ވާހަކަ

ކަފަވިލާތަކު ތެރޭ - 7

ދެތިން މިނެޓް ފަހުން ކުއްލިއަކަށް އޭނާގެ ނޭފަތުގައި ހިތުދަސް ވަހެއް ޖެހިއްޖެއެވެ. އެކަމަކު އޭނާ ލޯހުޅުވާކަށް ބޭނުމެއް ނުވިއެވެ. އެއީ ހީވި  ހީވުމެކެވެ. އެކަހަލަ ކުށްހީ މިފަދަ ވަގުތެއްގައި ކުރެވޭނެއެވެ. 

އެކަމަކު، ނޫނެވެ. މިފަހަރު އެއީ ކުށްހީއެއް ނޫނެވެ.

"ކަލެއަށް ރޯން ވެސް އެނގޭދޯ؟" ދާދި ގާތުން އިވުނީ އެ އަޑެވެ. އޭނާ ލޯހުޅުވައިލުމާއެކު ފެނުނީ ހިނިތުންވެފައިވާ އެ އުފާވެރި ހިތްހަމަޖެހޭ މޫނެވެ.

"މިހާރު ތީ މަންމައެއް. ބޮޑާ ހޭކުން ދޫކޮށް ބޮޑު ވާންވި ދުވަސް ޖެހުނީ"

ނަޖުމް ފެނުމާއެކު އޭނާގެ ހިތް ފަޅައިގެން ދިޔަ ކަހަލަ އުފަލެއް އިހުސާސް ކުރެވުނެވެ. ހިތުގައި ފޮރުވިފައިވާ ހުރިހާ ޝަކުވާއެއް އަޑުއަހާނެ މީހަކު ހުރިކަމުގެ ޔަގީންކަން އޭނާ ބޮޑަށް ރޮއްވާލައިފިއެވެ.

"ނި...ނިނިންމި... ކަލޭ އައީތަ؟"

އޭނާ ނަޖުމްގެ އުނގުތެރޭގައި ބޮނޑި ވެލަމުން ބާރަށް ރޯން ފެށިއެވެ.

"ކަލޭ ތިހެން އަހާކަށް ނުޖެހޭނެ. އަހަރެން ކަލޭގެ މިހާ މުހިއްމު ހާއްސަ ދުވަހެއްގައި ކަލޭ އެކަނި ކޮށްލާނެކަމަށް ހީކޮށްގެން ވެސް ނުވާނެއެއްނު. މައިން އެމީހުންގެ ދަރިންގެ މިފަދަ ވަގުތުތައް ހަނދާން ނެތޭތަ. އެހެންނޫނަސް އެއީ ހަމަ މަގޭ ދަރިފުޅޭ. މަގޭ ފުރަތަމަ މާމަ ދަރިފުޅަށްވެސް ވާނީ އެ ދަރިފުޅު. މޮޔަ ކުއްޖާގަނޑު. ކަލޭ އަދިވެސް ބޮޑުވާކަށް ނުވެއޭ ދޯ"

ނަޖުމް ހެމުން ހެމުން ވާހަކަ ދެއްކީ، އެނދުގެ އެއްފަރާތުގައި، ޒައިނާގެ މަގަތުން އިށީނދެ އިނދެ، އޭނާގެ އުނގުގައި ބޯއަޅާލައިގެން އޮތް ޒައިނާގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ.

"ޝަފީގާ ދައްތާ. އަހަރެންގެ ދަރިފުޅު ކޮބާ؟" ނަޖުމް ބަލައިލީ ޝަފީގާއަށެވެ.

