ރޫޔާ ބޭނުންވީ މަންމަ އުފާކޮށްދޭށެވެ. ދިޔަފަހުން ނިހާންގެ ހަބަރެއްވެސް ނުވާތީ ރޫޔާގެ ހިތްވަނީ ކުދިކުދިވެފައެވެ. ނިހާން ގެންގުޅޭ ރާއްޖޭގެ ދެ ނަންބަރުން ކުރެ އެއް ނަންބަރަކަށްވެސް ނުގުޅެއެވެ. ނިހާންގެ އާއިލާގެ އެހެން މީހެއްގެ ނަންބަރެއް ނޭނގެއެވެ. ނިހާންގެ ބައްޕަގެ ނަންބަރު އެނގެނީ ހަމައެކަނި ބައްޕަ އަށެވެ. ސޯޝަލް މީޑިޔާގައި ރޫޔާ ނޫޅޭތީ ނިހާންވެސް ނޫޅެއެވެ. ރޫޔާ އެވަނީ ގޮތް ހުސްވެފައެވެ. އަނެއްކޮޅުން ބައްޕައެވެ. ކިތަންމެ ހަމަޖެހިގެން އުޅެން ބޭނުންވިޔަސް ހިތުގައި ވަނީ ބިރުވެރިކަމެވެ.
****
ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން ދިޔައެވެ. ހަންނާ އާއި ރޫޔާގެ ހިތާމަވެރި ދުވަސްތައް އަލުން އިއާދަ ނުވާނޭ އުއްމީދުތަކާއެކު ކަރުނަތައް ކަލަންޑަރުގެ އެ ގަނޑުތަކާއެކު ފަހަތަށް ދޫކުރަމުން ދިޔައެވެ. އެގޮތުގައި ހަތަރު މަސް ފާއިތުވެއްޖެއެވެ. ރޫޔާގެ ކިޔެވުން އޭނާއަށް ކުރިއަށް ނުގެންދެވުނެވެ. ހަމައެކަނި ލޯބިވާ ނިހާންގެ ހަނދާންތަކެއް ނޫނެވެ. ކުރިމަތީގައި ހުރި މަންމަގެ ހިތާމަތަކެވެ. މީހުން ބުނަނީ ތެދެކެވެ. އެއްވެސް އިންސާނަކަށް ކަރުނައާ ނުލައި ދިރިއުޅުން ނިންމައި ނުލެވޭނެއެވެ. ކަރުނަ އަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިންސާނާގެ ދިރިއުޅުން ފެށުނީތީ އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ ލޯބިވާ އެތައް ބައެއްގެ ލޮލުން އޮހޮރާލާ ކަރުނަތިކި ތަކުންނެވެ. ހަމަ އެގޮތަށް އިންސާނާ ދުނިޔެ ދޫކޮށްދާއިރުވެސް އެ އިންސާނާއަށް ވަދާއީ ސަލާންކުރަނީ ކަރުނަތިކި ތަކެކެވެ. ތަފާތަކީ ދެ ހާލަތުގައި އިންސާނާއަށް ކުރެވޭ އިހުސާސެވެ.
ކުއްލިއަކަށް ރޫޔާއަށް ހޭލެވުނީ ހުވަފެނުގެ ތެރެއިން މީހަކު އޭނާގެ އަތުގައި ހިފައި ދަމަމުން ދަނިކޮށެވެ. އެއީ ކާކުކަމެއް އޭނާއަށް ނޭނގެއެވެ. އެމީހާގެ އަތުން ސަލާމަތްވުމަށް ހަށިގަނޑުގައި ނެތް ބާރެއް އޭނާ ލަމުން ދިޔައެވެ. ހޭލެވުނުއިރު އޭނާއަށް މައިނޭވާތަކެއް ލެވެމުން ދިޔައެވެ. ފުންމައިގެން ތެދުވިގޮތަށް ރޫޔާ އެނދުގައި އިށީނެވެ. ގަޑި ބަލައިލިއިރު މެންދަމު ތިނެއް ޖަހައިފިއެވެ. މިފަހަކަށް އައިސް ހޭލާ ހުންނައިރުވެސް އެކި ފާޑުފާޑުގެ ހުވަފެންތައް ރޫޔާއަށް ފެންނަނީއެވެ. މީގެކުރިން ރޫޔާއަށް ހުވަފެން ނުފެނެއެވެ. މިހާރު މިއުޅެނީ ކޮންފަދަ ކަމެއް ހެއްޔެވެ؟ މި ގިލަންވެރި ދުވަސްތަކަށް ނިމުން އަންނާނީ ކިހާ އަވަހަކަށް ބާއެވެ؟ އުނގަނޑާ ހަމައަށް އަންނަ ދިގު އިސްތަށިގަނޑުގައި އެއްފަރާތަކަށް ގެނެސް ވޫލް ކޮޅަކުން އައްސާލާފައި ރޫޔާ ނިކުތީ ބޭރަށެވެ. ހޭލެވޭ ކޮންމެ ސިކުންތެއްގައި އޭނާ މަންމަ ވީ ހިސާބެއް ބަލާނެއެވެ. އެއީ އޭނާގެ ކުރިމަތީގައި އުފާވެރި ހިނިތުންވުމަކުން ހިމާތަތަކާއި ހިތުގައި އުފެދިފައިވާ ތާޒާ ޒަހަމްތައް ފޮރުވަން މަސައްކަތްކުރަމުންދާ އޯގާތެރި މަންމައެވެ. ބޭރުފުށުން ކިތަންމެ ހިތްވަރެއް ދެއްކި ނަމަވެސް އެ މަންމަގެ ހިތާމަތައް ސާފުކޮށް ރޫޔާއަށް ފެނެއެވެ.
