ވާހަކަ

ނުފޫޒަކުން - 25

2

"އެ އައީ އެމީހުން" ހަންނާ ބުންޏެވެ.

ދާންވީތަ؟" ރޫޔާ އަހާލިއެވެ.

ހަންނާ ބޯޖަހާލިއެވެ. ރޫޔާ ތެދުވިއެވެ. ލަސްލަހުން ހިނގާފައި ދޮރާ ދިމާލަށް ދިޔައެވެ. ދޮރުން ނިކުތުމުގެ ކުރިން ވަދާއީ ބެލުމަކުން މަންމަގެ މޫނަށް ރޫޔާ ބަލައިލިއެވެ.

ހަންނާގެ ދެފައިން ވާގި ދޫވެ ތިރިއަށް ސޮހިގެން ދިޔައީ ލޯމަތިން ރޫޔާ ގެއްލުމުންނެވެ. އޭނާއަށް ހީވީ ނޭވާ ވެސް ހުއްޓުނު ވަގުތުކޮޅެއް ހެންނެވެ. ވަށައިގެންވި މަންޒަރުތައް ހުއްޓުމަކަށް އައިސް ކަންފަތުގެ އިވުމަށް ވެސް ބަދަލު އައި ހެންނެވެ. ދެފައި މައްޗަށް ކޮޅަށް ތެދުވާނެހާ ހިތްވަރެއް އޭނާއަށް ނުލިބުނެވެ. ރޯންވެސް ހަނދާނެއް ނެތެވެ. އެހެން އިންދައި އޭނާއާ ދިމާލަށް އަތެއް ދިއްކޮށްލިއެވެ. އެމީހަކު މަސައްކަތްކުރީ އޭނާ ނަގަން އެހީވެދިނުމަށެވެ. އެހެންނަމަވެސް އޭނާ ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނައެވެ.

****

ބާރު ސްޕީޑުގައި ކާރު ކުރިއަށް ދިޔައެވެ. ރޫޔާގެ މުޅި ނަފްސު ވަނީ ހިމޭންކަމެވެ. ދެލޮލުގައި ވަނީ ނުތަނަވަސްކަމެވެ. ޖެހިގެން އިނީ އޭނާގެ މާމަ ކަމަށް ދައުވާ ކުރާ ބޮޑާ ގިސާމަތެވެ. ލިބުނު ކާމިޔާބަށް ގިސާމަތު އިނީ ފަހުރުވެރިވެފައެވެ. މިހާރު އޭނާގެ މިސްރާބަކީ ދިވެހިރާއްޖެއެވެ. ރޫޔާ ގޮވައިގެން އެދަނީ ސީދާ އެއާޕޯޓަށެވެ.

"ބަލައިލަބަލަ. މިހުރީ ދަރިފުޅަށް މާމަ ހޯދި ބްރޭންޑެޑް އެއްޗެހި. ފަހަތުން އެ އަންނަ ކާރު ފެނޭތަ؟ އެ ކާރުގަ މުޅިންވެސް ހުރީ ދަރިފުޅަށް ހުރި އެއްޗެހި. ދަރިފުޅަށް ތި ދެވެނީ ދުނިޔެމަތީގެ ސުވަރުގެއަށް" ގިސާމަތު ވާހަކަދައްކަމުން ދިޔައެވެ. އެހެންނަމަވެސް ގިސާމަތަށް ވެސް އަދި ގިސާމަތު ދައްކަމުން ދިޔަ ވާހަކަތަކަށް ވެސް ރޫޔާ ސަމާލުކަމެއް ނުދެއެވެ. ގިސާމަތުގެ ސޫރަ އާއި އެ އަޑާއި އޭނާއަށް ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

ކުއްލިއަކަށް ރޫޔާ ހަށިގަނޑު ސީދާކޮށްލިއެވެ. ބިއްލޫރިގަނޑުން ބޭރު ބަލަމުން ދިޔައެވެ. ދެން ގޮވަން ފެށިއެވެ.

"ކާރު މަޑުކުރޭ.... މަޑުކުރާށޭ...." ރޫޔާ ހަޅޭއްލަވަން ފެށިއެވެ.

ޑްރައިވަރުގެ ސީޓުގައި އިން ޝައުކަތު ކުއްލިއަކަށް ކާރު މަޑުކޮށްލިއެވެ. ގިސާމަތުވެސް ހައިރާންވެފައި ރޫޔާ ބަލައިލިއެވެ.

ދޮރު ހުޅުވަން ރޫޔާ އުޅުނެވެ. ގިސާމަތުގެ ބަލައިލުމާއެކު ވަގުތުން ދެ ދޮރު ޝައުކަތު ލޮކް ކުރިއެވެ. ރޫޔާއަށް ދޮރުހުޅުވޭ ގޮތް ނުވުމުން އަތްގަނޑުގައި ހިފައި ތަޅުވަން ފެށިއެވެ.