މިފަދައިން ކުއްލިއަކަށް ނަޖުމް މިތަނަށް އައުމަކީ ޝަފީގާއަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

“ފެންވަރުވަން ގެންދިޔައީ. ވެކްސިން ދީގެން ކަންނޭނގެ ގެންނާނީ. އޭރުން މިއަދު ގެއަށް ފޮނުވައިލެވޭނީ"

ޝަފީގާގެ ވާހަކަ ނިމުނުތަނާހެން ވޯޑުގެ ދޮރު ހުޅުވާލައިފިއެވެ. އަދި ނަރުސް ކުއްޖަކު ހުދު ފޮތިގަނޑެއްގެ ތެރޭގައި އޮތް ތުއްތު ކުއްޖާފުޅު ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ.

"ވަރަށް ބަސްއަހާ ބޭބީއެއް. ވެކްސިން ޖެހި ގަޑީގައި ކުޑަކުޑަކޮށް ރޮއިލާފައި ހުއްޓާލައިފި"

އެއް އަތް ގޮށްމުށް ކަވާލައިގެން އަނގައަށް ލައިގެން އޮތް ރީތި ކުއްޖާއަށް ބަލައިލަމުން ނަރުސް ބުނެލިއެވެ.

"ކާކުގެ ދަރިއެއް؟ މަގޭ ދަރިފުޅު ގައިގަ ހުންނާނީވެސް މަގޭ އާދައެއްނު. ދޯ ނިންމިގެ ދޮންދޮނޫ" ނަޖުމް ނަރުސް އަތުން ކުއްޖާ އަތުލަމުން ހީލިއެވެ. "މީ ނިންމިގެ ކުއްޖެއް. ބަސް އަހާނެ އެއްނުދޯ؟"

ނަޖުމްގެ އަޑުގައި ހުރީ ލޯބީގެ އިންތިހާއެވެ. ޒައިނާ ހަށިފުރާ ނޭވާއެއް ލަމުން ނަޖުމަށް ބަލައިލިއެވެ. އޭނާގެ ބޮލުން ބޮޑު ބުރައެއް ނަގައި އެއްލާލެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. ނަޖުމްއަކީ އޭނާގެ ހާދަހާ ބޮޑު އެހީތެރިއެކެވެ.

"އިރުކޮޅަކުން ޑިސްޗާޖް ފޯމު ގެންނާނެ. މިހާރު ދެން ގެއަށް ދާން ތައްޔާރު ވާންވީ. ޑޮކްޓަރ ހުއްދަ ދެއްވައިފި. ފޫޅުމާ ފޯމްގައި ސޮއިކުރީ ހަމަ ދެންމެ. އެހެން ނޫންނަމަ އަސްލު މިއަދު ހެނދުނުވެސް ގެއަށް ދެވުނީސް. ފޯމުގަ ސޮއި ނުކޮށް އޮތީމަ ވެކްސިން ވެސް ލަސްކުރީ. ރޭގައި ޑޮކްޓަރ އޮތީ ހެނދުނު ބޭބީއަށް ވެކްސިން ދީފަ ބޭބީއާއި މަންމަ ޑިސްޗާޖު ކުރުމަށް އަންގާފައި"

ނަރުސް ކުއްޖާ ދިއުމުގެ ކުރިން ކިޔައިދިނެވެ. މާނައަކީ ފަހުދު ހޮސްޕިޓަލަށް އަތުވެއްޖެ ކަމެވެ. އެކަމަކު، ދަރިފުޅު ދެކިލަންވެސް ނައިސް ފަހުދު އެ އުޅެނީ ކީއްވެ ބާވައެވެ.

"މަންމަ އަންނާނަން ބިލުތައް ދައްކާފަ. ދަރިފުޅު ތައްޔާރުވޭ" ޝަފީގާ ދިޔައީ ހޮސްޕިޓަލުގެ ބިލުތައް ދެއްކުމަށެވެ. އެއާއެކު ދެ ރަހުމަތްތެރިން ތަފާތު ވާހަކަތައް ދައްކަން ފަށައިފިއެވެ.

