ހަލަބޮލިކަން އެކުލެވިގެންވި މާހައުލުގެ ތެރޭން ޖޫދާގެ ނަޒަރު ހޯދަމުން ދިޔައީ މިރާހްއެވެ. ގާތުގައި ހުރި ރައިހާންގެ ސަބަބުން ވެސް ޖޫދާ އިނީ މޫޑު ޚަރާބުވެފައެވެ. އޭނާގެ އުނަގަނޑުގައި ފަހަތުން ރައިހާން އަތްޖައްސާލުމުން ވެސް އަތް ފޮޅުވާލަން ބޭނުންވިއެވެ. ނަމަވެސް އޭނާއަށް ޖެހުނީ ރުޅިގަނޑު ހިންދާލާށެވެ. މީހުންގެ ލޯތަށް ހުއްޓެމުން ދާތީ ތަމްސީލެއް ކުޅެން އޭނާއަށް އޮތީ މަޖުބޫރުވެފައެވެ. ގަދަކަމުން ހިނިތުންވެލައިގެން ހުރި އިރުގައި ހިތުގައި އަނދަމުން ދިޔައީ ނަފުރަތެވެ. އޭނާއަށް ތަންކޮޅެއް ދުރުގައި ބަޔަކާ ވާހަކަދައްކަން ހުރި މިރާހް ފެނުނެވެ. ހުދުކުލައިގެ ބޯޓަކާއި ކަޅުކުލައިގެ ސޫޓްގައި މިރާހް ފެންނަމުން ދިޔައީ މެގެޒިންތަކުން ފެންނަ ކަހަލަ މޮޑެލްއެއްގެ ފުރިހަމަކަމާއެކުގައެވެ. އެ ފިރިހެންވަންތަކަމާއި ރީތިކަމުން ޖޫދާގެ ހިތުގައި ރިއްސާލިއެވެ. މިރާހްގެ ގާތުގައި ހުރި ތާރާއަށް ޖޫދާ ބަލައިލީ ހަސަދަވެރިކަމާއެކުގައެވެ. ތާރާގެ ތުންފަތުގައިވި ހިނިތުންވުން ވެސް ފޭރިގަންނަން ބޭނުންވިއެވެ.
''ހުރެބަލަ، ކަލޭގެ އުފާވެރިކަން އަހަރެން ޖަހައިގަންނާނަން...'' ޖޫދާއަށް ދަތްކުނޑި ވިކާލެވުނެވެ. މޫނު ބަނަވެފައި ހުރި ޖޫދާ ބަލަމުން ދިޔައީ ހަމަލާދޭނެ ފުރުސަތަކަށެވެ. ނުބައި ރޭވުން ރާވަމުން ދަނިކޮށް ތާރާގެ ނަޒަރު އޭނާއަށް ހުއްޓުނުކަން ޖޫދާއަށް ފާހަގަވިއެވެ. ޖޫދާއަށް މިފަހަރު ވެސް މަޖުބޫރުވީ ހިނިތުންވާށެވެ. އޭރު އޭނާގެ ކޮލުގެ މަސްތަކުގައި ވެސް ރިއްސަން ފަށައިފިއެވެ. ދެއްކުންތެރިކަމުގެ ހިޔަނީގައި ގިނައިރު ހުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ތާރާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ނަފުސު ހަމައިން ނެއްޓިގެން ހިނގައިދާހާ ވެއެވެ.
''ޖޫދާ...'' މިރާހް ގޮވައިގެން ޖޫދާގެ ގާތަށް ތާރާ އަތުވެއްޖެއެވެ. އެއީ ރައިހާންއާ ބައްދަލުވި ފުރަތަމަ ފަހަރުކަމުން ރައިހާންއަށް ތާރާ ތައާރަފުވެލިއެވެ. އެކުވެރިކަމުގެ ހިނިތުންވުމަކާ އެކުގައި ރައިހާން ވެސް އޭނާގެ ތައާރަފެއް ދިނެވެ. ޖޫދާއަށް ބަލައިލެވުނީ މިރާހްގެ މޫނަށެވެ. މިރާހް ވެސް އެކުވެރިކަމާއެކުގައި ހިނިތުންވެލިއެވެ. ޖޫދާގެ ހިތުގައި އޮތް ހީލަތްތެރިކަމުގެ ހިލަމެއް މިރާހްއަކަށް ނުވިއެވެ. ހަގީގަތުގައި ވެސް އޭނާގެ އެކުވެރިއެއްކަމުގައި ޖޫދާ ދެކެވެން ފަށާފައި ވާތީއެވެ. އެ ހިތުގެ އަނދިރިކަމުގެ ހިލަންވިނަމަ ޖޫދާ ދިއްކުރި އެކުވެރިކަމުގެ އަތުގައި އޭނާ ނުހިފީހެވެ. ޖޫދާގެ މަކަރުވެރިކަމުން ތާރާ ދިފާއުކުރަން ވެސް ވިސްނާލެވުނީހެވެ.
