ޒައިނާ ގޮވައިގެން ޝަފީގާ ގެއަށް ދިޔައީ އެކަމަށް ފަހުދުގެ ހުއްދަވެސް ލިބިގެންނެވެ. ކުޑަދަރިފުޅުގެ ކަންތަކާއި ޒައިނާގެ ކަންތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެހީތެރިޔާ ވެސް ހުރުމާއެކު ނަޖުމުގެ ކުރިމަތީގައި ދެކޮޅު ހަދާކަށްވެސް ފަހުދަށް ނުކެރުނީއެވެ. ނަޖުމް އޭނާގެ ހުރިހާ ވަގުތެއް ޒައިނާގެ ދެމަފިރިންނަށްޓަކައި ހުސްކުރިއެވެ. ހަމަސް ދުވަހުގެ ޗުއްޓީ އޭނާ ބޭނުންވީ ހަމައެކަނި އެކަމަށް ހޭދަކުރާށެވެ.
އަންހެނުންނަކީ ދަރިއަކު ލިބުމަށްފަހު ދިރުއުޅުމަށާއި އަމިއްލަ ނަފުސަށް ބޮޑެތި ބަދަލުތަކެއް ހެޔޮ ގޮތުގައި ގެންނަ ނުވަތަ ތަބީއީ ގޮތުން އެފަދަ ރަނގަޅު ބަދަލުތައް އަންނަ ބައެކެވެ. އެހެންނަމަވެސް މަދުން ނަމަވެސް ބައެއް އަންހެނުންނަކީ ދަރިއަކު ލިބުމުން ވެސް ތަފާތެއް ނާންނަ، ވިސްނުމަށް ހެޔޮ ބަދަލެއް ނާންނަ ބައެކެވެ.
ޒައިނާ ހިމެނުނީ މިފަދަ މަދު އަންހެނުންގެ ތެރޭގައެވެ. ދަރިފުޅުގެ ކަންތައް ކުރާނެ ގޭގެ ހުރިހާ ކަމަކާ ހަވާލުވާނެ މީހަކު ހުރުމުން އޭނާއަށް ލިބުނު ހިތްވަރަކީ މާ އެދެވޭ ރަނގަޅު ކަމަކަށް، ލިބުނު ހިތްވަރަކަށް ނުވިއެވެ. ފަހުދުގެ ފަސްފަހަތުން ފަހުދު ރުހޭގޮތަކަށް އުޅެވޭތޯ ބެލި އިރު، ތުއްތު ކިރުބޯ ދަރިއަކު އޮތް ހަނދާނެއް ނެތްކަމީ ޒައިނާއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އެ ގޯސްކަމުގެ ނަތީޖާ އެހާ ބިރުވެރި ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
.
"ކަލެއަށް ހަމަ ސާބަސް..."
އެއީ ޒައިނާ، ނަޖުމް ދަންނަން ފެށީއްސުރެވެސް އެގޮތަށް އޭނާއާ ދިމާއަށް އެހާ ހަރުކަށި ގޮތަކަށް ނަޖުމް އެއްޗެއް ބުނި ފުރަތަމަ ދުވަހެވެ.
"ހޮސްޕިޓަލުގައި ކަލޭގެ ދަރިފުޅު އޮތް ހަނދާން ނެތިފައި ތި އިންނަނީ ހާދަ ހަމަޖެހިގެނޭދޯ. އެ ކުއްޖާ ފަކީރު ކިރަށް ރޮއިރޮއި މަރު ވެދާނެތީ ކަލޭ ޖެހިލުމެއް ނުވޭތަ؟ ބިރެއް ނުގަނޭތަ؟ ބަލަ އެއީ ގާތުން ކިރުދޭ ކުއްޖެއްކަން ނޭނގެނީތަ؟ ފިރިހެނަކާ ހެދި ހޭކުޑައި ވިޔަސް ތީ ބޮޑު ވަރު"
ދެ ދުވަހެއް ވަރު ކުރިން ގަދަ ހުމެއްގައި ޖެހިގެން ހޮސްޕިޓަލުގައި ބޭއްވި ހަތަރު މަހުގެ ކުޑަ ދަރިފުޅުގެ މަތިން ހަނދާން ނައްތާލާފައި ޒައިނާ ފަހުދުގެ ގޭގައި، ފަހުދުގެ ކޮޓަރީގައި އިންނަތާ ހައެއްކަ ގަޑިއިރު ވެއްޖެއެވެ.
