ސޯފާއަށް ވެއްޓިގަނެގެން އޮތް ޒިވްޔަންއަށް ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލެވުނީ ދޮރުގައި ޓަކިދޭ އަޑަށެވެ. ދެވަނަ ސިކުންތުގައި މާމަގެ އަޑު އިވުމާއެކު އަވަސްއަވަހަށް ޒިވްޔަން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި މާމަ އެތެރެއަށް ވަންނަން އެއްފަރާތަކަށް ޖެހިލިއެވެ.
ޒިވްޔަންގެ މޫނަށް ބަލައިލި މާހުތާބްއަށް އެހިތުގައި ވިންދުޖަހަމުން އައި ނުތަނަވަސްކަން ނަގައިގަނެވުނެވެ. ޒިވްޔަންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އޭނާ އިށީނެވެ. އަދި އޯގާތެރިކަމާއެކު ޒިވްޔަންގެ ބުރަކަށީގައި ފިރުމާލިއެވެ.
''ދަރިފުޅު ކަންބޮޑު ނުވެބަލަ... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށޭ...'' ހިނިތުންވުމަކާއެކުގައި މާހުތާބް ވާހަކަދެއްކިއެވެ. ޒިވްޔަން އިސްއުފުލައި މާހުތާބްގެ މޫނަށް ބަލައިލިއެވެ. އެ ވާހަކަތައް ގަބޫލުކުރަން އޭނާ ބޭނުމެވެ. ނަމަވެސް ނޭނގޭ ހާސްކަމެއް ހިތަށް ވެރިވަނީއެވެ. މިއަދުގެ ބައްދަލުވުން ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވާން އޭނާ ބޭނުމެވެ. ސަރުވާގެ މައިންބަފައިންގެ ރުހުން އޭނާއަށް ލިބުމަށް ހިތް އެދެމުން ދިޔައެވެ.
''މާމާ...'' ޒިވްޔަންއަށް ގޮވާލެވުނެވެ. ''މިއަދުގެ ބައްދަލުވުން ރަނގަޅަށް ނުގޮސްފިއްޔާ ވާނީ ކިހިނެއްތަ؟... ސަރޫއާ ދުރުގައި އަހަންނަށް ނުހުރެވޭނެ...''
''ތިހެން ނުވިސްނަބަލަ، ތި ހިޔާލުތަކުގެ ސަބަބުންނޭ ދަރިފުޅު ފިކުރުބޮޑުވަނީ، މިހާރު ވެސް މޫޑު ގޯސްވެފަ ތިހިރީ...... ތީ މާމަގެ ބަސް ގަބޫލުކުރާ ކުއްޖެއްނު... އަވަހަށް ތި ހިޔަލުތަކާ ދުރުވެލާ... މާމަގެ ދަރިފުޅު ހުރިހާ ގޮތަކުން ވެސް ފުރިހަމަ... މާލޭގެ މުއްސަނދި އާއިލާއެއްގެ ހަގު ދަރިފުޅު... އަމިއްލަ މަސައްކަތުން ރެސްޓޯރެންޓެއް ކުރިއަށް އެބަގެންދޭ... މޮޅަށް ކިޔަވައިގެން ހުރި އެހާމެ ފުރިހަމަ ޒުވާނެއް... ދެން ކޮންކަމެއް ރަނގަޅަށް ނުދާނީ؟... ދަރިފުޅު ކަންތަކާ މެދުގައި މާބޮޑަށް ނުވިސްނަބަލަ... އެހެންނޫނަސް މާމަ މިހުރީއެއްނު... އެއްވެސް ކަމެއް ގޯސްވުމުގެ ފުރުސަތެއް މާމަ ނުދޭނަން، ދަރިފުޅުގެ ލޯބި މާމަ ދަރިފުޅަށް ހޯދައިދޭނަން... މީ މާމަ ދަރިފުޅު ގާތު ވާ ވައުދެއް...'' މާހުތާބްގެ ވާހަކަތަކުން ޒިވްޔަންގެ ހިތަށް އިތުރު އުއްމީދުތަކެއް ގެނެސްދިނެވެ. މާމައާ ބަދަލުކޮށްލި ނަޒަރާއެކު ޒިވްޔަން ބޯޖަހާލިއެވެ.
