ވާހަކަ

ނުފޫޒަކުން - 26

1

ފަޒީލާ ބުނަން ނުބުނަން ހުރެފައިވެސް ބުންޏެވެ. ގިސާމަތު ދެލޯ ވަށްކޮށްލާފައި ފަޒީލާއަށް ބަލައިލިއެވެ. ނަސީބަކުން ދެކޮޅަށް އެއްޗެއް ނުބުނެ އެތަނުން ދުރަށް ދިޔައެވެ. ރޮވިފައިވާ ހާލު ރޫޔާއަށް ބަލަމުން އަޖުވަދުވެސް ދުރަށް ޖެހުނެވެ. އިސާހިތަކު ގޭތެރެއިން އެންމެން ހުސްވެއްޖެއެވެ. ތެޅިފޮޅި ވަރުބަލިވެގެން ދޫލަ މައްޗަށް ތިރިވެފައި އޮތް ރޫޔާއަށް ފަޒީލާ ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

ފަޒީލާ ހިނގައިގަތެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ރޫޔާ ކައިރީގައި ހުއްޓުނެވެ. ރޫޔާ ގިސްލަމުން ދިޔަގޮތް ފެނި ފަޒީލާގެ ހިތުގައި ރިއްސާލިއެވެ. އޭނާ ރޫޔާއާ އެއް ހަމައިގައި އިށީނދެލިއެވެ. ރޫޔާ އަމަލުކުރާނެ ގޮތެއް ނޭނގި ގައިގައި އަތްލަން ނުކެރިފައި ފަޒީލާ އިނެވެ. އެހެން އިންއިރު އޭނާ ހިތާހިތުން ގިސާމަތާއި އަޖްވަދަށް އަޑުލަމުން ދިޔައެވެ. މިއީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ނުފޫޒަކުން މައުސޫމު އަންހެންކުއްޖެއްގެ ހިތް ފުނޑުފުނޑު ވީ ނޫން ހެއްޔެވެ؟ މި ކުއްޖާފުޅުގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ މިއީ އިންސާނުންބާއެވެ؟ ފަޒީލާ މަޑުމަޑުން ރޫޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

"ދޫކުރާށޭ.... އަހަރެންގެ ގައިގައި އެކަކުވެސް އަތްލައިގެން ނުވާނެ" ރޫޔާ ހަޅޭއްލަވައިގަތެވެ.

އެ އަޑުގައި ހިތަށް ތަދުވާ ފަދަ ވޭނެއް ވިއެވެ.

"އަހަރެން މިއީ ކަނބުލޮ މަންމަ ފަދަ އިންސާނެއް" ފަޒީލާ ބުންޏެވެ.

ކަންފަތަށް އިވުނު އޯގާތެރި އަދި ހަމައެހާމެ މަޑުމައިތިރި ސާދާ އަޑުން ރޫޔާގެ ގިސްލުމުގެ އަޑު ހިމޭންވެލިއެވެ. އޭނާ ތެދުވެ ބޯހިއްލާލާފައި ފަޒީލާގެ މޫނަށް ބަލައިލިއެވެ. ރޫޔާގެ ރަތްވެފައިވާ ދެލޮލާއި ދުޅަވެފައިވާ މޫނު ފެނުމުން ފަޒީލާ ބަސް ހުއްޓުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ކުއްޖާ އެއްކޮށް ބަދަލުވެއްޖެއެވެ. ރޫޔާގެ ދެލޮލަށް ފަޒީލާ ބަލަހައްޓައިގެން އިނީ ހަމްދަރުދީ އާއި ކުލުންވެރި ބެލުމަކުންނެވެ.

"އާނ. މިއީ ފަޒިއްތަ" ފަޒީލާ ބުންޏެވެ.

