ވާހަކަ

ދޭތޯ ތި ހިތް - 24

2

މިރާހްގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ ޖޫދާއަށް އޭނާގެ އަތުކުރީ އޮތް އެޕަލް ވޮޗްއަށް އަވަސް ނަޒަރެއް ދެވުނެވެ. ތުން ދަމާލަމުން އޭނާއަށް ހަށަން ބަނދެލެވުނެވެ. އެއް ފައި މައްޗަށް އަނެއް ފައި ލަމުން މަޑުމަޑުން ފައި ތަޅުވަން ފެށިއެވެ. މެންދުރުގެ ވަގުތުކަމުން ރެސްޓޯރެންޓް ފެންނަމުން ދިޔައީ ހަލަބޮލިކަމާއެކުގައެވެ. އިރުގެ ހޫނުކަން ވެސް އިހްސާސްކުރެވެމުން ދިޔައެވެ. ރޯޅިތައް ވެސް މަޑު ދުވަހެކެވެ. ހަލަބޮލިކަން އެކުލެވިގެންވި މާހައުލަށް ހިންގާލި ނަޒަރާއެކުގައި މޭޒު މަތީގައި އޮތް އޭނަގެ އަތްދަބަސް ޖޫދާ ހުޅުވާލިއެވެ. އެއިން ނެގި ލިޕްސްޓިކް ތުންފަތުގައި ހާކާލަމުން ތުންފަތް އިތުރަށް ރަތްކޮށްލިއެވެ. ކުޑަ ލޯގަނޑުން ފަރިކަން ބަލަން އިނދެފައި އަތްބަހަށް ލޯގަނޑު ލާން އުޅުނު ވަގުތު، ސިޑިން މައްޗަށް އެރި މިރާހް އޭނާގެ ލޮލުގައި އަޅައިގަތެވެ.

އަވަސްއަވަހަށް ގޮނޑީގައި ހަމަޖެހިލަމުން މިރާހްއަށް އޭނާ ބަލައިލީ ހުވަފެނީ ގޮތަކަށެވެ. ކަސްރަތީ ހަށިގަނޑަށް ހިފާލާފައި އޮތް މަޑު ނޫކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުގައި މިރާހް ފެންނަމުން ދިޔަ ގޮތް ޖޫދާއަށް ނިކަން ކަމުދިޔައެވެ. އެ ފިރިހެންވަންތަ ހިނގުމާއި ސްމާޓްކަން އެއީ އޭނާއަށް އެންމެ ކަމުދާ ސިފައެވެ. ހިތުގެ ތެޅުން ވެސް އަވަސްވެގެން ދިޔަކަމުގެ އިހުސާސް ޖޫދާއަށް ކުރެވުނެވެ.

''މިރާހް...'' ތާރާ ގޮވާލިއެވެ.

މޭޒު ކައިރިއަށް ހުއްޓުނު މިރާހްގެ މޫނުމަތިން ޝައުގުވެރިކަމުގެ އެއްވެސް ލިސާނެއް ނެތެވެ. އެއާ ހިލާފަށް އެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރެވެ. އެ ދެލޮލުން ޖޫދާއަށް ބަލައިލީ ހިތުގެ ސުވާލުތަކަށް ޖަވާބު ހޯދަން އުޅޭ ފަދައަކުންނެވެ. ޖޫދާގެ މަގުސަދު އެނގެން މިރާހް ބޭނުންވިއެވެ. ކުއްލިއަކަށް ތާރާއާ ބައްދަލުކުރުމުގެ ފަހަތުގައި ސަބަބެއް ވާނެ ކަމުގެ އިންޒާރު އޭނާގެ ޒަމީރު ދިނެވެ.

''ވަޓް ވިލް ޔޫ ހޭވް؟...'' ކުރިމަތީ ހުރި ގޮނޑީގައި މިރާހް އިށީނުމާއެކުގައި ޖޫދާ ސުވާލުކޮށްލިއެވެ. އޭނާ ވެއިޓަރަށް ވެސް އިޝާރާތްކޮށްލިއެވެ.

''ބްލެކް ކޮފީ...'' ވެއިޓަރު އޯޑަރު ނަގަން އައުމުން މިރާހް ބުންޏެވެ. މާގިނަ ވަގުތު އެތަނުގައި މަޑުކުރުމުގެ ވިސްނުމެއް މިރާހްގެ ނެތްކަން ވަގުތުން ޖޫދާއަށް ނަގައިގަނެވުނެވެ. އެ ހިތުގައި ރިހުމެއް އުފެދުނެވެ. އުފާވެރިކަމުގެ ވިންދު ޖަހަމުން ދިޔަ ހިތަށް މާޔޫސްކަން ވެރިވާން ފެށިއެވެ. އެ ވަގުތު ހަށިފުރާ ފުންނޭވާއެއް ޖުދާ ދޫކޮށްލިއެވެ. ގިނަ ދުވަސްތަކަކަށްފަހު މިރާހްއާ ވަކިން ބައްދަލުކޮށްލަން ލިބުނު ފުރުސަތު ގެއްލިގެން ދާން އޭނާ ބޭނުމެއް ނުވިއެވެ. އެ ހިތުގެ މުރާދު ކޮންމެ ގޮތެއް ހަދާފައި ވިޔަސް ހާސިލުކުރަން ޖޫދާ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

''ގްރީން ސެލެޑް އެންޑް އެވަކާޑޯ ސްމޫތީ...'' ޖޫދާ ވެސް އޭނާގެ އޯޑަރު ވެއިޓަރަށް ދިނެވެ. ވެއިޓަރު އޯޑަރު ތަކުރާރުކޮށްލަމުން ދާން އަވަސްވެގަތެވެ.

