''އެކަނިތަ އައިސްގެން ތި އުޅެނީ؟...'' ޖޫދާ ސުވާލުކޮށްލިއެވެ. އޭނާގެ ނަޒަރު ރެސްޓޯރެންޓަށް ދަތުރުކޮށްލިއެވެ. މިރާހްގެ ހިލަމެއް ވޭތޯ ބަލައިލެވުނީ އަވަސްވެފައިވި ހިތަކާއެކުގައެވެ. އުއްމީދުގެ އޮއިވަރު އެ ދެލޮލުން ފެނުނެވެ.
''ނޫނޭ... ރައްޓެއްސަކާއެކު... އާމްމް... ނަން ހަނދާންވާ ގޮތެއް ނުވޭ...'' ނުތަނަވަސްކަމުގެ ހިނިތުންވުމަކާއެކުގައި ތާރާއަށް ބަލައިލެވުނީ އެހެންވެއެވެ.
''ޖޫދާ...'' ޖޫދާ ބުނެދިނެވެ. ތާރާގެ މޫނަށް އޭނާ ފަރުވާތެރިކަމާއެކުގައި ބަލައިލިއެވެ. އެ މޫނުން އައިބުކަމެއް ހޯދަން އުޅޭ ކަހަލައެވެ. މިރާހްއަށް ތާރާ ހާއްސަވި ސަބަބެއް ވެސް ހޯދަން އުޅޭ ކަހަލައެވެ. އޭނާއަށް ތާރާގެ ފަރާތުން ހާއްސަކަމެއް ނުފެނުނެވެ. ފޫހިކަމެއް އެ ހިތުގައި އުފެދުނެވެ. ގައިމުވެސް އޭނާ ތާރާއަށް ވުރެ ރީއްޗެވެ. އެ ހިޔާލުން ކިބިރުވެރިކަން އެކުލެވިގެންވި ސިއްރުވެރި ހިނިތުންވުމެއް ޖޫދާގެ ތުންފަތާ ކުޅެލިއެވެ.
''ޖޫދާ!... ސޮރީ އިނގޭ... އެހާ ގިނަ ދުވަސްފަހުން ދިމާވީމަ ނޭނގުނީ... އެ ދުވަހު ވެސް ވާހަކަދައްކާލަން ފުރުސަތެއް ނުލިބުނުތާ... އެކަނިތަ އައިސްގެން ތި އުޅެނީ؟... އަހަރުމެންނާ ޖޮއިންކުރަންވީއެއްނު؟......'' އެކުވެރިކަމާއެކު ތާރާ ވާހަކަދެއްކިއެވެ. މިރާހްގެ ރައްޓެއްސަކަށްވުމުން ގުޅުން ބަދަހިކުރަން ވެސް އޭނާ ބޭނުންވިއެވެ. ދުރުގައި ހުރި މޭޒުގައި ތިބި އޭނާގެ އެކުވެރިން ވެސް ތާރާ ދައްކާލިއެވެ. އެ ދިމާއަށް އަވަސް ނަޒަރެއް ދިން ޖޫދާގެ ލޮލުގައިވި އުއްމީދުގެ ކުލަވަރު ފަނޑުވެއްޖެއެވެ. މިރާހްގެ ލިސާނެއް ވެސް ނެތެވެ. ހަމައެއާއެކު ތާރާގެ އެކުވެރި މިޒާޖު ފެނި ވަކިން ބޮޑަށް ޖޫދާގެ ހިތުގައި ފޫހިކަން އުފެދުނެވެ. ނަމަވެސް ހިތުގެ މަންޒިލާ ހަމައަށް ވާސިލުވުމަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާނެ ގޮތެއް އަވަސްއަވަހަށް ސިކުނޑީގައި އަތުރާލިއެވެ. މަކަރުވެރިކަމުގެ ކުލަވަރު ޖޫދާގެ ލޮލުން ވިދާލިއެވެ.
''ތެންކިއު ފޯރ ދި އޮފާރ... އެކަމަކު ހަޒްބެންޑާއެކު އައިސްގެން މި އުޅެނީ... އެހެން ދުވަހަކުންދޯ......'' އަދިވެސް ތާރާއާ ބައްދަލުވުމަށް ބޭނުންވާކަން ހާމަވާނެ ގޮތަށް އޭނާގެ ޖުމްލަ ތާރާ އަތުރާލިއެވެ. ހީލަތްތެރިކަމުގެ ދަންތުރައިގައި ތާރާ ހައްޔަރުކުރަން އޭނާ ބޭނުންވިއެވެ.
''ޔެސް... މިރޫގެ ފްރެންޑްސް ތެރެއިން ބައްދަލު މިވީ ހަމައެކަނި ޖޫދާއާ... ޕާޓީން ދިމާނުވިނަމަ ނުވެސް އެނގުނީސް ކަންނޭނގެ...'' ޖޫދާއާ ބައްދަލުވުމުން ތާރާ ހުރީ އުފާވެފައެވެ. ޖޫދާގެ ފަރާތުން ފެންނަމުން ދިޔަ ހިތްހެޔޮކަން ފެނި ތާރާއަށް އިތުބާރުކުރަން ވެސް ފަސޭހަވިއެވެ.
