އަސްމާވެސް ދިޔައީ ނިދުމަށްޓަކައި އަނެއް ބަޔަށެވެ. ބަދިގޭގައި ކުރަން ހުރި ކަންތައް ނިންމުމުގައި ނަޖުމް ޒައިނާއަށް އެހީވަމުން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ލަންޑަނުގެ ދިރިއުޅުމާ ބެހޭގޮތުންނެވެ. ވަޒީފާގެ ވާހަކަތަކެވެ. އެތާނގެ ރައްޓެހިންގެ ރަނގަޅު ވާހަކަތަކެވެ. އަދި ޝައިންގެ އެތައްއެތައް ވާހަކައެކެވެ.
ކޮފީއަކީ ނަޖުމްގެ ހާއްސަ އެކުވެރިއެކެވެ. އެހެންކަމުން ދެ ރަހުމަތްތެރިން ސިޓިންރޫމަށް އައިއިރު ހޫނު ކޮފީތަށްޓެއް ނަޖުމް ގެނައެވެ. ސޯފާގައި އިށީނުމާއެކު ނަޖުމް ޒައިނާގެ އަތުގައި ހިފައި ގާތުގައި ބޭންދިއެވެ.
"ކަލޭ ވަރަށް ބޮޑުވެއްޖެ..." ނަޖުމް ކޮފީ ކޯވަރެއް ބުއިމަށްފަހު ބުނެލިއެވެ.
"އެކަމަކުވެސް އަދިވެސް ކަލެއާ ނުލައި އުޅޭކަށް ދަހެއް ނުވޭ..." ޒައިނާ ފުން ނޭވާއެއްލަމުން ބުނެލިއެވެ.
"ކަލޭގެ ހެޔޮދުއާ އަހަރެން ކިހާ ހިސާބަކުން ކިހާ ހިސާބަކަށް ގެނެސްފި. އެކަމަކު އަދިވެސް ބައެއް ކަންތައްތަކުގައި އެކަނި ގޮތް ނިންމައި ހައްލުކުރާކަށް ނޭނގޭ.."
"އަދިވެސް ބައެއް ކަންތައް ހަނދާން ނުނެތޭތީ ވާގޮތެއް އެއީ. މަޑުމަޑުން އެކަންވެސް ރަނގަޅުވެދާނެ" ނަޖުމް ބުއްދިވެރި ގޮތަކަށް ބުނެލިއެވެ.
"ޝައިން ހާދަ ލޯތްބޭ. ހާދަ ބަސްއަހައޭ. ކަލޭގެ ނަސީބާ މެދު ހަގީގަތުގައިވެސް ހަސަދަވެވިދާނެތީ ބިރުގަނޭ" ޒައިނާ ނަޖުމްއަށް ބަލައިލިއެވެ.
"މިޒްދާންއާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން ވަރަށް ދެރަވޭ. ވަރަށް ހިތުގައި ޖެހޭ. އަހަރެން ވަރަށް މަސައްކަތް ކުރުމާ އެކުވެސް އެކަމެއް ހަނދާނެއް ނުނެއްތުނު. ތާކުންތާކު ނުޖެހޭ ފިރިހެނަކަށްޓަކައި އަމިއްލަ ދަރިފުޅު...."
ޒައިނާގެ ހިތްފުރިގެން އަތުވެއްޖެއެވެ. އިތުރަށް އެންމެ ލަފްޒެއް ބުނާނެ ހިތްވަރެއްވެސް ނުލިބި އަޑު ބެދިއްޖެއެވެ. އަވަސް އަވަހަށް އިސްޖަހާލީ ލޮލަށް ގިނަވި ކަރުނަ ފޮރުވުމަށްޓަކައެވެ.