"ކީއްވެ މިހުރިހާ ދުވަހު ހަބަރެއް ނުވީ؟ ގުޅޭ ގޮތް ނުވީ؟ ކޮބާ އައްޔަ؟" އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެ ޒައިނާ އަހައިލީ އެތައް ސުވާލެއް އެއްފަހަރާއެވެ. "ތި ގެއަށް ގުޅަން. ކަލޭ މީހަކާ އިނދެގެން ދިޔަކަން އެނގުމުން އެ ގޭގެ ނަންބަރު ހޯދައިގެން ވެސް ގުޅިން"

ޒައިނާގެ ގާތުގައި އެނދުގެ މަގަތުން އިށީނދެގެން ޒައިނާގެ އަތުގައި ހިފައިގެން އިނދެ ނަޖުމް ވާހަކަ ދެއްކިއެވެ.

"އެކަމަކު ކަލެއަށް ގުޅޭގޮތެއް ނުވޭ. ކަލޭގެ މައިދައިތަގެ ޒާތްކޮޅު ބޮޑުކަމުން ގިނައިން ގުޅާކަށް ނުކެރޭ. ކަލެއަށް ދީފައި އޮތް ނަންބަރަކީ ދޮންމަންމަގެ ގޭގެ ނަންބަރު. އަހަރެން އެކޮޅަށް ދިޔައިރު ގެ ބަދަލުވާން ޖެހިފައި އޮތް ކަމެއް މަށަކަށް ނޭނގެ. ދިޔަތާ އެއް މަސް ނުވަނީސް އެ ކަންތައްގަނޑު ލައިގަތީ"

ވާހަކަ ހުއްޓާލާފައި ޒައިނާގެ އިސްތަށިގަނޑު ރީތިކޮށް އެއްވަރުކޮށް ގަތަން ފެށިއެވެ.

"ދެން އެއީ ކިހާ އުނދަގޫ ގޮތެއް. ކަލެއަށް މަގޭ ވައްތަރު އެނގޭނެ. މަށަކަށް ފާޑުފާޑަށް ގޮތް ދެއްކުމަކީ އެއީ މަ ވިޔަނުދޭނެ ކަމެއް. ބައްޕައާ ވާހަކަ ދައްކައިގެން މަ ބަދަލުވީ ކޮލެޖުގެ ހޮސްޓެލްއަށް. ކަލޭގެ ހަބަރު އެނގޭނެ ގޮތެއް ނެތިގެން ވަރަށް އުޅެން ޖެހުނު. ތިގޭ ފޯނަށް ކޮންމެވެސް ގޮތެއް ވެފައިވެސް ހުރީ ގިނަ ފަހަރު ގުޅާއިރު ފޯނެއް ނުނަގާނެ. ޝަފީގާ ދައްތައާވެސް ދިމައެއް ނުވޭ. އެ ގޮތް މިގޮތަށް ހާވައިގެން ނަސަންދުރައަށް ގުޅައިގެންވެސް ޝަފީގާ ދައްތައަކާ ނުގުޅުނު. ދެން ހިތަށް އެރީ ކަލޭ މައިދައިތައާ ގުޅައިލަން"

ގަތާ ނިމުމުން ރަބަރުވޫލްއަކުން ޒައިނާގެ  އިސްތަށިގަނޑުގެ ކޮޅުގައި އައްސަމުން ނަޖުމް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަނގަ ގަދަ މީހެއް ދޯ؟ ކަލެއާ އެއްވެސް ވަރަކަށް ގަޔާ ނުވާކަން އެނގުނީމަ މަ ކަލެއާ ދެކޮޅަށް އޭނާއާ ބައިވެގެން އެއްޗެހި ކިޔަން ފެށީ" ނަޖުމް ހެމުން ހެމުން ވާހަކަ ކިޔައިދެމުން ދިޔައެވެ.

