ވާހަކަ

ދޭތޯ ތި ހިތް - 18

2

''ދޮންތީ!، އައިމް ސޯ ހެޕީ ފޯ ޔޫ...'' ސަރުވާ ހިއްސާކުރި ވާހަކައިން ބަތޫލްއަށް ވެސް ލިބުނީ އުފާވެރިކަމެވެ. ދެބެއިން އެކަކު އަނެކަކު ގައިގައި ބާރަށް ބައްދާލަމުން ތޫލި އަޑަކުން ހަޅޭއްވެސް ލަވައިގެންފިއެވެ. ސަރުވާއަށް ލިބިފައިވި އުފާވެރިކަން ސިއްރެއް ނުކުރެވުނެވެ. ބައްޕަގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ޒިވްޔަންއާ އެ ވާހަކަ އަވަހަށް ހިއްސާކުރަން ސައިޑް ޓޭބަލް މަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ނެގިއެވެ.

ސަރުވާގެ ހަރަކާތްތަކަށް ބަލަމުން އައިސް ބަތޫލް އެނދުގައި އިށީނެވެ. އޭނާގެ ތުންފަތުގައި ކުޅެލަމުން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

ފުރަތަމަ ރިންގާއެކުގައި ޒިވްޔަން ފޯނު ނަގައިފިއެވެ. ބައްޕައާ ދެމެދު ދެކެވުނު ވާހަކަތައް އަވަސްއަވަހަށް ސަރުވާ ހިއްސާކުރިއެވެ. ޒިވްޔަންގެ މޫނު ވަގުތުން އުޖާލާވެގެން ދިޔައެވެ.

''ހުކުރު ދުވަހު ޒެންއަށް އާދެވޭނެދޯ...'' ސަރުވާއަށް އަހާލެވުނެވެ.

''ޔެސް!، ކޮންމެހެން ވެސް ދާނަން......'' ޒިވްޔަންގެ އަޑުގައި ވަނީ ޔަގީންކަމެވެ. ''މިހާރު ވެސް ވަގުތު ގުނަން ފަށައިފިން...''

''ޒެން...'' ސަރުވާއަށް ލޯތްބާއެކު ގޮވާލެވުނެވެ. ''އަހަންނަށް ގަބޫލެއް ވެސް ނުކުރެވޭ، ހީކުރީ ބައްޕަ ވަރަށް ސްޓްރިކްޓް ވާނެ ކަމަށް، އެކަމަކު ބައްޕަ ވެސް ވަރަށް އުފާވެފައި ހުރީ... ހާދަ ރަނގަޅަށޭ ހުރިހާކަމެއް މިދަނީ... ޒެންގެ މާމަ ވެސް ހުރީ އަހަރުމެން ގުޅުމާ މެދު ހިތްހަމަޖެހިފައި...... ޒެންއާ ބައްދަލުކުރަން ބައްޕަ ވެސް އެއްބަސްވީ، އައިމް ސޯ ހެޕީ!...''

މުސްތަގުބަލާ މެދުގައި ދެ ޒުވާނުންގެ ހިތުގައި ވެސް ވަނީ އުއްމީދެވެ. އެ ލޯތްބަށް ފުރިހަމަކަން ލިބޭނެކަމުގެ ޔަގީންކަން ވެސް މިހާރު ލިބިފައިވާ ކަހަލައެވެ. ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ މުޅިން އައު ޖޯޝެއް ލިބިފައިވާ ކަހަލައެވެ. ލިބިފައިވި އުފާވެރިކަން ދެ ޒުވާނުންގެ އަޑުން ވެސް ހާމަކޮށްދެއެވެ. އެ ދެހިތުގައި ވިންދުޖަހަމުން އައި ސާފު ލޯބި ވެސް ރަމްޒުކޮށްދެއެވެ.

*****

ޖެހިގެން އައި ދުވަހު ޒިވްޔަންގެ ފޯނުކޯލް ސަރުވާއަށް ލިބުނީ މެންދުރު ބާރަ ޖެހި ފަހުންނެވެ. އެ ހުރިހާ އިރުވަންދެން އޭނާ އިންތިޒާރުކުރަމުން އައީ ޒިވްޔަންގެ ފޯނުކޯލަށެވެ. ނަސީބު ދިމާކުރިމަ ގޮތުން ވަގުތަކީ އޭނަގެ ބްރޭކް ގަޑި ވެސް މެއެވެ. ބަލިމީހުން ބަލާ ކޮޓަރިން ނިކުމެގެން އޭނަ މިސްރާބު ޖެހީ ފާހާނާއާ ދިމާއަށެވެ. މޭކަޕް ރަނގަޅުކޮށްލަމުން ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ޒިވްޔަންގެ މާމައާ ބައްދަލުކުރަން ޖެހޭ ވަގުތު އައިސް ޖެހުމުން މީހާ ފިނިވާ ގޮތް ވެސް ވެއްޖެއެވެ. މޫނު ދޮންނަ ތަށީގައި އަތް ވިއްދާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ވެސް ބާރަށް ހިތްތެޅެމުން ދިޔައެވެ.

