"ދޮންބެއަށް ނޭނގޭ އެއްޗެއް ބުނެދެންތަ؟"
ކޮޓަރީގެ ދޮރު ހުޅުވައިލަމުން އެތެރެއަށް ވަން ނަތާޝާ ބާރަށް ބުނެލިއެވެ.
"އޭނާގެ ދަރިފުޅާއި ފިރިމީހާ މަރުވީއެއް ނޫން. މަރައިލީ. ކީއްވެގެންކަން އެނގޭތަ؟ އަންހެނަކަށްޓަކައި"
"ނަތާޝާ." ޒިޔާދު ބާރަށް ގޮވައިލިއެވެ. "ޒައިނާއަކީ މަގޭ އަނބިމީހާ. އޭނާއާ ބެހޭގޮތުން ދުރުތިބީން ދައްކާ ވާހަކަތައް މަށަކަށް ނުހުއްޓުވޭނެ. އެކަމަކު މަގޭ އާއިލާގެ އެއްވެސް މީހަކު އޭނާއާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަ ދައްކައިގެން ނުވާނެ. އެފަދަ ފުރުސަތެއް އަހަރެން ނުދޭނަން"
"ވާވާ. ޒައިނަބު. ކަލެއަށް އެވޯޑެއް ދޭ ވަރުވޭ. ކަލޭ މަގޭ ދޮންބެ ރަނގަޅަށްވެސް ވާވައްދައިފީމު. ކަލޭ ކިހާމޮޅު"
ދެންވެސް ޒައިނާ އިސްއުފުލައި ބަލައިވެސް ނުލިއެވެ. އެހެން އިންއިރު އޭނާގެ ހިތަށް އަރައި ފޭބީ ކިތައްކިތައް ވާހަކަ ކަމެއް ނޭނގެއެވެ. އެކަމަކު ހަމަގައިމުވެސް އޭނާގެ ސިކުނޑިއަށް ކިތަންމެ ބާރެއް ކުރިޔަސް އެ ދެލޮލުން އެންމެ ކަރުނައިގެ ތިއްކެއްވެސް ނާދެއެވެ. އޭނާގެ ދެރަވުމާ ވޭންތަކުން ޖަމާވާ ކަރުނަ ލޮލަށް ނާންނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. މީހުންގެ ތެރޭގައި ޒައިނާ ގިސްލާ ރޮއި ނޫޅޭތީ އެންމެންވެސް އެއީ ހިލަހިތެއްގެ ވެރިއެއް ކަމަށް ބުނާއިރު ހިމޭން މެންދަންތަކުގައި އެ ޒައިނާގެ ގިސްލުން އަޑުއަހާ އެތައް ފަނިފަކުސައެއް އުޅޭނެކަން ގައިމެވެ. އެ ޒައިނާގެ ބާލީސް ކަރުނައިން ފޯނުވާ ރެއެއް މަދުވާނެއެވެ.
"ވަރަށް ހަޔާތްކުޑަ އަންހެނެއް. ލަދެއްވެސް ނުގަނެ އިން ފާޑު ނިކަން ދެކިބަލަ. މަގޭ ބޭބެ މޮޔަ ހައްދާ ލައިގެން އަބަދު އުޅެވޭނެ ކަމަށް ހީ ނުކުރައްޗޭ. ކަލޭގެ މަކަރުވެރި ކަން ބޭބެއަށް އަންގައިދޭނެ މީހުން ތިބިކަން ހަނދާން ނައްތައި ނުލާތި"
ނަތާޝާ ޒައިނާއާ ދިމާއަށް ލޯ އަޅައިލަމުން ބުންޏެވެ.
"ނަތާޝާ. ތަންކޮޅެއް ރީތިކޮށް ވާހަކަ ދައްކާ" ޒިޔާދު ނަތާޝާ ހުއްޓުވުމަށްޓަކައި ބުންޏެވެ.
"ޗި ޗީ.... މަށެއް އެކަހަލަ އަންހެނަކާ ރީތިކޮށް ވާހަކައެއް ނުދައްކާނަން... އެއީ ކާކު؟ ޗީޗީ. މުޅި މާލޭގައި އޭރު ދެއްކީ މީނަގެ ހުތުރު ވާހަކަތައް. ދޮންބެއަށް މީނަ ނޭނގޭތީ ތިހެން ތި ކިޔަނީ. މީނައަށް މި ކަމެއް ނިންމި ކަމެއް ނޭނގޭ ކިޔައިގެން ވާހަކަ ދައްކަނީ މީނަގެ ކާކާކަން ދޮންބެއަށް އެނގޭތަ؟ އެއީ މީނަގެ ލޯބިވެރިޔާ.....!"
"ނަ-ތާ-ޝާ...." ކޮޓަރި ތެރޭގައި މިފަހަރު ގުގުމާލީ ޒިޔާދުގެ އަޑެއް ނޫނެވެ. އެކަމަކު ޒައިނާގެ އަޑެވެ.
