ޒުބެއިދާގެ އުފާވެރި ހަޔާތަށް މާޔޫސްކަމުގެ ހިޔަނި އެޅިގެން ދިޔައީ ކެންސަރު ބަލީގައި ބައްޕަ ނިޔާވުމުންނެވެ. ބައްޕަގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުމުން ކުއްލިއަކަށް މަހުރޫމްވެގެން ދިއުމުން އެކަން ގަބޫލުކުރަން ވެސް އުނދަގޫވިއެވެ. ބައްޕަގެ މަރުގެ ހަބަރު އޭނާގެ ސިކުނޑިއަށް ނަގައިގަންނަން ވެސް އުނދަގޫވިއެވެ. މީހާ ގަބު އަރާފައި ހުރެވުނު ހިނދު ހޯސްލާފައި ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މޭގެ ތެރޭގައި އޮތް ހިތް ފިސްފިސްވަމުން ދިޔަކަމުގެ އިހުސާސް ވެސް ކުރެވުނެވެ. އޭނާގެ ކޮނޑުގައި މަންމަ އަތް ބާއްވާލުމުން ސިހުނެވެ. ކަރުނުން ބާރުވަމުން ދިޔަ ދެ ލޮލުން މަންމަގެ މޫނަށް ޒުބެއިދާ ބެލިއެވެ. އެ ތުންފަތުގައި އޭރު މަޑު ތުރުލުމެއްގެ އަސަރުވިއެވެ.
ނުރޯންވެގެން މަންމަ މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނި ހަގީގަތަށް ހޭލުމަށް އޭނާގެ ޒަމީރު އިންޒާރު ދިނެވެ. އެ ހިނދު ޒުބެއިދާއަށް ގިސްލެވިއްޖެއެވެ. މަންމަ އޭނާގެ ގައިގައި ބައްދާލީ އެ ވަގުތުގައެވެ. އައިސީޔޫ ބޭރުގައި ދެމައިން ރޮމުން ދިޔައީ ދިރިއުޅުމުގެ އުއްމީދުގެ ހުޅުކޮޅު ނިވިއްޖެ ކަމުގެ ހިތި ހަގީގަތުންނެވެ.
އެތައް ދުވަހެއްގެ ވޭނާއި ކެކުޅުމަށްފަހު ބައްޕަގެ ތަކުލީފުތަކަށް ނިމުން އައީއެވެ. މި ފަނާވަނިވި ދުނިޔެއަށް ބައްޕަ އަބަދުގެ އަބަދަށް ދެލޯ މަރާލީ ހިތްވަރުދިނުމުގެ ބަސްތައް ބުނުމަށްފަހުގައެވެ. ނަމަވެސް ހިތުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ޒުބެއިދާއަށް ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ. ދެން ބައްޕަގެ ހިމާޔަތާއި ރައްކާތެރިކަން ވެސް އިހުސާސެއް ނުކުރެވޭނެއެވެ.
ފިޔަވަޅުތަކެއްގެ އަޑުއިވުމާއެކުގައި މަންމަ އޭނާއާ ދުރަށް ޖެހިލިކަމުގެ އިހުސާސް ޒުބެއިދާއަށް ކުރެވުނެވެ. ގިސްލެވިފައިވާ ހާލުގައި އޭނާ ވެސް ފަސްއެނބުރުނެވެ. އޭރު ބައްޕަގެ އާއިލާ މީހުން އައިސްފިއެވެ. މަންމަ ހަބަރު ދިނީކަން ޒުބެއިދާއަށް ނަގައިގަނެވުނެވެ. އާއިލާގެ ނުރުހުމުގައި މަންމައާ ކައިވެނި ކުރުމުން ބައްޕައަށް މަޖުބޫރުވީ އާއިލާއާ ވަކިވާށެވެ. އެފަދަ ފިޔަވަޅެއް ބައްޕަ ނެގީ މަންމަ ދެކެ ވި ލޯތްބަށްޓަކައެވެ. އެ ލޯތްބަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކީ މެދުފަންތީގެ އާއިލާއަކަށް މަންމަ ނިސްބަތްވިކަން އެކަންޏެވެ. ނަފުރަތާއި ރުޅިވެރިކަން ވެސް އަމާޒުވީ އެހެންވެއެވެ. ބޮޑުވަމުން އައިއިރުގައި އެންމެ ފަހަރަކު މެނުވީ ބައްޕަގެ އާއިލާއާ ބައްދަލުވެފައެއް ވެސް ނެތެވެ. އެފަަހަރު ވެސް ކުރިމަތިވީ މަލާމާތެވެ. އޭގެ ފަހުން ދުވަހަކު ވެސް މާމަގެ ގާތަށް ބައްޕަ ނުދެއެވެ. އެމީހުން އުޅެމުން ދިޔައީ ވަކިންނެވެ. އުފަލުގައެވެ. ނަމަވެސް އެ އުފާވެރިކަމަށް ނިމުން އައީ ހިތި ގޮތަކަށެވެ. ކެންސަރުގެ ޝިކާރައަކަށް ބައްޕަ ވުމާއެކުގައި މަޑުމަޑުން ހިނިތުންވުންތައް މާޔޫސްކަމަށް ބަދަލުވީއެވެ.
