ވާހަކަ

ދޭތޯ ތި ހިތް - 22

1

އަސްރު ނަމާދުން ފައިބައިގެން އައި ޒިވްޔަން ލުއި ފިޔަވަޅުތަކެއްގައި ހިނގައިގަތީ މައިގެއަށް ވަނުމަށެވެ. އަތުގައި އޮތް ފޯނާ ކުޅެމުން ދަނިކޮށް އޭނާއަށް ހުއްޓެވުނީ މަންމަގެ އަޑު ކަންފަތާ ހަމައަށް ފޯރުމުންނެވެ. އަތުގައި އޮތް ފޯނު ޖިންސުގެ ޖީބަށް ލަމުން ޒިވްޔަން ހޯދައިލިއެވެ. އަޑު އަންނަނީ ބަގީޗާ ތެރޭން ކަމަށްވުމުން އޭނާ ހިނގައިގަތީ ބަގީޗާއަށް ވަދެވެން އޮތް ހަނި މަގާ ދިމާއަށެވެ. ޕޮޓުތަކުގައި ހުރި މާގަސްތައް ބަގީޗާގައި އިންދަން އުޅުނު ކުލްޘޫމާ ފެނުމުން ޒިވްޔަން އެ ދިމާއަށް ދިޔައެވެ. ކުލްޘޫމާއަށް އެހީވާން އުޅުނު ހާދިމު ކުއްޖާއަށް ޒިވްޔަން ފެނުމާއެކު އަދަބު އިހުތިރާމު އަދާކުރަމުން އިސްޖަހާލިއެވެ.

''މަންމާ...'' ޒިވްޔަން ގޮވާލިއެވެ. ތިރި ގޮނޑިއެއްގައި އިށީނދެގެން އިން ކުލްޘޫމާ ފަސްއެނބުރި ބަލައިލިއެވެ.

''ޒެން...'' ކުލްޘޫމާ ހިނިތުންވެލިއެވެ. ޕޮޓުން ނެގި ރަތްކުލައިގެ ފިނިފެންމާ ގަސް ބިމުގައި އިންދާލުމަށްފަހު ކައިރީގައި ހުރި ފެން ބާލިދީން ނެގި ފެންގޮށްޓާއެކު ގަހުގެ ބުޑާއި ފަސްގަނޑު ތެންމާލިއެވެ. ހަވީރު ސައިގަޑި ވެސް ކައިރިވަމުން އަންނާތީ އިހަށް މަސައްކަތް މަޑުޖައްސައިލިއެވެ. އަތުގައި އޮތް އަންގީ ނައްޓާލަމުން ބާލިދީ ކައިރީގައި ބޭއްވިއެވެ. ކުލްޘޫމާ މަސައްކަތުން އަވަދިވަންދެން ޒިވްޔަން އިންތިޒާރުގައި ހުއްޓެވެ.

ޒިވްޔަން ހުރީ ކުލްޘޫމާއާ ވާހަކަދައްކާލަން ބޭނުންވެފައެވެ. މާމާގެ ފަރާތުން ސަރުވާގެ ވާހަކަތައް މަންމަގެ ކަންފަތާ ހަމައަށް މިހާރު ވާނީ ފޯރާފައިކަން އޭނާއަށް ޔަގީންކުރެވުނެވެ. އެކަމާ ގުޅިގެން ކުލްޘޫމާގެ ހިތުގައި ސުވާލެއްވާ ނަމަ، ޖަވާބު ދޭން ޒިވްޔަން ބޭނުންވިއެވެ. މަންމައާ ހަމައަށް އެ ވާހަކަތައް ގެންދިއުމުގެ ބަދަލުގައި މާމައާ ހިއްސާކުރުމުން މަންމަ އޭނާއާ މެދު ދެކެފާނެ ގޮތަކާ މެދުގައި ވެސް ޒިވްޔަންއަށް ވިސްނެމުން ދިޔައެވެ. މަންމަ ދެރަވެފައި ހުރެދާނެތީ ވެސް ޒިވްޔަން ފިކުރު ބޮޑުވާ ގޮތް ވެއްޖެއެވެ.

''ސައި ހަދަންވީ ދޯ؟...'' އިސްކުރު ކައިރިއަށް ހުއްޓިލަމުން އަތްތިލަ ދޮންނަމުން ކުލްޘޫމާ ސުވާލުކޮށްލިއެވެ.

''އުހޫނ...'' ޒިވްޔަން ދެފަރާތަށް ބޯހޫރާލިއެވެ.