"ފަހުދު ތީ ކޮން ކަހަލަ ފިރިހެނެއް.... ތި ގޮތަށް ޒައިނާ ގޮވައިގެން އިންނަ އިރު ތިމާގެ ދަރިފުޅު އޮތީ ސަލާމަތް ކުރެވޭ ވަރަށްވުރެ ހާލު ދެރަވެފައިކަން ނޭނގެނީތަ؟ އެ ކުއްޖާ ގޮވައިގެން ފުރުމަށް ހުއްދަ ނުދިންތާ ދެކިލާކަށް ވެސް ނުދޭ. ތިޔަހާ އަނިޔާވެރި ވާކަށް ނުވާނެ. އިންސާނިއްޔަތުކަމުގެ ހަމަ ކުޑަވެސް ކަންފުޅެއް ނެތީތަ؟"
ނަޖުމް ރުޅި މަޑު ކުރެވޭތޯ މަސައްކަތް ކުރިއެވެ.
"ފުރައިގެން ދާން ޖެހޭ އެއްވެސް ތަނެއް ނޯންނާނެ. ކުއްޖާ ގޮވައިގެން ގެއަށް އަންނާށޭ ޒައިނާ ގާތު ބުނެފަ އޮންނާނީ. އެވަރުގެ ކުދިން ބަލި ވެސް ވާނެ. މާ ކަންތައް ބޮޑުކޮށްގެން ޒައިނާ ގޮވައިގެން ބޭރަށް ދާން އުޅޭނެ ކަމެއް ނެތް.."
ފަހުދުގެ އަޑުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތެވެ.
"ވާހްވާހް.... ހާދަމޮޅޭ... ތީ ހާދަ އެނގޭ މީހެކޭދޯ؟"
ނަޖުމް މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.
"ފަހުދާ ޒުވާބު ކުރަން ހުރެވޭކަށް ނެތް. އާދޭ ދާން. ޒައިނާ...."
ނަޖުމް ޒައިނާއަށް ގޮވައިލިއެވެ. އޭރު ޒައިނާ އެނދުން ތެދުވެގެން ކޮޓަރީގެ ދޮރާ ދިމާއަށް ދާން ފިޔަވަޅު ނަގައިފިއެވެ.
"ޒައިނާ މަޑުކުރޭ. ދަރިފުޅު ބަލައި ދާނީ އަހަރެން...."
ފަހުދު އެ ދެމީހުން ހުއްޓުވިއެވެ. ނަޖުމްގެ ކެތްތެރިކަން ކޮޅުންލީ އެ ހިސާބުންނެވެ.
"ދަރިފުޅު ބަލައޭ. އެ ހާލަތުގައި އޮއްވައި އެ ކުއްޖާފުޅު މިގެއަށް ގެންނާކަށް ހިލާ ނުކެރޭނެ. ކަލޭ ބޭނުންހާ ގޮތެއް ހެދޭނީ ޒައިނާއަށް.... އަހަރެންގެ ހޭހުއްޓައި ކަލެއަކަށް ޒައިނާ ހައްލާލައިގެން ދަރިފުޅު ގެނަވުނަ ނުދޭނަން.... މަށަކީ ނަޖުމް... ޒައިނާއެއް ނޫން...."
"ބަލަ އެއީ އަހަރެންގެ ދަރިއެކޭ.... މަގޭ ދަރިއަކަށް، އަނތްބަކަށް ހަދާނީ މަ ބޭނުން ގޮތެއް....." ފަހުދު ވެސް ގޮތްދޫކުރާ ފިކުރެއް ނުކުރިއެވެ.
