ވާހަކަ

ދޭތޯ ތި ހިތް - 16

ހައިރާންކަމާއެކު ޖޫދާއަށް ބަލަން މިރާހްއަށް ހުރެވުނެވެ. އެތަނުން ޖޫދާ ފެނުމުން ހިތުގައި ސުވާލުތަކެއް ވެސް އުފެދުނެވެ. ކުރިއަށް ހިނގައިގަންނަން ނޭނގިފައި ހުއްޓައި ބަސްމާ ގޮވާލި އަޑު އިވުނެވެ. ސިހުމުގެ އަސަރާއެކު ބަސްމާގެ މޫނަށް މިރާހް ބަލައިލިއެވެ. އޭރު މިރާހްއަށް ވީ ގޮތުން ބަސްމާއަށް ވެސް ހައިރާންކަން ލިބިފައިވިއެވެ. ސުވާލު އުފެދިފައިވާ ހާލު ފުރަގަސްދީގެން ހުރި އަންހެންކުއްޖާއަށް ވެސް އޭނާ ބަލައިލިއެވެ.

''ކެބިންގައި ފޯނު ބާއްވާފަ މި އާދެވުނީ... ބަސްމާ ދޭ އެތެރެއަށް... ހުރިހާ ކަމެއް ތައްޔާރުވެފައި ހުރިތޯ ބަލައިލާ... އަހަރެން އެބަ އަންނަން އިރުކޮޅަކުން...'' ލިބުނު ނުތަނަވަސްކަން ދޫކޮށްލި އަވަސްނޭވާއާއެކު ސިއްރުކުރަމުން މިރާހް ބުންޏެވެ. އަވަސްއަވަހަށް ބޯޖަހާލި ބަސްމާ މީޓިންގް ރޫމަށް ވަންނަން ހިނގައިގަތެވެ. ފޯނުކޯލް ނިންމާލަމުން އެނބުރިލި އަންހެންކުއްޖާއަށް ވެސް އޭނާ ނަޒަރެއް ދިނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް ނަގައިގަނެވުނެވެ. ނަމަވެސް އެކަމާ މެދު ވިސްނުމުގެ ހައިސިއްޔަތެއް އޭނާގެ ނެތުމުން މާބޮޑު ކަމަކަށް ނުހެދިއެވެ. މިރާހްގެ އިރުޝާދުގެ މަތިން މީޓިންގްއަށް ހުރިހާ ކަމެއް ތައްޔާރުވެފައި ހުރިތޯ ބަލަން ބަސްމާ އަވަސްވެގަތެވެ.

''މިރާހް...'' އަތުގައި އޮތް ކްރީމްކުލައިގެ އަތްދަބަހަށް ފޯނު ލަމުން ޖޫދާ ބުނެލިއެވެ. އޭނާ ލައިގެން ހުރި ހުދާއި ކަޅުގެ ޕެންސިލް ޑްރެސްގައި ރަސްމީ ގޮތެއް ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑު ވެސް ކަނދުރާއާ ހަމައަށް އޮތީ ކޮށާލައިފައެވެ. އިސްތަށިގަނޑުން ރަންކުލައެއްގެ ވިދުން ވެސް ފެނެއެވެ. އަރައިގެން ހުރި ކަޅުކުލައިގެ އުސްކަށީގެ ބޫޓުގެ އަޑު މާހައުލުގައި ފަތުރާލަމުން އޭނާ އައިސް މިރާހްގެ ކުރިމައްޗަށް ހުއްޓުނެވެ.

''މިތާ ކީއްކުރަނީ؟...'' މިރާހްގެ މޫނުގައިވި ހައިރާންކަން ހިތްހަމަނުޖެހުމަށް ބަދަލުވިއެވެ. ޖޫދާ އެތަނުން ފެނުމުން އޭނާގެ މުޅި މޫޑު ހަރާބުވެގެން ގޮސްފިކަން ގޮށްޖެހިގެން ދިޔަ ބުމައިން އަންގައިދިނެވެ. އެއްވެސް ހާލެއްގައި ޖޫދާއާ ބައްދަލުކުރަން މިރާހް ބޭނުމެއް ނުވެއެވެ.

