ވާހަކަ

ދޭތޯ ތި ހިތް - 21

2

މެންދުރުގެ ވަގުތުކަމުގައި ވިޔަސް ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ ސަބަބުން އިރުގެ ހޫނުކަން މާބޮޑަށް އިހުސާސެއް ނުކުރެވެއެވެ. ޖައްވުގައި ވެސް މިއަދު އާދަޔާ ހިލާފަށް ވިލާ ގިނަކަމަށް ދައްކައެވެ. ހާމަފެންޑާއަށް ނިކުމެވުމާއެކު މާހުތާބް ވަށައިގެން ހޯދާލިއެވެ. ކުލަކުލައިގެ މާގަސްތަކާއި ފެންނަމުން ދިޔަ ފެހިކަމުން އެއީ ޒުބެއިދާގެ ބުރަ މަސައްކަތްކަން މާހުތާބްއަށް ނަގައިގަނެވުނެވެ. އޭނާ ޒުބެއިދާއަށް ތައުރީފުކޮށްލިއެވެ. ސަރުވާއަށް ލިބިފައިވަނީ ޒުބެއިދާގެ މަޑުމަތިރިކަމާއި ހިތްރިކަމެވެ. އެ އޯގާތެރި ހިނިތުންވުމާއި ރީތިކަމެވެ.

ހާމަފެންޑާގައި ހުރި އުނދޯލި ކައިރިއަށް ހުއްޓިލަމުން މާހުތާބް ގާތު އިށީނުމަށް ޒުބެއިދާ އެދުނެވެ. މާހުތާބް އުމުރުން ދުވަސްވެފައި ދުނިޔޭގެ ތަޖުރިބާ ވެސް އޭނާއަށްވުރެ ގިނަ ވާނެތީ އަދަބުއިހުތިރާމު އަދާކުރަން ޒުބެއިދާ ސަމާލުކަން ދިނެވެ. ފަހަރެއްގައި ވިޔަސް މާހުތާބް ހިތަހަމަނުޖެހިދާނެ ފަދަ ކަމެއް ފެންނަން އޭނާ ބޭނުމެއް ނުވިއެވެ. ހިސާބަކަށް ބޮޑާކަން މާހުތާބްގެ ފަރާތުން ފެނުނުކަމުގައި ވިޔަސް އޭނާއާ ބައްދަލުކޮށްލި ފުޅާ ހިނިތުންވުމުން ޒުބެއިދާގެ ހިތް ސާފުވެގެން ދިޔައެވެ.

''ޒުބެއިދާ ވެސް އިށީނދެބަލަ...'' އުނދޯލީގައި ހުސްކޮށް ހުރި ޖާގައިގައި އަތްތިލަ ޖައްސާލަމުން މާހުތާބް ބުންޏެވެ. އޭނާގެ ހައިބަތު ފެނި ޒުބެއިދާ ފަސްޖެހިފައި ހުރިކަން އެ ދެލޮލުން ފާހަގަކުރެވުނެވެ. މާހުތާބް މަސައްކަތްކުރީ އެކުވެރި މާހައުލެއް ބިނާ ކުރާށެވެ. އޭނާގެ ހިތުގައިވާ ވާހަކަތައް ހިއްސާކުރަން ވެސް ފަސޭހަވެގެން ދާނީ ދެނެވެ.

''ވަރަށް ހިތްހަމަޖެހޭ މާހައުލެއް...'' ފުންނޭވާއެއް ދޫކޮށްލަމުން މާހުތާބް ބުންޏެވެ. މާހުތާބްއަށް ބަލައިލި ޒުބެއިދާ ހިނިތުންވެލިއެވެ. އެ ވަގުތު އާފާގު ވެސް އަތުވެއްޖެއެވެ. އޭނާ އިށީނީ އުނދޯލި ކައިރީގައި ހުރި ސަރަންފީ ގޮނޑީގައެވެ. އަދި މާހުތާބްއަށް ބަލައިލިއެވެ.