"އޮއްހޯ. ކަލެއަށް ހާދަވަރެއް ތިވީ....؟! ވާނެތާ ދޯ...؟! އަސަރު ކުރީދޯ...؟ ނަޖުމް.... ނަޖުމް... ކަލޭގެ... ޒައިނާގެ ނަޖުމް.... ވާހް... ކޮންފަދަ ލޯތްބެއް....!؟"
ނަތާޝާ މަލާމާތުގެ ގޮތަކަށް ހީނގަތެވެ. އެހެން ނަމަވެސް ހަމަ ދެވަނަ ސިކުންތުގައި ނަތާޝާގެ އަނގަމަތީ ބާރު އެތިފަހަރެއް އަޅައި ވިހެލުމާއެކު ޒައިނާ ހަޅޭއްލަވައިގަތް އަޑުން އެ އެންމެންވެސް ސިއްސުވާލައިފިއެވެ.
"އިތުރަށް ނަޖުމްއާ ބެހޭގޮތުން އެންމެ ލަފްޒެއް ބުންޏަސް ދޫ ދަމައިގަންނާނަން...." ނޭނގި ހުއްޓައި ކުއްލިއަކަށް ޒައިނާ ޖެހި އެތިފަހަރުގެ ސަބަބުން ވީތަދަށްވުރެ ނަތާޝާއަށް ލިބުނު ހައިރާންކަން ބޮޑެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް ޒައިނާގެ ފަރާތުން އެގޭގެ އެއްވެސް މީހަކު ދުށް ފަދަ މަންޒަރެއް ނޫނެވެ. އެއްވެސް މީހަކާ ދިމާއަށް އަތް އިސް ކުރުން އެއް ފަރާތުގައި އޮއްވައި ބާރަށް އަޑުލައި އެއްޗެހި ގޮވުން ކީއްކުރަން ހެއްޔެވެ. އެއްވެސް މީހަކާ ބާރަށް ޒައިނާ ވާހަކަ ދެއްކި ތަނެއްވެސް އެ ގޭގެ އެކަކަށް ވެސް އިވިފައެއް ނެތެވެ. އެހެންކަމުން ފަރީދާއަށް ވެސް އިނދެވުނީ ގަބުވެފައި ކަހަލަ ގޮތަކަށެވެ.
"އާނ.... ވަރަށް އަސަރުކުރޭ.... ވަރަށް ވަރަށް ވަރުވެސްވޭ ނަޖުމްއޭ ކިޔައި ފާޑުފާޑުގެ އެއްޗެހި ބުނާ އަޑު އިވުމުން ވަރަށް ވަރުވޭ...... ކީއްވެކަން ކަލެއަށް އެނގޭތަ..؟ އަހަރެން ދުނިޔޭގެ ހުރިހާ ކަމަކަށްވެސް ކެތްކޮށްފާނަން.... އެކަމަކު ނިންމިއާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަ މަގޭ ކުރިމަތީގައި އެއްވެސް މީހަކު ދައްކާ އަޑު އަހާކަށް ނުހުންނާނަން.... އެއީ ކީއްވެގެން ކަން ކަލެއަށް އެނގޭތަ...؟ ކަލޭ ފާޑުފާޑުގެ ހުތުރު އެއްޗެހި ތި ކިޔަނީ އަހަރެންގެ ކާކާ ދިމާއަށްކަން ކަލެއަށް އެނގޭތަ.....؟ ނަޖުމްއަކީ އަހަރެންގެ ކާކުކަން ކަލެއަށް އެނގޭތަ....؟ އެއީ މަގޭ މަންމަ...... މަގޭ ބައްޕަ.... މަގޭ ދައްތަ.... މަގޭ އެންމެ ގާތް އެކުވެރިޔާ.... އަޑުއިވިއްޖެތަ.....؟"
"ކަނބުލޯ..."
ޒިޔާދު ތެދުވެގެން އައިސް ޒައިނާގެ ތުރުތުރު އަޅަމުންދާ ހަށިގަނޑު މަތަކުރުމަށްޓަކައި ދެ ކޮނޑުގައި ހިފަހައްޓައިލިއެވެ. އޭރު އައި ރުޅީގެ ސަބަބުން ޒައިނާގެ ލޯ ވަނީ ފެންކަޅި ވެފައެވެ.
"ނަތާޝާ.... މަންމާ...." ޒައިނާ ގޮވައިގެން ކޮޓަރިއަށް ދިއުމުގެ ކުރިން ޒިޔާދު ވާހަކަ ދެއްކިއެވެ.
