ވާހަކަ

ނުފޫޒަކުން - 20

ކޮޓަރިން ނިކުންނަން ދަމުން ފައިކު ބަނޑުގައި އަތްހާކާލި ގޮތުން ނޭހާއަށް ހެވުނެވެ. ނޫޑްލީހަކީ އަބަދުވެސް ދޮންބެއަށް ވަރަށް ވައިގެ އުނދަގޫކުރާ އެއްޗެއް ކަން އޭނާއަށް އެނގެއެވެ.

"ނޫޑްލްސް ކައިފަ ދެން ކޮންމެހެން ބަނޑުގަ އަތްހާކާނެ ކަމެއް ނެތް" ދޮރާ ހަމައަށް ގޮސްފައި ނޭހާ ބުންޏެވެ.

"މިއަދު އެއްކޮށް ފާހާނާ ތަށި މަތިން ނުތެދުވެ އުޅެން މިޖެހުނީ" ފައިކު ބުންޏެވެ.

****

ހަބީބްގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކޮޓަރިއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ބޮލުގައި ހަރުލާފައި ހުރި ރިހުން އޭރުވެސް ހުއްޓެވެ. ސައިޑްކަބަޑު މަތީގައި އޮތް ފޯނުން އޭނާ ގަޑި ބަލައިލިއެވެ. ދަންވަރު އެކެއް ޖަހައި ބޮޑުވެއްޖެއެވެ. ނިދޭނެ އިރެއް ހިތަށް ގެންނަން ވެސް ނޭނގެއެވެ. އޭނާ އަނެއް ފަރާތަށް އެނބުރުނީ ބިއްދޮށުގައި އޮތް އަނބިމީހާ މާގިނައިން ދެފަރާތަށް ފުރޮޅި ، ފުރޮޅި އަތޮމުންނެވެ.

"ހަންނާ" ހަބީބް ގޮވާލީ އަނބިމީހާ ނުނިދާކަން ޔަގީންކޮށްލުމަށެވެ.

"ލައްބަ. ނުނިދަންތަ؟" ހަންނާ ބުންޏެވެ.

އަނބިމީހާ ވެސް އޭނާ ފަދައިން ނުނިދިފައި އޮތްކަން ހަބީބަށް އެނގުނީ އެ ހިސާބުންނެވެ. ހިތަށް އަސަރުކުރިއެވެ. ކުރިމަތިވާން އުޅޭ ބޮޑު ތޫފާނުގެ ވައި ދެމަފިރިންގެ ދިރިއުޅުމަށް އެޅެން ފަށައިފިކަން ދެމަފިރިންނަށް ވެސް އިހުސާސް ވެއްޖެއެވެ.

"ކިހިނެއްވީ؟" ހަބީބް ބުންޏެވެ.

"ހަމަ ނިދި ނާންނަނީ" ހަންނާ ބުންޏެވެ.

ނުނިދޭނެކަން ހަބީބަށް އެނގެއެވެ. ދެމަފިރިންވެސް އެވަނީ ފިކުރުތަކުގެ ކަނޑަކަށް ގެނބިފައެވެ. ދެމަފިރިންވެސް ވިސްނަމުން އެދަނީ ދެން ހަދާނެ ގޮތަކާ މެދުގައެވެ. ހަބީބް ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ. ބެޑްލައިޓް އަލި ތަންކޮޅެއް ގަދަކޮށްލާފައި އަނބިމީހާއަށް އަތްދިއްކޮށްލިއެވެ. އެ ހިނދު ހަންނާ އައިސް ހަބީބްގެ އަތުތެރެއަށް ވަނެވެ. ފިރިމީހާގެ ހިތުގެ ތެޅުމުގެ އިހުސާސްވާ ހިސާބުގައި މޫނު ލައްކޮށްލައިގެން އިން ހަންނާގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ހިނދިގެން ދިޔައީ ހަބީބް ލައިގެން އިން ކުރުތާގެ ތެރެއަށެވެ.

"ހިތަށް އުނދަގުލެއް ވަންޏާ އެންމެ ރަނގަޅު ވާނީ އެކަކު އަނެކަކާ ހިއްސާކުރުން" އަނބިމީހާގެ އަތުގައި ފިރުމައިލަމުން ހަބީބް ބުންޏެވެ.

"ކިއިދާނެ. އެކަމަކު ކޮންކަމެއް ރަނގަޅުވާނީ ކިޔައިގެން" ހަންނާ ބުންޏެވެ.

