ގެއަށް އާދެވުމާ އެކުގައި ޖޫދާއަށް އޭނާގެ ރުޅި އިތުރަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ކޮޓަރިއަށް ވަންގޮތަށް އަތުގެ ކޮޅަށް އަތް ދަބަސް ހޫރާލިއެވެ. އޭނާއަށް މާނޭވާ ލެވެމުން ދިޔައެވެ. މިރޭ އޭނާއަށް ފެނުނީ އެއްވެސް ގޮތަކަށް ފެންނަން ބޭނުންވި މަންޒަރެއް ނޫނެވެ. އެ މަންޒަރުތައް ބަލަން ހިތަށް ކުޅަދާނައެއް ވެސް ނުވިއެވެ. ތާރާ ދެކެ އާދެވުނީ އަމަށަކު ރުޅިއެއް ނޫނެވެ. ރުޅީގެ ސަބަބުން އޭނާގެ ބޮލަށް ވެސް ބަރުވާން ފެށިއެވެ. ފުންނޭވަތަކެއް ލަމުން ކޮޓަރި ތެރޭގައި ކުރުކާލި ކަނޑަން ފެށިއެވެ. ވިސްނަމުން ދިޔަ ވަރަކަށް ރުޅި ގަދަވުން ނޫންކަމެއް ނުވިއެވެ. ފަޅައިގެން ދާން ކައިރިވެފައި ހުރި އަލިފާން ފަރުބަދައެއް ކަހަލައެވެ. ޕްރެޝަރު ބޮޑުވެގެން ދިޔަ ވަގުތު ރީތިވާ މޭޒުމަތީގައި ހުރި ސެންޓު ފުޅިތައް ވެސް އަތުން ޖަހައި ބުރުވާލައިފިއެވެ. ސެންޓުފުޅިތައް ތަޅައިގެން ދިޔަ އަޑާ އެކުގައި މުޅި ކޮޓަރިއަށް ސެންޓުގެ ވަސް ފެތުރުނެވެ. އެ ވަސްގަނޑު ދެކެ ވެސް ޖޫދާއަށް ރުޅި އާދެވުނެވެ.
ކޮޓަރިން އިވުނު އަޑުފަށްގަނޑާއެކުގައި، ސްޓަޑީގައި މަސައްކަތެއް ނިންމަން އުޅުނު ރައިހާން ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިއަށް ވަނެވެ. ތާރާ ބޭރަށް ދިޔަކަން އޭނާއަށް އެނގެއެވެ. ނަމަވެސް މަސައްކަތުގައި މަސްއޫލުވެފައި ހުރިވަރުން އަނބުރާ އައިކަމުގެ ހިލަމެއް ނުވީއެވެ. ރައްޓެހިންނާއެކުގައި ވަގުތު ހޭދަކޮށްލަން ގޮސްފައި އެހާ އަވަހަށް އަނބުރާ އައުމުން ވެސް ރައިހާންއަށް ލިބުނީ ހައިރާންކަމެވެ. ހަމައެއާއެކު ކޮޓަރިން އިވުނު އަޑުފަށްގަނޑުން އޭނާ ހުރީ ނުތަނަވަސް ވެފައެވެ.
''ޖޫދާ...'' ކޮޓަރިއަށް ވަން ރައިހާންއަށް ކަންބޮޑުވުމާއެކުގައި ގޮވާލެވުނެވެ. ރައިހާން ފެނުމުން ޖޫދާ އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. ދެލޯ އަޅާލަމުން ކޮޓަރިން ނިކުންނަން އޭނާ އުޅުނެވެ.
''ވަޓްސް ރޯންގް؟...'' ޖޫދާގެ އަތުގައި ރައިހާން ހިފާލިއެވެ. ޖޫދާއަށް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން ރައިހާން ބޭނުންވިއެވެ. އެހާ ރުޅިގަދަ ވާން ޖެހުނު ސަބަބެއް ހޯދަން ސުވާލުކުރަން ފެށީ ކަންބޮޑުވިވަރުންނެވެ.
'ދޫކުރޭ...'' ޖޫދާ އަމުރުކުރިއެވެ.
''ވެގެން އުޅޭ ގޮތެއް ބުނެބަލަ... ކީއްވެ ރުޅި ގަދަވެފަ ތިހިރީ؟... ބޭރަށް ގޮސް ހާދަ އަވަހަކަށޭ ތިއައީ ވެސް... ކަމެއް ވީތަ؟... މީހަކު އެއްޗެކޭ ބުނީތަ؟... ނިކަން އަހަންނަށް ކިޔާދީބަލަ... އޭރުންނެއްނު ޖޫދާއަށް އެހީވާން އަހަންނަށް އެނގޭނީ...'' ޖޫދާގެ ކޮނޑުގައި ރައިހާންއަށް ހިފާލެވުނެވެ. އެދެލޮލުން އުދާސްކަން ފާޅުވިއެވެ.
''ކިހާ ދެރަކަމެއް!...'' ރައިހާންގެ އަތް ޖޫދާ ފޮޅުވާލިއެވެ. އައިސްފައި ހުރި ރުޅީގެ ހޫނު ރޯޅިތައް ރައިހާންއަށް އަމާޒުކުރެވުނެވެ. އޭނާ މިހާރު އެހުރި ހާލަތަށް ދާން ޖެހުނީ ރައިހާންގެ ސަބަބުންނޭ ހީވާ ކަހަލައެވެ. އަލިފާން ކަނި ބުރަމުން ދިޔަ ދެލޮލުން ރައިހާންއަށް ޖޫދާ ބަލައިލިއެވެ.
''ޖޫދާ...'' ރައިހާން ލޯބިން ގޮވާލިއެވެ. ޖޫދާގެ ފަރާތުން ރުޅިވެރިކަން ފެނުނު ކަމުގައި ވިޔަސް ރައިހާން އިސްކުރީ މަޑުމައިތިރިކަމެވެ. ހިތްހަމަނުޖެހިގެން އެންމެ ބަހެއް ވެސް ބުނެ ނުލިއެވެ. ކަންބޮޑުވެފައިވާ ދެލޮލުން ޖޫދާއަށް ބަލަމުން ވިސްނައިދެވޭތޯ އުޅުނެވެ. ހިތުގެ ހާސްކަން އޭނާއާ ހިއްސާކުރުމަށް އެދުނެވެ. ރައިހާންގެ އަމަލުތަކުން ޖޫދާ ދެކެވާ ލޯބި ހާމަކޮށްދެއެވެ. ނަމަވެސް ރައިހާންގެ އޯގާތެރިކަމަށް ޖޫދާ ދިނީ ފުރަގަހެވެ. އޭނާއަށް އެ ގާތްކަމާއި ލޯބި ބޭނުން ނުވާ ކަހަލައެވެ. އޭނާގެ ހިތް އެދެނީ އެންމެ ފަރާތަކަށެވެ. އެއީ މިރާހްއެވެ. ރައިހާންއާ ގުޅުން އެއީ އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ. މިހާރު ކުރިމަތިވަމުން މިދަނީ އެކަމުގެ އުނދަގުލާއެވެ.
