ވާހަކަ

ނުފޫޒަކުން - 18

"މިހުރި މަގާމުން އަހަރެންގެ ދެފައި ރޫ އާ ދުރަށް ދުވަހަކުވެސް ގުޑައި ނުލާނެ. ދަންޏާ ދާންޖެހޭނީ ރޫ. ދުނިޔޭގެ ކޮންމެ ތަނެއްގައި އަހަންނާ ވަކިން ރޫ ހުއްޓަސް އަހަރެން ހޯދާނަން. އަހަރެންގެ ހަޔާތަށް ތިނޫން އެހެން އަންހެނެއް ދުވަހަކުވެސް ނުގެންނާނަން. މިދުނިޔެ އިން އެހެން އަންހެނެއް އަހަންނަށް ހަރާން"

ރޫޔާ ނިހާންގެ އަނގަ މަތީގައި އަތްއެޅިއެވެ. ނިހާން ބަލައިލުމާއެކު ލަސްލަހުން ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ރޫޔާގެ އެ އަތްތިލައިގައި ނިހާން ބޮސްދިނެވެ.

"ތިހެން ނުބުނޭ. ފަހުން ވާނެ ގޮތެއް ކިހިނެއް އެނގޭނީ" ރޫޔާ ބުންޏެވެ.

"ކީއްވެ؟ އަހަރެންގެ ހިތުގައި އޮތް ގޮތަށް އަހަންނަށް ބުނެވޭނެއްނު" ނިހާން ބުންޏެވެ.

"ތިއީ ވަރަށް ބިރުވެރި ވާހަކަ. ތި ވާހަކަ ހުއްޓާލާފަ އަހަންނަށް ތައުރީފެއް ކޮށްލަބަ. ނިހާންގެ އަނގައިން އަހަރެން ބޭނުންވަނީ އެކަހަލަ ވާހަކަތައް އަޑުއަހަން" އެއް އަތުން ނިހާންގެ މޭމަތީގައި ފިރުމަމުން ރޫޔާ ބުންޏެވެ.

ރޫޔާއަށް ނިހާން ބަލައިލީ ލާނެއް ބެލުމަކުންނެވެ. ރޫޔާގެ އަތްތިލައިގައި ހިފާލި ގޮތަށް އަނެއްކާވެސް އަތުގައި ބޮސްދީފިއެވެ.

****

އަނގައަށް ލާން ނެގި ޕާންފޮތި ޝައުންއަށް ތިރިކޮށްލެވުނީ މާމަ ދިން ހަބަރަކުންނެވެ. ހައިރާންވެފައި ޝައުންއަށް ބަލައިލެވުނީ ކައިރީގައި އިން ބޮޑުބޭބެ އަށެވެ. މާމަ އެކަނި ފުރައިގެން ދާން ބޮޑުބޭބެ ހަމަ ގަބޫލުވީ ހެއްޔެވެ؟

"ސީރިޔަސްލީ މާމާ" ޝައުންއަށް ބުނެވުނެވެ.

"އާނ. ކިހިނެއްވީ؟ ދަރިފުޅަށް ފައިދާ ވާނީ" ހީލަމުން ގިސާމަތު ބުންޏެވެ.

"އެކަމަކު މާމަ އެކަނި ދާން" ޝައުންއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ މާމަ ދެލޯ ބޮޑުކޮށްލި ގޮތުންނެވެ.

އެއްޗެއް ނުބުނެ ވަށައިގެން ތިބި މަސައްކަތްކުރާ ކުދިންނަށް ގިސާމަތު ބަލައިލިއެވެ. އެ އެންމެންގެ ތެރޭގައި އާއިލާއާ ގުޅުން ހުރި މުހިއްމު ވާހަކަތައް ނުދެއްކޭނެތީ ފަޒީލާ އާއެކު އެންމެން ދުރަށް ފޮނުވާލިއެވެ.