އެ ހިނދު ހަބީބްގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އަނބިމީހާ އާއި ދަރިފުޅަށް ތަކުލީފު ކުޑަ ދިރިއުޅުމެއް ހޯދައިދިނުމަށް އޭނާ ފެށި ދަތުރުގައި މި ޖެހުނީ ބޮޑުރާޅަކާ ކުރިމަތިލާށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އެހެން ދިމާލަށް ހިޖުރަ ކުރަންވީ ހެއްޔެވެ؟ ނޫނީ ދުޝްމިނުންނާ ކުރިމަތި ލާނީ ހެއްޔެވެ؟

"އަހަރެން ރޫ އަށް ނަސޭހަތްދީފިން. އަހަރެން ބުނިން އަމިއްލަ ދިފާއުގަ ބަސްބުނަން ދަސްކުރާށޭ. ބުނިން ކޮންމެ ކޮންމެ ކަމެއް ހެޔޮވެގެން ނުހުންނައްޗޭ. ހައްގު ހޯދަން މަސައްކަތް ކުރައްޗޭ. އަބަދު ކިހިނެއް އަހަރެމެން ކައިރީގަ ތިބޭނީ" ހަންނާ ވާހަކަދެއްކިއެވެ.

ހަބީބް ދެލޯ މަރާލިއެވެ. ބޭނުންވީ ދުވަހަކުވެސް ރޫޔާއަށް އޭނާ ކުރަމުން އެދާ ހަނގުރާމައިގެ އަސަރު ނުކުރާނެ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރާށެވެ. ބޭނުންވީ އެއްވެސް ކަމެއް ރޫޔާއަށް ނޭނގޭށެވެ. އެކަމަކު މިހާރު ކަންތައްވަމުން އެދާ ގޮތުން ރޫޔާއަށް ކަންކަން ސިއްރުކުރެވޭކަށް ނެތެވެ.

"އަހަރެން ވަރަށް އުފާވެރި ހަބަރެއް ދީފާނަން" ކުޑަކޮށް ބޯހިއްލާލާފައި ހަބީބްގެ މޫނަށް ބަލައިލަމުން ހަންނާ ބުންޏެވެ.

"ބުނެބަލަ. އުފާވެރިކަމަކަށް އަހަރެން މީނީ ކަރު ހިއްކައިގެންފަ" ހަބީބް ބުންޏެވެ.

"ރޫ އާ ނިހާން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން" ހަންނާ ބުންޏެވެ.

ހަބީބަށް ހީވީ ނަފްސަށް ހަމަޖެހުމެއް ލިބުނު ހެންނެވެ. އެވީ އޭނާ ބޭނުންވި ގޮތަށެވެ. ރޫޔާގެ ހަޔާތަށް އޭނާ ބޭނުންވީ ނިހާން އަންނާށެވެ. ރޫޔާއާ ގުޅެނީ ވެސް ނިހާނެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް ރޫޔާ އާއި ނިހާންގެ ކައިވެނި ކުރުވާށެވެ. ހައްގު ހޯދަން ދައުވާ ކުރާ މީހުންނަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ރޫޔާގެ ކައިވެނި ވާނެއެވެ.

****

ލައިބްރަރީގައި ފޮތެއް ހިފައިގެން އިން އަޖުވަދު ބަލައިލީ ދޮރު ހުޅުވާލިކަން އެނގުމުންނެވެ. ވަދެގެން އައީ ޝައުންއެވެ. ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި އަޖްވަދު ޝައުންއަށް އިޝާރާތުން އެތެރެއަށް ވަންނަން ބުންޏެވެ. ޝައުން އައިސް އިށީނީ އަޖްވަދާ ދިމާލުން މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައެވެ.

"އެއް ގެއެއްގަ. ބޮޑުބެއަށް ޝައުން ނުވެސް ފެނޭ. ކާކަށްވެސް ނުނިކުމޭ. ގެއިން ބޭރަކަށް ނުދޭ. ގުޅީމަ ފޯނެއް ނުނަގާ. ޓަކި ޖެހީމަ ކޮޓަރީގެ ދޮރެއް ނުހުޅުވާ. ކިހިނެއްވެގެން ތި އުޅެނީ؟" އަޖްވަދު ވާހަކަދެއްކިއެވެ.

"ބޮޑުބެއަށް އެނގޭތަ އަޅުގަނޑުގެ ބައްޕަ ވީތަނެއް؟" ޝައުން ބުންޏެވެ.

އަޖްވަދަށް ލިބުނީ ހައިރާންކަމެކެވެ. އުމުރުން ސައުވިސް އަހަރުވިއިރު އެއީ މިވީހާތަނަށް ދުވަހަކުވެސް ޝައުން ކުރި ސުވާލެއް ނޫނެވެ.

"އަހަންނަކީ ދުވަހަކުވެސް މީހަކު ގައިގަ ޖެހި މީހެއް ނޫން. އެކަމަކު މިތަނުގަ މަންމަ އިންނަމަ މިއަދު ދެވަނަ ފަހަރަށް ޝައުންއަށް އަތް އިސްކުރީސް" އަޖްވަދު ބުންޏެވެ.

