ހެނދުނުގެ ނާސްތާގައި ބައިވެރި ނުވީ ހަމައެކަނި ޒިވްޔަންއެވެ. ޒިވްޔަންއަށް ގޮވަން މިރާހް ދިއުމުން މިފަހަރު ވެސް ހަބަރެއް ނުވިއެވެ. ގުޅުމުން ފޯނެއް ވެސް ނުނެގިއެވެ. ކަންބޮޑުވެފައި ހުރި މިރާހް ކާކޮޓަރިއަށް ވަނުމާއެކުގައި ކުލްޘޫމާގެ މޫނަށް އުދާސްކަން ވެރިވިއެވެ. އެވަގުތު ކުލްޘޫމާގެ އަތުގައި ރަސަލް ހިފާލިއެވެ. މި ދަތި ވަގުތުގައި އަނބިމީހާއަށް ހިތްވަރުދޭން ރަސަލް ބޭނުންވެފައިވާ މަންޒަރު ފެނި ކުލްޘޫމާގެ ހިތް ޖަޒުބާތުގައި ބެހުނެވެ.
ހަމަހިމޭންކަމާއެކުގައި ހެނދުނުގެ ނާސްތާ ކުރިއަށް ދިޔައެވެ. އުލާއި ސަމުސާތައް ތަށީގައި ޖެހޭ އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް ނީވެއެވެ. ގޭގެ ޚާދިމުންގެ މޫނުން ވެސް ފެންނަނީ ހަމަހިމޭންކަމެވެ. ރޭގެ ހާދިސާގެ ވާހަކަތައް ތުންތުން މަތިން ދެކެވެން ވެސް ފަށައިފިއެވެ.
ކުލްޘޫމާއަށް ބަލެނީ މާހުތާބްގެ މޫނަށެވެ. ރޭގައި ހަގީގަތް ހާމަކުރުމަށްފަހުގައި މާހުތާބްގެ ފަރާތުން ފެނުނު ހިތްހަމަނުޖެހުމުގެ ކުލަވަރުތައް އަދިވެސް އެ މޫނުގައި ވެއެވެ. އޭނާގެ ދެކެ މާހުތާބް ރުޅި އައިސްފައި ހުރިކަން ޔަގީންކުރެވި ކުލްޘޫމާއަށް ހާސްކަން ލިބުނެވެ. ހަމައެއާއެކު ޒިވްޔަންއާ މެދު ވެސް އޭނާ ފިކުރުބޮޑުވެއްޖެއެވެ. ރޭގައި އޭނާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. މި ނާޒުކު ވަގުތުގައި ޒިވްޔަންއަށް ވިސްނައިދެވޭނީ މާހުތާބްއަށް އެކަނި ކަމުގައި ކުލްޘޫމާގެ ޒަމީރު އޭނާއަށް އަންގައިދިނެވެ.
ހަގީގަތް ހާމަވުމަށްފަހުގައި ޒިވްޔަން އޭނާއާ މެދުގައި ދެކެފާނެ ގޮތަކާ މެދު ވެސް ހިތް ބިރުގަންނަން ފެށިއެވެ. ނަމަވެސް އޭނާގެ މާޒީ އިތުރަށް ސިއްރުކުރެވޭކަށް ވެސް ނެތެވެ. ޒިވްޔަންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެވެން އޮތީ ހުރިހާ ކަމެއް ކިޔައިދީގެންނެވެ. އާއިލާގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެތީ ވެސް ކުލްޘޫމާއަށް ހާސްކަން ލިބުނެވެ. ލޯބިވާ ދަރިފުޅުގެ ނަފުރަތު އޭނާއަށް އަމާޒުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ސަބަބުން ޒިވްޔަންގެ އުފާތައް ގެއްލިގެން ގޮސްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޒިވްޔަން އޭނާއަށް މައާފުކުރާނެ ހެއްޔެވެ؟
އެންމެ ފުރަތަމަވެސް ކާމޭޒު ދޫކޮށް ދިޔައީ މިރާހްގެ ދެމަފިރިންނެވެ. މާހުތާބް ވެސް ދާން ތެދުވުނެވެ. އެވަގުތު ރަސަލް ވާހަކަދައްކަން ފެށިއެވެ.
