"ދުވަހަކު ވެސް މަންމަ ވެސް ބައްޕަ ވެސް ލޯބިން މަށާ ވާހަކަދެއްކިންތަ؟ އަހަރެންގެ ކަންތައް އެހެން މީހުން ލައްވާ ކުރުވަން ޖެހެނީ ކީއްވެ؟ އެންމެ ކުޑަމިނުން މަގޭ ބޮލުގައި ލޯބިން ފިރުމައިލި ހަނދާން އެބަހުރިތަ؟ މަ ގެންގުޅުނީ ބީރައްޓެހިން. މަށަށް ކާންދީ، ނިންދަވައި، ފެންވަރުވާ މިއިން އެއްވެސް ކަމެއް ދުވަހަކުވެސް ތި ދެއަތުން ކުރިންތަ؟ ދެން މިއަދު ތިގޮތަށް މަށަށް އެވެނިކަމެއް ކުރޭ، މިވެނިކަމެއް ނުކުރޭ ބުނަން ތިއައީ ޔޯ؟-...."
އިށީނދެއިން ގޮނޑިން ތެދުވުމާއެކު ގޮނޑި ބާރަށް ދުރަށް ކޮއްޕާލަމުން ޒައިނާ ހަޅޭއްލަވައިގަތެވެ.
"ނުކުރާށޭ ބުނީތީވެސް ތިބުނި ކަންތައް ކުރާނަން. މަ މީހަކާ އިނިއްޔާ އިންނާނީ ވެސް އޭނައާ. އަޅެ ފައިސާއާއި ބާރު ބޭނުންކޮށްގެން ހުއްޓުވޭތޯ ބަލާބަލަ"
ހިތަށް އެރި ހުރިހާ އެއްޗެއް ކިޔުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ކާކޮޓަރިން ބޭރަށް ނުކުތްއިރު އޭނާގެ ލޮލުން ކަރުނަ އޮހެން ފަށައިފިއެވެ.
އެދުވަހުގެ ބާކީ އޮތް ހުރިހާ އިރަކު ޒައިނާ އޮތީ އޭނާގެ ކޮޓަރީގެ އެނދުގައެވެ. އެރޭ ވެގެން ދިޔައިރު ވެސް ބޭރަށް ނުކުންނާން ބޭނުން ނުވެފައެވެ. އެންމެފަހުން އެހެން އޮއްވައި ނިދުނުއިރު ވެސް އޭނާއަކަށް ނޭނގެއެވެ.
*****
އެ ދުވަހުގެ މެންދުރު މަންމައާއި ދަރިފުޅުގެ ޒުވާބަށް ފަހު ދެމައިން އެކަކު އަނެކަކަށް ފެނިދާނެތީ އުޅޭ ކަހަލައެވެ. ހެނދުނުއްސުރެ ރޭވެ ދަންވިޔަސް ޒައިނާ ކޮޓަރިއަކުން ނުނިކުމެއެވެ.
ރަޒިއްތަ އޭނާއަށް ކާއެއްޗެހި ގެނައުމަށް ކޮޓަރިއަށް އަންނަ ކޮންމެ ފަހަރަކު ނަސޭހަތް ދޭން މަސައްކަތް ކުރެއެވެ.
އެހެންނަމަވެސް ޒައިނާ އެއިން އެއްވެސް އަޑެއް އަހާކަށް ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ހާލު ބަލައިލަން މަންމަ ނާންނާނެކަމުގެ އިހުސާސް ކުރެވުމުން އިތުރަށް އޭނާގެ ހިތުގައި ރުޅިވެރިކަން އުފެދިގެން ދެއެވެ.
"ކަނބުލޯ. ފޯނެއް"
އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ޒައިނާ ކޮޓަރިން ނިކުތީ ރަޒިއްތަ އޭނާއަށް ފޯނެއް އައި ވާހަކަ ބުނުމުންނެވެ.
"އޭތް. ހާދަވަރަކަށް ނިދާ ދުވަސްކޮޅެކޭ. ކިހިނެއް ވެގެން ތިއުޅެނީ؟"
އެއީ ނަޖުމްގެ އަޑެވެ.
"އަހަރެން ނިދަން އޮވެއޭ ކަލޭގާތުގައި ބުނީ ކާކު؟"
ނަޖުމްގެ އަޑު އިވުމުން ޒައިނާއަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ.
