ވާހަކަ

ދޭތޯ ތި ހިތް - 15

2

އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން ވާހަކަ ފޮތެއް ކިޔަން އިން ޒުބެއިދާއަށް ފާހާނާއިން ނުކުތް އާފާގަށް ބަލައިލެވުނެވެ. ވާހަކަ ފޮތް ހުޅުވާލައިގެން އިންކަމުގައި ވިޔަސް އޭނާގެ ހިޔާލުތަކުގައި ވަނީ ސަރުވާއެވެ. ފާއިތުވި ތިން މަސް ދުވަސް ތެރޭގައި ސަރުވާއަށް އައިސްފައިވި ބަދަލުތައް އޭނާއަށް ވަނީ ފާހަގަވެފައެވެ. ކަމެއް ސިއްރުކުރަން ސަރުވާ އުޅޭހެން ވެސް އޭނާއަށް ހީވެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. މީގެ ކުރިން އެއީ ދުވަހަކު ސަރުވާގެ ފަރާތުން ފެނިފައިވާ ބަދަލުތަކެއް ނޫނެވެ. އެ ހިތުގެ ހުރިހާ އިހުސާސެއް ސަރުވާ ދިޔައީ އޭނާއާ ހިއްސާކުރަމުންނެވެ. ބައެއް ކަންތަކުގައި އޭނާގެ ހިޔާލު ވެސް ހޯދާނެއެވެ. މިހާރު ސަރުވާގެ ފަރާތުން ފެންނަ ސިއްރުވެރިކަމުން ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ސަރުވާއަށް ކަމެއް ދިމާވީބާއޭ ވެސް ހިތަށް އަރައިވަރުން ހިތުގެ ހަމަޖެހުން ގެއްލެން ފަށައިފިއެވެ.

''ހާދަ ބޮޑު ފިކުރެއްގަ؟...'' އާފާގު އައިސް އެނދުގައި އިށީނެވެ. ބާލީސް ރަނގަޅުކޮށްލަމުން އެނދުގައި އޭނާ އޮށޯތެވެ.

''ސަރުވާއަށް ބަދަލެއް އައިސްފިކަން ފާހަގަ ނުކުރެވޭތަ؟...'' އަތުގައި އޮތް ފޮތް ލައްޕާލަމުން ޒުބެއިދާ ބުނެލިއެވެ. ޒުބެއިދާގެ ސުވާލުން އާފާގުއަށް ލިބުނީ ހައިރާންކަމެވެ. ނިތުގައި އޮތް އަތް ދުރުކޮށްލަމުން ޒުބެއިދާއަށް އޭނާ ބަލައިލިއެވެ. އަދި ޒުބެއިދާއާ ދިމާއަށް ފުރޮޅިލިއެވެ.

''ތިބުނީ؟...'' އާފާގުއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.

''ހަމަ އަހާލީ ދެން...'' އާފާގުގެ މޫނުން ފެނުނު އަސަރުތަކުން، ސަރުވާއަށް އައިސްގެން އުޅޭ ބަދަލުތައް ފާހަގަ ނުކުރެވޭކަން ޒުބެއިދާއަށް ނަގައިގަނެވުނެވެ. އިތުރަށް އެ މައުޟޫއުއަށް ވާހަކަދައްކަން ހަދައިގެން އާފާގު ކަންބޮޑުވެދާނެކަން އޭނާއަށް ނަގައިގަނެވުނެވެ.

''އަހަންނަށް އެއްވެސް ކަމެއް ފާހަގައެއް ނުކުރެވޭ...'' އާފާގު ބުންޏެވެ.

''ވެދާނެ މިދުވަސްކޮޅު ހޮސްޕިޓަލުގަ ސަރޫ މާ ބުރަކޮށް އުޅޭތީ އަހަންނަށް ހީވާ ގޮތްކަމަށް ވެސް...'' ސައިޑްޓޭބަލް މަތީގައި ވާހަކަ ފޮތް ބާއްވަމުން ޒުބެއިދާ ވާހަކަދެއްކިއެވެ. ކޮޓަރީގެ ބޮކިތައް ނިއްވާލަމުން ނިދާބޮކި ދިއްލާލިއެވެ. ޑިމަރުން ބޮކީގެ އަލި ފަނޑުކޮށްލަމުން ނިދަން އޭނާ ތައްޔާރުވެލިއެވެ.

''ޒުބެއިދާ ކަންބޮޑު ނުވައްޗޭ... ކަމެއް އުޅެންޏާ ސަރޫ އަހަރުމެން ގާތު ބުނާނެކަން ޔަގީން...'' ޒުބެއިދާގެ އަތުގައި ހިފާލަމުން އާފާގު ބުންޏެވެ. އާފާގުގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ޒުބެއިދާ ބޯޖަހާލިއެވެ. އާފާގުއަށް ނިދުނު އިރުވެސް ހިޔާލުތަކުގެ ތެރޭގައި ޒުބެއިދާ އޮތީ ބަނދެވިފައެވެ. އެންމެފަހުން ސަރުވާއާ ވާހަކަދައްކަން އޭނާ ގަސްދުކުރިއެވެ.

