އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނީ ފެންނަމުން ދިޔަ މަންޒަރުތައް ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް އެ މަންޒަރު ބަދަލުވާ ގޮތެއް ނުވިއެވެ. ބިރުވެރިކަމާއެކުގައި ކުލްޘޫމާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ޒިވްޔަންއަށް އޭނާއަށް ބަލައިލެވުނީ ނުތަނަވަސްކަމުގެ ނަޒަރަކުންނެވެ. ދަރިފުޅުގެ ނަސީބާ މެދުގައި ކުލްޘޫމާގެ ހިތުގައި އުފެދިގެން އައީ ހާސްކަމެވެ. ދެން ކަންތައް ވެގެން ދާނެ ގޮތް އޭނާއަށް ލަފާކޮށްލެވުނީއެވެ. އާފާގުއާ އޭނާގެ ނަޒަރު ސީދާވުމާއެކު ނޭވާލާން ވެސް ކުލްޘޫމާއަށް އުނދަގޫވެއްޖެއެވެ.
ކުލްޘޫމާއާ ނަޒަރު ބައްދަލުވުމާއެކުގައި އާފާގުގެ މޫނަށް ވެރިވެގެން އައީ ރުޅިވެރިކަމެވެ. އޭނާއަށް ވަގުތުން ސޯފާއިން ތެދުވެވިއްޖެއެވެ. ކަންބޮޑުވުމާއެކުގައި ޒުބެއިދާއަށް ބަލަން ހުރެވުނީ އާފާގު އަށެވެ. ހަމައެއާއެކު ދުރުގައި ހުރި ކުލްޘޫމާއަށް ވެސް ބަލައިލިއެވެ. ނިއުޅެމުން ދިޔަ މަންޒަރުތައް ގަބޫލުކުރަން އޭނާއަށް ވެސް ދަތިވެއްޖެއެވެ. މިއީ ކޮންކަހަލަ ސަމާސާއެއް ބާވައޭ ވެސް އޭނާގެ ހިތަށް އެރިއެވެ.
''އާފާގު...'' މަޑުމަޑުން ޒުބެއިދާ ގޮވާލިއެވެ. ހައިރާންކަމުގެ ލޯތައް ހުއްޓިފައިވާކަން އިހުސާސްކުރެވި ހިތަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. ހަމައެއާއެކު އާފާގު ކަންތައް ކޮށްފާނެ ގޮތެއް ވެސް ނޭނގޭތީ ޒުބެއިދާ ބިރުގަތެވެ. މާޒީގެ އަނދިރިކަން އައިސް އެފަދަ ގޮތަކަށް ބައްދަލުކޮށްފާނެ ކަމަކަށް އޭނާ ހިއެއް ވެސް ނުކުރެއެވެ. މާޔޫސްކަން އެކުލެވިގެންވި ނަޒަރަކުން ސަރުވާގެ މޫނަށް ވެސް ޒުބެއިދާ ބަލައިލިއެވެ. ދަރިފުޅުގެ މޫނުން ފެނުނު ހައިރާންކަމާއި ސިހުމުގެ ކުލަވަރުތަކުން ޒުބެއިދާގެ ހިތުގައި ރިހުމެއް އުފަން ކުރުވިއެވެ.
ބޮޑުކޮޓަރިއަށް ވެރިވެފައި އޮތް ނުތަނަވަސްކަން މާހުތާބްއަށް ވެސް ނަގައިގަނެވުނެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ކުލްޘޫމާ އައުމާއެކުގައި އުފަވެރިކަމުގެ މާހައުލު މުޅިންހެން ހަމަހިމޭންވެގެން ގޮސްފިއެވެ. ހަމައެއާއެކު އާފާގުގެ މޫނުން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ސަބަބުން އޭނާއަށް ކަމެއް ޔަގީންކުރެވުނެވެ. މިއީ އާފާގުއާއި ކުލްޘޫމާގެ ފުރަތަމަ ބައްދަލުވުން ނޫންކަމުގައި ވެސް ޔަގީންކުރެވުނެވެ. އެ ދެމެދުގައި ދުޝްމިނުކަމުގެ ފާރެއް ލެވިފައިވާކަން ވެސް ހާމަކޮށްދިނީ އާފާގުގެ ދެލޮލުން ފެންނަ ނަފުރަތެވެ. ބުމަ ގޮށްޖެހި ދެލޯ ހަނިކޮށްގެން ކުލްޘޫމާއަށް ބަލަމުން ދިޔައީ ނަފުރަތާއެކުގައެވެ.