''ދޫކުރާށޭ ބުނެފީމެއްނު...'' ޖޫދާ ހަޅޭއްލަވައިގަތެވެ. އެންމެފަހުން އައި ރުޅީގައި ރައިހާންގެ މޭގައި އަތްއަޅައި ދުރަށް ވެސް ކޮއްޕާލިއެވެ. ރައިހާން ހުރީ ސިހުމެއްގެ ތެރޭގައެވެ. ޖޫދާގެ މިޒާޖަށް އައި ކުއްލި ބަދަލު އޭނާއަށް ނަގައި ނުގަނެވުނެވެ. ބޭރަށް ދިޔައިރު ޖޫދާ ހުރީ ހިނިތުންވެފައެވެ. ނަމަވެސް މިހާރު ފެންނަނީ ރުޅިން ގޮސް މޫނު ރަތްވެފައިވާ މަންޒަރެވެ.
''މި ހުރިހާ ކަމެއް މިވަނީ ކަލެއާ ހެދި، ކަލެއާ ކައިވެނި ނުކުރެވުނުނަމައޭ އަހަރެންގެ ހިތަށް އަރާ...'' މި ހުރިހާ ދުވަހު ހިތުގައި ވަންހަނާކުރަމުން އައި ސިއްރު ވެސް އެންމެފަހުން ޖޫދާގެ ދުލުން ބޭރުވެއްޖެއެވެ. އިތުރަށް ހިތުގައި އޮތް ނުރުހުން ސިއްރުކުރާކަށް ވެސް ޖޫދާ ބޭނުމެއް ނުވިއެވެ.
''މިވަގުތު ރުޅި އައިސްފައި ހުރުމުން ތިހެން ތި ބުނަނީ...'' ހިތަށް ތަދުވިކަމުގައި ވިޔަސް ރައިހާން އޭނާގެ ހިތަށް ވިސްނައިދިނީ އެ ވާހަކަތަކާ މެދު ފުންކޮށް ނުވިސްނުމަށެވެ. ރުޅި އައިސްފައި ހުރުމުން ޖޫދާއަށް ބުނެވޭ އެއްޗެއް ނޭނގެނީ ކަމެވެ. އެއީ އޭނާގެ މައުސޫމް ހިތަށް ވިސްނައިދޭން ދައްކަމުން ދިޔަ ބަހަނާތައް ކަމެއް ނޫނީ، ޖޫދާގެ ދުލުން އިވުނު ހަގީގަތަށް ފިލަން ބޭނުންވެފައި ހުރުމުން ހިޔާރުކުރެވުނު މަގުކަމެއް ބުނަން ދައްޗެވެ. އެނގޭހާ ވެސް ކަމަކީ ޖޫދާގެ ބަސްތަކުން އެ ހިތަށް ފުން ޒަހަމްތަކެއް ލިބުނު ކަމެވެ. ތޫނު ރިހުމެއް މޭގައި އުފެދުނެވެ.
''ބޮޑު އުނދަގުލަކަށް ވެއްޖެޔޭ!...'' ޖޫދާ ފުސްމޫނު ހަދާލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި އޭނާ ގޮސް ނިކުތީ ބެލްކަނިއަށެވެ. އަދި އަތުގެ ކޮޅަށް ބެލްކަނީގެ ދޮރު ވެސް ލައްޕައިފިއެވެ. ހުރި ފިޔަވަޅުމަތީގައި ރައިހާންއަށް ހުރެވުނެވެ. ސިހުން ލިބުނީ ކަރުނައިގެ ފިނިކަން ކޯތާފަތަށް އިހުސާސްކުރެވުމުންނެވެ. އޭނާއަށް އަވަސްއަވަހަށް ކަރުނަތައް ފޮހެލެވުނެވެ. ފުންނޭވާތަކެއް ދޫކޮށްލީ ނަފުސަށް ގޯނާ ކުރަން ފެށި ހިޔާލުތަކާ ދުރުވެލުމަށެވެ.
''ރުޅި އައިސްފައި ހުރުމުން އެހެން އެ ބުނީ...'' ތަކުރާރުކޮށް އޭނާގެ ހިތަށް ރައިހާން ވިސްނައިދޭން އުޅުނެވެ. ސެންޓުފުޅިތައް ތަޅައިގެން ގޮސް ބިންމައްޗަށް އެޅިފައި ހުރި ބިއްލޫރިތައް ސާފުކުރަން އުޅުނު އިރުގައި ވެސް ހިތަށް ޖޫދާގެ ޖުމްލައިން ތަދުކުރަމުން ދިޔައެވެ. ބާރުގަދަ އަތަކުން އޭނާގެ ހިތުގައި ހިފަހައްޓާފައިވާ ކަހަލައެވެ. މޭގައި ހިތް ފިތެމުން ދިޔަވަރަކަށް ވޭން ގަދަވަމުން ދިޔައެވެ.
*****
އިތުރު ދެ ދުވަހެއްގެ މަތިން ވެސް ކަޅު ކުލައިގެ ކާރު ސަރުވާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒިވްޔަންކަން އޭނާއަށް ޔަގީންކުރެވުނެވެ. އެފަދައިން ޒިވްޔަންގެ ހިތަށް އަނިޔާ ދޭތީ ވެސް ސަރުވާ ދެރަވިއެވެ. ހަގީގަތާ ކުރިމަތިލާން ޒިވްޔަންއަށް އުނދަގޫވެފައިވާ ކަހަލައެވެ. ކޮޓަރީގައި ހުރެ ސަރުވާ ވިސްނަމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. އެފަދައިން ދުވަސްތައް ދާން ވެއްޖެ ނަމަ އޭނާ ފަދައިން ޒިވްޔަންއަށް ވެސް ދިރިއުޅުމައިގެން ކުރިއަށް ދާން އުނދަގޫ ވާނެއެވެ.
ދެކޮޅަށް ހިނގަމުން ދިޔަ ސަރުވާ ގޮސް ރީތިވާމޭޒުގެ ގޮނޑީގައި އިށީނެވެ. އޭނާގެ ލޮލުގައި ޒިވްޔަން ހަދިޔާއަކަށް ދިން ކެވެލިކޮޅުވެސް އަޅައިގަތެވެ. އެއީ ކައިވެންޏަށް ޒިވްޔަން ހިޔާލު ހުށަހެޅި ދުވަހު ދިން ހަދިޔާއެވެ. އެ ދުވަހު ޒިވްޔަންގެ ތުންފަތާ ކުޅެމުން ދިޔަ ހިނިތުންވުން ސަރުވާއަށް ސިފަކުރެވުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރޭން ވެސް ފާޅުވެގެން ދިޔައީ ޒިވްޔަންގެ އުފާވެރި މޫނެވެ. ކަންފަތް ދޮށުން އެ ބަރު ފިރިހެންވަންތަ އަޑު އިވުނުހެން ހީވުމާއެކުގައި ސަރުވާއަށް ދެލޯ ހުޅުވާލެވުނެވެ. ބޭގަރާރުކަން އެކުލެވިގެންވި ދެލޮލުން ވަށައިގެން ހޯދައިލެވުނެވެ. ނަމަވެސް އޭނާއާ ބައްދަލުކުރީ އެކަނިވެރިކަމެވެ. ސަރުވާގެ ދެލޮލުން ކަރުނަ ފޭދުނެވެ.
