ވާހަކަ

ކަފަވިލާތަކު ތެރޭ - 6

ޖެހިގެން އައި ދުވަހުގެ ހަވީރު އޭނާ ވަރަށް ރީތިވެލިއެވެ. އާ ހެދުމެއްގައި އާގޮތަކަށް އިސްތަށިގަނޑު ހަދައިލިއެވެ. ގަހަނާއަކީ އޭނާގެ ވަރަށް ހާއްސަ އެކުވެރިއެކެވެ. ކޮންމެ ހެދުމަކާއެކު ވެސް އެ ހެދުމަކާ ގުޅޭ ގޮތަށް ގަހަނާ އެޅުމަކީ އޭނާ ގަޔާވާ ކަމެކެވެ. އެހެންކަމުން މަޑު ފިޔާތޮށިކުލައިގެ ހެދުމާ އެންމެ ގުޅޭ ގަހަނާސެޓުން އޭނާ ޒީނަތްތެރިވެލިއެވެ.

މިއަދު އޭނާ ބޭނުންވަނީ ވީހާވެސް ފުރިހަމައަކަށް ތައްޔާރުވާށެވެ. ފަހުދާ ބައްދަލުކުރުމަށް އެގެއަށް ދާން އޭނާ ނިކުތީ ވީއެންމެ ރަނގަޅަކަށް ރީތިވެގެންނެވެ.

ނައިބުގެއަކީ ބޮޑު ގެއެކެވެ. މާލޭގެ އެންމެ ގަދަރުވެރި އެއް އާއިލާ ދިރިއުޅޭ ގެއެވެ. ކުރިއްސުރެވެސް ބޮޑެތި ބޭބޭފުޅުންގެ ފަރާތުން ލިބިފައިވާ ޝާހީކަމުގެ ގޮތްތަކާއި ފާޑުގަނޑު އެގޭ ފާރުތަކުން ފެންނައިރު އެގޭގައި އުޅޭ މީހުންގެ ގައިގައިވެސް އެ ގޮތްގަނޑު ހުންނާނެތާއެވެ. އެކަމަކު ފަހުދު، ފަހުދު ހާދަ ތަފާތެވެ. ހާދަ ސަމާސާ ގޮތެއް ފަހުދުގެ ކިބައިގައި ހުރެއެވެ. ޒައިނާއަށް ފަހުދުގެ ކިބައިން ފެނުނު އެ މިޒާޖު ވަރަށްވެސް ކަމުދެއެވެ.

ތަފާތު ހިޔާލުތަކުގައި ހުރެގެން ޒައިނާ ގޭގެ ރަނގަބީލަށް ފިތައިލިއެވެ. ދެތިން މިނެޓުގެ އިންތިޒާރަކަށްފަހު ދޮރު ހުޅުވާލައިފިއެވެ.

"އާދެ"

ދެބައި އުމުރުގެ އަންހެނަކު ޒައިނާގެ ބީރައްޓެހި މޫނަށް ނޭނގިފައި ބަލައިލަމުން ސުވާލުގެ ރާގަކަށް ބުނެލިއެވެ.

"ފަހުދު އެބައުޅުއްވާތޯ" އޭނާ މަޑުމަޑުން އަހައިލިއެވެ.

"ފަހުދު. އާދެ، އެބައުޅުއްވާ" އަންހެންމީހާ ހިނިތުންވެލުމަށްފަހު ދޮރު އިތުރަށް ހުޅުވައިލިއެވެ.

"ދުރުވޭ"

ޒައިނާ އަންހެންމީހާގެ ފަސްފަހަތުން ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ. ތަނަވަސް ގަރާޖެއް ހުރަސްކޮށް ގޭގެ ބޮޑު ފެންޑާއަށް އެރުމާއެކު އަންހެން މީހާ އޭނާ އިށީނުމަށް ރީތި ސަރަންފީ ގޮނޑިއެއް ދެއްކިއެވެ. ކުރީ ޒަމާނުގެ ފާޑުވެރިކަމާއެކު މި ޒަމާނުގެ ގޮތަށް ބަދަލުކޮށްފައިވާ ގެއެކެވެ.