ފެން އިސްކުރަށް ބާރުކޮށްލަމުން ޒިވްޔަންގެ މޫނަށް ފަރުވާތެރިކަމާއެކުގައި ކުލްޘޫމާ ބަލައިލިއެވެ. އެ ދެލޮލުގައިވި ޝުއޫރުތައް އޭނާއަށް ނަގައިގަނެވުނު ހިނދު ޒިވްޔަންއާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

''މަންމަގެ ދަރިފުޅު ބޮޑުވެއްޖެދޯ...'' ހެދުމުގެ ފަސްބައިން އަތުގައި ހުރި ފެން ފޮހެލަމުން ކުލްޘޫމާ ބުންޏެވެ. އޭނާ އައިސް ޒިވްޔަންގެ ގާތަށް ހުއްޓުނެވެ.

''އެންމެ ފުރަތަމަ ވެސް މަންމަ ގާތު ބުނަން ބޭނުންވީ...'' ޒިވްޔަން އަވަސްއަވަހަށް ބުންޏެވެ. ''އެއްވެސް ކަމެއް މަންމައަށް ސިއްރުކުރާކަށް ނެތިން...''

''އެނގެޔޭ ތިކަން... މާމަ ގާތު ފުރަތަމަ ބުނުން އެއީ އެންމެ ބުއްދިވެރި ގޮތް...... ޒެން!... މަންމަ ގާތު ނުބުނީތީ މަންމަ ދެރައެއް ނުވެޔޭ...'' ބުރަކަމެއް އެ ހިތުގައި ނެތްކަން ހާމަކޮށްދެމުން ކުލްޘޫމާ ވާހަކަދެއްކިއެވެ. ހަގީގަތުގައި އެ ވާހަކަތައް ފުރަތަމަ ވެސް މާހުތާބްއާ ހަމައަށް ޒިވްޔަން ގެންދިއުމުން ކުލްޘޫމާ ހުރީ ހިތްހަމަޖެހިފައެވެ. އޭނާ ގާތުގައި ޒިވްޔަން ބުނިކަމުގައި ވިޔަސް ރުހުން ހޯދަން ހަމަ ދާންޖެހޭނީ މާހުތާބްގެ ގާތަށެވެ. އާއިލާގެ އިސް މީހަކީ މާހުތާބް ކަމުގައި ވާތީއެވެ. ހުރިހާކަމެއް ވެސް ރަނގަޅަށް ދިއުމުން ޒިވްޔަންއަށްޓަކައި ކުލްޘޫމާގެ ހިތުގައި ވަނީ އުފާވެރިކަމެވެ.

''މަންމާ...'' ޒިވްޔަންއަށް އޭނާގެ މަންމަގެ ގައިގައި ބައްދާލެވުނެވެ. މަންމަގެ އުފާވެރިކަން ފެނި ހިތުގެ ނުތަނަވަސްކަމާ ދުރުވެވުނެވެ.

''ދަރިފުޅުގެ ހޮވުން އަބަދުވެސް މަންމައަށް ކަމުދާނެކަން ގަބޫލުކުރައްޗޭ... ދަރިފުޅުގެ އުފުވާރިކަން އެހެން ހުރިހާ ކަމަކަށް ވުރެ ވެސް މަންމައަށް މުހިންމު ވާނެ...'' އޯގާތެރިކަމާއެކުގައި ޒިވްޔަންގެ ބުރަކަށީގައި މާހުތާބް ފިރުމާލިއެވެ.

''މަންމަ ބޭނުންތަ ސަރޫގެ ފޮޓޯ ބަލަން؟...'' ކުލްޘޫމާއާ ދުރަށް ޖެހިލަމުން ޒިވްޔަން ސުވާލުކޮށްލިއެވެ.

''ފޮޓޯއަކުން ފެނުމަށްވުރެ މަންމަ ބޭނުންވަނީ ޒެން މިގެއަށް ސަރުވާ ގެނައުމުން ބަލައިލަން...'' ޒިވްޔަންގެ އަތުގައި ހިފާލަމުން ކުލްޘޫމާ ބުންޏެވެ. ޒިވްޔަންގެ ހޮވުމާ މެދު އެ ހިތުގައި އޮތް ޔަގީންކަން ހާމަކޮށްދިނީ އެ ދެލޮލުގައިވި ޝުއޫރުތަކުންނެވެ. ޒިވްޔަންގެ ތުންފަތަށް ވެރިވެގެން އައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ހުދުހުދު ދަތްތައް ވެސް ފެނެއެވެ.

''ޔޫ އާރ ދަ ބެސްޓް...'' ޒިވްޔަން ބުންޏެވެ.

