ޕްލަމް ގަސްތަކާ ހަމައަށް ދެވުމާއެކު ނިހާން ތިރީގައި އިށީނެވެ. ރޫޔާ ބޭންދީ އޭނާގެ އުނގުގައެވެ. ނިހާންގެ މޭގައި މޫނު ލައްކޮށްލައިގެން ރޫޔާ އިނީ ލޯމަރާލައިގެންނެވެ.
"ރޭގަ ޝާނާ މޮޅުކަމެއް ކޮށްފިއެއްނު" ނިހާން ބުންޏެވެ.
"ޝާނާ ކީއްކުރީ" އެއިން ގޮތަށް އިނދެ ރޫޔާ އަހާލިއެވެ.
"އަހަރެން ރޫމް ތަޅުދަނޑި ހޯދި ގޮތެއްވެސް ނޭނގޭ. ރޫ ގެ ކޯލު ނިންމާލާފަ ފެންވަރައިގެން ނިދަން އެރީ. ހޭލެވުނީ އަހަރެންގެ ގައިގަ މީހަކު އަތްލާހެން ހީވާތީ. ޝާނާ... މޮޔަވެފަ އޮތީ. ނިދަންލާ އެތިކޮޅެއް ލައިގެން." ނިހާން ވާހަކަދެއްކިއެވެ. ވާހަކަތައް އެ ހިސާބަށް ދާއިރަށް ރޫޔާ ހީވީ ހަށިގަނޑަށް ކަރަންޓު އައި ހެންނެވެ. ނިހާނާ ދުރުވެލިގޮތަށް ޝައްކުގެ ނަޒަރަކުން ނިހާންގެ މޫނަށް ބަލަމުން ދިޔައެވެ.
"ގޯޑް ޕްރޮމިސް. އަހަރެން ދޮގެއް ނަހަދާނަން. އަހަރެން ޝާނާ އެތަނުން ނެރެން މަސައްކަތްކުރިން. އެކަމަކު ޝާނާ ކިޔަމުން ދިޔައީ އޭނާއަށް ބޭބީއެއް ދޭށޭ. ދަރި ދީފަ ރޫޔާއާ އިނަސް ތިމަންނައަށް އޯކޭއޭ. ނިހާންގެ ދަރި ގޮވައިގެން މުޅި އުމުރަށް ތިމަންނަ އުޅޭނަމޭ. އެވަރުން ތިމަންނައަށް ފުދޭނެއޭ. އާދޭސްކުރީ. އަހަރެން ރުޅި އައިސްގެން ގޮތެއް ނެތް. ޝާނާގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ނެރެ ދޮރު ތަޅުލާފަ އެތެރެއިން ތަންޑު އެޅުވީ" ނިހާން ވާހަކަދެއްކިއެވެ.
"ޗި... ޝާނާ ހާދަ ޑީގްރޭޑޭ ދޯ. ލޯބި ނުލިބުނަސް އެ ވައްތަރަށް އުޅެން ޖެހޭތަ؟" ރޫޔާ ބުންޏެވެ.
"ހެނދުނު އަހަރެން ހޭލިއިރު ފޯނަށް އިން މެސެޖެއްކޮށްފަ" ނިހާން ޖީބުގައި އޮތް ފޯނު ނެގިއެވެ. މެސެޖުތައް ހުޅުވާލާފައި ޝާނާ ކޮށްފަ އިން މެސެޖް ރޫޔާއަށް ދައްކާލިއެވެ.
"އަހަރެން ދެން އެންމެ ނޭވައެއްވެސް ލާނީ ނިހާން ހޭއަރުވާލާފަ" ޝާނާގެ މެސެޖް ރޫޔާ ކިޔާލިއެވެ. ފޯނު ނިހާން އަތަށް ދީފައި ކުރިން އިންގޮތަށް ބަދަލުވެލިއެވެ.
"ނިހާން ތިގޭގަ އުޅޭކަށް އަހަންނަށް ނުފެނޭ" ރޫޔާ ބުންޏެވެ.
"އަހަރެން ތިގެއަށް ގެންދަންވީނު" ނިހާން ބުންޏެވެ.
"ސީރިޔަސްކޮށްތަ؟ މިއަދު ބައްޕައާ ވާހަކަދައްކާނަން" ރޫޔާ ބުންޏެވެ.
****
މެހެރީނާ ފުރުވާލާފައި ޝައުކަތު ގެއަށް ވަންއިރު ކާމޭޒު ކައިރީގައި ގިސާމަތު އިނެވެ. ޝައުކަތުގެ އިންތިޒާރުގައެވެ. ގޭތެރެއިން އިތުރު މީހަކު ނުފެނެއެވެ. މޭޒު ކައިރީގައި ގިސާމަތުގެ ހިދުމަތުގައި ހުރި ނޯކަރު ކުއްޖާވެސް ޝައުކަތު އިޝާރާތްކޮށްލުމާއެކު އެތަނުން ދުރަށް ޖެހުނެވެ.