"އެ ދައިތަ ބޭނުންވަނީ އޭނާގެ މާމަ ދަރިފުޅު. ކަލެއެއް ނޫން. އެވެސް ފިރިހެން މާމަ ދަރިއެއް. އޭރުންތާ މުދާ ވާރުތަ ކުރާނެ ވާރިސެއް ލިބޭނީ. އޭނަ ކަލެއަށް އެހާ ހެޔޮވީ އެހެންވެ. ފިރިހެން މާމަ ދަރިއެއް ބޭނުންވެގެން. ކަލޭ ބަލިވެ އިންކަން އެނގުނީ އޭނާގެ ފަރާތުން"

"ކަލޭ ވިހެއުމުގެ ކުރިން އަންނަން ވަރަށް ޓްރައި ކުރިން. ނާދެވުނީ. އެކަމަކު މައްސަލައެއް ނެތްތާ. ކަލޭ ގޮވައިގެން ގެއަށް ދާން އާދެވިއްޖެ. މަގޭ ދަރިފުޅު މަގޭ އަތުން އުރާލައިގެން ގެއަށް ގެންދަން އާދެވިއްޖެ. މިއަށްވުރެ ވަކި އުފާވެރި ކަމެއް އޮންނާނެތަ؟"

ނަޖުމް ކިޔައިދިނީ ކުރުކޮށް ނަމަވެސް ހުރިހާ ވާހަކައެވެ.

"އައްޔަ ކޮބާ؟" ފަރުވާތެރިކަމާއެކު ނަޖުމްގެ ހުރިހާ ވާހަކައެއް އަޑުއަހަން އިނދެފައި ޒައިނާ އަހައިލީ ނަޖުމްގެ ފިރިމީހާއާ ބެހޭގޮތުންނެވެ.

"ވަރިވެއްޖައިން. މާލެ އައުމާއެކު ފުރަތަމަވެސް ކުރީ އެކަން" ހަމަ ވަރަށް އާދައިގެ ގޮތަކަށް ނަޖުމް ބުނެލިއެވެ.

"ކީކޭ؟ އެއީ ކީއްވެ؟"

"އެއީ ލޯތްބެއް ނޫން. އެއަކަށް އަހަރެން ލޯތްބެއް ނުކިޔަން" ނަޖުމްގެ އަޑުގައި ހުރީ ފޫހިކަމެވެ.

"އަސްލު މާ ބޮޑަށް އަވަސް އަރުވާލައިގެން އިނދެވުނީ. ލޯބިވުމުގެ މާނައަކީ ހުރިހާ ކަމަކާ ރުހުމެއް ނޫން. އެއީ މަގޭ އައިޑިއަލް އެއް ނޫން"

"އޭނަ ވަރަށް ރަނގަޅޭ ބުނީމެއްނު. ދެން ކީއްވެ؟" އަދިވެސް ޒައިނާއަށް އެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.

"އޭނާ ވަރަށް ރަނގަޅޭ. މަ ދެކެ ވަރަށް ލޯބިވެސް ވެއޭ. އެކަމަކު... އެކަހަލަ ފިރިހެނަކާއެކު މަށަކަށް ނޫޅެވޭނެ. އެހެންވެ އެންމެ ރަނގަޅު ގޮތްކަމަށް ވިސްނާފައި ވަރިވީ" ނަޖުމް ބުނެދިނެވެ.

"އޭނަ ހާދަ ފަސޭހައިން ތިކަން ކޮށްދިނީ؟"

"ވަރި ނުކޮށް ކީއް ކުރާނީ؟ މަށަކީ ބޭނުންހާ ގޮތެއް ހެދޭނެ މީހެއް ނޫން!"

އެއީ ޒައިނާއަށް ނަޖުމްގެ ކިބައިން އަބަދުވެސް ފެންނަ ހަރުދަނާ ކަމެކެވެ. އަބަދުވެސް ގޮތެއްގައި ސާބިތުވާން ޖެހިއްޖެނަމަ ނަޖުމް ހިތުގައި ހިލައެއް ބާއްވައިގެން ވިޔަސް ގޮތުގައި ހިފަހައްޓާނެއެވެ.