''ޒިވްޔަންގެ އެދުމަކީ ވީހާވެސް އަވަހަކަށް ސަރުވާއާ ކައިވެނި ކުރުން... ކައިވެނީގެ ވާހަކަ އަހަރެން ގާތު ފުރަތަމަ ޒިވްޔަން ހިއްސާކުރުމުން ސިހުން ވެސް ލިބުނު، އެކަމަކު ސަރުވާއާއި ސަރުވާގެ މައިންބަފައިންނާ ބައްދަލުވުމުން ހިތުގައިވި ހުރިހާ ކަމެއް ފިލައި ގޮސްފި... ސަރުވާއަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ހުރި އަހުލާގު ރަނގަޅު ކުއްޖެއް... ޒިވްޔަންއާ އެންމެ އެކަށީގެންވާނެ ބައިވެރިޔާ... ދެކުދިން ވެސް އަވަހަށް ކައިވެނި ކުރަން ބޭނުންވެފައިވާތީ އިތުރަށް މަޑުޖެއްސުމުގެ ބޭނުމެއް ނެތޭ އަހަރެންގެ ހިތް ބުނަނީ... އެ ދެކުދިންނަށް ޔަގީންކަން އޮތިއްޔާ އެއްބާރުލުން ދިނުން އޮތީ އަހަރުމެންގެ އަތްމަތީގައި...''

ދުރުދުރުން ވާހަކަދެއްކުމުގެ ބަދަލުގައި މާހުތާބް ދިޔައީ ސީދާ އޭނާގެ މައުލޫއަށެވެ. އޭނާގެ ޖުމުލަ ފުރިހަމަ ކުރަމުން ވަކިވަކިން ޒުބެއިދާއާއި އާފާގުގެ މޫނަށް އޭނާ ބެލިއެވެ. ވަކިން ހާއްސަ ގޮތެއްގައި އާފާގުގެ މޫނަށް އޭނާ ސަމާލުކަން ދިނެވެ. އޭނާގެ ވާހަކައާ ދެބަސްވާކަމުގެ ޝޫއޫރެއް އާފާގު މޫނުން މާހުތާބްއަކަށް ނުފެނުނެވެ. އެއީ އޭނާއަށް ހަމަޖެހުން ގެނެސްދިން ކަމެކެވެ. އާފާގުއަށް ޒިވްޔަން ކަމުގޮސްފިކަމުގެ ޔަގީންކަމާއެކު މާހުތާބްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

''ސަރުވާއަށް އެއްވެސް ކަމެއް އުނިވުމުގެ ފުރުސަތެއް ޒިވްޔަން ނުދޭނެކަމުގެ ޔަގީންކަން އަހަރެން ދެން... ލޯތްބާއި ހިމާޔަތް ވެސް ޒިވްޔަންގެ ފަރާތުން ލިބޭނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރަން، ހަމައެއާއެކު އުފަލާއެކު ޒިވްޔަންގެ އާއިލާއިން ސަރުވާ ބަލައިގަންނާނެ... އަހަންނަކީ އާއިލާގެ ހުރިހާ ނިންމުމެއް ނިންމާ އިސްވެރިޔާ... އަހަންނަށް ސަރުވާ ވަރަށް ބޮޑަށް ކަމުގޮސްފި... އިރާދަކުރެއްވިއްޔާ ޒުބެއިދާ ތިދޭ ލޯތްބާއި އަޅައިލުން އަހަރެންގެ ފަރާތުން ސަރުވާއަށް ލިބޭނެ... އާއިލާގެ މެންބަރެއްގެ ގޮތުގައި ބަލައިގަންނާނީ ވެސް އުފަލާއެކުގައި...'' ޒައިނަބުގެ އަތުގައި ހިފާލަމުން މާހުތާބް ބުންޏެވެ. މާހުތާބްގެ އަޑުގައިވި ޔަގީންކަމުން ޒައިނަބު ޖަޒުބާތީވާ ގޮތް ވެސް ވެއްޖެއެވެ. ކައިވެންޏަށް ފަހުގައި ވެސް މައިވަންތަކަމުގެ ލޯތްބާއި އަޅައިލުން ސަރުވާއަށް ދޭނެ ފަރާތެއް ވާނެކަމުގެ ޔަގީންކަން އެ ހިތަށް ލިބުނެވެ. އެއީ އަބަދުވެސް އޭނާ ކުރަމުން އައި ދުއާއެކެވެ. ރަނގަޅު ބައިވެރިއެއް ސަރުވާއަށް ދެއްވުމަށެވެ. ފިރިމީހާގެ އާއިލާގެ ލޯބި އަބަދުމެ ސަރުވާއަށް ލިބުމަށެވެ.

