ޒުބެއިދާގެ ވާހަކަތައް ނިމުމާއެކުގައި އޭނާއަށް ބަލައިލެވުނީ ސަރުވާ އަށެވެ. ހިމޭންކަމެއްގެ ތެރެއަށް ގެއްލިފައިވި ސަރުވާގެ މޫނު ފެނުމާއެކުގައި ޒުބެއިދާގެ ހިތަށް ވެރިވެގެން އައީ ނުތަނަވަސްކަމެވެ. މަޑުމަޑުން ސަރުވާއަށް ގޮވާލެވުނެވެ. އެ ހިނދު ސަރުވާ އިސްއޮބާލިއެވެ. އެ ހިތުގެ ޝުއޫރުތައް ސިއްރުކުރަން އުޅުނު ކަހަލައެވެ. މަޑު ތުރުތުރުލުމެއް އުފެދިގެން އައި ސަރުވާގެ ތުންފަތުން އާހެއްގެ އަޑު ނިކުތެވެ. އެ ލޮލުން ފޭބި ކަރުނަތިކި ވެއްޓުނީ ޒުބެއިދާގެ އަތްތިލައަށެވެ. ކަންބޮޑުވެފައި ސަރުވާއަށް ޒުބެއިދާ ގޮވާލެވިއެވެ. ސަރުވާގެ އަތަށް ވެސް އޭނާއަށް ފިތާލެވުނެވެ.
''މަންމާ...'' މާޒީގައި މަންމައާ މެދު ކަންތައް ވެދިޔަ ގޮތުން ދިލަ ރިހުމެއް ސަރުވާގެ ހިތުގައި އުފެދުނެވެ. ހަމައެއާއެކުގައި އެކަމުގެ ފަހަތުގައި ހުރި ކުށްވެރިޔަކީ ޒިވްޔަންގެ މަންމަކަން އެނގުމުން އިތުރު އުދާސްކަމެއް އެ ހިތަށް ލިބުނެވެ. ބައްޕަގެ ނަފުރަތުގެ ފަހަތުގައިވާ ސަބަބު ސަރުވާއަށް ނަގައިގަނެވުނެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދެވޭ ގޮތެއް ނުވިއެވެ. ހަގީގަތް ހާމަވުމަށްފަހުގައި ވެސް ޒިވްޔަންއަށްޓަކައި އެ ހިތުގައިވާ އިހުސާސްތަކަށް ވެސް ބަދަލެއް ނައެވެ. އެއާއެކުގައި ކުށްވެރިކަމުގެ ކަސްތަޅުތަކުގައި އޭނާގެ ނަފުސު ހިލިހިލާ ޖެހިގެންދިޔަ ފަދައެވެ. އެ ހިތުގައި ޒިވްޔަންއަށްޓަކައި ވިންދު ޖަހަމުން ދިޔަ ލޯތްބަކީ މަންމައާއި ބައްޕައަށް ވެވޭ ބޭއިންސާފެއްކަމުގައި ހީކުރެވުނެވެ. ނަފުސު ހުށަހެޅިގެން ދިޔައީ އިތުރު ހާސްކަމެއްގެ ތެރެއަށެވެ. ސަރުވާގެ ހިތަށް ކުޅާދާނަވާވަރެއް ނުވިއެވެ.
ހަތަރުއަނގޮޅިއަކަށް އާދެވިފައިވާ ކަހަލައެވެ. އެއްފަރާތުގައި އޭނާގެ ލޯބިވާ މަންމައާއި ބައްޕައެވެ. އަނެއް ފަރާތުގައި ހުއްޓި އެ ހުރީ އޭނާގެ ހިތުގެ ވިންދާއި ރޫހެވެ. ހިޔާރުކުރަންވީ ރާސްތާއެއް ވެސް ނޭނގުނެވެ. މައިންބަފައިންގެ ނުރުހުމުގައި ފިޔަވަޅެއް އަޅަން ސަރުވާ ޖެހިލުންވިއެވެ. ހަމައެއާއެކު އެ ހިތުގެ ލޯތްބާ ނުލައި ދިރިއުޅުމާ ކުރިމަތިލާނެ ގޮތެއް ވެސް ނުވިސްނުނެވެ. ޒިވްޔަންގެ ހިތުގައި ޖައްސަން ވެސް ބޭނުމެއް ނުވިއެވެ. ހަތަރުއުދަރެސް ފެނުޖެހިއްޖެކަން ރޭކާލުމާއެކު ސަރުވާއަށް ރޮވުނެވެ.
''ސަރުވާ...'' ޒުބެއިދާ ދެރަވިއެވެ. ''މަންމައަށް އެނގޭ ވެދިޔަ ކަންތަކުގައި ޒިވްޔަންގެ ކުށެއް ނެތްކަން... ކުލްޘޫމާއަށް ކުރެވުނު ކަންތަކުގައި ޒިވްޔަން ކުށްވެރިކުރުމަކީ ވެސް ގޯހެއް... މަންމަ ބައްޕައާ ވާހަކަދައްކާނަން...''
މަންމަގެ ޖުމްލައިން ސަރުވާގެ ހިތަށް ހަމަޖެހުން ގެނެސްދިނުމުގައި ނާކާމިޔާބުވިއެވެ. އަދިވެސް ބައްޕަގެ ރުޅިވެރި މޫނު އޭނާއަށް ސިފަކުރެވޭ ކަހަލައެވެ. ބައްޕަގެ ވިސްނުން ބަދަލު ނުވާނެކަން ސަރުވާއަށް ޔަގީންކުރެވުނެވެ. އެކަމުން ހިތަށް އިތުރު ތަކުލީފެއް މެނުވީ ނުލިބުނެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. ފުންނޭވާތަކެއް ދޫކޮށްލި ކަމުގައި ވިޔަސް ނަފުސަށް ހަމަޖެހުމެއް ނުލިބުނެވެ.
