ވާހަކަ

ކަފަވިލާތަކު ތެރޭ - 11

"ތިހެން ވެގެން ނުވާނެ..."

ފަރީދާގެ ކޮޓަރީގެ ދޮރުމަތިން ހުރަސްކޮށްލި ޒައިނާގެ ފިޔަވަޅުތައް ހުއްޓުވައިލީ އެ ކޮޓަރީގެ ތެރެއިން އިވުނު ފަރީދާގެ އަޑެވެ.

"މަށަށްވެސް އެނގުނީ ދެންމެ ދޮންބެ ބުނި އެއްޗަކުން..- އެ ފަރާތުގައި ވަކިން ތަނެއް ހަދަން ފެށީ ކީއްކުރަންތޯ އެހީމަ ދޮންބެ ބުނީ މާގިނަ ދުވަހެއް ނެތޯ... އެބައި ވީހާވެސް އަވަހަކަށް ނިންމަން ބޭނުމޯ... ގެއަށް އިތުރު މެހެމާނަކު އަންނާކަށް މާގިނަ ދުވަހެއް ނެތޯ.. ޔަގީން ކުރަން ހޮސްޕިޓަލްގެ ނަރުސް ކުއްޖަކާވެސް މަ ސުވާލު ކުރިން...- ލެބޯޓްރީގައި އުޅޭ ކުއްޖެކޭ އެއީ... އެ ކުއްޖާ ދޮގެއް ނުބުނާނެއެއްނު....-" އެއީ ނަތާޝާގެ އަޑެވެ.

"މާނައަކީ ޒިޔާދު... ޔާރައްބީ.... ތިހެން ވެގެން ކަމަކު ނުދާނެ" ފަރީދާގެ އަޑުގައި ހުރީ ހާސްކަމެވެ. "ތިހެން ވެދާނެތީ އެންމެ ކުރިންވެސް އަހަރެން ފިޔަވަޅު އަޅަން އުޅުނީ.... ނަތާޝާ ދެކޮޅު ނުހެދިނަމަ މިއަދު އިތުރު ކަންތައް ގަނޑަކާ ދިމާ ނުވީހެއްނު..."

"އެއީ އެހާ ރަނގަޅު ކަމަކަށް ނުވާތީއޭ އެކަމާ އެއްބަސް ނުވީ. މަންމަ އޭނާއަށް ހެޔޮ އެދޭވަރުން ވާހާ ކަންތައްމީ..."

"ހެޔޮ ނޭދި، ގޮތް ނުދައްކާ ކީއްކުރާނީ.... ކަލޭމެންގެ ބައްޕަ މަގޭ ބޮލަށް ޖަހާފައިދިޔަ ތުރާލެއް ވިއްޔަ އެއީ. އެކަމަކުން ސަލާމަތް ނުވެގެން އުމުރު ދުވަސް ބުރައަކަށް މިވަނީ...."

ފަރީދާގެ އަޑުގައި ހުރީ ނަފުރަތުގެ އަސަރެވެ. އިވެމުންދާ ވާހަކަތަކުގެ މާނަ ނުވިސްނިގެން ޒައިނާ ދެބުމަ ގޮށްޖަހައިލިއެވެ. ދެންވެސް އެތާނގައި އޭނާ މަޑުކުރިއެވެ. އިތުރު އެއްޗެއް އެނގިދާނެ ކަމަށް ވިސްނާފައި ދޮރާ ކައިރިއަށް ޖެހިލިއެވެ.

"އަހަރެމެންނަށްވުރެ މަންމަ އޭނާއަށް އިސްކަމެއްދޭ... އޭނާ ބޭނުން ގޮތަކަށް ހުރިހާ ކަމެއް ކުރާނީ... މަންމައަކަށް އޭނާ ކުރަން އުޅޭކަމެއް ނުހުއްޓުވެއެއްނު...- އެންމެ ފަހުން ވީގޮތް ކިހާ ރީތީ. މަންމަގެ ދަރިންނަކީ އަހަރެމެން..... އެކަމަކު މަންމަ ޒިޔާދަށް މާބޮޑު ކުލުނެއް ވިއްޔަ ހުންނަނީ. އެހެންވީމަ މިވަނީ ވާންވީގޮތް..."