"މިހާރު ދެން އޭނަ ދުވަހަކު ނެތަސް މަށަށް ހެޔޮ. އޭނަ ދެކެ މަވެސް ލޯބިވީމޭ. އޭގެ ބަދަލުގައި އޭނަ މަށަށް އުފާވެރި އެއް ކަން ކޮށްދިން. ކަލެއަށް އެނގޭތަ؟ އަހަރެންގެ ބަނޑަށް ތިން ހަފުތާ ވެއްޖެ...." ނަޖުމް އުފާވެފައި ބުނެލިއެވެ.

"މާތްކަލާކޯ! ކަލޭ ތި ހާލުގައި އިނދެގެން ވަރިވީ؟"  ޒައިނާ ކަންބޮޑުވެފައި އަހައިލިއެވެ.

"މިއީ އެއްވެސް ކަމެއް ނޫން. އަހަރެން އުފާވޭ. އެއީ ކުރިންވެސް ބުނިހެން އަހަރެންގެ އައިޑަލެއް ނޫން...." ނަޖުމް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

"އަސްލު މައްސަލައަކީ ކޮބާ؟"

"އޭނަގެ މައްސަލަ ދޯ؟" ނަޖުމް ފުންނޭވާއެއް ލިއެވެ.

"އޭނައަކަށް އަހަރެން ގޮވައިގެން ލަންކާގައި އުޅެވޭކަށް ނެތް. ދެ ދުވަހުން އެއް ދުވަހު ގޮތަކަށް މަގޭ ގާތަށް ގޮސްގެން އޭނަ ހިތްހަމައެއް ނުޖެހޭ. އެކަމަކު އެވަރުވެސް މަށަށް އޯކޭ. މަ ބޭނުމީ ކިޔަވަން. މަގޭ ކެރިއަރ ބިލްޑްކުރަން. އޭނަ އެގޮތެއް ބޭނުމެއް ނުވޭ. އެއީ މަށަށް ވަރަށް ބޮޑު މައްސަލައެއް. ލޯބިވިޔަސް ބަނޑެއް ނުފުރޭނެ. އޭނައަކީ ކިތަންމެ ފޯރާ މީހަކަށް ވިޔަސް އޭނައަށް ބަރޯސާވެގެން އުޅުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން. މަށަށް ލިބޭ ކުރިއެރުމަށް ހުރަސް އަޅާފައި މަގޭ ތައުލީމު ހަލާކުކޮށްގެން. މަ ގޮވައިގެން ރާއްޖެ އައިސް އުޅެފައި މަ ދޫކޮށްލައިފިއްޔާޔޯ. އޭރުން ދެން ހަދާނީ ކިހިނެއް؟ މަ ޖެހޭނީ އެކަހަލަ ދުވަހަކުން ގަނަތެޅެން. ދަރިން ގޮވައިގެން ސަލާން ޖަހަން. އެގޮތެއް މަށެއް ނޭދެން. ބޭނުމެއް ވެސް ނޫން އެކަހަލަ ދަތި އުނދަގުލާއި ހިތްދަތިކަން ދެނިވި ދިރިއުޅުމެއް. ގެވެހި އަނތްބަކަށް ވުމަކީ "ހައުސް ވައިފް"ގެ ނަމުގައި ގޭގެ ބަދިގޭގައި ނޯކިރީކަން ކުރުމަކީ އަސްލު ގެވެހި އަނތްބަކަށް ވުމުގެ ޝަރުތެއް ނޫނޭ. އަންހެނަކަށް ވީތީ ދަރިން ބަލައިގެން ބަދިގޭގަ. އެ ލައިފް މަ ބޭނުމެއް ނޫން"

ނަޖުމަކީ ވިސްނުންތެރި އަންހެނެކެވެ. ޒައިނާއަށް ނަޖުމްގެ އެ މިޒާޖު އަބަދުވެސް ވަރަށް ކަމުދެއެވެ. ދެރަ ކަމަކީ އެގޮތަށް އޭނާއަށް ކަންތައް ކުރަން ނޭނގުނު ކަމެވެ.