''އެންޖޯއި...'' ތާރާ ބުނެލިއެވެ. މާހުތާބް ގޮވާލުމުން މިރާހްއާއި ތާރާއަށް ޖެހުނީ ދާށެވެ.
''ލަވްލީ ކަޕްލް...'' ރައިހާން ބުންޏެވެ. އެއާއެކުގައި ޖޫދާއަށް ނުރުހުމުގެ ނަޒަރަކުން ރައިހާންއަށް ބަލައިލެވުނެވެ.
''ކިހިނެއްވީ... ނުބައި އެއްޗެކޭ ބުނެވުނީތަ؟...'' ޖޫދާއަށް އައި ކުއްލި ބަދަލުން ރައިހާންއަށް ލިބުނީ ހައިރާންކަމެވެ. އޭނާއަށް ޖޫދާގެ އަތުގައި ހިފާލެވުނެވެ.
''ލެޓް މީ ގޯ...'' ދަތްކުނޑިވިކަމުން ޖޫދާ އަމުރުކުރިއެވެ. އޭނާއަށް ރައިހާންގެ އަތް ފޮޅުވާލެވުނެވެ.
''ޖޫދާ...'' ރައިހާންއަށް ވަށައިގެން ހޯދާލެވުނެވެ. އޭނާގެ ހިތަށް ނުތަނަވަސްކަން ލިބުނެވެ. ޖޫދާގެ މިޒާޖަށް އަންނަ ބަދަލުތައް އަރަތަކަށް ވެއްޖެއެވެ. ހިތުގެ ސުވާލުތަކަށް ޖަވާބު ލިބުމެއް ނުވާ ކަހަލައެވެ.
ޖޫދާ ހިނގައިގަތީ ކުރިއަށެވެ. ރައިހާން ގޮވާލުމުން ވެސް އަޑެއް ނޭހިއެވެ. ފިނި ބުއިންތައް ބަހައްޓާފައި ހުރި ސްޓޭންޑް ކައިރިއަށް އޭނާ ހުއްޓިލިއެވެ. ޖޫދާގެ ފަހަތުން ދާން އުޅެފައި ވެސް އެ ހިޔާލު ރައިހާންއަށް ދޫކޮށްލެވުނެވެ. ޖޫދާ އިތުރަށް ރުޅި އައިސްފިނަމަ ކަންތައްކޮށްފާނެ ގޮތެއް ނޭނގޭތީ ފަސްޖެހެވުނީއެވެ. ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ޖޫދާއަށް ނަޒަރު ހުއްޓާލައިގެން ރައިހާންއަށް ހުރެވުނެވެ.
*****
''ޒެން ދުށިންތަ؟...'' މާހުތާބް ކައިރިއަށް އައިސް ހުއްޓުނު މިރާހްއާ މާހުތާބް ސުވާލުކޮށްލިއެވެ. ނުތަނަވަސްކަން މާހުތާބްގެ މޫނުން ފެނުނެވެ. ކުއްލިއަކަށް ހަފްލާގެ ތެރޭން ޒިވްޔަން ގެއްލުމުން މާހުތާބް ހުރީ ސުވާލު އުފެދިފައެވެ. މިރާހްއަށް ވެސް ހޯދާލެވުނެވެ. ޒިވްޔަން ނެތްކަމުގެ ފަޅުކަން އޭނާއަށް ފާހަގަކުރެވުނީ ދެނެވެ.
''ދެންމެ ހުރި...'' މާހުތާބްގެ ސުވާލަށް ޖަވާބުދޭނެ ގޮތެއް މިރާހްއަކަށް ނުވިސްނުނެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު މިރާހް ނެގިއެވެ.