އެއީ އަޒްލިފާގެ އަޑެވެ. އޭގެ މާނައަކީ ކޮބާ ބާވައެވެ. އެ ބުނަނީ ކީކޭ ބާވައެވެ. ގަބޫލުކުރަން ހާދަ ދަތިވާ ކަހަލަ ވާހަކައެކެވެ. ޒައިނާ ހައިރާންވެފައި ވިސްނައިލިއެވެ.

"ކުލުނު ހުރެގެނެއް ނޫނޭ އެ ގޮތް ދައްކަނީ. މަޖުބޫރުވާތީ. ކަލޭމެންގެ ބައްޕަ މަރުވީ ހުރިހާ މުދަލަކާއި ބިމެއް އޭނާގެ ރަންދަރިއަށް ހިބަކޮށްދީފައި. ޒިޔާދު ބޭނުން ކޮންމެ ގޮތަކަށް ކަންތައް ކުރެވޭނެ. މިހާރުވެސް މަށަށް ދީފައި އޮންނަ ބާރު އޮތީ މަ އޭނާއަށް ހެޔޮކޮށް ހިތާވަރުން. އެ ނޫން ގޮތެއް ނެތީމާ އޭނާ ދެކެ ލޯބިވާކަން ދައްކަން ޖެހޭނެއެއްނު. މަށަކީ އޭނާގެ މަންމަ ނޫނަސް މަށަށް ހެޔޮކޮށް ހިތަނީ މަ އޭނާއަށް ރަނގަޅަށް ކަންތައް ކުރާތީ. ކަލޭމެނަށް ހީވަނީ މަގޭ ހިތަށް އެއްޗެއް ނާރާ ހެންތަ؟ ކަލޭމެންގެ ބައްޕަ ލޯބިވެގެން އިން މީހަކީ މަށެއް ނޫނޭ. މަށާ އިންނަން ޖެހުނީ ކަލޭމެންގެ ކާފަގެ ބަހަށް... މަގޭ ހިތް ޒިޔާދަށް ހެޔޮކުރާނީ ކިހިނެއް...؟ ކަލޭމެންގެ ބައްޕަ އެ ޒިޔާދުގެ އަމައާ ހެދި އުޅުނު ގޮތް އެނގޭނީ މަށަކަށްނު..."

"މަ އެ އަންހެން މީހާއަށް ދެރަގޮތެއް ހަދާލާފާނެތީ މި ރަށަކަށްވެސް ނުގެނޭ. އެކަމަކު މަށަށް ޖެހުނީ އޭނާގެ ދަރި ބަލައި ބޮޑުކުރަން." ފަރީދާގެ އަޑު އިވުނެވެ.

"ނަސީބު ކުޑަ ފިރިހެންދަރި ދުނިޔެއަށް އައިގޮތަށް އަމާ ކާލައިފި. ދެން އެ ސުންޕާ ބަލަން ޖެހުނީ މަށަށް. ކިތަންމެ ރުޅި އަޔަސް އޭރު ކަލޭމެންގެ ބައްޕައާ ހެދި މަށަކަށް އެ ރުޅި ނުދެއްކޭ. މަގޭ ފާޑު އެނގޭތީ މަރުވަމުން ހުރިހާ ބާރަކާއި ވެރިކަމެއް ޒިޔާދަށް ދީފައި ކަލޭމެންގެ ބައްޕަ އޮތީ. ދެން ތައްބައްދައިގެން ހުރުން ނޫންގޮތެއް އެބައޮތްތަ؟ މިހާރު އަނެއްކާ އަނެއް މުސީބާތެއް ލައިގަތީ. މުޅި ގެއަށާއި މި މުދަލަށް ވެރިކަން ކުރާނެ ދަރިއަކު ލިބެން އެ އުޅެނީ. ކިހިނެއް ހަދާނީވެސް..."

އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހަން އެތަނުގައި ހުންނާކަށް ޒައިނާ ބޭނުމެއް ނުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ނުކުމުގެން ދިޔަގޮތަށް ޒައިނާ ހުއްޓުނީ ގޭގެ ފުރަގަހުން ގޯތިތެރޭގައި އަލަށް ރާނަން ފަށާފައި ހުރިގެ ރާނަން ތިބި ބިދޭސީންނާ ވާހަކަދައްކަން ހުރި ޒިޔާދުގެ ގާތަށެވެ. ޒައިނާގެ މޫނު ފެނުމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ދެނެގަންނާކަށް ޒިޔާދަކަށް އުނދަގުލެއް ނުވިއެވެ.

"މިތަނަށް ތިއައީއޯ؟ ސިމެންތި ވަހާއި ހިރަފުހުގެ ތެރެއަށް ނާންނާށޭ ބުނީމެއްނު" ޒިޔާދު ޒައިނާގެ ގާތަށް ޖެހިލިއެވެ.

"ވާހަކައެއް ދައްކަންވެގެން..."

"މި ގަޑީގައި؟!"

ޒިޔާދު ހައިރާންވެފައި އަހައިލިއެވެ. އެހެން ނަމަވެސް ހަމަ ވަރަށް އަވަހަށް ހިނިތުންވެލުމާއެކު އެނބުރި މަސައްކަތު މީހުނަށް ދެތިން ކަމެއް ބުނެދިނުމަށްފަހު "ހިނގާ ދާން" މިހެން ބުންޏެވެ.

"އުނހު" ޒައިނާ ގޭތެރެއަށް ދިއުމަށް ދެކޮޅު ހެދިއެވެ.

"އަތިރިމަތީގައި ހުރި ޖޯލިފައްޗަށް ހިނގާބަލަ. ހޫނުވެސް ދުވަހެއްނު"

ޒައިނާ ބޭނުންވީ ގެއާ ދުރުގައި އެއްވެސް މީހަކަށް ނީވޭ ހިސާބެއްގައި ޒިޔާދާ ވާހަކަ ދެއްކުމަށެވެ. ވެގެން އުޅެނީ އެހާ ރަނގަޅު ކަމެއް ނޫންކަން ޒިޔާދަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން އިތުރަށް ވާހަކަ ދެއްކުމެއްނެތި ޒިޔާދު، ޒައިނާއާއެކު ދާން ހިނގައިގަތެވެ.

އަތިރިމަތީގެ ހިތްފަސޭހަ މާހައުލު އޮތީ އެކަނިވެފައެވެ. ވަގުތާއި ހާލަތު ޒައިނާއާ އެހީވި ކަހަލައެވެ.

ވަރަށް ހަމަޖެހިލުމަށްފަހު ޖޯއްޔެއްގައި އިށީން ޒިޔާދަށް ޒައިނާގެ ފަރުވާތެރި ލޮލަކުން ބަލައިލިއެވެ. ކިހާ އުފާވެރި މޫނެއް ހެއްޔެވެ. އެއްވެސް ވޭނެއްގެ އަސަރެއް ނެތް ރީތި ލޮލެކެވެ. ޒައިނާގެ ހިތަށް ތަދުވީ އެތައް އަހަރެއް ވީއިރުވެސް އޭނާ ދެކެ އެއްވެސް ޝަރުތެއްނެތި ލޯބިވާ ފިރިމީހާގެ އެހާ ހިތްދަތި ސިއްރެއް ނޭނގި އޮތުމުންނެވެ.

"ޒިޔާދުގެ މަންމައަށް ކިޔަނީ ކޮންނަމެއްތަ....؟" ޒައިނާ ފުރަތަމަ ސުވާލުކުރިއެވެ.

"ފޮތު ނަމަކީ މަރިޔަމް ދިއެ، މީހުން ކިޔާއުޅެނީ.... " ޒިޔާދު ޖުމްލައެއް ފުރިހަމަ ނުކުރިއެވެ.

"މީހުން ކިޔައި އުޅެނީ..؟ ކީކޭތަ؟" ޒައިނާ އަހާލިއެވެ.

