ވާހަކަ

ނުފޫޒަކުން - 17

2

ރޫޔާގެ އަތުގައި ހިފާލައިގެން ނިހާން ކޮޅަށް ތެދުވެލިއެވެ. އޭނާ އަނގޮޓި އެޅެވި އަތުގައި ބޮސްދިނެވެ. އެއްފަހަރަކު ނޫނެވެ. ރޫޔާގެ މޫނާ މޫނު ގާތްކޮށްލާފައި ކޯތާފަތުގައި ބޮސްދިނެވެ. މޫނާ މޫނު ގާތްކުރަމުން އައިސް އެންމެފަހުން ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބިވާ މީހާއާ އެކު ލޯބީގެ ހަދިޔާއެއް ބަދަލުކޮށްލެވިއްޖެއެވެ. ނިހާންގެ ކޮންމެ ހަރަކާތެއްގައިވީ ރޫޔާ ގަޔާވާ ގޮތެކެވެ. ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއް އޭނާގެ ހިތުގައި ނިހާނާ މެދު އޮތް ޔަގީންކަމާ ގާތްކަން ބޮޑުވަމުން ދިޔައެވެ.

****

ކާރުގައި ރޫޔާ މަޑުކޮށްލައިގެން އިނީ ބޭރުގައި ފޯނެއްގައި ހުރި ހަބީބް އަންނަން ދެނެވެ. އަށް ވަރަކަށް މިނެޓް ފޯނުގައި ހުރެފައި ހަބީބް ކާރަށް އެރީ ނިހާން ވެސް ގޮވައިގެންނެވެ. ރޫޔާ ނިހާނަށް ހިނިތުންވުމެއް ދިނެވެ. އިސްޖަހާލިއިރު ރޫޔާގެ މޫނުމަތިން ލަދުވެތިކަމެއް ފާޅުވެލިއެވެ. ރޭގެ ދެކުދިން ދެމެދުގައި ދެކެވުނު ވާހަކަތަކާއި ބަދަލު ކުރެވުނު ލޯބީގެ ހަދިޔާތަކުގެ މަތިން ހަނދާންވިއެވެ. އުނގުގައި އޮތް ރޫޔާގެ މަޑު ކަފަކޮޅެއް ފަދަ އަތްތިލައިގައި ނިހާން ހިފަހައްޓާލިއެވެ. ރޫޔާ ބަލައިލުމާއެކު ނިހާން ހީލިއެވެ.

"ދަރިފުޅުމެން މިއަދު ކިހާއިރަކު ނިމެނީ" ހަބީބްގެ އަޑު އިވުމާއެކު ކުއްލިއަކަށް ރޫޔާގެ އަތުން ނިހާން ދޫކޮށްލިއެވެ.

"ނޭނގެ. މިއަދު ކުޑަކޮށް ލަސްވާނެ. ގްރޫޕް ވޯކްސްތައް ފަށާނީ ސެޝަން ނިމުނީމަ" ރޫޔާ ޖަވާބުދިނެވެ.

"ދަރިފުޅު ބަލައި ބައްޕައަށް ނާދެވޭނެ މިއަދު. އެކަމު ނިއުޝާދު އަންނާނެ. ރޫ ނިންމާފަ ބައްޕައަށް ގުޅާލާ އިނގޭ" ހަބީބް ބުންޏެވެ.

ޔުނިވާސިޓީ ކައިރިއަށް ކާރު މަޑުކޮށްލުމުން ދެ ކުދިން ކާރުގެ ދެފަރާތުން ފޭބިއެވެ. ހަބީބް ވެސް ފައިބައިގެން އައިސް ރޫޔާ ކައިރީގައި ހުއްޓުނެވެ. ރޫޔާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލާފައި ނިތްކުރީގައި ބޮސްދިނެވެ. ބަފަޔަކާއި ދަރިއަކާ ދެމެދު އޮތް ލޯބި ފެނުމުން ނިހާން ހަނދާންވީ އޭނާގެ ބައްޕަ މަތިންނެވެ. އެއީވެސް ދަރިން ދެކެ އިންތިހާއަށް ލޯބިވާ ބަފައެކެވެ.

"ނިހާން... ރޫ ރަނގަޅަށް ބަލައްޗޭ" ކާރަށް އެރުމުގެ ކުރިން ނިހާނަށް ހަބީބް ބުންޏެވެ.