''ވީތަނެއް ބަލާބަލަ... ޒެން ނެތްކަން ފާހަގަވެގެން މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކަން ފަށައިފާނެ......'' މާހުތާބް ސިއްރުސިއްރުން ބުނެލިއެވެ. އޭނާއަށް ހުއްޓިފައިވި ލޯތަކަށް ސަމާލުކަން ދެމުން މާހުތާބް ހިނިތުންވަމުން ދިޔައެވެ.
''ލައްބަ...'' މިރާހް ބޯޖަހާލިއެވެ.
''ތާރާ... އާދެބަލަ މާމައާއެކު...'' މާހުތަބް ބުނެލިއެވެ. މިރާހްއާ ބަދަލުކޮށްލި ނަޒަރާއިއެކުގައި ތާރާ ހިނގައިގަތެވެ. މާހުތާބް ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގާތަށެވެ. މިރާހްއާއި ތާރާގެ ކައިވެނި ކުރެވުނު އިރު ރާއްޖޭން ބޭރުގައި ހުރި ރައްޓެއްސަކަށް ވުމުން ތާރާ ތައާރަފުކޮށްދޭށެވެ.
މެހެފިލްގައި ތިބި މެހެމާނުންނާ ދުރަށް ޖެހިލަމުން ޒިވްޔަންގެ ނަންބަރަށް މިރާހް ގުޅާލިއެވެ. ދެތިން ފަހަރު ގުޅިއިރުގައި ވެސް ފޯނެއް ނުނެގިއެވެ. ލިބުނު ހައިރާންކަމާއެކުގައި މިރާހް ހިނގައިގަތީ ރެސްޓޯރެންޓްގެ އޮފީސް ހުންނަ ބަޔާ ދިމާއަށެވެ. ބަދިގެ ތެރެއިން ދެވޭ ގޮތަށް ހުރުމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބަދިގެއަށް ވަނެވެ. ބަދިގެ ފެންނަމުން ދިޔައީ ހަލަބޮލިކަމާއެކުގައެވެ. ޝެފުންނާއި ވެއިޓަރުންގެ ހަރަކާތްތައް ވެސް އަވަހެވެ. ކެއުންބުއިމުގެ އިންތިޒާމަށް އެއްވެސް އުނިކަމެއް އަންނަން ބޭނުންނުވާކަން ހާމަކޮށްދެއެވެ.
މިރާހް ބަދިގެއަށް ވަނުމުން، އަދަބު އިހުތިރާމް އަދާކުރަމުން ދިޔަ މުވައްޒަފުންނާއި ލުއި ހިނިތުންވުންވުމެއް ބައްދަލުކޮށްލަމުން މިރާހް ހިނގައިގަތީ އޮފީހާ ދިމާއަށެވެ. އޭރު ވެސް ޒިވްޔަންއަށް ގުޅަން މިރާހް މަސައްކަތްކުރަމުން ދިޔައެވެ.
*****
ފުރުސަތެއްގެ އިންތިޒާރުގައި ބޯމަތިބަލަމުން ދިޔަ ޖޫދާއަށް ބަދިގެއަށް ވަންނަން ދިޔަ މިރާހް ފެނުނެވެ. ސިކުނޑީގައި ނިކަން އަވަހަށް ކަންތައްގަނޑެއް ރާވާލިއެވެ. އޭނާ ދެން ބަލައިލީ ތާރާ އަށެވެ. މެހެމާނުންނާ އެކުގައި ހުރި ތާރާއަށް ބަލަމުން ޖޫދާ ކުރިއަށް ހިނގައިގަތެވެ. އޭނާގެ އަތުގައި އޮތް ޑްރިންކް ހުސްކުރި ތަށި، އެތަނުން ދިޔަ ވެއިޓަރެއްގެ އަތްމަތީގައި އޮތް ތަބަކުގައި ބެހެއްޓިއެވެ. ތާރާގެ ހަރަކާތްތައް ނިކަން އަވަހެވެ. ލިބިފައި އޮތް ފުރުސަތު ގެއްލިގެން ދާން އޭނާ ބޭނުން ނުވާ ކަހަލައެވެ.
