ވާހަކަ

ނުފޫޒަކުން - 19

ހަންނާގެ އަނގަމަތީގައި ރޫޔާ އަތްއެޅިއެވެ. އިތުރަށް އޭނާ އަށް އަޑެއް ނޭހޭނެއެވެ. އެހިތްވަރެއް ނެތެވެ.

"ޕްލިޒް ދެން ހުއްޓާލާ. މަންމަ ތިދެއްކި ވާހަކަތައް ދުވަހަކުވެސް އަޅުގަނޑުގެ ސިކުނޑި ނެއްޓިގެން ނުދާނެ" ހަންނާގެ ކޮނޑުގައި ބޯ އަޅާލައިގެން އިން ރޫޔާ ބުންޏެވެ.

****

ދޮވެފައި ހުރި އަންނައުނުތައް ކޮޓަރިއަށް ގެންގޮސްފައި ލަތީފާ އައިސް އިށީނީ ސޯފާގައެވެ. އެއްފަރާތުގައި ޓީވީ ރިމޯޓް ހިފައިގެން އިން ފިރިހެން ދަރިފުޅަށް ލަތީފާ ބަލައިލިއެވެ. އެހިސާބުން ޓީވީ އަޑުމަޑުކޮށްލާފައި މަންމަ އަށް ސާލިމް ކުރިމަތިލިއެވެ.

"ޝާއްކޮ މިއަދު ނިމެނީ ކިހާއިރަކު؟" ސާލިމް އެހިއެވެ.

"އެހެން ދުވަސްދުވަހުވެސް ނިމޭ ގަޑިއަށް އަންނާނެ. ކޮންވާހަކައެއް ދައްކަން ދަރިފުޅު އުޅުނީ؟" ލަތީފާ ބުންޏެވެ.

"މާލެ ދާން ކަމަށް. ހަފްތާއެއްހާ ދުވަހަށް" ސާލިމް ބުންޏެވެ.

ލަތީގާ ހައިރާންވިއެވެ. ސާލިމް މާލެ ދާން ޖެހޭ ސަބަބެއް ނޯންނާނެއެވެ. އެހެންނޫނަސް އާއިލާ ކައިރިއަށް އާދެވުނު ކުރު ޗުއްޓީގައި ސާލިމް ދުރަށްދާން އުޅުމުން ލަތީފާ ދެރަވާގޮތް ވިއެވެ.

"މަންމަ އަށް އަހާލެވިދާނެތަ ކީއްކުރަންތޯ. މިހެން މިއެހީ ދަރިފުޅުގެ ބައްޕަ އާ ވެސް ބައްދަލުވާނީއެއް ނޫން. އެހުންނަނީ ރިސޯޓުގެ މަސައްކަތްތައް ހުރިގޮތުން އެތާ ތާށިވެފަ. މަންމަ އާ ފޯނުން ވާހަކަދައްކާލަންވެސް ގިނަފަހަރަށް ވަގުތެއްނުވޭ. އަނެއްކޮޅުން މާލޭގަ ހުރި ގޭ ކަންތައް ބަލަހައްޓަން އެހުންނަނީ މީހަކާ ހަވާލުކޮށްފަ" ލަތީފާ ވާހަކަދެއްކިއެވެ.

ސާލިމް ހީލިއެވެ. އޭނާ މާލެ ދާން ބޭނުންވާ ހަގީގީ ސަބަބު އަދި މަންމަ ކައިރީގައި ބުނެވޭކަށް ނެތެވެ. އަދި އޭނާ ވަގުތު ބޭނުންވެއެވެ.

"ބައްޕަ ކައިރިއަށް ދާން މިދަނީ. ބައްޕަ ބުނި ލޯންޗު ފޮނުވާނަމޭ. ބައްޕަ ވެސް ދެކިލާފައެއްނު ދާންޖެހޭނީ" ސާލިމް ބުންޏެވެ.

"މަންމަ އަށް އެންމެރަނގަޅު. އެކަމަކު ބަލައިގެން އުޅޭތި. އަވަހަށް އަންނަންވާނެ" ލަތީފާ ބުންޏެވެ.

ލަތީފާ ދިޔުމުން ޖީބުގައި އޮތް ފޯނު އޭނާ ނެގިއެވެ. ފޯނަށް ސޭވްކޮށްފައި އިން ރާއްޖޭގެ ނަންބަރަކަށް އޭނާ ގުޅާލިއެވެ.

