މާޒީގައި ކަންތައް ވެދިޔަ ގޮތް ރަސަލްއަށް ކުލްޘޫމާ ކިޔައިދިނެވެ. ގަބު އަރާފައި ރަސަލްއަށް އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގެއެވެ. އޭރު ކުލްޘޫމާގެ ޖުމްލަތައް ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަމުން ދިޔައެވެ. ހިމޭންކަން އިހުތިޔާރުކުރެވުނީ އެ ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން ނުކުޅެދުމުންނެވެ. ހިޔާލުތަކުގެ ތެރޭގައި ބަނދެވުމުން ދިޔަ ހިނދު ކުލްޘޫމާގެ ގިސްލުންތަކުގެ އަޑުން ހަމަހޭވެރިކަން އޭނައަށް ވިއެވެ. އިސްޖެހިފައި ރޮމުން ދިޔަ ކުލްޘޫމާއަށް ބަލައިލި ރަސަލްގެ މޫނަށް ހަމްދަރުދީގެ ލިސާންތައް ވެރިވެގެން ދިޔައެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކުގައި ކުލްޘޫމާ ގެެނެސް މޭގައި އޭނާއަށް ޖައްސާލެވުނެވެ. ކުލްޘޫމާގެ ލޮލުން އޮރޮހެމުން ދިޔަ ކަރުނަތަކާއި އިވެމުން ދިޔަ ގިސްލުންތަކުން މާޒީގައި ކުރެވުނު ކުށްތަކާ މެދު ދެރަވެފައިވާކަން ރަސަލްއަށް ނަގައިގަނެވުނެވެ. ހަމައެއާއެކު އޭނާގެ ހިމޭންކަމުން ކުލްޘޫމާގެ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތައް ވެސް އިހުސާސްކުރެވުނެވެ.
''ހަސަދައިގެ ސަބަބުން އަހަންނަށް އެފަދައިން ކަންތައް ކުރެވުނީ... އެންމެ ގާތް އެކުވެރިޔާގެ އިތުބާރު ނަގައިލެވުނީ... ރަސަލް... އަހަރެން މީ ކުރީގެ ކުލްޘޫމާއެއް ނޫން... ކުރެވުނު ކަންތަކާ މެދު އަހަރެން ދެރަވެ ލަދުގަނޭ... ދެރައީ ވިސްނުނު އިރުގައި ވަގުތު ފާއިތުވެފައިވާތީ... މިއަދު އަހަރެންގެ ނުބައިކަމުގެ ސަޒާ ލިބެމުން އެދަނީ އަހަރުމެންގެ ދަރިފުޅަށް...'' ރަސަލްގެ މޭގައި ލައްވެލަމުން ހިތުގެ އުދާސްތައް ކުލްޘޫމާއަށް ބަންޑުންކޮށްލެވުނެވެ. ރަސަލްގެ އަތުގެ ހިމާޔަތް ލިބުމުން ކޮންމެވެސް ވަރަކަށް އޭނާ ހަމައަކަށް އެޅުނެވެ. ހަމައެއާއެކު އޭނާގެ މާޒީ ހާމަވުމަށްފަހުގައި ވެސް ރަސަލް އޭނާ ބަލައިގަތުމުން އެ ހިތުގައި އޭނާއަށްޓަކައި އޮތް ލޯބި އިހުސާސްކުރެވި ޖަޒުބާތުގައި ޖެހޭ ގޮތް ވެއްޖެއެވެ.
''ކުށެއް ކުރެވުމަށްފަހު އެ ކުށާ މެދުގައި ދެރަވެ ހިތާމަކުރުމަކީ ހެޔޮމަގަށް އެނބުރި ދިއުމަށް ލިބިގެންދާ ފުރުސަތެއް... މަދު މީހަކަށް ނޫނީ އެ ނަސީބެއް ވެސް ނުލިބޭ... ކޮންމެ މީހެއްގެ މާޒީއެއް ވާނެ... އެއީ މީހާ އިސްލާހުވުމަށް ވެސް ލިބިގެންދާ ފުރުސަތެއް... މާޒީގެ މައްޗަށް ބުރަވެ އެމީހަކާ މެދު ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުކުރުމަކީ ގޯހެއް... މީހަކަށް ގޯހެއް ހެދުމުން ބާކީ ކޮށްލުމަކީ ވަރަށް ގޯސް ވިސްނުމެއް...'' ރަސަލްގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ކުލްޘޫމާގެ އިސްތަށިގަނޑުގައި އޭނާ ބޮސްދިނެވެ. އަދި މަޑުމަޑުން ބުރަކަށީގައި ފިރުމާލަދިނެވެ. ރަސަލްގެ ކޮންމެ ހަރަކާތެއްގައި ވެސް ވަނީ ލޯތްބާއި އޯގާތެރިކަމެވެ. ކިތަންމެ ޒަމާނެއްވިކަމުގައި ވިޔަސް އެ ހިތުގައި ކުލްޘޫމާއަށްޓަކައި އޮތް ލޯތްބަށް ކުޑަ ވެސް ފަނޑުކަމެއް އައިސްފައި ނެތެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެވުނު ލޯބީގެ ވިންދު އަދިވެސް އެ ހިތުގައި ޖަހަމުން ދިޔައެވެ. އެ ހިތް ދުވަހަކު ވެސް ބަދަލެއް ނުވާނެއެވެ.
