ވާހަކަ

ދޭތޯ ތި ހިތް - 19

ކަންފަތަށް އަޑު އިވުނު ޖުމުލަ ގަބޫލުކުރަން ނޭނގިފައި ދައިސާންއަށް އިނދެވުނީ ޒިވްޔަންގެ މޫނަށް ބަލަންށެވެ. ހައިރާންކަމުގެ އަސަރުތައް ދައިސާންގެ މޫނުން ފެންނަމުން ދިޔައެވެ. ދެ އެކުވެރިން ތިބީ ކޮފީއެއްގައެވެ.

''ޑޫޑް...'' ދައިސާންއަށް އޭނާގެ އަތުގައި އޮތް ކޮފީ ތަށި މޭޒުމަތީގައި ބަހައްޓާލެވުނެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ޒިވްޔަންއަށެވެ.

''ކިހިނެއްވީ؟...'' ދައިސާންއަށް އައި ބަދަލު ނަގައިގަންނަން ޒިވްޔަންއަށް އުނދަގޫވިއެވެ. އާވިއަރަމުން ދިޔަ ކޮފީތަށިން ކޯވަރެއް ބޯލަމުން އޭނާ ދައިސާންއަށް ބުމަ އަރުވާލައިފިއެވެ.

''އާރ ޔޫ ސީރިޔަސް؟... މިހާ އަވަހަށް؟...'' ދައިސާންގެ އަޑުން ވެސް އޭނާއަށް ލިބިފައިވި ސިހުން ހާމަކޮށްދެއެވެ.

''މުޅި އުމުރުގައި ވެސް މިނޫން ކަމަކަށް އެހާ ބޮޑު ޔަގީންކަމެއް ނެތް... ޝީ އިޒް ދަ ވަން...'' ޒިވްޔަންގެ ދެލޮލުން އުފާވެރިކަން ބަބުޅަމުން ދިޔައެވެ. ސަރުވާއާ ކައިވެނިކުރަން ބޭނުންވާކަން ޒިވްޔަން ހާމަކުރުމުން ދައިސާންއަށް ލިބުނު ހައިރާންކަން ފިލައިގެންދާ ގޮތެއް ނުވިއެވެ. ކިޔާރާގެ ފަރާތުން ވެސް ކޮންމެވެސް ވަރަކަށް އެ ވާހަކަތައް އޭނާގެ ކަންފަތާ ހަމައަށް އޮތީ ފޯރައިފައެވެ. ނަމަވެސް އޭނާ ހީކުރީ އެއީ ސަމާސާއެއް ކަމުގައެވެ. ޔަގީންކުރަން އެ ވާހަކަ ޒިވްޔަންގެ ގާތުގައި ދައްކަން ގަސްދުކޮށްގެން ހުއްޓައި، ހުދު ޒިވްޔަންގެ ދުލުން އެކަމަށް ވަނީ އިއުތިރާފުވެފައެވެ.

''އެކަމަކު...'' ދައިސާން ބުނަން އުޅުނެވެ. ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޒިވްޔަން ވާހަކަދައްކަން ފެށިއެވެ. އެންމެފަހުން ދައިސާންގެ މޫނުގެ ކުލަވަރުތައް އޭނާއަށް ފަހުމުކުރެވުނެވެ. ހިނިތުންވެލަމުން ޒިވްޔަން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

''މާ އަވަހީ ދޯ؟... އެކަމަކު ދިރިއުޅުމެއް ފަށަން ބޭނުންވާ ބައިވެރިޔާ ފެނުމުން އިތުރަށް މަޑުކުރުމުގެ ބޭނުމަކީ ކޮބާތަ؟... އަހަރެންގެ ހިތުގައި ޔަގީންކަން އެބައޮތް... އެހެން ނޫނަސް ގިނަ ދުވަހު ރައްޓެހިވެގެން އުޅުމުގެ ވިސްނުމެއް އެއް އިރެއްގައި ވެސް އަހަރެންގެ ނެތް...'' ޒިވްޔަން ބުނެދިނެވެ.

