ޒިވްޔަން ދައްކަން އުޅޭ ވާހަކައިގެ މުހިންމުކަން މާހުތާބްއަށް އަންގައިދިނީ އެ މޫނުގައިވި ކުލަވަރުތަކުންނެވެ. އިރުކޮޅެއް ވަންދެން ޒިވްޔަންގެ މޫނަށް ބަލަން ހުރެފައި މާހުތާބްއަށް ހިފާލެވުނީ ޒިވްޔަންގެ އަތުގައެވެ. ޒިވްޔަން ދައްކަން އުޅޭ ވާހަކައަށް އޭނާގެ ޝައުގުވެރިކަން ހުއްޓިއްޖެއެވެ. އޭނާ ގޮވައިގެން މާދަން ހޮސްޕިޓަލަށް ދާން ވެސް ޒިވްޔަން ހުށަހެޅީ ހިތުގައި މުރާދެއް ވަންހަނާވެފައިވާތީކަން މާހުތާބްއަށް ޔަގީންކުރެވުނެވެ.
ޒިވްޔަން ގޮވައިގެން ގޮސް މާހުތާބް އިށީނީ ބަގީޗާގައި ހުރި އުނދޯލީގައެވެ. މާހުތާބް ގޮސް އުނދޯލީގައި އިށީނުމާއެކު، ކައިރީގައި ހުރި ފިނިފެންމާ ގަސްތަކަށް ފެންދޭން އުޅުނު ހާދިމު މީހާވެސް މަސައްކަތް މަޑުޖައްސާލަމުން ދުރަށް ހިނގައިގަތެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެ ދިއުމާއެކު ޒިވްޔަންގެ އަތަށް މާހުތާބް ފިތާލިއެވެ. މާމައާ ބަދަލުކޮށްލި ނަޒަރާއެކު ޒިވްޔަން ހިނިތުންވެލިއެވެ.
''ދެން ބުނެބަލަ... ކޮން ވާހަކައެއްތަ ދައްކަން ބޭނުންވެގެން ތި އުޅެނީ...'' މާހުތާބް ހިނިތުންވުމަކާއެކުގައި ފެށިއެވެ.
''މާމާ... އަހަންނަށް ކަމުދާ ކުއްޖެއް އެބަހުރި...'' ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކު ޒިވްޔަން ހާމަކުރިއެވެ. މާމަގެ މޫނުގެ ކުލަވަރު އެނގެން ބޭނުންވާތީ، މާމައާ ދިމާއަށް އޭނާ އެނބުރިލިއެވެ. އަދި ސަމާލުވެ އެ މޫނަށް ނަޒަރު ހިންގާލިއެވެ. ހަޔާތުގައި މުޅިން އައު ބާބެއް ފަށާއިރުގައި މާމަގެ ރުހުން އޭނާއަށް ނިކަން މުހިންމެވެ. މަންމައަށް އެ ހިތުގެ ހާލު އެންގުމަށްވުރެ މާމަ ގާތުގައި ހާމަކުރީ ވެސް އެހެންވެއެވެ. އާއިލާގެ ހުރިހާ ނިންމުންތަކުގެ މޭސްތިރިއަކީ ވެސް މާމައެވެ.
''އެހެންތަ؟...'' މާހުތާބް ބުންޏެވެ. ''މާމައަށް ނިކަން ކިޔާދީބަލަ...''
ޒިވްޔަންގެ މޫނުގައިވި ނުތަނަވަސްކަމުގެ އަސަރުތައް ފިލައި ގޮސް ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވެއްޖެއެވެ. މާމާގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު ސަރުވާގެ ވާހަކަތައް ގަޔާވެފައި މާމައަށް ކިޔައިދޭން ފެށިއެވެ.
ޒިވްޔަންގެ ވާހަކަތައް އަޑުއަހަމުން ދިޔަ މާހުތާބްއަށް ޒިވްޔަންގެ ހިތުން ސަރުވާއަށް ދެވިފައިވާ ހާއްސަ މަގާމާއި ގަދަރު ދޭހަކުރެވުނެވެ. ސަރުވާގެ ނަން ބުނެލާ ކޮންމެ ފަހަރަކު އެ ތުންފަތަށް ވެރިވާ ހިނިތުންވުމާއި އެ ދެލޮލުގައިވާ ވިދުމުން ޒިވްޔަންގެ ހިތް ސަރުވާ ފަތަހަކޮށްފައިވާ މިންވަރު ވެސް ޔަގީންކުރެވުނެވެ.
ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ހުޅުވާލަމުން ސަރުވާގެ ފޮޓޯއެއް ވެސް މާހުތާބްއަށް ދެއްކިއެވެ.