''އެހެންތަ؟...'' ޖޫދާއަށް އަހާލެވުނެވެ.
''އާނ...'' ތާރާ ބުންޏެވެ. ''މިރޫ އިންޓްރޮވާޓްކަމުން ނޭނގޭނެ ރައްޓެއްސަކު ހުއްޓަސް...''
''ވެދާނެ ބުނަން ނުކެރުނީކަމަށް ވެސް...'' ފޮރުވިފައިވާ މާނައެއް އެކުލެވިގެންވި ޖުމްލައެއް ތާރާއާ އަމާޒުކޮށްލަމުން ތާރާގެ މޫނަށް ޖޫދާ ނަޒަރު ހުއްޓާލިއެވެ. ތާރާގެ މައުސޫމްކަމުގެ ފައިދާ ނަގަން ފަސޭހަވާނެކަން އޭނާއަށް ޔަގީންކުރެވުނެވެ.
''ހެހެހެ... ވެދާނެ... އެކަމަކު އަހަރެން އެހާ ނެރޯ މައިންޑެޑް އެއް ނޫން އިނގޭ...'' ތާރާ ބުންޏެވެ. ތާރާގެ ހުނުމުގައި ޖޫދާ ބައިވެރިވިއެވެ. އޭނާއާއި މިރާހްގެ ގުޅުމުގެ ވާހަކަތައް މިރާހް ސިއްރުކޮށްފައިވާކަން ވެސް ޖޫދާއަށް ޔަގީންކުރެވުނެވެ. އެފަދަ ޝައްކެއް ކުރިން ވެސް އޭނާގެ ހިތުގައި އޮތެވެ. ޕާޓީން އޭނާ ފެނުމުން މިރާހް އަމަލުކުރި ގޮތުންނެވެ. ތާރާއާ ބައްދަލުވެ ވާހަކަދައްކާލެވުމުން ހުރިހާކަމެއް ވެސް ސާފުވެގެން ގޮސްފިއެވެ. ޖޫދާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.
''ދެން މި އެކުވެރިވީތާ...'' މަކަރުވެރިކަމާއެކުގައި ޖޫދާ ބުންޏެވެ. އޭނާ ތާރާއާ ސަލާމްކުރުމަށް ވެސް އަތްތިލަ ދިއްކޮށްލިއެވެ.
''އާނ...'' ޖޫދާގެ އަތުގައި ތާރާ ހިފާލީ އެކުވެރިކަމުގެ ދައުވަތު ގަބޫލުކުރަމުންނެވެ. ޖޫދާއަކީ އޭނާގެ އުފާވެރިކަމަށް އޮތް ބޮޑު ނުރައްކަލެއްކަން ވެސް އެ ވަގުތު ތާރާއަށް ރޭކާނުލިއެވެ. ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ހަސަދައާއި ނަފުރަތުގެ ހޫނުކަމުގެ އިހުސާސެއް ވެސް ނުކުރެވުނެވެ. ތާރާގެ ހިތުގެ ސާފުކަމާއެކުގައި އޭނާ ޖޫދާއަށް އިތުބާރުކުރީއެވެ. މިރާހްގެ އެކުވެރިޔަކަށް ވުމުން އިތުރަށް ގުޅުން ބަދަހިކުރަން ވެސް ބޭނުންވީއެވެ.
''ވާހަކައިގައި ޖެހި ޖޫދާ ހިފަހައްޓާލައިގެން ދޯ މިހުރެވުނީ... ހަޒްބެންޑް ހުންނާނެ މިހާރު ލަސްވެގެން...'' ވާހަކައިގެ ތެރެއިން ތާރާ ބުންޏެވެ.
''ޔެސް... ރެއިން ހުންނާނެ އަހަރެން ގެއްލުނީކަމަށް ހިތާ...'' ސަމާސާ ރާގަކަށް ޖޫދާ ބުންޏެވެ. ''ދެން ދަނީ...''
''ފަހުންވާނެ އިނގޭ ބައްދަލުކުރަން...'' ތާރާ ބޯޖަހާލިއެވެ. ވަދާއުގެ ހިނިތުންވުމެއް އޭނާ ޖޫދާއާ ބައްދަލުކޮށްލިއެވެ.
''އަދި އިހަށް މަޑުކޮށްބަލަ... ފަހުން ބައްދަލުކުރާނަމޭ ބުނިއިރުގައި ގުޅާލެވޭނެ ގޮތެއް ވެސް ނެތެއްނު...'' ކުރިއަށް ހިނގައިގަތް ޖޫދާއަށް ތާރާ ގޮވާލިއެވެ. ފަސްއެނބުރި ތާރާއަށް ޖޫދާ ބަލައިލިއެވެ. މުށުތެރޭގައި ތާރާ ހައްޔަރުކޮށްލެވިއްޖެކަމުގެ ހިތްހަމަޖެހުން ޖޫދާގެ މޫނުން ފާޅުވިއެވެ.