''ޒެންއަށް ހަމަ ރަނގަޅަށް ވެސް ލޯބިވެވިއްޖެ... އަހަރެން ހިޔެއް ނުކުރަން ތިފަދަ ބަދަލެއް ޒެންއަށް އައިސްދާނެ ކަމަކަށް... އެކަމަކު ޒެންގެ އަޑުން ވެސް ހިތުގައި އޮތް ޔަގީންކަން ހާމަކޮށްދޭ... ތި ނިންމުމައިގެން ކުރިއަށް ދާންވީ... އަހަރެން މިހެން ސުވާލުކުރީ ޒެން އަވަސްއަވަހަށް ނިންމުންތަކެއް ނިންމަން އުޅޭހެން ހީވާތީ... އެކަމަކު މިހާރު ޔަގީންވެއްޖެ ސަރޫ އެއީ ޒެންގެ ބައިވެރިޔާކަން...'' ދައިސާންގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އެ މޫނުގައިވި ސިހުމާއި ހައިރާންކަމުގެ ކުލަވަރުތައް ފިލައި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

''މާމައަށް ވެސް ސަރޫ ވަރަށް ކަމުގޮސްފި...'' ޒިވްޔަންއަށް ލިބިފައިވި އުފާވެރިކަން ސިއްރެއް ނުކުރެވުނެވެ. ލޯބީގެ އާސްމާނުގައި އުޅެވޭ ކަހަލައެވެ. އެ ހިތުގެ އަމާޒާ ހަމައަށް ވާސިލުވުމަށް ކެތްތެރިކަން ކުޑަވެފައިވާކަން އޭނާގެ ދެލޮލުން ވެސް ހާމަކޮށްދެއެވެ.

''ސީރިޔަސްލީ؟... އެހެންވިއްޔާ ތިއޮތީ ޒެންގެ ފެމީލީގެ އެޕްރޫވަލް ލިބިފައެއްނު... އަހަރެން އަބަދު ހީކުރީ ޒެންގެ މާމައަކީ ވަރަށް ގޮތްބޮޑު މީހެއް ކަމަށް، ޒެންގެ މާމައަށް ސަރޫ ކަމުގޮސްފިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ތި ލިބުނީ...'' އެކުވެރިޔާގެ ނަސީބާ މެދު ދައިސާން އުފާކުރިއެވެ. ޒިވްޔަންގެ ގުޅުމަށް ކުރިމަތިވެދާނެ އެންމެ ބޮޑު އިމްތިހާނު ވެސް ނިމުނީއެވެ. އެ ލޯތްބަށް ފުރިހަމަކަން ލިބިގެންދާނެކަމުގެ ޔަގީންކަން ހިތުގައި އޮތެވެ.

''ދެން ހުކުރު ދުވަހު ސަރޫގެ ގެއަށްދާން މިއުޅެނީ...'' ޒިވްޔަން ހާމަކުރިއެވެ. ''އެކަމާ ވަރަށް ސްޓްރެސްވެފަ މިހިރީ... އެކަމަކު ހުރިހާކަމެއް ވެސް ރަނގަޅަށް ދާނެކަމުގެ އުއްމީދު އެބައޮތް...''

''ޑޫޑް!... ހުރިހާކަމެއް ނިމުނީމަތަ އަހަރެން ގާތު ބުނަނީ ވެސް؟...'' ދައިސާން ސުވާލުކޮށްލިއެވެ.

''ވަރަށް އަވަހަށޭ ކަންތައް ނިމިގެން ދިޔައީ... އެހެންވެގެންނޭ ޑީން ގާތު ނުބުނެވުނީ... ބައެއް ފަހަރު ހީވޭ ހުވަފެނެއްގައި އުޅެވޭހެން ވެސް... ހެހެހެ...'' ޒިވްޔަން ހީލަމުން ވާހަކަދެއްކިއެވެ.

''އަހަރެން ދެން ކޮންކަމެއްކޮށްދޭންވީ؟...'' ދައިސާން އެހިއެވެ. އެކުވެރިޔާއަށް ވެދެވެން އޮތް އެހީއެއް ފޯރުކޮށްދޭން އޭނަ ހުރީ ތައްޔާރަށެވެ.

''ވަގުތު ޖެހުނީމަ ބުނާނަން...'' ޒިވްޔަން ހިނިތުންވެލިއެވެ. ދައިސާން ބޯޖަހާލިއެވެ.