"ދަރިފުޅު ކޮންތާކަށް ދާން ތިއުޅެނީ؟ މާމަ ކައިރީގަ ބުނެބަލަ" ގިސާމަތު ބުންޏެވެ.

ރޫޔާގެ އަތުގައި ހިފާލަން ގިސާމަތު މަސައްކަތް ކުރިއެވެ.

"އަހަރެން ގައިގަ އަތްނުލާ" ރޫޔާ ހަޅޭއްލަވައިގަތެވެ. ވަގުތުން ގިސާމަތުގެ މޫނުމަތިން ސީރިޔަސްކަން ފާޅުވެލިއެވެ.

"ކިހާ ބޮޑު ކަމެއްތަ މީ. މިތަން ހުޅުވާށޭ. ކަލޭމެންނަށް އަޑެއް ނީވޭތަ؟" ރޫޔާ ހަޅޭއްލަވަމުން ދިޔައެވެ.

"ނުހުޅުވާތި... ޝައުކަތު ކުރިއަށް ދުއްވާލާ" ހިތްހަމަނުޖެހިފައި ގިސާމަތު ބުންޏެވެ.

ކާރު ކުރިއަށް ދުއްވާލަން ތައްޔާރުވުމާއެކު ރޫޔާ ހަޅޭއްލަވަން ފެށިއެވެ. ދެ އަތުން ކާރުގެ ބިއްލޫރިގަނޑުގައި ތަޅަން ފެށިއެވެ. މަގުމަތިން ދިޔަ ބައެއް ވެހިކަލްތައް ހުއްޓާފައި އެ މަންޒަރު ބަލަން ފެށިއެވެ. ދޮރު ހުޅުވަން ގިސާމަތު ބޭނުންނުވިޔަސް ޝައުކަތު ބުއްދީގެ ބޭނުންކޮށް ރޫޔާ ބޭނުންވި ގޮތަށް ކަންތައް ކުރިއެވެ. ދޮރު ހުޅުވާލުމާއެކު ރޫޔާ ވަގުތުން ފޭބިއެވެ. ޓްރެފިކަށް ބެލުމެއްނެތި ފަހަތަށް ރޫޔާ ދުއްވައިގަތެވެ.

"ޝައުކަތު ކިހިނެއް ތި ހެދީ؟" އެއްފަރާތަކަށް ކާރު މަޑުކޮށްލުމުން ގިސާމަތު ފޭބިއެވެ. ރޫޔާގެ ފަހަތުން ގިސާމަތު ދާން އުޅުމުން ޝައުކަތު ހިފެހެއްޓިއެވެ.

"އަހަރެން އެގޮތަށް ކަންތައް ނުކުރިނަމަ މިއަދު ކަންތައް ވަރަށް ގޯސްވީސް. އެ މަންޖެ ކާރުގެ ބިއްލޫރިގަނޑުގައި ތަޅާޢީ ހަޅޭއްލަވަން ފެށީމަ މީހުން ހީކުރާނީ އަހަރެމެން އޭނާ ކިޑްނެޕްކޮށްގެން ގެންދަނީ ކަމަށް" ޝައުކަތު ވާހަކަދެއްކިއެވެ.

"އެކަމަކު... ކުރި މަސައްކަތް ފައިދަށަކަށްނު ތި ދުއްވާލީ. ފިލައިގެން އެ ރައްކާވީނު" ގިސާމަތު އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

"ނުފިލާނެ. އޭނަ އަންނާނެ. އެ ދިޔައީ މުހިންމު ކަމަކު. އޭނަ ފިލައިގެން ދާނެ ތަނެއް ނޯންނާނެ. އެހެންނޫނަސް އެ މަންޖެގެ ހިތް ހާސިލުކުރަން ބޭނުމިއްޔާ ގަދަފަދަކަން ނުދައްކާ. އެންމެ ރަނގަޅު ގޮތަކީ އޭނާ ހިތްހަމަޖެހޭގޮތަށް މިނިވަންކަން ދިނުން. ދެން ބާކީ އޮތް ހުރިހާ ދުވަހެއްގަ އެ މަންޖެ ހުންނާނީ ތިގޭގައެއްނު" ޝައުކަތު ވިސްނައިދިނެވެ. މިފަހަރު ވަރަށް ރަނގަޅަށް ގިސާމަތަށް ވިސްނުނެވެ.

