މިރާހްއަށް ތާރާގެ ގާތަށް ދެވުނެވެ. ދެކެވުނު ވާހަކަތައް ތާރާއަށް އަޑު އިވިއްޖެކަން އޭނާއަށް ޔަގީންކުރެވުނެވެ. ހިތްހަމަނުޖެހުމާ އެކުގައި ޖޫދާއަށް މިރާހް ބަލައިލިއެވެ.
''ހުރިހާ ކަމެއްގެ ނުބަޔަކީ ކަލޭ... އަހަރެންގެ ލޯބި ފޭރިގަތް މީހަކީ ކަލޭ... ކަލެއަށް އުފަލުގައި އުޅެވޭނެ ކަމަށްތަ ހީކުރީ؟... އޭނ!...'' މިރާހް، ތާރާގެ ކޮނޑުގައި ހިފާލަމުން ގާތަށް ގެނައި މަންޒަރު ފެނުމާއެކުގައި ޖޫދާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ ގޮސް ތާރާގެ އިސްތަށިގަނޑުގައި ހިފައިގަންނަން އުޅުނެވެ. އެ ވަގުތު ޖޫދާ ހިފެހެއްޓީ އެތަނަށް އައި ރައިހާންއެވެ.
މިރާހްގެ ފަހަތުން ދިޔަ ޖޫދާގެ ހަބަރެއް ނުވެގެން އޭނާ އެތަނަށް އައީ ފަހަރެއްގައި ވެސް އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެ ހިތުގައި އުފެދިފައިވި ހުރިހާ ސުވާލެއްގެ ޖަވާބު ލިބިގެން ގޮސްފިއެވެ. ޖޫދާގެ މިޒާޖަށް އައި ބަދަލުތަކުގެ ފަހަތުގައި އޮތް ސަބަބު ވެސް ހާމަވެގެން ގޮސްފިއެވެ. ހިތަށް އެ ވާހަކަތަކުން ތަދު ވެސް ވިއެވެ. ކަންފަތަށް އިވުނު ވާހަކަތައް ދޮގުކުރަން ވެސް ބޭނުންވިއެވެ. ނަމަވެސް ހަގީގަތް ލޯކުރިމަތިން ހާމަވެގެން ދިއުމުން އެކަން ގަބޫލުކުރުން ނޫން ގޮތެއް ނެތެވެ. ހަގީގަތަށް ފިލަން ދުވާނީ ވެސް ކޮންތާކަށް ހެއްޔެވެ؟ ހުރިހާ ކަމަކަށް އިއުތިރާފުވީ ވެސް ޚުދު ޖޫދާގެ ދުލުންނެވެ. ޖޫދާގެ ހިތުގެ ކިލަނބުކަން ހާމަވެގެން ދިއުމުން ރައިހާންއަށް ސިހުން ލިބިފައިވިއެވެ.
''ދޫކުރޭ...'' ޖުދާ ބާރަށް ބުންޏެވެ. އޭރު ބަދިގޭގައި ހޭލަމޭލަވަމުން ދިޔަ މުވައްޒިފުންގެ ސަމާލުކަން ވެސް ހުއްޓިއްޖެއެވެ. ބޭރަށް ޒުވާބުގެ އަޑު ފެތުރިދާނެތީ މިރާހް ކަންބޮޑުވިއެވެ. މާމައަށް އެއްވެސް ކަމެއްގެ ހަލަން ވާން އޭނަ ބޭނުމެއް ނޫނެވެ.
''ހިނގާ ދާން...'' ރައިހާން އަމުރުކުރިއެވެ. ދުވަހަކު ވެސް އެނޫނީ ނުރުހުމާއެކުގައި ޖޫދާއާއި ރައިހާން ވާހަކަދައްކާފައި ނުވެއެވެ. ޖޫދާ ހުއްޓުން އެރިއެވެ. ފާޑަކަށް ރައިހާންގެ މޫނަށް ބަލައިލެވުނެވެ.
''ވެދިޔަ ކަންތަކަށް އަހަރެން މައާފަށް އެދެން...'' ރައިހާންގެ ނަޒަރު ހުއްޓުނީ މިރާހް އަށެވެ. އެއަށްފަހު ޖޫދާގެ އަތުގައި ހިފައި އޭނާ ދަމާލިއެވެ. ގަދަހަދަން އުޅުނު ޖޫދާގެ އަތުގައި ހިފާލަމުން ރައިހާންއަށް ލުއްކިއެއް ޖަހާލެވުނެވެ. ވަގުތުން ޖޫދާ ހިމޭންވެއްޖެއެވެ.