''މީޓިންގްއަށް މިއައީ... މާ އަވަހަށް އާދެވުނީމަ ބޭރުގަ މަޑުކޮށްލީ...'' ޖޫދާ ހިނިތުންވުމަކާއެކު ބުންޏެވެ. މިރާހްގެ މޫނަށް އޭނާ ފުން ނަޒަރެއް ދިނެވެ. އެ ދެލޮލުގައިވި ނުރުހުމުގެ އަސަރުން ހިތަށް ތަދުވިކަން ގައިމެވެ. މިރާހްގެ ހަނދާންތައް އޭނާއާ އަދިވެސް ވަކިނުވެއެވެ. އެ ލޯބި ހިތުގެ ކަނެއްގައި އަދިވެސް ވިންދުޖަހައެވެ. ޒަވާޖީ ހަޔާތެއް ފެށިކަމުގައި ވިޔަސް އޭނާގެ އިހުސާސްތަކަށް އޮޅުވައެއް ނުލެވުނެވެ. މިރާހް ފެނުމުން ހިތުގައި އަޅާ ވޭނަކީ އެކަމުގެ ހެއްކެކެވެ. މާޔޫސްކަން ހިތަށް ލިބުނީ އޭނާގެ ހަނދާންތަކާ މިރާހް ދުރުވެއްޖެކަން އިހުސާސްކުރެވުންނެވެ. ކުރީގެ ގާތްކަމެއް މިރާހްގެ ދެލޮލުން އޭނާއަކަށް ނުފެނުނެވެ.

''ވަޓް؟...'' މިރާހްއަށް ބުނެވުނެވެ. އަތުގައި އޮތް ފައިލު އޭނާ ހުޅުވާލިއެވެ. އޭގައި އޮތީ މިއަދަށް އެޖެންޑާ ކުރެވިފައި އޮތް މީޓިންގްއާ ބެހޭ މައުލޫމާތެވެ. ހުޅުމާލޭގައި އަލަށް ހުޅުވަން އުޅޭ ގެސްޓްހައުސްގެ އިންޓީރިއާ ޑިޒައިނާ ގުޅިގެން ތާވަލު ކުރެވުނު މީޓިންގް އެކެވެ. މީޓިންގައި ބައިވެރިވާ މީހުންގެ ތެރޭން އޭނާ ހޯދީ ޖޫދާގެ ނަން ފެނޭތޯއެވެ.

''އާރބަން ޑިޒައިން އިޒް މައި ހަޒްބެންޑްސް ކޮމްޕެނީ... އައިމް ދަ ނިއު އެސިސްޓެންޓް މެނޭޖާރ، ވަރަށް ފަހުން އައި ބަދަލެއް ވީމަ ފައިލްގަ އަހަރެންގެ ނަމެއް ނޯންނާނެ، އެކަމަކު ގުޅާފައި އިތުރު މީހަކު ބައިވެރިވާނެކަން އޮންނާނީ އަންގާފަ...'' ސަލާމްކުރުމަށް ޖުދާ އަތްތިލަ ދިއްކޮށްލިއެވެ.

''އެހެންތަ؟...'' ޖޫދާގެ އަތްތިލައަށް ބަލަން ހުރެފައި މިރާހް ފައިލް ލައްޕާލިއެވެ. ޖޫދާއާ ސަލާމްކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ޖޫދާ ފެނި އޭނާގެ ޠަބީއަތު ގޯހުންގޯހަށް ހިނގައްޖެއެވެ. ކޮންމެ ފަހަރަކު އޭނާގެ ދިރިއުޅުމުގެ ރާސްތާ ފަސޭހަވެގެން ދާއިރު ޖޫދާއާ ބައްދަލުވަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފުސު ދެކެ މިރާހްއަށް ރުޅި އާދެވުނެވެ.

''މިރޫ އަހަރެން ދެކެ ރުޅި އައިސްފަތަ ތިހުރީ؟... ޕާޓީން ދިމާވިއިރުގައި ވެސް އަހަންނާ ވާހަކައެއް ނުދެއްކި...'' މިރާހް އޭނާގެ އަތުގައި ނުހިފުމުން ޖޫދާ ލަދުގަނެއްޖެއެވެ.

''މިރާހް...'' މިރާހް އޭނާގެ ނަން ރަނގަޅުކޮށްލަދިނެވެ. މިރާހްގެ މޫނުން ފެނުނު ނުރުހުންތެރިކަމުން ޖޫދާގެ ހިތުގައި ރިއްސާލައިފިއެވެ. އެ ލޯބި ހަނދާން ނައްތާލަން މިރާހްއަށް ހާދަ ފަސޭހައޭ އޭނާގެ ހިތަށް އެރިއެވެ. ޝަކުވާތައް ވެސް ހިތުގައި އުފެދުނެވެ. މިރާހް ފަދައިން އާ ހަޔާތެއް އޭނާ ފެށީ ވެސް އެ ލޯބި ހިތުން ފޮހެވިގެން ހިނގައިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނާގެ ހިތުގެ އިހުސާސްތަކަށް އޮޅުވައެއް ނުލެވުނެވެ. ފިރިމީހާ ދެކެ ލޯބި ނުވެވުނު ތާނގައި މަޖުބޫރީ ކައިވެންޏެއްގައި އޭނާ ވަނީ ކަސްތަޅު އެޅިފައެވެ. ހަގީގަތުގައި ރުޅިއައުމުގެ ހައްގު ލިބިގެން ވަނީ އޭނާއަށެވެ. މިރާހް އޭނާއާ މެދު ކަންތައް ކުރި ގޮތަށް ފަހުގައި ވެސް އެ ހަނދާންތަކާ ދުރުނުވެވޭތީ އެތައް ރެއަކު އުދާސްކަމުގެ ކަރުނަ އޮއްސައިފިއެވެ. ވޭނާއި ކެކުޅުމުގައި ދުވަސްތައް ހޭދަކުރަމުން ދަނީ އޭނާ އެކަންޏެވެ. އެ ލޯބީގެ ހަނދާންތައް ކަފުންކޮށް ތާރާއާއެކު މިރާހް އުޅެމުން ދަނީ އުފާވެރިކަމާއެކުގައެވެ. އެ ހަގީގަތް ގަބޫލުކުރަން އޭނާއަށް ދަތިވެއްޖެއެވެ. ތާރާއާ މެދު ހަސަދަވެރިކަމުގެ އަލިފާން ވެސް ހިތުގައި ރޯވެގެން ދިޔައެވެ.