''ކީކޭތަ އާފާގު ބުނަނީ؟...'' މާހުތާބްގެ ނަޒަރު އާފާގުގެ މޫނަށް ހުއްޓުނެވެ. ސަރުވާގެ މައްޗަށް ނިންމުންތައް ނިންމުމުގެ ހައްގު އޮތީ އާފާގުގެ އަތްމަތީގައިކަން އެނގޭތީ މާހުތާބް އިންތިޒާރުކުރަން ފެށީ އާފާގުގެ ޖަވާބެކެވެ.

''ސަރުވާ އެދޭ ގޮތަކާ ދުވަހަކު ވެސް އަހަރެން ދެކޮޅެއް ނުހަދާނަން... އަހަންނަށް އަބަދުވެސް މުހިންމީ ސަރުވާގެ އުފާވެރިކަން... ސަރުވާ އުފަލުގައި ގެންގުޅުމުގެ ގާބިލުކަން ޒިވްޔަންގެ ހުރިކަން ވެސް ޔަގީން ވެއްޖެ...'' ޒުބެއިދާއާ ބަދަލުކޮށްލި ނަޒަރާއެކު އާފާގު ބުންޏެވެ.

''އެހެންވިއްޔާ ކައިވެނީގެ މަޝްވަރާތައް ފަށަންވީ ދޯ؟... ދެފަރާތުގެ އާއިލާ ބައްދަލުކޮށް ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ވާނީ ވެސް...'' އިތުރަށް ކައިވެނީގެ މައުލޫއުއަށް ވާހަކަދެއްކުން ބުއްދިވެރިވާނީ ރަސަލްއާއި ކުލްޘޫމާގެ ހާޒިރުގައިކަން މާހުތާބްއަށް ވިސްނުނެވެ.

''ޒިވްޔަންއަށް އަދިވެސް އޭނާގެ މަންމައާއި ބައްޕަ ގާތު ސަރުވާގެ ވާހަކަ ބުނަން ނުކެރިގެން އުޅެނީ... މިއަދުގެ ބައްދަލުވުމަށްފަހު އެ ވާހަކަ ވެސް ހިއްސާކުރަން އަހަރެން ގާތު އެދުނީ... އެ ސޮރު އެހެން ހުއްޓަސް ނިކަން ލަދުރަކި ވާނެ... މިއަދުވެސް އެކަނި އަންނަން ނުކެރިގެން އަހަރެން ގޮވައިގެން އެ އައީ...'' މާހުތާބް އިތުރުކޮށްލިއެވެ. މާހުތާބްގެ ޖުމުލައިން ޒިވްޔަންގެ މައިންބަފައިންނާ މެދުގައި ޒުބެއިދާގެ ހިތުގައި އުފެދިފައި އޮތް ސުވާލުތަކަށް ޖަވާބު ލިބުނެވެ.

އާފާގުއާއި ޒުބެއިދާ ވެސް ހިނިތުންވެލިއެވެ. އޭރު ބީރައްޓެހިކަން ވެސް ފިލައި ގޮސްފިއެވެ. ނަމަވެސް މާހުތާބްއަށް ދޭން ޖެހޭ ގަދަރާއި އިއްޒަތަށް ކުޑަވެސް އުނިކަމެއް އެ ދެމަފިރިން ނުގެނެއެވެ. ފުރުސަތުގެ ބޭނުން ހިފައި ދުރުދުރުން އާފާގުގެ އާއިލާގެ ވާހަކަ ވެސް އޮޅުންފިލުވަން މާހުތާބް ސުވާލުކޮށްލިއެވެ. އެ ސުވާލުން އާފާގުއަށް އުނދަގޫވި ކަމުގައިވިޔަސް ސިއްރުކުރުމެއް ނެތި އޭނާ ކިޔައިދިނެވެ.

''އާއިލީ ހަމަނުޖެހުމުގެ ތެރޭން ދުރަށް ދާން މިކޮޅަށް ވެސް ބަދަލުވީ... އަމިއްލަ ކުންފުންޏެއް ވެސް އުފެއްދީ އާއިލީ ވިޔަފާރީގައި ބޮޑެތި މައްސަލަތައް ޖެހެން ފެށުމުން... އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށްވުރެ ދިރިއުޅުމުގެ ކަންތައް ރަނގަޅު...'' އާފާގު ބުނެދިނެވެ.