''ހުރިހާކަމެއް ވެސް މާމަގެ އަތްމައްޗަށް ދޫކޮށްލާ... ކައިވެނީގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދާނީ މާމަ...'' މާހުތާބް ހުރީ ހުރިހާކަމެއްގައި ޒިވްޔަންއަށް މަދަދުވެރިކަން ފޯރުކޮށްދޭން އަތުކުރި އޮޅާލައިގެންނެވެ. އެއީ ޒިވްޔަންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދިން ކަމަކަށް ވިއެވެ. އިތުރު ހިތްވަރެއް ވެސް މާމަގެ ފަރާތުން އޭނާއަށް ލިބުނެވެ.
''މާމަގެ ބަސް ގަބޫލުކޮށްފިން... ޔޫ އާރ މައި ސޭވިއާރ...'' މާހުތާބްގެ ގައިގައި ޒިވްޔަން ބައްދާލުމާއެކު މާހުތާބްއަށް ހެވުނެވެ. ޒިވްޔަންގެ ބޮލުގައި ލޯތްބާއެކު އޭނާ ފިރުމާލިއެވެ.
''ކޮން އިރަކަށްތަ އެގެއަށް ދާން ޖެހެނީ؟...'' މާހުތާބް އޮޅުން ފިލުވަން ސުވާލުކޮށްލިއެވެ.
''އެއްގަޑި ބަޔަށް ދަންޖެހޭ... ހުކުރު ނިމުމާއެކު މާމަ ބަލައި އަންނާނަން...'' ޒިވްޔަން ބުނެދިނެވެ.
''އެންމެ ރަނގަޅު، ޒެންއާއެކު މެންދުރު ބޭރަށް ދާނެ ވާހަކަ މާމަ އޮންނާނީ ބުނެފަ...'' މާހުތާބް އިތުރުކޮށްލިއެވެ.
''މަންމަ އެއްޗެކޭ ނުބުނޭތަ؟...'' ޒިވްޔަންއަށް އަވަސްއަވަހަށް އަހާލެވުނެވެ.
''ސުވާލު އުފެދިފަ ހުރީ... އެކަމަކު މާމަގެ ނިންމުމަށް އެކަކުވެސް ފާޑު ނުކިޔާނެކަން ދަރިފުޅަށް އެނގެއެއްނު...'' މާހުތާބް ބުންޏެވެ.
ހުކުރުދުވަހުގެ ކެއުމަކީ އަބަދުވެސް އެ ގޭގައި ހާއްސަ ކެއުމެކެވެ. މިއަދު ކެއުމުގައި މާމަ ބައިވެރި ނުވާނެކަން ހާމަކުރުމުން މަންމަގެ ހިތުގައި ސުވާލު އުފެދޭނެކަން ޒިވްޔަންއަށް ޔަގީން ކުރެވުނެވެ. މަންމައަށް ހުރިހާ ކަމެއް ކިޔައިދޭން ވެސް ޒިވްޔަން ބޭނުންވިއެވެ. ނަމަވެސް މަންމައާއި ބައްޕައާ ހަމައަށް އެ ވާހަކަތައް އޭނާ ގެންދަން ބޭނުންވަނީ ސަރުވާގެ މައިންބަފައިންނާ ބައްދަލުކުރުމަށްފަހުގައެވެ. އުފަލާއެކުގައި އޭނާގެ ހޮވުން މަންމައާއި ބައްޕަ ބަލައިގަންނާނެ ކަމުގެ ޔަގީންކަން ޒިވްޔަންގެ ހިތުގައި އޮތެވެ.
''ދެން މާމަ ދަނީ... ދަރިފުޅު ދެން ބޭކާރު ކަންތަކާ ނުވިސްނާތި...'' ސޯފާއިން ތެދުވަމުން މާހުތާބް ބުންޏެވެ. ޒިވްޔަން ހަމައަކަށް އެޅިފައިވުމުން މާހުތާބް ހިތްހަމަޖެހުނެވެ.
މާހުތާބްގެ ފަހަތުން ދޮރާ ހަމައަށް ޒިވްޔަން ދިޔައެވެ. މާމައާ ވާހަކަދައްކާލުމުން ސިކުނޑީގެ ބުރަކަން ވެސް ފިލައިގެން ގޮސްފިއެވެ. ހިތަށް މުޅިން އައު އުއްމީދެއް ވެސް ލިބުނުކަން ގައިމެވެ. ޒިވްޔަން ހިނިތުންވެލިއެވެ.
