ސަރުވާ އެނދުގައި އޮށޯވެލައިގެން އޮތީ މޫނުގައި ބާލީސް އަޅައި ފޮރުވައިގެންނެވެ. ހެނދުނު ޒިވްޔަންއަށް ކުރި މެސެޖަށް ފަހުގައި އެ ލޮލުން ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކެއެވެ. އެ މެސެޖު އޭނާ ލިޔުނީ ހިތުގައި ވޭން އަޅަމުން ދިޔަ ހާލުގައެވެ. އެ މެސެޖު ކިޔާފައި ޒިވްޔަންގެ ހިތަށް ކުރާނެ އަސަރުތައް ތަސައްވަރު ކުރެވުމުން އިތުރަށް ސަރުވާގެ ހިތުގައި ޖެހުނެވެ. މިއަދު އޭނާ ވަރުގެ ބަދު ނަސީބު މީހަކު ދުނިޔޭގައި ނެތް ފަދައެވެ. ތަގުދީރު ވެސް އޭނާއަށް ކެހިދީފިއެވެ. ޒިވްޔަންއާ އެކުގައި އުފާވެރި ހަޔާތަކަށް ކުރަމުން ދިޔަ އުއްމީދުތައް ވެސް ފުނޑުފުނޑުވެގެން ގޮސްފިއެވެ. މަޖުބޫރުގެ ޝިކާރައަކަށްވެ، ހިތުގެ ލޯތްބާއި ދުރަށް ދާން މިއަދު އޭނާއަށް އެވަނީ މަޖުބޫރުވެފައެވެ. މަންޒިލު ގެއްލިފައިވާ މުސާފިރަކަށް ވެއްޖެއެވެ.
ސަރުވާ އެންމެ ބޮޑަށް ހިތުގައި ޖެހުނީ ޒިވްޔަންއަށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި ހަމައެކަނި މެސެޖެކުން އެ ގުޅުމަށް ނިމުން ގެންނަން ޖެހުމުންނެވެ. ޒިވްޔަންއަށް ލިބޭނެ ސިހުމާއި ބިރުވެރިކަން އޭނާއަށް ފެންނަ ކަހަލައެވެ. އޭނާއާ ބައްދަލުކުރަން ބޭނުންވާނެކަން ވެސް ގައިމެވެ. ނަމަވެސް އެ ފުރުސަތު ޒިވްޔަންއަށް ދޭން ސަރުވާ ބޭނުމެއް ނުވިއެވެ. ޒިވްޔަންއާ ބައްދަލުކޮށްފިނަމަ އެ ހިތަށް އިތުރަށް ކުޅަދާނައެއް ނުވާނެއެވެ. އެ ލޯތްބަށް އެ ހިތް ދީލައިލާނެކަން ގައިމެވެ. ނަމަވެސް ބައްޕައަށް ވި ވައުދު މަތީގައި ދެމިހުންނަން އެބަޖެހެއެވެ. އަމިއްލަ އެދުން އިސްކޮށް އާއިލާގެ ހަމަޖެހުން ގެއްލިގެން ދާން އޭނާ ބޭނުމެއް ނުވެއެވެ. ހިތަށް ތަދުވާން ފެށުމުން ބާލީހުގައި އިހުނަށްވުރެ ބާރަށް ބައްދާލެވުނެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން އޭރު ބާލީސް ތެމިއްޖެއެވެ. ހިތާމަކުރުމުގެ ސަބަބުން ހަށިގަނޑުން ހަކަތަ ވެސް ހުސްވެއްޖެއެވެ. މުޅި ނަސުފު ބަލިކަށި ވެއްޖެއެވެ.
ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު ސަރުވާއަށް އިވުނެވެ. ނަމަވެސް އޭނާ އަޅައެއް ނުލިއެވެ. މަންމަ ނޫނީ ބަތޫލްއަށް ނޫނީ ނުވާނެއެވެ. ހެނދުނު ކޮޓަރިއަށް ވަން ގޮތަށް ސަރުވާ އަދި ބޭރަށް ނުނިކުމެއެވެ. އޭރު މެންދުރު ވެއްޖެއެވެ. ބަނޑުހައިވެގެން ގޮސް ބަނޑުން އަޑު ގޮއްވަމުން ދިޔަކަމުގައި ވިޔަސް އެކަމަށް އިޖާބަދޭ ހިތެއް ނުވިއެވެ.
