ދޮރުން އެތެރެއަށް ވަން ސާލިމް އާއި ލަތީފާ ފެނިފައި ނިހާނާއި ރޫޔާއަށް ލިބުނީ ހައިރާންކަމެވެ. ހަންނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ފަހަތުގައި ރޮވިފައި ހުރި ޝާނާ ފެނުމުންނެވެ.
އެހެންނަމަވެސް ރޫޔާގެ ނަޒަރު ހުއްޓުނީ ޝާނާ ކައިރީގައި ހުރި ނޭހާ އަށެވެ. އެވަގުތު އެއީ ނޭހާ އާއި ރޫޔާގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވި ވަގުތެވެ.
"ރޫޔާ..."
ސާލިމް އަށްވުރެ ކުރިން އެތެރެއަށް ވަނީ ނޭހާއެވެ. ރޫޔާ ވެސް ކުރިއަށް ޖެހުނެވެ. އުފަލުން ފޮޅިފައި ތިބެ ދެ އެކުވެރިން އެކަކު އަނެކަކުގެ އަތުގައި ހިފާލިއެވެ. ބައްދާލިއެވެ. އެއީ އެއް އިރެއްގައި ދެ ބެސްޓްފްރެންޑުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ހަނދާންކުރަން ބޭނުންނުވާ އިންސާނެއްގެ މަތިން ރޫޔާ ހަނދާންވިއެވެ. ވަގުތުން އެ ހަނދާންތައް އޭނާ ހިތުން ނެރުނެވެ. ރޫޔާ އާއި ނޭހާގެ ހަރަކާތްތައް ބަލަހައްޓައިގެން ތިބި ހުރިހާ މީހުންނަށް ސިހުން ގެނައީ ކުއްލިއަކަށް ޝާނާ ގެއިން ނިކުންނަން އުޅުނު ވަގުތު ލަތީފާ ހަޅޭއްލަވައިގަނެފައި ޝާނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"ކަމެއް ގޯސްވީތަ؟" ހަންނާ އަހާލިއެވެ.
"ވަރަށް ގިނަ ކަންކަން ގޯސްވެއްޖެ. އަހަރެން ލަދުވެސްގަނޭ. ނިހާން! ތިއީ ދައްތަގެ ދަރިއެއް ފަދަ ކުއްޖެއް. ދައްތައަށް މައާފުކުރޭ. ޝާނާ އެ މުޑުދާރު ވާހަކަތައް ދައްތަ ކައިރީގައި ދެއްކިއިރުވެސް ހީވި މިކަމުގައި ހަގީގަތެއް ނެތޭ. ދައްތަގެ ދަރިއަކަށް ވިޔަސް ޝާނާ އެ ކުރި ކަންތަކަށް ދައްތަ އެއްބާރުލުމެއް ނުދޭނަން" ލަތީފާގެ ދެލޮލުން ކަރުނަ ފެންނަން ނެތް ނަމަވެސް އޭނާގެ އަޑުން އެކަނިވެސް ހިތަށް އަސަރުކޮށްފައިވާ މިންވަރު ހާމަވެއެވެ.
"ދައްތަ ނުޖެހޭނެ އެއްވެސް ކަމަކަށް މައާފަށް އެދޭކަށް. ދައްތަ ނޫނަސް އެ ވަގުތު ކޮންމެ މަޔަކަށްވެސް އިހުސާސްތައް ހިފަހައްޓައެއް ނުލެވޭނެ" ނިހާން ބުންޏެވެ.
"މިގެއަށް މި އަންހެނާ ގޮވައިގެން މިއައީ ނިހާންގެ ކިބައިން މައާފަށް އެދުވަން. އެކަމަކު މިއީ ފިސާރި އަންހެނެއް. މިތަނުގަ ހުރެގެން ކިޔެވޭނެ ވަރަކަށް މިހުރީ ކިޔެވިފަ. ދެން ލާހިކެއް ނޫން. ފުރުމުގެ ކުރިން ގެއިން ނިކުތަސް ދެފައި ބިންދާލާނަން" ޝާނާގެ އަތުގައި ހިފައި ދަމަމުން ލަތީފާ އެގެއިން ނިކުތެވެ. ނިހާންގެ ކިބައިން މައާފަށް އެދެވުނީތީ އޭނާއަށް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް ޝާނާގެ ފުށުން އެފަދަ އަމަލެއް ފެނުނީތީ ހިތަށް އުނދަގޫވަމުން ދިޔައެވެ.