މާހުތާބް ވެސް ކޮޅަށް ތެދުވުނެވެ. މަސްރަހު ގޯސްވެފައިވާކަން އިހުސާސްކުރެވުނު ސަރުވާއާއި ޒިވްޔަންއަށް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ސަރުވާގެ ތުންފަތުގައިިވި ހިނިތުންވުން މިލައިފިއެވެ. ޒިވްޔަން ވެސް އޭނާގެ މަންމައަށް ބަލައިލީ ކަންބޮޑުވުމާއެކުގައެވެ. ހުދުވަމުން ދިޔަަ މަންމަގެ މޫނު ފެނި ޒިވްޔަންއަށް ގޮވާލެވުނެވެ. އާފާގުގެ ރުޅިވެރިކަމުގެ ސަބަބުން ވެސް ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
''ސަރުވާ...'' ބާރަށް އާފާގު ގޮވާލިއެވެ. އެ ވަގުތު އާފާގުގެ އަތުގައި ޒުބެއިދާއަށް ހިފާލެވުނެވެ. ޒުބެއިދާއަށް ވެސް އާފާގު ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. މިނޫނީ ދުވަހަކު ވެސް އެފަދަ އިހުސާސެއް އާފާގުގެ ފަރާތުން ޒުބެއިދާއަށް ފެނިފައި ނުވެއެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ބޮޑުކޮޓަރިއަށް އޭނާ އަވަސް ނަޒަރެއް ދިނީ ހަދާނެ ގޮތް ހުސްވެފައި ހުރި މީހަކު ފަދައިންނެވެ. ބޭނުންވި ގޮތަށް އެ ބައްދަލުވުން ކުރިއަށް ނުދާނެކަން އޭނާއަށް ޔަގީންކުރެވުނެވެ. ހިތުގައި ރިހުން އުފެދުނީ ސަރުވާއާ މެދުގައި ވިންނާލެވުމުންނެވެ. ތަގުދީރާ މެދުގައި އެ ހިތުގައި ޝަކުވާތައް ފުނިޖެހިގެން ދިޔައެވެ.
''ބައްޕާ...'' ސަރުވާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ކަންބޮޑުވިވަރުން އެ އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދުނެވެ. ދުވަހަކު ވެސް ބައްޕަގެ ފަރާތުން ސަރުވާއަށް ރުޅިވެރިކަމުގެ އެއްވެސް ސިފައެއް ފެނިފައި ނުވެއެވެ. ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ވެސް އެހެންވެއެވެ. ނަފުސުގެ މައްޗަށް އަތްގަދަކުރަން ފެށީ ބިރުވެރިކަމެވެ.
''ދާން ހިނގާ...'' އާފާގު އަމުރުކުރިއެވެ.
''އާފާގު... ބަލަ މަޑުކޮށްބަލަ...'' ޒުބެއިދާއަށް ތެޅިގަނެވުނެވެ. އޭނާ އާފާގުގެ އަތުގައި ހިފާލުމުން އެ އަތް ވެސް އާފާގު ފޮޅުވާލިއެވެ. ސިހުމެއްގެ ތެރޭގައި ހުރި ބަތޫލްއަށް ހިފާލެވުނީ ސަރުވާގެ އަތުގައެވެ. ސަރުވާ ވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ސުވާލު އުފެދިފައިވާ ހާލު މަންމަގެ މޫނަށް ސަރުވާ ބަލައިލިއެވެ.
''އިތުރަށް މަޑުކުރާކަށް އަހަރެން ބޭނުމެއް... ސަރުވާ!!!...'' އިހުނަށްވުރެ ބާރަށް އާފާގު ވާހަކަދެއްކިއެވެ. ރަސަލް ވެސް ކަންބޮޑުވުމާއެކުގައި އާފާގުއަށް ގޮވާލިއެވެ. ނަމަވެސް އެ އަޑެއް އާފާގުގެ ކަންފަތާ ހަމައަކަށް ނުފޯރިއެވެ. ހުއްޓުން އަރާފައި ހުރި ސަރުވާގެ އަތުގައި އާފާގު ހިފިއެވެ. އަދި ސަރުވާގެ އަތަށް ދަމާލިއެވެ. ބޭއިހުތިޔާރުގައި ޒިވްޔަންއަށް ކުރިއަށް ޖެހިލެވުނެވެ. އެ ވަގުތު ޒިވްޔަންއަށް ރަސަލް ގޮވާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ޒިވްޔަންއަށް މަޖުބޫރުވީ ހިތާ ދެކޮޅަށް ވިޔަސް ބައްޕަގެ އަމުރަށް އިޖާބަދޭށެވެ. ސަރުވާގެ އަތުގައި ހިފަން ދިއްކޮށްލެވުނު އަތްތިލަ އޭނާއަށް މުށްކަވާލެވުނެވެ.
''އާފާގު... ނިކަން މަޑުކޮށްބަލަ... ހިތްހަމަނުޖެހޭ ފަދަ ކަމެއް ވިޔަސް އަހަރުމެންނާ ވާހަކަދެއްކީމައެއްނު ހައްލުކުރެވޭނީ... ތިހެން ކަންތައް ކުރުމުން އެކަމުގެ މާނަ އަހަރުމެން ނަގަންވީ ކިހިނެއްތަ؟...'' އާފާގު ދެކެ މާހުތާބް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. މެހެމާނުންގެ ފަރާތުން ފެންނަން ޖެހޭ ފަދަ ސިފައެއް ނޫނެވެ. ރުޅީގެ މައްޗަށް އަމަލުކުރުމަކީ ވެސް އޭނާ އެންމެ ހިތްހަމަނުޖެހޭ ސިފައެވެ. އާފާގު ދެކެ ނުރުހުނުކަމުގައި ވިޔަސް މަޑުމައިތިރިކަމާއެކުގައި އޭނާ އާފާގުއާ ވާހަކަދެއްކީ ޒިވްޔަންއަށްޓަކައެވެ. އެހެން ނޫންނަމަ އާފާގު ހިފަހައްޓަން އޭނާ ކުޑަމީސް މަސައްކަތެއް ނުކުރީހެވެ.
