ޕާޓީން އާފާގުއާ ދިމާވުމަށްފަހު ޒުބެއިދާގެ ހިތުން ހާއްސަ މަގާމެއް ދެވުނުކަން ގައިމެވެ. އެ ބައްދަލުވުން އޭނާގެ ސިކުނޑީގައި ރަން އަކުރުން ލިޔެވިގެން ގޮސްފިއެވެ. އާފާގުގެ ހިޔާލުތަކުން އޭނާގެ ތުންފަތަށް ހިނިތުންވުން ގެނުވައެވެ. އެ ސޫރަ އަބަދުމެ އޭނާގެ ހަނދާންތަކުގައި ރަސްކަން ކުރަން ފެށިއެވެ. އެ ފިރިހެންވަންތަ ހިނިތުންވުމާއި އޭނާއަށް ދިން ހާއްސަ ބެލުންތައް އަދިވެސް ސިފަކުރެވެއެވެ. އެއިން ކޮންމެ ފަހަރަކު ޒުބެއިދާގެ ހިތުގެ ތެޅުން އަވަސްވެގެން ދެއެވެ. ދެވަނަ ފަހަރަށް އާފާގުއާ ބައްދަލުވުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. ނަމަވެސް ހިތަށް މާޔޫސްކަން ލިބިގެން ދިޔައީ އާފާގުއާ ބައްދަލުކުރަން ހަދަންވީ ގޮތެއް ނޭނގުމުންނެވެ. ހިތުގެ ހާލާއިގެން ކުލްޘޫމާގެ ގާތަށް ދާން ވެސް ފަސްޖެހެވުނެވެ. ކުލްޘޫމާ އޭނާއާ ދިމާކޮށްފާނެތީއެވެ. ފިރިހެނަކު އޭނާއަށް ހާއްސަވީ މިއީ ފުރަތަމަ ފަހަރުކަމުން ހިތަށް އަންނަމުން ދިޔަ ބަދަލުތަކުން ހިސާބެއްގެ ނުތަނަވަސްކަމެއް ލިބުނެވެ.
ބޭގަރާރުވެފައިވި ޒުބެއިދާގެ ހިތަށް ރާހަތެއް ގެނުވީ ފަޅު ރަށަކަށް ދަތުރު ދިއުމަށް ރައްޓެހިންނާއެކުގައި ކުލްޘޫމާ ދަތުރު ރޭވި ހިސާބުންނެވެ. އެ ދަތުރުގައި ދެވަނަ ފަހަރަށް އާފާގުއާ ބައްދަލުކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. ހަމައެއާއެކު އާފާގުއާ ދެމެދު އޮތް ގުޅުން ވެސް އިތުރަށް ބަދަހިވިއެވެ. ޒުބެއިދާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އާފާގުގެ ހިތްހެޔޮކަމުން އިތުރަށް އެ ހިތް ލަންބުވާލައިފިއެވެ. ނޭނގި ހުއްޓައި އޭނާއަށް އާފާގު ދެކެ ލޯބި ވެވިއްޖެއެވެ. ހިތުގެ ހާލު ފުރަތަމަ ވެސް ޒުބެއިދާ ކިޔައިދިނީ ކުލްޘޫމާ އަށެވެ. އެންމެ ގާތް އެކުވެރިޔާގެ ހިޔާލަކަށް ވެސް އެދެވުނެވެ.
ކުލްޘޫމާގެ ފަރާތުން ފެނުނު ހިމޭންކަމުން ޒުބެއިދާއަށް ލިބުނީ ހައިރާންކަމެވެ. ކުލްޘޫމާގެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓައި އޭނާއަށް ފަނޑު ހިނިތުންވުމެއް ކުލްޘޫމާ ދިނެވެ.
''ހީ އިޒް އެ ގުޑް ޕާސަން...'' ކުލްޘޫމާ ބުންޏެވެ.
''އަހަރެން ބޭނުން މި އިހުސާސްތައް އާފާގުއާ ހިއްސާކުރަން...'' ކުލްޘޫމާގެ އަތުގައި ޒުބެއިދާއަށް ހިފާލެވުނެވެ. އިރުކޮޅެއް ވަންދެން ޒުބެއިދާގެ މޫނަށް ބަލަން އިނދެފައި ކުލްޘޫމާ ވާހަކަދައްކަން ފެށިއެވެ.
''އަދި މާ އަވަހެއް ނޫންތަ؟... ދުވަސްކޮޅެއް ދިނީމައެއްނު އާފާގުގެ ހިތުގައި އޮތް އެއްޗެއް ވެސް އެނގޭނީ...'' ކުލްޘޫމާ ހިޔާލު ދިނެވެ.
''ތިވެސް ރަނގަޅު ވާހަކައެއް... ކުލް، އާފާގުއަށް އަހަރެން ކަމުދާނެތަ؟...'' ޒުބެއިދާއަށް އަހާލެވުނެވެ. އެ ދެލޮލުގައި އުއްމީދުގެ އޮއިވަރު ވިއެވެ.
''އެހެން މީހުންގެ ހިތުގައިވާ އެއްޗެއް ދެނެގަންނާނީ ކިހިނެއްތަ؟... އޭނާއަށް ޒުބޭ ކަމުދަންޏާ ހާމަކުރާނެ... އެ ދުވަހަކަށް މަޑުކޮށްލަމާ...'' ކުލްޘޫމާ ބުންޏެވެ. ޒުބެއިދާގެ ސުވާލަށް ޖަވާބު ދެމުން، އޭނާ ޒުބެއިދާއާ ނަޒަރު ވަކިކޮށްލިއެވެ. ފުންނޭވާއެއް ވެސް ދޫކޮށްލިއެވެ.
''ހެހެހެ... އަހަރެން ވެސް ކެތްތެރިކަން ކުޑަވީމަ މިހެން މި އަހާލެވުނީ... ކުލް ބުނިހެން އާފާގުގެ އިޝާރާތަކަށް އިންތިޒާރުކުރާނީ...'' ޒުބެއިދާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި މިހާރު ޖަހަމުން ދަނީ މުޅިން ތަފާތު ވިންދެކެވެ. ހިތުގައި ވަނީ އުފާވެރިކަމުގެ ރާހަތެވެ. މުޅިން ތަފާތު އާލަމެއްގައި އުޅެވޭ ކަހަލައެވެ. ހިނދުކޮޅަކަށް ވެސް އާފާގުގެ ހިޔާލުތައް އޭނާއާ ވަކިނުވެއެވެ. ބަނދެވެމުން ދިޔަ އިހުސާސްތަކުގެ ސަބަބުން ކުލްޘޫމާއަށް ވެރިވި ހިމޭންކަން ވެސް ޒުބެއިދާއަށް ނަގައިނުގަނެވުނެވެ. ދެ އެކުވެރިންގެ ދެމެދަށް ނުތަނަވަސްކަން ވެރިވެގެން ގޮސްފިކަމެވެ.
*****
ޗުއްޓީ ނިމި ފުރަން ޖެހޭ ދުވަސް ކައިރިވެފައި ވަނިކޮށް އެ ހިތުގެ ހާލު އާފާގު ހާމަކުރިއެވެ. ކަންފަތަށް އަޑު އިވުނު ބަސްތަކުން ޒުބެއިދާ ހުއްޓުން އެރިއެވެ. އޭރު ބާރުބާރަށް އެ ހިތް ތެޅެން ފަށައިފިއެވެ. ނޭވާ ވެސް ކުރުވިއްޖެކަމުގެ އިހުސާސްކުރެވުނެވެ.