ރޫޔާ ބަހެއް ނުކިޔައި ފަޒީލާއަށް ބަލަހައްޓައިގެން އިނެވެ. ފަހު ވަގުތު މަންމަ ދެއްކި ވާހަކަތައް އޭނާ ހަނދާންވިއެވެ. މަންމަ ސިޓީއެއް ދިންކަމެވެ. މިގޭތެރެއިން މައެއްގެ ލޯބި ލިބޭނެ ކަމެވެ. އެއީ އެ އަންހެންމީހާތޯ ޔަގީންކުރަން ރޫޔާ ފަޒީލާއަށް ބަލަމުން ދިޔައެވެ. އޭރުވެސް އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ. ފަޒީލާ ދެއަތުން ރޫޔާގެ ދެލޯ ކައިރި ފޮހެދިނެވެ. ހެދުމުގެ ފަސްބައިން ރޫޔާގެ ނޭފަތުން ފައިބާފައިވާ ފެންތައް ސާފުކޮށްދިނެވެ. ރޫޔާގެ ޝޯލް ރީތިކޮށްލާފައި އޯގާތެރި ހިނިތުންވުމެއް ރޫޔާއަށް ދިނެވެ.

"ފަޒިއްތައާ އާއެކު ފަޒިއްތަ އުޅޭ ބަޔަށް ދާނަންތަ؟" ފަޒީލާ އަހާލިއެވެ. ރޫޔާ ބޯޖަހާލިއެވެ.

****

ކުރިމަތިވާގޮތަށް ހުރި ދެ ގޮނޑީގައި ގިސާމަތާއި އަޖުވަދު ތިބިއިރު އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ގިސާމަތު އަދިވެސް އިނީ ގޮތުގައެވެ. އެހެންނަމަވެސް އަޖުވަދު އިނީ ރޮވިފައެވެ. އެތައް ޒަމާނަކަށްފަހު ދަރިފުޅު ލޮލަށް ފެނި ބައްދަލުވެގެން މިދިޔައީ ހާދަ ހިތްދަތިގޮތަކަށެވެ. އުމުރުން އެންމެ 21 ދުވަސްވީ ތުއްތު ކުއްޖާ ޒުވާން އަންހެންކުއްޖެއްގެ ސިފައިގައި ބައްދަލުވެގެން ދިޔައިރު އެކަމުގައި އޭނާއަށް އަމިއްލަ އެދުމެއް އިސްކުރެވިއްޖެއެވެ. ރޫޔާގެ ދެލޮލުން އޭނާއަށް ފެނުނީ ބީރައްޓެހިކަމާއި ގިލަންވެރިކަމެވެ. ދުވަހަކުވެސް ދަރިފުޅުގެ ހިތް އޭނާއަށް ހެޔޮވާނެ ކަމެއް ނޭނގެއެވެ.

"ކޯޗެއް ތި ވިސްނަނީ؟" ގިސާމަތު އަހާލިއެވެ. އާވި އަރައަރާ ހުރި ކޮފީތައްޓެއް އޭނާގެ އަތުގައި ހުއްޓެވެ.

"ނުވިސްނަން" އަޖުވަދު ބުންޏެވެ.

އަމިއްލަ އެދުމެއް ހާސިލުކުރަން ކުށެއް ނެތް ބައެއްގެ ދިރިއުޅުން ޒަހަރަކަށް ހަދާލެވުނީތީ އެކަމުގެ ޝަކުވާ ހިތް ކުރަމުންދާ ވާހަކަ މަންމަ ގާތުގައި ބުނަން އޭނާ ބޭނުންނުވީއެވެ. މަންމަ ހިތްހަމަނުޖެހިދާނެ ކަމަށެވެ.

"ދެތިން ދުވަސްފަހުން ހަމަޔަކަށް އެޅިދާނެ. ހާސްނުވެބަލަ" ގިސާމަތު ބުންޏެވެ.

"ދެތިންދުވަސް ކީއްކުރަން. ދެތިން ގަރުނަށް ދެމިގެން ދިޔަސް އެ މަންޖެގެ ހިތް އަހަރެމެންނަށް ހެވެއް ނުވާނެ. މަންމައަށް ނުފެނޭތަ މި އާއިލާއަށްޓަކައި އެ ދެލޮލުން ފާޅުވަމުންދިޔަ ނަފުރަތު" އަޖުވަދު ވާހަކަދެއްކިއެވެ.

