ވާހަކަ

ދޭތޯ ތި ހިތް - 38 (ފަހުބައި)

6

ޒިވްޔަންއާ ބައްދަލުކުރަން ދާން ތައްޔާރުވަމުން ދިޔަ ސަރުވާގެ ތުންފަތުން ހިނދުކޮޅަށް ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. ކުރިން ހިތުގައިވި މޮޅެވެރިކަމާ ދުރުވެލެވުނު ހިނދު ހިތަށް ފިނިކަމެއް ލިބިގެން ގޮސްފިއެވެ. މޯޅިވެފައިވި މޫނަށް ވެސް ދިރުން ލިބިގެން ގޮސްފިއެވެ. އެންމެ ހިނިތުންވެލުމަކުން ވެސް ސަރުވާގެ މޫނަށް ފުރިހަމަކަން ގެނެސްދީފިއެވެ. މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި ސަރުވާއަށް ލަދުރަކި ހިނިތުންވުމަކާއެކުގައި ތުންފަތުގައި ދަތްއަޅާލެވުނެވެ. ޒިވްޔަންގެ ސޫރަ ލޯކުރިމަތިން ފާޅުވުމާއެކުގައި ލޯބީގެ ވިންދު ހިތުގައި އަލުން ޖަހަން ފަށައިފިއެވެ.

އަދިވެސް ސަރުވާއަށް ގަބޫލުކުރަން އުނދަގުލެވުނެވެ. މިއީ ހުވަފެނެއް ކަމުގައިވާ ނަމަ، މި ހުވަފެނުން ހޭލަން އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔެ އުމުރަށް މި ހުވަފެނުގައި ފަނާވެދާން އޭނާ ބޭނުމެވެ.

ތައްޔާރުވެލައިގެން ސަރުވާ ނިކުތް އިރުގައި ސަރުވާގެ އިންތިޒާރުގައި ރަސަލްއާއި ކުލްޘޫމާ ބޮޑުކޮޓަރީގައި ތިއްބެވެ. ސައިމޭޒު ތައްޔާރުކުރަން އުޅުނު ޒުބެއިދާއަށް ކޮޓަރިން ނިކުތް ސަރުވާ ފެނުމުން ސަރުވާގެ ގާތަށް އާދެވުނެވެ.

''ދަރިފުޅާ... މަންމަ މިއަދު ވަރަށް އުފާވެއްޖެ... ދަރިފުޅަށް ޒިވްޔަންއާއެކުގައި އުފާވެރި ހަޔާތެއް ލިބޭނެކަމަށް މަންމަގެ ހިތުގައި އެއްވެސް ޝައްކެއް ނެތް...'' ސަރުވާގެ ކޯތާފަތުގައި ޒުބެއިދާ އަތްތިލަ ޖައްސާލިއެވެ. ސަރުވާގެ މޫނަށް އާރޯކަން ވެރިވެފައިވުމުން ޒުބެއިދާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ހިތުގެ ހުރިހާ އުދާހަކާ ދުރުވެލެވުނެވެ. ދުއާކުރެވުނީ ސަރުވާއާއި ޒިވްޔަންއަށް އުފާވެރި ހަޔާތެއް ދެއްވުމަށް އެދިއެވެ.

''ބައްޕަ ކޮބާތަ؟...'' އާފާގު ފެންނަން ނެތުމުން ސަރުވާ އަހާލިއެވެ. ދިއުމުގެ ކުރިން ބައްޕައަށް ޝުކުރު އަދާކުރަން ސަރުވާ ބޭނުންވިއެވެ. އޭނާގެ ލޯތްބަށް ފުރުސަތު ދިނީތީއެވެ.

''ބަތޫ ބަލައި ސްކޫލަށް ދިޔައީ... މިހާރު ގަޑި ޖެހިއްޖެތާ ވެސް ކޮން އިރެއް... ހުންނާނެ ފޯރިއެއް...'' ޒުބެއިދާއަށް ހިނިތުންވެލެވުނެވެ.

''ކުލް...'' ސަރުވާ ގޮވައިގެން ކުލްޘޫމާގެ ގާތަށް ޒުބެއިދާ ދިޔައެވެ. ހުރިހާ މައްސަލައަކަށް ނިމުން އައިސްފައިވުމުން ސަރުވާ އުފާވިއެވެ. އެއީ އޭނާއާއި ޒިވްޔަންގެ ލޯތްބަށް މުޅިން އައު ފެށުމެކެވެ.

''ދެން މީ އަހަރެންގެ ކުއްޖެއް އިނގޭ...'' ސޯފާއިން ތެދުވަމުން ކުލްޘޫމާ ބުނެލިއެވެ.

''ކުލް ވީމަ މި ހަވާލުކުރަނީ... އެހެންނޫންނަމަ ނުފޮނުވާނަން...'' ޒުބެއިދާ ވެސް ސަމާސާ ރާގަކަށް ބުނެލިއެވެ. ސަރުވާއަށް ހިނިތުންވެވުނެވެ. އޭނާގެ ނަސީބާ މެދުގައި ހަމްދުކުރެވުނެވެ.

*****

އެނދުގައި ކަންނެތް ވެފައި އޮތް ޒިވްޔަންއަށް ގޮވަން މިރާހް އައެވެ. އޭނާ އައިސް ގަދަކަމުން ޒިވްޔަން އެނދުން ނަގަން އުޅުނެވެ. ހަދިޔާއެއް ދޭންށޭ ބުނި އިރުގައި މިރާހްގެ ތުންފަތުގައި ސިއްރުވެރި ހިނިތުންވުމެއް ވިއެވެ. ހައިރާންކަން ލިބުނު ޒިވްޔަން ސުވާލުކޮށްލިއެވެ.