''އެބުނާހެން...'' ޖޫދާ ވެސް އިތުރުކޮށްލިއެވެ. ނަންބަރު ހިއްސާކޮށްލަމުން، އޭނާ ތާރާއާ ވަދާއުގެ ސަލާން ބަދަލުކޮށްލިއެވެ. ހިތްހަމަޖެހުމުގެ އަސަރު ޖޫދާގެ މޫނުން ފާޅުވަމުން ދިޔައެވެ. ނޭނގި ހުއްޓައި ފަހިވެގެން އެދިޔަ ފުރުސަތުގެ ސަބަބުން ތަގުދީރުގެ ރޭވުންތެރިކަމަށް ޝުކުރު އަދާކުރެވުނެވެ.
ޖޫދާ ދިޔަ ދިމާއަށް ބަލަން ހުރި ތާރާއަށް ހިނިތުންވެވުނެވެ. ހިޔާލަކަށް ގެއްލިފައި ހުއްޓައި ސިހިގެން ދިޔައީ ކަންއުންޓަރުގައި ހުރި ވެއިޓަރު އޭނާއަށް ގޮވާލުމުންނެވެ. އޭނާ އެތަނަށް އައި ސަބަބު ވެސް ރޭކާލީ ދެނެވެ.
''ސޮރީ...'' މައާފަށް އެދެމުން ބޭނުންވާ ފޮނި އެއްޗެހި ތާރާ ބުނެދިނެވެ. އެއާއެކު އިރުކޮޅަކުން މޭޒަށް ގެންގޮސްދޭނެ ވާހަކަ ވެއިޓަރު ބުނެލުމުން ތާރާ ޝުކުރު އަދާކޮށްލިއެވެ. އޭނާ ދެން ހިނގައިގަތީ ރައްޓެހިންގެ ގާތަށެވެ.
''ފޮނި އެއްޗެހި އަމިއްލައަށް ތައްޔާރުކުރަން އުޅެފަތަ ތިއައީ؟...'' ގޮނޑީގައި އައިސް ތާރާ އިށީނުމާއެކުގައި މަރިޔަމް ބުނެލިއެވެ.
''ކާކުތަ އެއީ؟...'' ދެން އިން އެކުވެރިޔާ ޔަލްވީ އަހާލިއެވެ. އެއީ ތާރާގެ އެންމެ ގާތް ދެ އެކުވެރިންނެވެ. ޔަލްވީ ފަދައިން މަރިޔަމް ވެސް ތާރާގެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ.
''ޖޫދާ... މިރޫގެ ފްރެންޑެއް...'' ތާރާގެ ޖުމްލައިން ޔަލްވީއާއި މަރިޔަމްގެ މޫނަށް ވެސް ވެރިވީ ހައިރާންކަމެވެ.
''ވަޓް؟...'' މަރިޔަމްއަށް ބުނެވުނެވެ. ހައިރާންކަން އެ މޫނުގައި ވިއެވެ.
''ހެހެހެ... އަހަރެން ވެސް ފުރަތަމަ ހައިރާންވި... މަރީގެ ކަޒިންގެ ވެޑިންގްއިން ފުރަތަމަ ދިމާވީ...'' ޖޫދާ އޮޅުންފިލުވައި ދިނެވެ.
''އެހެންތަ؟... އަހަރެން ހިކުރީ މިރާހްގެ ފްރެންޑުން ނުތިބޭކަމަށް...'' ޔަލްވީ ބުންޏެވެ. އެއާއެކު ތާރާ މޫނު ހަދާލިއެވެ. ޔަލްވީއަށް ހެވުނެވެ.
''ސޮރީ...'' ޔަލްވީ މައާފަށް އެދުނެވެ. ''އަހަރުމެންނާ ޖޮއިން ކުރަން ބުނިނަމައެއްނު...''
''ތެދެއް...'' މަރިޔަމް ވެސް އިތުރުކޮށްލިއެވެ. ހަގީގަތުގައި ޖޫދާ އެނގެން އޭނާ ހުރީ ބޭނުންވެފައެވެ.
''ހަޒްބެންޑާއެކީ އައިސްގެން އުޅެނީ...''
''އެހެންތަ؟...'' މަރިޔަމް ބުންޏެވެ. ''ކޮން ވާހަކައެއްތަ އޭނަ ދެއްކީ؟...''
''ޝީ ވޯންޓްސް ޓު ބީ ފްރެންޑްސް ވިތް މީ...'' ތާރާ ބުނެލިއެވެ.
''ރިއަލީ؟...'' މައިޔަމް ބުމަ އަރުވާލިއެވެ.
''ވަޓް؟...'' މަރިޔަމްގެ އަޑުގައި ތަފާތުކަމެއް ވާކަން ތާރާއަށް ފާހަގަވިއެވެ.
''ނަތިންގް... އައި ފައިންޑް އިޓް ވިއާރޑް...'' މަރިޔަމް ތެދު ހާމަކުރިއެވެ. ''ކީއްވެގެންތަ އޭނަ ތާރާއާ އެކުވެރިވާންވީ؟...''