''ރަސަލް...'' ކުލްޘޫމާގެ އަރުބެދޭ ގޮތް ވެއްޖެއެވެ. ފިރިމީހާގެ ވާހަކަތަކުން އެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ''އަހަންނަށް މައާފު ލިބުން ހައްގުތަ؟...''
''އަހަރެން ކުލްޘޫމާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ... ކުލްޘޫމާގެ ފުރިހަމަ ސިފަތަކާއެކު ލޯބިވާ ފަދައިން އުނި ސިފަތައް ވެސް އަހަރެން ގަބޫލުކުރާނަން... އިންސާނުންނަކީ ކުށްކުރެވޭ ބައެއް... ކުރެވޭ ކުށްތަކާ މެދު ދެރަވެ ހިތާމަކޮށް އިސްލާހުވުމުން މައާފު ވެސް ލިބެން ޖެހޭނެ...'' ރަސަލް ބުންޏެވެ. ''އަހަރުމެންގެ ދަރިންނަށް އެފަދަ ރަނގަޅު ތަރުބިއްޔަތެއް ވެސް ލިބުނީ ކުލްޘޫމާގެ ހިތް ސާފުވުމުން... އެކަމަށް އަހަރެން އަބަދުވެސް ޝުކުރު އަދާކުރާނަން...''
''އަހަރެންގެ ސަބަބުން ގޭތެރޭގެ މަސްލަހަތު ވެސް ގެއްލިއްޖެ... ޒިވްޔަން....'' ކުލްޘޫމާގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. ޒިވްޔަންގެ ނަން ހިތަށް ވެރިވެގެން ދިއުމާއެކު ތާޒާ ކަރުނަތައް ލޮލަށް ޖަމާވެއްޖެއެވެ. ދަރިފުޅުގެ ހިތުގައި އަޅަމުންދާނެ ވޭން އޭނާއަށް ތަސައްވަރުކުރެވުނެވެ. ހިތުގެ ލޯތްބާ ވަކިވާން ޖެހުމަކީ ވޭން ހުރި ކަމެކެވެ. މުޅި މީހާގެ ނަފުސު އަނދިރިކަމެއްގެ ތެެރެއަށް ވެސް ހުށަހެޅިގެން ހިނގައިދާނެއެވެ. މިހާރު ޒިވްޔަން ހުންނާނީ ވެސް ނާޒުކު ހާލަތެއްގައެވެ.
''ކުލްޡޫމާ...'' ރަސަލް ގޮވާލިއެވެ. ''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ހަމައަކަށް އެޅިގެން ދާނެ...''
''އެކަމަކު...'' ކުލްޘޫމާގެ ވާހަކަ މެދުކެނޑުނީ ރަސަލް ވާހަކަދައްކަން ފެށީމެއެވެ.
''މިކަމަށް އަހަރުމެން އެކީގައި ހައްލެއް ހޯދާނީ... ޒިވްޔަންއަށް ޒިވްޔަންގެ ލޯބި ހޯދައިދޭން މަސައްކަތްކުރާނީ އޭނާގެ މަންމައާއި ބައްޕަ... އާފާގު ގާތަށް މަސްރަހު ރަނގަޅުވެލުމުން އަހަރުމެން ދާނީ... މައާފު ހޯދަން މަސައްކަތްކުރާނީ ވެސް އޭރުން...'' ރަސަލް ނަސޭހަތް ދިނެވެ. ވަގުތުގެ ނާޒުކުކަން އޭނާ ކުލްޘޫމާއަށް ހަނދާންކޮށްދިނެވެ. މިވަގުތު އާފަގު ގާތަށް ގޮސްފިނަމަ އިތުރަށް ރުޅިއައުން ނޫންކަމެއް ނުވާނެއެވެ. ރުޅީގެ މައްޗަށް ބުރަވެ ހުރެގެން ރަނގަޅު ނިންމުމެއް ވެސް ނުނިންމޭނެއެވެ. ޒިވްޔަންއާއި ސަރުވާގެ މުސްތަގުބަލަށްޓަކައި ސަމާލުވެގެން މެނުވީ އެދެވޭ ފަދަ ނަތީޖާއެއް ވެސް ނުނެރެވޭނެއެވެ.
''އަހަންނަށް ޒުބެއިދާ މައާފުކުރާނެތަ؟...'' ރަސަލްއާ ދުރަށް ޖެހިލި ކުލްޘޫމާއަށް އަހާލެވުނެވެ. އިސްޖެހިފައި އިން ކުލްޘޫމާގެ ދަތްދޮޅީގައި ރަސަލް ޝަހާދަތް އިނގިލިއަޅުވާލިއެވެ. އަދި ކުލްޘޫމާއާ ހަތަރުކަޅި ހަމަކޮށްފިއެވެ.