''ދާން ހިނގާ...'' ރައިހާން ތަކުރާރުކޮށްލިއެވެ. ރައިހާންގެ މޫނުގައިވި އަސަރުތައް ދޭހަކުރަން ޖޫދާ ނުކުޅެދުނެވެ. މީހާ ހިމޭންވީ ވެސް އެހެންވެއެވެ.
''ފުރަތަމަ މިރާހްއާ ދިމާވީ އަހަންނާ... މީ އިންސާފެއް ނޫން...'' ރައިހާން އޭނާ ގެންދަން އުޅުމުން ތާރާއަށް ޖޫދާ ބުނެލިއެވެ. އަދިވެސް ބަލި ގަބުލުކުރަން އޭނާ ބޭނުން ނުވާ ކަހަލައެވެ.
''ޖޫދާ...'' ރައިހާން ގޮވާލިއެވެ. އެ ދެލޮލުގައި ވަނީ ނުރުހުމެވެ. ޖޫދާގެ އަތުން އޭނާ ދޫކޮށްލީ ބަގިގޭގެ ދޮރާ ހަމަވުމުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ދޮރު ހުޅުވާލިއެވެ. ތާރާ އަވަސްއަވަހަށް ނިކުތެވެ. ބާރަށް ހިނގާފައި އޭނާ ދިޔައީއެވެ. ފަސްއެނބުރި މިރާހްއާއި ތާރާއަށް ބަލައިލަމުން ރައިހާން ވެސް ނިކުމެގެން ދިޔައެވެ. ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކޮށްލަން ޖޫދާ މަސައްކަތް ކުރުމުން އެ ހިތުން ޖޫދާއަށް ދެވުނު ގަދަރާއި ލޯބި ފަނޑުވެގެން ގޮސްފިއެވެ. ޖޫދާގެ ހިތުގައި ފޮރުވިފައި އޮތް އަނދިރިކަން ވެސް ހާމަވެއްޖެއެވެ. އޭނާގެ ލޯބި ދުވަހަކު ޖޫދާ ގަބޫލުނުކުރާނެކަން ވެސް ޔަގީންވެގެން ދިޔައެވެ. ޖޫދާގެ ފަހަތުން ހިނގައިގަންނަމުން، ދެން ކަންތައްކުރަންވީ ގޮތް ރައިހާން ނިންމައިފިއެވެ. އުނދަގޫ ނިންމުމެއް ކަމުގައި ވިޔަސް، އެކަމުގައި ސާބިތުވެ ހުންނަން އޭނާ އަޒުމު ކަނޑައެޅިއެވެ.
*****
ބާރަށް ހިނގާފައި ގޮސް ރެސްޓޯރެންޓުން ޖޫދާ ނިކުތެވެ. އޭނާގެ ހިތަށް ލިބުނު ވޭނުގައި ޖޫދާއަށް ރޮވިއްޖެއެވެ. މިރާހްގެ ހިތުން އޭނާއަށް ޖާގައެއް ނުލިބޭނެކަން ޔަގީން ކުރެވުނީއެވެ. އޭނާއަކީ މިރާހްގެ މާޒީއަށް ވެގެން ހިނގައްޖެއެވެ. މުސްތަގުބަލެއް އެކުގައި ނުލިބޭނެކަން ވެސް ހަނދުމަކޮށްދީފިއެވެ. އޭނާއަށް ވިސްނުނީ މުޅިން ގޯސްކޮށެވެ. މިރާހްގެ ލޯތްބަކީ ތާރާއެވެ. ބިލާހެއްގެ ތެރޭގައި އުޅެވުނީ އޭނާއަށެވެ. އައިސްފައި ހުރި ރުޅި ފިނިވެލުމުން ޖޫދާއަށް ރޮވުނީއެވެ. ހަގީގަތަށް ލޯހުޅުވާލެވުނީ ދެނެވެ. ހިތުގެ ވޭނާއެކުގައި ޖޫދާ މާޔޫސް ވެއްޖެއެވެ.
''ޖޫދާ...'' ސިހިގެން ދިޔައީ ރައިހާންގެ އަޑަށެވެ. އަވަސްއަވަހަށް ކަރުނަ ފޮހެލަމުން ޖޫދާ ފަސްއެނބުރިލިއެވެ. ރުޅީގެ އަސަރު އެކުލެވިގެންވި ރައިހާންގެ މޫނު ފެނުމުން ޖޫދާއަށް ހިންދިރުވާލެވުނެވެ.