"ޒައިނާއަކީ އަހަރެންގެ އަނބިމީހާ..... މިގޭގެ ނޯކަރެއް ނޫން.... އަދި އަގު ދީފައި އަހަރެން ގެނެސްފައި ހުރި އަޅެއް ވެސް ނޫން..... މި ގޭގެ އެންމެ އިސް މީހަކީ މަންމަކަން އަހަރެން ވެސް ގަބޫލު ކުރަން.... އެކަމަކު މިގޭގައި.... މަންމައަށް ފަހު ދެން އެންމެ އިސް ކަމެއް ދޭން ޖެހޭ އެންމެ ގަދަރު ދޭން ޖެހޭ މީހަކީ ނަތާޝާއެއް ނޫން.... އަދި އަޒްލިފާއެއް ވެސް ނޫން... އެ މީހަކީ މިއީ..... އެކަން ހަނދާން ނައްތައި ނުލިއްޔާ ރަނގަޅު ވާނީ ހަމަ މަންމަމެނަށް....!"
ޒައިނާ ގޮވައިގެން ޒިޔާދު ހިނގައްޖެއެވެ. ކުރާނެ ކަމެއް ނެތިފައި ހުރި ނަތާޝާ ފަރީދާއަށް ބަލައިލީ ގޮތް ހުސްވެފައިވާ ކަހަލަ ގޮތަކަށެވެ. މިގެއާއި މި ގޭގައިވާ ހުރިހާ މުދަލުގެ ވެރިޔަކީ ޒިޔާދެވެ. ރަށުގެ ދެ ފަރާތުގައި ހިންގާ ބޮޑު ދެ ފިހާރައިގެ ވެރިޔަކީވެސް ޒިޔާދެވެ. މި ގޭގައި ހިނގާނީ ޒިޔާދުގެ އަމުރާއި ބާރެވެ. އެކަން އެމީހުންނަށް އެނގެއެވެ. އެހެންކަމުން ޒިޔާދާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެކަން އެމީހުން ގަބޫލުވެސް ކުރެއެވެ.
********
ތެމިފައި އޮތް އިސްތަށިގަނޑުން ފެންފޮޅަމުން ޒައިނާ ޑްރެސިންޓާބަލް ކައިރިއަށް ހުއްޓިލިއެވެ. އޭނާގެ ފުރަގަހުގައި ހުރި އެނދުގައި ކޮންމެވެސް ކަހަލަ ވިޔަފާރި މަޖައްލާއެއް ކިޔަން އޮތް ޒިޔާދު، ލޯގަނޑުން ކިތަންމެހާވެސް ރީއްޗަށް ފެނެއެވެ. ޒައިނާ ފަރުވާތެރިކަމާއެކު ލޯގަނޑުން ޒިޔާދަށް ބަލައިލިއެވެ. ގާތްގަނޑަކަށް ސާޅީހަކަށް އަހަރުގެ ޒިޔާދުގެ ފުރިހަމަކަމާއި ތައުރީފު ހައްގުވާ ފަދަ ރީތިކަމެކެވެ.
ހެޔޮވަރުގެ އިސްކޮޅަކާއި އެކަށީގެންވާ ފަދަ ރޫފަ އެޅިގެންވާ ހަށިގަނޑެއްގެ ވެރިއެކެވެ. ޒިޔާދުގެ އަސަރުގަދަ ހިނިތުންވުމަކީ ހިތްދަމާ ފަދަ ބާރެއް އެކުލެވޭ ހިނިތުންވުމެކެވެ. ބާރުގަދަ މުލައްދަނޑިއަކާ ނުހަނު ރީތި ވަރުގަދަ އަތްތިލައެކެވެ. ހަރުދަނާ ގޮތްހުރި އެހާމެ އޯގާތެރި ފިރިހެނެކެވެ.
ޝަކުވާ ކުރަން އެއްގޮތަކަށްވެސް ނުދަންނަ، ހިމާޔަތްދޭ، ކަނުލައި އަޑުއެހުމަށް ޝައުގުވެރިކަންދޭ ފިރިހެނެކެވެ. ޝައްކާއި ވަހުމަށް ޖާގަނުދޭ އިންތިހާއަށް ޔަގީންކަންދޭ އިތުބާރުކުރާ ފިރިއެކެވެ. ލޯބިވާން ދަންނަ ލޯބިދޭން އެނގޭ ފިރިއެކެވެ.
ޒިޔާދުގެ ގަބޫލުކުރުމަކީ ޔަގީންކަމެވެ. އެހެންކަމުން ޒިޔާދުގެ ހަޔާތުގައި ފަހަރެއްގައިވެސް ފޫހިކަމެއް، ނަފުރަތެއް ނުއުފެދެއެވެ.
"ވާހް.. އަހަރެންގެ އަނބިމީހާ ކިހައި ރީތި... ކިހައި ފުރިހަމަ..."
މަޖައްލާ ބޭއްވުމަށްފަހު އެނދުން ފައިބައިގެން އައިސް ޒައިނާއާ ދާދި ގާތަށް ޒިޔާދު ހުއްޓިލިއެވެ.
"ބާރަ ޖަހަނީ..." ޒިޔާދު ޒައިނާގެ އުނަގަނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. "ލޯ މަރާބަލަ. ދެތިން މިނެޓަށް..."