"މާމަ ކުރާ ކަމެއް ކުރާނީ އެއްފަހަރު ވިސްނާފައެއް ނޫން. މާމަ މި ދަތުރު ގޮސްފައި އަންނައިރު އެންމެބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ޝައުންއާ ބޮޑުބޭބެއަށް. މާމަ މިދަނީ އެކަންޏަކު ނޫނޭ. ޝައުކަތު އަންކަލްގެ ބެލުމުގެ ދަށުން. މިއީ މިގޮތަށް ފުރާ ފުރަތަމަ ފަހަރެއްވެސް ނޫނެއްނު" ގިސާމަތު ޝައުންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ދެ މާމައިން ދައްކަމުން ދިޔަ ވާހަކަތައް އަހަން އިން އަޖްވަދު ވެސް ބޭނުންވެފައި އިނީ އެ ދަތުރު މަންމަ އެކަނި ނުފޮނުވާށެވެ. އެކަމަކު ކަމަކަށް މަންމަ ފައި ވިއްދާލިއްޔާ އެއްވެސް އިންސާނަކަށް އެ ފައި ގުޑުވައެއް ނުލެވޭނެއެވެ. ޝައުންގެ ވާހަކަތަކަށް އަނގަނުލައި އޭނާ އިނީ ޝައުންއަށް އެކަން ކުރެވޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ.

"އެކަމަކު މާމާ... މާމަ ތިއީ ގަވައިދުން ބޭސް..."

ޝައުންގެ އަތުގައި ގިސާމަތު ހިފާލިއެވެ. ދެން ޝައުންއަށް ބަލައިލިއެވެ. އިތުރަށް ބަހުސް ނުކުރާށޭ ބުނި ކަހަލައެވެ. އޭނާ ގޮތްދޫކުރަން ބޭނުންނުވާ ކަހަލަ ގޮތަކަށް އިތުރަށް އެކަމަށް ވާހަކަނުދެއްކުމަށް ޝައުންއަށް އަންގައިދިނުމުގެ ގޮތުންނެވެ. އެވަރުންވެސް ޝައުން ދޫ ނުކުރިއެވެ.

"އޯކޭ.. އެކަމަކު ބޮޑުބެ ޓިކެޓް ނެގީތަ؟" ޝައުން އެހިއެވެ.

"މިހާރު މި ނިކުންނަނީ ދާން" އަޖްވަދު ބުންޏެވެ.

"އަޅުގަނޑާ އެކު ނަގަންވީނު. މާމަ ދާއިރު ޖައްސާލަން ކަމަށް" ޝައުން ބުންޏެވެ.

"އުނހު... މާމަ އަންނަ ގޮތަށް ދަރިފުޅުގެ ކައިވެނީގެ ކަންކަން ފަށާނަން. މިދަނީ މާގިނަ ދުވަހަކަށް ނޫން. މާމަ ބޭނުންވަނީ ދަރިފުޅު ކައިވެންޏަށް ތައްޔާރުވާން. ތަންކޮޅެއް ޒިއްމާދާރުވާން. މިބުނީ ބޮޑުބެއާ އެކު ދަރިފުޅު އޮފީހަށް ނިކުންނާށޭ. އަންބަކު ގެންގުޅެވޭނީ މީހާ ހަރުދަނާވެގެން. އެހެންނޫނީ ކިހިނެއް ދިރިއުޅުމެއް އުފާވެރިކަމުގަ އުޅެވޭނީ"

ފަހުން ޝައުން އެއްޗެއް ނުބުނެއެވެ. މާމަ ބުނިގޮތަށް އާއިލީ ވިޔާފާރީގެ ތެރެއަށް ނިކުތުމަށް އޭނާ ނިންމިއެވެ. އޭނާ އިންނަން މާމަ ގެންނަ ހަނާނަކީ ކިހާ ފެންވަރެއްގެ ކާކުތީ ބަލަންވެސް އޭނާ ހުރީ ބޭނުންވެފައެވެ.