*****
ހުކުރަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ޒިވްޔަން ފޯނުން ވާހަކަދައްކަމުން ދިޔައީ ސަރުވާއާއެވެ. ޒިވްޔަންއާ ބައްދަލުވާނެ އިރަކަށް ކެތްތެރިކަން ކުޑަވެފައި ހުރިކަން ސަރުވާގެ ރާގުން ވެސް ހާމަކޮށްދެއެވެ. ރޭގައި އޭނާ ވަނީ ޒިވްޔަންއަށް ކަމުދާނެ ކާއެއްޗެހީގެ މައުލޫމާތު ވެސް ހޯދައިފައެވެ. ޒިވްޔަންއަށް ކަމުދާނެ އެއްޗިސް ތައްޔާރުކުރާނެކަން ވެސް ހާމަކުރިއެވެ. އެ ބައްދަލުވުން ހާއްސަވާން ބޭނުންވާތީއެވެ.
''މިހާރު ވެސް މިހުރީ ކާއެއްޗެހީގެ ރަހަ ބަލައިލަން ބޭނުންވެފައި...'' ހަށިގަނޑަށް މަހާލި ހުދު ގަމީހުގެ ގޮށްތައް އަޅުވަމުން ޒިވްޔަން ވާހަކަދެއްކިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ބޮލުގެ އިސްތަށިގަނޑު އަތުގައި އޮތް ބުރުހުން ރީތިކޮށްލިއެވެ. މަޑު ނޫކުލައިގެ ފަޓުލޫނަކާއި ހުދުކުލައިގެ ގަމީހުގައި ޒިވްޔަން ފެންނަނީ ހިތްގައިމުކަމާއެކުގައެވެ. ކުޑަކޮށް ދިގުވެފައިވި ތުނބުޅިއާއި ތުންފަތުގައިވި ރީތި ހިނިތުންވުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.
''މަންމަ އެބަ ގޮވާ... ފަހުން ގުޅާނަން އިނގޭ......'' ސަރުވާ ބުނި އަޑު އިވުނެވެ.
''ލަވް ޔޫ...'' ސަރުވާ ފޯނު ބޭއްވުމުގެ ކުރިން ޒިވްޔަން ބުންޏެވެ.
''ލަވް ޔޫ މޯރ...'' ރައްދުގައި ސަރުވާ ބުންޏެވެ. ''ސީ ޔޫ ސޫން...''
ސަރުވާ ފޯނު ބޭއްވުމުން ވެސް އިރުކޮޅެއް ވަންދެން ފޯނު ކަންފަތުގައި ޖައްސައިގެން ޒިވްޔަންއަށް ހުރެވުނެވެ. އަމިއްލަ ނަފުސަށް ހިނިތުންވަމުން ފޯނު ފަޓުލޫނުގެ ޖީބަށް އޭނާ ލިއެވެ. ގަޑިތައް ހުރި ވަތްގަނޑު ހުޅުވާލަމުން އެންމެ ކަމުދާ ގަޑި ނަގައި އަތުކުރީ އަޅުވާލިއެވެ. ސެންޓް ގަޔަށް ބުރުވާލަމުން އަނެއްކާ ވެސް ލޯގަނޑު ކައިރިއަށް ޖެހިލަމުން އަމިއްލަ ސޫރައަށް ނަޒަރެއް ދިނެވެ. ހިތްހަމަޖެހޭ ވަރުވުމުން ޒިވްޔަން ވޯލްކްއިން ކްލޯސެޓުން ނިކުންނަން ހިނގައިގަތީ ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ. ގަޑި ބަލައިލަމުން ދެން އޭނާ މިސްރާބު ޖެހީ ކޮޓަރިން ނިކުތުމަށެވެ.
ތުނބުގައި ރީތި ރާގެއް އަޅުވައިގެން ސިޑިން ފައިބަމުން ދިޔަ ޒިވްޔަންއަށް ހުއްޓެވުނީ މިރާހް ގޮވާލުމުންނެވެ. ފަސް އެނބުރި ބަލައިލިއިރު މިރާހް ވެސް ސިޑިން ފައިބަނީއެވެ. ދޮންބެއާ ވަގުތުން ޒިވްޔަން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
''ޔޫ ލުކް ޗާމިންގް ޓުޑޭއި...'' ޒިވްޔަން ގާތަށް ހުއްޓުނު މިރާހް މަޑުމަޑުން ޒިވްޔަންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
''ޓު ޑޭ އިސް އެ ސްޕެޝަލް ޑޭ... ދޮންބެ ގާތު ފަހުން ބުނާނަން...'' ޒިވްޔަންއަށް އޭނާގެ ހިނިތުންވުން ސިއްރެއް ނުވިއެވެ.