ޒިޔާދު ޒައިނާއާ ދުރަށް ޖެހިލިއެވެ.
ޒައިނާ ލޯމަރައިލިއެވެ. އިރުކޮޅަކުން ކޮޓަރީގެ ފަންކާ މަޑުކޮށްލިކަމުގެ އިހުސާސް ޒައިނާއަށް ކުރެވުނެވެ.
"ރެޑީ. އެކެއް. ދޭއް. ތިނެއް" ދުރުން އިވެމުންދިޔަ ޒިޔާދުގެ އަޑު ކައިރިވަމުން އައިސް ދާދިގާތަށް ޒިޔާދު ހުއްޓުނުކަން ޒައިނާއަށް އެނގުނެވެ.
"ދެން ލޯހުޅުވާ-..."
ޒައިނާ ލޯހުޅުވައިލިއެވެ. ކޮޓަރިތެރޭގައި ކުރިން ހުރި ބޮކީގެ އަލިކަމުގެ ބަދަލުގައި މިހާރު ފެންނަން ހުރީ ޒިޔާދުގެ އަތުގައި އޮތް ފޯނުގެ އަލިކަމެވެ.
އެ އަލިކަމުގެ ތެރޭގައި ޑްރެސިންޓޭބަލް މަތީ ބަހައްޓާފައި ހުރި ރީތި އުއްބައްތި ޒައިނާއަށް ފެނުނެވެ. އެއާއެކު އޭނާގެ ހިތަށް ތަދުވެއްޖެއެވެ. ޒިޔާދު އޭނާ ދެކެ ކިހާ ލޯބިވޭ ހެއްޔެވެ. އޭނާ އުފާވާ ކަންތައް ކޮށްދޭން ކިހާބޮޑަށް ފަރުވާ ބަހައްޓާ ހެއްޔެވެ.
"މިއީ އަސްލު އެހާ ރަނގަޅު ކަމެއް ނޫން. އެކަމަކުވެސް ކަނބުލޮ އުފާވާ ކަމަކަށްވާތީ ދެކޮޅު ނަހަދަނީ. ކޮންމެވެސް ދުވަހަކުން ކަނބުލޮ މިކަން ހުއްޓައިލާނެ ކަމަށް އުއްމީދުވެސް ކުރަން"
ޒިޔާދު ލޯތްބާއެކު ޒައިނާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
"އެކަމަކުވެސް މަޖުބޫރެއް ނުކުރާނަން. އިނގޭ..."
ޒިޔާދަކީ އިންތިހާއަށް އަޅައިލާ އޯގާތެރި ފިރިއެކެވެ. ފަހަރެއްގައިވެސް އެއްވެސް ކަމަކަށް ޒައިނާއަށް މަޖުބޫރެއް ނުކުރެއެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ދީގެން އެކަމެއްގެ ހައްލު ހޯދުމަކީ ޒިޔާދުގެ އުސޫލެވެ. ގޮތެވެ.
ޒިޔާދު ދިއްކޮލި އަލިފާން ފޮށީގައި ތުރުތުރު އަޅާ އިނގިލިތަކަކުން ޒައިނާ ހިފިއެވެ. އަދި ކޮންމެ އަހަރެއްގެ ވެސް މިރޭގެ އާދައިގެ މަތިން ގަޑިއަށް ބަލައިލުމާއެކު އަލިފާން ފޮށިން ދަނޑިއެއް އަޅައިފިއެވެ. އަދި ދެން އުއްބައްތި ރޯކޮށްލިއެވެ.
"އުފާވެރި އުފަން ދުވަހެއް. މަންމަގެ ކުޑަ ދަރިފުޅާ"
ވޭނީ އާހަކާ އެކު ޒައިނާގެ ކުރެހިފައިވާ އަޑު ނުކުތެވެ. ދާދި ގާތުގައި ހުރި ޒިޔާދު އޭނާގެ އަނބިމީހާގެ ވޭނުން ފުރިފައިވާ މޫނަށް ބަލައިލިއެވެ. އަދި ކުޑަތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު އަތުގައި އޮތް ފޯނުން ކޮންމެވެސް މީހަކަށް ގުޅައިފިއެވެ.
"ސާހިބާ ކަމަނާ..." ޒިޔާދުގެ އުފާވެރި އަޑުއިވުނެވެ.
"މޯރނިންގް. މޯރނިންގް. މިރޭ ގުޅާނަމޭ ބުނި ހަނދާން ނެތްދޯ. ތިއޮތީ ނިދާފައެއްނު. ލަންޑަނުގައި ފަތިސް ނަމާދު ކުރުމެއްވެސް ނޯވޭތަ؟"
ޒިޔާދު ގުޅައިގެން ހުރީ ނަޖުމްއަށް ކަން ޒައިނާއަށް އެނގުނެވެ.
"އޮއްހޯ... ސޮރީ. ސޮރީ. ފަތިސް ނަމާދު ކޮށްގެންވެސް ނިދިދާނެއޭ- ގަބޫލުކުރަމޭ. އެކަމަކު ކަމަނާ ތިހާ ކަންނެތް ވާން ފެށިކަމެއް ނޭނގޭވިއްޔަ..."