''ޒުބޭ...'' ޒުބެއިދާއަށް އައި ބަދަލުތަކުން އާފާގު ކަންބޮޑުވެއްޖެއެވެ. އޭނާއަށް ވަގުތުން ޒުބެއިދާގެ އަތުގައި ހިފާލެވުނެވެ. ދެ ޒުވާނުން ތިބީ އާޓިފިޝަލް ބީޗްގައެވެ. އޭރު އިރުއޮއްސި ދުނިޔެ މައްޗަށް ރޭގަނޑުގެ ސައިލު ފަތުރާލައިފިއެވެ.
''ޒުބޭ...'' އަނެއްކާވެސް އާފާގުއަށް ގޮވާލެވުނެވެ. ޒުބެއިދާގެ ހިމޭންކަމުން އޭނާގެ ހިތަށް މާޔޫސްކަން ވެރިވެއްޖެއެވެ. އޭނާއަށް ޒުބެއިދާގެ އިހުސާސްތައް ދެނެގަތުމުގައި ގޯހެއް ހެދުނީ ބާވައޭ ވެސް ހިތަށް އެރިއެވެ. އެންމެ ބޮޑަށް ހާސްވީ ކުރެވުނުކަމަކުން އެ ދެމެދުގައި އޮތް އެކުވެރިކަމަށް ވެސް ނިމުން އަތުވެދާނެތީއެވެ. ރިހުމެއްގެ އަސަރު ވެސް އޭރު ހިތުގައި އުފެދިއްޖެއެވެ.
''އައިމް ސޮރީ...'' އާފާގުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މޮޅިވެރިކަން އޭނާގެ އަޑުގައި ވިއެވެ. ޒުބެއިދާއާ ނަޒަރު ވަކިކޮށްލަމުން ފުންނޭވާއެއް ވެސް ދޫކޮށްލައިފިއެވެ. ހަމަހޭވެރިކަން ޒުބެއިދާއަށް ވީ ދެނެވެ. އާފާގުގެ މޫނު މިލައިގެން ގޮސްފައިވުމުން ޒުބެއިދާއަށް ގޮވާލެވުނެވެ. ދެ ހިތުގައި ވެސް ވިންދު ޖަހަމުން ދިޔައީ އެއް އިހުސާސެއް ކަމުގައި ބުނެދިނެވެ. އުފަލާއިއެކުގައި އާފާގުގެ ލޯބި ޒުބެއިދާ ގަބޫލުކުރިއެވެ.
އާފާގުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒުބެއިދާއާ ހަތަރުކަޅި ހަމަކޮށްލަމުން ޒުބެއިދާގެ އަތްތިލައަށް އޭނާ ބޮސްދިނެވެ. ޒުބެއިދާއަށް ލަދުރަކި ހިނިތުންވުމެއް ދެވުނެވެ. ލިބިފައިވި އުފާވެރިކަން ޒުބެއިދާގެ މޫނުން ހާމަކޮށްދިނެވެ. ހުޅުވަފައިވި ފޮތެއްގެ އުސޫލުން އެ ހިތް އާފާގުއަށް ދަސްކުރެވުނެވެ. ފުރަތަމަ ލޯބި ކާމިޔާބު ކުރެވިއްޖެކަމުގެ ފޮނިކަން އިހުސާސްކުރެވުނެވެ.
*****
އާފާގު ފުރައިގެން ދިއުމުން ޒުބެއިދާގެ ހިތަށް މޮޅިވެރިކަން ލިބުނެވެ. ނަމަވެސް ދިއުމުގެ ކުރިން އާފާގު އޭނާ ގާތު ކުރި ވައުދާއި އަހަދުތަކަށް އޭނާ އިތުބާރުކުރިއެވެ. ދުރުގައި ވިޔަސް އެ ހިތަކީ ޒުބެއިދާގެ މިލްކެއްކަމުގައި ބުނެދިނެވެ. ވައުދާއި އަހަދުތަކުގައި ދެ ހިތް ވެސް އެކުގައި ގުޅައިލެވުނެވެ. ލޯބީގެ އާލަމުގައި ފިޔަޖަހަމުން ދެވުނު ހިނދުގައި ކުލްޘޫމާއާ ދެމެދު އޮތް އެކުވެރިކަން ހީނަރުވާން ފަށައިފިކަން ވެސް ރޭކާނުލިއެވެ. ދެ އެކުވެރިންގެ ދެމެދަށް ދުރުކަމެއް އައިސްފިކަމުގެ ހިލަމެއް ފުރަތަމަ ފަހަރަށް ކުރެވުނީ ފުރައިގެން ދިޔަތާ އެތައް ދުވަހެއްވި އިރުގައި ވެސް ކުލްޘޫމާގެ ހަބަރެއް ނުވުމުންނެވެ. ކުރިން އަބަދުމެ ވާހަކަތައް ބަދަލުކުރެވުނު ކަމުގައި ވިޔަސް ފަޅުކަމެއް އައިސްފިކަން ގައިމެވެ. ކުލްޘޫމާގެ ފަރާތުން ދެން އަބަދު އިވެން ފެށީ އެއް ވާހަކައެކެވެ. ކިޔެވުމުގައި ބުރަކޮށް އުޅެމުން ވަގުތު ނުވާކަމެވެ. އެ ވާހަކަތައް ޒުބެއިދާ ގަބޫލުކުރިއެވެ. އަދި ކުލްޘޫމާއަށް ވަގުތު ދިނެވެ.
*****
އާފާގުއާއި ޒުބެއިދާގެ ގުޅުމަށް އަހަރެއްވެގެން ދިޔަ ތަނާ ޒުބެއިދާއާ ކައިވެނިކުރަން ބޭނުން ކަމުގައި އާފާގު ހާމަކުރިއެވެ. އޭރު ދެ ފަރާތުގެ އާއިލާ ވެސް ބައްދަލުކޮށްފިއެވެ. އުއްމީދުކުރި ފަދަ މުއްސަނދި އާއިލާއަކަށް ނުވިކަމުގައި ވިޔަސް ދަރިފުޅުގެ އުފަލަށްޓަކައި އާފާގުގެ މަންމަ އެ ކައިވެންޏަށް ރުހުން ދިނެވެ. އެއީ އާފާގުއަށް ހަމަޖެހުން ގެެނެސްދިން ކަމެކެވެ. ކައިވެންޏާ މެދުގައި މަޝްވަރާ ކުރެވެމުން ދިޔައިރުގައި ކުލްޘޫމާ އޭނާއާ ދުރުވެއްޖެކަމުގެ އިހުސާސް ޒުބެއިދާއަށް ކުރެވުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
ކައިވެނީގެ މަޝްވަރާތަކުގައި ވެސް ބައިވެރި ނުވާން ކުލްޘޫމާ ބަހަނާތައް ދައްކަން ފެށުމުން ޒުބެއިދާއަށް ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. އެއާއެކުގައި އޭނާގެ ހިތަށް ލިބުނީ ނުތަނަވަސްކަމެވެ. ފާއިތުވި ހުރިހާ ދުވަހަކާ މެދުގައި ފުންކޮށް އޭނާއަށް ވިސްނުން ހިންގާލެވުނެވެ. އާފާގުގެ ވާހަކަ ކުލްޘޫމާ ގާތު ބުނި ފުރަތަމަ ދުވަހު ފެނުނު ހިމޭންކަމެވެ. އެއާއެކު ޒުބެއިދާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ތަފާތު ހިޔާލުތައް ސިކުނޑިއަށް ވެރިވާން ފަށައިފިއެވެ. ހިތުގެ ސުވާލުތަކުގެ ޖަވާބު ހޯދާނެ ގޮތެއް ވެސް ނޭނގި އިތުރު ހާސްކަމެއް މެނުވީ ނުލިބުނެވެ.