''އެހެންތަ؟... އައި އެޒިއުމް އިޓްސް ގުޑް ނިއުސް؟...'' މިރާހް ބުމަ އަރުވާލުމުން ބުންޏެވެ. ޒިވްޔަންގެ މޫނުގައިވި އުޖާލާކަން ފެނި ކޮއްކޮއަށްޓަކައި މިރާހް އުފާކުރިއެވެ.
''ޔެސް...'' ޒިވްޔަން އަވަސްއަވަހަށް ބުންޏެވެ. މިރާހްއަށް ހެވުނެވެ. ދެބެއިން އެކުގައި ސިޑިން ފައިބައިގެން ބޮޑުކޮޓަރިއަށް ދިޔައިރު ރަސަލް އިނީ ދެބެއިންގެ އިންތިޒާރުގައެވެ. ރަސަލް އަބަދުވެސް ހުކުރަށް ދަނީ އޭނާގެ ދަރިންނާ އެކުގައެވެ. އެއީ އޭނާގެ އަބަދުވެސް އާދައެވެ. ފުރަތަމަ ވެސް ތައްޔާރުވެގެން އައިސް އޭނާ އިންނާނީ މިރާހްއާއި ޒިވްޔަންގެ އިންތިޒާރުގައެވެ. ދަރިން ދީނީ ކަންކަމަށް ލޯބި ޖެއްސުމަށް އޭނާ އަބަދުވެސް އަހައްމިއްޔަތުކަން ދެއެވެ. ހިތަށް އެކަމުން ހިތްހަމަޖެހުން ވެސް ލިބެއެވެ. އެންމެ އުފާވަނީ އޭނާގެ ކޮންމެ ނަސޭހަތަކަށް ފުރިހަމައަށް ދެ ފިރިހެން ކުދިން ވެސް ބޯލަނބާތީއެވެ. ރަނގަޅު ތަރުބިއްޔަތެއް ދެވުނުކަމުގެ ހިތްހަމަޖެހުން އަބަދުވެސް އޭނާ ހިތުގައި ވެއެވެ.
''އަވަހަށް ދަމާ ހިނގާ...'' ސޯފާއިން ތެދުވަމުން ރަސަލް ހިނިތުންވެލިއެވެ. ބައްޕަގެ ފަހަތުން ޒިވްޔަންއާއި މިރާހް ހިނގައިގަތެވެ. ފައިމަގުގައި މިސްރާބު ޖެހީ ގެއާ ކައިރީގައި ހުރި މިސްކިތަށެވެ. ދިޔަ މަގުމަތީގައި ދަރިންގެ ދިރިއުޅުމާ ގުޅުވައިގެން ރަސަލް ސުވާލުކުރިއެވެ. އަދަބުވެރިކަމާއެކުގައި މިރާހް އާއި ޒިވްޔަން ރަސަލްގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައެވެ.
*****
''ވާއު!، މާމަ ހާދަ ރީތިވެލައިގެން...'' ހުކުރު ނިމެންވާއިރަށް ސުފުރާ މަތި ތައްޔާރުކުރަން އުޅުނު ކުލްޘޫމާއަށް އެހީވަމުން ދިޔަ ތާރާއަށް ކާކޮޓަރިއަށް ވަން މާހުތާބް ފެނުމާއެކުގައި ބުނެވުނެވެ.