"އެއްވެސް މީހަކު ނުބުނޭ. ކަލޭގެ ހާލު އެހައި ރަނގަޅެއް ނޫނޭ ހީވާ ވަރުން އެހެން ބުނެވުނީ. އަނެއްކާ ކޮން ކަމެއް ހިންގާލައިގެން ތި އުޅެނީ؟"
އަބަދުގެ ވެސް އާދައިގެ މަތިން ނަޖުމަށް އޭނާގެ ހާލަތު އިހުސާސް ކުރެވުނީއެވެ.
"އާންމު ހާލަތު. އާކަމެއް ނޫން. އެސްއޯއެސް.... ސޭމް އޯލްޑް ޝިޓް.... އެއީ ބޭކާރު ވާހަކަ. އެ ވާހަކަ ބާއްވާފައި ބުނެބަލަ. ކަލޭގެ ހާލަތު ކިހިނެއް؟ ކަލޭގެ އަޑު ހާދަ ތަފާތޭ. ވަރަށް އުފާވެފައި ހުރިހެން ހީވަނީ"
ޒައިނާ ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"ކަލޭ ނެތީމަ ވަރަށް އެކަނި. ވަރަށް ފޫހި. އެކަމަކު"
އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ނަޖުމްގެ އަޑު އަނެއްކާވެސް އިވުނެވެ.
"ކަލޭ ރުޅި ނާންނާތި. މިކޮޅަށް އައުމާއެކު އަހަރެން ކައިވެނި ކޮށްފިން"
“ކީކޭ؟” ޒައިނާއަށް އަހައިލެވުނީ ބާރަށެވެ.
“އަލީ ވެސް އަހަރެމެންނާއެކީ މިކޮޅަށް އައި. ކަލެއަށް މަގޭ ބައްޕަގެ ވައްތަރު އެނގޭނެ. ކައިވެނި ނުކޮށް އޭނާއާއެކު އުޅޭކަށް ބައްޕަ ގަބޫލެއް ނުވި. އެއީ އެންމެ ރަނގަޅު ގޮތްކަން މަވެސް ގަބޫލިކުރަން. އެހެންވެ މެރީ ކުރީ" ނަޖުމް ކިޔައިދިނެވެ.
"ސޮރީ. ކަލޭ މަށަށް މާފު ނުކުރާނަންތަ؟"
"ވިޔާނުދާ އަނގަ ނުތަޅާ. ތިހާ އުފާވެރި ވާހަކައެއް ބުނެފައި ކޮންހާ ހާސަރުތަކެއް ދަމާކަށް؟" ޒައިނާ އުފާވެފައި ބުނެލިއެވެ.
"އަދި ކިރިޔާ ހަމަޔަކަށް އެޅުނީ. ކަލެއަށް ގުޅަން އުޅެއުޅެ ގުޅޭ ގޮތެއް ނުވޭ. ގޭގެ ފޯންލައިނަށް ކޮންމެވެސް ކަމެއް ވެފައި ހުރުމުން ނުގުޅެނީ. މިހާރުވެސް މިހިރީ ޕީއޯބޮކްސް ފޯނަކުން ގުޅައިގެން..." ނަޖުމް ކިޔައިދިނެވެ.
"އައްދެ. ތިހާ ބުރަ އުފުލާނެ ކަމެއް ނެތް. އަވަހަށް ގެއަށްދޭ. ކަލެއަށް ގުޅެންދެން އަހަރެން ޝަކުވާއެއް ނުކުރާނަމޭ." ޒައިނާ އަޑުލައިގަތެވެ.
"ބަސްއަހައިގެން އުޅެއްޗޭ. މިއީ ފައިނަލް އަހަރެއްނު ދޯ. ޓާމު ފެށެން ވާއިރަށް އާ އަޒުމަކާއެކު ރެޑީ ވައްޗޭ. އިނގޭ...."
ނަޖުމް ނަސޭހަތްދިނެވެ. އަދި ވަކިވުމުގެ ސަލާން ގޮވައިލުމާއެކު ފޯނުގެ ގުޅުން ކެނޑިއްޖެއެވެ.
ފޯނުގެ އަތްގަނޑު ބޭއްވުމަށްފަހު ޒައިނާ ސޯފާގައި ހަމަޖެހިލިއެވެ. އޭނާ ނިންމި މީހަކާ އިނީއެވެ. އެއީ އުފާވެރި ހަބަރެކެވެ.