''މަންމާ... އެކަނިވެލަން ބޭނުން...'' ހިމޭންކަން ވެރިވެފައިވި ދުލަށް ހިތްވަރެއް ލިބުމާއެކުގައި ސަރުވާ ބުންޏެވެ. އަދިވެސް އޭނާ އިނީ އިސްއޮބާލައިގެންނެވެ. އެ މޫނުގެ އަސަރުތައް ސިއްރުކުރަން މަސައްކަތްކުރާ ކަހަލައެވެ.
ސަރުވާއަށް ބަލަން އިން ޒުބެއިދާގެ ދެލޮލުގައި ވަނީ ރިހުމެވެ. ދަރިފުޅުގެ ހިތުގައި އަޅަމުންދާ ވޭނާއި ކެކުޅުންތައް އޭނާއަށް އިހުސާސްކުރެވުނެވެ. ހިތަށް ތަކުލީފު ލިބުނީ އެ ވޭނަށް ލުޔެއް ހޯދައިދިނުމުގައި ނާކާމިޔާބުވެއްޖެކަން ރޭކާލުމުންނެވެ.
ޒުބެއިދާއަށް ލިބުނީ މާޔޫސްކަމެވެ. ސަރުވާ އެދުނު ފަދައިން އެކަނިވެލުމުގެ ފުރުސަތުދެމުން އޭނާ ކޮޅަށް ތެދުވުނީ ހިތާ ދެކޮޅަށެވެ. ލޯތްބާއެކު ސަރުވާގެ ބުރަކަށީގައި ފިރުމާލިއެވެ.
''ބަތޫލް...'' ކޮޓަރިން ނިކުންނަން ޒުބެއިދާ ހިނގައިގަތީ ބަތޫލް ވެސް ގޮވައިގެންނެވެ. މަންމައާ ދެކޮޅު ހަދަން ބަތޫލް އަނގަ ހުޅުވާލުމާއެކުގައި ޒުބެއިދާ ދެފަރާތަށް ބޯހޫރާލިއެވެ. ގާތުގައި އިން ސަރުވާއަށް ބަތޫލް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ސަރުވާގެ ގައިގައި އޭނާ ބައްދާލިއެވެ.
''އައިމް ހިޔާރ ފޯ ޔޫ...'' ބަތޫލްގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ. އިރުކޮޅެއް ވަންދެން ސަރުވާގެ ގައިގައި ބައްދައިގެން އިނުމަށްފަހު އޭނާ ވެސް ކޮޅަށް ތެދުވުނެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ ތިކި ފޮހެލަމުން، މަންމަގެ ފަހަތުން ކޮޓަރިން ނިކުންނަން ބަތޫލް ވެސް މިސްރާބު ޖެހިއެވެ.
ކޮޓަރީގެ ދޮރުލެއްޕުނު އަޑާއެކު ސަރުވާގެ މޭގައި އުފެދިފައިވި ތޫފާނުގެ ރޯޅިތައް އާހުތަކުގެ ސިފައިގައި ބޭރުވެގެން ދިޔައެވެ. އޭނާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. ގިސްލެވެމުން ދިޔަ ސަރުވާއަށް އޭނާގެ ފޯނު ވައިބްރޭޓްވަމުން ދިޔަ އަޑު އިވުނެވެ. އެނދުމަތީގައި އޮތް އަތް ދަބަހަށް އޭނާ ނަޒަރު ހުއްޓާލިއެވެ. ގުޅާނީ ޒިވްޔަންކަން ވަގުތުން ސަރުވާއަށް ނަގައިގަނެވުނެވެ.
އެނދުގައި އޮށޯންނަމުން ސަރުވާ ކުރުގެޅުނެވެ. އޭރު އޭނާގެ އަތުގައި ފޯނު އޮތެވެ. ޒިވްޔަންގެ ވިއްސަކަށް މިސްކޯލާއި ދިހަ މެސެޖު އައިސްފައި އިނެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ސަރުވާ ފޯނަށް ބަލަން އޮތެވެ. ފޯނު ނެގުމަށް އެދި ޒިވްޔަން އޭނާގެ ގާތުގައި އާދޭސްކޮށްފައި ހުރި މެސެޖުތައް ކިޔާލި ސަރުވާގެ ދުލުން ވޭނީ އާހެއް ނިކުތެވެ. ކެތްކުރަން ދަތިވި ހިނދުގައި އަވަސްއަވަހަށް ޒިވްޔަންއަށް ގުޅަން ނަންބަރު ލިޔުނެވެ. ނަމަވެސް ބައްޕަ ދިން އިންޒާރުތައް ކަންފަތުގެ ތޫރީގައި ގުގުމާލުމާއެކުގައި ސަރުވާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އެ ވަގުތު އޭނާ ސިހުނީ އަނެއްކާ ވެސް ޒިވްޔަން ގުޅަން ފެށުމުންނެވެ. ފޯނު ކެނޑެން ދެން ބަލަހައްޓައިގެން ސަރުވާ އޮތެވެ.
''ޒެން...'' ރިހުން އެކުލެވިގެންވި އަޑަކުން ސަރުވާއަށް ގޮވާލެވުނެވެ. ފޯނު ގެނެސް މޭގައި ޖައްސާލަމުން ބާރަށް ސަރުވާއަށް ރޮވިއްޖެއެވެ. އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނުވާ ކަހަލައެވެ. ތަގުދީރާ މެދުގައި ވެސް އެތައް ޝަކުވާއެއް ކުރެވުނެވެ. ޒިވްޔަންއާ އެކުގައި ހޭދަކުރި އުފާވެރި ދުވަސްތައް ހަނދުމަވާން ފެށުމުން ފުނޑުފުނޑުވަމުން ދިޔަ ހިތަށް އިތުރު ސަޒާތަކެއް ލިބުނެވެ.