"މެހެރީން ވަރަށް ޝަކުވާކުރި" ޖޫސްތަށީގައި ހިފަމުން ޝައުކަތު ބުންޏެވެ.
"ދޮން ރީތި އަންހެނެއް. ޝައުކަތާ ބަލާފައި މީހަކު ބުނާނެތަ އެއީ ޝައުކަތުގެ އަނބިމީހާއޭ. އެހާ ޒުވާން. މެހެރީން ޝައުކަތު ކައިރީގައި ހުންނައިރު ހީވަނީ ސޯޅަ ފަނަރަ އަހަރުގެ އަންހެން ދަރިއަކު ކައިރީގައި ހުންނަހެން" ގިސާމަތު ވާހަކަދެއްކިއެވެ.
ޝައުކަތު ޖަހާލީ ހިނިގަނޑެކެވެ. ހުނުންގަނޑު މަތަކޮށްލާފައި ޝައުކަތު ގިސާމަތަށް ބަލައިލިއެވެ. މޭޒުމަތީގައި އޮތް ގިސާމަތުގެ އަތްތިލައިގައި ޝައުކަތު ހިފައިލިއެވެ. ގިސާމަތު ޝައުކަތަށް ބަލައިލިއެވެ.
"އަހަރެންގެ ހަޔާތަށް ދޮން ރީތި ކިތަންމެ އަންހެން ކުއްޖެއް އަޔަސް ގިސާ ތިއީ އަހަރެންގެ އަލަތު ލޯބިވެރިޔާ އަދި އަލަތު އަނބިމީހާ... މާނަ އަކީ އަހަރެންގެ ދޮށީ އަނބި މީހާ" ޝައުކަތު ބުންޏެވެ.
ގިސާމަތު ހީލައިފިއެވެ. އޭނާގެ އަތްތިލައިގެ މަތީގައި އޮތް ޝައުކަތުގެ އަތްމަތީގައި އަތްއަޅާލިއެވެ.
"ޝައުކަތު އިތުރު ކައިވެންޏެއް ކުރަން އަހަރެން ހުއްދަ ދިނީ އަޖްވަދަށްފަހު އަހަރެންނަށް ލިބުނު ގެއްލުމެއްގެ ސަބަބުން އިތުރު ދަރިއަކު އުފަން ނުކުރެވޭނެތީ. ޝައުކަތު ހަނދާން ނައްތާނުލައްޗޭ ޝައުކަތަށްޓަކައި އަހަރެންވި ގުރުބާނީ" ގިސާމަތު ވާހަކަދެއްކިއެވެ.
ޝައުކަތުގެ ހަނދާނަށް އެ ދުވަސްތައް އައެވެ. އެއީ ގިސާމަތު ފައިސާ އާއި މުދަލުގެ ބޭނުމުގައި އަލަތު ކައިވެނި ކުރި ދުވަހެވެ. އޭރުވެސް ގިސާމަތު ހުރީ ޝައުކަތާ ލޯބީގެ ގޮތުންނެވެ. ބޭނުންވިގޮތަށް ހުރިހާ ކަމެއްވެ ނިމުމުން ދެންވެސް ގިސާމަތު ކުރީ ޝައުކަތަށްޓަކައި ކުރި ކަމެކެވެ. ޝައުކަތާ ގިސާމަތުގެ ކައިވެންޏަކީ މުޅި ދުނިޔެއަށް ސިއްރުވެފައިވާ ބޮޑު ސިއްރެކެވެ. ބޭރުގެ ގައުމެއްގައި ކުރި އެ ކައިވެނީގެ ލިޔެކިޔުމެއް ހުރީ ޝައުކަތުގެ ބެލުމުގެ ދަށުގައެވެ.
"ތިވާހަތައް ބަހައްޓާ" ގިސާމަތު ބުންޏެވެ.
"ކޮބާ އެންމެފަހުގެ ހަބަރަކީ؟" ގިސާމަތު ބުންޏެވެ.
"ތިކަމަށްޓަކައި މިރޭ ބޭރަށް ޑިނަރ އަކަށް ދާން ފެނޭ. ތައްޔާރުވާތި" ޝައުކަތު ބުންޏެވެ.