"އެއްވެސް ފިރިހެނަކަށް މާ ބޮޑަށް އިތުބާރު ކުރުމަކީ މިފަދަ ޒަމާނެއްގައި ކަމުދާ ކަމެއް ނޫން. އޭގެ ނަތީޖާ ވަރަށް ގޯސްވާނެ. އާނ... އެ ފިރިހެނާއަކީ އެހާ މާތް ދީންވެރި ސޯލިހު ފިރިހެނެއް ނަމަ އެމީހަކަށް ތަބާވާން ޖެހޭނެ. އޭރުން ކާމިޔާބު ވެސް ލިބޭނެ. އެކަމަކު ހަމަ ކޮންމެ ފިރިހެނަކު ދައްކާހާ ދަޅައަކަށް ހެއްލިގެން ކަމަކު ނުދާނެ" ނަޖުމް ބުނީ ވަރަށް ބޮޑު ތެދެކެވެ.

އެކަން ޒައިނާއަށް އެ ދުވަހު އިހުސާސް ކުރެވުނު ނަމަ ހަޔާތުގެ އެންމެ އަގުބޮޑު މުދާގަނޑު ނަގައިލެވުނުކަމުގެ ވޭން އުފުލާކަށް ނުޖެހުނީސްކަން ޔަގީނެވެ.

"ޒައިނާ...." ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ފަހުދު ފެނުމުން ޒައިނާއަށް ލިބުނީ ސިހުމަކާ އެއްވަރުގެ ހައިރާން ކަމެކެވެ.

ހަމަ ލޮލުން ފަހުދު ނުދެކޭތާ މިވީ ތިން ހަތަރު ދުވަސްތެރޭ ފަހުދަށް އައިސްފައި އެ ހުރީ ހާދަބޮޑު ބަދަލެކެވެ. އެ ހިތްގައިމު މޫނުމަތީގައި ކޮންމެވެސް ކަހަލަ ހިތާމައެއްގެ އަސަރު ހުރިހެން ހީވެއެވެ. އެއީ އޭނާއަށް ހީވިގޮތް ކަމުގައިވެސް ވެދާނެއެވެ.

"އޯހް.... ހައި...." ނަޖުމް އަވަސް އަވަހަށް އެނދުން ތެދުވެ އޭނާގެ އަތުގައި އޮތް ކުޑަ ދަރިފުޅު ޒައިނާގެ އުނގުގައި ބޭއްވިއެވެ.

"މަރުހަބާ. ފަހުދު" ނަޖުމް ފަހުދަށް ތަހުނިޔާ ކިޔެވެ. ދަރިއަކު ލިބުމުގެ އުފަލުގައި ބައިވެރިވާކަން ހާމަކޮށް ދިނެވެ.

"ވަރަށް މަސައްކަތުން އާދެވުނު އިރު ޒައިނާ ވިހައިފި. ފަހުދުގެ ބޭބީ ވަރަށް ލޯބި"

"ޒައިނާ ގެއަށް ގެންދަން ބަލައި މިއައީ" ފަހުދު ނަޖުމަށް އެއްވެސް ސަމާލުކަމެއް ނުދީ ކުރިއަށް ޖެހި ޒައިނާގެ ގާތަށް ހުއްޓިލިއެވެ.

"ސާހިބު މަނިކުފާނު. ތިހާ ފަސޭހައިން އެ ދެމައިން ގެންދަން ނޫޅޭ. ތިގޭގައި ޒައިނާއަށް އެހީވާނެ މީހަކު ނުހުންނާނެ. ދުވަސްކޮޅެއް ވަންދެން އަހަރެމެންނާއެކީ އުޅެން އެ ދެމައިން ދޫކޮށްލާ. ޝަފީގާ ދައްތަ މި ވާހަކަ ފަހުދު ގާތު ނުބުނޭތަ؟"