"ދަރިފުޅާ!" ހަންނާ މުހާތަބްކުރީ ނިހާން ކައިރީގައި ހުރި ސާލިމް އަށެވެ. އޭނާ 'ދަރިފުޅު' ގެ ނަމުން ސާލިމްއަށް މުހާތަބް ކުރީ އެވަގުތު ސާލިމްގެ ނަން ހަނދާނަށް ނައުމުންނެވެ.
"ޝާނާ އެއީ ޒުވާން އަންހެން ކުއްޖެއް. އެ އުމުރުގައި ޒުވާން ޖޯޝުގައި އަތުންފައިން ގޯސްތައް ހެދޭނެ. މަންމަ މިވަގުތު އެހުރީ ވަރަށް ބޮޑަށް ރުޅި އައިސްފަ. ރުޅިއައިސްގެން ހުންނައިރު އެހާ ރަނގަޅު ވިސްނުންތަކެއް ނާންނާނެ. މަންމައަށް ވިސްނައިދޭން މިވަގުތު ހުރި މީހަކީ ތިއީ. އެހެންވީމަ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރުން ހުއްޓިފައި ހުރި މިވަގުތު މަންމަ އަތުންފައިން ގޯހެއް ހެދުމުގެ ކުރިން ހުއްޓުވާ" ހަންނާ ވާހަކަދެއްކިއެވެ.
އެ ވާހަކަތައް ސާލިމް ގަބޫލުކުރިއެވެ. އޭނާ އެވަގުތު ހުންނަންޖެހޭނީ މަންމަ ކައިރީގައެވެ. އެވަގުތު އޭނާއަށް ހުދު އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވުނެވެ. އެންމެންގެ ކުރިމަތީގައި އެގޮތަށް ކޮއްކޮ ބޭޒާރުކޮށްގެން ނުވާނެއެވެ. މަގު އޮޅިފައިވާ އިންސާނަކަށް ހެޔޮ ނަސޭހަތްދޭނީ އެންމެންގެ ކުރިމަތީގައެއް ނޫނެވެ. ސިއްރިއްޔާތުގައި އެކަން ކުރިނަމަ ލިބޭނެ އަޖުރުވެސް ބޮޑުވާނެއެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް އެ ވިސްނުން ނައީއެވެ. ޝާނާ ދެކެ އައިސްފައިވާ ރުޅިންނެވެ.
"ނޭހާ މިގޭގަ ކުޑަ އިރުކޮޅަކު ބަހައްޓަންވީނުން" ގެއިން ނިކުތުމުގެ ކުރިން ސާލިމް ނޭހާއަށް ބަލައިލިއެވެ. ގެއަށް ދާން ހިނގާށޭ ބުނާ ކަހަލައެވެ. އެކަމަކު ރޫޔާ އެކަނި އެދުމެއް ނޫންކަން ސާލިމްއަށް އެނގުނީ ނޭހާ ބޯޖަހާލިތަން ފެނުމުންނެވެ.
****
ހަންނާ ނޭހާގެ މޫނުގައި ފިރުމާލިއެވެ. ނޭހާއަށް އައިސްފައިވާ ބަދަލު ފެނުމުން ހަންނާ ހިތްހަމަޖެހުނެވެ. ނޭހާ އަކީ މީގެކުރިން ރޫޔާ އާއެކު އަބަދު ގެއަށް އައިސް އުޅުނު ކުއްޖެކެވެ. އޭރު ރޫޔާ ފަދައިން ނޭހާ ދެކެވުނީ ދަރިއެއް ގޮތަށެވެ.
"މަންމަމެން ރަނގަޅުތަ؟" ހަންނާ އަހާލިއެވެ. ހީލަމުން ނޭހާ ބޯޖަހާލިއެވެ.
"މަންމައަށް އެނގޭ ތި ދެކުދިން ދިމާވީ ވަރަށް ގިނަ ދުވަސްކޮށްފަކަން. އެހެންވީމަ ދައްކަން ވަރަށް ބައިވަރު ވާހަކަ ހުންނާނެކަން. މަންމަ މިދަނީ މެންދުރަށް ކާއެއްޗެއް ހަދަން ބަދިގެއަށް" ހަންނާ ބުންޏެވެ.
