ވާހަކަ

ނުފޫޒަކުން - 23

ރޫޔާގެ އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލަމުން ނިހާން ހިނގައިގަތެވެ. މާގިނަ އިރެއްނުވެ ދެ ލޯބިވެރިންނަށް ވާދީއަށް ނިކުމެވިއްޖެއެވެ. މުޅި ސަރަހައްދު ކުލަ ބޮކިތަކުން ދިއްލާފައި އޮތުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. މީހުން މަދެވެ. ކެނޯ ދުއްވަން އެއްވެސް މީހަކު ނެތެވެ. އެހެންނަމަވެސް މަދުން ޖޯޑުޖޯޑަށް ލޯބިވެރިން ލޯބީގެ ދުނިޔޭގައި އެކި ކުލަކުލައިގެ މާފޮޅުވަމުން ދިޔައެވެ. ރޫޔާ ގޮވައިގެން ނިހާން ހުއްޓުނީ އޭނާއަށް ހާއްސަ ގަސް ކައިރީގައެވެ. ތިރީގައި ރީތިކޮށް އިށީނދެފައި ރޫޔާ އޭނާގެ ކައިރީގައި އިށީންނަން އެހީވެދިނެވެ.

"ކޮންވާހަކައެއް؟" ރޫޔާ އެހިއެވެ.

ނިހާން ރޫޔާގެ މޫނަށް ބަލައިލިއެވެ. ރޫޔާ އިނީ ހިނިތުންވެލައިގެންނެވެ. ނިހާންގެ ކޮނޑުގައި ބޯ އަޅާލައިގެން އެއް އަތުގައި ބައްދައިގެން އިންއިރު ރޫޔާގެ އެ ލޯބިވެތި ހަރަކާތަށް ނިމުން ގެންނަން ބޭނުންނުވެފައި ނިހާން އިނެވެ. އެހެންނަމަވެސް އޭނާ ކަންބޮޑުވީ އެ ހަބަރު ދިނުމަށްފަހު ރޫޔާ ދެރަވާނެތީއެވެ.

"ވަރަށް ލޯބިވޭ" ނިހާން ބުންޏެވެ.

"ތިކަން އެނގެޔޭ. ބުނަން އުޅުނު ވާހަކަ ބުނެބަލަ" ރޫޔާ ބުންޏެވެ.

"އެ ވާހަކަ ދޯ. ކުރީ ދުވަހެއްގަ ބުނީމެއްނު މަންމަ އާއި ބައްޕަ އުމްރާއަށް ފުރަން އުޅޭ ވާހަކަ" ނިހާން ބުންޏެވެ. ރޫޔާ ބޯޖަހާލިއެވެ.

"އެހެންވެ މަންމަ އާއި ބައްޕައާ ބައްދަލުކޮށްލަން ރާއްޖެ ދާން އެބަޖެހޭ" ނިހާން ބުންޏެވެ.

ވަގުތުން ނިހާންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ނިހާންގެ ކޮނޑުމަތިން ބޯ ހިއްލާލުމަށްފަހު ރޫޔާ ނިހާންގެ މޫނަށް ބަލައިލިއެވެ.

"ސޮރީ ލަވް... ތި ފޭސް ނުދައްކާ. ވަރަށް އަވަހަށް އަންނާނަން. ދެން އައިސްފަ މެރީކުރާނީ. މިފަހަރު ގޮސް މަންމަމެންނާ ރޫގެ ވާހަކަ ދައްކާނީ" ނިހާން ބުންޏެވެ.

ކަޅިޖަހާނުލައި ނިހާންގެ މޫނަށް ބަލަހައްޓައިގެން ރޫޔާ އިނެވެ.

"ބައްޕަ ދަނީ. ނިހާން ދަނީ. ކުޅެން އަރާ ހިތެއްވެސް ނެތް. ކާކު އަހަންނަށް ސަޕޯޓްކުރާނީ ދެން؟" ރޫޔާ ބުންޏެވެ.

"އަހަރެން ދާނީ ރޫގެ ތިން މެޗު ނިމުނީމަ. އޭރަށް ބޭބެވެސް އަންނާނެއްނު. ޕްލީޒް ދެން ދެރަނުވެބަލަ. ކޮންމެހެންވެސް ދާންޖެހޭނެއްނު" ނިހާން ބުންޏެވެ.