*****

ދަންވަރުގެ ހަމަހިމޭންކަން ރަސްކަންކުރަމުން ދިޔައެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް މަގުތަކުން ނުވެއެވެ. ދާނުގެ މީރުކަން އެންމެން ހާސިލުކުރަމުން ދިޔަ ހިނދު ސަރުވާގެ ދެލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. ޓެރެސްގައި ހުރި އުނދޯލީގައި އޭނާ އިނީ ފޯންކޯލެއްގައެވެ. ޒިވްޔަންއާއެކު އާރާސްތުކުރަމުން ދިޔަ ގުލްޝަނަށް ދިރުން ގެނެސްދޭށެވެ. ފޯނުކޯލުގައި ހުރެ ޓެރެސްއަށް އާދެވުނު އިރުވެސް އޭނާއަށް ރޭކާނުލައެވެ. ޓެރެސްގެ ބޮކިތައް ނިއްވާލާފައި އޮތުމުން މުޅި ތަނަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. ވިލާތަކުގެ ތެރޭން މިންޖުވެގެން ފެތުރިލާ ހަނދުވަރުގެ އަލި އިރުއިރުކޮޅާ ޓެރެސްއަށް އެޅިގެންދެއެވެ. ބޯގަންވިލާ ގަހުގެ ހިޔަނި ފެތުރިފައި އޮތް އިރު، ހިސާބެއްގެ ނާމާންކަމެއް ވެސް އެކުލެވިގެން ވިއެވެ. ނަމަވެސް ސަރުވާގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ. ޒިވްޔަންގެ އަޑުން އެކަނިވެސް އޭނާއަށް އިހުސާސްކުރެވެނީ ރައްކާތެރިކަމާއި ހިމާޔަތެވެ.

''މިރޭގެ ހަނދު ހާދަ ރީއްޗޭ...'' އުނދޯލިން ތެދުވުނު ސަރުވާ ގޮސް ޓެރެސްގެ ރެއިލިންގް ކައިރިއަށް ހުއްޓުނެވެ. އަދި ހާމައަށް އޮތް އުޑަށް ނަޒަރު ހިންގާލިއެވެ. ތަރިތަކުގެ ދަރުބާރުން ޒިވްޔަންގެ ރީތި ސޫރަ ތަސްވީރު ކޮށްލެވުނެވެ. ހުވަފެނީ ވިދުވަރެއް ދެލޮލުގައި ވިއެވެ.

''ސަރޫއަށް ވުރެ ރީއްޗެއް ނުވާނެ...'' ޒިވްޔަންގެ އަޑު އިވުނެވެ.

''ސޯ ޗީޒީ...'' ސަރުވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

''އައުޗް...'' ދެރަވެއްޖެ ކަމަށް ޒިވްޔަން ހެދުނެވެ. މޮޅިވެރިކަމުގެ ރާގަކަށް އޭނާ ވާހަކަ ދެއްކިއެވެ. ''އަހަރެން ހިތުގަ ޖެހިއްޖެ އިނގޭ...''

''ސޮރީ...'' ސަރުވާ އަވަސްއަވަހަށް މައާފަށް އެދުނެވެ. ''ޒެން އެހާ އަވަހަށް ހިތުގަ ޖެހޭކަން ހަނދާން ނައްތާލެވުނީއޭ...''

''އަހަންނާ ދިމާކުރަނީތަ؟...'' ޒިވްޔަންގެ އަޑުން ވެސް އެ ތުންފަތުގައިވާނެ ހިނިތުންވުން ސަރުވާއަށް ސިފަކުރެވުނެވެ.

''އުހޫނ...'' ސަރުވާ ބުންޏެވެ. ''ހިތުގެ އަޑިންނޭ މައާފަށް މި އެދުނީ...''

''އެހެންވިއްޔާ ގަބޫލުކޮށްފިން... އައި ލަވް ޔޯ ސިންސެރިޓީ...'' ޒިވްޔަން ބުނެލިއެވެ. ''މަންމަމެންނާ ވާހަކަދައްކައިފިންތަ؟...''

''އަދި ނުދައްކަން... މާދަން މަންމަ ގާތު ބުނާނަން...'' ސަރުވާ ބުންޏެވެ. މަންމައާއި ޒިވްޔަންގެ ވާހަކަ ހިއްސާކުރާނެ ގޮތެއް އަދިވެސް އޭނާއަށް ވިސްނައިނުގަނެވެއެވެ. މަންމަގެ ހިޔާލު ހުންނާނެ ގޮތެއް ވެސް ނޭނގޭތީ ހިތުގައި ޖެހިލުންވުން އުފެދުނެވެ. ނަމަވެސް ހިތުގެ ނުތަނަވަސްކަމާ ކުރިމަތިލާން ސަރުވާ ހުރީ ގަސްދުކޮށްގެންނެވެ. ޒިވްޔަން ދެކެ އެ ހިތުގައިވާ ލޯތްބަށްޓަކައެވެ. ޒިވްޔަންއާއެކު ހަޔާތެއް ފެށުމުގެ ނަސީބު ލިބުން އެއީ އެ ހިތުގެ މުރާދެވެ.