ކޮޓަރި ދޮރު ހުޅުވާލި ގޮތަށް ރޫޔާ ހުރީ ހުއްޓުން އަރައިފައެވެ. މުސައްލަ މަތީގައި ދުއާއަށް އަތް ނަގައިގެން އިނީ މަންމައެވެ. ވާހަކަދައްކާ އަޑު ނީވުނެއް ކަމަކު މަންމަގެ ގިސްލުމުގެ އަޑު ހިމޭންކަމުގެ ތެރެއިން ފާޅުވަމުން ދިޔައެވެ. ރޫޔާގެ ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. އޭނާ އަލުން ކޮޓަރިއަށް ދިޔައެވެ. ވުޟޫކޮށްގެން ނިކުމެ ނަމާދުކުރެވޭ ގޮތަށް ހެދުން ބަދަލުކޮށްލިއެވެ. ނަމާދު ބުރުގާ އަޅައިގެން މުސައްލަ ހިފައިގެން ކޮޓަރިން ނިކުތެވެ. ހަންނާގެ ކޮޓަރިއަށް ވަންގޮތަށް މަންމަގެ ކައިރީގައި މުސައްލަ ފަތުރާލާފައި އެ މަތީގައި އިށީނެވެ. އޭނާ ދުއާއަށް އަތް އުފުލާލިއެވެ. އިސާހިތަކު ރޫޔާގެ ދެ ކޯތާފަތުގައި ކަރުނައިގެ ސައިލެއް ދެމިގެން ދިޔައެވެ. ވަށައިގެންވި ހުރިހާ ކަމެއްގެ މަތިން އޭނާ ހަނދާން ނެތުނެވެ. ހަތް އުޑުމަތީގައި ވޮޑިގެންވާ އެންމެ އޯގާތެރި އަދި އެ އިލާހުގެ އަޅުތަކުން ދެކެ އެންމެ ތެދުވެރި ލޯބިވާ މަތިވެރި އިލާހުއާ އޭނާގެ ހިތް ގުޅުވައިލިއެވެ. އެގޮތުގައި ފާއިތުވެގެން ދިޔައީ ކިހާ ވަގުތެއް ކަމެއް ނޭނގެއެވެ.
އަތް ތިރިކޮށްލި ގޮތަށް އަސަރާއެކު ހަންނާ އޭނާގެ ދެލޯ ފަދަ ލޯބިވާ ދަރިފުޅަށް ބަލައިލިއެވެ. އޭރު ރޮއެރޮއެ ރޫޔާގެ ދެލޯ ވަނީ ރަތް ފިޔައެއް ފަދައިންނެވެ. ދެމައިން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. މިފަހަރު ރޯން ފެށީ ރޫޔާއެވެ. އެވަގުތު ހަންނާ ވީ ރޫޔާގެ ހިތްވަރަކަށެވެ. ބަލިކަށިވެ މަންމަ ރޯ ވަގުތުތަކުގައި މަންމަގެ ހިތްވަރަކަށް ވަނީ ރޫޔާއެވެ.