''އެވްރީތިންގް ވިލް ބީ ފައިން... ޖަސްޓް ބީ ޔޯރ ސެލްފް...'' އިސްއުފުލުގައި ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ސަރުވާ ނަޒަރެއް ދިނެވެ. އަމިއްލަ ނަފުސަށް ހިތްވަރުލައިދީ ނިމުމުން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑުގެ ތެރޭގައި އަތުގެ ހިމަހޯލި އިނގިލިތައް ހިންގާލަމުން، މޫނު ދޮންނަ ތަށިގަނޑު މަތީގައި އޮތް އޭނާގެ އަތްދަބަސް ނެގިއެވެ. އަދި ފާހާނާއިން ނިކުތެވެ. އެއަށްފަހު އޭނާގެ މަންޒިލަކަށްވީ ޒިވްޔަން ފޮނުވި މެސެޖުގައި އޮތް ރެސްޓޯރެންޓެވެ.

ރެސްޓޯރެންޓް ހުރީ ހޮސްޕިޓަލާ ކައިރީގައި ކަމަށްވުމުން ސަރުވާ ދިޔައީ ފައިމަގުގައެވެ. ބޭރަށް ނިކުމެވުމާއެކު އިރުގެ ހޫނުކަމުން ހަންގަނޑު ފިއްސާލަން އުޅުނު ކަހަލައެވެ. އަތްދަބަހުން ނެގި އަވިއައިނު ނަގައި ލޮލުގައި އަޅުވާލަމުން ސަރުވާ ކުރިއަށް ހިނގައިގަތެވެ. މެންދުރުގެ ހަލަބޮލި ވަގުތުކަމުން މަގުތައް އޮތީ ތޮއްޖެހިފައެވެ. ހިނދުކޮޅަކަށް ވެސް ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑު ކެނޑިގެން ނުދެއެވެ. ދުވާރު މަތިން ވެސް ފެންނަނީ ހަލަބޮލިކަމެވެ.

ރެސްޓޯރެންޓާ ހަމައަށް ދެވުނުތަނާ ސަރުވާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ، ރެސްޓޯރެންޓްގެ ބޭރުގައި އޭނާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ޒިވްޔަންއެވެ. ސަރުވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދުރުން ސަރުވާ ފެނުމާއެކު ޒިވްޔަން އަތް ހޫރާލިއެވެ. އަދި ސަރުވާގެ ގާތަށް ދިއުމަށް ހިނގައިގަތީ އެ ލޮބުވެތި ހިނިތުންވުން ސަރުވާއަށް ވެދުން ކުރަމުންނެވެ.

''ދެންމެއަކުހެން މާމަ ޑޮކްޓަރަށް ދައްކާ ނިމުނީ...'' ސަރުވާގެ ގާތަށް އައިސް ހުއްޓުނު ޒިވްޔަން ލަސްވި ސަބަބު ކިޔައިދިނެވެ. ''ރެޑީ؟...''

''މާމަ ކޮބާތަ؟...'' ސަރުވާ އަހާލިއެވެ.

''އެތެރޭގަ، ސަރޫއާ ބައްދަލުނުވެގެން މިހާރު ވެސް ހުރީ...'' ޒިވްޔަން ބުންޏެވެ.

''އެހެންތަ؟... އެހެންވިއްޔާ އަވަހަށް ހިނގާ...'' ސަރުވާ ބުންޏެވެ. ހިތުގައި ނުތަނަވަސްކަން ވިޔަސް ޒިވްޔަންއާ ބައްދަލުވުމާއެކު އެ ޖަޒުބާތުތަކަށް ވެސް ނިމުން އައިސްފިއެވެ. ޒިވްޔަންގެ ހިނިތުންވުމުން އެކަނި ވެސް އެ ހިތަށް ލުޔެއް ގެނެސް ދީފިއެވެ.