''މަންމާ... މާޒީގައި ކުލްޘޫމާއަށް ހެދުނު ގޯހާ މެދުގައި އެ ހުރީ ދެރަވެފައި... ކުށެއް ކުރެވުމުން އެ ކުށަށް މައާފު ދިނުމުގެ މުހިންމުކަން ވެސް އަޅުގަނޑަށް ދަސްކޮށްދިނީ މަންމައެއް ނޫންތަ؟... މިއަދު ކުލްޘޫމާއަށް މަންމަގެ އެއްބާރުލުން ބޭނުންވޭ...'' ރަސަލް ބުންޏެވެ.
''މަންމަ ކުލްޘޫމާ ދެކެ ރުޅިއެއް ނާދޭ... ކުލްޘޫމާގެ ވާހަކަތަކުން ކުރެވުނު ކަންތަކާ މެދު ދެރަވެފައި ހުރި މިންވަރު މަންމައަށް ވެސް ނަގައިގަނެވުނު، ހަމައެއާއެކުގައި އާފާގުގެ ފަރާތުން ފެނުނު ރުޅިވެރިކަން ވެސް ނަގައިގަނެވުނު... މަންމަ މި ހުންނަނީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައި... މިވަގުތަށް އެންމެ ރަނގަޅު ވާނީ ޒިވްޔަން ހަމައަކަށް އެޅުވުން... އޭނާ ސަރުވާއާ ބައްދަލުކުރަން ގޮސްފިއްޔާ އިތުރަށް މަސްރަހު ގޯސްވުން ނޫންކަމެއް ނުވާނެ... ލޯބީގެ ބާރުގައި ކުރެވޭ ކަންތަކުން ފަހުން ހިތާމަކުރަން ވެސް ޖެހިދާނެ... އެ ސޮރަށް ވިސްނައިދޭން ތިބީ އަހަރުމެން... ބުނާ ވާހަކައެއްގެ މާނަ ޒިވްޔަން ނަގާފާނެ ގޮތަކުން އަހަރެން ކަންބޮޑުވަނީ... އޭނާގެ ލޯތްބަށް ހުރަސް އަޅަން ތިބި ބައެއްގެ ގޮތުގައި އަހަރުމެން ދެކެފިއްޔާ ކިހާ ދެރަ...'' މާހުތާބް ފުންނޭވާއެއް ދޫކޮށްލިއެވެ. ރޭހަތަރުދަން ފާއިތުވެގެން ދިޔައީ ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތަކާ މެދު ފިކުރުކުރުމުގައެވެ. ކަންތައް ވެގެން ދިޔަ ގޮތުގެ ސަބަބުން ފުރަތަމަ އާފާގު ދެކެ މާހުތާބް ރުޅިއައި ކަމުގައި ވިޔަސް ހަގީގަތް އެނގުމުން އޭނާ ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެއްޖެއެވެ.
''މަންމަ ބުނާ ގޮތަކާ ދެކޮޅު ހަދަން ޒިވްޔަންއަށް ނުކެރޭނެ...'' ރަސަލް ބުންޏެވެ.
''ޒިވްޔަންއަށް ހަގީގަތް ކިޔައިދޭން މަންމައަށް ފެންނަނީ...'' ޒިވްޔަން، އެ ހިތުގެ ލޯބި ހޯދަން އަމަލުކޮށްފާނެ ގޮތަކާ މެދުގައި މާހުތާބްގެ ހިތުގައި ވަނީ ހާސްކަމެވެ.
އުދާސްކަމުގެ ނޭވާއެއް ކުލްޘޫމާއަށް ބޭރުކޮށްލެވުނެވެ. އެ ހިޔާލުން ވެސް އޭނާގެ ހިތުގައި ވިންދު ޖަހާލީ ބިރުވެރިކަމެވެ. ޒިވްޔަންގެ ހިޔާލު ހުންނާނެ ގޮތެއް ނޭނގޭތީ ކުލްޘޫމާގެ ނަފުސުގެ ހަމަޖެހުން ގެއްލުނެވެ. ޒިވްޔަންގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހިއްޖެނަމަ އެ ހިތަށް ކެތެއް ނުކުރެވޭނެއެވެ.