''ޒެން ކަންބޮޑުނުވައްޗޭ.... ވިތް ޔޯ ޗާމް އައިމް ޝުއާރ ޔޫ އާ ގޮއިން ޓު ވިން ހާރ ޕޭރެންޓްސް...'' ދައިސާން ޔަގީންކަން ދިނެވެ. އެ ޖުމުލައިން ޒިވްޔަންއަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަނޑުވުމެއް ނެތް ހިނިތުންވުމަކާއެކުގައި އޭނާ ބޯޖަހައިލިއެވެ.

''އަހަންނަށް ކުރިން ވެސް ހީވިޔޭ ތި ދެމީހުން ތިބޭނީ ކޮފީއެއްގައިކަން...'' އޮލަ ވާހަކައެއްގައި ތިބި ޒިވްޔަންއާއި ދައިސާންއަށް ފަސްއެނބުރި ބަލައިލެވުނީ ކިޔާރާގެ އަޑަށެވެ.

''ޝިޓް!...'' ދައިސާންއަށް ބުނެވުނެވެ. ހަވީރު ކިޔާރާއާ ބައްދަލުކުރަން ވަގުތު ކިޔާފައި އޮތްކަން ވެސް އޭނަ ހަނދާންވީ ދެނެވެ. އަވަސްއަވަހަށް ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ސްކްރީނަށް ނަޒަރު ދިނެވެ. ތިން މިސްކޯ އިނެވެ. ފޯނު ސައިލެންޓަށް ލެވިފައި އޮތުމުން އެކަން ވެސް ރޭކާ ނުލީއެވެ. ކިޔާރާގެ މޫނަށް ދިން ނަޒަރާއެކު ހިންދިރުވާލެވުނީ ފެނުނު ރުޅިވެރިކަމުގެ އަސަރުންނެވެ.

''ބޭބް...'' ދައިސާން ލޯބިން ގޮވާލިއެވެ.

''ދެން ބޭބްއޭ ކިޔާ ގޮވާނެ ކަމެއް ނެތް... ބައެއްފަހަރު އަހަންނަށް ހީވޭ ޑީން ރައްޓެހިވެގެން އުޅެނީ ޒެންއާ ހެން ވެސް... އަހަރެން ގުޅީމަ ނޭނގުނު ވިއްޔާ ފޯނު ނަގަން ވެސް... އަހަރެން ހިތަށް އަރައި ޑީންއާއި ޒެން އަބަދު ކޮފީގަ ތިބެގެން ރެސްޓޯރެންޓް ހިންގަނީ ކިހިނެއްބާވައޭ...'' ތުންއަނބުރާލާފައި އައިސް ދައިސާންއާ ޖެހިގެން ހުސްކޮށް ހުރި ގޮނޑީގައި ކިޔާރާ އިށީނެވެ. އަދި ކޮނޑުގައި އޮތް އަތްދަބަސް ނަގައި މޭޒުމަތީގައި ބޭއްވިއެވެ.

''ސައިލެންޓްގަ އޮތީމަ ނޭނގުނީއޭ... ސޮރީ...'' ކިޔާރާގެ އަތުގައި ހިފާލަމުން ދައިސާން މައާފަށް އެދުނެވެ. އިރުކޮޅެއް ވަންދެން ދައިސާންގެ މޫނަށް ބަލަން ކިޔާރާ އިނެވެ. ދައިސާންގެ ދެ ލޮލުގައިވި ކުލަވަރުތަކުން ގިނައިރު ރުޅި އިސްކުރުން ފަސޭހަކަމަކަށް ނުވިއެވެ.

''ފައިން... ބަޓް ޔޫ އާރ ޓޭކިންގް މީ ޓު ޑިނާރ...'' ފުންނޭވާއެއް ދޫކޮށްލަމުން ކިޔާރާ ބުންޏެވެ. ވަގުތުން ދައިސާންގެ މޫނަށް އުފާވެރިކަން ވެރިވެއްޖެއެވެ.

''ޔޫ ބޯތް އާރ މޭޑް ފޯރ އީޗްއަދާރ...'' ކިޔާރާއާއި ދައިސާންއަށް ބަލަން އިން ޒިވްޔަންއަށް ހެވުނެވެ. އެ ހިނދު ދެލޯ ހަނިކޮށްލަމުން ޒިވްޔަންއަށް ކިޔާރާ ބަލައިލިއެވެ.

