ވާހަކަ

ދޭތޯ ތި ހިތް - 32

ދެ ދުވަސް ފަސް...

ޒިވްޔަންގެ ހަބަރެއް ބަލައިލަން ދައިސާންގެ އެޕާޓްމެންޓަށް މިރާހް ދިޔައެވެ. ބެލް ޖަހާލި އަޑާއެކުގައި ބޮޑު ކޮޓަރީގައި އިން ދައިސާން ސޯފާއިން ތެދުވުނެވެ. ޒިވްޔަން ވެސް އޭރު ސޯފާގައި އިނެވެ. ގަދަކަމުން ޒިވްޔަން ކޮޓަރިން ނެރެގެން އައިސް ދައިސާން އިނީ ޒިވްޔަންއާ އެކުގައި ޕީ.އެސް ކުޅޭށެވެ. ޒިވްޔަން އެކަނިވެރިކަމަށް ލޯބިކުރާތީ ދައިސާން ހުންނަނީ ހިތްނުތަނަވަސްވެފައެވެ. އޭނާއާ އެ ހިތުގެ އެއްވެސް ޝުއޫރެއް ހިއްސާނުކުރެއެވެ. އެއީ ކުރީގެ ޒިވްޔަންއެއް ވެސް ނޫނެވެ. ހަފުތާއެއްގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ޒިވްޔަންގެ މިޒާޖަށް އައިސްފިއެވެ.

ދައިސާން ދޮރު ހުޅުވާލުމާއެކު މިރާހް ފެނުމުން އޭނާއަށް ހިނިތުންވެލެވުނެވެ. އަދި އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ.

''ޒެން ކޮބާތަ؟...'' މިރާހް އަހާލިއެވެ. އެއާއެކު ދައިސާން އިޝާރާތްކޮށްލީ ބޮޑު ކޮޓަރިއަށެވެ. ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ދެމުން މިރާހް އެތެރެއަށް ހިނގައިގަތެވެ. ދައިސާން ވެސް ދޮރު ލައްޕާލަމުން މިރާހްގެ ފަހަތުން މިސްރާބު ޖެހިއެވެ.

''ދޮންބެ...'' މިރާހް ފެނުމުން ޒިވްޔަން ގޮވާލިއެވެ. މިރާހްއާ ހަތަރުކަޅި ހަމަކުރަން އޭނާ އިނީ އުނދަގޫވެފައެވެެ. ކުއްލި ގޮތަކަށް ގެއިން ނިކުމެގެން އައުމުން އެންމެން ކަންބޮޑުވާނެކަން ކުރިން ވެސް އޭނާއަށް އެނގެއެވެ. ހާއްސަގޮތެއްގައި މަންމަ ހިތުގައި ޖެހޭނެކަން ވެސް މެއެވެ. ނަމަވެސް އޭނާ ހުރީ ހިތުގެ ހާސްކަމާ ދުރަށް ދާން ބޭނުންވެފައެވެ.

''ކިހިނެއްތަ؟...'' މިރާހްއަށް އަހާލެވުނެވެ. ޒިވްޔަންގެ މޫނުން ވެސް އެ ހިތުގެ ހާލު ބުނެދެމުން ދިޔައެވެ. ކުރެވުނީ މޮޔަ ސުވާލެއްކަން މިރާހްއަށް ރޭކާލިއެވެ. ޒިވްޔަން ގާތުގައި ސޯފާގައި އޭނާ އިށީނެވެ.

''ރަނގަޅު...'' ޒިވްޔަންގެ ޖުމުލަތައް ކުރެވެ.

''ދޮންބެއާއެކު ގަނޑެއް ޖަހަންވީއެއްނު؟...'' މިރާހް އެދުނެވެ. ޒިވްޔަންއާ ވާހަކަދައްކަން މިރާހް ހުރީ ބޭނުންވެފައެވެ.

ދައިސާން އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް އަތްގަނޑު މިރާހްގެ އަތަށް ދިނެވެ. ޒިވްޔަން އިނީ ހިމޭންވެފައެވެ. އޭނާ ގޭމް ކުޅެމުން ދިޔައީ ވެސް މަޖުބޫރުވެފައިވާ މީހަކު ފަދައިންނެވެ. އެއްވެސް ޖޯޝެއް ނުވެއެވެ. ފުޓުބޯޅައަކީ ޒިވްޔަން މަރުދޭ ކުޅިވަރެކެވެ. މިހާރު އެކަން މަތިން ވެސް އޭނާ ފޫހިވެއްޖެއެވެ. މަސްރަހު ގޯސްވެފައިވާ މިންވަރު ދައިސާންއާއި މިރާހްއަށް ވެސް ނަގައިގަނެވުނެވެ.