''އެހެންތަ؟...'' ކުލްޘޫމާ ހިނިތުންވެލިއެވެ. ''އަވަހަށް ކައިވެނިކުރަން ދަރިފުޅު ބޭނުންވާތީ އެކަމާ ވެސް މަންމަ މިހުރީ ވަރަށް އުފަލުން... ގިނަ ދުވަހު ރަށްޓެހިވެގެން ތިބުމަކީ ރަނގަޅު ގޮތެއް ވެސް ނޫން... ދަރިފުޅު ޖެހޭނެ ސަރުވާއަށް ނިކަން ބަލަން... މާމަގެ ވާހަކަތަކުން އެނގޭ ދެމަފިރިއެއްގެ ދެލޮލުގެ ނޫރުކަން އެއީ... ވަރަށް އިތުބާރުކޮށްފައި ސަރުވާގެ މައިންބަފައިން ޒިވްޔަންއަށް ސަރުވާގެ ޒިންމާތައް ހަވާލުކުރަން އެ އުޅެނީ... އަންހެންކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ލޯތްބާއި ހިމާޔަތް ދޭނެ ފިރިއަކު ލިބުން... ޒެން ވާންވާނެ ސަރުވާއަށް ވަފާތެރި ބައިވެރިޔަކަށް... ސަރުވާ ހިތުގައި ޖެހޭނެ ފަދަ ކަމެއް ދުވަހަކު ނުކުރައްޗޭ... ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ވާހަކަދައްކައިގެން އަބަދުވެސް ހައްލުކުރަން ވާނެ... އެކަކު އަނެކަކަށް އިތުބާރުކުރުން އެއީ އެންމެ މުހިންމު ކަންތައް... މަންމަގެ ވާހަކަތައް ޒެން ގަބޫލުކުރަން ދޯ؟...''

''މަންމާ، އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން ދުވަހަކު ސަރޫ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރިމައްޗެއް ނުވާނެ... އަހަރެން ވަރަށް ބޮޑަށް ސަރޫ ދެކެ ލޯބިވޭ...'' މަންމަގެ ނަސޭހަތްތައް ޒިވްޔަން ގަބޫލުކުރިއެވެ. އުފާވެރި ގުޅުމަކަށް އެއީ އެންމެ ބޭނުންވާނެ ކަންތައްތަކެވެ.

''މަންމަ ވަރަށް ހިތްހަމަޖެހިއްޖެ...'' ކުލްޘޫމާ ޖަޒުބާތީވާން ފެށިއެވެ. ޒިވްޔަންގެ ވާހަކަތަކުންނާއި ބަހުގައިވި ޔަގީންކަމުން ލޮލުން ކަރުނަ ހިލެން ފެށިއެވެ. އޭނާގެ ފިރިހެން ދަރިފުޅު ފުރާފުރިހަމަވެއްޖެކަން ގަބޫލުކުރެވުނެވެ. އެ ދަރިފުޅަށް ލިބިފައި ހުރި ރަނގަޅު ތަރުބިއްޔަތާ މެދުގައި ވެސް ފަހުރުވެރިވެވުނެވެ.

''މަންމަ ނުރޮއްޗޭ...'' ޒިވްޔަންއަށް ބުނެވުނެވެ. ޒިވްޔަންއަށް އަވަސްއަވަހަށް އޭނާގެ މަންމަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލެވުނެވެ. ހިސާބަކަށް އޭނާ ކަންބޮޑުވާ ގޮތް ވެސް ވެއްޖެއެވެ.

''މީ އުފާވެރިކަމުގެ ކަރުނައޭ... މަންމައަށް މިހާރު ޔަގީންވެއްޖެ ދަރިފުޅުގެ އުފާތައް ވަނީ ސަރުވާއާ އެކުގައި ކަން... ތި ދެކުދިންނަށް އުފާވެރި ދިރިއުޅުމެއް ދެއްވުމަށް އެދި އަބަދުވެސް މަންމަ ދުއާ ކުރާނަން...'' ޒިވްޔަންގެ އަތްތިލައިގައި އަތްޖައްސާލަމުން ކުލްޘޫމާ ހިނިތުންވެލިއެވެ. ޒިވްޔަން ވެސް ހިނިތުންވެލިއެވެ.

*****

ހަވީރުގެ ސައިގަޑީގައި ސަރުވާގެ ވާހަކަ އާއިލާގެ ހުރިހާ މެންބަރުންނާ ހިއްސާކުރީ މާހުތާބްއެވެ. ރަސަލްގެ މޫނުން ފުރަތަމަ ފެނުނީ ހައިރާންކަމެވެ. ދެވަނަ ސިކުންތުގައި އެ ދެލޮލުން އުފާވެރިކަން ވިދާލިއެވެ. ޒިވްޔަންއަށް އޭނާ ބަލައިލީ ފުޅާ ހިނިތުންވުމަކާއެކުގައެވެ.

ތާރާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އަނގަމަތީ އަތްއަޅައިގެން އިރުކޮޅެއް ވަންދެން އިނުމަށްފަހު ޒިވްޔަންއަށް މުބާރަކުބާދީ ދިނެވެ. މިރާހް ވެސް އިނީ ކޮއްކޮއަށްޓަކައި އުފާވެފައެވެ. އަލަތު ލޯބި ހާސިލުވުމަކީ ހިތަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަމެވެ. އޭނާއަށް އެ ނަސީބު ނުލިބުނުކަމުގައި ވިޔަސް މިހާރު ދިރިއުޅުން ގޮސްފައި އޮތް ރާސްތާއާ މެދުގައި އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ތާރަ ފަދަ ލޯބިވާ އަންބަކު ނުލިބޭނެކަން އޭނާއަށް މިހާރު ޔަގީންވެއްޖެއެވެ. އެ ލޯބިން ޒަހަމްވެފައިވި އެ ހިތަށް ދިރުން ގެނެސްދީފިއެވެ. ލޯބިވާން ވެސް ދަސްކޮށްދީފިއެވެ. މާމައާ މެދުގައި މި ހުރިހާ ދުވަހު ހިތުގައިވި ޝަކުވާތައް ވެސް މިހާރު ފޮހެވިގެން ގޮސްފިއެވެ. މިހާރު އެ ހިތުގައި ވަނީ ޝުކުރެވެ. މަޖުބޫރުން ކުރެވުނު ކައިވެންޏަކަސް، އެ ކައިވެނީގައި މިހާރު ޖެހިފައިވަނީ ލޯބީގެ ފުރިހަމަ ކުލަތަކެވެ.

ގާތުގައި އިން ތާރާއަށް މިރާހް ބަލައިލީ މައުނަވީ ހިނިތުންވުމަކާއެކުގައެވެ. މިރާހްގެ ދެލޮލުގައި ވަނީ ނިމުމެއް ނުވާ ލޯތްބެވެ.

ތާރާއަށް މިރާހްގެ ބެލުން އިހުސާސްކުރެވުނީ ކަން ނޭނގެއެވެ. ހަފަމުން ދިޔަ ގުޅަ ދިރުވާލަމުން އޭނާ މިރާހްއަށް ބަލައިލިއެވެ. އަދި ބުމަ އަރުވާލަމުން ހިނިތުންވެލިއެވެ. މިރާހް ދެފަރާތަށް ބޯހޫރާލިއެވެ. ސިއްރުވެރި ހިނިތުންވުމެއްގެ އަސަރު ތާރާއަށް އެ ތުންފަތުން ފެނުނެވެ.

ތާރާއަށް ވެސް ހިނިތުންވެވުނެވެ. މީރާހްއާ ނަޒަރު ބައްދަލުވާ ކޮންމެ ފަހަރަކު އެ ހިތުގެ ތެޅުން އަވަސްކުރުވައެވެ. މިރާހްގެ ކޮންމެ ހަރަކާތަކަށް އެ ހިތް ލެނބިގެން ދެއެވެ. ރޫހަށް ދިރުން ގެނެސްދެއެވެ. އެ ލޯބި އަބަދަށް ލިބުމަކީ އެ ހިތުގެ ދުއާއެވެ.

''ހޯމަ ދުވަހަށް އެންމެން ވެސް ވާނެ ތައްޔާރުވާން...'' މާހުތާބްގެ އަޑަށް އެންމެން ވެސް ބޯޖަހާލިއެވެ. ކުއްލިއަކަށް އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވާތީ ޒިވްޔަން ލަދުވެސް ގަންނަ ގޮތް ވެއްޖެއެވެ. ދޮންބެ ތުންފަތުން ލާނެއް ހިނިތުންވުމެއްގެ އަސަރު ވެސް އޭނާއަށް ފާހަގަވެއްޖެއެވެ. އެކަނިވުމާއެކު އޭނާއާ ދިމާކުރާނެކަން ވެސް ޒިވްޔަންއަށް ޔަގީން ވިއެވެ. ވީވެސް އެހެންނެވެ. ސަޔަށް ފަހު ފިލަން ދުވަން އުޅެނިކޮށް ކޮޓަރިއަށް އައިސްފިއެވެ. މިރާހްގެ ފަހަތުން ތާރާ ވެސް އަތުވެއްޖެއެވެ.

''ލައްކަ ދުވަހު ވަގަށް އުޅެވިއްޖެއެއްނު...'' މިރާހް ދިމާކޮށްގަތެވެ. އެންމެން ތިބީ ބެލްކަނީގައެވެ. ރެއިލިންގްއަށް ލެނގިލަމުން މިރާހްއަށް ޒިވްޔަން ބަލައިލިއެވެ.

