އެ ދުވަހުގެ މެންދުރު އެނބުރި ޒިޔާދާއެކު ޒައިނާ ގެއަށް ދިޔައީ އާ އަޒުމެއް ހިތުގައި ކަނޑައަޅައިގެންނެވެ. ހަޔާތުގައި އެއްފަހަރު ޒައިނާ ކުށް ހަދައިފިއެވެ. އޭގެ ހިތިރަހަ ވެސް ބަލައިފިއެވެ. އަހަރުތަކެއްގެ ދުރުމިނަކަށްފަހު އަނެއްކާވެސް އޭނާ ބަލިވެ އިނީއެވެ. މިފަހަރު ޒައިނާ ކުރިމަތިލާން ޖެހުނީ ބޭރުފުށުން ލޯބި ދައްކައި އެތެރެއިން ހުޅުރޯވެ އަނދައަނދާ އޮތް އާއިލާއަކާއެވެ. ކުރީ ފަހަރު ޒައިނާގެ ނަސީބު ޒައިނާއަށް ލޯބިވެތި އޯގާތެރި ފިރިއެއްގެ އަޅައިލުން ލިބުމާ ދެކޮޅުހެދި ނަމަވެސް މިފަހަރު އެގޮތުން އޭނާގެ ނަސީބު އޭނާއާ އެހީވެއެވެ.
ދަރިންނަކީ ކިހާ ބޮޑު ނިއުމަތެއްކަން ޒައިނާއަށް އިހުސާސް ކުރެވުނީ އެއް ދަރިއަކަށް އިހުމާލުވެ އެ ދަރިފުޅު ނަގައިލެވުނު ފަހުންނެވެ. ތިމާގެ އެ ބޮޑު ފާފައަށް ތައުބާވުމުގައި އޭނާ ކޮންމެ ދުވަހަކާއި ރެއެއްގައި އެތައް ކަރުނައެއް އޮހޮރައެވެ. ދެވަނަ ދަރިއެއް އޭނާގެ ނަސީބުގައި މިންވަރު ކޮށްދެއްވާތޯ އެތައް ދުއާއެއް ކުރީމެވެ. އެންމެ ފަހުން އޭނާގެ އުނގު ފަޅުފިލާގޮތް މެދުވެރިވީއެވެ. މިހާރު ދެން ޒައިނާގެ އޮތީ އަނެއްކާވެސް އާ އުއްމީދުތަކެކެވެ. އާ ހުވަފެންތަކެކެވެ.
ޒިޔާދު ވަޒީފާއިން ވަކިވެ ރަށުގައި ހިންގާ ދެ ފިހާރައިގެ ކަންކަމާ އަމިއްލައަށް ހަވާލުވެގެން ރަށުގައި މަޑުކުރުމަކީ ޒައިނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވިއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި އާ ކޮޓަރިއެއް ތައްޔާރުކުރުމުގައި ޒިޔާދު އަވަދިނެތި އުޅޭއިރު އެއީ ކިހާ ލޯބިވާ ބައްޕައެއްކަން ޒައިނާއަށް އިހުސާސް ކުރެވެއެވެ. ގޭގެ ފުރަގަހު ގޯތި ތެރޭގައި އޮތް ހުސް ބިމުގައި ޒިޔާދު އަޅަން ފެށީ އެންމެ ކޮޓަރިއެއް ނޫނެވެ. އެކަމަކު ތިން ކޮޓަރިއަކާއި ސިޓިންރޫމެއްގެ އިތުރުން ބަދިގެއާއި ކާގެއަކަށް ބޭނުން ކުރެވޭނެ ތަނެއްވެސް ހިމެނޭ ރީތި ގެއެކެވެ.
އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ޒިޔާދު ލޯބިން ފުރިފައިވާ ގޮތަކަށް ދިނީ އިންތިހާއަށް އުފާވާ ފަދަ ޖަވާބެކެވެ.
"ކަނބުލޯ. މިހާރު ދެން އަހަރެމެން ވަކިން ގެއަކަށް ބަދަލުވާން ޖެހުނީ. އެހެންނޫނަސް ކަނބުލޮގެ ނިންމި އަންނާކަށް މާގިނަ ދުވަހެއް ނެތް. ޒުވާން ފިރިހެން ދަރިފުޅު ބަހައްޓާނެ ރީތި ކޮޓަރިއެއް ހުރުމުން ނަޖުމް ކިހާ އުފާވާނެ. އެއީ ހަމަ އަހަރެމެންގެވެސް ދަރިއެއްނު...."
ޒިޔާދަކީ ލޯބިވެވޭ ފަދަ ފިރިއެކެވެ. "އެންމެ ޕާރފެކްޓް ހަޒްބަންޑް...." ނަޖުމްގެ ތައުރީފު ޒިޔާދަށް ހައްގުވާ ކަމަށް ޒައިނާ ގަބޫލު ކުރެއެވެ. ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ނަޖުމްގެ ކޯލެއް އާދެއެވެ. އެހެން ނަމަވެސް ދެމަފިރިންވެސް އެއްބަސްވީ ލިބެން އުޅޭ ދަރިފުޅުގެ އެއްވެސް ވާހަކައެއް ނަޖުމަށް ނޭންގުމަށެވެ. އަހަރު ޗުއްޓީއަށް އަންނަ ކަމަށް ވަންޏާ ޒައިނާ ވިހެއުމުގެ ކުރިން ނަޖުމް ހުންނާނީ މި ރަށުގައެވެ. ކުއްލިއަކަށް ޒައިނާއަށް އެހާބޮޑު ބަދަލެއް އައިސްފައިވާ ތަން ފެނުމަކީ ނަޖުމަށް ދެވޭނެ އެންމެ ބޮޑު އުފާ ކަމުގައި ދެމީހުންނަށްވެސް ގަބޫލުކުރެވޭތީ ޒައިނާ ބަލިވެ އިންކަން ދެމީހުންވެސް ނަޖުމަށް ސިއްރުކުރިއެވެ.
ޒިޔާދު އަވަސް އަރުވާލާފައި އަނބިމީހާ އާއި ދަރިފުޅަށްޓަކައި ވަމުންދާ ތައްޔާރީތަކާއި ކުރަމުންދާ ހަރަދު ފެނުމުން އެތެރެހަށި ރޯވެ އަނދަމުންދާ ހާލުގައިވެސް ހިމޭނުން ދެއްކުންތެރިކަމުގެ ހިނިތުންވުން ފާޅުކޮށްގެން ތިބުން ނޫން ގޮތެއްނެތް ފަރީދާއާއި ފަރީދާގެ ދެ އަންހެން ދަރިންގެ ހާލު ފެނިފައި އެންމެބޮޑު އުފަލެއް ލިބެނީ ކުޑަކުޑަ އަސްމާ އަށެވެ. ފަހަރިއާ ދޭތެރޭ ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން އައި މަންމަމެން ކުޑަވެފައި، ފަހަރިއަށް ކަމޭހިތާތަން ފެނުމުން ބައެއްފަހަރު އަސްމާ ބާރުބާރަށް ހޭން ފަށައެވެ. ދޮންބެ ރަށުގައި މަޑުކުރުމުން އެންމެ އުފާކުރީވެސް އަސްމާއެވެ. ދޮންބެ ރަށުގައި ހުއްޓައި ފަހަރިއަށް އިހާނެތި ގޮތެއް ހަދާކަށް މަންމަމެނަށް ނުކެރޭނެކަން އަސްމާއަށް އެނގެއެވެ.