''ޒެން...'' އަތުގައި އޮތް ކެވެލިކޮޅުގައި ސަރުވާއަށް ފިރުމާލެވުނެވެ. އެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާ އެކުގައި، އަތާއި ކެވެލިކޮޅު ވަކިކޮށްލިއެވެ. އެންމެ ފަސޭހަވާނީ ޒިވްޔަންގެ ހަނދާންތަކާ ދުރުވުމެވެ. އެ ލޯތްބަށް މުސްތަގުބަލެއް ނެތެވެ. އެ ހަނދާންތަކުގައި ދުވަސްތައް ވޭތުކުރަން ހަދައިފިނަމަ ދިރިއުޅުން ސަޒާއަކަށް ވެދާނެއެވެ. އޭނާއަ މެދުގައި މިހާރު ވެސް މަންމައާއި ބައްޕަ ތިބީ ކަންބޮޑުވެފައެވެ. ބޮޑުވެފައި ހުރި އަންހެން ދަރިއަކާ މެދު ވިސްނައި ހާސްވުމުގެ ފުރުސަތު ދިނުން އެއީ ރަނގަޅުގޮތެއް ވެސް ނޫނެވެ.
''އައި ހޭވް ޓު ޑޫ ދިސް...'' ސަރުވާއަށް އޭނާގެ މޭގައި ފިރުމާލެވުނެވެ. އިރުކޮޅެއް ވަންދެން ރީތިވާ މޭޒު މަތީގައި އޮތް ކެވެލިކޮޅަށް ބަލަން އޭނާ އިނެވެ. އެއަށްފަހު ޒިވްޔަން އޭނާއަށް ދިން ހުރިހާ ހަދިޔާތަކެއް ގެނެސް ރީތިވާ މޭޒުމަތީ ބެހެއްޓިއެވެ. ގިނައީ މާބޮނޑިތަކާއެކުގައި ދީފައިވާ ކާޑުތަކެވެ. އަތުލިޔުމުން ލިޔެފައިވާ ލޯބީގެ ބަސްތަކެވެ. ލަވަތަކުގެ ކަޑިތަކެވެ. ފަހު ފަހަރަށް އެ ކާޑުތައް ސަރުވާ ކިޔާލިއެވެ. އޭރު ހުއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބައެވެ. ކަރުނަ ފޮހެލުމަށްފަހު، ގިސްލަމުން އެ ކާޑުތައް ސަރުވާ ވީދާލިއެވެ. ޑަސްބިނަށް ހުރިހާ އެއްޗެއް ލުމަށްފަހުގައި ކޯތާފަތް ފޮހެލިއެވެ. އިރުކޮޅެއް ވަންދެން ޑަސްބިނަށް ބަލަން ހުރެފައި އޭނާ ގޮނޑިން ތެދުވުނެވެ. އަލަމާރި ހުޅުވާލާފައި ދެ ޒުވާނުންގެ ފުރަތަމަ ބައްދަލުވުމުގެ ރަމްޒުކަމުގައިވާ ކަޅުކުލައިގެ ކުޑަ ނެގިއެވެ.
ކުޑައިގައި ސަރުވާއަށް ފިރުމާލެވުނެވެ. ކުއްލިޔަކަށް ކަކުލުހުޅުން ވާގި ދޫވި ކަހަލައެވެ. ސަރުވާއަށް ބިންމައްޗަށް ތިރިވެވުނެވެ. ކުޑަ ގެނެސް މޭގައި ޖައްސާލެވުނެވެ. ގިސްލުމާއެކުގައި ސަރުވާއަށް ދެލޯމަރައި ތަގުޅިކޮށްލެވުނެވެ. ހިތުގެ ޝަކުވާތައް ހިމޭންކަމުގެ ދުލުން ބޭރުކޮށްލެވުނެވެ. އެ ދުވަހު ޒިވްޔަންއާ ބައްދަލު ނުވި ނަމައެވެ. އޭރުން މިއަދު އެ ހިތުގައި އަޅަމުން ދިޔަ ވޭނާއި ކެކުޅުންތައް އިހުސާސްކުރަން ނުޖެހުނީހެވެ.
ފުރަތަމަ ބައްދަލުވުމުގެ ހަނދާންތައް، މަރާލެވިފައިވި އެސްފިޔަތަކުގެ ތެރޭން ފެންނަން ފެށީ ފިލްމެއްގެ ސިފައިގައެވެ. ވެހެމުން ދިޔަ ވާރެއެވެ. ޖެހެމުން ދިޔަ ބާރު ރޯޅިތަކާއި އިވެމުން ދިޔަ ގުގުރީގެ އަޑުތަކެވެ. އޭނާ މަގު ހުރަސްކުރަން އުޅުނު މަންޒަރެވެ. ޖެހިލި ރޯޅިއާ އެކުގައި އަތުގައި އޮތް ކުޑަ ވިހުރިގެން ދިޔަ މަންޒަރެވެ. އަތުގައި އޮތް ކޮތަޅު ބިންމައްޗަށް ވެއްޓުމުން ސާމާނުތައް ނަގަން އުޅުނު ވަގުތެވެ. އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އައިސް ހުއްޓުނު އިސްކޮޅުން ދިގު ޒުވާނާއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވި ހިނދެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވޭކުރުވެގެން ދިޔަ ހިނދު ކުރެވުނު އިހުސާސްތަކެވެ.
''ޒިވްޔަން...'' ސަރުވާއަށް ގިސްލެވުނެވެ. ކުޑައިގައި ބާރަށް ހިފަަހައްޓައިގެން ސަރުވާ އިނެވެ. ހިތްފުރެން ދެން ރޯލިއެވެ. އޭރު ވެސް ސަރުވާއަށް ގިސްލެވެއެވެ. ކަރުނަ ފޮހެލަމުން ގޮސް، ސައިޑް ޓޭބަލް މަތީ ޖާޗަށް ޖަހާފައި އޮތް ފޯނު ނެގިއެވެ. ދެ ހިޔާލެއްގައި ހުރި މީހަކު ފަދައިން ފޯނު ހިފައިގެން އައިސް ރީތިވާމޭޒުގެ ގޮނޑީގައި އިށީނެވެ. އޭނާއަށް ނުގުޅުމަށް ޒިވްޔަން ގާތު ބުނި ދުވަހުން ފެށިގެން ޒިވްޔަންގެ ފޯނު ކޯލެއް އޭނާއަށް ލިބިފައި ނެތެވެ. ފޯނުން ވެސް ފެންނަނީ ފަޅުކަމެވެ. ފުން ނޭވާއެއް ދޫކޮށްލި ސަރުވާ، ހިތު ދަސްވެފައި ހުރި ޒިވްޔަންގެ ނަންބަރު ލިޔުނެވެ. ކަންފަތުގައި އޭނާ ފޯނު ޖެއްސީ ކެތްކުރާ ހާލުގައެވެ. ޒިވްޔަންއާ ބައްދަލުކޮށް އެ ގުޅުމަށް އަބަދުގެއަބަދަށް ނިމުން ގެންނަން ސަރުވާ އޭނާގެ ހިތަށް މަޖުބޫރުކުރަމުން ދިޔައެވެ.
