ޖެހިގެން އައި ދުވަހު ޖޫދާގެ ވާހަކަތައް އެކުވެރިންނާ ތާރާ ހިއްސާކުރިއެވެ. ފުރަތަމަ ވެސް އޭނާގެ ހިތުގައި ޖޫދާގެ ނިޔަތާ މެދުގައި ޝައްކު އުފެދުނުކަން މަރިޔަމް ހަނދާންކޮށްދިނެވެ.
''ނަސީބެއްނު ވަގުތު ފާއިތު ނުވަނީސް އޭނާގެ ގޮތް އެނގުނުކަން... އެހެން ވެގެންނޭ ކޮންމެކޮންމެ މީހަކާ ފްރެންޑް ނުވާންވީ... މިހާރު ގިނައީ ވެސް ދެފުށްދެގޮތް މީހުން... ވަރަށް ފޫހިވޭ އެކަހަލަ މީހުން ދެކެ... ދޯސް ޓައިޕް އޮފް ޕީޕަލް އާރ ދި ވޯސްޓް!...'' މަރިޔަމް ބުންޏެވެ. ''ދެން އޭނާ މަތިން ހަނދާން ނައްތާލާ...''
އެކުވެރިންގެ ވާހަކަތައް ތާރާ ގަބޫލުކުރިއެވެ. ޖޫދާގެ ބާބު އެ ހިސާބުން ނިންމާލަން އޭނާ ގަސްދުކުރިއެވެ. އެއީ ޖޫދާ ފަދަ މަކަރުވެރި އަންހެނުންނާ މެދުގައި ސަމާލުވެލަން ލިބުނު ފުރުސަތަކަށް ވިއެވެ. ގިނަފަހަރު ކުރެވޭ އިތުބާރެއްގެ ސަބަބުން މުޅި ދިރިއުޅުން ބަރުބާދުވެގެން ދެއެވެ. އެފަދަ ދެރަގޮތެއް ކުރިމަތި ނުވަނީސް ހަގީގަތް ހާމަވެގެން ދިޔަކަން އެއީ އޭނާގެ ނަސީބެވެ.
''އެނީވޭސް... ދެން މިހާރު ތާރާ ޕްރެގް ވީމަ އަހަރުމެންގެ އެނުއަލް ޓްރިޕަށް ވެސް ނުދެވޭނެ ދޯ؟... ބެޑް ރެސްޓް ނަގަން ވިއްޔާ ޑޮކް ބުނީ...'' ޔަލްވީ އިތުރުކޮށްލިއެވެ.
''ދެން މިފަހަރު އަހަރެން ބަހައްޓާފަ ތި ދެމީހުން ދޭ...'' ތާރާ ބުނެލިއެވެ. ކޮންމެ އަހަރަކު ތިން އެކުވެރިން އަހަރު ފަހުކޮޅުގައި ދުނިޔޭގެ ތަފާތު މަންޒިލަކަށް ދަތުރުކުރެއެވެ. މިދިޔަ އަހަރު ދިޔައީ އިޓަލީ އަށެވެ. މިއަހަރު ތާވަލު ކުރެވުނީ ޖަޕާނަށް ދާށެވެ. ނަމަވެސް ތާރާ ބަލިވެ އިނުމުން އެ ދަތުރުގައި ބައިވެރިވެވޭ ގޮތް ނުވީއެވެ. ކުރިއަށް އޮތް ތިން މަސް ދުވަހު އަރާމުކުރުމަށް ޑޮކްޓަރުން އޮތީ އިރުޝާދު ދީފައެވެ.
''ތާރާ ބައިވެރިވާނީ ވާރޗުއަލްކޮށް... ހެހެހެ... އެންޑް ވީވިލް ސެންޑް ފޮޓޯސް...'' މަރިޔަމް އިތުރުކޮށްލިއެވެ.
''ތެދެއް...'' ޔަލްވީ ވެސް ހީލިއެވެ.
''ދެން ތި ދެމީހުން ވެސް އަވަހަށް ބައިވެރިޔަކު ހޯދަންވީ އިނގޭ...'' ވާހަކައިގެ ތެރޭން ތާރާ އިތުރުކޮށްލިއެވެ. އެކުވެރިންނާ ވާހަކަދައްކާލެވުމުން ތާރާގެ ހިތަށް ލުޔެއް ލިބިގެން ދިޔައެވެ. ސަމާސާ ކުރުމައިގެން ވަގުތު ފާއިތުވެގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ.
*****
މާހުތާބްގެ ކޮޓަރީގައި ކުލްޘޫމާއާއި ރަސަލް ތިއްބެވެ. މިއަދު އާފަގުގެ ދެމަފިރިންނާ ބައްދަލުކުރަން ދާން ކުލްޘޫމާ ހުރީ ނިންމައިގެންނެވެ. މާހުތާބް ވެސް އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވިއެވެ.
''މަންމާ... އެންމެ ރަނގަޅު ވާނީ އަޅުގަނޑާއި ކުލްޘޫމާ ދިއުން...'' ރަސަލް އަދަބުވެރިކަމާ އެކުގައި ބުންޏެވެ. ރަސަލްއަށް ބަލައިލަމުން ފުންނޭވާއެއް މާހުތާބް ދޫކޮށްލިއެވެ. އެއަށްފަހު ކުލްޘޫމާއަށް އޭނާ ނަޒަރު ހުއްޓާލިއެވެ.
''ދަރިފުޅު ހާސްނުވޭ... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ... ޒެން ގާތު އަދި ބުނާނެކަމެއް ނެތް... އަހަރުމެން އެގެއަށް ދާން އެ ސޮރު ދެކޮޅު ވެސް ހަދާފާނެ...'' ޒިވްޔަންއާ ދެކެވުނު ވާހަކަތައް ކުލްޘޫމާ ހިއްސާކުރުމުން މާހުތާބް ބުންޏެވެ. މިވަގުތަށް އެ ބައްދަލުވުން ޒިވްޔަންއަށް ސިއްރުކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އޭނާ ގަބޫލުކުރިއެވެ.