''ކޯޗެއްތަ؟...'' އޭނާގެ އަތަށް މިރާހް ދަމަން ފެށުމުން އެންމެފަހުން ޒިވްޔަން އެނދުން ތެދުވުނެވެ. އޭނާ ލައިގެން ހުރި ޓީޝާޓުގައި ޖެހިފައި ހުރި ރޫތަށް ރީތިކޮށްލަމުން މިރާހްގެ މޫނަށް ބަލައިލިއެވެ.

''ދެން ހިނގާބަލަ...'' މިރާހްގެ މޫނުގައިވި އުފާވެރިކަން ޒިވްޔަންއަށް ދޭހަކުރެވުނީ މުޅިން އެހެން ގޮތަކަށެވެ. ބައްޕައަކަށް ވާތީ އައިސްގެން އުޅޭ ބަދަލުކަމުގައި ހީކުރެވުނެވެ. ކުރީ ދުވަހު ވެސް ޑޮކްޓަރަށް ދައްކައި ނިމުމުން، ދަރިފުޅުގެ ސްކޭން ފޮޓޯ ހިފައިގެން އައިސް ޒިވްޔަންއަށް ދައްކަދައްކާފައި އުޅުނެވެ. ދޮންބެއަށް ލިބުނު ނިއުމަތާ މެދުގައި ހަގީގަތުގައި ވެސް ޒިވްޔަން އުފާވިއެވެ. މި އުނދަގޫ ވަގުތުގައި އޭނާގެ ހިތަށް ފިނިކަން ގެނެސްދިނީ ދޮންބެގެ އުފާވެރިކަމުންނެވެ. އޭނާ އެކަނިވިޔަ ނުދޭން ކުރާ މަސައްކަތަށް ވެސް ޝުކުރުވެރިވެވުނެވެ.

މިރާހްގެ ފަހަތުން ޒިވްޔަން ހިނގައިގަތެވެ. ޖިންސުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ސިޑިން ފައިބަން އޭނާ ފެށިއެވެ. އޭރު ވާރޭ ވެހެމުން ދިޔަ އަޑު އިވެއެވެ. މާހައުލުގައި ވެސް އޮތީ ތެތްފިނިކަން ހަރުލައިފައެވެ.

''ކޮންތަނަކަށް އަހަރެން ގެންދަން ތި އުޅެނީ؟... ބޭރަށް ދަންޏާ ނުދެވޭނެ އިނގޭ...'' ޒިވްޔަން ބުންޏެވެ.

''ބޮޑާނުހާކާ އާދެބަލަ...'' ޒިވްޔަންގެ އަތަށް މިރާހް ދަމާލިއެވެ. ބޯހޫރާލަމުން ޒިވްޔަން ސިޑިން ފޭބިއެވެ. މިރާހް ބޮޑުކޮޓަރިއަށް މިސްރާބު ޖެހުމުން ޒިވްޔަން ވެސް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ސޯފާގައި އިން ސަރުވާ ފެނުމުންނެވެ. ބޭރަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެއްޖެއެވެ. ގަބޫލުކުރަން އުނދަގޫވެފައި ހުރި ޒިވްޔަންއަށް އޭނާގެ ދެލޯ އުނގުޅާލެވުނީ ލޯބީގައި އާވާރާވެފައި ހުރުމުން ފެނުނު މަންޒަރެއް ކަމުގައި ހިތާއެވެ. ހަމަހޭވެރިކަން ވީ މިރާހްގެ ހުނުމުގެ އަޑުންނެވެ. ޒިވްޔަންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

''ތިހެން ހުންނާނީތަ؟...'' ޒިވްޔަން ހުއްޓުން އަރާފައި ހުރުމުން މިރާހް ބުނެލިއެވެ. އަވަސްއަވަހަށް މިރާހްގެ ގާތަށް ޒިވްޔަން ޖެހިލިއެވެ.

''ދޮންބޭ... އަހަންނަށް ފެންނަ ހުވަފެނެއްތަ މީ؟...'' ސިއްރުސިއްރުން މިރާހްގެ ގާތު ޒިވްޔަން އެހިއެވެ. އޭނާގެ ނަޒަރު ސަރުވާއާ ވަކިނުވެއެވެ. ހިތުގެ ވޭނަށް ވެސް ލުޔެއް ލިބުނު ކަމުގެ އިހުސާސްކުރެވުނެވެ.

''ހޭލާ ހުއްޓައި ހުވަފެން ފެންނަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް...'' މިރާހް ދިމާކޮށްލިއެވެ. މިރާހްގެ އުފާވެރިކަން ޒިވްޔަންއަށް ނަގައިގަނެވުނީ ދެނެވެ. އޭނާ ބާރުބާރަށް ހިނގައިގެންފިއެވެ. ސަރުވާ ނޫން އެހެން އެއްވެސް އެއްޗެއް ޒިވްޔަންގެ ވުޖޫދުގައި ނުވާ ކަހަލައެވެ. އޭނާއަށް ގޮސް ސަރުވާގެ ގާތުގައި ކުޑަ ކަކޫ ޖަހާލެވުނެވެ.

''ތީ ހަމަ ސަރޫ ދޯ؟...'' ޒިވްޔަން އެހިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ތޫނުފިލި ދެލޮލުގައި ވަނީ ލޯބީގެ ޖަޒުބާތެވެ. އޭނާއަށް ސަރުވާގެ އަތްތިލައިގައި ވެސް ހިފާލެވުނެވެ. އެ އަތުގެ ފިނިކަމާއި ސަރުވާގެ ލޮލުގައިވި ލޯބިން ޒިވްޔަންގެ ހިތުގައި ފިރުމާލަދިނެވެ. ހިތުގެ ޒަހަމްތަކަށް ޝިފާއެއް ލިބިގެން ދިޔައެވެ. ސަރުވާގެ އެންމެ ހިނިތުންވުމަކުން ހިތުގެ ވިންދުތަކަށް ދިރުން ގެނެސްދިނެވެ. ރޫހަށް އާރޯކަން ލިބުނެވެ.