''ސާބަސް... މިރޫގެ ފްރެންޑެއް ވީމަ އޭނަ ވެސް ބޭނުންވާނެ ދޯ މިރޫގެ ވައިފްއާ ފްރެންޑް ވާން...'' ޔަލްވީ ބުންޏެވެ. އިތުރަށް މަރިޔަމް އެއްޗެއް ނުބުނީ ތާރާ ހިތްހަމަނުޖެހިދާނެތީއެވެ. ޖޫދާއާ މެދުގައި އުފެދުނު ސުވާލުތައް ހިނިތުންވުމެއްގެ ނިވަލުގައި އޭނަ ސިއްރުކޮށްލިއެވެ. އެ ވަގުތު ވެއިޓަރު ފޮނިއެއްޗެހި ގެނައުމުން މައުލޫއު ބަދަލުވެގެން ދިޔައެވެ. ތާރާ ވެސް މަރިޔަމްގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
*****
''ތާރާ ވެސް އަހަރުމެންނާއެކީގައި ދާންވީއެއްނު...'' ރެސްޓޯރެންޓުން ބޭރަށް ނިކުންނަމުން ޔަލްވީ ހުށަހެޅިއެވެ. އޭނަ އިޝާރަތްކޮށްލީ މަގުގެ އަނެއްފަޅީގައި ޕާކްކޮށްފައި އޮތް އޭނަގެ ކާރަށެވެ. އޭރު މަރިޔަމް ވެސް ތާރާގެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓެވެ.
''ނޫނޭ... މިރޫ އަންނާނެ އިރުކޮޅަކުން... މިރޭ ދުއްވާލަން ދާން މިއުޅެނީ...'' ތާރާ މަނާވެގަތެވެ.
''އާހް... އަވާރ ބޯރިންގް އެންޑް ސިންގަލް ލައިފް...'' މަރިޔަމްގެ އަތުގައި އޮޅިލައިގަންނަމުން ޔަލްވީ ބުންޏެވެ. ޔަލްވީގެ ވާހަކައާ ބައިވެރިވަމުން މަރިޔަމް ވެސް މާޔޫސްކަން މޫނަށް ގެނައެވެ.
''އެހެންވެޔޭ އަވަހަށް މީހަކު ހޯދަން އަހަރެން މި ބުނަނީ...'' ތާރާ ގާތަށް ހިނިއައެވެ.
''އަހަރެން އެބަ މަސައްކަތްކުރަމޭ... އެކަމަކު ރަނގަޅު މީހަކު ފެންނަ ގޮތެއް ނުވެޔޭ... ތާރާ...'' ޔަލްވީ ބުންޏެވެ. އޭނަ ތާރަގެ ގާތަށް ޖެހިލި ގޮތުން ވެސް ކަމަކު އެދެން އުޅޭކަން ތާރާއަށް ނަގައިގަނެވުނެވެ.
''އަވަހަށް ބުނެބަލަ...'' ތާރާ ނިތް އަރުވާލިއެވެ.
''މިރޫގެ ކޮއްކޮ އަހަންނަށް ސެޓްކޮށްދޭންވީއެއްނު...'' ޔަލްވީގެ ދެލޮލުގައި އާދޭހުގެ ކުލަވަރު ބަބުޅައެވެ.
''މާލަސްވެއްޖެ... ޒެން އުޅެނީ ކުއްޖަކާ މެރީކުރަން...'' ތާރާ ބުނެލިއެވެ. އެއާއެކު ޔަލްވީގެ މޫނަށް މޮޅިވެރިކަން ވެރިވެގެން ދިޔައެވެ.
''މައި ހާޓް!... ދެޓް ހަންކް އިޒް އޯލްސޯ ޓޭކެން... ކާކުތަ ޒެންގެ ހިތް އަތުލައިގަތީ؟...'' ޔަލްވީ އޭނަގެ މޭގައި އަތްޖައްސާލަމުން ބުންޏެވެ. މަރިޔަމް ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ. ވާހަކައިގައި ތިއްބައި ރެސްޓޯރެންޓް ކުރިމައްޗަށް ކާރެއް މަޑުކޮށްލިއެވެ.
''ޔޯރ ޗާމިންގް އިސް ހިޔާރ...'' ޑްރައިވަރު ސީޓުގެ ލޫވާރ ތިރިކޮށްލި މިރާހްއަށް ބަލައިލަމުން ޔަލްވީ ބުންޏެވެ. ތާރާގެ އެކުވެރިންނަށް މިރާހް ހިނިތުންވެލިއެވެ.