*****
''މާމާ!، ޒެން...'' ތާރާއަށް ރެސްޓޯރެންޓަށް ވަދެގެން އައި ޒިވްޔަން ފެނުމާއެކުގައި މާހުތާބް ކަންފަތް ދޮށުގައި ސިއްރުސިއްރުން ބުންޏެވެ. އެކުވެރިޔާއާ ދައްކަމުން ދިޔަ ވާހަކައިގެ ތެރޭން މާހުތާބް ވެސް ބަލައިލިއެވެ. ޒިވްޔަން ފެނުމުން އެ މޫނުގައިވި ނުތަނަވަސްކަމަށް ނިމުމެއް އައިސްފިއެވެ. އެކުވެރިޔާއާ ވަކިވެލަމުން ޒިވްޔަންގެ ގާތަށް ދިއުމަށް މާހުތާބް ހިނގައިގަތެވެ.
''ދަރިފުޅާ... ކޮންތާކަށް ގޮސްފަތަ ތިއައީ؟... ދަރިފުޅު ނުފެނިގެން ހޯދާތާ ކޮންއިރެއް...'' ޒިވްޔަންގެ ގާތަށް ހުއްޓުނު މާހުތާބްއަށް ޒިވްޔަންގެ އަތުގައި ހިފާލެވުނެވެ.
''ކުޑަ އިރުކޮޅަކަށް ބޭރަށް ނިކުމެލީ...'' ޒިވްޔަން ބުންޏެވެ. ހަލަބޮލިކަން ވެރިވެފައި އޮތް އެ މާހައުލުގެ ސަބަބުން ޒިވްޔަންގެ ސިކުނޑިއަށް އިތުރު ހާސްކަމެއް މެނުވީ ނުލިބުނެވެ. ހިނދުކޮޅަކަށް ވިޔަސް އޭނާ ބޭނުންވީ އެ ހާސްކަމާ ދުރުވެލާށެވެ. ރެސްޓޯރެންޓުން ބޭރަށް އޭނާ ނިކުމެލީ ވެސް އެހެންވެއެވެ.
''ޒެން... ރަނގަޅުތަ؟...'' މާހުތާބްއަށް އަހާލެވުނެވެ. ފާއިތުވި ދެ ދުވަހު ޒިވްޔަންގެ މިޒާޖު ކުރިއަށްވުރެ ބޮޑަށް ބަދަލުވެއްޖެ ކަމަށް މާހުތާބްއަށް އޮތީ ފާހަގަވެފައެވެ. ޒިވްޔަންއާ ސުވާލުކުރަން ވެސް ފުރުސަތު ނުލިބުނީ ހަފްލާގެ ކަންތައް އިންތިޒާމުކުރަން ބުރަކޮށް އުޅެން ޖެހުމުންނެވެ. ކުއްލިއަކަށް ޒިވްޔަން ގެއްލުމުން މާހުތާބްގެ ހިތަށް ހާސްކަން ލިބުނީ ވެސް އެހެންވެއެވެ.
''މާމާ... އައިމް ފައިން...'' މާހުތަބްގެ އަތުގައި ހިފާލަމުން ޒިވްޔަން ހިނިތުންވެލިއެވެ. އިރުކޮޅެއް ވަންދެން ޒިވްޔަންގެ މޫނަށް ބަލަހައްޓައިގެން މާހުތާބް ހުއްޓެވެ. ޒިވްޔަން ޔަގީންކަން ދޭން އުޅުނުކަމުގައި ވިޔަސް އެ ވާހަކަ މާހުތަބްއަށް ގަބޫލެއް ނުކުރެވުނެވެ. މާދަމާ އާފާގުއާ ބައްދަލުކުރަން ދާން މާހުތާބް ގަސްދުކުރިއެވެ. ކޮންމެފަދަ ނަތީޖާއެއް ނިކުތްކަމުގައި ވިޔަސް އިތުރަށް އެ ކަންތައް ދިގުދަންމަން އޭނާ ބޭނުމެއް ނުވިއެވެ. އާފާގުއަށް ވިސްނައިގަނެވޭނެ ގޮތަކަށް މަޝްވާރާގެ ކަންތައް ގެންދިއުމަށް ވެސް މާހުތާބް ރާވާލިއެވެ.
''ދަރިފުޅު ގެއްލުނީ ކަމަށް ހީކޮށް ދަރިފުޅު ހޯދަން މިރާހް ވެސް ފޮނުވައިފިން... ފޯނު ކޮބާތަ؟...'' މާހުތަބް ބުންޏެވެ. ޒިވްޔަންއަށް އޭނާގެ ފޯނު މަތިން ހަނދާންވީ ދެނެވެ. އިރާކޮޅު ފޯނުން ޗާޖު ހުސްވާން ފެށުމުން، ޗާޖަށް ޖަހާފައި ކާރުގައި ފޯނު ބޭއްވި ގޮތަށް އޭގެ މަތިން ވެސް އޭނާ ހަނދާނެއް ނެތެވެ. މި ދުވަސްކޮޅު ހަނދާން ބަލިވަމުންދާކަން ވެސް ރޭކާލާން ފެށިއެވެ. ފިކުރުބޮޑުވުމުގެ ސަބަބުން އައިސްގެން އުޅޭ ބަދަލެއް ހެއްޔެވެ؟
''ކާރުގަ...'' ޒިވްޔަން ބުނެވުނެވެ.