"މަޑުކޮށްލައްވާ. އަޅުގަނޑު ފަހުދަށް ގޮވައިލާނަން"

ޒައިނާ ގޮނޑީގައި އިށީނުމުން އަންހެންމީހާ އެތެރެއަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ. ހާދަ މީހުން ނޫޅޭ ގެއެކެވެ. މިހާ މުއްސަނދި ގެއެއްގައި ގިނަ މީހުން އުޅެން ޖެހޭނެ ނޫން ހެއްޔެވެ. ނޫނެކެވެ. އޭނާގެ އަމިއްލަ ގޭގައި ވެސް އުޅެނީ ތިން މީހުންނާއި ދެ ނޯކަރުންނެވެ. އަނެއްކާ މިހާ މުއްސަނދި ގޭގައިވެސް އުޅެނީ ވަރަށް މަދު މީހެއް ބާވައެވެ. އެކި ދިމަދިމާއަށް ކަޅި ހިންގަން އިންއިރު ޒައިނާގެ ހިތަށް އެތަކެއް އެއްޗެއް އަރައިފޭބިއެވެ.

"ޒައިނާ" ހައިރާންވެފައިވާ އަޑަކުން ގޮވައިލި ފަހުދަށް ބަލައިލުމާއެކު ޒައިނާއަށް ކޮޅަށް ތެދުވެވުނީ ބޭއިހުތިޔާރުގައެވެ.

"މިގެއަށް އަންނަން އެނގުނީ ކިހިނެއް؟"

"މީ..." ޒައިނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

ފަހުދު ބޭނުންވީ ޒައިނާ އެގެއިން ދިއުމަށެވެ. އެހެންނަމަވެސް ޒައިނާއަކީ އެހާ ފަސޭހައިން ކުރަން ބޭނުން ކަމެއް ނުވާނެއޭ ބުނެ ދޫކޮށްލާ ކަހަލަ ކުއްޖެއް ނޫން ކަމުން ގޮތްދޫކޮށް ދާކަށް ބޭނުމެއް ނުވިއެވެ. އިސްވެ އަންހެން ކުއްޖަކު ފިރިހެނެއްގެ ކުރިމަތީގައި ލޯބި ހުށަހަޅައި ތައުރީފުކުރުމަކީ ފިރިހެނުން އެ ދިމާއަކަށް ލެނބިގެންދާ ކަމެކެވެ.

ފަހުދަށް ވެސް ވީ އެ ގޮތެވެ. އަމިއްލަ ގޭގައި ހުއްޓައި އޭނާގެ ލޯތްބަށް އެދިގެން އައި ރީތި ޒުވާން ޒައިނާގެ އެދުމުގައި ކޮޅުފައިން ޖަހާކަށް ފަހުދު ބޭނުމެއް ނުވިއެވެ.

******

އެ ހިސާބުން ފެށިގެން ޒައިނާ ސްކޫލަށް ދިއުން ހުއްޓައިލިއެވެ. ރެއާއި ދުވާލުގެ ގިނަ ވަގުތު ޒައިނާ ހޭދަކުރަނީ ފަހުދުގެ ކޮޓަރީގައެވެ. ޝަފީގާއާއި ޒުބެއިރަށް އެމީހުންގެ ޒުވާން އަންހެން ދަރިފުޅުގެ މި ނޭދެވޭ ބަދަލު ކަމުނުދިޔަ ނަމަވެސް އެކަން ހުއްޓުވުމަށް ކުރެވުނު އެއްވެސް ކަމެއްވެސް ނެތެވެ. އެންމެފަހުން އަންހެން ދަރިފުޅު ހައްދު ފަހަނަޅައި ގޮސް ބޮޑު ބަދުނާމެއް ވެދާނެކަމުގެ ބިރަށް އެމީހުން ފަހުދުގެ ކިބައިން ޒައިނާއާ ކައިވެނި ކުރުމަށް އެދުނީއެވެ.

ހަމަ އެންމެ މަހެއްހައި ދުވަހުގެ ބައްދަލުވުންތަކަކަށްފަހު ޒައިނާ ފަހުދުގެ އަނތްބަކަށް ވެގެން އެގެއަށް ހިނގައްޖެއެވެ.