ނޭހާ ގޮވައިގެން ރޫޔާ އެރީ މައްޗަށެވެ. ގޭ ހުރިހާ ތަނެއް ނޭހާއަށް ދައްކަމުން އެންމެފަހުން އެރީ ޓެރަސް އަށެވެ. ޖާގަ ތަނަވަސް ހާމައަށް އޮތް އެ ސަރަހައްދުން ނޭހާއަށް ހީވީ ހިތަށާއި ސިކުނޑީގައިވާ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔަހެންނެވެ. މޫނު އައިސް ބީހިލި ފިނި ވައިރޯޅިން ސިކުނޑި ތާޒާ ކުރުވައިފިއެވެ.
"ކުއްލިއަކަށް ހާދަ ބަދަލެއް. ކޮންއިރަކު މެރީކުރީ" ރޫޔާ ބުންޏެވެ.
ދެކުދިން ވާހަކަދައްކާލަން މަޑުކޮށްގެން ތިބީ ރެއިލިންގ ކައިރީގައެވެ.
"އަދި ނުވޭ ދެ ދުވަސް ވެސް. މިއީ ހަމަ ކުއްލިއަކަށްވި ކަމެއް" ނޭހާ ބުންޏެވެ.
"ރޫ... އަހަރެން ވަރަށް ވަރަށް އުފާވެއްޖެ. އަލްހަމްދުލިއްލާހް. މިހުރިހާ ދުވަހު މިތާތަ އުޅުނީ. އަހަރެން ހިއެއްވެސް ނުކުރަން މިހެން ދިމާވެދާނެ ކަމަކަށް. މެރީކޮށްފިންތަ؟ މިކޮޅުގަ ކިޔަވަނީތަ؟ އޯ ޖޮބްގަތަ؟ ޕްލީޒް ކިޔައިދީބަލަ. ކީއްވެތަ ކުއްލިއަކަށް މިތަނަށް ބަދަލުވީ؟" ނޭހާ އިނީ ހިތް އަވަސްވެފައެވެ. ރޫޔާގެ ހުރިހާ ވާހަކަތަކެއް އެނގެން ބޭނުންވެފައެވެ.
ރޫޔާއަށް ހެވުނެވެ. ހަނދާނަށް އައީ ނޭހާއާ އެކުގައި ކިޔެވި ދުވަސްތައް މަތިންނެވެ. އޭރުވެސް ނޭހާ އަކީ ސުވާލެއް ކޮށްފިއްޔާ އެ ސުވާލުގެ ތެރެއިން އެތައް ސުވާލެއް އުފައްދާ ކުއްޖެކެވެ.
"ރިލޭކްސް މަންޖޭ..." ހޫމް.... ފަށަންވީ ދޯ..." ރޫޔާ ހަމަޖެހިލިއެވެ.
"މިތަނަށް އަންނަން ކުއްލިއަކަށް ބައްޕަ ނިންމީ. މިތަނުގަ ކިޔަވަނީ. އަދި ޖޮބަކަށް ދާން ނުވިސްނަން. މެރީއެއް ނުކުރަން. އެންމެބޮޑު ކަންތައް. އަހަރެން ނޭ މަތިން ވަރަށް ހަނދާންވި. ފޯނު ނަންބަރު ބަލަދުކުރީ.... އޭނާގެ އުނދަގޫ ބޮޑުވީމަ. މިހާރު ވަރަށް ބޮލަށް ފަސޭހަ. ސޯޝަލް މީޑިޔާގެ އެއްވެސް ވަސީލަތެއް މިހާރު ބޭނުމެއް ނުކުރަން. މިތަނުން އަހަންނަށް އަހަރެން ބޭނުން ހުރިހާ އުފަލެއް ލިބޭ. މިތަނުން ދާހިތެއް ނުވޭ. އަހަންނަށް މަދުވަނީ ހަމައެކަނި ތި އެކުވެރިޔާ. އަލްހަމްދުލިއްލާހް. ނޭހާއާ ވެސް ބައްދަލުވެއްޖެ" ރޫޔާ ވާހަކަދެއްކިއެވެ.
އެ ހިސާބުން ދެކުދިންނަށް ފިނި ބުއިމެއް ހިފައިގެން ނޯކަރު ކުއްޖެއް މައްޗަށް އެރިއެވެ.
"ރޫ ހޯދަން މީހަކު ވަރަށް މަސައްކަތް އެބަކުރޭ" ނޭހާ ބުންޏެވެ.