''މިހާރު އަހަރެން ވެސް ގޯސްވީތަ؟...'' އަމާންކަން ދެމުން ދެ އަތް މައްޗަށް އުފުއްލާލަމުން ޒިވްޔަން ބުންޏެވެ.

''އާނ... އަޑުއެހިން ޒެން ޕްރޮޕޯޒްކުރި ވާހަކަ...'' ކިޔާރާ ބުނެލިއެވެ.

''ޔެސް، އެކަމާތަ އަހަރެން ދެކެ ރުޅި އައިސްފަ ތިހިރީ؟...'' ޒިވްޔަންއަށް އަހާލެވުނެވެ.

''އެއްވެސް ކަހަލަ ރޮމޭންޓިކް ގޮތެއް ޒެންގެ ނުހުރޭ ދޯ؟... ވެން ޔޫ ޕްރޮޕޯޒް، ޔޫ ހޭވް ޓު ޑޫ އިޓް އިން އެ ރޮމޭންޓިކް ވޭއި... ރިންގެއް ވެސް ދޭން ޖެހޭނެއެއްނު... ދެން ހުރީ ސަރޫ... އޭނައަށް ކޮންމެ ގޮތެއް ވެސް ރަނގަޅު ވާނެ... އެއް ސްޓައިލެއްގެ ދެމީހުން ތީ...'' ކިޔާރާގެ ޝަކުވާތައް އޭނާ ބަންޑުންކޮށްލިއެވެ.

''އޯހ ގޯޑް... ރިންގް...'' ޒިވްޔަންއަށް މަޑުމަޑުން އޭނާގެ ނިތުގައި ޖަހާލެވުނެވެ.

''ދެން ކުރެވޭނެ ކަމެއް ނެތް... ފަހުން ދެން ރިންގް ދޭނީ... ފެމިލީ ކަންތައް ހަމައަކަށް އެޅުނީމަ އަލުން ޕްރޮޕޯޒް ކުރާނީ... އަހަރެން ހުރިހާ ކަމެއް ރާވައިދޭނަން...'' ކިޔާރާ ހަށަން ބަނދެލަމުން ބުނެލިއެވެ.

''ތެންކިއު ކިޔާ...'' ޒިވްޔަން ޝުކުރު އަދާކުރުމުގެ ގޮތުން ބުންޏެވެ.

''ވެޑިންގް ހުރިހާކަމެއް ވެސް އަހަންނާ އިނގޭ ހަވާލުކުރާނީ...'' ކިޔާރާ އިތުރުކޮށްލިއެވެ.

''އޭޒް ޔޫ ވިޝް މެޑަމް...'' ހިނިތުންވުމަކާއެކު ޒިވްޔަން ބުންޏެވެ.

''އަދި އެންމެ މުހިންމު ވާހަކަ... ސަރޫ ދެރަވާ ވަރުގެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ...'' ކިޔާރާ އިންޒާރެއް ވެސް ދިނެވެ.

''ތިކަމާ ކަންބޮޑުވާނެ ކަމެއް ނެތް... އަހަރެން ސަރޫ ދެކެ ވަރަށް ބޮޑަށް ލޯބިވޭ... އަހަރެންގެ ފަރާތުން އިރާދަކުރެއްވިއްޔާ ސަރޫ ދެރަވާނެ ފަދަ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެ...'' ޒިވްޔަންގެ އަޑުގައިވި ޔަގީންކަމުން ކިޔާރާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އެކުވެރިޔާގެ ނަސީބާ މެދު އޭނާ ޝުކުރުވެރިވިއެވެ. އަދި ޒިވްޔަންއަށް ހިނިތުންވުމެއް ދިނެވެ.