''މައާފު ދިނުމަކީ ވަރަށް މާތް ސިފައެއް...'' ކުލްޘޫމާގެ ސުވާލުން ނުތަނަވަސްކަން ލިބުނުކަމުގައި ވިޔަސް ރަސަލް ވާހަކަދެއްކީ ކުލްޘޫމާގެ ހާސްކަމަށް ނިމުމެއް ގެނެސްދެވޭނެ ފަދައަކުންނެވެ. ހަގީގަތަށް ބުނާނަމަ އޭނާގެ ހިތްވެސް ވަނީ ހާސްކަމެއްގެ ތެރޭގައެވެ.
ކުލްޘޫމާއާއެކުގައި ހަޔާތުގެ ދުވަސްތައް ވޭތުކުރުމުގެ ނަސީބު ލިބުމުން އެ ހިތުގެ ސާފުކަން އޭނާއަށް ވަނީ އިހުސާސްކުރެވިފައެވެ. ނަމަވެސް ޒުބެއިދާއާއި ކުލްޘޫމާގެ އެކުވެރިކަމަށް ނިމުން އައި ގޮތުންނާއި އާފާގުގެ ރުޅިވެރިކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާ މެދުގައި އޭނާގެ ނަފުސު ވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޒިވްޔަންގެ މުސްތަގުބަލާ މެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ. ދަރިފުޅުގެ ލޯބި ހާސިލުވާން ހުދު ރަސަލް ވެސް ބޭނުމެވެ. މިރޭ ވެސް އެ ދަރިފުޅުގެ ފަރާތުން ފެނުނު ބަދަލުތަކުން ރަސަލް ވަނީ ސިހުމެއްގެ ތެރޭގައެވެ. ފުރާވަރަށް އެރިފަހުން, މިރޭ ނޫނީ ޒިވްޔަން ރޮނިކޮށް އޭނާއަށް ދުވަހަކު ފެނިފައި ނުވެއެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ލޯބިވާ ދަރިފުޅުގެ އުފާވެރިކަމަށް ނިމުމެއް އަތުވެއްޖެކަން ގަބޫލުކުރަން ވަނީ ދަތިވެފައެވެ. ޒިވްޔަންގެ ލޮލުން ފެނުނު ކަރުނުން ރަސަލްގެ ހިތަށް ވެސް ތަދުވެއްޖެއެވެ.
އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ސޯފާއިން ރަސަލް ތެދުވުނެވެ. ހިތުގައިވި އުދާސްތައް އެއްފަރާތްކޮށްލަން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ކުލްޘޫމާއަށް އޭނާގެ އަތްތިލަ ދިއްކޮށްލިއެވެ. ކޯތާފަތް ފޮހެލި ކުލްޘޫމާ ބަލައިލީ ރަސަލްގެ މޫނަށެވެ. އޭނާ ރަސަލްގެ އަތުގައި ހިފުމުން އެ އަތުގައި ބާރަށް ރަސަލް ހިފާލިއެވެ. ކުރިމަތިވެފައި އޮތް އިމްތިހާނުގައި ސާބިތުކަމާއެކުގައި ކުލްޘޫމާގެ ހިތްވަރެއްކަމުގައި ވާނެ ކަމަށް ކުރި ވައުދެއް ކަހަލައެވެ. ކުލްޘޫމާގެ ހިތްވަރެއްކަމުގައި ވާނެކަމުގައި އަންގައިދިނީ އެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމެވެ.
''މަންމަ...'' ކުލްޘޫމާ ބުނަން އުޅުނެވެ.
''އަހަރެން މަންމައާ ވާހަކަދައްކާނަން... މިވަގުތު އެންމެނަށް ވެސް ވަގުތު ބޭނުންވާނެ...'' ރަސަލް ބުންޏެވެ. ކުލްޘޫމާ ބޯޖަހާލިއެވެ. އޭނާއަށް އޭރު ވިސްނެމުން ދިޔައީ ނިކުމެގެން ދަމުން އޭނާއާއި ޒުބެއިދާ ބަދަލުކޮށްލި ނަޒަރެވެ. އެ ދެލޮލުން ފެނުނު އުދާސްކަމެވެ. ކުލްޘޫމާގެ ހިތް ރޯލިއެވެ. ދުވަސްވީ ރަހުމަތްތެރިކަން އަނބުރާ އިއާދަވެގެންދާނެ ނަމަ ހާދަ ރަނގަޅެވެ. ޒިވްޔަންއާއި ސަރުވާގެ ލޯތްބަށް ދެވަނަ ފުރުސަތެއް ލިބޭނެ ނަމަވެސް ހާދަ ރަނގަޅެވެ. އެ ވަގުތު ހިތުގައި ކުލްޘޫމާ އަޒުމެއް ކަނޑައެޅިއެވެ. އާފަގުއާއި ޒުބެއިދާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ޖެހުނުކަމުގައި ވިޔަސް އޭނާ އެކަން ކުރާނެއެވެ.
*****
އެނދުގައި އިން ތާރާއަށް ކޮޓަރިއަށް ވަން މިރާހް ފެނުނެވެ. މިރާހްގެ މޫނުގައިވި ކަންބޮޑުވުން ފެނި ތާރާއަށް ލިބުނީ ހާސްކަމެކެވެ. އެނދުން ތެދުވަމުން އޭނާ އައިސް މިރާހްގެ ކުރިމައްޗަށް ހުއްޓުނެވެ.