''އޯހ ނޯ... މިހާރު ތިނެއް ޖަހަން އެ އުޅެނީ... ހެނދުނު ހޭލަން ވެސް ޖެހޭނެ...'' ގަޑިން ވީއިރެއް ބަލައިލަމުން ސަރުވާ ބުންޏެވެ. ޒިވްޔަންގެ ވާހަކައިގައި ބެހެވުމުން ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނީއެވެ.

''އެބުނާހެން...'' ޒިވްޔަންއަށް ވެސް ގަޑިއަށް ސަމާލުކަން ދެވުނީ ދެނެވެ. ''ލަވް ޔޫ އެންޑް ގުޑް ނައިޓް...''

*****

ކަރުހިއްކައިގެން ޒުބެއިދާއަށް ހޭލެވުނެވެ. ނިދީގެ އަސަރު އެކުލެވިގެންވި ދެލޯ ހުޅުވާލަމުން، ސައިޑް ޓޭބަލް މަތީގައި ހުރި ފެންޖަގަށް އޭނާ ބަލައިލިއެވެ. ފެންޖަގު ހުސްވެފައި ހުރުމުން ތެދުވަން ޖެހޭތީ އެކަމުގެ ބުރަކަން އޭނާގެ މޫނުން ފެނުނެވެ. އިރުކޮޅެއް ވަންދެން ވިސްނަން އޮވެފައި އޭނާ ތެދުވުނެވެ. އެނދުގައި އިށީނދެގެން އިނުމަށްފަހު ނިދީގައި އޮތް އާފާގުއަށް ބަލާފައި އޭނާ ތެދުވުނެވެ. ފެންޖަގު ހިފައިގެން ކޮޓަރިން ނިކުންނަން އޭނާ މިސްރަބު ޖެހިއެވެ.

ބޮޑުކޮޓަރީގައި ދިއްލާފައި އޮތް އޮރެންޖްކުލައިގެ ބޮކީގެ ފަނޑު އަލިކަން މުޅި ތަނަށް އޮތީ ވެރިވެފައެވެ. ފަނޑުއަލިކަމުގެ ތެރޭން ޒުބެއިދާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. ކުރިއަށް ހިނގަމުން ދަނިކޮށް އޭނާއަށް ހައިރާންކަން ލިބުނީ ހުޅުވާފައި ހުރި ޓެރެސްގެ ދޮރު ފެނުމުންނެވެ. ނިދަން ވަނުމުގެ ކުރިން އެ ދޮރު ތަޅުލީކަން އޭނާ ހަނދާން ހުއްޓެވެ. ޓެރެސްގެ ބޮކިތައް ވެސް ނިއްވާފައި ހުރުމުން އިތުރު ސުވާލުތަކެއް އުފެދުނެވެ. ފިޔަވަޅުތަކުގެ މިސްރާބު އޭނާ ބަދަލުކޮށްލިއެވެ.

ޓެރެސްގެ ދޮރުކައިރިއަށް ހުއްޓުނު ޒުބެއިދާއަށް ހައިރާންކަން ލިބުނީ އަނދިރީގައި ހުރި ސަރުވާ ފެނުމުންނެވެ. ފުރަގަސްދީގެން ހުރިއިރު ރޯޅިތަކާއެކު އެ ފަން އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ޒުބެއިދާ ފުރަތަމަ ގަތީ ބިރެވެ. ގަސްތަކުގެ ހިޔަނީގެ ތެރޭން ސަރުވާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ހިތްވެސް ތެޅިލިއެވެ. އަތުގައި އޮތް ފެންޖަގުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޒުބެއިދާ ހުއްޓުން އަރާފައި ހުއްޓައި އެތެރެއަށް ވަންނަން ސަރުވާ އެނބުރިލިއެވެ.

''މަންމާ...'' ސަރުވާއަށް ލިބުނު ސިހުމުގައި އޭނާއަށް ބުނެވުނެވެ. ހިތްވެސް އޭރު ބާރުބާރަށް ތެޅެމުން ދިޔައެވެ. އެ ވަގުތު މަންމައާ ކުރިމަތިލާން ޖެހިދާނެކަމަށް އޭނާ ކުޑަކޮށް ވެސް އުއްމީދެއް ނުކުރެއެވެ. ސިހުނީ ވެސް އެހެންވެއެވެ.

''ދަރިފުޅު މި ގަޑީގަ މިތާ ކީއް ތިކުރަނީ؟...'' ޓެރެސްގެ ބޮކިތައް ޒުބެއިދާ ދިއްލާލިއެވެ. ސަމާލުވެ ސަރުވާގެ މޫނަށް އޭނާ ބަލައިލިއެވެ.

''ނުނިދިގެން...'' މަންމަގެ ދެލޮލުން ކަންބޮޑުވުން ސަރުވާ ދުށްޓެވެ.