''މަންމައަށް ހުރިހާ ކަމެއް އަންގާތި...'' މާހުތާބް ބުންޏެވެ. ރަސަލް ބޯޖަހާލިއެވެ. ދަރިފުޅުގެ އުފަލަށް ހަނގުރާމައިގެ މައިދާނަށް ނިކުންނަން ދެމަފިރިން އަތުކުރި އޮޅާލިއެވެ.
*****
މެންދުރު ވެހެން ފެށި ވާރޭ ހަވީރު ވެގެން ދިޔައިރުގައި ވެސް ހުއްޓައެއް ނުލިއެވެ. ކަޅު ވިލާތަކުގެ ސައިލަށް ނިމުމެއް ނުވާ ކަހަލައެވެ. ރޯޅިތަކުގެ ނުސިޔާނުކަން ވެސް ކެނޑިގެން ނުދެއެވެ. ދޭތެރެއަކުން ގުގުރީގެ އަޑު އިވިލައެވެ.
ސަރުވާ ޑިއުޓީ ނިންމާފައި އަންނަން ވާއިރަށް ހަވީރުގެ ސައި ތައްޔާރުކުރަން ޒުބެއިދާ ބަދިގޭގައި އުޅެއެވެ. އޭރު ބޮޑުކޮޓަރީގައި ޓީވީ ބަލަން އާފާގު އިނެވެ. މިއަދަކީ ސްކޫލްގެ އިމްތިހާނުތައް ފެށުނު ދުވަހަށްވުމުން ބަތޫލް ވީ ސްކޫލްގައެވެ. ފަހެއް ޖަހާއިރުގައި ބަތޫލް ބަލައިދާންވާނެކަން ހަނދާންކޮށްދޭން އާފާގުއަށް ޒުބެއިދާ ގޮވާލިއެވެ. ހައިރާންކަން ލިބުނީ އާފާގުގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.
''އާފާގު!...'' ކޮތަޅުން ނެގި ހެދިކާތައް ތަށްޓަކަށް ލަމުން ޒުބެއިދާ އަނެއްކާ ވެސް ގޮވާލިއެވެ.
''ކީކޭ؟...'' ހިޔާލަކަށް ގެއްލިފައި އިން އާފާގުއަށް އަހާލެވުނެވެ. އަތުގައި އޮތް ރިމޯޓުން އޭނާ ޓީވީ ނިއްވާލިއެވެ. އަދި ކާމޭޒުދޮށުގައި ހުރި ޒުބެއިދާއަށް ބަލައިލިއެވެ.
''ފަހެއް ޖަހާއިރުގައި ބަތޫލް ބަލައި ސްކޫލް ދޮށަށް ދާން ޖެހޭނެ، ގަޑިއަށް ނުގޮސްފިއްޔާ އެހާ ޝަކުވާ ބޮޑުވާނެ...'' ޒުބެއިދާ ތަކުރާރުކޮށްލިއެވެ. ނިތުގައި ބޮނޑުވާ އިނގިލި ހިންގާލި އާފާގު ބޯޖަހާލިއެވެ. ފިކުރުބޮޑުވެފައި އާފާގު ހުރިކަން ޒުބެއިދާއަށް ނަގައިގަނެވުނެވެ. ސުވާލުކުރަން އުޅުނު ހިނދުގައި ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ޒުބެއިދާއަށް ލިބުނީ ހައިރާންކަމެވެ. އެ ގަޑީގައި އާންނާނީ ކާކުބާވައޭ އޭނާގެ ހިތަށް އެރިއެވެ. ސުވާލު އުފެދިފައިވާ ނަޒަރު އާފާގުއާ ބަދަލުކޮށްލަމުން ދޮރު ހުޅުވަން ޒުބެއިދާ އަވަސްވެގަތެވެ. ދޮރު ކައިރީގައި ހުރި ސެކިއުރިޓީ ކެމެރާއިން ބޭރުގައި ހުރީ ކާކުތޯ ބަލައިލަން ސްކްރީން އޮންކޮށްލިއެވެ.
ސްކްރީނުން ފެނުނު ސޫރައިން ޒުބެއިދާއަށް ދެލޯބޮޑުކޮށްލެވުނެވެ. އޭނާގެ ހިތަށް ވެރިވެގެން އައީ ނުތަނަވަސްކަމެވެ. ފިނި ދަލެއް ވެސް ނިތުން ހިއްލާލިއެވެ. އޭރު ވެސް ބެލްގެ އަޑު އިވެއެވެ. ބެލްގެ އަޑު ކަންފަތުގައި ގުގުމަން ފެށި ހިނދު ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ޒުބެއިދާ އިނީ ހާސްކަމެއްގެ ތެރޭގައެވެ.
''ކާކުތަ؟...'' ޒުބެއިދާ ދޮރުހުޅުވަން ފަސްޖެހިފައި ހުރުމުން އާފާގު ސޯފާއިން ތެދުވުނެވެ. އެ ވަގުތު ސެކިއުރިޓީ ސްކްރީން އާފަގުއަށް ފޮރުވަން ސްކްރީން ކައިރިއަށް ޖެހިލިއެވެ. ޒުބެއިދާ ގެނައި ކުއްލި ހަރަކާތުން އާފަގުގެ ހިތުގައި ސުވާލު އުފެދުނެވެ.
''އާފާގު...'' ޒުބެއިދާ ކަންބޮޑުވެއްޖެއެވެ. ބޭރުގައި ތިބީ ކޮންބައެއްކަން އެނގިއްޖެނަމަ ވަގުތުން އާފާގު ރުޅި އަންނާނެކަން ޒުބެއިދާއަށް އެނގުނެވެ. ހަޅޭއްލަވަން ވެސް ފަހެއް ނުޖެހޭނެއެވެ. ހަދާނެ ގޮތް ހުސްވެފައި ޒުބެއިދާއަށް ހުރެވުނެވެ.
''ޒުބޭ...'' ޒުބެއިދާގެ ހާސްކަން އާފާގުއަށް ނަގައިގަނެވުނެވެ. ''ކާކުތަ ބޭރުގަ ހުރީ؟، ކީއްވެ ދޮރު ނުހުޅުވާ ތި ހުންނަނީ؟...''