****
ކުރިމަތީގައި ހުރެގެން ލަތީފާ ދެއްކި ވާހަކަތަކުގެ ސަބަބުން ނިހާނަށް އިސްއުފުލާލަންވެސް ނުކެރުނެވެ. އެ ދެއްކީ ހާދަ ހަޑި ވާހަކަތަކެކެވެ. ރޭގައި ޝާނާ ކުރަން އުޅުނު ކަންތައް އެ ދިޔައީ އިދިފުށަށް ޖެހިގެންނެވެ. އެކަހަލަ އަންހެނުންވެސް އުޅޭކަން އަދި ކިރިޔާ ނިހާނަށް އެނގުނީއެވެ. ނިހާނަށް ބަލައިލެވުނީ ލަތީފާއަށްވުރެ ތަންކޮޅެއް ފަހަތުގައި ހުރި ޝާނާ އަށެވެ. ޝާނާގެ ތުންފަތްމަތީގައިވި ފަތަހައިގެ ހިނިތުންވުން ފެނުމުން ނިހާން ވީ އިތުރަށް ފޫއްސެވެ.
"އަހަރެން މިގޭގަ ނިހާން ބެހެއްޓީ ހަމައެކަނި ސާލިމްގެ އެކުވެރިއަކަށް ވީތީއެއް ނޫން. ނިހާނަކީ ރަނގަޅު ޒުވާނެކޭ ހުދު އަހަންނަށްވެސް އިހުސާސްވީމަ. އެކަމަކު ނިހާން ތިކުރި ކަމަކީ އަހަންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. ޝާނާގެ ބައްޕައަށް މިކަން އެނގުނިއްޔާ ނިހާނާ މެދު އަމަލުކުރާނެ ގޮތެއްވެސް ނޭނގޭ" ލަތީފާ ވާހަކަދެއްކިއެވެ.
ނިހާން ބަހެއް ނުކިޔައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެތަން ބަލަން ހުރެފައި ޝާނާ ކަންބޮޑުވިއެވެ. އޭނާ އުންމީދު ކުރި ހިސާބަށް ވާހަކަތައް ނުދިޔުމުން އިތުރަށް މަންމައަށް ބާރު އަޅަން އޭނާ ބޭނުންވިއެވެ.
"މަންމާ..." ސޯފާގައި އިށީނދެގެން އިން ލަތީފާގެ އުނގުގައި ބޯ އަޅާލަމުން ޝާނާ އިށީނީ ތިރީގައެވެ.
"އޭނާ އެ ދިޔައީނު. މި ހިސާބުން މިކަން ނިންމާލާކަށް ނޫން އަހަރެން ބޭނުންވީ. އަހަރެންގެ އިއްފަތްތެރިކަން އޭނާ ނަގާލީ. މާދަމާ ކަންނޭނގެ އަހަރެން ޕްރެގްވާނީ. އޭރުންވެސް މުޅި ރަށަށް ބަދުނާމުވާނީ އަހަރެން. މަންމާ! ނިހާނަށް މަޖުބޫރުކުރޭ. އަހަރެން މިކަމުން ނެރެދެވޭނީ ނިހާނަށް. އޭނާ ޖެހޭނީ އަންބެއްގެ ގޮތުގައި އަހަރެން ބަލައިގަންނަން. އަހަރެން ބޭނުންވަނީ ބައްޕައާ ދޮންބެއަށް މިކަން ނާންގައި މި ކައިވެންޏަށް އޭނާ އެއްބަސް ކުރުވަން" ޝާނާ ވާހަކަދައްކަމުން ދިޔައެވެ.
"މަންމާ! އެބަ އަހަންތަ މިކިޔާ އެއްޗެއް" ލަތީފާގެ އަތުގައި ހިފައި ޝާނާ ތަޅުވާލިއެވެ.
****
ޝާނާގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުން ނިހާން މުޅިން މާޔުސްވިއެވެ. ޝާނާ އެޅުވި އިލްޒާމުތަކަށް ރައްދު ދިނުމެއްނެތި ކޮޓަރިއަށް ވަދެވުނު މޮޔަ އޭނާއަށް ހީވިއެވެ. ބޭރުގައި ހުރި ލަތީފާއަށް ހީވާނީ އެއީ ނިހާން ކުރި ކަމެކޭ ހިތަށް އެރުމުން ނިހާން އިތުރަށް ކަންބޮޑުވިއެވެ. ވާހަކަދައްކަން ޖެހޭނެއެވެ. ލަތީފާ އިތުބާރު ކުރިޔަސް ނުކުރިޔަސް ޝާނާގެ މުޑުދާރު އަމަލުގެ ވާހަކަ ދައްކަންޖެހޭނެއެވެ. ޝާނާއަށް މިކަން ކާމިޔާބުވެގެން ނުވާނެއެވެ.