****

ވާދީއަށް ފައިބައިގެން ދިޔަ ރޫޔާ ވަކި ހިސާބަކުން ހުއްޓިފައި ވަށައިގެން ހުރިހާ ދިމާލެއް ބަލައިލިއެވެ. އަނެއްކާވެސް ކުޑަ ތަންކޮޅަކަށް ކުރިއަށް ޖެހިލާފައި ވަށައިގެން ހޯދާލިއެވެ. އޢނާ ހޯދަން ބޭނުންވާ އިންސާނާގެ މޫނު ނުފެންނާނޭކަން އެނގިހުރެވެސް އޭނާ ހޯދިއެވެ. އެއީ އޭނާ ނިހާނާއެކު އެންމެ ގިނަ ވަގުތު ހޭދަކުރި ތަނެވެ. ކާރުގައި އެތަން ފަސްދީފައި އޭނާއަށް ނުދެވުނީއެވެ. ރޫޔާ ހިނގައިގަތީ އޭނާ އާއި ނިހާނާ ހާއްސަ ގަހާ ދިމާލަށެވެ. އެއީ އޭނާ ނިހާނާއެކު ލޯބީގެ ދުނިޔެއަށް ފީނައިގަތް ތަނެވެ. އޭނާ އާއި ނިހާންގެ ލޯތްބަށް އެ ގަސް ހެކިވާނެއެވެ.

ގަސް ކައިރިއަށް ހުއްޓިފައި ރޫޔާ ހިންދިރުވާލިއެވެ. ނިހާން އޭނާއަށް ގެއްލިއްޖެކަން ގަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އާހް.... ރޫޔާއަށް ރޮވުނެވެ. ކަރުނަތައް ފޮހެދޭން ނިހާން ނެތްކަން އެނގުމުންނެވެ. ގަހުގައި ބިންވަޅު ކަނޑައި ނަގާފައިވާ ދެ ތާރީހުގައި ރޫޔާގެ އިނގިލިތަކުން ފިރުމާލިއެވެ. އެއީވެސް ނިހާންގެ ލޯބީގެ ހަނދާނެކެވެ. އެންމެފަހުން ރޮވެމުން ގޮސް ރޫޔާއަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ.

"ނިހާން" ރޫޔާ ސިހުނީ އޭނާގެ ކޮނޑުމަތިން މީހެއްގެ އަތުގެ ބީހުން އިހުސާސް ވުމުންނެވެ.

ފަހަތް ބަލައިލީ ނިކަން އަވަހަށެވެ. ހިތް އެދެވުނީ ފަހަތުގައި ނިހާން ހުންނާށެވެ. އެހެންނަމަވެސް ފަހަތުގައި ހުރީ ނިހާނެއް ނޫނެވެ. ވާދީ ބެލެހެއްޓުމާ ހަވާލުވެ ހުރި މީހާއެވެ.

****

އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ގިސާމަތު ދެކޮޅަށް ހިނގަން ފެށިއެވެ. ރޫޔާ ލޯމަތިން ގެއްލުނު ފަހުން ފަންސަވީހަކަށް މިނެޓް ވެއްޖެއެވެ. ކާރުގައި ލެނގިލައިގެން ހުރި ޝައުކަތު ވެސް ހުރީ ކަންބޮޑުވެފައެވެ. ރޫޔާ ނައިއްޔާ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ފިލައިގެން ދާން އެ މައުސޫމު އަންހެންކުއްޖާގެ ސިކުނޑިއަށް ވިސްނިދާނެ ހެއްޔެވެ؟ ކަންތައްކުރާނެ ގޮތެއް ނުވިސްނިފައި ހުއްޓައި ގިސާމަތު އައިސް ދާދި ކައިރީގައި ހުއްޓުނެވެ.

"އަހަރެންގެ މި ސިކުނޑި ދުވަހަކުވެސް ނައްސި ވާހަކައެއް ނުދައްކާނެ" އިނގިލިން އަމިއްލަ ބޮލުގައި ޖަހައިލަމުން ގިސާމަތު ބުންޏެވެ. އެ ބުނި އެއްޗެއްގެ މާނަ ޝައުކަތަށް ވަރަށް ރަނގަޅަށް ފަހުމުވިއެވެ.

"އެކަމަކު... ވަރަށް ގިނައިރުވެއްޖެ ދޯ" ޝައުކަތު ބުންޏެވެ.

"އަދިވެސް މިހެން ތިބެނީތަ؟ ހިނގާ އެ ދިމާލަށް ފައިބަމާ" ގިސާމަތު ބުންޏެވެ.

އެ ދިމާލަށް އައި ރޫޔާ ޝައުކަތުގެ ލޮލުގައި އަޅައިގަތީ އެ ވަގުތުއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

"ކޮންމެހެން ދާކަށް ނުޖެހޭނެ. އެހެރަ އަންނަނީ" ޝައުކަތު ބުންޏެވެ.