އާފާގު އައިސް އޭނާ ކުރިމައްޗަށް ހުއްޓުމުން ޒުބެއިދާއަށް ވަގުތުން ހިފާލެވުނީ އާފާގުގެ އަތުގައެވެ. ހައިރާންކަން ލިބުނު އާފާގުގެ ސެކިއުރިޓީ ސްކްރީނަށް ނަޒަރެއް ދިނެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެ ދިޔައެވެ. އާފަގު އެއްވެސް އެއްޗެއް ނުބުންޏެވެ. އެ ހިމޭންކަމުން ޒުބެއިދާ ބިރުގަންނަ ގޮތް ވެއްޖެއެވެ.
''އާފާގު...'' އާފަގުގެ އަތަށް ޒުބެއިދާއަށް ބާރުކޮށްލެވުނެވެ. އެ މޫނުގެ ކުލަވަރުތައް ނަގައިގަންނަން ޒުބެއިދާއަށް ދަތިކަމަކަށް ވެއްޖެއެވެ. ހަަމައެއާއެކު ބޭރުގައި ތިބި ރަސަލް އަދި ކުލްޘޫމާއާ މެދު ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ތެޅުން އަވަސްވެ މީހާގެ ހަމަޖެހުން ގެއްލުން ނޫންކަމެއް ނުވިއެވެ.
''ދޮރު ނުހުޅުވާ ތި ހުންނަނީ ކީއްވެތަ؟...'' އާފަގުގެ ޖުމްލައިން ޒުބެއިދާއަށް ލިބުނީ ސިހުމެވެ. އޭނާއަށް އެ ޖުމްލައިގެ މާނަ ނަގައެއް ނުގަނެވުނެވެ. ދެލޯބޮޑުކޮށްލަމުން ޒުބެއިދާއަށް ބަލަން ހުރެވުނީއެވެ. ކަންފަތަށް އަޑުއިވުނީ ރަނގަޅަށް ބާވައޭ ވެސް އޭނާގެ ހިތަށް އެރިއެވެ.
''ޒުބޭ ބުނީމެއް ނޫންތަ ސަރުވާއާ މެދު ވިސްނާށޭ... އެ ފުރުސަތު އަހަރެން މި ދެނީ... އެމީހުން އައި ބޭނުމެއް ވެސް ބަލަން ޖެހޭނެއެއްނު... ހާސްނުވޭ... އަހަރެން ރުޅި އިސްނުކުރާނަން...'' އާފާގު ބުންޏެވެ. މަޑުމަޑުން ޒުބެއިދާގެ އަތުގައި އޭނާ ފިރުމާލިއެވެ. ގަބޫލުކުރަން ދަތިވެފައި ހުރި ޒުބެއިދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
''ޒުބޭ...'' ޒުބެއިދާގެ ކަރުނަތައް ފޮހެލަމުން އާފާގު ގޮވާލިއެވެ. ''އަހަރުމެންގެ ދަރިފުޅުގެ އުފަލާ މެދުގައި ވިސްނަންޖެހޭނެ ކަން އަހަންނަށް ރޭކާލައިފި.. ސަރުވާގެ ހިތާމަތައް އަހަންނަށް ފެނޭ... އެ ދަރިފުޅުގެ ކަރުނަަތައް ނުފެންނަހާ ހިލަހިތެއްގެ ވެރިއެއް ނޫން މީ... ސަރުވާއަށް މަޖުބޫރުކުރެވުނީތީ އަހަރެން ދެރަވޭ... ޒުބޭ ދިން ނަސޭހަތުގައި ހިފަން އަހަރެން މިހިރީ ތައްޔާރަށް... ދޮރު ހުޅުވާލާ...''
''އާފާގުއަށް ވިސްނުނީތީ އަހަރެން ހިތްހަމަޖެހިއްޖެ...'' ޒުބެއިދާއަށް ހިނިތުންވެވުނެވެ. އޭނާގެ ލޯބިވާ ފިރިމީހާ އެނބުރި އަތުވެއްޖެކަމުގެ ރާހަތު ވެސް އިހުސާސް ކުރެވުނެވެ.
''ކުލްޘޫމާއަށް މައާފުދިނުން އޮންނާނީ ޒުބޭގެ އަތްމަތީގަ...'' އާފާގު އިތުރުކޮށްލިއެވެ. އާފާގުއަށް ބަލައިލަމުން ޒުބެއިދާ ބޯޖަހާލިއެވެ. އޭނާގެ ކަރުނަތައް އާފާގު ފޮހެލަ ދިނުމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ދޮރު ހުޅުވަން އަވަސްވެގަތެވެ. އޭރު ބާރުބާރަށް ޒުބެއިދާގެ ހިތް ތެޅެމުން ދިޔައެވެ. ކުލްޘޫމާއާ އަބަދު ވެސް ބައްދަލުވުމަށް ޒުބެއިދާގެ ހިތް ދިޔައީ އެދެމުންނެވެ. އެކުވެރިކަމުގެ ގުޅުމަށް ނިމުން އައި ގޮތް އަދިވެސް އޭނާއަށް ގަބޫލުނުކުރެވޭތީއެވެ. އެ ހިތުގައިވި ޝަކުވާތައް ވެސް ބަންޑުންކޮށްލަން ޒުބެއިދާ ހުރީ ބޭނުންވެފައެވެ.
ޒުބެއިދާ ދޮރު ހުޅުވާލިއެވެ. މާޔޫސްކަން ލިބިފައިވި ކުލްޘޫމާއަށް ބަލައިލެވުނީ ރަސަލްގެ މޫނަށެވެ. ކުލްޘޫމާގެ އަތްތިލައިގައި ބާރަށް ރަސަލް ހިފަަހައްޓާލިއެވެ. އަދި ބޯޖަހާލިއެވެ.
ނުތަނަވަސްކަން އެކުލެވިގެންވި ހިތަކާ އެކުގައި ޒުބެއިދާގެ މޫނަށް ކުލްޘޫމާ ބަލައިލިއެވެ. އޭނާގެ ހިތަށް ތަދުވެއްޖެއެވެ. ޒުބެއިދާގެ ދެލޮލުން ވެސް އޭނާއަށް ފެނުނީ އޭނާގެ ހިތުގައި އުފެދިފައިވި ޝުއޫރުތަކެވެ. ކުލްޘޫމާގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ.