ނިހާން އެނދުގައި އިށީނެވެ. ފޯނު ނެގިގޮތަށް އޭނާ ގުޅީ ސާލިމަށެވެ. ވަގުތުގެ ގޮތުން ސާލިމް ފޯނަށް ޖަވާބުދީފާނެކަން ޔަގީން ނުވާއިރުވެސް އޭނާ ބޭނުންވީ ސާލިމަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭށެވެ. ނަސީބު ވަރަށް ރަނގަޅެވެ. ސާލިމް އުޅުނީ ގެއަށް އައުމުގެ މަގުމަތީގައެވެ. އެންމެންނަށް ވަރަށް ރަނގަޅު ސަޕްރައިޒެއް ގެންނާނެ ވާހަކަ ސާލިމް ބުނީ ނުލާހިކު ހިތްހަމަޖެހިފައެވެ. އެހެންކަމުން އެވަގުތު ޝާނާގެ ވާހަކަތައް ސާލިމްއަށް ކިޔައިދީގެން ސާލިމްގެ އެ އުފާވެރިކަން ނަގާލަން އެނާ ބޭނުމެއް ނުވިއެވެ.
އެނދުން ތެދުވި ގޮތަށް ބޯ ހަމަޖައްސާލަން ނިހާން ފެންވަރާލިއެވެ. ބޭރަށް ނިކުތްގޮތަށް ގަޔަށް އަރާމު ފޭރާމަކުން ހަށިގަނޑު ނިވާކޮށްލިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގާފައި ބަލައިލިއިރު ރޫޔާ ގުޅާފައި އޮތެވެ. އޭނާ ވަގުތުން ބެލްކަނީގެ ފޮތިގަނޑު ކަހާލިއެވެ. ހީކުރި ގޮތަށް ރޫޔާ އިންތިޒާރުގައި ހުއްޓެވެ. އަތުން އިޝާރާތްކޮށް މި އަންނަނީއޭ ނިހާން ބުންޏެވެ. ބެލްކަނި ހުރަސްކޮށް އަނެއް ބެލްކަންޏަށް ނިހާން ފުންމާލީ ނުހަނު ފަރިތަކަމާއެކުގައެވެ. ރޫޔާއަށް އެ މަންޒަރު ބަލަންވެސް އުނދަގޫވިއެވެ. ނިހާން ފުންމާލުމާއެކު ރޫޔާ ވަގުތުން ނިހާންގެ ދެ އަތުގެ ތެރެއަށް ވަދެއްޖެއެވެ. ރޫޔާގެ ގައިގައި ނިހާން ހިފަހައްޓާލައިގެން ހުއްޓެވެ. އެހެން ރޭތަކާ ހިލާފަށް ނިހާންގެ ތުންފަތުގައި މިރޭ އެއްވެސް އުފާވެރިކަމެއް، ހިނިތުންވުމެއް ނެތެވެ.
"ވަރަށް މިސްވެއްޖެ. ކީއްވެ ފޯނަށް ޖަވާބުނުދިނީ" ރޫޔާ ބުންޏެވެ.
ރޫޔާ ދުރުވަން އުޅުމުން ނިހާން އިންކާރު ކުރިއެވެ. ކުއްލިއަކަށް ނިހާނަށް ބަދަލެއް އަތުވެއްޖެކަން ރޫޔާއަށް އެނގުނެވެ. ނިހާން އަމިއްލައަށް ދުރުވެލަންދެން ރޫޔާ ހުއްޓެވެ.
"އަހަރެން ބަދުނާމުވެއްޖެ" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނިހާން ބުންޏެވެ. ނިހާންގެ އެ އަޑުގައި ރޫޔާގެ ހިތަށް ތަދުކޮށްލާ ކަހަލަގެ އަސަރެއް ވިއެވެ. ވަގުތުން ނިހާނާ ދުރަށް ރޫޔާ ޖެހުނެވެ. ނިހާންގެ މޫނަށް ރޫޔާ ބަލައިލިއެވެ.
"ޝާނާ ތަ؟ މިހާރު ކީއްކުރީ..." ރޫޔާ އެހިއެވެ.
ނިހާން ބަހެއް ނުބުނެ ހުންނަން ފެށުމުން ރޫޔާ ކަންބޮޑުވިއެވެ.
"ނިހާން.. ބުނެބަލަ ކޮންމެސް އެއްޗެއް. އަހަރެން ވަރަށް ބިރު އެބަގަނޭ" ރޫޔާ ބުންޏެވެ.