''މަގޭ ދަރި...'' މާމަގެ ރުއިމުގެ އަޑު އިވުނެވެ. ޒުބެއިދާއަށް އޭނާގެ މަންމަގެ ގާތަށް ޖެހިލެވުނެވެ. މާމަގެ ދެލޮލުން ކަރުނައާ އެކުގައި ވެސް ރުޅިވެރިކަން ޒުބެއިދާ ދުށްޓެވެ. ކާފަވެސް ބަލައިލީ ނުރުހުމާއެކުގައެވެ. ބައްޕަގެ މަރުގެ ޒިންމާ މަންމަގެ ބޮލުގައި އެޅުވި ފަދައެވެ.
''ކަލޭ މަގޭ ދަރި މަރާލީ...'' މާމަގެ ރުޅިވެރިކަން މަންމައަށް އަމާޒުވާން ގިނަ އިރެއް ނުނެގިއެވެ. މަންމަ އިސްޖަހާލިއެވެ.
''ޚަދީޖާ...'' މާމަގެ އަތުގައި ކާފަ ހިފެހެއްޓިއެވެ. ''މިވަގުތަކު ނޫން...''
ލިބުނު އެންމެ ހިތްދަތި ވަގުތުގައި ވެސް މަންމައާއި ޒުބެއިދާއަށް ކުރިމަތިލާން ޖެހުނީ ރުޅިވެރިކަމާއި ނަފުރަތާއެވެ. ހިތުގައި އަޅަމުން ދިޔަ ފުން ވޭނާއި އެކުގައި އެކަމަށް ވެސް ކެތްކުރަން ޖެހުނެވެ. ބައްޕަގެ ޖަނާޒާ ނިމެންދެން ނުރުހުމުގެ ބަސްތައް އަމާޒުވިއެވެ. އެންމެ ކުޑަ މިނުން ޖަނާޒާގެ ކަންތައް ވެސް ބަލަން ޖެހުނީ ދުރުގައި ތިބެގެންނެވެ. މަންމައަށް އެކަމުން ފުން އަސަރުތަކެއް ކުރުވިކަން ޒުބެއިދާއަށް އިހުސާސް ކުރެވުނެވެ. ހިތްހަމަނުޖެހުމުގެ އަސަރު ދެލޮލުން ފެނުނުކަމުގައި ވިޔަސް ދޫ ހިމޭންކުރަން ޖެހުނީ މަންމަގެ އެދުމަށެވެ. މި ހުރިހާ ދުވަހު ބައްޕަގެ އާއިލާ ވީ ކޮންތަނެއްގައި ހެއްޔެވެ؟ ބައްޕަ ކެންސަރާއި ހަނގުރާމަ ކުރަމުން ދިޔަ ދުވަސްތަކުގައި އެންމެ ފަހަރަކު ވެސް ބައްދަލުކޮށްލަން ނައެވެ. ދެން މިހާރު އައިސް އެ ތިބީ ކީއްކުރަން ހެއްޔެވެ؟ ދެއްކުންތެރިކަން މެނުވީ ނުވެއެވެ.
ޖަނާޒާއަށް ފަހުގައި އެޕާޓްމެންޓަށް އާދެވުމުން ހިތަށް އިތުރަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ގޭތެރޭގައި އޮތީ ފަޅުކަމެވެ. އަނދިރިކަމެވެ. ހަޔާތަށް ހުއްޓިފައި އޮތް ވަގުތު ރަމްޒުކޮށްދޭ ފަދައެވެ. ގޭތެރެއަށް ޒުބެއިދާއަށް ބެލުނީ ގިސްލުމަކާއެކުގައެވެ. ބައްޕަގެ އަޑު އޭނާއަށް އިވޭ ކަހަލައެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީނދެވުނީ މޫނުގައި އަތް އަޅައިލަމުންނެވެ.
''ދަރިފުޅާ...'' މަންމަ އޭނާގެ ގައިގައި ބައްދާލިކަމުގެ އިހުސާސްކުރެވުނެވެ. ޒުބެއިދާގެ އަރުބެދި އޭނާއަށް ވާހަކައެއް ނުދެއްކުނެވެ. ގިސްލެވުނީއެވެ. އެޕާޓްމެންޓަށް ފެތުރިފައި އޮތް ހިމޭންކަން އިސާހިތަކު ފުނޑުފުނޑު ވެގެން ދިޔައެވެ.