ރާގުގައި ވަރަށް ހަމަޖެހޭ އެހެންނަމަވެސް މަލާމާތުގެ ޒާތަކަށް ނަޖުމް އަހައިލިއެވެ. ޒައިނާއަށް ހިންދިރުވާލެވުނެވެ. އޭނާއަށް އޭނާގެ ނިންމި ވަރަށް ރަނގަޅަށް އެނގެއެވެ. ނިންމި އެ ހުރީ އޭނާގެ ހުރިހާ ކަމެއް ގާތުން ބަލައި އެހީވާން އައިސްފައެވެ. ފަހުދު މިގޮތަށް ކަންތައް ކުރުމުން ނިންމި އޭނާގެ ދިފާއުގައި ފަހުދާ ދެކޮޅުވެރިވާނެ ވަރު އޭނާއަށް އިހުސާސް ކުރެވެއެވެ.

“އުނހު...." ފަހުދު މަޑުމަޑުން ބުނެލިއެވެ. ދެންވެސް ދަރިފުޅު އުރާލާކަށް ނުވަތަ ދަރިފުޅާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ފަހުދު ނޫޅުނެވެ. އޭގެ ބަދަލުގައި ޒައިނާގެ ބޮލުގައި ފިރުމައިލުމަށްފަހު، ފަހުދު އެނބުރިލީ އެތަނުން ދިއުމަށެވެ.

"އައްދެ ހާދަ ބޮޑާ ފިރިހެނެކޭ" ފަހުދު ދިއުމުން ނަޖުމަށް ހިމޭނަކުން ނުހުރެވުނެވެ. "ވަރަށް ފޮނި މީހެއް"

"ކޮންމެވެސް ކަމަކާ ވަރަށް ކަންބޮޑުވެފައި އެ ހުރީ. އެހެންވެ މަޑުނުކޮށް އެ ދިޔައީ" އެންމެ ގާތް ރަހުމަތްތެރިޔާއަށް ވެސް މިފަހަރު ޒައިނާ އޮޅުވައިލީއެވެ.

ފަހުދުގެ އެއްވެސް ކުށެއް ފެންނަ ވަރަށްވުރެ ބޮޑަށް އޭނާ ވަނީ އެ ލޯބީގައި އާވާރާވެ އަނދިރިވެފައެވެ. ނަޖުމް ދެބުމަ އަރުވާލަމުން ފުންނޭވަޔަކާ އެކު ޒައިނާއަށް ބަލައިލަމުން ދެ އަތަކަށް މަޑުމަޑުން ބޯ ހޫރާލީއެވެ.

ބުނެލި ކަހަލައެވެ. "އަހަރެންގެ ދެލޮލަށް އޮޅުވާލެވުނީއޭ ހީނުކުރާށެވެ. ރަހުމަތްތެރިޔާއެވެ. ކަލޭގެ ހަޔާތުގައި ނޭނގޭ އެކައްޗެއްވެސް ނެތެވެ...."

ޒައިނާ ގޮވައިގެން ޝަފީގާ ގެއަށް ދިޔައީ އެކަމަށް ފަހުދުގެ ހުއްދަވެސް ލިބިގެންނެވެ. ކުޑަ ދަރިފުޅުގެ ކަންތަކާއި ޒައިނާގެ ކަންތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެހީތެރިޔާވެސް ހުރުމާއެކު ނަޖުމުގެ ކުރިމަތީގައި ދެކޮޅު ހަދާކަށްވެސް ފަހުދަށް ނުކެރުނީއެވެ. ނަޖުމް އޭނާގެ ހުރިހާ ވަގުތެއް ޒައިނާގެ ދެމައިނަށްޓަކައި ހުސްކުރިއެވެ. ހަމަސް ދުވަހުގެ ޗުއްޓީ އޭނާ ބޭނުންވީ ހަމައެކަނި އެކަމަށް ހޭދަކުރާށެވެ.  

(ނުނިމޭ)