''ދެން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން... މި ގުޅުން އިތުރަށް ކުރިއަކަށް ނުގެންދެވޭނެ...'' އާފާގުގެ ޖުމްލައިން އެންމެނަށް ލިބުނީ ސިހުމެވެ.
ދެލޯ ބޮޑުކޮށްލަމުން ސަރުވާއަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އޭރު ކަރުނައިން އެ ދެލޯ ފުސްވަމުން ދިޔައެވެ. ބައްޕަގެ ރުޅިއާއި އިވެމުން ދިޔަ ބަސްތަކުން ސަރުވާގެ ހިތަށް ތަދުވެލިއެވެ. ހަމައެއާއެކު ބައްޕަގެ އެންމެ ފަހުގެ ޖުމްލައިން މޭގެ ތެރޭގައި ހިތް ފިތެމުންދާ ފަދަ އިހުސާސެއް ކުރެވުނެވެ. ޒިވްޔަންއާ ވަކިވާކަށް އެ ހިތެއް ނޭދެއެވެ. އެއީ އެ ހިތުގެ ދިރުމެވެ. ހަމަޖެހުމެވެ. އެ ލޯތްބާ ނުލައި އޭނާގެ ދިރިއުޅުން ވޭނަކަށް ވެގެންދާނެއެވެ.
''ބަ...އްޕާ...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ސަރުވާއަށް ގޮވާލެވުނެވެ. ސަރުވާއާ ނަޒަރު ބައްދަލުވުމާއެކު ހިނދުކޮޅަކަށް ވިޔަސް އާފާގުއަށް ހުއްޓެވުނެވެ. ލޮލުގެ ނޫރުފަދައިން ބަލަމުން އަންނަ ލޯބިވާ ދަރިފުޅުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައާއި ހިތާމައިގެ ކުލަވަރުތަކުން އެ ހިތަށް އަސަރުކުރިއެވެ.
''މިއީ ސަރުވާއަށް އެންމެ ރަނގަޅު ގޮތް... ދަރިފުޅަށް ފަހުން ވިސްނޭނެ...'' އާފާގު ކުރިއަށް ހިނގައިގަތެވެ.
ޒުބެއިދާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެފަދައިން ނިކުމެގެން ގޮސްފިނަމަ ފަހުން ވެދާނެ ގޮތަކާ މެދުގައި އޭނާ ކަންބޮޑުވިއެވެ. ހަމައެއާއެކު ޒިވްޔަންގެ އާއިލާއިން ދެކޭނެ ގޮތަކާ މެދުގައި ވެސް ބިރުގަތެވެ. މާހުތާބްއާ ވެސް ހަތަރުކަޅި ހަމަކުރަން އޭނާ ފަސްޖެހުނެވެ. މާހުތާބުގެ ނަޒަރިއްޔާތު މިހާރު ވާނީ ކިލަނބުވެފައިކަން އޭނާއަށް ޔަގީންކުރެވުނެވެ. ބަތޫލް ގޮވައިގެން އާފާގުގެ ފަހަތުން ދާން އުޅުނު ޒުބެއިދާއަށް ފަސްއެނބުރި ބަލައިލެވުނީ ކުލްޘޫމާ އަށެވެ. ކުލްޘޫމާގެ މޫނުގައިވި އަސަރުތައް އޭނާއަށް ރަނގަޅަށް ދޭހަކުރެވުނެވެ. އެ ދެލޮލުން ފޭބި ކަރުނައިގައިވި ހިތާމަވެރިކަން ވެސް އޭނާގެ ހިތާ ހަމައަށް ވާސިލުވެގެން ދިޔައެވެ.
''އާފާގު!...'' ހިތްވަރުކޮށްލަމުން ކުލްޘޫމާއަށް ގޮވާލެވުނެވެ. ބޭއިހުތިޔާރުގައި އޭނާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ހިތުގެ ބިރުވެރިކަމާ އޭނާ ކުރިމަތިލީ ޒިވްޔަންއަށް ޓަކައެެވެ. ދަރިފުޅުގެ އަލަތު ލޯބި ބީވެގެން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކުށްވެރިކަމުގެ އިހުސާސްތަކެއް ވެސް ކުރެވުނެވެ. މާޒީގެ އަނދިރިކަމުގެ ހިޔަނި ލޯބިވާ ދަރިފުޅުގެ އުފާވެރިކަމަށް އެޅިގެންދިއުމުގެ ފުރުސަތު އޭނާ ނުދޭނެއެވެ. މާޒީގައި ކުށްކުރެވުނީ އޭނާއަށެވެ. އެކަމުގެ ސަޒާ ޒިވްޔަންއަށް ލިބެން އެ ހިތަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ދެކެ އާފާގު ކިތަންމެ ވަރަކަށް ރުޅިއައި ކަމުގައި ވިޔަސް ޒިވްޔަންއަށްޓަކައި އެ ނަފުރަތާ ކުރިމަތިލުމުގެ ހިތްވަރު ކަށިން ނެރުނެވެ.