''ޒެން، މިހާރު ޓަޗް ގެއްލިއްޖެހެން ހީވަނީ...'' ކުޅެމުން ދިޔަ މެޗުން ޒިވްޔަން ބަލިވާން ފެށުމުން ދައިސާން ބުންޏެވެ. އޭނާ ބޭނުންވީ ޒިވްޔަންގެ ހިޔާލުތަކުގެ މިސްރާބު ބަދަލުކޮށްލާށެވެ. ނަމަވެސް ޒިވްޔަންގެ ފަރާތުން އެދެވޭ އިޝާރާތެއް ނުލިބުނެވެ. ހިމޭންވެފައި އަތްގަނޑުގައި ހިފަހައްޓައިގެން އިނީ ފޫހި ވެފައެވެ.

ދައިސާންއަށް ކިޔާރާގެ ފޯނުކޯލެއް އައުމުން އޭނާ ދިޔައީ ބެލްކަންޏަށެވެ. ޒިވްޔަންއާއި މިރާހް ބޮޑުކޮޓަރީގައި އެކަނިވުމުން އަތުގައި އޮތް އަތްގަނޑު ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި މިރާހް ބޭއްވިއެވެ. އަދި ޒިވްޔަންއާ ދިމާއަށް އެނބުރިލިއެވެ.

''މާމަ ފޮނުވައިގެންތަ ތިއައީ؟...'' ޒިވްޔަންގެ ނަޒަރު ހުއްޓިފައިވަނީ ޓީވީ ސްކްރީނަށެވެ.

''ނޫން!... ދޮންބެ މިއައީ ޒެންގެ ހާލު ބަލައިލަން... ދޮންބެ އައިސްގެން ނުވަނީތަ؟...'' މިރާހްއަށް އަހާލެވުނެވެ. އޭނާ ހީކުރީ ޒިވްޔަން ހިތްހަމަނުޖެހުނީ ކަމެވެ. އެ މޫނުގެ ކުލަވަރުތައް ދެނެގަންނަން ވެސް އުނދަގޫވެއްޖެއެވެ.

''ނޫން... އެހެން ބުނި އެއްޗެއް ނޫން...'' ޒިވްޔަންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ''މަންމަ ކިހިނެއްތަ؟...''

''ޒެންއާ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވެފަ ހުރީ... މާމަ ވެސް އަބަދު ފިކުރުބޮޑުވެފައި ހުންނަނީ...'' މިރާހް ކިޔައިދިނެވެ. އެ އަޑުގައި އެކުލެވިގެންވި މާޔޫސްކަމުން ޒިވްޔަންގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. އޭނާގެ ސަބަބުން އާއިލާގެ ހަމަޖެހުން ވެސް ގެއްލިގެން ގޮސްފިއެވެ. އެންމެނަށް ބޮޑު ބުރައަކަށް ވެއްޖެއެވެ.

''ޒެން...'' ޒިވްޔަންގެ ހިމޭންކަން މިރާހްއަށް ނަގައިގަނެވުނެވެ. ''އެއްވެސް މީހަކު ޒެން ކުށްވެރިއެއް ނުކުރޭ... ޒެންއަށް ވަގުތު ބޭނުންވާނެކަން އެނގޭ... ވަގުތު ދޭން ދޮންބެ ވެސް މިހިރީ ތައްޔާރަށް... އެކަމަކު ޒެންއަކީ އަހަރުމެންނަށް ހުރި ބުރައެއްކަމުގައި ނުދެކެއްޗޭ... ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް ޒެންގެ އާއިލާ ޒެންގެ ގާތުގައި ތިބޭނެ...''

''އައިމް ސޮރީ...'' ޒިވްޔަންއަށް އިސްޖަހާލެވުނެވެ. ''މަންމަ ދެކެ އަހަރެން ރުޅިއެއް ނާދޭ... ވެދިޔަ ކަންތަކާ މެދުގައި ވިސްނަން އުނދަގޫވެގެން ގެއިން ނިކުތީ... ފަހަރެއްގައި ވެސް މަންމަ ކުށްވެރި ކުރަނީއެއް ނޫން، އަހަންނާއި ސަރުވާ ގުޅެން ތަގުދީރުގައި ލިޔެވިފައި ނޫވާތީ މިހެން ކަންތައް މިވަނީ......''

''ޒެން ތި ވާހަކަތައް މަންމަ ގާތު ބުނަންވީއެއްނު؟... ޝީ އިޒް އިން ޕެއިން......'' މަންމަގެ އުދާސްކަން ވެރިވެފައިވާ މޫނު މިރާހްއަށް ފެންނަ ކަހަލައެވެ.