''ދޮރެއް ނުހުޅުވި...'' ތާރާއަށް ބަލައިލަމުން މިރާހް ބުންޏެވެ. އޭނާގެ އަޑުގައި ވަނީ މާޔޫސްކަމެވެ. އިސްޖަހާލެވުނީ ޒިވްޔަންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގައި ނާކާމިޔާބުވުމުންނެވެ.
''މިރޫ...'' އިސްޖެހިފައި ހުރި މިރާހްގެ ކޯތާފަތުގައި ތާރާ އަތްޖައްސާލިއެވެ. އަދި މިރާހްއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.
''ގިވް ހިމް ސަމް ޓައިމް...'' ތާރާ ބުންޏެވެ. މިރާހްގެ ހިތަށް ހަމަޖެހުމެއް ގެެނެސްދޭން އޭނާ ބޭނުންވިއެވެ. ޒިވްޔަން ދެކެ މިރާހް ވާ ލޯބި ކުރިން ވެސް އޭނާއަށް ވަނީ ފެނިފައެވެ. ޒިވްޔަންގެ ހިތާމަތަކުން މިރާހްއަށް ފުން އަސަރުތަކެއްކޮށްފައިވަނީ ވެސް އެހެންވެއެވެ.
''އެކަމަކު...'' މިރާހް ބުންޏެވެ. މިރޭ އޭނާއަށް ޒިވްޔަންގެ ފަރާތުން ފެނުނީ ދުވަހަކުވެސް ފެނިފައިވާ ކުލަވަރުތަކެއް ނޫނެވެ. ރުޅިއަކީ ޒިވްޔަންއާ ނުބައްދަލު ސިފައެކެވެ. ކަންބޮޑުވަނީ ވެސް އެހެންވެއެވެ.
''މިރޫ... ކަންބޮޑުނުވެބަލަ... ހީ އިސް ސްޓްރޯންގް... ހީ ވިލް ގެޓް ތްރޫ ދިސް... މާދަން ދެން ޒެންއާ ވާހަކަދައްކާނީ... މިވަގުތު ޒެން ބޭނުންވާނީ ވެސް އެކަނިވެލަން...'' ތާރާ ބުންޏެވެ. ތާރާއާއި ހަތަރުކަޅި ހަމަކޮށްލި މިރާހް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ތާރާގެ ދެލޮލަށް ބަލަން ހުރެފައި އޭނާ ބޯޖަހާލިއެވެ.
''އަދިވެސް ވެދިޔަ ކަންތައް ގަބޫލުކުރަން ނޭނގިފައި އަހަރެން މި ހުންނަނީ... އައިމް ޝުއާރ ދެއި ނޯ އީޗް އަދާރ... އެކަމަކު މަންމަ ފެނުމުން ކުއްލިއަކަށް ސަރޫގެ ބައްޕަ ރުޅިގަދަވީ ކީއްވެގެންބާ؟...'' މިރާހްއާ އެކުގައި އައިސް އެނދުގައި އިށީން ތާރާއަށް ބުނެވުނެވެ. އޭނާއަށް އަދިވެސް ވިސްނެމުން ދިޔައީ މިރޭގެ ހަދިސާއާ މެދުގައެވެ.
''ދެން މާބޮޑަށް އެކަމާ ނުވިސްނާ...'' މިރާހްގެ ހިތުގައި ވެސް ވަނީ ސުވާލެވެ. ނަމަވެސް މައުލޫއު ބަދަލުކޮށްލަން އޭނާ އެހެން ވާހަކައެއް ދައްކަން ފެށިއެވެ. ''ބަނޑުހައިވެފަ ދޯ ތިހުރީ... ހިނގާ ކާން...''
*****
ލިފްޓް ތެރެއަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމެވެ. އާފާގުގެ ފަހަތުގައި ބަތޫލްއާއި ސަރުވާ ތިއްބެވެ. ސަރުވާ އަތުލިފައިކޮށްގެން ޒުބެއިދާ ހުއްޓެވެ. އޭރު ވެސް ސަރުވާއަށް ރޮވެނީއެވެ. ލޮލުން ކަރުނަ ފައިބާ ކޮންމެ ފަހަރަކު އަވަސްއަވަހަށް ކަރުނަތައް ފޮހެލައެވެ. ނަމަވެސް ސިކުންތުކޮޅެއް ވެސް ނުވަނީސް ތާޒާ ކަރުނަތައް ލޮލަށް ޖަމާވެގެން ދެއެވެ. ސަރުވާގެ ދޮން މޫނު ވަނީ ރަތްވެފައެވެ.
އެޕާޓްމެންޓަށް ވަދެވުމާއެކު އާފާގު ބަލައިލީ ސަރުވާއަށެވެ. ރޮމުން ދިޔަ ސަރުވާ ފެނުމުން އާފާގު ބުނަން އުޅުނު ޖުމްލަ ދިރުވާލިއެވެ. ކަރުނަ ވަޅުގައި ބޮޑުވާ އިނގިލި ޖައްސައި ބާރުކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
''ސަރުވާ...'' އާފާގު ގޮވާލިއެވެ. މިހާރު އެ އަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. ހަމްދަރުދީގެ އަސަރު އެ އަޑުގައިވިއެވެ. ސަރުވާ މަސަލަސްކުރަން ބޭނުންވިޔަސް އެއީ މުސްތަހީލުކަމެއްކަން އާފާގުއަށް ވިސްނުނެވެ. ސަރުވާގެ ކަރުނައާއި ހިތްދަތިކަމާ ގުޅިފައިވަނީ ޒިވްޔަންކަން ނަގައިގަނެވުމުން ހިސާބަކަށް ރުޅިވެސް އަންނަ ގޮތް ވެއްޖެއެވެ.