"ކީއްވެ؟ ބައްޕަ ވީތަނެއް އަހަންނަށް އެނގެން ނުޖެހޭތަ؟ އެއީ މީހަކަށް ޖަވާބުނުދެވޭވަރުގެ ސުވާލެއްތަ؟ ކީއްވެތަ މާމަ އެހާ ހަރުކަށިވެގެން އުޅެނީ؟ ކޮބާތަ މާމައާ ބޮޑުބެގެ ސިއްރުތަކަކީ؟ މިގެ ހީވަނީ ތަހުގީގު ކުރާ އިދާރާއެއްހެން. މިހާރު އަޅުގަނޑަށް ޔަގީންވެއްޖެ މާމަ އަކީ ނުފޫޒު ގަދަ ވަރަށް ގަދަ މީހެއްކަން. އެހެންވެގެން މާމަ އެހާ ސިއްރުވެރިކޮށް އުޅެނީ" ޝައުން ވާހަކަދެއްކިއެވެ.

އެއީ އަޖްވަދަށް ވެސް ގަބޫލުކުރެވޭ ކަމެކެވެ. މަންމަގެ ނުފޫޒު ނުފޯރާ އެއްވެސް ހިސާބެއް ނެތެވެ. އުމުރުގެ ފަހުކޮޅަށް ދިޔައިރުވެސް މަންމަ ނުބެހޭ ކަމެއް ނެތެވެ. ވިސްނައިދޭން އޭނާ ބޭނުންވިޔަސް މަންމަ އެކަމަށް އެއްބާރުލުމެއް ނުދެއެވެ.

"އާހިރު ނަތީޖާ ވަރަށް ހިތިވާނެ. ވަގުތު ފާއިތުނުވަނީސް މާމާ ހުއްޓުވާ. ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް" ޝައުން ބުންޏެވެ. ބޮޑުބެ ހިމޭނުން އިނުމުން މާމަ ގޯސްކަން ޝައުންއަށް ވިސްނުނީއެވެ. އެންމެފަހުން ޝައުންއަށް އެހެން ނުބުނެ ކެތްނުވީއެވެ.

ތެދުވެގެން ޝައުން ހިނގައިގަތް ދިމާލަށް ބަލަހައްޓައިގެން އިން އަޖްވަދަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ތިން ޖުމްލަ އަކަސް ޝައުން އެބުނީ ވަރަށް ބާރުހުރި ތިން ޖުމްލައެވެ. ތެދެކެވެ. ވެރިޔަކަށް ލިބޭނީ އެއް ދުވަހެވެ. ކުށްވެރިވާއިރު ބެދޭނީ އެންމެ މީހެއްވެސް ނޫނެވެ. މަންމަ ކުރާ ކޮންމެ ކަމެއްގެ އެއްފަރާތުގައި އަޖްވަދު ހުރެއެވެ. ބުރައިގެންދާއިރު އޭނާގެ ގަޔަށްވެސް ތިކިބުރާނެއެވެ.

****

ޝައުކަތުގެ ގަނޑުވަރެއްފަދަ ގެއަށް ވަދެވުމާއެކު ގިސާމަތަށް ހަމަޖެހުނެވެ. ކިތަންމެ ހަމަޖެހެން މީހާ މަސައްކަތްކުރި ނަމަވެސް ދިގު ދަތުރެއް ކުރަންޖެހުމުން ގިސާމަތުގެ މުސްކުޅި ހަށިގަނޑު ވަނީ ބަލިވެފައެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ދެފައިގައި ރޫރު އަޅައެވެ.

"އަނހަ ވަންނަވާ... ގިސާމައްތަ ކިހިނެއްތަ؟"

ކާ ބައިން ނިކުމެގެން އައީ ގާތްގަނޑަކަށް އަޖްވަދާ އެއް އުމުރެއްގެ އަންހެނެކެވެ. އެމީހާ ފެނުމާއެކު އެއީ ޝައުކަތުގެ އަނބިމީހާ ކަން ގިސާމަތަށް އެނގުނެވެ.

"މި އާދެވުނީތާ ދެން. ކޮބާ ޝައުކަތު؟ ގޭގަ ނޫޅެނީތަ؟" ގިސާމަތު ބުންޏެވެ.

"ދަރިފުޅާ އިއްޒު...!" ގިސާމަތުގެ އަތުގައި ހިފަހައްޓައިގެން ހުރި މީހާ ބަލައިލިއެވެ.

"ގިސާމައްތައަށް ކޮޓަރި ދައްކާފަ ބައްޕައަށް ގުޅާލާފަ ބުނޭ ކާން އަންނާށޭ. ކެއުން ހުރީ ތައްޔާރަށް" ޝައުކަތުގެ އަނބި މެހެރީނާ ބުންޏެވެ.

"ދަރިފުޅު ދޭ. މެހެރީނާ ހިނގާބަލަ އަހަންނަށް ކޮޓަރި ދައްކަން" ގިސާމަތު ބުންޏެވެ.