****

ވާދީގެ ބޮޑު ގަހުގައި ލެގިލައިގެން ނިހާން އިނެވެ. އޭނާގެ މޭގައި ލެގިލައިގެން އިން ރޫޔާ ގެ މަޑުމަޑު އަތްތިލައިގައި ނިހާން ދިޔައީ ފިރުމަމުންނެވެ. ދެ ޒުވާނުން އެތަނުގައި ތިބޭތާ ގިނައިރުތަކެއް ވެއްޖެއެވެ. ކޮލެޖު ގެ އެއްވެސް ގަޑިއެއްގައި އެއިން ކުއްޖަކު މިއަދު ބައިވެރިނުވެއެވެ. މާވަރަކަށް ރޫޔާ ފިކުރު ކުރަނީއެވެ. ނިހާން ރޫޔާ އެތަނަށް ގެނައީ ރޫޔާ ގެ ހިތަށް ހަމަޖެހުމެއް ހޯދައި ދިނުމަށެވެ. ރޫޔާގެ ހިތަށް އުނދަގު ކުރަމުންދާ ފިކުރުތައް ނެރެލުމަށެވެ.

"މަންމަ އާއި ބައްޕަގެ ވަރަށް ބޮޑެތި މަޖުބޫރީތަކެއް އެބަހުރި. އަހަރެން ދެރަވަނީ މަންމަ އެވާހަކަތައް ދެއްކިގޮތުން" ރޫޔާ ބުންޏެވެ.

"ކީކޭ ބުނާނީ. އަހަންނަކަށް ނުކެރޭނެ ބޭބެ ކައިރީގަ އަހާލާކަށްވެސް" ނިހާން ބުންޏެވެ.

"ނޫން. ބައްޕަ ކައިރީގައި ނުބުނާތި. އަހަރެން ކަމަކާ ދެރަވެގެން އުޅޭކަން އެނގުނިއްޔާ ބައްޕަ ވަރަށް ކަންބޮޑުވާނެ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެއްވެސް ކަމެއް ބައްޕައަށް ވާކަށް. މިހާރު އަބަދުވެސް ބޭނުންވަނީ މަންމަ އާ ބައްޕަ ހެޕީކޮށް ހުންނަން. އެކަމަކު މިހާރު މަޑުމަޑުން އެބައެނގޭ މަންމަ އާއި ބައްޕަގެ މަލުގެ ބަގީޗާގެ ތެރޭގައި މިނިވަން ކޮކާލެއް ފަދައިން އަހަންނަށް އުދުހި އުޅެވުނަސް ދިރިއުޅުމުގެ ކަންކަމާ ވިސްނަންޖެހޭކަން. އަހަރެން ހިމާޔަތްކުރަން އަބަދު މަންމަމެން ކައިރީގަ ނުތިބޭނެކަން. މަންމަ ބޭނުންވަނީވެވސް އަހަރެން ކެރިގެން ކަންކަމާ ކުރިމަތިލާން" ރޫޔާ ވާހަކަދައްކަމުން ދިޔައެވެ.

ނިހާން ފޫން ނޭވައެއް ދޫކޮށްލިއެވެ. މުޅި ދުވަހު އެ ފިކުރުތަކުގެ ކަނޑަށް ރޫޔާ ދޫކޮށްލަން ބޭނުންނުވާތީ އެ މައުޟޫ އަށް ވާހަކަދައްކަން ނިހާން ބޭނުމެއް ނުވިއެވެ.

"ހިނގާބަލަ ތަނަކަށް ދާން" ނިހާން ބުންޏެވެ.

ރޫޔާ ބޯ އުފުލާލާފައި ނިހާންގެ މޫނަށް ބަލައިލިއެވެ.

"ކޮންތާކަށް؟" ރޫޔާ ބުންޏެވެ.

"ދިޔައިމަ އެނގިދާނެއްނު" ނިހާން ބުންޏެވެ.

"ހިނގާ..." ރޫޔާ ބުންޏެވެ.

ދާ ތަނެއް ނިހާން ނުބުނާތީ ރޫޔާ އަށް އިނދެވުނީ ނިހާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ނިހާން ހީލިއެވެ. ރޫޔާ ގެ ނޭފަތުގެ ކުރީގައި ނިހާން ތުންފަތް ޖައްސާލިއެވެ.