އޭނާ ދެރަވީ އެ ހާއްސަ ވަގުތުގައި ނަޖުމާއެކު ނުހުރެވުނީމައެވެ. އެކަމަކު ވެސް އޭނާ ނިންމި ކައިވެންޏާ މެދު އުފާކުރެއެވެ.
*****
ސްކޫލް ހުޅުވެން އެންމެ ދުވަހަކަށް ވީ އެވެ. ޒައިނާއަށް އޭނާގެ ފޫހިކަމާއި ވަރުބަލިކަން ދުރުކޮށްގެން ނޫނީ ސްކޫލަށް ނުދެވޭނެކަން އެނގެއެވެ. އެހެންކަމުން މަންމަ ދެކެ ކިތަންމެ ނުރުހިފައި ހުރެގެން ވެސް އެރޭ ވީކެންޑް ޑިސްކޯއަށް ދިއުމަށް އޭނާ ގަސްތު ކޮށްފިއެވެ.
އޭނާގެ އެހެން ބޭނުމެއް ވެސް އެރޭ ޑިސްކޯއަށް ދިއުމުގައި އޮތުމާއެކު ވީހާވެސް ރަނގަޅަށް ތައްޔާރުވެ ރީތިވުމަށް އޭނާ ނިންމިއެވެ.
ނަސަންދުރައިގެ ދޮރުމައްޗަށް މަޑުކޮށްލި ޓެކްސީން ފޭބި ޒައިނާ، އެތެރެއަށް ވަނުމުގެ ބަދަލުގައި އެއްފަރާތުގައި މަޑުކޮށްލިއެވެ. މެރޫން ކުލައެއްގެ ރީތި ހެދުމެއްގައި ހުރިއިރު އޭނާގެ ބުޅި އިސްތަށިގަނޑު އޮތީ ރީތިގޮތަކަށް އޮމާންކޮށް ފުރަގަހަށް ދޫކޮށްލައިފައެވެ.
އޭނާއަކީ ރައްޓެހިން މަދު ކުއްޖެއް ކަމުން މިފަދަ އެއްވެސް ޑިސްކޯއަކަށް ނުވަތަ ޝޯވއަކަށް ވިޔަސް އައިސް އުޅެނީ ގިނަ ފަހަރު އެކަންޏެވެ. އެހެންނަމަވެސް އޭނާއަކީ މަޝްހޫރު ބޮޑު މުއްސަންޖެއްގެ ދަރިއެއްކަމުން ފެންނަ ކޮންމެ މީހަކު ވެސް އޭނާއަށް ހިނިތުންވެލުމަކާ ނުލައި އެތެރެއަށް ވަދެގެނެން ނުދެއެވެ.
އަމުދުން މި ހޮޓަލަށް އާންމުކޮށް އަންނަ މީހެއް ވެއްޖެއްޔާ އޭނާ ދަންނާނެއެވެ.
"އައި. ޒައިނާ"
ކޮންމެވެސް މީހަކު ގޮވައިލި އަޑަށް ޒައިނާ ބަލައިލިއެވެ. އެއީ އާދަވެ މިރޭގެ ޑިނަރ ޓްރެންޑްސްއިން ނަގައި އަދި ވީކެންޑް ޑިސްކޯގައި އެންމެ ފުރަތަމަ ހަފުތާއިން ފެށިގެންވެސް ބައިވެރިވާ އަންހެން ކުއްޖެކެވެ.
އަބަދު ފެނިދެނިވެ އުޅުމުގެ ސަބަބުން ޒައިނާއަށް އެ ކުއްޖާ ކޮންމެވެސް ވަރަކަށް އެނގިފައި ވެއެވެ.
“ހާދަ އެކަނިވެފައި؟ ކޮބާ ފަހުދު؟”
އެ ކުއްޖާ ހިނިތުންވެލަމުން އެކޮށްލި ސުވާލަކީ ޒައިނާއަށް ސިހުމެއް ދިން ސުވާލެކެވެ.
"ފަހުދޭ؟ ކޮން ފަހުދެއް؟" އޭނާ ނޭނގޭ ކަމަށް ހެދިއެވެ.