މެހެރީނާ ހިތްހަމަނުޖެހުނެވެ. އޭނާގެ ބާރު ހިނގާ ގެއެއްގައި ގިސާމަތު އޭނާއަށް އަމުރުކުރުމުން ހިތްހަމަނުޖެހޭ ގޮތްވިއެވެ. އެހެންނަމަވެސް ހިނިތުންވެލާފައި އައިސް ގިސާމަތުގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. ދެން މަޑުމަޑުން ހިނގާފައި އައީ ސިޑިއާ ދިމާލަށެވެ. ގިސާމަތު ހުންނަން ހަމަޖެހިފައި ހުރީ އެންމެ ތިރީގައި ހުރި އެންމެ ތަނަވަސް ކޮޓަރީގައެވެ.

"ޝައުކަތު އައިމަ ބަލާ އަންނާނަން އިނގޭ. ކުޑަކޮށް އަރާމުކޮށްލާ" އެނދުގައި ގިސާމަތު ބައިންދާފައި މެހެރީނާ ބުންޏެވެ. ގިސާމަތު ބޯޖަހާލުމުން މެހެރީނާ ނިކުންނަން އައެވެ.

"އިހަށް މަޑުކޮށްބަލަ" ގިސާމަތު ގޮވާލިއެވެ.

ދޮރާ ހަމައިން މެހެރީނާ ހުއްޓުނެވެ. އެކަމަކު ފަހަތް ބަލައިނުލައެވެ.

"ކަލޭ ފުރަނީ ކޮންއިރަކުން؟" ގިސާމަތު ބުންޏެވެ.

މެހެރީނާ ދެބުމަ ގޮށްޖެހުނެވެ. މިފަހަރު ރުޅި އައީ ޝައުކަތު ދެކެއެވެ. އޭނާ ފުރުމުގެ ހުރިހާ ކަމެއް އަހާވެސްނުލައި ހަމަޖެއްސީ ޝައުކަތެވެ. ނުވީތާކަށް އެކަން ގިސާމަތަށްވެސް އެންގީއެވެ. ނުބައި ޖަރީމާތައް ހިންގާއިރު އެހެން މީހަކު އިވޭ ހިސާބުގައި ނުވަތަ ފެންނަ ހިސާބުގައި ހުންނަން މި ބައިގަނޑު ބޭނުންނުވަނީއެވެ. މެހެރީނާ ހާޒިރުވެ ހުރި ތަނެއްގައި ޝައުކަތު ހިފަހައްޓަން މަސައްކަތްކުރާނެކަން އެނގުނީއެވެ.

"ކަލޭ އަވަހަށް ފުރަން އުޅޭ. ބުނަން. އަހަރެން މިތަނަށް އައިސް ހުރީ މިވެނިކަމަކުއޭ އެވެނި ކަމަކުއޭ އެކަކު ކައިރީގައިވެސް ދައްކައިގެން ނުވާނެ" ގިސާމަތު ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި އަމުރުވެރިގޮތެއް ހުރުމުން މެހެރީނާ ދަތްކުނޑި ވިކާލިއެވެ.

"ދައްކައިފިއްޔާ" މެހެރީނާ ބުންޏެވެ.

"މިތަނަށް ކަލޭ ގިނަވާނީ" މަލާމާތުގެ ގޮތަކަށް ހީލަމުން ގިސާމަތު ބުންޏެވެ.

****

ކޮފީތަށި އަނގަޔާ ކައިރިކޮށްލި ގޮތަށް ނިހާން އިނީ ހުއްޓުން އަރާފައެވެ. ހިނދުކޮޅަކަށް އޭނާ ހަނދާން ނެތުނީއެވެ. ކުރިމަތީގައި އިން ހަބީބް ދެއްކި ވާހަކަތަކުންނެވެ. އަލުން ކޮފީތަށި ހުރިތަނުގައި ބެހެއްޓިއެވެ. ހައިރާންކަމާއެކު އޭނާ ހަބީބްގެ މޫނަށް ބަލަމުން ދިޔައެވެ.

"މިއީ ހަގީގަތަކީ؟" ހަބީބް ބުންޏެވެ.

ނިހާނަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. ހިތުގައި އުފެދިގެން ދިޔައީ އެތައް ސުވާލެކެވެ. ހަބީބްގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނައިގެ ރޮނގު ފެނުމުން ނިހާން ހިންދިރުވާލިއެވެ.

"ބޭބެއަށް އެނގޭ ނިހާނާ ރޫޔާ ދެކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން. ނިހާން ނޫން އެހެން އެއްވެސް ފިރިހެނެއް ރޫޔާގެ ހަޔާތަށް އަންނަން ބޭބެ ބޭނުމެއް ނުވޭ. ބޭބެއަށް ހީވަނީ ތިއީ އުފަން ދަރިއެކޭ. މި ވާހަކަތައް ނިހާނަށް މި ކިޔައިދިނީ މާދަމާވެސް ބޭބެއާ ދައްތަ ރޫޔާއަށް ފުރަގަސްދޭން ޖެހިދާނެ. އެ ހިސާބުން ރޫޔާ ދިރިއުޅެން ޖެހޭނީ އަމިއްލައަށް. ތެދަށް ބުނަންޏާ އެމީހުން ތިބީ ބޭބެގެ ފުރާނައަށް ފެންބޮވައިގެންފަ" ހަބީން ވާހަކަދެއްކިއެވެ.