ކުލްޘޫމާގެ އަޑުން އިތުރަށް އާފާގު ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. ހީވީ އަނދައަނދައި ހުރި ގިނަ އަލިފާނުގެ ތެރެއަށް ޕެޓްރޯލް އަޅާލިހެންނެވެ. އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު ކުލްޘޫމާގެ މޫނަށް ބަލައިލީ ނަފުރަތާ އެކުގައެވެ. އަލިފާންކަނިވެސް އެ ދެލޮލުން ބުރާކަލައެވެ.
''އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް... މިރެއަށްފަހު ސަރުވާއާއި ޒިވްޔަން ވާހަކަދައްކައިގެން ނުވާނެ...'' ފަސްއެނބުރި ޒިވްޔަންއަށް އާފާގު އިންޒާރެއް ދިނެވެ. އެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހި ފަދައެވެ.
އިތުރަށް ޒިވްޔަންއަށް ކެތެއް ނުކުރެވުނެވެ. ސަރުވާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ސަބަބުން އެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ހަމައެއާއެކު އާފާގު ބުނި ޖުމްލަތައް އޭނާގެ ކަންފަތުގައި ތަކުރާރުވަމުން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. ސަރުވާއާ ވަކިވާން އޭނާގެ ހިތް ދެކޮޅު ހެދިއެވެ. އެ ލޯތްބަކީ އޭނާގެ ފުރާނައިގެ ދިރުމެވެ. އެފަދަ ގޮތަކަށް ސަރުވާއާ ވަކިވެގެންދާން އަމުދުން އޭނާގެ ޒަމީރު ދެކޮޅު ހެދިއެވެ. އޭނާގެ ފައި ހަރަކާތްކުރީ ހިތުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުންނެވެ. ރޮމުން ދިޔަ ސަރުވާ ގެެނެސް އެ މޭގައި ފޮރުވާލަން ޒިވްޔަން ބޭނުންވިއެވެ. ކަރުނަތައް ފޮހެލައި އެސްފިޔަތަކުގައި ބޮސްދޭން ވެސް ބޭނުންވިއެވެ. އެ އަތުގެ ހިމާޔަތުގެ ތެރެއަށް ވެސް ގެންނަން ބޭނުންވިއެވެ. ލޯކުރިމަތިން ނިއުޅެމުން ދިޔަ ހަގީގަތް ގަބޫލުކުރަން ޒިވްޔަންގެ ހިތް ދެކޮޅު ހެދިއެވެ.
''ޒިވްޔަން...'' ކުރިއަށް ހިނގައިގަތް ޒިވްޔަންއަށް ރަސަލް ގޮވިއެވެ. ނަމަވެސް އެ އަޑު ޒިވްޔަންގެ ކަންފަތާ ހަމައަށް ނުފޯރިއެވެ. އެންމެފަހުން ޒިވްޔަންގެ ފަހަތުން ހިނގައިގަތީ މިރާހް އެވެ. ބާރުބާރަށް ގޮސް އޭނާ ޒިވްޔަންގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. މިރާހްއަށް ޒިވްޔަން ބަލައިލީ ކަރުނުން ފުސްވެފައިވި ދެލޮލުންނެވެ. ކޮއްކޮގެ ހިތުގައި އަޅަމުން ދިޔަ ވޭން މިރާހްއަށް ވެސް އިހުސާސްކުރެވުނެވެ. އޭނާ ވެސް ހުރީ ދެރަވެފައެވެ. ލޯބީގެ މައިދާނުގައި ޒިވްޔަންއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެކަމުގެ ހިތި ހަގީގަތް އައިސް ވަށާލިއެވެ.
''ދޫކުރޭ...'' ޒިވްޔަން ގަދަ ހެދިއެވެ. އޭނާ ބޭނުންވީ ސަރުވާގެ ފަހަތުން ދާށެވެ. ގަދަ ހަދައިގެން ވިޔަސް އޭނާގެ ގާތަށް ސަރުވާ ގެންދާށެވެ.
''ޒިވްޔަން!...'' މިރާހް ބުންޏެވެ. ''ހަމަޖެހިބަލަ...''