''މިހެންވެގެންނެއްނު ދަންވަރު ހާމަފެންޑާއިން ވެސް ފެންނަނީ... ނިކަން އަހަންނަށް ފޮޓޯ ދައްކަބަލަ...'' ތާރާ ބުންޏެވެ.

ޒިވްޔަން ފޯނުގެ ގެލެރީ ހުޅުވާލަމުން ތާރާގެ އަތަށް ފޯނު ދިނެވެ. ފޮޓޯތަކަށް ޒޫމް ކޮށްކޮށްފައި ތާރާ ބަލަމުން ދިޔައެވެ. އެހެން ހުރެފައި އޭނާ ޒިވްޔަންއަށް ވެސް ބަލައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. މިރާހް ވެސް ތާރާގެ ގާތަށް ޖެހިލަމުން ފޯނަށް ނަޒަރު ހިންގާލިއެވެ.

''ކިހިނެއްތަ މިހާ ރީތި ކުއްޖެއް ޒެން ހޯދީ...'' ތާރާ ބުނެލިއެވެ.

''އައިމް ޗާމިންގް...'' ހަށަން ބަނދެލަމުން ޒިވްޔަން ބުންޏެވެ. ތާރާގެ އަޑުގައިވި ސާމާސާރާގު އޭނާއަށް ނަގައިގަނެވުނެވެ.

''ހޫނ!...'' ތާރާ ތުން އަނބުރާލާފައި ޒިވްޔަން އަތަށް ފޯނު ދިނެވެ. އޭރު އޭނާއަށް ހެވިއްޖެއެވެ.

''އެހެންވީމަ ގިނަ ދުވަހެއް ނުވެ އަހަރެންގެ ފޫހި ފިލުވާލަދޭނެ އެކުވެރިޔަކު ހުންނާނެތާ...'' ތާރާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ސަރުވާގެ ގާތް އެކުވެރިޔަކަށް ވާން އޭނާ ބޭނުންވިއެވެ.

*****

ފަހަކަށް އައިސް ޖޫދާގެ މިޒާޖަށް އައިސްފައިވާ ބަދަލުތަކުން ރައިހާން ހުންނަނީ ސުވާލު ގިނަވެފައެވެ. ޖޫދާ ހިތްހަމަނުޖެހޭ ފަދަ ކަމެއް އޭނާގެ ފަރާތުން ކުރިމަތިވީބާއޭ ވެސް ހިތަށް އަރާ ވަރުން ނަފުސުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އޭނާ ސުވާލުކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ޖޫދާގެ ފަރާތުން ނުލިބުނެވެ. ރުންކުރުކަން ވެސް ޖޫދާގެ އަޑުން ފާހަގަވާން ފެށިއެވެ. ދެމަފިރިންގެ ދެމެދަށް ވެރިވަމުން އައި ދުރުކަމުން ރައިހާން ފިކުރުބޮޑުވާން ފެށިއެވެ. ހިތުގައި ހުރިހާކަމެއް ވަންހަނާ ކޮށްގެން ހުންނަން ފަށައިފިނަމަ މައްސަލަތައް އިތުރުވެދާނެތީ ރައިހާން ގަސްދުކުރީ ޖޫދާއާ ވާހަކަދައްކާށެވެ. އޭނާއަށް ގޯސްކޮށްކަމެއް ކުރެވޭނަމަ އިސްލާހުކުރަން ވެސް އެނގޭނީ އޭރުންތާއެވެ. އޭނާ ދެކެ ޖޫދާ ނުރުހިފައި ހުންނަ މަންޒަރު ބަލަން ހިތަށް ކެތްވާވަރެއް ނޫނެވެ.

ބޮޑުކޮޓަރީގެ ސޯފާގައި އޮށޯވެލައިގެން އޮތް ޖޫދާއަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ރައިހާން އައިސް ސޯފާގައި އިށީނެވެ. ރައިހާންއާ ދިމާއަށް ޖޫދާ ބަލައިވެސް ނުލިއެވެ. ޓީވީން ބަލަމުން ދިޔަ ފިލްމަށް ނަޒަރު ހުއްޓައިގެން އޮތީއެވެ.

''މިރޭ ނުކަނީތަ؟...'' ރައިހާން ސުވާލުކޮށްލިއެވެ. ''ބޭރަށް ދަމާ...''