''އަހަންނަށް ދުވަސްކޮޅެއްދީ... ގެއަށް އެނބުރި ދާނަން... މަންމައާ ވެސް ވާހަކަދައްކާނަން... މިވަގުތު ބޭނުންވަނީ ދެން ކުރިއަށް ދާނެ ގޮތެއް ނިންމަން... ސަރޫގެ ނިންމުމަށް އިހުތިރާމުކުރަން އަހަރެން ބޭނުން... އެކަމަކު... އެކަމަކު މި ހިތުގައި އަޅާ ވޭންތައް ލުއި ވާނެ ގޮތެއް ނުފެނުނު...'' ޒިވްޔަންއަށް އޭނާގެ މޭގައި ފިރުމާލެވުނެވެ. ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ދިލަ ރިހުމެކެވެ.

''މިވަގުތު ވޭނާ ދުރު ނުވެވޭނެކަމަށް ހީވިކަމުގައި ވިޔަސް ފަހުން ފަސޭހަވާނެ... ދޮންބެ ބުނީތީ ގަބޫލުކުރޭ... އިޓް ވިލް ގެޓް ބެޓާރ...'' އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކަށް އަލިއަޅުވާލަމުން މިރާހް ބުންޏެވެ. މިރާހްގެ އެ ޖުމުލައިން ޒިވްޔަންއަށް ލިބުނީ ހައިރާންކަމެވެ.

މީގެ ކުރިން އެ ހިތުގެ ހާލު އެއްވެސް މީހަކާ މިރާހް ހިއްސާކޮށްފައި ނުވެއެވެ. އެ ވާހަކަތައް ހިއްސާކޮށްގެން ޒިވްޔަންގެ ހިތަށް ލުޔެއް ލިބޭނެކަމުގެ އުއްމީދުގައި މިރާހް ކިޔައިދިނެވެ. އަޑުއަހަމުން ދިޔަ ޒިވްޔަންއަށް މިރާހްގެ ގައިގައި ބައްދާލެވުނެވެ.

''ކީއްވެ ކުރިން ނުބުނީ؟...'' ޒިވްޔަންގެ ހިތުގައި ވަނީ ޝަކުވާތަކެވެ. އެފަދަ ވޭނެއް ދޮންބެ ބަރުދާސްތު ކުރި އިރުގައި އެ ވޭނުގެ އަސަރު ކުޑަކޮށް ވެސް މޫނުމަތިން ފާޅުވިޔަ ނުދިނެވެ. ހިތުގައި ޖެހުނީ އެކަމުގެ ހިލަން އޭނާއަށް ނުވުމުންނެވެ. މިއަދު އެންމެ ބޮޑު ހިތްވަރެއް އޭނާއަށް ލިބުނީ ދޮންބެގެ ފަރާތުންނެވެ.

''ދޮންބެ ބޭނުމެއް ނުވި އެއްވެސް މީހަކު ކަންބޮޑު ވާކަށް... ހާއްސަކޮށް ތާރާއަށް އެނގެން ބޭނުން ނުވާތީ... އެ ދުވަސް ވެސް މާޒީވެ ގޮސްފި... އިރާދަކުރެއްވިއްޔާ މިއަދު ތާރާއާ އެކުގައި އުޅެމުން މިދަނީ އުފަލުގައި... ކުރިން ހިތުގެ ވޭނަށް ލުޔެއް ނުލިބޭނެކަމަށް އުއްމީދުކުރެވުނުކަމުގައި ވިޔަސް، އެ ވޭން ވެސް ލުއިވެގެން ގޮސްފި، އަލުން ލޯބި ވެސް ވެވިއްޖެ...'' މިރާހް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ''އެކަމަކު ދޮންބެ ފަދައިން ހިތާމައާއި އެކަނި ކުރިމަތިލާން ޒެން ނުޖެހޭނެ، ޒެންގެ ގާތުގައި ލޯބިވާ މީހުން އެބަތިބި... އެހީތެރިކަމުގެ އަތެއް ދިއްކޮށްފިނަމަ ނޫނެކޭ ނުބުނާތި... ޒެންގެ ކޮންމެ ނިންމުމަކަށް ދޮންބެ އެއްބާރުލުން ދޭނަން...''

''އައި ވޯންޓު ބީ ބްރޭވް ލައިކް ޔޫ....'' މިރާހް ފަދައިން ކެތްތެރި މީހަކަށް ވާން ޒިވްޔަން ވެސް ބޭނުންވިއެވެ. ހިތާމައިގެ ކަނޑުގައި ދިރިއުޅުން އޮޔާލައި ގޮސްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

''ޒެންއަށް ވެސް ވާނެ...'' މިރާހް ހިތްވަރުދިނެވެ. ''ހިތާމައެއް ލިބުމުން ދިރިއުޅުން ހުއްޓުނީއެއް ނޫން... އެކަމާ ކުރިމަތިލާން ވެސް ޖެހޭނެ...''