އާފާގުއަށް ސަމާލުކަން ދީގެން އިން މާހުތާބްއަށް އާފާގުގެ އާއިލާ ނަގައިގަނެވުނެވެ. އެއީ ވެސް މާލޭގައި އެއްއިރެއްގައި ކަމުވޮށިވި އާއިލާއެކެވެ. ނަމަވެސް އެ އާއިލާގެ އިސްވެރިޔާ ނިޔާވުމާއެކު އުފެދިގެން އައި ހަމަނުޖެހުންތަކުގެ ސަބަބުން އާއިލާގެ ނަން ވެސް ކިލަނބުވެގެން ދިޔައީއެވެ. މާހުތާބް ހިތުގައި އާފާގުއަށް ގަދަރު އުފުލިގެން ދިޔައީ އެ ހުރިހާ ކަމަކުން ދުރުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ހޯދާފައިވާ ކާމިޔާބާއި މުއްސަނދިކަން ފެނުމުންނެވެ. އެއީ އާފާގުގެ އަމިއްލަ ބުރަ މަސައްކަތުގެ ރަމްޒެކެވެ.

*****

''އަޅެ މަންމަމެން ކޮން ވާހަކައެއްތަ އެ ދައްކަނީ؟، ހާދަ ގިނައިރެކޭ އެވަނީ...'' ބޮޑުކޮޓަރީގެ ސޯފާގައި އިން ބަތޫލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ހަމަފެންޑާގެ ދޮރާ ދިމާއަށް ދާން އޭނާ އުޅުނު ހިނދު އެ އަތުގައި ހިފެހެއްޓީ ސަރުވާއެވެ.

''ބަތޫ!، ބޮޑެތި މީހުން ވާހަކަދައްކާއިރު އަޑުއެހުމަކީ ގޯސްކަމެކޭ... މިތާ މަޑުން އިށީނދެބަލަ...'' ބަތޫލްގެ އަތަށް ދަމައި ސޯފާގައި ބައިންދަމުން ސަރުވާ ބުންޏެވެ. ވަކިން ހުރި ސޯފާ ގޮނޑީގައި އިން ޒިވްޔަންއަށް ވެސް އޭނާ އަވަސް ނަޒަރެއް ދިނެވެ. ބަތޫލްގެ އަމަލުތަކުން ސަރުވާ އިނީ ލަދުވެސް ގަންނަ ގޮތް ވެފައެވެ. ބަތޫލްގެ ކެތްތެރިކަން ކުޑަވެފައި ވިޔަސް ސަރުވާގެ ހިތުގައި އޮތީ ފޮނިފޮނި އުއްމީދުގެ ރާހަތެވެ. ބައްޕަ އޭނާއަށް ދިން ހިނިތުންވުމުން ބައްޕަގެ ހިތް ސަރުވާއަށް އޮތީ ދޭހަކުރެވިފައެވެ. އެ ހިތަށް މުޅިން އައު ދިރުމެއް ލިބިގެން ގޮސްފައިވާ ކަހަލައެވެ. ޒިވްޔަންއަށް ބެލެމުން ދިޔަ ނަޒަރު ވެސް މުޅިން ބަދަލުވެއްޖެއެވެ. ޒިވްޔަންގެ ހައްގަކަށް ވާނެ ދުވަހަކަށް މިހާރުއްސުރެ އިންތިޒާރުކުރެވެން ފަށައިފިއެވެ.

''ފައިން...'' ސޯފާގައި އިށީން ބަތޫލް ތުންދަމާލިއެވެ. އޭނާގެ ސަމާލުކަން ދެން ހުއްޓާލީ ޒިވްޔަން އަށެވެ. ޒިވްޔަންގެ ހުންނަ ހުވަފެނީ ގޮތުން ބޭއިހުތިޔާރުގައި ބަތޫލްއަށް ހިނިތުންވެވުނެވެ.

''ޔޫ އާރ ސޯ ހޭންޑްސަމް...'' ޒިވްޔަންއާ ނަޒަރު ވަކިކުރުމެއް ނެތި ބަތޫލް ބުންޏެވެ. އޭނާ ޒިވްޔަންއާ ގާތަށް ޖެހިލަމުން ބޯ އަރިކޮށްލަމުން ޒިވްޔަންއަށް ބަލަން ފެށިއެވެ. ބަތޫލްގެ އެ ހަރާކަތުން ޒިވްޔަންއަށް ހެވުނެވެ.