"އެހެންތަ؟ އަޅެ ހިތްވަރެއް ހުރިއްޔާ ކޮށްބަލަ.... ތީ މޮޅު މީހެކޭ މަ ބުނާނަން... އަހަރެން ކަލޭގެ މައްސަލަ ކަމާބެހޭ ފަރާތަށްވެސް ހުށަހަޅާނަން-.. ކުރި ލިބޭނީ ކާކަށްތޯ ބަލާނަން..."
ނަޖުމް ޖެހިލުމެއްނެތި ޒައިނާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ފަހުދު ގޮވި ގޮވުމެއްގެ އަޑު ނުވަތަ ދިން އިންޒާރެއްގެ އަޑެއްވެސް ނަޖުމްއަށް ނީވުނެވެ. ނުވަތަ އިވުނު ނަމަވެސް އެ އަޑުތަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.
ދަރިފުޅުގެ ހާލު ފެނުމުން ޒައިނާގެ ހިތަށް ތަދުވިއެވެ. ކިތަންމެ ލޯބިވިޔަސް ފަހުދަށް ނާންގައި ސިއްރު ސިއްރުން ދަރިފުޅު ގޮވައިގެން ނަޖުމްއާއެކު ލަންކާއަށް ދިއުމަށް ޒައިނާ އެއްބަސްވީ އެ ނޫން ގޮތެއް ނެތިގެންނެވެ. އޭނާ ދަރިފުޅު ގޮވައިގެން ފުރަން ޖެހުނީ ރާއްޖެއިން އެ ކުއްޖާފުޅަށް ފަރުވާ ދެވެން ނެތް ވާހަކަ ޑޮކްޓަރުން އެތައް ގޮތަކަށް ޗެކް ކުރުމަށްފަހު ބުނެފައިވާތީއެވެ. އެގޮތަށް ކަންތައް ނުކޮށްފި ނަމަ ދަރިފުޅު ސަލާމަތް ނުކުރެވޭނެ ވާހަކަ ޑޮކްޓަރުން ބުނުމުންނެވެ.
ފަހުދުގެ ހަސަދައާއި ނަފުރަތު ފަޅަފަޅައިގެން ދިޔައީ އެ ހިސާބުންނެވެ. ނަޖުމް، ޒައިނާގެ ދެމައިން ގޮވައިގެން ލަންކާއަށް ދިޔައީ ފަހުދަށް ގޮން ޖަހައިފައެވެ. އެއީ ފަހުދަކަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. ޒައިނާއަކީ އަނބިމީހާ ކަމަށް ވިޔަސް އަދި ތިމާގެ ދަރިފުޅުގެ މަންމަ ކަމަށް ވިޔަސް ފަހުދު ޒައިނާގެ ނަން "އެގޮތަށް" ބޭނުންކުރީ ނަޖުމް ބަދުނާމު ކުރުމަށްޓަކައެވެ.
ދޮގަކީ ފަސޭހައިން ފެތުރޭ އެއްޗެއްކަމުން ޒައިނާއާއި ނަޖުމްގެ ވާހަކަ މާލެތެރޭގައި ފެތުރުނީ ހަމަ ވަރަށް އަވަހަށެވެ. ގަބޫލުކުރި މީހުން ގިނަވުމަކީ މައްސަލައެއް ނޫނެވެ. އެކަހަލަ ވާހަކައެއް ނަމަ އެ ވާހަކައެއްގެ ހަގީގަތް ބެލުމުގެ ބަދަލުގައި އެއަށްވުރެ މޮޅުގޮތެއް ހަދާލައިގެން އެ ވާހަކަ އެކަކުއަނެކަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭ މީހުން ގިނަވާނެއެވެ.
ނަޖުމްއާއި ޒައިނާގެ ރަނގަޅު ރަހުމަތްތެރިކަން މުޅިން ތަފާތު ނަމެއްގައި، "ދެ ލޯބިވެރިންގެ" ނަމުގައި، މީހުންގެ ތެރޭގައި މަޝްހޫރު ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ.