"މި ކޮޓަރީގެ ކުލައަކީ ރީނދުލާއި ހުދު. މިއީ ކަނބުލޮގެ ނިންމިގެ ކޮޓަރި. ނިންމިގެ ފޭވަރިޓް ކުލައަކީ ރީނދޫ ކުލައެއްނުދޯ؟" ޒިޔާދު ނަޖުމްގެ ކޮޓަރި ޒީނަތްތެރިކުރީ ހިތްގައިމު މަޑު ރީނދޫ ކުލައާއި ހުދު ކުލައިންނެވެ.
"ނިންމިއަށް އެންމެ ކަމުދަނީ ކަނީރުމަލެއްނުދޯ؟" ކަނީރުމަލުގެ އެކި ކުރެހުންތަކާއި އަގުބޮޑުކޮށް ގަނެގެން ގެނެސްފައިވާ ނަގުލީ ކަނީރުމަލުގެ ގުލްދަސްތާތަކުން އެ ކޮޓަރި ރީތިކުރަމުން ޒިޔާދު ބުންޏެވެ.
"ހީވަނީ ހަމަ އަސްލު މާތަކެއްހެން-..." ޒައިނާ ފިރިމީހާއަށް އެހީވަމުން އެ މާތަކަށް ތައުރީފު ކުރިއެވެ.
"މިއީ ޝައިންގެ ކޮޓަރި. މި ކޮޓަރީގެ ކުލައަކީ ފެއްސާއި މަޑުފިނިފެންމާ ކުލަ. ޝައިން މި ރަށުގައި ހުންނަ ހުރިހާ ދުވަހަކު ހުންނާނީ މި ކޮޓަރީގައި. ނެތް ދުވަހަކުން މި ކޮޓަރި ބޭނުންކުރާނީ އަހަރެމެން ދެމީހުން"
ޒިޔާދު ޝައިންގެ ކޮޓަރި ރީތިކޮށް ޒީނަތްތެރިކުރީ އަމިއްލަ ދަރިއެއްގެ ކަންތައް ކުރާ ފަދައިންނެވެ. ފިރިހެން ކުއްޖަކަށް އެންމެ އެކަށީގެންވާ ކަހަލަ ފޮތްތަކެވެ. ލިޔާމޭޒާއި ގޮނޑިއެވެ. ބޮޑުރީތި އެނދެކެވެ. ޒިޔާދު އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެ ކޮޓަރީގެ ފާހާނާއަށެވެ.
"ފިރިހެން ކުދިން ވަރަށް ޒާތްކޮޅު ބޮޑުވާނެ. ރީތި ފާހާނާއެއް ހުރުމަކީ އަހަރެންވެސް ބޮޑުވިއިރު އަމިއްލަ ކޮޓަރިއެއް ހުރުމަށްވުރެ އުފާވި ކަމެއް..."
"ދެން މިއީ އަހަރެމެންގެ ދޫނީގެ ކޮޓަރި"
ޒިޔާދު ދަރިފުޅަށްޓަކައި ތައްޔާރުކުރި ކޮޓަރީގައި އެވެނިކަމެއް ގޯހޭ، މިވެނި ކަމެއް އަދި ރަނގަޅު ކުރެވޭނެއޭ ބުނާވަރުގެ އެއްވެސް ކަމެއް ޒައިނާއަކަށް ނުފެނުނެވެ.
.
"ބުނެބަލަ. ކޯޗެއް އިތުރު ކުރަންވީ؟ ކޮންކަމެއް މަދުވަނީ...." ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޒައިނާ ގަޔާ ކައިރި ކޮށްލަމުން ޒިޔާދު އަހާލިއެވެ.
"ކީކޭ ބުނަންވީ؟" ޒައިނާ ލޯތްބާއެކު ފިރިމީހާގެ މޭގައި ލައްވެލިއެވެ. "މިއަށްވުރެ ވަކި ރީތި އެހެން ކޮޓަރިއެއް ނުހުންނާނެ"
ކޮޓަރީގެ ކުލައަކަށް ޒިޔާދު ހަމަޖައްސާފައިވަނީ ސާފު ހުދު ކުލައާއި އެންމެ ހިތްގައިމު މަޑު އޮރެންޖް ކުލައެވެ. އެ ދެމަފިރިންގެ ބޮޑު އެނދުގެ އިތުރަށް ތުއްތު ދަރިފުޅަށްޓަކައި ކުޑަކުޑަ އެނދެއް ބެހެއްޓިފައި ވެއެވެ. ކޮޓަރީގެ ފާރުތައް ޒީނަތްތެރި ކުރެވިފައިވަނީ އެންމެ ރީތި އަރަބި ލިޔުންތަކުން ހުރި ދުއާތަކާއި ކުރުސޫރަތްތަކުގެ ފްރޭމްތަކުންނެވެ.
"އަހަރެމެންގެ ދަރިފުޅު ވާންވާނީ ވަރަށް ހެޔޮ ޞާލިހު ބަސްއަހާ ދަރިއަކަށް..." ޒިޔާދުގެ އުއްމީދަކީ އެއީއެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ސާމާނުތަކެއްހެން ޒިޔާދު ހޯދާފައިވެއެވެ. ކުދި ހެދުންކޮޅުތަކާއި ސްޓާކީންތަކުން ފެށިގެން ބޭބީ ހުރިހާ ސާމާނަކާ ހަމައަށް ވަރަށް ފަރުވާތެރިކަމާއެކު އެއްބުރޭންޑަކުން އެއްކުލައަކުން ހޯދާފައިވެއެވެ. އެއްވެސް ކަމެއް އުނިކޮށްފައެއް ނެތެވެ. އެއްވެސް ކަމެއް ހަނދާން ނައްތާލާފައެއް ނެތެވެ.