''އަހަންނާއި ސަރޫގެ ލޯބި ކާމިޔާބުވެދާނެތަ؟...'' ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހުގައި ޒިވްޔަންއަށް އަހާލެވުނެވެ. މިރާހްގެ ތުންފަތް އެއްޗެއް ބުނަން ހަރަކާތްކޮށްލިއެވެ.

''މުސްތަގުބަލުގައި ކަންތައް ވެދާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ... އެކަމަކު ޒެންގެ ލޯބި ޒެންއަށް ދެއްވުމަށް އެދި ދޮންބެ ދުއާކުރާނަން... މިވަގުތަށް އެންމެ ރަނގަޅުވާނީ ސަރުވާއަށް ވަގުތު ދިނުން...'' މިރާހް ބުންޏެވެ. ހަށިފުރައި ދޫކޮށްލި ފުންނޭވާއަށް ފަހުގައި ޒިވްޔަން ބޯޖަހައިލިއެވެ.

ފޯންކޯލު ނިންމާފައި އެތެރެއަށް ވަން ދައިސާންއަށް، މިރާހްއާ ވާހަކަދައްކާލެވުމުން ހަމަޖެހިފައި އިން ޒިވްޔަން ފެނުމާއެކު ހިނިތުންވެލެވުނެވެ. އޭނާ އަނެއްކާވެސް އައިސް ސޯފާގައި އިށީނެވެ.

''ކިޔާ ވެސް އެބަ އާދޭ ޕިއްޒާ ހިފައިގެން... ބުނީ ޒެން ޗިއާރ އަޕް ކުރަންށޯ...'' ދައިސާން ބުންޏެވެ.

މާގިނަ އިރެއް ނުވެ ޕިއްޒާ ހިފައިގެން ކިޔާރާ އައިސްފިއެވެ. ޒިވްޔަންގެ ހާލު ބަލައިދިނުމަށް ސަރުވާއަށް ވައުދުވެފައިވުމުން އެ ވައުދުގެ މަތީގައި ކިޔާރާ ދެމިހުއްޓެވެ. މިވަގުތު ސަރުވާއަށް މަދަދުވެރިވެވެން އޮތް ގޮތަކީ ވެސް އެއީއެވެ. ދެ ލޯބިވެރިންގެ ހިތުގައި އަޅަމުން ދަނީ އެއްވޭނެކެވެ. ބޭގަރާރުވެފައި ވަނީ އެކަކު އަނެކަކާ ބައްދަލުކޮށް ހިތުގެ ހާލު ބުނެދޭށެވެ. ނަމަވެސް އެ ފުރުސަތު ލިބެން ތަގުދީރުގައި ލިޔެވިފައި ނުވާ ކަހަލައެވެ. އެ ލޯބި އިމްތިހާނުކުރަން އުޅޭ ފަދައެވެ. ހަމައެއާއެކު އާފާގުގެ ނިންމުމަކީ އަމިއްލަ އެދުމުން ފޯވެފައިވާ ނިންމުމެއް ކަމުގައި ވެސް ކިޔާރާ ގަބޫލުކުރިއެވެ. ސަރުވާއަށް މަޖުބޫރުކުރުމުން އެކަމާ ވެސް ކިޔާރާ ހުރީ ހިތްހަމަނުޖެހިފައެވެ.

ކިޔާރާ އައުމާއެކުގައި ޒިވްޔަން ސޯފާއިން ތެދުވުނެވެ. ދައިސާންއަށް ވުރެ ކުރިން ގޮސް ކިޔާރާގެ އަތުގައި އޮތް ޕިއްޒާ ފޮށި އަތުލައިފިއެވެ. ދުރުގައި މަންޒަރު ބަލަން ދައިސާން ހުއްޓެވެ. ސަރުވާގެ ހާލު ބަލަން ޒިވްޔަން ކެތްތެރިކަން ކުޑަވެފައި ހުރިކަން އޭނާއަށް ނަގައިގަނެވުނެވެ. އެ މަންޒަރު ފެނި ދެރަ ވެސް ވިއެވެ. އެ ލޯތްބަށް ރަހުމުކުރާނެ މީހަކު ހަމަ ނެތީ ބާވައޭ ހިތަށް އެރިއެވެ.

''ސަރޫ ކިހިނެއްތަ؟...'' ޒިވްޔަންއަށް އަވަސްއަވަހަށް އަހާލެވުނެވެ.