"ޒައިނާ. ބައެއް ކަންތައް ހަނދާނެއް ނުނެއްތޭނެ. ބައެއް ކަންތަކަށް މައާފެއް ވެސް ނުކުރެވޭނެ. އެގޮތަށް އެކަންތައް އޮތަދީ. ލިބެން އުޅޭ ދަރިފުޅަށްޓަކައި އާގޮތަކަށް ބަދަލުވޭ. މިޒްދާންއަކީ ކަލޭގެ މާޒީގެ ބައެއް. ހަގީގަތެއް. ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް އެކަންތައް ބަދަލެއްވެސް ނުކުރެވޭނެ. ފާއިތުވެގެންދާ އެއްވެސް ވަގުތެއް އަނބުރާ ނުގެނެވޭނެ. ކަލޭ އަނތްބަކަށްވެ މަންމައަކަށްވީ ވަރަށް ޅަ އުމުރެއްގައި. އެ އުމުރުގެ އެއްވެސް އަންހެން ކުއްޖަކަށް ފަހުން ވެދާނެ ގޮތަކާ މެދު ގިނަފަހަރު ވިސްނާނުލެވޭ"
ނަޖުމް ފުންނޭވާއެއް ލުމަށްފަހު އަނެއްކާވެސް ހިމޭންވެފައި އިން ޒައިނާއަށް ބަލައިލިއެވެ.
"ޚުދު އަހަރެންވެސް ވިސްނާނުލައި ކައިވެންޏެއް ކުރިން. ލިބުނު އުފަލަކީ ހަމައެކަނި ޝައިން. އެއީ މަގޭ ނަސީބު. އެ އަލިކަން ނެތްނަމަ އަހަރެންގެ މުޅި ދިރިއުޅުން އަނދިރިވީސްކަން ޔަގީން. އަހަރެން އަބަދުވެސް ބުނަމެއްނު، ޝައިން ލިބުނީތީ އަހަރެން ޝުކުރުވެރިނުވާ އެންމެ ދުވަހެއްވެސް ނުދެއޭ..."
ނަޖުމް ޒައިނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
"އެގޮތަށް ކަންތައްވުމަކީ ތާއަބަދު އަމިއްލަ ނަފްސު ކުށްވެރި ކުރަންޖެހޭ ސަބަބަކަށް ނަހަދާ. މިހާރު ދެން ކަލޭ އަސްލު ވެސް ބަދަލުވާން ވެއްޖެ... ހީލަބަލަ. އުފާކޮށްބަލަ. ކަލޭ މަންމައަކަށް ވަނީ. އަހަރެން ބޮޑުދައިތައަކަށް ވަނީ. މާމައަކަށް ވަނީ. ކުރިންވެސް ކަލޭ މަންމައަކަށްވި.... އެކަމަކު މިފަހަރު ކިހާ ތަފާތު. ކިހާ އުފާވެރި"
ޒައިނާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެހެން ނަމަވެސް އަތުގެ ނުފުށުން ލޯފޮހެލަމުން އޭނާ ހިނިތުންވެލިއެވެ.
"އާނ. ތީ ނިންމިގެ ޒައިން. މިހާރު ކިހާ އުފާވެރި" ނަޖުމް ޒައިނާގެ ބަނޑުގައި ފިރުމާލިއެވެ.
"މިރެއަކީ ކިހާ ބޮޑު ރެއެއްކަން އެނގޭނެ އިތުރު މީހެއް ނުހުންނާނެ. ނިންމިގެ ޒައިނާއަށް ދަރިއަކު ލިބެނީ"
ނަޖުމް އިނީ އުފާވެފައެވެ. އިންތިހާއަށެވެ. ނަޖުމްގެ ހާއްސަކަމަކީ އެއީއެވެ. ޒައިނާއަށް ލިބޭ ކޮންމެ އުފަލަކީ ނަޖުމްއަށް ލިބޭ އުފަލެކެވެ. ކޮންމެ ހިތާމައަކީ ޒައިނާއަށް ލިބުނަސް ނަޖުމްއަށް ދެގުނަ ބޮޑު ހިތާމައެކެވެ. އުފަން މަންމަ އާއި ބައްޕަ ޒައިނާއަށްޓަކައި ނުދޭ އަގުހުރި ލޯބިދޭ މީހަކީ ނަޖުމެވެ. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މި އަންހެން މީހާއާ ޒައިނާ ވަކިވާނީވެސް ކިހިނެއް ހެއްޔެވެ.