''ހަމައެކަނި ކޮފީއަކުން ފުއްދާލަނީތަ؟...'' ޖޫދާ ސުވާލުކޮށްލިއެވެ. ޖޫދާއަށް މިރާހް ބަލައިލީ ފަރުވާކުޑަ ނަޒަރަކުންނެވެ. އެއާއެކު ޖޫދާގެ ހިތުގައި ޅިޔަ އެޅިގެން ދިޔައެވެ.

''ކާހިތެއް ނުވޭ...'' މިރާހް ހަށަން ބަނދެލިއެވެ.

''އަހަރެން ވީމަތަ؟...'' ޖޫދާގެ އަޑުގައި ރިހުމެއް ވިއެވެ. ހިތުގެ އިހުސާސްތައް މިރާހްގެ ކުރިމަތީ ބޭޒާރު ވެދާނެތީ އަވަސް ނޭވާތަކެއް ދޫކޮށްލިއެވެ. އަދި އަމިއްލަ ނަފުސުގެ މައްޗަށް އޭނާ ބާރު ފޯރުވަން މަސައްކަތްކުރިއެވެ.

ޖޫދާގެ ސުވާލަށް މިރާހް ޖަވާބެއް ނުދިނެވެ. އޭނާ ބަލަމުން ދިޔައީ ޖޫދާގެ މޫނަށެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިރާހް ވާހަކަދައްކަން ފެށިއެވެ.

''އަހަރެން ބޭނުމެއް ނޫން ތާރާއާއި ޖޫދާ ވާހަކަދައްކާކަށް...'' އޭނަ އައި ބޭނުން މިރާހް ހާމަކުރިއެވެ. މާގިނަ ވާހަކަތައް ޖޫދާއާއި ދެއްކުމުގެ ވިސްނުމެއް މިރާހްގެ ނެތެވެ. އަމުދުން މާޒީ މަތިން ހަނދާން ކުރާކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ.

''ވައި؟...'' ޖޫދާ އެހިއެވެ.

''ތި ސުވާލަށް ކޮންމެހެން ޖަވާބު ދޭން ޖެހޭތަ؟...'' މިރާހްގެ މޫނުން ފެނުނު ޝުއޫރުތަކުން ނުރުހުންތެރިކަން ޖޫދާގެ ނަސުފަށް ވެރިވިއެވެ. ތާރާއަށްޓަކައި މިރާހްގެ ހިތުގައިވާ އިހުސާސްތައް ދޭހަކުރެވުމާއެކު ޖޫދާގެ މެޔަށް ބާރުވެލިއެވެ. މިރާހްގެ އަމަލުތަކުންނާއި ދެލޮލުން ކިޔައިދެމުން ދިޔަ ވާހަކަތަކުން ހިތަށް އިތުރު ތަކުލީފެއް ނޫނީ ނުލިބުނެވެ.

''އަހަރުމެން ދެމެދުގައި ކުރިން އޮތް ގުޅުމުގެ ވާހަކަ ތާރާއަށް އެނގިދާނެތީތަ؟...'' ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ޖޫދާ ބުންޏެވެ. ހިތަށް ކުރަމުން ދިޔަ އަސަރުތަކުން ނަފުސަށް މޮޅިވެރިކަން ވެރިވެއްޖެއެވެ. މިރާހްއާ ކުރިމަތިލަމުން ދިޔަ ނަޒަރިއްޔާތު އޭނަ ބަދަލުކޮށްލިއެވެ. މޫނަށް މާޔޫސްކަން ވެރިކުރުވަމުން އޭނަ އިސްޖަހާލިއެވެ.

''ޖޫދާ...'' މިރާހްގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

''އަހަރެން ނޫޅެން ތާރާއަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް... މިރާހް އަހަންނާ މެދު ތި ދެކެނީ ކޮން ގޮތަކަށްތަ؟...'' ނޭފަތް އެތެރެއަށް ދަމާލަމުން ޖޫދާ ވާހަކަދެއްކިއެވެ.