ރޫޔާ އަލުން ނިހާންގެ ކޮނޑުގައި ބޯ އަޅައިގެން ހަމަޖެހިލިއެވެ. އޭނާ ނިހާން ނުހުއްޓުވާނެއެވެ. އޭނާއަށް އަބަދު ރޫޔާ ކައިރީގައި ނުހުރެވޭނެކަން އެނގެއެވެ. ނިހާންގެ މައްޗަށް މައިންބަފައިންގެ ހައްގު މާބޮޑެވެ.

****

އުންމީދުކުރި ގޮތަށް ފުރަތަމަ މެޗުން ރޫޔާގެ ޓީމަށް ކާމިޔާބު ލިބުނެވެ. ގެއަށް އައިއިރު ހަންނާ ގޭގައި ކުޑަ ޕާޓީއެއް ތައްޔާރުކުރިއެވެ. ހަމައެކަނި ރޫޔާ ހިތްހަމަޖައްސާލުމަށެވެ. އޭނާގެ ކޮންމެ އުފަލެއްގައި ބައިވެރިވުމުގެ ގޮތުންނެވެ. ގޭތެރެއަށް ވަދެފައި ރޫޔާ ހައިރާންވިއެވެ. މޭޒުމަތީގައި ހުރީ އޭނާއަށް އެންމެ ކަމުދާ ޕިއްޒާއެވެ. ރޫޔާއަށް އަނގަމަތީގައި ދެއަތް އެޅުނެވެ. ސޯފާ ކައިރީގައި ހުރި ހަންނާގެ ގައިގައި ރޫޔާ ބައްދާލިއެވެ.

"މިހެންވެގެންދޯ މެޗު ހަމަ ނިމޭއިރަށް މަންމަ ގެއަށް ތިއައީ" ރޫޔާ ބުންޏެވެ. ހަންނާ ބޯޖަހާލިއެވެ.

"އަވަހަށް ފެންވަރައިގެން ނިކުމޭ. މަންމަމެން އިންތިޒާރުކުރާނަން" ހަންނާ ބުންޏެވެ.

ރޫޔާ ނިކުތްއިރު ތަށިތަކަށް ބުއިންތައް އަޅާ ހުރީ ތައްޔާރުކޮށްފައެވެ. އެ ޕާޓީގައި ބައިވެރިވީ ދެމައިންގެ އިތުރުން ނިހާނެވެ.

"އަޅުގަނޑު މޮޅުވިތޯ ބަލަންވެސް ބައްޕަ ނުގުޅައެއްނު" ގޮނޑީގައި އިށީންނަމުން ރޫޔާ ބުންޏެވެ.

"ދިޔަފަހުން އެންމެ ފަހަރަކު ބައްޕަ ގުޅީ. މިއަދު އެއްކޮށް މިދަނީ ހަބަރެއް ނުވެ. ހީވަނީ މާބުރައީހެން. މާދަމާ އަންނާނެއްނު" ހަންނާ ބުންޏެވެ.

"އެކަމުވެސް. ވަރަށް މިސްވޭ ބައްޕަ މަތިން" ރޫޔާ ބުންޏެވެ.

ރޫޔާ މޫޑީވެފައި އިންގޮތުން ހަންނާއަށް ހެވުނެވެ. ހަބީބް ފުރައިގެން ދިޔަފަހުން އޭނާގެ ހިތްވެސް ވަނީ ނުތަނަވަސްކަމުގައެވެ. ބޭރުން ނުވެސް ދަންނަ މީހަކު އައިސް ރޫޔާ ގެންގޮސްފާނޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެކަމަކުވެސް ހެއްދެވި ފަރާތް މަތިން ހަނދުމަކޮށްގެން ހިތަށް ހަމަޖެހުން ހޯދައިގެން އިނީއެވެ. ކެތްތެރިކަމެއް ނެތި ލޯބިވާ ފިރިމީހާގެ އިންތިޒާރުގައެވެ.

"ހާދަ ދެރަކޮންނޭ ކަންތައްތައް މިވަނީ. ބައްޕަ ދިޔައީ. ޓޫ ޑޭސް ފަހުން ނިހާން ފުރާނެ. އިރުކޮޅަކަށް ފެނިލާފަ ނޭހާ ވެސް ފުރައިފި. ދެން ހުރި މީހަކީ މަންމަ. މަންމަ ތަނަކަށް ދާންވެފަ ނެތްތަ؟ އަނެއްކާ އަޅުގަނޑު އެކަނިވާންތަ މި އުޅެނީ؟" ބްލޫ ބެރީސް ތަށިން ކޯވަރެއް ބޯލަމުން ރޫޔާ ބުންޏެވެ. ރޫޔާގެ އެ ވާހަކަތަކުން ހަންނާއަށް އުނދަގޫވިއެވެ. ރޫޔާއަށް އެ ކުރެވޭ އިހުސާސަކީ ބިރުވެރި އިހުސާސެއްކަން ހަންނާ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ހަންނާ ބަލައިލީ ނިހާނަށެވެ. ރޫޔާގެ އެ ފިކުރުތަކުން ދުރުކޮށްދެވޭނީ ނިހާނަށޭ ބުނާ ކަހަލައެވެ.