އެކަނިވެރިކަމުގެ ދާނުގައި ހަފުސްވަމުން ދިޔަ ހިނދުގައި މެންދުރު ނަމާދާ މެދުގައި ފަރުވާ ކުޑަކުރެވޭކަން އެނގި ސަރުވާ ހިތަށް އުދާސްކަން ލިބުނެވެ. ހިތްވަރުކުރަމުން އޭނާ އެންމެފަހުން އެނދުން ތެދުވީ ނަމާދު ކުރާށެވެ. ނަމާދަށް ފަހުގައި އޭނާ ދުއާ ކުރިއެވެ. އޭނާގެ ހާލަތު ބަދަލުކޮށްދެއްވުމަށެވެ. އޭނާގެ ހިތަށް ލުޔެއް ލިބޭނެ ގޮތް މަގުފަހި ކޮށްދެއްވުމަށެވެ. ދުއާގެ އެހީގައި ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ރޫހުގެ ވޭން ލުއިވެގެން ދިޔައެވެ. މުސައްލަމަތީގައި އިން ސަރުވާއަށް އޭނާގެ މޫނުގައި އަތްއަޅާލެވުނީ ރޮވުމުންނެވެ. ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި ވެސް އޭނާ ދުއާކުރިއެވެ.
ނަމާދުން ފައިބަމުން ސަރުވާ ދޮރު ހުޅުވާލިއެވެ. ނަމަވެސް އޭނާ ބޭރަށް ނުނިކުތެވެ. އަނެއްކާވެސް އައިސް އެނދުގައި އޮށޯތީއެވެ. އިރުކޮޅެއް ވެސް ނުވަނީސް ކޮޓަރިއަށް ވަނީ ކިޔާރާއެވެ. ކިޔާރާ ފެނުމުން ސަރުވާގެ ލޮލަށް އަނެއްކާ ވެސް ކަރުނަ ޖަމާވެއްޖެއެވެ. ކިޔާރާއަށް ގުޅާނީ މަންމަ ކަން އޭނާއަށް ވަގުތުން ނަގައިގަނެވުނެވެ. އޭނާގެ ސަބަބުން މަންމަ ކަންބޮޑުވެފައިވާ މިންވަރު އަންދާޒާ ކުރެވި، އިތުރަށް ހިތުގައި ޖެހުނެވެ. އެންމެފަހުން މަންމައަށް ވެސް ތަކުލީފަކަށް އޭނާ ވެއްޖެއެވެ. ހާދަ ދެރައެވެ.
''ސަރޫ...'' ސަރުވާއަށް ބަލަން ހުރި ކިޔާރާގެ ހިތުގައި ރިއްސާލިއެވެ. ދޮރު ލައްޕާލަމުން އޭނާ އަވަސްއަވަހަށް އައިސް ސަރުވާގެ ގާތުގައި އިށީނެވެ. ކިޔާރާއަށް ސަރުވާގެ އަތުގައި ހިފާލެވުނެވެ. އުދާސްކަމުގެ ނޭވާއެއް ސަރުވާއަށް ދޫކޮށްލެވުނެވެ.
''އަހަރެން ހާދަ ވަރަކަށް ގުޅަން މަސައްކަތްކޮށްފީމޭ... އެންމެފަހުން އާންޓީއަށް ގުޅީ... ޝީ ޓޯލްޑް މީ އެވްރީތިންގް...'' ކިޔާރާއަށް ހިފާލެވުނީ ސަރުވާގެ އަތުގައެވެ. ސަރުވާގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތަކުން ކިޔާރާގެ ހިތަށް އަސަރުކޮށް އިސާހިތަކު ލޮލުން ކަރުނައިގެ ދިލަކަން ފާޅުވެއްޖެއެވެ. ސަރުވާގެ ހާލަތު ފެނުމުން ކެތްކުރަން ވެސް އުނދަގޫވެއްޖެއެވެ. ކަންބޮޑުވިވަރުން ހިތުގައި ޖަހާލީ ބިރުވެރިކަމުގެ ވިންދެވެ.
''ކިޔާ...'' ސަރުވާއަށް ކުއްލިޔަކަށް ކިޔާރާގެ ގައިގައި ބައްދާލެވުނެވެ. ސަރުވާގެ ހާލަތު ފެނި ލިބުނު ސިހުމުން ބުނާނެ އެއްޗެއް ނޭނގި ކިޔާރާގެ ދުލުން ބަސްހުއްޓުނެވެ. އެކުވެރިޔާގެ މަދަދުވެރިކަމަށް ސަރުވާ ބޭނުންވެފައިވާ މިންވަރު ކިޔާރާއަށް އިހުސާސްކުރެވުނެވެ. ބާރަށް ސަރުވާގެ ގައިގައި އޭނާ ބައްދާލިއެވެ. އެ ހިތުގެ ވޭން އޭނާއާ ހިއްސާކުރަން ކިޔާރާ އެދުނެވެ. ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް ވެސް ވައުދު ވިއެވެ. ސަރުވާ އެކަނިވެރިވާން ކިޔާރާ ފުރުސަތެއް ނުދިނެވެ. އެކަނިވެރިކަމަކީ އެއަށް ލޯބި ޖެހިއްޖެނަމަ ބިރުވެރިކަމެކެވެ. އަބަދު އެ އަނދިރިކަމުގައި ހުންނަން ހިތް ބޭނުން ވެދާނެއެވެ. އޭރުން އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭނެއެވެ. ސަރުވާ އެހުރީ ވަރަށް ވެސް ނާޒުކު ހާލަތެއްގައެވެ.