މި އުފާވެރި ހަބަރު ނަޖުމަށް ދިނުމަށް އޭނާ އެތައް ފަހަރަކު ނަޖުމް ދީފައިވާ ނަންބަރަށް ގުޅުމުގެ ނާކާމިޔާބު މަސައްކަތް ކުރިއެވެ. ހަޔާތުގެ މިހާ ހާއްސަ ދުވަހެއްގައި ނަޖުމްގެ ހެޔޮ ދުއާ ނުލިބުމަކީ ޒައިނާއަށް ލިބުނު ހިތަދަތިކަމަކަށް ވިޔަސް، އޭނާ ނުހަނު އެދޭ ލޯބި ލިބުމުން ދާދި އަވަހަށް އެ ދެރަވުން ހަނދާންނެތުނެވެ.

******

ފަހުދަކީ ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދާންޖެހޭ މީހެއްކަމުން ކައިވެންޏަށްފަހު މަހެއްހައި ދުވަސް ނުވަނީސް ފަހުދު ފުރައިފިއެވެ. އެ ދަތުރުގައި ޒައިނާ ގެންދިއުމަށް އެދުމުން ފަހުދު ހިނިތުންވެލާފައި ބުންޏެވެ.

"ބިޒްނަސް ޓްރިޕެއްގައި އަންހެނުން ގޮވައިގެން ދާނީ ކިހިނެއް؟ ޒައި ފޫހިވާނީ. މިކޮޅުގައި މަންމަމެން ވެސް ތިބޭނެއެއްނު. މަޑުކޮށްލާ. އެންމެ ހަފުތާއެކޭ"

ފަހުދު ފުރައިގެން ދިއުމުން ޒައިނާ އެ ބޮޑު ގޭގައި އެކަނިވީއެވެ. ފަހުދުގެ މަންމަ ކިތަންމެ ގިނައިން ޒައިނާ ކޮބައިތޯ ބަލަން ކޮޓަރިއަށް އަޔަސް އިސްއުފުލާލާފައި ނުވަތަ އެނދުން ތެދުވެ މައިދައިތައާ ވާހަކަދައްކަން ޒައިނާ ބޭނުމެއް ނުވެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ނުހަނު ލޯބިވެގެން ކައިވެނި ކުރީވެސް ލޯބިވާ މީހާއާއެވެ.

އެހެންކަމާއެކު ވެސް ހިތްހަމަޖެހިގެން ދިރިއުޅުން ބޭނުންވާ ގޮތަކަށް ނުގެންދެވުނެވެ. ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން ފުރައިގެން ދިއުމާ ހަމައަށްވެސް ފަހުދުގެ އުޅުން ހުރީ ތަފާތު ގޮތަކަށެވެ.

އަލަތު ކައިވެނީގެ ރޭ ނިދިފައި އޮވެފައި ލޯ ހުޅުވާލެނު ވަގުތު، ޒައިނާއަށް ސިހުމެއް ލިބި ހައިރާން ވާން ޖެހުނީ، ފަހުދު ފޯނެއްގައި ހުރި ތަން ފެނުމުންނެވެ. އެ ވާހަކަ ދައްކަނީ ކާކާ ކަމެއްވެސް ނޭނގެއެވެ. އޭނާ އޮތީ ހޭލާކަން އެނގުމުން ފަހުދު އަވަހަށް ފޯނު ބާއްވާފައި އައިސް އެނދުގައި އިށީނެވެ. އެކަމަކު މާގިނަ ވާހަކަ ދައްކާކަށް ފަހުދު ގަސްދެއް ނުކުރެއެވެ.

މަޑުމަޑުން އެކި ކަހަލަ ގޮތްނޭނގޭ ކަންތައް ދިމާވާން ފެށިއެވެ. ފަހުދުގެ ގޮތް ނޭނގޭ ކޯލުތަކާއި އެތައް ދަމެއް ވާއިރުވެސް ބައެއް ރޭރޭ ގެއަށް ނައިސް ލަސްވާ ހިސާބަށް ކަންތައް ދިޔައެވެ. ދުވާލާއި ރޭގަނޑު އެކަނިވެ ފޫހިވުމުން، ކޮޓަރިން ބޭރަށް ނުކުމެލިޔަސް ޒައިނާއަށް ސަމާލުކަން ދޭނެ މީހަކު މި ބޮޑު ގެއަކު ނެތެވެ.