''ހީކުރީ އަހަރެން މިރާހްގެ ފަރާތުން ބަދަލު ހިފަން އުޅެފާނެ ކަމަށްތަ؟... އަހަންނަކީ އެހާ ނުބައި މީހެއް ކަމަށްތަ މިރާހް ތި ހީކުރަނީ؟... ތެދަށް ބުނަންޏާ މިރާހް ކަންތައް ކުރި ގޮތުން ދެން ދުވަހަކު ވެސް މިރާހްގެ ކުރިމައްޗަށް އަންނަން އަހަރެން ބޭނުމެއް ނުވި... އަހަރެންގެ ހިތް ހަލާކުކޮށްލާފައި އެހެން މީހަކާ މިރާހް ކައިވެނި ކުރުމުން އަހަރެންގެ ހިތުގައި އެޅި ވޭނުގެ ޒައްރެއްގެ މިންވަރު ވެސް މިރާހްއަށް އިހުސާސެއް ނުކުރެވޭނެ... އަހަރެންގެ ދިރިއުޅުން ދިޔަ އަނދިރި ރާސްތާ ވެސް ތަސައްވަރެއް ނުކުރެވޭނެ... އަހަރެންގެ އެއްވެސް ކުށެއް ނެތި މިރާހް އަހަންނާ މެދު އެފަދައިން ކަންތައް ކުރުމުން ނަފްރަތު ކުރަން ވެސް ބޭނުންވި... ރުޅި އަންނަން ވެސް ބޭނުންވި... އެކަމަކު އެފަދަ އިހުސާސްތަކަކީ މީހާގެ ހަމަޖެހުން ނެތިކޮށްލާ ފަދަ އިހުސާސްތަކެއް... މިރާހްގެ ސަބަބުން ފިރިހެނުންގެ މައްޗަށް އަހަރެންގެ އޮތް އިތުބާރު ވެސް ނެތިގެން ދިޔަ... ގިނަ ދުވަސްތަކެއްގެ އެކަނިވެރިކަމަށްފަހު ދެވަނަ ފަހަރަށް އަހަރެންގެ ހިތް ހުޅުވާލެވުނީ ރައިހާންގެ ސަބަބުން... ދިރިއުޅުމަށް އާ ހިތްވަރެއް ވެސް ލިބުނީ އެ ހިސާބުން... މިރާހްއާ ހިލާފަށް އަހަރެން މާޒީން ހޯދައިގަތީ އިބުރަތްތަކެއް... މައާފުކުރުމުގެ ރަނގަޅުކަން ވެސް ވިސްނުނީ އެ ހިސާބުން... އަހަރެންގެ ހިތް މިރާހްގެ މައްޗަށް ސާފުކަން ކުރިން ވެސް ބުނިން... އެކަމަކު މިރާހް އަހަންނަށް އިތުބާރުނުކުރާނެކަން މިހާރު ހާމަވެއްޖެ، އަހަންނާ މެދު ދެކެމުން އަންނަ ނަޒަރިއްޔާތު ވެސް ސާފުކޮށް އެނގި ހާމަވެއްޖެ...''

ކަރުނައިގެ ދިލަކަން ފާޅުވާން ފެށި ދެލޯ މިރާހްއާ އަމާޒުކުރަމުން ޖޫދާ ވާހަކަދެއްކިއެވެ. އޭނާގެ މަކަރުވެރިކަމުގެ މަޅިފަތި ފަތުރާލީ ވިސްނުންތެރިކަމާއެކުގައެވެ. ހީލަތްތެރިކަމުގެ ކަރުނައިގައި މިރާހްގެ ސިކުނޑިއާ ކުޅެލަން އޭނަ މަސައްކަތްކުރިއެވެ. މާޒީގެ ހިތިކަމާއި، މިރާހްގެ ފަރާތުން ލިބުނު ހިތްދަތިކަމާ ގުޅުވާލައިގެން ވެސް ވާހަކަތައް އަތުރާލިއެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން މިރާހްގެ ނަފުސުގެ މައްޗަށް އަތްގަދަކުރުވަން ޖޫދާ ބޭނުންވިއެވެ.

''އެ ދުވަހު މީޓިންގް އިން ދިމާވުމަށްފަހު މިރާހްއާ ވާހަކަދައްކަން އަހަރެން އުޅުނީ އެއްވެސް ނުނިޔަތެއް އޮވެގެނެއް ނޫން... އަހަރެން ބޭނުންވީ މާޒީ ހަނދާން ނައްތާލައި އައު ފެށުމަކުން ފަށަން... އެދުވަހު އަހަރެން ގާތު މިރާހް ދެއްކި ވާހަކަތަކުން ވެސް ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ތާރާ ހިޔާރުކުރިކަން ނަގައިގަނެވުނު، އެކަމާ އަހަރެން އުފާވެސް ވި... ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތުމަކީ ވަރަށް ވިޔާނުދާ ކަމެއް... އެފަދަ ދަށު ދަރަޖައަކަށް އަހަރެން ދުވަހަކުވެސް ނުދާނަން...'' ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ޖޫދާ ފޮހެލިއެވެ.