''ދަރިފުޅާ...'' ސަރުވާއަށް ޒުބެއިދާ ގޮވާލިއެވެ. އޭނާ ގޮސް ސަރުވާގެ ގާތަށް ހުއްޓުނެވެ. ''ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟...''

ސަރުވާ ބޯޖަހާލިއެވެ. މަންމަގެ ނުތަނަވަސްކަން ފެނި އޭނާއަށް މަންމަގެ އަތުގައި ވެސް ހިފާލެވުނެވެ.

''ހޮސްޕިޓަލުގަ ހުރިހާކަމެއް ރަނގަޅުތަ؟... އެއްވެސް މީހެއްގެ ފަރާތުން ދަރިފުޅަށް އުނދަގުލެއް ނުވޭދޯ...'' ސަރުވާގެ މޫނަށް ބަލަމުން ހިތުގެ ނުތަނަވަސްކަން ޒުބެއިދާއަށް ބަންޑުންކޮށްލެވުނެވެ. ޓެރެސްގެ އަނދިރިކަމުގެ ތެރޭގައި ސަރުވާ ހުއްޓައި ފެނުމުން އެކަން ނަގައިގަންނަން ވީ ކިހިނެއްކަމެއް ވެސް އޭނާއަށް ނޭނގުނެވެ. ހިތުގެ ހަމަޖެހުން އެކަމުގެ ސަބަބުން ގެއްލިއްޖެއެވެ.

''މަންމާ ހުރިހާކަމެއް ވެސް ރަނގަޅޭ...'' ސަރުވާ ޔަގީންކަން ދިނެވެ. އިރުކޮޅެއް ވަންދެން ސަރުވާގެ މޫނަށް ބަލަން ޒުބެއިދާއަށް ހުރެވުނެވެ.

''އަނދިރީގަ ކީއްކުރަނީތަ؟...'' ޒުބެއިދާއަށް އަހާލެވުނެވެ.

''މަންމާ...'' ސަރުވާއަށް ބުނެވުނެވެ.

ކުއްލިއަކަށް އޭނާއާ ހަތަރުކަޅި ހަމަކުރަން ސަރުވާއަށް އުނދަގޫވެއްޖެކަން ޒުބެއިދާއަށް ފާހަގަވެއްޖެއެވެ. ތުންފަތުގައި ދަތްއަޅާލިއިރު ލަދުވެރިކަން އެ މޫނުން ޒުބެއިދާއަށް ފެނުނެވެ. އޭނާއަށް ހުރިހާކަމެއް ވިސްނައިގަނެވުނީ ދެނެވެ. އޭނާގެ މޮޔަކަމާ މެދު ޒުބެއިދާއަށް ހިނިތުންވެވުނެވެ. ސަރުވާއަށް އައިސްފައިވާ ބަދަލުތަކާއި ފިރިހެންކުއްޖަކާ ގުޅުވާލެވުމާއެކު ޒުބެއިދާއަށް ހިނިތުންވެވުނެވެ. ދުވަހަކުވެސް އެފަދަ ކަމަކަށް ޝައުގުވެރިކަން ސަރުވާގެ ފަރާތުން ފެނިފައި ނުވާތީ އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރުތަކަށް ވެސް ސަމާލުނުވެވުނީއެވެ.

''މަންމަގެ މޮޔަކަން...'' ޒުބެއިދާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

މަންމައަށް ސަރުވާ އަވަސްއަވަހަށް ބަލައިލިއެވެ. އެ މޫނުން ފެނުނު އުފާވެރިކަމުން ސަރުވާގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނެވެ. މަންމަގެ ދެލޮލުން އޭނާއަށް ފެނުނީ އެއްބާރުލުމެވެ. މަންމަގެ ހިޔާލު ހުންނާނެ ގޮތަކާ މެދު ވިސްނައިވިސްނާ ލިބުނު ނުތަނަވަސްކަން ވެސް ފިލައި ގޮސްފިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''މަންމަ ހީކުރީ ސަރޫއަށް މީހެއްގެ ފަރާތުން އުނދަގޫވަނީކަމަށް، އެކަމާ ހުރެ ސުވާލުކުރަން ވެސް ވިސްނައިގެން މިހިރީ... އެކަމަކު އެއީ ކުށްހީއަކަށް ވެއްޖެ...'' ސަރުވާ ގޮވައިގެން ގޮސް އުނދޯލީގައި ޒުބެއިދާ އިށީނެވެ. މަންމަގެ އޯގާތެރިކަމުން ސަރުވާގެ މޫނަށް އުފާވެރިކަން ވެރިވެއްޖެއެވެ.

''މަންމައަށް ކިޔައެއް ނުދޭނަންތަ؟...'' ޒުބެއިދާ އެހިއެވެ. އުފާވެރިކަން އެ ދެލޮލުގައި ވިއެވެ. ސަރުވާގެ ހިތުގައި ވިންދުޖަހަމުން ދިޔަ ލޯބީގެ އަސަރުތައް އެ ދެލޮލުން އޭނާއަށް ފެނުނެވެ.