ސަރުވާއާ ބަދަލުކޮށްލި ހިނިތުންވުމާއެކު ޒިވްޔަން ހިފާލީ ސަރުވާގެ އަތުގައެވެ. އެއަށްފަހު އޭނާ ކުރިއަށް ހިނގައިގަތެވެ. ޒިވްޔަންގެ އެ ހަރަކާތުން ސަރުވާގެ ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުން ފުންވެގެން ދިޔައެވެ. ކުރިއަށް ހިނގަމުން ދިޔަ ހިނދު އިރުއިރުކޮޅާ ޒިވްޔަންގެ މޫނަށް އޭނާ ބަލައިލައެވެ. ކިތަންމެ ވަރަކަށް ބެލިކަމުގައި ވިޔަސް ފޫހިނުވާނެ ފަދަ ރީތިކަމެކެވެ. އެ ހިތުގެ ހިނގުމާއި ވުޖޫދަށް ވެސް އިންގިލާބެއް ގެނުވުމުގެ ބާރު ލިބިގެންވާ ނަޒަރު އޭނާއަށް ހުއްޓުމާއެކު މީހާ ފިނިވެއެވެ.

*****

ރެސްޓޯރެންޓަށް ވަދެވުމާއެކު، ޒިވްޔަން ހިނގައިގަތީ ރެސްޓޯރެންޓްގެ ހާމަފެންޑާއަށް ދެވެން ހުރި ސިޑިއާ ދިމާއަށެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ ސަރުވާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން އޭނާގެ ނަފުސު ތައްޔާރުކޮށްލިއެވެ. ހާމަފެންޑާގައި ހުރި މޭޒުތަކުގައި ތިބި މީހުންގެ ތެރޭން ސަރުވާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ކަނުގައި ހުރި މޭޒުގައި އިން އުމުރުން ދުވަސްވީ އަންހެންމީހާއެވެ. އެއީ ޒިވްޔަންގެ މާމަކަން ސަރުވާއަށް ވަގުތުން ނަގައިގަނެވުނެވެ. މޭޒާ ކައިރިއަށް ހުއްޓުމާއެކު އަދަބުވެރިކަމުގެ ހިނިތުންވުމެއް ސަރުވާ ބަދަލުކޮށްލިއެވެ.

އުމުރުން ދުވަސްވެފައި ވިޔަސް މާހުތާބްގެ ފަރާތުން ފެންނަމުން ދިޔަ ޒަމާނީ ކުލަތައް ސަރުވާއަށް ފާހަގަކުރެވުނެވެ. ހަމައެއާއެކު މާހުތާބްއާ ނަޒަރު ބައްދަލުވުމާއެކު އެ މޫނުން ފެނުނު ޝުއޫރުތައް ދޭހަކުރަން އުނދަގޫވި ހިނދު ހިތް ތެޅިއެވެ.

''މާމާ، މީޓް ސަރުވާ...'' މާހުތާބްއަށް ސަރުވާ ތައާރާފުކޮށްދެމުން ޒިވްޔަން ބުންޏެވެ.

ފަރުވާތެރިކަމާއެކު ސަރުވާއަށް މާހުތާބް ބަލައިލިއެވެ. ގާތުން ސަރުވާ ފެނުމުން ފޮޓޯއަށް ވުރެ ވެސް ފުރިހަމައޭ މަހުތާބްގެ ހިތަށް އެރިއެވެ. ހިތާހިތުން އެ ރީތިކަމަށް ތައުރީފުކުރެވުނެވެ. ސަރުވާގެ މަޑުމައިތިރިކަމާއި ލަދުވެތިކަން ވެސް މާހުތާބްއަށް ވަރަށް ކަމުދިޔައެވެ. ހަމައެއާއެކު ސަރުވާގެ ފަރާތުން ފެންނަމުން ދިޔަ މުއްސަނދިކަމުގެ ކުލަވަރުތައް ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަތުކުރީ އޮތް ހުދުރަނުގެ ގަޑިއާއި އަލިމަސްކަށީގެ ކެވެލި ކޮޅު ވެސް ފާހަގަކުރެވުނެވެ.

''ސަރުވާ...'' ސަލާމްކުރުމަށް ސަރުވާއަށް އަތްދިއްކޮށްލަމުން މާހުތާބް ބުނެލިއެވެ. ގާތްކަމާއި އޯގާތެރިކަން މާހުތާބްގެ އަޑުގައި ވިއެވެ. އޭނާއަށް ސަރުވާ ކަމުގޮސްފިކަމުގެ އަސަރު ތުންފަތަށް ވެރިވި ހިނިތުންވުމުން އަންގައިދިނެވެ. އެއާއެކު އަވަސްވެފައިވި ސަރުވާގެ ހިތުގެ ތެޅުން ހަމައަކަށް އެޅުނެވެ. އަވަސްއަވަހަށް މާހުތާބްގެ އަތުގައި ހިފާލިއެވެ.