''މެންދުރު މިއުޅެނީ ބޭރަށް ގޮސްލަން...'' މާހުތާބް ބުންޏެވެ. މާހުތަބް ހުރީ މަޑު ފިޔާތޮށިކުލައިގެ ޕާކިސްތާނު ހެދުމެއްގައެވެ. ހަތަރެސްފައިގައި އަޅާފައި ހުރީ އެހެނިހެން ދުވަސްތަކަށް ވުރެ ވިދުންގަދަ ގަހަނާތަކެވެ. ކަރުގައި ވެސް އޮތީ މޫތިތަކުން ފަރުމާކޮށްފައި އޮތް ހާރެކެވެ. ހާރާއި ގުޅުވައިގެން ކަންފަތުގައި އާންމުކޮށް އޮންނަ ރަނުގެ މުދި ވެސް އޮތީ ބަދަލުކޮށްފައެވެ. ޝާހީ ގޮތްގަނޑު މާހުތާބްގެ ވައްޓަފާޅިން ހާމަކޮށްދެއެވެ.
ކުލްޘޫމާއަށް ވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. ދުވަހުގެ ހާއްސަކަން ވެސް މާހުތާބްގެ ހެދުން އެޅުމުގެ ވައްޓަފާޅިން އޭނައަށް ނަގައިގަނެވުނެވެ. ހިތުގައި އުފެދިގެން އައި ސުވާލުތައް ދިރުވާލީ މާހުތާބްގެ ފަރާތުން ޖަވާބު ލިބޭނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. ތާރާ ވެސް އިތުރު ސުވާލުތަކެއް ފެންމަތިކޮށްފާނެތީ، އަވަސްއަވަހަށް ތާރާ ބަދިގެއަށް ފޮނުވާލީ ކާއެއްޗެހި ތައްޔާރުކުރެވުނުތޯ ބެލުމުގެ ބަހަނާ ދެއްކުމަށްފަހުގައެވެ.
''ގެއަށް އައިސް ކިޔާދޭނަން...'' މާހުތާބް ބުނުމާއެކު ކުލްޘޫމާ ބޯޖަހާލިއެވެ.
*****
ހުކުރުން ފައިބައިގެން ގެއަށް އާދެވުމާއެކު ބައްޕައާ ވަކިވެލަމުން ޒިވްޔަން މިސްރާބު ޖެހީ ގަރާޖާ ދިމާއަށެވެ. ޒިވްޔަން އަވަސް ހަރަކާތްތައް ފާހަގަކުރެވުނީ މިރާހް އަށެވެ. ހެވިފައި ޒިވްޔަންއަށް ބަލަން ހުރެފައި ބައްޕަގެ ފަހަތުން މިރާހް މިސްރާބު ޖެހީ ކާކޮޓަރިއަށް ދިއުމަށެވެ.
ގަރާޖުން ކާރު ނެރެގެން ގޭގެ ޕޯޓިކޯއަށް އައިސް ޒިވްޔަން މަޑުކޮށްލިއެވެ. އޭރު މާހުތާބް ވެސް ހުރީ ބޭރަށް ނިކުމެއެވެ. ޒިވްޔަން ނިކަން އަވަހަށް ކާރުން ފައިބަމުން، މާމަ އަރަން ކާރުގެ ދޮރުހުޅުވާލަ ދިނެވެ. މާހުތާބް ކާރަން އަރައި ސީޓް ބެލްޓް އަޅުވާލިއެވެ.
''އަވަހަށް ދާން ޖެހުނަސް ދަރިފުޅު ބާރަށް ކާރު ނުދުއްވައްޗޭ...'' ޒިވްޔަން އައިސް ޑްރައިވަރު ސީޓަށް އެރުމާއެކު މާހުތާބް ނަސޭހަތްތެރި ވިރިވިއެވެ. ބޯޖަހާލަމުން ޒިވްޔަން ކާރު ދުއްވާލިއެވެ.
*****
ޒިވްޔަންގެ އިންތިޒާރުގައި ގޭގެ ހުރިހާ މެންބަރުން ތިބީ ބޮޑުކޮޓަރީގައެވެ. އަދިވެސް އެއްފަހަރު ކާމޭޒު ރަނގަޅަށް ތައްޔާރުކުރެވިފައި ހުރިތޯ ބަލާފައި ޒުބެއިދާ އައިސް ސޯފާގައި އިށީނެވެ. އާފާގު އިނީ ޓީވީން ދައްކަމުން ދިޔަ ދީނީ ޕްރޮގްރާމެއް ބަލާށެވެ. ބަތޫލް އިނީ ސަރުވާގެ ގާތުގައެވެ. އޭނާ ސަރުވާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. ފުން ނޭވާއެއް ދޫކޮށްލި ސަރުވާ އޭނާގެ ހިތުގެ ވިންދު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
އިންތިޒާރުގައި ވަގުތު ގުނަމުން ދަނިކޮށް ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ފުރުތަމަ ވެސް ސޯފާއިން ތެދުވެވުނީ ސަރުވާ އަށެވެ. ސަރުވާއަށް އައި ބަދަލުން ފެނި ޒައިނަބަށް ހިނިތުންވެވުނެވެ.