''ޒެން، އަހަރުމެން ވެސް އެބަ ތިބީމޭ...'' ތާރާ ދިމާކޮށްލިއެވެ. ޒިވްޔަންއަށް ވަށައިގެން ހޯދާލެވުނީ ދެނެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވުމުން ލަދު ވެސް ގަންނަ ގޮތް ވެއްޖެއެވެ. އޭރު ސަރުވާގެ ކޯތާފަތަށް ވެސް ޖަންބުކުލަ ވެރިވެއްޖެއެވެ. ލަދުން ގޮސް ވިރިގެން ހިނގައިދާނެ ކަހަލައެވެ. ޒިވްޔަންއަށް އަވަސްއަވަހަށް ސަރުވާގެ އަތުން ދޫކޮށްލެވުނެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން އޭނާއަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ.

''ސަރޫ ގޮވައިގެން މަންމަ މިއައީ...'' ކުލްޘޫމާ ބުންޏެވެ. ބުނާނެ އެއްޗެއް ޒިވްޔަންއަކަށް ނޭނގުނެވެ. ސަރުވާގެ މޫނަށް އޭނާ ބަލައިލިއެވެ. އެ ދެލޮލުން ބުނެދިނީ އެ ލޯތްބަށް ނަސްރު ލިބިފައިވާ ކަމުގައެވެ. ޒިވްޔަންއަށް އިހުސާސްކުރެވުނު އުފާވެރިކަން ދުލަކުން ބަޔާން ނުކުރެވޭނެއެވެ. ސަރުވާ ގެެނެސް މޭގައި ފޮރުވާލަން ބޭނުންވިއެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. އެ ލޯބީގެ ރާހަތު ލިބޭނެ ދުވަހަކަށް އިންޒާރުކުރަން ފެށިއެވެ.

އާފާގުގެ ދެމަފިރިންނާ ދެކެވުނު ވާހަކަތައް ކުލްޘޫމާ ހިއްސާ ކުރިއެވެ. އާއިލީ ހަމަނުޖެހުމަށް ނިމުން އައިސްފިކަން ވެސް ބުނެދިނެވެ. ސަރުވާގެ ބައްޕަގެ ރުހުން އޭނާއަށް ލިބިއްޖެކަމުގެ އުފާވެރިކަމާއެކުގައި ޒިވްޔަންއަށް ހިނިތުންވެލެވުނެވެ. އެ އުފާވެރި ވަގުތުކޮޅުގައި މާތްﷲއަށް އޭނާ ހަމްދުކުރިއެވެ. ކެތްތެރިކަމުގެ ފޮނިކަން ހާސިލުކުރެވުނެވެ. ސަރުވާއާ ލޮބުވެތި ހިނިތުންވުމެއް ޒިވްޔަން ބަދަލުކޮށްލިއެވެ.

''އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސަންވީ...'' މާހުތާބް ހާމަކޮށްލިއެވެ. ވީހާވެސް ކުލަގަދަކޮށް ކައިވެނީގެ އިންތިޒާމުތައް ކުރިއަށް ގެންދަން މާހުތާބް ބޭނުންވިއެވެ. މާހުތާބް ހިތްހަމަޖެހިފައިވާ މިންވަރު ފުޅާ ހިނިތުންވުމުން ހާމަކޮށްދެއެވެ. ސަރުވާއާއި ޒިވްޔަންއަށް އޭނާ ބަލައިލީ ލޯތްބާ އެކުގައެވެ. އެ ލޯބީގައި ބަރަކާތްލެއްވުމަށް އެދި އޭނާ ދުއާ ކުރިއެވެ.

*****

އުފާވެރިކަމުގެ ހަބަރު ދިންތާ އިރުކޮޅެއް ވެސް ނުވަނީސް ދައިސާންއާއި ކިޔާރާ އައިސްފިއެވެ. އޭރު ހަތަރު އެކުވެރިން ތިބީ ހާމަފެންޑާގައެވެ. ވެހެމުން ދިޔަ ވާރޭ ހުއްޓާލާފައި އޮތްކަމުގައި ވިޔަސް އުޑުމަތިން އަދިވެސް ފެންނަނީ ބަނަ ކަމެވެ. ޖެހިލާ ރޯޅިތައް ވެސް ބާރެވެ. ހާމަފެންޑާގައި ހިޔާކޮށްފައި ހުރި ސޯފާތަކުގައި އިށީނދެލައިގެން ތިބި އިރުގައި ފެންނަނީ އުފާވެރިކަމެވެ. އެއްވެސް އެއްޗެއް ބޭނުންތޯ ބަލައިލަން ކުލްޘޫމާ ހާމަފެންޑާއަށް ބޯދިއްކޮށްލިއެވެ. އެންމެން ވެސް މަނާވެގަތެވެ. އޭރު ހޫނު ކޮފީގެ ޖޯޑުތައް ކުޑަ މޭޒު މަތީގައި ހުއްޓެވެ.

''އައިމް ސޯ ހެޕީ ފޯރ ޔޫ...'' ދަތްޕިލަ އިޝްތިހާރުކޮށްލަމުން ކިޔާރާ ބުންޏެވެ. އެކުވެރިޔާގެ ހިތާމައިގެ ސިލްސިލާއަށް ނިމުން އައުމުން ލިބިފައިވި އުފާވެރިކަން ކިޔާރާއަށް ބަޔާންކޮށެއް ވެސް ނުދެވުނެވެ.