*****
''ޒުބެއިދާ...'' ޒުބެއިދާގެ އިންތިޒާރުގައި ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ އާފާގުއަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމާއެކުގައި ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އެތެރެއަށް ވަން ޒުބެއިދާއަށް އާފާގުގެ މޫނަށް ބަލައިލެވުނެވެ. ރުޅިވެރިކަމުގެ އަސަރުތަކަށް ނިމުން އައިސް މިހާރު ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. ނުތަނަވަސްކަމެވެ. ލޮލުގެ ނޫރު ފަދައިން ބަލައި ބޮޑުކުރި ލޯބިވާ ދަރިފުޅަށް ރުޅި އިސްކުރެވެމުން އާފާގު ހުރީ ހަގީގަތުގައި ވެސް ދެރަވެފައެވެ. ހިތުގައި ޖެހި ސަރުވާ ރޮމުން ދިޔަ މަންޒަރު ސިފަކުރެވުމާއެކު މާޔޫސްކަން ހިތަށް ވެރިވެއްޖެއެވެ.
''ސަރުވާ...'' ޒުބެއިދާގެ ގާތަށް ގޮސް ހުއްޓުނު އާފާގުއަށް ބުނެވުނެވެ. އާފާގުގެ ލޮލުން ފެނުނު ހިތާމައިގެ ކުލަވަރުން ޒުބެއިދާގެ ހިތަށް އަސަރުކުރިއެވެ. އޭނާއަށް އާފާގުގެ އަތުގައި ހިފާލެވުނެވެ. އާފާގުއަށް ވިސްނައިދޭން ޒުބެއިދާ މަސައްކަތްކުރިއެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މިވަގުތު އެ ދެމަފިރިންނަށް ވެސް މުހިންމު ވާންޖެހޭނީ ސަރުވާގެ އުފާވެރިކަމެވެ. ސަރުވާގެ ހިތުގެ ދިރުމަކީ ޒިވްޔަންއެވެ. އެ ލޯތްބާ ނުލައި ދިރިއުޅެން މަޖުބޫރުކުރުމަކީ ދަރިފުޅަށް ދެވޭނެ ސަޒާއެކެވެ.
''ވަރަށް ދެރަވެފައި ހުރީ...'' ޒުބެއިދާ ބުންޏެވެ. ''އާފާގު... އެންމެ ފަހަރަކު ވިޔަސް މާޒީ ހަނދާން ނައްތާލާފައި ސަރުވާއާ މެދުގައި ވިސްނާލަބަލަ...''
ޒުބެއިދާގެ ޖުމްލައާއެކުގައި އާފާގުގެ މޫނުގެ ކުލަވަރު މުޅިންހެން ބަދަލުވެއްޖެއެވެ. ޒުބެއިދާގެ އަތް ނައްޓުވާލަމުން ހިތްހަމަނުޖެހުމާ އެކުގައި ބަލައިލިއެވެ.
''ދައްކަން މި އުޅޭ ވާހަކަ އަޑުއަހާބަލަ... މިކަމުގެ ސަބަބުން ދެރައާއި ހިތާމަ ލިބޭނީ ހަމަ އަހަރުމެންގެ ދަރިފުޅަށޭ... އެ ދަރިފުޅު ރޯ ރުއިމުގެ އަޑު އާފާގުއަށް ހަމަ ނީވޭތަ؟... ތިހާ ހިތްހަރު މީހަކަށް އާފަގު ވީ ކޮން ދުވަހަކުތަ؟... އެންމެ ފަހަރަކު ތި ރުޅި ފިނިކޮށްފައި ސަރުވާއާ މެދު ވިސްނާލަބަ... އަހަރުމެންނަށް މުހިންމުވާންވީ އެ ދަރިފުޅުގެ އުފާވެރިކަން ނޫންތަ؟...'' ޒުބެއިދާ ވާހަކަދައްކަމުން ދަނިކޮށް އާފާގު ފުރަގަސް ދިނެވެ. އޭނާ ގޮސް އެނދުގައި އިށީނެވެ.
''އާފާގު...'' ގޮތް ހުސްވެފައިވާ ރާގަކަށް ޒުބެއިދާ ގޮވާލިއެވެ.
''ސަރުވާއަށް ރަނގަޅު ގޮތް ހޯދައިދިނުމަކީ އަހަރުމެންގެ ޒިންމާއެއް... އެހާ ހިތްނުބައި މީހެއްގެ ދަރިއަކު ވެސް ރަނގަޅެއް ނުވާނެ...'' ރުޅިވެރިކަމާއެކު އާފާގު ބުންޏެވެ.