''ދަރިފުޅު މަޑުކުރޭ... މަންމަ ދޮރު ހުޅުވަފާނަން...'' ޒައިނަބް އިސްނެގިއެވެ. ޒައިނަބްގެ ފަހަތުން އާފާގު ވެސް ހިނގައިގަތެވެ. ހާސްވެފައި ހުރި ސަރުވާގެ އަތުގައި ބަތޫލް ކޮއްޓާލިއެވެ.
''ޔޫ ނީޑް ޓު ޗިލް... މިހާރު ވެސް ދާ ހިތްލާފަ ތިހިރީ...'' ސަރުވާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ބަތޫލް ބުންޏެވެ. ނިތުގައި ހުރި ދަލުގެ އަސަރު ސަރުވާއަށް އިހުސާސްކުރެވުނީ ދެނެވެ. އަތުގެ ނުފުށުން ދާތިކިތައް ފޮހެލަމުން ސަރުވާ ވެސް ދޮރާ ދިމާއަށް ދިޔައެވެ.
ޒައިނަބު ދޮރު ހުޅުވާލީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. ޒައިނަބުގެ ފަހަތުގައި ހުރި އާފާގު ވެސް ޒިވްޔަންއާ ނަޒަރު ބައްދަލުވުމާއެކު ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު ޒިވްޔަންއާ އެކު ހުރި އުމުރުން ދުވަސްވީ އަންހެން މީހާއަށް ހުއްޓުމާއެކު، ޒިވްޔަންއަކީ އާދައިގެ އާއިލާއަކުން އައިސްފައި ހުރި ޒުވާނެއް ނޫންކަން ނަގައިގަންނަން ގިނަ އިރެއް ނުނެގިއެވެ. ޝާހީކަން މާހުތާބްގެ ކޮންމެ ހަރަކާތެއްގައި އެކުލެވިގެން ވިއެވެ. ހުއްޓިގެން ހުރިގޮތުންނާއި ބަދަލުކޮށްލި ހިނިތުންވުމުން ވެސް މީހާގެ ހައިބަތު އަންގައިދިނެވެ.
ފިނިވެފައި ހުރި ޒިވްޔަންގެ ބުރަކަށީގައި މާހުތާބް އަތްތިލަ ޖައްސާލިއެވެ. އެއާއެކު ޒިވްޔަން ސަލާން ބަދަލުކޮށްލިއެވެ. އާފާގުއަށް ޒިވްޔަން ބަލައިލިއިރު ނުތަނަވަސްކަން އެ ދެލޮލުގައި ވިއެވެ. ނަމަވެސް ސަރުވާގެ މައިންބަފައިންގެ މޫނުން ފެނުނު އެކުވެރިކަމުގެ ކުލަވަރުން ހިތުގެ ހާސްކަމާ ދުރުވާން ހިތްވަރު ލިބުނެވެ.
''މާހުތާބް، ޒިވްޔަންގެ މާމަ...'' ކުރިއަށް ޖެހިލައި މާހުތަބް ވެސް ޒައިނަބްއާ ސަލާމްކުރުމަށް އަތް ދިއްކޮށްލިއެވެ.
''ޒައިނަބު...'' ޒައިނަބް ހިނިތުންވެލިއެވެ. އެއަށްފަހު މާހުތާބްގެ ނަޒަރު ސީދާވެގެން ދިޔައީ އާފާގު އަށެވެ.
''އާފާގު...'' އާފާގު ވެސް ސަލާން ބަދަލުކޮށްލިއެވެ.
''ބޭރުގައި ތިބިގެންތަ ވާހަކަދައްކާނީ؟...'' އެކުވެރި ރާގެއްގައި ޒައިނަބް ބުންޏެވެ. އަދި ޒިވްޔަންއާއި މާހުތާބް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ޒިވްޔަންގެ ނަޒަރު ސަރުވާއަށް ހުއްޓުނީ އެވަގުތުއެވެ. ރަކި ހިނިތުންވުމަކާއެކު ސަރުވާއަށް އިސްޖަހާލެވުނެވެ.