''ރަނގަޅު...'' ދޮގު ހަދަންވުމުން ކިޔާރާއަށް އުނދަގޫ ވެސް ވިއެވެ. ނަމަވެސް އެ ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

އެ ޖަވާބުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ޒިވްޔަންއަކަށް ނޭނގުނެވެ. އިތުރު ސުވާލެއް ކުރަން އުޅެފައި ވެސް ހިޔާލު ބަދަލުކޮށްލިއެވެ. އޭނާ ސޯފާގައި އިށީންނަމުން، މިރާހް ގާތު ޕިއްޒާ ބޭނުންތޯ އަހާލިއެވެ. ކިޔާރާ ވެސް އައިސް ދައިސާން ގާތުގައި އިށީނެވެ. އޭނާގެ އަތުގައި އޮތް ކޮތަޅުގައި ހުރި ކޯކުފުޅިތައް ނަގައި މޭޒުމަތީ ބެހެއްޓިއެވެ.

*****

ދުވަހެއް ދުވަހަކަށް ޒުބެއިދާގެ ފަރާތުން ފެންނަމުން ދިޔަ ދުރުކަމުން އާފާގުގެ ހިތަށް އުނދަގޫވާން ފެށިއެވެ. ޒުބެއިދާއާ ވާހަކަދައްކަން މަސައްކަތްކުރިޔަސް އެދެވޭ ފަދަ ޖަވާބެއް ނުލިބުނެވެ. ޒުބެއިދާގެ ހިތް ރުއްސަން ފާޑުފާޑުގެ މާގަސްތައް ވެސް އާފާގު ގެެނެސްދިނެވެ. ނަމަވެސް އެ ހަދިޔާތައް ޒުބެއިދާ ބަލައެއް ނުގަތެވެ. ރުޅި މޫނު ހަދާފައި ހުރީއެވެ. ގަސްތަކަށް ލިބެންވާ ސަމާލުކަން ނުލިބި އެންމެ ފަހުން މަރުވެގެން ދިޔަ އިރުގައި ވެސް ޒުބެއިދާ އަޅައެއް ނުލިއެވެ. ސަރުވާއަށް އާފާގު މަޖުބޫރުކުރުމުން ވަރަށް ބޮޑަށް ޒުބެއިދާ ހުރީ ރުޅި އައިސްފައެވެ. ވަގުތު ފާއިތުނުވަނީސް އާފާގުއަށް ވިސްނޭނެކަމަށް ޒުބެއިދާ އުއްމީދުކުރަމުން ދިޔައެވެ. އެ ދެމަފިރިންނަށް ވެސް މުހިންމުވާން ޖެހޭނީ ދަރިންގެ އުފާވެރިކަމެވެ. އެކަން އާފާގުއަށް ފަހުމު ނުވާތީ ޒުބެއިދާ ހަގީގަތުގައި ދެރަވިއެވެ.

ހަވީރެވެ. ޒުބެއިދާ އިނީ ހާމަފެންޑާގައި ހުރި އުނދޯލީގައެވެ. އޭނާ ލޯބިން ބަލަމުން ދިޔަ ބަގީޗާގެ ތާޒާކަމާއި ފެހިކަން ވަނީ ގެއްލެން ފަށައިފައެވެ. ގަސް އިންދުމަށް އޭނާ އެންމެ ބޮޑަށް ލޯބިކުރީ އާފާގުއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭތީއެވެ. ނަމަވެސް އެ ދެމެދަށް ވެރިވެގެން އައި ހީނަރުކަމާއެކުގައި ބަގީޗާއަށް ވެސް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އަބަދުމެ ހުންނަނީ ސަރުވާއާ މެދުގައި ފިކުރު ބޮޑުވެފައެވެ. އާފާގުއާ ދެކޮޅަށް ދަރިފުޅުގެ އުފާތަކަށް ވަކާލާތުކުރަން ވެސް އޭނާގެ ހިތަށް އަރައެވެ. ނަމަވެސް އާފާގު ކަންތައްކޮށްފާނެ ގޮތެއް ނޭނގޭތީ ފަސްޖެހެވެނީއެވެ. މިހާރު ވެސް އެދަނީ ސަރުވާއަށް މަޖުބޫރުކުރަމުންނެވެ.

''ޒުބޭ...'' އޮފީސް ނިންމާލާފައި ގެއަށް އައި އާފާގު ގޮވާލިއެވެ. ޒުބެއިދާ އަޅައެއް ނުލިއެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައެވެ.

''ބަލައިބަލަ... އާ ކުލައެއްގެ ބޯގަންވިލާ ގަހެއް...'' އަތުގައި އޮތް ގަސް ދައްކާލަމުން އާފާގު ބުންޏެވެ. ކުޑަމީސް ޝައުގުވެރިކަމެއް ޒުބެއިދާގެ ފަރާތުން ނުފެނުނެވެ.

''ޒުބޭ...'' އާފާގުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެރަވެފައިވާ އަޑަކުން އޭނާ ޒުބެއިދާއާއި ވާހަކަދެއްކިއެވެ. ''އަހަންނާއި ވާހަކަނުދައްކަންތަ ތި ހުންނަނީ؟...''