ގިސާމަތުގެ ނަފްސަށް ވެސް ހަމަޖެހުމެއް ލިބިއްޖެއެވެ. ރޫޔާ ފިލައިގެން ދިޔަނަމަ އަނެއްކާވެސް ބޭކާރުވެގެން ދާނީ ދުވަސްތަކެކެވެ. ރޫޔާ އަރާ ހަމަވުމުން ގިސާމަތު ރޫޔާގެ އަތުގައި ހިފާލަން އުޅުނެވެ. އަތް ދުރުކޮށްލާފައި ރޫޔާ އަމިއްލައަށް ކާރު ދޮރު ހުޅުވައިގެން އެތެރެއަށް ވަނެވެ. ކާރު ވަށާލާފައި އަނެއްފަރާތުން އައިސް ރޫޔާއާ ޖެހިގެން އިށީނެވެ.

"އަވަހަށް ހިނގާ. އިރުކޮޅަކުން ޗެކިން ފަށާނެ" ގިސާމަތު ބުންޏެވެ.

ކަޅިޖަހާވެސް ނުލައި މަގަށް ނަޒަރު ސީދާކޮށްލައިގެން ރޫޔާ އިނެވެ. އޭނާގެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ގިސާމަތު ރޫޔާގެ މޫނަށް ބަލައިލިއެވެ. ރޮއެފައި ހުރިކަން ރޫޔާގެ މޫނުމަތިން ހެކި ދެއެވެ. އެހެންނަމަވެސް ގިސާމަތަށް މާބޮޑު އަސަރެއް ނުކުރިއެވެ.

"ދަރިފުޅު ކޮންތާކަށް ދިޔައީ؟ ރައްޓެއްސެއް ހުރީތަ އެތާ" ގިސާމަތު ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. ރޫޔާ އަނގައިން ނުބުނެ އިނުމުން ގިސާމަތު އަތް އުފުލާލީ ރޫޔާގެ މޫނުގައި ފިރުމާލާށެވެ.

"އަތްނުލާތި" ކުއްލިއަކަށް ގިސާމަތު ހުއްޓުން އެރިއެވެ. ރޫޔާ އެފަދައިން އޭނާއާ ވާހަކަދެއްކުން އޭނާއަށް ބަލައިނުގަނެވެއެވެ. ހިތްހަމަނުޖެހުނުވަރުން ރުޅިވެސް އައެވެ.

"އަހަރެން ދިޔަތަނެއް ބަލާކަށް ނުޖެހޭނެ" ރޫޔާ ބުންޏެވެ.

ގިސާމަތު ހަމަޖެހުނީ ޝައުކަތު ފަހަތަށް ބަލައިލާފައި ހަމަޖެހުމަށް އިޝާރާތެއް ކޮށްލުމުންނެވެ.

****

ކުޅެ ނިންމާފައި އައި ޝައުން ގޭތެރެއަށް ވަނުމާއެކު ބަނޑުފުރޭ ކަހަލަ މީރު ވަހެއް ނޭފަތުގައި ޖެހުނެވެ. ގޭތެރެއަށް ބާސްކެޓް ބޯޅަ ދޫކޮށްލާފައި އޭނާ ދިޔައީ ބަދިގެއާ ދިމާލަށެވެ. ތަރުކާރީތަކެއް ކޮށަން މޭޒުކައިރީގައި އިނީ ފަޒީލާކަން އެމީހެއްގެ ފުރަގަސް ފެނުމުން އެކަނިވެސް އޭނާއަށް އެނގުނެވެ.

"މިއަދު ހާދަ ބައިވަރެއް ތައްޔާރުކޮށްލާ ދުވަހެއް" ޝައުން ބުންޏެވެ. ފަޒީލާ ބަލައިލިއިރު ޝައުން ހުރީ އައިސްއަލަމާރި ކައިރީގައެވެ. ފިނި ފެންފުޅިއެއް ހިފައިގެން އައިސް ޝައުން އިށީނީ ފަޒީލާ ކުރިމަތީގައި ހުރި ގޮނޑީގައެވެ. މީގެކުރިން އެގޮތަށް ގޭ ނޯކަރުންނާއެކު ވަގުތު ހޭދަކުރުމަކީ ޝައުންއަށް ހުއްދަ ކަމެއް ނޫނެވެ. އޭނާއަށް އެކަން މަނާކުރީ ގިސާމަތެވެ. ގިސާމަތު ރާއްޖޭގައި ނެތުމުން މިފަހަކަށް އައިސް ގޭތެރޭގައި ހުރިއްޔާ ހުރިހާ ވަގުތެއް ޝައުން ހޭދަކުރަނީ ފަޒީލާއާ އެކުގައެވެ.

"މިރޭ ރޭގަނޑު ކާ ގަޑީގަ ޝައުން ހުންނަންވާނެ އިނގޭ" ފަޒީލާ ބުންޏެވެ.