''ވެޑިންއަށް ކަންތައް ރާވަން އަހަންނަށް އިނގޭ ދޭން ވާނީ...'' ކިޔާރާ ހަނދާންކޮށްދިނެވެ. ހުރިހާ ގޮަތަކުން ވެސް ސަރުވާގެ ކައިވެނީގެ ހަފްލާ ފުރިހަމަވާން ކިޔާރާ ބޭނުންވެފައިވިއެވެ. އޭނާގެ ލޮލުގައިވި ވިދުމުން ވެސް އެކަން ހާމަކޮށްދެއެވެ.

''މިފަހަރު ޖެހޭނެ ސަރޫއަށް ރިންގެއް ދޭން...'' ކިޔާރާ ބުނެލިއެވެ. ސަރުވާއަށް ކިޔާރާގެ ހިކަނދިމަސްގަނޑުގައި ވިކާލެވުނެވެ.

''ކިހިނެއްވީ؟... މިދިޔަ ފަހަރު ވެސް ރިންގެއް ނުދީ މެރީ ކުރަން އެހީ... އެކަމަކު މިފަހަރު އަހަރެން ހުއްޓައި ލާހިކެއް ނޫން ރިންގެއް ނުދީ މެރީކުރާކަށް...'' ކިޔާރާ ބުނެލިއެވެ.

''ސަރޫގެ ބޮޑީގާޑްތަ ތީ؟...'' ދައިސާންއަށް މަޖާވިއެވެ. ކިޔާރާގެ ސަމާސާ މިޒާޖު އެނބުރި އައުމުން އެކަމާ އޭނާ އުފާވިއެވެ.

''އާނ... އަބަދުވެސް...'' ފަހަރުވެރިވެލާފައި ކިޔާރާ ބުނެލިއެވެ.

''ރިންގެއް ދޭނަމޭ...'' ޒިވްޔަން ބުނެލިއެވެ. އޭނާ ނިންމީ ރަންކިއުމުގެ ރަސްމިއްޔާތުގެ ތެރޭން އަނގޮޓި ބަދަލުކުރާށެވެ. އަންނަ ހަފްތާއަށް މިހާރު ވެސް ރަންކިއުމުގެ ރަސްމިއްޔާތު އޮތީ ތާވަލުކުރެވިފައެވެ. ކައިވެނީގެ ކަންތައް އަވަހަށް ކުރިއަށްދާތީ އޭނާ ހުރީ ނިކަން އުފަލުންނެވެ. އޭނާގެ ހައްގަކަށް ދުނިޔެ އުމުރަށް ސަރުވާ ވާނެ ދުވަހަކަށް މިހާރުއްސުރެ އިންތިޒާރުކުރެވެން ފަށައިފިއެވެ.

*****

ދެ ހަފްތާ ތެރޭގައި ޒިވްޔަންއާއި ސަރުވާގެ ކައިވެނި ކުލަގަދަ ރަސްމިއްޔާތަކާއެކުގައި ކުރެވިގެން ދިޔައެވެ. ސަރުވާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީއެވެ. ޒިވްޔަންގެ އަންބެއްގެ މަގާމު އޭނާއަށް މިލްކު ކުރެވުނީއެވެ. ދުނިޔެ މަތިން އެންމެ ބޮޑަށް އިންތިޒާރުކުރެވުނު ނިއުމަތް ވެސް ހާސިލުވެގެން ދިޔައެވެ. ޒިވްޔަންގެ ދުލުން ''އަނބި ގަބޫލުކޮށްފިން'' އެ ލަފްޒު އިވުނު ހިނދު ސަރުވާގެ ގައިން ނެގި ހީބިހީގެ އަސަރު އަދިވެސް ފިލައިގެން ނުފެއެވެ. ހުވަފެނީ ނަޒަރަކުން ޒިވްޔަންއަށް ބަލަމުން ދިޔައެވެ. ކައިވެނީގެ ހަފްލާއަށް ޒިވްޔަންއަށް ހާއްސަކޮށް ކިޔާރާ ތައްޔާރުކުރި ގަދަ ނޫކުލައިގެ ސޫޓުގައި ޒިވްޔަން ކުރިއަށްވުރެ ފިރިހެންވަންތައޭ ސަރުވާގެ ހިތަށް އެރިއެވެ. އެ ރީތި ހިނިތުންވުމާއި ދެލޮލުގައިވި ފުރިހަމަކަމުން އެ ހިތް ޒިވްޔަންގެ ލޯބީގައި ވިރެމުން ދިޔައެވެ. ސަރުވާގެ ހިނިތުންވުން ހިނދުކޮޅަކަށް ވެސް ފަނޑުވެގެން ނުދެއެވެ.

ސަރުވާ ހުރީ ހުދުކުލައިގެ ޓްރަމްޕެޓް ޑްރެސް އެއްގައެވެ. ރީތި ފަރުމާއެއް އެކުލެވިގެންވާ ހެދުން ސަރުވާގެ ހަށިގަނޑުގެ ވަނާތަކަށް އޮތީ ހިފާލާފައެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑުގައި ވެސް ލޭސް ފޮތީގެ ފަރުދާއެއް އޮތެވެ. ހެދުމުގެ ފަސްބައިން ބޮޑު ބައެއް ބިންމައްޗަށް ފެތުރިފައި ވާއިރުގައި، ކޮށްފައި ހުރި ލުއި މޭކަޕުން ސަރުވާގެ ރީތިކަން އިތުރުކޮށްދެއެވެ. ރީތި ހުސްކުރި ޕަރީއެއް ފަދައެވެ.