****

އޮފީހުގެ ދޮރުން އެތެރެއަށް ވަން ގިސާމަތު ލިފްޓާ ދިމާލަށް ދިއުމުގެ ބަދަލުގައި ފުރަތަމަވެސް ހިނގާފައި އައީ ރިސެޕްޝަނާ ދިމާލަށެވެ. މުހިއްމު މަސައްކަތެއް ކުރަން އިން އަންހެންކުއްޖާ ސިއްސައިގެންދިޔައީ ކައުންޓަރު މަތީގައި ގިސާމަތު ބާރަކަށް ޖެހުމުންނެވެ. ވަގުތުން އަންހެންކުއްޖާ ކޮޅަށް ޖެހުނެވެ. އެ ކުއްޖާ ސިހުނުވަރުން ލިޔަން ގެންގުޅުނު ގަނޑާއި ގަލަންވެސް ތިރިއަށް ވެއްޓުނެވެ.

"ކަލެއަށް ކިޔަނީ ކޮން ނަމެއްތަ؟" ގިސާމަތު ހިތްހަމަނުޖެހިފައި އެހިއެވެ.

"ފަ ފައިހާ" އަންހެންކުއްޖާ ބުންޏެވެ.

"ކަލެއަށް ނޭނގޭތަ އަދަބު އިހުތިރާމު އަދާކުރަން. ތަނުގެ ވެރިމީހާ އައީމަ އަމަލުކުރަންޖެހޭ ގޮތް ނޭނގޭތަ؟" ގިސާމަތު ބުންޏެވެ.

ކުރެވުނީ ކޮން ކުށެއްކަން ނޭނގި ފައިހާ އިސްޖަހާލިއެވެ. ވަށައިގެން މަންޒަރު ބަލަން ތިބި މުވައްޒަފުންނަށް ގިސާމަތުގެ ނުރައްކާތެރި ނަޒަރު އަމާޒުވިއެވެ. ވަގުތުން އެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތައިގެން އަވަސްވެލިއެވެ.

"އަނހަ ގިސާމަތު އާންޓީ" ފަހަތުން އިވުނު އަޑަށް ގިސާމަތު ބަލައިލިއެވެ.

ފަހަތުގައި ހުރި ފައިކުއަށް ގިސާމަތު ހީލިއެވެ.

"ފައިކު... ހިނގާބަލަ އާންޓީ ގޮވައިގެން އަޖޫގެ އޮފީހަށް" ގިސާމަތު ބުންޏެވެ.

ފައިކު އައިސް ގިސާމަތު ދިއްކޮށްލި އަތްތިލައިގައި ހިފަހައްޓާލިއެވެ. ހިނގާބިގާވެ އުޅެން އެހެން މީހުންގެ އެހީތެރިކަން ބޭނުންވާއިރުވެސް އެ ބޮޑާ އަންހެންމީހާ ބޭނުންވަނީ ވަރުގަދަކަމާއެކު ގުންފައި ޖަހާފައި ބިމުގައި ހިނގާށެވެ. ލިފްޓަށް އަރަން ދަމުން ފައިކު ފަސްއެނބުރި ބަލައިލިއެވެ. އޭނާ ފައިހާއަށް ދިނީ ތަފާތު ހިނިތުންވުމެކެވެ.

****

ދެ ސެޝަން ދެމެދުން ލިބުނު ހުސްވަގުތުކޮޅުގައި ރޫޔާ އާއި ނިހާން ނިކުމެގެން އައިސް މަޑުކޮށްލީ ޕްލަމް ގަސްދޮށުގައެވެ. ގަހުގައި ނިހާން ލެނގިލައިގެން އިންއިރު ރޫޔާ އިނީ ނިހާންގެ ދެފައިގެ ދެމެދުން ނިހާންގެ މޭގައި ލައްވެލައިގެންނެވެ. އިރުކޮޅަކާ ރޫޔާގެ ކޯތާފަތުގައި ފަސް އިނގިލި ކުރިން ޖައްސާލާފައި ނިހާން އޭނާގެ އަމިއްލަ ތުންފަތުގައި ޖައްސާލައެވެ.

"ކާލެވޭނެ ނަމައޭ ހިތަށް އަރަނީ" ނިހާން ބުންޏެވެ.

"ނޫން. އެހެން ނަހަދައްޗޭ. އޭރުން މަންމަ އާއި ބައްޕަ ވަރަށް ދެރަވާނެ" ހިނިއައިސްފައި އިނދެ ރޫޔާ ބުންޏެވެ.

ނިހާނަށް ހެވުނެވެ. އޭނާ ދެ އަތުން ބާރަށް ރޫޔާގެ ގައިގައި ވަށާލިއެވެ.