''އެތެރެއަށް ވަންނަން ވީއެއްނު...'' އިސްވެ ޒުބެއިދާ ބުންޏެވެ. ހުއްޓުން އަރާފައި ހުރި ކުލްޘޫމާ ގޮވައިގެން ރަސަލް އެތެރެއަށް ވަނެވެ. އާފާގުއަށް އަަވަސް ނަޒަރެއް ރަސަލް ދިނެވެ. ރުޅިވެރިކަން އެ މޫނުން އޭނާއަށް ނުފެނުނެވެ. އެއީ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ގެނެސްދިން ވަގުތުކޮޅެކެވެ.
ބޮޑުކޮޓަރީގެ ސޯފާއަށް ޒުބެއިދާ އިޝާރާތްކޮށްލިއެވެ. ރަސްލްއާއި ކުލްޘޫމާ ގޮސް ސޯފާގައި އިށީނެވެ. ޒުބެއިދާ ބަލައިލީ އާފާގު އަށެވެ. އާފާގު ބޯޖަހާލަމުން ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ.
''ޖޫސް ގެެނެސްދެންތަ؟...'' މެހެމާންދާރީ އަދާކުރަން ޒުބެއިދާ އަހާލިއެވެ. މާހައުލުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެންނަން ވެސް އޭނާ ބޭނުންވިއެވެ. ކުލްޘޫމާގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން ޒުބެއިދާއަށް ފާހަގަވިއެވެ.
ޒުބެއިދާގެ ސުވާލަށް ޖަވާބު ދިނީ ރަސަލްއެވެ. މެހެމާނުންނަށް ވުމުން ޒުބެއިދާގެ ހުށަހެޅުމާ ދެކޮޅު ހަދަން ރަސަލް ބޭނުމެއް ނުވިއެވެ. އެއާއެކުގައި ޒުބެއިދާ ހިނގައިގަތީ ބަގިދެއާ ދިމާއަށެވެ. ބޮޑުކޮޓަރިއަށް ދެންވެސް ވެރިވެގެން އައީ ހިމޭންކަމެވެ. ރަސަލް ބަލަމުން ދިޔައީ އާފާގުއަށެވެ. އެ މޫނަށް ވެރިވާ ޝުއޫރުތައް ދެނެގަންނަން ބޭނުންވެފައިވާ ކަހަލައެވެ.
މާގިނަ އިރެއް ނުވެ ތަބަކަށް ޖޫސްތަށިތައް ލައިގެން ޒުބެއިދާ އަތުވެއްޖެއެވެ. ސޯފާކުރިމަތީ ހުރި މޭޒުގައި ތަބައް ބަހައްޓަމުން ޖޫސްތަށްޓެއް ނަގައި ކުލްޘޫމާއަށް ދިއްކޮށްލިއެވެ. އަދިވެސް ކުލްޘޫމާއަށް އެ ހިތުގައި ގާތްކަން ދެވިފައިވާކަން އެކަމުން ހާމަކޮށްދިނެވެ.
''ކުލް...'' ސޯފާގައި އިށީންނަމުން ޒުބެއިދާ ގޮވާލިއެވެ. އަތުގައި އޮތް ޖޫސްތަށީގައި ބާރަށް ކުލްޘޫމާއަށް ހިފާލެވުނެވެ. އޭނާއަށް އިސްޖަހާލެވުނެވެ.
''އަހަރެން...'' ކުލްޘޫމާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އަރުބެދޭ ގޮތްވުމުން އޭނާއަށް ފަސޭހައެއް ނުވިއެވެ. ކުރެވުނު ކަންތަކަށް މައާފަށް އެދެން އިންތިހާއަށް އޭނާ ބޭނުންވިއެވެ. ހިތުގެ ރިހުމުގެ ސަބަބުން ކުލްޘޫމާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ނޭފަތް އެތެރެއަށް ދަމާލަމުން، އިސްއުފުލައި ޒުބެއިދާގެ މޫނަށް އޭނާ ނަޒަރު ހުއްޓާލިއެވެ.
''ކުލް...'' އަނެއްކާ ވެސް ޒުބެއިދާއަށް ގޮވާލެވުނެވެ. އޭނާގެ ހިތް ގެނބިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ކުލްޘޫމާގެ އަތުގައި އެކުލެވިގެންވި ތުރުތުރުލުން ފެނުމާއެކުގައި ކުލްޘޫމާގެ އަތުން ޒުބެއިދާ ޖޫސްތަށި އަތުލިއެވެ. އަނބުރާ ތަބަކުގައި ޖޫސްތަށި ބަހައްޓަމުން ކުލްޘޫމާގެ އަތުގައި ޒުބެއިދާ ހިފާލިއެވެ. އެކުވެރިޔާ ވޭނުގައި ވާތަން ފެނި އެ ހިތަށް ކެތެއް ނުކުރެވުނެވެ. އޭނާ ގާތުން މައާފަށް އެދެން ބޭނުންވެފައިވާ މިންވަރު ވެސް ޒުބެއިދާއަށް ދޭހަ ކުރެވުނެވެ. ޒުބެއިދާގެ ހަނދާނަށް އެ ވަގުތު އައީ އޭނަ ދެރަވެ ހިތުގައި ޖެހޭ ވަގުތުތަކުގައި ކުލްޘޫމާގެ ފަރާތުން ލިބުނު އެހީތެރިކަމެވެ. އެ ހިތުގެ އުދާސްކަން ފަސޭހަކަމާއެކުގައި ކުލްޘޫމާ ދެނެގަންނާނެއެވެ. އޭނާ ހެއްވާލާނެ ގޮތްތައް ވެސް އެނގޭނެއެވެ. އެހާ ހާއްސަ އެކުވެރިޔަކު ދުވަހަކު އޭނާއަށް ލިބިފައި ނެތެވެ. ކުރިމަތިިވި ކަންތަކަށް ފަހުގައި ވެސް ކުލްޘޫމާ ދެކެ އޭނާއަށް ރުޅި ނާދެވުނީ ވެސް އެހެންވެއެވެ. މާޒީ ހަނދާންވެ، މާޔޫސްކަމުގެ ހަންޖަރު ހިތަށް ހެރިގެން ދިޔައެވެ.