****

ގޭތެރެއަށް ވަންގޮތަށް ތިން އަންހެންކުދިން އެކަކު އަނެކަކުގެ ގައިގައި ބައްދައި ހެމުން ދިޔައެވެ. އެނދުތަކަށް އަރައި ފުންމާ ކޮޓަރި ތެރޭގައި ދުވަމުން ދިޔައެވެ. ތިންކުދިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން މޭޒު ކައިރީގައި ހުރި ގޮނޑީގައި ފަޒީލާ އިނެވެ. އޭނާއަށް ވެސް އިނީ ހެވިފައެވެ.

"ބަލަ ދެން މައިތިރިވޭ. އަޑުފަށްގަނޑަށް ގިސާމަތު އަތުވެދާނެ" ފަޒީލާ ބުންޏެވެ.

ތިންކުދިން މައިތިރިވީ ދެނެވެ. ގިސާމަތު ފުރަން އުޅޭކަން އެނގުމުން ތިންކުދިންނަށް ވެސް ލިބުނު އުފާވެރިކަން ބޭރުނުކޮށް ނުތިބެވުނީއެވެ.

"ހިނގާ ދަތުރެއް ޕްލޭންކުރަމާ" އީނާ ބުންޏެވެ.

"ދައްތަމެންގެ ރަށަށް" ޒޫނާ ހިޔާލެއް ދިނެވެ.

"އުނހު. އެރަށް ނޫން ކޮންމެވެސް އެހެން ރަށެއް ހިޔާރުކުރޭ. މިތާ ކައިރިން. އެކަމަކު ގިސާމަތު އެނބުރި އަންނަންވާއިރަށް ތިންކުދިން ތިބެންޖެހޭނީ މިގޭގަ" ފަޒީލާ ބުންޏެވެ.

"ދައްތަ ނުދާނަންތަ؟" މަޑުމަޑުން އީނާ އަހާލިއެވެ.

"ދައްތަ ނުދާނަން. ޝައުންގެ ކެއުމުގެ ކަންކަން ބަލަހައްޓަން ޖެހޭނެއްނު. އަނެއްކޮޅުން އަޖްވަދުވެސް ހުންނާނެއްނު. ހުރިހާ މީހުން އެއްފަހަރާ ދިޔައީމަ ނަތީޖާ ރަނގަޅެއް ނުވާނެ. ތި ކުދިން ގޮސް މަޖާކޮށްލާފަ އާދޭ. މިގޭ ހުރިހާ ކަމެއް ދައްތަ ބަލަހައްޓާނަން" ފަޒީލާ ވާހަކަދެއްކިއެވެ.

****

ރޫޔާގެ ކޮޓަރިއަށް ހަންނާ ވަންއިރު އަތްމަތީގައި ފަތްޖަހާފައި ހުރި އަންނައުނުތައް ހުއްޓެވެ. ރޫޔާ އެތެރެއިން ފެންނާކަށް ނެތެވެ. ފާހާނާއިގައި ރޫޔާ އުޅޭކަން ހަންނާއަށް އެނގުނީ ފެން އަޑު އިވުމުންނެވެ. އެނދުމަތީގައި ގެނައި އަންނައުނުތައް ބަހައްޓާފައި އަލާމާރިއާ ދިމާލަށް ދާން އުޅެނިކޮށް ބާލީސް ކައިރީގައި އޮތް ރޫޔާގެ ފޯނު ދިއްލުނުތަން ހަންނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ފޯނާ ދިމާލަށް ދިޔައީ ފޯނުން ފެނުނު ފޮޓޯ ބަލައިލާށެވެ.