''މާޝާﷲ!، ވަރަށް ރީތި...'' ޒިވްޔަންގެ އަތުން ފޯނު އަތުލަމުން، ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ސަރުވާގެ ފޮޓޯއަށް މާހުތާބް ބަލައިލިއެވެ. ފުރަތަމަވެސް މާހުތާބްގެ ލޮލުގައި އަޅައިގަތީ ސަރުވާގެ ރީތިކަމެވެ. މަހިނޫރުގެ ފުރިހަމަކަން އެކުލެވިގެންވި ދެލޮލާއި އެ ރީތި ހިނިތުންވުމެވެ. އިރުކޮޅެއް ވަންދެން ސަރުވާގެ ފޮޓޯއަށް ބަލަން މާހުތާބްއަށް އިނދެވުނީ އެ ރީތިކަމަށް ހިތާހިތުން ތައުރީފުކުރަމުންނެވެ.
''މާމައަށް ކަމުދޭތަ؟...'' ޒިވްޔަންގެ އަޑުންވެސް އޭނާގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު މާހުތާބްއަށް ނަގައިގަނެވުނެވެ. މާހުތާބްއަށް ހެވުނެވެ.
''އާނ!، ވަރަށް ބޮޑަށް ކަމުގޮސްފި... ދަރިފުޅުގެ ހޮވުން ވަރަށް ފުރިހަމަ... މިހާ ރީތި ކުއްޖެއް ދަރިފުޅު ހޯދައިގަތީ ކިހިނެއްތަ؟...'' ޒިވްޔަންގެ އަތަށް އަނބުރާ ފޯނު ދެމުން މާހުތާބް ސަމާސާ ރާގަކަށް ބުންޏެވެ. މާހުތާބްގެ ޖުމުލައިން ޒިވްޔަންގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.
''ހާދަ އަވަހަކަށް ޒެން ތި ލަދުގަތީ...'' މާހުތާބްއަށް ހެވުނެވެ. ޒިވްޔަންގެ ބުރަކަށީގައި ލޯތްބާއެކު އޭނާ ފިރުމާލިއެވެ.
ސަރުވާގެ އާއިލާ އެނގެން އޭނާ ބޭނުންވިއެވެ. ރީތިކަމާއި ބުރުސޫރައިން ހިތްހަމަޖައްސާލެވެން ނެތެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނޭ މީހުން ބުނެ އުޅެނީ ވެސް އެކަމުގައި ހަގީގަތް އެކުލެވިގެންވާތީއެވެ. ލޯބީގެ އަވައިގައި ޖެހި އެޅިގެންދާ ކަތި ފިޔަވަޅެއްގެ ސަބަބުން ޒިވްޔަންގެ ދިރިއުޅުން ހަލާކުވެގެންދާން ފުރުސަތެއް ނުދެވޭނެއެވެ. ޒިވްޔަންގެ ހިތުގައި ސަރުވާއަށް ދެވިފައިވާ މަގާމު އިހުސާސްކުރެވުނު ކަމުގައި ވިޔަސް، ޒިވްޔަންއަށް ރަނގަޅު ގޮތް އަންގައިދިނުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. ނިކުމެދާނެ ނަތީޖާއަކާ މެދުގައި ވެސް މާހުތާބްގެ ހިތް ނުތަނަވަސްވެއްޖެއެވެ.
''ކޮން ގެއެއްގެ ކުއްޖެއްތަ؟...'' މާހުތާބް ސުވާލުކޮށްލިއެވެ. އެ ސުވާލު އަމާޒުވާނެކަން ކުރިން ވެސް ޒިވްޔަންއަށް އޮތީ އަންދާޒާ ކުރެވިފައެވެ. ކޮންމެކޮންމެ ކުއްޖަކާ ގުޅެން މާމަގެ ރުހުން ނުލިބޭނެކަން އޭނާއަށް މާކުރިން ވެސް ޔަގީންކުރެވުނެވެ. ނަމަވެސް ސަރުވާ އައިސްފައިވަނީ މާމަގެ ހިތް އެދޭ ފަދަ މުއްސަނދި ޢާއިލާއަކުންނެވެ.
''މާމައަށް އެނގޭތަ ވިސްޑަމް ލޯ ފާރމް؟...'' ޒިވްޔަން ސުވާލުކޮށްލިއެވެ. އެއާއެކު ސިކުނޑިއަށް ބާރުލަމުން މާހުތާބް ވިސްނާލިއެވެ. އެއީ އޭނާއަށް އަޑު އިވިފައިވާ ނަމެކެވެ. ނަމަވެސް ދުރު ހަނދާނަކަށް ވުމުން މުޅިން ޔަގީނެއް ނުކުރެވުނެވެ.
''އަޑު އިވިފަ ހުރިހެން ހީވަނީ...'' މާހުތާބް ވިސްނަމުން ބުންޏެވެ.