ރައިހާން އައިސް ކާރުގެ ދޮރު ހުޅުވާލަމުން ކާރަށް އެރިއެވެ. ރައިހާން އަނގައިން ވެސް ނުބުންޏެވެ. އައިސްފައި ހުރި ރުޅި ހާމަކޮށްދެނީ ވާންކަން އެކުލެވިގެންވި ކަތުރުކަށިގަނޑުންނެވެ. މެޔަށް ފިނިވެފައިވާ ހާލުގައި ޖޫދާ ކާރަށް އެރިއެވެ. މާލެ ދެވެންދެން ކާރު ތެރެއަށް ފެތުރިފައި އޮތީ ހަމަހިމޭންކަމެވެ. ޖޫދާ އިނީ ހިތްނުތަނަވަސްވެފައެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދެންމެ ހިނގި ހާދިސާއާ މެދުގައެވެ. ހަމައެއާއެކު ރައިހާންގެ ފަރާތުން ފެނުނު ރުޅިވެރިކަމާ މެދުގައި ވެސް ފިރުކުބޮޑުވެގެން ދިޔައެވެ.
*****
ތާރާ ގޮވައިގެން މިރާހް ވަނީ އޮފީސް ބަޔަށެވެ. އެތާ ހުރި ގޮނޑިއެއްގައި ތާރާ ބައިންދަމުން ތާރާގެ ގާތުގައި ކުޑަ ކަކޫ ޖަހާލިއެވެ. ތާރާގެ އަތުގައި ވެސް މިރާހް ހިފައިލިއެވެ. ތާރާގެ ހިމޭންކަމުން އެ ހިތަށް އަސަރުކުރިއެވެ.
''ފެން ތަށްޓެއް ގެެނެސްދެންތަ؟...'' މިރާހްއަށް އަހާލެވުނެވެ. ތާރާ ބޯހޫރާލިއެވެ. ވެދިޔަ ކަންތައް ސިކުނޑިއަށް ނަގައިގަންނަން ތާރާ މަސައްކަތްކުރިއެވެ.
''އައިމް ސޮރީ...'' މިރާހްގެ ހިތަށް އަސަރުކުރިއެވެ. ތާރާގެ އަތްތިލަ ގެނެސް ތުންފަތުގައި އޭނާއަށް ޖައްސާލެވުނެވެ.
''އަހަންނަށް ކިޔައިދީބަލަ...'' ތާރާ ފުންނޭވާއެއް ދޫކޮށްލިއެވެ. މިރާހްގެ ދެލޮލުން ފެނުނު ހިތްދަތިކަމުން ތާރާގެ ހިތަށް ތަދުވެލިއެވެ. ވަގުތުން މިރާހްގެ މޫނުގައި ދެ އަތުން ހިފަހައްޓާލެވުނެވެ.
''އަހަރެންގެ ހިތުގައި މިރާހްއަށް އޮތް ލޯތްބަށް ބަދަލެއް ނާންނާނެ... ހަގީގަތް އެނގުމުން ވެދިޔަ ކަންތައް ވެސް ވިސްނައިގަންނަން އަހަންނަށް ފަސޭހަ ވާނީ...'' ތާރާ އެދުނެވެ. ޖޫދާގެ ވާހަކަތަކުން އެ ހިތަށް އަސަރު ނުކުރެޔޭ ބުނެފިނަމަ ވާނީ ދޮގަކަށެވެ. ނަމަވެސް ޖޫދާއަށް ވުރެ ބޮޑަށް އޭނާ އިތުބާރުކުރަން ބޭނުންވީ މިރާހް އަށެވެ. ހަަމައެއާއެކު ޖޫދާގެ ހިތުގައި އޮތް ހަސަދަވެރިކަމާއި ނަފުރަތު ވެސް ވަނީ ފެނިގެން ގޮސްފައެވެ. ޖޫދާގެ ހިތް އޭނާއަށް ދުވަހަކު ވެސް ހެޔޮ ނުވާނެކަން ޔަގީންކުރެވުނެވެ.