''މާމަ ކިޔަސް އެންމެ ރަނގަޅުވާނެ އިނގޭ...'' އެ ދެމެދުގައި އޮތް ބީރައްޓެހިކަމަށް ނިމުމެއް ގެންނަން މާހުތާބް ބުންޏެވެ. ސަރުވާ މަޑުމަޑުން ބޯޖަހާލިއެވެ.

''ޒެންއާއި ދެކުދިން ވަރަށް ގުޅޭ...'' ޒިވްޔަންއާއި ސަރުވާއަށް ބަލަމުން މާހުތާބް ބުންޏެވެ. އެންމެ އެކަށީގެންވާ ޖޯޑެވެ.

މާހުތާބްގެ ޖުމުލައިން ސަރުވާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އެ ތައުރީފުގެ ބަސްތަކުން ހިތަށް ލިބިގެން ދިޔައީ ބަޔާންކުރުން ދަތި ހިތްހަމަޖެހުމެކެވެ. ޒިވްޔަންގެ މާމަގެ ރުހުން އޭނާއަށް ލިބިއްޖެކަމުގެ ޔަގީންކަމުން ސަރުވާގެ މުޅި ވުޖޫދަށް މުޅިން ތަފާތު ދިރުމެއް ގެނެސްދިނެވެ.

''ކޮޅަށްތަ ތިބެނީ؟...'' ޒިވްޔަންއާއި ސަރުވާ ކޮޅަށް ތިބެން ފެށުމުން މާހުތާބް ބުންޏެވެ. ކުރިމަތީ ހުރި ދެ ގޮނޑިއަށް އޭނާ އިޝާރާތްކޮށްލިއެވެ. އަވަސްއަވަހަށް ސަރުވާ އިށީންނަން ޒިވްޔަން ގޮނޑި ދުރުކޮށްލަދިނެވެ.

ޒިވްޔަންއާއި ސަރުވާއަށް ބަލަން އިން މާހުތާބްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ލަފުޒަކަށް ބޭނުންނުވާ ފުރިހަމަ ލޯބި އޭނާއަށް ތަސައްވަރުކުރެވުނެވެ. ޒިވްޔަންއަށްޓަކައި އޭނާ އުފާވިއެވެ. ޒިވްޔަންގެ ބައިވެރިޔަކަށް އޭނާ އެދޭ ފަދަ ހުރިހާ ސިފައެއް ސަރުވާގެ ފަރާތުން މާހުތާބްއަށް ފެނުނެވެ. ފިނިކަމެއް ހިތަށް އިހުސާސްކުރެވުނީ ވެސް އެހެންވެއެވެ.

''ޒެން ބުނި ސަރުވާއަކީ ޑޮކްޓަރެކޭ...'' ވެއިޓަރު އައިސް އޯޑަރު ނަގައިގެން ދިއުމުން މާހުތާބް ބުންޏެވެ.

''ލައްބަ...'' ސަރުވާ ބޯޖަހާލިއެވެ.

''ކިހިނެއް ހުރިހާ ކަމެއް ދަނީ؟...'' މާހުތާބް އަނެއްކާ ވެސް ސުވާލުކުރިއެވެ.

''ރަނގަޅު، ފަށައިގެން އުޅޭ ދުވަސްކޮޅު މީވަ ބުރަކޮށް ދަނީ...'' ކުރިން ވެސް މާހުތާބްގެ ފަރާތުން ސުވާލުތައް ކުރިމަތިވާނެކަން ޒިވްޔަން އޮތީ ބުނެފައެވެ. މަޑުމައިތިރިކަމާއެކު މާހުތާބްގެ ހުރިހާ ސުވާލަކަށް ސަރުވާ ޖަވާބުދެމުން ދިޔައެވެ.

ސަރުވާއަށް ލިބިފައިވާ ރަނގަޅު ތަރުބިއްޔަތު ޖަވާބު ދިނުމުގައި ހުރި މަޑުމައިތިރިކަމުންނާއި އޭނާއަށް ބަހައްޓަމުން ދިޔަ އިހުތިރާމާއި ގަދަރުން މާހުތާބްއަށް ނަގައިގަނެވުނެވެ. ރަނގަޅު އާއިލާއަކުން އައިސްފައިވާކަން ވެސް ޔަގީންކުރެވުނެވެ.