''ބުނަން ވެގެން އުޅުނީ... އެކަމަކު މަންމަގެ ހިޔާލު ހުންނާނެ ގޮތެއް ނޭނގި ނުތަނަވަސްވީ...'' ސަރުވާ ބުންޏެވެ. ސަރުވާގެ އަތަށް މަޑުމަޑުން ޒުބެއިދާ ފިތާލިއެވެ.

''ދަރިފުޅުގެ ކޮންމެ ނިންމުމަކަށް މަންމަ އެއްބާރުލުން ދޭނަން، އެކަން ހަނދާން ނައްތާނުލައްޗޭ...'' އޯގާތެރިކަމުގެ ހިނިތުންވުމަކާއެކު ޒުބެއިދާ ވާހަކަދެއްކިއެވެ.

ޒުބެއިދާގެ މޫނަށް ބަލަން އިނދެފައި ޒިވްޔަންގެ ވާހަކަތައް ސަރުވާ ހިއްސާކުރިއެވެ. ސަރުވާގެ ވާހަކަ އަޑުއަހަމުން ދިޔަ ޒުބެއިދާއަށް ޒިވްޔަންއަށްޓަކައި ސަރުވާގެ ހިތުގައި އޮތް ލޯބި ދޭހަ ކުރެވުނެވެ. ސަރުވާގެ ހުރިހާ ހުވަފެންތަކާ ގުޅިފައިވާ ބައިވެރިޔަކީ ޒިވްޔަންކަން ވެސް ނަގައިގަނެވުނެވެ. ސަރުވާގެ ވާހަކަތަކުން ޒިވްޔަންއާ މެދު ޒުބެއިދާ ޝައުގުވެރިވެއްޖެއެވެ. ހަރުދަނާ ޒުވާނެއްކަން ވެސް ޔަގީންކުރެވުނެވެ.

''ޒެން ބޭނުންވޭ މަންމައާއި ބައްޕައާ ބައްދަލުކުރަން...'' މަންމަގެ އެއްބާރުލުން ފެނި ހުރިހާކަމެއް ހިއްސާކުރަން ސަރުވާއަށް ނިކަން ފަސޭހަވިއެވެ.

''އެހެންތަ؟...'' ޒުބެއިދާއަށް ބުނެވުނެވެ.

''ޒެން ބޭނުމެއް ނުވޭ ރައްޓެހިވެގެން ގިނަ ދުވަހު ހުންނާކަށް...'' ސަރުވާ ހާމަކުރިއެވެ. ޒުބެއިދާގެ ހިނިތުންވުން ފުން ވެއްޖެއެވެ.

''މަންމައަށް މިހާރުވެސް ޒެން ކަމުގޮސްފި... ވަރަށް ރަނގަޅު ވިސްނުމެއްގެ ޒުވާނެއްކަން ޔަގީން ވެއްޖެ...'' ޒުބެއިދާ ބުންޏެވެ.

''ބައްޕަ...'' ސަރުވާ ބުނަން އުޅުނެވެ.

''ދަރިފުޅު ހާސްނުވޭ، ބައްޕައާ މަންމަ ވާހަކަދައްކާނަން... ދަރިފުޅުގެ ހޮވުން ބައްޕައަށް ވެސް ކަމުދާނެކަމުގެ ޔަގީންކަން މަންމަ ދޭނަން...'' ޒުބެއިދާ ބުންޏެވެ. އެ ޖުމުލައިން ސަރުވާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.

''މަންމައަށް ޒެންގެ ފޮޓޯއެއް ދައްކަންތަ؟...'' ސަރުވާ އެހިއެވެ. އަވަސްއަވަހަށް ޒުބެއިދާ ބޯޖަހާލިއެވެ. ސަރުވާގެ ހޮވުން ދެކިލަން އޭނާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

އުފާވެރި ހިނިތުންވުމަކާއެކު ސަރުވާ ފޯނު ހުޅުވާލިއެވެ. ގެލެރީއަށް ވަންނަމުން ޒިވްޔަންގެ ފޮޓޯއެއް ހޯދާލަމުން މަންމަގެ އަތަށް ފޯނު ދިއްކޮށްލިއެވެ.

ސަރުވާ ދިއްކޮށްލި ފޯނުގައި ޒުބެއިދާ ހިފިއެވެ. އަދި ފޯނުގެ ސްކްރީނަށް އޭނާ ނަޒަރު ހިންގާލިއެވެ. ފޮޓޯއަށް ބަލަން އިނދެފައި ސަރުވާގެ މޫނަށް އޭނާ ނަޒަރު ހުއްޓާލިއެވެ. ސަރުވާގެ އަތަށް އަނބުރައި އޭނާ ފޯނު ދިނެވެ.

''ދެކުދިން ވަރަށް ގުޅޭ...'' ސަރުވާގެ ބޮލުގައި ޒުބެއިދާ ފިރުމާލިއެވެ. ''ބައްޕައާ ވާހަކަދައްކާފައި މަންމަ ދުވަހެއް ކަނޑައަޅާނަން...''