''އަހަރެން... އަހަރެން މީ ކުށްވެރިޔެއް...'' ކުލްޘޫމާގެ އަޑު ކުރެހުނެވެ. ފުންނޭވަތަކެއް އޭނާ ދޫކޮށްލިއެވެ. އޭނަ ހިތްވަރުކުރިއެވެ. ހިތުގެ ރިހުން ބަރުދާސްތުކުރާ ހާލުގައި ޒުބެއިދާގެ ގާތުން މައާފަށް އެދުނެވެ. އޭނާގެ އަމަލުތައް އެހާ ދަށު ދަރަޖައަކަށް ދާން ޖެހުނު ސަބަބާއި އެކުވެރިކަމަށް ނިމުމެއް ގެންނަން ހިޔާރުކުރި ދުވަސްތައް ވެސް ކިޔައިދޭން ފެށިއެވެ. އެ ދުވަސްތަކާ މެދުގައި ކުލްޘޫމާގެ ހިތުގައި ވަނީ ގިލަންވެރިކަމެވެ. ކުށްވެރިކަމުގެ ކިއްލާއެއްގައި އޭނާގެ ނަފުސު ގައިދުވެފައިވާތާ އެތަކެއް އަހަރެއް ވެއްޖެއެވެ. އޭނާގެ ނަފުސަށް ހަމަޖެހުމެއް ލިބުމެއް ނުވެއެވެ.
''ކޮލެޖުން އާފާގު ފެނުނު ދުވަހުން ފެށިގެން އަހަންނަށް އާފާގު ކަމުދިޔަ... އެކަމަކު އެކުވެރިކަމަށް ބުރޫއަރާފާނެތީ ހިތުގެ އިހުސާސްތައް ބުނަން ނުކެރުނީ... އެހެން ހުއްޓައި ޒުބޭއާއި އާފާގު ދިމާވީ... އާފާގު ދެކެ ގަޔާވާކަން ޒުބޭ ބުނުމުން އަހަންނަށް އެކަން ގަބޫލުކުރަން ދަތިވި... އެއްގޮތަކަށް ވެސް އާފާގުއާއި ޒުބޭ ގުޅެން އަހަރެން ބޭނުމެއް ނުވި... އަހަރެން ހުރީ އަހަރެންގެ ހިތުގެ ހާލު ބުނެދޭން، އެހެން ހުއްޓައި އިވުނީ އާފާގުއާއި ޒުބޭ ރައްޓެހިވި އަޑު... އަހަރެން ވަރަށް ދެރަވި... ގާތް އެކުވެރިޔާ އަހަންނަށް އޮޅުވާލީކަމަށް ހީކުރެވުނީ... އަހަންނަށް ވަރަށް ބޮޑަށް ރުޅި އާދެވުނު... އިތުރަށް އެކުވެރިކަން ކުރިއަށް ގެންދަން ވެސް ބޭނުމެއް ނުވި... އަހަރެން ހިތުގައި އަޅަމުން ދިޔަ ވޭނުގެ ބަދަލު ހިފަން ވިސްނީ ޒުބޭ ކައިވެނިކުރަން އުޅޭ ހަބަރު ލިބުމުން... އަހަންނަށް އެނގޭ އަހަރެންގެ ބަދަލު ހިފުމުގައި ފަސޭހައިން ތައުމީމް ބައިވެރިވާނެކަން... ޒުބޭއަށް ތައުމީމްގެ ފަރާތުން ބިރުދައްކަން އަހަރެން އުޅުނީ... އަހަރެން އަތުގައި އޮތް ޑަބަލް ތަޅުދަނޑި ތައުމީމްއަށް ދިނީ ވެސް އަހަރެން... ހަސަދައިގެ ސަބަބުން އަހަންނަށް އިތުރު އެއްވެސް ކަމަކާ މެދުގައި ނުވިސްނުނު... އަހަންނަށް ކުރެވުނު ކަންތައް ރޭކާލީ ފަހުން... އާފާގުއާއި ޒުބޭ ވަކިކުރުމަށްފަހުގައި ވެސް އަހަންނަށް އާފާގު ނުލިބޭނެކަން ޔަގީންކުރެވުނު... ލޯތްބަކީ މަޖުބޫރުން ހޯދޭނެ އެއްޗެއް ނޫންކަން ވިސްނުނީ ވެސް ވަގުތު ފާއިތުވި ފަހުން... ޒުބޭ... އަހަންނަށް މައާފުކުރާނަންތަ؟... މިހެން ބުނާއިރުގައި ވެސް އެއީ ފަސޭހަކަމަކަށް ނުވާނެކަން އެނގޭ... އެކަމަކު... އެކަމަކު މާޒީގައި ކުރެވުނު ކަންތަކާ މެދުގައި އަހަރެން ވަރަށް ދެރަވޭ... އެހާ ގާތް އެކުވެރިޔަކަށް ލަނޑު ދެވުމުން ވަރަށް ބޮޑަށް ދިރިއުޅުން މަތިން ވެސް ފޫހިވި...''
ކުލްޘޫމާ ރޮމުން މައާފަށް އެދުނެވެ. ކުލްޘޫމާގެ ވާހަކަތައް އަޑުއަހަން އިން ޒުބެއިދާއަށް ވެސް ރޮވުނެވެ.
''އަހަރެން ގާތު އެންމެ ފަހަރަކު ވެސް ކުލް ބުނިނަމަ...'' ޒުބެއިދާއަށް ވެސް ޝަކުވާ ކުރެވުނެވެ. އެ ހިތުގެ ހާލު ކުލްޘޫމާ ބުނެދިން ނަމަ، ހިތުންރުހުމުން އޭނާގެ ހުރިހާ އުފަލެއް ވެސް ގުރުބާން ކުރީހެވެ. ނަމަވެސް އަނދިރީގެ ތެރެއަށް ކުލްޘޫމާގެ ނަފުސު ހުށަހެޅުމުން ގޯސްމަގު ހިޔާރުކުރެވުނީއެވެ.
