ވާހަކަ

ކަފަވިލާތަކު ތެރޭ - 9

"ޒައިނާ....."

ގޯތިތެރެ ކުނިކަހައި ސާފުކުރުމުގައި ބުރަކޮށް އުޅެނިކޮށް މައިދައިތަގެ އަޑު ޒައިނާގެ ކަންފަތް ސަމާލު ކުރުވައިފިއެވެ. އަވަސް އަވަހަށް އިލޮށިފަތި ބާއްވާފައި ޒައިނާ ގޭތެރެއާ ދިމާއަށް ހިނގައިގަތެވެ.

ބޮޑުކޮޓަރި ތެރޭ ހުރި އުނދޯލީގައި އިން ފަރީދާ ޒައިނާއަށް ބަލައިލީ ފޫހި ލޮލަކުންނެވެ.

"މިރެއަށް ކައްކާ ގޭގެ ކަންތައް ތަންކޮޅެއް އަވަހަށް ނިންމާތި.... ޒިޔާދުގެ ފޯނެއް ދެންމެ އައި..... މިރޭ އަށެއް ޖަހަންވާ އިރަށް ރަށަށް އާދެވޭނެ ވާހަކަ ބުނީ...."

އެއްވާހަކަ އަނެއް ވާހަކައާ ނުގުޅޭ ގޮތަކަށް ފަރީދާ ބުނެލީ ގަޔާނުވާ ފާޑަކަށެވެ. ޒައިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"އަދި އާނ. ޒިޔާދާ އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަން ޖެހިފަ އޮތީމަ.... އެ ވާހަކަ އޭނާއާ ނުދެއްކެނީސް ޒައިނާއާ އޭނާ ބައްދަލުވެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން..... އޭނަ ގުޅީމަ ނުގޮވީ ވެސް އެހެންވެ..... މިބުނީ ކީކޭކަން އެނގިއްޖެ އެއްނުދޯ؟!"

ފަރީދާ ޒީލަގަދަ އަޑަކުން ޒައިނާއަށް އަމުރުކޮށްލިއެވެ. ކިޔަމަންތެރި ޚާދިމަކު ފަދައިން ބޯޖަހައިލުމާއެކު ޒައިނާ އެތަނުން ދިއުމަށް ހިނގައިގަތެވެ.

މައިދައިތައިގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ގޭތެރޭގެ ހުރިހާ ކަމެއްހެން އިރުއޮއްސެން ވާއިރަށް ޒައިނާ ނިންމިއެވެ. އެންމެ ފަހުގެ ކަމަކަށް ޒައިނާ އޭނާއާއި ޒިޔާދުގެ ކޮޓަރިތެރެ ސާފުކޮށް އެނދުގެ މިލަފޭއްޔާއި ބާލީހުއުރަ ބަދަލުކޮށް ތަންމަތި ރީތި ކުރިއެވެ.

ފަރީދާ އަމުރުކޮށްފައި އޮތް ގޮތުން އޭނާއާ ޒިޔާދަށް ބައްދަލުކުރެވޭނީ ފަރީދާ އެ ބުނާ މުހިންމު ވާހަކައެއް ޒިޔާދާ ދެއްކުމަށްފަހުއެވެ. ފަރީދާ ޒިޔާދާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއް ކަމެއް ޒައިނާއަކަށް ނޭނގެއެވެ. ގައިމުވެސް ގެއަށް އަންނަ ގޮތަށް ޒައިނާ ގާތަށް ޒިޔާދު އައުމަށް ފަރީދާ ހުރަސްއަޅާނެއެވެ. އެ މުހިންމު ވާހަކަވެސް ދައްކާނެއެވެ. ޒިޔާދު އެ ވާހަކަ އަމަލުކުރާނެ ގޮތެއް ނުވަތަ ދޭނެ ޖަވާބެއްވެސް ޒައިނާއަކަށް ނޭނގެއެވެ. އެކަމަކު ޔަގީންވާ އެއްކަމެއް އެބައޮތެވެ.