****

ރޭގަނޑު ބާރަޖަހައި ބޮޑުވެއްޖެއެވެ. ހަންނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކޮންމެ ރެޔަކު ނިދުމުގެ ކުރިން ރަނގަޅަށް ފެންވަރާ ތައްޔާރުވާ ހަންނާގެ މިރޭ އެ ފިކުރެއްވެސް ނެތެވެ. ފޯނު ހިފައިގެން އެނދުގައި އޭނާ އިނީ ގާވެފައެވެ. އިރުކޮޅަކާ ތުން ތަޅުވާލާފައި ފުން ނޭވައެއް ދޫކޮށްލައެވެ. ނުބައި ގޮތްގޮތަށް ވިސްނަން ނޫޅުނަސް އޭނާގެ ހިތާއި ސިކުނޑިއަށް ނުބައި ވަސްވާސްތައް ވަންނަމުން ދިޔައެވެ.

އިރުކޮޅަކާ ހަބީބްގެ ނަންބަރަށް ގުޅާލައެވެ. ދިޔަފަހުން ސަލާމަތުން ދެވުނުކަން އަންގާލަން ގުޅާލިކަން އެކަންޏެވެ. އޭގެފަހުން ހަބީބްގެ އެއްވެސް ހަބަރެއް ނުވެއެވެ. ހާސްވެގެން ގޮސް އެންމެފަހުން ނޭވާ ފިތޭހެން ހީވާން ފެށުމުން އެނދުގައި ފޯނު ބާއްވާފައި ހަންނާ ތެދުވިއެވެ. ހުރިހާ ކަމެއްގެވެސް ހައްލު ވާނީ އެހެން ފަރާތެއްގައި ކަން އޭނާ ހަނދާން ނުނެތެއެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނިކުމެ ދެ ރަކުއަތުގެ ނަމާދެއް ކުރިއެވެ. ދެއަތް އުފުލައި ދުއާ ކުރުމުގައި އިންދާ އެނދުގައި އޮތް ފޯނު ދިއްލުނު ތަން ފެނުނެވެ. މުސައްލަ އޮޅާލުމަށްފަހު ދުރުގައި ބާއްވާފައި އައިސް ފޯނަށް ބަލައިލިއެވެ. ނުދަންނަ ނަންބަރަކުން ކޯލެއް މިސްވެފައި އިނެވެ. ހަންނާގެ ހިތް ތެޅިލިއެވެ. ދެ ފިކުރެއްގައި އިނދެފައި އެ ނަންބަރަށް ގުޅަން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ. ހަމަ އެ ނަންބަރެވެ. ވަގުތުން ފޯނު ނަގާފައި އޭނާގެ ކަންފަތުގައި ޖެއްސިއެވެ.

ހަބީބްގެ އަޑު އިވުމާއެކު ހަންނާއަށް ހަށީފުރާ ނޭވާއެއް ލެވުނެވެ. ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހެއްދެވިފަރާތާ ގުޅުވާލި ގުޅުން ހަގީގަތަކަށް ވެގެން ދިޔުމުން އެކަލާނގެއަށް ޝަކުރުކޮށްލެވުނެވެ.

"ހަންނާ... އެބަހުރިންތަ؟" ހަބީބްގެ އަޑު އިވުނެވެ.

"ހަބީބް، ކިހިނެއްތަ؟ ކޮންތާކު ތި އުޅެނީ؟ މިއީ... މިއީ ކޮން... ކާކުގެ ނަންބަރެއް؟" ހުރިހާ ސުވާލުތަކެއް އެއްފަހަރާ ހަންނާ ބޭރުކޮށްލިއެވެ. ހީވީ ހަބީބްގެ ފަރާތުން ފަހަރަކު ސުވާލެއްކޮށްގެން ޖަވާބެއް ނުލިބިދާނެހެންނެވެ.