''ހާދަ ފިކުރު ބޮޑުވެފަހެން ހީވެޔޭ...'' އިވިގެން ދިޔައީ އާފާގުގެ އަޑެވެ. ދެ ޒުވާނުން ތިބީ ރެސްޓޯރެންޓެއްގައެވެ.
''ނަތިންގް...'' އާފާގުއަށް ބަލައިލަމުން ޒުބެއިދާ ދެފަރާތަށް ބޯހޫރާލިއެވެ.
''ޤަބޫލެއް ނުކުރެވޭ... ޒުބޭއަށް ބަދަލެއް އައިސްފިކަން ޔަގީން...'' މޭޒުމަތީގައި އޮތް ޒުބެއިދާގެ އަތުގައި އާފާގު ހިފާލިއެވެ. އިރުކޮޅެއް ވަންދެން އާފާގުގެ މޫނަށް ބަލަން ޒުބެއިދާ އިނެވެ. ދެ ހިޔާލެއްގެ މަތީގައިވާ ފަދައަކުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
''ދެން ބުނެބަލަ... އަހަރެން މިހުރީ އަޑުއަހަންށޭ...'' އާފާގު ބުންޏެވެ. ޒުބެއިދާގެ ހިތުގެ އުދާސްކަމުގެ ފަހަތުގައިވާ ސަބަބު އެނގެން އޭނާ ބޭނުން ވިއެވެ. މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްދެވޭނީ ވެސް އޭރުންނެވެ. ޒުބެއިދާ ކަންބޮޑުވެފައި ހުންނަ މަންޒަރު ދެކެން އޭނާގެ ހިތަށް ފަސޭހައެއް ވެސް ނޫނެވެ.
''ކުލްއަށް ބަދަލުތަކެއް އައިސްފިކަން ފާހަގަ ނުވޭތަ؟...'' ޒުބެއިދާއަށް އަހާލެވުނެވެ. އާފާގުއަށް ލިބުނީ ހައިރާންކަމެވެ.
''ކީއްވެ ތިހެން ތި އެހީ؟...'' އާފާގުއަށް ވެސް ސުވާލުކޮށްލެވުނެވެ.
''ނޭނގޭ... ކުރިއަށްވުރެ އަހަންނާ ދުރުވެއްޖެހެން ހީވަނީ...'' ޒުބެއިދާއަށް ބުނެވުނެވެ. އޭނާއަށް އިނދެވުނީ ފިކުރަކަށް ގެއްލިފައެވެ.
''އެއްކަލަ ޒުބޭ... ކަންތަކާ މެދު މާބޮޑަށް ވިސްނާތީއޭ ތިހެން ހީވަނީ... އަހަންނަށް ކުލްގެ ފަރާތުން އެއްވެސް ބަދަލެއް ފާހަގަ ނުކުރެވޭ...'' އާފާގު ބުނެލިއެވެ. އެ ޖުމްލައިން ވެސް ޒުބެއިދާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކުލްޘޫމާ ބަދަލުވެއްޖެކަން ގައިމެވެ. ކުރިން ފެންނަ ގާތްކަމެއް ވެސް މިހާރަކު ނުފެނެއެވެ. އަބަދު އޭނާއާ ބައްދަލުކުރަން ބޭނުންވާ އެކުވެރިޔާގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. ގިނަ ފަހަރު ކުލްޘޫމާއަށް ގުޅަން ޖެހެނީ ވެސް އޭނާއެވެ. ވިސްނެމުން ދިޔަ ވަރަކަށް ޒުބެއިދާގެ ހިތުގެ ހަމަޖެހުން ގެއްލެން ފެށިއެވެ.
''ދެން މާބޮޑަށް ނުވިސްނަބަލަ... އެނގޭތަ؟، ކުލްއާ މެދު އަހަރެން ބައެއް ފަހަރު ޖެލެސްވޭ... އަހަންނަށްވުރެ ބޮޑަށް ޒުބޭ ސަމާލުކަން ކުލްއަށް ދޭހެން ހީވޭ...'' އާފާގު ދެރަވެފައި ބުނެލިއެވެ. އާފާގު މޫނަށް ބަލައިލި ޒުބެއިދާ ހިތުގެ ނުތަނަވަސްކަމާ ދުރުވެލަން ހިނިތުންވެލިއެވެ. އެކަމުގެ ނޭދެވޭ އަސަރު އޭނާއާއި އާފަގުގެ ގުޅުމަށް އެޅިގެން ދާން ބޭނުމެއް ނުވިއެވެ.
''ހެހެހެ... ދައްކާ ވާހަކަ... މި ހިތުގައި ވާ ހަމައެކަނި ނަމަކީ ތީ...'' ޒުބެއިދާ ހިނިތުންވެލިކަމުގައި ވިޔަސް ސިކުނޑީގެ ކަނެއްގައި ކުލްޘޫމާގެ ހިޔާލުތައް ވިއެވެ.
*****
ރޭގަނޑުގެ ކެއުން ނިންމާލާފައި ސައިކަލު ދުއްވާލަން އާފާގު ދިޔައެވެ. އާފާގުގެ ވާހަކަތަކުގައި ބައިވެރިވާން ޒުބެއިދާ މަސައްކަތް ކުރިއެވެ. އޭނާއާ މެދު ވިސްނައި، އާފާގު ކަންބޮޑުވެދާނެތީ ހިތުގެ އިހުސާސްތައް ވެސް ސިއްރުކުރަން މަސައްކަތްކުރިއެވެ.
''މި އާދެވުނީ...'' ސައިކަލު ޕާކުކޮށްލަމުން އާފާގު ބުނެލިއެވެ. ޒުބެއިދާގެ ފަހަތުން އާފާގު ވެސް ސައިކަލުން ފޭބިއެވެ. އަދި ޒުބެއިދާގެ އަތުގައި ހިފާލަމުން ގެއާ ހަމައަށް ލައިދޭން ހިނގައިގަތެވެ. އާފާގުގެ ފަރާތުން އެންމެ ބޮޑަށް ހިމާޔަތާއި ރައްކާތެރިކަން އިހުސާސްކުރެވެނީ އެފަދަ ދަނޑިވަޅުގައެވެ. ހަމައެއާއެކު އެ ހިތުގައި އޮތް ލޯބި ވެސް ހާމަވެގެން ދެއެވެ.
ތައުމީމްގެ ފަރާތުން ވެސް މިދުވަސްކޮޅު އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. އޭނާއާ އެކުގައި އާފާގު ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ތައުމީމްގެ އާދަތަކަށް ބަދަލު އަތުވެއްޖެއެވެ. ފާޑަކަށް ބަލަހައްޓައިގެން ހުރުން މެނުވީ އިތުރު ކަމެއް ވެސް ނުކުރެއެވެ. ތައުމީމްއަށް ދުވަހަކު ވެސް ފުރުސަތެއް ނުލިބޭނެކަން ވިސްނުނީކަމުގައި ޒުބެއިދާ ޔަގީންކުރިއެވެ. ތައުމީމްގެ ފަރާތުން ކުރިން ދިމާވި އުނދަގޫތައް ވެސް ސިއްރުކުރީ އެހެންވެގެންނެވެ.