"މީގެކުރިން ދުވަހަކުވެސް ނުކުރާ ސުވާލެއް މިއަދު ކުރީ ކީއްވެތޯ ނާހާނަން.... ޒައިނާއަށް ތި އިވުނީ ތެދު ވާހަކައެއް"

ޒިޔާދުގެ ރީތި ހިނިތުންވުމަށް އެއްވެސް ބަދަލެއް ނާދެއެވެ. "އެކަމަކު ދުވަހަކުވެސް ޒައިނާއަށް ދޮގެއް ނަހަދަން އިނގޭ. މަންމަ، އުފަން މަންމަގެވެސް ދޮންމަންމަގެވެސް ފޮތު ނަމަކީ އެއް ނަމެއް. ތަފާތަކީ އެއީ ދެ ރަށެއްގެ ދެ މީހުންކަން...."

"އެހާ ބޮޑުކަމެއް.... ދުވަހަކުވެސް ޒިޔާދު އެ ވާހަކަ ނުދައްކަމު... އަހަރެން ދެކެ ގޭގެ އެންމެން ރުޅި އަންނަނީ ކޮންމެހެން އަހަރެން ވީމައެއް ނޫން. އެއީ ޒިޔާދު ދެކެ އަންނަ ރުޅި. އެހާ ބޮޑު ވޭނެއް، އެކަނިމާ އެކަނި، ކީއްވެ؟ އަހަރެން އެހާ ގާތް މީހަކަށް ނުވަނީތަ؟" ޒައިނާ ޒިޔާދުގެ އަތްތިލައިގައި ހިފައިލިއެވެ.

"އުނހު. އެއްގޮތަކަށްވެސް އެހެން ވެގެންނެއް ނޫން" ޒިޔާދު ތެޅިގެންފައި ޒައިނާގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހައިލިއެވެ.

"ހަނދާންވޭތަ؟ އަހަރެން އަބަދުވެސް ބުނަމެއްނު. ކޮންމެ މީހެއްގެވެސް މާޒީއަކާއި ސިއްރުތަކެއް އޮންނާނެއޭ"

އެތަކެއް އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް ޒައިނާއަށް ޒިޔާދުގެ ބަރު އަސަރުގަދަ ރީތި އަޑުގައި ފޮރުވިފައިވާ ވޭނާއި ރިހުން އިހުސާސް ކުރެވުނީ އެ ވަގުތެވެ.

"މަންމަ. މަންމައަކީ ހާދަ ލޯބި ހާދަ ހާއްސަ މީހެކޭ. މަންމަ ނެތުމަކީ ހާދަ ބޮޑު ވޭނެކޭ. ޒައިނާއަށް އެނގޭތަ؟ ތަންދޮރު އެނގެން ފެށިއިރު އަހަރެންގެ ވެސް މަންމައެއް ހުރީތީ އަހަރެން ވަރަށް އުފާވި. އެކަމަކު މާގިނަ ދުވަހެއް ނުވެ ބައްޕަ ވަރަށް ލޯބިން އަހަންނަށް ވިސްނައިދިނީ އެއީ މަގޭ މަންމަ ނޫންކަން. އަހަރެން ވިހެއުމުގެ ތެރޭ މަންމަ ނިޔާވިކަން. އެ ދުވަހަކީ އަދި އަދަށް ދާންދެން ވެސް މަގޭ މުޅި ހަޔާތުގައި ގިސްލާ ރުއި ހަމައެކަނި ދުވަސް. އޭރު މަގޭ އުމަރަކީ ނުވަ އަހަރު. އެކަމަކު އަހަރެން ފަހަރެއްގައިވެސް ދޮންމަންމައާ ދޭތެރޭ ތަފާތުކޮށް ނުދެކެން. މަ ބަލައި ބޮޑުކޮށް ތައުލީމުދީ، މީހަކަށް ހެދީ އެ މަންމަކަން ޝުކުރުވެރިކަމާއެކު އަހަރެން ގަބޫލުކުރަން. މަށަށް ހެޔޮ ނުބައި މަންމަ ބުނެދިނީތީ ގޯޅި ނާޅާ ރަނގަޅު މީހަކަށް މަވީ..."