"އެއީ ދަރިފުޅު އަމިއްލައަށް ކުރި ކަމެއްނު. އެ ނަފުރަތެއް ނުފެނުނީހެއްނު އެ މަންޖެ ކުޑައިރު ދުރުނުކޮށްލިނަމަ. މަންމަ ކިހާ ވަރަކަށް ބުނިން" ގިސާމަތު ވާހަކަދެއްކިއެވެ. ދެން ކޮފީތަށިން ކޯވަރެއް ބޯލާފައި މޭޒުމަތީގައި ބެހެއްޓިއެވެ.

"މަންމާ!" އަޖުވަދު އަސަރާއެކު ގިސާމަތަށް ގޮވާލިއެވެ. އަޖުވަދަށް ގިސާމަތު ބަލައިލީ ފަރުވާކުޑަ ބެލުމަކުންނެވެ. ބުނުމުގެ ކުރިން ވެސް އަޖުވަދު ބުނަން އުޅޭ އެއްޗަކަށް ގިސާމަތު ހިތްހަމަނުޖެހިއްޖެއެވެ.

"އަހަރެން ބޭނުމެއް ނޫން އެ މަންޖެ...."

ގިސާމަތު ފުންމައިގެން ކޮޅަށް ތެދުވިއެވެ. މަންމަގެ ކުއްލި އެ ހަރަކާތުން އަޖުވަދުވެސް ކޮޅަށް ތެދުވެ މަންމަގެ މޫނަށް ބަލައިލިއެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟ ހަނާނު ގެންގޮސް އެމީހުންނާ ހަވާލުކުރަންވީތަ؟ ދުވަހަކުވެސް ނުކުރާނަން. މިއީ ހަބީބް އަތުން އަހަންނަށް ލިބުނު މޮޅެއް. އަހަރެން މާމަ ދަރިފުޅު ދައްކާނުލާ ކިހާ ދުވަހަކު ގެންގުޅުނު. ބައްދަލުކޮށްލާނެ އެންމެ ފުރުސަތެއްވެސް ނުދިން. އެންމެފަހުން އެ މަންޖެ ގޮވައިގެން ފިލައިގެން ދިޔައީ. އޭނަ އެންމެ ފަހަރަކުވެސް ހިތަށް އެރިތަ ހަނާނުގެ އާއިލާ އަކީ މިއީއޭ. އަހަރެމެންނާ މެދު ހަނާނުގެ ހިތުގައި ނަފުރަތު އުފެއްދުވީ އެމީހުން. ހަނާނު އަދި ރަނގަޅުވާނެ. ކެތްކުރޭ"

ގިސާމަތު އަޖްވަދު ގާތަށް ޖެހިލިއެވެ. ބުރަކަށީގައި ފިރުމާލިއެވެ. ދަރިފުޅު ހިތްހަމަޖައްސައިދިނުމަށް އެހާ ބޮޑު ބުރައެއް އުފުލުމުންވެސް ދަރިފުޅުގެ ދެލޮލުން ފެނިގެން ދިޔައީ މާޔޫސީ ކުލަވަރެވެ.

"އެކަމަކު މަންމާ! ހަބީބް އަމިއްލައަށް އެ މަންޖެ ގެންދިޔައީކީ ނޫނެއްނު. މި ހުރިހާ ދުވަހު އެ މަންޖެ ގޮވައިގެން އުޅުނީ ކިހާ ލޯބިން. އެހެންވީމަ އެމީހުންނަށް ހައްގު އޮންނާނެއްނު" އަޖްވަދު ވާހަކަދެއްކިއެވެ.

"ކޮންހާ ބޭކާރު ވާހަކައެއް ތި ދައްކަނީ. ތި ބޭކާރު ވާހަކަތައް އަހާކަށް އަހަންނަކަށް ވަގުތެއް ނެތް" ހިތްހަމަނުޖެހިފައި ގިސާމަތު ނިކުމެގެން ދިޔައެވެ.

****

މަޑުމަޑުން ދޮރު ލައްޕާލާފައި ފަޒީލާ ނިކުތެވެ. ދޮރުމަތީގައި ހުރި އީނާ، ފަޒީލާ އަތުގައި ހިފައިގެން ގޮސް ވަނީ ބަދިގެއަށެވެ. މޭޒު ކައިރީގައި ފަޒީލާ ބައިންދާފައި ކައިރީގައި އީނާ އިށީނެވެ.