''ޒިވްޔަން ހަމައަކަށް އެޅުމުން އާފާގުމެންނާ ވެސް ބައްދަލުކުރަން މަންމަ މި ވިސްނަނީ...'' މާހުތާބް ހާމަކުރިއެވެ. އޭނާގެ ހިތަށް އެންމެ ބޮޑަށް އުނދަގޫކުރަމުން ދިޔައީ ޒިވްޔަންގެ ލޯބި ހޯދައިދޭނެކަމަށް ވެފައި އޮތް ވައުދުންނެވެ. އެ ވައުދުގެ މަތީގައި ދެމިހުންނަން މާހުތާބް ބޭނުންވިއެވެ. ނަމަވެސް އާފާގުގެ ރުހުން ހޯދާނެ ގޮތެއް އޭނާއަށް ވިސްނައިނުގަނެވުނެވެ. އިތުރަށް އެ ގުޅުމާ ދެކޮޅު ހަދައިފިނަމަ އެންމެ ރަނގަޅުވާނީ ވެސް ސުލްހަވެރިކަމާއެކުގައި ޒިވްޔަންއާއި ސަރުވާ ވަކިވުމެވެ. އެ ނިންމުން ޒިވްޔަން ގަބޫލުކޮށްފާނެ ހެއްޔެވެ؟
ކުލްޘޫމާ ވެސް އިނީ ޒުބެއިދާއާ ބައްދަލުކުރަން ބޭނުންވެފައެވެ. މައާފަށް އެދުމަށެވެ. އެ ދެރަޖައަށް އޭނާގެ އަމަލުތައް ދިއުމުން އަދިވެސް ކުލްޘޫމާގެ ހިތުގައި ގިލަންވެރިކަން ވެއެވެ. ޒަމާންވީ އެކުވެރިކަން ފުނޑުފުނޑުވެގެން ދިޔައީ ހަސަދައިގެ އަލިފާނުގެ ސަބަބުންނެވެ. އާފާގު ފުރަތަމަ ބައްދަލުވީ ވެސް އޭނާއާއެވެ. އެ ހިތުގައި އޭރު ވެސް އާފާގުއަށް އިހުސާސްތަކެއް ވިއެވެ. ނަމަވެސް ޒުބެއިދާ އޭނާގެ ލޯބި ޖަހައިގަތް ކަމުގެ ހިތި ހަގީގަތުގެ ސަބަބުން ނަފުސުގެ ރުޅި އޭނާއަށް ކޮންޓްރޯލް ނުކުރެވުނީއެވެ. ޒުބެއިދާއާއި އާފާގު އުފަލުގައި އުޅެމުން ދިޔަ މަންޒަރުތައް ބަލަން ވެސް އެ ހިތަށް ކެތްނުވީއެވެ. އަމުދުން އާފާގުގެ އަންބެއްގެ މަގާމުގައި ޒުބެއިދާ ހުންނަ މަންޒަރު ދެކެން ކުޅަދާނައެއް ވެސް ނުވިއެވެ. އެ ނުބައި ރޭވުން ރޭވީ ވެސް ޒުބެއިދާއަށް ދެރައެއް ދިނުމުގެ ނިޔަތުގައެވެ. އޭނާގެ ލޯ ހުޅުވުނު ހިނދު ގޯސް އޮތީ ހެދިފައެވެ. އެކުވެރިޔާ އޭނާއަށް ކުރި އިތުބާރު ނަގާލީ ހުދު އޭނާއެވެ. އޭނާގެ ސަބަބުން ޒުބެއިދާ އިހުސާސްކުރަން ޖެހުނު ބިރުވެރިކަމާއި ހިތާމައިގެ ސަބަބުން، އިތުރަށް ޒުބެއިދާގެ ކުރިމައްޗަށް އަންނަން ވެސް އޭނާ ޖެހިލުން ވިއެވެ. ޒުބެއިދާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ބޭނުންވިކަމުގައި ވިޔަސް އޭނާ ފަސްޖެހުނީއެވެ. ހަގީގަތަށް ފިލަން މި ހުރިހާ ދުވަހު އޭނާ ކުރި މަސައްކަތުގައި ކުރިއެރުމެއް ވެސް ނުލިބުނެވެ. އޭނާގެ ނުބައިކަމުގެ ހިޔަނި އެޅިގެން ގޮސްފައި އެވަނީ ލޯބިވާ ދަރިފުޅުގެ ދިރިއުޅުމަށެވެ.
*****
''ޒިވްޔަން...'' މިރާހް ދޮރުގައި ޓަކިދެމުން ގޮވިއެވެ. ''ޑަބަލް ތަޅުދަނޑިން ދޮރުހުޅުވަން ވީތަ؟...''