"އެކަމަކު... ތި ހުރިހާ ކަމެއް އެމީހުން ކުރިއިރު އެ މައްސަލަތައް ބަލާނެ ހަމަ އެއްވެސް ބަޔަކު ނެތީތަ؟ ތިއީ ހާދަ ވަރުގަދަ ބައެކޭ. ކުރިން އަޅުގަނޑު ބިރެއް ނުގަނޭ. އެކަމަކު މިހާރު ބިރުގަނެއްޖެ" ނިހާން ބުންޏެވެ.

"މި ވާހަކަތައް އަދި ރޫޔާ ކައިރީގަ ނުދައްކައްޗޭ" ހަބީބް ބުންޏެވެ.

ނިހާން ބޯޖަހާލިއެވެ. ކޮފީތަށީގެ ބަދަލުގައި ފެންތަށި ނަގައިގެން އޭނާ ކޯވަރެއް ބޯލިއެވެ.

"އެކަމަކު ރޫޔާއަށްޓަކައި ބޭބެއަށް ކޮށްދެވޭނެ އެއްކަމެއް އެބައޮތް. އެއީ އެ ބައިގަނޑަށް ބޭބެއަށް ހުރަސްއެޅޭނެ ހަމައެކަނި ގޮތަކީ. މިކަން ބޭބެއަށް ކޮށްދެވޭނީ ނިހާނަށް" ހަބީބް ބުންޏެވެ.

ނިހާން ހަބީބަށް ބަލައިލިއެވެ. އެގޮތަކީ ކޮންގޮތެއްކަން އެނގެން އޭނާ ބޭނުންވިއެވެ.

"ތި ދެކުދިންގެ ކައިވެނި" ހަބީބް ބުންޏެވެ.

ނިހާން ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. ކައިވެނިކުރަން ހުދު އޭނާ ބޭނުންވާވަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތެކެވެ. އެކަމަކު ކުއްލިއަކަށް މައިންބަފައިންނާ ދުރުގައި ތިބެ އެކަހަލަ ކަމެއް ކުރަން އޭނާ ނުވިސްނައެވެ. ޖަވާބެއް ނުދެވިފައި ނިހާން އިނީ ހަބީބްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ނިހާންގެ މަޖުބޫރީ ބޭބެއަށް އިހުސާސްވޭ" ހަބީބް ބުންޏެވެ.

"އެކަމަކު ސޮރީ... މި ދަނޑިވަޅުގަ ބޭބެ މިހާ އަމިއްލަ އެދުން ބޮޑުކޮށް ވާހަކަދައްކައިގެން ނުވާނެ" ހަބީބަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

"ދެ ހަފްތާއަށް މަޑުކޮށްލަންވީނުން. މި އަންނަ ހަފްތާގަ މަންމަ އާއި ބައްޕަ އުމްރާއަށް ފުރާނެ. ހަފްތާއަކަށް އަންނާށޭ މަންމަ އާއި ބައްޕަ އެބަކިޔާ. މިފަހަރު ގޮސްފަ ކައިވެނީގެ ވާހަކަ ބުނާނަން. އޭރުން މަންމަމެންނަށް ނާންގައި ސިއްރުން ކައިވެނި ކުރިއެކޭ ނުބުނެވޭނެ. އަނެއްކޮޅުން މި ކައިވެންޏަށް މަންމަ އާއި ބައްޕަގެ ރުހުން ލިބޭނެކަންވެސް ޔަގީން" ނިހާން ވާހަކަދެއްކިއެވެ.

****

ރެސްޓޯރަންޓަށް ވަންގޮތަށް ހުރިހާ ދިމާލަށް ނޭހާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެހާ ދުވަހަށް ފަހު އޭނާއަށް ސާލިމް ފާހަގަކުރަން އެނގިދާނެކަމާ މެދު ޝައްކުވިއެވެ. އަނެއްކޮޅުން ސާލިމްއަށް އޭނާ ފާހަގަކުރަން އެނގިދާނެ ހެއްޔެވެ؟

"ތިކަހަލަ ކޮއްކޮއެއް އަހަރެން ނުދެކެން. އިންނަން އުޅޭ މީހާއާ ބައްދަލުކުރަން އަންނައިރު އާއިލާ ގޮވައިގެން އާދޭތަ؟" ނޭހާގެ ދާދި ގާތުގައި ހުރި ފައިކު ބުންޏެވެ.

"ދެން އާދެބަލަ. އެ ގުޅަނީ ސާލިމް" ފޯނަށް ބަލައިލަމުން ނޭހާ ބުންޏެވެ.