ޒިވްޔަން ގޮވައިގެން އާފާގު ދިޔައީ ބޮޑުކޮޓަރިއަށެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިށީންނަމުން ޒިވްޔަންއަށް ފަރުވާތެރިކަމާއެކުގައި އޭނާ ބަލައިލިއެވެ. ރީތިކަމާ އެއްވަރަށް ޒިވްޔަންގެ ފަރާތުން ހަރުކަން ވެސް ފެނުނެވެ. ދަރިފުޅުގެ ހޮވުން އޭނާއަށް ކަމުދިޔައެވެ. ހަރުދަނާކަމާއި ރަނގަޅު ތަރުބިއްޔަތެއްގެ ޒުވާނެއްކަން ޒިވްޔަންގެ މަޑުމައިތިރި މިޖާޒުން އޭނާއަށް ފާހަގަ ކުރެވުނެވެ.
ސޯފާގައި އިން ޒިވްޔަން އޭނާ ގެނައި ހަދިޔާ ކޮތަޅުން ނެގި ކުޑަ ޕޮޓްގައި ހުރި ހުދުކުލައިގެ ބޯގަންވިލާ ގަސް ޒައިނަބަށް ދިއްކޮށްލިއެވެ. ޝުކުރުވެރިކަމުގެ ހިނިތުންވުމަކާއެކުގައި ޒިވްޔަން ދިއްކޮށްލި ހަދިޔާގައި ޒައިނަބް ހިފިއެވެ. އޭނާ ހުރީ ޒިވްޔަން ދެކެ ނިކަން ގަޔާވެފައެވެ.
''މީ ބަތޫލްއަށް...'' ކޮތަޅުގައި ދެން އޮތީ މާބޮނޑިއެކެވެ. ޒިވްޔަން މާބޮޑި ނަގައި ބަތޫލްއަށް ދިކޮށްލިއެވެ. ދެލޯބޮޑުކޮށްލި ބަތޫލް އަވަސްއަވަހަށް ޒިވްޔަންގެ އަތުން މާބޮނޑި އަތުލަމުން ވަސްގަނެލިއެވެ.
''ދޮންތިއަށް ދޭން ހަދިޔާއެއް ނުގެންނަން ދޯ؟...'' ވިސްނުމަކާ ނުލައި ބަތޫލް ބުންޏެވެ. އެއާއެކު ބަތޫލްގެ އަތުގައި ހިފައި ސަރުވާ ދަމާލިއެވެ. އަދި ގެނެސް އޭނާ ގާތު ސޯފާގައި ބޭންދިއެވެ. އެންމެންގެ ހުނުމުގެ އަޑު އިވުމުން ބަތޫލް އިނީ ރަކިވެފައެވެ.
ކާން ދައުވަތު އަރުވަމުން ޒައިނަބު ހިނގައިގަތީ ކާކޮޓަރިއަށެވެ. ހިތުގައި ސުވާލުތައް ހުރި ކަމުގައި ވިޔަސް ޒިވްޔަންއަށް އާފާގު ވަގުތު ދިނެވެ. އެކުވެރިކަމުގެ މާހައުލެއްގެ ތެރޭން ސުވަލުކުރުން އެއީ އެންމެ ބުއްދިވެރި ގޮތްކަމުގައި އޭނާއަށް ވިސްނުނެވެ.
މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތު ލަސްލަހުން އާފާގުގެ ސުވާލުތައް ޒިވްޔަންއަށް އަމާޒުވިއެވެ. ސާބިތުކަމާއެކުގައި ޒިވްޔަން ކޮންމެ ސުވާލަކަށް ޖަވާބުދެމުން ދިޔައެވެ. މާހުތާބް ވެސް ޒިވްޔަންގެ ޖަވާބުތައް ފޫބައްދާލަދެއެވެ.