''ސާބަހޭ ދަރިފުޅާ... މިރާހް ހުންނާނެ މިހާރު ހާސްވެފަ... އަވަހަށް ފޯނު ނަގަން ދޭ....'' ޒިވްޔަންއާ ވާހަކަދައްކަމުން ދިޔަ މާހުތާބް ތާރާއަށް ބަލައިލިއެވެ. ''ތާރާ... މިރާހް ވީ ތަނެއް ބަލާލަބަ...''
''ލައްބަ...'' އަވަސްއަވަހަށް ބޯޖަހާލަމުން ތާރާ ހިނގައިގަތެވެ.
*****
''ފޯނެއް ވެސް ނަގަނީކީ ނޫނޭ...'' މިރާހް އޭނާގެ ނަފުސާ ވާހަކަދައްކަމުން ގޮސް އޮފީހުގެ ދޮރު ހުޅުވާލިއެވެ. އެތަނުގައި އޮތީ ހަމަހިމޭންކަމެވެ. މިރާހްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''ކޮން ތަނަކަށްތަ އެ ދިޔައީ؟... ދައިސާން ވެސް ބުނެފި އޭނަ ގާތު ނެތޭ...'' ކަންފަތާ ފޯނު ވަކިކޮށްލަމުން މިރާހް ބުންޏެވެ. އޮފީހުގެ ދޮރު ލައްޕާލަމުން އެނބުރު ވަގުތު މިރާހްއަށް ހައިރާންކަން ލިބުނީ ކުރިމައްޗަށް ހުއްޓުނު ޖޫދާ ފެނުމުންނެވެ.
''ޖޫދާ؟......'' މިރާހްއަށް އަހާލެވުނެވެ. އަތުގައި އޮތް ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން ޖޫދާގެ މޫނަށް މިރާހް ބަލައިލިއެވެ.
''އައި ކޭމް ޓު ސީ ޔޫ...'' ޖޫދާ ކުރިއަށް ޖެހިލިއެވެ. މިރާހްގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
''މިވަގުތު ކުޑަކޮށް ބިޒީކޮށް މި އުޅެނީ...'' މިރާހް ދާން އަވަސްވެގަތެވެ. ނަމަވެސް އޭނާގެ އަތުގައި ޖޫދާ ހިފައިލުމުން މިރާހްއަށް ސިހުން ލިބުނެވެ. އޭނާއަށް ބުމަވެސް ކައިރިކޮށްލެވުނެވެ. ހުއްޓިލަމުން ޖޫދާގެ މޫނަށް އަވަސް ނަޒަރެއް އޭނާ ދިނެވެ. އެއަށްފަހު އަތްތިލަ ދަމައިގަނެވުނެވެ. ޖޫދާގެ މިޒާޖަށް އައިސްފައި ހުރި ބަދަލުތަކުން މިރާހްގެ ހިތުގައި ސުވާލު އުފެދުނެވެ.
''މިރާހްއަށް ވަރަށް ފަސޭހަ ދޯ؟...'' މާޔޫސްކަމާއެކުގައި ޖޫދާ އަހާލިއެވެ. ރިހުން އެކުލެވިގެންވާ ދެލޮލުން މިރާހްއަށް ބަލަން ފެށިއެވެ. އޭނާގެ ހިތުގެ އިހުސާސްތައް އިތުރަށް ސިއްރެއް ނުކުރެވުނެވެ.
''ވަޓް؟...'' ޖޫދާއާ ކުރިމަތިލަމުން މިރާހްއަށް ސުވާލުކޮށްލެވުނެވެ. ހިސާބަކަށް ހިތްހަމަ ވެސް ނުޖެހުނެވެ. ''ފަހުން ވާހަކަ ދައްކަމާ، މިވަގުތު ކުޑަކޮށް ބިޒީ...''