ޒިޔާދު ނަޖުމްއާ ވާހަކަދައްކައި އުޅެނީ ވަރަށް ވެސް ގާތް ގޮތަކަށެވެ. ހަމަ އަމިއްލަ މީހެއް ފަދައިންނެވެ.
"އޯހްހޯ. ޒުވާން ފިރިހެން ދަރިއެއްގެ މަންމައަކަށްވީމާ މާބޮޑަށްވެސް ފްރީވީދޯ؟ އޯކޭ. އޯކޭ. ތީ ވަރަށް ރަނގަޅު ވާހަކައެއް. އެހާ ރަނގަޅު ދަރިއެއް ހުރިއްޔާ ހަމަ ދެފައި ދަމަ ދަމާފައި ނިދަންވީ. ހާސްވާނެކަމެއް ނޯންނާނެވިއްޔަދޯ؟"
ޒިޔާދު ފޯނުން ވާހަކަދައްކަމުން އައިސް ޒައިނާއާ ގާތަށް ހުއްޓިލިއެވެ.
"މައްސަލައެއް ނެތް. ތިގޮތް ވަރަށް ރަނގަޅު. އޭތް. ދެން މަގޭ ލޯބިލޯބި ކަނބުލޮއާ ވާހަކަދައްކާ. ބުނަން. ޝައިންއަށް މަގޭ ސަލާމް ބުނެދޭތި.."
ޒިޔާދު ހެވިފައިހުރެ ޒައިނާގެ އަތަށް ފޯނުދިނެވެ. އަދި އެނބުރި ގޮސް އެނދުގައި އޮށޯވެލިއެވެ.
"އޭތް...." ޒައިނާ "ހަލޯ" ބުނުމާއެކު އެކޮޅުން އިވުނީ ބަދަލެއް ނާންނަ ނަޖުމުގެ އުފާވެރި އަޑެވެ.
"ބާރަ ޖެހީދޯ؟ ހޫމް. އޭސް ޔޫޝުއަލް ދޯ؟ އުއްބައްތި ކުޅިވަރު ހުއްޓައިލާކަށް ނުވޭތަ؟"
އަބަދުގެވެސް އާދައިގެ މަތިން މިރޭގެ މި ގަޑީގައި އޭނާ ކުރާނީ ކީއްކަން ނަޖުމަށް އެނގުނެވެ.
"ހުއްޓައިލެވޭތޯ މަސައްކަތް ކުރަން..."
ޒައިނާ ޑްރެސިންގޓޭބަލް ކައިރީގައި ހުރި ކުޑަ ގޮނޑީގައި އިށީނދެ ޓޭބަލް ލޭމްޕް ދިއްލިއެވެ. އަދި އުއްބައްތިއަށް ފުމެލުމާ އެކު ނިވައިލިއެވެ.
"ތީ ކީއްވެގެން ކަލޭ ކުރާ ކަމެއް ކަން މަށަށް އެނގޭ..... އެކަމަކު ތި ގޮތަށް ކަންތައް ކުރުމުން ކަލެއަށް ލިބޭނީ އިތުރު ވޭނެއް... ހަނދާންތަކެއް އާކުރުމުން ލިބޭނީ ކޮން މޮޅެއް؟ ވާނީ ކޮން ރަނގަޅެއް؟ އެހެން ނޫނަސް މިހާރު ދެން ކަލޭ ތިކަން ހުއްޓައިލާފައި އެހެން ކަމެއް ކުރަން ވެއްޖެ! އެހެން ނޫނީ މާލަސްވެދާނެކަން ނޭނގޭ...!"
"ހަނދާން އާނުކޮށް ކުރާނީވެސް ވަކި ކީއް؟ އަހަރެން އަމިއްލައަށް އަހަރެންގެ ދަރިފުޅު ނަގައިލީ. އެއީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން..."
ޒައިނާގެ އަޑުގައި ހުރީ ވޭނާއި ކެކުޅުމުގެ އަސަރެވެ. ދަރިފުޅުގެ ހަނދާން ނުވާ އެންމެ ހިނދުކޮޅެއްވެސް ޒައިނާގެ ހަޔާތުގެ ދުވަސްތަކާއި ރޭތަކުގައި ވޭތު ނުވެއެވެ. އަމިއްލަ އިހުމާލާއި ހިޔާނާތުގެ އެ ބޮޑު ކުށަށް ތައުބާވުމުގައި އޭނާގެ ލޮލުން ކަރުނަ އޮހޮރާ ނުލައި އެންމެ ރެއެއްވެސް ނުދެއެވެ.