ގޭގެ ސިޓިންގްރޫމަކީ ތަނަވަސް ކާގެއަށް ވަދެވޭނެހެން ހުރި ތަނެކެވެ. ކާގެއާއި ބަދިގެ ހުރީ އެއްކޮށްލެވިފައެވެ. ސިޓިންގްރޫމްގައި ބޮޑު ސޯފާސެޓަކާއި ޓީވީ ބެހެއްޓުނީ އެންމެ ފަހުގެ ކަމެއްގެ ގޮތުންނެވެ. އަށެއްކަ މަސްދުވަސްތެރޭ ޒިޔާދު އަނބިމާހާ ގޮވައިގެން އާގެއަށް ބަދަލުވެވޭވަރަށް ހުރިހާ ކަމެއް ނިންމައިފިއެވެ. ވިހެއުމުގެ ދުވަސް ގާތްވެފައި އިން ޒައިނާ ގޮވައިގެން އެ ރީތި ގެއަށް ޒިޔާދު ބަދަލުވީ ހުކުރު ވިލޭރެއެއްގައެވެ. އުފާވެރި ރޭގަނޑެއްގެ ނިމުން ގެނައީ އެންމެ އުފާވާ ހަބަރަކާވެސް އެކުގައެވެ. ރޭގެ ބާރަޖެހިއިރު ލިބުނު ނަޖުމުގެ މެސެޖު ބުނެދިނީ މާދަމާގެ ފުލައިޓުން ރާއްޖެ އަންނަ ވާހަކައެވެ. ހަވީރުގެ ފުލައިޓުން މާލެ އައުމަށްފަހު، ހަމަ ޖެހިގެން އޮތް ފުލައިޓުން ރަށަށް އަންނާނެ ވާހަކައެވެ.
ބޮޑު ދުވަހަކަށް ތައްޔާރުވުމުގެ ވަގުތު ޖެހުނީއެވެ.
"ކަނބުލޮގެ އަންމި ހަމަލޮލުން ފެނުމުގެ ނަސީބު ލިބެނީ...." ޒިޔާދަށް ނަޖުމް އެނގިފައިވަނީ ޒައިނާގެ އަތުގައި ހުރި ފޮޓޯތަކުންނެވެ. އެހެންކަމުން ނަޖުމް ރަށަށް އަންނަ ހަބަރަކީ ޒިޔާދަށްޓަކައި ވެސް ނުހަނު އުފާވެރި ބޮޑު ހަބަރެކެވެ.
ޒައިނާގެ ލޮލަށް ކަރުނަ ގިނަވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އުފަލުގެ ކަރުނަކަމެއް ނުވަތަ ކޮންމެވެސް ނޭނގޭ ވޭނެއްގެ ސަބަބުން އައި ކަރުނަކަމެއް ނޭނގެއެވެ. އެރޭގެ ނިދި ޒައިނާއާ ރުޅިވީ ކޮން ހަނދާންތަކެއްގެ ސަބަބުން ކަމެއްވެސް ނޭނގެއެވެ. ހިތަށް އަރައި ފޭބީ ކޮންކޮން ޝަކުވާއެއް ކަމެއްވެސް ނޭނގެއެވެ. މާދަމައަށްޓަކައި ކެތްމަދުވީ ކަންނޭނގެއެވެ.
ސޯޅަ އަހަރު.... ސޯޅަ އަހަރަކީ ހާދަ ދިގު މުއްދަތެކެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު ނަޖުމް އަންނަނީއެވެ. ދުވަހަކު ވެސް ނުދެކޭ ނަޖުމްގެ ރީތި ބަސް އަހާ ފިރިހެން ދަރިފުޅު ފެނުމުގެ ނަސީބު ވެސް ލިބެނީއެވެ. އުފަން މަންމަ އާއި ބައްޕައަށް ވުރެވެސް ޒައިނާއަށް މުހިންމުވާ މީހާ އަންނަނީއެވެ. މިފަހަރު ލިބެން އުޅޭ ދަރިފުޅުގެ ހެޔޮ ނަސީބެވެ. ޒައިނާ ވިހަންވާ އިރަށް މި ރަށަށް އާދެވޭތޯ ޒައިނާގެ މަންމަވެސް މަސައްކަތް އެބަކުރެއެވެ. އެ ދުވަހަކުން ނަޖުމާއި ނަޖުމްގެ ދަރިފުޅު ވެސް ހުންނާނެއެވެ. ޒައިނާއަށްޓަކައި އެއްފަހަރާ އެތަކެއް އުފަލެއް އަންނަނީއެވެ.
********
"މަންމައަށް އެނގޭތަ މާވަރަކަށް މިރެއަށް ކެއްކީ ކީއްކުރަންކަން؟" ޑްރާމާއަށް ގެއްލިފައި އިން ފަރީދާގެ ސަމާލުކަން ދަމައިގަތީ ތެޅެމުން ފޮޅެމުން އައިސް ވަން ނަތާޝާއެވެ.
"މިރޭ ކޮންމެވެސް ބަޔަކު އަންނަނީޔޯ!" ފަރީދާ ނަތާޝާގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލިއެވެ.
"އަންނަނީ ކޮން ބައެއްކަން މަންމައަކަށް ނޭނގޭތަ؟" ނަތާޝާ ދެލޯ ބޮޑުކޮށްލަމުން ފަރީދާ އިން ސަރަންފީގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"ކޮންމެވެސް ބައެކޯ. ޒައިނަބުގެ ތިމާގެ ބައެކޯ. ދެން ތިމާގެ މީހުންވެސް އަންނާނެތާ. ބޮޑު ގެއެއް އަޅާފަ ވިއްޔާ އެހެރީ. އެވެސް ކިހާބޮޑު ހަރަދެއްހޭ ބުނީމަ ޒިޔާދު އިވޭ ކަމަކަށް ނުހަދާ" ފަރީދާ ރުޅި އައިސްފައި ބުނެލިއެވެ.
"އިހަށް މިވާހަކަ އަޑު އަހާބަލަ... އެއްކަލަ ނަޖުމޭ މިރޭ އަންނަނީ...." ނަތާޝާ މަންމަގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
"ޗީ. އަސްލުވެސްތަ؟ އެކަމަކު އޭނާގެ ދަރިއެއްވެސް ހުރޭނު...؟" އުނދޯލީގައި އިން އަޒްލިފާ ފުންމައިގެން އައިސް ނަތާޝާގެ ގާތުގައި ހުއްޓެމުން އަހާލިއެވެ.
"އާނ. ބޮޑު ދަރިއެއްވެސް ހުންނާނެ..." ނަތާޝާ ކިޔައިދިނެވެ. "ލަންކާގައި ހުއްޓައި އޭނާ ބަނޑު ބޮޑުވީ ވެސް... ވިހައިގެން ނުވެސް އާދޭ... ވިސާ ކަންތައް ވެސް ކުރަން އޭނާ އަންނަނީ އެކަނި ކަންނޭނގޭ... އޭނާގެ ބައްޕަ އުޅެނީ ލަންކާ މީހަކާ އިނދެގެން ވިއްޔަ. އެތަނުގައި އުޅެވެން އޮންނާނެ އެއްނު..." ނަތާޝާ ވަރަށް ގަޔާވެ އިނދެ އޭނާއަށް ލިބިފައިވާ މައުލޫމާތުތައް ކިޔައިދެމުން ގެންދިޔައެވެ.