''އަހަރުމެން ރޮމުންރޮމުން މިދަނީ ގެއަށް ދާން... އެންޖޯއި ޔޯރ ރޮމޭންޓިކް ޑްރައިވް...'' މަރިޔަމް ބުނެލިއެވެ. ތާރާ ދެފަރާތަށް ބޯހޫރާލަމުން ކުރިއަށް ހިނގައިގަތެވެ. އޭރު މިރާހް ކާރުން ފައިބަމުން ތާރާ އަރަން ކުރީ ސީޓުގެ ދޮރު ހުޅުވާލަދިނެވެ. އެ މަންޒަރު ބަލަން ތިބި ޔަލްވީއާއި މަރިޔަމް ކުޑަކޮށް ހަޅޭއްލަވައިގަތުމުން ތާރާ ލަދުވެސް ގަންނަ ގޮތް ވެއްޖެއެވެ.
''ގުޑް ނައިޓް ލޭޑީސް...'' ކާރަށް އެރުމުގެ ކުރިން މިރާހް ބުންޏެވެ.
''މަށަށް ވެސް މިރޫ ކަހަލަ ހަޒްބެންޑެއް ލިބޭނެނަމަ... ހީ އިޒް ސޯ ޗާމިންގް، އަދި ތާރާ ދެކެ އެހާ ލޯބިވޭ...'' ޔަލްވީ ބުންޏެވެ. ރެސްޓޯރެންޓުން ނިކުތް ޖޫދާއަށް ސާފުކޮށް ޔަލްވީގެ ޖުމްލަ އަޑު އިވުނެވެ. އޭނާގެ ނިތަށް ރޫތަކެއް އަރައިގެން ދިޔައީ ހިތަށް ވެރިވި ރުޅިވެރިކަމުންނެވެ. ދަތްކުނޑިވެސް ވިކާލެވުނެވެ.
''ގިނަ ދުވަހެއް ނުވެ ކަލޭގެ އުފާވެރިކަން އަހަރެން ފޭރިގަންނާނަން... މިރާހްއަކީ ހަމައެކަނި އަހަރެންގެ މީހެއް...'' ހިތާހިތުން ޖޫދާއަށް ބުނެވުނެވެ. ޖެހިގެން އޮތް ގޯޅިން ލަނބާލި ކާރަށް ބަލައިލީ ރުޅިވެރިކަމުގެ ނަޒަރަކުންނެވެ.
ފިޔަވަޅުތަކެއްގެ ހިލަން ވެގެން ޔަލްވީއާއި މަރިޔަމް ވެސް ފަސްއެނބުރުލިއެވެ. ޖޫދާ ފެނުމުން ބީރައްޓެހިކަމުގެ ހިނިތުންވުމެއް ދެމީހުން ވެސް ދިނެވެ.
''ލެޓްސް ގޯ...'' ރައިހާން އައިސް ޖޫދާގެ އުނަގަނޑުގައި އަތްތިލަ ޖައްސާލަމުން ބުންޏެވެ. ތާރާގެ އެކުވެރިންނާ ބަދަލުކޮށްލި ނަޒަރު ޖޫދާ ހުއްޓާލީ ރައިހާންގެ މޫނަށެވެ. ގަދަކަމުން ހިނިތުންވެލަމުން ރައިހާންއާ އެކުގައި އޭނާ ހިނގައިގަތެވެ.
''ޑޭމް... ވައި އިސް އެވްރީ ހޮޓް ޕާރސަން ޓޭކެން...'' ރައިހާންއަށް ބަލަން ހުރެފައި ޔަލްވީ ބުންޏެވެ. އަވަސްއަވަހަށް ޔަލްވީގެ އަނގަމަތީގައި މަރިޔަމްއަށް އަތްއަޅާލެވުނެވެ. ދެމީހުން ކައިރިންލާފައި ދިޔަ ރައިހާންއާއި ޖޫދާއަށް އަޑުއިވޭނެކަން އޭނައަށް ޔަގީންކުރެވުނެވެ. ނުތަނަވަސްކަމުގެ ނަޒަރެއް ރައިހާންއާ ބައްދަލުކޮށްލަމުން ޔަލްވީގެ އަތުގައި އޭނާ ވިކާލިއެވެ.
''ގާރްލް!... ޔޫ ނީޑް ޓު ބީ މައިންޑްފުލް އެބައުޓް ވަޓް ޔޫ ސޭއި...'' ޖޫދާއާއި ރައިހާންއަށް ދިން އަވަސް ނަޒަރަށްފަހު މަރިޔަމް ބުނެލިއެވެ.
*****
ސިނަމާލެ ބްރިޖް މަތިން ކާރު ދުއްވަމުން ދިޔަ ހިނދު އިނގިރޭސި ލަވައެއްގެ އަޑު ކާރުގެ ތެރެއަށް ފެތުރިފައި އޮތެވެ. މަޑުމަޑުން ތާރާ ލަވަކިޔަމުން ދިޔައެވެ. އެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ. އޭނަ މިރާހްގެ މޫނަށް ބަލައިލީ ލޯތްބާއެކުގައެވެ.
''ޓޭކް އެ ޑީޕް ބްރެތް އެންޑް ޖަމްޕް،
ދެން ފޯލް އިން ޓު މީ،
ކޯޒް އެވްރީޓައިމް ޔޫ ސްމައިލް، އައި ސްމައިލް،
އެންޑް އެވްރީޓައިމް ޔޫ ޝައިން، އައިލް ޝައިން ފޯރ ޔޫ...''