"ފަހަރެއްގަ. ނުކެޔަސް ކޮފީއެއް ބޯނަމޭ ފަޒިއްތަ އަތުން" ޝައުން ބުންޏެވެ.

ފަޒީލާ ޝައުންއަށް ބަލައިލިއެވެ. މިރޭ ކެއުމުގައި ގިސާމަތާއި އޭނާ ހާއްސަ މެހެމާނަކު ބައިވެރިވާކަން ޝައުންއަށް އެނގިފައި ނެތީ ހެއްޔެވެ؟ އަޖްވަދު އެ ހަބަރު ޝައުންއަށް ނުދެނީތާއެވެ. ގޭގައި ގިނައިން ކާތަކެތީގެ ބާވަތްތައް އިތުރުކުރަން ފަޒީލާއަށް އިރުޝާދު ދިނީ އަޖުވަދެވެ. ގިސާމަތު އަންނަ ވާހަކަވެސް ބުނީ އަޖުވަދެވެ.

"ތި ދަނީތަ؟" ފެން ފުޅި ހިފައިގެން ޝައުން ތެދުވުމުން ފަޒީލާ އަހާލިއެވެ.

"ފެންވަރަން މިދަނީ. ނުނިކުންނާނަން މިރޭ ކޮޓަރިން ބޭރަކަށް. ނިދާލަން ބޭނުމީ" ޝައުން ބުންޏެވެ.

****

ސިޑިމަތިން ޝައުން އެރީ ދުވެފައެވެ. ކޮޓަރިއަށް ވަންނަން އުޅެނިކޮށް ޝައުންއަށް ހައިރާންކަމެއް ލިބުނީ އެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ހުޅުވާފައި ހުރިތަން ފެނުމުންނެވެ. އެއީ މީގެކުރިން ބަންދުކޮށްފައި ހުންނަ ކޮޓަރިއެކެވެ. މީހަކު ސާފުކުރަން ހުޅުވައިގެން އުޅޭ ތަނެއްވެސް މީގެކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ. އޭނާ އެ ކޮޓަރި ދޮރު ކައިރީގައި ހުއްޓުނެވެ. އެތެރެއަށް ބޯދިއްކޮށްލިއެވެ. ފާރުގައި ފޮޓޯ ފްރޭމެއް ހަރުކުރަން ނޯކަރެއް ހުއްޓެވެ. ޝައުން އެތެރެއަށް ވަނެވެ. މުޅި ކޮޓަރި ވަނީ އަންހެންކުއްޖަކާ އެންމެ ގުޅޭނެހާ ފުރިހަމަކޮށް ތައްޔާރުކޮށްފައެވެ. ޝައުންގެ ކޮޓަރިއަށް ވުރެވެސް ފުރިހަމައެވެ.

"މިއީ ކޮންކަމެއް؟" ފާރުގައި ފްރޭމް ހަރުކުރަން ހުރި މީހާއަށް އެހީވާން ހުރި އެހެން މީހަކު ކުރެން ޝައުން އެހިއެވެ.

"ނޭނގެނީ. އަޖޫ ބޮސް ބުނަނީ" އެމީހާ ބުންޏެވެ.

"ގޭގަ އެބައުޅޭތަ؟" ޝައުން އެހިއެވެ. އެމީހާ ދެފަރާތަށް ބޯހޫރާލިއެވެ.

****

ދިގު ދަތުރަކަށްފަހު އުފަން ވަޒަނުގެ ފަޒާތެރެއިން އައިސް މޫނުމަތީގައި ބީހިލި ވައިރޯޅީގެ ސަބަބުން ރޫޔާގެ ހަށިގަނޑަށް އެނގުން ވެލައިގެން ދިޔައެވެ. ރޫޔާގެ ހަށިގަނޑަށް ކުރިއަށް ވުރެވެސް ބޮޑަށް ވަރުބަލިކަމެއް އިހުސާސް ވެއްޖެއެވެ. ދެން އޭނާ ދާންޖެހޭނީ މާމަގެ އަލިފާން ގަނޑުވަރަށެވެ. ރޫޔާގެ ހިތް އެތެރެއިން ރޯލިއެވެ. ގިސާމަތުގެ ކޮންމެ އިޝާރާތަކަށް ބޯލަނބައިގެން ރޫޔާ ކުރިއަށް ދިޔައެވެ.

"އާދޭ ދަރިފުޅާ ކާރަށް އަރަން" ގިސާމަތު ބުންޏެވެ.