އޭރު ލަންކާގެ ހޮސްޕިޓަލެއްގައި ތިމާގެ އަލަތު ދަރިފުޅު ޚުދު ތިމާގެ އަމިއްލަ އިހުމާލުގެ ސަބަބުން މަރާ ހަނގުރާމަ ކުރަމުންދާ މަންޒަރު ދެކެން އިން ޒައިނާއަށް ގޮތް ހުސްވާ ހިސާބަށް ކަންތަން ހިނގައްޖެއެވެ. ދަރިފުޅުގެ ޖަނާޒާ ކޮނޑުގައި އެޅުމުގެ ހިތާމަ އުފުލަން ޒައިނާއަށް ޖެއްސީ އިތުރު އެހެން މީހެއް ނޫނެވެ. އެއީ ޚުދު ޒައިނާ އަމިއްލައަށް ކުރިކުށުގެ ޝަޒާއެވެ.
ދަރިފުޅާ އަބަދަށްޓަކައި ވަކިވާން ޖެހުމުގެ ބޮޑު ވޭނާއި ހިތާމައާއެކު، އެނބުރި ފަހުދު ގާތަށް ޒައިނާ އައީ ދެންވެސް ދިރިއުޅުމުގެ ބާކީ އޮތްބައި ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭތޯއެވެ.
އެހެންނަމަވެސް އިތުރު ކަމަކަށް ވީހާވެސް ކަމަކީ ރިހޭފައި މައްޗަށް ފޮއިވެއްޓުމެވެ.
އެއާޕޯޓަށް ޒައިނާ ބަލައި ގޮސް ހުރި ފަހުދު ދަރިފުޅާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބު ދިނުން ޒައިނާ ފަސްކުރީ މާލެ ދެވެން ދެނެވެ. މާލެ ފައިބައި، ފަހުދާއެކު ފަހުދުގެ އަމިއްލަ ކާރުގައި ގެއަށް ދިއުމަށް ފެށި ދަތުރުގައި އެ އުނދަގޫ ވާހަކަ އޭނާ ބުނި އިރު، އެއީ އެހާ ނުރައްކާތެރި ހާދިސާއެއް މެދުވެރި ކުރުވާނެ ވާހަކައެއް ކަމަކަށް ޒައިނާ ހިއެއް ނުކުރެއެވެ.
ކާރުގެ ހުންގާނުން ފަހުދު އަތްދޫކޮށްލީ ގަސްދުގައެއް ނޫނެވެ.
އެކަމަކު އައި ގަދަ ރުޅީގައި ފަހުދަށް ތިމާ އިނީ ކާރެއްގެ ޑުރައިވަރެއްގެ ގޮތުގައިކަން ހަނދާން ނެތުނީއެވެ.
ފަހުދު އަތް އުފުލީ ޒައިނާއާ ދިމާއަށެވެ. އުމުރުގައިވެސް ފުރަތަމަ ފަހަރަށް މީހެއްގެ ފަރާތުން ޒައިނާއަށް އަނިޔާއެއް ލިބުނީ އެ ދުވަހުއެވެ. އޭނާގެ ކަންކަށި މައްޗަށް އެރި އެ އެތިފަހަރަށްވުރެ ދެން ލިބުނު އަނިޔާ މާބޮޑެވެ.
މަގުމަތީގައި ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ހިނގި އެ ނުރައްކާތެރި ހާދިސާ ޒައިނާގެ ހަޔާތުގެ ހުރިހާ ކަމެއް އެއްފުށުން އަނެއް ފުށަށް ޖަހައިލިއެވެ.
ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ފަހުދުގެ ނޭވާ ވަނީ ހުސްވެފައެވެ.
މާލޭގެ ހޮސްޕިޓަލަކުން ފަރުވާ ދެވޭ ވަރަށްވުރެ ނާޒުކު ފައްތަރެއްގައި އޮތް ޒައިނާ ގޮވައިގެން ޝަފީގާގެ ދެމަފިރިން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު ފަހުދުގެ ޖަނާޒާގެ ކަންތައް އޮތީ ނުނިމިއެވެ.