"އެނގޭތަ! ތިބަލަނީ އެއްކަލަ ރޭ ބެލިގޮތަށް. އެނގެއެއްނު ތިގޮތަށް ބެލީމަ ވާނެގޮތް. އަނެއްކާ މިކަހަލަ އޯޕެން ތަނެއްގަ އެކަލަހަ ކަމެއް....."

"އެއްކަލަ ނިހާން... ހިނގާ ދާން" ނިހާންގެ މޭގައި ޖަހައިލަމުން ރޫޔާ ބުންޏެވެ.

ރޫޔާ ލަދުގަތްކަން އެނގުމުން ނިހާނަށް ހެވުނެވެ. އޭނާ ކޮޅަށް ތެދުވިއެވެ. ދެން ދެއަތް ދިއްކޮށްލާފައި ރޫޔާ ކޮޅަށް ނަގަން އެހީވެދިނެވެ. ވިނަތަކުގެ މަތީގައި ވަކިން ބަހައްޓާފައި ހުރި ރޫޔާގެ ކަށި ބޫޓަށްވެސް އަރުވައިދިނީ ނިހާނެވެ.

"ތެންކިޔޫ ލަވް" ރޫޔާ ބުންޏެވެ.

ދެކުދިން ވާދީ އިން ނިކުންނަން ހިނގައިގަތެވެ. ހިމަ މަގުން ޔުނިވާސިޓީ އާ ދިމާލަށް ހިނގާފައި ދިޔައިރު އަދިވެސް ރޫޔާ ގެ ބޮލަށް ކުރަމުންދިޔަ އުނދަގު ކުޑަނުވެއެވެ. އެހެންނަމަވެސް ނިހާނާ އެކު ވަގުތު ހޭދަކުރި ވަރަކަށް އޭނާ ހިތްހަމަޖެހޭނެއެވެ. ހިނގާފައި ދިޔައިރުވެސް ނިހާން ކުރާ ލޯބީގެ ސަމާސާތަކުގައި ރޫޔާ ބައިވެރިވަމުން ދިޔައެވެ. އިރުކޮޅަކާ ކޮންމެސް މަޖާ އެއްޗެއް ނިހާން ބުނެލައެވެ. ރޫޔާގެ އަތްތިލަ އުފުލާލާފައި ބޮސްދެއެވެ. އޭނާ ރޫޔާ އަށް އެދޭވަރު ހާމަކޮށްދެއެވެ. ކުއްކިއަކަށް ރޫޔާ ހުއްޓުނެވެ. ނިހާން ބަލައިލިއެވެ.

"ތިދަނީ ކެމްޕަސްއަކަށްނު. ޕްލީޒް. މިއަދު ކިޔަވާހިތެއް ނެތް" ރޫޔާ ބުންޏެވެ.

"ނުދަމޭ ކެމްޕަސްއަކަށް. މިދަނީ އެހެން ތަނަކަށް. އާދެބަލަ" ރޫޔާ ގެ އަތުގައި ހިފައި ދަމައިލަމުން ނިހާން ބުންޏެވެ.

****

ދެ ސެޝަން ދެމެދުގަ ލިބުނު ހުސްވަގުތުކޮޅުގައި ކެފެއެއް ދާ ހިޔާލު ޝާނާ ދޫކޮށްލިއެވެ. ކައިރީގައި އިށީނދެގެން އިން ލަވީރާ ބުނި އެއްޗަކުން ޝާނާ އިނީ ހިތްހަމަނުޖެހިފައެވެ. ދެކުދިން އިށީނދެގެން ތިބީ ކެންޓީނަށް ވަންނަ ހަރުފަތްތަކުގެ މަތީގައެވެ. ޝާނާގެ އަތުގައި ބާގާއެއް އޮތެވެ.

"ޒެކިވިމްގެ ވާހަކަ ނުދައްކަބަލަ. އަހަރެންގެ ޝައުގުވެރިކަމެއްނެތޭ ބުނެފީމެއްނު" ޝާނާ ބުންޏެވެ.

"ކޮބާ އޭނަގެ މައްސަލައަކީ؟ ނުލާހިކު ސްމާޓްކޮށް ހުންނަނީ. އަނެއްކޮޅުން ނިއުޒީލެންޑަށް ދެވޭނެ. ކިހިނެއް އެނގެނީ މުއްސަނދި އާއިލާއަކުން އައިސް ހުރި މުއްސަނދި ޒުވާނެއް ނޫންކަމެއްވެސް. ނަސީބެއް ލިބުނީމަ ފުރަގަސްނުދީބަލަ" ލަވީރާ ވާހަކަދެއްކިއެވެ.