ގިސާމަތުގެ ހާއްސަ ކާރު އޭނާ ބަލާ އައިސް އޮތެވެ. ރޫޔާ އެ ކާރަށް ބަލައިލިއެވެ. ކަޅު ބިއްލޫރި ޖަހާފައިވާ ވަރުގަދަ ބޮޑު ކާރެކެވެ. އެއްފަހަރާ ގިނަ މީހުންނަށް އެރޭ ކާރެކެވެ. ރޫޔާ ދެބުމަ ގޮށްޖެހުނެވެ.

"ހީވަނީތަ ތި ކާރަށް އަހަރެން އަރާނޭ" ރޫޔާ ގިސާމަތަށް ބުންޏެވެ.

ގިސާމަތު އަނގަ ސަކަރާތްވިއެވެ. އެންމެ ލަދުގަތީ ކައިރީގައި ތިބި މީހުންގެ އަޖައިބު ކުރުވަނިވި ބެލުން އޭނާގެ މޫނަށް ހުއްޓުމުންނެވެ.

"ހަނާން..." ގިސާމަތު ތަންކޮޅެއް ބާރަށް ބުންޏެވެ.

ދެލޯ އަޅައިގެން ހުރެފައި ރޫޔާ ގޮސް އެރީ ކާރުގެ ފަހަތުގައި އޮތް ޓެކްސީ އަށެވެ. ގިސާމަތަށް ހީވީ ނުފެންނަ އަތަކުން އޭނާގެ މޫނުމަތީގައި ވިހެލި ހެންނެވެ. އިހުސާސް ނުވިޔަސް މޫނަށް ދިލަ އަރައިގެން ހިނގައްޖެއެވެ. ގިސާމަތުގެ ދެއަތް މުއްކެވުނުތަން ފެނުމުން ބުމަރެއްހެން ކައިރީގައި ހުއްޓުނީ ޝައުކަތެވެ.

"އަޅާނުލާ... މިވަގުތު އޭނާ ބުނާގޮތެއް ހަދާ. މީހުން އެބަ ބަލާ" ޝައުކަތު ބުންޏެވެ.

"އެ ޓެކްސީއަށް މަށެއް ނާރާނަން. ޝައުކަތު އޭނާ ގޮވައިގެން ގެއަށް އާދޭ" ގިސާމަތު ބުންޏެވެ.

ޝައުކަތު ބޯޖަހާލިއެވެ. ރޫޔާ އިން ޓެކްސީގެ ކުރީ ސީޓުގައި ޝައުކަތު އިށީނެވެ. ދާންވީ އެޑްރެސް ބުނުމާއެކު ޑްރައިވަރު ކާރު ކުރިއަށް ދުއްވާލިއެވެ.

****

ޕޯޓިކޯ އިން އެތެރެއަށް ކާރު ވަންތަން ފެނުމުން އަޖުވަދުގެ ހިތް ތެޅެން ފެށިއެވެ. އޭނާ އައިސް މައިދޮރު ކައިރީގައި ހުއްޓުނެވެ. ކާރުން ފޭބީ ގިސާމަތު އެކަންޏެވެ. އަޖްވަދުގެ ދެލޯ ހޯދަމުން ދިޔަ ސޫރައެއް ނުފެނުނެވެ.

"މަންމާ... ހަނާން... ހަނާން ކޮބާ؟" ގިސާމަތު ކައިރީގައި ހުއްޓުނެވެ.

"ހަނާނޭ. އެއީ ހަނާނެއް ނޫން. އެއީ ތޫފާނެއް ކުޑަވަރެއްގެ" ގިސާމަތު ބުންޏެވެ.

"ތިބުނީ؟" އަޖްވަދު ބުންޏެވެ.

"ވަރަށް އުނދަގޫ ބޮޑު. އަހަރެން ހިތަށް އަރާ ކިހާވަރަކުން ދާނެ ބާއޭ. ހަމަ ހިލާ މި ކާރަށް ނޭރި. ފަހަތުގައި ޓެކްސީ ގަނޑަކަށް އެރީ. ޝައުކަތު އިންނާނެ އޭގަ. އޭގަ ޑްރައިވަރަށް އަންގައިފިއޯ މާލޭގަ ހަތަރު ފަސްބުރު ޖަހާފަ ދާން. ކީއްކުރާނީ. ޝައުކަތު އެބަ ހަދާ އޭނަ ބުނާހާ ގޮތެއް" ގިސާމަތު ބުންޏެވެ.

އަޖްވަދު ކައިރިއަށް އައީ ހިންޏެވެ. އޭނާގެ ދަރިފުޅު މަންމަ ކުޑަކޮށްލުމުންނެވެ. ހަނާނަށް މަންމަ ދޫދިންވަރު ފެނުމުންނެވެ. މަންމަގެ އަތުގައި ހިފައިގެން އަޖުވަދު އެތެރެއަށް ވަނެވެ. އޭނާއަށް ރަނގަޅަށް ސޯފާގައި ނީށީނދެވެނީސް ފަޒީލާ ފިނި ފެންތަށި އޭނާއަށް އެރުވިއެވެ.