"މިއީ ކޮންކަމެއް ދައްތާ" އީނާ އަހާލިއެވެ.

"އެއީ ހަނާން. މިހާރުގެ ނަމުން ނަމަ ރޫޔާ. އެއީ މިގޭ ކުއްޖެއް" ފަޒީލާ ބުންޏެވެ.

"އެކަމަކު... މިގޭ ގިސާމަތު އަނެއްކާ މިއޮތީ ބައެއްގެ ދިރިއުޅުމާ ކުޅެލާފަ ދޯ. އެ އަންހެންކުއްޖާ ހާދަ ރޮއެފިއޭ. އަހަރެންގެ ހިތަށްވެސް އަނިޔާވެއްޖެ. ހުވާ މިބުނީ" އީނާ ބުންޏެވެ.

"ގިސާމަތުގެ ވާހަކަ ނުދައްކާ. އެއީ މި ދުނިޔެއިން ހިތި ދުވަސްތަކެއް ދެކޭނެ އިންސާނެއް" ފަޒީލާ ބުންޏެވެ.

ކޮޓަރިއަށް ރޫޔާ ގޮވައިގެން އައިސް އެނދުގައި ބައިންދާފައި ފަޒީލާ ރޫޔާއަށް ވިސްނައިދިނެވެ. މައެއް ފަދައިން މޭގައި ލައްކޮށްލައިގެން އިނދެ ބުރަކަށީގައި ފިރުމައިދިނެވެ. ކުޑަކުއްޖަކު މައިމީހާއަށް ބޭނުންވާ ފަދައިން ރޫޔާ ރޮމުން ދިޔައީ އޭނާގެ މަންމަ ކައިރިއަށް ދިޔުމަށެވެ. މަންމައާ ނުލައި އޭނާ މަރުވެދާނެ ކަމަށް ތަކުރާރުކޮށް އޭނާ ދިޔައީ ބުނަމުންނެވެ. ހަދާނެ އެއްވެސް ގޮތެއް ފަޒީލާއަށް ނޭނގުނެވެ. އޭނާ ހަންނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާއަށް ވެގެން ހުރެފައި ހަންނާ ގެއްލުނީ ކުއްލިއަކަށެވެ. ގިސާމަތުގެ ފިއްތުންތަކުގެ ސަބަބުން ފަޒީލާއާ ގުޅުން ކަނޑާލަން ހަންނާއަށް މަޖުބޫރުވީ ކަމެއް ފަޒީލާއަށް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް އަމާނާތެއް ފަދައިން މިހާރު އެވަނީ ރޫޔާ އޭނާގެ އަތްދޮށަށް އައިސްފައެވެ. ހުރިތަނަކުން ގަދަވެ ސަލާމާތުން ހަންނާ އަންނަންދެން އޭނާ ރޫޔާގެ ހުރިހާ ކަމެއް ބަލަހައްޓާނެއެވެ. ގިސާމަތު ރޫޔާއަށް ބޭނުންހާ ގޮތެއް ހަދަންދެކަށް ބަލަހައްޓައިގެން ނުހުންނާނެއެވެ.

"ދައްތަ ކޯޗެއް ތި ވިސްނަނީ؟" ފަޒީލާގެ ލޯ މަތީގައި އަތް ހިންގައިލަމުން އީނާ ބުންޏެވެ.

"ވިސްނަނީކީ ނޫން. އެ މަންޖެ ރުއިތަން ހިތަށް ފެންނަނީ. ހިތަށް މި އަރަނީ ހޭލައިގެން އަނެއްކާވެސް ރޯން ފަށާފާނޭ" ފަޒީލާ ބުންޏެވެ.

"ހިނގާ ފޮނުވާލަން އޭނަ ދާން ބޭނުންވާ ތަނަކަށް" އީނާ ބުންޏެވެ. ރޫޔާގެ ހިތާމަތަކަށް ނިމުން ގެންނާނެ ގޮތެއް އެ ނޫނީ އީނާގެ ވިސްނުމަކަށް ނައެވެ.