"ލަވީ އޭނަ އާ ރައްޓެހިވާންވީނުން. މީހަކު އަދި ލައިކް ވާ ވާހަކަ ބުންޏަސް އަހަރެން ނޫޅެން. ބޮޑު ކާފަރަކާ ރައްޓެހިވެގެން މަންމަ ކައިރިއަށް ދާއިރަށް އަހަރެން އިރަށް ދޮންކޮށްފަ މަރާނެ. އެހެންނޫނަސް ނިހާން ނޫން އެހެން މީހަކަށް މިހިތެއް ދީލާނުލާނެ" ޝާނާ ވާހަކަދެއްކިއެވެ.

ލަވީރާ އަމިއްލަ އަތުން ބޮލުގައި ޖަހާލިއެވެ. ދެފަރާތަށް ބޯ ހޫރާލާފައި ޝާނާ އާ ކުޑަކޮށް ގާތަށް ޖެހިލިއެވެ.

"ނިހާން ގެ ވާހަކަ ދެއްކުން ހުއްޓާލާނީ ކޮންއިރަކުން؟ އެދެކުދިންގެ ލޯބީގެ ދުނިޔޭގަ ހެޕީކޮށް އެތައް މަލެއް ފޮޅުވާ ފަރިކުރަމުން އެދަނީ. ޝާނާ ގަބޫލުކުރިޔަސް ނުކުރިޔަސް މި ޔުނިވާސިޓީގަ އުޅޭ އެންމެ ލޯބި ކަޕްލް އެއީ. އެކުދިންނަށް އުނދަގުނުކޮށްބަލަ" ލަވީރާ ބުންޏެވެ.

"އަހަންނަށް ހެޔޮ ކިތަންމެ މަލެއް ފޮޅުވިޔަސް. އަހަރެން މޮޅު ކަމެއް ރާވައިފިން" މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޝާނާ ބުންޏެވެ.

"އަނެއްކާ ކޮންކަމެއް؟" ލަވީރާ އެހިއެވެ.

"ނޫޅެން ލަވީ ކައިރީ ބުނާކަށް. ތިއީ މިހާރު އަހަރެންގެ ސައިޑްގަ ހުރި މީހެއް ނޫން" ކާން އިން ބާގާ އާއި އުނގުތެރޭގައި އޮތް ދަބަސް ހިފައިގެން ޝާނާ ހިނގައިގަތެވެ. ލަވީރާ ވެސް ޝާނާ ފަހަތުން ދިޔައެވެ.

****

ޖީބުން ވޮލެޓް ނަގާފައި ފައިސާގެ ނޫޓްތައް ރިސެޕްޝަނުގައި އިން ކުއްޖާ އަށް ނިހާން ދިއްކޮށްލިއެވެ. ރޫޔާ ހައިރާންވިއެވެ. މިހާރު ނިހާން ގެ ވޮލެޓް އޮތީ ހުސްކޮށެވެ. އަދިވެސް ނިހާން ކުރަން އުޅެނީ ކީއްކަމެއް ރޫޔާ އަށް ނޭނގެއެވެ. އޭނާގެ އަތުގައި ހިފައިގެން ދިމާލަށް ހުރި ސިޑި އާ ދިމާލަށް ނިހާން ހިނގައިގަތުމުން ރޫޔާ އަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ.

"ކިހިނެއް ތިހެދީ؟ ނިހާން ބޭނުންކޮށްލާނެ އެންމެ ރުފިޔާއެއްވެސް ނުބަހައްޓާ ތިދިނީނު. ކީއްކުރަން ތިއުޅެނީ؟" ރޫޔާ ބުންޏެވެ.