ފޯނު ބަލައިލިގޮތަށް ހަންނާގެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ހިތަށް ތަސައްލީއެއް ލިބުނު ކަހަލައެވެ. ރޫޔާއާ ނިހާންގެ ރައްޓެހިވީ ދުވަހު ކެނޯ ތެރޭގައި ނިހާންގެ ދެއަތުގެ ތެރޭގައި ރޫޔާ ހުރިއިރު ނިހާން ހުރީ ރޫޔާގެ ކޯތާފަތުގައި ބޮސްދީގެންނެވެ. ހަންނާއަށް އޭނާގެ ދަރިފުޅަށް ބެލުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އެހެނީ ފޮޓޯ އިން ފެންނަން ހުރި ރޫޔާ ހެދިލާފައި ހުރި ގޮތް ފެނިފައެވެ. އެއީ ގެއިން ތައްޔާރުވެގެން ރޫޔާ ދިޔަ ގޮތެއް ނޫނެވެ. ހާދަ ލޯތްބެވެ.

ރޫޔާ ނިކުންނަން އުޅޭކަން އެނގުމުން ހަންނާ އަވަސް އަވަހަށް ފޯނު ބާއްވާފައި ދުރަށް ޖެހިލިއެވެ. ރޫޔާ ނުބުންޏަސް ދެކުދިންގެ ގުޅުން އޭނާއަށް އެނގޭކަން ބުނަން ހަންނާ ބޭނުމެއް ނުވިއެވެ.

"މަންމާ..." އަލަމާރިއަށް ރޫޔާގެ އަންނައުނު އަޅަން ހުރި ހަންނާ ރޫޔާއަށް ބަލައިލާފައި ހީލިއެވެ.

"ބައްޕަ ނާދޭތަ އަދިވެސް" ރޫޔާ އެނދުގައި އިށީންނަމުން ބުންޏެވެ.

"ބައްޕައަށް އާދެވޭނީ ލަހުން" ހަންނާ ބުންޏެވެ.

ހަންނާ ނިކުންނަން ހިނގައިގަންނަން އުޅެނިކޮށް ރޫޔާ ގޮވާލިއެވެ. ހަންނާ ބަލައިލުމުން ރޫޔާ އެދުނީ އިރުކޮޅަކު ކައިރީގައި އިށީނދެލުމަށެވެ.

"ކަމެއްވީތަ ދަރިފުޅު" ލޯތްބާއި އޯގާތެރިކަމާއެކު ހަންނާ އަހާލިއެވެ.

"އަޅުގަނޑަށް ކަމެއް ނުވޭ. އެކަމަކު މަންމައަށް ކަމެއްވެއްޖެހެން ހީވޭ" ރޫޔާ ބުންޏެވެ. ހަންނާގެ މޫނުމަތީގައި ހައިރާންކަމެއް ދުވެލިއެވެ.

"މިގެއަށް މީހަކު އައީކަން އެނގޭ. ބުނެބަލަ މަންމާ. މަންމައާ ބައްޕައަށް ކީއްވެތަ ހަމަޖެހިގެން ނޫޅެވިގެން ތިއުޅެނީ؟ މަންމަމެންނަށް ކޮންކަމެއްގެ އުނދަގޫތަ ވަނީ. މަންމަ ހުންނަނީ ސިހިސިހި. ބައްޕަގެ ދެލޮލުން ފެންނަނީ ކަންބޮޑުވުން" ރޫޔާ ވާހަކަދެއްކިއެވެ.

ހަންނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ރޫޔާ އަކީ ޒުވާންވަމުން ވިސްނުން ހަރުދަމާވަމުން އުމުރުގެ ޅަ ކަން ކެނޑެމުން އަންނަ ޒުވާނެކެވެ. ކަންކަން ސިއްރު ކުރިޔަސް ލޯ މަތިން ފެންނަ ހަގީގަތްތައް ރޫޔާއަށް ވެސް ފެންނާނެއެވެ. އެއީ ކަމެއް ނޫނޭ ބުޅަލެއް ފާރުމަތިން އެރީ އޭ ބުންޏަސް މިހާރު އެ ސިކުނޑި ގަބޫލެއް ނުކުރާނެއެވެ. ކޮންމެވެސް ދުވަހަކުން ރޫޔާ ވެސް ޖެހޭނީ ހަގީގަތާ ކުރިމަތިލާށެވެ. ސިއްރުތައް ޖެހޭނީ ރޫޔާގެ ކުރިމަތީގައި ހާމަކުރާށެވެ. އަމިއްލައަށް ރައްކާތެރިވާނެ ގޮތް ރޫޔާއަށް ބުނެދޭން ޖެހެއެވެ. މައިންބަފައިންނަކީ އަބަދު ގާތުގައި ރަނގަޅު ގޮތް ބުނެދޭން ތިބޭނެ ބައެއް ނޫނެވެ. އަމިއްލަ ދިފާއުގައި ބަސް ބުނަންވެސް ރޫޔާއަށް ބުނެދޭން އެބަޖެހެއެވެ. މާދަމާ ވެސް ރޫޔާގެ ދިރިއުޅުން ބަދަލުވެދާނެއެވެ. މީހަކު ހެދިހާ ގޮތަކަށް ހެދިގެން ނުހުންނަން ވެސް ރޫޔާއަށް ދަސްކޮށްދޭން ޖެހެއެވެ. ހައްގު ހޯދަން މަސައްކަތްކުރުމާއި އަންހެންކުއްޖެއްގެ މިނިވަންކަމަކީ ކޮބައިކަން ބުނެދޭންވެސް ޖެހެއެވެ. ހަންނާއަށް ނުވިސްނުނީ އެ ހުރިހާ އެއްޗެއް ރޫޔާއަށް ބުނެދޭނެ ގޮތެކެވެ. އެކަންކަން ރޫޔާގެ ސިކުނޑި ބަލައިގަންނާނެ ގޮތެކެވެ. ޔަގީނުންވެސް އެ ހިތް ޖެހިލުންވެ ބިރުގަންނާނެކަން ޔަގީނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިވާނެކަން ޔަގީނެވެ.

"މަންމާ..." ހަންނާ ސިހުނީ ރޫޔާގެ އަޑުންނެވެ.

"މަންމަ ވާހަކައެއް އަހަންތަ ދަރިފުޅާ" ހަންނާ ބުންޏެވެ. ރޫޔާ ބޯޖަހާލިއެވެ.

"ބުނީމެއްނު ޔުނިވާސިޓީގަ ދަރިފުޅާ ވާހަކަނުދައްކާ ދިވެހި އަންހެންކުއްޖެއް އުޅެޔޭ. ބުނީމެއްނު މިފަހަކަށް އައިސް ވަރަށް ބަސް ދަރިފުޅަށް އުކައޭ" ހަންނާ ވާހަކަދެއްކިއެވެ. ރޫޔާ ބޯޖަހާލިއެވެ.

"އެކަންކަމާ ރޫ ކުރިމަތިލަނީ ކިހިނެއް؟" ހަންނާ އަހާލިއެވެ.

"ނުކުރަން އެއްވެސް ކަމެއް. އެއީ ޝާނާ. ޖެހިގެން ހުރި ފްލެޓްގަ އުޅެއެއްނު. އޭނަ މަންމައާ މަންމަ މިހާރު ފްރެންޑެއްނު" ރޫޔާ ބުންޏެވެ.

"މަންމަ މިއުޅެނީ މިއަދު ދަރިފުޅު ކައިރީގަ ވަރަށް މުހިއްމު ވާހަކައެއް ބުނަން. ރަނގަޅަށް އަޑުއަހައްޗޭ" ހަންނާ ބުންޏެވެ.

ކަޅިޖަހާވެސްނުލައި މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ލަސްލަހުން ރޫޔާ ބޯޖަހާލިއެވެ.

****

ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އެއްވެސް މީހަކު ބަހެއް ކިޔާ އަޑު ނީވެއެވެ. ހައިރާންވެފައި އަޒީމާ އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ޝައުންއާ އޮތް ގުޅުން ކަނޑާލުމަށްފަހު އެހާ އަވަހަށް ކައިވެންޏެއް ކުރަން ބޭނުންވާ ވަހަކަ ނޭހާ ބުނުމުން އަޒީމާއަށް ދޭނެ ޖަވާބެއް ނޭނގުނީއެވެ. ކޮޓަރިއަށް ވަދެގެން އައި ފައިކުއަށް ވެސް ނޭހާގެ ވާހަކަތައް އިވުނެވެ.