''ގައިމު ޒިވްޔަންއާ ދިމާވި ދުވަހު އެވަރުގެ ރަނގަޅު ޒުވާނެއް ނެތް ފަދަ... ކުއްލިޔަކަށް އެކަން ބަދަލުވީ ކީއްވެގެންތަ؟... ކުލްޘޫމާގެ ދަރިއަކަށް ވީމަތަ؟... ހަގީގަތުގައި ކަންތައް ވެދިޔަ ގޮތުން ކުލްޘޫމާ ދެކެ ރުޅި އަންނަން ޖެހޭނީ ވެސް އަހަރެން...... އެކަމަކު މާޒީގައި ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތަ؟... އަހަންނަކަށް އާފާގުގެ ތި ވިސްނުން ކަމަކު ނުދޭ... މައާފުކުރުމުގެ ރަނގަޅު އާދަތައް ދަރިންނަށް ދަސްކޮށްދޭ އިރުގައި އާފާގުގެ ފަރާތުން ތި ފެންނަނީ މުޅިން އެހެން ސިފައެއް...'' ޒުބެއިދާ ހިތްހަމަނުޖެހުނެވެ. ވެދިޔަ ކަންތަކާ މެދުގައި ކުލްޘޫމާ ދެކެ ރުޅި އައުމުގެ ބަދަލުގައި ޒުބެއިދާގެ ހިތުގައި ވަނީ ޝަކުވާއެވެ. އެފަދަ ދަރަޖައަކަށް އެކުވެރިޔާގެ އަމަލުތައް ދާން ޖެހުނު ސަބަބު ހޯދަން އޭނާ ބޭނުމެވެ. އަދިވެސް ގާތް އެކުވެރިޔާ ގެއްލިގެން ދިޔަކަމުގެ ގިލަންވެރިކަން އެ ހިތުގައި ވެއެވެ. މިއަދު ކުލްޘޫމާއާ ބައްދަލުވުމުން ހިތުގައި ރިއްސާލީ ވެސް އެހެންވެއެވެ. ހަމައެއާއެކު ކުލްޘޫމާގެ މޫނުން ފެނުނު މޮޅިވެރިކަމުގެ ކުލަވަރުތަކުން ވެސް އޭނާއަށް ވާހަކަތަކެއް ކިޔައިދޭން އުޅުނު ފަދައެވެ. އާފާގުއާ ހިލާފަށް އޭނާ ބޭނުންވަނީ ކުލްޘޫމާގެ އުދާސްކަން ވިސްނައިގަންނާށެވެ. ކުއްލިއަކަށް ނިމިގެން ދިޔަ އެކުވެރިކަމުގެ ޒަހަމްތައް އަދިވެސް ހިތުގައި ވެއެވެ.
''އޭނާއަށް މައާފުކުރަންތަ ޒުބެއިދާ ބޭނުންވަނީ؟... އަހަންނަށް އެ ދުވަހު ނާދެވުނުނަމަ ވާނީ ކިހިނެއް؟... އެކަހަލަ މީހަކަށް އިތުބާރުކުރަން ޒުބެއިދާ ވިސްނީ ވެސް ކިހިނެއްތަ؟... އަމުދުން އޭނާގެ ދަރިއެއްގެ އަތްމައްޗަށް ސަރުވާ ދޫކޮށްލަން ހިޔާލު ކުރީ ވެސް ކިހިނެއް؟... އަހަރެންގެ ރުހުމެއް ނުލިބޭނެ!... ސަރުވާ ޖެހޭނީ އަހަރެންގެ ނިންމުމާ ގަބޫލުވާން... އަހަރެން މީ ސަރުވާގެ ބައްޕަ... އެ ދަރިފުޅަށް ރަނގަޅު ގޮތް ހޯދައިދިނުމަކީ އަހަރެންގެ ޒިންމާއެއް... އަަހަރެންގެ ހިޔާވެހިކަމުގެ ދަށުގައި ހުރިހާ ހިނދަކު ސަރުވާއަށް ރަނގަޅު މަގު ހޯދައިދޭނީ އަހަރެން، ޒުބެއިދާ ވެސް ޖެހޭނީ އަހަރެންގެ ނިންމުމާ ގަބޫލުވާން!...'' އާފާގު އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ. އާފަގުގެ ގާތަށް ހުއްޓުނު ޒުބެއިދާގެ މޫނުން ފެނުނީ ސިހުމެވެ. ހުއްޓުން އަރާފައި އާފާގުގެ މޫނަށް ބަލަން ޒުބެއިދާއަށް ހުރެވުނެވެ. ގަބޫލުކުރަން ދަތިވެފައެވެ.
''އާފާގު...'' ޒުބެއިދާއަށް ގޮވާލެވުނެވެ.
''މީ އަހަރެންގެ ފަހުގެ ނިންމުން...'' އާފާގު ކޮޅަށް ތެދުވުނެވެ. ''އަހަރެންގެ ވިސްނުން ބަދަލެއް ނުވާނެ...''
*****
''ޕްލީޒް އާންސާރ ދަ ފޯން!...'' ބެލްކަންޏަށް ނިކުމެ ހުރި ޒިވްޔަން ހުއްޓުމެއް ނެތި ސަރުވާއަށް ގުޅަން މަސައްކަތްކުރިއެވެ. އޭނާ ފޮނުވި މެސެޖުތައް ސަރުވާ ކިޔާފައި ހުރިކަން ފެންނަން އިނެވެ. ނަމަވެސް އޭނާއަށް ގުޅުމުގެ ވިސްނުމެއް އަދި އޭނާގެ ފޯނުކޯލަށް އިޖާބަ ދިނުމުގެ ވިސްނުމެއް ސަރުވާގެ ނެތްކަން ރޭކާލުމުން ހިތަށް ތަދުވިއެވެ.
ހިތާމަޔާ އެކުވެ ރުޅިވެރިކަން ވެސް ޒިވްޔަންގެ ނަފުސުގެ މައްޗަށް އަތްގަދަކުރަން މަސައްކަތްކުރިއެވެ. ސަރުވާގެ ހަބަރެއް ނުވުމުން ހަގީގަތާ ކުރިމަތިލާނެ ގޮތެއް ވެސް ޒިވްޔަންއަކަށް ނޭނގުނެވެ. ރެއިލިންގައި ބާރަށް ހިފާލަމުން ބާރަށް ހަޅޭއްލަވައިގަންނަން ވެސް ބޭނުންވިއެވެ. އޭރުން ދިލަނަގަމުން ދިޔަ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބިދާނެ ކަމަށް ޒިވްޔަން އުއްމީދުކުރިއެވެ.