*****
ބައްޕަގެ ޖަނާޒާގެ ނިމުނުތާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ބައްޕަގެ އާއިލާގެ ފަރާތުން ފިއްތުންތަކެއް ކުރިމަތިވިއެވެ. ބައްޕަގެ ބުރަ މަސައްކަތުން އުފެއްދި ކުންފުންޏާއި ބައްޕަގެ މުދާ ހޯދުމުގެ ބޭނުމުގައެވެ. އިތުރަށް ބިކަކޮށް ދުނިޔެއަށް ގިނަކުރުން އުޅުނު ކަހަލައެވެ. ނަމަވެސް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ. ދުރާލާއި ހުރިހާކަމެއް ބައްޕަ އޮތީ ނިންމައިފައެވެ. ބައްޕަގެ ހުރިހާ މުދަލަކާއި ފައިސާއެއްގެ ވާރިސަކަށް އޮތީ ޒުބެއިދާއެވެ. ބައްޕަ ނެތް ދުނިޔެއެއްގައި ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިދާނެކަން ކުރިން ވެސް އޮތީ ލަފާކޮށްފައެވެ. ދުނިޔޭގައި ނެތް ދުވަހުވެސް ބައްޕަގެ ރައްކާތެރިކަން އެ ދުވަހު ޒުބެއިދާއަށް އިހުސާސްކުރެވުނެވެ.
*****
ޒުބެއިދާ މުޅިންހެން ނެގި މަޑުވެގެން ދިޔައެވެ. ސްކޫލުގައި ވެސް އިންނަނީ ހިމޭންވެފައެވެ. އެހެން އިނދެފައި ބާރަށް ރޮވިދާނެއެވެ. އެއާއެކު އެހެން ކުދިންގެ ހަނގާގެ ޝިކާރައަކަށް ވެސް އޭނާ ވާން ފެށިއެވެ. އެކަނިވެރިކަން އޭނާ ވަށާލީ ނޭވާލާން އުނދަގޫވާ ފަދައިންނެވެ. އެ އުދާސްކަމުގައި ތެރޭގައި ނަފުސު ހަނާވަމުން ދަނިކޮށް އެކުވެރިކަމުގެ އަތެއް އޭނާއަށް ދިއްކޮށްލީ އަލަށް ސްކޫލާއި ގުޅުނު ކުލްޘޫމާއެވެ. އޭރު ކްލާހުގައި ވެސް އޭނާ އިންނަނީ ވަކިންނެވެ. ބާކީވެފައެވެ. ނަމަވެސް ކްލާހަށް އައި ފުރަތަމަ ދުވަހު ވެސް ކުލްޘޫމާ އިށީނީ އޭނާ ގާތުގައެވެ. އޯގާތެރިކަމުގެ ހިނިތުންވުމެއް އޭނާއަށް ދިނެވެ.
ކުދިންގެ ފަރާތުން ކުރިމަތިވަމުން އައި މަލާމާތުގެ ބަސްތަކުން އޭނާ ފުރަތަމަ ފަހަރަށް ދިފާއުކޮށްދިނީ ވެސް ކުލްޘޫމާއެވެ. އެކުވެރިކަމުގެ ނަޒަރަކުން ކުލްޘޫމާއާށް ބަލައިލެވުނީ ދެނެވެ.
''މީހުން ކިޔާ އެއްޗިއްސަށް ރައްދު ނުދޭހާ ހިނދަކު ދިމާކުރުން ހުއްޓައެއް ނުލާނެ... ޔޫ ހެވް ޓު ބީ ސްޓްރޯންގް...'' އިންޓަވަލް ގަޑީގައި ކުލްޘޫމާއާއި ޒުބެއިދާ ތިބީ ސްކޫލުގެ ގޯތި ތެރޭގައި ހުރި ނިކަގަހުގެ ވަށައިގެން ޖަހާފައިވާ ބެންޗެއްގައި އިށީނދެލައިގެންނެވެ.
ކުލްޘޫމާގެ އަނގަ ގަދަ އަދި ހިތްހެޔޮ މިޒާޖުން އެ ހިތް ހުޅުވާލަން ޒުބެއިދާއަށް ފަސޭހަވިއެވެ. ހިތުގައި ފުނި ޖެހިފައިވި ހިތްދަތިކަމަށް ލުޔެއް ލިބެން ފެށީ ވެސް ދެނެވެ. ވާހަކަދައްކާލައި ހިތުގެ އުދާސްތައް ހިއްސާކުރާނެ އެކުވެރިޔަކު ލިބުމުން ޒުބެއިދާގެ އުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ. އެކަމުގެ ސަބަބުން އެންމެ އުފާވީ ޒުބެއިދާގެ މަންމައެވެ. ޒުބެއިދާއާ މެދުގައި ކަންބޮޑުވެފައިވި އެ ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ.
ކުލްޘޫމާއާއި ޒުބެއިދާ ގާތް އެކުވެރިންނަށް ވާން ގިނަ ދުވަހެއް ނުނެގިއެވެ. ހިނިތުންވުންވާން ވެސް ފަސޭހަވެގެން ދިޔައީ ކުލްޘޫމާގެ ފަރާތުން ލިބެމުން އައި ހިތްވަރުންނެވެ. ކުލްޘޫމާގެ އާއިލާގެ ފަރާތުން ވެސް ޒުބެއިދާއަށް އޯގާތެރިކަމާއި ލޯބި ލިބުނެވެ. ހާއްސަގޮތެއްގައި ކުލްޘޫމާގެ މަންމަ ފަޒީލާގެ ހިތުން ހާއްސަ މަގާމެއް ހޯދިއެވެ. ގަސް އިންދުމަށް ޒުބެއިދާ ލޯބި ޖެހުނީ ވެސް ފަޒީލާގެ ފަރާތުންނެވެ. އެގެއަށް ދާ ކޮންމެ ފަހަރަކު ފަޒީލާގެ ފަހަތުން ޒުބެއިދާ އުޅުނީ ބަގީޗާގައެވެ.