"ދަރިފުޅަށް އިވުނުތަ ނޭހާ ބުނި އެއްޗެއް" އަޒީމާ ބުންޏެވެ.

ފައިކު ބޯޖަހާލިއެވެ. އެއްޗެއް ނުބުނެއެވެ. އޭނާއަށް އެއްޗެއް ބުނެވެންވެސް ނެތެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ ޝައުން ދެކެ ލޯބިވީވަރު އޭނާއަށް ވަނީ ފެނިފައެވެ. ޝައުންގެ ވިޔާނުދާ އުޅުންވެސް ވަނީ އޭނާއަށް ފެނިފައެވެ. ޝައުންގެ ވާހަކަތައް އޭނާއަށް ކޮއްކޮއަށް ބުނެދެވިފައެއް ނެތެވެ. ހަގީގަތުގައި ޝައުންއާ ނޭހާ ގުޅެން އޭނާވެސް ބޭނުމެއް ނުވެއެވެ. ނޭހާއަށް ރަނގަޅަށް ވިސްނައި ނުދެވިގެން އުޅެނިކޮށް ނަސީބަކުން އެ ގުޅުން ނޭހާ އަމިއްލައަށް ކަނޑާލައިފިއެވެ. ރަނގަޅުތާއެވެ. އޭނާ ވިސްނައިނުދިނަސް ކޮއްކޮއަށް ޝައުންގެ ކަންތައްގަނޑު ވިސްނިއްޖެއެވެ.

"ކީއްތަވީ މަންމާ. އަޅުގަނޑު ކައިވެނިކުރާ އުމުރަކަށް ނޭޅެނީތަ؟ މިއަހަރު ތޭވިސް އަހަރުވާނެ" ނޭހާ ބުންޏެވެ.

"ތިހެނެއް މަންމަ ނުބުނަމެއްނު" އަޒީމާ ބުންޏެވެ.

"ދެން؟ ކޮބާ މައްސަލައަކީ؟" ނޭހާ ބުންޏެވެ.

"މަންމަ ހިތަށް އަރަނީ ތިއީ ދަރިފުޅު ހިތުންރުހުމުން ބުނި އެއްޗެއް ނޫނޭ. އެހެންނޫނީ ހަމަ ކުއްލިއަކަށް ތިހެނެއް ނުބުނާނެ. މަންމަ ހީކުރީ ޝައުންއާ ދެކުދިން ޖެހުނު މައްސަލަ ހައްލުކޮށްގެން އަލުން އުޅޭނެކަމަށް" އަޒީމާ ވާހަކަދެއްކިއެވެ.

"ފޯ ގޯޑް ސޭކް މަންމާ. ޝައުންގެ ވާހަކަނުދައްކާ. އަހަރެން އޭނާއަށް ނަފްރަތު ކުރަން. މީހަކާ އިންނަ ވާހަކަ މިބުނީ ހަމަ ސީރިޔަސްކޮށް. ބައްޕަ ކައިރީގަ މިވާހަކަ މަންމަ ބުނެދީ" ނޭހާ ބުންޏެވެ.

"ތިހެންވިއްޔާ ކޮބާ ނޭހާ އިންނަން ތިއުޅޭ މީހަކީ. ކޮންމެ ކޮންމެ މީހަކާ ދަރިފުޅު އިންނާކަށް މަންމައަށް ވެސް އަދި ބައްޕައަށް ވެސް ރުހުމެއް ނުދެވޭނެ. އެއީ ކާކުކަމާ އޭނާގެ އާއިލާ އަކީ ކޮބާކަން އެނގެން ބޭނުން" އަޒީމާ ވާހަކަދެއްކިއެވެ.