''ބަތޫލް...'' ސަރުވާއަށް ބަތޫލްގެ ކޮނޑުގައި ބޮނޑިއެއް އަޅާލެވުނެވެ.

''ދޮންތި ހަމަ ވަރަށް ނަސީބު ގަދަ...'' ބަތޫލް ބުންޏެވެ. ''ކީކޭ ޒެން ބުނަނީ؟...''

''ތެދަށް ބުނަންޏާ އަހަރެން ނަސީބު ގަދައީ...'' ޒިވްޔަން ވެސް ބަތޫލްގެ ސަމާސާތަކުގައި ބައިވެރިވިއެވެ.

''ޒެން!، އޭނާއަށް ވާގި ނުދީ... ދެން ހުއްޓައެއް ނުލާނެ...'' ސަރުވާ ބުންޏެވެ. ހަގީގަތުގައި ޒިވްޔަންއާއި ބަތޫލްގެ ބަދަހިވަމުން އައި އެކުވެރިކަމުން ސަރުވާއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. އޭނާގެ އާއިލާއިން ޒިވްޔަން ބަލައިގެންފި ކަމުގެ އުފާވެރިކަން ސަރުވާގެ ލޮލުގައި ބަބުޅަމުން ދިޔަ ވިދުމުން ހާމަކޮށްދެއެވެ.

''ސޯ ދިސް އިޒް ޔޯ ފަސްޓް ލަވް؟...'' ސަރުވާއަށް ސަމާލުކަން ދިނުމެއް ނެތި ބަތޫލް ސުވާލުކުރަން ފެށިއެވެ.

''ޔެސް، ލަވް އެޓް ފަސްޓް ސައިޓް...'' ޒިވްޔަންގެ ޖުމުލައިން ސަރުވާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

''ހާދަ ފިލްމީއޭ ދެން...'' ބަތޫލް ބުންޏެވެ.

''ބަތޫގެ އިންޓޮރެގޭޝަންއަކަށް ނޫނޭ ޒެން އައިކީ...'' ސަރުވާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެވެނީސް ހާމަފެންޑާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަވަސްއަވަހަށް ސަރުވާއާއި ޒިވްޔަންއަށް ސޯފާއިން ތެދުވެވުނެވެ. ޒިވްޔަންއާއި ސަރުވާއަށް ވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

''ބައްޕާ...'' ސަރުވާއަށް ގޮވާލެވުނެވެ. އޭރު މާހުތާބްގެ ފަހަތުން އައިސް އާފާގުއާއި ޒައިނަބް ހުއްޓުނެވެ.

''ޒިވްޔަން...'' ސަރުވާއަށް ދިން އަވަސް ނަޒަރާއެކު އާފާގުގެ ސަމާލުކަން ހުއްޓާލީ ޒިވްޔަންއަށެވެ. ޒިވްޔަން ކުރިއަށް ޖެހިލިއެވެ. އަދި ސަރުވާގެ ގާތުގައި ހުއްޓުނެވެ.

''ވަރަށް ބޮޑަށް އިތުބާރުކޮށްފައި ޒިވްޔަންއަށް ފުރުސަތު މިދެނީ... ސަރުވާ އުފަލުގައި ބަހައްޓައި ދޭނަންތަ؟...'' އާފާގު ސުވާލުކޮށްލިއެވެ.

''ލައްބަ...'' އަވަސްއަވަހަށް ޒިވްޔަން ބުންޏެވެ. ޒިވްޔަންގެ ޖަވާބު އައި ގޮތް އަވަސްކަމުން އާފާގުއަށް ހިނިތުންވެވުނެވެ.

''ދަރިފުޅު އަވަހަށް ކައިވެނި ކުރަން ބޭނުންވަންޏާ ބައްޕަ ރުހުން ދޭނަން...'' ސަރުވާގެ ގާތަށް ހުއްޓުނު އާފާގު ލޯތްބާއެކު ސަރުވާގެ ބޮލުގައި ފިރުމާލިއެވެ.