"ވަރަށް މުއްސަނދިވެސް އަންހެނެއް އެއީ.. އޭނާ ޒައިނަބާ ގުޅުން ބާއްވަނީ ވެސް ފައިސާއާ ހެދި... އެ ދެމީހުން އޭރު މާލެ ތެރޭގައި އުޅުނުގޮތް... ޗީ...ޗީ.. އެ ދުވަސްވަރު މުޅި މާލޭގައި އެ ދެމީހުން ގިނަވެފައި. އެކި ތަންތަނުން ކުލީ ކޮޓަރި ހިފައިގެން ވެސް އުޅުނު. މީނަ ފިލައިގެން އޭނާއާއެކު ދިޔައީ ފިރިމީހާއަށް ފަޅާ އެރީމަ. އޭނާގެ ފިރިމީހާއަށް ވެސް އެކަން އެނގުނީ. އެހެންވެ ވަރި ކޮށްލީ. ނަސީބެއް އޭނަގެ ދަރި މަރާ ނުލައި ހުރިކަން... ގޭގަ މިއުޅޭ އެތި މީ މާ އަރާ ހުންނެވި އެތިފަހަރެއް ވީމަ ފިރިމީހާއާ ދަރި މަރާލީ... އޭނައަށްވުރެ ހައެއްކަ އަށެއްކަ ފިލި ކުރީގަ އުޅޭނީ މީނަ.... ނޫސްތަކުގަވެސް އޭރު އަަބަދު މި ދެމީހުންގެ ނަމާއި އެކި ކަހަލަ ވާހަކަ... ފޮޓޯވެސް ޖެހި...."
"ސަހަރޯ... ތިޔަވަރުގެ މީހަކު މިގެއަށް ގެންނަން ޒިޔާދު ބިރެއް ވެސް ނުގަނޭތަ...؟" އަޒްލިފާ ދެލޯ ބޮޑު ކޮށްލިއެވެ.
"ޒިޔާދަށް ނޭނގޭ ބައެއް ނޫނޭ އެއީ. ހުރިހާ ކަމެއް އެނގި ހުރެ އެ އަންހެންމީހާއާ އިނދެގެން އެ އުޅެނީ. މިހާރު ދެން އެ އުޅެނީ ދެ އަންހެނުން ބައްދަލު ކޮށްދޭން. ވާހް. ކިހާ ރަނގަޅު ފިރިއެއް..." ނަތާޝާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. އެ ހުރިހާ ވާހަކައެއް ދެކެވުމުން ދިޔައިރު ވެސް ހިމޭނުން އިން ފަރީދާ ވިސްނަމުން ދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ.
"ތިބުނާ އަންހެނަކު ވެސް ފެންނާނެތާ.. ލަދުން ހަލާކު ވާ ވަރުވޭ. އެކަމަކު ކީއްކުރާނީ. ޒިޔާދާ ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭކަށް ވެސް ނެތް..." ފަރީދާ ވިސްނުމެއްގެ ތެރޭ އިނދެ ބުނެލިއެވެ.
"ސާބަހޭ، ތީ ބޮޑުވަރު-..." އެތެރެ ގޭތެރެއިން ނުކުތީ އަސްމާއެވެ. "ހިންދީ ޑްރާމާތައް ބަލަބަލައި ތިތިބީ އެއް ގޯސްވެފައި-.... އޭގެއިން ދައްކާ މައިދައިތަ އިންނާއި ބޮޑު ދައިތައިން ވެސް ތިއަށްވުރެ ރަނގަޅު ކަންނޭނގެ.... ދުވާލަކަށް އިރު އަރައިފިއްޔާ މިގޭތެރޭގަ އުޅޭ މީހެއްގެ ކަންފަތް ފުރޭވަރު ވޭ ވިއްޔަ-... އިރު އޮއްސިއްޖެއްޔާ ބޯ ހަލާކު ވާ ވަރުވޭ..... ޕްރޭނާ އާއި ތުލްސީގެ ވާހަކަ ނުދައްކަންޏާ ދޮންބެ އާއި ފަހަރީގެ ވާހަކަ... ފޫއްސެއް ވެސް ނުވޭތަ....؟" އިސްތިރި ކޮށްފައިވާ ހެދުން އަތްދަނޑިމަތީ ފަތުރާލަމުން އަސްމާ ނަތާޝާއާ ދިމާއަށް ލޯ އަޅާލިއެވެ. "ނަތާޝާ... ކަލޭ ފަހަރި ދެކެ ތިހާ ހަސަދަ ވަނީ ކީއްވެގެންތަ...؟ ގައިމު ކަލެއަކަށް ދޮންބެއަކާ ނީނދެވޭނެ..." އަސްމާ ނަތާޝާއަށް ދައްތަ ކިޔައިގެން ވާހަކަ ދައްކައި ނޫޅެއެވެ. އަސްމާ ބުނާ ގޮތުންނަމަ ގަދަރު ކުރެވޭނީ ގަދަރު ކުރާ މީހަކަށެވެ. އަނެކުންނަށް އިހުތިރާމު ނުކުރާ މީހަކަށް އިހުތިރާމެއް ނުކުރެވޭނެއެވެ.
"މާ ހަޔާތްކުޑަ ވެގެން ނޫޅެއްޗޭ. ކިޔޭ ނުކިޔޭ އެއްޗެހި އެނގޭތަ....؟" ނަތާޝާ ރުޅި އަތުވެއްޖެއެވެ.
"ފުރަތަމަ ތިމާ މީހާއަށް ކިޔޭ ނުކިޔޭ އެއްޗެހި އެނގޭތޯ ބަލައިބަލަ.... ކަލެއަކީ ހަމަ ކަތުރުފަންޏެއް. ހާމާނު ވެސް ކަލޭގެ ކުރިމަތީ ލަދުގަންނާނެ... ކަލޭ ހާމާނަށް ވުރެ ކަންތައް ނުބައިވިއްޔަ... މަންމަ ހަނދާން ނެތިފައި އިނަސް ކަލެއަށް ކަމަކުނުދޭ. އަބަދުވެސް ޒައިނަބު އޭއްޗެކޭ މީއްޗެކޭ ކިޔައި ކަލޭ މަންމަގެ ބޮލަށް ސަވާރުވާނެ. މިގެއިން ކަލޭ ދާނީ ކޮންދުވަހަކުން ބާއޭ މަގޭ ހިތަށް އަރާ؟!" އަސްމާ ޖެހިލުމެއް ނެތި ވާހަކަ ދެއްކިއެވެ.
"މަށަށް އޮޅިގެންވެސް ކަލެއަށް ވަނަމެއް ދެވުނީ ހަމަ ކަލެއާ ވަރަށް ގުޅޭ ނަމެއް.....ނަތާޝާއެކޭ ނޫން ކަލެއަށް ކިޔަންވީ.... އެހެންޏާ އިބިލީސްވެސް ކަލޭ ހުރި ތަނަކަށް ފާ ވާން އައިސް ބުނާނެ މަގޭ ބޭނުމެއް މިތަނަކަށް ނެތޭ، މަަށަށްވުރެ މާ ކުޅަދާނަ ޝައިތާނެއް މިތާ އެބައިނޭ..... ކޮން ނަތާޝާއެއް..... ޝައިތާނަ..." އަސްމާގެ ވާހަކަ އެ ހިސާބަށް ދިޔުމުން ފަރީދާ އަޑު ވީއްލައި ބާރަށް ގޮވާލިއެވެ.