"އެނގޭ. އެކަމަކު އަހަރެންގެ ޝައުގެއް ނެތް" ރޫޔާ ބުންޏެވެ.
"އެނގޭތަ؟ ރޫ ކޮލެޖަށް އައުން ހުއްޓާލިފަހުން ވަރަށް ގިނަ ކަންކަން ބަދަލުވި. ޝައުން އަހަރެން ކައިރިން ރައްޓެހިވާން އެހީ. އަހަރެން އުފަލުން ގޮތެއް ނެތް. ރައްޓެހިވިން. މެރީކުރަންވެސް ނިންމިން. މަންމަމެން ކައިރީގަވެސް އެ ވާހަކަތައް ދެއްކިން. އެކަމަކު ފަހުން ވިސްނުނީ ލޯބިވީ އަހަރެން އެކަނިކަން. ޝައުން ބޭނުންވީ އަހަރެންގެ ހަށިގަނޑު. އެއްވެސް ޝަކުވާއެއް ނެތި އަހަރެން ކައިވެނިން ބޭރުން ޝައުން.... އަށް....." ނޭހާއަށް އެ ވާހަކަތައް ދައްކަން އުނދަގޫވިއެވެ. ދެލޮލުން ކަރުނަ ހިލުވާލީ އެހެންވެއެވެ.
"އަހަންނަށް އެނގޭ ނޭ ލޯބިވަނީ ޝައުން ދެކެކަން. އަހަރެން ޝައުން ދެކެ ރުޅި އަންނަނީ ނޭ ލޯބިވާކަން އެނގޭއިރުވެސް އޭނާ މާ ނޭނގޭ ކަމަށް ހަދައިގެން އަހަރެން ފަހަތުން އުޅޭތީ. އެ ދުވަހު ކުލާސްތެރޭގަ ލަދުގަންނަވާލީވެސް ފޫހިވީވަރުން. އޭރުވެސް މިހާރުވެސް އަހަރެން އޭނާއަށް ޝައުގެއް ނުހުރޭ" ރޫޔާ ވާހަކަދެއްކިއެވެ.
"އޭނާ އަދިވެސް ހޯދަނީ ރޫ. ދީވާނާވެފަ ހުރީ. އޭނާގެ ސަބަބުން އަހަންނަށް ހުރިހާ ދެރައެއް ލިބުނީ. ކައިވެނީގެ ކުރިން ސާލިމްއަށް އަހަންނަކީ އިއްފަތްތެރިއެއް ނޫންކަން ބުނެދޭން ހާދަ އުނދަގޫވިއޭ. ސާލިމް އަހަރެން ގަބޫލުކުރިކަން އެއީ އެ އިންސާނާގެ ހިތް ސާފުކަމާ އަހުލާގުގެ މަތިވެރިކަން. އަހަންނަށް ސާލިމް ވަރަށް ކަމުދޭ. އެއީ ވަރަށް ކެއާ ކުރާ ފިރިއެއް. ލޯބިވާން އެނގޭ ހުލްގު ހެޔޮ އިންސާނެއް. އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ސާލިމްއާ ވަކިވާކަށް. ކައިވެންޏަށް ދެ ދުވަސް ވިއިރު އަހަރެންގެ ހިތް މިދަނީ ސާލިމްއަށްޓަކައި ހުޅުވެމުން. ސާލިމް އާއެކު އޭނާގެ ކިޔެވުން ފުރިހަމަކޮށްގެން އަންނައިރު އަހަރެންގެ ހިތާއި ހަށިގަނޑު ވާނީ ތަގުވާވެރިކަމުގެ ފޭރާމުން މުޅިން ނިވާވެފަ. ރޫ އަހަންނަށްޓަކައި ދުއާކޮށްދެއްޗޭ"
ނޭހާގެ ވާހަކަތަކުން ރޫޔާއަށް އުފަލުން ނޭހާގެ ގައިގައި ބައްދާލެވުނެވެ. ސާލިމްއާ ބައްދަލުވި ފަހުން ނޭހާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ނޭހާ ހެދުން އަޅައިގެން ހުރިގޮތުން އެކަނިވެސް އެނގެއެވެ. ރޫޔާ އަބަދުވެސް އެދެނީ ނޭހާއަށް ހެޔޮގޮތްވުމަށެވެ.