ޒަމާނުއްސުރެ ދެ އާއިލާގެ ދެމެދުގައި އޮތް ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ ކުއްލިއަކަށެވެ. ފަހުދުގެ މަންމަ ތިމާގެ ހުރި ހަމަ އެންމެ ފިރިހެން ދަރިފުޅާއި އެ އާއިލާގެ ހަމައެކަނި ވާރިސްގެ މަރުގެ ޒިންމާ އެޅުވީ ޒައިނާގެ ބޮލުގައެވެ.
ކަމާބެހޭ ފަރާތަށް އެ މައްސަލަތައް ހުށަހެޅި އިރު، ޒައިނާ އޮތީ އިންޑިއާގެ ހޮސްޕިޓަލެއްގެ އަވަސް ފަރުވާދޭ ކޮޓަރިއެއްގައެވެ. ޝަފީގާ ތިމާގެ ދަރިފުޅު ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް ކުރި އާދޭހާއި އޮއްސި ފައިސާއަށްވުރެ ދަރިފުޅުގެ މައްޗަށް އުފުލުނު ދައުވާ އިން އެ ދަރިފުޅު ސަލާމަތްކުރުމަށް ކުރި ހޭދަ ބޮޑެވެ. އެކަމުގައި އޭނާއަށް ކާމިޔާބު ހޯދުނު ނަމަވެސް ދަރިފުޅު ބަދުނާމު ވުމެއް އޭނާއަކަށް ނުހުއްޓުވުނެވެ.
ނޫސްތަކުގެ ފަލަ ސުރުހީތަކުގެ ދަށުގައި ޒައިނާއާ ބެހޭގޮތުން އެކި ގޮތްގޮތަށް ލިޔެވުނެވެ. "އަންހެން އެކުވެރިއަކަށްޓަކައި" ދަރިފުޅާއި ފިރިމީހާ މަރާލިކަމުގެ އިލްޒާމު ޒައިނާގެ ބޮލުގައި އެޅުނެވެ. އެ ވާހަކަތައް ގަބޫލު ނުކުރާމީހަކު މަދެވެ.
އެނބުރި މާލެ އައިސް އުޅޭނެ ހިތްވަރެއް ޒައިނާއަކަށް ނުލިބުނެވެ. ދުނިޔޭގެ ލަދަކީ ވަރަށް ބޮޑު އެއްޗެކެވެ. ބޯދާ ބަހުގައި ބުނާހެން "ދުނިޔޭގެ ލަދަށްވުރެ ނަރަކައިގެ ގިނިވެސް މާ ރަނގަޅެވެ." މާނައަކީ ކޮންމެފަދަ ވޭނެއް، ތަދެއްވެސް ތަހައްމަލު ކުރެވިދާނެއެވެ. ނަމަވެސް ދުނިޔޭގެ ލަދަކީ ކުރިމަތިލާން އުނދަގޫ އެއްޗެކެވެ. ތަހައްމަލު ކުރަން ވެސް ދަތި ކަމެކެވެ.
އެ ދުވަސްވަރު ނަޖުމްގެ މާބޮޑު ހަބަރެއް އެކަކަށް ވެސް ނުލިބެއެވެ. ލަންކާގައި އުޅުނު ނަޖުމް ކިޔެވުން ފުރިހަމަ ކުރި ކަމާއި އެނބުރި ރާއްޖެ ނާންނަކަން އެނގުނު ނަމަވެސް ނަޖުމްގެ އެއްވެސް ކޯލެއް ނުވަތަ މެސެޖެއްވެސް ނުލިބެއެވެ.
އޭގެ އަހަރުތަކެއް ފަހުން އިންޑިއާގެ ހޮޓަލަކުން ޒިޔާދާ ބައްދަލުވުމަކީ ޒައިނާގެ ހަޔާތުގެ ފަޅުކަމާއި އެކަނިވެރިކަމަށް އުޖާލާ ކަމެއް ގެނައި ބައްދަލުވުމެކެވެ. ޒިޔާދު ވެގެން ދިޔައީ ޒައިނާއަށް ހުރި ހެޔޮ ރަހުމަތެއް ކަހަލައެވެ. މުޅި ދުނިޔޭގައި ބާކީވެފައި ހުރިކަމުގެ އިހުސާސް ޒައިނާގެ ހިތުންނާއި ސިކުނޑިން އެއްފަރާތް ކޮށްދިނީ ޒިޔާދެވެ.