''ސަރުވާގެ ބައްޕައަކީ ވަކީލެއްތަ؟...'' ލިބުނު ފުރުސަތުގައި ސަރުވާއާ މެދުގައި ހިތުގައި އޮތް ޔަގީންކަން ވަރުގަދަކުރަން މާހުތާބް އިސްކަންދިނެވެ. ހިތުގައި ބުރުޖަހަމުން ދިޔަ ހުރިހާ ސުވާލެއް ފެންމަތިކުރިވީ ވެސް އެހެންވެއެވެ.

''ލައްބަ، ބައްޕައަކީ ވިސްޑަމް ލޯގެ ފައުންޑިންގް މެންބަރެއް، ކުރިން އާއިލީ ވިޔަފާރީގައި އުޅެފައި އަމިއްލަ ކުންފުންޏެއް އުފެއްދީ......'' އާއިލާގެ ކުރު ތައާރަފެއް ސަރުވާ ދިނެވެ. އަޑުއަހަމުން ދިޔަ މާހުތާބްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

މާމަގެ ސުވާލުތަކުން ސަރުވާއަށް ނުތަނަވަސްކަން ލިބިދާނެތީ ޒިވްޔަންއަށް ލިބިފައިވަނީ ހާސްކަމެވެ. އިރުއިރުކޮޅާ ސަރުވާގެ މޫނަށް ނަޒަރު ހިންގާލައެވެ. މާމާގެ ކޮންމެ ސުވާލަކަށް ސާބިތުކަމާއެކު ސަރުވާ ޖަވާބުދެމުން ދިޔަ މަންޒަރު ފެނި ޒިވްޔަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

މެންދުރުގެ ކެއުން ނިމިގެން ދިޔަ ހިނދު ސަރުވާއާއި މާހުތާބްގެ ދެމެދުގައި އޮތް ބީރައްޓެހިކަމުގެ ފަރުދާ ކަޝްފުވެގެން ގޮސްފިއެވެ. މާހުތާބްގެ ހިތުން ސަރުވާ މަގާމެއް ވެސް ހޯދައިފިއެވެ. ހިނދުކޮޅަކަށް ވެސް މާހުތާބްގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ.

މާމައަށް ބަލައިލި ޒިވްޔަންގެ ހިތަށް ވެސް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މާމައަށް ސަރުވާ ނުހަނު ކަމުގޮސްފިކަން އޭނާއަށް ޔަގީންކުރެވުނެވެ.

''މީ އަދި ވަކިވުމެއް ނޫން އިނގޭ... މާމަ އުއްމީދުކުރަން ގިނަގިނައިން ސަރުވާއާ ބައްދަލުވާނެކަމަށް...'' ބްރޭކްގަޑި ނިމެން ކައިރިވުމުން ދިއުމުގެ ހުއްދައަކަށް މާހުތާބްގެ ގާތުން ސަރުވާ އެދުމާއެކުގައި މާހުތަބް ބުންޏެވެ. ހިނިތުންވުމަކާއެކު ސަރުވާ ބޯޖަހާލިއެވެ.

''މާމާ، އެންމެ ރަނގަޅުތަ ސަރުވާއާއެކުގައި ދިޔަޔަސް؟... ހޮސްޕިޓަލަށް ސަރުވާ ލައިފަ އަންނާނަން މާމަ ބަލާ...'' ސަރުވާ ކޮޅަށް ތެދުވުމާއެކު ޒިވްޔަން އަވަސްއަވަހަށް ބުންޏެވެ.

''އަވަހަށް ދޭ... ޒެން އަންނަންދެން މާމަ މަޑުކުރާނަން...'' މާހުތާބް ބޯޖަހާލިއެވެ. އޭނާއާ ވަދާއުގެ ސަލާން ބައްދަލުކޮށްލި ސަރުވާއަށް މާހުތާބް ބަލައިލީ އުފާވެރިކަމާއެކުގައެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަން މާހުތާބްގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެއެވެ. ޒިވްޔަންއާއި ސަރުވާ ގޮސް ލޯމަތިން ގެއްލެން ދެން ބަލަން އިނދެވުނެވެ.

''ޒިވްޔަންގެ ހޮވުން ވަރަށް ފުރިހަމަ، ރަނގަޅު އާއިލާއަކުން އައިސްފައި ހުރި މަޑުމައިތިރި ކުއްޖެއް...'' އަމިއްލަ ނަފުސަށް ހިނިތުންވެލަމުން މާހުތާބް ބުންޏެވެ.

*****

''ދެޓް ވެންޓް ވެރީ ވެލް... ޔޫ ހޭވް ޑެފިނީޓްލީ ވޮން ހާރ ހާޓް...'' ރެސްޓޯރެންޓުން ނިކުމެވުމާއެކު ޒިވްޔަން ބުންޏެވެ. އޭނާގެ އަޑުން ވެސް އުފާވެފައިވާ މިންވަރު ހާމަކޮށްދިނެވެ. އިރުކޮޅެއް ވަންދެން ޒިވްޔަންއަށް ބަލަން ސަރުވާއަށް ހުރެވުނެވެ.