ޓްރެފިކް ލައިޓަށް ކާރު މަޑުކޮށްލުމުން ތާރާގެ އަތުގައި މިރާހް ހިފާލިއެވެ. އަދި އެ އަތްތިލައަށް އޭނަ ބޮސްދިނެވެ. މިރާހްގެ ތުންފަތުގެ ހޫނުކަން އިހުސާސްކުރެވުމާއެކު ތާރާގެ ހިތް އަވަސްވެލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކުގައި އޭނައަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
ކާރު ގޮސް މަޑުކޮށްލީ ހުޅުމާލެ ބީޗް އޭރިޔާއަށެވެ. އިރުކޮޅެއް ވަންދެން ކާރުގައި މިރާހްއާއި ތާރާ ތިއްބެވެ. ހިމޭންކަމާއެކުގައި ވަގުތު ފާއިތުވަމުން ދިޔަ އިރު ހިޔާލީ ދުނިޔެއަށް ދެމަފިރިން ތިބީ ގެއްލިއެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ހިތުގެ ސާފު ލޯބި ބަޔާންކޮށްދިނެވެ.
ތަރިތަކުގެ ދަރުބާރުގައި ދޮންވެލިގަނޑު މަތީގައި މިރާހްއާއި ތާރާ އިށީނދެލައިގެން ތިއްބެވެ. ރާޅުތަކުގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ޖެހެމުން ދިޔަ ރޯޅިތަކުން އިހުސާސްކުރެވެމުން ދިޔައީ އަރާމު ފިނިކަމެކެވެ. މިރާހްގެ ކޮނޑުގައި ތާރާ ބޯއަޅާލިއެވެ. ހަނދު ވެސް މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައެވެ. ހިތްގައިމުކަން އެކުލެވިގެންވި މާހައުލުގައި މިރާހްއާއެކު ވަގުތު ހޭދަކޮށްލަން ލިބުމުން ތާރާ އިނީ އުފަލުންނެވެ.
''އޯހ... ބުނަން ހަނދާން ނެތިފައޭ މިހިރީ...'' ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ކުއްލިއަކަށް ތާރާ ބުންޏެވެ.
''ކޮން ވާހަކައެއްތަ؟...'' ހިނިތުންވުމަކާއެކުގައި މިރާހް ސުވާލުކުރިއެވެ.
''މިއަދު މިރޫގެ ފްރެންޑާ ދިމާވި...'' ތާރާ ބުންޏެވެ. އެއާއެކު މިރާހްއަށް ލިބުނީ ހައިރާންކަމެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން ތަރާގެ މޫނަށް އޭނައަށް ބަލައިލެވުނެވެ.
''ކާކުތަ؟...'' މިރާހްއަށް އަހާލެވުނެވެ.
''ސާބަސް...'' ތާރާއަށް ބުނެވުނެވެ. ''ޖޫދާ...''
މިރާހްއަށް ލިބިގެން ދިޔައީ ސިހުމެވެ. ނަމަވެސް އެކަން ތާރާއަށް ސިއްރުކުރަން އޭނާ މަސައްކަތްކުރިއެވެ. ތާރާގެ ހިތުގައި ސުވާލުތައް އުފެދިގެން ހިނގައިދާނެތީއެވެ. ހަޔާތުން އޭނާ ސިއްރުކުރަން ބެނުންވާ ބާބަކީ ވެސް އެއީއެވެ.
''މިރޭ ރެސްޓޯރެންޓުން ދިމާވީ... ޝީ ވޯޒް ވިތް ހާރ ހަޒްބެންޑް...'' ތާރާ ކިޔައިދިނެވެ. މިރާހްގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. އެއްގޮތަކަށް ވެސް ތާރާއާއި ޖޫދާ ބައްދަލުވާން އޭނަ ބޭނުމެއް ނުވެއެވެ. ތާރާއާއި ޖޫދާ ވާހަކަދެއްކުމުން ވެސް ހިތުގައި ސުވާލު އުފެދުނެވެ. ނުތަނަވަސްކަން މުޅި ނަފުސަށް ވެރިވެގެން ދިޔައެވެ. ހިތުގައި އުފެދިގެން ދިޔަ ސުވާލުތަކުން ނިތުގައި ފިނި ދަލެއް ވެސް ހިއްލާލިއެވެ. ޖެހެމުން ދިޔަ ފިނިފިނި ރޯޅިތަކުގެ ތެރެއިން ވެސް މީހާއަށް ހޫނުވާހެން ހީވިއެވެ.
ޖޫދާއާ ދެކެވުނު ވާހަކަތަކުގެ ތަފްސީލު ބޭނުންވިކަމުގައި ވިޔަސް ސުވާލުކުރަން މިރާހް ފަސްޖެހުނެވެ. ތާރާ އެކަމުގެ މާނަ ނަގާފާނެ ގޮތެއް ނޭނގޭތީއެވެ. ހަމައެއާއެކު ޖޫދާއާއި ތާރާގެ ދެމެދުގައި އެކުވެރިކަން އުފެދެން ވެސް އޭނަ ބޭނުމެއް ނުވިއެވެ. ޖޫދާއާ ބައްދަލުކޮށް ވާހަކަދައްކަން މިރާހް ގަސްދުކުރީ ވެސް އެހެންވެއެވެ.