''އާފާގުއަށް އަދިވެސް އެއްޗެއް ނުވިސްނޭދޯ؟...'' އާފާގު އުނދޯލީގައި އިށީނުމާއެކުގައި ޒުބެއިދާ ކޮޅަށް ތެދުވުނެވެ. އެ ވަގުތު ޒުބެއިދާގެ އަތުގައި އާފާގު ހިފިއެވެ.

''ކިހާ ދުވަސް ވަންދެން އަމިއްލަ ދަރިފުޅު އިމްތިހާނުކުރަންތަ އާފާގު ތި އުޅެނީ؟... ސަރުވާގެ މައްޗަށް އަނިޔާވެރި ވެވިއްޖެކަން ހަމަ އާފާގުއަށް ރޭކާ ނުލާތަ؟... ދަރިން ދެކެ ލޯބިވާ ގޮތަކީ ތިއީތަ؟...'' އާފާގު އަތް ނައްޓުވާލަމުން ޒުބެއިދާ ބުނެލިއެވެ. ''ސަރުވާގެ ހިނިތުންވުން ގެއްލިގެން ގޮސްފި، އެ ދަރިފުޅަށް އަނިޔާ ދެމުން ތި ދެނީ އާފާގުގެ އަމިއްލަ ދެ އަތުން... ތިހާ އަނިޔާވެރި މީހަކަށް އާފާގު ވީ ކޮންދުވަހަކުތަ؟...''

''ތި ބުނަނީ ސަރުވާ އެމީހުންގެ އަތްމައްޗަށް ދޫކޮށްލާށޭތަ؟...'' އާފާގުއަށް އަހާލެވުނެވެ.

''އަހަންނަށް އިތުރަށް އާފާގުއާ ވާހަކައެއް ނުދެއްކޭނެ... އާފާގުއަށް އެއްޗެއް ނުވިސްނިއްޖެނަމަ ސަރުވާއާއި ބަތޫލް ގޮވައިގެން މިގެއިން ނިކުމެގެން ދިއުން ނޫން އިތުރު ގޮތެއް އަހަންނަކަށް ނެތް!...'' ޒުބެއިދާގެ ޖުމްލައިން އާފާގުއަށް ލިބުނީ ސިހުމެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

''މަންމާ...'' އިވުނީ ސަރުވާގެ އަޑެވެ. ހާމަފެންޑާގެ ދޮރުކުރިމަތީ ސަރުވާ ހުރީ ރޮވިފައެވެ. އޭނާ އަވަސްއަވަހަށް އައިސް މަންމަގެ ކުރިމައްޗަށް ހުއްޓުނެވެ. އާއިލާގެ މަސްލަހަތު ގެއްލެމުންދާ މަންޒަރު ބަލަން އެ ހިތަށް ކެތެއް ނުކުރެވުނެވެ. މަންމައާއި ބައްޕަގެ ދެމެދުގައި އުފެދިފައި އޮތް ފިނި ހަނގުރާމައިގެ އަސްލަކީ އޭނާއަށް ވުމުން ހިތުގައި ޖެހުނެވެ.

''ތިހެން ނުބުނޭ... މަންމާ...'' ސަރުވާއަށް ގިސްލެވިއްޖެއެވެ. ފަހަރެއްގައި ވެސް އޭނާގެ ސަބަބުން މަންމައާއި ބައްޕަގެ ލޯތްބަށް އުނިކަމެއް އަންނަން ސަރުވާ ބޭނުމެއް ނުވިއެވެ. އޭނަ ހީކުރީ ކޮންމެ ފަދަ އިމްތިހާނަކުން ވެސް އެ ލޯތްބަށް ކާމިޔާބު ލިބޭނެ ކަމަށެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރުން ނަސްރު ލިބޭނޭ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ ބިރުވެރި މަންޒަރެކެވެ.

''ދަރިފުޅާ!، އެހެން ބުނި އެއްޗެއް ނޫނޭ...'' ޒުބެއިދާ ކަންބޮޑުވެއްޖެއެވެ. ސަރުވާ ގެެނެސް މޭގައި ޖައްސާލެވުނެވެ. މައިލަގޮނޑިއަށް ކެތްނުވުމާއެކު ޒުބެއިދާގެ ލޮލުން ކަރުނަ ހިލުނެވެ. ދުރުގައި މަންޒަރު ބަލަން ހުރި އާފާގުއަށް ސަރުވާގެ ރުއިމާއި ގިސްލުންތަކުން ސިހުން ގެނުވިއެވެ. ހަމައެއާއެކުގައި ޒުބެއިދާގެ ޖުމްލަ ވެސް ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާއަށް ގޯހެއް ހެދިއްޖެކަމުގެ ހިލަން އާފާގުއަށް ފުރަތަމަ ފަހަރަކަށް ކުރެވުނެވެ. އެކަން ގަބޫލުކުރަން އޭނާއަށް އުނދަގޫ ވެއްޖެއެވެ.