ސިނގިރޭޓްގެ ވަހުން މުޅިތަން އޮތީ އެއްވަސްކޮށްލައިފައެވެ. ގޯޅިގަނޑުގައި ތިބި ގްރޫޕް މީހުން ފެނުމުން އާފާގުގެ މޫނަށް ނުރުހުމުގެ ކުލަވަރު ވެސް ވެރިވެގެން ދިޔައެވެ. ޒުބެއިދާގެ އަތުގައި ހިފައި ކައިރިކޮށްލަމުން ރައްކާތެރިކަން ދިނެވެ. އެހެން ތަނަކަށް ބަދަލުވާން ވެސް އާފާގު އޮތީ ހިޔާލު ދީފައެވެ. ތައުމީމްއާ މެދުގައި އޮތް ކަންބޮޑުވުންތައް ވެސް އާފާގު ހިއްސާކުރިއެވެ. އާފާގުގެ ނަސޭހަތުގައި ހިފަމުން އެހެން އެޕާޓްމެންޓަކަށް ބަދަލުވާން ވެސް ޒުބެއިދާ އޮތީ އެއްބަސްވެފައެވެ.
އެޕާޓްމެންޓާ ހަމައަށް ޒުބެއިދާ ގެންގޮސްދެމުން ވަދާއުގެ ސަލާން އާފާގު ބަދަލުކޮށްލިއެވެ. އާފަގުއަށް ހިނިތުންވެލަމުން ޒުބެއިދާ އެޕާޓްމެންޓްގެ ދޮރު ލެއްޕިއެވެ. އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ދާން އާފާގު އެނބުރުލިއެވެ. ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން ތިރިއަށް ފޭބި އިރުގައި، މައި ދޮރު ކައިރީގައި ހުއްޓި ހުރި ތައުމީމް ފެނިއްޖެއެވެ. ނުރުހުމުގެ އަސަރު އާފާގު މޫނަށް ވެރިވިއެވެ. ތައުމީމް ވެސް ބަލައިލީ ފާޑަކަށެވެ. ބަހެއް ބުނުމެއް ނެތި އާފާގު ނިކުމެގެން ދިޔަ ދިމާއަށް ބަލަން ހުރި ތައުމީމް އޭނާގެ ތުނބުގައި އޮތް ސިނގިރޭޓް އަތަށް ބޮނޑިކޮށްލީ އައި ރުޅީގައެވެ.
''ބްރޯގެ މަންޖެ ގެއްލުނީދޯ؟...'' ގްރޫޕް މީހަކު ބުނެލުމާއެކުގައި ތައުމީމް ގޮށްމުށުގެ ހޫނު ބޮނޑިއެއް އެ ޒުވާނާގެ މޫނަށް އަމާޒުކޮށްލިއެވެ. އެއާއެކުގައި މާހައުލަށް ވެރިވީ ހިމޭންކަމެވެ. ތައުމީމްގެ ރުޅި އެންމެނަށް ދޭހަކުރެވުނީ ކަންނޭނގެއެވެ.
*****
ހިތުގެ ސުވާލުތަކުގެ ޖަވާބު ހޯދަން އެންމެފަހުން ކުލްޘޫމާގެ ގާތަށް ދާން ޒުބެއިދާ ނިންމިއެވެ. އޭރު މީހާގެ ހަމަޖެހުން ވެސް ގެއްލިއްޖެއެވެ. ކުލްޘޫމާއަށް އެންގުމެއް ނެތި އެ ގެއަށް ޒުބެއިދާ ދިޔައީ ބައްދަލުކުރަން ކުލްޘޫމާ ދެކޮޅު ހަދާފާނެތީއެވެ.
''އަހާނ... ޒުބޭ!...'' ބޮޑުކޮޓަރީގައި ޓީވީ ބަލަން އިން ފާއިޒާއަށް އެތެރެއަށް ވަން ޒުބެއިދާ ފެނުމާއެކުގައި ގޮވާލިއެވެ. ޒުބެއިދާ ހިނިތުންވެލިއެވެ.
''ކިހިނެއްތަ؟... މިހާރު ހާދަ ނުފެނެޔޭ... މައިމޫނާ ބުނި ދަރިފުޅުގެ ކައިވެނި ވެސް ހަމަޖެހުނު ވާހަކަ... މިފަހަރު އާފާގު ފުރުމުގެ ކުރިން ކައިވެނި ކުރަން ތާރިހު ކަނޑައެޅުނު ވާހަކަ ވެސް... ދެން އާފާގުގެ ކޯސް ނިމެންދެން ދަރިފުޅު ވެސް އެކޮޅަށް ބަދަލުވާނީތާ، އޭރުން ކުލް ވެސް ދެން ފޫއްސެއް ނުވާނެ...'' ސޯފާގައި އައިސް ޒުބެއިދާ އިށީނުމުން ފަޒީލާ ވާހަކަދެއްކިއެވެ. އެ ވާހަކަތަކަށް ޒުބެއިދާ ހިނިތުންވެލީއެވެ.
''ކުލް ކޮބާތަ؟...'' ޒުބެއިދާ އަހައިލިއެވެ.
''ހަވީރު ސައި ނިންމާލި ގޮތަށް ބަގީޗާއަށް ނިކުތީ... ދޭބަލަ އެކޮޅަށް...'' ފާއިޒާ ބުނުމާއެކުގައި ޒުބެއިދާ ކޮޅަށް ތެދުވުނެވެ. ޝުކުރުގެ ހިނިތުންވުމެއް ދެމުން އޭނަ މިސްރާބު ޖެހީ ގޭގެ ފަހަތުގައި އޮތްނަ ބަގީޗާ އަށެވެ. ބަގީޗާއަށް ނިކުމެވުމާއެކުގައި އުނދޯލީގައި އެކަނި އިން ކުލްޘޫމާ ފެނިއްޖެއެވެ.
''ކުލް...'' ޒުބެއިދާ ގޮވާލިއެވެ.
''ޒުބޭ؟...'' ސިހުމުގެ އަސަރާއެކުގައި ކުލްޘޫމާ ބުންޏެވެ. އެހެންޏާ ޒުބެއިދާ ފެނުމުން ތުންފަތަށް ވެރިވާ ހިނިތުންވުމުގެ އަސަރެއް ނުވެއެވެ. އެކަން ވެސް ޒުބެއިދާއަށް ފާހަގަވިއެވެ.
''ހާދަ އެކަނިވެފަ...'' ޒުބެއިދާ ގޮސް އުނދޯލީގައި އިށީނެވެ. ކުލްޘޫމާ ދުރަށް ޖެހިލިއެވެ. ދެމެދުގައި އޮތް ހުސްޖާގައަށް ޒުބެއިދާއަށް ބަލަން އިނދެވުނެވެ.
''ކީއްކުރަން ތިއައީ؟...'' ކުލްޘޫމާ ބުނެލިއެވެ. ގާތްކަމެއް އެ އަޑުގައި ނުވިއެވެ. ކުލްޘޫމާގެ ފަރާތުން ފެންނަމުން ދިޔަ ބަދަލުތަކުން ޒުބެއިދާއަށް ވާހަކައެއް ކިޔައިދޭން އުޅޭ ކަހަލައެވެ. އެ ހިތަށް އިތުރަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ.
''ކުލްއާ ބައްދަލުކޮށްލާކަށް ނޫންތަ މިއައީ...'' ޒުބެއިދާ ދެރަވިއެވެ. ''އަހަރެން ދެކެ ރުޅި އައިސްފަތަ ތިހިރީ؟...''