"ހެހެހެ... އަހަރެންގެ ވާހަކަތައް މި ނިމުނީ. ރޫ ދެން ކިޔައިދީބަލަ" ނޭހާ ބުންޏެވެ.
"އަހަރެންވެސް ރެޑީ މިވަނީ މެރީކުރަން. ނިހާން. ދެންމެ ފެނުނެއްނު. މިތަނުން ބައްދަލުވީ. އަހަރެން ހާދަ ލޯބިވެޔޭ ނިހާން ދެކެ. ޝާނާ ނިހާނާ ހެދި އުޅެނީ. އެކަމު ދެން މިވީގޮތުން ޝާނާއަށް ވެސް ރަނގަޅު އެއްޗެއް ވިސްނިދާނެތާ. ނިހާން ރީތިތަ؟" ނޭހާއަށް ބަލައިލަމުން ރޫޔާ އެހިއެވެ.
ނޭހާ ހީލިއެވެ. ބޯޖަހާލާފައި ރޫޔާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.
"ރޫ ގެ ލައިފްއަށް އަންނާނެތަ ހަޑި މީހަކު. ތިއީ މުޅި ސްކޫލުގެ ފިރިހެން ކުދިންތަކުގެ ޑޯލް ވިއްޔާ..."
އެ ހިނދު ދެކުދިންނަށް އެއްކޮށް ހީލެވިއްޖެއެވެ.
****
ބޮޑު ހޯލުގެ މެދުގައި ވަރުގަދަ މަޝްވަރާއެއް ކުރިއަށް ދިޔައެވެ. އިއްޒު އިނީ ޝައުކަތުގެ ކަނާއަތް ފަރާތުގައެވެ. އުމުރުން ސާޅީސް އަހަރަށް ވުރެ މައްޗަށް ދިޔަފަހުން ފުރަތަމަ ފަހަރަށް ކައިވެންޏެއް ކުރަން ބޭނުންވާ ވާހަކަ އިއްޒު ބައްޕައަށް ހަބަރުދިނެވެ. އެ އަންހެންކުއްޖާ އަކީ ކާކުކަން އެނގުނު ހިނދު ޝައުކަތަށާއި ގިސާމަތަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ޝައުކަތަށް ބަލައިލެވުނީ ގިސާމަތަށެވެ.
"ކިހިނެއްވެފަ ހުރި އިންސާނެއް ތިއީ. އެ ނޫނީ އަންހެނެއް ނެތީތަ؟" ގިސާމަތު ހިތްހަމަނުޖެހުނެވެ.
"ބައްޕަ އިއްޒުއާ ކަމެއް ކުރަން ހަވާލުކުރީމަ ކަންތައްކުރަންޖެހޭ ގޮތަކީ ތިއީތަ؟" ޝައުކަތު ވެސް އިނީ މާބޮޑަށް ހިތްހަމަޖެހިފައެއް ނޫނެވެ.
"ލޯތްބަކީ ގަދަކަމުން ވާއެއްޗެއް ނޫން. އަޅުގަނޑަށް ކަމުދިޔައީ ހަންނާ. އެއީ ވަރަށް ރީތި އަންހެނެއް. އަޅުގަނޑަށް ހިތް ދެވުނު ގޮތެއްވެސް ނޭނގޭ. އާރިފް ފޮނުވީ އަހަރެން. ހަންނާ އަކަށް ނޭނގޭނެ އާރިފް ފަހަތުގަ އަހަރެން ނިވާވެގެން ހުރިކަމެއް. ހަބީބަށް ހަމައެކަނި ފުލުހުންގެ އިދާރާގައި މައްސަލައެއް ފައިލްކުރެވުނުކަން. އެކަން މިހާރު ނިމިއްޖެ. އާރިފް މި ގައުމުގައެއް ނެތް. ބައްޕާ! ހަބީބްގެ މުސްތަގުބަލު އޮތީ ވަރަށް އަނދިރިކޮށް. ހަންނާއާ އަޅުގަނޑު ކައިވެނިކުރުމަކުން ވާނެ ގެއްލުމެއް ނޯންނާނެ" އިއްޒުއްދީން ވާހަކަދެއްކިއެވެ.