''ދޫކުރާށޭ!...'' ޒިވްޔަންއަށް ހަޅޭއްލަވައިގަނެވުނެވެ. އަތުގައި ހުރި ބާރެއްލާފައި މިރާހްގެ މޭގައި އަތްއަޅާއި އޭނާ ކޮއްޕާލިއެވެ. އެފަދަ ކަމަކަށް ވިސްނައިގެން ނެތް މިރާހް ދިޔައީ ފަހަތަށެވެ. ބިންމަތިން އޭނާގެ ބެލެންސް ގެއްލުމާ އެކުގައި މިރާހް ވެއްޓުނެވެ. ދުރުގައި ހުރި ތާރާގެ ދުލުން ހަޅޭކެއްގެ އަޑު ނިކުތެވެ. އޭނާއަށް ތެޅިގަނެވުނީ މިރާހްގެ ގާތަށް ދާށެވެ. ފެންނަމުން ދިޔަ މަންޒަރުތައް ގަބޫލުކުރަން ދަތިވެފައި މާހުތާބްއަށް ހުރެވުނީއެވެ. އޭނާ ހުރީ ރުޅި އައިސްފައެވެ.
ޒިވްޔަންގެ ފަހަތުން ރަސަލް ހިނގައިގަތެވެ. ނަމަވެސް، އޭނާއަށް ދޮރުކުރިމަތީ ފެންކަޅިވެފައި ހުރި ކުލްޘޫމާ ފެނުމުން ދެވުނީ ކުލްޘޫމާގެ ގާތަށެވެ. ރަސަލް އައިސް އޭނާ ގާތަށް ހުއްޓުމާއެކު ކުލްޘޫމާއަށް ރަސަލްގެ ހިމާޔަތަށް އެދެވުނެވެ. އޭނާއަށް ރަސަލް ގައިގައި ބައްދާލަމުން ރޮވިއްޖެއެވެ. ކަންބޮޑުވެފައި ހުރި ރަސަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ސިކުނޑިއަށް ވެސް ޝޮކެއް ލިބިފައިވިއެވެ. ކުލްޘޫމާ މަސަލަސްކުރަން އުޅޭ ހާލު ޒިވްޔަންއަށް އޭނާ ބަލައިލިއެވެ.
''ސަރޫ...'' ދުވެލާފައި ދިޔަ ޒިވްޔަންއަށް ޕޯޓިކޯއަށް ނިކުމެވުނުއިރުގައި އާފާގުގެ އަމުރަށް ކިޔަމަންވަމުން ސަރުވާ ކާރަށް އަރަނީއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ސަރުވާއަށް އިސްއުުފުލާލެވުނެވެ. އޭރު ބާރުބާރަށް ހިނގާފައި ޒިވްޔަން އާދެއެވެ. ވޭނީ ކަރުނަތަކުން ފުސްވަމުން ދިޔަ ދެލޮލުން ޒިވްޔަންއަށް ބަލަން ހުރި ސަރުވާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ބައްޕަ އިތުރަށް ޒިވްޔަން ދެކެ ރުޅި އައިސްފާނެތީ ވެސް އޭނާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ.
ސަރުވާގެ އާދޭސްތައް ނަގައިގަނެވުނު ޒިވްޔަންގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ހީވީ ނުފެންނަ އަތަކުން އޭނާގެ ފައިތިލައިގައި ހިފެހެއްޓިހެންނެވެ. ކަރުނުން ފުރުނު ދެލޯ ޒިވްޔަންއަށް އަވަސްއަވަހަށް ފޮހެލެވުނެވެ. ސަރުވާ ކާރަށް އެރުމާއެކުގައި އާފާގު ފަސް އެނބުރި ޒިވްޔަންއަށް ބަލައިލީ ނުރުހުމާއެކުގައެވެ. އޭރު ބަތޫލްއާއި ޒުބެއިދާ ވެސް ކާރުގެ ފަހަތު ސީޓަށް އަރައިފިއެވެ. ޒުބެއިދާ ހުރީ އާފާގު ދެކެ ވަރަށް ބޮޑަށް ހިތަހަމަނުޖެހިފައެވެ. ނަމަވެސް އެއްޗެއް ނުބުނެ ކެތްތެރިކަން އިހުތިޔާރުކުރީ ދަރިންގެ ކުރިމަތީގައި އާފާގުއާ ދިމާއަށް ނުރުހުމުގެ ބަހެއް ބުނެވިދާނެތީއެވެ. ހަމައެއާއެކު ހިތުގައި ޖެހި ރޮމުން ދިޔަ ސަރުވާ ވެސް މަސަލަސްކުރަން ޖެހިފައި ވިއެވެ.