''ވަރަށް ވަރުބަލި...'' ޖޫދާގެ އާންމު ޖުމުލަ ތަކުރާރުކޮށްލިއެވެ. ރައިހާންގެ ކޮންމެ ސުވާލަކަށް އޭނާ ދޭ ޖަވާބަކީ އެއެވެ. ރައިހާން އޭނާއަށް ބޭނުން ވިޔަސް ބަހަނާ ދެއްކުން ނޫންކަމެއް ނުކުރެއެވެ. ރައިހާންގެ ހިތަށް ކުރާނެ އެއްވެސް އަސަރަކާ މެދު ޖޫދާ މިހާރު ވިސްނާހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ އޮޅުންބޮޅުންވަމުން އަންނަ އަމިއްލަ އިހުސާސްތަކާ ހުރެ ޖޫދާގެ ހިތުގެ ރިހުން ދުވަހަކަށްވުރެ ދުވަހަށް ދަނީ ގަދަވަމުންނެވެ.

''ޖޫދާ...'' ރައިހާން ގޮވާލިއެވެ.

''ހޫމްމް....'' ފަރުވާކުޑަ ރަގަކަށް ޖޫދާ ބުނެލިއެވެ.

''އަހަރެން ދެކެ ރުޅިއައިސްފަތަ ތި ހުންނަނީ؟...'' ރައިހާން އެންމެފަހުން ސުވާލުކޮށްލިއެވެ. ހިމޭންކަމުގެ ސުކޫތަކަށްފަހު ޖޫދާ ފުންނޭވާއެއް ލިޔެވެ. ހަށިގަނޑު ސީދާ ކޮށްލަމުން އޭނާ ސޯފާގައި އިށީނެވެ. މިހެން ދުވަސްތައް ވޭތުކުރަން ފަށައިފިނަމަ އޭނާގެ ބޮލުގެ ރިހުން ވެސް އިތުރުވުން ނޫން ކަމެއް ނުވާނެކަން ޖޫދާއަށް ވިސްނުނެވެ. ރައިހާންގެ ސުވާލުތަކަށް ވެސް ހުއްޓުމެއް ނާންނާނެކަން އޭނާއަށް ރޭކާލައިފިއެވެ.

''ނޫން... ސްޓްރެސްވެފަ ހުރީ...'' ރައިހާންއާ ގާތަށް ޖެހިލަމުން ޖޫދާ ބުންޏެވެ. ރައިހާން ރުއްސައިގެން އުޅުމަކީ އެންމެ ބޮލަށް ވެސް ފަސޭހަވާނެ ގޮތެވެ. އެ ކައިވެނީގައި ބަނދެވުނީ ވެސް އޭނާގެ މޮޔަކަމުންނެވެ. މުސްތަގުބަލުގައި ރައިހާންގެ ފަރާތުން މަންފާއެއް ވެސް ލިބެން އޮތީ މަތިއޮމާންކޮށްގެންނެވެ.

''ދުވަސްކޮޅަކަށް ޗުއްޓީއެއް ނަގަންވީއެއްނު؟...'' ރައިހާން ހިޔާލެއް ހުށަހެޅިއެވެ.

''ނޫން!، މިހާރު ކުރިއަށްދާ ޕްރޮޖެކްޓް ނިމުނީމަ ޗުއްޓީއެއް ނަގާނީ...'' ޖޫދާ ވަގުތުން ދެކޮޅު ހެދިއެވެ. އެއީ މިރާހްއާ ބައްދަލުވުމަށް އޭނާއަށް މިވަގުތު ލިބިފައި އޮތް ހަމައެކަނި ފުރުސަތެވެ. ހަމަހިލާ އެ ފުރުސަތު އަތުން ބީވެގެން ދިއުމުގެ ފުރުސަތެއް އޭނާ ނުދޭނެއެވެ. އަދިވެސް މިރާހްގެ ހިތާ ހަމައަށް ވާސިލުވެވިދާނެ ކަމުގެ އުއްމީދު އެ ހިތުގައި އެބައޮތެވެ.

''އެހެންވިއްޔާ އޮފީހުގައި ހޭދަކުރާ ވަގުތު މަދުކޮށްލަން އަހަންނަށް ފެންނަނީ...'' ރައިހާން ބުންޏެވެ. އޭނާ ބޭނުންވީ ޖޫދާއަށް ލުޔެއް ލިބޭނެ މަގެއް ފަހިކޮށްދޭށެވެ. ޖޫދާއާ މެދު ކަންބޮޑުވެފައިވާ މިންވަރު އެމޫނުން ހާމަކޮށްދެއެވެ. ރައިހާންއަށް ބަލަމުން ދިޔަ ޖޫދާގެ ހިތަށް ވެރިވީ ފޫހިކަމެވެ. މަތިއޮމާންކޮށްލަން ދެއްކުންތެރި ހިނިތުންވުމަކާއެކުގައި ރައިހާންގެ އަތުގައި އޭނާ ހިފާލިއެވެ.