ސްކޫލު ނިމުމާއެކުގައި ކޯހަށް ކުލްޘޫމާ ޖެހުނީ މެލޭޝިޔާއަށް ފުރާށެވެ. ކޯހަށް ފުރުމަށް އެންމެ ބޮޑަށް ކުލްޘޫމާއަށް ހިތްވަރުލައިދިނީ ވެސް ޒުބެއިދާއެވެ.
''އަހަންނާއެކުގައި ޒުބޭ ވެސް އަންނަން ވީއެއްނު؟...'' ފުރުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ކުއްލިއަކަށް ކުލްޘޫމާ ހިޔާލެއް ހުށަހެޅިއެވެ.
''ނޫނޭ... މަންމަ ދޫކޮށްފައި އެއްވެސް ތަނަކަށް ދާން ބޭނުމެއް ނޫން...'' ޒުބެއިދާ މަނާވެގަތެވެ. އޭނާގެ މުޅި ދުނިޔެއަކީ މިހާރު މަންމައެވެ. މަންމަ އެކަނިކޮށްލާފައި އޭނާ އެއްވެސް ތަނަކަށް ނުދާނެއެވެ. މާލޭގައި ހުރެގެން އިތުރަށް ކިޔަވަން ވެސް ގަސްދުކުރީ އެހެންވެއެވެ.
''އަހަރެން ވަރަށް އެކަނި ވާނެ...'' ދެރަވެލާފައި ކުލްޘޫމާ ބުންޏެވެ.
''ކިތަންމެ ދުރުގައި ހުއްޓަސް ވާހަކަދެއްކޭނެ ގޮތްތައް އެބަހުއްޓޭ... ޑޯންޓް ބީ ޑްރެމެޓިކް...'' ޒުބެއިދާ ދެފަރާތަށް ބޯހޫރާލިއެވެ.
*****
ކުލްޘޫމާ ފުރައިގެން ދިއުމުން ޒުބެއިދާއަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. ނަމަވެސް މިފަހަރު އެކަނިވެރިކަމުގެ ހިޔަނީގައި ހުންނަން އޭނާ ބޭނުމެއް ނުވިއެވެ. ދިރިއުޅުމާއި މެދު އައު އަޒުމަކާއެކުގައި ދެކެވެން ފަށާފައިވާތީއެވެ. ދުރުގައި ތިއްބަސް ގަވައިދުން ފޭސްބުކްގެ ޒަރިއްޔާއިން ޒުބެއިދާއާއި ކުލްޘޫމާގެ ދެމެދުގައި ވާހަކަދެކެވެމުން ދިޔައެވެ.
''ކިޔެވުން ކިހިނެއް ދަނީ؟...'' ޒުބެއިދާ ސުވާލުކޮށްލިއެވެ.
''ރަނގަޅު... ޒުބޭ ކިހިނެއްތަ؟....'' ކުލްޘޫމާ ލިޔުނެވެ.
''ދެން ގޯހެއް ނޫން... މިދުވަސްކޮޅު ކިޔެވުމާ އެކުގައި އަލަށް ހުޅުވަން އުޅޭ ފްލާވާ ޝޮޕަށް މަންމައަށް އެހީވުމުގައި މި އުޅެނީ...'' ޒުބެއިދާ ކިޔައިދިނެވެ. ބައްޕަގެ މަރަށްފަހު ކުންފުނީގެ ހުރިހާ ކަމަކާ ހަވާލުވެ ހުރީ މަންމައެވެ. އެއީ މާލޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓްތައް ހިންގަމުން އައި ކުންފުންޏެކެވެ. ނަމަވެސް ޒުބެއިދާގެ އެދުމުގެ މަތިން މާވިއްކާ ފިހާރައެއް ހުޅުވަން މަންމަ އެއްބަސްވީ އެކަމަށް ޒުބެއިދާ ބޭނުންވެފައި ހުރިވަރުންނެވެ.
*****
ދުވަސްތައް ކުރިއަށް ދިޔަވަރަކަށް ދިރިއުޅުމުގެ ކަންތަކުގައި ދެއެކުވެރިން ވެސް ބިޒީވެގެން ދިޔައެވެ. ނަމަވެސް ވަގުތެއް ވެއްޖެނަމަ އެކަކު އަނެކަކުގެ ހާލުބަލައެވެ. ދިރިއުޅުމާއި މެދުގައި ސުވާލު ކުރެއެވެ. އެވާހަކަތަކުގެ ތެރޭން ހާއްސަ ވާހަކައެއް ބުނަން ބޭނުންވާކަމުގައި ކުލްޘޫމާ ބުންޏެވެ. އޭރު ސާމާރ ބްރޭކް ވެސް އޮތީ ކައިރިވެފައެވެ. ޗުއްޓީއަށް ވަރަށް އަވަހަށް މާލެ އަންނާނެ ވާހަކަ ވެސް ކުލްޘޫމާ ބުންޏެވެ. އެކަމާ ޒުބެއިދާ ވަރަށް އުފާވިއެވެ.