''ޖޫދާ...'' އިވިގެން ދިޔަ އަޑާއެކު ޖޫދާއަށް އެ މޫނުގެ ކުލަވަރުތައް ސިއްރުކޮށްލެވުނެވެ. ހިނިތުންވުމަކާއެކު އޭނާ ފަސްއެނބުރިލިއެވެ.

''ރެއިން...'' އޭނާގެ ގާތަށް އައިސް ހުއްޓުނު ރައިހާންގެ އަތުގައި އޭނާ ހިފައިލިއެވެ. ސިއްރުން މިރާހްގެ މޫނަށް ވެސް އޭނާ ބެލިއެވެ. ހިތުގައި ރިއްސާލީ އޭނާ އުއްމީދުކުރި ފަދަ އަސަރެއް މިރާހްގެ މޫނުން ނުފެނުމުންނެވެ. އޭނާ މަތިން މިރާހް ހަނދާން ނައްތާލައިފިކަމުގެ ހިތިކަން އަރު ބުޑަށް ރަނގަޅަށް ވެސް ފޭދިއްޖެއެވެ.

ރައިހާންއާ ސަލާމްކުރުމަށް މިރާހް އަތްދިއްކޮށްލިއެވެ. ޖޫދާއާއި ރައިހާންގެ ގާތްކަމުން އޭނާގެ ހިތަށް ތަދުގެ އިހުސާސެއް ނުކުރެވުނެވެ. ފާއިތުވެ ދިޔަ ތިން މަސްދުވަހުގެ ތެރޭގައި ތާރާގެ ލޯބި އެ ހިތް ބަލައިގެންފިއެވެ. އެ ހިތް އޭނާ ތާރާއަށް ހުޅުވާލީ ޖޫދާގެ ހަނދާންތައް ފޮހެލުމަށްފަހުގައެވެ. އެއީ އޭނާގެ މާޒީއެވެ. އެ ދުވަސްތައް އަލުން އިއާދަކުރުމުގެ ބޭނުމެއް ވެސް ނެތެވެ. ތާރާ އޭނާ ދެކެ ވާ ލޯބިން ކުރިއަށްދާން އިތުރު ހިތްވަރެއް ވެސް ލިބިއްޖެއެވެ.

*****

މީޓިންގް ފެށިގެން ކުރިއަށް ދިޔައިރުގައި ޖޫދާގެ ނަޒަރު އިރުއިރުކޮޅާ ގޮސް މިރާހްއަށް ހުއްޓެއެވެ. މިރާހް އެންމެ ފަހަރަކު ވެސް ޖޫދާއާ ދިމާއަށް ބަލައިނުލިއެވެ. އެކަން ފާހަގަކުރެވުނު ޖޫދާއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އުއްމީދުކޮށްގެން ހުރީ މިރާހްގެ ހިތުގައި އަދިވެސް އޭނާއަށްޓަކައި އިހުސާސްތަކެއް ވާނެ ކަމަށެވެ. މަޖުބޫރުން ކުރެވުނު ކައިވެންޏަކުން އުފަލެއް ނުލިބޭނެ ކަމަށް އޭނާ އުއްމީދުކުރިއެވެ. ވަދާއީ ބައްދަލަވުމުގައި ވެސް މިރާހްގެ ދެލޮލުން އޭނާއަށް ކަރުނަ ފެނުނެވެ. އާއިލާގެ އުފަލަށްޓަކައި މިރާހް ކުރި ކައިވެންޏަށް މިހާރު އެވީ ކިހިނެއް ހެއްޔެވެ؟ ތާރާ ދެކެ މިރާހްގެ ހިތުގައި އިހުސާސްތައް އުފެދުނީ ހެއްޔެވެ؟