"ތިކަން ކުރަން މަންމަ އަޅުގަނޑާ ހަވާލުކުރަންވީނުން" ދުރުގައި ހުރި ފައިކު ބުންޏެވެ.

ނޭހާ ހައިރާންކަމާއެކު ފައިކުއަށް ބަލައިލިއެވެ. ޝައުންގެ ކަންކަން އޭނާއަށް ސިއްރުކުރީތީ އޭނާ ހުރީ ފައިކު ދެކެ ހިތްހަމަނުޖެހިފައެވެ.

"ދޮންބެ ކީއްކުރަން...." ނޭހާ ބުނަން އުޅުނެވެ.

"ދޮންބެއެއްނު ތި ކިޔަނީ. އެހެންވީމަ ދޮންބެގެ ޒިންމާ ދޮންބެ އަދާކުރިޔަދީ" ވަގުތުން ފައިކު ބުންޏެވެ.

"އެހެންވިއްޔާ ފައިކު ތިކަމާ އުޅޭ. މަންމަ ތި ވާހަކަތައް މިރޭ ބައްޕައަށް ކިޔައިދޭނަން. އޭގެފަހުން ތި ބުނާ ކުއްޖަކު މިގެއަށް ގެނޭ" އަޒީމާ ބުންޏެވެ.

****

ރޫޔާ ކައިރީގައި ދައްކަން ބޭނުންވި ވާހަކަ ދައްކަން ނުފެށެނީސް ހަންނާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ނަސީބަކުން އެ ވަގުތު އޭނާގެ ހިތްވަރަކަށްވީ ލޯބިވާ ދަރިފުޅުގެ ދެ އަތެވެ.

"އަޅުގަނޑު ވަރަށް ބިރު އެބަގަނޭ މަންމާ. ވަރަށް ބޮޑު ކަމެއް ވާންތަ މިއުޅެނީ" ރޫޔާ އެހިއެވެ.

ރޫޔާގެ އަތްތިލައިގައި ބޮސްދީފައި ހަންނާ ހިނިތުންވެލަން މަސައްކަތްކުރިއެވެ.

"ބިރުގަންނަންޖެހޭނެ ދަރިފުޅާ. އެކަމަކު ބިރުގަންނަންޖެހޭ ފަރާތަކީ އަހަރެންމެންގެ ވެރި ރައްބު. މި ދުނިޔޭގަ ދަރިފުޅު ބިރުގަންނަންޖެހޭ އެހެން އެއްވެސް މީހަކު ނުހުންނާނެ" ހަންނާ ބުންޏެވެ. ރޫޔާ އިނީ މަންމައަށް ބަލަހައްޓައިގެންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރޫޔާގެ މޫނުމަތީގައި ސީރިޔަސްކަން ވަށާލައިފިއެވެ.

"މަންމަ ބޭނުންވަނީ ދަރިފުޅު ވަރަށް ހިތްވަރުގަދަ ކުއްޖަކަށް ވާން. މީހަކު އެއްޗެއް ބުނެފިއްޔާ ދަރިފުޅު ދިފާއުގައި އަޑު އުފުލަން. އެއީ ދަރިފުޅު ނުރުހޭ ކަމެއް ވިއްޔާ ސީދާ ދިމާލަށް އިންކާރުކުރަން ކެރެންވާނެ. ނުބައި ކަމަކަށް އަމުރުކޮށްފިއްޔާ މަރާލިޔަސް އެކަމެއް ނުކުރާތި. އެމީހެއްގެ ހައްގެއް ހޯދަން މަސައްކަތްކުރާނީ އެމީހަކު..... އެކަމަކު...." ހަންނާ ރޫޔާއަށް ބަލައިލިއެވެ.

"އެކަމަކު ކިހިނެއްވީ މަންމާ" ރޫޔާ އެހިއެވެ.