"އަސްމާ.....!"
"މަންމަ ތީ ހަތަރު ދަރިންގެ މަންމައެއް ވިއްޔަ... ހުރި ހަމައެކަނި ފިރިހެން ކުއްޖަކީ ދޮންބެ... އެކަމަކު ދޮންބެގެ އަނބިމީހާ ނޮޅަ ނޮޅައިގެން ކެއުން ނޫން ކަމެއް މަންމަ ވެސް ނުކުރަމު... ތި ވަރު އަރުވާ އިރުވެސް އެ ދެމީހުން މަންމައަށް ބަރު ބަހެއް ވެސް ނުބުނޭ.. ކިޔަމަންތެރި ދަރިއެއް ހުރީތީވެ ކަންތައް ތިކުރަނީ ކިހާ ރަނގަޅަށް... ވާހް..." އަސްމާ ދެއަތަކަށް ބޯހޫރާލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.
"ވަރަށްވެފައި ހުންނަ އަންހެނެއް. މިހާރު މާ ބޮޑުބާރެއް ލިބިފަ ހުންނަނީ" ނަތާޝާ ކުދި ކިޔައިގަތީ އަސްމާ ދިއުމުންނެވެ.
"ޒިޔާދު އެވަރުގެ ބާރެއް ދީފައި އޮތީމަ ވާނެއެއްނު...." އަޒްލިފާ ތުން އަނބުރާލީއެވެ.
"މަންމަ ތި ވިސްނަނީ ކޯޗެއް...؟" ދެބުމަ ގޮށް ޖަހާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން ފަރީދާއަށް އަޒްލިފާ ގޮވާލިއެވެ.
"އެއްވެސް އެއްޗެއް ނޫން...."
"އަސްތާ... އަށެއް ޖަހަނީ... މިހާރު އެ ބުނާ މީހާ އަންނާނެ... ޒިޔާދު ވީ އެއަރޕޯޓަށް ގޮސް..." ނަތާޝާ ގަޑި ބަލައިލަމުން ގޮނޑިން ތެދުވިއެވެ.
"ނަތާޝާ އެ އަންހެން މީހާ ދަންނަންތަ...؟" އަޒްލިފާ އަހާލިއެވެ.
"މިބުނީ އަނެއްހެން އެނގޭހޭ... ރަށްޓެހި ހޭ... ؟""އޭނައަށް މަ އެނގޭނެ... މަށަށް ވެސް އޭނަ އެނގޭ... އަހަރެމެން އެމް.އީ.އެސްގައި އުޅުނު އިރު އޭނަ ދިޔަ މަހެއްހާ ދުވަހު ކެމިސްޓްރީ ކުލާސްތަކެއް ނަގައިދޭން...." ނަތާޝާ ބުނެދިނެވެ.
"އެހެންތަ...؟ ވަރަށް މޮޅު މީހެއްތަ އެއީ...؟"
ފަރީދާ އިތުރަށް އޮޅުންފިލުވުމަށް ބޭނުންވިއެވެ.
"އެކަހަލަ މީހުން މޮޅުވާނެ... މޮޅުވެގެން ގޮސް ކުރަނީވެސް އެހާ މޮޅު ކަންތައް... އިސްލާމެއްގެ ނަމުގައި ހުރެ ދީނަށް ހުތުރުވާ ކަހަލަ ކަންތައް ކުރަން ކެރޭނީ ކިހާ މޮޅުވީމަ...." ނަތާޝާ ބުންޏެވެ.
"ތިދަނީ ކޮންތާކަށް..؟" ބޭރަށް ނުކުންނަން ހިނގައިގަތް ނަތާޝާ ހުއްޓުވަމުން އަޒްލިފާ އަހާލިއެވެ.
"މަ މިދަނީ ގޭފާރުމައްޗަށް... އެކަމަނާ ވަޑައިގަންނަވާއިރު އެތާނގައި އިނީމާ ކިހާ ރީތިކޮށް މަރުހަބާ ކިޔޭނެ.."
"ޗީ... ދާނެކަމެއް ނެތް... ޑްރާމާ ބަލަން އާދޭ..." އަޒްލިފާ ނަތާޝާގެ އަތުގައި ހިފައި ގޭތެރެއަށް ވެއްދިއެވެ.
"އަންނަ ބަޔަކު އަތުވެދާނެއެއްނު... އެ ބައިގައި އުޅުނަސް އަހަރުމެންނަށް ނުފެނި ނޫޅެވޭނެ. އަސްމާ ހުންނާނެ އެމީހުނަށް މަރުހަބާ ކިޔައި ސައިފޮދު އަރުވަން... އަހަރެމެން ދާންވީ ކީއްކުރަން...؟"
"އާނ ދޯ....؟!" ނަތާޝާ އަޒްލިފާގެ ވާހަކައާ އެއްބަސްވިއެވެ. އަދި އަލުން ގޮނޑީގައި އިށީނދެ ޓީވީގެ އަޑު ބާރުކޮށްލިއެވެ.
******
ސިޓިންގ ރޫމްގެ ސޯފާގައި އިން ޒައިނާ ގަޑި ބަލައިލިއެވެ. އަށްގަޑި ބައި ވަނީއެވެ.
މާގިނަ އިރެއްނުވެ ނަޖުމްމެން ގޮވައިގެން ޒިޔާދު އަންނާނެއެވެ. މިރެއަށްޓަކައި ހާއްސަކޮށް ފައްސާފައިވާ ހުދުކުލައިގެ ކުދި މާތަކެއް ޖެހި މަޑުރީނދޫ ކުލައިގެ ހެދުމުގައި އިންއިރު ޒައިނާގެ ރީތިކަން އެ ދެކުލައިގެ ތެރެއިން ވިދަމުންދެއެވެ. ނުވަމަހަށް އަޅައިގެންފައިވާ ބޮޑު ބަނޑުގެ ސަބަބުން އޭނާގެ ލޫޅާފަތިކަން ބަދަލުވެ ފަލަވެފައިވީ ނަމަވެސް އެއީވެސް އިތުރު ފުރިހަމަކަމެއް ކަމުގައި ނޫނީ ނުވެއެވެ.