"ލާރި އާ މެދު ހާސްނުވޭ. އެ ބައި ހަމަޖެހޭނެ ބައްޕަ އަށް ގުޅާލީމަ. ދެން މިތަނަށް އައީ ކީއްކުރަންކަން އިރުކޮޅަކުން ރޫ އަށް އެނގޭނެ" ރޫޔާގެ އުނގަނޑުގައި އަތްއަޅުވާލަމުން ނިހާން ބުންޏެވެ. ރޫޔާ ހިމޭނުން ހުއްޓެވެ. ނިހާން ކުރަންއުޅޭނީ އަބަދުވެސް އޭނާ ގަޔާވާ ކަމެކެވެ. ކުރިއަށް ދިޔައިރު ރޫޔާ ވަށައިގެން ބެލިއެވެ. ދެ ޖިންސުގެ މީހުންތަކުން ތަން އޮތީ ފުނި ޖެހިފައެވެ. ހީވާގޮތުން މީހުން ދަތުރު އައިސް އުޅޭ ތަނެކެވެ.

"މިއީ އަހަރެމެންނަށް ލިބުނު ރޫމް" ކޮޓަރި ދޮރުމަތީ ހުއްޓި ޖީބުން ނެގި ތަޅުދަނޑި ދައްކައިލަމުން ނިހާން ބުންޏެވެ.

"ވަޓް...؟" ރޫޔާ އަށް ބުނެވުނެވެ.

"ކީއްވެ؟ ކީއްވެ މިކަހަލަ ތަނަކަށް... ނިހާން. އަހަރެން ވަރަށް ބިރުގަނޭ...." ރޫޔާ ބުންޏެވެ.

ޖެހިލުންވެފައި ހުރި ރޫޔާގެ މޫނުގެ ދެފަރާތުގައި ނިހާން ހިފަހައްޓާލިއެވެ. ރޫޔާ ވަރަށް ބޮޑަށް ޖެހިލުންވެއްޖެކަން ރޫޔާގެ ދެލޮލަށް އެކަނި ބަލައިލުމުންވެސް ނިހާނަށް އެނގުނެވެ.

"ރިލޭކްސް ލަވް... ރޫ ތިހީކުރާކަހަލަ ކަމެއް ކުރަން ނޫޅެން. އެފަދަ ގޯހެއް ތަކުރާރު ނުކުރަން މަސައްކަތް ކުރާނަން. އެކަމަކު މިއީ... މިއީ ޗޭންޖިންގ ރޫމެއް. ރޫ އެތެރެއަށް ވަދެ ޗޭންޖް ކޮށްލައިގެން ނިކުމޭ. ޖެހިގެން މިހުރީ ފިރިހެނުންގެ ރޫމް. އަހަރެން ވަންނާނީ މިތަނަށް" ނިހާން ލޯތްބާއެކު ވާހަކަދެއްކިއެވެ.

"ކީއްވެ ޗޭންޖިންގރޫމަކަށް. އަދިވެސް ކުރަންއުޅޭ ކަމެއް ނުބުނަމެއްނު" ރޫޔާ ބުންޏެވެ.

"ޕޫލަށް އެރިލަން. ފަތާލަން. މިތަނުގަ ތަފާތު ކުޅިވަރުތައް އެބައޮތް. ފަތާލާފަ ރޫ ގެ ފޭވްރަިޓް ގޭމް ކުޅެލާފަ ދާނީ. ވާނެ ވަރަށް ކޮލިޓީ ޓައިމްކޮޅެއް ސްޕެންޑްކޮށްލަން. ދެން ދޭ އަވަސްކުރައްޗޭ" ރޫޔާގެ މޫނުގައި ފިރުމާލަމުން ނިހާން ބުންޏެވެ.

"އެކަމު... ހެދުމެއްވެސް ނުގެންނަން" ރޫޔާ ބުންޏެވެ.

"މިތަނުން ހުރިހާ އެއްޗެއް ލިބޭނެ. އަހަރެމެން މިތަނުން ނިކުންނާނީ ލައިގެން މިތިބި އެއްޗިއްސާއެކު. ދެންވެސް ދޭ" ނިހާން ބުންޏެވެ. ހިތްހަމަޖެހިފައި އެ ކޮޓަރިން އެތެރެއަށް ރޫޔާ ވަނެވެ.

****

ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށް އެނދުގައި އޮތް ނޭހާ ބަލައިލިއެވެ. ކޮޓަރި ހުންނާނީ ތަޅުނުލައެވެ. މަންމަ ވަންނާކަށް ދުވަހަކުވެސް ހުއްދައެއް ނުހޯދައެވެ. އެއީ ބައްޕަ ނޫނީ ދޮންބެ ކަން ނޭހާ އަށް އެނގުނެވެ.