"އަހަންނާ ހަމައަށް ހަނާނު ގެނެސްދީ. އެއަށްފަހު ހަންނާއާ މެދު އަމަލުކުރާނެ ގޮތެއް އެނގޭނީ ކަލެއަށް. ހަބީބު ޖަލެއްގަ ހުއްޓަސް އެ ދެމީހުން ވަރިކުރުވުމަކީ މިކަހަލަ ތަނެއްގަ ފަސޭހަކަމަކަށް ނުވާނެ. އެހެންނޫނަސް ހަބީބަކީ ތި ހީކުރާވަރަށް ވުރެ ވިސްނުން ރަނގަޅު އިންސާނެއް. އަހަންނަށް އެހާ ޗާލާކީ އެ ދެއްކުނީ އެހެންވެ" ގިސާމަތު ވާހަކަދެއްކިއެވެ.
"އަޅުގަނޑު ކޮންމެ ކަމެއްވެސް ކޮށްފާނަން. އެކަމަކު މީހެއްގެ ފުރާނަ ދުއްވައެއް ނުލެވޭނެ" އިއްޒުއްދީން ބުންޏެވެ.
ގިސާމަތު ޖަހާލީ ހިނިގަނޑެކެވެ. ޝައުކަތުވެސް އެ ހުނުމުގައި ބައިވެރިވިއެވެ.
"ފުރާނަ ދުއްވާލާކަށް ބައްޕަމެން ނުބުނަމެއްނު. ގިސާމަތު އާންޓީ ބޭނުންވަނީ ހަނާން. އެންމެފަހަރަކު ނަމަވެސް ހަނާން ގިސާމަތު އާންޓީގެ އަތްދަށަށް ގެނެވުނަސް ހަބީބަށް އެދެވުނީ ވަރަށް ބޮޑު ދެރައެއް" ޝައުކަތު ވާހަކަދެއްކިއެވެ.
"އަޅުގަނޑު ހިތަށް މި އަރަނީ މައިންބަފައިންނާ ދަރިއަކު ދުރުކުރުމަކީ...."
އިއްޒުއްދީނަށް ބުނެވުނީ އެ ހިސާބަށެވެ. ގިސާމަތު ފުންމައިގެން ތެދުވިއެވެ. މާގިނައިން ބޭކާރު ވާހަކަދައްކަން އަޖުވަދަށް ވެސް އޭނާ އޮންނަނީ މަނާކޮށްފައެވެ. ހިތްހަމަނުޖެހިފައި ގިސާމަތު ބަލައިލީ ޝައުކަތަށެވެ. ހަމަޖެހޭށޭ ބުނާ ކަހަލަ ގޮތަކަށް ގިސާމަތަށް އޭނާ އިޝާރާތެއް ކޮށްލިއެވެ. އެ ހިނދު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގިސާމަތު އަލުން އިށީނެވެ.
"ހަނާނަކީ އެމީހުންގެ ދަރިއެއް ނޫން" ގިސާމަތަށް ބުނެވުނީ އެވަރަށެވެ.
****
ދިމާލަށް ހުޅުވާފައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލައިގެން ސޯފާގައި އިން ހަބީބްގެ ކޮނޑުގައި ބޯ އަޅައިގެން ރޫޔާ އިނެވެ. ވަކިން ހުރި ސޯފާގައި ހަންނާ އާއި ނިހާން އިނެވެ. ރޫޔާގެ ކޮނޑުމަތިން އަތް ގެންގޮސް ކޮނޑުގައި ފިރުމަން އިން ހަބީބް ލޯބިވާ ދަރިފުޅުގެ މޫނަށް ބަލައިލިއެވެ.
"ބައްޕަ ނެތަސް މަންމަ ހުންނާނެއްނު" ހަބީބް ބުންޏެވެ.
"މަންމަ އަކީ ބައްޕައެއް ނޫނެއްނު. މަންމަ އެއީ މަންމައެއްނު" ރޫޔާ ބުންޏެވެ. ހަންނާއަށް ހެވުނެވެ.
"ބައްޕައަށް ވަރަށް މުހިއްމުވީމަ މިދަނީ. ވާނީ ހަމަ އެންމެ ސައުވިސް ގަޑިއިރު. ދަރިފުޅުގެ ފުރަތަމަ މެޗަށް ބައްޕައަށް ނާދެވުނަސް އިރާދަކުރެއްވިއްޔާ ދެވަނަ މެޗުގަ ހުންނާނަން" ހަބީބް ބުންޏެވެ.
"ޕްރޮމިސް" ހަބީބްގެ މޫނަށް ބަލައިލަމުން ރޫޔާ ބުންޏެވެ.