''މިރާހް!... އައި ކާންޓް ޑޫ ދިސް އެނީމޯރ... އަހަންނަށް މިރޫ އެހެން މީހަކާއެކާއެކުގައި އުޅޭތަން ބަލަން ނުހުރެވޭނެ...'' ކުރިއަށް ފިޔަވަޅެއް އަޅަމުން އެ ދެމެދުގައިވި ދާއިރާ ހަނިކުރަން ޖޫދާ މަސައްކަތްކުރިއެވެ. ބުމަގޮށްޖަހާލެވުނު މިރާހް ވަގުތުން ފަހަތަށް ޖެހިލިއެވެ.
''ޖޫދާ...'' ނުރުހުމާއެކުގައި މިރާހްއަށް ގޮވާލެވުނެވެ. ޖޫދާގެ މަގުސަދު އޭނާއަށް ވިސްނައިގަނެވުނެވެ. ޖޫދާގެ މޫނުގައިވި ކުލަވަރަކުތަކުން އެކަމަށް އެއްބާރުލުން ވެސް ދިނެވެ. ޖޫދާއަށް އިތުބާރުކުރެވުން އެއީ ހެދުނު ގޯހެއްކަން މިރާހްއަށް ރޭކާލީ ދެނެވެ.
''އަހަންނަށް ފެންނަނީ ޖޫދާ މިތަނުން ދާން!...'' މިރާހްގެ އަޑުގައި ވަނީ އިންޒާރެކެވެ. އޭނާގެ ހިތަށް ނުތަނަވަސްކަން ލިބުނެވެ.
''ކީއްވެ އަހަރެން ފޮނުވާލަން ތި އުޅެނީ؟...'' ޖޫދާއަށް ތުން ފިއްތާލެވުނެވެ. ''ތާރާއަށް ހަގީގަތް އެނގިދާނެތީތަ؟...''
''ޖޫދާ!...'' މިރާހްގެ ހިތް ތެޅިލިއެވެ. ރުޅިވެރިކަމާއި ހާސްކަން މިރާހްގެ މޫނުން ފާޅުވެގެން ދިޔައެވެ. އެއީ ޖޫދާއަށް ލިބުނު ހިތްވަރެއްކަމުގައި ވިއެވެ.
''މިރާހްއާއި އޭނާ އެކުގައި އުޅެން އަހަރެން ބޭނުމެއް ނޫން... ފުރަތަމަ މިރާހްއާ ބައްދަލުވީ އަހަރެން... މިރާހް ލިބެން ޖެހޭނީ ވެސް އަހަންނަށް...'' މިރާހްގެ އަތުގައި ހިފަން ޖޫދާ މަސައްކަތްކުރިއެވެ. ބުމަގޮށްޖަހާލަމުން ޖޫދާގެ އަތް މިރާހް ފޮޅުވާލިއެވެ.
''ބުނެވޭ އެއްޗެއް ޖޫދާއަށް އެބަ އިނގޭތަ؟...'' ޖޫދާގެ މަކަރުވެރިކަން ކުރިން ފާހަގަ ނުކުރެވުމުން މިރާހްއަށް އަމިއްލަ ނަފުުސު ދެކެ ރުޅި އާދެވުނެވެ. އެހާ ފަސޭހައިން ޖޫދާގެ ވާހަކަތަކަށް އޭނާއަށް އިތުބާރުކުރެވުނީ ކިހިނެއް ހެއްޔެވެ؟
''އާނ!... މިރާހް.. ޕްލީޒް... އަހަންނަށް ދެން މިރާހްއާ ދުރުގައި ނުހުރެވޭނެ... އަހަރެން ލޯބިވަނީ ހަމައެކަނި މިރާހް ދެކެ... އަހަންނަށް އެނގޭ މިރާހް ވެސް ލޯބިވާނީ އަހަރެން ދެކެ ކަން... ސޯ ވައި ޑޯންޓް ޔޫ ޖަސްޓް ލީވް ހާރ؟... އަހަރުމެންނަށް އެކުގައި އުޅެވޭނީ އޭރުން... ކައިވެނި ކޮށްގެން އުޅޭ އިރުގައި މިސްޓޭކް ހެދޭނެ... އޭނާ ބަލިވެ އިނުމަކުން ކޮންމެހެން މިރާހް ނުޖެހޭނެ އޭނާ ގާތުގައި ހުންނާކަށް... ސޯ ޕްލީޒް ޑިވޯސް ހާރ އެންޑް ބީ ވިތް މީ...'' ހިތުގައި އަޅަމުން ދިޔަ ވޭނާއި ކެކުޅުންތައް ޖޫދާއަށް ބޭރުކޮށްލެވުނެވެ. މިރާހްގެ ލޯތްބަށް އެދި ސަލާންޖަހަން ވިޔަސް ހެޔޮކަމަށް ދެކިގެންނެވެ. އެ ހިތުގެ ރާހަތަކީ ހަމައެކަނި މިރާހްއެވެ. އެ ލޯތްބާ ދުރުގައި ދެން އޭނާއަށް ކެތެއް ނުކުރެވޭނެއެވެ.