"ތިއެއް ނޫނޭ. މިއަދު ގޭ ވަށައިގެން ހާދަ ބައިވަރު ސެކިޔުރިޓީއެއް" ނިހާން ބުންޏެވެ.

"ބައްޕަގެ ކަންތައް. މަންމަ އެކަނި ގޭގަ އިންދަ ފާޑެއްގެ މީހަކު ވަނީއޯ. އެހެންވެ" ރޫޔާ ބުންޏެވެ.

ވާހަކަދައްކަމުން ދިޔައިރު ރޫޔާ އިނީ ނިހާންގެ އަތުކުރީގައި އޮތް ގަޑިއާ ކުޅެލަކުޅެލައެވެ.

"ނިހާން... މަންމަ އާއި ބައްޕަ އަހަންނަށް ވަރަށް ބޮޑު ކަންތައްގަނޑެއް ސިއްރު އެބަކުރޭ. ބައެއްފަހަރު ވަރަށް ދެރަވޭ އަހަންނާ މަންމައަށްޓަކައި ބައްޕަ ކުރާ ކަންކަން ފެނިފަ. އަހަރެން އަޑުއެހިން ބައްޕަ މީހަކާ ވާހަކަދައްކަނިކޮށް ބުނާ އަޑު އިވޭ މިއަދު ޕޮލިހަށް ދާ ވާހަކަ. މަންމަމެން ބޭނުމެއް ނުވޭ އެއްވެސްކަމެއް އަހަންނަށް ކިޔައިދޭކަށް" ރޫޔާ ވާހަކަދައްކަމުން ދިޔައެވެ.

"ރޫގެ ފެމެލީގަ ތިބެނީ މަންމަ އާއި ބައްޕަ އެކަނިތަ؟" ނިހާން އަހާލިއެވެ.

"ނޫން.. ހުރޭ މާމައެއް. ފެނުނީ އެންމެފަހަރަކު" ރޫޔާ ބުންޏެވެ.

"މާމަ އޭ. މަންމަގެ ތަ ނޫނީ ބައްޕަގެ ތަ؟" ނިހާން އެހިއެވެ.

"ބައްޕަގެ. އަހަންނަށް މާމަ ކަމަކުނުދޭ. ގުޅުންވެސް ވަރަށް ކުޑަ. މާމަ ބައްޕައާ މެދު ރަނގަޅުނަމަ މާމަ މާލޭގަ ހުއްޓަ މިކަހަލަ ތަނަކަށް ބައްޕަ ނާންނާނެއްނު" ރޫޔާ ވާހަކަދެއްކިއެވެ.

"ދެން އެކަމާ އެހާބޮޑަށް ނުވިސްނާ. ބައްޕަ ކުރާ ކަމެއް އެކުރަނީ ރޫ އާއި މަންމައަށްޓަކައެއްނު. ރޫ މެންޖެހޭނެ ބައްޕައަށް ވަރަށް ސަޕޯޓިވްވާން" ނިހާން ބުންޏެވެ.

****

މޭޒުގައި ބޯ އަޅައިގެން އިން ޝާނާއަށް ވިސްނައިދޭން ލަވިޔާ މަސައްކަތް ކުރަމުން ދިޔައެވެ. ރޫޔާ އާއި ނިހާން އުޅުނުގޮތް ބަލަން ހުރެފައި އައިގޮތަށް ޝާނާ އެ އިންނަނީ ޑެސްކުގައި ބޯއަޅައިގެންނެވެ. ލަވިޔާ ކައިރީގައި އިނދެ ޝާނާ ނަގަން އެތައް މަސައްކަތެއް ކޮށްފިއެވެ.

"އޭތް... ދެން އޮތީ އިންގްލިޝްއޭ. އިނގެއެއްނު އިންގްލިޝް ލެކްޗަރާއަކީ ނުލާހިކު ސްޓްރިކްޓް މީހެއްކަން. ޝާނާ ތިހެން އިންދަ ފެނުނިއްޔާ އެ ޖެހުނީ އަނެއް ހަ ކަންތަކާ" ޝާނާގެ އަތުގައި ކޮށްޓާލަމުން ލަވިޔާ ބުންޏެވެ.

ޝާނާ ބޯހިއްލާލިއެވެ. ދެލޯ ކައިރިން ފޭދިފައިވާ ކަރުނަތައް ފޮހެލިއެވެ.

"އަޅެ ލަވީ ބުނެބަލަ އެ ރޫޔާ އަށްވުރެ އަހަރެން ހަޑިތަ؟" ޝާނާ އަހާލިއެވެ.