"ހުޅުވާފަ" ނޭހާ ބުންޏެވެ.

ރަނގަޅަށް ހެޑްބޯޑުގައި ލެގިނުލެވެނީސް އެތެރެއަށް ވަތް ދޮންބެ އޭނާ އަށް ފެނިއްޖެއެވެ. ފުރަތަމަވެސް ނޭހާ ގެ ނޭފަތުގައި ޖެހުނީ ފައިކު އަތުގައި ހުރި ކަޕްނޫޑްލްސް ތަށީގެ މީރު ވަހެވެ.

"މިއީ ނޭއްކޮ އަށް" އަނެއް އަތުގައި ހުރި ތަށި ދިއްކޮށްލަމުން ފައިކު ބުންޏެވެ.

ނޭހާ ހައިރާންވިއެވެ. އެކަހަލަ ވަގުތުކޮޅެއް ދޮންބެ އާއެއްކޮށް ހޭދަކޮށްނުލެވޭތާ ގިނަދުވަސްތަކެއް ވެއްޖެއެވެ. ފަހަކަށް އައިސް ދޮންބެ އެހާ ސަމާލުކަން ނުވެސްދެއެވެ. އަނެއްކޮޅުން ސީފުޑް ކަޕް ނޫޑުލީހަކީ އޭނާ އަށް އެންމެ ކަމުދާ ވައްތަރުކަން ދޮންބެ ހަނދާނުގައި އަދިވެސް ހުރިކަން އެނގުމުން ނޭހާ ހިތްހަމަޖެހުނެވެ.

"ތެންކްސް ދޮންބެ" ކަޕްނޫޑްލްސް ތަށީގައި ހިފަމުން ނޭހާ ބުންޏެވެ.

ސައިޑްކަބަޑު މަތީގައި ތަށި ބަހައްޓާފައި ނޭހާ ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ކުޑަދޮރުތައް ވެސް ހުޅުވިއެވެ. ކޮޓަރީގައި ވަސްހިފާފާނެ ކަމަށެވެ.

"ކޮންކަމެއް ފާހަގަކުރަނީ؟" އަލުން އައިސް އެނދުގައި އިށީންނަމުން ނޭހާ ބުންޏެވެ.

"ދޮންބެ ހިތަށް އަރަނީ ނެއްކޮ ހާޓްވިއްޔާ ހާޓްވާނީ ހަމައެކަނި ޝައުންގެ ސަބަބުންނެއް ނޫނޭ" ފައިކު ބުންޏެވެ.

"ޕްލިޒް... ތިނޫން އެހެން އިންސާނެއްގެ ނަން ކިޔާ. އައި ޖަސްޓް ހޭޓް ޝައުން" ނޭހާ ބުންޏެވެ.

"ހާދަ ރުޅިއެއް. ހަމަ ސީރިޔަސްކޮށްތަ މެރީކުރަން ބޭނުންވާ ވާހަކަ ތިބުނީ" ފައިކު ބުންޏެވެ.

"ހޫމް.. ކީއްކުރަން ނީނދެ ތިބެންވީ. ސާލިމް ބޭނުންވަނީ އަވަހަށް މެރީކުރަން. މާދަމާ ސާލިމް އަންނާނެ. މިގެއަށް ގެންނާނަން. ދޮންބެ އެގަޑީގަ ގޭގަ ހުންނައްޗެ" ނޭހާ ބުންޏެވެ.

"ނެއްކޮ ލޯބިވަންތަ ސާލިމް ދެކެ" ފައިކު އެހިއެވެ.

"ސާލިމް އަޅުގަނޑުދެކެ ލޯބިވޭ. އެވަރުން ނިމުނީ" ނޭހާ ބުންޏެވެ.

"ނޫން. ނުނިމޭ. ޝައުންދެކެ ތިއައި ރުޅީގަ ގޮތް ނިންމަން އަދި މާ އަވަސްހެން ދޮންބެ އަށް ހީވަނީ. ދޮންބެ ތިނިންމުމަށް ފާޑުކިޔަނީއެއް ނޫން. އެކަމަކު ނެއްކޮ އަށް ލޯބިނުވެޥެއިރު...."