ކިތަންމެ އުމުރުން ބޮޑުވިޔަސް މަންމަގެ ވާހަކަ ދައްކާއިރު ޒިޔާދުގެ އަޑުގައި ކިހާ ޅަކަމެއް އެބަހުރި ހެއްޔެވެ.

"މަންމަ. ފިރިހެން ދަރި"

ޒައިނާގެ ހިތުގައި ރިއްސައިލިއެވެ. އެއީ އޭނާއަށްޓަކައި ކިހާ އަޑުއަހަން އުނދަގޫ ވާހަކައެއްކަން ޒިޔާދަށް އެނގޭނެ ނަމައެވެ.

"އަހަރެން މިއަދު މިހުރި ހިސާބަށް އައީ މަންމައާ ހެދި. މަންމަގެ ހެޔޮކަމުން. އެކަން އަހަރެން އަބަދުވެސް ހަނދާން ހުންނާނެ. ދުވަހެއްގައިވެސް މަށަކަށް މަންމަ ތަފާތު ގޮތަކަށް ކަންތަކެއް ނުކުރޭ. އެހެން ކުދިންނަށްވުރެ މަށަށް އިސްކަމެއް ދޭ"

"އެއީ ލޯބިވާތީއެއް ނޫން. މަޖުބޫރުވާތީ" ޒައިނާއަށް ބާރަށް ބުނެވުނެވެ.

"މުދަލާއި ގޯއްޗާއި ހެދި މަޖުބޫރުވާތީ ދަޅަ ދައްކަނީ. މުދަލުން މަހުރޫމް ވެދާނެތީ. ގެއިން ގޯތިން ބައެއް ނުލިބިދާނެތީ"

"އެނގޭ" ޒިޔާދުގެ އެ ބަސް އަޑުއިވުމުން ޒައިނާ ހައިރާންވިއެވެ.

"ތި ހުރިހާ ކަމެއްވެސް އެނގޭ. ބައްޕަ ނިޔާވިއިރު ހުރިހާ މުދަލަކާއި ބިމެއް ހިބަކޮށް ދިނުމުން މަ ދެކެ މަންމަ އިތުރަށް ރުޅި އަންނަކަންވެސް އެނގޭ. އަސްމާކޮއްކޮ ނޫނީ ގޭގެ އެއްވެސް މީހަކު މަ ދެކެ ހިތުގެ އަޑިން ތެދުވެރިކަމާއެކު އެއްވެސް ކުލުނެއް ނުހުންނަކަންވެސް އެނގޭ. އަސްމާ ކޮއްކޮއަށް މަށަކީ މަންމަގެ އުފަން ދަރިއެއްކަން އެނގޭނަމަ އެ ކުއްޖާވެސް މަށާ މެދު ހިތް ނުބައި ވާނެކަން ނޭނގޭ"

ޒިޔާދުގެ އަޑުގައި ހުރި ދެރަވުން އިހުސާސްވުމުން ޒައިނާގެ ހިތް ގެނބިގެން ދިޔައެވެ. ފިރިހެން ދަރިންނަކީ މައިން ދެކެ ހާދަ ލޯބިވާ ބައެކެވެ. އެކަން ޒައިނާއަށް ކުރިން އެނގުނު ނަމައެވެ.

"އެކަމަކުވެސް އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ. މަންމައަށް ދުވަހަކުވެސް ދެރައެއް ނުދޭނަން. ހަގަށް ތިބި ކޮއްކޮމެނަށް އެއްވެސް ކަމަކުން އުނިވިޔަކަވެސް ނުދޭނަން.. މަންމަ، ކޮންމެ މަންމައަކީ ވެސް ހާދަ ލޯބި... ހާދަ މާތް މީހެކޭ. މަންމަގެ ލޯބި ލިބުމަކީ ހާދަހާ ބޮޑު ނަސީބެކޭ"

ޒައިނާގެ އަނގައިން ވޭނީ އާހެއް ނުކުތެވެ. ޒިޔާދުގެ ހިތުގައި އެހާ ބޮޑު ސިއްރެއް ފޮރުވާފައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެހާ ރިހުންދޭ ސިއްރެއްގެ ވާހަކަދެއްކުމަކީ އެ ރިހުން ބޮޑުވާ ކަމެކެވެ. އެކަން ޒައިނާއަށް ވުރެ ރަނގަޅަށް އެނގޭނީ އެހެން ކާކަށް ހެއްޔެވެ.