''މީގެ ފަހުން ސަރުވާއާއި ޒިވްޔަން ބައްދަލުކޮށްގެން ނުވާނެ... އިތުރަށް މި ގުޅުން ކުރިއަށް ގެންދިއުމަށް ދުވަހަކު ވެސް އަހަރެންގެ ރުހުމެއް ޒިވްޔަންއަކަށް ނުލިބޭނެ... އެންމެ ރަނގަޅު ވާނީ ވެސް ދެން ސަރުވާ މަތިން ހަނދާން ނައްތާލިއްޔާ...'' ރުންކުރުކަމާއެކުގައި އާފަގު ވާހަކަދެއްކިއެވެ. އާފާގުގެ ޖުމްލައިން ޒިވްޔަންގެ ހިތުގައި ޅިޔައެޅިގެން ދިޔައެވެ. ކާރުގެ ފަހަތު ސީޓުގައި ރޮމުން ދިޔަ ސަރުވާއަށް އޭނާ ބަލައިލީ ހިތްދަތިކަމާއެކުގައެވެ. އެ ލޯތްބަށް ނިމުން އައީ ހެއްޔެވެ؟ މިއީ ބިރުވެރި ހުވަފެނެއް ހެއްޔެވެ؟ ހޭލެވުމާއެކުގައި މަންޒަރު ބަދަލުވެގެން ހިނގައިދާނެ ހެއްޔެވެ؟
''ކީއްވެގެންތޯ؟...'' ކިތަންމެ ވަރަކަށް އާފާގު އޭނާ ދެކެ ރުޅިއައިސްފައި ހުރިކަމުގައި ވިޔަސް އާފާގުއަށް ކުރަން ޖެހޭ އަދަބު އިހުތިރާމަށް ކުޑަވެސް އުނިކަމެއް ޒިވްޔަން ނުގެނައެވެ. އޭނާ ހުރީ ނިއުޅެމުންދާ މަންޒަރުތަކުގެ ހަގީގަތް އެނގެން ބޭނުންވެފައެވެ. ސަރުވާއާއި އޭނާގެ ލޯތްބަށް އެފަދަ ހިތްދަތި ނިމުމެއް އައީ ކީއްވެގެން ހެއްޔެވެ؟ އާފާގުގެ ނަފުރަތާ ގުޅިފައިވަނީ ކޮން ކަމެއް ހެއްޔެވެ؟ ކުއްލިއަކަށް އޭނާއާއި ސަރުވާގެ ގުޅުމަށް ނޫނެކޭ ބުނީ ކީއްވެގެން ހެއްޔެވެ؟ ނަފްރަތުން ފުރިގެންވި ބަލައިލުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބައި ހެއްޔެވެ؟
''ތި ސުވާލުގެ ޖަވާބު ޒިވްޔަންގެ މަންމައަށް އެނގޭނެ... އޭނާއާ ސުވާލުކުރޭ...'' އިތުރަށް މަޑުކުރުމެއް ނެތި އާފާގު ގޮސް ކާރަށް އަރައިފިއެވެ. އާފާގު ކާރު ސްޓާޓްކޮށްލުމާއެކު ޒިވްޔަންއަށް ތެޅިގަނެވުނެވެ. ކާރު ދުއްވާލުމުން ކާރުގެ ފަހަތުން ދެވެން އުޅުނެވެ. ހުއްޓެވުނީ މަންމަ އައިސް އޭނާގެ އަތުގައި ހިފާލުމުންނެވެ.
''ސަރޫ...'' ޒިވްޔަންގެ އަރުބެދުނެވެ. މަންމައަށް ކަރުނަަތައް ސިއްރުކުރަން ޒިވްޔަންއަށް ލޯމަތީގައި އަތްއަޅާލެވުނެވެ. އޭރު ރަސަލް ވެސް ޒިވްޔަންގެ ގާތަށް އަތުވެއްޖެއެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅު ހިތުގައި ޖެހިފައިވާ މަންޒަރު ބަލަން އޭނާއަށް ފަސޭހައަށް ނުވިއެވެ. ވަގުތުން ގެެނެސް ދަރިފުޅު މޭގައި ޖައްސާލެވުނެވެ.
އާފާގު އެންމެފަހުން ބުނި ޖުމްލަ ޒިވްޔަންއެކޭ އެއްފަދައިން ރަސަލްގެ ކަންފަތުގައި ވެސް ގުގުމަމުން ދިޔައެވެ. ނަމަވެސް ވަގުތާއި ހާލަތު ތަންނުދިނުމުގެ ސަބަބުން ސުވާލެއް ނުކުރެވުނެވެ. ކަންތައްވެގެން ދިޔަ ގޮތުން ކުލްޘޫމާގެ ހިތަށް ވެސް ފުން އަސަރުތަކެއް ކޮށްފައިވާކަން ރަސަލްއަށް ނަގައިގަނެވުނެވެ. ހިމޭންކަމާއެކުގައި ޒިވްޔަންގެ ބުރަކަށީގައި ރަސަލްއަށް ފިރުމާލެވުނެވެ.
ގޭގެ ގޭޓުން ނިކުމެގެން ދިޔަ ކާރާ ދިމާއަށް ބަލަން ކުލްޘޫމާއަށް ހުރެވުނީ މާޔޫސްކަމާއެކުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދުވަހަކު ވެސް އާފާގުއާ ބައްދަލުވެދާނެކަމަށް އޭނާ އުއްމީދެއް ވެސް ނުކުރެއެވެ. އަމުދުން ޒުބެއިދާއާ ހަތަރުކަޅި ހަމަކުރަން ޖެހިދާނެ ދުވަހެއް އަތުވެދާނެކަމަށް އޭނާ ހިޔާލެއް ވެސް ނުކުރެއެވެ. ނަމަވެސް ތަގުދީރުގެ ރޭވުންތެރިކަން ދެކިބަލާށެވެ. އިންޒާރުދިނުމެއް ވެސް ނެތި އޭނާގެ މާޒީގެ އަނދިރިކަން އެ އުޅެނީ ހާމަވާށެވެ.