ލަވިޔާ ދެފަރާތަށް ބޯހޫރާލިއެވެ.

"ނޫނޭ ރީތި. އެކަމު ރޫޔާގެ ތަފާތު ގޮތެއް ހުރެއެއްނު. ބަލައިބަ އޭނަ ލޯ. ވެދާނެއްނު ބޭރު މީހެއްގެ ދަރިއެއް ކަމަށް" ލަވިޔާ ބުންޏެވެ.

"ނޫނޭ. އެއީ ރާއްޖެ ބައެއް. އޭނަ މަންމައާ މަންމަ ގުޅާލައިގެން އުޅެނީ. ކުރީ ދުވަހަކު އޭނަ މަންމަ ގޮވައިގެން ގެއަށް އައިސް ކޮފީ ވެސް ދިން. އެކަމު އެ އަންހެންކުއްޖާއާ އެމީހާ ވައްތަރެއް ނޫން" ޝާނާ ބުންޏެވެ.

"އެހެން ވެދާނެއްނު. ދެން ޝާނާ ވެސް ނިހާންގެ ވާހަކަ ނުދައްކާ. މިހާރު އެހެރީ އަތުނުޖެހޭ ހިސާބަށް ގޮސްފަ" ލަވިޔާ ބުންޏެވެ.

"އަހަރެން ނޫޅެން އޭނަގެ ކަމުގައެއް" ޝާނާ ބުންޏެވެ.

****

ބައެއް މުވައްޒަފުންނާއެކު އޮތް ބައްދަލުވުމެއް ނިންމާފައި އަޖްވަދު ގޮނޑީގައި އިށީނެވެ. ކުރިމަތީގައި ހުރި ފައިލްތައް ހުޅުވާލާފައި ފަހަރަކު ފައިލެއް ކަމަށް އޭނާ ދިޔައީ ބަލަމުންނެވެ. ހުރިހާ ފައިލަތަކުގެ ތެރޭގައި އޮތް ދުވަސްވީ ފައިލެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ހުޅުވާލާފައި އޭނާ ބަލައިލިއެވެ. ފުރަތަމަވެސް ފެނުނީ ކަމާލުއްދީންގެ ނަމުގައި ލިޔެފައިވާ ވަސިއްޔަތެކެވެ. އެ ހުރިހާ އެއްޗެއް ބަލަމުން ދިޔައިރު އޭނާގެ ނިތަށް ރޫ އަރަމުން ދިޔައެވެ. ހައިރާންވީ އެ ފައިލު އެތަނަށް އައި ގޮތަކާ މެދުގައެވެ.

ބިއްލޫރި ދޮރު ކަހާލާފައި ގިސާމަތު ވަނުމާއެކު އަޖްވަދަށް ލިބުނީ ހައިރާން ކަމެކެވެ. ހުޅުވާފައި އޮތް ފައިލަށް ބަލައިލާފައި ދެން އޭނާ ބަލައިލީ މަންމަގެ މޫނަށެވެ. އެތައް ދުވަހަކަށްފަހު އޭނާގެ މަސައްކަތުގެ މާހައުލުން މަންމަ ފެނުމުން ލިބުނު ހައިރާންކަން އަދި މާބޮޑުވިއެވެ. އަޖްވަދު ތެދުވެގެން އައިސް މަންމަގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

"މަންމަ ފެނުމުން ހާދަ ހައިރާނެއްތިވީ" ގިސާމަތު އިށީނީ އަޖްވަދު އިން ބޮޑު ގޮނޑީގައެވެ.

"މަންމަ މިތަނުން ފެނުނީމަ. މަންމަ އަޅުގަނޑަށް ގުޅާލެއްވިނަމަ ހުދު އަޅުގަނޑު ދިޔައިމުސް މަންމަ ބަލައި" އަޖްވަދު ބުންޏެވެ.

"މިދެން މާބޮޑު ކަމެއް ނޫނެއްނު. މަންމަ މިތަނަށް ގެނެސްފަ ޝައުން އޭ އެ ދިޔައީ" ގިސާމަތު ބުންޏެވެ.

"ޝައުން އޭ. އެ ދިޔައީ މިތަނަށް ވަދެވެސް ނުލައި. މަންމަ ޝައުން އަށް ވިސްނައިދީބަލަ. މާދަމާ ކަންނޭނގެ ކައިވެންޏެއް ކުރާނީ. މިއީ ޝައުންގެވެސް މުދަލޭ ހަމަ" އަޖްވަދު ވާހަކަދެއްކިއެވެ.