ސަރުވާއަށް ވިސްނައިދޭން އާފާގު މަސައްކަތްކުރިއެވެ. ކުރިން އެ ހިތުގައި ޒިވްޔަންއަށް ދެވިފައި އޮތް މަގާމު ވަނީ ކިލަނބުވެގެން ގޮސްފައެވެ. ކުލްޘޫމާގެ މޫނު ފެނުނު ހިސާބުން އާފާގުގެ ނަފުސަށް ވެރިވެފައިވަނީ ގަދަފަދަ ރުޅިއެކެވެ.
''ސަރުވާއަކަށް ރަނގަޅު ގޮތް ހޯދައިދޭން ބައްޕަ މަސައްކަތް މި ކުރަނީ... ދަރިފުޅަށް އަދި ވިސްނޭނެ... ޒިވްޔަންއާއި ދަރިފުޅު ގުޅެން ބައްޕައަކަށް ހުއްދައެއް ނުދެވޭނެ... އަމުދުން އެގެއަށް ސަރުވާ ދާން ހަމަހިލާ އަހަރެންގެ ހިތެއް ނުރުހޭނެ... ދެން އެންމެ ރަނގަޅު ވާނީ ޒިވްޔަން މަތިން ހަނދާން ނައްތާލައިފިއްޔާ... ދަރިފުޅަށް ރަނގަޅު ބައިވެރިއެއް ބައްޕަ ހޯދައިދޭންނަން...'' އާފާގު ބުންޏެވެ. ކަރުނަ ބަބުޅަމުން ދިޔަ ދެލޮލުން އިސްއުފުލައި ބައްޕަގެ މޫނަށް ސަރުވާއަށް ބަލައިލެވުނެވެ. އޭނައަށް ދެފަރާތަށް ބޫހޯރާލެވުނީ ބޭއިހުތިޔާރުގައެވެ. ހިތުގައި އަޅަމުންދިޔަ ވޭން ބަރުދާސްތުކުރަން ދަތިވެއްޖެއެވެ. އަދިވެސް އޭނާއަށް ސިފަކުރެވެމުން ދިޔައީ ކަރުނަ ވިދަމުން ދިޔަ ޒިވްޔަންގެ ދެލޮލެވެ. އެ މޫނުގައިވި ހިތްދަތިކަމެވެ. ދެ ހިތުގައި އަޅަމުން ދިޔަ ވޭނެވެ.
''ސަރުވާ!!!...'' ބާރަށް އާފާގު ހަޅޭއްލަވައިގަތެވެ. ފާރުތައް ވެސް ގުޑައިގެން ދިޔަ ކަހަލައެވެ. ސިހިގެން ދިޔަ ބަތޫލްއަށް ވަދެވުނީ ޒުބެއިދާގެ ފުރަގަހަށެވެ. ސަރުވާއަށް އޭރު ގިސްލެވިއްޖެއެވެ.
''ބައްޕަ ބުނި ގޮތަކަށް ސަރުވާ ހަދަން ޖެހޭނީ... އޭނާއާ އިތުރަށް ވާހަކަދައްކައިފިއްޔާ ސަރުވާ ޖެހޭނީ މިގެއިން ނިކުންނަން... އޭރުން ތީ އަހަރެންގެ ދަރިއެއް ކަމުގައި ވެސް ނުބަލާނަން...'' އާފާގުގެ އިންޒާރުން ސަރުވާއަށް ހުއްޓުމެއް އަތުވެއްޖެއެވެ. ބޭރަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެއްޖެއެވެ. މުޅި މީހާ ހުރީ ގަބު އަރައިފައެވެ.
''އާފާގު... ހެޔޮނުވާނެ, ރުޅިމަޑުކޮށްބަލަ...'' ޒުބެއިދާގެ ކެތްތެރިކަން އެންމެފަހުން ކޮޅުން ލައިފިއެވެ. އެފަދަ އިންޒާރެއް ދުވަހަކު ވެސް ސަރުވާއަށް އާފާގު ދީފާނެކަން ގަބޫލުކުރަން ވެސް އޭނާއަށް ދަތިވެއްޖެއެވެ.
''އޭނާއަށް ރަނގަޅު ގޮތް ހޯދައިދޭން އުޅޭއިރު ވެސް ފާޅުގައި ދެކޮޅު ހަދަމުން އެދަނީ!... އިހަށް ދުވަހު ދިމާވި ފިރިހެނަކާ ޖެހިގެން މައިންބަފައިންނަށް ގަދަރުކުރުން ވެސް ހަނދާން ނައްތާލައިފި... އަހަރުމެން ދިން ތަރުބިއްޔަތު ވެސް ހަނދާން ނައްތާލައިފި...'' އާފާގު ނުރުހުމާއެކު ޒުބެއިދާއަށް ބަލައިލިއެވެ.