"އަހަރެން ރަނގަޅު. ވަރަށް ބުރަކޮށް މި އުޅެނީ. ހިއެއް ނުވޭ މާދަމާ ދެވޭނެހެނެއް. އަދި ދެތިން ދުވަސްވާނެ" ހަބީބް ބުންޏެވެ.

ހަންނާ މޮޅިވެލިއެވެ. އެހެންނަމެސް ހިތްދަތިވެފައި އިން އެ ވަގުތުގައި ފިރިމީހާގެ ހަބަރެއްވުމުން ހިތްހަމަޖެހުނެވެ.

"ދެން ބާއްވަނީ. ތި ދެމައިން ދެކެވެސް އަހަރެން ވަރަށް ލޯބިވޭ. އަހަރެން ސަލާމަތުން އެނބުރި ދަންދެން ރޫޔާއަށް ބަލާތި. ބުނާތި ބައްޕަ ބުންޏޭ ވަރަށް ލޯބިވެޔޭ، ވަރަށް ހަނދާންވެޔޭ ބައްޕައަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާކޮށްދޭށޭ. ބުނާތި އުފަލުގަ ހުންނާށޭ" ހަބީބް ވާހަކަދެއްކިއެވެ. ނުބައި ހީކުރުންތައް ހިތުގައި ވަށާލަން އުޅޭހެން ހީވުމުން އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ހަބީބް... ހުރިހާ ކަމެއް ރަނގަޅުތަ؟ އެނގޭތަ މެޗުން ރޫގެ ޓީމު މޮޅުވިކަން. އެނގޭތަ ރޫ..."

"ހަބީބް... ބަލީތަ....؟" ވާހަކައިގެ މެދުތެރެއިން ހަބީބް ނޭފަތް ދަމާލިހެން ހީވުމުން ހަންނާ އެހިއެވެ.

"ދެން ބާއްވަނީ އެނގޭ. ނެތޭ ވަގުތެއް. ﷲ އިރާދަކުރެއްވިއްޔާ އަދި ދިމާވާނެ"

ހަންނާއަށް ލިބުނީ ހައިރާންކަމެކެވެ. އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ކުއްލިއަކަށް ހަބީބް ފޯނު ކަނޑާލުމުންނެވެ. އެ ނަންބަރަށް ދެވަނަ ފަހަރަށް ހަންނާ ގުޅިއެވެ. ހިތް ބިރުގަނެ ހުރި ދިމާލުން ތިރީގައި ހަންނާއަށް އިށީނދެވުނީ އެ ނަންބަރު ނިވާލާފައި އޮތުމުންނެވެ. މޭގައި ހަންނާއަށް އަތް އެޅުނެވެ. ހިތުގެ ތެޅުން އިންތިހާއަށް ގަދަވެއްޖެއެވެ. ހަބީބްގެ ވާހަކަތައް ތަފާތެވެ. ހަބީބްގެ ވާހަކަދެއްކުމުގެ މީގެކުރިން ނުވާ އަސަރެއް ވިއެވެ. މޫނުމަތިން ފާޅުވާން ފެށި އުދާސްތައް ހަންނާ ފޮހެލިއެވެ. ނޭވާއަށް އުނދަގޫތަކެއްވާހެން ހީވާން ފެށުމުން އަމިއްލައަށް މީހާ ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. އެތައް މަސައްކަތަކުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލައިގެން އޭނާ އެނދުން ތެދުވެލިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިރުކޮޅަކު ހަންނާ ހުއްޓެވެ.

"ހަބީބް އަންނާނެ. ވަރަށް އަވަހަށް އަންނާނެ. އަހަރެންގެ ހިތާއި ސިކުނޑިއާ ކުޅުމަށް ޝައިތާނާއަށް ފުރުސަތެއް ނުދޭނަން" އަމިއްލަ ނަފްސަށް އޭނާ ވިސްނައިދިނެވެ.

****

ފަތިސް ނަމާދަށް ރޫޔާއަށް ހޭލެވުނީ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގަން އެއްފަރާތަކަށް ޖެހުނު ވަގުތު ބަނޑުމަތިން ބަރުކަމެއް އިހުސާސްވިއެވެ. ކައިރީގައި ނިހާން ނިދިފައި އޮތްކަން އިހުސާސްވީ އެ ހިސާބުންނެވެ. ރޫޔާގެ ބަނޑުމަތީގައި އޮތީ ނިހާންގެ އަތެވެ. ނިހާނަށް ސަމާލުކަން ނުދީ ރޫޔާ ނެގީ ފޯނެވެ. އެއީ މަންމަގެ ކޯލެއްކަން އެނގޭތީއެވެ.