"ހަނާނު އާ ޝައުންގެ ކައިވެނި ކުރެވޭއިރު ތި ހުރިހާ ކަމެއް ދާނީ ހައްލުވެގެން. ތިއެއް ނޫނޭ. ވީ އެންމެ އަވަހަކަށް މަންމަ ފުރަން ބޭނުން" ގިސާމަތު ވާހަކަދެއްކިއެވެ.

"ފުރާށޭ. ކޮންތާކަށް؟" ހައިރާންވެފައި އަޖްވަދު ބުންޏެވެ.

"ސިންގަޕޯރ އަށް" ގިސާމަތު ބުންޏެވެ.

"އެކަމަކު... މަންމަ އެކަނިތަ؟" އަޖްވަދު ބުންޏެވެ.

"އާނ.. އަޖޫ ގޮވައިގެން މަންމަ ކިހިނެއްދާނީ. ގޭތެރޭގެ ކަންކަން ކާކު ބަލަހައްޓާނީ. އަނެއްކޮޅުން ޝައުން އުޅޭނޫޅޭ ގޮތް ވެސް ބެލޭނީ އަޖޫ ހުރެގެނެއްނު. މަންމަ އެކަންޏެއް ނޫނޭ މިދަނީ. ޝައުކަތުގެ ޓީމު މެންބަރަކު އަންނާނެ މާދަމާގެ ވަގުތެއްގަ މިކޮޅަށް. ހުންނާނީ ގޭގަ" ގިސާމަތު ވާހަކަދެއްކިއެވެ.

އަޖްވަދު ފުން ނޭވައެއް ދޫކޮށްލިއެވެ. ކިތަންމެ ނުރުހުނަސް އެކަމަށް ނޫނެކޭ ބުނެވޭކަށް ނެތެވެ. މަންމަ އެ ބުނީ ސިންގަޕޯރ އަށް ދާ ވާހަކައެވެ. އެހެންވިއްޔާ ދުނިޔޭގެ ހަތަރު ބިތް ގެނެސް ފިއްތާލާފައި ވިޔަސް މަންމަ ފުރާނެއެވެ. އަޖްވަދު ނިތްމަތީގައި އިނގިލިތަކުން ފިރުމާލިއެވެ.

"ކަންބޮޑުނުވޭ. މަންމަ މިދަނީ ދަރިފުޅުމެންނަށްޓަކައި. މަންމަ އަންނާނީ މަންމަ ހޯދަން މިދާ ހަޒާނާ ހިފައިގެން. މިދަނީ ހަވާލުވާން. ޝައުކަތު ބުނި ހުރިހާ ކަމެއް ދަނީ ރާވާފައިވާ ގޮތަށޭ" ގިސާމަތު ބުންޏެވެ. އަޖްވަދު ބޯޖަހާލިއެވެ.

"މިއަދު ގެއަށް ދާނީ ކެއުމުގެ ކަންކަން ބޭރުން ނިންމައިގެން. ޝައުން އަށް ވެސް ގުޅާ. ފަޒީލާއަށް ގުޅާފައި ބުނޭ ގޭގަ ހަދާފައި ހުރި ކާއެއްޗެއް ވިއްޔާ އުކާލާށޭ" ބޮޑާކަމާއެކު ގިސާމަތު ބުންޏެވެ.

ފަހުން މަންމަގެ އަތުގައި ހިފައިގެން އަޖްވަދު ނިކުންނަން ދިޔައިރު މަންމަ އައުމުގެ ކުރިން މަންމަ ބަލަމުން ދިޔަ ފައިލު މަތިން އޭނާ ހަނދާން ނެތިއްޖެއެވެ. ފަހުން ނިކުންނާނެ ނަތީޖާ ހަނދާން ހުރި ނަމަ ޔަގީނުންވެސް އޭނާ ދިޔައީހީ އެ ފައިލު ހިފައިގެންނެވެ.

****

ފުލުހުންގެ މަރުކަޒުން ނިކުތް ހަބީބަށް އެރުނީ އިއްޒުއްދީން ކުރިމައްޗަށެވެ. ހަބީބް ހިނިތުންވެލިއެވެ. މައްސަލަ ރަޖިސްޓްރީ ކުރިކަން އަންގައިދިނުމަށް ފުލުހުން ހަވާލުކުރި ލިޔުން ވޮލެޓަށް ލާފައި ކައިރީގައި އައިސް ހުއްޓުނު އިއްޒުއްދީނާ ހަބީބް ސަލާމްކޮށްލިއެވެ.