"ނައިބުގޭ ފަހުދު. ކުރީ ރެއަކު ޒައިނާއާއެކު ކާން އިނީ އެގޭ ފަހުދެއްނު"
އަންހެންކުއްޖާގެ ފަރާތުން ޒައިނާއަށް ލިބުނީ ހާއްސަ މައުލޫމާތެކެވެ. އުފާވެރި ވާހަކައެއް ބުނުމަށްފަހު އެ ކުއްޖާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.
"އިންތިޒާރުގައި ދޯ؟ މަޑުކޮށްލާ. މަޑުކޮށްލާ. އަދި މާގިނައިރެއް ނުވެއެއްނު. މިހާރު އަންނާނެ"
"ނައިބުގޭ ފަހުދު. އޯހް. މަންމަ ފަހުދު ދެކެ އެހައި ރުޅި އައީ އެގޭ މީހަކަށް ވީމަތާ"
ޒަމާނުއްސުރެ ދެ އާއިލާގެ ދެމެދުގައި ވިޔާފާރީގެ ގޮތުން އޮންނަ ވާދަވެރިކަމުގެ ރޯޅި އޭނާއަށް އައުމަކީ މާބޮޑުކަމެއް ނޫނެވެ. ފަހުދަށް މަންމަ އެނގުނީ އެހެންވީމަތާއެވެ.
އޭނާގެ ތުންފަތް މަތީގައި ކުޅެލީ މާނައިން ފުރިގެންވާ ހިނިތުންވެލުމެކެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒައިނާ މަޑުކޮށްލީ ރެސްޓޯރެންޓުގެ ކައުންޓަރ ދޮށުގައެވެ. މެނޭޖަރ އޭނާ ފެނުމާއެކު އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ.
"ކޮބާ ކޯޑްލެސް؟"
އޭނާ ސުވާލުކޮށްލީ ފޯނާ ބެހޭ ގޮތުންނެވެ. މެނޭޖަރ ހަމަ ވަރަށް އަވަހަށް ކޯޑްލެސް ނަގައި އޭނާ އަތަށް ދިއްކޮށްލިއެވެ. ކައުންޓަރާ ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ޒައިނާ ގުޅީ ދިރާގުގެ ޑައިރެކްޓްރީ އިންކުއަރީއަށެވެ. އޭނާ ބޭނުންވީ ނަންބަރު ލިބުމާއެކު އެ ނަންބަރަށް ގުޅައިލިއެވެ.
"ފަހުދު އެބަ އުޅުއްވާތޯ؟" އޭނާ ޖެހިލުންވުން ދުރުކޮށްލާފައި އަހައިލިއެވެ.
"ނޫޅުއްވާ" އެ ކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ.
"ކޮންއިރަކުތޯ އުޅުއްވާނީ؟" ޒައިނާ އިތުރަށް އޮޅުންފިލުވައިލިއެވެ.
"މިރޭ ދުރުވާނެ ވާހަކަ ބުނުއްވާފައި އޮތީ. ވަކި ގަޑިއެއް ނޭނގޭ"
އެއީ ޔަގީނުން ވެސް ފަހުދުގެ މަންމައެއް ނޫނެވެ. އެހެންނަމަ އެގޮތަށް ވާހަކައެއް ނުދައްކާނެއެވެ. ޒައިނާ ޝުކުރު އަދާކުރުމަށްފަހު ފޯނު ކަނޑައިލިއެވެ.
*****
ޖެހިގެން އައި ދުވަހުގެ ހަވީރު އޭނާ ވަރަށް ރީތިވެލިއެވެ. އާ ހެދުމެއްގައި އާގޮތަކަށް އިސްތަށިގަނޑު ހަދައިލިއެވެ. ގަހަނާއަކީ އޭނާގެ ވަރަށް ހާއްސަ އެކުވެރިއެކެވެ. ކޮންމެ ހެދުމަކާއެކު ވެސް އެ ހެދުމަކާ ގުޅޭގޮތަށް ގަހަނާ އެޅުމަކީ އޭނާ ގަޔާވާ ކަމެކެވެ. އެހެންކަމުން މަޑު ފިޔާތޮށިކުލައިގެ ހެދުމާ އެންމެ ގުޅޭ ގަހަނާސެޓުން އޭނާ ޒީނަތްތެރިވެލިއެވެ.
މިއަދު އޭނާ ބޭނުންވަނީ ވީހާވެސް ފުރިހަމައަކަށް ތައްޔާރުވާށެވެ. ފަހުދާ ބައްދަލުކުރުމަށް އެ ގެއަށް ދާން އޭނާ ނިކުތީ ވީއެންމެ ރަނގަޅަކަށް ރީތިވެގެންނެވެ.