*****

ކެބިންގައި ހުރި ބޮޑު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިން ޖޫދާ ވަނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގްއަށެވެ. މިރާހްއާ ވަކިން ބައްދަލުކުރާނެ ގޮތެއް ވޭތޯ އޭނާ ވަރަށް މަސައްކަތްކޮށްފިއެވެ. ނަމަވެސް އެފަދަ ފުރުސަތެއް އަދި އޭނާއަށް ލިބޭ ގޮތެއް ނުވިއެވެ. މިއަދު ހެނދުނު އޮތް މީޓިންގައި ވެސް މިރާހްއާ ވާހަކަދައްކާލުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ދުރުގައި ހުރެ މިރާހްގެ ސޫރައިން ހިތްހަމަޖައްސާލުމުގެ ނަސީބު ނޫނީ ނުލިބުނެވެ. އެކަމަކާ ރުހިގެން ހުންނަން ޖޫދާގެ ނަފުސު ދެކޮޅު ހެދިއެވެ. މިރާހްގެ ފުރަތަމަ ލޯތްބަކީ އޭނާއެވެ. އެހާ ފަސޭހައިން އޭނާގެ ހަނދާންތަކާ ދުރުވާން މިރާހްއަށް ފަސޭހަކަމަކަށް ނުވާނެކަން ޖޫދާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ. މިރާހް އޭނާއާ ހިއްސާކުރި ވާހަކަތައް ވެސް ގަބޫލުކުރަން ޖޫދާގެ ހިތް ދެކޮޅު ހެދިއެވެ. އެއީ މިރާހް ކުޅޭ ތަމްސީލަކަށް ނޫނީ ނުވާނެއެވެ.

''އާރގްގްގް!... ކީއްވެގެންތަ އެ ޕާޓީ ތެރޭން މިރާހްއާ ބައްދަލުވީ!... އެހެންނޫން ނަމަ ރައިހާންއާއެކުގައި އަހަންނަށް އުޅުވުނީސްކަން ޔަގީން... އެކަމަކު މިހާރު އަހަރެން އެ ގޮތް ބޭނުމެއް ނޫން... އަހަރެން ބޭނުމީ މިރާހް... އެހާ ފަސޭހައިން މިރާހް ދޫކޮށްލެވުނީ ހިތަށް ލިބުނު ވޭނެއްގެ ބޮޑުކަމުން... މިރާހް އަހަންނާ މެދު ކަންތައް ކުރި ގޮތުން ނަފުރަތުކުރަން ވެސް ބޭނުންވި... އެކަމަކު އަހަރެންގެ ހިތް ދުވަހަކު ބަދަލެއް ނުވާނެކަން މިހާރު ޔަގީން ވެއްޖެ... މިރާހް ދެކެ ފުރަތަމަ ލޯބިވީ އަހަރެން... މިރާހް ލިބެން ޖެހޭނީ ވެސް އަހަންނަށް... މަޖުބޫރުން ކުރެވުނު ކައިވެންޏެއްގައި ލޯތްބެއް ނުވާނެ... މި ހުރިހާ ނުބައެއްގެ އަސްލަކީ އެ އަންހެނާ... ދެޓް ބިޗް ރުއިންޑް އެވްރީތިންގް ފޯރ މީ...'' ޖޫދާއަށް އާދެވުނު ރުޅީގައި ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ގޮނޑިން ތެދުވަމުން ގޮސް އޭނާ ހުއްޓުނީ ކެބިންގައި ހުރި ކުޑަދޮރު ކައިރިއަށެވެ. ދަތްކުނޑި ވިކައިގެން ހުރި އިރު އައިސްފައި ހުރި ރުޅީގެ ހޫނުކަން ލަމުން ދިޔަ ފުން ނޭވާތަކުން ބޭރުވަމުން ދިޔައެވެ.

''އަހަރެންގެ ވެސް މޮޔަކަމުން ރައިހާންއާ ކައިވެނި ކުރެވުނީ... އޭނަ ވެސް އަހަރެންގެ ބޮލުގެ ރިހުމަކަށް ވެއްޖެ!...'' ޖޫދާ ތުންއަނބުރާލިއެވެ. ދިރިއުޅުމުގެ އެއްވެސްކަމެއް ރަނގަޅު މިސްރާބަކަށް ނުދެއެވެ. އަބަދު މިހާރު އޭނާ ހުންނަނީ ރުންކުރުވެފައެވެ. ރުޅިގަދަވެފައެވެ.