''މައި ވައިފް... އައި ލަވް ޔޫ...'' ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުންނަށް ހިނިތުންވަމުން ދިޔަ ޒިވްޔަން ސަރުވާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ސަރުވާގެ ހިނިތުންވުން ފުން ވެއްޖެއެވެ. ޒިވްޔަން ފަހަތުން އޭނާގެ އުނަގަނޑުގައި އަތްޖައްސާލުމުން ހިތްވެސް ތެޅިލިއެވެ. އެ ލޯބީގެ ކޮންމެ އިޝާރާތަކަށް ހިތްލެނބިގެން ދެއެވެ.

ދެފަރާތުގެ އާއިލާގެ ފަރާތުން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަލަތު ދެމަފިރިންނަށް ހަފްލާއަށް އަންނަ ކޮންމެ މެހުމާނެއްގެ ފަރާތުން މަރުހަބާއާއި މުބާރިކްބާދީ ލިބެމުން ދިޔައެވެ. އުފާވެރިކަމުގެ މާހައުލެކެވެ. ލޯބިން ގުޅިފައިވި ދެ ހިތުގައި ވިންދުޖަހަމުން ދިޔައީ ނިމުމެއް ނެތް އުފާވެރިކަމެވެ. ލޯބި ހާސިލުކުރެވިއްޖެކަމުގެ ރާހަތު ދެ ހިތަށް ވެސް ލިބިގެން ގޮސްފިއެވެ.

ކައިވެނީގެ ހަފްލާ ނިމުނީ ދަންވި ފަހުންނެވެ. އޭރު ސަރުވާ ހުރީ ވަރުބަލިވެފައެވެ. އެކަން އިހުސާސްކުރެވުމުން ސަރުވާ ގެންގޮސް ގޮނޑިއެއްގައި ޒިވްޔަން ބޭންދިއެވެ. މިރޭ ރިސޯޓަށް ފުރަން އޮތް ދަތުރު ވެސް މާދަމާއަށް އޭނާ ފަސްކޮށްލީ ސަރުވާ ވަރުބަލިވެފައި ހުރުމުންނެވެ. އެ ވަގުތު ދައިސަންއާއި ކިޔާރާ އައިސް ދިމާކުރަން ފަށައިފިއެވެ. ސަރުވާ އިނީ ލަދުން ވިރިގެން ދާން ކައިރިވެފައެވެ. އެކަން ފާހަގަކުރެވުމުން، ދައިސާންއާއި ކިޔާރާ ފޮނުވާލެވޭތޯ ޒިވްޔަން އުޅުނެވެ.

ކައިވެނީގެ ހަފްލާއަށްފަހު މަންމައާއި ބައްޕައަށް އަލްވަދާއު ކިޔަން ޖެހުމުން ސަރުވާ ހުރީ ޖަޒުބާތީ ވެފައެވެ. ނަމަވެސް އޭނާގެ އަތުގައި ލޯތްބާއެކުގައި ޒިވްޔަން ހިފާލުމުން ސަރުވާއަށް އިތުރު ހިތްވަރެއް ލިބުނެވެ. ސަރުވާއާ ވަކިވާން ވުމުން އެންމެ ބޮޑަށް ކަރުނަ އޮއްސީ ބަތޫލްއެވެ. ސަރުވާގެ ގައިގައި ބައްދާލި ގޮތަށް ދޫނުކުރަން އުޅުނު ކަހަލައެވެ. އެންމެފަހުން ބަތޫލް ދުރަށް ގެންދަން ޖެހުނީ ޒުބެއިދާ އަށެވެ.

''ދޮންތި ދުރަށް ދަނީއެއް ވެސް ނޫނެއްނު...'' ޒުބެއިދާ ވިސްނައިދިނެވެ. ބަތޫލްގެ ކޯތާފަތް ފޮހެލަދެމުން ކޮންމެ ދުވަހަކު ބަތޫލްގެ ގާތަށް އަންނަން ސަރުވާ ވައުދު ވިއެވެ. ބަތޫލް ހަމައަކަށް އެޅުނީ ދެނެވެ. ވަކިވުމުގެ ކުރިން އަލަތު ދެމަފިރިންނަށް ޒުބެއިދާ ނަސޭހަތް ވެސް ދިނެވެ. ކައިވެނީގެ ޚުތުބާގައި ދެކެވުނު ވާހަކަތަކަށް އިސްކަން ދިނުމަށް ބުންޏެވެ. އަދި އެކަކު އަނެކަކަށް އިތުބާރުކުރުމަށާއި ހުރިހާ ކަމެއްގައި ވެސް ދެމަފިރިން ގުޅިގެން އެކުގައި ކުރިމަތިލުމަށް ނަސޭހަތް ދިނެވެ. ދަމުން ކުލްޘޫމާގެ ގާތުގައި ވެސް ރަނގަޅަށް ސަރުވާ ބަލައިދިނުމަށް ޒުބެއިދާ އެދުނެވެ. ކުލްޘޫމާ ބޯޖަހާލިއެވެ. އާފާގު ވެސް ހުރީ އުފަލުންނެވެ. ސަރުވާ ދެކެ އިންތިހާއަށް ޒިވްޔަން ލޯބިވާނެކަން އޭނާއަށް ޔަގީން ކުރެވުނެވެ. އޯގާތެރިކަމާއި ހިމާޔަތް ލިބޭނެކަން ވެސް މެއެވެ.