ނިހާނަށް ހަމަހޭވެރިކަމެއްވީ ދެނެވެ. އޭނާ ތެޅިގަނެފައި ވަގުތުން ރޫޔާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އޭނާގެ އަތުން ރޫޔާ ބީވެގެން ހިނގައިދާނެކަމަށް އޭނާ އިންތިހާއަށް ބިރުގަތެވެ. އެ ވާހަކަތައް ރޫޔާއަށް އަޑުއިވޭ ހިނދު އޭނާގެ މައްޗަށް ރޫޔާއަށް އޮތް އިތުބާރުގެ ވާފަށް ކެނޑިގެން ހިނގައިދާނެއެވެ.
"ރޫ އަހަންނާ ދުރަށް ނުދައްޗޭ. އަހަރެން މޮޔަވެދާނެ. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. އެކަން ރޫއަށް އެނގެއެއްނު. ޝާނާގެ ހިޔަޅުކަން އެނގެއެއްނު. އޭނަ ގޭ މީހުން ކައިރީގަ އެ ވާހަކަތައް ދެއްކީ އަހަރެން ގޯސްކޮށްފަ. އަހަރެން އޭނަ ރޭޕްކުރަނީ ކަމަށް. މިރޭ ޝާނާގެ މަންމަގެ ދުލުން އަހަންނަށް އެ ވާހަކަތައް ގޮވާލައިފި. ޝާނާގެ ބޭނުމަކީ ކޮބައިކަން އަހަންނަށް އޮޅިއްޖެ. މާދަމާ އަހަރެން ޖަލަށްވެސް ފޮނުވާލާފާނެ" ނިހާން ހުރިހާ ވާހަކަތަކެއް އެއްފައްޗަކަށް އަމުނާލިއެވެ. ނިހާން ހާސްވެ ކަންބޮޑުވެފައި ހުރި މިންވަރު ރޫޔާއަށް އިހުސާސް ވިއެވެ.
"ހިނގާ އެތެރެއަށް ވަންނަން. މިތަން ވަރަށް ފިންޏެއްނު" ރޫޔާ ބުންޏެވެ.
ނިހާންގެ އަތުގައި ހިފައިގެން ރޫޔާ ވަނީ ކޮޓަރިއަށެވެ. ނިހާން ބޭންދީ ޖާގަ ތަނަވަސް ސޯފާގައެވެ. ކައިރީގައި ރޫޔާ އިށީނެވެ. ނިހާންގެ އަތުގައި ބައްދާލިގޮތަށް ކޮނޑުގައި ބޯ އަޅާލިއެވެ.
"އަހަރެން ދުވަހަކުވެސް ނިހާނާ ވަތްކެއް ނުވާނަން. މި އިތުބާރުވެސް ނުކެނޑޭނެ. ނިހާން ކޮންކަމަކާ ތިހާ ބިރު ގަންނަނީ. އަމިއްލަ ދިފާއުގަ ވާހަކަދައްކަން ޖެހޭނެ. މަންމަވެސް ބުނި އެމީހެއްގެ ހައްގު ހޯދަން މަސައްކަތްކުރާނީ އެމީހެކޭ. ނިހާން ބުނިންތަ އެއީ ތިމަންނަ ކުރި ކަމެއް ނޫނޭ. ކިޔައިދިނިންތަ ޝާނާގެ ވާހަކަތައް" ރޫޔާ ވާހަކަދެއްކިއެވެ.
"ތިއެއްނު މައްސަލައަކީ. އަހަރެން ލަދުގަތްވަރުން އެކައްޗެއް ބުނަންވެސް ހަނދާނެއް ނެތް" ނިހާން ބުންޏެވެ.
"އެކަމުވެސް... މާދަމާ ތިކަން ހައްލުކުރަންވާނެ. ނިހާނަށް ނުކެރެންޏާ ޝާނާ މަންމަ ކައިރިއަށް މަންމަ ފޮނުވާފަ ބުނެފާނަން އެއީ ނިހާން ކުރި ކަމެއް ނޫނޭ" ރޫޔާ ބުންޏެވެ.
"އުނހު. އަހަރެން ބުނާނީ. އަހަންނަށް ކެރޭނެ ބުނަން. މާދަމާ ކޮންމެވެސް ގަޑިއެއްގައި އިރާދަކުރެއްވިއްޔާ އަހަރެން މިގެއަށް ބަދަލުވާނަން. ބޭބެއާ ވެސް އަހަރެން ވާހަކަދައްކާނީ. ކިޔެވުމުގެ ބާކީ ދުވަސްތައް ހޭދަކުރާނީ މިގޭގަ. ރޫ ކައިރީގަ" ރޫޔާގެ މަޑު ހެވާކޮޅެއް ފަދަ ފިނި އަތްތިލައިގައި ހިފައި ފިތައިލަމުން ނިހާން ބުންޏެވެ.