''ނޫން... މި ދުވަސްކޮޅު ވަރަށް ގިނަ ކަންތަކާ ވިސްނަން ޖެހޭތީ މި އުޅެނީ...'' ކުލްޘޫމާ ކޮޅަށް ތެދުވުނެވެ. އޭނާ ހިނގައިގަތީ ދުރަށެވެ. ކުލްޘޫމާއަށް ބަލަން އިނދެފައި ޒުބެއިދާ ވެސް ކޮޅަށް ތެދުވުނެވެ.
''ކަންބޮޑުވާ ކަހަލަ ކަމެއް އޮތިއްޔާ އަހަރެން ގާތު ވެސް ބުނެބަލަ...'' ފިނިފެންމާ ގަސް ކައިރިއަށް ގުދުވެ، އޭގައި ފޮޅިފައި އިން މަލެއްގައި ފިރުމަމުން ދިޔަ ކުލްޘޫމާ ގާތު ޒުބެއިދާ ބުންޏެވެ. ހިތުގެ ސުވާލުތަކަށް ޖަވާބު ހޯދައިގެން ނޫނީ އެގެއިން ނުދާން އޭނަ އަޒުމު ކަނޑައެޅިއެވެ.
''ޒުބެއިދާ ގާތު ބުނީމަ ހައްލުވާނެތަ؟...'' މަލުގެ ނާޒުކު ފިޔަތަކުގައި ފިރުމަމުން ކުލްޘޫމާ ސުވާލުކޮށްލިއެވެ. އެ ސުވާލުން ޒުބެއިދާއަށް ލިބުނީ ސިހުމެވެ. ރުޅިވެރިކަން ވެސް ކުލްޘޫމާގެ އަޑުން އޭނާއަށް އިހުސާސް ކުރެވުނެވެ.
''ހޫމްމް... ބުނީމައެއްނު އެނގޭނީ...'' ކުލްޘޫމާގެ ކޮނޑުގައި ޒުބެއިދާ އަތްބާއްވާލިއެވެ. އެ ވަގުތު ކުލްޘޫމާ ކޮޅަށް ތެދުވުނެވެ.
''އަހަރެން ބުނެފި ކޮންމެ ކަމެއް ކުރަން ކެރޭނެ؟...'' ކުލްޘޫމާގެ ނަޒަރު ޒުބެއިދާގެ މޫނަށް ހުއްޓުނެވެ.
އެ ސުވާލަށް ދޭނެ ޖަވާބެއް ޒުބެއިދާއަކަށް ނޭނގުނެވެ. ހުއްޓުން އަރާފައި ބަލަން ހުރެވުނީއެވެ.
''ޖަވާބު ދޭން އުނދަގޫވާނެކަން ކުރިން ވެސް އެނގުނު...'' ކުލްޘޫމާ ދުރަށް ނަޒަރު ހިންގާލަމުން ޒުބެއިދާއަށް ފުރަގަސް ދިނެވެ. މަލާމާތުގެ އަސަރު އެއަޑުގައި އެކުލެވިގެން ވިއެވެ. ''އުފާވެރިކަމާއި ދުރަށް ދާން ބޭނުންވާނީ ކާކުތަ!، އަނެއް މީހާގެ ހިތުގެ އިހުސާސްތައް ދެނެގަންނަން ވެސް ބޭނުންވާނީ ކާކު؟...''
ކުރިއަށް ހިނގައިގަތް ކުލްޘޫމާއަށް ޒުބެއިދާ ގޮވާލިއެވެ. ނަމަވެސް ކުލްޘޫމާ މަޑެއް ނުކުރިއެވެ. ރުޅިވެރިކަމާއެކުގައި އޭނާ ދިޔައީއެވެ. ހުއްޓުން އަރާފައި ހުރި ފިޔަވަޅު މަތީގައި ޒުބެއިދާ ހުއްޓެވެ. ވަކިވުމުގެ ކުރިން ކުލްޘޫމާ ބުނި ޖުމްލަ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރީގެ ސިފައިގައެވެ. އެ ޖުމްލައިގެ ފަހަތުގައި ފޮރުވިފައި އޮތް މާނަ އޭނާއަށް ނަގައިގަނެވުނެވެ. އެ ހިނދު ޒުބެއިދާއަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. ލޮލަށް ކަރުނަ ވެސް ޖަމާވެއްޖެއެވެ.
''ކުލް... އާފާގު...'' ޒުބެއިދާއަށް ބުނެވުނެވެ. މުޅި މީހާއަށް ލިބިފައިވަނީ ސިހުމެވެ. އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދުނެވެ. އޭނާގެ މުޅި ވުޖޫދު ވެސް އެނބުރިގެން ދިޔަ ކަހަލައެވެ. އެ ހިތުގައިވި ސުވާލުތަކަށް ޖަވާބު ލިބުނުކަމުގައި ވިޔަސް ހިތުގެ އުދާސްކަމާ ދުރެއް ނުވެވުނެވެ. ހަގީގަތް އެނގުމުން އިތުރު ތަކުލީފެއް މެނުވީ ނުލިބުނެވެ.
*****
އެކުވެރިޔާއާ ކުރިމަތިލާން ޒުބެއިދާއަށް ފަސްޖެހެވުނެވެ. ކުށްވެރިކަމުގެ އިހުސާސްތައް ވެސް އައިސް އޭނާ ވަށާލައިފިއެވެ. އޭނާގެ ސަބަބުން އެކުވެރިޔާއަށް ހިތްދަތިކަމެއް ލިބިއްޖެ ކަމުގެ ހިތިކަން ވެސް އަރުބުޑުގައި ހަރުލައިފިއެވެ. މުޅި ނަފުސުގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. އެ ހާސްކަމުގެ ތެރޭގައި ވަނިކޮށް ކުއްލިއަކަށް މަންމަ ވެސް ބަލިވެއްޖެއެވެ. އޭރު މަންމަ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މަންމަ ފަރުވާ ކުޑަކޮށްލައިގެން ހުރުމުން ޒުބެއިދާ ހިތްހަމަވެސް ނުޖެހުނެވެ. އެކަމުގެ ނަތީޖާ ވެސް ނިކުތީ ބިރުވެރި ގޮތަކަށެވެ. އެއްދުވަހު މަންމަ އަނބުރައިގެން ވެއްޓުނީއެވެ. ބިރުން ގޮސް ޒުބެއިދާގެ ސިކުނޑި ސުމަކަށް ދިޔައެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުނު ހިނދު ޒުބެއިދާގެ މުޅި ވުޖޫދަށް ލޮޅުން ގެނުވައިފިއެވެ. ބައްޕަ ފަދައިން މަންމަ ވެސް އޭނާއާ ވަކިވެގެން ގޮސްފާނެކަމުގެ ބިރުވެރިކަން އައިސް އޭނާ ވަށާލިއެވެ. ޑޮކްޓަރުން ދިނީ އެހާމެ ބިރުވެރި ހަބަރެކެވެ. ބައްޕަ ފަދައިން މަންމަ ވެސް ކެންސަރުގެ ޝިކާރައަކަށް ވީއެވެ. ސިކުނޑީގައިވި ޓިއުމަރުތަކުގެ ސަބަބުން ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލައިފިއެވެ. ބޭރަށް ގެންދިއުމުގެ ހުއްދައެއް ވެސް ނުދިނެވެ.