މޭޒު މަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި ޖޫދާއަށް މިރާހް ދިއްކޮށްލިއެވެ. އޭނަގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމުވެ. ޖޫދާގެ ވާހަކަތަކުން މިރާހްގެ ނަޒަރިއްޔާތު ބަދަލުވަމުން ދިޔައެވެ. އޭނަ ދެރަވެސް ވެއްޖެއެވެ. އެފަދަ ނަޒަރަކުން ޖޫދާއާ މެދުގައި ދެކެވުނީތީވެސް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

''އަހަންނާއި ތާރާ ބައްދަލުވީ ވެސް އިއްތިފާގަކުން...'' ޓިޝޫން ނޭފަތް ފޮޅާލަމުން ޖޫދާ ބުނެލިއެވެ. ''މިރާހް ބޭނުންވަނީ އަހަރެން ތާރާއާ ވާހަކަދެއްކުން ހުއްޓާލަން ކަމުގައި ވަނީނަމަ އެކަން ވެސް ކޮށްދީފާނަން... އެކަމަކު ތާރާގެ ހިތުގައި ސުވާލު އުފެދިއްޖެނަމަ މިރާހް ކަންތައް ކުރާނީ ކިހިނެއް؟... ''

މަންޒަރުތައް ނިއުޅެމުން ދިޔައީ ޖޫދާ ބޭނުންވި ގޮތަށެވެ. މިރާހްގެ މޫނުން ފެންނަމުން ދިޔަ އަސަރުތަކުން ކާމިޔާބީގެ ފޮނިކަން ވެސް އިހުސާސްކުރެވުނެވެ.

''ޖޫދާއާ މެދުގައި އަހަރެން ގޯސްކޮށެއް ނުދެކެން...'' މިރާހް ބުންޏެވެ. ޖޫދާގެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ސިއްރުކުރަން ތުންފަތުގައި އޭނާ ދަތް އަޅާލިއެވެ.

''އެފަދަ ގޮތަކަށް ވާހަކަދެއްކިފައިވާނަމަ އަހަރެން މައާފަށް އެދެން... ހަގީގަތުގައި ހުރިހާ ގޯހެއް ހެދުނީ އަހަންނަށް... ޖޫދާގެ ހިތުގައިވެސް ޖެއްސުނީ އަހަންނަށް... މާޒީ ތާރާއަށް ސިއްރުކުރަންވެސް ބޭނުންވީ އަހަރެން... ވެދިޔަ ހުރިހާ ކަމަކަށް ފަހު ކުއްލިއަކަށް ތާރާއާއި ޖޫދާ ބައްދަލުވުމުން ކަންތައް ވެދާނެ ގޮތަކާ މެދު އަހަރެން ބިރުގަތީ... އެކަމަކު މިހާރު ހުރިހާކަމެއް ވެސް ސާފުވެއްޖެ... ޖޫދާގެ ހިތުގެ ސާފުކަން ވެސް އިހުސާސްވެއްޖެ... އަހަންނަށް މައާފުކުރާނަންތަ؟...'' މިރާހްއަށް އިސްޖަހާލެވުނެވެ.

''މައާފުކޮށްފިން... ހަގީގަތަށް ބުނާނަމަ މިރާހްއަށް އަހަރެން ޝުކުރުވެރިވަން... އެހެންނޫންނަމަ ރައިހާންއާއި އަހަރެން ބައްދަލުނުވީސް...'' އަތުގެ ތެރެއަށް ބޮނޑިކޮށްލެވިފައި އޮތް ޓިޝޫ ނޭފަތުގެ ކުރީގައި ޖައްސާލަމުން ޖޫދާ ވާހަކަދެއްކިއެވެ. އޭރު ކާއެއްޗެހި ހިފައިގެން ވެއިޓަރު އައިސްފިއެވެ.

''އަންނާނަން ފާހާނާއަށް ގޮސްފައި...'' ޖޫދާ ކޮޅަށް ތެދުވުނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް މިރާހް ހަމައެކަނި ބޯޖަހައިލިއެވެ. ޖޫދާ ދިޔަ ދިމާއަށް ބަލަން މިރާހްއަށް އިނދެވުނެވެ. އޭރު ޖޫދާ ދެއްކި ވާހަކަތައް ބާރު ދުވެލީގައި ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މޮޅިވެރިކަމުގެ ސައިލެއް މިރާހްގެ މޫނުގައި ވިއެވެ. ހަށިފުރާ ފުންނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ.

''އަހަންނަށް ހީކުރެވުނީ މުޅިން ގޯސްކޮށް...'' އާވި އަރަމުންދިޔަ ހޫނު ކޮފީތަށްޓަށް މިރާހް ފުމެލިއެވެ. ކޯފީގެ ވަސް ޖެހުމުން ލިބޭ ހިތްހަމަޖެހުން މިފަހަރު މިރާހްއަށް އިހުސާސެއް ނުކުރެވުނެވެ. ލަސްލަހުން އޭނާ ކޮފީ ބޮމުން ދިޔައެވެ.

*****

''ވެލް... ދެޓް ވޯޒް އީޒިޔާރ ދޭން އައި ތޯޓް... މިރާހް... އަހަރެން ހިއެއް ނުކުރަން އެހާ ފަސޭހައިން އަހަރެންގެ ވާހަކަތައް ގަބޫލުކޮށްފާނެކަމަށް ވެސް... މިރާހްގެ އިތުބާރު ވެސް އަހަންނަށް ލިބިއްޖެ... ލަސްލަހުން މިރާހްގެ މައްޗަށް އަހަރެން ކާމިޔާބު ހޯދާނަން... ޔޫ އާރ މައިން... އޮންލީ މައިން!...'' ފާހާނާއަށް ވަދެ އޭނާގެ މޭކަޕް ރީތިކުރަން އުޅުނު ޖޫދާ އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. ހިތްހަމަޖެހޭވަރުވުމުން އޭނާ ފާހާނާއިން ނިކުތެވެ.