ޒައިނާ ޒިޔާދަށް ހުރިހާ ވާހަކައެއް ކިޔައިދޭން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މާބޮޑަށް ޒައިނާގެ މާޒީގެ ކަންތައްތައް ހޯދައި އޮޅުންފިލުވާކަށް ޒިޔާދު ގަސްދެއް ނުކުރިއެވެ. ކޮންމެ މީހެއްގެވެސް ކޮންމެވެސް މާޒީއެއް އޮންނާނެ ކަމާއި، ސިއްރުތަކެއް އެ މާޒީގައި އޮތުމަކީ މައްސަލައެއް ނޫން ކަމަށް ޒިޔާދު ބުނެއެވެ. އެ މާޒީ ނުވަތަ ހަޔާތުގެ އެފަދަ ސިއްރަކީ ކޮންމެހެން އަނެކާއަށް އެނގެން ޖެހޭ ނުވަތަ އަންގަން ޖެހޭ ކަމެއް ކަމަކަށް ޒިޔާދު ގަބޫލެއް ނުކުރެއެވެ.
ޒިޔާދު ބުނާގޮތުން ނަމަ ހަޔާތުގެ ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ ޔަގީން ކަމެވެ. ޒިޔާދު ޒައިނާއަށް ދިނީ އެ ޔަގީން ކަމެވެ. އިތުބާރާއި އޯގާތެރި ކަމަކީ ޒިޔާދުގެ ފޮތުގައި ލޯބި މާނަކުރާ ގޮތެވެ. އެއަކަށް ޝައްކެއް ވަހުމެއްގެ އަސަރެއް ނުފޯރާނެއެވެ. ޒައިނާއަކީ ކާކުކަން ޒިޔާދު ދެނެގަތީ އަމިއްލަ ވިސްނުމުންނެވެ. އަމިއްލަ ހޯދުންތަކުންނެވެ. އެހާ ޅަ އުމުރުގައި އެތައް ބޮޑެތި ކަންތައްތަކެއް ތަހައްމަލު ކުރަން ޖެހުމުން ޒައިނާ އަމިއްލަ ނަފުސު ދެކެ ފޫހިވެ، ދުނިޔޭގެ ލޯތަކަށް ފިލަން މަސައްކަތްކުރުމަކީ ޒިޔާދުގެ ނަޒަރުގައި މައްސަލައެއް ނޫނެވެ.
ކައިވެނީގެ ކުރިން ޒިޔާދު ޒައިނާއަށް ހޯދައިދިނީ ޒައިނާގެ ގެއްލިފައިވާ ޔަޤީންކަމާއި ނަފުސުގެ އިތުބާރެވެ. އެކަމަށްޓަކައި ޒިޔާދަށް އެހީވީ ޒައިނާގެ ބަދަލެއް ނާންނަ އެކުވެރިޔާއެވެ. އަމިއްލަ ދިރިއުޅުމުގެ ބުރަކަމާއި ދަރިފުޅުގެ ކަންތަކުގައި ހޭބޯ ނާރައި އުޅެމުން ވެސް ނަޖުމް ޒައިނާއަށް ވަގުތު ދިނެވެ. މާދުރުގައި ލަންޑަނުގެ ހަލަބޮލި މާހައުލުގައި ހުރެގެން ވެސް ނަޖުމް މަންމައެއް ފަދައިން ޒައިނާއަށް އަލުން ހަޔާތެއް ފެށުމަށް ހިތްވަރު ދިނެވެ.