ކުލްޘޫމާއަށް އިސްޖަހާލެވުނެވެ. ސަރުވާގެ އާއިލާގެ މައުލޫމާތު މާހުތާބްގެ ފަރާތުން އޮޅުންފިލުވާލެވުނުނަމަ މި ދުވަސް ދެކެން ނުޖެހުނީހެވެ. ދުރާލައި ހައްލެއް ހޯދުމުގެ ފުރުސަތު ވެސް ލިބުނީހެވެ.
ކުއްލިއަކަށް ރަސަލްއާ ދުރަށް ޒިވްޔަން ޖެހުނެވެ. ގެނައި އަވަސް ހަރަކާތުން އޭނާ ކަރުނަަތައް ފޮހެލިއެވެ. އެއަށްފަހު ބާރުބާރަށް ހިނގާފައި އޭނާ މިސްރާބު ޖެހީ ކޮޓަރިއަށް ދިއުމަށެވެ. އެއްވެސް މީހަކާ ވާހަކަދައްކަން ޒިވްޔަން ބޭނުމެއް ނުވިއެވެ. ސިކުނޑީގައި އެތައް ސުވާލެއް އޭރު އެނބުރެމުން ދިޔައެވެ. ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ.
ބޮޑުކޮޓަރި ހުރަސްކޮށް ޒިވްޔަން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. އިސްޖަހާލައިގެން ހުރީ އެ މޫނުގެ އަސަރުތައް ސިއްރުކުރާށެވެ. އެ ހިތުގެ ހާލު އެެއްވެސް މީހަކަށް އިހުސާސްނުކުރެވޭނެ ކަމަށް ޒިވްޔަންއަށް ޔަގީންކުރެވުނެވެ. މިރާހް ގޮވާލުމުން ވެސް ޒިވްޔަން އަޑުއިވުނުކަމަށް ނުހެދިއެވެ. ސިޑީގެ ހަރުފަތްތަކުން ފުންމަމުން ކަހަލަ ގޮތަށް މައްޗަށް އަރައިގެން ދިޔައީއެވެ. މިރާހްވެސް ޒިވްޔަންގެ ފަހަތުން ހިނގައިގަތެވެ.
ތާރާ ވެސް ހުރީ ވެދިޔަ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ޒިވްޔަންގެ ހިތަށް ކުރާނެ އަސަރުތަކާ މެދުގައި އޭނާއަށް ވިސްނާލެވުނެވެ. ޒިވްޔަންއާ މެދުގައި މިރާހް ކަންބޮޑުވެފައި ހުރި މަންޒަރު ވެސް އޭނާއަށް ފެނުނެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިން މާހުތާބްއަށް ތާރާ ބަލައިލިއެވެ. ރުޅިވެރިކަން މާހުތާބްގެ މޫނުން ފާހަގަކުރެވުމުން އަވަސްއަވަހަށް މިރާހްގެ ފަހަތުން ތާރާ ހިނގައިގަތެވެ. އޭނާ ހުރީ މާހުތާބް ދެކެ ޖެހިލުންވެފައެވެ.
*****
ސޯފާގައި އިން މާހުތާބްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އާފާގުގެ އަމަލުތަކުން މާހުތާބްގެ މޫނުގެ ކުލަވަރު މުޅިން ވަނީ ބަދަލުވެފައެވެ. އޭނާ އުއްމީދުކުރި ފަދަ ގަދަރުވެރި އާއިލާއަކަށް ނުވީތީ އޭނާގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ރުޅީގެ ތެރޭގައި ނަފުސު އަނދަމުން ދަނިކޮށް ބޮޑުކޮޓަރިއަށް އައި ރަސަލްއަށާއި ކުލްޘޫމާއަށް އަވަސް ނަޒަރެއް ދިނެވެ.
''ކޮންކަހަލަ ބައެއްތަ އެއީ؟...'' މާހުތާބްއަށް އޭނާގެ ރުޅިވެރިކަން ކޮންޓްރޯލެއް ނުކުރެވުނެވެ. ''ދައުވަތު ދީގެން ގެނައުމުން ވެސް ހިތު ހުރި ގޮތަކަށް ކަންތައް ކޮށްފަ އެ ދިޔައީ... ޒިވްޔަންއާ މެދު ވިސްނާލާފައި އެ މަންޒަރުތައް ނުފެންނަ ކަމަށް ހަދަން ވެސް ބޭނުންވި، އެކަމަކު ދެން އަހަންނަށް އެކަންތައް ހަނދާން ނައްތައެއް ނުލެވޭނެ...''