''ސަރުވާގެ ބައްޕައަކީ ވިސްޑަމް ލޯގެ ބޮޑު މީހާ... ރާއްޖޭގައި ވަރަށް މަޝްހޫރު ލޯ ފާރމެއް އެއީ...'' އޭނާއަށް އެނގިފައިވާ މިންވަރަކުން ސަރުވާގެ އާއިލާގެ މަޢުލޫމާތު ޒިވްޔަން ހިއްސާކުރިއެވެ. އަޑުއަހަމުން ދިޔަ މާހުތާބްއަށް ސަރުވާ އަކީ މުއްސަނދި އާއިލާއެއްގެ އަންހެން ކުއްޖެއްކަން ޔަގީން ކުރެވުނެވެ. އެއާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތުގައި ދުވެލީ ސަރުވާއަކީ ޑޮކްޓަރެއްކަން އެނގުމުންނެވެ.
''ސަރުވާއާ ބައްދަލުކޮށްދޭން ވެގެން ދޯ މާމައާއެކު މާދަން ހޮސްޕިޓަލަށް ދާނަމޭ ބުނީ؟...'' މާހުތާބްއަށް ޔަގީންކުރެވުނެވެ.
މާމައަށް ބަލަމުން ދިޔަ ޒިވްޔަން ބޯޖަހާލިއެވެ. މާމައާއި ސަރުވާ ބައްދަލުކޮށްދޭން އޭނާ ހުރީ ބޭނުންވެފައެވެ.
''މާމަވެސް ބޭނުން ދަރިފުޅުގެ ހޮވުން ބަލައިލަން، ދަރިފުޅުގެ ވާހަކަތަކުން ސަރުވާއަކީ ވަރަށް ރަނގަޅު ކުއްޖެއްކަން ޔަގީން ވެއްޖެ...'' މާހުތާބް ބުންޏެވެ. ''އެންމެފަހުން މާމަގެ ޒެންއަށް ވެސް ކަމުދާ ކުއްޖެއް ފެނިއްޖެދޯ...''
މާހުތާބްގެ ރުހުން ސަރުވާއަށް ލިބިއްޖެކަން މާހުތާބްގެ މޫނުގައިވި ކުލަވަރުންނާއި އަޑުގައިވި އުފާވެރިކަމުން ޒިވްޔަންއަށް ނަގައިގަނެވުނެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު މާމަގެ ގައިގައި ޒިވްޔަންއަށް ބައްދާލެވުނެވެ.
''ތެންކިއު...'' ޒިވްޔަން ބުންޏެވެ.
''މާމާ މިހުރީ ވަރަށް އުފާވެފައި...'' ޒިވްޔަންގެ ބުރަކަށީގައި ފިރުމާލަމުން މާހުތާބް ބުނެލިއެވެ.
''ވީ އެންމެ އަވަހަކަށް އަހަރެން ބޭނުން ކައިވެނި ކުރަން ވެސް...'' ޒިވްޔަން ބުންޏެވެ. އެ ޖުމުލައިން މާހުތާބްއަށް ހެވުނެވެ. ޒިވްޔަންގެ ހިތުގައި ސަރުވާއަށް އޮތް ލޯބި އެފަދަ ކޮންމެ ޖުމުލައަކުން ހާމަވަގެންދެއެވެ.
''އެ ޔަގީންކަން ވެސް ދަރިފުޅަށް ލިބުނީތަ؟...'' މާހުތާބް އެހިއެވެ.
''އާނ، މާމާ... އަހަރެން ބޭނުން ސަރޫއާ ކައިވެނިކުރަން...'' ޒިވްޔަންގެ އަޑުގައި ވަނީ ޔަގީންކަމެވެ.
''ހާދަ އަވަސް އަރުވާލަން ދަރިފުޅު ތި އުޅެނީ؟... ކައިވެނި ކުރުމުގެ ކުރިން ކަނޑައްތު ކުރަން ޖެހޭނެ މަރުހަލާތަކެއް ވެސް ހުންނާނެޔޭ... ދެފަރާތުގެ އާއިލާ ވެސް ބައްދަލުކުރަން ޖެހޭނެއެއްނު، ދަރިފުޅުގެ ވާހަކަތަކުން އަދި ސަރުވާގެ އާއިލާއާ ވެސް ބައްދަލުނުވާކަން އެނގޭ... ވަގުތާއެކު ފަހަރަކު ފިޔަވަޅެއް އަޅާނީ......'' ޒިވްޔަންއަށް ވިސްނައިދޭން މާހުތާބް ވާހަކަދެއްކިއެވެ. ކައިވެންޏާ ހަމައަށް ދިއުމުގެ ކުރިން ދެފަރާތުގެ އާއިލާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނެކަމާއި ކައިވެންޏަކީ ކިހާ މާތް ގުޅުމެއްކަން ޒިވްޔަންއަށް އަންގައިދޭން މާހުތާބް ވާހަކަދެއްކިއެވެ. ކައިވެންޏާ ހަމައަށް ސަރުވާއާއެކުގައި އޮތް ގުޅުން ގެންދިއުމުގެ ވިސްނުން ޒިވްޔަންގެ ހުރުމުން އެކަމާ އުފާކުރާކަން ވެސް މާހުތާބް ބުނެދިނެވެ. ނަމަވެސް އޭގެ ކުރިން ކަނޑައްތު ކުރަން ޖެހޭ މަރުހަލާތަކުގެ މުހިންމުކަން ޒިވްޔަންއަށް މާހުތަބް ވިސްނައިދިނެވެ.