''ދެން ހުއްޓާލާ... ރުޅީގައި އެހެން ބުނެވުނަސް މަންމަ އެފަދައިން ކަންތައް ނުކުރާނަމޭ... ބައްޕަ ދެކެ އެއަށްވުރެ ބޮޑަށް މަންމަ ލޯބިވެޔޭ... ދަރިފުޅާ... ސަރުވާ...'' ސަރުވާގެ ގިސްލުންތަކަށް ނިމުމެއް އަންނަ ގޮތެއް ނުވިއެވެ. ޒިބެއިދާ ބިރުގަންނަން ފެށިއެވެ.

''ބަލަ ދަރިފުޅާ... ސަރުވާ...'' ސަރުވާގެ ގައިގައި އިހުނަށްވުރެ ބާރަށް ޒުބެއިދާއަށް ބައްދާލެވުނެވެ. އެ ވަގުތު ސަރުވާގެ ގައިން ކުއްލިއަކަށް ވާގި ދޫވެގެން ދިޔަ ކަމުގެ އިހުސާސް ޒުބެއިދާއަށް ކުރެވުނެވެ.

''ސަރުވާ!...'' ޒުބެއިދާގެ ހިތް ބިރުވެރިކަމާއެކުގައި ތެޅިލިއެވެ. ވެއްޓެން ދިޔަ ސަރުވާގެ ގައިގައި އޭނާއަށް ހިފަހެއްޓުނީ ކިރިޔާއެވެ. އާފާގުއަށް ވެސް ބާރާށް ސަރުވާގެ ނަމުން ގޮވާލެވުނެވެ. ފެނުނު މަންޒަރުން އޭނާގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ވަގުތުން ސަރުވާގެ ގައިގައި އާފާގު ހިފަހައްޓާލިއެވެ. އަދި އަތްދަނޑިމައްޗަށް އުފުއްލާލިއެވެ.

''މަގޭ ދަރި... އާފާގު!...'' ޒުބެއިދާއަށް ބާރަށް ރޮވިއްޖެއެވެ. އޭނާގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. ބާރުބާރަށް އާފާގު ފަހަތުން އޭނާއަށް ހިނގައިގަނެވުނެވެ. އަޑުގަދަވެގެން ބަތޫލް ވެސް ކޮޓަރިން ނިކުތެވެ. އޭނާއަށް ވެސް ލިބުނީ ސިހުމެވެ.

ސަރުވާ ގެންގޮސް ބޮޑުކޮޓަރީގެ ސޯފާގައި އާފާގު ބޭއްވިއެވެ. ސަރުވާގެ އަތުގައި ހިފާލަމުން ޒުބެއިދާއަށް ބިންމަތީގައި އިށީނދެވުނެވެ. ފެންތަށްޓެއް ގެނެސްދިނުމުން ބަތޫލްގެ ގާތުން އާފަގު އެދުނެވެ. ބަތޫލްއަށް ދުއްވައިގަނެވުނީ ބަދިގެއާ ދިމާއަށެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ފެންތަށްޓެއް ހިފައިގެން ބަތޫލް އައިސްފިއެވެ.

''ޒުބެއިދާ...'' އޭނާއަށް ވަގުތު ދިނުމަށް އާފާގު އެދުނެވެ. ކަރުނަ ފޮހެލަމުން އާފާގުއަށް ޒުބެއިދާ ތަން ދެއްކިއެވެ.

''ދަރިފުޅާ...'' އާފަގު ގޮވާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. ހާސްކަމުގެ ސަބަބުން އަތުގައި ތުރުތުރުލުމެއް ވެސް އުފެދިއްޖެއެވެ. ސަރުވާއަށް ގޮވާލުމުން ވެސް ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ފެންތަށިން އަތަށް ފެންގޮށްޓެއް އަޅާލަމުން ސަރުވާގެ މޫނުގައި ހާކާލިއެވެ.

''އާފާގު...'' ޒުބެއިދާއަށް ރޮވެނީއެވެ. ''އެމެބިއުލާންސަށް ގުޅަމާ...''

އާފަގު ވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަވަސްފަރުވާދޭ ކޯސް ފުރިހަމަކޮށްފައިވުމުން، އެ ވަގުތު ސަރުވާއަށް ދެވެން އޮތް ފަރުވާ އޭނާ ދިނެވެ. ހާސްވެފައި ހުރި ބަތޫލް އެމްބިއުލާންސަށް ގުޅަން އުޅުނެވެ. ވަރުބަލިކަމާއެކުގައި އެސްފިޔަތައް ތަޅުވާލަމުން ސަރުވާ ލޯހުޅުވާލީ އެ ދަނޑިވަޅުގައެވެ. ހަމަޖެހުމުގެ ނޭވާއެއް އާފާގުއަށް ދޫކޮށްލެވުނެވެ.