''އައިމް ހިޔާރ...'' ސަރުވާގެ ބުރަކަށީގައި ކިޔާރާ ފިރުމާލިއެވެ. އޭރު ކިޔާރާގެ ލޮލުން ވެސް ކަރުނަ ފައިބައެވެ.
ސަރުވާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ކިޔާރާއާ ދުރަށް ޖެހިލަމުން އެނދުގެ ހެޑްބޯޑަށް ސަރުވާ ލެނގިލިއެވެ. ދެފައި ގެނެސް މޭގައި ޖައްސާލަމުން ކަކުލުގައި އޭނާ ބޯއަޅާލިއެވެ. އެ މޫނު ކިޔާރާއަށް ސިއްރުކުރަން އުޅުނު ކަހަލައެވެ.
''އައި ބްރޯކް އަޕް ވިތް ޒެން...'' އަރުބެދޭ ގޮތްވުމުން ސަރުވާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ސަރުވާގެ ހިތުގައި އަޅަމުން ދިޔަ އަސްލު ވޭން ކިޔާރާއަށް ނަގައިގަނެވުނީ ދެނެވެ. އެއާއެކު ކޮޓަަރިއަށް ވެރިވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ.
''ސަރޫ...'' ހިތްވަރު ދިނުމުގެ ގޮތުން ކިޔާރާއަށް ސަރުވާގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. ''އައިމް ސޯ ސޮރީ...''
ރޭގައި ކަންތައް ވެދިޔަ ގޮތުގެ ވާހަކަތަކާއި އޭނާގެ މަންމަގެ މާޒީ ވެސް ސަރުވާ ކިޔައިދިނެވެ. ވާހަކަދައްކަމުން ދިޔަ އިރުގައި އަރު ބެދި އިތުރަށް ކުރިއަށް ގެންދަން ސަރުވާއަށް އުނދަގޫވިއެވެ. އަރުތެރޭގައި ތޫނު ރިހުމެއް އުފެދިފައިވާ ކަހަލައެވެ. ސަރުވާގެ ވާހަކަތައް އަޑުއަހަމުން ދިޔަ ކިޔާރާގެ ހިތުގައި އުފެދިގެން އައީ ހަމްދަރުދީއެވެ. ސަރުވާގެ ހިތުގެ ހަމަޖެހުމަކީ ޒިވްޔަންއެވެ. ދެ ޒުވާނުން އެކުގައި އުޅުނު އުފާވެރި ދުވަސްތައް ހަނދުމަވެ ހިތުގައި ރިއްސާލިއެވެ. ކުރިން ސަރުވާގެ ތުންފަތުގައިވާ ހިނިތުން ވެސް ގެއްލިއްޖެއެވެ. ދެ ލޮލުގައިވި މަހިނޫރުގެ ވިދުން ވެސް ގެއްލިއްޖެއެވެ. ޒިވްޔަންގެ ލޯބިން އެ ރޫހަށް ލިބިފައިވި ދިރުން ވެސް ގެއްލިއްޖެއެވެ.
''ސަރޫ... އަހަރެން މިހެން ބުނުމުން އަހަރެން ދެކެ ރުޅި ނާންނައްޗޭ... އެކަމަކު ޒެންގެ މަންމައަށް ކުރެވުނުކަމެއްގެ ސަބަބުން ޒެންއާ ރުޅިވުމަކީ ގޯހެއް... ޒެންގެ ކުށެއް ނެތި ދުރުވުމަކީ ރަނގަޅު ގޮތެއް ވެސް ނޫނެއްނު... ހީ ރިއަލީ ލަވްސް ޔޫ... ސަރޫ ތިކުރާ ހިތާމަތަކުން ވެސް ޒެން ދެކެ ލޯބިވާ މިންވަރު ހާމަކޮށްދޭ...'' ކިޔާރާ ބުންޏެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައެވެ. އޭނާގެ ވާހަކަތަކާ މެދުގައި ސަރުވާ ހިތްހަމަނުޖެހިދާނެތީ ކިޔާރާ ކަންބޮޑުވިއެވެ.
''މަންމަ ވެސް ބުނީ ވެދިޔަ ކަންތަކުގައި ޒެންގެ ކުށެއް ނެތޭ...'' ސަރުވާ ބުންޏެވެ. ''އެކަމަކު ބައްޕަ... ބައްޕަ ބޭނުމެއް ނުވޭ ޒެންއާއި އަހަރެން ގުޅޭކަށް...''
''ބަޓް...'' ކިޔާރާ ބުނަން އުޅުނެވެ.
''ބައްޕަގެ ނިންމުމާ އަހަންނަށް ދެކޮޅެއް ނުހެދޭނެ...'' ސަރުވާއަށް ގިސްލެވުނެވެ. ''އަހަރެންގެ ސަބަބުން އާއިލާގެ ހަމަޖެހުން ގެއްލިގެން ދާކަށް ވެސް ބޭނުމެއް ނޫން...''