****
މޭޒުމަތީގައި ހުރި އާވި އަރަމުންދާ ސްޕްގެޓީ ތައްޓަށް ބަލަހައްޓައިގެން ރޫޔާ އިނެވެ. އޭނާ ސިހުނީ ބުރަކަށިން މަންމަގެ އޯގާތެރި އަތުގެ ބީހުން އިހުސާސްވުމުންނެވެ. ރޫޔާ މަންމަގެ މޫނަށް ބަލައިލިއެވެ. މަންމަ ހަދިޔާކޮށްލި ހިނިތުންވުމުގެ ބަދަލުގައި ހިނިތުންވުމެއް ރޫޔާ ދިނެވެ. ދެމައިންގެ ތުންފަތުން ފާޅުވި ހިނިތުންވުމަކީ ކޮންކަހަލަ ހިނިތުންވުމެއްކަން ދެމައިންނަށް ވެސް އެނގެއެވެ.
"ދެން ކާން ފަށާ. ހިހޫވީމަ އެހައި މީރެއް ނުވާނެ" ހަންނާ ބުންޏެވެ.
ރޫޔާ ފަރުވާކުޑަ ގޮތަކަށް ތަށި ތެރެއަށް އޫ ކޮށްޕާލިއެވެ. ހަންނާ ދުރަށް ޖެހިލިއެވެ. ދެން އައީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ރޫޔާއާ ޖެހިގެން ހުރި ގޮނޑީގައި ހަންނާ އިށީނެވެ. ހޫނު ކޮފީތަށިން ކޯވަރެއް ބޯލިތަނާ އުލުން ސްޕެގެޓީ ކޮޅެއް ރޫޔާ މަންމައަށް ދިއްކޮށްލިއެވެ. ހަންނާ ހީލާފައި އޭތިކޮޅު ދެ ތުންފަތް ދޭތެރެއިން އަނގައަށް ދަމާލިއެވެ.
"ދަރިފުޅު ކައިރީ މަންމަ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ އޮތީ" ހަންނާ ބުންޏެވެ.
ރޫޔާ ބަލައިލިއެވެ. ކޮން ވާހަކައެއް ހެއްޔޭ އަހާލިއެވެ.
"މަންމަ އަކީ މިހާރު ބައްޕަގެ އަންބެއް ނޫން"
އެ ޖުމްލަ ފުރިހަމަކުރަން ހަންނާ ހިނދުކޮޅެއް ނެގިއެވެ. އެއީ ދުލާ ހަމައަށް ގެންނަން އޭނާއަށް ފަސޭހަ ޖުމްލައެއް ނޫނެވެ. އެހެންނަމަވެސް ދުނިޔޭގައި ހުރީތީ އެ ދުވަސް އޭނާގެ ދެލޮލަށް ދައްކަވައިފިއެވެ. ފަހަތަށް ދިޔަ ހަތަރު މަސް ދުވަސް އެ ދިޔައީ އެ ދުވަސް އޭނާގެ ދެ ލޮލަށް ދައްކައިފައެވެ. އެއީ ވެސް ދަރިފުޅަށް އޭނާ ސިއްރުކޮށްފައިވާ ބޮޑު ސިއްރެކެވެ.
"ނިހާންގެ ކުއްލި ބަދަލުވުން. އަދިވެސް މަންމައަށް ގަބޫލެއް ނުކުރެވޭ. މިކަން ދަރިފުޅަށް ސިއްރު ކުރަންޖެހުނީ އިތުރު ހިތްދަތިކަމެއް ދޭން ބޭނުންނުވާތީ" ހިތްދަތިކަމާއި ހައިރާންކަން އެކުލެވިގެންވި ނަޒަރެއް ދީގެން އިން ރޫޔާގެ ދެލޮލުގައި ހަންނާ ފިރުމާލިއެވެ.
"ނިހާން... ނިހާންއާ އަދި ބައްދަލުވާނެ. ނިހާނަށް އިތުބާރުކުރާނަން މަރުވެ ދަންދެން. އިންތިޒާރުގަ މިހުރީ. އެކަމަކު.... ބައްޕަ... ބައްޕަ ކޮންތާކު ހުރެ މަންމަ ވަރިކޮށްލީ. ބައްޕަތަ ހަމަ ވަރިކުރީ؟ މަންމަ... މަންމަ ދެރައެއް ނުވޭތަ؟" ހަންނާގެ މޫނާ ހަމައަށް ރޫޔާގެ ދެ އަތް އުފުލާލިއެވެ. ލޯތްބާއެކު މަންމަގެ މޫނުގައި ފިރުމާލިއެވެ. ރޫޔާގެ އަތްތިލައިގައި ހަންނާ ހިފަހައްޓާލިއެވެ. އެ ދެ އަތުގައި ހަންނާ ބޮސްދިނެވެ.