''ބައްޕާ...'' ސަރުވާ ޖަޒުބާތީ ވިއެވެ. ބައްޕަގެ ގައިގައި އޭނާއަށް ބައްދާލެވުނެވެ. އޯގާތެރިކަމާއެކު ސަރުވާއަށް އެ އަތުގެ ހިމާޔަތް އާފާގު ދިނެވެ. އޭނާ ޒިވްޔަންއަށް ބަލައިލީ ޒިވްޔަންގެ ފަރާތުން ސަރުވާއަށް ލޯތްބާއި ހިމާޔަތް ލިބޭނެކަމަށް އުއްމީދުކުރާ ފަދައަކުންނެވެ. އާފާގުއާ ނަޒަރު ބަދަލުކުރި ޒިވްޔަންއަށް އެ ދެލޮލުގައިވި ޝުއޫރުތައް ނަގައިގަނެވުނެވެ. ޔަގީންކަން ދިނުމުގެ ގޮތުން އޭނާއަށް ބޯޖަހާލެވުނެވެ.

''ދެން އަވަހަށް ކައިވެނީގެ ކަންތައް ރާވަން ފަށަންވީ... ރަނގަޅު ދުވަހެއް ކަނޑައަޅާފައި ޒައިނަބަށް އަހަރެން އަންގާނަން... މިހާރު ދެން މިއީ އެއް އާއިލާއެއްކަމުގައި ބަލަމާ...'' މާހުތާބް ބުންޏެވެ. އުފާވެރިކަން މާހައުލުގައި އޮތެވެ.

އުފާވެރިކަމުގެ ކަރުނަ ބަބުޅަމުން ދިޔަ ދެލޮލުން ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ. އެ ދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ޒިވްޔަންގެ ހިތް އޭނާގެ މިލްކަކަށް ވެއްޖެކަމުގެ ފޮނިކަން އިހުސާސްކުރެވުނެވެ. ހަމައެއާއެކު ޒިވްޔަންގެ ހިތުގެ އަޑު ވެސް ސަރުވާއަށް އިވުނެވެ. އެ ހިތަކީ އޭނަގެ ހައްގެއްކަން ބުނެދިނީ ޒިވްޔަންގެ މޫނުގައިވި އުފާވެރިކަމުގެ ޝުއޫރުތަކުންނެވެ. އެ ތޫނުފިލި ދެލޮލުން ވެސް އެ ހިތުގެ ހާލު ސަރުވާއަށް އަންގައިދިނެވެ.

''ޒެން... ތީ އަހަރެން ދެ ދުނިޔޭން ވެސް އިހުތިޔާރުކުރާނެ ހަމައެކަނި ބައިވެރިޔާ...'' ހިމޭންކަމުގެ ދުލުން ސަރުވާއަށް ބުނެވުނެވެ. ލޮލުގައިވި ކަރުނަތައް ފޮހެލަމުން އޭނާ ހިނިތުންވެލިއެވެ. ދުނިޔެމަތިން އޭނާއަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކަށް ވާނީ ޒިވްޔަންގެ އަންބެއްގެ މަގާމަށް އާދެވުމެވެ. މިހާރު ވެސް އެ ދުވަހަށްޓަކައި ފޮނި ހުވަފެންތައް ދެކެވެން ފަށައިފިއެވެ.

*****

''އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް... ކައިވެނީގެ ހުރިހާ މަޝްވަރާއެއް ވެސް މާމަ ކުރިއަށް ގެންދާނަން... މާމަ ވާނީ ޒައިނަބު ގާތު ވެސް ބޮޑު ހަފުލާއެއް ބާއްވަން ބޭނުންވާކަން ހާމަކޮށްފައި... ޒައިނަބު ވެސް ވަނީ ގަބޫލުވެފައި...'' ކާރު އައިސް ގޭގެ ޕޯޓިކޯއަށް މަޑުކޮށްލުމާއެކު މާހުތާބް ބުންޏެވެ. މާމަ ދަރިފުޅުގެ ކައިވެނީގެ ހަފުލާ ހުރިހާ ގޮތަކުން ވެސް ފުރިހަމަވާން މާހުތާބް ބޭނުންވެއެވެ.

''މަންމަ...'' ޒިވްޔަން ބުނަން އުޅުނެވެ.

''މާމަ ވާހަކަދައްކާނަން...'' މާހުތާބް ބުންޏެވެ. ކާރުގެ ދޮރު ހުޅުވަމުން އޭނާ ޒިވްޔަންއަށް ހިނިތުންވެލިއެވެ.