''ވިސްނާ... ވިސްނާ... މިކަމުން ސަލާމަތް ވާނެ ގޮތެއް އޮންނާނެ... ކޮންމެ ގޮތަކުން ވިޔަސް އަހަރެންގެ މީހަކަށް މިރާހް ހަދާނަން...'' ޖޫދާ އޭނާގެ ސިކުނޑިއަށް ބާރުލަމުން ވިސްނިއެވެ. މިރާހްއާ އެކުވެރިކަން ބަދަހިކުރާނެ ފުރުސަތެއް މިރާހް ނުދިން ކަމުގައި ވިޔަސް މިރާހްގެ ދިރިއުޅުމުގެ ތެރެއަށް ވެރިވެގަންނާނެ ރާސްތާއެއް ހޯދަން އޭނާ ގަސްދުކުރިއެވެ.

*****

''ކޮބާ، ބޭބީ ޝަވާރ ދިޔައީ ކިހިނެއް؟...'' ސޯފާގައި ލެޕްޓޮޕް ހިފައިގެން އޮފީސް މަސައްކަތެއް ކުރަން އިން މިރާހްއަށް ކޮޓަރިއަށް ވަން ތާރާ ފެނުމާއެކު ހިނިތުންވެލިއެވެ. އުނގުގައި އޮތް ލެޕްޓޮޕް ނަގައި ކުރިމަތީގައި ހުރި މޭޒުމަތީ ބަހައްޓަމުން އޭނާގެ ސަމާލުކަން ވެސް ތާރާއަށް ހުއްޓާލިއެވެ.

''ވަރަށް ފުރިހަމަ...'' މިރާހްއާ ނަޒަރު ބައްދަލުވުމުން ތާރާ ވެސް ހިނިތުންވެލިއެވެ. އޭނާ ގޮސް ހުއްޓުނީ ރީތިވާ މޭޒު ކައިރިއަށެވެ. އަތުގައި އޮތް ކްލަޗް ރީތިވާ މޭޒުމަތީ ބާއްވަމުން ގޮނޑީގައި އޭނާ އިށީނެވެ. ތާރާއަށް ބަލަމުން ދިޔަ މީރާހްއަށް ތާރާ ނެގިމަޑުވެފައި ހުރިކަން ނަގައިގަނެވުނެވެ. އަވަސްއަވަހަށް ސޯފާއިން ތެދުވަމުން އޭނާ އައިސް ތާރަގެ ފުރަގަހުން ހުއްޓުނެވެ. އަދި ތާރަގެ ކޮނޑުގައި އަތްތިލަ ބާއްވާލިއެވެ.

''ވަޓްސް ރޯންގް؟...'' ތާރާއަށް އައިސްފައިވި ބަދަލު ނަގައިގަނެވުނު ހިނދު މިރާހް ކަންބޮޑު ވިއެވެ. ''ކަމެއް ދިމާވީތަ؟...''

''ކަމެއް ނުވެޔޭ...'' ލޯގަނޑުން ފެންނަމުން ދިޔަ މިރާހްގެ ސޫރައަށް ބަލަމުން ތާރާ ވާހަކަދެއްކިއެވެ.

''ދެން ކީއްވެ މޫޑީވެފަ ތިހިރީ؟...'' މިރާހް ސުވާލުކުރިއެވެ.

''ކަމަކާ މެދު ވިސްނާލަނީ...'' ތާރާ ބުންޏެވެ.

''ކޮންކަމެއްތަ؟... ނިކަން އަހަރެން ގާތު ވެސް ބުނެބަލަ...'' މިރާހް އެދުނެވެ. އިރުކޮޅެއް ވަންދެން މިރާހްއަށް ބަލަން އިނދެފައި ތާރާ ކޮޅަށް ތެދުވުނެވެ. އޭނާ މިރާހްއާ ކުރިމަތިލިއެވެ. އެވަގުތު ތާރާގެ އަތުގައި މިރާހް ހިފާލިއެވެ. ފަސްޖެހުމެއް ނެތި އެ ހިތުގެ ހުރިހާ ސިއްރެއް އޭނާއާ ހިއްސާކުރުމުގެ އިޝާރާތެއްގެ ގޮތުން ބޯޖަހާލިއެވެ.