ޒައިނާ އަކީ ރީތި އަންހެނެކެވެ. ފުރާވަރުގައި ހުރި ގޮތްދޫނުކުރުމާއި ބޯހަރު ކަމަކީ ޒައިނާގެ އަސްލު ސިފަތަކެއް ނޫން ކަހަލައެވެ. މަޑުމައިތިރި ކަމާއި ހަމަހިމޭން ކަމަކީ މިއަދުގެ ޒައިނާގެ އަމިއްލަވަންތަކަން ފާޅުކޮށްދޭ ސިފަތަކެވެ. އެއްދުވަސް ވަރެއްގައި މޭކަޕާއި ގަހަނާގެ ވަރަށް ގާތް އެކުވެރިއަކަށްވީ ޒައިނާ މޭކަޕާއި ކުލަކުލައިގެ މޮޅު ގަހަނާ ދޫކޮށްލައިފިއެވެ. ގުދުރަތުން އޭނާއަށް ކަލާނގެ ހަދިޔާ ކުރައްވާފައިވާ އަގުބޮޑު ފުރިހަމަ ރީތި ކަމަކަށް އެއްވެސް މޭކަޕެއް އެއްވެސް ގަހަނާއެއް ބޭނުމެއް ނުވެއެވެ.
"ކަނބުލޯ" އިސްޖަހައިގެން އިން ޒައިނާއަށް ޒިޔާދުގެ އަޑު އިވިއްޖެއެވެ. މަޑުމަޑުން އެހެނަސް ތެޅިތެޅި އޮތް ހިތަކާއެކު ޒައިނާ އެ ދިމާއަށް ބަލައިލިއެވެ. ބޮޑު ދަބަހަކާއި ފޮށްޓެއް އެތެރެއަށް ވައްދަމުން ޒިޔާދު ހިނިތުންވެލިއެވެ.
ޒިޔާދުގެ ފަހަތުން އެތެރެއަށް ވަނީ އެއްވެސް ބަދަލެއް ނާންނަ އެ އަންހެންމީހާއެވެ.
ހަމަ އޭރުގެވެސް ސްޓައިލެވެ. އެ ހިނިތުންވުމެވެ. އެ އުފާވެރިކަމެވެ.
"އޭތް..." ނަޖުމްއަށް ޒައިނާގެ ބަނޑު ފެނުމާއެކު ހަޅޭއްލަވައިގަތެވެ.
"ބަލައިބަލަ ޅިޔަންބެވެސް ހާދަ ގޯހޭ. އަންގާވެސް ނުލާ.." ނަޖުމް އުކުޅުގައި އަތް ވިއްދާލަމުން ޝަކުވާ ކުރިއެވެ.
"ބޮޑު ސަޕްރައިޒެއް ދޭނަމޭ ބުނީމެއްނު" ޒިޔާދު ހެމުން ބުނެލިއެވެ.
"މަޑުކުރޭ. އަދިވެސް ދެތިން ދަބަސް އެބަހުއްޓެއްނު. އެ ކުއްޖާ ހުންނާނީ އެތަކެތި ގެންނަން ނޭނގިފަ. އަސްމާ ކޮއްކޮއަކަށް ނުކެރޭނެ މިކޮޅަށް ގޮވައިގެން އަންނާކަށް" ޒިޔާދު ބާކީ ސާމާނުތައް ބަލައި ދިއުމާއެކު ނަޖުމް ޒައިނާގެ ގާތުގައި އިށީނެވެ.
"ކަލޭ ވަރަށް ގޯސް. މިހާ ދުވަސް ވީއިރުވެސް ހިލަމެއްވެސް ނުވަމު" ޒައިނާގެ ބަނޑުގައި ފިރުމާލަމުން ނަޖުމް އަނެއްކާވެސް ޝަކުވާ ކުރިއެވެ. "އެކަމަކުވެސް އަހަރެން އައީ ތައްޔާރުވެގެން ވަރަށް ބައިވަރު އެއްޗެހި ގެނައިން.."
"ނިންމިއަށް އެއްޗެހި ގަންނަން އެނގުނީ ކިހިނެއް؟" ޒައިނާ ހައިރާންވިއެވެ.
"ޖެހިޖެހިގެން ހަތަރު ވަރަކަށް ރޭ ހުވަފެނުން ފެނުނީ ކަލެއަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބިގެން އުޅޭތަން.... އެހެން ހިތަށް އަރާ ވަރުން ޒިޔާދާ އެއްރޭ ސުވާލުވެސް ކުރިން. އޭރު އަދި ހުވަފެނަކުން ވެސް ނުފެނޭ. ޒިޔާދު ހީނގެންފައި އަދި ނޭނގެއޭ ބުނިގޮތުންވެސް ފާޑުވި ކަލޭ ބަލިވެ އިންހެން.... އިތުރަށް އެ ވާހަކަ ނުދެއްކީ މަށަށް ހުވަފެނުން ފެންނަން ފެށީމަ. އެ ހިސާބުން މަށަށް ޔަގީންވި...."
ނަޖުމް އިނީ އުފަލުންނެވެ. އަބަދުވެސް އާދައިގެ މަތިން ޒައިނާގެ ހާލަތު ނުފެނުނަސް ނަޖުމްއަށް އިހުސާސް ކުރެވިފައި އޮތުމަކީ ހައިރާން ވާންވީ ކަމެއް ނޫނެވެ.
"ކަލެއަކަށް އެއްވެސް ބަދަލެއް ނާދޭ. މަށަށް ވުރެވެސް ޅަ ވައްތަރު ޖަހަނީ" ޒައިނާ ނަޖުމްއަށް ބަލައިލިއެވެ.
ގަދަމުށި ކުލައެއްގެ ޖެކެޓަކާއި ހަމަ އެކުލައިގެ ޖީންސެއްގައި އިންއިރު އެތެރެއިން ލާފައިވާ ކްރީމް ކުލައިގެ ޓީޝާޓް ނަޖުމްއާ ވަރަށް ގުޅެއެވެ. ތެދެކެވެ. އަހަރުތަކެއް ވުމަކުން އުމުރު ދޮށިވުމަކުން ނަޖުމްގެ ރީތި ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފަ ނެތެވެ. ޒައިނާއާ އަޅާ ކިޔާލާއިރު ނަޖުމް ސިފަކުރަން ޖެހެނީ ވިދުންގަދަ ތަރިއެއްގެ ކައިރީގައި އިން ފުރިހަމަ ހަނދެއްގެ މިސާލުންނެވެ. ބަލާ ލޮލަކަށް ނަޖުމަކީ ޒައިނާއަށްވުރެ ދިހަ ވަރަކަށް އަހަރު ދޮށީ އަންހެނެއް ކަން ދެނެގަނެވޭނެ އެއްވެސް ސިފައެއް ނަޖުމްގެ ގަޔަކުން ފެންނާކަށް ނެތެވެ.
"އެއްކަލަ ފާޑަށް ތައުރީފު ކުރަން ފެށީ... ކަލެއަށްވުރެ އަހަރެން ހަގު ވައްތަރު ޖަހަންވީ ކީއްވެ؟ މަގޭ އުމުރުން ދެގުނައަށްވުރެ ބޮޑު ބައި ގޮސް ނިމިއްޖެ. ގައިމުވެސް ދެން ފުރޭނީ ސާޅީސް ތިނެއް. ކިހާ ޅަ!" ނަޖުމް ހެމުން ބުނެލިއެވެ. ނޫނެކެވެ. ބަދަލެއް ނާންނަ އަންހެނެކެވެ.