ނައިބުގެއަކީ ބޮޑު ގެއެކެވެ. މާލޭގެ އެންމެ ގަދަރުވެރި އެއް އާއިލާ ދިރިއުޅޭ ގެއެވެ. ކުރިއްސުރެ ވެސް ބޮޑެތި ބޭބޭފުޅުންގެ ފަރާތުން ލިބިފައިވާ ޝާހީކަމުގެ ގޮތްތަކާއި ފާޑުގަނޑު އެގޭ ފާރުތަކުން ފެންނައިރު އެގޭގައި އުޅޭ މީހުންގެ ގައިގައިވެސް އެ ގޮތްގަނޑު ހުންނާނެތާއެވެ. އެކަމަކު ފަހުދު ހާދަ ތަފާތެވެ. ހާދަ ސަމާސާ ގޮތެއް ފަހުދުގެ ކިބައިގައި ހުރެއެވެ. ޒައިނާއަށް ފަހުދުގެ ކިބައިން ފެނުނު އެ މިޒާޖު ވަރަށްވެސް ކަމުދެއެވެ.
ތަފާތު ހިޔާލުތަކުގައި ހުރެގެން ޒައިނާ ގޭގެ ރަނގަބީލަށް ފިތައިލިއެވެ. ދެތިން މިނެޓުގެ އިންތިޒާރަކަށްފަހު ދޮރު ހުޅުވާލައިފިއެވެ.
"އާދެ" ދެބައި އުމުރުގެ އަންހެނަކު ޒައިނާގެ ބީރައްޓެހި މޫނަށް ނޭނގިފައި ބަލައިލަމުން ސުވާލުގެ ރާގަކަށް ބުނެލިއެވެ.
"ފަހުދު އެބައުޅުއްވާތޯ" އޭނާ މަޑުމަޑުން އަހައިލިއެވެ.
"ފަހުދު. އާދެ، އެބައުޅުއްވާ" އަންހެންމީހާ ހިނިތުންވެލުމަށްފަހު ދޮރު އިތުރަށް ހުޅުވައިލިއެވެ.
"ދުރުވޭ" ޒައިނާ އަންހެންމީހާގެ ފަސްފަހަތުން ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ. ތަނަވަސް ގަރާޖެއް ހުރަސްކޮށް ގޭގެ ބޮޑު ފެންޑާއަށް އެރުމާއެކު އަންހެން މީހާ އޭނާ އިށީނުމަށް ރީތި ސަރަންފީ ގޮނޑިއެއް ދެއްކިއެވެ. ކުރީ ޒަމާނުގެ ފާޑުވެރިކަމާއެކު މި ޒަމާނުގެ ގޮތަށް ބަދަލުކޮށްފައިވާ ގެއެކެވެ.
"މަޑުކޮށްލައްވާ. އަޅުގަނޑު ފަހުދަށް ގޮވައިލާނަން"
ޒައިނާ ގޮނޑީގައި އިށީނުމުން އަންހެންމީހާ އެތެރެއަށް ވަދެގެން ގޮސް ގެއްލިއްޖެއެވެ. ހާދަ މީހުން ނޫޅޭ ގެއެކެވެ. މިހާ މުއްސަނދި ގެއެއްގައި ގިނަ މީހުން އުޅެން ޖެހޭނެ ނޫން ހެއްޔެވެ. ނޫނެކެވެ. އޭނާގެ އަމިއްލަ ގޭގައި ވެސް އުޅެނީ ތިން މީހުންނާއި ދެ ނޯކަރުންނެވެ. އަނެއްކާ މިހާ މުއްސަނދި ގޭގައިވެސް އުޅެނީ ވަރަށް މަދު މީހެއް ބާވައެވެ. އެކި ދިމަދިމާއަށް ކަޅިހިންގަން އިންއިރު ޒައިނާގެ ހިތަށް އެތަކެއް އެއްޗެއް އަރައިފޭބިއެވެ.
"ޒައިނާ" ހައިރާންވެފައިވާ އަޑަކުން ގޮވައިލި ފަހުދަށް ބަލައިލުމާއެކު ޒައިނާއަށް ކޮޅަށް ތެދުވެވުނީ ބޭއިހުތިޔާރުގައެވެ.
(ނުނިމޭ)