މިރާހް ހުރީ ހާސްވެފައެވެ. ރޭއްސުރެ ޒިވްޔަންގެ ހަބަރެއް ނުވެއެވެ. އެހެންޏާ ފަތިސް ނަމާދަށް ދެބެއިން އަބަދުވެސް ދާނީ އެކީގައެވެ. އެކަމަކު ރޭގައި ޒިވްޔަންގެ ހިލަމެއް ވެސް ނުވިއެވެ. ނަމާދަށް ދަމުން ގޮވިކަމުގައި ވިޔަސް ޖަވާބެއް ނުލިބުނެވެ. އެއީ ޒިވްޔަންއާ ނުބައްދަލު އާދަތަކެވެ. އެކަމާ ހުރެ މިރާހް ބިރުގަންނަން ވެސް ފަށައިފިއެވެ. އިތުރު ގޮތެއް ނެތުމުން ޑަބަލް ތަޅުދަނޑިން ދޮރުހުޅުވަން އޭނާ ގަސްދުކުރިއެވެ.
''ޒެން...''މިރާހް ފުންނޭވާއެއް ދޫކޮށްލިއެވެ. އަތުގައި އޮތް ތަޅުދަނޑި ފަތިން ޒިވްޔަންގެ ކޮޓަރީގެ ތަޅުދަނޑި ވަކިކޮށްލަމުން ތަޅަށް ކޮއްޕާލަން އުޅުނެވެ. އެ ވަގުތު އެތެރެއިން ދޮރު ހުޅުވުނު އަޑު މިރާހްއަށް އިވުނެވެ. ތެޅިތެޅި އޮތް ހިތަށް ހަމަޖެހުމެއް ލިބުނުކަން ގައިމެވެ. އަވަސްއަވަހަށް ދޮރުހުޅުވާފައި އެތެރެއަށް ވަނެވެ.
ކޮޓަރީގެ ބޮކިތައް ނިއްވާލައި ފަރުދާތައް ވެސް ދަމާލާފައި އޮތުމުން، މާހައުލުގައި ރަސްކަންކުރަމުން ދިޔައީ އަނދިރިކަމެވެ. މިރާހްއަށް ފުރަތަމަ ވެސް ކޮޓަރީގެ ބޮކިތައް ދިއްލާލެވުނެވެ. އޭރު ބޮސްކާގައި ހުރި ޒިވްޔަން ގޮސް ވޯކިން ކްލޯޒެޓަށް ވަންނަނީއެވެ. ޒިވްޔަން ނިކުންނަން ދެން ސޯފާގައި މިރާހް މަޑުކޮށްގެން އިނެވެ. އިންތިޒާރުގައި ހުއްޓައި ސްވެޓްޕޭންޓެއް ލައިގެން ޒިވްޔަން ނިކުތެވެ. އަތުގައި އޮތް ބެންޔަން ބޮލަށް މަހާލަމުން އޭނާ މިރާހްއަށް ބަލައިލިއެވެ.
ޒިވްޔަންގެ ތަރުތީބު ގެއްލިފައިވި އިސްތަށިގަނޑާއި މިލާމޯޅިވެފައިވި މޫނު ފެނި މިރާހްގެ ހިތުގައި ރިއްސާލިއެވެ. ދުވަހަކު ވެސް އެފަދަ ކުލަވަރެއް ޒިވްޔަންގެ މޫނުން މިރާހް ދެކެފައި ނުވެއެވެ. އަބަދު ތާޒާކަމާއި ސްމާޓްކަން ފެންނަ ޒިވްޔަންގެ ފަރާތުން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. އެންމެ ރެއަކުން އެފަދަ ބޮޑު ބަދަލެއް ޒިވްޔަންއަށް އައުމުން މިރާހް ހުރީ ސިހުމެއްގެ ތެރޭގައެވެ.
''އައިމް ސޮރީ ފޯ ލާސްޓް ނައިޓް...'' ރޭގައި މިރާހްއާ މެދުގައި ކަންތައް ކުރެވުނު ގޮތުން ޒިވްޔަން މައާފަށް އެދުނެވެ. ހިތުގެ ކެކުޅުންތަކުގެ ސަބަބުން އޭނާގެ އަމަލުތައް ކޮންޓްރޯލް ނުކުރެވުނީއެވެ. އެކަމާ މެދު އޭނާ ހުރީ ދެރަވެފައެވެ.
''އެވަރުގެ ކަމެއް ނޫނޭ އެއީ... ޒެން...'' މިރާހް ގޮވާލިއެވެ. ދެބެއިންގެ ދެމެދަށް ދެން ވެރިވެގެން އައީ ހިމޭންކަމެވެ. އެކަމުން މިރާހްއަށް އުނދަގޫ ވިއެވެ. ޒިވްޔަންގެ ސަމާސާ މިޒާޖު މުޅިންހެން ބަދަލުވެއްޖެއެވެ. އެއީ ބަލަން ފަސޭހަ މަންޒަރެއް ވެސް ނޫނެވެ. ކޮއްކޮގެ ހިތަށް ލުޔެއް ހޯދައިދޭން މިރާހް ބޭނުން ވިއެވެ.