"އަހަރެންގެ ކޮންމެ ހެޔޮ ދުއާއެއް މަންމައާއި މަގޭ ކޮއްކޮމެނާއެކު ވާނެ. މަގޭ އުފަން މަންމަ ނޫނަސް. މަށަށް މަންމައެއް ފަދައިން ފެނުނު މީހަކީ އެއީ.... ކޮންމެވެސް ދުވަހަކުން އަހަރެން ދެކެ މަންމަ ލޯބިވާނެ. ނޭނގެނީ ކޮން ދުވަހަކުން. ކޮން އިރަކުން ކަން. އަހަރެން އަބަދުވެސް ބުނަމެއްނު. ހަޔާތުގެ ކާމިޔާބާއި އުފަލުގެ އަސްލަކީ ޔަގީންކަމޭ. އަހަރެން ޔަގީން ކުރަނީ ކޮންމެވެސް ދުވަހަކުން މަ ދެކެ ތެދުހިތުން މަންމަ ލޯބިވާނެކަމަށް. އަހަރެންގެ އުފާވެރިކަމުގެ ސިއްރަކީ އެ ޔަގީންކަން...."

ޒިޔާދު އުފާވެރި ހިނިތުންވެލުމަކާއެކު ޒައިނާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.

"މި ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވާ. މި ރަށުގައި ވެސް މަށަކީ އެހެން ރަށެއްގެ މީހެއްގެ ދަރިއެއްކަން އެނގެނީ މަދު ބަޔަކަށް. ވަގުތާއެކު އެކަން އެނގޭ ގިނަ މީހުންވެސް އެކަން ހަނދާން ނައްތާލައިފި. ޒައިނާވެސް މި ވާހަކަ ހަނދާން ނައްތައިލާ. މިހާރު ދެން، އަހަރެން ބައްޕައަކަށް ވަނީ. އާ ގޮތަކަށް. އާ ބަދަލަކަށް.... އާ ޒިންމާއަކަށް ތައްޔާރުވާން ޖެހިފައި އޮއްވައި އެހެން ކަންތަކަށް ވަގުތު ދޭނީ ކިހިނެއް؟"

ޒިޔާދަކީ އަޒުމުގައި ވަރުގަދަ ފިރިހެނެކެވެ. ބަހުގެ އިތުބާރު ހިފޭ ތެދުވެރިއެކެވެ. އެއްވެސް ކަމެއްގައި ފަރުވާ ކުޑަވެ އަމިއްލަ ޒިންމާތައް ދޫކޮށެއް ނުލައެވެ.

"ކަނބުލޯ...... ބައެއް ކަންތައް އެނގުނަސް އެކަންތައް ނޭނގޭ ކަމަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް. އެއްވެސް މީހަކީ ހަޔާތުގައި ކޫރުމެއް ނޭޅި، ވޭނެއް ނެތި ތާއަބަދަށް އުފަލާއި ހިތްހަމަޖެހުމުގައި އުޅޭނެ މީހެއް ނޫން. ދިރިއުޅުމުގެ މާނައަކީ ދަތި އުނދަގޫ ކަންތައް ހައްލު ކުރަމުން އުފަލާއި ހިތްހަމަޖެހުން ހޯދުން. އަދި އެއްވާހަކަ ބުނަންތަ؟"