"އެހެރަ އައީނު" ގިސާމަތަށް ފުރަތަމަ ފެނުނީ އެތެރެއަށް ވަން ޝައުކަތެވެ. މަޑުމަޑުން ހިނގާފައި ރޫޔާ އެތެރެއަށް ވަނެވެ. ގިސާމަތު ހީކުރީ ހިތް އަވަސްވެ ގޭތެރޭގެ ހުރިހާ ދިމާލެއް ރޫޔާ ބަލާނެ ކަމަށެވެ. އެ މުއްސަނދި ދިރިއުޅުން ފެނުމާއެކު ރޫޔާގެ ހިތް ބަދަލުވެ ތުންފަތުން ހިނިތުންވުމެއް ފާޅުވާނެ ކަމަށެވެ.

"އާދޭ އާދޭ ދަރިފުޅާ" ގިސާމަތު ބުންޏެވެ.

އަޖްވަދަށް ކެތެއް ނުވިއެވެ. އޭނާގެ ލޯބިވާ މޭގެ އެތިކޮޅު އެ ފެނުނީ ހާދަ ޒަމާނަކަށް ފަހުއެވެ. އެއީ ހަމަ ޝާމޮނީގެ ސޫރައެވެ. އެ ދެލޮލެވެ. ކޯތާފަތްވެސް ވަނީ ޝާމޮނީ ފަދައިންނެވެ. ރޫޔާ ހައިރާންވިއެވެ. ދުވަހަކުވެސް ދެކެފައިނުވާ ފިރިހެނަކު އޭނާގެ ކުރިމަތީގައި ހުއްޓުމުންނެވެ. ރޫޔާ ހުރީ ސީދާ އަޖްވަދުގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

"ދަރިފުޅާ...." އަޖްވަދު ބުންޏެވެ. އޭނާގެ ތުރުތުރު އަޅަމުން ދިޔަ ދެ އަތުން ރޫޔާގެ ދެ ކޮނޑުގައި ހިފަހައްޓާލަން އުޅުނެވެ. އިސާހިތަކު ރޫޔާއަށް ޖަޒުބާތީ ވެވުނެވެ. އަޖްވަދުގެ މޫނުމަތިން ހިނދުކޮޅަކަށް އޭނާއަށް ބައްޕަގެ ސޫރަ ސިފަވެއްޖެއެވެ. ބައްޕަގެ އިސްކޮޅުގެ މީހެކެވެ. ބައްޕަ ގޮތަށް ފަލަވެސް މީހެއް ނޫނެވެ. ބައްޕަ އަކީ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. މިއީ ވެސް އެކަހަލަ މީހެކެވެ.

"ކާކު؟ ކާކު ތިއީ؟" އަޖުވަދުގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔަތަން ފެނުމުން ރޫޔާ އެހިއެވެ.

"ބައްޕަ... މިއީ ދަރިފުޅުގެ ބައްޕަ" އަޖުވަދު ބުންޏެވެ.

ރޫޔާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފާޅުވެލިއެވެ. އަޖުވަދާ ދުރަށް ޖެހުނެވެ.

"ތިއީ އަހަރެންގެ ބައްޕައެއް ނޫން. ދުވަހަކުވެސް ނުދެކޭ މީހަކު ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް އަރާފައި ތިއީ މިއީ ބައްޕައޭ ބުނީމަ ގަބޫލުކުރަން އަހަރެން މިއީ ކުޑަކުއްޖެއް ނޫން. މިހިރަ ނުބައި މީހާއަށް އެނގޭނެ އަހަރެންގެ ބައްޕަ ހުރި ތަނެއް" ރޫޔާގެ އިނގިލި އަމާޒުކޮށްލީ ގިސާމަތަށެވެ. ވަގުތުން ގިސާމަތުގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އިވޭ ހިސާބުގައި ނޯކަރުން ތިބުމުން މާބޮޑަށް އޭނާ ލަދުގަތެވެ.

"ހަނާން...." ގިސާމަތުގެ ބާރު އަޑުން މުޅި ސަރަހައްދު ގުގުމައިގެން ދިޔައެވެ.

ރޫޔާ ވަރުގަދައަށް ދެލޯ ގިސާމަތަށް އަޅާލިއެވެ. އެއީ ކަށްވަޅުގައި އޮތަސް އޭނާ ހިތްހެޔޮވާނޭ އިންސާނެއް ނޫނެވެ.

"ދަރިފުޅާ... ހަނާން...." އަޖުވަދު ވާހަކަދެއްކީ ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.