*****

ޒިވްޔަންގެ ކޮޓަރިއަށް ފުރަތަމަ ފަހަރަށް ވަން ސަރުވާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ޒިވްޔަންއާ އެކުގައި އެކަހެރިވުމުން އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ނޭވާގެ ހިނގުން ވެސް އަވަސްވެގެން ދިޔައެވެ. ކުރިއަށް ހިނގައިގަންނަން ނޭނގިފައި ހުއްޓައި ޒިވްޔަން އައިސް ސަރުވާގެ ފަހަތުން ބައްދާލިއެވެ. ސިހިގެން ދިޔަ ސަރުވާގެ ތުންފަތަށް ދެވަނަ ސިކުންތުގައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

''ވަރަށް ވަރުބަލިވެފަ ދޯ ތިހުރީ؟...'' ޒިވްޔަން އަހާލިއެވެ. ސަރުވާއާއެކުގައި އެކަނިވުމުން އޭނާއަށް އަމިއްލަ ނަފުސު ކޮންޓްރޯލްކުރަން ވެސް އުނދަގޫ ވެއްޖެއެވެ. މިހާރު ސަރުވާ އެއީ އޭނާގެ އަނބިމީހާއެވެ. އޭނާގެ މިލްކެކެވެ. އެ ހިޔާލުން ވެސް ޒިވްޔަންގެ ހިތަށް ފިނިކަމެއް ގެެނެސްދިނެވެ. ކިތަންމެ ވަރަކަށް ސަރުވާއަށް ބޭނުންވިޔަސް ސަރުވާއަށް ވަގުތު ދޭން އޭނާ ބޭނުންވިއެވެ. ދެމަފިރިން އެކަކު އަނެކަކަށް އިތުބާރުކޮށް އެ ގުޅުން އިތުރަށް ފުރިހަމަކުރަން ބޭނުންވުމުން އެ ހިތް ސަރުވާއަށް އޭނާ ހުޅުވާލާނެއެވެ. ދިރިއުޅުމުގެ ކޮންމެ ނިންމުމެއް އޭނާ ދެން ނިންމާނީ ސަރުވާގެ އެއްބާރުލުން ލިބިގެންނެވެ. އެއީ އޭނާގެ ހިތުގެ ވިންދެވެ. ފުރާނައިގެ ދިރުމެވެ.

''ސަރޫގެ ސޫޓްކޭސް ހުންނާނެ ގެނެސްފަ... ފްރެޝްވެލަން ވީއެއްނު؟...'' ޒިވްޔަން ބުންޏެވެ. ސަރުވާގެ ކޯތާފަތަށް ބޮސްދިނުމަށްފަހު ސަރުވާ ގޮވައިގެން ޒިވްޔަން ދިޔައީ ވޯކިން ކްލޯސެޓަށެވެ. ސަރުވާގެ އެއްޗިއްސަށް އޭނާ ހުރީ ޖާގަ ހަދައިފައެވެ.

ސަރުވާ ފުރަތަމަ ވެސް ބޭނުންވީ އޭނާ ލައިގެން ހުރި ހެދުމާ ވަކިވާށެވެ. ހެދުން ބަރުކަމުން ވެސް ހަށިގަނޑު ލޮޑުވެއްޖެއެވެ. ޒިވްޔަން އޭނާ ގާތުގައި ހުރުމުން ސަރުވާ ހުރީ ލަދުންނެވެ. ފިރިމީހާއަށް ވިޔަސް އޭނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވަނީއެވެ. ޖެހިލުންވެ ހިތް އަވަސްވެގެން ދެއެވެ. އެކަމަށް ހޭނެން އޭނާއަށް ވަގުތު ބޭނުންވާނެއޭ ހިތަށް އެރިއެވެ. ޒިވްޔަންއަށް އެކަން ނަގައިގަނެވުނެވެ. ލޯތްބާއި ކެތްތެރިކަމާއެކުގައި ސަރުވާއަށް އޭނާ ވަގުތު ދިނެވެ.

ސަރުވާއަށް ބޭނުންވާނެ ހުރިހާ އެއްޗިއްސެއް ހުންނަ ތަންތަން ޒިވްޔަން ދެއްކިއެވެ. ކޮޓަރީގެ ކުޑަ ޓޫއާރއެއް ދިން ކަހަލައެވެ. ޒިވްޔަންއަށް ހިނިތުންވެލަމުން ސަރުވާ އޭނާގެ ފޮށި ހުޅުވާލިއެވެ. ކުރުތާއަކާއި ހަރުވާޅެއް ނަގައިގެން ގޮސް ސަރުވާ ފާހާނާއަށް ވަނެވެ. ފާހާނާއަށް ވަންނަން ދިޔަ ސަރުވާއަށް ގޮވާލަމުން ކެބިނެޓްގައި ތުވާލި ހުންނާނެ ވާހަކަ ވެސް ޒިވްޔަން ބުނެލިއެވެ.

''އިފް ޔޫ ނީޑް ހެލްޕް ވިތް ދި ޑްރެސް އައި ކޭން ހެލްޕް ޔޫ...'' ސަރުވާއަށް ގޮވާލަމުން ޒިވްޔަން ލާނެއް ރާގަކަށް ބުނެލިއެވެ. ސަރުވާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާ އަވަސްއަވަހަށް ފާހާނާއަށް ވަނެވެ. ސަރުވާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ޒިވްޔަން އެނދުގައި އޮށޯވެލިއެވެ. ޒިވްޔަންގެ ތުންފަތުގައި އިރުއިރުކޮޅާ ހިނިތުންވުމެއް ކުޅެލައެވެ. ލިބިފައިވި އުފާވެރިކަން އޭނާއަށް ދުލަކުން ބަޔާން ނުކުރެވުނެވެ. ދެކެމުން އައި ހުރިހާ ހުވަފެންތައް ހަގީގަތަކަށް ވެގެން ގޮސްފިއެވެ. ހުރިހާ ހަމްދެއް އާލަމްތަކުގެ ވެރި ﷲ އަށެވެ.