''ކޮފީ ނިމުނީތަ؟...'' މޭޒު ކައިރިއަށް ހުއްޓުނު ޖޫދާ ސުވާލުކޮށްލިއެވެ. ''މިރާހް ދާން ބޭނުންވަންޏާ ދިޔަޔަސް އަހަންނަށް އެންމެ ރަނގަޅު...''

''ޖޫދާ...'' މިރާހް ގޮވާލިއެވެ. ސީރިޔަސްކަން އެ ދެލޮލުން ޖޫދާއަށް ފެނުނެވެ. ގޮނޑީގައި އިށީންނަމުން މިރާހްގެ މޫނަށް އޭނާ ނަޒަރު ހުއްޓާލިއެވެ.

''ޖޫދާއާ އެކުވެރިކަން ބަދަހިކުރަން ތާރާ ބޭނުންވާނަމަ އަހަރެން އެކަމަށް ދެކޮޅެއް ނަހަދާނަން...'' ފުންނޭވާއެއް ދޫކޮށްލަމުން މިރާހް ބުނެލިއެވެ. އޭނާ ޖޫދާއާ ބަދަލުކޮށްލި ނަޒަރުގައި މިފަހަރު ވަނީ އެކުވެރިކަމެވެ.

''މާޒީ ސިއްރުކުރަން މިރާހް ބޭނުންވާނަމަ އެކަމުގައި އަހަރެން އެއްބާރުލުން ދޭނަން... އައި ޖަސްޓް ވޯންޓް އަސް ޓު މޫވް އޮން ފްރޮމް އެވްރީތިންގް...'' ޖޫދާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ މަކަރުވެރިކަމެވެ. މިރާހްގެ އިތުބާރު އޭނައަށް ލިބުމުން އުފާވެރިކަން އިހުސާސްކުރެވުނެވެ.

''ވަންސް އެގެއިން އައިމް ސޮރީ ފޯރ އެވްރީތިންގް...'' މިރާހް މާފަށް އެދުނެވެ. ލޮލުގައިވި ޝުޢޫރުތަކުން އޭނަގެ ބަހުގެ ތެދުކަން ހާމަކޮށްދެއެވެ.

''ދެން އަބަދު އަހަރެންގެ ގާތުން މައާފަށް އެދޭނީތަ؟...'' މާހައުލުގައިވި ސީރިޔަސްކަމަށް ނިމުމެއް ގެންނަން ޖޫދާ ސަމާސާ ރާގަކަށް ބުނެލިއެވެ. މިރާހްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

''ގިނައިރު މަޑުކުރެވޭކަށް ނެތް... ތާރާ ހުންނާނެ އަހަރެންގެ އިންތިޒާރުގައި...'' މިރާހްގެ ޖުމްލައިން ޖޫދާގެ މޫނު ބަނަވެގެން ނުދިޔައީ ކިރިޔާއެވެ. ހިނިތުންވެލަމުން ހިތުގައި އޮތް ހަސަދަވެރިކަން އޭނާ ވަންހަނާކޮށްލިއެވެ.

''އެހެންވެގެން ދޯ ކޮފީއަކުން ފުއްދާލަން އުޅުނީ... އަވަހަށް ދޭ... ގިނައިރު އިންތިޒާރުގައި ބަހައްޓާކަށް ނުވާނެ...'' ހިތާ ދެކޮޅަށް ޖޫދާ ވާހަކަދެއްކިއެވެ. އެ ވަގުތު ވެއިޓަރަށް އިޝާރާތްކޮށްލަމުން ބިލު ގެނެސްދިނުމަށް މިރާހް އެދުނެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ދާން މިރާހް ގޮނޑިން ތެދުވުނެވެ. ޖޫދާއާ ވާހަކަދައްކައި އެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަމަށް ނިމުން ގެނެވުމުން މިރާހްގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނެއެވެ.

މިރާހްއަށް ތާރާ ގުޅަން ފެށުމުން ދާން އޭނާ އަވަސްވެގަތެވެ. ޖޫދާއާ ވަދާއުގެ ހިނިތުންވުމެއް ބަދަލުކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ތާރާއާ ވާހަކަދައްކަމުން މިރާހް ކުރިއަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަން ޖޫދާ އިނީ ފުސް މޫނަކާއެކުގައެވެ.