އެހެންކަމުން މި ހުރިހާ ކަމަކަށްވެސް ކެތްކުރުން ނޫން ގޮތެއް ނެތުމުން ޒައިނާއަށް ޖެހުނީ ހާލަތަށް ތަބާވެގެން މަޑުމަޑުން ހުންނާށެވެ. އެހެންކަމުން ފަހުދު ފުރައިގެން ދިއުމުން ޒައިނާއަށް ލިބުނު އެކަނިވެރިކަން ދުރުކުރަން އެއްވެސް މީހެއްގެ އެހީ ބޭނުމެއް ނުވިއެވެ.

******

އެއް ހަފުތާއަށްފަހު ފަހުދު މާލެ އައިއިރު ޒައިނާގެ ހާލު ވަނީ ވަރަށް ދެރަވެފައެވެ. ބޮލުގައި ރިއްސައި ހޮޑުލުމާއެކު މުޅި މީހާ ވަނީ ފެންދަމާލައިފައެވެ. ފަހުދުގެ މަންމަ ޝަކުވާ ކުރިއެވެ. އާދޭސް ކުރުމުން ވެސް ޒައިނާ ކޮޓަރިން ނުނިކުތީތީ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ފަހުދު ނެތުމުން ޒައިނާ ޑޮކްޓަރަށްވެސް ނުދައްކައި ހުރުމުން އަދި ކުޑަމިނުން ފަހުދުގެ މަންމަ ގާތުގައިވެސް ބުނެވެސް ނުލައި އުޅުމުން ފަހުދު ސުވާލުކުރިއެވެ.

އެކަމަކު އެއިން އެއްވެސް ވާހަކައަކަށް ޒައިނާ ޖަވާބެއް ނުދެއެވެ.

ނައިބުގޭ ފެމިލީ ޑޮކްޓަރު، ދެއްވީ އުފާވެރި ހަބަރެކެވެ. ޒައިނާ ބަލިވެއިނީއެވެ. ފަހުދުގެ ފަރާތުން ޒައިނާ އުއްމީދުކުރީ އިންތިހާ އޯގާތެރިކަމާއި ނިހާއީ ލޯތްބެކެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ މިންވަރާ ގާތަށް ވެސް ފަހުދުގެ ފަރާތުން އަޅައިލުމެއް ނުލިބުނެވެ. ގިނަ ވަގުތު ގެއިން ބޭރުގައި އުޅުމާއި، ގޭގައި އުޅޭ ވަގުތުގައި ދިގު ކޯލްތަކުގައި އިނުމަކީ ފަހުދުގެ އާދައަކަށް ވެއްޖެއެވެ.

ބަލިވެ އިނުމާ ގުޅިގެން ޒައިނާއަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން އައި ބަލިކަށިކަމުގެ ސަބަބުން ކުދިކުދި ކަންކަމާ ވެސް ހިތުގައި ޖެހި ރޮވޭގޮތް ވާން ފަށައިފިއެވެ. މައިދައިތަގެ ފަރާތުން ލިބޭ އޯގާތެރިކަން ކިތަންމެ ބޮޑު ނަމަވެސް ޒައިނާއަށް އެންމެ ބޭނުންވާ ފިރިމިހާގެ ލޯބި ނުލިބުމަކީ ކެތްވާވަރުގެ ކަމަކަށް ނުވެއެވެ.

މައިންބަފައިންގެ ކިތަންމެ ބޮޑު ނުރުހުމަކާއެކު ކުރި ކައިވެންޏަކަށް ވިޔަސް ޒައިނާ ބަލިވެ އިންކަން އެނގުމުން އެމީހުންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ވެސް ޒައިނާއަށްޓަކައި މާބޮޑުކަމަކަށް ނުވީ އިންތިހާއަށް ލޯބިވާ ފިރިމީހާ އޭނާއަށް ސަމާލުކަން ނުދިނުމާއި އޭނާއާ މެދު ފަރުވާކުޑަ ކުރުމެވެ. ހިތަށާއި ސިކުނޑިއަށް ނަޖުމްގެ ހިޔާލާއި އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އެކަމެއްވެސް ޒައިނާއަކަށް ނުވިއެވެ.