"ދަރިފުޅު ފެނިގެން އެމީހެއްގެ ހިތް އުފަލުން ފުރި، އެމީހެއްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފެނިއްޖެނަމަ އެމީހަކަށް ދަރިފުޅު އިހުތިރާމުކުރަންވާނެ. އިހުތިރާމުކުރުމަކީ އެ ބަޔަކު ބުނާހާ އެއްޗަކަށް އާދެ ލައްބަ ކިޔުމެއް ނޫން. ކޮންމެ ކޮންމެ ކަމަކަށް ކިޔަމަންވުމެއް ނޫން. މަންމަ ބޭނުންވަނީ ދުނިޔޭގައި އުޅެން ދަރިފުޅު ދަސްކުރަން. މަންމައާ ބައްޕައާ ނުލައި" ހަންނާ ވާހަކަދެއްކިއެވެ. މަންމަގެ ދެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނި އިސާހިތަކު ރޫޔާގެ ދެ ލޮލުން ކަރުނަ ނީރާލިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް އުޅޭނީ މަންމައާ ބައްޕަ ކައިރީގަ. އަޅުގަނޑުގެ މާމަ ދުވަހަކުވެސް އަޅުގަނޑު ބޭނުންވެގެން ބަލައި ނާންނާނެ. އަޔަސް ނުދާނަން" ރޫޔާ ބުންޏެވެ.

"ދަރިފުޅާ. މިއަދު ތިހެން ބުންޏަސް މާދަމާ ތިހެން ނުބުނެވޭނެ. ގަދަ ކަނޑެއްގަ އޮޔާ ދެކޮޅަށް ދަރިފުޅު ގޮވައިގެން ފަތަފަތާ މަންމަ އާއި ބައްޕަ ވަރުބަލިވެއްޖެ. ވަރަށް އުއްމީދުކުރިން ހަމަޖެހިގެން އުޅެވޭނެ ދުވަހަކަށް. އެކަމަކު ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއެކު މަންމަގެ ހިތުގައި އޮތް ނުތަނަސްވަންކަން ދަނީ ބޮޑުވަމުން. ކުރީ ދުވަހަކު މިގެއަށް ބައްޕަ ހޯދަން ކަމަށް ބުނެ އެ އައި މީހާގެ މަގުސަދު މަންމައަށް ވަރަށް ސާފު. ދަރިފުޅަށް ފަހަރެއްގަ ހީވެދާނެ. މަންމަ އާއި ބައްޕަގެ ދުނިޔޭގައި މިނިވަން ކޮކާލެއް ފަދައިން ދަރިފުޅު ތި އުޅެނީ ތި ދިރިއުޅުމަކީ ދާއިމީ އުފާވެރި ކަމެކޭ. ނޫން ދަރިފުޅާ. ދިރިއުޅުމަކީ ތަކުލީފު ބޮޑު އެއްޗެއް. ބޮޑު ހަނގުރާމައެއް. އެ ހަނގުރާމަ އާ ކޮންމެވެސް ދުވަހަކުން ދަރިފުޅު ކުރިމަތިލާންޖެހޭނެ. އެހެންވެ މަންމަ މި ބުނަނީ ހިތްވަރުގަދަވާން. ފާޅުގަ ބަސްބުނަން. ހިމޭނުން ނުހުންނަން"

ހަންނާގެ އަނގަމަތީގައި ރޫޔާ އަތްއެޅިއެވެ. އިތުރަށް އޭނާއަށް އަޑެއް ނޭހޭނެއެވެ. އެ ހިތްވަރެއް ނެތެވެ.

"ޕްލީޒް ދެން ހުއްޓާލާ. މަންމަ ތި ދެއްކި ވާހަކަތައް ދުވަހަކުވެސް އަޅުގަނޑުގެ ސިކުނޑި ނެއްޓިގެން ނުދާނެ" ހަންނާގެ ކޮނޑުގައި ބޯ އަޅާލައިގެން އިން ރޫޔާ ބުންޏެވެ.

(ނުނިމޭ)