*****
''މަންމާ... ފަޒީލާއްތަ ތިރީގަ އެބަ ހުރި... ދަނީ އިނގޭ...'' އެއާޕޯޓަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުތް ޒުބެއިދާ ވާހަކަދެއްކީ ބަދިގޭގައި އުޅުނު އޭނާގެ މަންމައާއެވެ.
''ކުލްއަށް މަންމަގެ ސަލާން ރައްދުކޮށްދެއްޗޭ...'' މަންމަ ހިނިތުންވެލިއެވެ. ބޯޖަހަލާމުން އަތްދަބަހުގެ ދިގު ވާގަނޑު ކޮނޑުގައި އަޅުވާލަމުން ޒުބެއިދާ ނިކުންނަން ހިނގައިގަތެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށްލަމުން އޭނާ ސިޑިން ފޭބިއެވެ. އޭރު އިމާރާތުގެ ދޮރު ކައިރީގައި ސިނގިރޭޓް ބޯން ހުރި ޒުވާނާ ފެނުމުން ޒުބެއިދާއަށް މޫނު ކުނިކޮށްލެވުނެވެ.
''ބޭރަށް ދަނީތަ؟...'' ތައުމީމް އޭނާ ބޮމުން ދިޔަ ސިނގިރޭޓް އެތެރެއަށް ދަމާލަމުން ހުސްވެގެންދިޔަ ގުލަބުރި ބިންމައްޗަށް ވައްޓާލަމުން އޭގެ މައްޗަށް ފައިން އެރިއެވެ. އަނގައިގައި ގިނެވެފައިވި ދުންތައް ވައިގެ ތެރެއަށް ދޫކޮށްލަމުން އޭނާ ޒުބެއިދާއަށް ހިނިތުންވެލިއެވެ. ސިނގިރޭޓްގެ ވަސް ނޭފަތުގައި ޖެހުމާއެކު ޒުބެއިދާގެ މޭ ނުބައިކުރާ ގޮތް ވެއްޖެއެވެ. ނޭފަތުގައި އަތްއަޅާލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. އެ ވަގުތު ތައުމީމް ޒުބެއިދާގެ ކުރިބައްދައިފިއެވެ. ނުލަފާ ހިންޏެއް ތައުމީމްގެ ތުންފަތުން ފެނުނެވެ.
''ތަން ދައްކާ...'' ޒުބެއިދާ މޫނު ހަދާލިއެވެ.
''އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދަމެއްނު...'' ތައުމީމް ބުންޏެވެ.
''ދުރުވާށޭ...'' ޒުބެއިދާއަށް ލޯއަޅާލެވުނެވެ.
''މަގޭ ހިތް...'' ތައުމީމް މޫނަށް ގޮތެއް ހަދާލަމުން މޭގައި އަތް އެޅިއެވެ. ފުރުސަތުގެ ބޭނުން ހިފައި އަވަސްއަވަހަށް ދޮރުން ބޭރަށް ޒުބެއިދާ ނިކުތެވެ. އެ ވަގުތު ޒުބެއިދާގެ ދިގު އިސްތަށިގަނޑުގައި ތައުމީމް ފިރުމާލިއެވެ. ރުޅިއާއެކުގައި ތައުމީމްއަށް ޒުބެއިދާ ބަލައިލުމުން ތައުމީމް ހީލިއެވެ.
''ބޮޑު ފޫހިގަނޑެއް...'' ޒުބެއިދާ ބުމަގޮށްޖަހާލިއެވެ. ތައުމީމްގެ ބީހުމުން އޭނައައީ އަމަށަކު ރުޅިއެއް ނޫނެވެ. ތައުމީމްއަކީ އެ ހިސާބުގަނޑުގައި އޮންނަ ގުރޫޕަކަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާގެ ފަރާތުން އުނދަގޫތައް ވެސް ކުރިމަތިވާތާ ދުވަސްތަކެއް ވެއްޖެއެވެ. އަޅާނުލައި ހުންނަން ވެއްޖެނަމަ ކަންތައް ގޯސްވެދާނެކަމުގެ ބިރު ވެސް ހިތުގައި އޮތެވެ.
ހިމަ ގޯޅިން ލާފައި ގޮސް މައި މަގަށް ނިކުތެވެ. މަގުގެ އަނެއްފަރާތުގައި އޮތް ރަތް ކާރު ފެނުމުން ޒުބެއިދާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރުޅިވެރިކަމުގެ އިހުސާސްތަކާއި ދުރުވެލަމުން މަގުގެ ދެ ފަރާތް ބަލައިލިއެވެ. އެއަށްފަހު އޭނާ ކުރިއަށް ހިނގައިގަތެވެ.