****
މުޅިން އައު ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ބައެއް މީހުންގެ އުއްމީދުތައް ހާސީލުވާނެ ދުވަހެއްގެ ފެށުން ކަމުގައި ހީކުރެވުނަސް ހީކުރި ހީކުރުން ތޮޅިއަށް ވެގެން ދިޔައީ ޝާނާ ގެއެވެ. ހެނދުނުގެ ސަޔަށް އިންސާފުކުރަން ތިބީ ޝާނާގެ އާއިލާއެވެ. އައު މެހެމާނަކަށް އިނީ ޝާނާއަށް އަލަށް ލިބުނު ފަހަރި ނޭހާއެވެ.
"މަންމަ ނުބުނާނެ ދޮންބެއަށް އެކައްޗެއްވެސް. އެކަމަކު ނުބުނެ މިކަހަލަ ކަމެއް އަޅުގަނޑު ކުރި ނަމަ މަންމަ އަޅުގަނޑު ނޮޅާލިސް" ޝާނާ ބުންޏެވެ.
ހިތްހަމަނުޖެހުމުގެ ބެލުމަކުން ޝާނާއަށް ބަލަހައްޓައިގެން އިނީ ސާލިމްއެވެ. މިއަދު އޭނާ އިނީ ޝާނާ ދެކެ އިންތިހާއަށް ފޫހިވެފައެވެ. ކޮއްކޮ ކޮށްފައި އެވަނީ މުޅި އާއިލާގެ ގަދަރު ވެއްޓިގެންދާ ފަދަ ކަމެކެވެ. އަނެއްކޮޅުން ނޭހާ އާއިލާ އާއެކު ހޭދަކުރާ ފުރަތަމަ ދުވަހު ކުރިމަތިލާން ޖެހުނު ކަމަކުން އޭނާ އިނީ ކަންބޮޑުވެފައެވެ. ނޭހާ ދެކޭނެ ގޮތެއް ނޭނގޭތީއެވެ.
"އަހަރެން ސާލިމްއަށް އިތުބާރު ކުރަން. އެއީ ހަރުދަނާ ޒިންމާދާރު ދަރިއެއް. ޅީ ދަރިފުޅާ މެދުވެސް ލޮލުން އަހަރެން އަހަރެން ރުހި ގަބޫލުވަން. ދެރަވީ އަހަރެން ކައިރީގައި ނުބުނެ ސާލިމް އެވަރުގެ ބޮޑު ކަމެއް ނިންމީމަ" ލަތީފާ ވާހަކަދެއްކިއެވެ.
"ދެން އެކަހަލަ ކަމެއް ނުވާނެ މަންމާ. އަޅުގަނޑަށް އެހާ ވަގުތު ނުލިބުނީ. މަންމައަށް ސަޕްރައިޒެއް ދޭން ބޭނުންވީ. ބައްޕަ ހުރި އަޅުގަނޑު ކައިރީގަ. އެކަމަކު ލިބެންވާ ހަގީގީ އުފަލެއް ނުލިބުނު" ޝާނާއަށް ބަލައިލަމުން ސާލިމް ބުންޏެވެ. ލަތީފާއަށް ނުވިސްނުނެވެ. ސާލިމް މާ ފާޑެއްވެފައި އިންހެން އޭނާއަށް ހީވާތާ އިރުކޮޅެއް ވެއްޖެއެވެ.
"ކޮބާ މިއަދު ނިހާން؟" ސާލިމް އެހީ ހަމަ ގަސްތުގައެވެ. ފަތިސް ނަމާދަށް ނިހާން ގެއިން ދިޔައީ އެއްކޮށެވެ. އެކަން އެނގެނީ ސާލިމް އަށެވެ. ޝާނާގެ ހަގީގަތް ނިހާން ކިޔައިދިނީ ސާލިމް އަށެވެ. އަންހެން ދަރިއެއްގެ އެފަދަ ވާހަކަތަކެއް މައެއް ކައިރީގައި ފާޅުކަން ބޮޑު ގޮތެއްގައި ކިޔައިދޭން ނިހާނަށް ނުކެރުނީއެވެ. އެހެންނަމަވެސް މިއަދު ސާލިމް އޭނީ ޝާނާގެ ވާހަކަތައް އެންމެ ފިއްޔެއްވެސް އުނިނުކޮށް މަންމައަށް ކިޔައިދޭން އައިހެވެ.
"އޭނައެއް ނާންނާނެ. އަހަރެން ބަހައްޓާނަން ސައި ހަދާފަ. ބަނޑުހައިވިއްޔާ އައިސް ސައިބޯނެއްނު" ލަތީފާ ދިނީ ފަރުވާކުޑަ ޖަވާބެކެވެ. ސާލިމް ދެރަވެސްވިއެވެ. އަދި ހިތްހަމަވެސްނުޖެހުނެވެ.