''ހާދަ ވަރަކަށް ތި ބަލަނީ؟... މޫނުގައި އެއްޗެއް ހުރީތަ؟...'' ޒިވްޔަންއަށް އޭނާގެ މޫނުގައި އަތްޖައްސާލެވުނެވެ. އެ ހިނދު ސަރުވާގެ ލުއި ހުނުމުގެ އަޑު އިވުނެވެ.

''މައި ލަވް...'' ސަރުވާއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ޒިވްޔަން ބުންޏެވެ. އެ ދެމެދުގައި އޮތް ދާއިރާ ހަނިވުމާއެކު ސަރުވާއަށް އަވަސްއަވަހަށް ތެޅިގަނެވުނެވެ. މަގުމަތީގައި ތިބެވުނުކަން ޒިވްޔަންއަށް އޭނާ ހަނދާންކޮށްދިނެވެ.

''ތިހެން އަހަންނަށް ސަރޫ ބަލަންޏާ ކިހިނެއްތަ ދުރުގަ ހުންނާނީ...'' ސަރުވާގެ ކަންފަތްދޮށުގައި ޒިވްޔަން ބުންޏެވެ.

''ޒެން!...'' ކަނދުރާގެ ލޯލިތައް ޒިވްޔަންގެ ހޫނުނޭވަތަކުން ކޮޅަށް ޖެހިގެން ދިޔަ ހިނދުގައި ސަރުވާއަށް ތެޅިގަނެވުނެވެ. ޒިވްޔަންއާ ދުރަށް ޖެހިލަމުން މަގުގައި ހިނގަމުން ދިޔަ މީހުންނަށް ސަރުވާ އަވަސް ނަޒަރެއް ދިނެވެ. ނަސީބަކުން އެއްވެސް މީހެއްގެ ސަމާލުކަން އެ ދެޒުވާނުންނަށް ހުއްޓިފައި ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން ޒިވްޔަންގެ މޭގައި ސަރުވާ މަޑުމަޑުން ޖަހާލިއެވެ.

''ކާރުގަތަ ދާނީ؟...'' އަތުކުރީ އޮތް ގަޑިއަށް ނަޒަރު ހިންގާލަމުން ޒިވްޔަން އަހާލިއެވެ.

''ސާބަސް... މިތާ ކައިރިޔޭ...'' ސަރުވާ ދެފަރާތަށް ބޯހުރާލިއެވެ. ''ހިނގާފަ ދާނީ...''

''ލެޓްސް ގޯ...'' ސަރުވާއަށް އަތްދިއްކޮށްލަމުން ޒިވްޔަން ހިނިތުންވެލިއެވެ. އުފަލާއެކުގައި ޒިވްޔަންގެ އަތުގައި ސަރުވާ ހިފާލިއެވެ. ހޮސްޕިޓަލާ ހަމައަށް ދެވެންދެން އެ ދެމެދުގައި ދެކެވުނީ މާހުތާބްގެ ވާހަކައެވެ. މާހުތާބްގެ ގާތްކަން އިހުސާސްކުރެވި ސަރުވާ ހުރީ ނިކަން އުފަލުންނެވެ. ޒިވްޔަންގެ އާއިލާގެ ދެން ތިބި މެންބަރުންނާ ބައްދަލުކުރަން އޭނާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

*****

''މާމަގެ ޒެންގެ ހޮވުން ހަމަ އެއްވަނަ އިނގޭ... ތި ދެކުދިން އެކުގައި ފެންނަ އިރު ވަރަށް ފުރިހަމަ...'' ކާރުގައި ގެއަށް މިސްރާބު ޖެހުމާއެކު ޒިވްޔަންއަށް މާހުތާބް ބަލައިލިއެވެ. ޓްރެފިކަށް ސަމާލުކަން ދީގެން އިން ޒިވްޔަންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. މާމަގެ މޫނަށް އޭނާ އަވަސް ނަޒަރެއް ދިނެވެ.

''މާމާ...'' ޒިވްޔަން ގޮވާލިއެވެ.