"މޮޔަ ވާހަކަ ނުދައްކާ.... އެއީ ކަލޭގެ މަކަރާއި ނުވިސްނޭކަމުން ވީކަމެއް.... ކަލެއަށް ލިބުނު ކަމު ނުދާ ފިރިއެއްގެ ސަބަބުން ވީ ގޮތް... އެއީ ނުވާ ކަމަކަށް ވެދާނެތަ...؟ ތި ވާހަކަ ދައްކައި ހިތާމަ ކުރުމުން ވެ ނިމިފައި އޮތް ކަމެއް ބަދަލު ކުރެވޭނެތަ؟ ނުކުރެވޭނެ އެއްނު... އެހެންނޫނަސް މިހާރު ތީ މީހެއްގެ އަނތްބެއް..... ކުރިން ކަލޭ އިނީ މީހަކާ ނޫން. އެއީ ގޮށް އަޅުވާ ކަހަލަ ގަމީހެއް... އަދި ކިރިޔާ ފިރިހެނަކަށް ވާ ކަހަލަ މީހަކާ ތި ޖެހުނީ.. އެނގޭތަ؟ ބައެއް ފަހަރު ޒިޔާދުގެ ރީތިކަމާއި ރަނގަޅުކަން ހިތަށް އަރާފައި ކަލެއާ ހަސަދަވޭ....." ނަޖުމް ބާރަށް ހެމުން ވާހަކަދެއްކިއެވެ.
"ޝައިން ކޮބާ؟ އޭނާގެ ވާހަކަ ކިޔައިދީބަލަ.."
"ޝައިންދޯ؟!"
ނަޖުމް އަޑަށް އުފާވެރިކަމެއް އައެވެ.
"އެއީ ފިސާރި ހޭންޑްސަމް ސްމާރޓް ކުއްޖެއް. ހަމަ އެއްވަނައިގެ ބަސްއަހާ ލޯބި ކުއްޖެއް. ކަލެއަށް އެނގޭތަ؟
"އޭނާގެ ބައްޕައަކާ އެއްގޮތަކަށް ވެސް ވައްތަރެއް ނޫން. ކާފަގެ ބްރޭންޑަށް ގޮސް ހުސް ވެފައި. އައްޔައާ ވައްތަރު ވިނަމަ މަށަށް ވަރަށް އުނދަގޫވީސް ކަން ނޭނގެ- އެ އާއިލާއަށް ގޮސްފައި ހުރީ ބޭރުފުށުގެ ސިފަ... އުޅުމާއި ވައްޓަފާޅިގަނޑު އެއީ ހަމަ މަގޭ.... ކަލޭގެ ވާހަކަ ވަރަށް ކިޔައިދެން.. ކަލެއާ ބައްދަލުކުރަން ވަރަށް ބޭނުންވެފައި ހުންނަނީ... އެއީ އަސްލުގައި ވެސް ވިދުމެއް. އަލިކަމެއް. ޝައިން. އަހަރެންގެ ހަޔާތުގެ ވިދުން. މަގޭ ހުރިހާ ވެސް އުފަލަކީ ހަމަޖެހުމަކީ އެއީ...."
ނަޖުމް އުފާވެފައި ދަރިފުޅުގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ.
"ސްކޫލުގައިވެސް އެއްވަނަ. އެއްވެސް މީހަކު އެއީ ދިވެހި ކުއްޖެއްކަމަށް ގަބޫލެއް ނުކުރޭ. ދިވެހިން ވާހަކަ ދެއްކީމާ ކޮންމެ މީހަކުވެސް ހައިރާންވަނީ"
"ކަލޭގެ ނަސީބާ މެދު އަހަރެން ހަސަދަވެއޭ ބުނެފިނަމަޔޯ؟"
"ފަރުވާލެއް ނެތް. ކަލޭގެ ހަސަދައަކީވެސް ލޯބިކަން މަށަށް އެނގޭ" ނަޖުމް އަނެއްކާވެސް ހީނގަތެވެ.
"ރީތި ބަސްއަހާ ފިރިހެން ދަރިފުޅުގެ ފޮނި މަންމާ..." ޒައިނާ ލޯތްބާއެކު ގޮވައިލިއެވެ.
"ދެން އަމިއްލަ ވާހަކަތައް ކިޔާބަލަ. ކަލޭ މީހަކާ އިންނާކަށް ނުވޭތަ؟ ތި ތަނުން ހިތް ކިޔާ ކަހަލަ ސްމާރޓް މީހަކާ ބައްދަލުނުވޭތަ؟"
"ނޫން. ވަރަށް ސްމާރޓް ހޭންޑްސަމް ބިޓުން ފެނޭ. ބައްދަލުވެސް ވޭ. އެކަމަކު މައްސަލައަކީ……" ނަޖުމް ޖުމްލަ ފުރިހަމަ ނުކޮށް މަޑުކޮށްލީއެވެ.
"މައްސަލައަކީ….؟!" ޒައިނާ ޝައުގުވެރިކަމާއެކު ސުވާލުގެ ރާގެއްގައި ބުނެލިއެވެ.