*****
ދުވަސްތަކެއް ފަހުން ކުލްޘޫމާ ފެނުމާއެކުގައި ޒުބެއިދާގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބޭރަށް ނުކުތް ކުލްޘޫމާއަށް ޒުބެއިދާ ފެނުމާއެކު ފޮށި ވެސް ހުރި ތަނަށް ދޫކޮށްލުމަށްފަހުގައި އައިސް ޒުބެއިދާގެ ގައިގައި ބައްދާލިއެވެ. މަންޒަރު ބަލަން ހުރި ފަޒީލާއަށް އޭނަގެ ބޯ ހޫރާލެވުނެވެ.
''ސާބަސް ދަރިފުޅާ...'' ފަޒީލާއަށް ހެވުނެވެ. އޭނަ ކުލްޘޫމާގެ ފޮށި ހިފައިގެން އައިސް ހުއްޓުނެވެ.
''ސޯ ހެޕީ ޓު ސީ ޔޫ...'' ކުލްޘޫމާ ބުންޏެވެ. އޭނާގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ޒުބެއިދާއަށް ވެސް ހިނިތުންވެވުނެވެ. އެކުވެރިޔާއާ ބަދައްލަވުމުން އުފާވެރިކަން ހިތަށް ވެރިވެއްޖެއެވެ.
*****
''ސޯ ގުޑް ޓު ބީ ބެކް...'' ކުލްޘޫމާއާއި ޒުބެއިދާ ތިބީ ކުލްޘޫމާގެ ކޮޓަރީގައެވެ. ކުލްޘޫމާ އޭނާގެ ފޮށި ހުޅުވައިގެން ހާވަމުން ދިޔައީ ޒުބެއިދާއަށް ދޭން ގެނައި ހަދިޔާ ފެނޭތޯއެވެ. އޭރު ހުއްޓުމެއް ނެތި މެލޭޝިޔާގެ ރީތި ވާހަކަތައް ކުލްޘޫމާ ކިޔައިދިނެވެ. ފޫހިކަމެއް ނެތި ކުލްޘޫމާގެ ވާހަކަތައް އަޑުއަހަން ޒުބެއިދާ ހުއްޓެވެ.
''މީ ޒުބޭއަށް...'' ފޮށީގެ ތެރެއިން ނެގި ހަދިޔާ ކުލްޘޫމާ ދިއްކޮށްލިއެވެ. ހިނިތުންވުމަކާއެކުގައި ކުލްޘޫމާ ދިން ހަދިޔާ ޒުބެއިދާ ބަލައިގަތެވެ. އެއީ ކުޑަކުޑަ ފޮއްޓެކެވެ. ފޮށީގެ ތެރޭގައި އޮތީ ގަޑިއެކެވެ.
''އަޅާބަލަ...'' ކުލްޘޫމާ އެދުނެވެ. ހިނިތުންވުމަކާއެކު ފޮށިން ނެގި ގަޑި އަތުގައި ޒުބެއިދާ އަޅާލިއެވެ.
''ޕާފެކްޓް...'' ކުލްޘޫމާ ބުނެލިއެވެ. ''އައިމް ސޯ ޓަޔާޑް... އެކަމަކު ބޭނުން މައުސޫމާއްތަ ގާތަށް ދާން، މިރޭ ނިދާނީ ތިގޭގައި......'' ބޭނުންވާނެ އެއްޗިސް އަތްދަބަހަށް އަޅަމުން ޒުބެއިދާއާ އެކުގައި ކޮޓަރިން ނިކުންނަން ކުލްޘޫމާ ހިނގައިގަތެވެ. ބޭރަށް ނިކުމެވުނު އިރުގައި ރޭގަނޑު ކާން ހޯދަން ފަޒީލާ އަތުވެއްޖެއެވެ.
''މަންމާ... މިއުޅެނީ ޒުބޭއާއެކު އެގެއަށް ދާން...'' މަންމަ ފެންނަ އިރަށް ފަޒީލާ ބުންޏެވެ. ދުވަސްތަކެއް ފަހުން ބައްދަލުވުމުން ދެ އެކުވެރިން ދައްކަން ލައްކަ ވާހަކަތަކެއް ހުންނާނެކަން ފަޒީލާއަށް ނަގައިގަނެވުނެވެ.
''އެންމެ ރަނގަޅު، އެކަމަކު ކައިގެން ދާން ވާނީ... ކައި ނިމުނީމަ ރާޖޫ ގާތު ބުނޭ ކާރުގަ ގެންގޮސްދޭން...'' ފަޒީލާ ހުއްދަދިނެވެ.
*****
ވާހަކައިގައި ތިބެ ކާރުން ފޭބި ކުލްޘޫމާއާއި ޒުބެއިދާ މަގު ހުރަސްކޮށް ކުރިމަތިން ފެންނަން އޮތް ހަނި މަގަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ޒުބެއިދާގެ މޫނުން ނުތަނަވަސްކަން ވެރިވި މަންޒަރު ކުލްޘޫމާއަށް ފެނުނެވެ. އެއާއެކު ކުލްޘޫމާގެ ހިތުގައި ސުވާލު އުފެދުނެވެ. ޒުބެއިދާގެ އަތުގައި ހިފާލަމުން އޭނާ ނިތް އަރުވާލިއެވެ. އެ ވަގުތު ތައުމީމްއާއި އޭނާގެ ގްރޫޕް މީހުން އެޕާޓްމެންޓަށް ވަދެވެން ހުރި މައި ދޮރު ކައިރީގައި ސިނގިރޭޓް ބޯން ތިއްބެވެ.