''ތެންކިއު...'' މަންމަގެ ގައިގައި ބާރަށް ސަރުވާއަށް ބައްދާލެވުނެވެ.

''ދެން އަވަހަށް ދޭ ނިދަން، ފަތިސް ނަމާދަށް މަންމަ ގޮވާނަން...'' ޒުބެއިދާ ބުންޏެވެ. ސަރުވާ ބޯޖަހާލިއެވެ. އަދި ދާން އުޅެފައި ވެސް ޒުބެއިދާގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކޮށްލިއެވެ.

ސަރުވާ ދިޔަ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ޒުބެއިދާއަށް އިނދެވުނެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިފައިވިއެވެ. ކޮޓަރިން ނުކުތް ބޭނުން ވެސް ރޭކާލީ އުނދޯލި މަތީގައި ބަހައްޓާފައި ހުރި ފެންޖަގު ފެނިގެންނެންނެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނާ ތެދުވުނެވެ. ހިނިތުންވުމަކާއެކު ޒުބެއިދާ ހިނގައިގަތީ ބަދިގެއަށެވެ. އާފާގުއާ އެ ވާހަކަތައް ހިއްސާކުރާނެ ގޮތަކާ މެދު އޭނާ ވިސްނާލިއެވެ.

*****

ކޮޓަރިއަށް ވަދެވުމާއެކު ޒިވްޔަންއަށް ސަރުވާ މެސެޖު ފޮނުވާލިއެވެ. ސިކުންތެއް ވެސް ނުވަނީސް ޒިވްޔަންގެ ރައްދު ލިބުނެވެ. އެނދުގައި އޮށޯންނަމުން މަންމައާ ދެމެދު ދެކެވުނު ވާހަކަތައް ސަރުވާ ކިޔައިދިނެވެ. ޒިވްޔަންގެ މެސެޖުތަކުން އުފާވެފައި ހުރިކަން ސަރުވާއަށް ނަގައިގަނެވުނެވެ. އޭނާއަށް ނިދުނީ ވެސް ޒިވްޔަންއާ ވާހަކަދައްކަން އޮއްވައެވެ.

*****

''ހީ ޑިޑް ވަޓް؟...'' ސަރުވާއާއި ކިޔާރާ ތިބީ ރެސްޓޯރެންޓެއްގައެވެ. ބްރޭކް ގަޑީގައި މެންދުރުގެ ކެއުމުގައި ބައިވެރިވާން ކިޔާރާއަށް ދައުވަތު ދިނީ ސަރުވާއެވެ. ފޯނުން ހިއްސާކުރުމުގެ ބަދަލުގައި ސަރުވާ ބޭނުންވީ ކިޔާރާއާ ބައްދަލުކޮށް ޒިވްޔަން ދެއްކި ވާހަކަތައް ހިއްސާކުރާށެވެ.

''ކިޔާ...'' ސަރުވާއަށް ގޮވާލެވުނެވެ. ވަގުތުގެ ގޮތުން ރެސްޓޯރެންޓް ފެންނަމުން ދިޔައީ ހަލަބޮލިކަމާއެކުގައެވެ. ޖެހިގެން ހުރި މޭޒުގައި ތިބި މީހުންގެ ސަމާލުކަން ހުއްޓިއްޖެކަން ރޭކާލުމުން ކިޔާރާގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ.

''ސޮރީ...'' ބާރުބާރަށް ވާހަކަދެއްކުނުކަން ކިޔާރާއަށް ނަގައިގަނެވުނީ ދެނެވެ.

''ހަމަ އަސްލުވެސް ޒެން އެހެން ބުނިތަ؟...'' ކިޔާރާގެ ޝައުގުވެރިކަން ދެލޮލުން ފާޅުވެއެވެ. ކިޔާރާއަށް ބަލަން އިނދެފައި ސަރުވާ ބޯޖަހާލިއެވެ.

''މައި ގޯޑް، މިހާ އަވަހަށް ޒެން ޕްރޮޕޯޒްކޮށްފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން، ގާރލް!!! ހީ މަސްޓް ބީ ކްރޭޒީ ފޯރ ޔޫ... އަހަރެން ހިތަށް އަރާ ޒެން ފަދައިން ޑީން ވެސް ޕްރޮޕޯޒްކުރާނެ ނަމައޭ...'' ކިޔާރާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ''ރިންގް ކޮބާތަ؟...''

''ރިންގެއް ނުދޭ...'' ސަރުވާގެ ޖުމުލައާއެކު ކިޔާރާ ދެލޯބޮޑުކޮށް އަނގަމަތީ އަތްއަޅައިފިއެވެ.

''ވަޓް؟...'' ކިޔާރާ ދެފަރާތަށް ބޯހޫރާލިއެވެ. ''އެންޑް ޔޫ ސެޑް ޔެސް؟...''