"އެއީ މަންމަގެ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި އެކުގަ ހޭދަކުރި މީހާ. ބައްޕަ ނޫން އިތުރު އެއްވެސް މީހަކާއެކު މި ދުނިޔޭގައި ދިރިއުޅުމުގެ ދަތުރަށް އަރާކަށް މަންމަ ބޭނުމެއް ނޫން. އެކަމަކު... ދަރިފުޅާ. ދެމައިންގެ ދިރިއުޅުމަށް ކުރިމަތިވި ބޮޑު އިމްތިހާނެއް މިއީ. މިއީ ދެމައިންގެ ކެތްތެރިކަން އިމްތިހާންކުރާ ވަގުތު. ކޮންމެ ސިކުންތަކާ ދެމައިން ކުރިމަތިލާންޖެހޭނީ ހިކުމަތްތެރިކަމާއެކު. ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ ވަރަށް ވިސްނައިގެން. ބައްޕަގެ ދުޝްމިނުންނަށް ހީވަނީ މި ދުނިޔެއަކީ އެމީހުންނަށް ބޮޑު އުފަލެކޭ. އެކަމަކު ހަގީގަތަކީ އެމީހުންނަށް މި ދުނިޔެއަކީ ހިނދުކޮޅެއްގެ އުފަލެއް. އެމީހުން ކާމިޔާބު ހޯދަން އިހުތިޔާރުކުރީ ވަރަށް ނުރައްކާތެރި މަގެއް. މަކަރާއި ރޭވުމުން ކުރަމުން އައި ކަންތައް ކާމިޔާބުކޮށްފި. މި ހިތާމައިގެ ކަނޑުން ދެމައިން ސަލާމަތްކުރަން އާދެވޭ ވަރަށް ވުރެ މާ ދުރުގަ ބައްޕަ ހުރީ. މި ކަނޑުގަ ދުޝްމިނުންނާ ހަނގުރާމަކުރަން ނިކުންނަން މިއަދު ހުރީ މަންމަ. މަންމަ ފަތައިގަންނަން ތައްޔާރުވެއްޖައިން. ބައްޕައާ ދަރިފުޅުގެ ހައްގުގަ. ﷲ އިރާދަކުރެއްވިއްޔާ ސަލާމަތުގެ އައްސޭރިއަކަށް އަހަރެމެންނަށް ވާސިލުވެވޭނެ. އެ ދުވަހުން ދަރިފުޅު ވާނީ ނިހާނާ އެކު. މަންމަ ވާނީ ބައްޕައާއެކު. އަދި ހަތަރުމައިން ވާނީ އެކަލާނގެ ރަހްމަތްފުޅުގެ ދަށުގަ" ރޫޔާގެ ދެ ކޯތާފަތް މަތިން ރޮނގަކަށް ކަރުނައެއް ފައިބައިގެން ދިޔައެވެ. ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނަ ވަގުތު ކުޑަތަންވެއްޖެކަން އޭނާއަށް އިހުސާސު ވެއްޖެއެވެ.
"މަންމާ، ކިހާ އަވަހަކަށް މިކަން ބަދަލުވާނީ. ކޮންއިރަކުން އެންމެންނަށް އަލުން ހެޕީކޮށް އުޅެވޭނީ؟" ތުރުތުރު އަޅަމުން ދިޔަ އަޑަކުން ރޫޔާ އަހާލިއެވެ.
"އިންޝާﷲ ވަރަށް އަވަހަށް. އެކަމަކު ﷲ އެންގެވި މަގުން ކަސިޔާރު ނުވެ ބޮޑު ގުރާބާނީއެއް ވެގެން. ދަރިފުޅުވެސް އަދި މަންމަވެސް" ހަންނާ ބުންޏެވެ.
ރޫޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. އެއީ މަންމަ ދައްކާ ބޮޑެތި، ބޮޑެތި ވާހަކަތަކެއް ނޫނެވެ. އެ ބަސްތަކުގައި ވަރަށް ވަރުގަދަ އަސަރުތަކެއް އެބަހުއްޓެވެ. ނެތީ ބަދަލު ހިފުމުގެ ރޫހެވެ. އެ ބުނާ ދުޝްމިނުންގެ ކިބައިން ބަދަލު ހިފަން މަންމަ ނޫޅެނީ ކީއްވެގެން ހެއްޔެވެ؟
"މަންމަ ފަހަތުގަ އަބަދުވެސް އަޅުގަނޑު ހުންނާނަން. ބަދަލުވެސް ހިފާނަން" ރޫޔާގެ އަނގަމަތީގައި ހަންނާ އަތް އެޅިއެވެ. އެހެން ނުބުނާށޭ ބުނާ ކަހަލަ ގޮތަކަށް ހަންނާ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.