''ރުޅިމަޑުކޮށްބަލަ... ތި ރުޅީގެ ސަބަބުން ހުރިހާކަމެއް ގޯހުން ގޯހަށް ހިނގައިދާނެޔޭ...'' ފިރިމީހާއަށް ވިސްނައިދޭން ޒުބެއިދާ މަސައްކަތްކުރިއެވެ. ''ނިކަން ބަލާބަ... އެ ދެކުދިން ވެސް އެ ތިބީ ބިރުން... ތިހެން ވާހަކަ ނުދައްކަފާނަންތަ...''
ސަރުވާއާއި ބަތޫލްއަށް އާފާގު ބަލައިލިއެވެ. ބިރުވެރިކަމާއި ސިހުން ފެނުނު ހިނދު އާފާގުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރުޅީގެ މައްޗަށް ބާރުފޯރުވަން އުޅުނު ކަހަލައެވެ.
''އަހަރެން މަސައްކަތް މި ކުރަނީ ސަރުވާއަށް ވިސްނައިދޭށޭ... ޒުބެއިދާގެ މައްޗަށް އެ ކުލްޘޫމާ އަނިޔާވެރިވި ދުވަސް ހަނދާން ނައްތާލީތަ؟... އެފަދަ މީހެއްގެ ދަރިއަކާއި ސަރުވާ ގުޅުމުގެ ފުރުސަތު އަހަރެން ދޭނީ ކިހިނެއްތަ؟...'' އާފާގުއަށް އުދާސްކަމާއެކުގައި ބުނެވުނެވެ.
ހިމޭންވެފައި ހުރި ސަރުވާއަށް ބައްޕަގެ ޖުމްލައިން ލިބުނީ ސިހުމެވެ. ހިތުގައި އުފެދިފައިވި ސުވާލުތަކަށް ޖަވާބު ލިބުމުގެ ބަދަލުގައި އިތުރު ހާސްކަމެއް ހިތަށް ވެރިވުން ނޫންކަމެއް ނުވިއެވެ.
''ބަތޫލް...'' ޒުބެއިދާ ފަސްއެނބުރި ބަލައިލީ އޭނަގެ ފަހަތުގައި ހުރި ބަތޫލްއަށެވެ. ''ދޮންތި ގޮވައިގެން ކޮޓަރިއަށް ދޭ...''
ބަތޫލް އަވަސްއަވަހަށް މަންމައަށް އިޖާބަ ދިނެވެ. ސިހުމެއްގެ ތެރޭގައިވި ސަރުވާގެ އަތުގައި ހިފައިގެން އޭނާ ކުރިއަށް ހިނގައިގަތެވެ. ސަރުވާގެ މޫނު މުޅިން ވަނީ ހުދުވެފައެވެ. އާފާގުގެ އެންމެ ފަހު ޖުމްލަ ހޮނު ގުގުރީގެ ސިފައިގައި ކަންފަތުގައި ގުގުމައެވެ. މުޅި ނަފުސު ހާސްކަމެއްގެ ތެރޭގައި ގެނބެމުން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. ސަލާމަތުގެ އައްސޭރިއެއް ވެސް ނެތެވެ.
''ސަރުވާ!... ޒިވްޔަންއާ ވާހަކަދައްކައިގެން ނުވާނެ!... ބައްޕަގެ މި ނަސޭހަތުގައި ސަރުވާ ހިފާނެކަމަށް މި ބަލަނީ!!!...'' ކުރިއަށް ހިނގަމުން ދިޔަ ސަރުވާއަށް އާފާގު އަމުރުކުރިއެވެ. ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތައް މަޑުޖައްސާލަމުން ސަރުވާ ފަސްއެނބުރިލިއެވެ.
''ލައްބަ...'' ގަބުއަރާފައި ހުރި ސަރުވާއަށް އިތުރަށް ބައްޕަގެ ނަސޭހަތާ ދެކޮޅު ހަދަން ނުކެރުނެވެ. ބައްޕަގެ ރުޅިވެރިކަން ފެނި އޭނާގެ ހިތް ދިޔައީ ބިރުވެރިކަމުން ރޫރޫ އަޅަމުންނެވެ.
ބަތޫލްގެ އެހީގައި ސަރުވާ ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް އިށީނީ އެނދުގައެވެ. ކޮޓަރީގެ ދޮރު ލައްޕާލި ބަތޫލްއަށް މާޔޫސްކަމާއެކުގައި ސަރުވާގެ މޫނަށް ބަލައިލެވުނެވެ. ބަރުބާރަށް ހިނގާފައި ގޮސް ސަރުވާގެ ގައިގައި ބަތޫލް ބައްދާލިއެވެ. އޯގާތެރިކަމުގެ އަތަކަށް ބޭނުންވެފައި އިން ސަރުވާއަށް ބާރުބާރަށް ގިސްލެވިއްޖެއެވެ. ސަރުވާގެ ރުއިމުގެ އަޑުން ބަތޫލްގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ.
