވުރެ ބޮޑެތި ކަންތައްތަކަށް ކެތްކުރާ ދޮންމަންމައިންވެސް އެބަތިބި....." ޒައިނާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.
"ކަލެއަށް އެނގޭނީ ކޯއްޗެއް. ކަލެއަކަށް ދޮންމަންމައެއް ނުފެންނާނެ. ތަޖުރިބާއެއް ނުކުރެވޭ. ދެން. ކަލެއަށް އެނގޭނީ ކޯއްޗެއް....!" ފަރީދާ މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"މަށަށްވުރެ ރަނގަޅަށް ތިކަން އެނގޭނީ އެހެން ކާކަށް....؟" ޒައިނާގެ ހިތް ފަޅައިގެން ދަނީ ކަހަލައެވެ.
"އޯހް. ކަލެއަށް އެނގެންވީ ކީއްވެ؟ ދޮންމަންމައަކު އުފަން މަންމައެއް ހެން އެއްވެސް ދޮންދަރިއެއް ދެކެ ލޯބި ނުވާނެއޭ ބުނެފީމެއްނު؟! ބުނެބަލަ. ކޮން ދޮންމަންމައެއް ތިބުނާ ހެވީ. ތިބުނާ ލޯބިވަނީ؟ އޭނ. ބުނެބަލަ. ކީއްވެ ޖަވާބުނުދީ ތިހިރީ؟! ބަސްހުއްޓުނީ ކީއްވެ؟! އޭނ،"
"ނޭނގެންވީ ކީއްވެހޭ؟! ނޭނގެންވީ ކީއްވެހޭ؟!" ޒައިނާ ބާރުބާރަށް ހަޅޭއްލަވަން ފެށިއެވެ. "ކަލޭދިން ޒަހަރުތަށި ބޮވިގެން މަރު އެވަނީ ވެސް ދޮންމަންމައެކޭ. އުފަން މަންމައަކު ބޭނުން ނެތިގެން އެއްލައިލި ދަރިއަކު އަމިއްލަކޮށްގެން ލޮލުގެ ނޫރުހެން ގެންގުޅޭއިރު، އެއީ އޭނާގެ ދޮންދަރިއެކޭ. އެނގިއްޖެތަ؟ އަޑުއިވިއްޖެތަ؟! ޝައިންއަކީ ނަޖުމްގެ ދޮންދަރިއެކޭ. އެއީ ލޯބިން ފުރިފައިވާ ހިތެއްގެ ވެރި ދޮންމަންމައެއް. އިވިއްޖެތަ؟!"
"އައްދެ. މޮޅުވާހަކައެއް ހަދައިލީ. ވާހް. ކަލެއަށް އެވޯޑެއް ދޭ ވަރުވޭ" ފަރީދާ އެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
"ކަލެއަށް ކިހިނެއް ތިކަން އެނގެނީ. އޭނާ ވިހެއީވެސް ބޭރުގައި. އެތާކު ކަލެއެއް ނެތް..."
"ކީއްވެހޭ ބަލަ ނޭނގެންވީ؟!" މޮޔަވެފައިވާ މީހަކު ފަދައިން އަނެއްކާވެސް ޒައިނާ ހަޅޭއްލަވައިގަތެވެ.
"އެއީ ނަޖުމްގެ ދޮންދަރިއެއްކަން ނޭނގެންވީ ކީއްވެހޭ. ބަލަ. އެ ޝައިންގެ އުފަން މަންމައަކީ އިތުރު އެހެން މީހެއް ނޫނޭ. މަށޭ، މަށޭ. އެއީ މި ޒައިނަބު ބޭނުން ނެތިގެން ދޫކޮށްލި ފިރިހެން ދަރިއޭ"
"ކަލޭގެ ވަހުމާއި ކުށްހީ ބަދަލުކުރާ ވަރުގެ ހެއްކަކަށް މި ހަގީގަތް ނުފުދޭތަ؟ އޭނ"
"މަށަކީ އެ ކުއްޖާ ވިހޭ މަންމައޭ. ތުއްތުތުއްތު އިރު ނުކުޅެދޭ ހާލުގައި، އެއްޗެއް ނުބުނެވޭ ހާލުގައި އޮއްވައި އެ ކުއްޖާ ލަންކާގެ ހޮސްޕިޓަލަށް ދޫކޮށްލީ މަށޭ"
"އެ ކުއްޖާ ދެކެ އުފަން މަންމައެއްހެން ލޯބިވަނީ އެކުއްޖާގެ ދޮންމަންމައޭ. އިވިއްޖެތަ؟"
އެތަކެއް އަހަރުތަކެއް ވަންދެން ޒައިނާގެ ހިތުގައި ވަޅުލައިގެން އުޅުނު ސިއްރު އޭނާގެ ދުލުން ހާމަކުރީއެވެ. ޒިޔާދު ބުނަނީ ތެދެކެވެ. ވަގުތު ޖެހުނީމާ ކޮންމެ ކަމެއްވެސް ހާމަވެ ފާޅުވާނެއެވެ.
ތިމާ ހިތާއި ފުރާނައިން ލޯބިވާ ފިރިމީހާ އެހެން އަންހެނަކާ އިނުމުން އެ އަންހެނަކަށް ހަސަދަވެރި ވުމަކީ ކޮންމެކޮންމެ ދޮށީ އަނތްބަކު ކުރާނެ ކަމެއް ނޫނެވެ. އެކަން ޒައިނާއަށްވުރެ ރަނގަޅަށް އެނގޭނީ އެހެން ކާކަށް ހެއްޔެވެ؟
ކޮންމެކޮންމެ ދޮންމަންމައަކު ދޮންނިޔަދުރަކަށް ނުވާނެއެވެ. އުފަން މަންމައަށްވުރެ މާބޮޑަށްވެސް ހެޔޮ ލޯބިވާ ދޮންމަންމައިން އުޅެއެވެ. އެކަން ވެސް ޒައިނާއަށްވުރެ ރަނގަޅަށް އެނގޭނީ އެހެން ކާކަށް ހެއްޔެވެ؟
(ނުނިމޭ)