މޫޑު ހަރާބުވެގެން ދިޔަކަމުގައި ވިޔަސް ގަދަކަމުން މިރާހް ހިނިތުންވެލިއެވެ. އޭނާގެ މިޒާޖަށް އައި ކުއްލި ބަދަލުތައް ތާރާއަށް ފާހަގަ ވެދާނެތީ ވެސް މިރާހް ކަންބޮޑުވާ ގޮތް ވިއެވެ. ހިނިތުންވެލީ ހިތުގެ ހާސްކަމާ ދުރުވެލުމަށެވެ. އަދި އިހުނަށްވުރެ ތާރާއާ ގާތަށް އޭނާއަށް ޖެހިލެވުނެވެ.
*****
ޖެހިގެން އައި ދުވަހުގެ މެންދުރެވެ. ކެބިންގައި ދެކޮޅަށް ހިނގަމުން ދިޔަ މިރާހްއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެ ހިޔާލެއްގައި ހުރި މީހަކު ފަދައިން އަތުގައި އަތް ބިޒްނަސް ކާޑަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. ބުމަ ވެސް އޭރު ވަނީ ގޮށްޖެހިފައެވެ. މުށުގެ ތެރެއަށް ބިޒްނަސް ކާޑު ބޮނޑިކޮށްލުމަށްފަހުގައި އޭނަ ގޮސް އިށީނީ ސޯފާގައެވެ. ސޯފާގެ ލެނގޭބަޔަށް ކަނދުރާ ދޫކޮށްލަމުން ވިސްނަން ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އިރުކޮޅެއް ފާއިތުވެ ދިޔަފަހުން ފަޓުލޫނުގެ ޖީބުން އޭނަ ފޯނު ނެގިއެވެ. އަދި ގުޅައަކަށް ލެވިފައި އޮތް ބިޒްނަސް ކާޑުގައި ހުރި ބަނޑިކަން ފިލުވާލަމުން އޭގައި އޮތް ނަންބަރަށް އޭނަ ގުޅާލިއެވެ. ދެ ރިންގާއެކުގައި އެކޮޅުން ފޯނު ނަގައިފިއެވެ. ބަހެއް ނުބުނެ ހިމޭންކަންމަތީ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ.
''ހަލޯ...'' ޖޫދާ އަނެއްކާވެސް ބުނެލިއެވެ.
''ޖޫދާ...'' މިރާހްއަށް ހިތާ ދެކޮޅަށް ގޮވާލެވުނެވެ. ޖޫދާއާ ވާހަކަދައްކަން ވުމުން ވެސް މިރާހްއަށް ހުރީ އުނދަގޫވެފައެވެ. އެ ބާބު އޭނާ ކަފުން ކުރީ ދެން އެކަމާ ކުރިމަތިނުލާން އަމިއްލަ ނަފުސަށް ވަޢުދުވަމުންނެވެ. ނަމަވެސް މާޒީގެ ހިޔަނި ހަޔާތަށް އެޅިގެން ހިނގައިދާނެތީ ހިތުގައި ވަނީ ހާސްކަމެވެ. ޖޫދާގެ މަގުސަދު ވެސް ހޯދަން މިރާހް ހުރީ ބޭނުންވެފައެވެ. ކުއްލިއަކަށް ތާރާއާއި ޖޫދާ ބައްދަލުވުމުން ހިތުގައި އެތައް ސުވާލެއް ވަނީ އުފެދިފައެވެ.
''މިރާހް؟...'' ޖޫދާއަށް އަހާލެވުނެވެ. ކުރިން ވެސް މިރާހްގެ ފޯނުކޯލް ލިބޭނެކަމަށް އޭނައަށް ޔަގީންކުރެވުނެވެ. ނޭނގޭކަމަށް ހެދުނުކަމުގައި ވިޔަސް އުފާވެރިކަމުގެ ރާގެއް އެ ހިތުގައި ކުޅެލިއެވެ. އިސްވެ އޭނައަށް މިރާހް ގުޅުމުން އޭނާ އުފާވިއެވެ. އެ ފޯނުކޯލުގެ ފަހަތުގައި ވިޔަފާރީގެ އެއްވެސް އަސަރެއް ނެތްކަން ރޭކާލުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
''އަހަރެން ބޭނުން ބައްދަލުކޮށްލަން...'' ފުންނޭވާއަކާއެކުގައި މިރާހް ބުންޏެވެ.
''ނައު؟...'' މިރާހް ތަޅުވާލަން ޖޫދާ އެހިއެވެ.
''މިވަގުތު ބިޒީވެއްޖެއްޔާ ފަހުން ވިޔަސް ރަނގަޅު...'' މިރާހް ބުންޏެވެ.