ފަރީދާ ކޮންމެ ވާހަކައެއް ދެއްކިޔަސް މިރޭ ޒިޔާދު ނިދާނީ މި ކޮޓަރީގައި އޭނާގެ ގާތުގައެވެ. އޭނާއަށް އޭނާގެ ފިރިމީހާ ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ.

*******

ގޭގެ ފުރަގަހު ގޯތިތެރޭގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެ ޒައިނާ ރޭގަނޑުގެ ރީތިކަމަށް ބަލައިލިއެވެ. މިލަ ހަނދުވަރަކީ ވެސް ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ. ތަރިތަކުގެ ދަރުބާރުގައި ރަނިކަން ކުރަމުންދާ ހަނދަކީ އޭނާ ފަދަ ކިތަންމެ ބައެއްގެ އެކުވެރިއެކެވެ. އެތައް ހިތަކަށް ފިނިކަން ހޯދައިދޭނެ އެހީތެރިއެކެވެ.

ޒައިނާ ހަނދުގެ ކައިރިންނާއި ދުރުން އުދުހެމުންދާ ކުދިވިލާތަކާއި ކަފަވިލާތަކަށް ބަލައިލިއެވެ.

ވިލާ އުދުހޭ މަންޒަރު އޭނާއަށް ރީތި މަންޒަރަކަށްވީ ނަޖުމުގެ ސަބަބުންނެވެ. ނަޖުމްއަށް އެންމެ ރީތި އެންމެ ހިތްގައިމު ގުދުރަތީ މަންޒަރަކީ ކަފަވިލާ އުދުހޭ މަންޒަރެވެ. އަބަދުވެސް ކަފަވިލާ އޭނާއަށް ނަޖުމުގެ ހަނދާންތައް އާކޮށްދެއެވެ. މިގޮތަށް އެކަނިވާ ކޮންމެ ވަގުތަކު އޭނާ ނަޖުމް ނެތުމުގެ ފަޅުކަން އިހުސާސް ކުރެއެވެ. އެހެން ނަމަވެސް ނަޖުމްގެ ނަސޭހަތްތަކާއި އަގުހުރި ބަސްތައް އޭނާގެ ބަލިވަމުންދާ ހިތްވަރު އާކޮށްދެއެވެ. ކިތަންމެ ދުރުގައި ހުއްޓަސް ގާތުގައި ނެތަސް ނަޖުމްގެ ހަނދާންތައް އޭނާގެ އުއްމީދުތައް އާކޮށްދެއެވެ.

"އަމުދުން މިރޭ.... އެ ކަފަވިލާތައް އޭނާއަށް މިރޭ ނަޖުމްގެ ހަނދާންތައް މާބޮޑަށް އާކޮށްދެނީއެވެ. މިރޭ"

މިރެއަކީ ބޮޑުރެއެކެވެ. ހާއްސަ ރެއެކެވެ. މިރޭގެ ބާރަ ޖަހަންދެން އޭނާ އިންތިޒާރު ކުރާނެއެވެ. ނަޖުމްގެ އަޑު އެ ގަޑީގައި އިވުމަށް އޭނާ އުއްމީދު ކުރެއެވެ. ކޮންމެ އަހަރެއްގެވެސް މިމަހުގެ މިރޭ އާދައިގެ މަތިން އޭނާ މާޒީގެ ހަނދާންތަކެއް އާކުރާނެއެވެ.

"ޒައިނާ" ހަމަ ވަރަށް ގާތުން ހިތްފުރި މީހާ ތާޒާވާ ފަދަ މީރުވަހެއް ޒައިނާގެ ނޭފަތުގައި ޖެހުމާއެކު އެ އަޑު އޭނާ ސިއްސުވައިލިއެވެ.

"މިތާ ތި އިނީޔޯ؟" ޒައިނާގެ ކޮނޑުގައި އަތް ބާއްވާލުމާއެކު ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ޒިޔާދު އަހައިލިއެވެ.

"މި ފަރާތަށް އަންނަން އެނގުނީ ކިހިނެއް؟" ޒައިނާ ކަންބޮޑުވެއްޖެއެވެ. މި ގަޑީގައި ޒިޔާދު މިތަނަށް އައިސްގެން ނުވާނެއެވެ.