''ދޮންތީ...'' އިހުނަށްވުރެ ބާރަށް ސަރުވާގެ ގައިގައި ބަތޫލް ބައްދާލިއެވެ. ހިތުގައި ޖެހި ރޮމުން ދިޔަ ސަރުވާ ހީވަނީ ބަތޫލްގެ އަތު ތެރެއަށް ފުނޑުފުނޑުވެގެން ހިނގައިދާނެހެންނެވެ. ބުނާނެ އެއްޗެއް ނޭނގި ދޫ ހިމެންވެފައި އިން ބަތޫލްއަށް ސަރުވާގެ ރުއިމުގައި ބައިވެރިވެވުނެވެ.
*****
ސަރުވާގެ ވޭނީ ރުއިމުގެ އަޑުން ބޮޑުކޮޓަރީގެ ހިމޭންކަން ވެސް ނަގާލައިފިއެވެ. ސޯފާގައި އިން އާފާގުއަށް ޒުބެއިދާ ބަލައިލިއެވެ. ހިތްހަމަނުޖެހުމުގެ އަސަރު ޒުބެއިދާގެ މޫނުން ފާޅުވެއެވެ. އެ ދަރަޖައަށް އާފަގުގެ އަމަލުތައް ދިއުމުން އެއްޗެއް ނުބުނެ ހުންނަން ޒުބެއިދާއަށް ކުޅަދާނައެއް ނުވިއެވެ.
''ރުޅި އިސްނުކޮށް ވެސް މިކަމަށް ހައްލު ހޯދެން އޮއްވައި ކީއްވެ އެހެން ކަންތައް ކުރީ؟... އެގޭގައި އެހާ ބޮޑު ހައިޖާންގަނޑެއް ހިންގާލީ ކީއްވެގެންތަ؟... އެންމެންގެ ތެރޭގައި އަހަރުމެން ބަދުނާމުވުން ނޫންކަމެއް ނުވިއެއްނު... އިތުރު ފުރުސަތެއް ވެސް ދެން ލިބޭނެ ހެނެއް ހިއެއް ނުވޭ!... ޒިވްޔަންގެ މާމަ ކުރަމުންދިޔަ އިތުބާރުވެސް ވާނީ ގެއްލިފައި...'' ޒުބެއިދާ އިށީނީ ވަކިން ހުރި ސޯފާ ގޮނޑީގައެވެ.
''އަދިވެސް އެމީހުނާ މެދުގައިތަ ޒުބެއިދާ ތި ވިސްނަނީ؟... އަހަންނަށް ހެޔޮ އެމީހުން ކޮންމެ ގޮތަކަށް ދެކުނަސް، ރަނގަޅީވެސް އަހަރުމެން ދެކެ ރުޅި އައިސްފިއްޔާ... ސަރުވާއާއި ޒިވްޔަން ގުޅޭކަށް އަހަރެން ބޭނުމެއް ނޫން!...'' ޒުބެއިދާގެ ވާހަކަތަކުން އާފާގު ރުޅި އައިސްފިއެވެ.
''އާފާގުއަށް ސަރުވާގެ ރުއިމުގެ އަޑު ހަމަ ނީވޭތަ؟.... ހިލަ ހިތެއްގެ ވެރިޔަކަށް ވީ ކޮން ދުވަހަކުތަ؟...'' ޒުބެއިދާއަށް ޝަކުވާ ކުރެވުނެވެ.
''ސަރުވާއަށް އެންމެ ރަނގަޅު ގޮތް އެއީ...'' އާފާގުގެ އަޑުގައި ވަނީ ގޮތްދޫނުކުރުމެވެ.
''އާފާގު!...'' ޒުބެއިދާއަށް ކޮޅަށް ތެދުވެވުނެވެ.
''އަހަރެން ދެކެ ކީއްވެގެންތަ ޒުބެއިދާ ހިތްހަމަނުޖެހެންވީ؟... އަހަންނަށް ވުރެ ބޮޑަށް ރުޅިއައުން ވެސް ޖާއިޒީ ޒުބެއިދާ... ނޫނީ ކުލްޘޫމާ ކުރި ކަންތައް ހަނދާން ނައްތާލީތަ؟...'' އާފާގުއަށް ވެސް ކޮޅަށްތެދުވުނެވެ.
''އަހަންނަށް ދެން އާފާގުއާ ވާހަކައެއް ނުދެއްކޭނެ... އަހަންނަށް މިވަގުތު މުހިންމީ ސަރުވާ... އެ ދަރިފުޅުގެ އުފާވެރިކަން އަހަންނަށް ހުރިހާކަމަކަށް ވުރެވެސް މުހިންމު... އާފާގުއަށް ކެތްކުރެވުނަސް ސަރުވާ ރޯ މަންޒަރު ބަލަން އަހަރެން ނުހުންނާނަން... އެ ދަރިފުޅަށް އުފާވެރިކަން ހޯދައިދިނުމަކީވެސް އަހަރެންގެ ޒިންމާއެއް... ތި ރުޅިވެރިކަމަށް ނިމުމެއް ނުގެންނަނީސް ދެން އަހަރެން އާފާގުއާ ވާހަކައެއް ނުދައްކާނަން... އަހަރުމެންގެ ދަރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބުމުގެ ފުރުސަތެއް ވެސް އަހަރެން ނުދޭނަން...'' އާފާގުއަށް ޒުބެއިދާ ފުރަގަސް ދިނެވެ. އޭނަގެ ލޮލުގައި ކަރުނައިގެ ދިލަކަން ވިއެވެ. ނޭފަތް އެތެރެއަށް ދަމާލުމުން ހިނގައިގަތީ ސަރުވާގެ ކޮޓަރިއަށް ދިއުމަށެވެ.