"މިތަނުގަ. ކޮންކަމެއްގަ" އިއްޒުއްދީން އަހާލިއެވެ.

"މިދެން މާބޮޑު ކަމަކުއެއް ނޫން. މައްސަލައެއް ހުށަހަޅާލީ" ހަބީބް ބުންޏެވެ.

"އަޅުގަނޑުގެ ވެރިޔާ ކޮންކަމެއްގަތޯ؟" ހަބީބް އަހާލިއެވެ.

"ހަމަ ތިކަހަލަ ކަމެއްގަ. އެކަމަކު އެކަން ނިމިއްޖެ. ހިނގާ ކޮފީއެއް ބޯލަންދާން. މިތާ ކައިރީގަ ހުންނާނެ ކެފޭއެއް" އިއްޒުއްދީން ބުންޏެވެ.

އަމިއްލަ ކާރު ބާއްވާފައި ހަބީބް އެރީ އިއްޒުއްދީންގެ ކާރަށެވެ. ފަސް މިނެޓްގެ ކުރު ދަތުރަކަށް ފަހު ދެމީހުން ފައިބައިގެން ގޮސް ކެފޭއަށް ވަނެވެ. އަވަށުގައި ހުރި އެންމެ މަޝްހޫރު އެންމެ އަގުބޮޑު އެއް ކެފޭއެވެ. އެތެރޭގައި ތިބީ މުޅިންވެސް ކޯޓު ފަޓުލޫނުގައި ތިބި އެކި ފެންވަރުގެ މީހުންނެވެ. ރަނގަޅު ދިމާލެއްގައި ދެމީހުން އިށީނދެފައި ވެއިޓަރަކު އައުމުން ކޮފީއަށް އޯޑަރު ދިނެވެ.

"ކަމެއް ލައިގަނެގެންތަ ތިއުޅެނީ؟" އިއްޒުއްދީން އަހާލިއެވެ.

"ތަނެއްގަ ދެން މިހެން ދިރިއުޅުން ބަދަލުކޮށްގެން އުޅޭއިރު ވަގުންގެ އުނދަގޫވެސް ބޮޑުވާނެއްނު" ހީލަމުން ހަބީބް ބުންޏެވެ.

"ތިއީ ތެދެއް... އެކަމަކު އަހަންނަށް ހިއެއްނުވޭ ހަބީބް ތި އުޅެނީ އެހާ ރައްކާތެރި ސަރަހައްދެއްގައި ހެނެއް. މިހެން މިބުނީ ތިއީ ފޭރުން ވަރަށް އާއްމު ސަރަހައްދެއް" އިއްޒުއްދީން ބުންޏެވެ.

"ތިހެން ވެދާނެ. އެކަމަކު އުޅެން ބޭނުންވަނީ އެތަނުގަ. އަންހެނުންނާ ދަރިފުޅު މިހާރު އެ ސަރަހައްދަށް އާދަވެއްޖެ. އަދި އިރާދަކުރެއްވިއްޔާ ތިބުނާ ކަހަލަ ކަމަކާ ދިމައެއް ނުވޭ" ވެއިޓަރު ބެހެއްޓި ކޮފީ ތަށި ކައިރިއަށް ދަމާލަމުން ހަބީބް ބުންޏެވެ.

އެހިނދު އިއްޒުއްދީން ތަފާތު ނަޒަރަކުން ހަބީބް އަށް ބަލައިލިއެވެ.

"އަހަރެން މިއުޅެނީ ދެ ދުވަހަށް ގައުމުން ބޭރަށް ދާން ޖެހިގެން. ބައްޕަގެ ކަމެއްގަ. އޮފީހުގަ ހުރިހާ ކަމެއް އަހަރެން މިދަނީ ހަބީއާ ހަވާލުކޮށްފަ. ނުބުންޏަސް އަހަންނަށް އެނގޭ ތިއީ އަމާނާތްތެރިއެއްކަން. މާދަމާ އާ އޭގެ އަނެއްދުވަސް ކުޑަކޮށް ބުރަވާނެ. އެބަހުރި އެހެން އަވަށަކަށް ފޮނުވަންޖެހޭ ޑެލިވަރީތަކެއް. އެކަން ކުރިއަށް ގެންދަން ޖެހޭނީ ހަބީގެ ބެލުމުގެ ދަށުން. ދެ ޕިކަޕު އަންނާނެ. ގުދަނުން ބައެއް މުވައްޒަފުން ހަރަކާތްތެރިވާނެ. އެކަމަކު އެމީހުންގެ ހަރަކާތްތައް ބަލަހައްޓާނެ ބަޔަކު ނެތިއްޔާ ވަރަށް ފަރުވާކުޑަވާނެ. ޕިކަޕު އެ ހިސާބަށް ދާން ނަގާނެ ތިންގަޑިއިރުވަރު. ކާރުގައި ހަބީ ޖެހޭނެ އޭގެ ފަހަތުން ދާން. އަހަރެން ގުޅާނަން ބަރާބަރަށް. މިއީ ވަރަށް ބޮޑު ޒިންމާއެއް. މާދަމާވެސް އަހަރެން މިހުރި މަގާމަށް އަންނަންޖެހޭ މީހަކީ މިހާރު ތިއީ. އަހަރެން އެންމެ ބޮޑަށް އިތުބާރުކުރަނީ ވެސް ހަބީއަށް"