ރަސަލްގެ އެހީތެރިކަމާއެކުގައި ސޯފާގައި އިށީން ކުލްޘޫމާއަށް އިސްޖަހާލެވުނެވެ. އާފާގުގެ ރުޅިވެރިކަމާ ގުޅިފައިވާ އަސްލަކީ އޭނާ ކަމުގައި ބުނެދޭން ކުލްޘޫމާ ބޭނުންވިއެވެ. ހަމައެއާއެކުގައި އާފާގު ދެކެ މާހުތަބް ރުޅިއައުން ޖާއިޒް ނޫންކަމުގައި ވެސް ބުނެދޭން ބޭނުންވިއެވެ. ހަގީގަތް އެނގޭނަމަ މާހުތާބް އެފަދައިން ވާހަކަ ވެސް ނުދައްކާނެކަމުގެ ޔަގީންކަން އޮތެވެ.
''މަންމާ...'' ކުލްޘޫމާއަށް ބުނެވުނެވެ. އެ ވަގުތު ކުލްޘޫމާގެ މޫނަށް މާހުތާބް ބަލައިލިއެވެ. ރުޅީގެ އިހުސާސްތަކާ އޭނާއަށް ހިނދުކޮޅަކަށް ވިޔަސް ދުރުވެވުނީ ދެނެވެ. ހިތުގައި އުފެދިފައިވި ސުވާލުތަކާ މެދުގައި އޭނާއަށް ވިސްނުން ހިންގާލެވުނެވެ. ކުލްޘޫމާ ފެނުމާއެކު އެ ހުރިހާ ބަދަލެއް އާފާގުގެ މިޒާޖަށް އައީ ކީއްވެެގެން ހެއްޔެވެ؟ އާފާގުގެ މުޅި ޠަބީއަތު ބަދަލުވެ، ރުޅީގެ މައްޗަށް އަމަލުކުރީ ކީއްވެގެން ހެއްޔެވެ؟ ވަގުތުން ސަރުވާއާއި ޒިވްޔަންގެ ގުޅުމަށް ދެކޮޅު ހެދީ ކީއްވެގެން ހެއްޔެވެ؟
''މި ހުރިހާ ކަމެއް މިވީ އަހަރެންގެ ސަބަބުން... މަންމަގެ ރުޅި ހައްގުވަނީ ވެސް އަހަންނަށް... އާފާގުއަށް އެފަދައިން އަމަލުކުރަން މަޖުބޫރުވީ މާޒީގައި އަހަންނަށް ކަންތައް ކުރެވުނު ގޮތުން... ހަގީގަތް އެނގުމުން މަންމަގެ ރުޅި ވެސް ފިލައިގެން ދާނެ... ރަސަލް...'' ވާހަކަދައްކަމުން ދިޔަ ކުލްޘޫމާއަށް ބަލައިލެވުނީ ރަސަލް އަށެވެ. ކުލްޘޫމާއަށް ރޮވެމުން ދިޔަ މަންޒަރު ފެނި ރަސަލް ކަންބޮޑުވިއެވެ. އެ މަންޒަރު ބަލަން ހިތަށް ކެތެއް ވެސް ނުވިއެވެ. ހަމައެއާއެކު ކުލްޘޫމާގެ ޖުމްލައިން އޭނާއަށް ސިހުން ވެސް ލިބިއްޖެއެވެ.
''ކީކޭ ބުނަންތަ ކުލްޘޫމާ ތިއުޅެނީ؟...'' މާހުތާބްއަށް ބުނެވުނެވެ.
''އަހަންނަކީ ކުށްވެރިއެއް...'' ގިސްލަމުން ކުލްޘޫމާ ބުންޏެވެ. ''އާފާގުގެ ނަފުރަތާ ގުޅިފައިވަނީ އަހަރެންގެ ފަރާތުން ޒުބެއިދާއަށް ލިބުނު އަނިޔާ...''
ކުލްޘޫމާގެ ވާހަކަތަކުން ބޮޑުކޮޓަރިއަށް ފެތުރިގެން ދިޔައީ މަރުގެ ހިމޭންކަމެވެ. އެއްޗެއް ބުނުމެއް ނެތި މާހުތާބް ސޯފާއިން ތެދުވުނެވެ. ރަސަލް ވެސް އިނީ ސިހުމެއްގެ ތެރޭގައެވެ. ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަން އޭނާއަށް ވަނީ ދަތިކަމަކަށް ވެފައެވެ.
''ރަސަލް...'' ރޮމުންރޮމުން ކުލްޘޫމާއަށް ރަސަލްގެ އަތުގައި ހިފާލެވުނެވެ. ރަސަލްގެ ހިމޭންކަމުން ކުލްޘޫމާގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. ބާރަށް އޭނާއަށް ރޮވުނެވެ. ހަގީގަތް އެނގުމަށްފަހު ރަސަލް ވެސް އޭނާ ދެކެ ހިތްހަމަނުޖެހުނީ ކަމަށް ހީކުރެވުނެވެ. ކުލްޘޫމާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ.
(ނުނިމޭ)