''ޒުބީ...'' ތައުމީމް ގޮވާލިއެވެ. އެއާއެކު ޒުބެއިދާއަށް އައި ބަދަލުތައް ކުލްޘޫމާއަށް ނަގައިގަނެވުނެވެ. ވަގުތުން އެ މޫނަށް ރުޅިވެރިކަން ވެރިވެއްޖެއެވެ. ދެލޯ ހަނިކޮށްލަމުން ތައުމީމްއަށް އޭނާ ބަލައިލިއެވެ. ތައުމީމް ހެވިފައި ބަލަން ހުއްޓެވެ.
''ކުލް...'' ޒުބެއިދާ ގޮވާލިއެވެ. ކުލްޘޫމާ ރުޅި އައިސް އެއްޗެއް ބުނެފަނެތީ އޭނަ ނުތަނަވަސް ވިއެވެ. ތައުމީމް އަމަލުކޮށްފާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. އަނެއްކޮޅުން ތައުމީމް ގާތުން ލާފައި ނޫނީ އެތެރެއަށް ވަދެވޭކަށް ވެސް ނެތެވެ.
''ނިއު ފްރެންޑް؟...'' ދޮރާ ކައިރިއަށް ދެވުނު ހިނދު ކުލްޘޫމާއަށް ފުން ބެލުމަކުން ތައުމީމް ބަލައިލިއެވެ. ޒުބެއިދާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް ކުލްޘޫމާގެ އަތުގައި ހިފަމުން ދޮރުން އެތެރެއަށް ވަނެވެ. އެ ވަގުތު ތައުމީމްއާއި އޭނާގެ އެކުވެރިން ތުނބުން ފުމެން ފަށައިފިއެވެ. ފާޑަކަށް ހީގަތް އަޑުވެސް އިވުނެވެ.
''ހިނގާބަލަ...'' ކުލްޘޫމާގެ އަތުން ދޫކުރުމެއް ނެތި ޒުބެއިދާ ބުންޏެވެ.
''އެ ކާކު؟...'' ފަސްއެނބުރި ބަލައިލި ކުލްޘޫމާ އެހިއެވެ.
''ފަސްޓް ފްލޯއަށް ފަހުން އައި މީހެއް... ބޮޑު ފޫހިގަނޑެއް...'' ޒުބެއިދާގެ އަޑުގައި ވަނީ ފޫހިކަމެވެ.
''އޭނާ އެހެން އުނދަގޫ ކުރަންޏާ ޕޮލިހަށް ރިޕޯޓްކުރަން ފެންނަނީ...'' ޒުބެއިދާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވެފައިވާ ރާގެއްގައި ކުލްޘޫމާ ވާހަކަދެއްކިއެވެ.
''އޭރުން އިތުރަށް އުނދަގޫކުރަން ފަށާނީ... މިހާރު ވިއްޔާ ހަމައެކަނި ގޮވާލަނީތާ...'' ޒުބެއިދާ ދެކޮޅު ހެދިއެވެ.
''ޒުބޭ... މިކަހަލަ ކަންތަކުގަ މަޑުން ހުންނަންޏާ ފަހުން ގޯސް ވެދާނެ... މިހާރު ހަމައެކަނި ނަމުން ގޮވިިޔަސް ފަހުން އޭނާ ކަންތައްކޮށްފާނެ ގޮތެއް އެނގޭނީ ކާކަށްތަ؟...'' ކުލްޘޫމާ ބުންޏެވެ. ޒުބެއިދާއަށް ވިސްނައިދޭން އުޅޭ ކަހަލައެވެ.
''ދެން މާބޮޑަށް އެކަމާ ނުވިސްނަބަލަ... މަންމަ ގާތު އަމުދުން ނުބުނާތި... އޭނާ އެހެން އުޅެފަ އަހަރެންގެ ޝައުގުވެރިކަން ނެތްކަން އެނގުނީމަ ހުއްޓާލާނެތާ...'' ޒުބެއިދާ ހިނިތުންވެލިއެވެ.
''ފައިން... އެކަމަކު އޭނާ އިތުރު އުނދަގުލެއް ކޮށްފިއްޔާ އަހަރެން ގާތު ބުނަތި...'' ކުލްޘޫމާ ބުނެލިއެވެ.
''އޯލްރައިޓް...'' ޒުބެއިދާ ބޯޖަހާލިއެވެ.