''އޭރުން ވެސް އާފާގުގެ ހިތެއް އަހަންނަކަށް ނުލިބޭނެ... އެއީ އަބަދު ވެސް ޒުބޭގެ ހައްގެއް... އަހަންނަށް އެކަން ނުވިސްނުނީ...'' ކުލްޘޫމާ ދެފަރާތަށް ބޯހޫރާލިއެވެ. ކުލްޘޫމާގެ ކަރުނަތައް ޒުބެއިދާ ފޮހެލަ ދިނެވެ.
''އަހަރެން ސުވާލެއް ކުރަންތަ؟...'' ޒުބެއިދާ އަހާލިއެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ކުލްޘޫމާ ބޯޖަހާލިއެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ކުލްޘޫމާގެ ނަފުސަށް ލިބުނެވެ. ޒުބެއިދާގެ ގާތްކަމުން ޖަޒުބާތީ ވެވުނެވެ.
''އެ ދުވަހު އާފާގުއަށް އާދެވުނީ ކުލް އެންގީމަދޯ؟...'' ޒުބެއިދާއަށް އަހާލެވުނެވެ. ކަރުނުން ބާރުވަމުން ދިޔަ ލޮލުން ޒުބެއިދާގެ މޫނަށް ކުލްޘޫމާ ބަލައިލިއެވެ. ކުލްޘޫމާގެ ހިމޭންކަމުން ޒުބެއިދާގެ ސުވާލަށް ޖަވާބު ލިބުނެވެ. ކުލްޘޫމާއާ ބައްދަލުވުމުގެ ފުރުސަތު ލިބިއްޖެނަމަ އެ ސުވާލު ކުރަން އަަބަދުވެސް ޒުބެއިދާ ހުރީ ހިތުލައިގެންނެވެ. ހޮސްޕިޓަލުގައި ހުރި އާފާގުއަށް އޭނާގެ ހިމާޔަތަށް އާދެވުމުން ޝުކުރުވެރިވެވުނުކަމުގައި ވިޔަސް، އާފާގުއަށް އެހާ އަވަހަށް އާދެވުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާގެ ރައްކާތެރިކަމާ މެދު އާފާގު ފަދައިން އިތުރު މީހަކު ވެސް ފިކުރު ބޮޑުވެފައި ހުރިކަން ނަގައިގަނެވުނެވެ.
ދެކެވެމުން ދިޔަ ވާހަކަތަކަށް އަޑުއަހަމުން ދިޔަ އާފާގުއަށް ވެސް ސިހުން ލިބުނެވެ. ދުރު ހަނދާނެއް އާލާވެގެން ދިޔައެވެ. އޭނާއަށް އެ ދުވަހު އައި ފޯނުކޯލާ މެދު ވިސްނާލެވުނެވެ. ޒުބެއިދާގެ މަންމަ ގާތުގައި ހުއްޓައި ގުޅީ ނުވެސް ދަންނަ ނަންބަރަކުންނެވެ. ވާހަކަދެއްކީ ފިރިހެނެކެވެ. ޒުބެއިދާ އުޅޭ އިމާރާތުގައި ދިރިއުޅޭ މީހެއްކަމާއި، ޒުބެއިދާގެ އެޕާޓްމެންޓަށް ތައުމީމް ވަދެއްޖަ ކަމަށް ބުނެ އެ މީހާ ކަންބޮޑުވުން ފާޅުކުރިއެވެ. އެއަށްފަހު ފޯނު ކަނޑާލީއެވެ. އެ ދުވަހު ލިބުނު ހާސްކަމުގެ ސަބަބުން އެ ފޯނުކޯލާ މެދުގައި ވިސްނާލަން ވެސް އޭނާއަށް ވަގުތެއް ނުލިބުނީއެވެ.
''ކުލް...'' ޒުބެއިދާ ގޮވާލިއެވެ.
''އާނ... ގޭގެ ނޯކަރަކު ލައްވައި އާފާގުއަށް ގުޅުވީ އަހަރެން... ޒުބޭއަށް އިންޒާރުދޭން ފޮނުވިކަމުގައި ވިޔަސް އޭނާ ކޮށްފާނެ ކަމަކާ މެދުގައި އަހަރެން ބިރުގަތީ... އަހަންނަށް ކުރެވުނު ކަންތައް ރޭކާލީ އޭގެ ފަހުން... ބަދަލު ހިފުމުގެ ރޫހުގައި ބޮޑު ގޯހެއް ހެދިއްޖެކަން ރޭކާލުމުން ޒުބޭއާ މެދުގައި ހާސްވާން ފެށީ... އާފާގުއަށް ގުޅީ ވެސް އެހެންވެ... އަހަރެން ހުރީ ޒުބޭގެ ގާތަށް ދާން ވެސް ބޭނުންވެފައި... ނަމަވެސް ކުށްވެރިކަން އިހުސާސްކުރެވުމުން ދާން ފަސްޖެހެވުނީ... ޒުބޭ އަހަންނަށް މައާފުނުކުރާނެކަން ވެސް ޔަގީންކުރެވުނު... ފުރައިގެން ދިޔައީ ވެސް އެހެންވެ... އަހަރެން ބޭނުންވީ އެ ހުރިހާ ކަމަކަށް ފިލަން...'' ގިސްލަމުން ކުލްޘޫމާ ކިޔައިދިނެވެ. އެވަގުތު ކުލްޘޫމާގެ ގައިގައި ޒުބެއިދާއަށް ބައްދާލެވުނެވެ. އެކުވެރިޔާއަށްޓަކައި އޭނާގެ ހިތް ސާފުވެގެން ދިޔައެވެ. އޭނާގެ ސަލާމަތަށް އާފާގުއަށް އާދެވުނީ ކުލްޘޫމާގެ ސަބަބުންނެވެ. ހިތުގެ ސުވާލުތަކަށް ވެސް ޖަވާބު ލިބުނެވެ.
''އަހަންނަށް މައާފު ކުރާނަންތަ؟...'' ކުލްޘޫމާގެ އަޑުގައި ވަނީ އާދޭހެވެ.