"ގެއަށް ވަންތަނާ މަންމަ ކޮންމެވެސް ވާހަކައެއް ދައްކަން އުޅެގަތީމާ ޒައިނާއަށް ގޮވަން ފެށީ.... ދެތިން ފަހަރު ގޮވިތަނާ އަސްމާކޮއްކޮ ބުނީ... އެހާ ދުވަސްކޮށްފައި ގެއަށް އައިސް އެންމެ ފުރަތަމަ ލޯބިވާ އަނބިމީހާ ދެކިލަން މަވެސް ބޭނުންވާނެއެއްނު"

ޒިޔާދަކީ ލޯބިވާން ދަންނަ ލޯބިދޭންވެސް ދަންނަ ފިރިހެނެކެވެ. ލޯބީގެ މާފޮޅުވަނީ ސޯޅަސަތާރަ އަހަރުގައޭ ބުނާ ވާހަކައަކީ ކިހާ ދޮގު ވާހަކައެއް ހެއްޔެވެ. މި އުމުރަށް ދިޔައީމާ ލޯބީގެ ޅެންކިޔައި ތައުރީފު ނުކުރެއޭ ބުނުމަކީ ކިހާ ބޮޑު ދޮގެއް ހެއްޔެވެ. ގައިމުވެސް ޒިޔާދުގެ އުމުރު ހަގެއް ނޫނެވެ. ސަކަ މިޒާޖަކާއި ހަރުކަމެއް ނެތް އާވާރާކަމެއް ޒިޔާދުގެ ނުހުރެއެވެ.

އެކަމަކުވެސް އަނބިމީހާ އުފާވާ ފަދަ ލޯބިވެތި ބަސްތައް ބުނަން ޒިޔާދު ވަރަށް ރަނގަޅަށް ދަނެއެވެ. ޒިޔާދާ ބައްދަލުވީއްސުރެ މިއަދާ ހަމައަށްވެސް ޒައިނާއަށް ޒިޔާދުގެ ފަރާތުން ނޭދެވޭ އެއްވެސް ކަމެއް ފެނިފައެއް ނެތެވެ. ދުވަހެއްގައިވެސް ރުންކުރު ގޮތަކަށް ވާހަކަ ދެއްކި އަޑެއް ނީވެއެވެ. ރުޅިމޫނު ދައްކައި ރުޅިބަސްތަކެއް ނުބުނެއެވެ. ކަންކަމުގައި އަވަސް އަރުވާލައިގެން ނޫޅެއެވެ. ކޮންމެ ކަމަކަށްވެސް ވަގުތުދެއެވެ. ވިސްނުމެއްނެތި ކަމެއްގެ ގޮތެއް ނުނިންމައެވެ. ނަޖުމް ބުނަނީ ވަރަށް ބޮޑު ތެދެކެވެ.

"ޒިޔާދަކީ އެންމެ ޕާރފެކްޓް ހަޒްބަންޑް" ޒިޔާދާ ބެހޭގޮތުން އަބަދުވެސް ނަޖުމް ބުނެއެވެ.

އެއީ ހަގީގަތުގައިވެސް ގަބޫލުކުރެވޭ ފަދަ ތެދެކެވެ. ޒިޔާދަކީ ހަމަ އެންމެ ފުރިހަމަ ފިރިއެކެވެ. ބޭރުފުށުގެ ސިފަތަކާއި އެއްވަރަށް ހުލްގުވެސް ރީތި ފިރިހެނެކެވެ.

"ކުއްލިއަކަށް މިރޭ ރަށަށް އަންނަން ޖެހުނީ ކީއްވެ؟ ޒިޔާދު ރަށަށް އަންނަން ނިންމާފައި އޮތީ އަންނަ މަހު އެއްނު..." ޒައިނާ އަހައިލިއެވެ.

"މިރޭ – މިރޭ ކޮންމެހެންވެސް ޒައިނާ ގާތު ހުންނަން ބޭނުންވާތީ އައީ..... ކޮންމެ އަހަރެއްގެ ވެސް މިރޭ އަހަރެން ޒައިނާ ގާތުގައި ހުންނަމެއްނު... އަމުދުން މިފަހަރު... ބޮޑު ސަޕްރައިޒް ހަބަރެއްވެސް އޮންނާނެ..."