"މޮޔަވެދާނެ މީހަކު.... އީނާ ކިޔާފާނެ ކޮންމެ އެއްޗެއްވެސް. މިތާ އެ މަންޖެގެ އެއްވެސް މީހަކު ނެތް ހާލުގަ އަމުދުން ދޫކޮށްލަން އަހަންނަކަށް ނުކެރޭނެ" ފަޒީލާ ބުންޏެވެ.

"ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟" އީނާ ބުންޏެވެ.

"ގިސާމަތު އަހަންނާ ހަވާލުކުރި ޒިންމާ އަދާކުރަންވާނެ. ދައްތައަށް ކަމެއް ކޮށްދެންޏާ އީނާ އެ މަންޖެގެ އެކުވެރިޔަކަށް ވެބަލަ. މިތަނުގަ އެ މަންޖެގެ އުމުރުގެ ކުއްޖަކަށް ހުރީ ހަމައެކަނި އީނާ. އަދި ބުނަން. އިހަށް އީނާ ދައްތަ ކޮޓަރިއަށް ބަދަލުވޭ. ރޫޔާ އެ ކޮޓަރީގަ ބާއްވާ. ހާލުގަ އެ މަންޖެ ތެޅޭ މަންޒަރު ބަލާކަށް އިތުރަށް ދައްތަގެ ހިތަކަށް ކެތެއް ނުވާނެ" ފަޒީލާ ވާހަކަދެއްކިއެވެ.

****

ޝައުންއަށް ހޭލެވުނީ އަސުރު ފަސްވެގެން ދިޔަފަހުންނެވެ. ހޭލެވުމާއެކު ފުރަތަމަވެސް އޭނާއަށް ބަނޑުހައިހޫނުކަމުގެ އިހުސާސް ވިއެވެ. މުޅި ދުވަހު ކޮފީއެއް ނޫނީ އެހެން އެއްވެސް އެއްޗެއް ގޮހޮރަށް ނުލެވޭކަން އެނާ ހަނދާންވީ އެ ވަގުތުއެވެ. އޭނާ ބޭނުންވީ އަވަހަށް ކާއެއްޗެކެވެ. ގޮހޮރު ވަޔަށް ތެޅޭވަރުން ހީވަނީ އުފުރިދާނެހެންނެވެ. ފާހާނާއަށް ވަދެ ކުޑަކޮށް މޫނު ދޮވެގެން ޝައުން ނިކުތްއިރު ކޮޓަރި ދޮރުގައި ޓަކިޖަހާ އަޑު އިވެއެވެ. އޭނާއަށް ހީވީ އޭނާގެ ހަބަރެއްނުވާތީ ބޮޑުބެ ގޮވަނީ ކަމަށެވެ. އެހެންނަމަވެސް ދޮރުހުޅުވާލުމާއެކު ފުރަތަމަވެސް އޭނާއަށް ފެނުނީ މާމަގެ ހިނިތުންވެފައިވާ މޫނެވެ. ޝައުންއަށް ހައިރާންކަން ލިބުނަސް ވީ އުފާ މާބޮޑެވެ. ވަގުތުން މާމަގެ ގައިގައި އޭނާ ބައްދާލިއެވެ. މާމަގެ ލޮލުގެ ބުމަ ކައިރީގައި ބޮސްދިނެވެ.

"ކިތައްފަހަރު މި ދޮރުގަ މާމަ މި ތަޅަނީ. ޝައުން އަޅެ މާމަ ދެކިލާ ހިތެއްވެސް ނުވޭތަ؟" ގިސާމަތު ޝަކުވާކޮށްލިއެވެ.

ޝައުން ހީލާފައި މާމަ ގޮވައިގެން އެތެރެއަށް ވަނެވެ. އެނދުގައި މާމަ ބައިންދާފައި ކައިރީގައި އިށީނެވެ. ހެޔޮ ހާލުގައި މާމަ ހުއްޓައި ފެނުމުން އޭނާ ހަގީގަތުގައި ވެސް ހިތްހަމަޖެހުނެވެ. އެ ހިނދު އޭނާ ދެރަވީ އޭނާއަށް ނޭނގޭ ސިއްރުވެރި ފަރާތެއް މާމަގެ ވާކަން ހަނދާންވެފައެވެ.