"އޭތް. ދެކޭ ހިތުން ކެތްމަދު ވެފައި އިނަކަސް ނުފެންނާނެ....." ޒައިނާގެ އުޅަބޮށީގައި ވިކާލަމުން ނަޖުމް މަޑުމަޑުން ބުނެލިއެވެ.
"އެއޮތް އައީ.. ބަލައިބަލަ"
ޒައިނާއަށް އިހުތިޔާރަކާ ނުލައި ނަޖުމްގެ އަތުގައި ހިފާލެވުނެވެ. އޭރު އޭނާގެ މުޅިހަށިގަނޑުގައި މަޑު ތުރުތުރުލުމެއްގެ އަސަރު ހުއްޓެވެ.
"އައްސަލާމް އަލައިކުމް"
އެއީ ޅަޒުވާން ފިރިހެން އަޑެކެވެ. ހެވިފައި އިން ނަޖުމްގެ މޫނުން ނަޒަރު ވަކި ކޮށްލުމާއެކު ޒައިނާ އެނބުރި ބަލައިލީ ސިޓިންގރޫމަށް ވަންނަމުން ސަލާމް ގޮވާލި ފަނަރަ އަހަރުގެ ރީތި ފިރިހެން ކުއްޖާއަށެވެ.
ވާހް، ކޮންފަދަ ލޯބި ކުއްޖެއް ހެއްޔެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ޖީންސެއްގައި ހުރި އެކުއްޖާގެ ރަތްދޮންކުލަ ހުރީ ދުރަށް ދިއްލިފައެވެ. ތޫނު ކަޅިރަވައެކެވެ. އުޖާލާ ތާޒާ މޫނެކެވެ. ދިގު އިސްކޮޅަކާއި އެކަށީގެންވާ ފުރިހަމަ ސިއްހަތެއް ލިބިފައިވާ ހަށިގަނޑެކެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑު އޮތީ ރީތިކޮށް ކޮށާފައެވެ. އެހާމެ ފުރިހަމަކޮށް އޮމާންކޮށްފައެވެ.
ޔޫކޭގެ ލަންޑަނުގައި އުޅެފައި އައި ކުއްޖަކު އެހާ ފުރިހަމަކޮށް ބޮލުން ފެށިގެން ފަޔަށް އެއްވެސް ހިޕީ ގޮތެއްނެތި ހުރުމަކީ އެކުއްޖާގެ މަންމަގެ ރަނގަޅު ތަރުބިއްޔަތު ކިޔައިދޭ ކަމެކެވެ.
"ކަލޭ ސަލާމުގެ ޖަވާބެއްވެސް ނުދެމު" ނަޖުމް ވައި އަޑަކުން ޒައިނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
"ވަ- އަލައިކު- މުއްސަލާމް" ބެދިފައިވާ އަޑަށް ބާރުލެވޭތޯ ބަލަމުން ޒައިނާ ބުނެލިއެވެ.
"މަމީގެ ބެސްޓް ފްރެންޑް. ވަރަށް ރީތި"
ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ކޮންމެވެސް ވަރަކަށް އަޅައިގަތުމެއް ހުރި އެކުއްޖާ ހިނިތުންވެލުމަކާއެކު އައިސް ސަލާމް ކުރުމަށްޓަކައި އަތްދިއްކޮށްލިއެވެ.
"ނައިސް ޓު މީޓްޔޫ. ވަރަށް އުފާވެއްޖެ ބައްދަލުވީތީ"
ވާހަކަ ދެއްކުމުގައި ނަޖުމްއެކޭ އެއްފަދައިން އުފާވެރިކަން ހުއްޓެވެ. ޒައިނާ އެކުއްޖާގެ އަތުގައި ހިފައި ސަލާމް ކޮށްލިއެވެ.
"އަލްހަމްދުލިﷲ. ބޭބީއެއް އަންނަން އުޅެނީދޯ؟!" ނަޖުމްގެ ރަނގަޅު ތަރުބިއްޔަތު ކިތަންމެހާވެސް ރަނގަޅަށް ފެނިގެން ދިޔައެވެ.
"ހެލޯ ބޭބީ. ހޭލާތަ؟ އިވޭދޯ؟! އޯކޭ. މީ ބޭބީގެ ބިގްބްރަދަރ އިނގޭ" އެކުއްޖާ، ޒައިނާގެ ބަނޑުގައި ވަރަށް މަޑުމަޑުން އިނގިލިކުރިން ޖައްސާލަމުން ވާހަކަ ދެއްކިއެވެ. "ޝައިންބޭބެ. އިނގޭ"
ޒައިނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވީ ހިތަށްވީ ތަދެއްގެ ބޮޑުކަމުންނެވެ. ފިރިހެން ދަރިންނަކީ ހާދަހާ ލޯބި ބައެކެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި މިފަދަ ބޭބެއެއް ހުރިނަމައެވެ. އޭރުން ރައްކާތެރިކަމާއި ހިމާޔަތް ދޭނެ ބޮޑު ބޭބެއެއް ހުރިކަމުގެ އިހުސާސް އެ ދަރިފުޅުވެސް ކުރާނެއެވެ. އެކަމަކު... ނަމައަކުން ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ.
"މަމީ ވަރަށް ގިނައިން އާންޓީގެ ވާހަކަތައް ކިޔައިދޭ. ބައިވަރު ފޮޓޯތައްވެސް ދައްކާ. އެކަމަކު ތިހާ ސްމާރޓް ލަވްލީ އާންޓީއެއް ކަމެއް ޝައިން ހިއެއް ނުކުރަން" އަތުގައި އޮތް އަވިއައިނު އަނބުރާލަމުން ޝައިން ވާހަކަ ދެއްކިއެވެ.
"އަންކަލްވެސް ވަރަށް ހެޔޮ. ޝައިންއާ ވަރަށް ރައްޓެހިވެއްޖެ. މަމީއަށް އެނގޭތަ؟ އެއީ ވަރަށް މަޖާ އަންކަލްއެއް...."
"ދަރިފުޅު ބަނޑުހައެއް ނުވޭތަ...؟"
ނަޖުމްއަށް ޒައިނާގެ މޫނުމަތިން ނުތަނަވަސްކަމުގެ ކުލަ ފެންނަން ފެށުމުން އަވަހަށް އެހެން ވާހަކައެއް ދައްކަން ގަސްދުކުރިއެވެ.