"މި ހޭލީ މަންމާ. މި އަރަނީ ނަމާދަށް" ރޫޔާ ބުންޏެވެ.

ނިހާނަށް އޭނާ ބަލައިލީ ދެނެވެ. ނިހާން ފުރާތީ ދެކުދިން ތަންކޮޅެއް ގިނައިރު ވާހަކަދައްކާލަން ތިބެން ނިންމީއެވެ. ނިދުނު އިރެއް އެކަކަށްވެސް ނޭނގެއެވެ. ރޫޔާ ހޭލެވުނުއިރު ބޮލުގައި ބުރުގާވެސް އޮތެވެ.

"ނިހާން... " ރޫޔާ ނިހާނަށް ގޮވާލިއެވެ.

ނިހާނަށް ހޭވެރިކަމެއްވީ ރޫޔާ އެތައް އިރަކު ގޮވުމުންނެވެ.

ވާނުވާ އެނގުމާއެކު ނިހާނަށް ލިބުނީ ހައިރާންކަމެކެވެ. އަތުކުރީގައި އޮތް ގަޑިއަށް ނިހާން ބަލައިލިއެވެ. ފަހެއް ޖަހައި ދިހައެއް ހިނގީއެވެ. ރޭގައި ކަންތައްވެގެން ދިޔަގޮތް އޭނާގެ ހަނދާނަށް އައެވެ. ވާހަކަދައްކަން ތިބެފައި ކުރިން ނިދުނީ ރޫޔާ އަށެވެ. އޭނާ އޮތީ ދީވާނާއެއް ފަދައިން ރޫޔާއަށް ބަލާށެވެ. ކުޑައިރުކޮޅަކުން ކޮޓަރިއަށް ދާން ނިންމައިގެންނެވެ. އެހެން އޮއްވައި އޭނާއަށް ވެސް ނިދުނު އިރެއް ނޭނގުނެވެ.

"ރޫމަށް ދޭ އަވަހަށް. މަންމަ ގުޅައިފި. އެހެން ދުވަސްތަކުގަ މަންމަ އަންނާނީ ގޮވަން. ނަސީބެއްނު ނައިކަން" ރޫޔާ ބުންޏެވެ.

ނިހާން އެނދުން ފޭބިއެވެ. ލައިގެން ހުރި މުޅި ޓީޝާޓުގައި ވަނީ ރޫ ޖެހިފައެވެ. އޭނާ ދެ އަތުން ޓީޝާޓުގައި ދެ އަތް ހިންގާލިއެވެ.

"ތި ބަދަލުކުރޭ ގޮސް. އަވަހަށް ދޭ ދެންވެސް. މަންމަ އަތުވެދާނެ" ރޫޔާ ބުންޏެވެ.

ނިހާން ނިދި ފާޑަކަށް ރޫޔާއަށް ބަލައިލާފައި ލުއިލުއިކޮށް ހީލިއެވެ. ދެން ރޫޔާ ނުވިސްނާ ހުއްޓައި އަތުގައި ހިފައި ގާތަށް ގެނެސް ރޫޔާގެ ހަށިގަނޑުގައި ބައްދާލިއެވެ.

"އޯކޭ ނިމުނީ... ދެން ދޭ" ރޫޔާ ބުންޏެވެ.

ނިހާން ގުދުވެލާފައި އެނދުގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ދާން ހިނގައިގެންފައި އަނެއްކާވެސް ރޫޔާއަށް ބަލައިލިއެވެ.

"އަނެއްކާވެސް ހަނދާނުން ފިލައިގެން ނުދާނެ ރެއެއް. ތެންކްސް" ނިހާން ބުންޏެވެ.

"އަހަރެންވެސް. ތެންކްސް ޓު ޔޫ ޓޫ" ހީލަމުން ރޫޔާ ބުންޏެވެ.

****

ސިޑިން ފައިބައިގެން ރޫޔާ އައިއިރު ބަދިގެ އޮތީ ހުސްކޮށެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ހެނދުނުގެ ސައި ތައްޔާރުކޮށްފައި މޭޒުމަތީގައި ހުއްޓެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ މަންމައެވެ. ތިރީ އެއްވެސް ހިސާބަކުން މަންމަގެ ހިތްގައިމު ވަސް އޭނާގެ ނޭފަތުގައި ނުޖެހުނެވެ.