''މިރޫ...'' މިރާހްއާއި ތާރާ ހަތަރުކަޅި ހަމަކޮށްލިއެވެ.

''ހޫމްމްމް...'' ތާރާގެ އަތުގައި ހިފައި އޭނާއާ ކައިރިކޮށްލަމުން މިރާހް ބުންޏެވެ. މިރާހްގެ ދެލޮލުން ތާރާއަށް ފެނުނީ ލޯތްބެވެ. އެ ހިތުގައި ފިރުމާލަދިން ފަދަ އިހުސާސެއް ކުރެވުނެވެ.

''ބޭބީއެއް ހޯދަން މިރޫގެ ހިޔާލު ހުރީ ކިހިނެއްތަ؟...'' ތާރާ ސުވާލުކުރިއެވެ. އޭނާގެ ނަޒަރު ހިނދުކޮޅަކަށް ވެސް މިރާހްގެ މޫނާ ވަކިނުވެއެވެ. އެ މޫނަށް ވެރިވެގެންދާ ކޮންމެ ކުލަވަރެއް އެނގެން އޭނާ ބޭނުންވެފައިވާ ކަހަލައެވެ.

''ބޭބީއެއް ބޭނުންވަނީތަ؟...'' މިރާހް ހިނިތުންވެލިއެވެ. އަވަސްއަވަހަށް ތާރާ ބޯޖަހާލިއެވެ. ރައްޓެއްސެއްގެ ބޭބީ ޝަވާރއަށް ދިއުމާއެކު އެ ހިޔާލު އެ ހިތުގައި އުފަންވެގެން އައީ ކުއްލިއަކަށެވެ. މިރާހްގެ ފަރާތުން ލިބެމުން އައި ލޯތްބާއި އަޅާލުމުން އެ ގުޅުން އިތުރު ފަތްތަރަކަށް ގެންނަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. މިރާހްއާއެކު އާއިލާއެއް ފެށުން އެއީ އޭނާގެ ހުވަފެނެކެވެ. އެ ހިތުގައި ދައުރުވަމުން ދިޔަ ޝުއޫރުތައް މިރާހްގެ ހިތުގައި ވެސް ވިންދުޖަހަމުން ދިޔަކަން އިހުސާސްކުރެވުމުން ތާރާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ދެމަފިރިންގެ ވިސްނުމުގެ މިސްރާބު އަބަދުވެސް ހުންނަނީ އެއް މަންޒިލެއްގައެވެ. އެއީ ވެސް އެ ދެމެދުގައި އޮތް ލޯބީގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެކެވެ.

''އެހެންވިއްޔާ އަވަހަށް ތިކަމާ އުޅެންވީ...'' ތާރާގެ އުނަގަނޑުގައި އަތްއަޅުވާލަމުން މިރާހް ބުންޏެވެ. ލާނެއް ހިނިތުންވުމެއްގެ އަސަރު އެ ތުންފަތުގައި ވިއެވެ.

''އައިމް ސީރިޔަސް...'' ތާރާއަށް ބުނެވުނެވެ. މިރާހްގެ ހަރަކާތުން ތާރާގެ ހިތުގެ ތެޅުން ވެސް އަވަސްވެގެން ދިޔައެވެ. މިރާހްގެ ހޫނު ނޭވާ ކަނދުރާއަށް އިހުސާސްކުރެވުނެވެ.

''އަހަރެން ވެސް ސީރިޔަސްއޭ...'' ތާރާގެ ކަންފަތަށް މިރާހް ފުމެލިއެވެ. އޭނާ ގެނައި ކުއްލި ހަރަކާތުން ތާރާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އެވަގުތު ތާރާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި ތާރާގެ ހުނުމުގެ އަޑު ކޮޓަރި ތެރެއަށް ފޭދިގެން ދިޔައެވެ.

''މިރޫ... މަޑުކޮށްބަލަ...'' ތާރާއަށް މަޑުމަޑުން މިރާހްގެ މޭގައި ގޮށްމުށުން ޖަހާލެވުނެވެ.