*****
ހަފުތާއެއް ފަހުން ކުލްޘޫމާގެ އުފަން ދުވަސް ފާހަގަކުރަން ކުލަގަދަ ޕާޓީއެއް ބޭއްވުނެވެ. ސްކޫލްގައި އުޅުނު އުކުވެރިންނާއި، މެލޭޝިޔާއިން ދިމާވި އެކުވެރިންގެ ތެރެއިން އެވަގުތު މާލޭގައި ތިބި އެކުވެރިންނަށް ވެސް ދައުވަތު އެރުވިއެވެ. ޕާޓީތަކަށް އައުމަކީ ޒުބެއިދާ އެހާ ގަޔާވާ ކަމަކަށް ނުވިޔަސް ކުލްޘޫމާގެ އުފަން ދުވަހަށް ވީތީ ނޫނެކޭ ބުނަން ނުކެރުނެވެ. ޕާޓީ ތެރޭގައި ހޭލަމޭލަވަމުން ދިޔަ މީހުންނަށް ބަލަންޒުބެއިދާ ހުއްޓެވެ. އެރޫ ދައުވަތު ދިން ރަހުމަތްތެރިންނާއި ވާހަކަދައްކަން ތަންކޮޅެއް ދުރުގައި ކުލްޘޫމާ ހުއްޓެވެ.
''ހާއި...'' އިވުނު ބަރު އަޑުން ޒުބެއިދާ ދިޔައީ ސިހިގެންނެވެ. އޭނަ ގާތަށް އައިސް ހުއްޓުނު ޒުވާނާއަށް ޒުބެއިދާއަށް ބަލައިލެވުނެވެ. އެވަގުތު އޭނަގެ ހިތަށް ގޮތެއް ވެގެން ދިޔަކަން ގައިމެވެ. އެޒުވާނާއާއި ހަތަރުކަޅި ހަމަވުމާއެކު ހިތުގެ ތެޅުމާއި ނޭވަގެ ހިނގުން އަވަސް ވެއްޖެއެވެ. މީގެ ކުރިން އިހުސާސްކުރެވުނު ކަމެއް ނޫނެވެ. މީހާއަށް ނުތަނަވަސްކަން ވެސް ލިބުނެވެ.
''އާފާގު...'' ކުއްލިޔަކަށް އިވުނީ ކުލްޘޫމާގެ އަޑެވެ.
''ޔޫ ކޭމް...'' ހިނިތުންވުމަކާއެކުގައި އައިސް އާފާގުގެ ގާތަށް ކުލްޘޫމާ ހުއްޓުނެވެ. ކުލްޘޫމާއަށް އަވަސް ނަޒަރެއް އާފާގު ދިނެވެ. އެއަށްފަހު އޭނަގެ ތޫނު ނަޒަރު އަނެއްކާ ވެސް ޒުބެއިދާއަށް ހުއްޓުނެވެ.
''ޒުބޭ... މީ އާފާގު... ކޮލެޖުން ދިމާވި ރައްޓެއްސެއް... އާފާގު... މީ އަހަރެންގެ ބެސްޓް ފްރެންޑް... ޒުބެއިދާ...'' ޒުބެއިދާއަށް އާފާގު ތައާރަފްކޮށްދެމުން ކުލްޘޫމާ ހިނިތުންވެލިއެވެ. ފިނިވެފައި ހުރި ޒުބެއިދާ އާފާގުއަށް ބަލައިލިއެވެ. ފުޅާ ހިނިތުންވުމެއް އެވަގުތު ޒުބެއިދާއާއި އާފާގު ބަދަލުކޮށްލިއެވެ.
''ނައިސް ޓު މީޓް ޔޫ...'' އާފާގު ބުންޏެވެ. ޒުބެއިދާ ވެސް ހިނިތުންވެލިއެވެ.
''އާފާގުއާއި ޒުބޭ ހަވާލު އިނގޭ... އަހަރެން އަންނަންދެން ޒުބޭ އެކަނިކޮށްނުލައްޗޭ...'' ކުލްޘޫމާ އެދުނެވެ. އެތައް ދުވަހަަކަށް ފަހު ސްކޫލްގައި ކިޔަވަން އުޅުނު އެކުވެރިން ފެނުމުން އެންމެންނާއި ވާހަކަދައްކާލަން ކުލްޘޫމާ ހުރީ ބޭނުންވެފައެވެ.
ކުލްޘޫމާއަށް ބަލައިލަމުން އާފާގު ބޯޖަހާލިއެވެ. އޭނަގެ ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުން ފުން ވެއްޖެއެވެ.
ކުލްޘޫމާ ދިއުމާއެކުގައި އާފާގުއާއި ޒުބެއިދާ އެކަނިވިއެވެ. ފިނިވެފައި ޒުބެއިދާ ހުއްޓާ އާފާގު އިސްވެ ވާހަކަދައްކަން ފެށިއެވެ. ދެޒުވާނުންގެ ގުޅުން ބަދަހިވާން ގިނަ އިރެއް ނުނެގިއެވެ. އާފާގުއަށް ސިއްރުސިއްރުން ބަލަމުން ޒުބެއިދާ ވެސް ވާހަކަދައްކަން ފެށިއެވެ. އޭނައަށް އާފާގު ވަރަށް ކަމުދިޔައެވެ. ވާހަކަދައްކަން ފަސޭހަވީ ވެސް އެހެންވެއެވެ. ޕާޓީ ނިމިގެން ދިޔައިރުގައި މުޅިން އައު ބާބެއް އާފާގުއާއި ޒުބެއިދާގެ ހަޔާތުގައި ފެށިގެން ގޮސްފިއެވެ.
(ނުނިމޭ)