ހަބީބް ބޯޖަހާލިއެވެ.
"ހޭންޑްބޯލް އަކީ ދަރިފުޅު ނުލާހިކު މޮޅަށް ކުޅޭ ކުޅިވަރެއް. އެހެންވީމަ މޮޅުވާންވާނެ. ފުރަތަމަ މެޗުން މޮޅުވިއްޔާ ބައްޕަ އަންނަމުން ވަރަށް ބޮޑު ގިފްޓެއް ގެނެސްދޭނަން" އިތުރަށް ރޫޔާ އުފާކޮށްލުމުގެ ގޮތުން ހަބީބް ބުންޏެވެ.
****
ރޭގަނޑު އޮތް ފަރިތަކުރުމަށް ދާން ރޫޔާ ގެއިން ނިކުތީ ނިހާނާ އެކުގައެވެ. ފަތިހު ހަބީބް ސިންގަޕޫރަށް ފުރަން ހަމަޖެހިފައި އޮތުމުން ދެމަފިރިން އުޅުނީ ދަތުރަށް ތައްޔާރުކުރުމުގައެވެ. ހަބީބަށް ރޫޔާ ގޮވައިގެން ނުދެވުނީ އެހެންވެއެވެ. އެނދުމަތީގައި ހުރި ފޮށީގެ ޒިޕް ކަހާލުމަށްފަހު ތިރިކުރަން އުޅުމުން ހަބީބް ހަންނާ ހުއްޓުވިއެވެ. އެ ފޮށި ތިރިކޮށްލީ ހަބީބެވެ.
"ހާދަ ބަރޭ" ހަބީބް ބުންޏެވެ.
"ތީގަ ހުންނާނެ ވާވަރަށް ވުރެ ގިނައިންވެސް ހަބީގެ އަންނައުނު. ތުވާލި ވެސް އޮންނާނެ ދެ ތުވާލި" ހަންނާ ބުންޏެވެ.
ހަބީބަށް ހެވުނެވެ.
"އެންމެ ސައުވިސް ގަޑިއިރަށް ދާއިރު އަހަރަކަށް ވާވަރަށް އެއްޗެހި ގެންދަންޖެހޭތަ؟" ހަބީބް ބުންޏެވެ. އޭނާ ކޮނޑުމަތިން ނަގާފައި ދިއްކޮށްލި ތުވާލި ހިފައިގެން ހަންނާ ނިކުތީ ބެލްކަންޏަށެވެ. ހަރުގައި ތުވާލި އަޅުވާލުމަށްފަހު ހަންނާގެ ނަޒަރު ސީދާކޮށްލީ ގޭދޮރުމަތީގައި ނިހާންގެ ސައިކަލު ފަހަތުގައި އިން ރޫޔާ އަށެވެ.
"އެއްބައި އެއްޗެހި މަދުކުރަންވީނުން" ފަހަތުން ނިކުތް ހަބީބް ބުންޏެވެ.
ހަންނާ އެނބުރުނީ ނިހާންގެ ސައިކަލު ނައްޓާލި ފަހުންނެވެ.
"ކީއްވެތަ ނަގަންވީ. ދަތުރަކީ އޭގެ ދިގުމިން އެނގޭ އެއްޗެއް ނޫން. ފޮށީގަ އެ ހުއްޓަސް ކޮބާ މައްސަލައަކީ؟" ހަންނާ ބުންޏެވެ.
ހަބީބަށް އަނެއްކާވެސް ހެވުނެވެ. އަނބިމީހާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިގޮތަށް ކައިރިކޮށްލިއެވެ. ލޯތްބާއެކު ނިތުގައި ބޮސްދިނެވެ. އޭނާގެ ހަނދާނަށް އައެވެ. އޭނާ ރަށުން ބޭރަށް ދާ ކޮންމެ ފަހަރަކު އެއީ ހަންނާ ބުނާ ވާހަކައެކެވެ. ދަތުރަކީ ދިގު އެއްޗެއް ކަމެވެ.
"މިފަހަރު މިވާގޮތެއް ނޭނގޭ. ވަރަށް ހިތް ބިރުގަނޭ" ހަންނާ ބުންޏެވެ.
"ކޮންކަމަކާ ބިރުގަންނަންވީ. ނިހާންވެސް އެހެރީނު. އިރާދަކުރެއްވިއްޔާ މި ދަތުރަކީ ވަރަށް އަމާން ދަތުރެއް. އިއްޒުވެސް ދާނެ އަހަންނާއެކު" ހަބީބް ހުރީ ހަމަޖެހިފައެވެ.