ޒުބެއިދާއަށް އޭނާގެ ކަރުނަތައް ސިއްރެއް ނުކުރެވުނެވެ. ހިތުގެ އުދާސްތައް ބޭރުވެގެން ދިޔަ ހިނދުގައި އޭނާގެ ހިތްވަރެއް ކަމުގައިވީ އާފާގުއެވެ. އާފާގު އޭނާގެ ގާތުގައި އެ ދުވަހު ނެތް ނަމަ ދުނިޔެއިން ވެސް މޮޔަ ވީސްކަން ގައިމެވެ. އާފާގު އޭނާ ދެކެ ވާ މަތިވެރި ލޯބީގެ ބާރުން އޭނާ ހަމައަކަށް އެޅުނެވެ. ނަމަވެސް ހިތުގެ ގިލަންވެރިކަމާއި މުޅިން ދުރެއް ނުވެވުނެވެ.
މަންމައާ ބައްދަލުވުމުން ޒުބެއިދާއަށް ރޮވުނެވެ. ދަރިފުޅުގެ ހިތްދަތިކަން މައިމޫނާއަށް ވަގުތުން ނަގައިގަނެވުނެވެ. ބުރަހެލިކަން ވެރިވެފައިވާ ހާލުގައި ޒުބެއިދާގެ އަތުގައި އޭނާ ހިފާލިއެވެ. އަދި ދަރިފުޅަށް ހިތްވަރުލައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް މައިމޫނާގެ ވާހަކަތަކުން ޒުބެއިދާއަށް އިތުރަށް ރޮވުނީއެވެ. ގިސްލަގިސްލާފައި ރޮމުންދިޔަ ހިނދު އެ ހިތް ފިސްފިސްވަމުން ދިޔަ ކަހަލައެވެ. ޒުބެއިދާގެ ގާތުގައި ހުރި އާފާގު ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ.
*****
މައިމޫނާގެ ސިއްހީ ހާލަތު އަޑިއަޅާލަމުން ކައިވެނި އަވަސްކުރަން އާފާގު ގަސްދުކޮށް އެ ވާހަކަ ހިއްސާކުރިއެވެ. މަންމަގެ އުފަލަށްޓަކައި އެ ހިޔާލު ޒުބެއިދާ ގަބޫލުކުރިއެވެ. އާފާގުގެ ވިސްނުން މައިމުނާއަށް ނުހަނު ކަމުދިޔައެވެ. މި ފަނާވަނިވި ދުނިޔެއަށް ލޯމަރައިލުމުގެ ކުރިން ލޯބިވާ ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށާ ދުވަސް ދެކިލަން އޭނާ ހުރީ ބޭނުންވެފައެވެ. އެއީ އެ ހިތުގެ އެދުން ވެސް މެއެވެ.
ވީހާވެސް އަވަހަކަށް ކައިވެނީގެ މަޝްވަރާތައް ފެށުނެވެ. އަލަތު ކައިވެންޏާ މެދުގައި އުފާކުރަން ބޭނުންވިޔަސް މަންމަގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަށް ދަށަށް ދިއުމުގެ ސަބަބުން ޒުބެއިދާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ހަމައެއާއެކު ކުލްޘޫމާ އިހުނަށްވުރެ ދުރުވެއްޖެކަން ވެސް އިހުސާސްކުރެވުނެވެ. ގާތް އެކުވެރިޔާ ބީވެއްޖެކަމުގެ ހިތި ހަގީގަތާ ވެސް ކުރިމަތިލާން ޖެހުނެވެ.
*****
''ޒުބޭ... ގެއަށް ގޮސް ފްރެޝްވެލަން ވީއެއްނު؟... މަންމައަށް ބޭނުންވާ އެއްޗިސް ވެސް ގެންނަން ޖެހެއެއްނު.......'' މަންމަގެ އަތުގައި ހިފަހައްޓައިގެން އިން ޒުބެއިދާގެ ކޮނޑުގައި އަތްޖައްސާލަމުން އާފާގު ބުންޏެވެ. ބުރަހެލިކަމާއެކު މަންމަ ނޭވާލަމުން ދިޔަ މަންޒަރު ބަލަން އިނދެފައި ލޮލުން ފޭބި ކަރުނަތައް ޒުބެއިދާއަށް ފޮހެލެވުނެވެ.
''ނޫން...'' ހިނދުކޮޅަކަށް ވިޔަސް މަންމައާ ވަކިވާން ޒުބެއިދާ ބޭނުމެއް ނުވިއެވެ. ހޮސްޕިޓަލުގައި އޭނާ ދިރިއުޅޭތާ މިހާރު ހަފުތާއެއް ވަނީއެވެ.
''ޒުބޭ... އަހަރެން ބުނީމަ އަޑު އަހާބަލަ...'' އާފާގުގެ އަޑުގައި ވަނީ އާދޭހެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން އާފާގުއަށް ޒުބެއިދާ ބަލައިލިއެވެ. ޒުބެއިދާގެ މެޔަށް ތަދުވެލިއެވެ. އާފާގުގެ ދެލޮލުން ވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ.
''އަހަރެން މަންމަ ގާތު މަޑުކުރާނަމޭ....'' އާފާގު ބުންޏެވެ.
''އޯކޭ...'' މަންމަގެ މޫނަށް ޒުބެއިދާ ބަލައިލިއެވެ. ހޮސްޕިޓަލުން ބޭރަށް ނިކުމެލަން ހަގީގަތުގައި އޭނަ ހުރީ ބޭނުންވެފައެވެ. އިރުގެ އަލިކަން ވެސް ނުލިބި މަންމަ ގާތުގައި ހުންނަތާ ހަފްތާއެއް ވީއެވެ. އާފާގުގެ ކަންބޮޑުވުންތައް ވެސް ނަގައިގަނެވުނެވެ.
''އަހަރެން ޒުބޭ ގެންގޮސްދޭނަން...'' ކޮޅަށް ތެދުވުނު ޒުބެއިދާއަށް އާފާގު ބުނެލިއެވެ.
''ނޫން... މަންމަ ގާތު މަޑުކުރޭ... އަހަރެން ޓެކްސީއެއްގައި ގޮސްދާނަން...'' ހިނދުކޮޅަކަށް ވެސް މަންމަ އެކަނިވާން ބޭނުންނުވާތީ ޒުބެއިދާ ބުންޏެވެ. ޒުބެއިދާއަށް ބަލައިލި އާފާގު ބޯޖަހާލިއެވެ.
*****
އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ޒުބެއިދާއަށް ދޫކޮށްލެވުނީ އުދާސްކަމުގެ ނޭވާއެކެވެ. އެޕާޓްމެންޓްގެ ބޮކި އޭނަ ދިއްލާލިއެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް މާހައުލު އައިސް އޭނަ ވަށާލީ އެ ހިނދުގައެވެ. އަނގަމަތީގައި އަތް އަޅަމުން އޭނާއަށް ދޮރު ބުޑަށް ތިރިވެވުނެވެ. ދެފައި ގެނެސް މޭގައި ޖައްސާލަމުން ބާރަށް ރޮވުނެވެ. ހިތުގެ ގިލަންވެރިކަން ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިއެވެ. ގިސްލަމުން ދިޔަ ޒުބެއިދާއަށް ތަޤުދީރާއި މެދުގައި ޝަކުވާކުރެވުނެވެ. ރުއިމުގައި އިރުކޮޅެއް ހޭދަކުރެވުނެވެ. ހިތްވަރުކުރަމުން އޭނަ ކޮޅަށް ތެދުވުނީ ވީހާ ވެސް އަވަހަކަށް މަންމަ ގާތަށް ދާން ބޭނުންވާތީއެވެ. ފެންވަރަން ކޮޓަރިއަށް ވަނުމުގެ ކުރިން ޒުބެއިދާ ހިނގައިގަތީ މަންމައަށް ބޭނުންވާތަކެތި ހަމަކުރުމަށެވެ.