ޒިވްޔަންއަށް އިސްއުފުލައި އުޑަށް ބަލައިލެވުނެވެ. މިރޭ ވިލާތަކުން ހަނދުވެސް ވަނީ ފޮރުވާލައިފައެވެ. ބަނަކަން ނޫންކަމެއް އުޑުމަތިން ވެސް ނުފެނެއެވެ. އޭނާގެ ހިތާމައިގައި މުޅި ކާއިނާތު ވެސް ބައިވެރިވަމުން ދިޔަ ކަހަލައެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކަރުނައިގެ ދިލަކަން ލޮލުން ފާޅުވާން ފެށުމުން އެސްފިޔަތައް އަވަސްއަވަހަށް ތަޅުވާލެވުނެވެ. ބެލްކަނީގައި ހުރި ސަރަންފީގައި ޒިވްޔަންއަށް އިށީނދެވުނެވެ. ކަކުލުގައި އުޅަނބޮށި ވިއްދާލަމުން އަތްތިލައިގެ ތެރޭގައި އޭނާއަށް މޫނު ފޮރުވާލެވުނެވެ. ހިތުގެ އުދާސްކަން އައިސް އޭނާ ވަށާލީ ދެނެވެ.
މިރޭގެ ހާދިސާގެ މަންޒަރުތައް ފެންނަން ފެށިއެވެ. އަދިވެސް ޒިވްޔަންގެ ނަފުސު ވަނީ ސިހުމެއްގެ ތެރޭގައެވެ. ހަދަންވީ ގޮތެއް ނޭނގި މީހާ ވަނީ އިސްޖެހިފައެވެ. ކިތަންމެ ވަރަކަށް ވިސްނިކަމުގައި ވިޔަސް ހިތުގެ ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ. އާފާގު ބުނި ޖުމްލަތައް ވެސް ކަންފަތުގައި ތަކުރާރުވަމުން ދިޔައެވެ. އޭގެ މާނަ ނަގާނެ ގޮތެއް ވެސް ނޭނގުނެވެ. އެ ހުރިހާ ތަކުލީފެއްގެ ތެރޭން އޭނާއާއި ސަރުވާގެ ލޯތްބަށް ވެރިވެގެން އައި ކުއްލި ހީނަކުރަކަމުން ހިތުގައި އަޅަން ފެށި ވޭނަށް ލުޔެއް ހޯދާނެ ގޮތެއް ވެސް ނޭނގުނެވެ.
*****
ނިދަން އެނދަށް އަރާފައި، އާފާގުއަށް ފުރަގަސް ދެމުން އަނެއް ފަރާތަށް ޒުބެއިދާ އެނބުރުނެވެ. ދެމަފިރިންގެ ދެމެދުގައި އުފެދިގެން އައި ނުތަނަވަސްކަން އާފާގުއަށް އިހުސާސްކުރެވުނެވެ. ފުރަގަސްދީގެން އޮތް ޒުބެއިދާއަށް ބަލައިލި އާފާގުގެ ދެލޮލުން މާޔޫސްކަން ފެނުނެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކުގައި އޭނާ ޒުބެއިދާއަށް ގޮވާލިއެވެ. ނަމަވެސް ޒުބެއިދާގެ ފަރާތުން ހިލަމެއް ނުވިއެވެ. ކޮއްޓާލުމުން ވެސް އާފާގުއާ ދިމާއަށް ބަލައި ވެސް ނުލިއެވެ. ހިތްމަހަނުޖެހިފައިވާކަން އަންގައިދޭން އުޅޭ ކަހަލައެވެ.
އުއްޑުން އޮށޯވެލައިގެން އޮތް އާފާގުއަށް ނިތްކުރިމަތީގައި އަތްތިލަ ބާއްވާލެވުނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހަލުވިކަމާއިއެކުގައި އެނބުރެމުން ދިޔަ ފަންކާއަށެވެ. ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ޒަމީރު ޔަގީންކަން ދެމުން ދިޔައީ އޭނާގެ ނިންމުމަކީ ގޯސް ނިންމުމެއް ނޫންކަމުގައެވެ. ނަމަވެސް ޒުބެއިދާއާއި އޭނާގެ ދެމެދަށް ވެރިވެގެން އައި ދުރުކަމުން އާފާގުގެ ހިތަށް އަސަރު ކުރިއެވެ.
''ފަހުން ޒުބޭއަށް ވިސްނޭނެ...'' އަވަސް ނޭވާތަކެއް ލަމުން އާފާގު ހިތާހިތުން ބުނެލިއެވެ. ލޮލުގެ ހިމަކޮޅުން ޒުބެއިދާއަށް ބަލަައިލަމުން ނިދާ ބޮކީގެ އަލި ރިމޯޓުން ފަނޑުކޮށްލިއެވެ. އާފާގުއަށް ނިދުނީ ވެސް ސަރުވާއާ މެދު ވިސްނަން އޮއްވައެވެ.