މިރާހް އޭނާއާ ރުޅިވުމުން ދުވަހެއްގެ ކޮޅުން ވެސް މިރާހްއާ ބައްދަލުނުކުރަން އޭނާ ހުރީ އަމިއްލަ ނަފުސަށް ވައުދުވެގެންނެވެ. މިރާހް ދެކެ ރުޅި އަންނަން އޭނާ ބޭނުންވިއެވެ. ހިތުގައި ޖައްސައި ރޮއްވާލުމުން ނަފުރަތު ކުރަން ވެސް ބޭނުންވިއެވެ. ނަމަވެސް ޕާޓީން މިރާހް ފެނުމާއެކު އަމިއްލަ ނަފުސަށް ލަމުން ދިޔަ ހިތްވަރު އެލިގެން ގޮސްފިއެވެ. އެ ހިތުގައިވި ލޯތްބަށް ދިރުން ލިބި ވިންދުޖަހަން ފަށައިފިއެވެ. މިރާހްއާ ދެމެދު އެ ގާތްކަން އަނެއްކާ ވެސް އޮންނަން ހިތް އެދެން ފަށައިފިއެވެ. އެއީ އޭނާގެ އަލަތު ލޯތްބެވެ. އެ އިހުސާސްތަކާ އޭނާ ދުރުވާނީ ކިހިނެއް ހެއްޔެވެ؟

މީޓިންގްއަށް އޭނާ އައީ ނުހަނު ފޮނި އުއްމީދުތަކާއެކުގައެވެ. އޭނާއާ ބައްދަލުވުމުން މިރާހް އުފާވާނެކަމަށް އޭނާ އުއްމީދުކުރިއެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ދިމާ އިދިކޮޅަށެވެ. ލޯބީގެ ބަދަލުގައި މިރާހްގެ ފަރާތުން ފެނުނީ ނުރުހުމުގެ ކުލަވަރުތަކެވެ. އެކަމާ ކުރިމަތިލާނެ ގޮތެއް ޖޫދާއަކަށް ނޭނގުނެވެ. ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ތުންފަތުގައި ވިޔަސް އެ ހިތް ދިޔައީ ރޮމުންނެވެ. މިރާހްގެ ފަރާތުން ފެންނަމުން ދިޔަ ދުރުކަން ބަރުދާސްތުކުރަން އޭނާއަށް ދަތިކަމަކަށް ވެއްޖެއެވެ.

މީޓިންގް ނިންމާލުމާއެކު ސަލާން ބަދަލުކުރުމަށްފަހު ފަހަރަކު މީހަކު މީޓިންގް ރޫމުން ނިކުންނަން ފެށިއެވެ. ބަސްމާ ވެސް މިރާހްގެ އަތުގައި ހުރި ފައިލްތައް ހިފައިގެން މީޓިން ރޫމުން ނިކުންނަން ހިނގައިގަތެވެ. މުޅިތަން ހުސްވުމާއެކު މިރާހްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ބޮލުގައި ވެސް ހުރީ ފާޑަކަށް ރިއްސާލައިފައެވެ. ޖޫދާގެ މަގުސަދު ދޭހަކުރަން އޭނާ ހުރީ ނުކުޅެދިފައެވެ. މޭޒުގައި އުޅަނބޮށި ވިއްދާލަމުން އަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލެވުނެވެ. އެ ވަގުތު ފަޓުލޫނުގެ ޖީބުގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ތާރާއެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކު މިރާހް ފޯނު ނެގިއެވެ. ތާރާގެ އަޑު ކަންފަތުގައި ޖެހުމުން މިރާހްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސިކުނޑީގެ ބުރަހެލިކަމާ ވެސް ދުރަށް ދެވުނެވެ.

''ހަލޯ...'' މިރާހް ބުނެލިއެވެ.

''މީޓިންގް ނިމުނީތަ؟...'' ތާރާ އަހާލިއެވެ.

''ދެންމެ މި ނިމުނީ...'' މިރާހް ގޮނޑިން ތެދުވުނެވެ. މޭޒުމަތީ އޮތް އޭނާގެ މެކްބުކް ނަގަމުން ނިކުންނަން ހިނގައިގަތް ވަގުތު ހުއްޓެވުނީ އެތެރެއަށް ވަން ޖޫދާ ފެނިފައެވެ. މިރާހްގެ މޫނުގައިވި އުފާވެރިކަމަށް ފަނޑުކަމެއް އަތުވެއްޖެއެވެ.

''އެބަދަން އިނގޭ އިރުކޮޅަކުން، މިރޫއަށް ދޭން ލަންޗް ހިފައިގެން މި އަންނަނީ......'' ތާރާ ބުނި އަޑު މިރާހްއަށް އިވުނެވެ.