ސާލިމް ކިޔައިދެމުން ދިޔަ ގޮތަށް ނޭހާ ވަދެގެން ދިޔައެވެ. އޭނާއަށް ސާލިމް ފެނުނީ މީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުގައި އޭނާއަށް ފުރަގަހަށް އިން މީހެކެވެ. ސާލިމް އަތް އުފުއްލާލިއެވެ. އެއާއެކު ނޭހާ ފޯނު ކަނޑާލިއެވެ. ސާލިމް އިން ދިމާލާ ގާތަށް އޭނާ ފިޔަވަޅު އަޅަމުން ދިޔައިރު ހިތް އަވަސްވަމުން ދިޔައެވެ. މިކަހަލަ އިހުސާސެއް މިއީ އޭނާއަށް ކުރެވޭ ފުރަތަމަ ފަހަރެވެ.

"އައްސަލާމް އަލައިކުމް" މޭޒު ކައިރީގައި ހުއްޓިފައި ނޭހާ ބުންޏެވެ.

މީހަކާ ބައްދަލުވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ސަލާންގޮވަން އޭނާއަށް ދަސްކޮށްދިނީ ސާލިމްއެވެ. ސާލިމް ހިނިތުންވެފައި ސަލާމް ބަލައިގަތެވެ. އޭނާ ނޭހާގެ މޫނަށް ބަލައިލީ އެއްފަހަރުއެވެ. އޭނާގެ ދެވަނަ ނަޒަރު ބަދަލުކޮށްލީ ނޭހާގެ ގާތުގައި ހުރި ފައިކު އާއެވެ. ފައިކުއާ ސާލިމް ސަލާމްކޮށްލިއެވެ. އިށީންނަން ގޮނޑި ދެއްކިއެވެ. ސާލިމްއާ ބައްދަލުވި ފުރަތަމަ ފަހަރުންވެސް ފައިކުގެ ހިތުގައި ސާލިމްއާ މެދު ގަދަރާއި އިހުތިރާމު އުފުލިގެން ދިޔައެވެ. ސާލިމްގެ ޝަހުސިއްޔަތެއްވާކަން ފައިކުއަށް ގަބޫލުކުރެވުނެވެ. ސާލިމްގެ އުޖާލާ ސާފު މޫނު މަތީގައި އެއްވަރަށް ތަރުތީބުކޮށްފައިވާ މަތިމަހާ އެކުވާ ތުނބުޅި ފެނުމުން ފައިކު އިސްޖަހާލިއެވެ. ފިރިހެނާގެ ފިރިހެންވަންތަކަން އަންގައިދޭ އެންމެ ވަރުގަދަ އެއްޗަކީ ތުނބުޅިކަން ފައިކުއަށް އެނގުނެވެ. މަރުވެގެން ދާއިރު ޔަގީނުންވެސް އެއީ އެކުގައި ގެންދެވޭނެ އެއްޗެކެވެ. ސާލިމްއާ މެދު ފައިކުގެ ހިތުގައި ޔަގީންކަމެއް އުފެދުނެވެ. ކައިރީގައި އިން ކޮއްކޮއަށް ފައިކު ބަލައިލިއެވެ. ނޭހާއަށް ސާލިމް ފަދަ ޒުވާނެއް ކަމުދިޔުމުން ހައިރާންވެސްވިއެވެ. މީގެކުރިން ނޭހާ އަކީ ތުނބުޅީގައި އެންމެ އިސްތައްޓެއް އިނަސް އެމީހަކަށް ނަފްރަތުކުރާ މީހެކެވެ. މިއަދު ސާލިމް އޭނީ އެފަދަ ގޮތަކަށެވެ. ސާލިމްގެ ތުނބުޅި އާއި މަތިމަސް ގުޅުވާލާފައިވާ ގޮތް ނުހަނު ހިތްގައިމެވެ. މޫނުމަތީގައި ވަނީ ސާފު އުޖާލާ ކަމެވެ.

"އަހަންނޭ ނޭހާ ކައިރީގަ ބުނީ އާއިލާ އިން މީހަކު ގޮވައިގެން އަންނާށޭ. އަދި ނުވާނެއްނު ވަކިން ބައްދަލުކުރާކަށް" ސާލިމް ވާހަކަދެއްކިއެވެ. ސާލިމްގެ އަޑުގައި ވަނީ އޮމާންކަމެވެ. މަޑުމައިތިރިކަމެވެ. ނޭހާއަށް އޭނާގެ ހަތަރެސްފައި ފިނިވެއްޖެކަން އިހުސާސް ކުރެވިގެން ދިޔައެވެ.

ނޭހާ އިސްއުފުލާލިއެވެ. ސާލިމްއަށް ބަލައިލިއެވެ. ވާހަކަދައްކަން ނުކެރުނެވެ. ހަމައެކަނި ހީލުމަކުން ފުއްދާލާފައި އަނެއްކާވެސް އިސްޖަހާލިއެވެ. އޭނާގެ ފަރާތުން ސާލިމްއާ ވާހަކަދައްކަމުން ދިޔައީ ފައިކުއެވެ.