"މާމަ އަންނަ ވާހަކައެއް އަޅުގަނޑު ކައިރީގަ ނުބުނަމެއްނު. ބުނިނަމަ މާމަ ބަލައިވެސް އަޅުގަނޑު ދާނެއްނު" ޝައުން ބުންޏެވެ.

ގިސާމަތު ޝައުންގެ މޫނަށް ބަލައިލާފައި ހީލިއެވެ. ޝައުންގެ މޫނުގައި ފިރުމާލިއެވެ.

"މާމަ މިއައީ ހަނާން ގޮވައިގެން. ދަރިފުޅު ކައިރީގަ ނުބުނެ އައީ ސަޕްރައިޒެއް ދޭން ވެގެން" ގިސާމަތު ބުންޏެވެ.

ޝައުންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވީ ބޭއިހުތިޔާރުގައެވެ.

"ހަނާން.... ކޮން ހަނާނެއްބާ؟ ބަލައިލާ ހިތްވެއްޖެ" ޝައުން ހިތާހިތުން ބުނެލިއެވެ.

"ކޮބާ؟ ދަންތަ ބައްދަލުކުރަން" ޝައުން ބުންޏެވެ.

ރޫޔާ ގޭތެރެއަށް ގެނައި ތޫފާން ގިސާމަތު ހަނދާންވީ އެ ވަގުތުއެވެ. އޭނާގެ މޫނުމަތިން ސީރިޔަސްކަން ފާޅުވެލިއެވެ.

"އުނހު. މިގަޑީގަ ދާނެ ކަމެއް ނެތް. މާދަމާ ދާންހުރޭ" ގިސާމަތު ވަގުތުން ބުންޏެވެ.

****

ރޫޔާއަށް ހޭލެވުނީ އަތް ދަށުވެފައި އޮތުމުން ހަށިގަނޑަށް އެރި ތަދަކާ އެކުގައެވެ. އެއް އަރިއަކަށް އަތް ގައިދަށަށް ކުރުގެޅިގެން އޮއްވައި އޭނާއަށް ނިދުނު އިރެއް ނޭނގެއެވެ. އެނދުގައި ހަށިގަނޑު ސީދާކޮށްލާފައި ރަނގަޅަށް ދެލޯ ހުޅުވާލިއެވެ. ސީލިންގުން ފަށައިގެން ވަކި ހިސާބަކަށް ތިރިއަށް ވާގޮތަށް އެލުވާފައި ހުރި ރަތްކުލައިގެ ކުދި ހިތްތަކާ ވައިލެޓް އާއި ހުދު ކުލައިގެ ކޮކާތައް ފެންނަން ނެތުމުން ރޫޔާ ފުންމައިގެން ތެދުވިއެވެ. އެއީ އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ އޭނާގެ އަރާމު ކޮޓަރިއެއް ނޫންކަން އޭނާ ހަނދާންވިއެވެ. އެހިނދު ފަހުގެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ހޭލާން ފެށިއެވެ. އޭނާގެ މަންމަ ދެއްކި އަސަރުގަދަ ވާހަކަތަކާއި ބައްޕަގެ ކުއްލި ވަކިވުމާ ނިހާންގެ ވަކިވުމެވެ. ގިސާމަތު އޭނާ ގެނައި ގޮތާއި ގޭތެރެއިން އަޖުވަދު ދެއްކި ވާހަކަތަކެވެ. އިސާހިތަކު ރޫޔާ ބޯ ހާސްވާން ފެށިއެވެ. ނޭވާ ކުރުވެ އެނދުން ފުންމާލިއެވެ. ދެ ކަންފަތުގައި އަތް އަޅައިގެން ހުރެ އޭނާ ފަހަތަށް ފަހަތަށް ގޮސް ފާރުގައި ލައްވެގަތެވެ.

"މަންމާ....، މަންމާ..." ރޫޔާ ގޮވަމުން ދިޔައެވެ.