''ހޫމްމްމް...'' ވެއިޓަރު ގެނައި އޮރެންޖް ޖޫސްތަށީގެ ހޮޅި ތުނބުގައި ޖައްސާލަމުން ސަރުވާ ބުނެލިއެވެ. ސަރުވާގެ ވާހަކަތައް ގަބޫލުކުރަން ދަތިވެފައިވާކަމުގެ ކުލަވަރު ކިޔާރާގެ މޫނުން ފެންނަމުން ދިޔައެވެ.

''ހާދަ އަންރޮމޭންޓިކޭ... ފެންސީ ޑީނާރ އަކަށް ގެންގޮސްފައެއްނު ޕްރޮޕޯޒްކުރަން ވާނީ... އަދި ރިންގެއް ވެސް ދޭން ޖެހޭނެއެއްނު، ދެން ސަރޫ ވެސް އެހާ އަވަހަށް އާނއެކޭ ބުނެފި...'' މޫނަށް ވައްތަރެއް ޖައްސާލަމުން ކިޔާރާ ބުނެލިއެވެ.

''އަހަރެން ވެސް ބޭނުމީ އަވަހަށް މެރީ ކުރަންށޭ...'' ސަރުވާ ބުންޏެވެ.

''އޯކޭ... އެއްކަހަލަ ވިސްނުމެއްގެ ދެމީހުންތީ...'' ކިޔާރާ އަމާންކަން ދިނެވެ. ''ދެން ބުނެބަލަ، އާންޓީ ބުނީ ކީކޭތަ؟...''

''މަންމަ ވަރަށް ސަޕޯޓިވް... ޒެންގެ ފޮޓޯ ދެއްކީމަ ވެސް ވަރަށް އުފަވެފަ ހުރީ...'' ސަރުވާ ބުނެދިނެވެ.

''އެހެންވިއްޔާ ތިވީއެއްނު...'' ކިޔާރާ ހިނިތުންވެލިއެވެ.

''އަދި ޒެންގެ ޕޭރެންޓުން އޮތީއެއްނު...'' ސަރުވާ ބުންޏެވެ. ޒިވްޔަން ވެސް އޮތީ އޭނާގެ އާއިލާއާއި ސަރުވާގެ ވާހަކަ ހިއްސާކުރާނެ ވާހަކަ ބުނެފައެވެ. ނަމަވެސް ނޭނގޭ ނުތަނަވަސްކަމެއް އޭނާގެ ހިތުގައި ވެއެވެ. ޒިވްޔަންގެ އާއިލާއަކީ މާލޭގައި ކިހާ ގަދަރުވެރި އާއިލާއެއްކަން އޭނައަށް ވަނީ އެނގިފައެވެ. ޒިވްޔަންގެ ވާހަކަތަކުން އާއިލާގެ މެންބަރުން ޒިވްޔަން ދެކެ ވާ ލޯތްބާއި ކުރާ އުއްމީދުތައް ވެސް އޭނާއަށް ވަނީ ފާހަގަވެފައެވެ. ގޮތް ނޭނގޭ ހާސްކަމެއް އޭނާގެ ހިތަށް ވެރިވެގެން ދަނީ ކީއްވެގެންކަމެއް ޚުދު ސަރުވާއަކަށް ވެސް ނޭނގެއެވެ. ސިކުނޑީގެ ކަނެއްގައި އެ ހިޔާލުތައް ވަނީ ވަކި ހިއްޕާލައިފައެވެ.

''ސަރޫ ދެން ޑްރާމާ އެއްޗިސް ބަލާތީ ބޭކާރު ހިޔާލުތައް ތި ކުރެވެނީ... އައިމް ޝުއާރ ދެއި ވިލް ބީ ހެޕީ ވިތް ޔޫ...'' ސަރުވާގެ މޫނުގެ ކުލަވަރަށް އައި ފަނޑުކަން ނަގައިގަނެވުމުން ކިޔާރާ ބުންޏެވެ. ''އެކަމާ ވިސްނުމަށް ވުރެ ބޮޑު ކަމެއް އެބައޮތެއްނު...''

''ކޮންކަމެއްތަ؟...'' ހައިރާންކަމާއެކު ސަރުވާ ސުވާލުކޮށްލިއެވެ.

''ރިންގެއް ނުދިނީތީ އެކަމާ ވިސްނަބަލަ... އަހަރެން ޒެން ގާތު ޝަކުވާ ކުރާނަން...'' ކިޔާރާ ބުންޏެވެ.

''ނޫން...'' ސަރުވާއަށް ހެވުނެވެ.

''އެނީވެއިސް... އައިމް ހެޕީ ފޯރ ޔޫ...'' ކެއުމުގެ ތެރޭން ކިޔާރާ ބުންޏެވެ. ''ވެޑިންގްއަށް ހެދުން ތައްޔާރުކުރާނީ އަހަރެން އިނގޭ، ކުރީއްސުރެ މިބުނީ...''

''ކިޔާ ނޫން މީހެއްގެ ގާތަށް އަހަރެން ނުދާނެކަން އެނގެއެއްނު...'' ސަރުވާ ހިނިތުންވެލިއެވެ.