*****
ފަތިސްވެގެން ދިޔައިރުގައި ވެސް ސަރުވާއަށް އޮތީ ނުނިދިފައެވެ. އޭނާގެ ލޮލާއި ނިދި ރުޅިވެފައިވާ ކަހަލައެވެ. ގިނައިރު ރުއިމުގެ ސަބަބުން ސަރުވާގެ މޫނު ވަނީ ރަތްވެފައެވެ. ދެލޯ ކައިރި ވެސް ދުޅަ ވެއްޖެއެވެ. ލޮލުން ކަރުނަ ހިކިފައި ވިޔަސް އަދިވެސް އޭނާއަށް ގިސްލެވެއެވެ. ކިތަންމެ ވަރަކަށް ރުޔަސް އެ ހިތުގެ ވޭނަށް ޝިފާ ލިބުމެއް ނުވާ ކަހަލައެވެ. އަތުގައި އޮތް ފޯނުގެ ގެލެރީ ހުޅުވައިގެން ފޮޓޯ ބަލަމުން ދިޔަ ސަރުވާގެ ލޮލުން ފެންނަނީ ހިތްދަތިކަމެވެ. ޒިވްޔަންގެ ހިނިތުންވެފައިވާ މޫނު ފެންނަ ކޮންމެ ފަހަރަކު ހިތުގެ ޒަހަމްތައް ފުންވަމުންދާކަމުގެ ވޭން އިހުސާސްކުރެވެއެވެ. އެ ހިތަށް ޝިފާއެއް ދެވޭނީ ހަމައެކަނި ޒިވްޔަން އަށެވެ. ނަމަވެސް އެ ނަސީބު އޭނާއަށް ލިބިދާނެ ހެއްޔެވެ؟
ހިތާމައިގައި ނަފުސު ހަފުސްވަމުން ދިޔަ ހިނދުގައި ނަމާދު ވަގުތު ފަހަނައަޅައިދަމުން ދިޔަކަން ރޭކާލިއެވެ. ކަށިން ހިތްވަރު ނެރެމުން ސަރުވާ އެނދުން ތެދުވުނެވެ. ރޭގައި ރަނގަޅަށް ނުކައި ހުރުމުން ހަށިގަނޑުގައި ހަކަތައެއް ނެތެވެ. ނިދި ނުލިބުމުން ބޮލުގައި ވެސް ގަދައަށް ރިއްސައެވެ.
ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ނަމާދުކޮށް ﷲގެ ހަޒްރަތުން މަދަދަށް އެދެވުމުން ރޫހަށް ކުޑަ ނަމަވެސް ލުޔެއް ލިބުނުކަމުގެ އިހުސާސްކުރެވުނެވެ. ނަމާދުން ފޭބި ސަރުވާއަށް ބޭއިހުތިޔާރުގައި އޭނާގެ ފޯނު ހުޅުވާލެވުނީ އާންމުކޮށް އެ ގަޑީގައި ހެނދުނުގެ ތަހުނިޔާއާ އެކުގައި ޒިވްޔަންގެ މެސެޖެއް ލިބޭތީއެވެ. އާދައިގެ މަތިން މިއަދު ވެސް މެސެޖު ލިބިފައި އިނެވެ. ނަމަވެސް ކުރިން ހިތަށް ލިބޭ އުފާވެރިކަމުގެ ބަދަލުގައި ވެރިވެގެން ދިޔައީ އުދާސްކަމެވެ. ޒިވްޔަންގެ މެސެޖަށް ރައްދު ދިނުމެއް ނެތި ސަރުވާ ފޯނު ނިއްވާލިއެވެ.
އެނދުގެ ފޭޑީގައި އިށީންނަމުން އަތްތިލައިގެ ތެރޭގައި ސަރުވާއަށް މޫނު ފޮރުވާލެވުނެވެ. ހިމޭންކަން ވެރިވެފައިވި މާހައުލު ވެސް ސަރުވާގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ.
*****
ސަރުވާ ކޮޓަރިން ނިކުތީ ހައިވެގެން ގޮސް ބަނޑުން އަޑުއަޑު ގޮއްވަން ފެށުމުންނެވެ. ކޮޓަރީގައި ހުރި ފެންޖަގު ވެސް ހުރީ ހުސްވެފައެވެ. އަރުތެރެވެސް ހިކި ކަރުގައި ވެސް ރިއްސައެވެ. އޭރު އިރުގެ ދޯދިތަކުން ދުނިޔެ ދޮންކުރަން ފަށައިފިއެވެ. ކޮޓަރީގެ ދޮރު ހުޅުވަމުން ހަމަހިމޭންކަން ވެރިވެފައި އޮތް ގޭތެރެއަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. މަންމައާއި ބައްޕަގެ ހިލަމެއް ނުވުމުން ހިތަށް ވަގުތީ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އަަބަދު ފިލައިގެން ނޫޅެވޭނެކަން ސަރުވާއަށް ވިސްނުނެވެ. ބައްޕައާ ވެސް ކުރިމަތިލާން ޖެހޭނެއެވެ.
ވަގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ސަރުވާ ބަދިގެއަށް ވަނެވެ. ޕާންފޮއްޗެއްގައި ޖޭމާއި ބަޓަރު ހާކާލައިގެން ކޮފީތަށްޓެއް ތައްޔާރުކޮށްލިއެވެ. ކާކޮޓަރީގައި ހުރެ ކެއުމުގެ ބަދަލުގައި އޭނާ ނިންމީ ކޮޓަރިއަށް ދާށެވެ. އެކަނިވެލަން އަދިވެސް އޭނާ ހުރީ ބޭނުން ވެފައެވެ. ފެންޖަގަށް ފެންއަޅައިގެން ތަބަކުގައި ހުރިހާ ތަށިތައް އަތުރާލިއެވެ. ކޮޓަރިއަށް ދާން އުޅުނު ސަރުވާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ވަން ބައްޕަ ފެނުމުންނެވެ. ލިބުނު ސިހުމުގައި ސަރުވާއަށް ތަބަކުން ދޫކޮށްނުލެވުނީ ހަމަ ކިރިޔާއެވެ. ބާރަށް ތަބަކުގައި ހިފަހައްޓާލަމުން ބައްޕައަށް ސަރުވާ ބަލައިލިއެވެ. ފަތިސް ނަމާދުކޮށްލައިގެން ބައްޕަ ގެއަށް އެ އައީ ދެންމެ ކަމުގައި ސަރުވާއަށް ޔަގީންކުރެވުނެވެ.
''ސަރުވާ...'' އާފާގު ގޮވާލިއެވެ. ފަރުވާތެރިކަމާއެކުގައި ސަރުވާގެ މޫނަށް އާފާގު ބަލައިލިއެވެ. ހިތާމަޔާއި މޮޅިވެރިކަމުން މިލައިފައިވި އެ މޫނުން އާފާގުގެ ހިތަށް ތަދުވިއެވެ. ނަމަވެސް އޭނާ ހުރީ އޭނާގެ ނިންމުމުގެ މަތީގައި ސާބިތުކަމާއެކުގައެވެ.