''ދެން މަޑެއް ނުކުރާނަން...'' ތާރާގެ މޫނަށް ބަލަމުން މިރާހް ހިނިތުންވެލިއެވެ. ދެމަފިރިންގެ ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. އުފާވެރިކަމާއި ލޯބިން ފުރިގެންވި ވަގުތުކޮޅެކެވެ. މުސްތަގުބަލާ މެދު ދެމަފިރިން ވެސް ފޮނި އުއްމީދުތަކެއް ހިތުގައި ވިއެވެ. ބަހާއި އަމަލުން ހިތުގައިވި ލޯބި ބަޔާންކޮށްދިނެވެ.

*****

ހުކުރު ދުވަހު އަރައިގެން އައި އިރާއެކުގައި ޒިވްޔަންގެ ފަރާތުން ފެންނަނީ ނުތަނަވަސްކަމެވެ. އޭނާ އެންމެ އިންތިޒާރު ކުރަމުން އަދި ދުވަސް އައިސް ކުރިމަތިވުމުން މީހާ ފިނިވާން ފެށިއެވެ. ސަރުވާގެ މައިންބަފައިން އޭނާއާ މެދު ދެކޭނެ ގޮތެއް އެނގެން ބޭނުންވެފައި ހުރުމުން ހިތުގެ ތެޅުން ވެސް ވަނީ އަވަސްވެފައެވެ. ތަފާތު އެކި ހިޔާލުތައް ވެސް ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. ހެނދުނުހެނދުނާ ހޭލައިގެން އޭނާ ޖިމަށްވެސް ދިޔައީ ހިތުގެ ހާސްކަމާ ދުރުވެލުމަށެވެ.

ހެނދުނުގެ ސައިގަޑީގައި ވެސް ޒިވްޔަންގެ ހިމޭންކަން ނަގައިގަނެވުނީ މާހުތާބް އަށެވެ. ސައި ނިމުމާއެކު އެންމެ އަވަހަށް ކޮޓަރިއަށް ވެސް ދިޔައީ ޒިވްޔަންއެވެ. ޒިވްޔަންއަށް އައި ބަދަލުން ކުލްޘޫމާގެ ހިތުގައި ސުވާލު އުފެދުނެވެ. ފަހަރަކު މީހަކު ކާމޭޒު ދޫކޮށް ގޮސް ކުލްޘޫމާއާއި މާހުތާބް އެކަނި ވިއެވެ. ސުވާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް އިތުރު ހައިރާންކަމެއް ކުލްޘޫމާއަށް ލިބުނީ މެންދުރުގެ ކެއުމުގައި ޒިވްޔަންއާއި މާހުތާބް ބައިވެރިނުވާނެކަން މާހުތާބް ހާމަކުރުމުންނެވެ.

''ފަހުން މަންމަ ކިޔައިދޭނަމޭ...'' ކުލްޘޫމާގެ މޫނަށް ވެރިވި ހައިރާންކަން ފެނި މާހުތާބް ބުންޏެވެ. އިތުރަށް އެ މައުޟޫއުއަށް ވާހަކަދެއްކުމުގެ ބަދަލުގައި މާހުތާބް މިސްރާބު ޖެހީ ޒިވްޔަންގެ ކޮޓަރިއަށް ދިއުމަށެވެ. ޒިވްޔަންގެ ހާސްކަން ފެނި ޒިވްޔަންއާ ވާހަކަދައްކާލަން އޭނާ ހުރީ ބޭނުންވެފައެވެ.

މާހުތާބް ނިކުމެގެން ދަންދެން ކުލްޘޫމާއަށް ބަލަން އިނދެވުނީއެވެ. މާހުތާބްއާއި ޒިވްޔަންގެ ދެމެދުގައި ސިއްރެއް ވާކަން އޭނާއަށް ޔަގީންކުރެވުނެވެ. ޒިވްޔަންއަށް އައިސްފައިވި ކުއްލި ބަދަލުތަކާ ވެސް އެކަންތައް ގުޅުވާލެވުނެވެ. ވިސްނާވިސްނާ ސިކުނޑިއަށް ބުރަހެލިކަން ލިބުން ނޫން ކަމެއް ނުވިއެވެ. ކުލްޘޫމާ އިންތިޒާރުކުރަން ފެށީ ހުރިހާކަމެއް މާހުތާބް ހާމަކޮށްދޭނެ އިރަކަށެވެ.

(ނުނިމޭ)