"ވަރަށް ބޮޑު މައްސަލައެއް. މަށަށް ފްލާރޓް ކުރަނީ މުޅިންވެސް ޝައިންގެ އުމުރުގެ ކުދިން. އެވަރުގެ ކުއްޖަކާ މެރީ ކުރަން ކެރޭނީވެސް ކިހިނެއް؟!" ނަޖުމް މަޖާވެލާފައި ބުންޏެވެ.
"ކަލޭގެ ތި ފާޑު ބަދަލެއް ނުވާނެ ދޯ؟ ކޮންމެ ވާހަކައެއް ހަދާނީ ބޮޑު މަޖަލަކަށް..." ޒައިނާ ވާހަކަދެއްކިއެވެ. "ތަންކޮޅެއް ސީރިއަސްވެ ބަލަ. މެރީ ކުރާކަށް ގަސްދެއް ނުކުރަންތަ؟"
"ތެދައް ބުނިއްޔާ ކަލޭ ގަބޫލު ކުރާނަންތަ؟" ނަޖުމް އަހައިލިއެވެ.
"އާނ. ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަހަރެން ގަބޫލު ނުކޮށް ނޯންނާނެ"
"ގަބޫލު ކުރުމަކީ އިތުރަށް ކައިވެނީގެ ވާހަކަ މަށާ ނުދެއްކުން. އިތުރަށް މީހަކާ އިނުމަކީ އަހަރެން ހުވަފެނެއްގައި ވެސް ކުރަން ބޭނުންވާ ކަމެއް ނޫން" ނަޖުމް ބުންޏެވެ.
"އެކަމަކު. ކަލޭ މުޅި އުމުރު ތިގޮތަށް ހޭދަ ކުރާނީ ކިހިނެއް؟" ޒައިން ހައިރާންވެފައި ސުވާލު ކުރިއެވެ.
"މީ ކިހާ އުފާވެރި ގޮތެއް. ކައިވެންޏެއްވެސް ކުރީމެއްނު.... ފިރިއެއްގެ ލޯބިވެސް ލިބުނެއްނު... މިހާރު ދެން ފިރިއަކު ބޭނުން ވާނެ ކަމެއް ނެތް.. އަމިއްލަ ނަފްސުގެ އެހާ ދަހިވެތި ކަމެއް ނެތޭ.... ކަލެއަށްވެސް އެނގޭނެ..... ޝައިންއަކީ އަހަރެންގެ މުޅި ދިރިއުޅުން..... މަގޭ މުޅި ހަޔާތުގައި ވެސް އެ ކުއްޖާފުޅުގެ ކަންކަމަށް ސަމާލުކަން ދިނުން ފިޔަވައި އިތުރު ކަމަކަށް ދޭނެ ވަގުތެއް ނުވެސް ނެތް. ލޯބިވާ ފިރިހެނެއްގެ އެވަރުގެ ނިޝާނެއް ލިބުމަށްފަހު އެހެން ކަމަކަށް ވަގުތު ދޭނީވެސް ކިހިނެއް؟ ޝައިންގެ ބައްޕައަކީ ކުރިންވެސް ފަހުންވެސް އަހަރެން ލޯބިވި ހަމައެކަނި މީހާ. އަހަރެންގެ ހުރިހާވެސް އުފަލަކީ ޝައިން. ޝައިންއަށްވުރެ އަހަރެން ލޯބިވާ އިތުރު މީހެއް ހުރިނަމަ އެމީހަކީ ކަލޭ. މިހާރު ދެން މީހަކާ އިނދެގެން އަހަރެން ފުރިހަމަ ކުރަން އެދޭ އުއްމީދެއް ނެތް... އަހަރެންގެ ހަމައެކަނި އުއްމީދަކީ، ސީދާވުމަށް އެދޭ ހަމައެކަނި ހުވަފެނަކީ ޝައިން މޮޅު ކާމިޔާބު ކުއްޖަކަށް ވެގެން ރީތި އޮމާން ލައިފެއްގައި އުޅޭތަން ދުށުމާއި ލޯބިލޯބި މާމަ ދަރިންކޮޅެއް ލިބުން. ކަލެއަށް އެނގޭތަ؟ އަހަރެން ޝައިން ލިބުނީތީ ޝުކުރުވެރިނުވާ އެންމެ ދުވަހެއްވެސް ނުދޭ. ޝައިންއާ ވަކިން އުޅެން ޖެހިއްޖެނަމަ، އަހަރެން މިހާ ހިތްވަރުގަދަ މީހަކަށް ނުވާނެކަން ޔަގީން. އެފަދަ ދުވަހެއް ދިމާވެއްޖެނަމަ ވާނެ ގޮތެއްވެސް ނޭނގޭ"
ނަޖުމްގެ އަޑުގައި ހުރީ މައިވަންތަކަމުގެ އިންތިހާއެވެ. އާއެކެވެ. ނަޖުމްގެ މުޅި ހަޔާތުގެ އުޖާލާކަމަކީ ޝައިނެވެ. އެ ދަރިފުޅަށްޓަކައި ހަޔާތުގެ ހުރިހާ އުފަލެއް ގުރުބާން ކުރާނެއެވެ. އެހެނީ ނަޖުމްގެ ހަޔާތުގެ ދިރިއުޅުމުގެ މާނައަކީ ހަމައެކަނި ޝައިނެވެ.