''ކީއްވެ ސައިބޯން ނައީ؟... ރޭއްސުރެ ނުވެސް ކައި ތިހިރީ، ތިހެން އުޅެނިކޮށް ބަލިވެދާނެ...'' މިރާހްގެ އަޑުން ކަންބޮޑުވުމާއި ލޯބި ޒިވްޔަންއަށް އިހުސާސް ކުރެވުނެވެ. އޭނާއަށް އިސްޖަހާލަމުން އެނދުގައި އިށީނދެވުނެވެ. ދިރިއުޅުމުގައި ނާކާމިޔާބުވެފައިވާ މީހެއް ފަދައެވެ.
''ޒެން...'' މިރާހްއަށް ގޮވާލެވުނެވެ. އިސްޖެހިފައި އިން ޒިވްޔަންއަށް ބަލަން އޭނާގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ސޯފާއިން ތެދުވެގެން އައިސް ޒިވްޔަންގެ ގާތުގައި އޭނާ އިށީނެވެ.
''ދޮންބެއާ ވާހަކަ ދައްކަބަލަ...'' މިރާހް އެދުނެވެ. އިސްޖެހިފައި އިން ޒިވްޔަން އޭނާގެ ފޯނު ނަގައި މިރާހްގެ އަތަށް ދިއްކޮށްލިއެވެ. މިރާހްއަށް ލިބުނީ ހައިރާންކަމެވެ. ޒިވްޔަންގެ މޫނަށް ބަލަމުން މިރާހް ފޯނު އަތުލިއެވެ. ޒިވްޔަން އޭނާއަށް ދެއްކީ ސަރުވާގެ ފަރާތުން އައިސްފައި އޮތް މެސެޖެކެވެ. އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނެވެ. ދުލުން ބަސްހުއްޓިފައިވާ ކަހަލައެވެ. މިރާހްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''ޒެން، ދެން އަހަންނަށް ނުގުޅުން އެދެން... މެސެޖް ނުކުރުން ވެސް އެދެން... އައި ކާންޓް ކޮންޓިނިއު ދިސް ރިލޭޝަންޝިޕް އެނީ މޯރ... އައިމް ސޮރީ ޒެން...'' މިރާހް މެސެޖު ކިޔާލިއެވެ. މިރާހްގެ ދުލަށް ދެން ވެރިވެގެން އައީ ހިމޭންކަމެވެ. އިތުރަށް ބުނަންވީ އެއްޗެއް އޭނާއަށް ނޭނގުނީއެވެ. އެ މެސެޖުގެ މާނަ ނަގައިގަނެވުނެވެ. ޒިވްޔަންއަށް އެފަދަ ބޮޑު ބަދަލެއް އައި ސަބަބު މިރާހްއަށް ވިސްނައިގަނެވުނީ ދެނެވެ. ކޮއްކޮގެ ހިތާމަތައް ފެނި އެ ހިތުގެ ރިހުން ވެސް ގަދަވެއްޖެއެވެ.
''ޝީ ބްރޯކް އަޕް ވިތް މީ...'' ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމަށް ޒިވްޔަންގެ ޖުމްލައިން ނިމުން އައެވެ. ރިހުން އެ އަޑުގައި ވިއެވެ.
''ޒެން...'' މިރާހްއަށް ގޮވާލެވުނެވެ. މާޔޫސްކަމާއެކުގައި ޒިވްޔަންގެ މޫނަށް މިރާހް ބަލައިލިއެވެ.
''ވައި ޑިޑް ދިސް ހެޕެން؟...'' ޒިވްޔަންއަށް އެ ހިތުގެ ޝަކުވާތައް ބޭރުކޮށްލެވުނެވެ. ''އައި ލަވް ހާރ...''