މަންމަ ކޮބާ؟" ނޯކަރު ކުއްޖެއް ކުރެން ރޫޔާ އެހިއެވެ.

"ނާދޭ" އެ ކުއްޖާ ބުންޏެވެ.

ސިޑިން ދުވެފައި ރޫޔާ އެރީ މައްޗަށެވެ. މަންމަގެ ކޮޓަރި އޭނާ ހުޅުވާލިއެވެ. އެގޮތަށް އޭނާ ޓަކިނުޖަހައި ހުޅުވީ އެތެރޭގައި ބައްޕަ ނެތްކަން ޔަގީންވާތީއެވެ. މައިންބަފައިން އެއްކޮށް ކޮޓަރީގައި ތިބޭއިރު އޭނާ އެތެރެއަށް ވަންނަނީ ހުއްދަ ހޯދައިގެންނެވެ.

"މަންމާ..." ރޫޔާގެ އަޑަށް އެނދުގައި އޮތް ހަންނާ ބަލައިލިއެވެ.

"މަންމައަށް ކިހިނެއްވީ؟ ބަލިވީތަ؟" އެނދަށް އަރައިގެން ގޮސް ރޫޔާ އިށީނީ ހަންނާގެ ބޯ ކައިރީގައެވެ.

ދަރިފުޅު ކަންބޮޑުވެފައި ކައިރީގައި އިށީނުމުން ހަންނާ ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ.

"ބަނޑުހައިވީތަ؟ މަންމަ ކުޑަކޮށް ބޮލުގައި ރިހޭހެން ހީވާތީ އޮށޯވެލީ" ހަންނާ ބުންޏެވެ.

"ހިނގާ ސައިބޯން. މަންމަ ހޯދާހޯދާ ނުފެނިގެން އަޅުގަނޑު މިއައީވެސް. ސައިބޮއެގެން ބޭސް ކާނީ" ރޫޔާ ބުންޏެވެ. އޭނާގެ އެއް އަތުން ހަންނާގެ ނިތްމަތިން މަސާޖްކުރަމުން ދިޔައެވެ.

"ރޭގަ ބައްޕަ ގުޅި" ހަންނާ ބުންޏެވެ.

"އެހެންތަ. މަންމައަށް ވެސް ގުޅި. މިރޭ ނާދެވޭނެ ވާހަކަ ބުނީމަ ދެރަވެފަތަ ދަރިފުޅު ތީނީ" ހަންނާ އެހިއެވެ.

"ކުޑަކޮށް ދެރަވި. އެކަމުވެސް އޯކޭ. ދުނިޔޭގަ ސަލާމަތުން ހުރިއްޔާ ބައްޕަ އަންނާނެއްނު. އަޅުގަނޑާ މަންމަ ދޫކޮށްލާފަ ބައްޕަ ދާނެ ތަނެއް ދެން ނޯންނާނެ" ރޫޔާ ބުންޏެވެ.

ހަންނާއަށް ހީނލެވުނެވެ. އޭނާ ބޭނުންވާ ހިތްވަރު ދަރިފުޅުގެ ފުށުން ލިބިދާނެކަމަށް އޭނާއަށް ޔަގީންވިއެވެ. ރޫޔާގެ އަތްތިލައިގައި އޭނާ ބޮސްދިނެވެ.

"ބައްޕަ މަސައްކަތް އެ ކުރަނީ މަންމައާ އަޅުގަނޑަށްޓަކައެއްނު. އެހެންވީމަ ބައްޕަ ކުރާ ކޮންމެ ކަމެއްގަވެސް އަޅުގަނޑުމެން ހިތްވަރަކަށް ވާންވާނެއްނު. ނިހާންވެސް ވަރަށް ގިނައިރު ބައްޕައާ ވާހަކަދެއްކި. އެހާވަރަށް ދެއްކީ ކޮން ވާހަކައެއް ކަމެއް ނޭނގެ" ރޫޔާ ވާހަކަދެއްކިއެވެ.

"ދަރިފުޅު ތިހެން ޕޮޒިޓިވްކޮށް ހުންނަންޏާ މަންމަ ހުންނާނީ އުފަލުން" ރޫޔާގެ އަތުގައި ހަންނާ ފިރުމާލިއެވެ.

"ދެން ހިނގާ. ކޮބާ ނިހާން؟" ރޫޔާގެ އަތުގައި ހިފައިގެން ތެދުވަމުން ހަންނާ ބުންޏެވެ.