"ޝައިން ދެކިލާ ހިތް ވަރަށްވޭ. ވާހަކަދައްކައި ގާތުގައި ހުރެގެން ބައްދައިލަން ވަރަށް ބޭނުންވޭ" ޒައިނާއަށް މަޑުމަޑުން ބުނެވުނެވެ.
"ކަލޭ ތިހާ ދެރަކުރާކަށް މަށަށް ނުކެރޭނެ. އުފާކުރޭ. ހައިސްކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް ނިމުމުން މިއަހަރުގެ ބޮޑު ބަންދަށް ޝައިން ގޮވައިގެން ކަލޭ ގާތަށް ދާން މާކުރިންވެސް ޕްލޭން ކޮށްފައި އޮތީ. ޒިޔާދަށްވެސް އެކަން އެނގޭނެ. އެކަމަކު މިރޭގެ ކުރިން ކަލެއަށް މި ހަބަރު ނުދޭން ޒިޔާދު ބުނެފައި އޮތީމަ ނޭންގީ"
އޯހް. އެހެންވީމާ މިރޭގެ ހާއްސަ ހަދިޔާއަކީ މި ހަބަރުތާއެވެ. ޒައިނާ އެނބުރި ޒިޔާދަށް ބަލައިލިއެވެ. ވަރަށް ހަމަޖެހިލައިގެން އޮތް ޒިޔާދުގެ މޫނުމަތީގައި ހުރި އުފާވެރި ހިނިތުންވުމެއްގެ އަސަރެވެ.
"އޭތް. ދެން މިވަގުތު ބާއްވާ. ޒިޔާދު ފަކީރު އެ އޮތީ ނުނިދައި މި ކޯލް ނިމެންދެން. ބުނަން. އޭނާ ދެކެ ލޯބިވެވޭތޯ ބަލާ. އަހަރެން އަބަދުވެސް ބުނާ ވާހަކައިގެ ހަގީގަތް ދެނެގަންނަން މަސައްކަތް ކުރޭ... އޭރުން ކަލެއަށް އޭނާ ދެކެ ލޯބިވެވޭނެކަން ޔަގީން.... އެއީ ކަލޭގެ ނަސީބު.... އެންމެ ޕާރފެކްޓް ހަޒްބަންޑް... ކަލޭ ދެކެ އެހެން އެއްވެސް މީހަކު އެވަރަށް ލޯތްބެއް ނުވާނެ.."
"ތޭންކްސް" ޒައިނާ ޝުކުރު އަދާކުރިއެވެ.
"ޝައިންއަށް މަގޭ ލޯތްބާއި ސަލާމް ބުނެދޭތި. ބަ ބާއި"
ޒައިނާ މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު ގޮނޑިން ތެދުވިއެވެ. އަދި މަޑުމަޑުން އެނދާ ދިމާއަށް ހިނގައިގަތެވެ. އެނދާ ދިމާއަށް ނެގެމުންދާ ކޮންމެ ފިޔަވަޅަކާއެކު ޒައިނާއަށް ޒިޔާދުގެ ފުރިހަމަ ރީތިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ޒިޔާދުގެ މަސްތުކުރުވަނިވި ބެލުން ޒައިނާއަށް ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ އެ ވަގުތުއެވެ. އެ ރީތި ލޮލުގައިވާ އަސަރާއި ހިތްކަތިލާ ކަހަލަ ހިނިތުންވުން ފާޅުވާ ރީތި ދެތުންފަތް ޒައިނާއަށް މީގެ ކުރިންވެސް ފެނިފައި ވެއެވެ. އެހެން ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މިރޭ ތަފާތު އަސަރެއް އޭނާއަށް ކުރުވައިފިއެވެ.
ޒިޔާދުގެ ރީތި ދެ ދޮލުގެ ތެރެއަށް ފުރަތަމަ ފަހަރަށް ޒައިނާ ލޯތްބާއެކު ބަލައިލިއެވެ. އަދި ކައިވެންޏަށްފަހު އެތައް އަހަރެއް ފަހުން މާޒީގެ ކެހިވެރި ހިތި ހަނދާންތައް އެއްފަރާތަށް ޖައްސާލާފައި، މުޅިން ތަފާތުގޮތަކަށް ހަމަ މިރޭގެ އަލަތު އަނތްބެއް ފަދައިން ރަކި ހިނިތުންވުމަކާއެކު ޒައިނާ އޭނާގެ ލޯބިވެތި ރީތި ފިރިމީހާގެ ވަރުގަދަ ދެ އަތުގެ ހިމާޔަތް ހޯދައިފިއެވެ.
********
(ނުނިމޭ)