މިރާހް ކިޔައިދޭން ފެށިއެވެ. ޖޫދާއާ ބައްދަލުވި ގޮތެވެ. ހިތުގައި އުފެދުނު އިހުސާސްތަކެވެ. ނަމަވެސް ތާރާއާ ކައިވެނި ހަމަޖެހުނު ހިސާބުން އެ ހުރިހާ އިހުސާާސްތަކެއް ހިތުގައި ވަޅުލިކަމެވެ. ތާރާއަށް ވަފާތެރި ފިރިއަކަށް ވާން ބޭނުންވި ކަމެވެ. ހަމައެއާއެކު ތާރާގެ ލޯތްބަށް އެ ހިތް ހުޅުވާލިކަން ވެސް މިރާހް ހާމަކުރިއެވެ.
''އައިމް ސޮރީ ފޯ އެވްރީތިންގް... އަހަންނަށް ހަގީގަތް ހާމަކުރަން ނުކެރުނީ... ތާރާ ދެކެފާނެ ގޮތެއް ނޭނގޭތީ ބިރުގަތީ... އަހަރެން ބޭނުމެއް ނޫން ތާރާ ގެއްލިގެން ދާކަށް... އަހަރެން ވަރަށް ބޮޑަށް ތާރާ ދެކެ ލޯބިވޭ... އަހަރެންގެ ދިރިއުޅުން ވޭތުކުރަން އިހުތިޔާރު ކުރާނެ ބައިވެރިޔަކީ ތީ... އައި ލަވް ޔޫ ސޯ މަޗް...'' ތާރާއާ ނަޒަރު ވަކިކުރުމެއް ނެތި އެ ހިތުގައި އޮތް ލޯބި މިރާހް ބަންޑުންކޮށްލިއެވެ. ހިމޭންކަމާއެކު ވަގުތުކޮޅެއް ފާއިތުވުމުން މިރާހްގެ ހިތް ތެޅިލިއެވެ. އޭނާ ބިރުގަންނަ ގޮތް ވެސް ވެއްޖެއެވެ.
''ތާރާ...'' އަސަރާއެކުގައި މިރާހްއަށް ގޮވާލެވުނެވެ. އެ ލޮލުން ކަރުނަ ހިލެން ވެސް ފަށައިފިއެވެ. ''އަހަރެން ލޯބިވަނީ ހަމައެކަނި ތާރާ ދެކެ...''
''އަހަރެން ދެކެ މިރޫ ވާ ލޯތްބާ މެދުގައި ޝައްކެއް ނުކުރާނަން... އަހަންނަށް މި ވިސްނާލެވުނީ ޖޫދާއާ މެދުގައި... ލޯބި ގެއްލިގެން ދިއުމުން ހިތުގައި ވޭން އަޅާނެ...'' ތާރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''އެކަމަކު އޭގެ ބަދަލު ހިފަން އުޅުމަކީ ވެސް ރަނގަޅު ގޮތެއް ނޫން... ކަންތައް ކުރެވުނު ގޮތުން އަހަރެން މައާފަށް އެދުނީން... އެކަމަކު ހަގީގަތް ގަބޫލުކުރަން އޭނާ ބޭނުމެއް ނުވި... އޭނާގެ ހިތް ދުވަހަކު ސާފެއް ނުވާނެކަން މިހާރު އެނގިގެން ގޮސްފި...'' މިރާހްއަށް ބުނެވުނެވެ. އަދިވެސް އެ ހިތުގައި ޖޫދާއާ މެދުގައި އޮތީ ރުޅިވެރިކަމެވެ. ''އޭނާ ތާރާގެ އެކުވެރިޔަކަށް ވާން އުޅުނީ ވެސް ބަދަލު ހިފަން...''
''ކޮންމެ ފަދަ ގޮތަކަށް އަހަންނާއި މިރޫގެ ގުޅުން ފެށިގެން ދިޔަ ކަމުގައި ވިޔަސް އަހަންނަށް މިރޫގެ ހިތް ހުޅުވާލަދިނީތީ ޝުކުރުވެރިވަން... އަހަންނާ އެކުގައި ދިރިއުޅުމެއް ފަށަން ގަސްދުކުރުން އެއީ އަހަންނަށް މި ދުނިޔެ މަތިން ލިބުނު އެންމެ ބޮޑު ނިއުމަތް... އަހަރެން މިރޫ ދެކެ ވަރަށް ބޮޑަށް ލޯބިވޭ... ދުވަހަކު ވަކިވާން ބޭނުމެއް ނޫން... މިއަދު އަހަރެން ދެކެ މިރޫ ވާ ލޯބި ވެސް ހާމަވެގެން ގޮސްފި... އެކަމަށް އަބަދުވެސް ޝުކުރު ކުރާނަން... ޖޫދާގެ ހަގީގަތް ވެސް ހާމަވެގެން ގޮސްފި... ދެން އެންމެ ރަނގަޅު ވާނީ ހުރިހާ ކަމެއް ހަނދާން ނައްތާލުން... މިރޫ އަހަންނާއެކުގައި އަބަދުވެސް ވާނެ ކަމުގެ ޔަގީންކަން ލިބިއްޖެ... ތެންކިއު...'' ތާރާ ހިނިތުންވެލިއެވެ. މިރާހްގެ ނިތުގައި ތާރާ ބޮސްދިނެވެ. ތާރާގެ ޖުމްލައިން މިރާހްއަށް ވެސް ހިނިތުންވެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮންމެ ފަދަ އިމްތިހާނެއް އެ ލޯތްބަށް ކުރިމަތިވިކަމުގައި ވިޔަސް، އެ އިމްތިހާނަކާ އެކުގައި ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަން ވެސް ލިބުނެވެ. އެ ލޯބީގެ ފުރިހަމަކަން ވެސް އިހުސާސްކުރެވުނެވެ.