*****

މާހުތާބްގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި ކުލްޘޫމާ އިނީ ޓީވީން ދައްކަމުންދިޔަ ހިންދީ ސިލްސިލާއެއް ބަލާށެވެ. ޓީވީއަށް އޭނާގެ ސަމާލުކަމެއް ނެތެވެ. އެތައް ސުވާލެއް އޭނާގެ ހިތުގައި ފުނިޖެހިފައި ވިއެވެ. ހިތުގެ ހަމަޖެހުން ވެސް ގެއްލިއްޖެއެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅާ ގޭގެ މައިދޮރާ ދިމާއަށް ގޮސް ހުއްޓެއެވެ. އިންތިޒާރުގައި ވަގުތު ގުނަމުން ދަނިކޮށް މާހުތާބް އެތެރެއަށް ވަދެގެން އައި މަންޒަރު ފެނުނެވެ. ވަގުތުން އުނގުގައި އޮތް ރިމޯޓް ނަގައި ޓީވީ ނިއްވާލިއެވެ. އަދި ސޯފާއިން އޭނާ ތެދުވުނެވެ.

މާހުތާބްއަށް ކުލްޘޫމާ ފެނުމާއެކު އޭނާގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލަމުން ކުލްޘޫމާގެ ގާތަށް ދިޔައެވެ. ކުލްޘޫމާއަށް މާހުތާބްގެ އުފާވެރިކަން ފެނި ހައިރާންކަން ލިބުނެވެ. އޭނާ ބަލަން ހުއްޓާ މާހުތާބް އައިސް ސޯފާގައި އިށީނެވެ. ބަހެއް ނުބުނެ ކުލްޘޫމާ ވެސް ސޯފާގައި ހަމަޖެހިލިއެވެ.

''އުފާވެރި ހަބަރެއް ދޭން މި އުޅެނީ...'' މާހުތާބް ބުންޏެވެ. ކަންބޮޑުވެފައި އިން ކުލްޘޫމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މާހުތާބް ދޭން އުޅޭ އުފަވެރި ހަބަރަށް ސަމާލުވެލެވުނެވެ.

''އަހަރުމެންގެ ޒިވްޔަންއަށް އެންމެފަހުން ކަމުދާ ކުއްޖަކު ފެނިއްޖެ...'' މާހުތާބް ބުންޏެވެ. ކުލްޘޫމާއަށް ދެލޯބޮޑުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެ ޖުމުލައިގެ ތެދުކަން ޔަގީންވެ ކުލްޘޫމާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ހުރިހާކަމެއް އޭނާއަށް ވިސްނައިގަނެވުނީ ދެނެވެ.

''ކުލްޘޫމާ ގާތު ބުނަން ނުކެރިގެން އެ ސޮރު އުޅުނީ ލަދުން... އެހެންވެ އަހަރެން ގާތަށް އައީ... މިއައީ އެ މަންޖެގެ އާއިލާއާ ބައްދަލުކޮށްފައި... ވަރަށް ރަނގަޅު ކުއްޖެއް...'' މާހުތާބް ބުނެދިނެވެ. ކުލްޘޫމާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

''އެހެންވެގެން ދޯ ޒެންއަށް އެހާ ބޮޑު ބަދަލެއް އައިސްގެން އުޅުނީ... އަހަރެން ހީކުރީ އެ ސޮރަށް ކަމެއް ދިމާވީކަމަށް...'' ކުލްޘޫމާއަށް ބުނެވުނެވެ.

''ލޯބިވެވުމުން ވާނީ ވެސް އެހެންތާ...'' މާހުތާބް ހިނިތުންވުމަކާއެކުގައި ބުނެލިއެވެ.