ފުރަތަމަ ރިންގާ އެކުގައި ޒިވްޔަން ފޯނު ނަގައިފިއެވެ. ފަސް މިނެޓް ފާއިތުވެގެން ދިޔައިރުގައި އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. ފުން ނޭވާތައް ލަމުން ދިޔަ އަޑު ނޫން އަޑެއް ވެސް ނީވެއެވެ. ސަރުވާ ގުޅުމުން ޒިވްޔަން ހުރީ ސިހުމެއްގެ ތެރޭގައެވެ. އެކަމާ މެދުގައި ދެކެން ވީ ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. ހިމޭންކަމުން އޭނާގެ ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. ބިރުވެރި ހަބަރެއް ލިބެން އުޅޭ ކަހަލައެވެ.
''ޒެން، އަހަރެން ބޭނުން ބައްދަލުކުރަން...'' ސަރުވާއަށް ބުނެވުނެވެ. އާހުތަކުން އަރުބެދެން ފެށުމުން އޭނާއަށް ވާހަކައެއް ވެސް ނުދެކެވުނެވެ. ފުންނޭވާތަކެއް ސަރުވާއަށް ދޫކޮށްލެވުނެވެ. ބައްދަލުކުރަންވީ ވަގުތާއި ތަން ބުނުމަށްފަހު އަވަސްއަވަހަށް ސަރުވާ ފޯނު ކަނޑާލީއެވެ. އޭނާއަށް ރޮވުނީ ދެނެވެ. މޫނުގައި އަތްއަޅާލެވުނު ހިނދު ހިމަހޯލި އިނގިލަތުގެ ތެރޭން ކަރުނަތައް ފޭދިގަތެވެ.
*****
ޒިވްޔަންއަށް ބަލަން ހުރެވުނީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ސިހުމުގެ އަސަރު އޭނާގެ މޫނުން ފާޅުވެއެވެ. ސަރުވާގެ އަޑުގައިވި ހިތްދަތިކަމުން އޭނާގެ ރޫހަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ވޭނެކެވެ. އެ ބައްދަލުވުމަކީ ދެ ޒުވާނުންގެ ވެސް އެންމެ ފަހުގެ ބައްދަލުވުމޭ ބުނާ ކަހަލައެވެ. ޒިވްޔަންއަށް އޭނާގެ މޭގައި ފިރުމާލެވުނެވެ.
''ޑޫޑް... އާރ ޔޫ އޯކޭ؟...'' ގުދުވެލަމުން މޭގައި ފިރުމަން ފެށި ޒިވްޔަން ފެނި ދައިސާން ކަންބޮޑުވިއެވެ. އޭރު ދެ އެކުވެރިން ތިބީ ރެސްޓޯރެންޓްގެ އޮފީސް ބައިގައެވެ. ދައިސާން އޭނާ އިން ގޮނޑިން ތެދުވެގެން އައިސް ޒިވްޔަންގެ ގާތަށް ހުއްޓުނެވެ.
''އައިމް ފައިން... ގޭސްޓްރިކް ވީހެން ހީވަނީ...'' ޒިވްޔަން ބުންޏެވެ. އެއީ ދޮގެއްކަން ދައިސާންއަށް ނަގައިގަނެވުނެވެ. އެ ބަދަލެއް އައީ ޒިވްޔަންއަށް އައި ފޯނުކޯލަށް ފަހުގައެވެ. ސުވާލު ވެސް އުފެދުނެވެ. ނަމަވެސް އިތުރަށް އެކަމާ ގުޅުވައިގެން ސުވާލުނުކުރީ އޭނާއަށް ކިޔައިދޭން ޒިވްޔަން އެ ވަގުތު ބޭނުން ނުވާކަން އެނގުމުންނެވެ.
''ހިނގާބަ ބޭރަށް ނިކުމެލަން...'' ދައިސާން އެދުނެވެ. ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ޒިވްޔަން ގޮނޑިން ތެވުނެވެ. ދައިސާންގެ ކޮނޑުގައި ޖަހާލަމުން އޭނާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.
''ވާރޭ ވެހެން އުޅޭހެން ހީވަނީ...'' ދެ އެކުވެރިންނަށް ބޭރަށް ނިކުމެވުނު އިރުގައި މޫސުން ބަދަލުވާން ފަށައިފިއެވެ. ކަޅު ވިލާތަކުން ދުނިޔެމަތި ބަނަކޮށްލައިފިއެވެ. ޖެހެމުން ދިޔަ ރޯޅިތަކުން ވެސް އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދިނެވެ.
ޒިވްޔަންއަށް ބަލައިލެވުނީ އުޑަށެވެ. ޖެހެމުން އައި ފިނި ރޯޅިތަކުން ހަނދަންކޮށްދިނީ ސަރުވާއާ ފުރަތަމަ ބައްދަލުވި ދުވަހެވެ. ވާރޭވެހޭ ކޮންމެ ދުވަހަކު އެ ދުވަހުގެ ހަނދާންތައް އާލާވެގެން ދިޔައެވެ. ޒިވްޔަންގެ ހިތުގައި ރިއްސާލިއެވެ.
*****
ރޭގައި ހިނގި ޒުވާބަށް ފަހުގައި ޖޫދާއާއި ރައިހާންގެ ގުޅުން ވެސް ހީނަރު ވެއްޖެއެވެ. ޖޫދާގެ ފަރާތުން ރުޅިވެރިކަން ފެންނައިރުގައި ރައިހާން ކުރާ އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ނުދެއެވެ. ފުސް މޫނު ހަދައިގެން ހުންނަނީއެވެ. އެކަމާ ވިސްނާވިސްނާ ރައިހާންގެ ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނީ ބާވައޭ ވެސް ހިތަށް އެރިއެވެ. ފިކުރު ބޮޑުވަމުން ގޮސް ރައިހާންގެ މިޒާޖު ވެސް ބަދަލުވެއްޖެއެވެ.