އިއްޒުއްދީންގެ ވާހަކަތަކަށް ހަބީބް ހިނިތުންވެލިއެވެ. އެކަމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނަމަ އޭނާއަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އެހެންނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ހިނގާލީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"އިރާދަކުރެއްވިއްޔާ ތިކަން އަޅުގަނޑު އިއްޒުއްދީން އުއްމީދު ކުރާ ވަރަށް ވުރެވެސް ފުރިހަމައަށް ކުރާނަން. އަޅުގަނޑު ކުރާ ކަމެއް ކުރަނީ މަގާމެއް ހޯދާކަށް ނޫން. ތެދުވެރިކަމާ އަމާނާތްތެރިކަން އަޅުގަނޑަށް މުހިއްމީ. އަޅުގަނޑުގެ ފުށުން އެއްވެސް ހިޔާނާތެއްނެތި އެކަމެއް ނިންމާލެވުނީމަ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް މާބޮޑު"

****

ބެލްކަނީގައި ކޮފީ ތައްޓެއް ހިފައިގެން ނިހާން މަޑުކޮށްލައިގެން ހުރީ އެކުވެރިޔާ ނިކުންނާނެ އިރަކަށެވެ. ސާލިމްއަށް އާދެވުނީ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. ރޭގަނޑުގެ ކެއުން ކައިގެން ކޮޓަރިއަށް ވަންގޮތަށް އަދި ސާލިމް ނުނިކުމެއެވެ. އެހެން އިރުކޮޅަކު ހުއްޓައި ސާލިމް ނިކުމެގެން އައިސް ހުއްޓިއްޖެއެވެ. ސާލިމްއަށް ވީ ކޮފީތަށި ހިފައިގެން އައީ ޝާނާއެވެ. އޭނާ ދިޔައީ ނިހާނަށް ފާޑަކަށް ބަލައިލާފައެވެ.

"ކިޔާބަލަ. ކޮބާ ޕްލޭނަކީ؟" ނިހާން އެހިއެވެ.

"ވަރަށް ބޮޑު ކަމެއް ކުރިއަށް އެބައޮތް. އެކަން ވީމަ އަހަރެން އެއްޗެއް ބުނާނަން. އަނެއްހެން މާގިނަ ދުވަހަކު މިކޮޅުގައި ނުހުރެވޭނެ. ދެން އޮތީ ފަހު ސެމް. އެއްކޮށް ނިންމާފަ އާދެވޭނީ އަށް މަސް ފަހުން" ސާލިމް ވާހަކަދެއްކިއެވެ.

"ކައެގެ މަންޖެ ކޮބަޔޯ؟" ސާލިމް އަހާލިއެވެ.

"ޖެހިގެން މިހުރި ފްލެޓްގަ. މާދަމާ މިގެއިން ދައުވަތެއް ފޮނުވާފަ އޮތް ވާހަކަ ރޫ ބުނި. މާދަމާ މީޓްވާނެއްނު" ނިހާން ބުންޏެވެ.

"ޝާއްކޮ ހާދަ މޫޑީވެގެން މިއުޅެނީ؟" ސޯފާގައި ދެފައި ނަގައިގެން އިން ޝާނާ ފެނުމުން ސާލިމް ބުންޏެވެ.

"އަހަރެން ބުނީ އެއްޗެއް ހީނުކުރައްޗޭ. އެބަޖެހޭ ޝާނާއަށް ވަރަށް ވިސްނައިދޭން" ނިހާން ބުންޏެވެ.