''ގިނަ ދުވަހެއް ނުވެ އަހަރެންގެ މީހަކަށް މިރާހް ހަދާނަން... މިރާހް އަދިވެސް ލޯބިވަނީ އަހަރެން ދެކެ... އެކަން މިރާހްއަށް ހަނދާންކޮށްދިނުމާއެކު އަހަރެންގެ ގާތަށް އަންނާނެ...'' ޖޫދާއަށް ދަތްކުނޑިވިކާލެވުނެވެ. އިތުރަށް އޭނާ ކާހިތެއް ވެސް ނުވިއެވެ. ތުންއަނބުރާލާފައި ތަށި ދުރަށް ޖައްސާލިއެވެ.

*****

ހޯމަ ދުވަހެވެ. ހެނދުނު އަރައިގެން އައި އިރާއެކުގައި ކުލްޘޫމާ ތައްޔާރުވަމުން ދިޔައީ ސަރުވާގެ އާއިލާގެ އިސްތިގުބާލަށެވެ. އެއްވެސް ކަމެއް އުނިވުމުގެ ފުރުސަތު ދޭން އޭނާ ބޭނުމެއް ނުވިއެވެ. ހުރިހާ ގޮތަކުން ވެސް މިރޭގެ ބައްދަލުވުން ފުރިހަމަވާން އޭނާ ބޭނުންވިއެވެ. ގޭގެ ހާދިމުން ވެސް ފެންނަނީ ހޭބޯނާރައި އުޅޭ މަންޒަރެވެ. ހީވަނީ ބޮޑު ހަފުލާއަކަށް ގޭތެރެ ތައްޔާރުކުރަން އުޅެހެންނެވެ. ބޮޑުކޮޓަރީގެ ކުޑަދޮރުތަކުގެ ފަރުދާތައް ބަދަލުކުރުމާއި، ކާޕެޓް އާކުރުމާއި، ސޯފާތައް ޕޮލިޝްކުރުމުގެ މަސައްކަތް ހަލުވިކަމާއެކުގައި ކުރިއަށް ދިޔައެވެ. ބަގީޗާގެ ގަސްތަކުގެ އޮފިތައް ރީތިކުރުމާއި ވިނަގަނޑު ކޮށުމުގައި ވެސް ހޭލަމޭލަވަމުންދާ މަންޒަރު ފެނެއެވެ. ހަވީރު އަތަށް އެޅިއިރުގައި، ކާމެޒުމަތީގައި ބޭނުންކުރާ އުލާއި ސަމުސާގެ އިތުރުން ތަށިތައް ވެސް ބަދަލުކުރަން މާހުތާބް އިރުޝާދު ދީފިއެވެ.

އިރުއޮއްސުނު އިރު މިރޭގެ ބައްދަލުވުމަށް ހުރިހާކަމެއް ވެސް ވަނީ ތައްޔާރުކުރެވިފައެވެ. އިޝާ ނަމާދަށް ކޮޓަރިއަށް ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު ކެއުމުގެ ކަންތައް ރަނގަޅަށް އިންތިޒާމުކުރެވިފައިވޭތޯ ބަލަން ކުލްޘޫމާ ބަދިގެއަށް ވަނެވެ. ހިތްހަމަޖެހޭ ވަރުވުމުން އޭނާ ކޮޓަރިއަށް ދާން މިސްރާބު ޖެހީ މެހެމާނުން އަންނަން ވާއިރަށް ނަމާދުކޮށްލައިގެން ތައްޔާރުވުމަށެވެ.

''ވާއު ހީވަނީ މުޅިން އެހެން ގެއަކަށް އާދެވުނު ހެން...'' ބޮޑުކޮޓަރިއަށް ނަޒަރު ހިންގާލަމުން ތާރާ ބުނެލިއެވެ. ސޯފާ ކުރިމަތީ ހުރި ބޮޑު ބިއްލޫރި މޭޒު ކައިރިއަށް ތާރާ ހުއްޓުނެވެ. މާވަށިތަކުގައި ހުރި ތާޒާ ރަތް ފިނިފެންމަލުގައި އިނގިލި ހިންގާލަމުން ތާރާ ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ ފޯނާ ކުޅެން ސޯފާގައި އިން ޒިވްޔަންއަށެވެ.

''ސާބަހޭ!، މިނެޓަކަށް ވެސް ދުރުގަ ނުހުރެވޭ ދޯ......'' ޒިވްޔަންގެ ގާތުގައި ސޯފާގައި ތާރާ އިށީނެވެ. އޭރު މިރާހް ވެސް އައިސް ސޯފާގައި އިށީންނަނީއެވެ.

''ޝީ ވިލް ބީ ހިޔާރ ސޫން...'' ޒިވްޔަން ހިނިތުންވެލިއެވެ. އޭނާގެ އާއިލާގެ ހުރިހާ މެންބަރުންނަށް ސަރުވާ ތައާރަފުކޮށްދޭން ޒިވްޔަން ބޭނުންވެފައިވާ މިންވަރު އެ މޫނުން ހާމަކޮށްދެއެވެ.

މާހުތާބް އުޅުނީ ކާކޮޓަރީގައެވެ. ސުފުރާމަތި އޭނާ ހިތްހަމަޖެހޭ ވަރަށް ތައްޔާރުވުމުން އޭނާ ވެސް ބޮޑުކޮޓަރިއަށް އަތުވެއްޖެއެވެ. ބޮޑުކޮޓަރީގެ ފާރުގައި ހުރި ބޮޑު ގަޑިއަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. އަށެއް ޖަހަން އޭރު ފަސް މިނެޓަށް ވެއްޖެއެވެ.