*****
ޒިވްޔަންއާ ބައްދަލުކުރަން ތައްޔާރުވަމުން ދިޔަ ސަރުވާއަށް މޭކަޕްކުރަން ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ. އެ މޫނުގެ ތާޒާކަން ގެއްލިފައިވާކަން ޒިވްޔަންއަށް ފާހަގަވާން ބޭނުން ނުވާތީއެވެ. ގޮތްބޮޑު މޭކަޕެއް ކުރަން ޖެހުމުން އޭނާ ހުރީ އުނދަގޫ ވެސް ވެފައެވެ. ހަމައެއާއެކު ޒިވްޔަންއާ ބައްދަލުވުމުން ކަންތައް ވެދާނެ ގޮތަކާ މެދުގައި ވެސް އެ ހިތް ބިރުގަންނަން ފެށިއެވެ. ހިތުގެ އުދާސްތައް އޭނާއަށް ސިއްރުކުރެވިދާނެ ހެއްޔެވެ؟ ޖަޒުބާތުތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެނެވޭނެ ހެއްޔެވެ؟
އަތްދަބަސް ތެރެއަށް ކެވެލިކޮޅު އަޅާފައި އޮތް ކުޑަ ފޮށި ސަރުވާ އެޅިއެވެ. އެއަށްފަހު ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. މޭކަޕްގެ ބާރުން އެ މޫނަށް ދިރުން ގެނެސްދީފައި ވެއެވެ. ނަމަވެސް އެއީ މަސްނޫއީ ބަދަލެކެވެ. ހަގީގީ ރޫހެއް އެކުލެވިގެން ނުވެއެވެ. ކުޑަ ހިފައިގެން ކޮޓަރިން ނިކުންނަން ސަރުވާ ހިނގައިގަތެވެ. ބަދިގޭގައި ހުރި މަންމައަށް ގޮވާލަމުން ބޭރަށް ދަނީކަމުގައި ބުންޏެވެ.
ސަރުވާ ފެނުމުން ޒުބެއިދާއަށް ލިބުނީ ހައިރާންކަމެވެ. ހިތުގައި ސުވާލު އުފެދުނުކަމުގައި ވިޔަސް ދިއުމުގެ ހުއްދަ ސަރުވާއަށް ދިނެވެ. އޭރު ބަދިގޭގައި ޒުބެއިދާއަށް އެހީތެރިވާން އުޅުނު ބަތޫލްއަށް ސަރުވާގެ އަތުގައި އޮތް ކުޑަ ފާހަގަ ކުރެވުނެވެ. އޭނާއަށް ބަލައިލެވުނީ ސަރުވާގެ މޫނަށެވެ. ބަތޫލްގެ މޫނުގައިވި އަސަރުތައް ސަރުވާއަށް ނަގައިގަނެވުނެވެ. އަވަސްއަވަހަށް ނަޒަރު ވަކިކޮށްލަމުން މައިދޮރާ ދިމާއަށް ހިނގައިގަތެވެ.
*****
ބޯކޮށް ވާރާވެހެމުން ދިޔައެވެ. ރޭގަނޑު ދުވާލަށް ހަދާލާ ފަދަ އަލިގަދަ ވިދުވަރުތަކުން މުޅި މާހައުލު އަލިކޮށްލައެވެ. އެއާ ވިދިގެން އިވިގެން ދަނީ ހޮނު ގުގުރީގެ އަޑެވެ. ބައްދަލު ކުރަން ބުނި ރެސްޓޯރެންޓް ކައިރިއަށް ސަރުވާ ކާރު މަޑުކޮށްލިއެވެ. އިރުކޮޅެއް ވަންދެން ނުފައިބާ އޭނާ އިނެވެ. މަންޒިލާ ހަމައަށް އާދެވުމުން އޭނާގެ ހިތްވަރު އެލުނީއެވެ. ލޮލުން ދިލަ ނަގަން ފެށުމުން އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލިއެވެ. ނުރޯން އޭނާ ހިތްވަރުކުރަމުން ދިޔައެވެ. މިހާ ހިސާބަށް އާދެވުމަށްފަހުގައި އަނބުރާލާފައި ނުދާން ވެސް އޭނާ އަޒުމު ކަނޑައެޅިއެވެ.
''ޔޫ ކޭން ޑޫ ދިސް...'' ސަރުވާ ފުންނޭވާތަކެއް ލަމުން އޭނާގެ ހިތަށް ވިސްނައިދިނެވެ. އަތްދަބަސް ނަގައި ކޮނޑުގައި އަޅަވާލަމުން ކާރުގެ ދޮރު ހުޅުވާލިއެވެ. ވާރޭ ތެރެއަށް ދިއްކޮށްލި ކުޑަ ހުޅުވާލަމުން ކުޑައިގެ ހިމާޔަތް ހޯދިއެވެ. އެ ހިނދު ޖެހިލި ފިނިފިނި ރޯޅިން ހަށިގަނޑު ރޫރޫއަޅައިގަތެވެ.
*****
ސަރުވާގެ އިންތިޒާރުގައި އިން ޒިވްޔަންއަށް އަތުކުރީ އޮތް ގަޑިއަށް ބަލައިލެވުނެވެ. ބުނި ވަގުތު ފަހަނައަޅައި ގޮސް ފަނަރަ މިނެޓް ވެއްޖެއެވެ. ސަރުވާ ނާންނާނެ ކަމަށް ހީކުރެވުނެވެ. ވެހެމުން ދިޔަ ވާރެއަށް ޒިވްޔަން ނަޒަރު ހުއްޓާލިއެވެ. މޫސުމުގެ ގޮތުން މީހުން ވެސް މަދެވެ. ހަމަހިމޭންކަން މުޅި މާހައުލަށް ވެރިވެފައި އޮތް ކަހަލައެވެ. ހިޔާލަކަށް ގެއްލިފައި އިންދައި ފިޔަވަޅުތަކެއްގެ އަޑު ޒިވްޔަންއަށް އިވުނެވެ. އޭނާއަށް ބަލައިލެވުނެވެ. ބޭރަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެއްޖެއެވެ. އަވަސްއަވަހަށް ޒިވްޔަންއަށް ކޮޅަށް ތެދުވުނެވެ. ސަރުވާއާ ނަޒަރު ބައްދަލުވުމުން ޒިވްޔަންގެ މޫނަށް ކުރިން ވެރިވެގެންދާ އުފާވެރިކަމުގެ ބަދަލުގައި ވެރިވީ ނުތަނަވަސްކަމެވެ. ސަރުވާގެ އަތުގައި އޮތް ކުޑަ ވެސް ޒިވްޔަންއަށް ފެނިއްޖެއެވެ. އެވަގުތު އޭނާގެ ހިތް ތެޅިލިއެވެ. އެ ބައްދަލުވުމުގެ މާނަ އޭނާއަށް ނަގައިގަނެވުނީއެވެ. ހުއްޓުން އަރާފައި ޒިވްޔަންއަށް ހުރެވުނެވެ.