ތަފާތު އެތައް ގޮތަކަށް ފަހުދާ ވާހަކަދެއްކުމަށް ޒައިނާ ކުރި މަސައްކަތްތައް ވީ ބޭކާރެވެ. ނުވަ މަސްދުވަހުގެ ވޭނާއި ބުރަ އުފުލަމުން ދިޔައިރު ޒައިނާއަށް ފަހުދުގެ ފަރާތުން ފެނުނު އެ ކަންތައްތަކުން އިހުސާސް ކުރެވުނީ އޭނާއަކީ ބޭކާރު މީހެއް ކަމެވެ. ނަތީޖާއަކަށްވީ ބަނޑުގައިވާ ދަރިފުޅު ދެކެ ފޫހިވުމެވެ. އެ ދަރިފުޅު ދެކެ ލޯބިނުވުމެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް ހިތުގައި ފަހުދުގެ ލޯތްބަށް އެ ދެވުމުގެ އިންތިހާ ދަހިވެތިކަން އުފެދުމުގެ ހިތި ނަތީޖާއަކަށްވީ މައިކުލުނު ބަލިކަށިވުމެވެ.

******

އެންމެ ފަހުން... ނުވަ މަސްދުވަހުގެ ތަކުލީފަށްފަހު ޒައިނާ ވިހަން ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. މައިދައިތަގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ކަންނޭނގެއެވެ. ޒައިނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ފަހުދެވެ. އެހެންނަމަވެސް އެޑްމިޓް ކުރިތަނާ ޒައިނާގެ މަންމަ ހޮސްޕިޓަލަށް އައުމާއެކު ފަހުދު އެތަނުން ގެއްލިއްޖެއެވެ. ދިޔަ ނުދިޔަ ތަނެއް ނުވަތަ ވީނުވީ ގޮތެއް އެނގޭ އެކަކުވެސް ނެތެވެ.

ކާކުގެ ހެޔޮ ދުއާގެ އަސަރު ކަމެއް ނޭނގެއެވެ. ކަލާނގެ މިންވަރުފުޅުން މާބޮޑު ދަތިކަމެއް، ނުރައްކަލެއް ނެތި ސިއްހަތު ރަނގަޅު ސަމައްތަރު ހެޔޮ ފިރިހެން ކުއްޖަކު ޒައިނާ ވިހައިފިއެވެ. ވިއްސާ ކޮޓަރިން ޕްރައިވެޓް ވޯޑަށް ލަސްތަކެއް ނުވެ ބަދަލުކުރިއިރު ވެސް ފަހުދުގެ އެއްވެސް ހަބަރެއް ނުވެއެވެ. ޒައިނާގެ ގާތުގައި އިނީ ޝަފީގާއެވެ.

"މަންމާ. ފަހުދު ނާދޭތަ؟"

ވަރުބަލިކަމާއެކީ ޒައިނާ މަންމައާ ސުވާލުކުރީ ދެ ދުވަސް ވީއިރު ވެސް ފަހުދުގެ އެއްވެސް ހިލަމެއް ނުވުމުންނެވެ.

"ފަހުދުގެ މަންމަ ހެނދުނު އައި" ޝަފީގާ ބޭނުންވީ އެ ވާހަކަ ނުދައްކާށެވެ.

"ދަރިފުޅަށް އޮތީ ނިދިފައި. ކުޑަމީހާ އުރާލައިގެން އިނދެފައި ދިޔައީ"

"އަހަރެން މި ދެއްކީ ފަހުދުގެ ވާހަކަ. މަންމަގެ ވާހަކައެއް ނާހަން" ޒައިނާ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

"އަހަރެން ނިދިފައި އޮއްވައި ވެސް ފަހުދު ނާދެއެއްނު ދޯ....؟"

"ދަރިފުޅާ. އިހަށް މިވަގުތު ތި ވާހަކަ ނުދައްކާ. މިއަދު ދަރިފުޅު ގެއަށް ފޮނުވާލާނެ ކަންނޭނގެ. ގެއަށް ގޮސް ތި ވާހަކަ ދައްކާނީ. މަންމަ ދަރިފުޅާ ކުޑަމީހާ ދުވަސްކޮޅަކަށް ގެއަށް ގެންދިއުމަށް ހުއްދަ ހޯދައިފިން.