ޒިޔާދަށް ނަޖުމް ދަސްވީ އެގޮތަށް ކަންތައް ވަމުންދިޔަ ދުވަސްވަރުގައެވެ. ނަޖުމާއި ޒައިނާއާ ދެމެދުގައި އޮތް ބަދަލެއް ނާންނަ ގާތްކަމާއި އެކުވެރިކަމަކީ ކިހާ ސާފު، ކިހާ މާތް ގުޅުމެއްކަން ދެނެގަންނާކަށް ޒިޔާދަށް އުނދަގުލެއް ނުވިއެވެ.
ހަތް އަހަރު ދުވަހުގެ ގާތްކަމާއި އިހުތިރާމު އޮތް ރަނގަޅު އެކުވެރިކަމަކަށް ފަހު ޒިޔާދު ޒައިނާއާ ކައިވެނި ކުރީ އެއީ އިތުބާރު ކުރެވޭ ފަދަ އޯގާތެރިއެއްކަން އިހުސާސް ކޮށްދީފައެވެ. ހުރިހާ ފިރިހެނުން އެއްގޮތް ނުވާނެކަމުގެ ޔަގީންކަން ހޯދައިދީފައެވެ.
ކައިވެންޏަށް ފަހު ޒިޔާދު ޒައިނާ ގޮވައިގެން ދުނިޔޭގެ ރީތިކަމާއި އުފާވެރިކަން ދެއްކުމަށް އެކި ތަންތަނަށް ދަތުރު ކުރިއެވެ. ޒައިނާގެ އަނިޔާ ލިބިފައިވާ ހިތަށާއި ސިކުނޑިއަށް ފަރުވާއެއް ހޯދައިދިނުމަށް އެތައް މަސައްކަތެއް ކުރިއެވެ. އަމިއްލަ ނަފުސު ދެކެ ފޫހިވެ ދުނިޔޭގެ ހުރިހާ އުފަލަކުން އަމިއްލައަށް އެއްފަރާތް ވެގެން ހުރި ޒައިނާގެ އުނިކަން ދުރުކޮށް ފުރިހަމަ މީހަކަށް ހެދުމަށް ވަރުބަލިކަމެއް ނެތި ހިތްވަރު ކުރިއެވެ.
ޒައިނާ ގޮވައިގެން ނަޖުމް ގާތަށް ނުދެވުނު ނަމަވެސް ބަރާބަރަށް އެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް އެހީތެރިވިއެވެ. ތަފާތު ޑޮކްޓަރުންނާ މަޝްވަރާކޮށް ނަފުސާނީ ގޮތުން ޒައިނާއަށް ލިބިފައިވާ އަނިޔާއިން ސަލާމަތް ކުރުމަށް އިސްކަމެއް ދިންމެއެވެ. ނިދާ ބޭހާ ނުލައި އަރާމެއް ނުލިބޭ ޒައިނާގެ އެ ވިޔާނުދާ އާދަ ބަދަލު ކުރިއެވެ. މަންމައާއި ބައްޕައާ އޮތް ދުރު ބީރައްޓެހިކަން ގާތް ގުޅުމަކަށް ބަދަލު ކުރުމަށް ކުރެވެން ހުރިހާ ކަމެއް ކުރިމެއެވެ.
އެގޮތުގައި ފަސް އަހަރުގެ ދިގު މުއްދަތެއް ޒިޔާދު ވޭތުކޮށްލީ ފޫހިކަމެއް ނެތިއެވެ. މާލޭގައި ޒައިނާ ގޮވައިގެން ދިރިއުޅުމެއް ބިނާކުރުމަށް ގަސްދުކޮށްގެން ޒިޔާދު ކުރި މަސައްކަތަށް ހުރަސް އެޅީ ފަހުދުގެ ދުރުތިމާގެ މީހުންނާއި ރައްޓެހިންނެވެ. ދުނިޔޭގައި އިން ފަހުދުގެ މުސްކުޅި މަންމައާއި ގާތްތިމާގެ މީހުން ދުރުން ދުރުން އަލިފާން ރޯކޮށް އެ އަލިފާންގަނޑަށް ޕެޓްރޯލް އެޅުމުގެ ނަތީޖާއަކަށްވީ ފަހުދުގެ ގާތް އެކުވެރިންނާއި ދުރުތިމާގެ މީހުން ޒައިނާއަށް މާލޭގައި އުޅެން ދަތިކުރަން ފެށުމެވެ.