ރޮމުން ދިޔަ ޒުބެއިދާ އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން ސަރުވާގެ އަތުގައި ހިފާލިއެވެ. އަދި ސަރުވާގެ ގާތަށް ޖެހިލިއެވެ.

''ދަރިފުޅާ...'' ކުރެހިފައިވާ އަޑަކުން ޒުބެއިދާ ގޮވާލިއެވެ.

ބޮލަށް އެނބުރުން އަރާފައިވުމުން ސަރުވާއަށް އޭނާގެ ވަށައިގެންވި މާހައުލަށް ހޭނެން އިރުކޮޅެއް ނެގިއެވެ. ކަންބޮޑުވެފައި ތިބި މަންމައާއި ބައްޕަގެ އިތުރުން ބަތޫލް ފެނުމުން ސަރުވާއަށް ރޮވުނީއެވެ. އެ ވަގުތު ސަރުވާގެ ގައިގައި ޒުބެއިދާ ބައްދާލިއެވެ.

''ދަރިފުޅާ ދެން އިތުރަށް އެފަދަ ވާހަކައެއް މަންމަ ނުދައްކާނަން... ދަރިފުޅު ކަންބޮޑުނުވައްޗޭ...'' ސަރުވާއަށްޓަކައި އާފާގުއާ ސުލްހަވާން ޒުބެއިދާ ވައުދުވިއެވެ. އާފާގު ވެސް އެ ވާހަކައާ އެއްބަސްވިއެވެ. އަދިވެސް އޭނާއަށް ލިބިފައިވި ސިހުން ފިލައިގެން ނުދެއެވެ. ސަރުވާގެ ހާލާ މެދުގައި ފުންކޮށް އާފާގުއަށް ވިސްނާލެވުނެވެ. ޒުބެއިދާގެ ވާހަކަަތައް ވެސް ކަންފަތުގައި ގުގުމަމުން ދިޔައެވެ.

މަންމައާއި ބައްޕަގެ ވާހަކަތަކުން ސަރުވާގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނެވެ. ހިތުގެ ބިރުވެރިކަމާއި ދުރުވެލަން ފުރުސަތު ލިބުނެވެ.

''މަންމައަށް ފެންނަނީ ޓެސްޓް ހަދަން ހޮސްޕިޓަލަށް ދާން...'' ސަރުވާ ހޭއެރިކަމުގައި ވިޔަސް ޒުބެއިދާގެ ހިތަށް މުޅިން ހަމަޖެހުމެއް ނުލިބުނެވެ.

''މަންމާ، މިހާރު ރަނގަޅޭ...'' ސަރުވާ ޔަގީންކަން ދިނެވެ.

''ދޮންތި ޑޮކްޓަރަކަށް ވެހުރެ ވެސް އަނބުރައިގަތީ... ރަނގަޅަށް ނުކާތީ އެހެން އެވަނީ...'' ބަތޫލް ވެސް އިތުރުކޮށްލިއެވެ.

''ތެދެއް... މިހާރު ރަނގަޅަށް ކަނީއެއް ނޫން... ހޮސްޕިޓަލަށް ދާން ބޭނުން ނޫނިއްޔާ ރަނގަޅަށް ކާން ޖެހޭނެ...'' ޒުބެއިދާ އިތުރުކޮށްލިއެވެ.

ސަރުވާގެ މޫނަށް ފުން ނަޒަރެއް އާފާގު ދިނެވެ. އެ މޫނު މިލައިގެން ގޮސްފައިވާ މިންވަރު ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނެވެ. ދެ ލޮލުގައިވި އުދާސްކަމެވެ. ހިތްދަތިކަމެވެ. އާފާގުގެ ހިތަށް އުނދަގޫވިއެވެ. ނޭވާލާންވެސް އޭނާއަށް އުނދަގޫވެއްޖެއެވެ. ސަރުވާގެ ހާލާ މެދުގައި ވިސްނާލަން އޭނާގެ ހިތަށް މަޖުބޫރުވެގެން ދިޔައެވެ. ދެންމެ ހިނގި ހާދިސާއަކީ އިންޒާރުގެ ރަނގަބީލެއް ކަހަލައެވެ. އަމިއްލަ އެދުން އިސްކޮށްގެން އޭނާ ބޭނުންވާ ފަދަ ނަތީޖާއެއް ނެރެވިދާނެ ހެއްޔެވެ؟ އެކަމުން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއް ހެއްޔެވެ؟

(ނުނިމޭ)