****

ޝައުކަތުގެ އަތުގައި ހިފައިގެން އައިސް ކާރަށް އެރި ގިސާމަތުގެ ތުންފަތްމަތީގައިވި ހިނިތުންވުން އަދި ފިލައިގެން ނުދެއެވެ. ކާރަށް އެރިގޮތަށް ޕާސްތެރޭގައި އޮތް ފޯނު އޭނާ ނެގިއެވެ. ރާއްޖޭގެ ނަންބަރަކަށް ޑަޔަލްކޮށްލުމަށްފަހު އޭނާ ސްޕީކަރަށް ލިއެވެ. ކައިރީގައި އިން ޝައުކަތަށް ބަލައިލާފައި ހީލުމަށްފަހު ދެން އަނެއްކާވެސް ނަޒަރު ސީދާކޮށްލީ ފޯނަށެވެ. މާގިނައިރެއް ނުވެ ފޯނު ނަގައިފިއެވެ.

"މަންމާ، ހާލު ކިހިނެއްތަ؟ މިއަދު މަންމަގެ ހަބަރެއް ނުވާތީ އަޅުގަނޑު މި ހުންނަނީ ވަރަށް ކަންބޮޑުވެފަ" އިވުނީ އަޖުވަދުގެ އަޑެވެ.

"މަންމަ ގޯސްވާނެތަ؟ ގޯސްވާން މަންމަގެ ދިރިއުޅުމުގައި ދެރަކަމެއް ހިނގާތަ؟ ބުނަންތަ ދަރިފުޅާ އުފާކުރޭ" ގިސާމަތު ބުންޏެވެ.

"ހަނާން...." އަޖްވަދަށް ބުންޏެވެ.

"ފުރަތަމަ މަރުހަލާ ކާމިޔާބުކޮށްފިން. ހަނާން ގޮވައިގެން މަންމަ ދާނީ" ގިސާމަތު ޔަގީންކަން ދިނެވެ.

އަޖްވަދު ހީލި އަޑު އިވުމާއެކު ގިސާމަތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާގެ ޒަމާންވީ ބޮޑު އަދާވަތްތެރިޔާގެ ކިބައިން އިތުރަށް ބަދަލު ހިފާލާ ހިތްވިއެވެ.

"ތިޖޫރީ އިން ފައިސާ ނަގާ. ނެގެނީ ކިހާ ވަރަކަށް ކަމެއްވެސް ބަލާނެކަމެއް ނެތް. ފަޒީލާއާ ނަކޯރުންނަށް ބަހާލާ. މިއީ އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބީއެއް" ގިސާމަތު ކިޔަމުން ދިޔައެވެ. ފަހު ކަމަކަށް އޭނާ އަޖުވަދަށް އެންގީ އެއިން އެއްވެސް ކަމެއް ޝައުންއަށް ނޭންގުމަށެވެ.

****

އުފަލަކަށްފަހު ހިތާމައެކޭ ބުނާ ފަދައިން ހަންނާ އާއި ރޫޔާގެ އިންތިޒާރުގެ ދުވަސްތައް ކޮންމެ ހިނދަކުން އިމްތިހާންވަމުން ދިޔައެވެ. ދެމައިންގެ ތުންފަތުގައި ވެސް ވަނީ ހިމޭންކަމެވެ. ގޭތެރޭގައި ފަޅުކަމެވެ. ބަހާރު މޫސުމަށް ނިމުން އައިސް ހަރީފު މޫސުމުގެ ފެށުން ދެމައިންގެ ދިރިއުޅުމަށް ގިލަންވެރިކަން ގެނެސްފިއެވެ. ރޫޔާއަށް ވުރެވެސް ބޮޑުވަރު ވަމުން ދިޔައީ ހަންނާ އަށެވެ. އެހެނީ ހަޔާތުގައި ދިމާވެފައިވާ ރޫޔާއަށް ނޭނގޭ ކިތަންމެ ކަމެއް އޭނާއަށް އެނގެއެވެ. އަތުން ރޫޔާ ބީވެގެން ދާނެކަން މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ. ވިސްނާ ވިސްނާ އޭނާ މޮޔަވާން ކައިރިވެއްޖެއެވެ. ޖޯޝާ ފޯރިއާއެކު ކިޔެވުން ފުރިހަމަކުރަމުން ދިޔަ ރޫޔާގެ ކިޔެވުން މަޑުމަޑުން ހުލިވަމުން އަންނަކަންވެސް އޭނާއަށް އެނގެއެވެ. ދަރިފުޅަށް ވިސްނައިދޭން އޭނާ މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއް ނުވެއެވެ.