''ބައްޕާ...'' އަތުގައި އޮތް ތަބަކު ކާމޭޒުމަތީ ސަރުވާ ބެހެއްޓިއެވެ.
''އާދެބަލަ ބައްޕައާއެކު...'' އާފާގު އެދުނެވެ. ސަރުވާ އަވަސްއަވަހަށް ހިނގައިގަތެވެ. އާފާގު ގޮސް އިށީނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. އިސްޖަހާލައިގެން ހުރި ސަރުވާ ވެސް ސޯފާގައި އިށީނެވެ.
''ދަރިފުޅު ދެރަވާ ފަދަ އެއްޗެއް ބައްޕައަށް ބުނެވިފައިވާނަމަ ބައްޕަ މައާފަށް އެދެން...'' ސަރުވާގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި އާފާގު ބުންޏެވެ. ''ބައްޕަ ރުޅި އައީ ދަރިފުޅު ދެކެއެއް ނޫން... ދަރިފުޅު ދެކެ ބައްޕަ ދުވަހަކު ވެސް ރުޅިއެއް ނާންނާނެކަން ހަނދާން ބަހައްޓައްޗޭ... ދަރިފުޅާ ވާހަކަދެއްކުނު ގޮތުން ބައްޕަ މިހުރީ ވަރަށް ދެރަވެފައި...''
ސަރުވާ އިނީ ހިމޭންވެފައެވެ. އަތްތިލަ ޖޯޑުކޮށްލައިގެން އޭނާ އިނީއެވެ. ސަރުވާގެ އެ ހިމޭންކަމުން އާފާގުގެ ހިތަށް އުނދަގޫވިއެވެ.
''ބައްޕައަށް އެދަފައިން ކަންތައް ކުރެވުނު ސަބަބު ދަރިފުޅަށް އެނގުމުން ދަރިފުޅަށް ވިސްނައިގަނެވޭނެ...'' އާފާގު ބުންޏެވެ.
''މަންމަ ރޭގަ ކިޔައިދިން...'' ކުރަކިވެފައިިވި އަޑަކުން ސަރުވާ ބުންޏެވެ.
''އެހެންވީމަ ދަރިފުޅަށް އެނގޭނެއެއްނު ބައްޕަ ކަންތައް ކުރީ ގޯސްކޮށް ނޫންކަން... އެފަދަ މީހެއްގެ ދަރިއަކާ ދަރިފުޅު ގުޅުމަށް ކިހިނެއްތަ ބައްޕައަށް ހުއްދަދެވޭނީ؟... އަދިވެސް އޭނާގެ ހިތުގައި ދަރިފުޅުގެ މަންމަައަށްޓަކައި ވާނީ ނަފުރަތުކަން ބައްޕައަށް ޔަގީން... އޭނާ ދުވަހަކު ސަރުވާ ބަލައިނުގަންނާނެ... ދަރިފުޅަށް ވެސް ދެރައެއް ދޭން އޭނާ ފަހެއް ނުޖެހޭނެކަން ބައްޕައަށް ޔަގީން... މި ހުރިހާ ކަމަކާ މެދުގައި ވިސްނާލުމަށްފަހު ޒިވްޔަންއާ ދަރިފުޅު ގުޅެން ބައްޕައަށް ހުއްދައެއް ނުދެވޭނެ... މިހެން ބުނާއިރުގައި ބައްޕަގެ ދެކެ ދަރިފުޅު ރުޅިވެސް އައިސްދާނެ... އެކަމަކު މިދުވަސް ވެސް ފަސޭހަވެގެން ދާނެ... ޒިވްޔަންއަށް ވުރެ ރަނގަޅު ބައިވެރިޔަކު ދަރިފުޅަށް ލިބޭނެ...'' ސަރުވާގެ ގާތަށް ޖެހިލަމުން އާފާގު ވާހަކަދެއްކިއެވެ. ސަރުވާ އިނީ ހިމޭންކަމެއްގެ ތެރޭގައެވެ. ބައްޕަގެ ވާހަކަތަކުން އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ހަގީގަތަކަށް ވެއްޖެކަން ސަރުވާއަށް ޔަގީންކުރެވުނެވެ. ބައްޕަގެ ރުހުން ދުވަހަކު ވެސް ޒިވްޔަންއަށް ނުލިބޭނެކަމެވެ.
''ދަރިފުޅު ދެރަކުރަން ބައްޕަ ދައްކާ ވާހަކަތަކެއް ނޫން މިއީ... ދަރިފުޅަށް ދެރަގޮތެއް ވާން ބައްޕަ ބޭނުމެއް ނޫން... އެފަދަ ކަމެއް ދަރިފުޅަށް ދިމާވެއްޖެނަމަ ދުވަހަކު ވެސް އަމިއްލަ ނަފުސަށް މައާފެއް ނުކުރެވޭނެ... ސަރުވާ... ބައްޕަ މި ދައްކާ ވާހަކަތައް ދަރިފުޅު ގަބޫލުކުރަންތަ؟...'' އާފާގު ބުންޏެވެ. އޭނާއަށް އެ ވަގުތު ސަރުވާގެ ހިތުގެ އިހުސާސްތަކާ މެދުގައި ވިސްނާނުލެވުނެވެ. އެއަށްވުރެ ބޮޑަށް ސަރުވާގެ މުސްތަގުބަލާ މެދުގައި އޭނާ ހުރީ ބިރުގެންފައެވެ. އޭނާގެ ވާހަކަތަކުން ސަރުވާއަށް މަޖުބޫރުކުރެވެމުން ދިޔަކަން ވެސް ރޭކާނުލިއެވެ.