ފެންވަރާލައިގެން ސަރުވާ ފާހާނާއިން ނިކުތީ އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެންނެވެ. އޭނާގެ އަތުގައި ކައިވެނީގެ ހެދުން އޮތެވެ. ޒިވްޔަން ފެނުމުން ސަރުވާ ލުއި ހިނިތުންވުމެއް ދިނެވެ. ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ޒިވްޔަން އެނދުން ތެދުވެލަމުން ހިނިތުންވެލިއެވެ.

''އަންނާނަން...'' ޒިވްޔަން ފާހާނާއަށް ވަންނަން ދަމުން ބުނެލިއެވެ. ސަރުވާ ބޯޖަހާލިއެވެ. ކައިވެނީގެ ހެދުން ގެންގޮސް ކްލޯސެޓްގައި ހުރި ހަރުގަނޑެއްގައި އަޅުވާލިއެވެ. ފޮށިތައް ހުޅުވައި އަންނައުނުތައް އަލަމާރިއަށް ލާން ބޭނުން ވިޔަސް ވަރުބަލިވެފައި ހުރުމުން މާދަމާއަށް ފަސްކޮށްލިއެވެ.

ސަރުވާ ގޮސް އެނދުގައި އިށީނެވެ. ޒިވްޔަން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޒިވްޔަންގެ ފަރާތުން ފެންނަމުން ދިޔަ އޯގާތެރިކަމުން ސަރުވާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ދެމަފިރިންގެ މުސްތަގުބަލާ މެދުގައި ފިކުރު ހިންގަމުން ދިޔަ ސަރުވާއަށް ފާހާނާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަަވަސްއަވަހަށް އޭނާ ބަލައިލިއެވެ.

ސަރުވާގެ މެޔަށް ފިނިވެލީ ހަމައެކަނި އުނަގަނޑުގައި ތުވާލި އޮޅާލައިގެން ނިކުތް ޒިވްޔަން ފެނުމުންނެވެ. އެ ކަސްރަތީ ހަށިގަނޑާއި ފިރިހެންވަންތަ މޫނު ފެނުމުން ސަރުވާގެ ހިތް އަވަސްވެލިއެވެ. ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ. އެއީ މިހާރު އޭނާގެ ހައްގެކޭ ހިތް ބުނެލުމުން ލަދުރަކި ހިނިތުންވުމެއް ސަރުވާގެ ތުންފަތާ ކުޅެލިއެވެ.

ސްވެޓްޕޭންޓެއް ލައިގެން އައިސް ސަރުވާގެ ގާތުގައި އެނދުގައި ޒިވްޔަން އިށީނެވެ. އަދި ސަރުވާގެ އަތުގައި ހިފާލިއެވެ. އަވަސްވެފައިވި ހިތުގެ ވިންދާ އެކުގައި ސަރުވާ އިސްއުފުލައި ޒިވްޔަންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ވަގުތު ޒިވްޔަން އޭނާއަށް ވެދުން ކުރީ އެ ފުރިހަމަ ހިނިތުންވުމެވެ. އެ ހިތުގައި ލޯބިން ފިރުމާލަ ދިން ފަދައެވެ.

''ސަރޫ... ވެން ޔޫ އާރ ރެޑީ ވީ ކޭން ބީ އިންޓިމޭޓް...'' ޒިވްޔަން އޯގާތެރިކަމާއެކުގައި ބުންޏެވެ. ސަރުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ސަރުވާގެ އަތްތިލައަށް ޒިވްޔަން ބޮސްދިނެވެ. ކޮންމެ ހަރަކާތެއްގައި ވަނީ ލޯތްބެވެ. މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ. އެ ހިތް ޒިވްޔަންގެ ލޯބީގައި ބެހިގެން ދިޔައެވެ.

''އަވަހަށް ނިދަމާ... ފަތިން ނަމާދަށް ވެސް ތެދުވަން ޖެހޭނެއެއްނު، އަނެއްކޮޅުން ހެނދުުނު ރިސޯޓަށް ދާން ވެސް ފުރަން ޖެހޭނެ...'' ޒިވްޔަން ބުނެލިއެވެ. ސަރުވާއަށް ބޯޖަހާލެވުނެވެ.

*****

ހެނދުނު ޒިވްޔަންއާއި ސަރުވާ ރިސޯޓަށް ފުރީ ކައިވެނީގެ ފުރަތަމަ ދުވަސްތައް ފާހަގަ ކުރުމަށެވެ. ރިސޯޓަށް ދިޔައިރުގައި ކުރަންވީ ހުރިހާ ކަމެއް ޒިވްޔަން އޮތީ ދުރާލައި ތާވަލުކޮށްފައެވެ. ރިސޯޓަށް ދިޔަ ދުވަހު މެންދުރު ދެމަފިރިން ޑައިވިންގްއަށް ދިޔައެވެ. ހަވީރު ދިޔައީ އިރުއޮއްސޭ މަންޒަރު ބަލައިލުމަށެވެ. ރޭގަނޑު ރިސޯޓުގެ ތުނޑީގައި ރޮމޭންޑިކް ޑިނާރ އެކެވެ. ޒިވްޔަންގެ ލޯބިން ސަރުވާގެ ހިތް ފުރިގެން ދިޔައެވެ.