"ހަބީ ނެތް ވަގުތެއް ބަލާފަ އަނެއްކާވެސް އެއްކަލަ މީހާ އަތުވެދާނެ. ބިރުގަންނަނީ އެހެންވެ" ހަންނާ ބުންޏެވެ.
"އަތުވެދާނެއްނު. މިފަހަރު އެމީހަކަށް ނުއެއް ފިލޭނެ. މުޅި އިމާރާތުގެ ވަށައިގެން އެހެރީ ކެމެރާތައް. ފާޅުކޮށް ފެންނަން ހުރި ކެމެރާތަކާ ސިއްރު ކެމެރާތައް. އެހެންވީމަ ތިބުނާ މީހާގެ އުނދަގުލެއް ދެން ދިމާވެދާނެހެނެއް ހިއެއް ނުވޭ" ހަބީބް ބުންޏެވެ.
ހަބީބްގެ މޫނަށް ބަލައިލަމުން ހަންނާ ފުންނޭވައެއް ދޫކޮށްލިއެވެ.
"ދެން ހީލަބަލަ. ތި ދެމައިންގެ ހިނިތުންވުމަކީ އަހަންނަށްޓަކައި ފަރުވާއެއް" ހަބީބް ބުންޏެވެ.
ހަންނާ ވަގުތުން ހީލިއެވެ. ފިރިމީހާގެ މޭގައި ބޯއަޅާލިއެވެ.
****
ރޫޔާ ހެދުން ބަދަލުކޮށްގެން ނިކުންނަންދެން ނިހާން ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. ރޫޔާ ނިކުތުމުން ގޭޓާ ދިމާލަށް ދެކުދިން އެކުގައި ހިނގައިގަތެވެ. ސައިކަލާ ހަމަކޮށްފައި ރޫޔާގެ ދަބަސް ނިހާން އަތުލިއެވެ. ސައިކަލުގެ މަޑިދަށަށް ދަބަސް ލާފައި ރޫޔާގެ މޫނުގައި ފިރުމާލިއެވެ.
"ރޫ އާއެކު ކުޑަވަގުތުކޮޅެއް ބޭނުން. ވަރަށް މުހިއްމު ވާހަކައެއް އެބައޮތް" ރޫޔާގެ މޫނުގައި ފިރުމާލަމުން ނިހާން ބުންޏެވެ.
"ކޮންތާކަށް ދާނީ؟" ރޫޔާ ބުންޏެވެ.
"ވާދީއަށް" ނިހާން ބުންޏެވެ.
"މި ގަޑީގަތަ؟" ރޫޔާ ބުންޏެވެ.
"ކީއްވީ؟ މިގަޑި ވަރަށް ސަޅިވާނެ. މާގިނަ ކަޕްލްތަކެއް ނުތިބޭނެ" ނިހާން ބުންޏެވެ.
"ލެޓްސް ގޯ" ރޫޔާ ބުންޏެވެ.
ރޫޔާގެ އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލަމުން ނިހާން ހިނގައިގަތެވެ. މާގިނަ އިރެއްނުވެ ދެ ލޯބިވެރިންނަށް ވާދީއަށް ނިކުމެވިއްޖެއެވެ. މުޅި ސަރަހައްދު ކުލަ ބޮކިތަކުން ދިއްލާފައި އޮތުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. މީހުން މަދެވެ. ކެނޯ ދުއްވަން އެއްވެސް މީހަކު ނެތެވެ. އެހެންނަމަވެސް މަދުން ޖޯޑުޖޯޑަށް ލޯބިވެރިން ލޯބީގެ ދުނިޔޭގައި އެކި ކުލަކުލައިގެ މާފޮޅުވަމުން ދިޔައެވެ. ރޫޔާ ގޮވައިގެން ނިހާން ހުއްޓުނީ އޭނާއަށް ހާއްސަ ގަސް ކައިރީގައެވެ. ތިރީގައި ރީތިކޮށް އިށީނދެފައި ރޫޔާ އޭނާގެ ކައިރީގައި އިށީންނަން އެހީވެދިނެވެ.
"ކޮން ވާހަކައެއް؟" ރޫޔާ އެހިއެވެ.
(ނުނިމޭ)