''އައި ލަވް ޔޫ...'' މިރާހްއަށް ތާރާގެ ގައިގައި ބައްދާލެވުނެވެ. ތާރާ ވެސް ލޯބިވާކަން ބުނެދިނެވެ. ޖޫދާގެ ނުބައި ރޭވުންތައް ނާކާމިޔާބުވުމުން ހެއްދެވި ފަރާތަށް ވެސް ޝުކުރުކުރެވުނެވެ. ޖޫދާއާ އޮތް ގުޅުން ވަގުތުން ތާރާ ކަނޑާލިއެވެ. ދެން ޖޫދާގެ ހިޔަނި އޭނާގެ ހަޔާތަށް އެޅުމުގެ ފުރުސަތެއް ނުދޭނެއެވެ. ޖޫދާ ކުރިމަތިލާން ޖެހުނު ހިތްދަތި ދުވަސްތަކުން ދެރަވިކަމުގައި ވިޔަސް، އެކަމުގެ ބަދަލު ހިފަން އުޅުމަކީ މައާފު ލިބުން ހައްގުކަމެއް ވެސް ނޫނެވެ. ޖޫދާގެ ހިތުގައި އޮތް ކިލަނބުކަން ދުވަހަކު ވެސް ފަނޑުވެގެން ނުދާނެއެވެ.
*****
އެޕާޓެމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ރައިހާން ވަނެވެ. އިސްޖެހިފައި ހުރި ޖޫދާ ވެސް އެތެރެއަށް ވަނެވެ. ބޮޑުކޮޓަރީގެ މެދުގައި ހުއްޓިލަމުން ޖޫދާއަށް ރައިހާން ބަލައިލިއެވެ. މޮޅިވެރިކަން ރައިހާންގެ ދެލޮލުން ފާޅުވިކަމުގައި ވިޔަސް އޭނާގެ ނިންމުން މަތީގައި ރައިހާން ފައިތިލަ ސާބިތުކުރިއެވެ. ޖޫދާއާ އެކުގައި އުފާވެރި ހަޔާތެއް އޭނާއަށް ބިނާކުރެވޭކަށް ނެތެވެ. ހިތަށް ތަދު ވިޔަސް އެ ހަގީގަތް އޭނާ ޖެހޭނީ ގަބޫލުކުރާށެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއަށް ފަހުގައި ޖޫދާއާއި ރައިހާން ކުރިމަތިލިއެވެ.
''އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ... ޖޫދާގެ ރުޅިވެރިކަމާ ގުޅިފައިވާ ސަބަބުތައް ވެސް އެނގިއްޖެ...'' ރައިހާން ބުންޏެވެ.
''ރެއިން...'' ޖޫދާއަށް ބުނެވުނެވެ. އޭނާ ހުރީ ހިތްވަރު އެލިފައެވެ. ''ލެޓް މީ އެކްސްޕްލެއިން...''