''ދޮންބޭ... އަހަރެން ވަރަށް ބޮޑަށް ސަރޫ ދެކެ ލޯބިވޭ... އަހަންނަށް އެ ނިންމުން ގަބޫލެއް ނުކުރެވޭނެ... ވައި ޑިޑް ޝީ ސޭއި ދެޓް؟... އަހަންނާ ވަކިވާން ސަރޫއަށް ހަމަ އެހާ ފަސޭހައީތަ؟...'' މޭގައި ފިތެމުން ދިޔަ ހިތުގެ ވޭން ޒިވްޔަންގެ ލޮލުން ބޭރުވެގެން އައީ ކަރުނައިގެ ސިފައިގައެވެ. ކެތްކުރަން އޭނާ ބޭނުމެވެ. ނަމަވެސް ހިތުގެ ކެކުޅުންތަކާ ދުރުނުވެވުނެވެ. އެހާ ކުއްލި ގޮތަކަށް ވަކިވާން ސަރުވާ ނިންމުމުން ގަބޫލެއް ނުކުރެވުނެވެ. އެ ދެމެދުގައި އޮތް ލޯތްބަށް އިތުބާރުކުރަން ޒިވްޔަން ބޭނުންވިއެވެ. ސަބަބެއް އޮންނާނެ ކަމުގައި އޭނާ ޔަގީންކުރިއެވެ. ސަރުވާއާ ބައްދަލުކުރަން ޒިވްޔަން ގަސްދުކުރިއެވެ.
''ޒެން، އައި ނޯ ޔޫ އާރ ހާޓިންގް، ބަޓް ޕްލީޒް ޑޯންޓް ޑޫ އެނީތިންގް އިރޭޝަނަލް...'' ޒިވްޔަންގެ މޫނަށް ވެރިވި ކުލަވަރުތައް ފެނި މިރާހްއަށް ބުނެވުނެވެ. ޒިވްޔަންއަށް ވިސްނައިދޭން މިރާހް އަވަސްވެގަތެވެ. ޖަޒުބާތުގެ މައްޗަށް ބުރަވުމުގެ ބަދަލުގައި ވިސްނުންތެރިކަމާއެކުގައި މެނުވީ އިތުރު ފިޔަވަޅެއް ނޭޅުމަށް އޭނާ އިރުޝާދު ދިނެވެ. އެ ވަގުތު ކޮޓަރީގެ ދޮރުގައި ގޭގެ ހާދިމަކު ޓަކިދިން އަޑާއެކުގައި ދެބެއިންނަށް ވެސް ހައިރާންކަން ލިބުނެވެ. މިރާހް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ބޮޑުކޮޓަރިއަށް އައުމަށް މާހުތާބް އެދުނު ވާހަކަ ބެނެލަމުން ޚާދިމު ކުއްޖާ ދިޔައީއެވެ.
''ޒެން... މާމަ ބޭނުންވޭ ވާހަކަދައްކާލަން... ތައްޔާރުވެގެން އަވަހަށް ތިރިއަށް އާދޭ...'' ފަސްއެނބުރި ޒިވްޔަންއަށް ބަލަމުން މިރާހް ބުންޏެވެ. ހާޒިރުވުމަށް މާމަ އެދުމުން މިރާހް އަވަސްވެގަތީ ބޮޑުކޮޓަރިއަށް ދިއުމަށެވެ. އޭނާ ކޮޓަރިން ނިކުތުމުގެ ކުރިން ޒިވްޔަންއަށް ބަލައިލިއެވެ. މޮޅިވެރިކަން މިރާހްގެ ދެ ލޮލުގައި ވިއެވެ. ދޮރުގައި ހިފަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ. ހަރަކާތް މަދުވެފައި ހުރި ޒިވްޔަންއަށް މިރާހް ގޮވާލިއެވެ.
''ޒެން، އަވަހަށް ރެޑީވެގެން އާދޭ...'' މިރާހް ތަކުރާރުކޮށްލިއެވެ. އިސްޖެހިފައި އިން ޒިވްޔަން ބަހެއް ނުބުންޏެވެ. ހަމައެކަނި ބޯޖަހާލީއެވެ. ޒިވްޔަންއަށް ބަލަން ހުރެފައި މިރާހް ފުންނޭވާއެއް ދޫކޮށްލިއެވެ.
*****
ޒިވްޔަންގެ އިންތިޒާރުގައި އާއިލާގެ ހުރިހާ މެންބަރުން ބޮޑުކޮޓަރީގައި ތިއްބެވެ. މާހައުލުގައި އޮތް ނުތަނަވަސްކަން ތާރާއަށް ނަގައިގަނެވުނެވެ. އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުން ވާހަކައެއް ކިޔައިދޭން އުޅޭ ކަހަލައެވެ. އެގޮތުގައި ދިހަ ވަރަކަށް މިނެޓް ފާއިތުވެގެން ދިޔައެވެ. މާހުތާބްގެ އިޝާރާތާއެކުގައި ޒިވްޔަން ހޯދަންދާން މިރާހް ސޯފާއިން ތެދުވުނެވެ.