ޒިޔާދު ލޯތްބާއެކު ޒައިނާގެ އަތްތިލައަށް ބާރުކޮށްލިއެވެ. ޒައިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"އަހަރެން ކަނބުލޮ ގޮވައިގެން ރަށަށް އައުމުގެ ކުރިން މި ހުރިހާ ވާހަކައެއް އެކަކަށް ކިޔައިދިނިން. އެމީހާ އަހަންނަށް ހިތްވަރުދިނީ ކުރިމަތިލުމަށް. ފަހަތަށް ޖެހިގެން ފިލައިގެން އުޅުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫންކަމަށް އެމީހާ ބުނެދިން. ކަނބުލޮ ގޮވައިގެން ރަށަށް އަންނަށް އަހަރެން ޖެހިލުންވާތީ އެމީހާގެ ހިޔާލެއް ހޯދީ. އެހާ ކެރިގެން ކަނބުލޮ އެކަނި ބަހައްޓާފައި ފުރައިގެން ދިޔައީވެސް އެހެންވެ...."

ޒައިނާ ގަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށް ޒިޔާދުގެ ދެލޮލަށް ބަލައިލިއެވެ.

"ނިންމީ. ނިންމި"

ޒައިނާއަށް މަޑުމަޑުން ބުނެލެވުނީ ނަޖުމުގެ ނަމެވެ. ޒިޔާދު އާނއެކޭ ބުނެލީ އުފާވެފައި އިނދެއެވެ.

"އާނ. އެމީހަކީ ނަޖުމް. ކަނބުލޮގެ ނިންމި. އެއީ ހާދަ ހެޔޮ ރައްޓެއްސެކޭ. އޭނާއާ މެދު ގޯސްކޮށް ވިސްނާނީ ކިހިނެއް. އެހާ ހިތްހެޔޮ އޯގާތެރި ރައްޓެއްސަކު ލިބޭނީ މަދު ނަސީބުވެރިއަކަށް. މަށަށްވުރެ ދެ އަހަރު ވަރަކަށް ބޮޑުވިޔަސް ވާހަކަ ދެކެވޭއިރު ހީވާނީ މަންމައެއްހެން. ނޫނީ ވަރަށް ތަޖުރިބާ ހުރި ބޮޑު ދައްތައެއް ހެން. ކަނބުލޮ ބުނަނީ ވަރަށް ބޮޑު ތެދެއް. ނިންމިއަކީ މަންމައޭ ދައްތައޭ ބުނަނީ އެހެން ބުނުން ހައްގުވާތީކަން ގަބޫލުކުރަން..." ޒިޔާދު ނަޖުމަށް ތައުރީފު ކުރިއެވެ.

ޒިޔާދާއި އެހެން މީހުންގެ ތަފާތަކީ އެއީއެވެ. އެހެން މީހުން ނަޖުމް ނޭނގި ނަޖުމަށް ފާޑުކިޔައެވެ. އެކަމަކު ޒިޔާދު ނަޖުމާ ވާހަކަދައްކައި ހިޔާލު ބަދަލުކުރުމުގެ ތެރޭގައި ނަޖުމަކީ ކާކުކަން ދެނެގަތީއެވެ. ކަމެއްގެ ހަގީގަތް ހޯދުމަށް އެކަމެއް ރަނގަޅަށް ދެނެގަނެ އެނގެން ޖެހޭނެއެވެ. ޒިޔާދުގެ މިޒާޖުގައި ހުންނަ ގޮތަކީ އެއީއެވެ.

އިވޭހާ އަޑަކީ ޒިޔާދު ބުނާގޮތުން ނަމަ ގަބޫލުކުރަންޖެހޭ އަޑެއް ނޫނެވެ. އަޑެއްކިއްޔާ ރެނދެއްލާނެއޭ ބުނާ ބަސް ހަމަ ކޮންމެ ފަހަރަކު ތެދަކަށް ވާކަށް ނުޖެހެއެވެ. ރެނދުލާފައި އަޑު ނުކިޔާ ފަހަރުވެސް އަންނާނެއެވެ. އަދި އަޑު ކިޔާފައި އެންމެ ކޫރުމެއް ނޭޅޭ ފަހަރުވެސް ދިމާވަނީ މަދެއްކޮށް ނޫނެވެ.

**********

(ނުނިމޭ)