''ސަރޫ...'' ކިޔާރާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސަރުވާގެ މަޖުބޫރީ ހާލަތު އޭނާއަށް ވިސްނައިގަނެވުނެވެ. ޚުދު އޭނާއަށް ވެސް އޭނާގެ ބައްޕަގެ ނިންމުމަކާ ދެކޮޅު ހަދަން ނުކެރޭނެއެވެ. އެހެންވުމުން ސަރުވާގެ ހާލަތު އިހުސާސްކުރެވި ކިޔާރާއަށް ލިބުނީ މާޔޫސްކަމެވެ. ދުނިޔެއަކީ ހާދަ ނާއިންސާފު ތަނެކޭ ކިޔާރާގެ ހިތަށް އެރިއެވެ. ސަރުވާ ފަދަ ހިތްހެޔޮ ފަރާތަކަށް އެފަދަ ބޮޑު ހިތްދަތިކަމެއް ލިބުނީ ކީއްވެގެން ހެއްޔެވެ؟ ލޯބިވެވުން އެއީ ކުށެއް ހެއްޔެވެ؟ ސަރުވާ ފަދައިން ލޯބީގައި ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވާ ކިތައް ބަދުނަސީބުވެރިން ތިބޭނެ ހެއްޔެވެ؟ އެއްބަޔަކަށް ލޯބި ފަސޭހައިން ހާސިލުކުރުމުގެ ނަސީބު ލިބޭއިރުގައި އަނެއްބަޔަކަށް ޖެހެނީ ކަރުނައާއި އުދާސްކަމާ ކުރިމަތިލާށެވެ. އަލަތު ލޯތްބަކީ ވެސް ހިތަށް ހާއްސަ އެއްޗެވެ. އެ ލޯބި ބީވުމުން ލިބޭނީ ވެސް ފުން ޒަހަމްތަކެކެވެ.
''އައިމް ސޯ ސޮރީ ދެޓް ޔޫ ހޭވް ޓު ގޯ ތްރޫ ދިސް...'' ކިޔާރާއަށް ބުނެވުނެވެ. އޭނާއަށް ސަރުވާގެ ގައިގައި ބައްދާލެވުނެވެ. ''ސަރޫ މަންމަ ބުންޏެއްނު އަންކަލްއާ ވާހަކަދައްކާނަމޭ... މޭއި ބީ ހީ ވިލް އަންޑަސްޓޭންޑް... ޒެންއަކީ ވަރަށް ރަނގަޅު ޒުވާނެއް...''
''ބައްޕަ ގަބޫލެއް ނުވާނެ... ރޭގައި ފެނުނު ރުޅިވެރިކަމުން އެކަން ހާމަކޮށްދިން... ދުވަހަކު ވެސް އެފަދަ ރުޅިވެރިކަމެއް ބައްޕަގެ ފަރާތުން ނުފެނޭ...'' ސަރުވާގެ އަޑުން ވެސް އުއްމީދެއް ނުވާކަން ހާމަކޮށްދެއެވެ.
''ކިޔާ ގާތުން އަހަރެންގެ ހަބަރު އޮޅުން ފިލުވަން ޒެން އުޅުނުކަމުގައި ވިޔަސް އެއްވެސް އެއްޗެއް ނުބުނާތި... އަހަރެން ބޭނުމެއް ނޫން ޒެންއަށް އަހަރެންގެ ހިތާމަތައް ފެންނަން... އޭރުން ޒެން މިގެއަށް ވެސް އައިސްފާނެ، އޭރުން ބައްޕަ ޒެން ދެކެ އިތުރަށް ރުޅިއައުން ނޫންކަމެއް ނުވާނެ... ޒެންއަށް ބައްޕަގެ ރުޅި އަމާޒުވާން އަހަރެން ބޭނުމެއް ނޫން... ޕްލީޒް ކިޔާ... ޑޫ ދިސް މަޗް ފޯރ މީ... ޕްލީޒް...'' ސަރުވާ ރޮމުން އާދޭސްކުރިއެވެ. ''އަހަންނަށް ދެން ޒެންގެ ކުރިމައްޗަށް ދާކަށް ވެސް ނުކުރޭނެ... އަހަރެންގެ މެސެޖުން ޒެންއަށް ހިތާމަ ލިބޭނެކަން ޔަގީން... ޒެންގެ ހިތް ހަލާކުކޮށްލަން ޖެހުނީތީ އަހަރެން ދެރަވޭ... އެކަމަކު އެނޫން ގޮތެއް ވެސް އަހަންނަކަށް ނެތް...''
ރޮމުން ސަރުވާ ކުރަމުން ދިޔަ އާދޭސްތަކަށް އެންމެފަހުން ކިޔާރާއަށް ޖެހުނީ އިޖާބަދޭށެވެ. ސަރުވާގެ ހިތާމަތައް ޒިވްޔަންއަށް ސިއްރުކޮށްދޭން އޭނާ އެއްބަސްވިއެވެ.