''އަހަރެން ކުލްއަށް މައާފުކޮށްފިތާ ކިތަންމެ ދުވަހެއް... މިއަދު ހުރިހާ ކަމެއް ސާފުވެގެން ދިއިމުން ވަރަށް ބޮޑަށް އުފާވެއްޖެ... ގާތް އެކުވެރިޔާ އަނބުރާ ލިބިއްޖެކަމުގެ ހިތްހަމަޖެހުން ވެސް ލިބިއްޖެ...'' ޒުބެއިދާއަށް ރޮވުނެވެ.
އާފާގުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ހަގީގަތް ހާމަވުމުން ހިތުގައި އޮތް ރުޅިވެރިކަން ވެެސް ހިނދިގެން ގޮސްފިއެވެ. ހަމައެއާއެކުގައި ކުލްޘޫމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ދެރަވެފައި ހުރި މިންވަރު ވެސް ނަގައިގަނެވުނެވެ. އަބަދުވެސް ޒުބެއިދާގެ ހިތުގައި ކުލްޘޫމާގެ ފަޅުކަން ފޮރުވަމުން ދިޔަ ކަމުގެ ހިލަން އޭނާއަށް ކުރެވުނެވެ. ގަސްދުގައި އެކަމަށް އަލިއަޅުވާނުލީ ކުލްޘޫމާ ދެކެ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ. ކުލްޘޫމާއަށް މައާފުކުރަން ވެސް ބޭނުން ނުވާތީއެވެ. ނަމަވެސް މިއަދު ޒުބެއިދާގެ ގާތް އެކުވެރިޔާ އަނބުރާ ލިބުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
''ސަރޫއާއި ޒިވްޔަން ދިމާވީ ވެސް މި ހުރިހާ ހަމަނުޖެހުމަކަށް ނިމުމެއް އައުމަށް ތަގުދީރުގައި ލިޔެވިފައިވާތީ... އަހަރެން ވަރަށް އުފާވެއްޖެ... ޒުބޭ ހަނދަންވޭތަ އަހަރުމެން ބޮޑުވަމުން އައި އިރުގައި ދެއްކި ވާހަކަތައް މަތިން؟...'' ޒުބެއިދާ ބުންޏެވެ. ކުލްޘޫމާއާ ދުރަށް ޖެހިލިކަމުގައި ވިޔަސް އެ އަތުން ޒުބެއިދާ ދޫކޮށްނުލިއެވެ. ހިނިތުންވުމުގެ އަސަރު ދެ އެކުވެރިންގެ ތުންފަތުގައި ވިއެވެ.
''ކޮން ވާހަކައެއްތަ؟...'' އާފާގު އެހިއެވެ.
''އަހަންނަށް އަންހެންކުއްޖަކު ލިބި ކުލްއަށް ފިރިހެންކުއްޖަކު ލިބިއްޖެނަމަ އެ ދެކުދިން ކައިވެނިކުރުވާނެ ވާހަކަ... އޭރުގެ ޅަ ސިކުނޑިއަށް މަޖާ ކަމަކަށް ވިޔަސް މިއަދު އެކަން ވެސް ހަގީގަތަކަށް ވެއްޖެ... ތަގުދީރުގެ ރޭވުންތެރިކަން ކިހާ ފުރިހަމަ...'' ޒުބެއިދާ ކިޔައިދިނެވެ. ހަގީގަތުގައި ވެސް އޭނާ އިނީ ނިކަން އުފަލުންނެވެ.
''ވަރަށް ގިނަ ދުވަސް ވަންދެން އެ ދެކުދިންގެ ލޯބި އިމްތިހާނު ކުރެވިއްޖެ... އަހަރެން ބޭނުން އެރޭ ކަންތައް ކުރެވުނު ގޮތުން މައާފަށް އެދެން ވެސް...'' އާފާގު ބުންޏެވެ. ރުޅީގައި އަމަލުކުރެވުނު ގޮތް ހަނދާންވެ އޭނާ ދެރަވިއެވެ. މާހުތާބްގެ ރުހުން ނުލިބިދާނެތީ ވެސް އޭނާ ހާސްވިއެވެ.
''މައާފަށް އެދޭވަރުގެ ކަމެއް ނޫނޭ އެއީ...'' ރަސަލް ޔަގީންކަން ދިނެވެ. ރަސަލްއަށް ބަލައިލި އާފާގު ހިނިތުންވެލިއެވެ. މިހާރު މާހައުލުގައި އޮތީ އުފާވެރިކަމެވެ. އެތައްދުވަހެއްގެ އުދާސްތަކަށް ނިމުން އައިސް އެކުވެރިކަމަށް ހިތްތައް ހުޅުވާލެވުނެވެ.
*****
ޑިއުޓީ ނިންމާލާފައި އައި ސަރުވާއަށް ބޮޑުކޮޓަރީގައި ތިބި ރަސަލްއާއި ކުލްޘޫމާ ފެނުމުން ހުރި ތަނަށް ގަބުވެއްޖެއެވެ. ފެންނަމުން ދިޔަ މަންޒަރު އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެސްފިޔަތައް އަވަސްއަވަހަށް ތަޅުވާލިއެވެ. ނަމަވެސް ފެންނަމުން ދިޔަ މަންޒަރު ބަދަލެއް ނުވިއެވެ. ސަރުވާއަށް ވަގުތުން ބަލައިލެވުނީ އޭނާގެ ބައްޕަ އަށެވެ. ބައްޕަގެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަން ސަރުވާއަށް ވެެގެން ދިޔައީ އަރަތަކަށެވެ. ހިނގައިގަންނަން ވެސް ނޭނގިފައި ހުއްޓައި މަންމަ ގޮވާލި އަޑު އިވުނެވެ.
''ދަރިފުޅާ... އާދެބަލަ...'' ޒުބެއިދާ އަނެއްކާ ވެސް ގޮވާލިއެވެ. މިފަހަރު ވެސް ސަރުވާ ހުރީ ހިނގައިގަންނަން ނޭނގިފައެވެ. ހަރަކާތެއް ކޮށްލިޔަސް ފެންނަމުން ދިޔަ މަންޒަރު ބަދަލުވެދާނެތީ ބިރުން ހުރި ކަހަލައެވެ.