''ދަރިފުޅާ...'' ސަރުވާގެ ހަމަހިމޭންކަމުން އާފާގު ބިރުގަތެވެ. ''ބައްޕައަށް ޖަވާބުދީބަލަ...''
ސަރުވާއަށް ދެލޯމަރާލެވުނެވެ. ހިތުގެ ލޯތްބާ ދުރަށް ދިއުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. ބައްޕަގެ ނުރުހުމުގައި ލޯބި ހާސިލުކުރަން މަސައްކަތްކޮށްފިނަމަ އޭނާގެ ލޯބިވާ އާއިލާގެ ހަމަޖެހުން ގެއްލިގެން ދާނެއެވެ. ބައްޕަގެ ނަފުރަތާ ކުރިމަތިލާން ވެސް ޖެހިދާނެއެވެ. އެގޮތާ އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟
ގިސްލެވިދާނެތީ ސަރުވާއަށް އޭނާގެ ތިރީ ދުންފަތުގައި ދަތްއަޅާލެވުނެވެ. ލަސްނޭވަތަކެއް ދޫކޮށްލަމުން ނަފުސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ. ހިތުގައި އޭރު ލޭކޮށިގެން ގޮސްފިއެވެ. ޒިވްޔަންގެ ހިތުގައި ނުޖައްސާނެ ކަމަށް ކުރި ވައުދާއި އަހުދުތަކަށް އެވަނީ ފުރަގަސްދޭން ޖެހިފައެވެ. އަލަތު ލޯބިން ހިތް މަހުރޫމުކުރަން ޖެހުނީއެވެ. އެ ވޭން އޭނާއަށް ބަރުދާސްތުކުރެވޭނެ ހެއްޔެވެ؟
''ބައްޕަގެ ނިންމުމާ ގަބުލުވާނަންތަ؟...'' އާފާގުގެ ހިތް ތެޅެމުން ދިޔައެވެ. ''ސަރުވާ...''
''ލައްބަ...'' އަރުބެދެމުން ދިޔަ ހާލުގައި ސަރުވާ ޖަވާބު ދިނެވެ. އެސްފިޔަތަކަށް ބަރުވަމުން ދިޔަ ކަރުނަތައް ފޮހެލަމުން އިސްއުފުލާލިއެވެ.
''ބައްޕަގެ ނިންމުމާ އަޅުގަނޑު ގަބޫލުވާނަން...'' ސަރުވާ ބުންޏެވެ. އާފާގުއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ހިތުގައި އުފެދިގެން އައި ތޫފާނުގެ ސަބަބަބުން، ބައްޕަގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ސިއްރުނުވާނެކަން ރޭކާލުމާއެކު ދިއުމުގެ ހުއްދައަކަށް ސަރުވާ އެދުނެވެ. އާފާގު އަވަހަށް ބޯޖަހާލިއެވެ. މާޔޫސްކަމުގެ ހިޔަނި އެޅިފައިވި ސަރުވާގެ ދެލޯ ފެނުނުކަމުގައި ވިޔަސް، ފަހުން ސަރުވާއަށް ވިސްނޭނެ ކަމުގައި އާފާގު ޔަގީންކުރިއެވެ. ސަރުވާގެ ނިންމުން އެނގުމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ.
ސަރުވާ ގޮސް ކޮޓަރިއަށް ވަނުމާއެކުގައި އާފާގު ސޯފާއިން ތެދުވުނެވެ. ކުރިއަށް ދާން ނެގި ފިޔަވަޅު މަޑު ޖައްސާލެވުނީ ކޮޓަރީގެ ދޮރު ކުރިމަތީ ހުރި ޒުބެއިދާ ފެނުމުންނެވެ. ޒުބެއިދާގެ މޫނުން އާފާގުއަށް ފެނުނު ޝުއޫރުތައް ނަގައިގަންނަން އޭނާއަށް އުނދަގޫވިއެވެ. ހިތާމަޔާއި، އުދާސްކަމުގެ އިތުރުން ރުޅިވެރިކަމުގެ އަސަރުތައް ވެސް އެ ދެލޮލުން އޭނާ ދުށްޓެވެ. ހުއްޓުން އަރާފައި އާފާގުއަށް ހުރެވުނީއެވެ.
''ސަރުވާއަށް މަޖުބޫރުކޮށްގެން އާފާގުގެ ހިތުގެ މުހުތާދު ހާސިލުކުރެވުމުން ނިމުނީތަ؟.... ތިހާ ހިތްނުބައި މީހަކަށް އާފާގު ވީ ކޮން ދުވަހަކުތަ؟...'' ޒުބެއިދާގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. ލޮލުން ފޭބި ކަރުނަ ފޮހެލަމުން އޭނާ ދިޔައީ ސަރުވާގެ ކޮޓަރިއަށެވެ. ތަޅުގައި ހިފާލިއިރުގައި ހުރީ ތަޅުލައިފައެވެ.
''ދަރިފުޅާ... މީ މަންމައޭ... ދޮރު ހުޅުވަބަލަ... ސަރުވާ!'' ޒުބެއިދާ ކަންބޮޑުވާން ފެށިއެވެ. އޭނާ އާދޭސްކުރުމުން ވެސް ސަރުވާ ދޮރެއް ނުހުޅުވިއެވެ. ރުޅިވެރިކަމާއެކުގައި އާފާގުއަށް ޒުބެއިދާ ބަލައިލިއެވެ. ސަރުވާ އުފުލަމުން ދިޔަ ހިތާމައިގެ އިލްޒާމު އާފާގުގެ ބޮލުގައި އެޅުވި ކަހަލައެވެ. އާފާގުއަށް މައާފުނުކުރާނަމޭ ވެސް ބުނެދިނީ އެ ދެލޮލުގައިވި ރުޅިވެރިކަމުންނެވެ.
(ނުނިމޭ)