އިސްޖަހާލަމުން ސަރުވާ އައިސް ޒިވްޔަންގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. ޒިވްޔަންއަށް ނުބަލަން ސަރުވާ މަސައްކަތްކުރިއެވެ. އެ ހިތަށް އިތުރަށް ކުޅަދާނަ ނުވާނެތީއެވެ. ޒިވްޔަން ފެނުމުން ވެސް އެ ހިތް ރޯލައިފިއެވެ. އެ މޫނުން ފެނުނު މާޔޫސްކަމުން އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އޭނާއާ ބައްދަލުކުރަން ޒިވްޔަން އައީ އުއްމީދުތަކުން ފުރިފައިވި ހިތަކާ އެކުގައިކަން ވެސް ސަރުވާއަށް ޔަގީންކުރެވުނެވެ. އަނެއްކާ ވެސް އެ ހިތް ހަލާކުކޮށްލަން ޖެހިފައިވުމުން، ސަރުވާއަށް ނޭވާލާން ދަތިކަމަކަށް ވެއްޖެއެވެ.
''ސަރޫ...'' ޒިވްޔަން ގޮނޑީގައި އިށީނެވެ. އިސްއޮބާލައިގެން އިނުމުން ސަރުވާގެ މޫނުގެ ޝުއޫރުތައް ދެނެގަނެވޭ ގޮތެއް ނުވިއެވެ. ޒިވްޔަންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ވެއިޓަރު އޯޑަރު ނަގަން އައުމުން އިރުކޮޅެއް ފަހުން އައުމަށް ޒިވްޔަން އެދުނެވެ. އޭރު ވެސް ޒިވްޔަންގެ ނަޒަރު ސަރުވާއާ ވަކި ނުވެއެވެ. އޭނާއަށް އެ ހިތުގެ ހާލު ސިއްރުކުރަން ސަރުވާ އުޅުނުކަމުގައި ވިޔަސް، ޒިވްޔަންއަށް އެ ހިތުގެ ވޭން އިހުސާސްކުރެވުނެވެ. އުދާސްކަން އެކުލެވިގެންވި ނޭވާއެއް ޒިވްޔަންއަށް ދޫކޮށްލެވުނެވެ.
ސަރުވާ ވާހަކައެއް ނުދެއްކިއެވެ. އަވަސްވެފައިވި ހަރަކާތްތަކާއެކުގައި އަތްދަބަސް ހުޅުވާލިއެވެ. ޒިވްޔަންއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކަންތައް ވަމުންދާ ގޮތް އޭނާއަށް ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ވޭން ބަރުދާސްތުކުރަން ދަތިވާން ފެށިއެވެ. އެއީ ފަހުގެ ބައްދަލުވުންކަމުގައި ޒިވްޔަންއަށް ޔަގީންކުރެވުނެވެ. އޭނާގެ ހިތް ރޮމުން ދިޔަ ކަމުގައި ވިޔަސް ލޮލުން ކަރުނަ ފޭބުމުގެ ފުރުސަތެއް އޭނާ ނުދިނެވެ. ޖަޒުބާތުތައް ކޮންޓްރޯލުކުރަން އޭނާ މަސައްކަތްކުރިއެވެ.
''އައިމް ސޮރީ...'' ސަރުވާ ފުރަތަމަ ނެގީ ކުޑަ ފޮށްޓެކެވެ. އެ ފޮށި ބަލައިލުމުން ވެސް އޭގައި އޮތީ ކޯޗެއްކަން ޒިވްޔަންއަށް ނަގައިގަނެވުނެވެ. ހަނދާންތައް ގެންގޮސްދިނީ ފޮށީގައި އޮތް ކެވެލިކޮޅު ސަރުވާގެ އަތުގައި އަޅުވައިދިން ދުވަހަށެވެ. އެއީ އުފާވެރިކަމުން ފުރިގެންވި ދުވަހެކެވެ. ދެ ހިތުގައި އޮތް ލޯބި ހާމަކޮށްދިން ދުވަހެއް ވެސް މެއެވެ. ނަމަވެސް އެ ދުވަސްތައް މާޒީގެ ފުންކަނޑުގެ ތެރެއަށް އަރަގުވެގެން ގޮސްފިއެވެ. މިހާރު ވަށައިގެން ފެންނަމުން ދިޔައީ ނާއުއްމީދެވެ. މާޔޫސްކަން ޒިވްޔަންގެ ލޮލަށް ވެރިވެގެން ދިޔައެވެ.
މޭޒުމަތީ ބޭއްވި ކުޑަ ފޮށި ޒިވްޔަންއާ ދިމާއަށް ކުރިއަށް ޖައްސާލަމުން، ޒިވްޔަން އޭނާއަށް ހަދިޔާ ކުރި ވާހަކަ ފޮތްތައް ވެސް ސަރުވާ ނެގިއެވެ.
''ތީ ސަރޫއަށް ހަދިޔާ ކުރި އެއްޗިސް...'' ޒިވްޔަންއަށް ބުނެވުނެވެ. އޭނާއަށް އިތުރަށް ކެތްނުކުރެވުނީއެވެ.
''މި އެއްޗިސް އަހަރެންގެ އަތުގައި ހުރިހާ ހިނދަކު ޒެންގެ މަތިން އަހަރެންނަށް ހަނދާނެއް ނުނެތޭނެ......'' ސަރުވާގެ އަޑުގައި ވަނީ އާދޭހެވެ. ''އައިމް ސޮރީ ޒެން... ދެން އަހަރެން ހޯދަން މަސައްކަތް ނުކުރާތި... އަބަދު ގޭދޮށަށް އައުން ވެސް ހުއްޓާލާ... އަހަންނަށް ދެން މިހެން ނޫޅެވޭނެ... އަހަރެން ބޭނުންވަނީ ހުރިހާ ކަމެއް ހަނދާން ނައްތާލަން...''
''ސަރޫއަށް ފަސޭހަ ވާނެތަ؟...'' ސަރުވާގެ ޖުމްލައިން ޒިވްޔަންގެ ހިތަށް ހަންޖަރުގެ ހަމަލައެއް އަމާޒުވި ކަހަލައެވެ. ލިބުނު ވޭނުން މުޅި މީހާ ގަބުކުރުވިއެވެ.
''ޒެން...'' ސަރުވާގެ ދުލުން އާހްތަކެއް ބޭރުވެގެން ދިޔައެވެ. ''ޒެންއާ ދުރުގައި އުޅުމަކީ އަހަންނަށް އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫން... އެކަމަކު ބައްޕަގެ ނުރުހުމުގައި އަހަރެން ޒެންއާ ގުޅޭނީ ކިހިނެއް؟... މަންމައާ މެދު ކަންތައް ވެދިޔަ ގޮތަށް ފަހުގައި ވެސް އަހަންނަށް ޒެން ދެކެެ ރުޅިއެއް ނާދެވުނު... އަހަރެންގެ ބަސްނާހާ ހިތް ތި ނޫން ލޯތްބެއް ދުވަހަކު ގަބޫލެއް ނުކުރާނެ... އެކަމަކު...... އެކަމަކު ބައްޕަގެ ނުރުހުމުގައި ޒެންއާ އަހަރެން ގުޅޭނީ ކިހިނެއްތަ؟... އަހަރެން ބަލައި ބޮޑުކޮށް މީހަކަށް ހަދައިދިން މައިންބަފައިންގެ އެދުމުގައި ކޮޅުފައިން ޖަހާނީ ކިހިނެއްތަ؟... ޒެން... އަހަރެން... އަހަރެން ބޭނުމީ ހުރިހާކަމެއް ހަނދާން ނައްތާލަން......''