"މިދުނިޔޭގަ ބަދަލު ހިފުމެއް ނުވޭ ދަރިފުޅާ. ބަދަލު ދެއްވާ ފަރާތަކީ އެހެން ފަރާތެއް. އެންމެ އަދުލުވެރި ޝަރީއަތެއް ކުރާނީ އެކަލާނގެ ދަރުބާރުގަ. އެފަރާތުން ކުރާ ޝަރީއަތަކަށް ނުފޫޒު ފޯރުވޭނެ މީހެއް ނުހުންނާނެ. އެ ދުވަހުން އެމީހުން ޖެހޭނީ ފީވެފައިވާ ފަތެއް ވެއްޓޭހެން ބިންމައްޗަށް ވެއްޓެން" ހަންނާ ބުންޏެވެ.
ރޫޔާއަށް އޭނާގެ މަންމަގެ ގައިގައި ބައްދައިގަނެވުނެވެ. އޭނާގެ ރުއިން ހިނދަކަށް ފަހު ހިނދެއް ބާރުވަމުން ގޮސް އިސާހިތަކު މުޅި ތަނަށް އެ އަސަރު ފޯރައިފިއެވެ. ދަރިފުޅު މެއާ ގާތްކޮށްލައިގެން އިނދެ ހަންނާވެސް ސިއްރު ރުއިމެއް ރޮމުން ދިޔައެވެ. ރޫޔާގެ އެ ރުއިމުގެ ހިތްދަތި އަސަރުން އޭނާގެ ހިތް ފޫއަޅުވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އިނީ ރޫޔާ ރޯން ފުރުސަތު ދީގެންނެވެ. އެއީ އެހާވަރަށް އަދި އެ ހިތްދަތި އަސަރާއެކު ރޫޔާ ރޯނެ އެންމެ ފަހު ރުއިމެވެ. އެއަށްފަހު ރޫޔާ ރޮއެގެން ނުވާނެއެވެ. އެ ދެލޮލުން އެއަށްފަހު އަންނާނީ އުފާވެރިކަމުގެ ކަރުނައެވެ. ރޫޔާގެ ހަޔާތަށް އުފާވެރިކަމުގެ އިރު އަރާނެ ދުވަހަށް އެ ދުވަސް ވާނެއެވެ. ޚަރީފު މުސުމުގެ ހިތްދަތި ދުވަސްތައް ނިމި ބަހާރު މޫސުމުގެ ފިނި ރޯޅިން ރޫޔާގެ ހަޔާތަށް ތާޒާކަމާއި އާރޯކަން ގެނުވާނެއެވެ.
"މަންމަ ދުވަހަކުވެސް ދަރިފުޅު ކައިރީގަ ވައުދެއް ނުވަން. އެކަމަކު މިއަދު ވައުދުވާނަން" ރޫޔާގެ ރުއިމަށް ނިމުން އައުމުން ހަންނާ ބުންޏެވެ. އޭނާ އިނީ ރޫޔާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލައިގެންނެވެ.
"ދަރިފުޅު އުފާވެރިކަން ގުޅިފައިވަނީ ނިހާނާ އެކުގައެއްނު. މަންމަ ނޭފަތުން ނޭވާ ލެވޭހާ ހިނދެއްގައި މި ވައުދު މަތީގަ ދެމިހުންނާނަން. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ނިހާން ހޯދައިދޭނަން. އެކަމަކު... މިކަމަށްޓަކައި މުއްދަތެއް ނެތް ވަކިވުމަކުން ދަރިފުޅާ މަންމަ ވަކިވާންޖެހޭ. މަންމަގެ މިސްރާބަކީ މި ހަނގުރާމައިގެ ފެށުން" ހަންނާ ވާހަކަދެއްކިއެވެ.
ރޫޔާގެ ހިތަށް ހީވީ ވިހަގަދަ ކައްޓެއް ހެރިގެން ދިޔަހެންނެވެ. މަންމަ އަކީ އޭނާގެ އެންމެފަހު އުންމީދެވެ. އެ އުންމީދުވެސް ލޯމަތިން ގެއްލެނީ ހެއްޔެވެ؟
"ނޫން... ދެން އަޅުގަނޑު ކޮންތާކަށް ދާނީ. ކާކު އަޅުގަނޑަށް އެހީވާނީ. މިއީ ކޮންކަހަލަ ދިރިއުޅުމެއް މަންމާ..." ރޫޔާ ވާހަކަދެއްކިއެވެ.