މިރާހްއަށް ގޭގެ ސިޑިއާ ހަމައަށް ދެވުނު ވަގުތު، ސިޑިން ތިރިއަށް ފައިބަން ފެށި ޒިވްޔަން ފެނިއްޖެއެވެ. ޒިވްޔަން ފައިބަންދެން މިރާހް މަޑުކޮށްލައިގެން ހުއްޓެވެ. އެއަށްފަހު ޒިވްޔަންއާ އެކުގައި ބޮޑުކޮޓަރިއަށް މިސްރާބު ޖެހިއެވެ.
ޒިވްޔަން ފެނުމާއެކުގައި ކުލްޘޫމާގެ މައިލަގޮނޑީގައި ރިއްސާލިއެވެ. މިލައިގެން ގޮސްފައިވި ދަރިފުޅުގެ މޫނުން އޭނާ ހިތުގައި ޖެހުނެވެ. ރަސަލްއަށް ވެސް ޒިވްޔަންގެ ހިމޭންކަމުން އަސަރުކުރިއެވެ. ކުރީގެ ލާނެއް މިޒާޖުގެ ބަދަލުގައި މިހާރު ފެންނަނީ އުދާސްކަމެވެ.
ރަސަލް ޒިވްޔަންއަށް ގޮވާލިއެވެ. އަދި އޭނާ ގާތުގައި އިށީނުމަށް އެދުނެވެ. ޒިވްޔަން އިޖާބަދިނެވެ. ސޯފާގައި އިށީންނަމުން އޭނާ އިސްއޮބާލިއެވެ. އެ މޫނުގެ ކުލަވަރުތައް ސިއްރުކުރަން އުޅޭ ކަހަލައެވެ.
އެންމެން ހަމަވުމުން ރޭގެ ހާދިސާގެ ފަހަތުގައިވާ ސަބަބު ކިޔައިދޭން ފެށީ ކުލްޘޫމާއެވެ. ވާހަކަދައްކަމުން ދިޔަ އިރުގައި އިރުއިރުކޮޅާ ޒިވްޔަންގެ މޫނަށް ކުލްޘޫމާ ބަލައިލައެވެ. ޒިވްޔަންގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން އޭނާ މަސައްކަތްކުރާ ކަހަލައެވެ.
''މަންމައަށް ގޯސް ހެދިފައިވާކަން ގަބޫލުކުރަން... އެކަމުން ދަރިފުޅުގެ ދިރިއުޅުމަށް އަސަރުކޮށްފައިވާތީ މަންމަ އެންމެ ދެރަވަނީ... ޒެން...'' ކުލްޘޫމާގެ އަޑު ކުރެހުނެވެ. އިވުނު ވާހަކަތަކުން މިރާހްއާއި ތާރާގެ މޫނުމަތިން ވެސް ފެންނަނީ ހިމޭންކަމެވެ. އެ ވާހަކަތައް ނަގައިގަންނަން އުނދަގޫވެފައި ތިބިކަން މޫނުގައިވި ކުލަވަރުތަކުން ހާމަކޮށްދިނެވެ. މިރާހްގެ ނަޒަރު ސީދާވެގެން ދިޔައީ ޒިވްޔަންއަށެވެ. އިސްއޮބާލައިގެން އިން ޒިވްޔަންގެ މޫނުގައިވި ޝުއޫރުތައް ނަގައިގަންނަން އުނދަގުލެވެ.
ކުއްލިއަކަށް ޒިވްޔަން ކޮޅަށް ތެދުވުނެވެ. ގެނައި ކުއްލި ހަރަކާތުން ކުލްޘޫމާއަށް ލިބުނީ ސިހުމެވެ. އަވަސްއަވަހަށް ޒިވްޔަންއަށް ގޮވާލިއެވެ.
''ދަރިފުޅާ...'' ކުލްޘޫމާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ޒިވްޔަން މަޑެއް ނުކުރިއެވެ. ބާރުބާރަށް ހިނގައިގަތީއެވެ. މިފަހަރު ޒިވްޔަން ހުއްޓުވަން މިރާހް ވެސް މަސައްކަތެއް ނުކުރިއެވެ. އޭނާއަށް އެ ހިތުގެ ހާލު އިހުސާސްކުރެވުނީއެވެ.
''ޒިވްޔަން...'' ޒިވްޔަންގެ ފަހަތުން ދާން ކުލްޘޫމާ އުޅެނެވެ. ހުއްޓެވުނީ އޭނާގެ އަތުގައި ރަސަލް ހިފާލުމުންނެވެ. ކަރުނުން ފުރިފައިވި ދެލޮލުން ރަސަލްގެ މޫނަށް ކުލްޘޫމާ ބަލައިލިއެވެ.