ޒައިނާ ގޮވައިގެން އަމިއްލަ އާއިލާ ގާތަށް ރަށަށް އައުމަށް ޒިޔާދަށް މަޖުބޫރުވާން ފެށީ އެތައް މަސައްކަތަކާއެކު ޒައިނާގެ ހާލަތު ހެޔޮ ރަނގަޅު ގޮތަކަށް ބަދަލުކޮށްފައި ވަނިކޮށް އެގޮތަށް ކުރިމަތިލާން ޖެހުނު ފިނި ހަނގުރާމައިގައި ޒައިނާ އަނެއްކާވެސް ބަލިވެދާނެކަމުގެ ކުލަތައް ޒިޔާދަށް ފެންނަން ފެށުމުންނެވެ.
ޒިޔާދަކީ މަންމަ ދެކެ އިންތިހާއަށް ލޯބިވާ މަންމައަށް ނުހަނު ގަދަރު ކުރާ ފިރިހެން ދަރިއެކެވެ. ޒައިނާއާ ކައިވެނި ކުރުމުގެ ކުރިން މަންމައާ އެ ވާހަކަ ދައްކައި ޒައިނާއަކީ ކޮންކަހަލަ އަންހެނެއްކަން ޒިޔާދު ބުނެދިނެވެ. މަންމަ ޒައިނާގެ މުއްސަނދިކަމާއި މޮޅުކަމުގެ ވާހަކަ އިވުމުން ވަރަށް ފަސޭހައިން އެ ކައިވެންޏާ ރުހުނެވެ. ޒައިނާއާ ބެހޭ އެހެން އެއްވެސް ވާހަކައަކަށް މަންމަ ސަމާލުކަމެއް ނުދެއެވެ. އަމުދުން ޒައިނާ ގޮވައިގެން ރަށަށް ދިއުމަށް ނުވިސްނާ ވާހަކަ ބުނުމުން މަންމަ އިނީ ހިތްހަމަޖެހިފައެވެ.
ޒިޔާދު އަނބިމީހާ ގޮވައިގެން ރަށަށް ބަދަލުވީ ކުއްލިއަކަށެވެ. މަންމަގެ ހިޔާލު އެކަމަށް ހޯދާކަށް ޒިޔާދު ނުވިސްނައެވެ. މަންމަގެ އެހާ ގަބޫލުގައި ކުރި ކައިވެންޏަކަށްވާތީ އަނބިމީހާއަށް އެންމެ ފުރިހަމަ އޯގާތެރިކަން މަންމަގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަން ޒިޔާދަށް ލިބިފައިވާ ކަހަލައެވެ.
ޒިޔާދަކީ ކޮންމެ ގޮތަކުން ބެލި ނަމަވެސް އެންމެ ރަނގަޅު އެންމެ ހެޔޮ ފިރިމީހާކަން ޒައިނާ ހިތުގެ އަޑިން ގަބޫލު ކުރެއެވެ. އެހެންކަމުން ޒިޔާދުގެ އާއިލާގެ ފަރާތުން ފަހަކަށް އައިސް ފެންނަ ކަންތައްތައް އަމިއްލައަށް ތަހައްމަލު ކުރުމުގައި ޒިޔާދަށް އެއްވެސް ތުރާލެއް ނުޖެއްސުމަކީ ޒައިނާގެ އަޒުމެވެ. އެހެން ނޫނަސް އޭނާ ކިތަންމެ ފިލަން ބޭނުން ވިޔަސް މާޒީގެ ވޭނާއި އުނދަގޫތަކަށް ނުފިލޭނެކަން އޭނާއަށް އެނގެއެވެ. ވީއިރު ޒިޔާދާ ޝަކުވާކޮށްގެން އޭނާއަށް ލިބޭނެ ފައިދާއެއް އޮންނާނެ ހެއްޔެވެ. ނޯންނާނެ ނޫން ހެއްޔެވެ.
(ނުނިމޭ)