''ރެއިން... އަހަރެން ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަމޭ... ޑޯންޓް ތިންކް ޓޫ މަޗް... ދެން ސްޓްރެސްގެ ސަބަބުން އަހަރުމެންގެ ގުޅުމަށް އަސަރުކުރުމުގެ ފުރުސަތެއް ނުދޭނަމޭ...'' ފަށުވި ދޮގުތަކުން ރައިހާން ހަމައަކަށް އަޅުވަން ޖޫދާ މަސައްކަތްކުރިއެވެ. ޖޫދާއަށް ބަލައިލި ރައިހާން އިރުކޮޅެއް ވަންދެން ވިސްނަން އިނދެފައި ބޯޖަހާލިއެވެ. ކަންބޮޑުވުން އެ ދެލޮލުގައި ވިޔަސް ޖޫދާގެ ވާހަކަތައް އޭނާ ގަބޫލުކުރިއެވެ. އިތުބާރުކުރާތީއެވެ.

''މިރޭ ބޭރަށް ކާން ދަމާ... އަލަށް ހުޅުވި ރަނގަޅު ރެސްޓޯރެންޓެއް އިންސްޓައިން ދުށިން...'' ވާހަކަ އޮޅުވާލަން ވެސް ޖޫދާ މޮޅެވެ. ރައިހާންގެ ސަމާލުކަން އަނބުރާލާނެ ގޮތްތައް އޭނާއަށް ރަނގަޅަށް އެނގޭ ކަހަލައެވެ.

''އަންނާނަން ތައްޔާރުވެލައިގެން...'' ރައިހާންގެ ތުންފަތުގައި ބޮސްދެމުން ޖޫދާ ކޮޅަށް ތެދުވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

ޖޫދާ ދިޔަ ދިމާއަށް ބަލަން އިން ރައިހާންގެ މޫނުން އަދިވެސް ނުތަނަވަސްކަން ފެނެއެވެ. ނަމަވެސް ޖޫދާގެ ވާހަކަތައް ގަބޫލުކުރުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

*****

''ރައިހާންއަކާ ހެދި ވެސް އުނދަގުލެއް ވަރު ވެޔޭ... ކީއްވެގެންތަ އަހަރެން އޭނާއާ ކައިވެނި ކުރީ؟... ފައިސާ ބޭނުންވާތީތަ؟... ނޫނީ އޭނާ އަހަރެން ދެކެ އިންތިހާއަށް ލޯބިވާތީ އަހަރެންގެ ހިތަށް އޮޅުވާލެވޭނެ ކަމަށްތަ؟... އާރގްގްގް... އެއްވެސް ކަމެއް ރަނގަޅަށް ނުދެޔޭ... މިހާރު އަހަންނަށް މި ޖެހެނީ އޭނާ ހިތްރުއްސަން ވެސް މަސައްކަތްކުރަން... ވަރިވާންވީތަ؟... ނޫން!... އޭރުން މިރާހް ފެނުމުގެ ފުރުސަތު ވެސް އަހަންނަށް ގެއްލޭނެ... ކުޑަ ދުވަސްކޮޅެއް... ހަމަ ކުޑަ ދުވަސްކޮޅަކަށް ކެތްކޮށްލަންވީ!...'' ރީތިވަމުން ދިޔަ އިރުގައި ޖޫދާއަށް ވިސްނެމުން ދިޔައެވެ. ރައިހާންއާ ކައިވެނި ކުރުން އެއީ ހެދުނު ބޮޑު ގޯހެއްކަން އޭނާގެ ޒަމީރު ހަނދާންކޮށްދޭވަރުން ވެސް ރުޅި ގަދަވާ ގޮތްވެ ހޫނުކަމެއް އިހުސާސްކުރެވުނެވެ.

ރީތިވެލައިގެން ޖޫދާ ނުކުތް އިރުގައި އިންތިޒާރުގައި ރައިހާން އިނެވެ. ޖޫދާ ބަދަލުކޮށްލި ނަޒަރާއެކުގައި ރައިހާން ހިނިތުންވެލިއެވެ. އޭނާ ސޯފާއިން ތެދުވަމުން ހިނގައިގަތީ ޖޫދާގެ ގާތަށް ދިއުމަށެވެ.

''ޔޫ ލުކް ސްޓަނިންގް...'' ޖޫދާގެ ކޯފާތަށް ބޮސްދެމުން ރައިހާން ބުންޏެވެ. ރައިހާންގެ ގާތްކަމުން އުނދަގޫ ވިޔަސް ޖޫދާ ކެތްތެރިވިއެވެ. އޭނާ ހިނިތުންވެލަމުން ރައިހާންގެ ދުލުން އޮހުނު ތައުރީފުގެ ބަސްތަކަށް ޝުކުރު އަދާކޮށްލިއެވެ.