"ދަރިފުޅު ދާނީ މާމަ ކައިރިއަށް. އެއީ ދަރިފުޅުގެ ހަގީގީ ބަލަދުވެރިންނަކީ. މަންމަ ޔަގީންކަން ދެން އެތަނުގައި ދަރިފުޅަށް ދަތިވާނޭ އެއްކަމެއްވެސް ނޯންނާނެ"
ރޫޔާ ގިސްލަމުން ދެފަރާތަށް ބޯހޫރަމުން އިސްޖެހިއެވެ. އެއީ އޭނާ އެއްގޮތަކަށް ވެސް ދާން ބޭނުންވާ ތަނެއް ނޫނެވެ. މަންމަގެ އެ އެދުމަށް އޭނާ ފާޅުގައި ނޫނެކޭ ނުބުންޏަސް ހަށިގަނޑުގެ އެ ހަރަކާތުން އޭނާ އިންކާރު ކުރަމުން ދިޔައެވެ. ހަންނާ ހިތުގައި އިންތިހާއަށް ޖެހިއްޖެއެވެ. އެއީ ރޫޔާއަށް ނިންމަން އުނދަގޫ ނިންމުމެއްކަން މާކުރިންވެސް އޭނާއަށް އެނގެއެވެ.
"މަންމައަށް އިތުބާރުކުރޭ ދަރިފުޅާ. ވިސްނުންތެރިކަމާއެކު ކަންކަން ކޮށްގެން ނޫނީ މަންމައަށް ކާމިޔާބެއް ނުލިބޭނެ. ދަރިފުޅު އެތާ ހުރުމަކުން މަންމަ ދުރުގަ ހުރުމަކުން މި ގުޅުން ކެނޑިގެން ނުދާނެ" ރޫޔާގެ ކަރުނަތައް ފޮހެދެމުން ހަންނާ ބުންޏެވެ.
ރޫޔާ ދެވަނަ ފަހަރަށް އެކަމަށް އިންކާރެއް ނުކުރެއެވެ. އެއްވެސް ދަރިއަކަށް މަޔަކު ނުބައި އެއްޗެއް ވިސްނައިނުދޭނެއެވެ. މިވަގުތަކީ މަންމައާ އެކު ދިރިއުޅުން އާ މިސްރާބަކަށް ގެންދަން ދަތުރު ފަށަންވީ ވަގުތެވެ. ރޫޔާ އެއްބަސްވިއެވެ. ކެތްތެރިވަމުންނެވެ. އުފާވެރި ދުވަސްތަކަކަށް އުންމީދު ކުރަމުންނެވެ.
"މަންމަ ދަރިފުޅު އަތަށް ދޭނަން ސިޓީއެއް. އެގެއަށް ގޮސް މަންމަ ބުނާ މީހަކަށް ސިޓީ ރައްދުކޮށްދީ. އެއީ މަންމަގެ އެންމެ ގާތް އެކުވެރިޔާ. މަންމަގެ ބަދަލުގަ އެ ގޭތެރޭގަ ދަރިފުޅުގެ މަޔަކަށް ވާނީ އޭނަ" ހަންނާ ވާހަކަދެއްކިއެވެ.
މަންމަގެ މޭގައި ލައްވެލައިގެން ރޫޔާ އިނެވެ. މިހާރު އޭނާގެ ދެލޮލުގައި ކަރުނައެއް ނެތެވެ. އެކަމަކު ހިތްދަތިކަމާ ފަޅުކަން ދެލޮލުން ފާޅުވޭވެ ހުއްޓެވެ. ކުރިއަށް ވާނެގޮތެއް ނޭނގޭ ހާލު އޭނާ އިނީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ދިރިއުޅުމަކީ އަބަދު އުފާވެރިކަމާއެކު އުޅެވޭނެ ދުވަސްތަކެއް ނޫންކަން ސިކުނޑީގައި ހަރުލައިފިއެވެ. ހިތްއެދޭ ހުރިހާ ކަމެއް ވާނެ ތަނަކީ ސުވަރުގެ ކަން މަންމަ އޭނާއަށް ވިސްނައިދިނީ ދެންމެއެވެ.