ޒައިނާގެ ހަޔާތުގެ ކޮންމެ ފިޔަވަޅެއްގައި ނަޖުމްގެ ނަސޭހަތުގެ އަސަރު އެކުލެވިފައިވެއެވެ. ނަޖުމްގެ ކޮންމެ ޖުމްލައަކީ ނަސޭހަތަކަށް ފުދޭ ޖުމްލައެކެވެ. ކޮންމެ ލަފްޒަކީ ހިތަށް ލިއްބައިދޭ ހަމަޖެހުމެކެވެ. ކޮންމެ ބަހަކީ އިބުރަތެކެވެ. ވީއިރު ނަޖުމްއާ ވަކިން އުޅުމަކީ ޒައިނާއަށް ކިހިނަކުން ފަސޭހަވާނެ ކަމެއް ހެއްޔެވެ.
ރަށުތެރޭގައި ނަޖުމްއާ ބެހޭގޮތުން ފެތުރިފައިވާ ހުތުރު ވާހަކަތަކުގެ ސަބަބުން ކޮންމެ މީހަކުވެސް ނަޖުމް ދުށުމަށް ޝައުގުވެރިވިއެވެ. އެ ވާހަކަތައް ފެތުރުމުގައި އެންމެ ކުރިއަށް ނުކުމު އުޅުނު ނަތާޝާ އާއި އަޒްލިފާއާ ނަޖުމް ގުޅާލީ ވަރަށް ގާތްގޮތަކަށެވެ. ތަފާތު ހަދިޔާތައް އެމީހުނަށްދީ އެ ދެ އަންހެނުންނާ ދަންނަ ރައްޓެއްސެއް ފަދައިން ވާހަކަ ދެއްކިއެވެ.
ނަޖުމްގެ އެ މިޒާޖަކީ ކޮންމެ ހިތެއްވެސް ލަންބުވާ ފަދަ އުފާވެރި މިޒާޖެކެވެ. ކިތަންމެ ރުޅި އައިސްފަ އިން ނަމަވެސް ފަރީދާއަށްވެސް ޖެހުނީ ނަޖުމްގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓުމަށްފަހު ހިނިތުން ވާށެވެ. ޑްރާމާ ބަލަން އަންނަ މީހުނަށް ފެނިދަސްވީ އެމީހުންނަށް ނުފެނި ދަސްވެފައިވާ ނަޖުމާ މުޅިން ތަފާތު ނަޖުމްއެކެވެ. ޑްރާމާ ގަޑީގައި ހުރިހާ އަންހެންވެރިންނާއެކު ނަޖުމްވެސް ފޯރި ދައްކާލާފައި ޑްރާމާތައް ބަލަން އިނދެއެވެ. ދެތިން ހަފްތާ ތެރޭގައި މުޅި ރަށުގައި ނަޖުމްގެ ހިތްހެޔޮކަމާއި ރަނގަޅު ވާހަކަ ފެތުރިއްޖެއެވެ.
ލަންޑަނުގައި އުޅެފައި އައި ނަޖުމްގެ ރީތި ބަސްއަހާ ފިރިހެން ދަރިފުޅަށް ތައުރީފު ނުކުރާ މީހަކު ނެތެވެ. ކޮންމެ ނަމާދު ގަޑިއެއްގައި މިސްކިތަށް ގޮސް އައިސްވާ ޝައިންގެ މަޑުމައިތިރިކަމާއި ރަނގަޅު އަހުލާގުގެ ހުރިހާ ތައުރީފެއް ގޮސް ހުއްޓެނީ ޝައިންގެ މަންމަގެ ތަރުބިއްޔަތަށެވެ. އިއްޔެއާ ޖެހެންދެން ޒައިނާއަށް މަލާމާތުގެ ބަސްބުނެ ތިމާގެ އަންހެންދަރިން ޒައިނާއާ ދުރުގައި ރައްކާތެރިކުރަން ވިސްނާ އެގޮތަށް މަސައްކަތްކުރި އަންހެންވެރިން ޒައިނާއާ މެދު ދެކެވެމުން އައި ބިރުވެރިގޮތް ބަދަލުވާން ފެށީ ހަމަ ވަރަށް އަވަހަށެވެ.