"ކޮން ހަނާނެއް؟ އަހަރެންގެ ނަމަކީ ރޫޔާ... ކަލޭމެންނަށް އަޑެއް ނީވޭތަ؟ ދެ ކަންފަތް ބީރުތަ؟" ރޫޔާ ހަޅޭއްލަވަމުން ދިޔައެވެ.

ގިސާމަތަށް އިތުރަށް މަޑެއް ނުކުރެވުނެވެ. ހަތަރެސްފައި ބަނދެގެން ވިޔަސް ރޫޔާ މައިތިރިކުރަން އޭނާ ބޭނުންވިއެވެ. ވިސްނާވެސް ނުލައި ރޫޔާ ކައިރީގައި ހުއްޓިފައި މޫނުމަތީގައި ބާރު އެތިފަހަރެއް އަޅުވާލިއެވެ. ހިނދުކޮޅަކަށް ރޫޔާއަށް ހީވީ މުޅިތަން އެނބުރިގެން ދިޔަހެންނެވެ. އަޖުވަދަށް ރޫޔާ ގަޔާ ކައިރިކޮށްލެވުނީ ބޭއިހުތިޔާރުގައެވެ. ގިސާމަތުގެ ދެވަނަ އެތިފަހަރުވެސް އައެވެ. މިފަހަރު ރޫޔާއަށް ހިމާޔަތްދިނީ އަޖުވަދެވެ.

"ކަލޭ މުސްކުޅިޔަކަސް ގައިގަ ބާރު ހުރޭ ދޯ... އަހަރެންގެ މަންމަގެ ހެޔޮ ނަސޭހަތް މިވަގުތުވެސް އަހަރެންގެ ކަންފަތުގައި އެބަ ގުގުމާ. އެހެންނޫނަސް އަހަރެންގެ ދެ އަތްވެސް ހިލުނީސް. ހީކުރީތަ ބޭނުންހާ ގޮތަކަށް ހެދިގެން އަހަރެން ހުންނާނޭ. އަހަރެންގެ މަންމަ އާއި ބައްޕައާ ވަކިކޮށްގެން މިތަނަށް އަހަރެން ގެނައިވަރު ކަލޭމެންނަށް ކުރާނަން. އަހަރެން އަނބުރާ ފޮނުވާލާވަރު ކުރާނަން" ރޫޔާ ހަޅެއްލަވަމުން ދިޔައެވެ. ގިސާމަތުގެ މާނޭވާ އަޅަމުން ދިޔަ ގައިގައި ހިފަހައްޓައިގެން ހުރީ ޝައުކަތެވެ.

"ފަޒީލާ... މި އަންހެނާ މަގޭ ކުރިމަތިން ދުރަށް ގެންދޭ. އޭނާ ހަމަބިމަށް ގެނައުން އެއީ ކަލޭގެ ޒިންމާއެއް" އެ ހިނދު ގިސާމަތުގެ އަމުރު އައީ ފަޒީލާ އަށެވެ.

ކޮޓަރިއަށް ދާން ހިނގައިގަތް ގިސާމަތު ހުއްޓުން އެރީ ގޭތެރެއިން ބިއްލޫރިތަކެއް ތަޅައިގެން ދިޔަ އަޑަށެވެ. ރޫޔާ ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ. ޓީވީ ފުނޑުފުނޑު ވެއްޖެއެވެ. ސޯފާ ގޮނޑިތައް ކައިރީގައި ހުރި ބިއްލޫރި މޭޒާއި ދޮރުތައް ވާސްއަކުން ތަޅައި ކުދި ކުރަމުން ދިޔައެވެ. އެކަކުވެސް ރޫޔާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ.

"އަ.... އަޅުގަނޑަށް ފެންނަނީ އިހަށް އެންމެން މިތަނުން ދުރަށް ގޮސްލަން. އަޅުގަނޑު މަސައްކަތްކޮށްލާނަން އެ މަންޖެ ހަމަޔަކަށް އެޅުވޭތޯ"

ފަޒީލާ ބުނަން ނުބުނަން ހުރެފައިވެސް ބުންޏެވެ. ގިސާމަތު ދެލޯ ވަށްކޮށްލާފައި ފަޒީލާއަށް ބަލައިލިއެވެ. ނަސީބަކުން ދެކޮޅަށް އެއްޗެއް ނުބުނެ އެތަނުން ދުރަށް ދިޔައެވެ. ރޮވިފައިވާ ހާލު ރޫޔާއަށް ބަލަމުން އަޖުވަދުވެސް ދުރަށް ޖެހުނެވެ. އިސާހިތަކު ގޭތެރެއިން އެންމެން ހުސްވެއްޖެއެވެ. ތެޅިފޮޅި ވަރުބަލިވެގެން ދޫލަ މައްޗަށް ތިރިވެފައި އޮތް ރޫޔާއަށް ފަޒީލާ ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