''އެންމެ ޝަރުތެއްގެ މަތިން އަހަރެން ގަބޫލުވާނީ...'' ކިޔާރާ ބުންޏެވެ. ކިޔާރާއާ ދުރަށް ސަރުވާ ޖެހިލިއެވެ. ލޮލުން ފޭބި ކަރުނަ ފޮހެލަމުން ކިޔާރާގެ މޫނަށް އޭނާ ބަލައިލިއެވެ. އެފަދަ ވަގުތެއްގައި ކިޔާރާ ޝަރުތެއް ހުށަހެޅުމުން ހައިރާންކަން ވެސް ލިބުނެވެ.
''އެނގޭ މިވަގުތު ސަރޫގެ ހިތަށް އަސަރުކޮށްފައިވާކަން... އެކަމަކު ހާލަތު ބަދަލުކުރަން ސަރޫ ވެސް މަސައްކަތްކުރަން ވާނެ... ރުއިމަކީ ގޯސްކަމެއް ނޫން... އެކަމަކު އަބަދު ކޮޓަރީގެ ހަތަރު ފާރުތެރޭގައި ކަރުނަ އޮއްސުމުން ހައްލެއް ވެސް ނުލިބޭނެ... ކެތްތެރިވާން ޖެހޭނެ ވާހަކަ އަބަދުވެސް ސަރޫ ބުނަމެއްނު؟... އައި ނީޑް ޔޫ ޓު ބީ ސްޓްރޯންގް... އިރާދަކުރެއްވިއްޔާ މިދުވަސްތައް ވެސް ފަސޭހަވެގެން ދާނެ...'' ކިޔާރާ ނަސޭހަތް ދިނެވެ. ކިޔާރާގެ މޫނަށް ބަލަން އިން ސަރުވާއަށް އެ ވާހަކަތަކުގެ މުހިންމުކަން ނަގައިގަނެވުނެވެ. ކިޔާރާގެ ޝަރުތާ ގަބޫލުވާކަން ވެސް އޭނާ ހާމަކުރިއެވެ.
''މެންދުރު އަދި ނުކަން ދޯ؟... އާންޓީ އެބައިން ސަރޫ އިންތިޒާރުގަ... ވަރަށް ބޮޑަށް ކަންބޮޑުވެފަ ހުރީ ވެސް...'' ކިޔާރާ އެނދުން ތެދުވުނެވެ. އަދި ގަދަކަމުން ސަރުވާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.
''މޫނު ދޮވެލައިގެން އަންނާނަން...'' ސަރުވާ ބުންޏެވެ.
''އަވަސްކުރައްޗޭ...'' ކިޔާރާ ބޯޖަހާލިއެވެ. ސަރުވާ ގޮސް ފާހާނާއަށް ވަންނަން ދެން ބަލަން ހުރި ކިޔާރާއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
*****
ދެ ހަފުތާ ވޭތުވެގެން ދިޔައިރުގައި ވެސް ގޭތެރެގެ ހާލަތު ހަމައަކަށް ނޭޅެއެވެ. ކެއުމުގައި ޒިވްޔަން އެއްވެސް ގޮތަކަށް ބައިވެރިއެއް ނުވެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ބޭރުގައެވެ. އެންމެފަހުން ދައިސާން އުޅޭ އެޕާޓްމެންޓަށް ވެސް ބަދަލުވެއްޖެއެވެ. އެކަމާ ކުލްޘޫމާ ހުރީ ހިތުގައި ޖެހިފައެވެ. ޒިވްޔަންއަށް އައި ބަދަލުތަކުން އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު އަދަދެއް ވެސް ނޭނގުނެވެ. ދަރިފުޅުގެ ހިތުގައި ވެސް އޭނާއަށްޓަކައި ރުޅިވެރިކަން އުފެދިއްޖެކަމަށް ގަބޫލުކުރެވުނެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ ޒިވްޔަންގެ އުފާތަކަށް ހުރަހަކަށް ވެފައިވަނީ ވެސް އޭނާއެވެ. އެ ދަރިފުޅުގެ ހުރިހާ ހިތާމައެއްގެ ޒިންމާ ނަގަން ޖެހޭނީ ވެސް ހުދު އޭނާއެވެ.
ރަސަލް ވެސް ހުންނަނީ ގޮތް ހުސްވެފައެވެ. ކުލްޘޫމާގެ ހިތާމަތަކާއި، ޒިވްޔަންއާ މެދު އުފެދިގެން އައި ކަންބޮޑުވުމުން އަބަދު ހުންނަނީ ފިކުރު ގިނަވެފައެވެ. އޮފީހުން ވެސް ޗުއްޓީ ނަގައިގެން ކުލްޘޫމާއަށް އޭނާގެ ހުރިހާ ވަގުތެއް ހުސްކުރިއެވެ.
ގޭތެރޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާތީ މާހުތާބް ވެސް ފިކުރުބޮޑުވެއްޖެއެވެ. އެކަމުގެ ހަބަރު ގޭގެ ހަތަރު ފާރުން ބޭރުވެދާނެތީ ވެސް މާހުތާބް ހާސްވާން ފެށިއެވެ. ކުންފުނީގެ އަހަރީ ދުވަސް ވެސް އޭރު އޮތީ ބޯމަތި ވެފައެވެ. ޒިވްޔަން އެ ހަފުލާގައި ބައިވެރި ނުވެއްޖެނަމަ ތުންތުން މަތިން ފާޑުފާޑުގެ ވާހަކަތަކެއް ފެތުރެން ފަށާނެކަން ގައިމެވެ. އެކަމާ ވެސް މާހުތާބްއަށް ވިސްނަން ޖެހުނެވެ.
*****
އެކުވެރިޔާއާ މެދުގައި ދައިސާން ހުންނަނީ އަބަދުމެ ކަންބޮޑުވެފައެވެ. ރެސްޓޯރެންޓް ހިންގުމާ ކުރިއަށްވުރެ ބޮޑަށް ޒިވްޔަން މަސްއޫލުވީ ސިކުނޑިއަށް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އަރާމުކުރުމެއް ވެސް ނެތި އުޅެން ފެށުމުން ދައިސާންގެ ކަންބޮޑުވުންތައް އޭނާ ހިއްސާކުރިއެވެ. ނަމަވެސް ޒިވްޔަން އަޑެއް ނޭހިއެވެ. މަސައްކަތުގައި އުޅޭ ވަގުތުތަކަކީ ސަރުވާގެ ހަނދާންތަކާ ވަކިވާން އޭނާއަށް ލިބޭ ހަމައެކަނި ފުރުސަތެވެ. އެ ހަނދާންތައް ވޭނަކަށް ވެއްޖެއެވެ. ސަރުވާގެ މެސެޖަށްފަހުގައި އެ ހިތަށް ވަގުތު ހުއްޓިފައިވާ ކަހަލައެވެ. އެންމެ ފަހަރަކު ވިޔަސް ސަރުވާއާ ބައްދަލުކުރަން އެ ހިތް ރޮމުން ދިޔަ ކަމުގައި ވިޔަސް، ސަރުވާގެ އެދުމާ ރުހި ގަބޫލުވާން އެ ހިތަށް އޭނާ މަޖުބޫރުކުރިއެވެ. ސަރުވާ ވަނީ އެ ހިތުގެ ނިންމުން އޭނާއާ ހިއްސާކޮށްފައެވެ. އެ ގުޅުން އިތުރަށް ކުރިއަށް ގެންދަން ސަރުވާއަށް ދަތިވާނެ މިންވަރު ޒިވްޔަންއަށް އިހުސާސްކުރެވުނެވެ. އެފަދަ ތަކުލީފެއް ސަރުވާއަށް ދޭން ޒިވްޔަން ބޭނުމެއް ނުވިއެވެ. ހިތުގައި އޮތް ލޯތްބަށްޓަކައި ސަރުވާގެ ނިންމުން އޭނާ ގަބޫލުކުރީ ފަސޭހަވުމެއް ނެތް ޒަހަމްތަކާއެކުގައެވެ.
ކިޔާރާއާ ބައްދަލުވާ ވަގުތުތަކުގައި ސަރުވާގެ ހާލު އޮޅުންފިލުވަން ޒިވްޔަންގެ ހިތް ރޮއެ އާދޭސްކުރައެވެ. ނަމަވެސް އޭނާއަށް ކޮންމެ ފަހަރަކު ފަސްޖެހެވެނީއެވެ.
ހިތުގައި އުފެދެމުން އައި ބޭގަރާރުކަމާއެކުގައި، ސަރުވާގެ ހިލަމެއް ވޭތޯ ބަލަން އެޕާޓްމެންޓް ހުންނަ މަގުގެ ދުރުގައި ކާރު ޕާކްކޮށްގެން އިންތިޒާރުގައި ޒިވްޔަން އެތައް އިރެއް ވަންދެން އިނދެއެވެ. ދުރުން ވެސް ސަރުވާ ފެނުމުން އެ ދިލަ ހިތަށް ވަގުތީ ހަމަޖެހުމެއް ގެނެސްދެއެވެ. ރިހުން އެކުލެވިގެންވާ ދެލޮލުން ސަރުވާގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައި ވަގުތު ހޭދަވެގެން ދެއެވެ. ނަފުސުގެ ހަމަޖެހުން ވެސް ގެއްލި ހިތާމައިގެ ފުން ކަނޑަކަށް ގެނބެމުންދާ ކަހަލައެވެ.