މި ހުރިހާ ކަމެއް ފެނުމާއެކުވެސް ހިތުގެ އަޑިން ޒިޔާދާއި ޒިޔާދުގެ އަނބިމީހާއަށް އަދި ލިބެން އުޅޭ އެ ދެމީހުންގެ ދަރިފުޅަށް ނަފްރަތުކުރާ ފަރީދާގެ އެތެރެހަށި ދެންވެސް ދިޔައީ އަނދަމުންނެވެ. ރޯވެފައިވާ ހަސަދައާއި ނަފްރަތުގެ ހުޅުގަނޑު އޮބަހައްޓައިގެން އިންނަން މަޖުބޫރުވެފައިވާ ފަރީދާގެ ސިކުނޑީގައި ތަފާތު ވައްތަރުގެ ވަސްވާސް އަބަދުވެސް އެނބުރެމުން ދިއުމަކަށް ހުއްޓުމެއްވެސް ނައެވެ.
*********
ތިން ހަފްތާ ނިމިގެން ދިޔައިރު ޝައިންގެ ގިނަ ވަގުތު ހޭދަކުރެވުނީ ޒައިނާއާ އެކުގައެވެ. ގިނަ ރޭތަކުގައި ޝައިންއަށް ނިދެނީ ޒައިނާ ގާތުގައި އިނދެ ވާހަކަ ކިޔައިދިނުމުންނެވެ. ބައެއް ހަވީރުތަކުގައި އާއިލާއެކުގައި ހިނގާލަން ދާއިރު ޒައިނާގެ އަތުގައި ހިފައިގެން ހުންނަ ޝައިންގެ އުފާވެރި މޫނު ފެނިފައި ނަޖުމް ކޮންމެވެސް ސަމާސާ ބަހެއް ޒިޔާދު ގާތުގައި ނުވަތަ ޒައިނާ ގާތުގައި ބުނެއެވެ.
"މިހާރު ޝައިންގެ ހުރިހާވެސް މީހަކީ އާންޓީ. އެހެންވީމާ އަހަރެން ހިފާނީ ޒިޔާދުގެ އަތުގައި. އޯކޭތާދޯ؟!"
ތިން ހަފްތާއަށްފަހު ދެން އައި ހަފްތާގެ ހުކުރުވިލޭރޭ ދުވަސްފުރާ ޒައިނާ ވިހައިފިއެވެ. ލޯބިލޯބި ސިއްހަތު ރަނގަޅު ސަމައްތަރު ހެޔޮ ދޮންޖަންބެއް ކަހަކަލަ އަންހެން ކުއްޖެކެވެ. ކަންތައް ދިމާވިގޮތުން ޒައިނާގެ މަންމައާއި ބައްޕައަކަށް މި ދުވަހުވެސް މިރަށަށް އާދެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ހެޔޮދުއާ ކުރުމަށްޓަކައި އެ ދެމީހުންވެސް ޒައިނާއަށް ގުޅިއެވެ. ދުރު ބީރައްޓެހިންވެސް ކަންތައް ކުރާ ފަދައިންނެވެ. ޒައިނާގެ ހިތަށް ހަމަޖެހުމެއް ހޯދައިދިނީ އެ ވަގުތުގައިވެސް ނަޖުމްގެ ވިސްނުންތެރި ބަސްތަކެވެ. އަދި ޒިޔާދުގެ އޯގާތެރި ނަސޭހަތްތަކާއި ހިތްވަރުދިނުންތަކެވެ.