"ވަރަށް ތަފާތު ކެއުމެއް މިގޭގައި ހުންނާނީ. މަމީގެ ބެސްޓްފްރެންޑް މިރެއަށް ވަރަށް މީރު އެއްޗެހި ތައްޔާރުކުރި ދޯ؟" ނަޖުމް އޭނާގެ އަތުގެ ތެރޭގައި އޮތް ޒައިނާގެ އަތްތިލައަށް ބާރުކޮށްލިއެވެ.
"އާންޓީއަށް އެނގޭތަ؟ މަމީ އެ އިންނަނީ މިރަށަށް އައިސް މިގެއިން ނޫނީ އެއްވެސް އެއްޗެއް ނުކާންވެގެން ގަދަ ދައްކާފައި. މެންދުރު އެންމެ ކޮފީއެއް ބުއިގޮތަށް" ޝައިން ނަޖުމުގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
"ކޮބާ. ހިނގާ ކާންދަމާ ދޯ؟"
ހާސްވެފައި އިން ޒައިނާއަށް ހިތްހަމަޖެހުމެއް ލިބުނީ ދަބަސްތަކެއް ހިފައިގެން އައިސް ވަން ޒިޔާދު ފެނުމުންނެވެ. ޒިޔާދުގެ ފަސްފަހަތުން ވަން އަސްމާ ކަޅިޖަހާނުލައި ނަޖުމްގެ މޫނަށް ބަލަން ހުއްޓެވެ.
"އަސްމާ ކޮއްކޮ. އެ ދައްތައަށް ތިވަރަށް ބަލަނީ ކީއްވެ؟" ސޯފާއިން ތެދުވެގެން ގޮސް އަސްމާއާ ގާތަށް ހުއްޓެމުން ސިއްރުސިއްރުން ޒައިނާ އަހާލިއެވެ. އޭރު ޒިޔާދު ނަޖުމްއާއި ޝައިން ގޮވައިގެން ކާކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
"މީހުން އެ ދައްކާ ދޮގު ވާހަކަ ހިތަށް އަރާވަރުން ބެލެނީ. އެއީ ހާދަ ރީތި ދައްތައެކޭ. ވަރަށް ރަނގަޅުވެސް ދައްތައެއް. ހަމަ ފަހަރި ކަހަލަ"
އަސްމާއަށް ނޭނގެނީއެވެ. ޒައިނާ ކަހަލައީ ނަޖުމްއެއް ނޫނެވެ. އެކަމަކު ނަޖުމް ކަހަލައީ ޒައިނާއެވެ. ނަޖުމްގެ އުޅުމާއި އަހުލާގާއި ގޮތާއި ފޮތް ޒައިނާއާ ވައްތަރުވަނީއެއް ނޫނެވެ. އެއިން މިންވަރެއް ޒައިނާއަށް ލިބިފައިވާތީ އަސްމާއަށް އެހެން ހީ ވެދާނެއެވެ.
ކާމޭޒުމަތީގައި ނަޖުމްއަށް އެންމެ މީރު ހުރިހާ އެއްޗެއްހެން ތައްޔާރު ކުރެވިފައި ހުއްޓެވެ. ބޯވަ މަހުގެ ކެއުމަކީ ނަޖުމްއަށް އަބަދުވެސް ވަރަށް މީރު އެއްޗެކެވެ. ފޮނިކާތަކެއްޗާއި މާ ގަޔާނުވާ ނަޖުމްގެ ދަރިފުޅަކީ އޭގެ އިދިކޮޅެވެ. އެހެންކަމުން މިރެއަށްޓަކައި ޒައިނާ އެކިވައްތަރުގެ ފޮނިކާތަކެތި ތައްޔާރު ކޮށްފައިވެއެވެ.
"ޗޮކްލެޓްމޫސް ތައްޔާރުކުރަން އާންޓީއަށް އެނގުނީ ކިހިނެއް؟" ޝައިންއަށް އެންމެ ކަމުދިޔައީ ފޮނިކާތަކެތީގެ ތެރެއިންވެސް ޗޮކްލެޓްމޫސްއެވެ. "ވަރަށް ވަރަށް މީރު. މުޅި ލަންޑަނުންވެސް މިހާ މީރު މޫސްއެއް ކެވުނު ހަނދާނެއް ނުވޭ"
ކެއުމުގެ ކަންތައް ނިމުނުއިރު ޒައިނާއާއި ޝައިން ވަރަށް ރައްޓެހިވެއްޖެއެވެ. ނަޖުމްގެ ފަރާތުން ޝައިންއަށް ސަމާސާ ގޮތްތަކާއެކު އަދަބުވެރިކަންވެސް ލިބިފައިވެއެވެ. ދިވެހިން ވާހަކަ ދެއްކުމުގައި އުނދަގޫ ގޮތެއް ހުރިނަމަވެސް ޝައިން މަދުބަސްތަކެއް ނޫނީ އިނގިރޭސިން ނުބުނެއެވެ.
އަސްމާއާ ވެސް މަޖާވެފައި ޝައިން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެއްފުރައިގެ ކުއްޖަކާ ބައްދަލުވީތީ ޝައިން ހުރީ އުފާވެފައެވެ. އަސްމާއަކީ އަވަހަށް މީހުންނާ ރަށްޓެހިވާ ކުއްޖެއްކަމުން ނަޖުމްއާވެސް ވަރަށް ބޮޑަށް ގުޅާލައިފިއެވެ. ކައި ނިމުމުން ޝައިން ގޮވައިގެން ޒިޔާދު ދިޔައީ ޝައިންގެ ކޮޓަރި ދެއްކުމަށެވެ. ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް ފެންވެރުމަށާއި އަވަހަށް ނިދުމަށް ބޭނުންވެފައި ހުރި ޝައިން ދިއުމުގެ ކުރިން ނަޖުމްގެ ކޮލުގައި ބޮސްދިނެވެ.
"ގުޑްނައިޓް މަމީ. ލަވްޔޫ..." ނަޖުމްވެސް އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ރޭގަނޑުގެ ސަލާމް ކުރިއެވެ.
"ދަރިފުޅު އަދި އިޝާ ނަމާދުވެސް ނުކުރަމެއްނު. ނިދުމުގެ ކުރިން އިޝާ ނަމާދު ކުރައްޗޭ އިނގޭ. ލަވްޔޫ ހަނީ"
އަސްމާވެސް ދިޔައީ ނިދުމަށްޓަކައި އަނެއް ބައަށެވެ. ބަދިގޭގައި ކުރަން ހުރި ކަންތައް ނިންމުމުގައި ނަޖުމް ޒައިނާއަށް އެހީވަމުން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ލަންޑަނުގެ ދިރިއުޅުމާ ބެހޭގޮތުންނެވެ. ވަޒީފާގެ ވާހަކަތަކެވެ. އެތާނގެ ރަށްޓެހިންގެ ރަނގަޅު ވާހަކަތަކެވެ. އަދި ހާއްސަކޮށް ނަޖުމްގެ ދަރިފުޅު ޝައިންގެ އެތައްއެތައް ވާހަކައެކެވެ.
(ނުނިމޭ)