''ތިއީ ސަރޫ ބޭނުންވާ ގޮތްކަމުގައި ވަނީނަމަ އަހަރެން ސަރޫ ނުހުއްޓުވާނަން، އެކަމަކު ސަރޫ ދެކެ އަހަރެންގެ ހިތުގައިވާ ލޯބި ފޮހެލަން ނުބުނޭ... އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން... އަހަރެންގެ ނޭވާ ހުރިހާ ހިނދަކު އަހަރެން ސަރޫއަށް އިންތިޒާރުކުރާނަން... އަހަންނަށް އެ ފުރުސަތު ދީ... ސަރޫ ދެކެ އަހަރެން ވާ ލޯބި ހިތުގައި ބާއްވަން ފުރުސަތު ދީ...'' ޒިވްޔަންގެ ހިތުގެ ވޭން އިތުރަށް ބަރުދާސްތެއް ނުކުރެވުނެވެ. ދެ ޒުވާނުން ވެސް ރޮމުން ދިޔައީ ދުނިޔޭގެ ބޭއިންސާފާ މެދުގައެވެ. ނާކާމިޔާބުވެފައިވާ ލޯތްބަށް ޓަކައެވެ.
''އައިމް ސޮރީ ޒެން...'' ސަރުވާއަށް ގިސްލެވުނެވެ.
''ޕްލީޒް ސްޓޮޕް ކްރައިންގް... ސަރޫ ރޮމުން ދާ މަންޒަރު ބަލަން އަހަންނަށް ކެތެއް ނުކުރެވޭނެ...'' ސަރުވާ ގެނެސް މޭގައި ފޮރުވާލަން ޒިވްޔަންގެ ހިތް ރޮއި އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް އޭނާ ހިތަށް ވިސްނައިދިނެވެ. އެފަދައިން ކަންތައްކޮށްފިނަމަ ދުރުވާން އުނދަގޫވާނެކަމެވެ. އިތުރު ތަކުލީފެއް މެނުވީ ނުލިބޭނެއެވެ.
ލޮލުން ފޭބި ކަރުނަތައް ސަރުވާ ފޮހެލިއެވެ. ފުން ނޭވާތަކެއް ދޫކޮށްލަމުން ޖަޒުބާތުތައް ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތްކުރިއެވެ.
''ދެން ޒެންއާ ބައްދަލުކުރާކަށް އަހަރެން ބޭނުމެއް ނޫން...'' ސަރުވާ ކޮޅަށް ތެދުވުނެވެ. ހިތަށް ތަދުވިކަމުގައި ވިޔަސް އޭނާގެ ނިންމުން މަތީގައި ދެމިހުންނަން ސަރުވާ ބޭނުންވިއެވެ. ޒިވްޔަންއާ ހަތަރުކަޅި ހަމަނުކޮށްވޭތޯ ވެސް ސަރުވާ ބެލިއެވެ. އޭނާގެ ހިތް އޭރު ފުނޑުފުނޑު ވެއްޖެއެވެ. ހިތު ލޯތްބާ ދުރަށް ދާން އަމިއްލަ ނަފުސަށް ކުރަމުން ދިޔަ މަޖުބޫރުން އިތުރު ޒަހަމްތަކެއް މެނުވީ ނުލިބުނެވެ. އެއީ ފަސޭހަވުމެއް ނެތް ޒަހަމްތަކެކެވެ.
''ގުޑް ބާއި...'' ސަރުވާ ފުރަގަސް ދިނެވެ. ޒިވްޔަންއަށް ތެޅިގަނެވުނެވެ. ސަރުވާގެ އަތުގައި ހިފަހައްޓަން އުޅުނު އަތް އޭނާއަށް ތިރިކޮށްލެވުނެވެ. މުށްކަވާލެވުނު އަތްތިލަ ގެެނެސް ޖިންސްގެ ޖީބަށް އޭނާ ކޮއްޕާލިއެވެ. ކަރުނަ ހިލިފައިވި ދެލޮލުން ސަރުވާއަށް ޒިވްޔަން ބަލައިލިއެވެ.
''ސަރޫގެ ބައްޕަގެ ރުހުން ލިބޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން... މައި ހާޓް ވިލް އޯލްވޭސް ބިލޯންގް ޓު ޔޫ...'' ޒިވްޔަން ބުންޏެވެ. ސަރުވާއަށް މޭގައި އަތްއަޅާލެވުނެވެ. އަވަސްއަވަހަށް ޒިވްޔަންގެ ކުރިމަތިން ދުރަށްދާން ސަރުވާ އަވަސްވެގަތެވެ.
ސަރުވާގެ ފަހަތުން ޒިވްޔަން ދިޔައީ ސަރުވާ ހުއްޓުވުމުގެ ނިޔަތުގައެއް ނޫނެވެ. ވަހެމުން ދިޔަ ވާރޭގެ ތެރެއަށް ސަރުވާ ނިކުމެދާނެތީ ކުޑަ ދިނުމަށެވެ. ނަމަވެސް ސަރުވާ އޭނާގެ އަޑަށް އިޖާބައެއް ނުދިނެވެ. ބާރަށް ހިނގަމުން ގޮސް އެންމެފަހުން ދުއްވައިގަނެއްޖެއެވެ.
''ސަރޫ...'' ޒިވްޔަންއަށް ގޮވާލެވުނެވެ. އޭރު ސަރުވާ ރެސްޓޯރެންޓުން ނިކުމެއްޖެއެވެ. ޒިވްޔަން ގޮވަމުން ދިޔަ އަޑު އިވެމުން ދިޔަ ހާލުގައި ވެސް ވާރޭގެ ތެރެއަށް ސަރުވާ ނިކުތެވެ. އިސާހިތަކު އޭނާ ތެމެން ފެށިއެވެ. ސަރުވާއަށް ދުއްވައިގަނެވުނީ ކާރާ ދިމާއަށެވެ. އޭނާއަށް ބާރުބާރަށް ރޮވިއްޖެއެވެ. ވާރެއާއި ކަރުނަ އެކުވަމުން ދިޔައެވެ.
ކާރަށް އެރުމާއެކުގައި ފިސްފިސްވަމުން ދިޔަ ހިތުގެ ވޭން ކާރުގެ ތެރެއަށް ފެތުރުނެވެ. ކާރުގެ ހުންގާނުގައި ބާރަށް ހިފާލަމުން ސަރުވާއަށް ރޮވުނީއެވެ. އޭނާގެ ހިތުގެ ވޭނަށް ނިމުމެއް ނުވާ ކަހަލައެވެ. ޒިވްޔަންއާ ވަކިވެއްޖެކަމުގެ ގިލަންވެރިކަން އައިސް އޭނާ ވަށާލައި ނަފުސު ހާސްކުރުވައިފިއެވެ.