މާހުތާބްގެ ވާހަކަތައް އަޑުއަހަމުން ދިޔަ ޒިވްޔަން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާއަށް ވެސް އަވަސް އަރުވާލެވިފައިވާ މިންވަރު ވިސްނި ރަކި ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ. ސަރުވާއާ ދުރުގައި ވަގުތު ހޭދަކުރުން އޭނާއަށް ވެފައިވަނީ ސަޒާއަކަށެވެ. އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވަނީ ސަރުވާ އާއެކުގައެވެ. އެ ސޫރަ ނުފެނި ގިނަ އިރުވާން ފެށުމުން ހިތަށް ވެސް ލިބެނީ ތަކުލީފެކެވެ. ލޮލުގެ ފިނިކަމާ ދުރުގައި ހުރުން ވެފައިވަނީ ވޭނަކަށެވެ.
''މާމާ، އެއްވެސް މީހެއް ގާތު އަދި ނުބުނައްޗޭ... ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އަހަރެން ބުނާނަން...'' ޒިވްޔަން ބުންޏެވެ.
''އެންމެ ރަނގަޅު، ދަރިފުޅު ތައްޔާރުވުމުން އެންމެން ގާތު ބުނުން ރަނގަޅު ވާނީ ވެސް...'' މާހުތާބް ބޯޖަހާލިއެވެ.
''ޔޫ އާރ ދި ބެސްޓް...'' އަދިވެސް އެއްފަހަރު މާހުތާބްގެ ގައިގައި ބާރުބާރަށް ޒިވްޔަން ބައްދާލިއެވެ.
''މާމައަށް ނޭވާ ނުލުވެޔޭ...'' މަޑުމަޑުން ޒިވްޔަންގެ ބުރަކަށީގައި ޖަހާލަމުން ސަމާސާ ރާގަކަށް މާހުތާބް ބުންޏެވެ. ޒިވްޔަންގެ ހަރަކާތްތަކުން ވެސް ލިބިފައިވާ އުފާވެރިކަން މާހުތާބްއަށް އިހުސާސްކުރެވުނެވެ. އެ އުފަލުގައި އޭނާ ބައިވެރިވިއެވެ. ހިތުގައި ޒިވްޔަންއާ މެދު އުފެދިފައި އޮތް ނުތަނަވަސްކަން ވެސް ފިލައި ގޮސްފިއެވެ. ޒިވްޔަންގެ ހޮވުން ވެސް އޭނާއަށް ކަމުގޮސްފިއެވެ.
*****
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ދުރުދުރުން ބަބުޅަން ފެށި ތަރިތަކުގެ ވިދުން ވެސް ހިނދަށްހިނދަކަށް ދިޔައީ ގަދަވަމުންނެވެ. މަޣްރިބު ނަދާމުކޮށްގެން ގެއަށް އައިސް ވަން ޒިވްޔަން އޭނާގެ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ދިޔައީ ހާމަފެންޑާއަށެވެ. ޖިންސްގެ ޖީބުގައި އޮތް ފޯނު ނަގައި އޭނާ ގުޅާލީ ސަރުވާއަށެވެ. ރިންގްވެފައި ފޯނު ކެނޑުނީއެވެ. ނަމާދު ވަގުތަށް ވުމުން ސަރުވާ ހުންނަނީ އަޅުކަމުގައިކަން ޒިވްޔަންއަށް ވިސްނާލެވުނެވެ. ތުނބުގައި ރާގެއް އަޅުވާލަމުން އައިސް ހާމަފެންޑާގައި ހުރި ސޯފާއަށް އޭނާ ވެއްޓިގަތެވެ. އެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ. މޭމަތީގައި އަތްތިލަ ބާއްވާލަމުން ހަށިފުރާ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. މާމައާ ސަރުވާގެ ވާހަކަތައް ހިއްސާކުރުމަށްފަހު، މާމަގެ ފަރާތުން ލިބުނު އެއްބާރުލުމުން އޭނާއަށް ހަމަޖެހުން ގެނެސްދީފައިވެއެވެ. ސިކުނޑިން ބޮޑު ބުރައެއް އުފުލިއްޖެކަން ވެސް އިހުސާސްކުރެވުނެވެ.