****
ހިތާމަ އާއި މޮޅިވެރިކަމުގެ ތެރެއިން އިތުރު ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ސިޓިންގރޫމު މެދުގައި ރޫޔާގެ ފޮށި ތައްޔާރުކޮށްފައި ހުއްޓެވެ. ހުދު ކުލައިގެ ބަޓަރފްލައި ހެދުމެއްގައި ސިޑިން ފައިބައިގެން އައި ހަންނާގެ ތުންފަތްމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. އޭނާގެ މޫނުމަތީގައި ވަނީ އުޖާލާ ކަމެވެ. ފަހުގެ ތާރީހެއްގައި މޫނުގައި އެއްވެސް މޭކަޕެއް ހަންނާ ނަހާކައެވެ. އެހެންނަމަވެސް މިއަދު ތަފާތެވެ. މިއަދު އޭނާގެ މޫނުމަތި ވަނީ މޭކަޕުން ޒީނަތްތެރިކޮށްފައެވެ. ދެލޯ ވަނީ އަނދުނުން ފަވާލައިފައެވެ. ތުންފަތުގައި ވަނީ ގަދަ ރަތްކުލައެކެވެ. އޭނާއަށް މިއަދު ވަރަށް ހާއްސައެވެ.
"ރޫޔާ..." ހަންނާ ގޮވާލިއެވެ.
ސޯފާގައި ގަބުވެފައި އިން ރޫޔާ ލަސްލަހުން އަޑު އައި ދިމާލަށް ބަލައިލިއެވެ.
އޭނާއަށް ހައިރާންކަމާއެކު ތެދުވެވުނީ މަންމަ ހުރިގޮތުންނެވެ. ރޫޔާއަށް ހަންނާ ދެއަތް ފުޅާކޮށްލިއެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން މަންމައަށް ބަލަމުން ލަސްލަހުން ހިނގާފައި އައިސް މަންމަގެ ދެ އަތުގެ ތެރެއަށް ރޫޔާ ވަނެވެ.
"އަޅުގަނޑު ދާތީތަ މަންމަ ތިހާ އުފަލުގަ ތިހުރީ" ރޫޔާ އަހާލިއެވެ.
"ނޫނޭ. މިއަދު މިއީ މި ކުޑަކުޑަ އާއިލާގެ ކާމިޔާބީގެ ފެށުން ލިބޭ ދުވަސް. އެހެންވެ މި ދުވަސް މަންމައަށް ވަރަށް ހާއްސަ" ހަންނާ ބުންޏެވެ.
ރޫޔާގެ އަތުގައި ހިފައިގެން އައިސް އޭނާ އިށީނީ ސޯފާގައެވެ. ދަރިފުޅު ދިޔުމުގެ ކުރިން އޭނާ ދައްކަންޖެހޭ މުހިންމު ވާހަކަތައް އެބަހުއްޓެވެ. އެ ވާހަކަތައް އިތުރަށް ދައްކަން ދެން ފުރުސަތެއް ލިބޭނެ ކަމެއްވެސް ނޭނގެއެވެ.
"އަޅުގަނޑު ހަމަ ދާންވީތަ؟ ކާކު އަންނަނީ ބަލާ" ރޫޔާ އަހާލިއެވެ.
"ދަރިފުޅުގެ މާމަ" ހަންނާ ބުންޏެވެ.
ރޫޔާ އިސްޖަހާލިއެވެ. ލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި މަންމައަށް ސިއްރު ކުރުމަށެވެ. އެހެންނަމަވެސް އެ ކަރުނަތިކި ވެއްޓުނީ ހަންނާގެ އަތް މައްޗަށެވެ.
"މިއީ ރޯންވީ ވަގުތެއް ނޫން ދަރިފުޅާ" ހަންނާ ބުންޏެވެ.
ރޫޔާ ހީލީ ގަދަކަމުންނެވެ.
ކޮނޑުގައި ހުރަހަށް އަޅުވާފައި އޮތް ދަބަހުގެ ތެރެއިން ހަންނާ ނެގީ ފަހުގެ ފޯނެކެވެ. އޭނާ އެ ފޯނު ރޫޔާގެ ދެއަތުގެ ތެރެއަށް ލިއެވެ.
"މި ފޯނު ދަރިފުޅު ދިޔަ ކޮންމެ ތަނަކަށް ހިފައިގެން ދާތި. މި ދަރިފުޅު އަތުގައި އޮތްހާ ހިނދެއްގައި މަންމައާ ވާހަކަދެއްކޭނެ އޮންލައިންކޮށް ވެސް ގުޅައިގެންވެސް. މިއީ ސިއްރެއް. މި އޮތްކަން އެކަކު ކައިރީގަވެސް ނުބުނާތި" ހަންނާ ބުންޏެވެ.