ދުވަހުގެ މެންދުރު ވަގުތެވެ. ފެންވަރާ ނަމާދުކޮށް ނިމިގެން ހަންނާ ކޮޓަރިން ނިކުތެވެ. އާދައިގެމަތިން ގޭތެރެއިން އޭނާއަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. ރޫޔާ ހުންނާނީ ކޮންތަނެއްގައިކަން އެނގޭތީ ހަންނާ އެރީ ޓެރަސް އަށެވެ. ދިގު އުނދޯލީގައި ރޫޔާ އޮށޯވެގެން އޮތެވެ. ނިތްމައްޗަށް އަތް އެއްލައިގެން ރޫޔާ އޮތީ ވިސްނުމާ ފިކުރުގެ ކަނޑަކަށް ގެނބިފައެވެ.

"ދަރިފުޅާ" ކައިރީގައި ހުއްޓިފައި ރޫޔާގެ އަތުގައި ހިފަހައްޓާލަމުން ހަންނާ ގޮވާލިއެވެ.

ރޫޔާ ތެދުވިއެވެ. ކައިރީގައި މަންމަ އިށީންނަން ތަން ދެއްކިއެވެ.

"ލަންޗް ނަގަން ދާން ހިނގާ" ހަންނާ ބުންޏެވެ.

"މަންމަ ކާނަންތަ؟" ރޫޔާ އެހިއެވެ.

"މަންމަ ކާހިތެއް ނެތް. ކޮފީ ބޯނަން" ހަންނާ ބުންޏެވެ.

ސައުވިސް ގަޑިއިރު ފާއިތުވެގެންދާއިރު މަންމަ ތި އިންނަނީ ކޮފީތައްޓެއް ބޮއެގެން. ތިހެން އުޅެނިކޮށް ބައްޕަ އައިސް މަންމަ ހިކިފައި ހުރިކަން އެނގުނީމަ ކިހާ ދެރަވާނެ" ރޫޔާ ބުންޏެވެ.

ހަންނާ އިސްޖެހިއެވެ. ބައްޕަ އަތުވެދާނެކަމަށް އަދިވެސް ރޫޔާ އިންތިޒާރު އެބަކުރެއެވެ. އެހެންނަމަވެސް ދުވަހަކަށް ފަހު ދުވަހެއް ހަންނާގެ އިންތިޒާރަށް އެދަނީ ހީނަރުކަން އަންނަމުންނެވެ. ފުރައިގެން ދިޔަފަހުން މަހަކާ ދިހަ ދުވަސްވިއިރު ފިރިމީހާ ދުނިޔޭގައި ހުރިކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ. ކަމެއް ނުވެ ފިރިމީހާ އެގޮތަށް ހަބަރެއް ނުވެ ނުހުންނާނެކަން އޭނާއަށް ކަށަވަރެވެ.

"މަންމާ! ބައްޕަ އަންނާނޭ އަދި" ރޫޔާ ބުންޏެވެ.

ރޫޔާ ބޭނުންވީ މަންމަ އުފާކޮށްދޭށެވެ. ދިޔަފަހުން ނިހާންގެ ހަބަރެއްވެސް ނުވާތީ ރޫޔާގެ ހިތްވަނީ ކުދިކުދިވެފައެވެ. ނިހާން ގެންގުޅޭ ރާއްޖޭގެ ދެ ނަންބަރުން ކުރެ އެއް ނަންބަރަކަށްވެސް ނުގުޅެއެވެ. ނިހާންގެ އާއިލާގެ އެހެން މީހެއްގެ ނަންބަރެއް ނޭނގެއެވެ. ނިހާންގެ ބައްޕަގެ ނަންބަރު އެނގެނީ ބައްޕަ އަށެވެ. ސޯޝަލް މީޑިޔާގައި ރޫޔާ ނޫޅޭތީ ނިހާންވެސް ނޫޅެއެވެ. ރޫޔާ އެވަނީ ގޮތް ހުސްވެފައެވެ. އަނެއްކޮޅުން ބައްޕައެވެ. ކިތަންމެ ހަމަޖެހިގެން އުޅެން ބޭނުންވިޔަސް ހިތުގައި ވަނީ ބިރުވެރިކަމެވެ.

(ނުނިމޭ)