'''ރަސަލް ކޮބާތަ؟...'' ބޮޑުކޮޓަރީގައި ތިބި މާމަދަރިންނަށް ބަލަމުން މާހުތަބްއަށް އެހިއެވެ. އެވަގުތު ފަހަތުން ރަސަލް ގޮވާލި އަޑު އިވުނެވެ. ފަސްއެނބުރި ބަލައިލި މާހުތާބް ހިނިތުންވެލިއެވެ. އޭރު ކުލްޘޫމާ ވެސް އަތުވެއްޖެއެވެ.

''އެންމެން ހަމަވީދޯ؟...'' މާހުތާބް ބުންޏެވެ. ސޯފާގައި އޭނާ ގޮސް އިށީނެވެ. އާއިލާގެ ހުރިހާ މެންބަރުން ވެސް އިންތިޒާރުގައި ވަގުތު ގުނަން ފެށިއެވެ. ޒިވްޔަންއަށް އެ ވަގުތު މެސެޖެއް އައުމާއެކު ބޭރަށް ނިކުތުމުގެ ހުއްދައަކަށް މާހުތާބު ގާތު އޭނާ އެދުނެވެ. މާހުތާބް ބޯޖަހާލުމުން އަވަސް ހިނގުމެއްގައި ޒިވްޔަން މިސްރާބު ޖެހީ މައިދޮރާ ދިމާއަށެވެ.

''ހ.ޖަވާހިރުވާދީ''ގޭގެ ބޮޑު ގޭޓުން އެތެރެއަށް ވަދެގެން އައި ކާރުގައި އިން ސަރުވާއަށް ވަށައިގެން ހޯދައިލެވުނެވެ. އޭރު ބަތޫލް ވެސް ދެލޯ ބޮޑުކޮށްލަމުން ކާރުގެ ކުޑަދޮރުގެ ލޫވާރގައި މޫނު ޖައްސާލިއެވެ. ފިލްމުތަކުން ފެންނަ ކަހަލަ ބޮޑު ގެއެކެވެ. މުސްކުޅި ގޮތެއް ހުރިކަމުގައި ވިޔަސް ހައިބަތު ހާމަކޮށްދެއެވެ. އެންމެ އަޅައިގަންނަނީ ގޭގެ ބަގީޗާއެވެ. ކުލަކުލައިގެ މާގަސްތައް ބަގީޗާގައި ދިއްލާފައި ހުރި ބޮކިތަކުގެ އަލީގައި ފެންނަނީ ހިތްގައިމުކަމާއެކުގައެވެ. ހަމައެއާއެކު ގޭގެ ޕޯޓިކޯއަށް އަރުވާފައި އޮތް ރަތާއި ހުދުކުލައިގެ ބޯގަންވިލާ ގަސް ފެންނައިރަށް މަންމަގެ އަތުގައި ބަތޫލް ކޮއްޓާލިއެވެ.

''ވާއު!، ހީވަނީ ފިލްމުތަކުން ފެންނަ ކަހަލަ އިހުޒަމާނުގެ ޕެލެސްއެއްހެން...'' ބަތޫލްގެ ދޫ ހިމޭނެއް ނުވެއެވެ. ޕޯޓިކޯގެ ކުރިމައްޗަށް ވާހެން ހުރި ބޮޑު ފެންއަރުވާވަޑާން ވެސް ފެނި އަނގަތަޅުވަން ފަށައިފިއެވެ. ބަތޫލްއަށް ބަލައިލި ސަރުވާއަށް ހިނިތުންވެވުނެވެ.

''ޔޯރ ޕްރިންސް އިޒް އޯލްރެޑީ ވެއިޓިންގް ފޯ ޔޫ... ހައު ލަކީ...'' ޕޯޓިކޯއަށް ނިކުތް ޒިވްޔަން ދައްކާލަމުން ބަތޫލް ބުންޏެވެ. ޒިވްޔަންއަށް ބަލައިލި ސަރުވާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

ކާރު މަޑުކޮށްލުމާއެކު ފަހަތު ސީޓުގެ ދޮރު ޒިވްޔަން ހުޅުވާލިއެވެ. ފުރަތަމަ ވެސް ކާރުން ފޭބީ ބަތޫލްއެވެ. ބަތޫލްއަށް ދުވަހުގެ ތަހުނިޔާ ބަދަލުކޮށްލިއެވެ. އެއަށްފަހު ކާރުން ފައިބަން އުޅުނު ސަރުވާއަށް ޒިވްޔަން އަތްތިލަ ދިއްކޮށްލިއެވެ. ސަރުވާއަށް ބަލައިލެވުނީ ކުރީ ސީޓުގައި އިން އޭނަގެ މަންމައަށާއި ޑްރައިވަރު ސީޓުގައި އިން ބައްޕަ އަށެވެ. ލަދުގަންނަ ގޮތްވިކަމުގައި ވިޔަސް ޒިވްޔަންގެ އަތުގައި ސަރުވާ ހިފާލިއެވެ. އަދި ކާރުން ފޭބިއެވެ.