"ތި ކައިވެނި އަވަސްކުރަންވީ. އަހަރެން ވަރަށް ގަބޫލު. އަހަންނަށް ޔަގީން މަންމަ އާއި ބައްޕަ ނޫނެކޭ ނުބުނާނެކަން" ފައިކު ބުންޏެވެ.

ނޭހާއަށް ބަލައިލެވުނީ އުނގުގައި އޮތް އޭނާގެ އަތްތިލައިގައި ދޮންބެ ހިފަހައްޓާލުމުންނެވެ. އެ އަތަށް ފިއްތާލިގޮތުންވެސް ދޮންބެ ސާލިމްއާ ވަރަށް ބޮޑަށް ރުހިއްޖެކަން ނޭހާއަށް އެނގުނެވެ.

****

ކުއްލިއަކަށް ޝާނާ ދެއްކި ވާހަކައަކުން ލަތީފާ އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ފުރަތަމަ ޝާނާގެ ވާހަކަތަކަށް އޭނާއަށް އިތުބާރެއް ނުކުރެވުނެވެ. ޝާނާގެ ހިތުގައި ނިހާނަށް ޝައުގުވެރިކަމެއް ދެވިފައިވާކަން އެއީ ލަތީފާއަށް އެނގޭ ކަމެކެވެ. ރޫޔާ އާއި ނިހާން ދުރުކުރަން ޝާނާ ކޮންމެ ކަމެއްވެސް ކޮށްފާނެކަން ވެސް ލަތީފާއަށް ވިސްނެއެވެ. ނިހާންގެ ބޮލުގައި އެފަދަ ތުހުމަތެއް ޝާނާ އަޅުވަމުންދާ އިރު، އަދިވެސް ލަތީފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަންހެން ދަރިފުޅުގެ ލޮލުން ފައިބަމުންދާ ކަރުނަތަކުގެ ކުރިމަތީގައި އޭނާއަށް ނިހާން ދިފާއު ކުރަން ދަތިވަމުން ދިޔައެވެ.

"އެއް ރެއަކު ނޫން މަންމާ. ނިހާން.... ނިހާން އަޅުގަނޑުގެ ކޮޓަރިއަށް ވަންނަނީ އެންމެން ނިދައި ގޭތެރެ ހިމޭންވީމަ. ފުރަތަމަ އަޅުގަނޑުވެސް ދެކޮޅު ހެދިން. އަޅުގަނޑަށް އެނގޭ އަންހެންކުއްޖެއްގެ އިތްފަތްތެރިކަމަކީ ކިހާވަރެއްގެ އެއްޗެއްކަން. އެކަމަކު އަޅުގަނޑު ނިހާނަށް އެދެވޭވަރުން ދެކޮޅަށް އެއްޗެއް ނުބުނެވުނީ" ޝާނާ ހުއްޓާނުލައި ވާހަކަދައްކަމުން ދިޔައެވެ. އެ ވާހަކަތަކުން ލަތީފާގެ އެތެރެހަށީގެ ހޫނުކަން ހިނދަކަށް ފަހު ހިނދެއް އިތުރުވަމުން ދިޔައެވެ.

ލަތީފާ ހިމޭނުން އިނުމުން އަދިވެސް މުޅިއަކުން އޭނާގެ ވާހަކަތަކަށް އިތުބާރު ނުކުރާކަން ޝާނާއަށް އެނގުނެވެ. އޭނާ އިތުރަށް ރުއިން ބާރުކޮށްލިއެވެ. މިއަދު އޭނާ ބޭނުންވާގޮތަށް ކަންކަން ކުރަން އޭނާ އިނީ އަތުކުރި އޮޅާލައިގެންނެވެ.

"އުފާވެރި ދިރިއުޅުމަށްޓަކައި އަޅުގަނޑު ކުރަމުން އައި ފޮނި އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔައީ. މަންމަ ގަބޫލުނުކުރަންދޯ" ލަތީފާގެ އަތްތިލައިގައި ޝާނާ ހިފަހައްޓާލިއެވެ.

"ޝާނާ ތި ކިޔަނީ ތެދެއް ކަމަށްވަންޏާ ތިކަމަށް މަންމަ ފިޔަވަޅު އަޅާނަން" ލަތީފާ އެންމެފަހުން ބުންޏެވެ.

އެ ހިނދު ޝާނާގެ ތުންފަތުން މަކަރުވެރި ހިނިތުންވުމެއްގެ ނިޝާން ފެނިލިއެވެ.

"ގޮވާބަލަ ނިހާނަށް. ސާލިމްއަށް ވެސް ގުޅާ" ލަތީފާ ފުންމައިގެން ތެދުވިއެވެ.

އޭނާ ބޭނުންވީ ވަގުތުން ފިޔަވަޅު އަޅާށެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ދިރިއުޅުން ވެއްޔާ މޮޑެލާފައި އެހެން ނިހާނަށް އުޅެވިގެން ނުވާނެއެވެ. ނިހާން ޖެހޭނީ އެކަމުގެ އަގު އަދާކުރާށެވެ.