*****
ހަވީރެވެ. ބަތޫލްއާއެކުގައި ފައިމަގުގައި ފިހާރައަށް ދާން ނިކުތް ސަރުވާއަށް ދުރުގައި އޮތް ކަޅުކުލައިގެ ބީ.އެމް.ޑަބްލިއު ކާރު ލޮލުގައި އަޅައިގަތެވެ. މިހާރު އެ ކާރު އޭނާއަށް ފެންނަތާ ދުވަސްކޮޅެއް ވެސް ވެއްޖެއެވެ. އެތެރެ ނުފެންނަހެން ކަޅުކުލައިގެ ބިއްލޫރި ޖަހާފައިވިކަމުގައި ވިޔަސް، ސަރުވާގެ ހިތް ކޮންމެ ފަހަރު ތެޅިލައެވެ. އެ ހިތަށް އިހުލާމެއް ވެގެންދާ ފަދައެވެ.
''ދޮންތީ...'' ހުއްޓުން އަރާފައި ހުރި ސަރުވާއަށް ބަތޫލް ގޮވާލިއެވެ. އެ އަޑަށް ސަރުވާ ދިޔައީ ސިހިގެންނެވެ. ސިއްރުސިއްރުން ފަސްއެނބުރި ކާރަށް ބަލައިލަމުން، ބަތޫލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
'އާރ ޔޫ އޯކޭ؟...'' މާޔޫސްވެފައި ހުރި ސަރުވާގެ މޫނު ފެނި ބަތޫލް ދެރަވިއެވެ. އަދިވެސް ހިތާމަކުރަމުންދާކަން ހާމަކޮށްދެނީ ރަތްކަން ފޭދިފައިވަ އެ ދެލޮލެވެ. ހިނިތުންވުން ގެއްލިފައިވާ މޫނެވެ. ހިތާމައިގެ ތަސްވީރެއް ފަދައެވެ.
''ހޫމްމްމް... ހިނގާ...'' ސަރުވާ ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ރޯލައިފިއެވެ. އެއީ ޒިވްޔަންކަން އޭނާއަށް ޔަގީންކުރެވުނެވެ. އެހާ ގާތުގައި ހުރެ ވެސް އެ ދެމެދަށް ވެރިވެފައިވަނީ އެތައް ހާސް މޭލުގެ ދުރުމިނެވެ. އެ ހާލަތަށް އެ ގުޅުން ގެންދިޔައީ ހުދު އޭނާއެވެ. މޭގެ ތެރޭގައި ހިތް ފިތިގެން ދިޔަ އިހުސާސާއެކު ސަރުވާއަށް ނޭވާލާން ދަތިވެއްޖެއެވެ.
''އެއީ ހަމަ ޒެން... ޕްލީޒް ޑޯންޓް ޑޫ ދިސް... އަހަރެންގެ ހިތަށް ކެތްކުރަން ދަތިވެފައިވާ މިންވަރު ޒެންއަށް ނޭނގޭތަ؟... ދުރުގައި ހުރުން ވޭނަކަށް ވެއްޖެ... އެކަމަކު ޒެން ތިހެން އަމަލުކުރާނަމަ ކިހިނެއްތަ އަހަރެން ދުރުގައި ހުންނާނީ؟... ޕްލީޒް... ޒެންގެ ހިތުގައި ޖައްސަން އަހަންނަށް އިތުރަށް މަޖުބޫރުނުކުރޭ...'' ކަރުނަތައް ދިރުވަން މަސައްކަތްކުރާ ހާލު ސަރުވާއަށް ބުނެވުނެވެ. ބައްޕައަށް ވެސް ޒިވްޔަން ފާހަގަވެދާނެތީ ސަރުވާ ބިރުގަތެވެ. ބައްޕަ އަމަލުކޮށްފާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލުމުން ސަރުވާއަށް ހިންދުރުވާލަން ދަތިވިއެވެ.
ލޮލުގެ ކޮޅަށް ގޮސް ސަރުވާ ގެއްލެންދެން ބަލަން އިން ޒިވްޔަންއަށް ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލެވުނެވެ. ގުދުވެލަމުން ކާރުގެ ހުންގާނުގައި ބޯޖައްސާލެވުނެވެ. އެވަގުތު މޭގައި އުފެދުނު ތާދާއެކުގައި ލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ފައިބައިގެން ދިޔައެވެ. ފުންނޭވާތަކެއް ދޫކުރިކަމުގައި ވިޔަސް އެ ހިތަށް ކުޑަމީސް ލުޔެއް ނުލިބުނެވެ. ފާއިތުވާ ކޮންމެ ދުވަހަކާ އެކުގައި ހިތުގައިވި ޒަހަމްތައް ފާރުވުން ނޫންކަމެއް ނުވެއެވެ. ވޭނާއި ރިހުން ދިރިއުޅުމުގެ ބައެއްކަމުގައި ވެއްޖެއެވެ. އެ ހުރިހާ ކަމެއް ބަރުދާސްތުކޮށްގެން ހުންނަންވީ ހެއްޔެވެ؟
*****
މަސް ނިމުމަށް ފަހު ޕްރޮޖެކްޓްގެ ތަފުސީލު ދޭން ބޭއްވުނު މީޓިންގައި މިރާހް އާދަޔާ ހިލާފަށް ހިމޭންވެފައި ހުރިކަން ޖޫދާއަށް ފާހަގަކުރެވުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މީޓިންގް ނިމުމާ އެކުގައި މިރާހްގެ ގާތަށް ޖޫދާ ޖެހިލިއެވެ. އޭރު އޭނާއާއި މިރާހް ފިޔަވައި އިތުރު މީހަކު މީޓިންގް ރޫމްގައި ނެތެވެ.