''ކޮންމެ ފަދަ ހާލަތެއްގައި ތާރާއާއި އަހަރެން ކައިވެނި ކުރިކަމުގައި ވިޔަސް އަހަރެން މިހާރު ލޯބިވަނީ ތާރާ ދެކެ... މި ހިތް ދެން ބަދަލެއް ނުވާނެ... އަހަރެން އަބަދުވެސް ލޯބިވާނީ ތާރާ ދެކެ... އަދި ބުނަން، ތާރާ ބަލިވެ އިނީ މިސްޓޭކަކުންނެއް ނޫން... އެއީ އަހަރުމެން ބޭނުންވެގެން ނިންމި ނިންމުމެއް... މިހާރު ޖޫދާގެ އަސްލު ސިފަ އަހަންނަށް ފެނިއްޖެ... އެކުވެރިކަމުގެ އަތެއް ދިއްކުރީ ނުބައި ނިޔަތުގައި، ޖޫދާއަށް އިތުބާރުކުރެވުން އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް... ޖޫދާ ދެކެ ކުރިން ލޯބި ވެވުނީތީ ވެސް އަހަރެން މިހާރު އަމިއްލަ ނަފުސު ދެކެ ރުޅި އާދޭ... ތި ސިފަ ކުރިން އަހަންނަށް ފެނުނު ނަމައޭ ހިތަށް އަރާ... ޔޫ ހޭވް ޓު ލެޓް ގޯ އޮފް ޔޯރ ފެންޓަސީސް... ހަގީގަތް ގަބޫލުނުކުރެވެންޏާ އަޑު އަހާ!... އަހަރެން ޖޫދާ ދެކެ ލޯތްބެއް ނުވޭ... އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި ތާރާ... އެކަން ގަބޫލުކުރިއްޔާ ދެން ރަނގަޅު ވާނީ...'' ދަތްދަތަކަށް ބާރުލަމުން މިރާހް ބުނެލިއެވެ. އައި ރުޅީގެ އޭނާގެ ކަތުރުކަށިގަނޑަށް ވެސް ވާން ވެގެން ގޮސްފިއެވެ. ދެލޯ ހަނިކޮށްލަމުން ޖޫދާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ.
''ނޫން!... ގަބޫލެއް ނުކުރާނަން!... ޔޫ ބިލޯންގް ވިތް މީ...'' ޖޫދާ ދެފަރާތަށް ބޯހޫރާލިއެވެ. ލޮލަށް ކަރުނަ ވެސް ގެނައެވެ. ޖަޒުބާތުގެ ދަންތުރައިގައި މިރާހް ހައްޔަރުކުރަން ވެސް އުޅުނެވެ. ނަމަވެސް މިރާހް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. ހަގީގަތަށް އޭނާގެ ލޯހުޅުވުމުން ޖޫދާ ދެކެ އިންތިހާ ދަރަޖައަށް ރުޅި އާދެވުނެވެ. ފޫހިކަން ވެސް ހިތުގައި އުފެދުނެވެ. ދެން އިތުރަށް ޖޫދާގެ މަކަރުވެރިކަމުގެ ދަންތުރައިގައި ހައްޔަރު ނުކުރެވޭނެކަން މިރާހް ހަނދުމަކޮށްދިނެވެ.
''މީހަކާ އިނދެގެން ހުރެ ކޮން ފާޑަކަށްތަ ޖޫދާ ތި އުޅެނީ؟... އަމިއްލަ ފިރިމީހާއަށް ވެސް ވަފާތެރި ނުވެވުނެއްނު... އަހަންނަށް އެންމެ ރަނގަޅީ ދެން އަހަރެންގެ ކުރިމައްޗަށް ޖޫދާ ނޭރިއްޔާ!...'' މިރާހް އިންޒާރެއް ދިނެވެ.