"މަންމާ!" ސާލިމް ގޮވާލިއެވެ.
ލަތީފާ ބަލައިލުމާއެކު ސާލިމް ދެން ބަލައިލީ ދިމާލަށް އިން ޝާނާ އަށެވެ.
"އަޅުގަނޑުގެ ފުރުން ދިހަ ވަރަކަށް ދުވަހަށް ލަސްކޮށްފިން. މަންމަ ޝާނާ ގޮވައިގެން ރާއްޖެ ބަދަލުވޭ. ބައްޕަ ކައިރީގަ ބުނެފިން ހަދާފަ ހުރި އިމާރާތުގަ މަންމަމެންނަށް އުޅެވޭގޮތަށް ފަރުނީޗަރު ވައްދާށޭ. މީހަކާ ބައްޕަ އެކަން ހަވާލުވެސްކޮށްފި. އަޅުގަނޑު ފުރާނީ މަންމަ އެކޮޅަށް ބަދަލުވީމަ" ސާލިމް ބުންޏެވެ.
ނެގި ކޮފީތަށި ހިފަހައްޓައިގެން އިން ޝާނާ އިނީ ހައިރާންވެފައެވެ. ކުއްލިއަކަށް ކިހިނެއްވީ ހެއްޔެވެ؟ ދޮންބެ އެ ދެއްކީ ކޮން ކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ލަތީފާއަށް ވެސް ވަނީ ހައިރާންކަމެއް ލިބިފައެވެ.
"ކުށްކުރީ ނިހާނެއް ނޫން" ސުވާލުގެ ނަޒަރަކުން ލަތީފާ ބަލަހައްޓައިގެން އިނުމުން ސާލިމް ބުންޏެވެ. ވާނުވާ ނޭނގި ފަހަރަކު މީހެއްގެ މޫނަށް ބަލަން ނޭހާ އިނެވެ.
"ކީކޭ ދަރިފުޅު ތި ކިޔަނީ؟" ލަތީފާ އެހިއެވެ.
ޝަކުވާގެ ނަޒަރަކުން ސާލިމް އިނީ ޝާނާގެ މޫނަށް ބަލާށެވެ. ދޮންބެގެ އެ ނަޒަރުން ޝާނާއަށް އުނދަގޫވިއެވެ. ނިހާން އޭނާގެ ވާހަކަތައް ދޮންބެއަށް ކިޔައިދީފިކަން ޝާނާއަށް ފަހުމުވިއެވެ. އެކަން މަންމަ އާއި ފަހަރިގެ ކުރިމަތީގައި ހާމަކުރުމުގެ ކުރިން އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ކޮފީ ތަށި އަލުން މޭޒުމަތީގައި ބަހައްޓާފައި ގޮނޑިން ތެދުވަން ޝާނާ އުޅުނެވެ. އެހެންނަމަވެސް ޝާނާއަށް އަލުން އިށީންނަން މަޖުބޫރުކުރީ ލަތީފާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
"މަންމައަށް އޭރުވެސް ހީވެއްޖެ މިކަމުގައި ޝާނާ ގޯހެއް ހަދައިފިޔޭ. މަންމައަށް ހިތުހުރި އެއްޗެއް ނިހާނަށް ގޮވާލަން ނުކެރިގެން މި އުޅެނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން. ހިތެއް މުޅިއަކުން އެއްބަހެއް ނުވޭ ޝާނާގެ ވާހަކަތަކަށް. ދަރިފުޅު މަންމައަށް ކިޔައިދީބަލަ" ލަތީފާ ބުންޏެވެ.
"މަންމަ އަޅުގަނޑަށް އިތުބާރު ނުކުރަންތަ؟" ޝާނާ އެ ވަގުތުވެސް މަންމަގެ ހަމްދަރުދީ ހޯދަން މަސައްކަތް ކުރިއެވެ.
"ޝަޓްއަޕް ޝާނާ" ސާލިމްގެ ބާރު އަޑުން ނޭހާ ދިޔައީ ސިއްސައިގެންނެވެ.
"މަންމާ! ޝާނާ ނިހާންގެ ކިބައިން އެދުނީ އޭނާ ނަހަލާލަށް ބަލިވެ ބައިންދަން. ނިހާން ގަޔަށް އަރަން މަސައްކަތްކުރީ ޝާނާ. އެރޭ ނިހާން ބޭނުންވިނަމަ ޝާނާއަށް ހަދާނެ އެއްޗެއް ހެދުނީސް. އެކަމަކު ނިހާން ރޫޔާއަށް ތެދުވެރިވާންވެގެން ހެއްދެވިފަރާތަށް ބިރުވެތިވެގެން އެ ކޮޓަރިން ޝާނާ ނެރުނީ" ސާލިމް ވާހަކަދެއްކިއެވެ. ނޭހާއަށް އަނގަމަތީގައި އަތް އެޅުނެވެ.