"އޭނަ ގެއަށް އަދި ނާދޭ" ނިހާންގެ ކޮޓަރިއާ ދިމާލަށް ލަތީފާ ހިނގައިގަތުމުން ޝާނާ ބުންޏެވެ.

****

ޔުނިވާސިޓީގެ ގޭޓު ކައިރިއަށް ރޫޔާ ނިކުތީ އަދިވެސް ނިހާންގެ ހަބަރެއް ނުވާތީއެވެ. އެއީ މި ކައިރި ކުރަނިއޭ ބުނި މީހާއެވެ. ގޭޓު ކައިރީގައި ދެކޮޅަށް ހިނގަން ހުރި ރޫޔާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. މިހާރު ވިއްސަކަށް މިނެޓް ވެއްޖެއެވެ. ނިހާނަށް ބައްޕަ ހަދިޔާއަކަށް ސައިކަލެއް ދިން ފަހުން ގެއިން ބަދިގެއާ ހަމައަށް ވެސް ނިހާން ދަނީ ސައިކަލުގައެވެ. މަގުތައްވެސް ދަސްކޮށްލީ އެހާ އަވަހަށެވެ.

ތަންކޮޅެއް ދުރުން ދުވަމުން އަންނަ ނިހާން ފެނުމުން ރޫޔާ ހައިރާންވިއެވެ. ސައިކަލެއް ނެތެވެ. ރޫޔާ ކުރިމަތީގައި ހުއްޓުނުގޮތަށް ނިހާން ގުދުވެލިއެވެ. ނޭވާ ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތް ކުރަނީއެވެ.

"ސޮރީ ލަވް.... ވަރަށް ލަސްވެއްޖެ ދޯ" އިރުކޮޅަކަށް ފަހު ނިހާން ބުންޏެވެ.

ރޫޔާ ތުންފަތަށް ނުރުހުންވެފައި ހުރިކަން އަންގައިދިނުމަށް ގޮތެއް ހަދާލިއެވެ.

"ތިގޮތަށް ރުޅި އަންނަންޏާ އެންމެންގެ ތެރޭގައި ގޮތެއް ހަދާލެވިދާނެ އެނގޭ" ނިހާން މަޖާވެފައި ބުންޏެވެ.

"މި އަންނަނީއޭ ކިޔާފަ ދިޔަ މީހާއޭ ތީ. މިހާރު ވަން އަވާ އެވަނީ. ކޮބާތަ ސައިކު؟؟ ކޮންތާކަށް ދިޔައީ؟ ކީއްވެ އަހަރެން ނުލައި ދިޔައީ؟ ކޮން ވާހަކައެއްތަ ބުންނަ އުޅުނީ؟" ރޫޔާ ހުރިހާ ސުވާލެއް އެއްފަހަރާ އަމުނާލިއެވެ.

"އަސްލު ވީގޮތަކީ އަމީނީ މަގާ ހަމަވިތަނާ ސައިކު ހަންފަޅައިގެން ދިޔައީ. ދެން ސައިކުން ފައިބައިގެން ޗާޓު ބަލައިގެން ގަރާޖަކަށް ދާން ޖެހުނީ. ގަރާޖު ހުރީ އޯކިޑުމަގުގަ. އެހެންވީމަ ލަސްވާނެއްނު" ރޫޔާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ނިހާން ކުރިއަށް ދިޔައެވެ. އެހެންނަމަވެސް ނިހާންގެ ވާހަކަތަކުން ރޫޔާއަށް ލިބުނީ ހައިރާންކަމެވެ.

"އަމީނީ މަގޭ. އޯކިޑުމަގޭ..." ރޫޔާ ބުންޏެވެ.

"އާނ. މިގައުމުގަ ވެސް އެހެން ކިޔާ މަގުތަކެއް ހުންނާނެއްނު. ނުހުންނާނެތަ؟" ރޫޔާގެ މޫނަށް ބަލައިލަމުން ނިހާން ބުންޏެވެ.

ރޫޔާ ކައިރިއަށް ހިނިއައެވެ. ނިހާނަށް ހުރެވުނީ އާޝޯހުވެފައި ރޫޔާ ހެމުންދިޔަ މޫނަށް ބަލަހައްޓައިގެންނެވެ. އޭރުވެސް އޭނާގެ ހިތުގައި ހަބީބް ދެއްކި ވާހަކަތައް ހަރުލާފައި ހުއްޓެވެ.

ޕްލަމް ގަސްތަކާ ހަމައަށް ދެވުމާއެކު ނިހާން ތިރީގައި އިށީނެވެ. ރޫޔާ ބޭންދީ އޭނާގެ އުނގުގައެވެ. ނިހާންގެ މޭގައި މޫނު ލައްކޮށްލައިގެން ރޫޔާ އިނީ ލޯމަރާލައިގެންނެވެ.

"ރޭގަ ޝާނާ މޮޅުކަމެއް ކޮށްފިއެއްނު" ނިހާން ބުންޏެވެ.

(ނުނިމޭ)