ހަވީރުގެ ސައި ރޫޔާއަށް ހިފައިގެން ކޮޓަރިއަށް ވަން އީނާއަށް ރޫޔާ ހުރިގޮތް ފެނި ބޭރަށް ނިކުމެ ފަޒީލާއަށް ގޮވާލިއެވެ. ފަޒީލާ އައީ ވާންކޮށް އައްސާފައިވާ ވަލެއް ކުއްލިއަކަށް ނައްޓައިގެންދާހާ ހަލުވިކޮށެވެ. ކޮޓަރިއަށް ވަންގޮތަށް އޭނާ ރޫޔާއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކުން އީނާއަށް ބަލައިލާފައި އެވަގުތު ދޮރު ލައްޕާލާފައި ނިކުންނަން ބުނެލިއެވެ. ބިރުވެރިކަމާ އެކަނިވެރިކަމުގައި ރޮމުންދިޔަ ރޫޔާއަށް ފަޒީލާ ފެނުމާއެކު ދުވެފައި އެ އައިގޮތަށް ފަޒީލާގެ ގައިގައި އޮޅުލައިގަތެވެ. ރޫޔާގެ އަތުގައި ހިފައިގެން އައިސް ފަޒީލާ އިށީނީ އެނދުގައެވެ. އޭނާގެ ދެއަތުން ރޫޔާގެ ކަރުނަތައް ފޮހެދިނެވެ. ރޫޔާގެ ޝޯލުން ކުރިމައްޗަށް އައިސްފައިވާ ބައި ފަހަތަށް ޖައްސާލިއެވެ. ރޫޔާގެ ހިކިފައިވާ ދެތުންފަތް ފެނުމުން ފަޒީލާ ސައިޑްކަބަޑް މަތީގައި ހުރި ފެންތަށި ދިއްކޮށްލިއެވެ. ދެފަރާތަށް ބޯހޫރަމުން ފެން ފޮދެއް ބޯންވެސް ރޫޔާ އިންކާރު ކުރިއެވެ.

"ކުޑަ އެތިފޮދެއް" ފަޒިލާ ބުންޏެވެ.

ރޫޔާ ފެންފޮދެއް ބޯލިއެވެ. އެއާއެކު އޭނާ ކެއްސައިގަނެފައި އޯކާ ދެމިގަތެވެ. ފަޒީލާ އާއެކު ފާހާނާއާ ހަމައަށް ނުދެވެނިސް ލައިގެން ހުރި އަންނައުނާއެކު ރޫޔާއަށް ހޮޑުލެވިއްޖެއެވެ.

"ނުކައި ހުރީމަ ގޭސް އަރައިގަތީ" ފަޒީލާ ބުންޏެވެ.

ރޫޔާގެ އަތުގައި ހިފައިގެން ފަޒީލާ ވަނީ ފާހާނާ އަށެވެ. ލައިގެން ހުރި އަންނައުނުތައް ބާލާފައި ރީތިކޮށް ފެންވަރާލަން ރޫޔާ ކައިރީގައި ފަޒީލާ ބުންޏެވެ. ރޫޔާ ބޯޖަހާލުމުން ފަޒީލާ އަވަސްވެގަތީ ރޫޔާ ލާނެ ހެދުމެއް އިސްތިރިކުރާށެވެ. އެނދުގެ އަނެއް ފަރާތުގައި ހުރި ރޫޔާގެ ފޮށި ހުޅުވާލުމާއެކު ފުރަތަމަވެސް ފަޒީލާގެ ލޮލުގައި އަޅައިގަތީ ހެދުންތަކުގެ މަތީގައި ބަންޑުން ބާއްވާފައި އޮތް ފޮޓޯ ފްރޭމެވެ. އޭގައި ހަންނާ އާއި ހަބީބް އަދި ރޫޔާއާ އެކު ހިނިތުންވެގެން ހުރި ނިހާން ފެނުމުން ފަޒީލާއަށް ލިބުނީ ހައިރާންކަމެވެ. ނިހާނަކީ އޭނާއަށް އާ މޫނެއް ނޫނެވެ. ރޫޔާގެ އަތްތިލަ އާއި ނިހާންގެ އަތްތިލަ ގުޅިފައިވިތަން ފެނުމުން އެ ދެކުދިންގެ ގުޅުން ފަޒީލާއަށް ނަގައިގަނެވުނެވެ. އެ އުފާވެރި އާއިލާ ފެނުމުން ފުރަތަމަ ހިނދުން ފަޒީލާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައިގެން ދިޔައީ ގިސާމަތުގެ ނުފޫޒުން އެ އާއިލާ ވިއްސި ވިހާލިވެފައިވިތަން ފެނިފައެވެ. ގިސާމަތުގެ ނުބައި ރޭވުމުން އަންބަކާ ފިރިއަކާ ދުރުވެ މައިންބަފައިންނާ ދަރިއަކު ވަކިކޮށްފިއެވެ. ކުރިއަށް އޮތް ތަނުގައި އެ ނުބައި ހަރުފަ ވިހަ ދޫކޮށްލާނީ ކޮންފަދައަކުން ކަމެއްވެސް ނޭނގެއެވެ.