''އަހަރެން ރައިހާންއާ ކައިވެނިކުރީ ލޯތްބަކުން ނޫން، މިރާހް އަހަންނަށް ލަނޑުދިނުމުން ބޭނުންވީ އެ ވޭނާ ދުރުވާން، އެހެންވެ ރައިހާންއާ ކައިވެނި ކުރީ...'' ޖޫދާ ހަޅޭއްލަވައިގަތެވެ.
''މިރާހްއާއި އަހަރެންގެ ގުޅުމުގެ ވާހަކަ ތާރާއަށް ކިޔައިދޭންވީތަ؟...'' އޭނާގެ ކަރުނައިގެ ބާރު މިރާހްގެ ހިތާ ހަމައަށް ވާސިލު ނުވުމުން ރުޅިވެރިކަމާއެކުގައި ޖޫދާއަށް ކަރުނަތައް ފޮހެލެވުނެވެ. ''އޭރުން ވާނީ ކިހިނެއްތަ؟... މަޖުބޫރުން ކުރި ކައިވެންޏެއްކަން އަދިވެސް ބުނަން ނުކެރިގެން ތި އުޅެނީ ކީއްވެ؟...''
ޖޫދާގެ ޖުމްލައިން މިރާހްއަށް ހުއްޓުމެއް އައެވެ. އެކަން ފާހަގަކުރެވުނު ޖޫދާގެ ތުންފަތަށް މަކަރުވެރިކަމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިރާހްގެ ބަލިފަޔަކީ ކޮބައިކަން ވިސްނި އެކަމުގެ ފައިދާ ނަގަން ރާވާލިއެވެ.
''ޖޫދާ ބުނަންވީއެއްނު... ކޮންމެ ފަދަ ފިތުނައެއް އުފައްދަން އުޅުނަސް އަހަރުމެންގެ ދެމެދުގައި އޮތް ލޯތްބަށް އަބަދުވެސް އިތުބާރުކުރާނަން!...'' ހިމޭންކަމުގެ ސުކޫތަކަށް ފަހުގައި މިރާހް ބުންޏެވެ. އެ ޖުމްލައިން ޖޫދާއަށް ލިބުނީ ސިހުމެވެ. އޭނާގެ ހިނިތުންވުން މިލައިގެން ދާން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. ބާޒީ އޭނާގެ އަތުން ގެއްލިއްޖެކަން ރޭކާލީ ދެނެވެ. ވަގުތުން ހިންދިރުވާލެވުނެވެ.
''އަވަހަށް ދޭބަލަ... ގޮސް ތާރާ ގާތު ބުނެބަލަ...'' މިރާހް ހީވަނީ ޖޫދާއާ ޖަދަލުކުރަން އުޅޭހެންނެވެ. އޭނާއަށް ބިރުދައްކަން ޖޫދާ އަތުރަމުން ދިޔަ މަޅިފަތި އޭނާއަށް ރަނގަޅަށް ފެންނަން ފެށިއެވެ. ތާރާއަށް ހުރިހާ ކަމެއް ކިޔައިދޭން އޭނާ ނިންމީ އެ ސަބަބާ ހުރެއެވެ. ފިތުނަ އުފައްދަން ޖޫދާ އަބަދުވެސް މަސައްކަތްކުރާނެކަން ރޭކާލިއެވެ. ތާރާއާ އެކުވެރިކަން ބަދަހިކުރަން ވެސް އުޅުނީ އެ މަގުސަދުގައެވެ. ކުރިން ވެސް އޭނާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ނަމަވެސް ޖޫދާގެ މަކަރުވެރިކަމަށް ހެއްލުނީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނާގެ ލޯ ހުޅުވުނުކަން އެއީ ނަސީބެކެވެ. ޖޫދާގެ ހުރިހާ ކުލައެއް އޭނާއަށް ފެނިއްޖެއެވެ.
''މިރާހް...'' އިވުނީ ތާރާގެ އަޑެވެ. އަވަސްއަވަހަށް މިރާހްއަށް ފަސްއެނބުރި ބަލައިލެވުނެވެ. ތާރާއާއި މިރާހްގެ ނަޒަރު ބައްދަލުވުމާއެކުގައި ހިތް ގެނބުނު ފަދަ އިހުސާސެއް ކުރެވުނެވެ.
(ނުނިމޭ)