''މަންމައަށް ކަމު ގޮސްފިއްޔާ އެ ނިމުނީ...'' ކުލްޘޫމާ ބުންޏެވެ. ޒިވްޔަން ކޮންމެ ފަދަ އަންހެންކުއްޖަކު ގެނަޔަސް އުފަލާއެކުގައި ބަލައިގަންނަން އޭނާ އަބަދުވެސް ހުންނާނީ ތައްޔާރަށެވެ. ނަމަވެސް މުއްސަނދިކަމާއި ފަޤީރުކަމަށް އިސްކަން ދެމުން އައީ އަބަދުވެސް މާހުތާބްއެވެ. ޒިވްޔަންގެ މުސްތަގުބަލާ މެދު ކުލްޘޫމާ ކަންބޮޑުވެފައި ހުރީވެސް އެހެންވެއެވެ. ޒިވްޔަން އެގެއަށް ގެންނަ އަންހެންކުއްޖެއްގެ ސަބަބުން އާއިލާގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެތީއެވެ. ނަމަވެސް ޒިވްޔަންގެ ހޮވުން މާހުތާބްއަށް ކަމުދިއުން އެއީ ހެޔޮ ފާލެއްކަމުގައި އޭނަ ދެކުނެވެ. އެއީ އާދައިގެ ޢާއިލާއެއްގެ އަންހެންކުއްޖެއް ނޫންކަން ޔަގީން ކުރެވުނީ މާހުތާބްގެ މޫނުގައިވި އުފާވެރިކަމުންނެވެ. ހުރިހާކަމެއްވެސް ރަނގަޅަށް ދިޔައީތީ ކުލްޘޫމާ ހިތްހަމަޖައްސާލިއެވެ.

''ބަލައިލަން ވެސް ވަރަށް ރީތި... ފުރިހަމަ ތައްރުބިއްޔަތެއް ލިބިފައި ހުރި ރަނގަޅު އާއިލާއެއްގެ އަންހެންކުއްޖެއް... ޒިވްޔަންއާ މެދު އަހަރެންގެ ހިތުގައި އޮތް ހުރިހާ ކަންބޮޑުވުމެއް ފިލައި ގޮސްފި...'' މާހުތާބްގެ ދުލުން އޮހެނީ ތައުރީފެވެ. ކުލްޘޫމާއަށް ހިނިތުންވެލެވުނެވެ.

''ޒެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން، ސަރުވާގެ އާއިލާއިން ވެސް އެ ގޮތާ ރުހިގެން ތިބީ... ދެން އޮތީ ކައިވެނީގެ މަޝްވަރާތައް...'' މާހުތާބް ބުންޏެވެ. ''ކޮން ދުވަހަކަށްތަ މިގެއަށް އަންނަން ދައުވަތު ދޭންވީ؟...''

''އާދީއްތަ ދުވަސް ކިހިނެއް ވާނެ؟...'' ކުލްޘޫމާ ވިސްނާލަމުން އެހިއެވެ. ''ރޭގަނޑު ކެއުމަށް ދައުވަތު އަރުވާނީ...''

''ރަނގަޅު ވާނެ... އޭރުން ކުލްޘޫމާއަށް ވެސް ސަރުވާއާ ބައްދަލުވާނެތާ... ޒެންގެ ފޯނުގައި ފޮޓޯ ހުންނާނެ...'' މާހުތާބް ބުންޏެވެ.

''ނޫނޭ މަންމާ... އާދީއްތަ ދުވަހުން ބައްދަލުވާނެތާ... އޭރުން އަހަންނަށް ސަރުވާ ފެންނާނެއެއްނު...'' ކުލްޘޫމާ ބުނެލިއެވެ.

*****

ގަރާޖުގައި ކާރު ޕާކްކުރަމުން ޒިވްޔަން ފޯނު ނެގިއެވެ. އުފާވެރި ހަބަރު ވަގުތުން ދައިސާންއާ އޭނާ ހިއްސާކުރިއެވެ. ދައިސާން ވެސް ހުރީ އުފާވެފައެވެ. އެ ވަގުތު ދައިސާން ހުރީ ކިޔާރާގެ ގާތުގައި ކަމަށްވުމާއެކު ކިޔާރާއަށް ވެސް އެ ހަބަރު ދައިސާން ދިނެވެ. ކިޔާރާގެ ތޫލި ހަޅޭކުގެ އަޑު އިވުނެވެ.

''އޯ މައި ގޯޑް...'' ކިޔާރާގެ ހަޅޭކުގެ އަޑު ފޯނުން އިވުމުން ޒިވްޔަންއަށް ފޯނު ކަންފަތާ ދުރުކޮށްލެވުނެވެ. އޭރު އޭނާއަށް ހެވިއްޖެއެވެ.

''ސަރޫ އަހަންނަށް ނުވެސް ގުޅަޔޭ... މިހާރު މިދަނީ އެގެއަށް...'' ކިޔާރާ ބުނި އަޑު އިވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