''ނޫން!...'' ރައިހާން ބުނެލިއެވެ. ހިތްހަމަނުޖެހުން ރައިހާންގެ އަޑުން ޖޫދާއަށް ނަގައިގަނެވުނެވެ. އޭނާ ފަސްޖެހޭ ގޮތް ވެއްޖެއެވެ. އަމިއްލަ ނުބައިކަމުގެ ހަސްކާ ލިބެން އުޅެނީ ކަމުގެ ހިލަން ވިއެވެ. އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ހަގީގަތް އެ އޮތީ ހާމަވެފައެވެ. އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟
''އެންމެ ރަނގަޅުވާނީ މި ކައިވެނި ރޫޅާލުން... ޖޫދާ ވެސް އަހަންނާ އެކުގައި އުޅެން ބޭނުމެއް ނުވޭ... އަހަރެން ޖޫދާ ދެކެ ކިތަންމެ ލޯބި ވިޔަސް ތި ހިތް ބަދަލެއް ނުވާނެކަން އެނގިއްޖެ... އަދި ތި ހިތުގެ އަނދިރިކަން ރަނގަޅު ނުވާނެކަން ވެސް އެނގިއްޖެ...'' ރައިހާން ފުންނޭވާއެއް ދޫކޮށްލިއެވެ.
''ރެއިން!... ނޫން...'' ޖޫދާއަށް ރޮވުނެވެ.
''އިނަފް... އެކްޓް ކުރަން ނޫޅޭ!... ދެން ޖޫދާގެ ނުބައި ރޭވުންތަކަށް އަހަރެން ނުހެއްލޭނެ... އަހަރެން ބޭނުމެއް ނޫން އިތުރަށް ޖޫދާއާ އެކުގައި އުޅޭކަށް...'' ޖޫދަގެ ކަރުނަތައް ފެނި ރައިހާންއަށް ރުޅި އާދެވުނެވެ. ޖޫދާގެ މަކަރުވެރިކަމުގެ ދަލުގައި އޭނާގެ ހިތް ހައްޔަރުވީތީ، އައިސްފައި ހުރި ރުޅި ގަދަވުން ނޫންކަމެއް ނުވިއެވެ.
''އަހަންނަށް ފުރުސަތެއް ދީބަލަ... އައިމް ސޮރީ...'' ޖޫދާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެ ވަގުތު އަތްތިލަ އުފުއްލާލަމުން ދުރުގައި ހުރުމަށް ރައިހާން އަމުރުކޮށްލިއެވެ.
''ތިހިރީ ވަރިކޮށްފަ... އެއްޗެހި ހިފައިގެން ޖޫދާގެ އާއިލާގެ ގާތަށް ދޭ... ވަރި ސާބިތުކުރަން ކޯޓުން ބައްދަލުވުމަށް ފަހުގައި ދެން އަހަރެންގެ ކުރިމައްޗަށް ވެސް ޖޫދާ އަރައިގެން ނުވާނެ... ސާފުވެއްޖެ؟...'' ރައިހާން ރުޅި އަންނަން ބޭނުންވިކަމުގައި ވިޔަސް އޭނާގެ އަޑު ކުރެހުނެވެ. އަވަސްއަވަހަށް ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކުގައި ޖޫދާއަށް އޭނާ ފުރަގަސްދިނެވެ. އޭނާއާއި ޖޫދާގެ ކައިވެންޏަށް ނިމުން އައީއެވެ. އެއީ އެންމެ ރަނގަޅު ގޮތެވެ.
''ރެއިން...'' ޖޫދާއަށް ރޮވުނެވެ.
''ޕެކް ޔޯރ ތިންގްސް އެންޑް ލީވް!...'' ރައިހާން އަމުރުކުރިއެވެ. އިތުރަށް މަޑުކުރުމެއް ނެތި ރައިހާން ގޮސް ވަނީ ސްޓަޑީ އަށެވެ. ގެއިން ނިކުމެގެން ދާން ޖޫދާއަށް އޭނާ ދިނީ ބައިގަޑިއިރެވެ.
ޖޫދާއަށް އޭނާގެ މޫނުގައި އަތްއަޅާލެވުނެވެ. ބާރުބާރާށް ރޮވުނެވެ. ކުރެވުނު ކުށްތައް ރޭކާލި ހިނދުގައި އޭނާގެ ދިރިއުޅުން އޮޔާލާ ގޮސްފިއެވެ. ރޮމުންރޮމުން ބިންމައްޗަށް ޖޫދާއަށް ތިރިވެވުނެވެ. އޭނާގެ ހިތާމައިގައި ބައިވެރިވާނެ އެއްވެސް މީހަކު ނެތެވެ. ދުނިޔެއަށް އޭނާ ގިނަވެއްޖެއެވެ. އެކަނިވެރިކަމުގެ އުދާސްކަން އައިސް އޭނާ ވަށާލިއެވެ. މިއަދު އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކުވެސް ނެތެވެ. ހާދަ ދެރައެވެ.
(ނުނިމޭ)