މަންމަގެ ކޮޓަރިއަށް ވަންނަން އުޅުނު ޒުބެއިދާއަށް ސިހިފައި އެޕާޓްމެންޓްގެ މައިދޮރާ ދިމާއަށް ބަލައިލެވުނީ ދޮރުގެ ތަޅުހުޅުވުނު އަޑަށެވެ. ހިތަށް ބިރުވެރިކަން ފޭދިގެން ދިޔައީ އެތެރެއަށް ވަން ތައުމީމް ފެނުމުންނެވެ. ދެލޯބޮޑުކޮށްލައިގެން ތައުމީމްއަށް ބަލަން ޒުބެއިދާއަށް ހުރެވުނެވެ. ބުރަހެލިކަން ވެރިވެފައިވި ސިކުނޑިއަށް ފެންނަމުން ދިޔަ މަންޒަރުތައް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ.
''ތައުމީމް؟...'' ޒުބެއިދާއަށް ބުނެވުނެވެ. ދޮރުހުޅުވާލާފައި ތައުމީމް ވަނުމުން ލިބުނު ސިހުމާއި އެކު ހިތުގައި ސުވާލު ވެސް އުފެދުނެވެ.
''ކިހިނެއް ދޮރު ހުޅުވީ؟...'' ޒުބެއިދާއަށް ސުވާލުކޮށްލެވުނެވެ. ތައުމީމް ދެއްކީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއެވެ. ޒުބެއިދާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
''ކިހިނެއް؟...'' ޒުބެއިދާގެ ހިތުގައި ސުވާލު ގިނަވެ ބިރުވެރިކަން ވެސް ފޭދުނެވެ. އެ ތަޅުދަނޑި ތައުމީމްގެ އަތަށް ލިބުނު ގޮތެއް ނޭނގި ސިހުން ލިބުނެވެ.
''ކައިވެނި ކުރަން އުޅޭ ވާހަކަ އަޑު އެހިން... އެއީ ތެދެއްތަ؟...'' އެޕާޓްމެންޓްގެ ދޮރު ތަޅުލަމުން ތައުމީމް ބުންޏެވެ. އެ ދެލޮލުން ފެންނަނީ ރުޅިވެރިކަމުގެ ވިދުވަރެވެ.
''ނުކުމޭ... ފުލުހަށް ނުގުޅަނީސް ނުކުމޭ!...'' ތައުމީމްގެ ނިޔަތާ މެދުގައި ޒުބެއިދާގެ ހިތް ބިރުން ރޫރޫއަޅާލިއެވެ. އޭނާ އަވަސްވެގަތީ މަދަދުވެރިކަން ހޯދުމަށެވެ. ތައުމީމްގެ ރުޅިވެރިކަމާއި އެ މޫނުގައިވި އަސަރުތަކުން ކަންފަތުގައި ގުގުމަން ފެށީ ނުރައްކާތެރިކަމުގެ ރަނގަބީލެވެ.
ވިދުވަރުގެ ހަލުވިމިނުގައި އައިސް ޒުބެއިދާގެ ގައިގައި އައިސް ތައުމީމް ހިފަހައްޓައިފިއެވެ. ޒުބެއިދާ ގަދަހަދަން ފެށުމުން ފާރުގައި ވިއްދާލާފައި ކޯތާފަތަށް ހޫނު ބޮނޑިއެއް ވެސް އަޅުވައިފިއެވެ. ވީތަދުން ޒުބެއިދާއަށް ރޮވިއްޖެއެވެ. ތައުމީމްގެ ބީހުންތަކުން ހީވަނީ ހަށިގަނޑުގައި އަލިފާން ޖެހޭ ހެންނެވެ. ހަމައެއާއެކު ދުވަމުން ދިޔަ ސިނގިރޭޓުގެ ވަހުން ވެސް އޯކަށް ދެމޭ ގޮތް ވިއެވެ.
''ވަރަށް ދުވަހު އަހަރެން ކެތްކޮށްފިން... މިއަދަށް ފަހު އޭނާއަށް ޒުބީ ބަލައިގަނެވޭތޯ އަހަރެން ބަލާނަން... ތީ ހަމައެކަނި އަހަރެންގެ މީހެއް... އަޑު އިވިއްޖެ...'' ޒުބެއިދާ ލައިގެން ހުރި ދޯޕައްޓާހެދުން ހިއްލަން މަސައްކަތްކުރަމުން ތައުމީމް ބުންޏެވެ. ޒުބެއިދާ ހަޅޭއްލަވާފާނެތީ އަނގަމަތީގައި ވެސް އަތް އަޅައިފިއެވެ. ބިރުން ގޮސް ޒުބެއިދާއަށް ތެޅިގަނެވުނެވެ. ހޯސްލާފައި ލޮލުން ކަރުނަ ފައިބަމުން ދިޔަ އިރުގައި ތައުމީމްގެ ވަކިތަކުން ސަލާމަތްވާން އޭނާ މަސައްކަތްކުރިއެވެ.
''ޒުބޭ...'' އިވުނީ އާފާގުގެ އަޑެވެ. ބާރުބާރަށް ދޮރުގައި ތަޅަން ފެށި އަޑު ވެސް އިވުނެވެ. އާފާގު އަޑު އިވުމުން ޒުބެއިދާއަށް ހިތްވަރެއް ލިބުނު ކަހަލައެވެ. އޭނާއަށް ތައުމީންގެ އަތުގައި ބާރަށް ދަތް އަޅާލެވުނެވެ. ވީ ތަދުން އޭނާއަށް ޒުބެއިދާގެ ގައިން ދޫކޮށްލެވުނެވެ. ތައުމީމް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ދަނޑިވަޅުގައި އެތަނަށް އާފާގު އައުމުން ވަކިން ބޮޑަށް ރުޅިގަދަވިއެވެ.
''ތިހާ ފަސޭހައިން އަހަރެންގެ ފަރާތުން ސަލާމަތްވާނެ ކަމަށްތަ ހީކުރީ؟...'' ދުއްވައިގަންނަން އުޅުނު ޒުބެއިދާގެ އިސްތަށިގަނޑުގައި ބާރަށް އާފާގު ހިފަހެއްޓިއެވެ. އިސްތަށިގަނޑުގެ ބުޑަށް އަރައިގެން ދިޔަ ވާންކަމާއެކުގައި ޒުބެއިދާގެ ދުލުން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ.
''ޒުބޭ...'' ބޭރުގައި ހުރި އާފާގުއަށް ޒުބެއިދާގެ ހަޅޭކުގެ އަޑު އިވުމުން ބާރަށް ގޮވާލިއެވެ. އޭނާ ފައިން ވެސް ދޮރުގައި ޖެހިއެވެ.