''ނޫން، މިހާރު ވެސް ރަނގަޅު، ލަންޗަށް ދާން އުޅެނިކޮށް ތި ގުޅީ...'' މިރާހްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާތީ މެންދުރުގެ ކެއުމަށް ޖޫދާ ދައުވަތު އެރުވިއެވެ. އެ ހުށަހެޅުމާ މިފަހަރު މިރާހް ދެކޮޅު ނުހަދާނެކަމުގެ ޔަގީންކަން ވެސް ހިތުގައި އޮތެވެ.
''ދާންވީ ތަން އަހަރެން މިރާހްއަށް މެސެޖުކޮށްލާނަން...'' ޖޫދާ ބުންޏެވެ. އިތުރަށް ވާހަކަދެއްކުމެއް ނެތި މިރާހް ފޯނު ކަނޑާލުމުން ޖޫދާއަށް ތުން ދަމާލެވުނެވެ. އިށީނދެގެން އިން ބޮޑު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އޭނައަށް ހިނިތުންވެވުނެވެ.
''ފައިނަލީ...'' ޖޫދާއަށް އުފާލާއެކު ބުނެވުނެވެ. އެ ވަގުތު ކެބިންގެ ދޮރު ހުޅުވާލާފައި ރައިހާން އެތެރެއަށް ވަނެވެ.
''ހާދަ އުފާވެފައި ހުރިހެން ހީވެޔޭ...'' އެތެރެއަށް ވަން ރައިހާން ބުނެލިއެވެ. ކެބިންގެ ދޮރު ލައްޕާލަމުން ޖޫދާއަށް އޭނަ ހިނިތުންވެލިއެވެ.
ރައިހާން ފެނުމުން ޖޫދާގެ ހިތަށް ފޫހިކަން ވެރިވެއްޖެއެވެ. އޭނާގެ އުފާވެރިކަމުގެ ވަގުތުކޮޅު ހަރާބުކޮށްލީތީ ހިތާހިތުން ރައިހާންއާ ދިމާއަށް ފަތިވަރު އަމުނާލިއެވެ.
''ލަންޗަށް ދާނަންތަ؟...'' ރައިހާންގެ މޫނުން އުއްމީދުގެ އަސަރު ފެނުނެވެ.
''ސޮރީ ބޭބް... އެބަޖެހޭ ރައްޓެއްސަކާ ބައްދަލުކޮށްލަން ދާން، ވަރަށް ގިނަ ދުވަސްފަހުން ހަބަރެއްވީ...'' ގޮނޑިން ތެދުވުނު ޖޫދާ ބުންޏެވެ. މޭޒުމަތީ އޮތް އޭނާގެ އަތްދަބަސް ނަގައިގެން ގޮސް ރައިހާން ކުރިމައްޗަށް ހުއްޓުނެވެ.
ޖޫދާގެ ޖުމްލައިން ރައިހާންގެ އުއްމީދުތައް މާޔޫސްކަމަށް ބަދަލުވިއެވެ. ނަމަވެސް ޖޫދާގެ އުފާވެރިކަން ފެނިފައި އޭނަ ހިނިތުންވެލީއެވެ.
''ލަވް، މިރޭ ޑިނާ ނަގާނީ ބޭރުން ދޯ؟...'' ރައިހާންގެ ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލަދެމުން ޖޫދާ ވާހަކަދެއްކިއެވެ.
''އޯކޭ، ޖޫ ބޭނުން ތަނަކަށް މިރޭ ދާނީ...'' ރައިހާން ހިނިތުންވެލިއެވެ. ލޯބިން ޖޫދާގެ ކޯތާފަތުގައި އޭނާ ފިރުމާލިއެވެ. ''އެންޖޯއި ޔޯރ ލަންޗް''
ރައިހާންގެ މޭގައި ފިރުމާލަމުން ޖޫދާ އަވަސްވެގަތީ ބޭރަށް ނުކުތުމަށެވެ. ކެބިންގެ ދޮރުން ނިކުމެވުމާއެކު ރައިހާން ދެކެ އައިސްފައި ހުރި ފޫއްސާއެކުގައި ލޮލަށް ގޮތެއް ހަދާލިއެވެ. އޭނަ ދެން އަވަސްވެގަތީ މިރާހްއާ ބައްދަލުކުރަން ދިއުމަށެވެ. އޮފީހުގައި ހުރި ފާހާނާއަށް ވެސް އޭނަ ވަނެވެ. މޭކަޕް ރީތިކޮށްލަމުން އަތްދަބަހުގައި އޮތް ސެންޓުފުޅި ނަގައި ގަޔަށް ބުރުއްސާލިއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަޔަށް ބާރު ޓޮޕާއި ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ނޫކުލައިގެ ފިއްތި ސްކާޓުން ހަށިގަނޑުގެ ވަނާތައް ހާމަވެއެވެ. އިސްތަށިގަނޑުގައި އަތްތިލަ ހިންގާލަމުން އޭނާ ހިނިތުންވެލިއެވެ.
(ނުނިމޭ)