''ޒުބެއިދާ...'' އާފާގުއަށް ގޮވާލެވުނެވެ. ޒުބެއިދާގެ މޫނުން ފެނުނު ކުލަަވަރުތަކުން އެ ހިތަށް ސިހުން ގެނުވައިފިއެވެ. ފުރަތަމަ ފަހަރަށް އޭނާ ދެކެ ޒުބެއިދާ ނުރުހިއްޖެކަން އޭނާއަށް ރޭކާލައިފިއެވެ. ސޯފާގައި އާފާގުއަށް އިށީނދެވުނެވެ.
''ކީއްވެގެންތަ ޒުބެއިދާއަށް ނުވިސްނެނީ؟... މީ އެންމެ ރަނގަޅު ގޮތް... ކުލްޘޫމާގެ ދަރިއަކާއި އަހަރެންގެ ދަރިއަކު ގުޅުމުގެ ފުރުސަތެއް ހަމަހިލާ އަހަރެން ނުދޭނަން...'' އާފާގުއަށް ބުމަގޮށްޖަހާލެވުނެވެ.
*****
ސަރުވާގެ ކޮޓަރިއަށް ވަން ޒުބެއިދާއަށް ހިމޭންކަމާއެކުގައި ބަލަން ހުރެވުނީ އެނދުގައި ތިބި ބަތޫލްއާއި ސަރުވާއަށެވެ. އޮޅުލައިގަނެގެން ރޮމުން ދިޔަ އިރުގައި ދެބެންގެ ދެމެދުގައި އޮތް ފުން ލޯބި ހާމަކޮށްދެއެވެ. ޒުބެއިދާގެ ހިތް ވެސް ކަރުނުން ތެމުނެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެމުން އޭނާ ކުރިއަށް ހިނގައިގަތެވެ.
''ދަރިފުޅާ...'' އެނދު ކައިރިއަށް އައިސް ހުއްޓުނު ޒުބެއިދާ ގޮވާލިއެވެ. އިސްލެވެމުން ދިޔަ ސަރުވާ ދެލޯހުޅުވާލިއެވެ. ބަތޫލް ވެސް ސަރުވާއާ ދުރަށް ޖެހިލަމުން ކޯތާފަތް ފޮހެލިއެވެ.
''މަންމާ...'' ސަރުވާއަށް ގިސްލެވުނެވެ. އެނދުގައި ޒުބެއިދާ އިށީނެވެ. އަދި ލޯބިވާ ދަރިފުޅު ގެނެސް މޭގައި ލަތްކޮށްލިއެވެ. ހިތް ފުރެންދެން ސަރުވާ ރޯލުމުގެ ފުރުސަތު ޒުބެއިދާ ދިނެވެ. އޭރު އެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ކަރުނައަކީ ހިތުގެ އުދާސްތަކާ ދުރުވެލަން އެންމެ ފަސޭހަ މަގެވެ. ރޯލުމުން ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭނެއެވެ.
ހިތް ފުރޭވަރަށް ރޯލެވުމުން ސަރުވާގެ ދިލަ ހިތަށް ކުޑަ ވިޔަސް ފިނިކަމެއް ލިބުނެވެ. ނަމަވެސް ޒިވްޔަންގެ ނަން ހިތަށް ގެނެވުމާއެކު އަނެއްކާ ވެސް ތާޒާ ކަރުނަތައް ޖަމާވެލިއެވެ. ގިސްލަމުން ސަރުވާ އަވަސް ނޭވާތަކެއް ދޫކޮށްލިއެވެ.
''ދެރަނުވޭ... މަންމަ ބައްޕައާ ވާހަކަދައްކާނަން...'' ސަރުވާގެ ބޮލުގައި ޒުބެއިދާ ފިރުމާލިއެވެ. ސަރުވާގެ ހިތުގައި އެތައް ސުވާލެއް ފުނި ޖެހިފައިވާނެކަން ޒުބެއިދާއަށް ޔަގީންކުރެވުނެވެ. ވެދިޔަ ކަންތައް ސަރުވާއަށް ވިސްނައިގަނެވޭނީ ވެސް ހަގީގަތް ހާމަވުމުން ކަމުގައި ޒުބެއިދާއަށް ދޭހަކުރެވުނެވެ. އޭރުން ކޮންމެވެސް ވަރަކަށް އާފާގުގެ ރުޅީގެ ފަހަތުގައިވާ ސަބަބު ފަހުމުވާނެކަމަށް ވެސް ޒުބެއިދާ އުއްމީދުކުރިއެވެ.
''ދަރިފުޅުގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބުދޭން މަންމަ ބޭނުން... ފަށާނީ ކިހިނެއްކަމެއް ވެސް މަންމައަކަށް ނޭނގޭ...'' ޒުބެއިދާއަށް ބުނެވުނެވެ. މާޒީގެ ތެރެއަށް އޭނާއަށް ފީނައިގަނެވުނެވެ.
(ނުނިމޭ)