ޒިޔާދަކީ އޯގާތެރި ފިރިއެކެވެ. ކައިވެނި ކުރުމުގެ ކުރިންވެސް، އޭގެ ފަހުންވެސް ޒިޔާދު ޒައިނާ އުފާވާ ރުހޭ ކަންތަކަށް ހާއްސަކަމެއް ބަހައްޓައެވެ. ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ ސޯޅައަކީ ޒައިނާއަށް ހާއްސަ ތާރީހެކެވެ. ސޯޅަވިލޭރޭ ޒައިނާ ގަވާއިދުން ކުރާކަމެއް އޮވެއެވެ. އެއީ ޒައިނާއަށް ހާއްސަ އުފަލެއް ލިއްބައިދޭ ކަމެކެވެ. ޒިޔާދުގެ ފަރާތުން ޒައިނާއަށް ފެނުނު އެންމެ ރުހެވޭ ސިފައަކީ އޭނާގެ އެފަދަ ކަންތައްތަކަށް ސަމާލުކަން ދިނުމެވެ.

"ހީނލަބަލަ. ތިހާ ދެރަވެފައި އިނީމާ އަހަރެން ކިހާ ދެރަވާނެ"

"ޒައިނާގެ ހިނިތުންވުމަކީ ކިހާ ރީތި ހިނިތުންވުމެއްކަން އަހަރެން ބުނެދޭނީ ކިހިނެއް؟ ޕްލީޒް..."

ޒިޔާދު ޒައިނާގެ މޫނުގައި ފިރުމައިލިއެވެ. ޒިޔާދުގެ ބަދަލެއް ނުވާ ލޯބިވެތި އާދަތަކަކީ ޒައިނާ ފަދަ އަންހެނަކަށްޓަކައި ހުރި ބޮޑު ނަސީބެކެވެ. ހިނިތުންވާން ހަނދާން ނެތިފައި ދުނިޔޭގައި އެކަނިވެފައި ހުރި ޒައިނާއަށްޓަކައި ދުނިޔޭގެ ހުރިހާ ރީތި ކުލަތަކަކާއި އުފަލެއް ހިފައިގެން އައި ޒިޔާދަކީ ލޯބިން ފުރިފައިވާ ހިތެއްގެ ވެރިއެކެވެ. ޒައިނާއަކީ ޒިޔާދު ދުށް އެންމެ ރީތި އަންހެނާއެއް ނޫނެވެ. އެކަމަކުވެސް ޒިޔާދަށް ޒައިނާ އެހެން ހުރިހާ އަންހެނުންނަށްވުރެ ރީތިވީއެވެ.

ޒިޔާދު ބުނާގޮތުންނަމަ ޒައިނާގެ އެތެރެހަށީގައި ފޮރުވިފައިވާ ރިހުންތަކާއި ވޭންތައް ޒިޔާދަށް އިހުސާސް ކޮށްދިނީ ޒައިނާގެ ފޮރުވިފައިވާ ގެއްލިފައިވާ ހިނިތުންވުންތަކުގެ ރީތިކަމާއި ފުރިހަމަކަމެވެ. އެ ރިހުންތައް ނޭނގުނުނަމަ ޒިޔާދަށް ޒައިނާ ރީތި ނުވީހެވެ.

އަދިވެސް ޒިޔާދު ބުނެއެވެ. ޒިޔާދަށް ޒައިނާ ލިބުނީ ނަޖުމްގެ ސަބަބުންނެވެ. ނަޖުމްގެ އެހީތެރިކަން ނުލިބުނުނަމަ ޒައިނާ ހާސިލުކުރުމަށް ފަސޭހައެއް ނުވީހޭ ޒިޔާދު ބުނެއެވެ. ނަޖުމްގެ ހެޔޮކަން ޒިޔާދު އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

"ދޮންބޭ" އެއީ އަސްމާގެ އަޑެވެ. "މަންމަ އެބަ ގޮވާ..."