ޒިވްޔަންއާއި ސަރުވާއަށް ބަލައިލި ޒުބެއިދާގެ ތުންފަތުގައ ވަނީ މާނަ ފުން ހިނިތުންވުމެކެވެ. އާފާގުގެ އަތުގެ މުލައްދަނޑީގައި ފިރުމާލަމުން ޒުބެއިދާ ދޮރު ހުޅުވަން އުޅުނެވެ. އޭގެ ކުރިން އޭނާއަށް ދޮރު ހުޅުވާލަދިނީ ޒިވްޔަންއެވެ.

ޒިވްޔަންގެ ފަހަތުން އެންމެން ހިނގައިގަތެވެ. ބަތޫލްގެ އަތުގައި އޭރު ޒުބެއިދާ ހިފަހައްޓައިފިއެވެ. އަދި ސިއްރުސިއްރުން އެއްޗެއް ބުނެލިއެވެ. އެއާއެކު ބަތޫލްގެ ދޫ ހިމޭން ވެއްޖެއެވެ.

އެތެރެއަށް ވަދެގެން އައި ޒިވްޔަން ފެނުމާއެކު މާހުތާބް ސޯފާއިން ތެދުވުނެވެ. މާހުތާބްގެ ފަހަތުން އާއިލާގެ ދެންތިބި މެންބަރުންވެސް ތެދުވެއްޖެއެވެ. ޒިވްޔަންގެ ފަހަތުން އައި އާފާގުއާއި ޒައިނަބު ހިނިތުންވެލިއެވެ. އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެކަމުގެ އިހުސާސާއެކުގައި ސަރުވާ ފިނިވެއްޖެއެވެ. އެވަގުތު އޭނާގެ އަތުގައި ޒިވްޔަން ހިފަހައްޓާލަމުން މަޑުމަޑުން ބޯޖަހާލިއެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކުގައި ތެޅެމުން ދިޔަ ހިތުގެ މައްޗަށް ބާރު ފޯރުވަން ސަރުވާ މަސައްކަތްކުރިއެވެ.

އިސްވެ އާފާގުއަށް ރަސަލް ތައާރަފުވެލިއެވެ. އެކުވެރިކަން ރަސަލްގެ މޫނުން އާފާގުއަށް ފެނުނެވެ. ރަސަލް ދިއްކޮށްލި އަތުގައި އާފާގު ހިފާލީ ހިނިތުންވުމަކާއެކުގައެވެ. ހައިބަތު ބޮޑު އާއިލާއަކަށް ވިޔަސް ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުގެ ސަބަބުން އާފާގުގެ ހިތަށް ފިނިކަމެއް ލިބުނެވެ. އުފަލާ އެކުގައި ސަރުވާ ބަލައިގަންނާނެ ކަމުގެ ހިތްހަމަޖެހުންވެސް އޭނާއަށް އިހުސާސްކުރެވުނެވެ.

ސޯފާގައި ސަރުވާ އިށީނުމާއެކު ސަރުވާގެ ގާތަށް ތާރާ ޖެހުނެވެ. އަދި ސަރުވާގެ ރީތިކަމަށް ތައުރީފުކޮށްލިއެވެ. ފިނިވެފައި އިން ސަރުވާ ލުއި ހިނިތުންވުމެއް ތާރާއަށް ދިނެވެ. ތާރާގެ އޯގާތެރިކަން އިހުސާސްކުރެވުނީ އެ ތުންފަތުގައިވި ފުޅާ ހިނިތުންވުމުންނެވެ.

''ދެން ހުންނާނީ ޒިވްޔަންގެ މަންމަ... ދެންމެ ކާކޮޓަރިއަށް ދިޔައީ... މިހާރު އަންނަން އުޅޭނެ...'' ފަހަރަކު މީހަކު ތައާރަފުކޮށްދިނުމަށްފަހުގައި މާހުތާބު ބުންޏެވެ.

''ލަހެއް ނުވިއްނު، އެ އައީ...... ކުލްޘޫމާ...'' ކާކޮޓަރިން ނިކުމެގެން އައި ކުލްޘޫމާއަށް އިޝާރާތްކޮށްލަމުން މާހުތާބް ބުންޏެވެ. ކުރިއަށް ހިނގަމުންދިޔަ ކުލްޘޫމާގެ ނަޒަރު ސޯފާގައި ތިބި އާފާގުގެ ދެމަފިރިންނަށް ހުއްޓުމާއެކު ވަގުތުން ހުއްޓުން އަރައިފިއެވެ. އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ހިތް ބާރުބާރަށް ތެޅެން ފެށި ހިނދުގައި އޭނާގެ މޫނު ވެސް ހުދުވެއްޖެއެވެ. ބޮޑުވެފައިވި ދެލޮލުން ބަލަން ހުރެވުނީ ބިރުވެރި މަންޒަރެއް ފެނުނު ފަދައަކުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