''އަންނާނަން ގޮވައިގެން...'' ކުލްޘޫމާ ގާތު ބުނެލަމުން ޒުބެއިދާ ސޯފާއިން ތެދުވުނެވެ.
ފެންނަމުން ދިޔަ މަންޒަރުތަކުގެ މާނަ ނަގަން ނޭނގިފައި ހުރި ސަރުވާގެ އަތުގައި ޒުބެއިދާ ހިފާލިއެވެ. އެއާއެކުގައި ސަރުވާ ސިހުނެވެ. މިއީ ހުވަފެެނެއް ނޫންކަން ރޭކާލީ ދެނެވެ. ސަރުވާ ގޮވައިގެން ގޮސް ސޯފާގައި ޒުބެއިދާ ބޭންދިއެވެ. ފަހަރަކު މީހެއްގެ މޫނަށް ސަރުވާ ބަލައިލިއެވެ.
''ސަރުވާ...'' ކުލްޘޫމާ ގޮވާލިއެވެ. ''މިއައީ ސަރުވާ ބަލާ... ޒިވްޔަންގެ ގާތަށް ދާނަންތަ؟...''
ސަރުވާއަށް ފުރަތަމަ ވެސް ބަލައިލެވުނީ އާފާގުގެ މޫނަށެވެ. ސޯފާގޮނޑިން ތެދުވެގެން އައި ސަރުވާގެ ކުރިމަތީ ކުރުފައިމައްޗަށް އާފާގު ތިރިވެލިއެވެ. އަދި ސަރުވާގެ އަތުގައި ހިފާލިއެވެ.
''ދަރިފުޅުގެ މައްޗަށް ބައްޕައަށް އަނިޔާވެރި ވެވިއްޖެ... ދަރިފުޅުގެ ހިތުގައި ޖެއްސުނީތީ ބައްޕައަށް މައާފުކުރާނަންތަ؟... ބައްޕަ ދެރަވަނީ މި ހުރިހާ ދުވަހު ދަރިފުޅުގެ ވޭން އިހުސާސް ނުކުރެވުނީތީ...'' އާފާގު މައާފަށް އެދުނެވެ. ސަރުވާއަށް މަޖުބޫރުކުރެވުނީތީ އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. މާޔޫސްކަން އެ ދެލޮލުގައި ވިއެވެ.
''ދަރިފުޅާ...'' ރޯންފެށި ސަރުވާ ފެނި އާފާގު ކަންބޮޑުވިއެވެ. ހީވީ ބޮޑު އަނިޔާއެއް ލިބިގެން ރޯހެންނެވެ. ކަންބޮޑުވެފައި ހުރި އާފާގުއަށް ސަރުވާ ގެނެސް މޭގައި ޖައްސާލެވުނެވެ. ސަރުވާއަށް ބާރުބާރަށް ރޮވުނީއެވެ.
''ދެން ހުއްޓާލާ... ބައްޕައަށް ވިސްނިއްޖެ...'' ސަރުވާގެ ބުރަކަށީގައި އާފާގު ލޯތްބާއެކު ފިރުމާލިއެވެ.
''ބައްޕާ...'' ގިސްލަމުން ސަރުވާ ބުންޏެވެ. އޭނާ ރޮމުން ދިޔައީ ހިތުގައި ޖެހިގެނެއް ނޫނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. މާތްﷲއަށް އޭނާ ހަމްދުކުރިއެވެ. އޭނާގެ ދުއާތައް އެކަލާނގެ އިޖާބަކުރައްވައިފިއެވެ.
ސަރުވާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ޒިވްޔަންގެ މައިންބަފައިން ކުރިމަތީގައި ރޮވުމުން އޭނާ ލަދު ވެސް ގަންނަ ގޮތް ވެއްޖެއެވެ.
''ދެން މިވެސް ސަރުވާގެ މަންމައެއް އިނގޭ...'' ސަރުވާގެ ބުރަކަށީގައި ކުލްޘޫމާ ލޯތްބާއެކު ފިރުމާލިއެވެ. ޒިވްޔަންގެ ހޮވުމާ މެދުގައި އޭނާ ފަހުރުވެރިވިއެވެ. ލޯތްބާއެކުގައި ސަރުވާ ގެނެސް މޭގައި ޖައްސާލިއެވެ.
''މަންމައާ އެކުގައި ދާނަންތަ؟...'' ކުލްޘޫމާ އެހިއެވެ.
ސަރުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ހަނދާންވީ މުޅި އުމުރަށް އޭނާއަށް އިންތިޒާރުކުރާނެކަމަށް ޒިވްޔަން ވި ވައުދެވެ. ޒިވްޔަންގެ ހިތުގައި ޖެއްސުނީތީ ވެސް ސަރުވާ ހުރީ ދެރަވެފައެވެ. އެ ލޯތްބަށް އެދިގެން ޒިވްޔަންގެ ގާތަށް ދާން ސަރުވާ ބޭނުންވިއެވެ.
ސަރުވާ މަޑުމަޑުން ބޯޖަހާލިއެވެ. ސަރުވާގެ ކަރުނަތައް ފޮހެލަ ދިނީ ކުލްޘޫމާއެވެ. ކުލްޘޫމާ ދެން ބަލައިލީ ޒުބެއިދާގެ މޫނަށެވެ. ސަރުވާ ދިއުމުގެ ހުއްދަ ޒުބެއިދާ ދިނީ އުފަލާއެކުގައެވެ.
''ދަރިފުޅާ، އަވަހަށް ދޭބަލަ ތައްޔާރުވެލައިގެން އަންނަން...'' ސަރުވާގެ ބޮލުގައި ފިރުމާލަމުން ޒުބެއިދާ ބުންޏެވެ. ސަރުވާ ނިކަން އަވަހަށް ތެދުވެއްޖެއެވެ. އެ މަންޒަރު ފެނި އެންމެނަށް ހެވުނެވެ. ހިތާމައިގެ ސިލްސިލާއަށް ނިމުމެއް އައި ކަހަލައެވެ.
(ނުނިމޭ)