ފޯނުގައި ހިފިގޮތަށް ރޫޔާ އެ ފޯނު މޭގައި ޖައްސާލިއެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއިން އޭނާއަށް ކުޑަކުޑަ ހިތްހަމަޖެހުމެއް އެ ގެނެސްދިނީ އެ ފޯނެވެ.
"އަޅުގަނޑު ގުޅަންވީ ކޮން ގަޑިއެއްގަ؟" ރޫޔާ އަހާލިއެވެ.
"ދަރިފުޅު ބޭނުން ކޮންމެ ވަގުތެއްގަ މަންމައާ ވާހަކަދެއްކޭނެ" ހަންނާ ބުންޏެވެ.
"ދެން މަންމަ ދަނީ ކޮންތާކަށް؟" ރޫޔާ އަހާލިއެވެ.
"ނޭނގެ. އެމީހުން މަންމަ ގެންދިޔަ ތަނަކަށް" ހަންނާ ބުންޏެވެ.
ރޫޔާ ހުއްޓުން އެރިއެވެ. ހީވެސްނުކޮށް ހުއްޓައި ދިރިއުޅުމަށް މިއައީ ކޮންކަހަލަ ލޮޅުމެއް ހެއްޔެވެ؟ އުފާވެރި އާއިލާ ހިނދުކޮޅެއްގެ ތެރޭގައި ރޫޅިގެން ދިޔައީއެވެ. އަބަދުވެސް އެންމެ ކައިރީގައި އެންމެ ބޮޑު ހިތްވަރަކަށް ވެގެން ހުރި ބައްޕަ ވީތަނެއްވެސް ނޭނގެއެވެ. މިއީ ވެސް ބަޔަކު ބަޔަކަށް ހަސަދަވެރިވުމުގެ ނަތީޖާ ހެއްޔެވެ؟
"އަން. މިއީ މަންމަ ބުނި ސިޓީ. މި ސިޓީ އެ އަންހެންމީހާއަށް ހަވާލުކުރޭ" ހަންނާ ބުންޏެވެ.
ރޫޔާ އެ ސިޓީގައި ހިފިއެވެ. އޭނާގެ އަތްދަބަސް ތެރެއަށް ސިތީ ވައްޓާލިއެވެ. ދެން މަންމައަށް ބަލައިލާފައި މަންމަގެ ގައިގައި ބައްދާލިއެވެ.
"ވަރަށް ހަނދާންވާނެ. އެ ދިރިއުޅުމަށް ދުވަހަކުވެސް އަޅުގަނޑު ނުހޭނޭނެ" ރޫޔާ ބުންޏެވެ.
"ހަގީގަތުގަ އެންމެ ބޮޑު ގުރުބާނިއެއް ތިވަނީ ދަރިފުޅު. ތި ގުރުބާނީ ދަރިފުޅު ތިވަނީ ލޯބިވާ ބައްޕައަށްޓަކައި" ހަންނާ ބުންޏެވެ.
އަތުގައި އޮތް ހަންނާގެ ފޯނު ރިންގުވާން ފެށީ އެ ވަގުތުއެވެ. ފޯނަށް ބަލައިލާފައި ދެން އޭނާ ބަލައިލީ ރޫޔާ އަށެވެ. އަތުން ދަރިފުޅު ބީވާ ވަގުތުކޮޅު ޖެހުނީއެވެ. ހަންނާ ހިންދިރުވާލިއެވެ. ރޫޔާގެ ކުރިމަތީގައި އޭނާ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލަން ބޭނުމެއް ނުވެއެވެ. އިންސާނަކު ކެތްތެރިވާނޭ އެންމެ މަތީ ދަރަޖައަކަށް އޭނާ ކެތްތެރިވަމުން ދިޔައެވެ.
"އެ އައީ އެމީހުން" ހަންނާ ބުންޏެވެ.
ދާންވީތަ؟" ރޫޔާ އަހާލިއެވެ.
ހަންނާ ބޯޖަހާލިއެވެ. ރޫޔާ ތެދުވިއެވެ. ލަސްލަހުން ހިނގާފައި ދޮރާ ދިމާލަށް ދިޔައެވެ. ދޮރުން ނިކުތުމުގެ ކުރިން ވަދާއީ ބެލުމަކުން މަންމަގެ މޫނަށް ރޫޔާ ބަލައިލިއެވެ.
(ނުނިމޭ)