ލޯބި... ތި ލަފްޒަކަށް އަޅުގަނޑު އިތުބާރެއް ނުކުރަން. ކައިވެންޏެއް ދެމެހެއްޓޭނެ ހަމައެކަނި ގޮތަކީ ދެފަރާތުން ލޯބިވެގެނެއްނޫން. ބައިވަރު ކަންކަން ހުރެގެން. ސާލިމް އަކީ ވަރަށް ރަނގަޅު މީހެއް. ޝައުން އާ އަޅުގަނޑު ރައްޓެހިވުމުގެ ކުރިންވެސް ސާލިމް އޮތީ ރައްޓެހިވާން އަހާފަ. އެކަމަކު އެ ޝައުން މޮޅެތި ޖާދޫ ހަދައިގެން އަޅުގަނޑުގެ ހިތް އަނބުރާލީ. ސާލިމް މިހާރުވެސް ހުރީ އަޅުގަނޑާ އިންނަން ކެތްމަދުވެފަ. މުސްތަގުބަލުގަ އެއީ ދޮންބެމެން ކަހަލަ ޒުވާނުންނަށް ދީނީ ނަސޭހަތްދޭނެ ޝެއިހެއް. ކިޔަވަނީ މަދީނާ ގަ. ދެން ތިބުނަނީ ލޯތްބޭ. ސާލިމްދެކެ ލޯބިވާން އަޅުގަނޑަށް ޔަގީން އުނދަގުލެއް ނުވާނެކަން. ﷲ އަށްޓަކައި ކުރާ ކައިވެންޏެއްގައި ލޯބި އުފެދޭނީ ކައިވެންޏަށްފަހު" ނޭހާ ވާހަކަދެއްކިއެވެ.

"ވާއު... ހާދަ ބޮޑެތި ވާހަކަތަކެކޭ ތިދައްކާލީ. ދޮންބެ ވަރަށް އިމްޕްރެސް ވެއްޖެ. ތިއީ ކާކު ކިޔައިދިން އެއްޗެއް؟" ފައިކު ބުންޏެވެ.

"ސާލިމް. ސާލިމް ކިޔައިދެނީ މުޅިންވެސް ރަނގަޅު ވާހަކަ. އަޅުގަނޑު ކަންބޮޑުވާ އޮތީ އެންމެ ކަމެއް" ނޭހާ ބުންޏެވެ. އޭނާ އިސްޖަހާލިއެވެ. ދެލޮލުން ކަރުނަވެސް ނީރާލިއެވެ. މާ އަވަހަށް ޝައުން އަށް އިތުބާރުކޮށް ޝައުންގެ ކުރިމަތީގައި ހަށިގަނޑު ނީލަން ކިޔުނީއެވެ. އަލަތު ފިރިމީހާ އާ ހަވާލުކުރަންޖެހޭނީ އެއްވެސް އަގެއް ނެތް ހަށިގަނޑެކެވެ. ކައިވެނީގެ ކުރިން ސާލިމް ކައިރީގައި އެވާހަކަ ބުނާނެ ގޮތެއްވެސް އޭނާ އަށް ނޭނގެއެވެ.

"އޭތް..." ނޭހާގެ ލޯމަތީގައި ފައިކު އަތްހިންގާލިއެވެ.

"ކޮންވިސްނުމެއްގަ" ފައިކު ބުންޏެވެ.

"ކަމެއްނުވޭ. ދެން ދޮންބެ ދޭ. ދަމުން މި ތަށި ޑަސްބިނަށް ލައިދޭތި. ފެންވަރާލައިގެން ނިދާލަން މިއުޅެނީ" ނޭހާ ބުންޏެވެ.

ކޮޓަރިން ނިކުންނަން ދަމުން ފައިކު ބަނޑުގައި އަތްހާކާލި ގޮތުން ނޭހާ އަށް ހެވުނެވެ. ނޫޑްލީހަކީ އަބަދުވެސް ދޮންބެ އަށް ވަރަށް ވައިގެ އުނދަގޫކުރާ އެއްޗެއް ކަން އޭނާ އަށް އެނގެއެވެ.

"ނޫޑްލްސް ކައިފަ ދެން ކޮންމެހެން ބަނޑުގަ އަތްހާކާނެ ކަމެއްނެތް" ދޮރާ ހަމައަށް ގޮސްފައި ނޭހާ ބުންޏެވެ.

"މިއަދު އެއްކޮށް ފާހާނާ ތަށި މަތިން ނުތެދުވެ އުޅެންމިޖެހުނީ" ފައިކު ބުންޏެވެ.

(ނުނިމޭ)