*****

ރެސްޓޯރެންޓަށް ވަންނަން ދިޔަ ޖޫދާއަށް ކުއްލިއަކަށް ހުއްޓެވުނެވެ. ޖޫދާއަށް ރައިހާން ބަލައިލީ ހައިރާންކަމާއެކުގައެވެ. ޖޫދާއަށް ކަމެއް ވީއޭ ހިތާ އަވަސްއަވަހަށް ޖޫދާގެ އަތުގައި ވެސް ހިފާލިއެވެ. ސުވާލުކޮށްލެވުނީ ވެސް ތެޅިތެޅި އޮތް ހިތަކާއިއެކުގައެވެ.

''އައިމް ފައިން...'' ޖޫދާ އަވަސްއަވަހަށް ބުންޏެވެ. ''ރެއިން ދޭބަލަ މޭޒެއް ނަގަން... އަހަރެން އަންނާނަން އިރުކޮޅަކުން... ފްރެންޑަކާ ބައްދަލުކޮށްލަން މިދަނީ... ވަރަށް ދުވަސް ފަހުން ފެނުނީމަ ހައިރާންވީ ވެސް... ލަސްނުވެ އަންނާނަމޭ......''

ޖޫދާއަށް އައި ބަދަލު ރައިހާންއަށް ވިސްނުނެވެ. ޖޫދާއާ ބަދަލުކޮށްލި ހިނިތުންވުމަށްފަހު އޭނާ ބޯޖަހާލިއެވެ. އެއަށްފަހު ޖޫދާއަށް ވަގުތުދެމުން ރައިހާން އެތެރެއަށް ވަދެގެން ދިޔައެވެ.

ރައިހާން ދިއުމާއެކު ހަމަޖެހުމުގެ ނޭވާއެއް ޖޫދާއަށް ދޫކޮށްލެވުނެވެ. އަދިވެސް އެއްފަހަރު ފޮނި އެއްޗެހި ބަހައްޓާފައި ހުރި ސްޓޭންޑް ކައިރީ ހުރި އަންހެން ކުއްޖާއަށް ބަލައިލިއެވެ. ޔަގީންކަން ހިތަށް ލިބުމާއެކު ޖޫދާގެ ތުންފަތުގައި ދުވެލީ މަކަރުވެރިކަމުގެ ހިނިތުންވުމެވެ. އޭނާ ހޯދަމުން އައި ފަދަ ފުރުސަތެއް މަގުފެހިވެގެން ގޮސްފިއޭ ހިތަށް އެރިއެވެ.

''ހޭއި... ތާރާ؟...'' މީރު ފޮނިއެއްޗެއް ފެނޭތޯ ބަލަމުން ދިޔަ ތާރާ ސިހުނީ ފުރަގަހުން އޭނާއަށް މީހަކު ގޮވާލުމުންނެވެ. ހައިރާންކަމާއެކުގައި އޭނާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު އޭނާގެ ގާތަށް އައިސް ހުއްޓުނު އަންހެންކުއްޖާއަށް އޭނާ ބަލައިލިއެވެ. އެ މޫނުން ދަންނަ ވައްތަރު އޭނާއަށް ޖެހިއެވެ. ނަމަވެސް ބައްދަލުވިތަނެއް އޭނާގެ ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ.

''ހާއި... ކިހިނެއް ނަން އެނގުނީ؟...'' ބީރައްޓެހިކަމުގެ ހިނިތުންވުމަކާއިއެކުގައި ތާރާ ބުންޏެވެ.

''ނޭނގުނުދޯ؟... ވެޑިންގްއިން ދިމާވިއެއްނު...'' ޖޫދާ ހަނދާންކޮށްދިނެވެ. އޭނާގެ މަތިން ތާރާ ހަނދާން ނެތުމުން ހިސާބަކަށް ހިތްހަމަ ވެސް ނުޖެހުނެވެ. ނަމަވެސް ދެއްކުންތެރިކަމުގެ ހިނިތުންވުމަކުން އޭނާގެ ހިތުގެ އިހުސާސްތައް ޖޫދާ ސިއްރުކޮށްލިއެވެ.

''ހަނދާންވެއްޖެ... މިރޫގެ ފްރެންޑެއްދޯ؟...'' ތާރާއަށް އަހާލެވުނެވެ. ބީރައްޓެހިކަން ފިލައި އެކުވެރިކަމުގެ ކުލަވަރު ތާރާގެ މޫނަށް ވެރިވިއެވެ.

''ޔެސް...'' ޖޫދާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