''ވާހަކައެއް ބުނަން ވީ ދޯ... އަވަހަށް ބުނޭ...'' ޒިވްޔަންގެ ރާގު ވަގުތުން މާހުތާބްއަށް ނަގައިގަނެވުނެވެ. މާމައަށް ހިތުގެ އަޑު އިވުމުން ޒިވްޔަންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

''ހުކުރުދުވަހު އަހަންނާއެކު ސަރޫގެ މަންމައާއި ބައްޕައާ ބައްދަލުކުރަން މާމައަށް ދެވިދާނެތަ؟... އެކަނި ދާންވުމުން ފާޑަކަށް ބިރުގަނޭ... ސަރޫގެ ވާހަކަ އެނގޭ މީހަކަށް މިވަގުތު ހުރީ ހަމައެކަނި މާމާ...'' ޒިވްޔަން އެ ހިތުގެ މުރާދު ހާމަކުރިއެވެ.

''ޔަގީނެއްނު... ދަރިފުޅަށް ވެވެން އޮތް ހުރިހާ ގޮތަކުން މާމަ އެހީވާނަން... ދަރިފުޅު ހާސްނުވޭ.... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދާނީ ރަނގަޅަށް... މާމަ މިހުރީއެއްނު...'' ޒިވްޔަންގެ ދެލޮލުގައިވި ހާސްކަން ދޭހަކުރެވުނު ހިނދު މާހުތާބް ބުންޏެވެ. އެ ފުރުސަތުގައި ސަރުވާގެ މައިންބަފައިންނާ ބައްދަލުވާނެތީ ވެސް މާހުތާބް ހުރީ އުފަލުންނެވެ.

''ތެންކިއު މާމާ...'' ޒިވްޔަން ޝުކުރު އަދާކޮށްލިއެވެ. އޭނާގެ ގާތުގައި މާމަ ހުންނާނެކަން ޔަގީންވުމުން ހިތަށް ސާބިތުކަން ގެނެސްދިނެވެ.

*****

ރޭގަނޑެވެ. ކޮޓަރީގެ ބެލްކަންޏަށް ނިކުތް ޖޫދާ ގޮސް ހުއްޓުނީ ރެއިލިންގް ކައިރިއަށެވެ. މެދުއުޑުގައި އިން ހަނދަށް އޭނާ ނަޒަރު ހިންގާލިއެވެ. އެ މޫނަށް އުދާސްކަން ވެރިވާން ނެގީ ހިނދުކޮޅެކެވެ. ކިތަންމެ ރީތި ހަނދުވަރެއް ދީފައި އޮތަސް ގުދުރަތުގެ އެ ރީތިކަމުން އޭނާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. އެއާ ހިލާފަށް އޭނާގެ ހިތުގައި ވަނީ ރިހުމެކެވެ. މިރާހްއާ އެކުވެރިކަން ބަދަހިކުރަން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. އެކަމާ ހުރެ ޖޫދާ ހުރީ ހިސާބަކަށް ރުޅި އައިސްފައެވެ.

''މިރާހް އަހަރެން މަތިން ހަނދާން ނައްތާލީތަ؟... ކީއްވެ؟... އަހަރެން މަތިން ހަނދާން ނައްތާލަން އެހާ ފަސޭހަ ކަމަކަށް ވީ ކީއްވެގެންތަ؟... މިރާހް އެހެން މީހަކާއެކުގައި އުޅޭތަން ދެކެން އަހަރެންގެ ހިތަށް ކެތްނުވާނެކަން ހަމަ އިހުސާސެއް ނުކުރެވޭތަ؟...'' ތާރާގެ ހިތުގައި ވަނީ ޝަކުވާތަކެވެ. ''މިރާހް މަތިން ހަނދާން ނައްތާލެވޭނެކަމަށް އަހަރެން ކައިވެނި ކުރީ ވެސް... އެކަމަކު ޕާޓީން މިރާހް ފެނުމާއެކު އަހަރެންގެ ހިތް ރޮއްވާލައިފި... މި ހިތުގައި އަބަދުވެސް ވާނީ މިރާހް... އިތުރު މީހަކަށް ޖާގައެއް ނެތްކަން ޔަގީން ވެއްޖެ... ފުރަތަމަ ބައްދަލުވީ ވެސް އަހަންނާއި މިރާހް، ދެން ކީއްވެގެންތަ ތާރާއަށް މިރާހްއާ އެކުގައި ހުރުމުގެ ފުރުސަތު ލިބެންވީ!...''

ތާރާގެ ނަން ހިތަށް ވެރިވުމާއެކުގައި ވެސް ޖޫދާގެ ހިތުގައި ރުޅިވެރިކަމުގެ ތޫފާނެއް އުފެދިގެން ދިޔައެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓައި ސިހުނީ އޭނާގެ ފުރަގަހުން ރައިހާން ބައްދާލުމުންނެވެ. ރައިހާންގެ ބީހުންތަކުން ޖޫދާއަށް ލިބުނީ އިތުރު ތަކުލީފެކެވެ. ފޫހިކަން ވެސް ހިތުގައި އުފެދުނެވެ.