"މަންމަ އެ ދައްކަން އުޅެނީ ހާދަ ވަރުގަދަ ވާހަކައެކޭ ދޯ؟" ޒިޔާދު ޖޯލިން ތެދުވަމުން ބުނެލިއެވެ.

"އާދޭ ދާން...." ޒިޔާދު ޒައިނާގެ އަތުގައި ހިފައި ތެދުކުރަމުން ބުންޏެވެ،

"އިހަށް ޒިޔާދު ދޭ. މަންމައާ ވާހަކަދައްކައި ނިމެންވާއިރަށް އަހަރެން ދާނަން"

ޒައިނާ ދާކަށް ބޭނުމެއް ނުވިއެވެ. ވާން އުޅެނީ އެހާ ރަނގަޅު ގޮތެއް ނޫންކަން އޭނާއަށް އެނގޭތީ ކަންނޭނގެއެވެ. މިވަގުތު ޒިޔާދާއެކު ގޮސްގެން ނުކުންނާނީ ގޯސް ނަތީޖާއެއްކަން އިހުސާސް ކުރެވޭތީ ކަމަށްވެސް ވެދާނެއެވެ.

"އައްދެ. އަހަރެންވީ ޒައިނާ މިތާނގައި ބައިންދާފައި ދާންތަ؟ ތީ ހާދަ ހެއްވާ ގޮތެކޭ" ޒިޔާދު ދެކޮޅު ހެދިއެވެ.

"އެކަމަކު. މަންމަ...." ޒައިނާ އުޒުރު ދައްކަން މަސައްކަތް ކުރިއެވެ.

"ކަނބުލޯ. މަންމަ ދައްކާ އެއްވެސް ވާހަކައެއް ކަނބުލޮއަށް ނާންގައި ސިއްރުކޮށްފައި ނުބާއްވަން... ވީއިރު އަހަރެން ކަނބުލޮ ގޮވައިގެން މަންމަ އެ ދައްކާ ވާހަކައެއް އަޑު އެހުމުގެ މައަސަލައަކީ ކޮބާ؟"

ޒިޔާދު ގޮތް ދޫކޮށްލާފައި އެތަނުގައި ޒައިނާ ބަހައްޓާފައި ދާކަށް ގަސްދެއް ނުކުރިއެވެ.

"މަންމަ ކޮބާ؟"

ގޭގެ މައި ގޭތެރޭގައި ފަރީދާ ނެތުމުން ޒިޔާދު ސުވާލު ކުރިއެވެ. އަސްމާ އަތުގެ އިޝާރާތުން ދެއްކީ އެތެރެ ގޭތެރޭގައި ހުންނަ ފަރީދާ ކޮޓަރިއެވެ. ކިތަންމެ އަނގަގަދަ ކުއްޖަކަށް ވިޔަސް މިރޭ އަސްމާ އިނީ ވަރަށް ހިމޭން ވެފައެވެ. ގޭތެރޭގައި ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭހެން ހީވާތީ ކަމަށްވެސް ވެދާނެއެވެ.

ޒިޔާދު އެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ޒައިނާގެ އަތުގައި ހިފައިގެންނެވެ. މި މަންޒަރު ފެނިފައި ތިން އަހަރުގެ އަންހެން ދަރިފުޅަށް ކާންދޭން އިން އަޒްލިފާ މޫނު ކުނިކޮށްލިއެވެ. އެ ތަން ޒައިނާއަށް ފެނުންވެސް މެއެވެ. އެހެންނަމަވެސް ޒިޔާދުގެ އަތް ދުރުކޮށްލާފައި ނުދާނަމޭ ބުނާކަށް ޒައިނާއަކަށް ނުކެރުނެވެ.

"މަންމާ...."

ކޮޓަރި ތެރެއަށް ވަންނަމުން ޒިޔާދު ގޮވައިލިއެވެ. ބޮޑު އެނދުގައި އިން ފަރީދާ ނުރުހުންތެރި ނަޒަރަކުން ބަލައިލީ ޒިޔާދުގެ އެއްފަރާތުގައި ހުރި ޒައިނާއަށެވެ.