''އިންތިޒާރުގަ އިނގޭ...'' މިރާހް ހިނިތުންވުމާއެކު ބުންޏެވެ. ފޯންކޯލް ކުރުކޮށްލަމުން ފަޓްލޫނުގެ ޖީބަށް ފޯނު ލިއެވެ.

''ވައިފްތަ؟...'' ޖޫދާ އެހިއެވެ.

''ނުދަނީތަ؟... ކޮބާތަ ރައިހާން؟...'' ޖޫދާގެ ސުވާލަށް މިރާހް ޖަވާބެއް ނުދިނެވެ.

''ރެއިން އޮފީހަށް ދާންޖެހިގެން ގޮސްފި....'' ޖޫދާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

''ކީއްވެ ފިރިމީހާއާއެކު ޖޫދާ ނުދިޔައީ؟...'' އެކަނި މާހައުލެއްގައި ޖޫދާއާ ބައްދަލުކުރަން ބޭނުން ނުވާތީ މީޓިންގް ރޫމުން ނިކުންނަން މިރާހް ހިނގައިގަތެވެ.

މިރާހްގެ ޖުމުލައިން ޖޫދާ ރަކިވެއްޖެއެވެ.

''މިރާހް...'' ޖޫދާ ގޮވާލިއެވެ. ދޮރުގެ އަތްގަނޑުގައި ހިފާލަމުން ޖޫދާއަށް މިރާހް ބަލައިލިއެވެ.

''ޔެސް...'' ބުމައަރުވަމުން މިރާހް ބުންޏެވެ.

''ވެދިޔަ ކަންތައް ހަނދާން ނައްތާނުލެވޭނެތަ؟... ކޭން ވީ ބީ ފްރެންޑްސް އެގެއިން؟...'' ޖޫދާ އެހިއެވެ. ދޮރުގެ އަތްގަނޑުން ދޫކޮށްލަމުން ޖޫދާއާ ދިމާއަށް މިރާހް އެނބުރުލިއެވެ.

''އަހަންނަށް ޖޫދާއާ މެދު ކަންތައް ކުރުވުނު ގޮތުން މައާފަށް އެދެން... އެފަދައިން ކަންތައް ކުރަން ޖެހުނީތީ ދެރަވެސް ވި... ޖޫދާގެ ހިތުގައި އަހަންނަށް ޖެއްސުނުކަން ވެސް ގަބޫލުކުރަން... އެކަމަކު އޭރު އެނޫން ގޮތެއް ނެތް... އާއިލާގެ އުފަލަށްޓަކައި ހަޔާތުގެ ބައިވެރިޔަކަށް ތާރާ އިހުތިޔާރުކުރަން ޖެހުނީ... އޭރު އަހަރެން ހީކުރީ ޖޫދާ ނޫން މީހަކު ދެކެ ލޯބި ނުވެވޭނެކަމަށް.... އެކަމަކު މިހާރު ވަގުތާއި ހާލަތު ވެސް މުޅިންހެން ބަދަލުވެއްޖެ... އަހަރެން ތާރާ ދެކެ ލޯބިވޭ...'' މިރާހް މައާފަށް އެދުނެވެ. ޖޫދާއާ ބައްދަލުކޮށް އެ ލޯތްބަށް ފުރަގަސް ދިނުމުން އެ ދެމެދުގައި އުފެދުނު ހިތާމައިގެ ސިލްސިލާއަށް މައާފަށް އެދެން މިރާހް ހުރީ ބޭނުންވެފައެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލަން އޭނާއަށް ފަސޭހަ ވެސް ވާނީ އޭރުންނެވެ.

''ޖޫދާ ވެސް ކައިވެނި ކޮށްފީމެއްނު، މާޒީ ހަނދާން ނައްތާލުން އެންމެ ރަނގަޅު ވާނީ... އަހަރުމެން ވާހަކަދެއްކުން އެއީ ރަނގަޅު ގޮތެއް ވެސް ނޫން...'' މިރާހް ފުރަގަސްދިނެވެ. ހިތުގައިވި އުދާސްތައް ބޭރުކޮށްލެވުމުން މީހާއަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހަމައެއާއެކު ތާރާއަށްޓަކައި އެ ހިތުގައި އޮތް ލޯތްބަށް ޔަގީންކަން ވެސް ލިބުނެވެ.

''އަހަރެން މިރާހްއަށް މައާފުކޮށްފިން، އޭރު ނުވިސްނުނަސް މިރާހްގެ މަޖުބޫރީ ހާލަތު ފަހުން ނަގައިގަނެވުނު...'' ޖޫދާ ބުނެލިއެވެ.