''މިރާހް...'' ޖޫދާ ގޮވާލިއެވެ. މިރާހްގެ މޫނުގައިވި އަސަރުތަކުން ޖޫދާގެ ލޮލުން ފެނުނީ ތަފާތު ވިދުވަރެކެވެ. އިށީނދެގެން އިން ގޮނޑި މިރާހްއާ ގާތަށް ޖައްސާލިއެވެ.
''މީޓިންގް ނިމުނީދޯ...'' މީޓިންގް ރޫމަށް ނަޒަރު ހިންގާލި މިރާހްއަށް ބުނެވުނެވެ. ވަށައިގެން އޮތް މާހައުލަށް ލޯހުޅުވާލެވުނީ ދެނެވެ. މޭޒުމަތީ އޮތް އޭނާގެ އައިޕެޑް ނަގަމުން މިރާހް ކޮޅަށް ތެދުވުނެވެ.
''މީޓިންގް ނިމުނުތާ ކޮން އިރެއް...'' ޖޫދާ ބުންޏެވެ. ''ހުރިހާ ކަމެއް ރަނގަޅުތަ؟...''
''އާނ... ކީއްވެގެން ތިހެން ތި އެހީ؟...'' މިރާހްއަށް ބުނެވުނެވެ.
''މިރާހްގެ ފަރާތުން ކުރިން ފެނުނު ސިފައެއް ނޫން ތީ... ޒޯން އައުޓް ވެފައި ތި ހުންނަނީ... ކޮންމެވެސް ކަމެއް ވެއްޖެހެން ހީވަނީ... ތާރާއާ ދެމެދު މައްސަލައެއް ޖެހުނީތަ؟...'' ޖޫދާ ސުވާލުކޮށްލިއެވެ. މިރާހްއަށް އައިސްފައިވި ބަދަލުތަކުގެ ހަގީގަތް ހޯދަން އޭނާ ބޭނުންވިއެވެ. ތާރާއާ ދެމެދު މައްސަލައެއް ޖެހިފައިވާނަމަ ފުރުސަތުގެ ބޭނުން ހިފަން ވެސް އޭނާ ގަސްދުކުރިއެވެ. ޝައުގުވެރިކަމާއެކުގައި މިރާހްގެ ޖަވާބެއްގެ އިންތިޒާރުގައި އިނދެވުނެވެ.
''ނޫނޭ... އެވްރީތިންގް އިސް ފައިން...'' މިރާހް އަވަސްއަވަހަށް ބުންޏެވެ. އާއިލާގައި އުފެދިފައި އޮތް ހަމަނުޖެހުން ބޭރު މީހަކާ ހިއްސާކުރަން މިރާހް ބޭނުމެއް ނުވިއެވެ.
''ހިއްސާކުރަން ބޭނުން ނުވަނީދޯ؟... އަހަރެން ހީކުރީ އެކުވެރިއެއްގެ ގޮތުގައި ބަލަން ފަށައިފިކަމަށް...'' ޖޫދާ ދެރަވެލާފައި ބުންޏެވެ.
''ނޫނޭ... ހުރިހާކަމެއް ރަނގަޅޭ... އަހަރީ ދުވަހުގެ ކަންތައް ހަމަޖައްސަން ޖެހޭތީ ވަރަށް ބިޒީކޮށް މިދުވަސްކޮޅު އުޅެން މި ޖެހެނީ...'' މިރާހް ހިނިތުންވެލިއެވެ. މިރާހްގެ މޫނަށް ބަލަން ހުރެފައި ރައްދުގައި ޖޫދާ ހިނިތުންވެލިއެވެ.
''މާ ބޮޑަށް ސްޓްރެސް ވުމަކީ ވެސް ރަނގަޅު ގޮތެއް ނޫން...'' މިރާހްގެ ގާތަށް ޖެހިލަމުން ޖޫދާ ބުނެލިއެވެ. މިރާހް ކަމެއް ސިއްރުކުރާކަން އޭނާއަށް ޔަގީންކުރެވުނެވެ. ސިއްރުވެރި ހިނިތުވުމެއް ތުންފަތަށް ވެރިވީ އެކަމުގެ ފައިދާ ނެގިދާނެތީއެވެ. މިހާރުވެސް މިރާހް އެހުރީ ފިކުރުބޮޑުވެފައެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ މަގުސަދު ހާސިލުކުރަން ފަސޭހަ ވާނެޔޭ ވެސް ހިތަށް އެރިއެވެ.
(ނުނިމޭ)