"މަންމަ މާބޮޑު ކޮން ވާހަކައެއް ދައްކަން ތިއުޅެނީ؟"

ވަރަށް ހަމަޖެހިލާފައި އިށީނުމަށް ޒައިނާއަށް ގޮނޑިއެއް ދެއްކުމަށްފަހު ޒިޔާދު ފަރީދާގެ ގާތުގައި އިށީނެވެ.

"މަންމަ ބޭނުންވަނީ ދަރިފުޅާ ވަކިން ވާހަކަ ދައްކަން"

ފަރީދާ، ޖެހިލުންވެފައި ގޮނޑީގައި އިށީންނަމުން އިސްޖަހައިލީ ޒައިނާއަށް ފޫހި ގޮތަކަށް ބަލައިލުމާއެކު ބުންޏެވެ.

"މިތާކު ދުރު މީހެއް ނެތެއްނު. އިނީ މަގޭ އަންހެނުން. އެއީ މަންމަގެވެސް ދަރިއެއްނު" އެއްވެސް ހާސްކަމެއްނެތި ޒިޔާދު ބުންޏެވެ.

"ދުވަހެއްގައިވެސް އެއީ މަގޭ ދަރިއެއްކަމަށް ގަބޫލެއް ނުކުރެވޭނެ"

ފަރީދާގެ އަޑުގައި ހުރީ ނަފްރަތެވެ. "އެނގިހުރެ މަގޭ ފިރިހެން ދަރިފުޅު އެ ވަރުގެ އަންހެނަކާ ނީންނާނެކަން މަށަށް ޔަގީން. ވަރަށް ގޮތެއް ނެތް އަންހެނެއް. މަކަރުވެރި ހީލަތްތެރި"

"މަންމާ" ޒިޔާދު މަންމަގެ ވާހަކަ މެދުކަނޑައިލިއެވެ.

"އެއްވެސް ސަބަބެއް ނެތި ޒައިނާއާ ދިމާއަށް ތިގޮތަށް ބަސްބުނަންވީ ކީއްވެ؟"

"ސަބަބެއް ނެތިއޭ؟!" ފަރީދާ ދެލޯ ބޮޑުކޮށްލިއެވެ.

"އެހެން ނުކިޔަންވީ ކީއްވެ؟ ދަޅަ ދައްކައިގެން ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީމަވެސް މަންމަ ހިމޭނުން އިންނަންވީތަ؟"

"މަންމަ ތި ކިޔާއެއްޗެއް ނުވިސްނުނު!" ޒިޔާދު އާދައިގެ ގޮތަކަށް ބުނެލިއެވެ.

"ދަރިފުޅަށް ޒައިނާ އެނގެނީ ކިހާވަރަކަށް؟"

"ވަރަށް ރަނގަޅަށް އެނގޭ. ޒައިނާގެ މާޒީގައި އަހަންނަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ. ފަނަރަ އަހަރު ކުރިން ލަންކާގެ ހޮސްޕިޓަލެއްގައި ޒައިނާގެ ދަރިފުޅު މަރުވިކަމާ، އޭގެ ދެތިން ދުވަސްފަހުން ހިނގި އެކްސިޑިޓެންޓެއްގައި ޒައިނާގެ އޭރުގެ ފިރިމީހާ މަރުވިކަންވެސް އެނގޭ. އިތުރަށް ޒައިނާއާ ބެހޭގޮތުން އެނގެންޖެހޭ ކަމެއް އޮތްހެނެއް ހިއެއް ނުވޭ"

ފަރީދާގެ އެ ސުވާލަށް ޖަވާބުދޭން މާކުރިއްސުރެ ޒިޔާދު ތައްޔާރުވެފައިވާ ކަހަލައެވެ.

"ދޮންބެއަށް ނޭނގޭ އެއްޗެއް ބުނެދެންތަ؟"

ކޮޓަރީގެ ދޮރުހުޅުވައިލަމުން އެތެރެއަށްވަން ނަތާޝާ ބާރަށް ބުނެލިއެވެ.

"އޭނަގެ ދަރިފުޅާއި ފިރިމީހާ މަރުވީއެއް ނޫން. މަރައިލީ. ކީއްވެގެންކަން އެނގޭތަ؟ އަންހެނަކަށްޓަކައި"

(ނުނިމޭ)