މިދުވަސްކޮޅު އެކަނި އުޅެން ދަރިފުޅަށް ފަސޭހަ ނުވާނެ. އެގޭގައި ދަރިފުޅަށް އެހީވާނެ ބަޔަކު ނުތިބޭނެ. ފަހުދުގެ މަންމައަކީ ބަލިމީހެއް. ގޭގައި ގެންގުޅޭ މީހުން ކުދިން ގެންގުޅޭނީ ފަރުވާކުޑަކޮށް....."

ނަސީބެކެވެ. ޝަފީގާއަށް ހެޔޮ ވިސްނުމެއް ލިބިއްޖެއެވެ. ގޭގައި ގެންގުޅޭ މީހުންގެ އަތްމައްޗަށް އަމިއްލަ ދަރިފުޅު ދޫކޮށްލި ދުވަހު އެ ވިސްނުން ނުގެންގުޅުމުގެ ނަތީޖާ ކިހައި ހިތިކަން އެނގުނީ ތޯއްޗެކެވެ.

"މަންމާ" ހިތްދަތި އަޑަކުން ޒައިނާ ގޮވައިލިއެވެ. "މަންމާ. ނިންމިގެ އެއްވެސް ހަބަރެއް ވެސް ނުވޭ ދޯ؟"

ޝަފީގާ ޒައިނާގެ މޫނަށް ބަލައިލިއެވެ. ނަޖުމް ނެތުމުގެ ފަޅުކަން އޭނާއަށް އިހުސާސް ވާއިރު ޒައިނާއަށް ކިހާވަރެއް ވާނެހެއްޔެވެ. ޒައިނާއަށްޓަކައި ނަޖުމަކީ ކިހާ ހާއްސަ މީހެއްކަން ޝަފީގާއަށް އެނގެއެވެ.

"މަންމަ ވަރަށް މަސައްކަތް ކުރިން ގުޅޭތޯ. އެކަމަކު ދަރިފުޅު ދިން ނަންބަރުން ލިބުނީ ވަރަށް އެހެންކަހަލަ ޖަވާބެއް. އެ ގެޔަކު އެހެންކިޔާ މީހަކު ނޫޅެޔޯ" ޝަފީގާ ބުނެލިއެވެ.

"ކީއް ކުރަނީ؟!" ޒައިނާ ފުން ނޭވާއެއްލިއެވެ.

"އެންމެ ފަހު ވަގުތު ނިންމި ވެސް އަހަރެން ދޫކޮށްލީ. އަބަދުވެސް ނިންމި ބުނާނެ އަހަރެން ބޭނުންވާ، އޭނާ މިސްވާ ވަގުތު ހުންނާނަމޭ. އަހަރެން ދޫކޮށް ނުލާނަމޭ. އެކަމަކު، މިއަދު އަހަރެން އޭނާއަށް އެންމެ ބޭނުންވީ ވަގުތު އޭނާވެސް އަހަރެން ދޫކޮށްލީ. އެކަނިކޮށްލީ"

ޒައިނާ ލޯމަރައިލިއެވެ. އެސްފިޔަތަކުން ފުރޭނިގެން ކޯތާފަތުގެ މަތިން އޮހެން ފެށި ކަރުނަތައް އޭނާގެ ހިތުގެ ހާލު ކިތަންމެ ރަނގަޅަކަށް ވެސް ބުނެދީފިއެވެ.

ދެތިން މިނެޓް ފަހުން ކުއްލިއަކަށް އޭނާގެ ނޭފަތުގައި ހިތުދަސް ވަހެއް ޖެހިއްޖެއެވެ. އެކަމަކު އޭނާ ލޯހުޅުވާކަށް ބޭނުމެއް ނުވިއެވެ. އެއީ ހީވި ހީވުމެކެވެ. އެކަހަލަ ކުށްހީ މިފަދަ ވަގުތެއްގައި ކުރެވޭނެއެވެ.

(ނުނިމޭ)