''ޒިވްޔަންއަށް ވަގުތު ބޭނުންވާނެ...'' ރަސަލް ބުންޏެވެ. ކުރިން ވެސް މިހެން ކަންތައް ވެދާނެކަން އޭނާއަށް ލަފާކޮށްލެވުނެވެ. ޒިވްޔަންއަށް އެ ވާހަކަތައް ވިސްނައިގަންނަން ވަގުތު ދޭންޖެހޭނެކަން ކުރިން ވެސް އޮތީ އަންދާޒާކޮށްލެވިފައެވެ. ކުލްޘޫމާގެ ހިތްވަރެއްކަމުގައި ސާބިތުކަމާއެކުގައި ރަސަލް ހުއްޓެވެ. މި އަނދަވަޅުން އަވަހަށް އަރައިގަންވޭނެކަމުގެ އުއްމީދު ވެސް އެ ހިތުގައި އޮތެވެ. ޒިވްޔަންއާ ފަހުން ވާހަކަދައްކަން ވެސް ރަސަލް ހިތުލިއެވެ.
*****
ކޮޓަރިއަށް ވަން ޒިވްޔަންއަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. ބޮލުގެ ރިހުން ގަދަވި ހިނދު އޭނާއަށް އެނދުގައި އިށީނދެވުނެވެ. މަންމަގެ ކޮންމެ ޖުމްލައެއް ކަންފަތުގައި ގުގުމަމުން ދިޔައެވެ. މަންޒަރުތައް ސާފުވެ ހިތުގައި ފުނިޖެހިފައިވި ސުވާލުތަކަށް ޖަވާބު ލިބިގެން ގޮސްފިއެވެ. ނަމަވެސް އޭނާގެ ހިތަށް ކުޑަމީސް ހަމަޖެހުމެއް ނުލިބުނެއެވެ. އެއާ ހިލާފަށް ހިތުގެ އުދާސްކަން ވަނީ އިތުރުވެފައެވެ. އޭނާއާއި ސަރުވާގެ ލޯތްބަށް އިތުރު ގޮންޖެހުންތައް މެނުވީ ކުރިމައްޗެއް ނުވެއެވެ. ސަރުވާގެ މެސެޖުގެ ފަހަތުގައިވާ ސަބަބު ވެސް އޭނާއަށް ވިސްނައިގަނެވުނެވެ. އެ ހިނދު ހިތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އެ ދެ ހިތުގެ ލޯތްބަށް ފުރުސަތެއް ހަމަ ނެތީ ހެއްޔެވެ؟
''އެއީ ހަގީގަތުގައި ވެސް ސަރޫ ބޭނުންވާ ގޮތްތަ؟... އަހަންނާ ވަކިވާން ސަރޫއަށް އެހާ ވެސް ފަސޭހަތަ؟... އަހަރެން ދެކެ ރުޅި އައީތަ؟... މާޒީގައި ކަންތައް ވެދިޔަ ގޮތުން އަހަންނަށް ފުރުސަތު ދޭން ބޭނުން ނުވަނީތަ؟...'' ޒިވްޔަންއަށް ޝަކުވާކޮށްލެވުނެވެ. ހަގީގަތް ހާމަވުމަށްފަހުގައި އޭނާގެ ހިތަށް ވެސް ލިބިފައިވަނީ ސިހުމެވެ. ހިތްދަތިކަމެވެ. ހިތަށް ތަދުވަނީ އޭނާގެ މަންމަގެ ސަބަބުން ސަރުވާގެ މަންމައަށް އެހާ ބޮޑު ދެރައެއް ލިބިފައިވާތީއެވެ. އާފާގުގެ ރުޅިވެރިކަމާއި ނަފުރަތު ވެސް ދޭހަ ކުރެވިގެން ގޮސްފިއެވެ. ނަމަވެސް، ހަގީގަތާ ކުރިމަތިލާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. ސަރުވާގެ ފަރާތުން ލިބުނު މެސެޖާ މެދުގައި ވިސްނާލެވުމުން ޒިވްޔަންގެ މެޔަށް ބާރު ވެއްޖެއެވެ. މާޒީގައި ކަންތައް ވެދިޔަ ގޮތުގެ ސަބަބުން ސަރުވާގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެނަމަ އެ ހިތަށް އިތުރަށް ކެތްނުކުރެވޭނެކަން ގައިމެވެ.
(ނުނިމޭ)