"ޝާއްކޮ ކީއްކުރީ އަނެއްކާ؟ ޔުނިވާސިޓީގަ ގޯސްކޮށްތަ އުޅެނީ ވަރަށް" ސާލިމް އަހާލިއެވެ.

"އުނހު އެހެނެއް ނޫން. އަހަރެން ވަރަށް ގިނައިން އަޑުއަހަން ލަތީފާއްތަ ޝާނާއަށް އެއްޗެހި ގޮވާ އަޑު. ޝާނާ ގޭތެރޭގެ މަސައްކަތްތަކުގަ އެހީ ނުވާތީ. ނަމާދު ނުކުރާތީ. މިއިން ކަމަކާ ގުޅުވައިގެން އަހަންނަކަށް ނުކެރޭނެ ޝާނާއަށް ވިސްނައިދޭކަށް. ޝާނާ އަކީ ސާލިމްގެ ކޮއްކޮއަށް ވީމަ އަހަރެން އޭނާއަށް ވަރަށް އިހުތިރާމުކުރަން" ނިހާން ވާހަކަދެއްކިއެވެ.

"އަހަރެން ވާހަކަދައްކާނަން" ސާލިމް ބުންޏެވެ.

****

އާދައިގެމަތިން މައިންބަފައިން ކޮޓަރިން ނިކުތުމާއެކު ރޫޔާ ފުންމައިގެން އެނދުން ތެދުވިއެވެ. ބެލްކަނީގެ ދޮރު ކަހާލިގޮތަށް ބޭރުގައި ހުރި ނިހާންގެ އަތުގައި ހިފައިފިއެވެ. ގަނޑުފެންކޮޅެއް ފަދަ ރޫޔާގެ ފިނި އަތްތިލައިގެ ފިނިކަން ނިހާންގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. އޭނާގެ މުޅި ހަށިގަނޑަށް އެ ފިނިކަމުގެ އަސަރު ކުރިއެވެ.

"ހިނގާ އެތެރެއަށް ވަންނަމާ" ރޫޔާ ބުންޏެވެ.

ދެކުދިން އެތެރެއަށް ވަދެގެން އައިސް ކޮޓަރި މެދުގައި ހުއްޓުނެވެ.

"މިހާރު އަހަންނަށް ރޫ އާއެކު އެންމެ ވަގުތު ހޭދަކުރެވޭ ތަނަކީ މިއީ. ރޭގަނޑުގެ ނިދި ގުރުބާންކޮށްފަ އަހަރެން މިތާ ރޫ ކުރިމަތީގަ މި ހުންނަނީ ހާދަ ލޯބިވާތީއޭ" ރޫޔާގެ މޫނުގައި ފިރުމާލަމުން ނިހާން ބުންޏެވެ.

"އަހަރެންވެސް. އަހަންނަށް މިވާގޮތެއްވެސް ބުނާކަށް ނޭނގޭ. ނިހާން އަހަރެން ދޫކޮށްފަ ދުވަހަކުވެސް ނުދައްޗޭ" ނިހާންގެ މޭގައި ލައްވެލަމުން ރޫޔާ ބުންޏެވެ.

"މިހުރި މަގާމުން އަހަރެންގެ ދެފައި ރޫއާ ދުރަށް ދުވަހަކުވެސް ގުޑައި ނުލާނެ. ދަންޏާ ދާންޖެހޭނީ ރޫ. ދުނިޔޭގެ ކޮންމެ ތަނެއްގައި އަހަންނާ ވަކިން ރޫ ހުއްޓަސް އަހަރެން ހޯދާނަން. އަހަރެންގެ ހަޔާތަށް ތިނޫން އެހެން އަންހެނެއް ދުވަހަކުވެސް ނުގެންނާނަން. މި ދުނިޔެ އިން އެހެން އަންހެނެއް އަހަންނަށް ހަރާން"

ރޫޔާ ނިހާންގެ އަނގަމަތީގައި އަތްއެޅިއެވެ. ނިހާން ބަލައިލުމާއެކު ލަސްލަހުން ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ރޫޔާގެ އެ އަތްތިލައިގައި ނިހާން ބޮސްދިނެވެ.

"ލޯބި ވިޔަސް ވާންވާނީ ވަކިވަރަކަށް. ނިހާން ތިހާ ލޯބިވާތީ އަހަރެން ވަރަށް ބިރުގަނޭ. އަހަރެމެންނަށް މި ހުވަފެން ހަގީގަތަކަށް ނެހެދެނީސް ވަކިވާން ޖެހިޖިއްޔާ ދެން ކިހިނެއް ހަދާނީ؟" ރޫޔާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