''ރެއިން!، މިހާރު ނޫން، އައިމް ވެރީ ޓަޔަޑް...'' އޭނާގެ ކަނދުރާއަށް ރައިހާން ބޮސްދިނުމާއެކު ޖޫދާ ދުރަށް ޖެހުނެވެ. ފިރިމީހާގެ ދެލޮލުން ލޯބި ފެނުނުކަމުގައި ވިޔަސް އެކަމަށް އޭނާ ސަމާލުކަމެއް ނުދިނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިޔާލުތަކުގައި ވަކި ހިއްޕާފައިވަނީ މިރާހްއެވެ. ތާރާއާއެކުގައި މިރާހް އުޅޭނެ މަންޒަރު ސިފަކުރެވުމުން ނަފުރަތުގެ ދިލަ ހޫނުކަން ހިތަށް އިހުސާސްކުރެވުނެވެ.

''ޖޫދާ...'' ރައިހާން ލޯބިން ގޮވާލިއެވެ. ޖޫދާއަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''ވަރަށް ޓަޔަޑް ވެފަ މިހިރީ... ނިދާލަން ބޭނުމީ... ގުޑް ނައިޓް...'' ފިރިމީހާ އޭނާއަށް ބޭނުންވެފައިވާކަން އެނގޭ ހާލުގައި ވެސް ޖޫދާ އެކަމަށް އިޖާބައެއް ނުދިނެވެ. އެހެން މީހެއްގެ ހިތުގެ އިހުސާސްތަކަށް އިހުތިރާމުކުރުމަށް ވުރެ އޭނާއަށް މުހިންމުވީ އެ ހިތުގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯއެވެ.

''ސޮރީ...'' ރައިހާން މައާފަށް އެދުނެވެ. އެ ހިތުގެ އިހުސާސްތައް ވަންހަނާ ކުރީ ޖޫދާއަށް ތަކުލީފެއް ލިބެން ބޭނުން ނުވާތީއެވެ. އޭނާ ޖޫދާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އެ ލޯތްބަށްޓަކައި އޭނާ ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެއެވެ.

ނިދަން އެނދަށް އަރާފައި ވެސް ރައިހާންއަށް ސަމާލުކަން ދިނުމަށްވުރެ ޖޫދާ ވިސްނަމުން ދިޔައީ މިރާހްއާ މެދުގައެވެ. ކުރިން އެ ދެމެދުގައި އޮތް ގުޅުން އެނބުރި ރުޖޫއަވުމަށް އެދެވެމުން ދިޔައެވެ.

''މިރާހް ހަގީގަތުގައި ވެސް ތާރާ ދެކެ ލޯބި ވަނީތަ؟، ނޫނީ މަޖުބޫރުވެގެން ކުރި ކައިވެންޏަކަށް ވާތީ އާއިލާގެ އުފަލަށްޓަކައި އެކުގައި އުޅެން މަސައްކަތްކުރަނީތަ؟... އެހެންވެގެންތަ އަހަންނާ އެކުވެރިކަން ބާއްވަން ފަސްޖެހެނީ؟... ރައިހާންއާ އިނދެގެން އުޅުނަސް އަހަރެން ރައިހާން ދެކެ ލޯތްބެއް ނުވޭ... ހަމައެފަދައިން މިރާހް ވެސް ތާރާ ދެކެ ލޯބި ނުވާނެކަން ޔަގީން... ހުރިހާ ވެސް މައްސަލައަކީ އެ އަންހެނާ... އޭނާގެ ސަބަބުން އަހަރެން މިރާހްގެ ލޯބިން ވަކިވާން ޖެހުނީ... އޭނާއަށް ހަމަޖެހުމެއް ލިބެން އަހަރެންގެ ހިތެއް ނޭދޭނެ... ލޯބިވާ ދެމީހެއްގެ ދެމެދަށް ވަން ކަތުރުފަންޏެކޭ...''

ޖޫދާ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. ވިޔަފާރީގެ މައިދާނުން މިރާހްއާ ބައްދަލުކުރަން ލިބިފައި އޮތް ފުރުސަތުތަކުގެ ބޭނުން ހިފަން ގަސްދުކުރިއެވެ. އެއީ މިރާހްގެ ހިތާ ހަމައަށް ވާސިލުވުމަށް އޭނާއަށް ލިބިފައި އޮތް ދެވަނަ ފުރުސަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