''އެ ހާލަތު ބަދަލުވެއްޖެ... އަހަރެން ތާރާ ދެކެ ލޯބިވޭ... އެކުގައި އުޅެން އަހަރެން އިހުތިޔާރު ކުރާ ބައިވެރިޔަކީ އެއީ...'' މިރާހް ބުންޏެވެ.

މިރާހްގެ ވާހަކަތަކުން ޖޫދާގެ ދެލޮލުން ކަރުނައިގެ ދިލަކަން ފާޅުވެއްޖެއެވެ. ހިތަށް ވީ ތުރާލާއެކު ނުރޮވުނީ ވެސް ހަމަ ކިރިޔާއެވެ. މިރާހްގެ ދުލުން އެހެން އަންހެނަކު ދެކެ ލޯބިވާ ކަމަށް އިގުރާރުވުމުން އެ ހަގީގަތް ގަބޫލުކުރަން ވެސް ވީ ދަތި ކަމަކަށެވެ. ނަމަވެސް މިރާހްގެ ކުރިމަތީގައި ނުރޯން އޭނާ ހިތްވަރުކުރިއެވެ. ފުންނޭވާތަކެއް ދޫކޮށްލެވުނެވެ.

''އަހަރެން ވެސް ރެއިން ދެކެ ލޯބިވޭ... ދެމީހުންނަށް ވެސް އައު ދިރިއުޅުމެއް ލިބުނީތީ އަހަރެން އުފާކުރަން... އަހަރެން ބޭނުންވީ މިރާހްއަށް މައާފުކޮށްފިކަން ހާމަކުރަން...'' ޖޫދާ ހެދީ ދޮގެވެ. އެ ހިތުގެ އަސްލު މިރާހްއަށް އޮޅުވާލަން އޭނާ މަސައްކަތްކުރިއެވެ. ކޮންމެ ގޮތަކުން ވިޔަސް އަލުން މިރާހްއާ އެކުވެރިކަމުގެ ގުޅުން އުފައްދަން އޭނާ ހުރީ ހިތުލައިގެންނެވެ.

''އަހަންނަށް މައާފުކޮށްދިނީތީ ޝުކުރިއްޔާ... ރައިހާންއާއެކު އުފާވެރި ހަޔާތެއް ޖޫދާއަށް ލިބޭނެކަން އަހަންނަށް ޔަގީން...'' ޖޫދާގެ ވާހަކަތައް މިރާހް ގަބޫލުކުރިއެވެ. ޖޫދާގެ މައާފު ލިބުމުން އެތައް ޓަނުގެ ބަރުދަން ސިކުނޑިން ލުއިވެގެން ދިޔަކަމުގެ އިހުސާސް ވެސް ކުރެވުނެވެ.

''އެކުވެރިންނަށް ނުވެވޭނެތަ؟...'' ޖޫދާ އެހިއެވެ. ''މި ޕްރޮޖެކްޓްގައި ގިނައިން މިރާހްއާ ބައްދަލުވާނެ... އަހަރެން ބޭނުމެއް ނޫން އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ދެމެދުގައި އޮންނާކަށް...''

މިރާހްއަށް ވިސްނާލެވުނެވެ. ޖޫދާ އެބުނީ ވެސް ތެދެކެވެ. ނަމަވެސް ޖޫދާއާ އަލުން އެކުވެރިކަން ބަދަހިކުރަން މިރާހް ފަސްޖެހުނެވެ.

''އެކުވެރިންނަށް ވުމަކީ ރަނގަޅު ހިޔާލެއް ނޫން، ބަޓް ވީ ކޭން ބީ ބިޒްނަސް ޕާޓްނާސް އަންޓިލް ދިސް ޕްރޮޖެކްޓް އިޒް އޯވާ...'' ދެ ހިޔާލެއްގައި ހުރެފައި މިރާހް ބުންޏެވެ. އެގޮތް ވެސް އެންމެ ރަނގަޅޭ ޖޫދާގެ ހިތަށް އެރިއެވެ. މިރާހްއާއެކު ވަގުތު ހޭދަކުރަން ލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ. އޭނާގެ ހިތުގެ އަސްލު މިރާހްއަށް ސިއްރުކުރަމުން ޖޫދާ ހިނިތުންވެލިއެވެ.

ޖޫދާ ނިކުންނަން ދެން ދޮރުގައި ހިފަހައްޓައިގެން މިރާހް ހުއްޓެވެ. މިރާހްއަށް ޖޫދާ ޝުކުރު އަދާކުރިއެވެ. ބޭރަށް ނިކުތުމާއެކު އިތުރަށް ޖޫދާއާ ވާހަކަދެއްކުމުގެ ހިޔާލެއް މިރާހް ނުކުރިއެވެ. އޭނާ ފޯނު ނަގައި ތާރާއަށް ގުޅާލިއެވެ.