ހިޔާލުތަކަށް ގެއްލިފައި ވަނިކޮށް ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން ޒިވްޔަންގެ ހިނިތުންވުން ފުންވެއްޖެއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
''ސޮރީ އިނގޭ، ނަމާދަށް ހުރީމަ ފޯނު ނުނެގުނީ...'' ސަރުވާގެ އަޑު އިވުނެވެ. ''ޒެން އާންމުކޮށް ގުޅާ ގަޑިއެއް ވެސް ނޫން މީ... އަނެއްކާ ކިހިނެއް ވީތަ؟...''
''ހަމަ ހަނދާންވާތީ...'' ޒިވްޔަން ބުނެލިއެވެ.
''ހޫނ!، ފެށީއޭ ދޯ...'' ސަރުވާގެ ހުނުމުގެ އަޑު އިވުނެވެ. ''ޒެން ވަރަށް އުފާވެފައި ހުރިހެން ހީވަނީ...''
''ކިހިނެއް ސަރޫއަށް އެނގުނީ...'' ޒިވްޔަން ބުންޏެވެ.
''ހެހެހެ.... ރަނގަޅަށް ދޯ މިބުނެވުނީ...'' ސަރުވާ ހީލިއެވެ. އެ ހިނިތުންވުން ސިފަކުރަން ޒިވްޔަން އުޅުނެވެ.
''މާމާ ގާތު ސަރޫގެ ވާހަކަދައްކައިފިން...'' ޒިވްޔަންއަށް އިތުރަށް ސިއްރެއް ނުކުރެވުނެވެ. ހިތުގައި އޮތް ޖޯޝާއި އުފާވެރިކަން ސަރުވާއަށް ބަންޑުންކޮށްލެވުނެވެ. އިރުކޮޅެއްގެ ހިމޭންކަމެއް އެ ދެމެދަށް ވެރިވެގެން ދިޔައެވެ.
''ސަރޫ...'' ސަރުވާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒިވްޔަން ކަންބޮޑުވެއްޖެއެވެ.
''މާމަ... މާމަ ކީކޭތަ ބުނީ؟...'' ތެޅިތެޅި އޮތް ހިތަކާއެކު ސަރުވާ އެހިއެވެ. ޒިވްޔަންގެ ވާހަކަތަކުން މާމަގެ ހިޔާލު ޒިވްޔަންއަށް މުހިންމުވެފައިވާ މިންވަރު ސަރުވާއަށް އޮތީ އަންދާޒާ ކުރެވިފައެވެ. އެ ދެމެދުގައި ދެކެވުނު ވާހަކަތައް އެނގެން ސަރުވާ ބޭނުންވިއެވެ. ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.
''މާމަ ބުނީ...'' ޒިވްޔަން އޭނާގެ ޖުމުލަ ފުރިހަމަ ނުކޮށް މަޑުކޮށްލީ ސަރުވާ ތަޅުވާލުމަށެވެ. އޭރު އެ ތުންފަތުގައި ވަނީ ލާނެއް ހިނިތުންވުމެކެވެ.
''ދެން ޒެން!....'' ސަރުވާގެ ކެތްތެރިކަން ކޮޅުންލިއެވެ.
''މާމައަށް ސަރޫ ވަރަށް ބޮޑަށް ކަމުގޮސްފި... ޝީ ގޭވް ހާރ ބްލެސިންގް...'' ޒިވްޔަން ބުންޏެވެ.
''އޯހ...'' ސަރުވާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބޭއިހުތިޔާރުގައި އޭނާއަށް ހިނިތުންވެވުނެވެ.
''މާމަ ބޭނުންވޭ ސަރޫއާ ބައްދަލުކުރަން...'' ޒިވްޔަން ހާމަކުރިއެވެ. ''މާދަން ކިހިނެއް ވާނެ؟...''
''މާދަން؟...'' ސަރުވާއަށް ވިސްނާލެވުނެވެ. ''މާދަން ހެނދުނު ޑިއުޓީ އޮތްނާނެ...''
''ރަނގަޅު ވާނެ... ހޮސްޕިޓަލުން ބައްދަލުކުރާނީ... ސަރޫ ތީ ޑޮކްޓަރެއްކަން މާމާއަށް އަންގާލަދޭން ވާނެއެއްނު...'' ޒިވްޔަން ބުންޏެވެ.
''ވިލް ދެޓް ބީ އޯކޭ؟...'' ސަރުވާއަށް ވިސްނާލެވުނެވެ.
''ސަރޫ ކަންބޮޑު ނުވެބަލަ، މާމަ ވަރަށް ޗިލް ވާނެޔޭ... ބިސައިޑްސް، ޝީ އޯލްރެޑީ ލައިކްސް ޔޫ...'' ޒިވްޔަން ޔަގީންކަން ދިނެވެ. އެކަމުން ސަރުވާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
''އެންމެ ރަނގަޅު...'' ސަރުވާ އެއްބަސްވިއެވެ. ހަގީގަތުގައި ޒިވްޔަންގެ މާމައާ ބައްދަލުކުރަން ސަރުވާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒިވްޔަންގެ އާއިލާގެ ރުހުން ހޯދުން އެއީ އެ ހިތުގެ އަމާޒެވެ.