''ސަރުވާ ބުނި ޒިވްޔަން ރެސްޓޯރެންޓެއް ހިންގާ ވާހަކަ...'' އާފާގު ބުންޏެވެ. ޒިވްޔަންގެ ޒިންމާދާރުކަން ބަލައިލަން އޭނާ ސުވާލުތައް އަތުރަން ފެށިއެވެ. ލޯބިވާ ދަރިފުޅު ޒިވްޔަންގެ އަތްމައްޗަށް ދޫކޮށްލުމުގެ ކުރިން އެއީ ސަރުވާއާ އެންމެ އެކަށީގެންވާ ޒުވާނާތޯ ޔަގީންކުރަން އާފާގު ބޭނުންވިއެވެ. ޒިވްޔަންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ސަރުވާއަށް ލިބޭނެކަން ޔަގީންކުރަން ވެސް އޭނާގެ ޒަމީރު ބޭނުންވިއެވެ. ޒިވްޔަންގެ އަތްމައްޗަށް ސަރުވާ ދޫކޮށްލެވޭނީ ޒިވްޔަންގެ ނިޔަތް ވެސް ދަސްވުމުންނެވެ.
''ލައްބަ، އެކުވެރިޔަކާއެކުގައި ފެށީ... އާއިލީ ވިޔަފާރިއަށްވުރެ ބޮޑަށް އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވީ، ރެސްޓޯރެންޓް ވަރަށް ކާމިޔާބު ކަމާއެކުގައި ކުރިއަށް ދަނީ، އިތުރު ރެސްޓޯރެންޓެއް މާލޭގައި ހުޅުވުމުގެ ވިސްނުން ވެސް އެބަ ގެންގުޅެން......'' ޒިވްޔަންގެ ކޮންމެ ޖަވާބަކުން ވެސް އާފާގުގެ ހިތުގައި ޒިވްޔަންއާ މެދު ޔަގީންކަން އުފެދެމުން ދިޔައެވެ. ހަމައެއާއެކު ސަރުވާ ދެކެ ޒިވްޔަން ވާ ލޯބިވެސް އޭނާއަށް ފެނުނެވެ.
ޒިވްޔަންގެ ވާހަތަކުން ޒިވްޔަންގެ އާއިލީ ވިޔަފާރި އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ ''ބްލޫ ލެގޫން'' ކުންފުނިކަން އެނގުނެވެ. އެ އާއިލާއަކީ މާލޭގައި ބޭފުޅުންގެ ލަގަބު ލިބިފައިވާ ބަޔެކެވެ. މާހުތާބްގެ ފަރާތުން ފެންނަމުން ދިޔަ ޝާހީ އަސްލުގެ ސަބަބު ވެސް ވިސްނައިގަނެވުނީ ދެނެވެ. ގަދަރުން ފުރިގެންވި ނަޒަރަކުން މާހުތާބްއަށް އާފާގު ބަލައިލިއެވެ. އޭނާއަކީ ވެސް މާލޭގެ މުއްސަނދި އާއިލާއަކުން އައިސްފައިވާ މީހެކެވެ. ނަމަވެސް ޒިވްޔަންގެ އާއިލާއަކީ އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ހައިބަތު ބޮޑު އާއިލާއެކެވެ.
ސާބިތުކަމާއެކުގައި ސަރުވާގެ މައިންބަފައިންގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔަ ޒިވްޔަންއަށް ބަލަން މާހުތާބް އިނީ ފަހުރުވެރިކަމާއެކުގައެވެ. އިތުރަށް ޒިވްޔަންއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭކަށް ވެސް އޭނާ ނުޖެހުނެވެ. އާފާގު އާއި ޒައިނަބްގެ ހިތް ވެސް ޒިވްޔަން ފަތަހަ ކުރީ އަމިއްލަ ހުނަރުންނެވެ.
މެންދުރުގެ ކެއުން ނިމުމާއެކު އާފާގު އަދި ޒައިނަބުއާ ވަކިން ވާހަކަ ދައްކާލަން މާހުތާބް ބޭނުން ވިއެވެ. މާހުތާބް ގޮވައިގެން ޒައިނަބު މިސްރާބު ޖެހީ ހާމަފެންޑާއަށެވެ. ގޮނޑިން ތެދުވެލުމަށްފަހު، ސަރުވާއަށް ބަލައިލަމުން އާފާގު އުފަލާއެކު ބޯޖަހާލިއެވެ. ބައްޕަގެ އިޝާރާތް ސަރުވާއަށް ފަހުމުކުރެވުނެވެ. އުފަލުން ގޮސް އަނގައިގެ ދަތްތައް ފެންނަވަރަށް އޭނާއަށް ހިނިތުންވެވުނެވެ.
(ނުނިމޭ)