''ލިފްޓްގަ މިހިރީ...'' ތާރާ ބުނެލިއެވެ. ''އިރުކޮޅަކުން ކެބިންއަށް ދާނަން...''

*****

ކެބިންގައި ހުރި އިސްކޮޅުގެ ދިގުމިނުގެ ކުޑަދޮރު ކައިރީ ހުއްޓިލައިގެން މިރާހް ހުރީ ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. ޖޫދާއާ ބައްދަލުވުމަށް ފަހު ދެކެވުނު ވާހަކަތަކުން އޭނާގެ ނަފުސަށް ލުޔެއް ލިބިފައިވިއެވެ. ހިތުގެ އުދާސްކަމާއި ވެސް ދުރުވެވިއްޖެއެވެ. އެއީ މާޒީ ހަނދާން ނައްތާލައި މުސްތަގުބަލާ ކުރިމަތިލުމަށް އޭނާއަށް ލިބުނު އިތުރު ހިތްވަރެކެވެ.

''މިރޫ...'' ތާރާގެ އަޑު އިވުނެވެ. ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން މިރާހް ފަސްއެނބުރުނެވެ. ތާރާއާ އޭނާގެ ނަޒަރު ބައްދަލުވުމުން އުފާވެރިކަމުގެ ހިނިތުންވުމެއް މިރާހްގެ ތުންފަތުގައި ދުވެލިއެވެ. އޭނާ އައިސް ތާރާގެ ގާތަށް ހުއްޓުނެވެ.

''ލަންޗް ހިފައިގެން މިއައީ...'' އަތުގައި އޮތް ތަށިބަރި ދައްކާލަމުން ތާރާ ބުނެލިއެވެ. ''ހާދަ ވަރަކަށް ތި ބަލަނީ؟... ތަށިބަރި ހިފައިގެން އައީމަތަ؟... މާ އޯލްޑް ވައްތަރު ދޯ ޖަހަނީ؟... އެކަމަކުވެސް މިރޫ ވީމަ ކޮންމެ ކަމެއް ވެސް ކުރަން އަހަރެން ލަދެއް ނުގަންނާނެ...''

މިރާހްގެ ތޫނު ނަޒަރުން ސަލާމަތްވާން ތާރާ ހިނގައިގަތީ ކެބިންގައި ހުރި ސޯފާއާ ދިމާއަށެވެ. ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ތަށިބަރި ބެހެއްޓިތަނާ މިރާހް އައިސް ތާރާގެ ފުރަގަހުން ބައްދާލަމުން ތާރާގެ ކަންފަތަށް ފުމެލިއެވެ. ހަށިގަނޑުގައި އުފެދިގެން އައި އިހުސާސާއެކު މިރާހްއަށް މަޑުމަޑުން ތާރާއަށް ގޮވާލެވުނެވެ.

''ދޫކޮށްލަބަލަ... މީހަކު އައިސްދާނެ...'' މަޑުމަޑުން ތާރާއަށް ބުނެވުނެވެ.

''ކޮބާތަ މައްސަލައަކީ... ޔޫ އާރ މައި ވައިފް...'' ތާރާގެ ކަނދުރާއަށް ބޮސްދެމުން ކުރިއަށް ވުރެ ބާރަށް ތާރާގެ ގައިގައި މިރާހް ބައްދާލިއެވެ.

''ދެން...'' ތާރާ ބުންޏެވެ. ''މިތާކު ނޫން...''

''އައި ލަވް ޔޫ...'' ތާރާގެ ކޯތާފަތުގައި މިރާހް ބޮސްދިނެވެ. ތާރާގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. މިރާހްގެ ދުލުން ލޯބިވާކަން ހާމަކޮށްދޭ ކޮންމެ ފަހަރަކު ލޯބީގެ އާލަމަށް ފީނައި ގަނެވެއެވެ. އުފާވެރިކަމުގެ ސައިލެއް ގައިގައި އޮޅާލެވޭކަމުގެ އިހުސާސް ކުރެވެއެވެ.

*****

ހަވީރުގެ ސައި ގަޑީގައި ޒިވްޔަން އަނގަގަދަކަން ފާހަގަ ކުރެވުނީ މާހުތާބް އަށެވެ. އާދަޔާ ހިލާފު އުފާވެރިކަމުގެ ވިދުވަރު ވެސް ޒިވްޔަންގެ ދެލޮލުން މާހުތާބް ދުށްޓެވެ. ސަމާލުވެ ޒިވްޔަންއަށް އޭނާ ބަލަމުން ދިޔައެވެ. ހިތުގައި އެތައް ސުވާލެއް އުފެދިފައިވިއެވެ.