ކަންފަތަށް ހޮނުގުގުރިއެއް އެޅިހެން ހީވެ ލަތީފާއަށް އެކައްޗެއްވެސް ނޭނގުނެވެ. ހީވީ ހިނދުކޮޅަކަށް ކަންފަތުގެ އިވުން ފިލައިގެން ދިޔަހެންނެވެ. ލޯމަތީގައި ތަރި ބުރައިގެން ދިޔަހެންނެވެ. ދިމާލުން އިން ގޮނޑިއަށް ލަތީފާ ވެއްޓިގަތެވެ. އެ ހިނދު ސާލިމް ކޮށްލި އިޝާރާތަށް ލަތީފާއާ ގާތަށް ޖެހުނީ ނޭހާއެވެ.
****
"ބައްޕަގެ އޮފީސް ހެދުމެއް އިސްތިރިކޮށްލަން މަންމަ ކޮޓަރިއަށް މި ވަންނަނީ" ކައިރީގައި އިން ރޫޔާގެ މޫނުގައި ފިރުމާލަމުން ހަންނާ ބުންޏެވެ.
ނިހާނާއި ރޫޔާ ކާ މޭޒު ކައިރީގައި އެކަނިވުމާއެކު އެކަކު އަނެކަކަށް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އައިސް އަލަމާރި ކައިރިއަށް ފިނި ފެންފުޅިއެއް ނަގަން ރޫޔާ ހިނގައިގަތުމުން ނިހާން ބަލައިލިއެވެ. ވައިލެޓް ކުލައިގެ އަތްދިގު ޓީޝާޓަކާއި ހަމަ އެކުލައިގެ ޓައިޓެއްގައި ރޫޔާ ވަރަށް ހިތްގައިމެވެ. އިސްތަށިގަނޑު ނިވާކޮށްލާފައި އޮތްއިރު ރޫޔާގެ ދޮން މޫނު ފާޅުވަމުން ދިޔައީ އަޖައިބެއް ފަދަ ގޮތަކަށެވެ. މޫނާއި ދެ އަތްތިލަ ނޫން އެހެން އެއްވެސް ތަނެއް ރޫޔާގެ ހަށިގަނޑުން ފެންނާކަށް ނެތެވެ.
ކުއްލިއަކަށް ރޫޔާ ސިހުނީ ފަހަތުގައި ހުއްޓުނު ނިހާންގެ ހޫނު ނޭވާތައް އޭނާގެ ކޯތާފަތަށް އިހުސާސްވާން ފެށުމުންނެވެ. ދުރަށް ޖެހިލަން ރޫޔާ އުޅުމުން ނިހާން ހުރަހަކަށް ވިއެވެ. ނުވިސްނާ ހުއްޓައި ރޫޔާ ގާތްކޮށްލިއެވެ. އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ރޫޔާގެ ތުނި ތުންފަތުގައި ހިންގާލިއެވެ.
"މިގަޑީގަ މާ ރޮމޭންޓިކް ވާނެ ކަމެއް ނެތް" ރޫޔާ ދުރަށް ޖެހުނެވެ.
ދުރަށް ޖެހިލި ރޫޔާ އަތުގައި ހިފައިގެން ނިހާން ހިނގައިގަތް ވަގުތު ހުޅުވާފައި ހުރި ދޮރުގެ ބޭރުން ސަލާމް ގޮވާލި އަޑު އިވުނެވެ. އެ ދިމާލަށް ބަލައިލީ ދެކުދިން އެކުގައެވެ.
"ވައަލައިކުމުއްސަލާމް" ސިޑިން ފައިބައިގެން އައި ހަންނާ ސަލާމް ބަލައިގަތެވެ.
ދޮރުން އެތެރެއަށް ވަން ސާލިމް އާއި ލަތީފާ ފެނިފައި ނިހާނާއި ރޫޔާއަށް ލިބުނީ ހައިރާންކަމެވެ. ހަންނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ފަހަތުގައި ރޮވިފައި ހުރި ޝާނާ ފެނުމުންނެވެ.
އެހެންނަމަވެސް ރޫޔާގެ ނަޒަރު ހުއްޓުނީ ޝާނާ ކައިރީގައި ހުރި ނޭހާ އަށެވެ. އެވަގުތު އެއީ ނޭހާ އާއި ރޫޔާގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވި ވަގުތެވެ.
(ނުނިމޭ)