ކުޑަކުޑަ ދަރިފުޅު ގޮވައިގެން ތިން ދުވަސް ފަހުން ގެއަށް އައުމާއެކު ނަޖުމްއާއި ޒިޔާދު ތައްޔާރުވާން ފެށީ ދަރިފުޅަށް ނަން ކިޔާ ދުވަހުގެ ކަންތައް ވީހާވެސް ކުލަގަދަކޮށް ބޭއްވުމަށެވެ. ހުކުރު ދުވަހުގެ ހަވީރު ގޭގައި ރަނގަޅު ކެއުމެއް ބާއްވައި ދަރިފުޅަށް ރީތި ނަމެއް ދިނުމުގެ ކަންތައް ވީހާވެސް ފުރިހަމައަށް ކުރުމަށް އެ ދެމީހުން އަވަސްވެގަތެވެ.
ތުއްތު ކުއްޖާފުޅާ ދުރަށް ނުގޮސް އަބަދުހެން އިންނަ އެކަކީ އަސްމާއެވެ. އަނެކަކީ ޝައިންއެވެ. ދެ ކުދިން ވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. ބައެއް ރޭތަކުގައި ނިދަން އަމިއްލަ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ޝައިން ކުޑަކޮއްކޮގެ ވަސްޖެހޭހައި ގާތުގައި އޮވެ ނިދިދެއެވެ. އަދި އިރުކޮޅަކުން ނަޖުމް ޝައިން ހޭލައްވައިގެން ކޮޓަރިއަށް ގެންދެއެވެ. ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުމުގައި އެންމެ ފޯރި ދައްކާފައި އުޅެނީ ވެސް ޝައިންއެވެ. އެހާ ގިނަދުވަސް ފަހުން ތުއްތު ކުއްޖެއް ފެނުމުން އެހެން ވެދާނެ ކަމަށް ނަޖުމް ބުނަނީ މަޖާވެފައި ހުރެއެވެ.
*************
އެތަކެއް ވިސްނުމާއި ހިޔާލު ބަދަލުކުރުންތަކަށް އެދެވޭ ނިންމުމެއް ގެނެވުނީ ސީދާ ހުކުރު ދުވަހަށެވެ. މޫސުން ރީތި ހިތްގައިމު ދުވަހަކަށް އެރި އިރާއެކު ޒިޔާދާއި ނަޖުމް ހަވީރަށް ކެއްކުމުގެ ކަންތައް ކުރުމަށް އަވަސްވެގަތެވެ. ބޭނުންވާ ހުރިހާ ސާމާނެއްހެން މާކުރިން ހޯދާފައި ހުރީތީވެ އެއްވެސް ދަތިކަމެއް ނެތި ކެއްކުމުގެ ކަންތައް ކުރިއަށް ގެންދެވުނެވެ. ނަތާޝާއާއި އަޒްލިފާ ވެސް ނަޖުމްއާއެކު މަސައްކަތުގައި ބައިވެރިވިއެވެ.
ފުން ވިސްނުމެއްގައި ހުރެގެން ވެސް ފަރީދާ މާމަދަރިފުޅުގެ ނަންކިޔާ ހަފްލާއަށް ތައްޔާރުވުމުގައި ނަޖުމްމެންނަށް އެހީވިމެއެވެ. ހުކުރު ވަގުތު ޖެހުނުއިރު މަދުކަމެއް ނޫނީ އެހެން ހުރިހާކަމެއް ނިންމައިލެވުނު ވެސް މެއެވެ.
ޒިޔާދާއި ޝައިން ހުކުރަށް ދިއުމުން، ނަޖުމް ސިޓިންރޫމްގައި ދަރިފުޅު ނިންދަވަން ސޯފާގައި އިން ޒައިނާގެ ގާތުގައި އިށީނެވެ. އަދި ވަރުބަލިކަމުގެ ނޭވާއެއްލަމުން ޒައިނާގެ ހިނިތުންވެފައިވާ މޫނަށް ބަލައިލިއެވެ.
"މިހާރު ދެން ހަމަޖެހުމުގެ ނޭވާއެއް ލާންވީ..."
"ތިބުނީ؟!" ޒައިނާ ނުވިސްނިފައި ނަޖުމްގެ މޫނަށް ބަލަލަމުން އަހާލިއެވެ.