''މަންމާ... މާދަން ދިހައެއް ޖަހާއިރަށް ލޮލުގެ ޑޮކްޓަރަށް އެޕޮއިންޓްމެންޓް ލިބިފަ އޮތީ...'' ކުލްޘޫމާ ބުންޏެވެ. އަތުގައި އޮތް ސައިތަށި މޭޒުމަތީ ބަހައްޓަމުން ކުލްޘޫމާއަށް މާހުތަބް ބަލައިލިއެވެ.

''މިހާރު ކުރިއަށްވުރެ ދުޅަކަން ރަނގަޅު ވެއްޖެހެން ހީވަނީ... އެކަމަކު ވެސް ޑޮކްޓަރަށް ދައްކާލުން ގޯހެއް ނޫންތާ...'' މާހުތާބްގެ ލޮލުގައި ބިއްސެއް ނަގައިގެން ކަނާތު ލޯ ވަނީ ހިސާބަކަށް ދުޅަވެފައެވެ.

''މާމަ ގޮވައިގެން އަހަރެން ހޮސްޕިޓަލަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟...'' ޒިވްޔަން އިސްނެގިއެވެ. ހައިރާންކަން ލިބިގެން ދިޔައީ ހަމައެކަނި މާހުތާބްއަކަށް ނޫނެވެ. ރުސްލާންއަށް މޭޒުމަތީގައި ހުރި ހެދިކާ ތަށި ކައިރިކޮށްލަ ދިން ކުލްޘޫމާއަށް ވެސް ޒިވްޔަންގެ މޫނަށް ބަލައިލެވުނެވެ.

''މާދަން ދަރިފުޅު އޮފް ދުވަހަކީތަ؟...'' ރުސްލާންއަށް ސުވާލުކޮށްލެވުނެވެ.

އަނގަޔަށް ލައިގެން އުޅުނު ގުޅަ ދިރުވާނުލެވުމުން ޒިވްޔަން ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.

''ދަރިފުޅު ދާނެކަމެއް ނެތޭ... މަންމަ މިހުރީއެއްނު، އޮފް ދުވަހެއްގަ ވާނެ އަރާމުކޮށްލަން ވެސް، އަނެއްކާ މިދުވަސްކޮޅު އެހާ ބުރަކޮށް ތިއުޅެނީ... ކާގަޑީގައި އެކަނި ގެއިން ފެންނަނީ ވެސް...'' ކުލްޘޫމާ ވާހަކަދެއްކިއެވެ.

''އެ ސޮރު ދާން ބޭނުންވަންޏާ އެ ސޮރާއެކު އަހަރެން ދާނީ...'' ޒިވްޔަންއަށް ބަލަން އިނދެފައި މާހުތާބް ބުނެލިއެވެ. މާހުތާބްގެ ނިންމުމަށް ފާޑުކިޔަން ބޭނުންނުވާތީ ކުލްޘޫމާ ބޯޖަހާލިއެވެ. ތަފާތު ވާހަކަތައް ދައްކަމުން ގޮސް ހަވީރުގެ ސައި ނިމުނެވެ. މާހުތާބް އިނީ ވިސްނުމަކަށް ގެއްލިފައެވެ.

''ޒިވްޔަން، މާމައާއެކު ހިނގާބަލަ ބަގީޗާއަށް...'' ކާމޭޒު ދޫކޮށް ދާން އުޅުނު ޒިވްޔަންއަށް ގޮވާލަމުން މާހުތާބް ބުންޏެވެ. ޒިވްޔަންއާ ވާހަކަދައްކަން އޭނާ ހުރީ ބޭނުންވެފައެވެ. ގޮނޑިން ތެދުވެލަމުން ޒިވްޔަންއާއެކު އޭނާ ހިނގައިގަތެވެ. އެ މަންޒަރު ބަލަން ކުލްޘޫމާއަށް އިނދެވުނެވެ. ރުސްލާން ގޮވާލުމުން އަވަސްއަވަހަށް އޭނާގެ ސަމާލުކަން ފިރިމީހާއަށް ހުއްޓާލިއެވެ.

*****

''ދަރިފުޅު ހާދަ ބަދަލުވެއްޖެޔޭ...'' ބަގީޗާގައި ހިނގުމަށް ހާއްސަކުރެވިފައި އޮތް ހަނި މަގުން ކުރިއަށްދަމުން ޒިވްޔަންގެ މޫނަށް މާހުތާބް ބަލައިލިއެވެ. ފިޔަވަޅުތައް މަޑުޖައްސާލަމުން ޒިވްޔަން ވެސް ބަލައިލީ މާހުތާބްގެ މޫނަށެވެ.

''މާމައާ ވާހަކައެއް ދައްކާލަން ބޭނުން...'' ފުންނޭވާއެއް ދޫކޮށްލަމުން ޒިވްޔަން ބުންޏެވެ.

(ނުނިމޭ)