****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު ގިސާމަތު ރޫޔާއާ ގުޅުވައިގެން ވާހަކައެއް ނުދައްކައެވެ. އޭނާ އިނީ ކައި ނިމި ހަމަޖެހިގެން ރޫޔާގެ ވާހަކަތައް އަހާށެވެ. ޝައުން ތިރިއަށް ނުފައިބާތީ އޭނާ އިނީ ކާންވެސް ނުފަށައެވެ.

"މާމާ! މިއީ ކޮންކަމެއް؟" މުޅި ގޭތެރެ އޮތްގޮތުން ޝައުން ބުންޏެވެ.

"ތިއީ ހަނާނުގެ ކަންތައް. ވަރަށް ބޯހަރު ކުއްޖެއް" ގިސާމަތު ބުންޏެވެ.

ގޮނޑީގައި އިށީންނަމުން ޝައުން ދެފަރާތް ހޯދައި ބަލައިލިއެވެ. ހަނާނެއް ނެތެވެ. ގޭގައި އުޅޭ މީހަކު ކާން ފައިބަންވާނެ ނޫން ހެއްޔެވެ؟

"ކޮބާ އޭނަ؟" ޝައުން އަހާލިއެވެ.

"އޭނަ މިތަނުގަ ނުކާނެ. ދަރިފުޅު ކައިބަލަ. ކައިގެން ހިނގާބަލަ މަންމަ ގެނައި ހަދިޔާތައް ބަލައިލަން" ގިސާމަތު ބުންޏެވެ.

ދުރުގައި ހުރި ފަޒީލާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ރޫޔާ ކަންތައްކުރި ގޮތް ޝައުންއަށް ކޮންމެހެން ސިއްރުކުރަންޖެހޭ ހެއްޔެވެ؟

****

މަސައްކަތް ނިންމާފައި ފަޒީލާ ބަދިގެއިން ނިކުންނަން އުޅުނު ވަގުތު ސިޑިން ފައިބައިގެން އައި ގިސާމަތު ގޮވާލިއެވެ. ފަޒީލާ ހުއްޓުނެވެ. ހައިރާންވެސް ވިއެވެ. މިވަގުތަކީ ގިސާމަތު ކޮޓަރިން ނިކުންނަ ވަގުތެއް ނޫނެވެ.

"ކޮބާ ހަނާން؟" ގިސާމަތު އެހިއެވެ.

"އެބައޮތް. ހުން ވައްތަރުވެފަ އޮތީ. އަޅުގަނޑު ވަރަށް ހާލުން ކާއެއްޗެއް ދީފަ ބޭސްދީފިން" ފަޒީލާ ބުންޏެވެ.

"ބުނަން ވާހަކައެއް. ތިންދުވަސް. އަހަރެން ކަލެއަށް މިދެނީ ތިންދުވަސް. ތިންދުވަސް ފަހުން ހަނާންގެ އަންނައުނާއެކު މިތަނަށް ބަދަލުކުރަންޖެހޭނެ. އޭރަށް ހަނާން ހުންނަންޖެހޭނީ ހަމަޔަކަށް އެޅިފަ. މާދަމާ ޝައުން ތި ބަޔަށް ދާނެ ހަނާނާ ބައްދަލުކުރަން. އޭނަ ކައިރީގަ ބުނެފާ ބާއްވާތި" ގިސާމަތު އަމުރު ހިންގާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