"މިބުނީ ކަލޭ އަސްލުވެސް ބޮޑުވެއްޖެއޭ. ހަރުދަނާ ޒިންމާދާރު މީހަކަށް ވެއްޖެއޭ، ނިންމިއާ ނުލައި އުޅެން ކަލެއަށް ދަސްވެއްޖެއޭ. ތެދަށް ބުނެބަލަ. ޒިޔާދު ދެކެ ލޯބިވެވިއްޖެއެއްނުދޯ؟" ޒައިނާ ރަކިވެފައި އިސްޖަހައިލިއެވެ.
"އޯހް. ޒައިނާ. މިއަދު އަހަރެން އުފާވާވަރެއް ކަލެއަކަށް ނޭނގޭނެ. މި ދުވަސް ދެކެން އަހަރެން އުއްމީދު ކުރާތާ ކޮން އަހަރެއް؟!"
ނަޖުމްގެ އަޑުގައި ހުރީ އިންތިހާއަށް އުފާވިކަމުގެ އަސަރެވެ. ޒައިނާ ލަދުގެންފައި އުނގުގައި އޮތް ދަރިފުޅުގެ ރަޖާގަނޑު ރީތިކުރަން ފެށިއެވެ. ނަޖުމް އެ ބުނީ ތެދެކެވެ. ޒައިނާއަށް ހަޔާތުގައި މީހެއް ދެކެ ތެދުވެރި ލޯތްބެއް ވެވުނީ އަދި ކިރިޔާއެވެ.
ފަހުދަކީ ޒައިނާގެ އަލަތު ފިރިމީހާއެވެ. އަލަތު ދަރިފުޅުގެ ބައްޕައެވެ. އެހެންނަމަވެސް އެއީ ކެހިވެރިކަމާއި ހީލަތުން ފުރިފައިވާ ލޯތްބެކެވެ. މަކަރުވެރި އޮޅުވައިލުމުން ކަޅުވެފައިވާ ދިރިއުޅުމެކެވެ. ހަޔާތުގެ އެ ބާބުތަކުގައި އެއްވެސް އުފާވެރި ކަމެއްވެސް ނެތެވެ. އޮތްނަމަ އޮތީ ވޭނަކާއި ރިހުމެކެވެ. ދަތިކަމަކާއި އުނދަގުލެކެވެ. ޒިޔާދު ފަދަ ފިރިއަކު ލިބުމަކީ ޒައިނާގެ ނަސީބުކަން ގައިމެވެ. ޒިޔާދު ދެކެ ލޯބި ނުވެވުނުނަމަ ޒައިނާ އަމިއްލަ ނަފްސަށް މަލާމާތް ވެސް ކުރީހެވެ. އެހެނީ ޒިޔާދަކީ ލޯބިވެވޭ ފަދަ ފިރިއަކަށް ވާތީއެވެ.
ޚުތުބާ އަޑުއެހުމަށްޓަކައި ޓީވީ ހުޅުވާލައިގެން ދެ އެކުވެރިން ހަމަހިމޭންކަމާއެކު ޓީވީއަށް ބަލަން ފެށިއެވެ. ދުވަހުގެ ޚުތުބާއަކީ ހާއްސަ ހުތުބާއެކެވެ. މައުޟޫއަކީ ދަރިންނެވެ. ދަރިންނަކީ ﷲ ތައާލާ ދެއްވާ ކިހައިބޮޑު ނިއުމަތެއްކަމާއި ކިހައިބޮޑު އަމާނާތެއްކަން މައުޒޫނު ކިޔައިދެމުން ދިޔަވަރަކަށް ޒައިނާގެ ހިތް ފިތެމުން ދިޔައެވެ. ކެތް ނުވެގެން ބާރަށް ރޮއިގަނެވިދާނެތީ ނަޖުމްގެ އަތްތިލައިގައި ހިފައި ޒައިނާއަށް ބާރުކޮށްލެވުނު ވެސްމެއެވެ.