''މަންމަ ވެސް ބުނި މިރޭ ބައްޕަ ގާތު ވާހަކަދައްކާނަމޭ...'' ކަންތައްވަމުން ދިޔަ ގޮތާ މެދު ސަރުވާ ހުރީ ނިކަން ހިތްހަމަޖެހިފައެވެ. އޭނާއާ ޒިވްޔަންގެ ލޯބި ފުރިހަމަވެގެންދާން ގިނަ ދުވަހެއް ނެތޭ ހިތަށް އެރުމާއެކު އުފާވެރިކަން އިހުސާސްކުރެވުނެވެ.
*****
ރޭގަނޑެވެ. ކެއުން ކުރިއަށް ދިޔަ ވަގުތު ކާމޭޒު ދޮށަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. މިރޭ ސަރުވާއަށް އާފާގު ބަލަމުން ދިޔަ ނަޒަރު ތަފާތުވެފައިވާކަން ސަރުވާއަށް ވިސްނައިގަނެވުނެވެ. ޒިވްޔަންގެ ވާހަކަތައް ބައްޕަގެ ކަންފަތާ ހަމައަށް މަންމަ ގެންގޮސްފިކަން އޭނާއަށް ޔަގީންކުރެވުނެވެ. ހިތް އޭރު ބާރުބާރަށް ތެޅެމުން ދިޔައެވެ. ބައްޕަގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތައް އެ ވަގުތު އެނގޭނެ ނަމައޭ ސަރުވާގެ ހިތަށް އެރިއެވެ.
''ވާއު...'' ކާކޮޓަރީގައި އޮތް ހިމޭންކަން އިހުސާސްކުރެވުނު ބަތޫލްއަށް އޭނާގެ ދޫހިމޭނެއް ނުކުރެވުނެވެ. ފަހަރަކު މީހެއްގެ މޫނަށް އޭނާ ބަލައިލިއެވެ.
''ވައި އިޒް އެވްރީވަން ސޯ ސައިލެންޓް؟...'' ޖޫސްތަށިން ކޯވަރެއް ބޮމުން ބަތޫލް ސުވާލުކޮށްލިއެވެ. ހިމޭންކަމުގެ ފަހަތުގައި އޮތް ސަބަބު ހޯދަން އުޅޭ ކަހަލައެވެ.
''އިމްތިހާނު ފެށެން ކައިރިވެއްޖެއެއްނު... ދަރިފުޅު ތައްޔާރުވެއްޖެއިންތަ؟...'' އެންމެފަހުން އޭނާގެ ސަމާލުކަން ބަތޫލްއަށް ހުއްޓާލަމުން އާފާގު ސުވާލުކޮށްލިއެވެ. އެއާއެކު ދޫ ހިމޭނުން ބޭއްވުނު ނަމައޭ ބަތޫލްގެ ހިތަށް އެރިއެވެ.
''ޔެސް...'' އަވަސްއަވަހަށް ބަތޫލް ޖަވާބު ދިނެވެ. ''އައިމް ރެޑީ...''
''ދަރިފުޅު ރަނގަޅު ނަތީޖާއެއް ހޯދާނެކަމަށް ބައްޕަ އުއްމީދުކުރަން...'' އާފާގު ހިނިތުންވެލިއެވެ. އަވަސްއަވަހަށް ބަތޫލް ބޯޖަހާލިއެވެ. ބައްޕަ އިތުރަށް އެ މައުޟޫއުއަށް ވާހަކަދައްކަފާނެތީ ވެސް ބަތޫލް އިނީ ކަންތައްބޮޑުވެފައެވެ. ކިޔެވުމާ ގުޅުވައިގެން ކުރާ ސުވާލުތަކަކީ އޭނާއަށް އެންމެ އުނދަގޫ ސުވާލުތަކެވެ.
''ހޮސްޕިޓަލުގެ ކަންތައް ކިހިނެއް ވަނީ؟...'' ސަރުވާއަށް ސަމާލުކަން ހުއްޓާލަމުން އާފާގު ސުވާލުކޮށްލިއެވެ.
''ރަނގަޅު...'' ސަރުވާގެ ޖަވާބު ކުރެވެ. ސަރުވާއަށް ބަލަމުން ދިޔަ އާފާގު ހިނިތުންވެލިއެވެ.
އާފާގުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަވީރު ޒުބެއިދާ އޭނާއާ ހިއްސާކުރި ވާހަކަތަކެވެ. އެކަމާ މެދު ވިސްނައިގަންނަންވީ ގޮތެއް ނޭނގިފައި އޭނާއަށް ހުރެވުނީއެވެ. އަންހެން ދަރިފުޅު ބޮޑުވެއްޖެކަން ގަބޫލުކުރަން އޭނާއަށް ދަތިވަނީއެވެ. ލޮލުގެ ނޫރު ފަދައިން ބަލަމުން އައި ލޯބިވާ ދަރިފުޅު އެހެން ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭ ދުވަސް ކައިރިވަމުންދާތީ، އެ ހިތުގައި ވަނީ ހާސްކަމުގެ އޮއިވަރު އުފެދިފައެވެ. އެއީ ކުރިމަތިލާން ޖެހޭނެ ދުވަހެއްކަން ކުރިން ވެސް އޮތީ ޔަގީންކުރެވިފައެވެ. ތައްޔާރު ނުވެވެނީސް އެ ދުވަހާ ކުރިމަތިލާން ޖެހިފައިވުމުން އާފާގު ހިތަށް ނުތަނަވަސްކަން ވެރިވެފައިވިއެވެ. ނަމަވެސް ދަރިފުޅު އުފަލަށްޓަކައި އެ އިހުސާސްތަކާއި ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށެވެ.
ރޭގަނޑުގެ ކެއުން ނިމުމާއެކު ސަރުވާ ގޮވައިގެން އާފާގު ދިޔައީ ބޮޑުކޮޓަރިއަށެވެ. ސަރުވާގެ ފަހަތުން ބަތޫލް ވެސް ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ބަތޫލް ހުއްޓުވީ ޒައިނަބެވެ.
''އާދެބަލަ މަންމައަށް އެހީވާން...'' ބަތޫލްގެ އަތުގައި ހިފާލަމުން ޒައިނަބު ބުންޏެވެ. މަންމަގެ މޫނަށް ބަތޫލް ބަލައިލިއެވެ. އެއަށްފަހު ފަސް އެނބުރި ބޮޑުކޮޓަރީގެ ސޯފާގައި އިށީން ސަރުވާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ތަށިތައް ނަގަން ހުރި ބަތޫލްއަށް ކަންތައްވަމުން ދިޔަ ގޮތާ މެދު ވިސްނާލެވުނެވެ. ބައްޕަގެ ފަރާތުން ސީރިޔަސްކަން އޭނާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ތަށިތައް ނަގަމުން ދިޔަ އިރުގައި ވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބޮޑުކޮޓަރިއަށެވެ.
*****
''ދަރިފުޅާ...'' އިސްތިރިކޮށްލައިގެން އަތުގެ އިނގިލިތަކާ ކުޅެމުން ދިޔަ ސަރުވާއަށް ބަލަމުން އާފާގު ގޮވާލިއެވެ. ފުންނޭވާއެއް ދޫކޮށްލި ސަރުވާ އިސްއުފުލައި އޭނާގެ ބައްޕައާ ހަތަރުކަޅި ހަމަކޮށްލިއެވެ. ބައްޕަ ދައްކަން އުޅޭ ވާހަކައަށް ސަމާލުވެވުނެވެ. އޭނާގެ ހިތުގެ ތެޅުން އޭރު ވަނީ ބާރުވެފައެވެ.
''މަންމަ ބުނި ދަރިފުޅަށް ކަމުދާ ކުއްޖެއް އެބަހުއްޓޭ...'' އާފާގު ބުންޏެވެ. އަވަސްއަވަހަށް ސަރުވާ ބޯޖަހާލިއެވެ.
''ބައްޕައަށް ކިޔައި ނުދޭނަންތަ؟...'' އާފާގު ހިނިތުންވެލިއެވެ. ބައްޕައަށް ބަލަން އިން ސަރުވާގެ މޫނު އުޖާލާވެގެން ދިޔައެވެ.
ސަރުވާގެ ހިނިތުންވުން ފެނި އާފާގު ހިތުގައިވި ނުތަނަވަސްކަމަށް ވެސް ނިމުން އައި ކަހަލައެވެ. ސަރުވާގެ ދުލުން ހުރިހާ ވާހަކައެއް އަޑުއަހަން އޭނާ ބޭނުންވިއެވެ. ދަރިފުޅުގެ ހޮވުމަށް އޭނާ އިތުބާރުކުރިއެވެ.
''ހުކުރުދުވަހު ކެއުމަށް ޒިވްޔަންއަށް ދައުވަތު ދޭންވީއެއްނު؟...'' އާފާގު ބުނެލިއެވެ.
''ބައްޕާ...''' ސަރުވާއަށް އޭނާގެ އުފާވެރިކަން ސިއްރެއް ނުކުރެވުނެވެ. ބައްޕަގެ ގައިގައި އޭނާއަށް ބާރަށް ބައްދާލެވުނެވެ. ސަރުވާގެ އުފާވެރިކަން ފެނި އާފާގުގެ ހިތަށް ވެސް ފިނިކަން ލިބުނެވެ. ޒިވްޔަންއަށްޓަކައި ސަރުވާގެ ހިތުގައިވާ ލޯބި ހާމަކޮށްދިނީ އެ މޫނުގައިވި ޖަޒުބާތުތަކުންނެވެ. ސަރުވާއަށްޓަކައި އާފާގު ހިނިތުންވެލިއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ޒައިނަބަށް ވެސް ހިނިތުންވެވުނެވެ. ބަތޫލް ވެސް ދެލޯ ބޮޑުކޮށްގެން ލޯކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރު ބަލަން ހުރެފައި އަނގަމަތީގައި އަތް އަޅައިފިއެވެ.