''ޒެން...'' ގިސްލުމުގެ ތެރޭން ސަރުވާއަށް ބުނެވުނެވެ.
ރެސްޓޯރެންޓްގެ ބޭރުގައި ޒިވްޔަން ހުއްޓެވެ. ވެހެމުން ދިޔަ ވާރެއިން އޭނާ މުޅިން ތެވި ފޯވެއްޖެއެވެ. ވަގުތު ދިގުލައިގެން ދިޔަ އިރުގައި ވެސް އަތުގައި އޮތް ކުޑަ ހުޅުވުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ހުރިތަނުން އޭނާ ގުޑައި ވެސް ނުލިއެވެ. މީހާ ހުރީ ގަބު އަރައިފައެވެ. ވެދިޔަ ކަންތައް ނަގައިގަންނަން އޭނާގެ ސިކުނޑި ނުކުޅެދިފައިވާ ކަހަލައެވެ. ލޮލުން ފޭބި ކަރުނަތައް ސިއްރުކޮށްދިނީ ވެހެމުން ދިޔަ ވާރެއެވެ.
*****
ދެ ދުވަސް ފަސް...
''ބްލޫ ލެގޫން''ގެ އަހަރީ ދުވަހުގެ ހަފްލާ ކުލަގަދަ ކަމާއެކުގައި ބޭއްވުނީ ޒިވްޔަންގެ ރެސްޓޯރެންޓްގައެވެ. އެއީ ރަސަލް ބޭނުންވި ގޮތެވެ. ވިޔަފާރީގެ ދާއިރާގައި އުޅޭ ގިނަ މީހުންނަށް ރެސްޓޯރެންޓް ތައާރަފުކޮށްދީ ޕްރޮމޯޓްކޮށްދޭށެވެ. ހަފްލާއަށް ރެސްޓޯރެންޓް ޒީނަތްތެރިކުރެވިފައިވާ އިރުގައި މުއްސަނދިކަމުގެ ފުރިހަމަކަން ފެނެއެވެ.
އާއިލާގެ އުފަލުގައި ބައިވެރިވާން ޒިވްޔަން ބޭނުންވިއެވެ. ހިތުގައި ކިތަންމެ ވަރަކަށް ވޭން އެޅިކަމުގައި ވިޔަސް ކެތްތެރިވާން އަމިއްލަ ނަފުސަށް ވި ވައުދުގެ މަތިން އޭނާ އިރުކޮޅަކަށް ވެސް ހަނދާން ނައްތާނުލައެވެ. ހިނިތުންވުމަކާއެކު ހަފްލާގެ މެހެމާނުންނާ ވާހަކަދައްކަން ޒިވްޔަން މަސައްކަތްކުރިއެވެ. ސިކުނޑީގެ ހާސްކަމާ ވެސް ދުރުވެލަން އޭނާ ބޭނުންވިއެވެ.
ހަފްލާގައި ބައިވެރިވާން ދައުވަތު އެރުވުނު މީހުންގެ ތެރޭގައި ރައިހާން ވެސް ހިމެނުނެވެ. ދިރިއުޅުމަށް ކުރިމަތިވެފައި އޮތް ހީނަރުކަމުގެ ސަބަބުން، ފުރަތަމަ ރައިހާން ދާން ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނާގެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ސަބަބުން އޭނާއަށް މަޖުބޫރުވީ ހިޔާލު ބަދަލުކުރާށެވެ. ވިޔަފާރީގެ ގުޅުމަށް އަސަރުކުރަން ރައިހާން ބޭނުމެއް ނުވިއެވެ. ހަފްލާއަށް ދާން އޭނާ ތައްޔާރުވަމުން ދިޔައީ އެކަންޏެވެ. ޖޫދާ ވެސް ކުއްލިއަކަށް ތައްޔާރުވާން ފެށުމުން ރައިހާންއަށް ފުރަތަމަ ލިބުނީ ހައިރާންކަމެވެ. ސުވާލުކުރަން އުޅެފައި ވެސް ރައިހާން ހިޔާރުކުރީ ހިމޭންކަމެވެ. އޭނާ އުއްމީދުކުރީ އެއީ ހެޔޮ ފާލެއްކަމުގައެވެ. ފަހުން ޖޫދާއާ ވާހަކަދައްކާލަން އޭނާ ގަސްދުކުރިއެވެ.
ޖޫދާ އެ ހަފްލާގައި ބައިވެރިވާން ބޭނުންވީ ތާރާއާ ކުރިމަތިލުމަށެވެ. ވަރަށް ގިނަ ދުވަހު އޭނާ ކެތްކޮށްފިއެވެ. މިރާހްގެ އެކުވެރިކަމަށް ބޭނުންވެފައި ހުރުމުގެ ސަބަބުން މާޒީ ސިއްރުކޮށްދޭން ފޮނި ވާހަކަތަކެއް ދެއްކިކަމުގައި ވިޔަސް، މިހާރު އެކަމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްފިއެވެ. އޭނާއަށް މިރާހްގެ ދިރިއުޅުމުން ޖާގައެއް ލިބެން ނެތްކަމުގައި ވަނީނަމަ ތާރާއަށް ވެސް މިރާހްއާ އެކުގައި އުފަލުގައި އުޅުމުގެ ފުރުސަތެއް އޭނާ ނުދޭނެއެވެ. މިރާހްގެ ހުރިހާ ސިއްރެއް އޭނާ ހާމަކުރާނެއެވެ. މިރާހް އޭނާ ދެކެ ރުޅި އައިކަމުގައި ވިޔަސް ހެވެވެ. ތާރާގެ ފަރާތުން ބަދަލު ހިފެން އޮތް ހަމައެކަނި ގޮތަކީ ވެސް އެޔެވެ. ލައްކަ ގިނަ ދުވަހު އެކުވެރިކަމުގެ ނިވަލުގައި ކެތް ކުރެވިއްޖެއެވެ. ދެން އިތުރު އެންމެ ހިނދުކޮޅަކަށް ވެސް އޭނާއަށް މަޑަކުން ނުހުރެވޭނެއެވެ. އޭނާ ދެކުނު ހުވަފެންތައް ބިލާހަކަށް ވުމުން ހިތުގައި އަޅަމުން ދިޔަ ވޭނަށް ވެސް ލުޔެއް ހޯދަން ބޭނުންވިއެވެ.
''ޔޫ އާރ ޑެޑް...'' ތާރާއަށް ހިތާހިތުން ބުނެވުނެވެ. ބަދަލު ހިފާނެ ގޮތެއް އޭނާ ރަނގަޅަށް ސިކުނޑީގައި ރާވާލިއެވެ. މިފަހަރު އޭނާ ކާމިޔާބު ހޯދާނެއެވެ.
(ނުނިމޭ)