ފާފަ، ދަރިންނަށް ހިޔާނާތްތެރިވުމުގެ ފާފަ، ޒައިނާގެ ހިތުގައި ހުރި ލަކުނުތައް އަލުން ޒަހަމްވި ކަހަލައެވެ. އެ ޒަހަމްތަކުން އޮހޮރުނު ލޭ ކަރުނައަށް ވެގެން ލޮލަށް ޖަމާވުން ހުއްޓޭތޯ ޒައިނާ ކުރި މަސައްކަތްވީ ނާކާމިޔާބެވެ.
"އޭތް. އެއްކަލަ. ތިހެން ނަހަދާށޭ ނިންމި ބުނަމެއްނު"
ޚުތުބާ ނިމުމުން ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ނަޖުމް ޒައިނާގެ ލޯ ފޮހެދެމުން ބުނެލިއެވެ.
"ބަލައިބަލަ. މިއޮތީ ހަމަ މިޒްދާން ކަހަލަ ލޯބިލޯބި ކުއްޖެއްނު. ޒައިނާގެ މިހާރުގެ ޒިންމާއަކީ މިއީ. ކޮންމެ ކަމަކަށްވެސް ވަގުތުދޭށޭ ބުނެ ހަނދާން ނުނައްތަބަލަ. އެކަމެއްގެ ވަގުތު ޖެހުނީމަ އެކަމެއް ވާނެ. ކޮންމެ ކަމެއްވެސް ދިމާވާނީ އެންމެ ރަނގަޅަށް. ދެން ހީލަބަލަ. ޕްލީޒް"
ނަޖުމް ޒައިނާގެ ދެރަވެ އޮއްސިފައިވާ މޫނަށް ހިނިތުންވުމެއް ގެނައުމަށް މަސައްކަތް ކުރިއެވެ.
"މީގެފަހުން ތިގޮތަށް އެ ހަނދާނުގައި ރޮއިގެން ނުވާނެ. ޕްރޮމިސް"
ނަޖުމް ދިއްކޮށްލި އަތުގައި ޒައިނާ ހިފިއެވެ. އެގޮތަށް ދެން ނުރުއިމަށް ވައުދުވުމުގެ ގޮތުންނެވެ. އެ ހަނދާންތައް ހިތުގައި ވަޅުލުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
އާނއެކެވެ. ފާއިތުވެގެންދާ ވަގުތެއް އަނބުރާ ނުގެނެވޭނެއެވެ. ނަޖުމް ބުނަނީ ތެދެކެވެ. ވެދިޔަތަނާ މެދު ޝަކުވާކޮށް ކަރުނަ އޮހޮރުމަކުން އެކަންތައް ބަދަލެއް ވެސް ނުކުރެވޭނެއެވެ. އެކަމަކު ޔަގީނުން ވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. މާޒީން އިބުރަތް ލިބިގަނެގެން މުސްތަގުބަލު އުޖާލާކޮށް ބާއްޖަވެރި ކުރެވިދާނެއެވެ. ހުކުރުން ފައިބައިގެން އައިސް ޒިޔާދު ގެއަށް ވަނީ އެ ވަގުތެވެ. ނަޖުމްއަށް ފުރަތަމަ ވެސް އަހައިލެވުނީ ޝައިން ކޮބައިތޯއެވެ.
"ގެއަށް ވަންތަނާ އަސްމާ ކޮންމެވެސް ކާޑެއް ދައްކަން ގޮވައިގެން އެ ބަލަން ގެންގޮއްސި"
ސޯފާގައި އިށީންނަމުން ޒިޔާދު ޖަވާބުދިނެވެ. އަދި ޒައިނާގެ އުނގުގައި ނިދާފައި އޮތް ތުއްތު ދަރިފުޅުގެ ކޮލުގައި އިނގިލިން ކޮއްޓައިލިއެވެ. ތުއްތު ކުއްޖާފުޅު ނިދީގައި ބައްޕަގެ އަތުގެ އިހުސާސް ކުރެވިފައި ހީލިއެވެ. އަދި އަނެއްކާވެސް ނިދީގެ ތެރެއަށް ގެނބިއްޖެއެވެ.
(ނުނިމޭ)