ތަރިތަކުގެ ދަރުބާރުގައި ދެމަފިރިން ކެއުމަށް އިންސާފުކުރަމުން ދިޔަ ހިނދުގައި ޒިވްޔަންގެ މޫނަށް ސަރުވާ ބަލައިލިއެވެ. ދިއްލާފައި ހުރި ފުޅި ބައްތީގެ އަލީގެ ތެރޭން ޒިވްޔަންގެ މޫނަށް ބަލަން ސަރުވާ އިނީ ހުވަފެނީ ގޮތަކަށެވެ.

''އަހަރެން ލަދުގަންނަވާލަންތަ ތި އުޅެނީ؟...'' ސަމާސާ ރާގަކަށް ޒިވްޔަން ބުނެލިއެވެ. ސަރުވާއަށް ހެވުނެވެ.

''އައިމް ޖަސްޓް ތޭންކްފުލް ފޯރ ޔޯ ލަވް...'' ސަރުވާ ހިނިތުންވެލިއެވެ.

''މި ހިތަކީ އަބަދުވެސް ސަރޫގެ ހައްގެއް...'' ޒިވްޔަން ލޯތްބާއެކު ބުންޏެވެ. ޒިވްޔަންގެ ކަތި ނަޒަރު ސަރުވާގެ މޫނަށް ހުއްޓުނެވެ. އަވަސްވި ހިތުގެ ވިންދާއެކުގައި ލޭވެސް ހޫނުވެއްޖެހެން ސަރުވާއަށް ހީވިއެވެ. އެ ވަގުތު އެ ހިތަށް ޔަގީންކަން ލިބުނެވެ. ޒިވްޔަންއާއެކުގައި ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލުކުރަން އޭނާ ބޭނުންވިއެވެ. އެ ލޯބި އިތުރަށް ފުރިހަމަވެގެން ދާން ވެސް މެއެވެ.

''ވިލް ޔޫ ޑާންސް ވިތް މީ؟...'' ޒިވްޔަން ގޮނޑިން ތެދުވެލަމުން ސަރުވާއަށް އަތްދިއްކޮށްލިއެވެ. އުފަލާ އެކުގައި ސަރުވާ އެ ހުށަހެޅުން ގަބޫލުކުރިއެވެ.

''ވަން މިނެޓް...'' ފޯނުން ޒިވްޔަން ލަވައެއް ޖަހާލިއެވެ. ސަރުވާއަށް ހިނިތުންވެވުނެވެ.

އިވެމުން ދިޔައީ ކުރީގެ ދިވެހި ލަވައެކެވެ. އިވެމުން ދިޔަ ލަވައިގެ ރާގާ އެއްވަރަށް ދެމަފިރިން މަޑުމަޑުން ހަރަކާތްކުރަމުން ދިޔައެވެ. ޒިވްޔަންގެ މޭގައި ސަރުވާއަށް މޫނު ޖައްސާލެވުނެވެ. ހިނދުރީގައި ޖެހުނު ފިރިހެންވަންތަ ވަހުން ދެލޯ މަރާލެވުނެވެ. ރާޅުގެ އަޑާއި، ޒިވްޔަންގެ ހޫނު ނޭވާގެ އަރާމުން ސަރުވާގެ ހިތް އަވަސް ކުރިއެވެ. އަދި ޒިވްޔަންގެ ބަރު ފިރިހެންވަންތަ އަޑުން ލަވައިގެ ކަޑިއެއް ކިޔާލުމުން ސަރުވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

''ހުވަފެނޭތީ މަގޭ، މާ ކުރިއްސުރެ ދެކޭ،

ވިސްނުމާ ވަކިނުވާ ނިދުމުގާ ހޭލުމާ......''

ސަރުވާއަށް ބާރަށް ޒިވްޔަންގެ ގައިގައި ބައްދާލެވުނެވެ. އެ ލޯބީގައި އޭނާގެ ހިތް ދީވާނާ ވެއްޖެއެވެ. އެ ހިތުގެ ކޮންމެ ވިންދެއްގައި ވަނީ އެ ލޯބީގެ ރާހަތެވެ. އެ ހިތް ލިބޭތޯ ކުރި އިންތިޒާރަށް ވެސް ނިމުން އަތުވެއްޖެއެވެ. ހިތުގެ ބައިވެރިޔާ ވެސް ހާސިލުވީއެވެ.

''ޒެން، އައިމް ރެޑީ ...'' ސަރުވާ ބުންޏެވެ. ސަރުވާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން ސަރުވާގެ ކަނދުރާއަށް ޒިވްޔަން ބޮސްދިނެވެ. އެ ތުންފަތުގައި ރީތި ހިނިތުންވުމެއް ވިއެވެ.

''އައި ލަވް ޔޫ...'' ސަރުވާގެ ކަންފަތް ދޮށުގައި ޒިވްޔަން ބުންޏެވެ. ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ޒިވްޔަންގެ މޭގައި ސަރުވާ ފިރުމާލިއެވެ.

''އަވަހަށް ކޮޓަރިއަށް ދަމާ...'' ލާނެއް ރާގަކަށް ޒިވްޔަން ބުންޏެވެ. ސަރުވާގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ހިތާއި ޖާނުން އެ ރީތި ހުނުމުގެ ތެރެއަށް ޒިވްޔަންއަށް އޭނާގެ ނަފުސު ދޫކޮށްލެވުނެވެ. އޭނާއަށް މި ދުނިޔެއިން ލިބޭނެ އެންމެ ބޮޑު ނަސީބު ލިބިގެން ގޮސްފިއެވެ. ސަރުވާގެ ހިތް އޭނާއަށް މިލްކުކުރެވިއްޖެއެވެ. ދެމަފިރިން އެކަކު އަނެކަކުގެ އަތުގައި ހިފާލީ މުސްތަގުބަލާ މެދު ތަފާތު ހުވަފެންތައް ދެކެމުންނެވެ.

(ނިމުނީ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