''ޒެންއާ ވާހަކަދައްކާލާފަ ބައްޕަ ގާތު ބުނާނަން...'' ސަރުވާ ބުންޏެވެ. ''ތެންކިއު...''
ލޯތްބާއެކު ސަރުވާގެ ބޮލުގައި އާފާގު ފިރުމާލިއެވެ. ދަރިފުޅުގެ އުފާވެރިކަން އޭނާއަށް އިހުސާސްކުރެވުނެވެ. ޒިވްޔަންއަށް އެ ހިތުން ދީފައިވާ ހާއްސަކަން ވެސް އިހުސާސްކުރެވުނެވެ.
''ތެންކިއު...'' ސޯފާއިން ތެދުވަމުން އަނެއްކާ ވެސް ސަރުވާ ޝުކުރު އަދާކުރިއެވެ. އާފާގު ހިނިތުންވެލިއެވެ. ސަރުވާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަން މަންޒަރު ބަލަން އޭނާއަށް އިނދެވުނެވެ. ސަރުވާގެ ފަހަތުން ބަތޫލް ވެސް ހިނގައިގަތެވެ.
''އާފާގު...'' ހިޔާލުތަކުގެ ދުނިޔެއަށް ގެއްލިފައި އިން އާފާގު ސިހުނީ ޒައިނަބުގެ އަޑަށެވެ. އިސްއުފުލައި ޒައިނަބަށް އޭނާ ބަލައިލިއެވެ. އާފާގު ދެލޮލުގައި ވި ކަންބޮޑުވުންތައް ޒައިނަބަށް ދޭހަކުރެވުނެވެ. އާފާގު ގާތު ސޯފާގައި އޭނަ އިށީނެވެ. އަދި އާފާގުގެ އަތުގައި ހިފާލިއެވެ.
''ކަންބޮޑުނުވެބަލަ... ސަރުވާގެ ވާހަކަތަކުން ޒިވްޔަންއަކީ ރަނގަޅު ޒުވާނެއްކަން ހާމަކޮށްދޭ...'' ޒައިނަބު ބުންޏެވެ. ''ޒިވްޔަންއަށް ފުރުސަތެއް ދިނީމައެއްނު އެނގޭނީ އެއީ ސަރުވާއާއި އެންމެ އެކަށީގެންވާ ޒުވާނާތޯ ވެސް...''
''ސަރުވާއަށް ވަރަށް ބޮޑަށް ޒިވްޔަން ކަމުގޮސްފިކަން ވާހަކަތަކުން ވެސް އެނގޭ... އަހަރެން ކަންބޮޑުވަނީ ސަރުވާއަށް ދެރައެއް ލިބިދާނެތީ...'' އާފާގު އެ ހިތުގެ އުދާސްކަން ހާމަކުރިއެވެ.
''އެއްކަލަ އާފާގު... އަބަދު ގޭގެ ހަތަރުފާރުތެރޭގައި ސަރުވާ ނުބެހެއްޓޭނެއެއްނު... ކޮންމެވެސް ދުވަހަކުން ސަރުވާ ވެސް ދިރިއުޅުމެއް ފަށާނެތާ... ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖެއްގެ ވާހަކަ ސަރުވާ އަހަރުމެން ގާތު އެ ދެއްކީ ވެސް... އާފާގު ވެސް ކަންތަކާ މެދު މާބޮޑަށް ނުވިސްނާ ސަރުވާގެ ނިންމުމަށް އިތުބާރުކޮށްލަބަލަ... އަހަރުމެންގެ ދަރިފުޅުގެ ހޮވުން ގޯހެއް ނުވާނެކަމުގެ ޔަޤީންކަން އަހަންނަށް އެބައޮތް...'' ޒައިނަބު ވިސްނައިދިނެވެ.
ޒައިނަބަށް ބަލައިލަމުން އާފާގު ހިނިތުންވެލީ ޒައިނަބްގެ ވާހަކައާއި އެއްބަސްވުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
''ހުކުރު ދުވަހު އެނގިދާނެތާ އެއީ ކޮންކަހަލަ ޒުވާނެއްކަން...'' އާފާގު ބުންޏެވެ.
''އެ ސޮރު ބިރުންގަންނުވާލާނީކީ ނޫން އިނގޭ...'' ސަމާސާ ރާގަކަށް ޒައިނަބް ބުންޏެވެ.
(ނުނިމޭ)