''މަގޭ އަތުން ކަލޭ މަރުވާނެ...'' އިސްތަށިގަނޑު އަތުގެ ތެރެއަށް އޮޅާލަމުން ޒުބެއިދާ ބިންމައްޗަށް ވައްޓަމުން ތައުމީމް ބުންޏެވެ. ދެން އޭނާ ހިފީ ޒުބެއިދާގެ ކަރުގައެވެ. ނޭވާ އުފުރިގެން ދިޔަ ކަމުގެ އިހުސާސާއެކުގައި ޒުބެއިދާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަރުން އަޑެއް ބޭރު ނުވިއެވެ. ހަށިގަނޑުން ހަކަތަ ހުސްވަމުންދާ ކަމުގެ އިހުސާސް ވެސް ކުރެވުނެވެ. ތައުމީމްގެ އަތްދަށުން ސަލާމަތްވާން ހަށިގަނޑަށް ލަމުން ދިޔަ ބާރު ކެނޑެން ފެށިއެވެ. އަތުން ވަރު ދޫވެއްޖެއެވެ. މޫނު ހުދުވެ އަނގަ ތަންމިނަށް ހުޅުވުނެވެ. އޭރު ވެސް ކަރަށް ބާރުވަމުންދާކަން އިހުސާސްކުރެވުނެވެ. ހެޔަށް ގޮތްތަކެއް ވެސް ވާން ފެށިއެވެ. ދެލޯމެރެމުން ދިޔަ ވަގުތު ބާރު އަޑުފަށްގަނޑެއް އިވުނެވެ. ދެން ވީނުވީއެއް ޒުބެއިދާއަކަށް ނޭނގުނެވެ. ހޭވެރިކަންވެ މާހައުލަށް ސަމާލުކަން ދެވުނު ހިނދުގައި އޭނާއަށް އިހުސާސްކުރެވުނީ އާފާގުގެ ހިމާޔަތާއި ރައްކާތެރިކަމެވެ.
ޒުބެއިދާއަށް ވަގުތުން ތެޅިގަނެވުނެވެ. އެހިނދު އޭނާގެ ގައިގައި ބާރަށް އާފާގު ހިފަހައްޓާލިއެވެ. އެ އަތުގެ ހިމާޔަތުގެ ތެރޭގައި ހިފަހައްޓާލަމުން ނިތުގައި ބޮސްދިނެވެ. އާފާގުގެ ގަމީސް އަތުގެ ތެރެއަށް ބޮނޑިކޮށްލަމުން އެމޭގައި ޒުބެއިދާއަށް މޫނު ޖައްސާލެވުނެވެ.
''އާފާގު...'' ޒުބެއިދާއަށް ރޮވިފައިވާ އަޑަކުން ބުނެވުނެވެ. ''ކިހިނެއް؟...''
''ޝްޝްޝް...'' އާފާގު ބުންޏެވެ. ''އައިމް ހިއާރ...''
''ތައުމީމް...'' ޒުބެއިދާ ބުނަން އުޅުނެވެ. އަދިވެސް ކަރުގައި ރިއްސައެވެ. އަރުބެދި ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ.
''ފުލުހުން އޭނަ ގެންގޮސްފި...'' އާފާގު ޖުމްލައިން ޒުބެއިދާއަށް އިތުރަށް ރޮވުނީއެވެ. އިރުކޮޅެއް ކުރިން އިހުސާސްކުރެވުނު ބިރުވެރިކަން އަނެއްކާ ވެސް ހިތުގެ ތެރެއަށް ފޭދުނެވެ. ތައުމީމްގެ ދަހިވެތިކަން އެކުލެވިގެންވި ބީހުންތައް އަދިވެސް އިހުސާސްކުރެވޭ ކަހަލައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެގެން ދިޔަ ވާހަކަތަކުން ޒުބެއިދާއަށް ލިބިގެން ދިޔައީ އިތުރު ސިހުމެކެވެ. ތައުމީމްގެ ވިޔާނުދާ އަމަލުތަކަށް ހިތްވަރުދީ މަދަދުވެރިކަން ފޯރުކޮށްދިނީ އިތުރު އެއްވެސް މީހެއް ނޫނެވެ. މި ހުރިހާ ދުވަހު އެންމެ ގާތް އެކުވެރިޔާކަމުގައި ދެކެމުން އައި ކުލްޘޫމާއެވެ. އެ ވާހަކަތައް ގަބޫލުކުރަން ވެސް ޒުބެއިދާއަށް ދަތިވިއެވެ. އެފަދަ ކަމަކަށް ހިތްވަރުދޭ ވަރަށް ކުލްޘޫމާގެ ހިތުގައި އޭނާއަށްޓަކައި ނަފުރަތާއި ރުޅިވެރިކަންް އުފެދިގެން އައީ ކޮން ދުވަހަކު ހެއްޔެވެ؟ އޭނާއަށް އެހާ ބޮޑު އަނިޔާއެއް ދޭން ގަސްދުކުރީ ވެސް ކީއްވެގެން ހެއްޔެވެ؟
''ކުލް...'' ޒުބެއިދާއަށް ބުނެވުނެވެ. އޭނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
''ކޮންކަހަލަ ނުބައި މީހެއްތަ އެއީ؟، އެޕާޓްމެންޓްގެ ތަޅުދަނޑިއަށް ދާންދެން ދީ... ހާދަ ހިތް ނުބައި ވީމައޭ އެކުވެރިޔަކަށް އެފަދަ ދެރަ ގޮތެއް ހަދަން ވިސްނާނީ؟، އަހަންނަށް ނާދެވުނު ނަމަ ނޭނގޭ ވާނެ ގޮތެއް ވެސް...'' އާފާގުގެ ހިތުގައި ކުލްޘޫމާއާއި މެދުގައި އަނދަން ފެށީ ނަފުރަތުގެ ގިނި އަލިފާނެވެ. މައްސަލައިގައި ކުލްޘޫމާ ވެސް ހައްޔަރުކުރަން އާފާގު ބޭނުންވިއެވެ. އެކަމާ ދެކޮޅު ހެދީ ޒުބެއިދާއެވެ. މައްސަލަ އިތުރަށް ކުރިއަށް ގެންދަން އޭނާ ބޭނުމެއް ނުވިއެވެ. އަދިވެސް ޒުބެއިދާގެ މޫނުން ފެންނަނީ ސިހުމެވެ. އޭނާއަށް ދެރައެއް ދޭން ކުލްޘޫމާ އުޅެފާނެކަން ގަބޫލުކުރަން އޭނައަށް ދަތިވިއެވެ.
މައްސަލަ ތަހުގީގުކުރަން ޒުބެއިދާ ދެކޮޅު ހެދުމުން އާފާގު ހިތްހަމަނުޖެހުނެވެ. އެ ދެމެދުގައި ގިނަ މައްސަލަތަކެއް ވެސް ޖެހުނެވެ. އާފާގުއާ ރުޅިވާން ވެސް ޒުބެއިދާ ހުރީ ތައްޔާރަށެވެ. ނަމަވެސް އެގޮތާ އާފާގުއަށް ގަބޫލެއް ނުވެވުނެވެ. އެންމެފަހުން ޒުބެއިދާގެ އެދުމާ އޭނާ ގަބޫލު ވިއެވެ. ނަމަވެސް އެ ހިތުގައި ކުލްޘޫމާއަށް އޮތް ރުޅިވެރިކަމަށް ބަދަލެއް ނައެވެ. ވަގުތުން ކުލްޘޫމާއާ އޮތް ގުޅުން ކަނޑާލިއެވެ. ޒުބެއިދާއަށް ވެސް އިތުރަށް ކުލްޘޫމާއާ ވާހަކަދައްކަން ނުކެރުނެވެ. އެ ދުވަހަށް ފަހުގައި ކުލްޘޫމާ ވެސް ރާއްޖެއިން ފުރައިގެން ދިޔައީއެވެ. ޒުބެއިދާގެ ހިތުގައިވި ޝަކުވާތަކާއި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ފުރުސަތު ވެސް ގެއްލިގެން ދިޔައެވެ.
(ނުނިމޭ)