*****

މިރާހް އިނީ އޭނާގެ ކެބިންގައެވެ. ދޭއް ޖަހާއިރު އޮތް މީޓިންގްއަށް ތައްޔާރުވާން އަތުގައި އޮތް ފައިލަށް އޭނާގެ ސަމާލުކަން ދެވިފައިވިއެވެ. އޭނާގެ ފޯނަށް މެސެޖެއް އައުމުން މޭޒުމަތީ އޮތް ފޯނަށް އަވަސް ނަޒަރެއް ދިނެވެ.

''ކައިފިންތަ؟...'' ތާރާގެ މެސެޖެކެވެ. ތަންކޮޅެއް ކުރިން ތާރާއަށް ގުޅާފައި މެންދުރުގެ ކެއުމުގައި ބައިވެރި ނުވެވޭނެ ވާހަކަ އޭނާ ވަނީ އަންގައިފައެވެ. ތާރާ އޭނާގެ ހާލު ބަލައިލަން މެސެޖް ކުރުމުން މިރާހްއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. ޖޫދާއާ ބައްދަލުވީއްސުރެ ހިތަށް ލިބިފައި އޮތް ނުތަނަވަސްކަމަށް މަޑުމަޑުން ނިމުން އަންނަމުން ދިޔައެވެ. އެކަމުގެ ސަބަބުން ނަފުސަށް ހަމަޖެހުމެއް ލިބިފައިވިއެވެ.

''މީޓިންގް ނިންމާލާފަ...'' މިރާހް މެސެޖް ފޮނުވާލިއެވެ.

''މީޓިންގް ނިންމާލާފަ ކާން ހަނދާން ބަހައްޓައްޗޭ... މަސައްކަތުގައި ޖެހުނީމަ މިރޫ އެހެން އެއްވެސް ކަމެއް މަތިން ހަނދާން ނުހުންނާނެކަން އަހަންނަށް އެނގޭ ވިއްޔާ...'' މިރާހްގެ މެސެޖް ފޮނުވިތާ އިރުކޮޅެއް ނުވަނީސް ތާރާ ލިޔުނެވެ. މެސެޖްކުރަން އިން މިރާހްއަށް އޭނާގެ ކެބިންގެ ދޮރުގައި ޓަކިދިން އަޑަށް އިސްއުފުލައި ބަލައިލެވުނެވެ. އޭރު އޭނާގެ ޕީ.އޭ ބަސްމާ އެތެރެއަށް ވަންނަނީއެވެ.

އެތެރެއަށް ވަން ބަސްމާ ދުވަހުގެ ސަލާން މިރާހްއާ ބައްދަލުކޮށްލަމުން މީޓިންގްގެ ގަޑި ކައިރިވެފައިވާކަން ބުނެދިނެވެ.

''އޯކޭ...'' މިރާހް ބޯޖަހާލިއެވެ. ގޮނޑިން ތެދުވަމުން ފަޓުލޫނުގެ ޖީބަށް އޭނާ ފޯނު ލިއެވެ. ގޮނޑީގެ ލެނގޭ ބައިގައި އަޅުވާފައި އޮތް އޭނާގެ ކޯޓު ނަގައި ހަށިގަނޑަށް މަހާލިއެވެ. ކޯޓުގެ ކުރިމަތީ ގޮށް އަޅުވާލަމުން މޭޒުމަތީ އޮތް ފައިލު އޭނާ ނެގިއެވެ. ބަސްމާގެ ފަހަތުން އޭނާ ކެބިންއިން ނުކުންނަން ހިނގައިގަތީ މޭޒުމަތީ އޮތް މެކްބުކް ވެސް ހިފައިގެންނެވެ.

މީޓިންގް ރޫމާ ދިމާއަށް ހިނގަމުން ދިޔަ މިރާހް ބަސްމާއާ ވާހަކަދައްކަމުން ދިޔައީ މާދަން އޭނާގެ ޝެޑިއުލްއާ ބެހޭގޮތުންނެވެ. މިއަދު ތާރާއާއެކު މެންދުރުގެ ކެއުމުގައި ބައިވެރިނުވެވުމުން އޭނާ ބަސްމާ ގާތު އެދުނީ މާދަމާ މެންދުރަށް ހުރި މީޓިންގްތައް ހެނދުނަށް ބަދަލުކުރުމަށެވެ. އަތުގައި އޮތް އައިޕެޑުން މިރާހް އެދުނު ބަދަލުތައް ބަސްމާ ގެންނަމުން ދިޔައެވެ.

މިރާހްގެ ފިޔަވަޅުތައް ހުއްޓިގެން ދިޔައީ މީޓިންގް ރޫމްގެ ބޭރުގައި ހުރި އަންހެންކުއްޖާ ފެނުމުންނެވެ. ފުރަގަސްދީގެން ހުރިކަމުގައި ވިޔަސް އެއީ ކާކުކަން މިރާހްއަށް ނަގައިގަނެވިއްޖެއެވެ. ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ.

''ޖޫދާ...'' ހިމޭންކަމުގެ ދުލުން މިރާހްއަށް ބުނެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